''ދަރިފުޅާ، ޕެކްކޮށް ނިމިއްޖެތަ؟...''

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް މައުވާގެ ނަޒަރު ދޮރާ ދިމާއަށް ދަތުރުކޮށްލިއެވެ. އޭނަގެ މަގަތުގައި ފޮށްޓެއް ހުޅުވާލެވިފައި ވާއިރު ކައިރީގައި ހެދުންތައް ވެސް އުކާލެވިފައި ހުއްޓެވެ. އެއިން އެއްވެސް ކަމަކާ ޝައުޤުވެރިވާ ފަދަ ކުލަވަރެއް އެމޫނުމަތިން ފާޅެއް ނުވެއެވެ. އެއާ ހިލާފަށް ފެންނަމުން ދިޔައީ މޮޅިވެރިކަމާއި ފޫހިކަމެވެ. މައުވާ ކަންނެތް ގޮތަކަށް އެނދުން ތެދުވުނު އިރު މަންމަ ކޮޓަރިއަށް ވަންނަނީއެވެ. އިސާހިތަކު މަންމަގެ ޝަކުވާތައް އޮހެން ފެއްޓިއެވެ. ދެގަޑި އިރު ވީއިރުވެސް ފޮށިތަންމަތި ތައްޔާރުކޮށް ނުނިމޭތީއެވެ. އަދި ހަމައެއާއެކު ފުރަން ވަގުތު ކުޑަތަން ވެފައި ވާތީއެވެ.

''ދެން މި ބޮޑުވަރު ކަންނޭގެ...'' ކުދިކިޔަމުން ގޮސް އަސްމާ އެނދުމަތީ ހުރި ހެދުންތައް ފަށްޖަހާލަމުން ފޮއްޓަށް އަޅަން ފެއްޓިއެވެ. އެމަސައްކަތުން އަވަދި ވެވުމާއެކު އޭނަ ގޮސް އަލަމާރި ހުޅުވާލިއެވެ. އެއާއެކު އޭނަގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވެގެން ދިޔައެވެ.

''މަންމަ ކިތައް ފަހަރު ބުނީމަތަ މައުވާއަށް އަޑު އިވޭނީ؟، އިރުކޮޅަކުން ބައްޕަ އަންނާނެ، ނޭގޭ އެހޭއިރު ވަންދެން ވެސް މި ފޮށި ތައްޔާރު ކުރެވޭނެ ހެނެއް، މަންމަ ރޭގަ ބުނީމަ ވެސް މައުވާއަކަށް އަޑު އިވުނު ކަމަކަށް ނުވި...''

އުނަގަނޑުގައި ދެއަތް ވިއްދާލަމުން އަސްމާ މައުވާއާ ދިމާއަށް އެނބުރުނެވެ. އޭރު ތުންއޫކޮށްލައިގެން މައުވާ ހުއްޓެވެ.

''މަންމާ އަހަރެން ބޭނުމެއް ނޫން މާލެ ދާކަށް...'' މިއޮއް ހުރިހާ އިރުވަންދެން ހިތުގައި ފޮރުވައިގެން ހުރި ޝަކުވާތައް މައުވާއަށް ބަންޑުންކޮށްލެވުނެވެ. އޭނަގެ އަޑުގައިވަނީ އާދޭހެވެ. މައުވާގެ ޖުމްލައާއެކު އަސްމާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލުމަށް ފަހު އޭނަގެ ފުރިހަމަ ސަމާލުކަން މައުވާއަށް ދެވުނެވެ. އެއާއެކު މިލައިގެން ގޮސްފައިވާ މައުވާގެ މޫނު ފެނި އޭނަގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. ދަރިފުޅު މިދަތުރާ މެދު މާޔޫސް ވެފައިވާކަން އޭނައަށް ފާހަގަ ކުރެވުނު މީ ފުރަތަމަ ފަހަރެވެ. ކުރިން އޭނަގެ ސަމާލުކަމަށް އެކަން ނައީ ކީއްވެގެން ހެއްޔެވެ؟ މިކަމުގައި މައުވާގެ ޚިޔާލެއް ހޯދުން މުހިންމު ކަމަކަށް ނުވީ ކީއްވެގެން ހެއްޔެވެ؟ އަދިވެސް މައުވާގެ ހަޔާތުގެ ނިންމުންތައް ނިންމުމުގެ ކޮންޓޯލް އޮންނަން ވީ އޭނަގެ އަތުގައި ހެއްޔެވެ؟

އަސްމާ ގޮސް މައުވާ ގާތު އެނދުގައި އިށީންދެލިއެވެ. ދަރިފުޅު ދެރަވެފައިވާ ތަން ފެނި އޭނަގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. މިހުރިހާ އިރު ވަންދެން ކޮންޓްރޯން ކޮށްގެން ހުރި ކަރުނަތައް އޭނަގެ ބާރުގެ ދަށުން މިންޖުވެގެން ދިޔައީ ހީވެސް ނުކޮށް ހުއްޓާއެވެ.

ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭނައާ ދުރަން ދާއިރު އެހިތް ވަނީ ނުތަނަވަސް ކަމާއި ބިރުވެރިކަމެއްގެ ތެރޭގައެވެ. ކިތަންމެ ފަހަރަކު އެނިންމުން ބަދަލުކުރަން ވެސް އޭނަ ބޭނުން ވިއެވެ. އެހެނަސް މައުވާގެ މުސްތަޤްބަލު އުޖާލާ ވުމަށްޓަކައި އެއީ ވަރަށް ބޭނުން ތެރި ދަތުރެކެވެ. ރަށުގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ނެތީ އެވެ.

މިއަދު އެހެނިހެން މައިން ފަދައިން އޭނައަށް ވެސް މަޖުބޫރު ވެފައި މިވަނީ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ހިތާއި ވަރުގަދަ ހަނގުރާމައެއް ކުރާށެވެ. ސުވާލަކީ އެހަނގުރާމައިގައި އޭނައަށް ކުރިއެރުން ލިބިދާނެ ހެއްޔެވެ؟

އަސްމާގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބިގެން ދަނީ މައުވާ މާލޭގައި ހުރުމުގެ އިންތިޒާމު އޭނަގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ގެއިން ހަމަޖެހިގެން ދިއުމުންނެވެ. އޭނަ ނެތް ތާނގައިވެސް މައުވާއަށް ލޯތްބާއި އަޅާލުމުގެ އިތުރަށް ރައްކާތެރިކަން ލިބޭނެ ތީއެވެ. ކޮއްކޮއަށް ކުރެވޭ އިތުބާރު ނަގާނުލާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އޮތުމާއެކުގަ އެވެ.

''ދަރިފުޅު ދެން އެކޮޅަށް ދިއުމުން މަންމަމެން މަތިން ހަނދާނެއް ވެސް ނުހުންނާނެ، ބަލައްޗޭ... އަނެއްކާ ތޫބާ ވެސް އުޅޭނެއެއްނު، ދަރިފުޅު ފޫހިވުމުގެ ފުރުސަތެއް ވެސް ނޯންނާނެއެއްނު... އަނެއްކާ އަންނަ ހަފްތާގަ ސްކޫލް ފެށޭނެ، އޭރަށް އައު އެކުވެރިންތައް ވެސް ލިބޭނެއެއްނު...'' މައުވާގެ ބޮލުގައި ފިރުމާލަމުން ނިކަން ލޯބިން އަސްމާ ވާހަކަ ދެއްކިއެވެ. މިނާޒުކު ވަގުތުގައި މައުވާއަށް ހިތްވަރު ދޭން އޭނަ ބޭނުން ވިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ ދަރިފުޅު ގެނެސް މޭގައި ފޮރުވާލިއެވެ.

މައުވާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް ރޮވުނީ ކުއްލިޔަކަށެވެ.

''ދަރިފުޅާ...'' މައުވާގެ ބުރަކަށީގައި ފިރުމާލަމުން އަސްމާ ބުނެލިއެވެ. އަސްމާ އެތައް ވަރަކަށް ވާހަކަ ދައްކައިގެން އެންމެ ފަހުން މައުވާ ހަމައަކަށް އެޅުނެވެ. އޭރު ފަނޑު ރަތްކުލައެއް މައުވާގެ ބޮޑުދެލޮލުގައި ވެއެވެ. މައުވާގެ ކޯތާފަތް ފޮހެލަދެމުން އަނެއްކާ ވެސް އަސްމާ އޭނަގެ މަސައްކަތަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ. މިފަހަރު މައުވާ ވެސް މަންމަގެ އަތްގާތްކޮށްލަ ދިނެވެ.

''މިހާރު ވެސް ބޮޑުދައިތަ އުޅެނީ ދަރިފުޅު ނައިސްގެން، މަންމަ ނެތަސް މަންމައެއްގެ ލޯބި ދަރިފުޅަށް ދުވަހަކު އުނިވާނެ ހެނެއް ހިޔެއްނުވޭ، އަނެއްކާ ދަރިފުޅު ނައިސްގެން ތޫބާ އުޅޭ ވާހަކަ ވެސް ބުނި......'' އަސްމާ ބުންޏެވެ. އޭރު މައުވާ ހުރީ ހަމައަކަށް އެޅިފައެވެ. އަސްމާގެ ވާހަކަތަކަށް މައުވާގެ ފުރިހަމަ ސަމާލުކަން ވަނީ ދެވިފައެވެ.

މިޒާޖުގައި އާދަޔާ ހިލާފު ހިމޭންކަމެއް އެކުލެވިގެންވާ މައުވާގެ އެކުވެރިޔެއް ތޫބާ މެނުވީ ނެތެވެ. އެގުޅުން ވެސް ބަދަހިވެގެން ގޮސްފައިވަނީ ދެބެންގެ ދެދަރި ކުދިންނަށް ވުމުންކަން ޔަޤީނެވެ. ނަމަވެސް މީގެ ދެއަހަރު ކުރިން ބޮޑުދައިތަމެން މާލެއަށް ހިޖުރަ ކުރި ފަހުން އެގުޅުމަށްވެސް ވަނީ ކުޑަ ހީނަރުކަމެއް އައިސްފައެވެ. އޯލެވެލް ނިމިގެން ދިޔަ އިރުވެސް ކްލާސް ކުދިންނާ ވެސް މާކަ ބޮޑު ގުޅުމެއް ނޯވެއެވެ. މައުވާ އެކުދިންނާ އެކުވެރިކަން ބަދަހިކުރަން އުޅުނަސް އެކުދިން ޝައުޤުވެރިކަމެއް ނުހުރެއެވެ. ސަބަބަކީ މައުވާ ލޭބަލް ވެފައި ވަނީ ''ޖީކް'' އެއްގެ ގޮތުގައި ކަމަށް ވާތީއެވެ. އޭނަ ކްލާހުގައި އިންނަކަން ވެސް ކްލާސް ކުދިންނަށް އެނގޭނީ ޓެސްޓްތަކާ ކައިރި ވުމުންނެވެ.

މައުވާގެ މުޅި ދުނިޔެއަކީ އޭނަގެ ކޮޓަރީގެ ހަތަރު ފާރުތެރެއެވެ. އޭނަގެ ދުވަހުގެ ބޮޑުބައި ވެސް ހޭދަ ވާނީ އެތާނގައެވެ. މައިންބަފައިން ވަޒީފާގައި ބުރަކޮށް އުޅުމުގެ ސަބަބުން މައުވާ އިންނަނީ ގޭގައި މުޅިން އެކަނި ވެފައެވެ. އޭނަގެ އެއެކަނިވެރިކަން ފިލުވާލަދެނީ ވާހަކަ ފޮތްތަކުންނެވެ. އޭނަގެ އެންމެ ގާތް އެކުވެރިންތަކަކީ ވެސް އެފޮތްތަކާއި އޭގައި ބަޔާންކޮށްދީފައިވާ ޚިޔާލީ ދުނިޔެ ތަކެކެވެ. އެހެނަސް މިއަދު އޭނައަށް މަޖުބޫރު ވެފައި މިވަނީ އެނާގެ ''ދުނިޔެ'' ވެސް ދޫކޮށް ދާށެވެ. މީހުންތަކުން ތޮއްޖެހިފައިވާ ހަމަޖެހުން ގެއްލިފައިވާ މާހައުލަކަށް ހިޖުރަ ކުރާށެވެ. މައުވާ އެންމެ ކަންބޮޑު ވަނީ އެސަބަބާ ހުރެއެވެ. މީހުންތަކުގެ ތެރެއަށް ނިކުމެ އުޅުމަކީ އޭނައަށް ވާވަރުގެ ކަމެއް ނޫނެވެ. ރަށުގެ މަގުމައްޗަށް ނިކުންނަން ވެސް އޭނަ އިންތިހާއަށް ޖެހިލުންވެއެވެ. މީހުންގެ ބެލުންތައް އޭނައަށް ހުއްޓެން ހިތް ނޭދެއެވެ. އެބެލުންތަކުން އޭނައަށް ހާދަ އުނދަގޫ ވެއެވެ. ވަކިން ހާއްސަ ގޮތެއްގައި ފިރިހެނުންގެ ބެލުންތަކުންނެވެ. އޭނަ ރީތި ކުއްޖަކަށް ނުވިނަމައޭ ވެސް ހިތަށް އަރައެވެ. އޭރުން ދަހިވެތި ނަޒަރުތައް އޭނައަށް ނުހުއްޓުނީހެވެ.

އަސްމާ ހިތްހަމަ ޖެހޭވަރު ވުމުން އޭނަ ކޮޓަރިން ނިކުންނަން ދިޔައީ މައުވާ ގާތު ތައްޔާރު ވުމަށް ބުނެލަމުންނެވެ. މައުވާގެ ކޮޓަރިން ނިކުތް އަސްމާއަށް، ފެންޑާއަށް މަޑުކޮށްލި ސައިކަލުން ފޭބި ރިޔާޒް ފެނުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އެދިމާއަށް ދިޔައެވެ.

''ކޮބާ ލޯންޗް ހަމަޖެހިއްޖެތަ؟...'' އަސްމާ އެހިއެވެ.

''އެކަންތައް ހަމަޖެހިއްޖެ، ކޮބާތަ މައުވާ؟...'' އަސްމާއާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ރިޔާޒް ބުނެލިއެވެ.

''ކޮޓަރީގަ ވީ، ވަރަށް ދެރަވެފަ ހުރީ ވެސް...'' އަސްމާގެ ވާހަކަ ދެއްކުމުގެ ރާގު ކުއްލިޔަކަށް ބަދަލުވެގެން ދިޔައެވެ. އެއާއެކު ރިޔާޒްގެ ދެލޮލުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. އޭނައަށް އަސްމާގެ އަތުގައި ހިފާލެވުނެވެ.

''ހެދުންތައް ފެޕްކުރަނިކޮށް ބުނީ ފުރަން ބޭނުމެއް ނުވެޔޯ، ރޯން ވެސް ރުއި، ވަރަށް ވާހަކަދައްކައިގެން ހަމައަކަށް އެޅުނީ... ފަހުން ރަގަޅު ވެދާނެކަމަށް މިބަލަނީ...'' އަސްމާ ކިޔައި ދިނެވެ. އޭރު އޭނަގެ އެސްފިޔަތައް ވަނީ ތެމިފައެވެ. ރިޔާޒް ފުންނޭވާއެއް ދޫކޮށްލަމުން އަސްމާގެ އަތަށް ފިތާލިއެވެ. އަދި އަސްމާއަށް ހިތްވަރު ދިނެވެ. ވަގުތުގެ ނާޒުކު ކަމާއެކު ދެމަފިރިންގެ ހިތްވަރު އެލިގެން ދާ މަންޒަރު މައުވާއަށް ފެނުމުން ވެގެން ދާނެ ގޮތަކާ މެދު ވިސްނާލުމަށް ބުންޏެވެ. މުޅިން އައު ދަތުރަކަށް ހިތުލައިގެން ހުރި މައުވާއަށް ހިތްވަރުގެ ބަހެއް މެނުވީ ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.

''އެމަންޖެއަށް ވުރެ އަސްމާ ވަކި ރަނގަޅުތަ؟، މިހާރު އެނގިއްޖެޔޭ މައުވާއަށް އެސިފަ ލިބުނީ ކާކުގެ ފަރާތުންކަން...'' ރިޔާޒް ސަމާސާ ރާގަކަށް ބުނެލިއެވެ. އޭނަ ބޭނުންވީ އަސްމާގެ ސިކުނޑީގައިވި ޚިޔާލުތަކާ ދުރަށް ގެންދާށެވެ. އަދި ހެއްވާލާށެވެ. އޭނަގެ އެމަޤްސަދު ހާސިލު ވެސް ވިއެވެ.

''ދެން ހިނގާ ސައިބޯން، މިހާރު މައުވާ ވެސް ތައްޔާރު ވެ ނިމިދާނެހެން ހީވަނީ...'' އަމިއްލަ ވާހަކަތަކަށް ގެއްލިގެން ދިޔަ އަސްމާ ބުނެލިއެވެ. އަދި މަޑުކުރުމެއް ނެތި މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. އޭނަގެ ފަހަތުން ރިޔާޒްވެސް ދިޔައެވެ. ނަމަވެސް ބަދިގެއަށް ދިޔުމުގެ ބަދަލުގައި އޭނަ ގޮސް މައުވާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ.

ރީތިވާ މޭޒުގެ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ގެއްލިފައި އިން މައުވާއަށް ބައްޕަގެ އަޑު އިވުމާއެކު ދިޔައީ ސިއްސައިގެންނެވެ. އަވަސްވެގެން ދިޔަ ހިތް ހަމައަކަށް އަޅުވާލަމަށްފަހު ކުޑަ ގޮނޑިން ތެދުވެލަމުން ގޮސް ދޮރުހުޅުވާލިއެވެ.

މައުވާ ފެނުމާއެކު ރިޔާޒް ހިނިތުންވެލިއެވެ. އަދި ގެނެސް މޭގައި ޖައްސާލިއެވެ.

''ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާން ވާނެ...'' ރިޔާޒް ބުންޏެވެ. އެއާއެކު މައުވާއަށް ނުރޮވުނީ ހަމަ ކިރިޔާ އެވެ. ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނެވޭތޯ އޭނަ ބެލިއެވެ. ''ނޮރޮއްޗޭ، އެހެންނޫނީ ދަރިފުޅުގެ މަންމައަށް އަޑު އިވިއްޖެޔާ ރޯންފަށާފާނެ، އޭރުން ބައްޕަ އުޅެންޖެހޭނީ ދަރިފުޅުމެން މަސަލަސް ނުކުރެވިގެން...'' ރިޔާޒް މައުވާގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު މައުވާގެ ހުނުމުގެ އަޑު އިވުނެވެ.

ރިޔާޒްއަށް ލަސްވެގެން ބަދިގެއިން ނިކުތް އަސްމާއަށް މައުވާގެ ހުނުމުގެ އަޑު އިވުމުން ހިތަށް ފިނިކަން ލިބުނެވެ. ''ކޮން ވާހަކައެއްތަ ސިއްރުސިއްރުން ތިދައްކަނީ، ޔަޤީނޭ މަންމަގެ ވާހަކަކަން...'' އަސްމާގެ އަޑަށް ދެބަފައިންގެ ނަޒަރު ހުއްޓިގެން ދިޔައީ އަސްމާއަށެވެ.

''ދެން އަވަހަށް އާދޭ ސައިބޯން...'' ލުއި ހިނިތުންވުމަކާއެކު އަސްމާ ބުންޏެވެ. އެއާއެކު މައުވާއާއި ރިޔާޒު އަސްމާގެ ފަހަތުން ގޮސް ބަދިގެއަށް ވަނެވެ.

ރިޔާޒްގެ ސަބަބުން ކާމޭޒު ދޮށުގައި އުފާވެރި މާހައުލެއް އުފަން ވެގެން ދިޔައެވެ. އެއީ ހުރިހާ މާޔޫސްކަމެއް މަތިން ހަނދާން ނައްތާލަން މައުވާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ޢާއިލާއާ އެކު ހޭދާ ކުރެވޭ އެންމެ ފަހު ވަގުތުކޮޅަށް ވުމުން އެހަނދާންތައް މައުވާގެ ހަނދާނުގައި ރައްކާކުރަން އޭނަ ބޭނުން ވިއެވެ.

****

ދުވަހަކީ އުޑުމަތީ ސާފު ރީތި ދުވަހެކެވެ. ރަށާއި ދުރުގައި އޮންނަ އެއާރޕޯޓާ ދިއުމަށް ލޯންޗް ދަތުރު ކުރަމުން ދިޔައިރު ފިނިކަން އެކުލެވިގެންވާ ރޯޅިތައް ހުއްޓުމެއް ނެތި ބީހެމުން ދިޔައެވެ. ރޯޅިތަކުގެ ސަބަބުން މައުވާގެ ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑު މަސަލަސް ކުރުން އޭނައަށް ވީ އުނދަގޫ ކަމަކަށެވެ. އެންމެފަހުން އޭނައަށް މަޖުބޫރުވީ ހުޅިއެއްގެ އެހީ ހޯދާށެވެ. ލޯންޗް އޭގެ ހަލުވި ދުވެލީގައި މަންޒިލާ ހަމައަށް ވާސިލުވަމުން ދިޔައިރު މައުވާގެ ނަޒަރު ހުއްޓާލެވިފައިވަނީ ދުރުދުރަށްދާން ދެން ފެތުރިފައި އޮތް މާސިންގާ ކަނޑުގެ ތެރޭން ފެންނަމުން ދިޔަ ކުދި ޖަޒީރާ ރަށްތަކަށެވެ.

ވިހި މިނެޓްގެ ދަތުރަކަށް ފަހު އެއާރޕޯޓްގެ ބަނދަރަށް ލޯންޗް ލެފުމާއެކު އެންމެން ލޯންޗުން ފައިބަން ތައްޔާރު ވިއެވެ. އަސްމާމެން ފައިބަން އެހީވެދިނުމަށް ފަހު ރިޒާޒް އަވަސް ވެގަތީ ލޯންޗްގައި ހުރި ފޮށިތައް ބޭލުމަށެވެ.

މަންމަމެންނާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޓްރޯލީ ދަމަމުން ގޮސް މައުވާ އެތެރެއަށް ވަނެވެ.

މައުވާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި އަސްމާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މަންޒަރު ފުސްވެގެން ދިޔަ ހިނދު ރިޔާޒް އޭނަގެ ގެނެސް މޭގައި ޖައްސާލިކަން އިހުސާސްކުރެވުނެވެ. ލޮލުން ފައިބަން ފެށި ކަރުނަތައް ފޮހެލަމުން އަސްމާ އެތެރެއަށް ނޭފަތް ދަމާލިއެވެ. ޗެކިންކޮށް ނިންމާލުމަށްފަހު މައުވާ ނިކުންނައިރު އޭނަ ރޯތަން މައުވާއަށް ފެންނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

****

ރާއްޖޭގެ އެންމެ ދެކުނުން މަތިންދާބޯޓު ފެށި ދަތުރު އޮމާން ކަމުގައި ވިޔަސް ވަކިހިސާބަކަށް އާދެވުމާއެކު ވިއްސާރައިގެ ހަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. މުޅި މާހައުލު ހަލަބޮލިކޮށްލާފައިވާ ބޯވާރޭގެ ތެރޭން ބޯޓު އުދުހެމުން ދިޔައިރު ދެންމެދެންމެ ވެއްޓިދާނެހެން ހީވާ ފަހަރު ވެސް މަދެއް ނޫނެވެ. ވިދުވަރާއެކު އިވިލާ ގުގުރީގެ އަޑުވެސް އެހާމެ ނާމާނެވެ. މައުވާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތާހިތުން ދުޢާ ކުރެވެމުން ދިޔައީ ރައްކާތެރިކަމާއެކު މަންޒިލާ ހަމައަށް ދެވުމަށް އެދިއެވެ. ލޯމަރާލައިގެން އިންއިރު އެމޫނުމަތިން ނުތަނަވަސްކަން ފާޅުވެއެވެ.

އެއްގަޑިއިރުގެ ދަތުރަކަށް ފަހު ގަދަ ވަޔާ ބޯވާރޭގެ ތެރޭން ގޮސް ބޯޓު ރަންވޭގައި ޖެއްސި ވަގުތަކީ ދަތުރުގެ ބައިވެރިންގެ ހިތްތަކަށް ފިނިކަން ގެނެސްދިން ވަގުތެއްކަން ގައިމެވެ. މައުވާއަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. ބޯޓުގެ އިންޖީނު ނިވި ބޯޓުން ފޭބުމުގެ ހުއްދަ ލިބުމާއެކު އެންމެން އަވަސްވެގަތީ ބޯޓުން ފޭބުމަށެވެ. މީހުންތައް މަދުވަންދެން މައުވާ އިނީ މަޑުކޮށްލައިގެންނެވެ. އެވަގުތުކޮޅުގައި ފޯނު އޮންކޮށްލުމާއެކު ބޮޑުދައިތަގެ ފޯނުކޯލެއް ލިބުނެވެ. މައުވާ ފޯނު ކޯލަށް ޖަވާބު ދެމުން އާދެވިއްޖެ ކަމުގައި ބުންޏެވެ. އަދި ފޯނުން ވާހަކަ ދައްކަމުން ގޮސް ބޯޓުން ފޭބިއެވެ.

****

މައުވާ ލަގެޖްތައް ހިފައިގެން ނިކުތްއިރު އޭނަގެ އިންތިޒާރުގައި ތިބި ދިޔާނާއާއި ދިޔާނާގެ ފިރިމީހާ ހުސޭންގެ އިތުރަށް ތޫބާ ފެނިއްޖެއެވެ. ތޫބާއަށް މައުވާ ފެންނައިރަށް ދުވެލާފައި އައިސް ބައްދައިގަތެވެ. އޭނަގެ އެއަމަލުން ވެސް މައުވާ ފެނުމުން އުފާވެފައިވާ މިންވަރު ހާމަކޮށްދިނެވެ. މައުވާއަށް ވެސް ހިނިތުންވެވުނެވެ. ޒަމާންގަނޑަކަށް ފަހު އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވުމުންނެވެ. މަންމައާއި ވަކިވުމުން ހިތަށް ލިބިފައިވި މާޔޫސްކަން މަތިން ވެސް ހަނދާން ނެތުނު ފަދައެވެ.

''ސޯ ހެޕީ ޓު ސީ ޔޫ، އިވީ ކުރިއަށް ވުރެ ފަލަވެއްޖެހެން ހީވަނީ، އެންޑް އިޓްސް އެ ގުޑް ޑިފެރެންސް...'' ފުޅާ ހިނިތުންވުމަކާއެކު ތޫބާ ބުންޏެވެ.

''ކިހިނެއްވީ އެއްޗެއް ނުބުނެ ތިހުރީ؟...'' ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިއުމާއެކު ތޫބާއަށް ބުނެވުނެއެވެ. އޭނައަށް މައުވާގެ ދެލޮލުގައިވާ ނުތަންވަސްކަމާއި، މިޒާޖަށް އައިސްފައިވާ ހިމޭންކަން ދޭހަ ވާން އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

''ޔޫ ނީޑް ޓު އޯވާރ ކަމް ދެޓް ފިއާރ އިވީ، ތިހެން ބިރުން އުޅެންޏާ އެއްވެސް ކަމަކާ ކުރިމަތި ލުމުގެ ހިތްވަރެއް ނުލިބޭނެއެއްނު...'' ތޫބާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. އެވަގުތު އޭނަ އަޒުމެއް ހިތުގައި ކަނޑައެޅިއެވެ.

''ބޭނުންވޭ އެކަމަކު...'' މައުވާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނަ ވެސް ހިތުގައިވާ ބިރުވެރިކަމުގެ މައްޗަށް ކުރި ހޯދަން ބޭނުން ވެއެވެ. ނަމަވެސް މިވީހާ ދުވަހު އޭނައަށް ހާސިލު ނުކުރެވުނު އަމާޒަކީ އެއީ އެވެ. ތޫބާ ފަދައިން ހިތްވަރުގަދަ ކުއްޖަކަށް އޭނަ ވެސް ވިނަމައޭ މައުވާގެ ހިތަށް އެރިއެވެ.

''އައިލް ހެލްޕް ޔޫ، ނައު ޗިލް...'' ތޫބާ ބުނެލިއެވެ. ދެކުދިން ދައްކަމުން ދިޔަ ވާހަކައަށް ހުރަސް އެޅިގެން ދިޔައީ ހުސޭންގެ ދެމަފިރިންގެ ސަބަބުންނެވެ.

****

ފެރީގައި ފެށި ދަތުރުގައި ތުބާމެން ހުއްޓާލުމެއްނެތި އަނގަތަޅަމުން ދިޔައެވެ. ދުވަސްތަކަކަށް ފަހު ދެއެކުވެރިން ބައްދަލުވުމުން ހިއްސާ ކުރަން ލައްކަ ގިނަ ވާހަކަތައް ހުއްޓެވެ. ދެމީހުން ތިބީވެސް ދިޔާނާމެންނާ ތަންކޮޅެއް ދުރުގައެވެ. ތޫބާގެ މައުޟޫއު ތަކުގައި ގިނައިން އެކުލެވިގެން ވަނީ ފިރިހެން ކުދިންގެ ވާހަކައެވެ. އެއިން މައުވާއަށް ފުރަތަމަ ކޮޅު އުނދަގޫވި ކަމުގައި ވިޔަސް ފަހުން އޭނަގެ ސަމާލުކަން ވެސް އެއަށް ހުއްޓުނެވެ.

ތޫބާ ބުނާ ގޮތުން ނަމަ އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެވެ. އެކުއްޖާއާއެކު ހޭދަ ކުރެވުނު އުފާވެރި ވަގުތުތަކުގެ މައުލޫމާތަށް ދަންދެން އޭނަ ހިއްސާ ކުރިއެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ ކުރި ފަޅަމުން ގޮސް ތޫބާ ކޮށްލި ސުވާލަކުން މައުވާ ދިޔައީ ސިއްސައިގެންނެވެ.

''ބުނެބަލަ، އިވީގެ ނެތްތަ ބީއެފްއެއް؟، ދޮގު ނަހަދައްޗޭ...'' ތޫބާ އެސުވާލުކޮށްލީ ތަންކޮޅެއް މަޑުންނެވެ.

ތޫބާގެ ސުވާލަށް ދޭނެ ޖަވާބެއް މައުވާގެ ވިސްނުމަކަށް ނައެވެ. އޭނައަށް އެކަމަށް މިވީހާ ތަނަށް އިސްކަމެއް ވެސް ދެވިފަކާ ނެތެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އޭނަގެ ސަމާލުކަން ދެވިފައިވަނީ ކިޔެވުމަށެވެ. އެނޫންކަމަކަށް ސިކުނޑީގެ ސަމުގާ ހުއްޓިފައި ނެތެވެ. ހަމައެއާއެކު މީހުންގެ ބެލުންތަކުން އުނދަގޫވާ މައުވާއަށް ކުއްޖެއްގެ ފަރާތުން އިޝާރާތެއް ލިބުނަސް ދޭހަކުރާކަށް ނޭގެއެވެ. އޭނަގެ ހަޔާތުގެ ބޮޑުބައި އެކަނިވެރިކަމުގައި ހޭދަވެފައި ވުމުން ތޫބާގެ ވާހަތަކުން އެހިތްވެސް ކަމަކަށް އެދި ގޮވަން ފެށީ ނޭގި ހުއްޓާއެވެ. އޭނަ ދެކެ ވެސް ރުހޭނެ ބައިވެރިއަކަށް އެދެން ފެށުނެވެ.

''އިވީ އަޅެ ބުނެބަލަ، ހިޔެއް ނުވޭ އިވީއަށް ޕްރޮޕޯސަލް ނުލިބި ހުންނާނެހެނެއް...'' ތޫބާ އޭނަގެ ސުވާލަށް ޖަވާބު ބޭނުން ވިއެވެ.

އިސްޖަހާލި މައުވާ ތޫބާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ތޫބާއަށް ބަލައިލެވުނީ ޤަބޫލުކުރަން ދަތިވެފަ އެވެ.

''އިޓްސް އޯކޭ އިވީ، އަދި ވަގުތު ނުޖެހެނީ ކަމަށް ވެސް ވެދާނެއެއްނު...'' ތޫބާ ބުންޏެވެ. އޭނައަށް ދެވިފައިވަނީ ނުބައި މައުޟޫއުއަކަށް ކަން ފަހުމު ވުމާއެކު އޭނަ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އެހެނަސް ދެއެކުވެރިންގެ ދެމެދަށް ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ.

''އިވީ އައެމް ސޮރީ...'' މައުވާގެ ހިމޭންކަމުން އުނދަގޫވެފައި އިން ތޫބާ ބުންޏެވެ. ފަހަރެއްގައި ވެސް މައުވާ ހިތުގައި ޖެހޭކަށް އޭނަ ބޭނުމެއް ނުވެއެވެ. ލޯތްބަކީ އޭނައަށް ވެސް އައު ތަޖުރިބާއަކަށް ވުމުން މައުވާއާއި ހިއްސާކޮށްލަން ބޭނުން ވީއެވެ. ''މާފަށް އެދޭވަރުގެ ކަމެއް ނުވެއެއްނު.... ކޮންދުވަހަކުންތަ ތި އަލޫފް އަކާ މީޓްކޮށްދޭނީ؟...'' މައުވާ ފަނޑު ހިނިތުންވުމަކާއެކު ބުނެލިއެވެ. އެއާއެކު ތޫބާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ''ޓުނައިޓް...'' ތޫބާ އުފާވައިފައި ބުނެލި އެވެ.

ކޮމެންޓް 0