ދިޔާނާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ކޮޓަރިއަށް ފެތުރިފައި އޮތް ފަނޑު އަލިކަމުގެ ތެރޭން އެނދުގެ އަރިމަތީގައި ހުރި ކުޑަ ކަބަޑު މަތީ ހުރި ފެންޖަގަށް އޭނަ ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނައަށް ދެބުމަ ކައިރިކޮށްލެވުނެވެ. ފެންޖަގު ހުރީ ހުސްވެފައެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ދިޔާނާ އެނދުން ތެދުވެލިއެވެ. އަދި ފެންޖަގު ހިފައިގެން އޭނަ މިސްރާބުޖެހީ ބަދިގެއަށް ދިއުމަށެވެ.

ބަދިގެއަށް ވަންނަން ދިޔަ ދިޔަނާއަށް ބަޔަކު ވާހަކަދައްކާހެން ހީވުމުން ބެލްކަނިއާއި ދިމާއަށް ބަލާލެވުނެވެ. އޭރު އޭނަގެ ނިދި މުޅިންހެން ފިލައިގެން ހިނގައްޖެއެވެ. ލިބިގެން ދިޔަ ހައިރާންކަމާއެކު ކާމޭޒުމަތީ ފެންޖަގު ބަހައްޓަމުން އޭނަ ހިނގައިގަތީ ބެލްކަނިއާއި ދިމާއަށެވެ.

ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށުމާއެކު ޝިއާފާއި މައުވާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ހާސްކަމާއެކުގައެވެ. މައުވާގެ ނަޒަރު ދޮރާ ދިމާއަށް ދަތުރު ކުރިއިރު ޝިއާފް މައުވާއާއި ދުރަށް ޖެހިލައިފިއެވެ. ދެން ހަދާނެ ގޮތަކާ މެދު މައުވާގެ ހިތް ނުތަނަވަސް ވެގެން ދިޔައިރު ފިނި ދަލެއްގެ އަސަރު ވެސް ފާޅުވާން ފަށައިފިއެވެ.

އަވަސް ފިޔަވަޅުތަކެއްގައި ދިޔާނާ އައިސް ބެލްކަނީގެ ދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އެއާއެކު ފެނުނު މަންޒަރެއްގެ ސަބަބުން އޭނަގެ ހަރަކާތްތައް ގަނޑުވެގެން ދިޔަ އެވެ. ލިބުނު ހައިރާންކަމާއެކު އޭނައަށް ވަކިވަކީން ޝިއާފާއި މައުވާގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ހިތަށް ފޭދިގެން ދިޔަ ޚިޔާލަކާއެކު ދިޔާނާގެ ހިތުގައި ނުތަނަވަސްކަމުގެ ވިންދުތައް އުފެދިގެން ދިޔަ އެވެ. ހިމޭންކަމުގެ ސުކޫތުކޮޅެއް ފާއިތުވެގެން ދިޔައިރު ވެސް ދިޔާނާއަށް ލިބިފައިވާ ހައިރާންކަން ފިލައިގެންދާ ގޮތެއް ނުވިއެވެ.

ދިޔާނާގެ ހަމަހިމޭންކަމުން މައުވާގެ ހިތުގެ ތެޅުން އަވަސްވުން ނޫންކަމެއް ނުވިއެވެ. ހާސްވެގެން ދިޔަ ދިޔައިނުން ދަންވަރުގެ ފިނިކަމުގެ ތެރޭގައި ވެސް ދަލުން މުޅި މީހާ ފެންވެރެމުން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. އިސާހިތަކު ބިރުވެރިކަމުން މުޅި މީހާ ވަށާލައި ހަޤީޤަތް ބޭޒާރު ވެއްޖެ ކަމުގެ އިންޒާރުތައް ދޭން ފަށައިފި އެވެ. އެއާއެކު އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއަކާ މެދު އޭނައަށް ވިސްނާލެވުނެވެ. ޔަޤީނުން ވެސް އޭނަ ދެކެ ބޮޑުދައިތަ ހިތްހަމައެއް ނުޖެހޭނެ އެވެ. މަންމަގެ ކަންފަތާ ހަމައަށް އެވާހަކަތައް ދިއުން ވެސް އެއީ ގާތް ކަމަކެވެ. އޭރުން ވެދާނެ ގޮތަކާ މެދު ވެސް ވިސްނާލަން މައުވާއަށް ދަތި ވިއެވެ. އޭނައަށް ހިންދިރުވާލެވުނީ ވެސް ނުހަނު އުނދަގުލުންނެވެ.

''މިގަޑީގަ މިތާ ކީއްތަތިކުރަނީ؟...''

ދިޔާނާގެ ސުވާލު އަމާޒުވީ ދެޒުވާނުންނަށެވެ. އެސުވާލުގެ ޖަވާބު ލިބޭނެ އިރަކަށް އޭނަ ހުރީ ކެތްތެރިކަން ކުޑަވެފަ އެވެ. އޭނަގެ ޚިޔާލުތަކުގައި ބިންވަޅުނެގެމުން ދިޔަ ފިކުރުތައް ބިލާހަކަށް ވެގެން ދިއުމަށް އެދޭވަރުންނެވެ. އޭނައަށް ނޭގި ފަރުދާގެ ނިވަލުގައި މައުވާ ޖަރީމާއެއް ނުހިންގާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ. ހަމައެއާއެކު އޭނަ ކުރާ އިތުބާރު ނަގާލައި އޭގެ ނާޖާއިޒް ފައިދާ މައުވާ ނުނަގާނެކަމުގެ އުއްމީދާއި އެކުގައި ވެސް މެއެވެ.

''އިވީގެ ފޯނަށް މައްސަލައެއް ދިމާވެގެން ބަލާދޭށޭ ބުނެގެން...'' މައުވާގެ އަތުގައި އޮތް ފޯނަށް އިޝާރާތް ކުރަމުން ޝިއާފް ބުންޏެވެ. އޭނަގެ އަޑުގައި އަދި ހަރަކާތެއްގައި ވެސް ހާސްވެފައި ހުރި ކަމުގެ ލިސާނެއް ނުވެއެވެ. ''މާދަން އޮފީހަށް ދިޔައީމަ އެކަމާ ނޫޅެވިދާނެތީ، މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އިވީ އަހަރެން ގާތު ބުނާތާ ވެސް...''

ބަހުގެ އިތުބާރު ހޯދުމުގެ ނިޔަތުގައި ޝިއާފް މައުވާއަށް ބަލާލިއެވެ. އެވަގުތު ދެޒުވާނުންގެ ދެމެދުގައި ބަސްމޮށުންެތެރިކަން ލިބިގެންނުވާ ޖުމްލަތަކެއް ބަދަލުކުރެވުނެވެ. އެއާއެކު މައުވާ ފުންނޭވާއެއް ދޫކޮށްލަމުން އެއީ ތެދެއްކަމުގައި ބުނެލިއެވެ. އޭރު ވެސް އޭނަގެ ހިތް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ބޮޑުދައިތައަށް އެއީ ދޮގެއް ކަމާމެދު ޝައްކު ކުރެވިދާނެތީއެވެ. ބަލަހައްޓައިގެން ހުރީ ވެސް އެކަހަލަ ޝުޢޫރުތަކާއެކުގައި ވިއްޔާއެވެ.

''މާދަން ހެނދުނު ވެސް ތިކަން ކުރެވިދާނެއެއްނު...... މައުވާ ދެން ދޭ ނިދަން، މާދަން ސްކޫލް ވެސް އޮންނާނެއެއްނު...'' ދިޔާނާ ބުންޏެވެ.

މައުވާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނަ ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. ބިރުވެރިކަމުގެ މައްޗަށް އަމިއްލަ ބާރު ފޯރުވަން މަސައްކަތް ކުރުމަށް މައުވާ، އޭނަގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. ބޮޑުދައިތައަށް ދެވަނަ ފަހަރަށް ޝައްކުވުމުގެ ފުރުސަތެއް ނުދިނުމަށެވެ.

''ދެޓް ވޯޒް ކްލޯޒް... ނަސީބެއް ބޮޑުދައިތަ ޝިއާފްގެ ވާހަކަ ޤަބޫލުކުރިކަން ވެސް، ދެން ވަރަށް ބަލައިގެން އުޅެން ޖެހޭނީ... އެވަކަމު ޒުލްފާ ދައްތަ ބޮޑުދައިތަ ގާތު ބުނެފިއްޔާ ވާނީ ކިހިނެއްތަ؟...'' މައުވާއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. އޭނައާއި ޝިއާފްގެ ގުޅުމުގެ ވާހަކަ ޒުލްފާގެ ދުލުން ބޮޑުދައިތަގެ ކަންފަތާ ހަމައަށް ފޯރާއިރު ބަހުގެ ތެދުކަން ވާނީ ވަރަށް ބޮޑަށް އޮޅުވާލެވިފައެވެ. އޭރުން ބޮޑުދައިތަ އޭނަދެކެ އަންނާނީ އަމަށަކު ރުޅިއެއް ނޫނެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިވި މައުވާ ސިހިގެން ދިޔައީ އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމާއެކުގައެވެ. އަވަސްއަވަހަށް ފޯނަށް ލިބުނު މެސެޖް އޭނަ ހުޅުވާލިއެވެ.

''އާރ ޔޫ އޯލްރައިޓް؟...''

''ދެޓް ވޯޒް ކްލޯޒް...'' މައުވާ މެސެޖަށް ރައްދު ފޮނުވަމުން ގޮސް އެނދުގައި އޮށޯވެލިއެވެ.

*****

މައުވާމެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ދިޔާނާއަށް ހުރެވުނީއެވެ. ޝިއާފްގެ ވާހަކަތައް ޤަބޫލުކުރަން ބޭނުން ވިޔަސް ދަންވަރު ގަޑިއެއްގައި ޝިއާފާއި މައުވާ ބައްދަލުކުރަން ޖެހުނު ސަބަބު ދިޔާނާގެ ވިސްނުމަށް ހަމަޖެހޭ ކަމަކަށް ނުވި އެވެ. އެވާހަކައިގެ ތެދުކަމާ މެދު ވެސް ހިތުގައި ޝައްކު އުފެދިފައި ވިއެވެ. ނަމަވެސް އޭނަ މިފަހަރު ބުރަވީ މައުވާގެ ވާހަކަތަކުގެ މައްޗަށެވެ. މައުވާ އޭނަ ގާތު ދޮގު ނަހަދާނެކަމުގެ ޔަޤީން ކަމާއެކުގައެވެ.

''އަހަންނަށް އެކަމާމެދު މާ ބޮޑަށް ވިސްނެނީކަންނޭގެ، މައުވާ އާއި ޝިއާފްގެ ދެމެދުގައި ކަމެއް ވާނަމަ އަހަންނަށް ނޭގިއެއް ނުދާނެ، އަނެއްކޮޅުން މައުވާއަށް އަހަރެން ކުރާ އިތުބާރު އޭނަ ނަގާނުލާނެ... ޝިއާފް ބުނިހެން އޭނަ މިހާރު އުޅެނީ އޮފީހުގައި ވަރަށް ބިޒީކޮށް....'' ދިޔާނާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ހިތަށް ތަސައްލީއެއް ހޯދައިދިނެވެ.

*****

ހަވީރުގެ ވަގުތު އައިސް ބައްދަލުކުރީ ޒުލްފާ އެވަގުތަށް ނުހަނު އިންތިޒާރުކުރަމުން ދަނިކޮށެވެ. އޭނަ ތައްޔާރުވެލައިގެން ބޭރަށް ނިކުތް ވަގުތު ދިޔާނާ ފެނުމުން ދަތްކުޑިވިކާލެވުނު ކަމުގައި ވިޔަސް މަތި އޮމާންކޮށްލަން ދިޔާނާއަށް ހިނިތުންވެލިއެވެ. އަދި ސޯފާގައި އިށީނދެލުމަށްފަހު ފޯނުން ނަންބަރަކަށް ގުޅާލިއެވެ.

''މަންމާ ތަނަކަށް ދާންތަ؟...'' އޮފީސް ނިންމާލާފައި އައިސް ގެއަށް ވަން ޝިއާފަށް މަންމަ ފެނުމާއެކު ސުވާލުކޮށްލެވުނެވެ. އޭނަ ހުރީ މަންމައާއި ވާހަކަދައްކާލާނެ ފުރުސަތެއްގެ އިންތިޒާރުގައި ކޮޅުމަތި ބަލާލަބަލާލައެވެ. ނަމަވެސް ރޭގައި މައުވާ ދެއްކި ވާހަކަތައް ހަނދާންވުމާއެކު ޝިއާފް ގަސްދުކުރީ ރަގަޅު ފުރުސަތެއްގައި މެނުވީ އެވާހަކަ ނުދެއްކުމަށެވެ.

''ހޫމްމްމް...'' ޒުލްފާގެ ޖަވާބު ކުރެވެ.

ޝިއާފަށް އިތުރު އެއްޗެއް ނުބުނެވެނީސް ފެނިގެން ދިޔައީ އެޕާރޓްމެންޓްގެ ދޮރުހުޅުވާލާފައި ޝަކީލާ ވަން މަންޒަރެވެ. އެއާއެކު ޒުލްފާ އަވަސް ވެގަތީ ޝަކީލާއެކު ބޭރަށް ދިއުމަށެވެ. ލިބިގެން ދިޔަ ހައިރާންކަމާއެކު ޝިއާފާށް މަންމަ ނިކުމެގެން ދިޔަ ދިމާއަށް ބަލަން ހުރެވުނެވެ. މިހާރަކަށް އައިސް މަންމައާއި ޝަކީލާގެ ގުޅުން އާދަޔާ ހިލާފަށް ބަދަހިވެފައިވާކަން އޭނައަށް ފާހަގަ ކުރެވުނެވެ.

ހަނި މަގަކުން ދުއްވަމުން ދިޔަ ޓެކްސީ ގޮސް މަޑުކޮށްލީ ނޫ ދޮރާއްޓެއް ލާފައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. ދަތުރަށްވީ ފައިސާ ދައްކަމުން ޝަކީލާގެ ފަހަތުން ޒުލްފާ ކާރުން ފޭބިއެވެ. ޝަކީލާގެ ފިޔަވަޅުމަތިން ހިނގަމުން ގޮސް ޒުލްފާ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއީ ފުދޭވަރަކަށް ބޮޑު ގެއެކެވެ. ބަލާލާ ކޮންމެ ދިމާއަކުން ވެސް ޒަމާނީ ކުލަވަރު ފެންނަމުން ދިޔައެވެ. ނަމަވެސް ދިރޭ ފުރާނައެއްގެ އަސަރު ވެސް އެގޭގައި ވާހެނެއް ހިޔެއް ނުވެއެވެ. އެދަނޑިވަޅާ ދިމާކޮށް ތަފާތު ބިރުވެރި ޚިޔާލުތަކާއެކު ޒުލްފާގެ ހިތް އަވަސްވާ ގޮތް ވިއެވެ. ފިނިވެގެން ދިޔަ ދެއަތްތިލަ މޮޑެލަމުން ހާސްކަން ފޮރުވާލަން މަސައްކަތްކުރިއެވެ.

ޝަކީލާ ސަލާމް ގޮވާލުމާއެކު އިވިގެން ދިޔައީ އަންހެނެއްގެ އަޑެވެ. މެދު އުމުރުގެ އެއަންހެން މީހާ ބޮޑުކޮޓަރިން ނިކުމެގެން އައިސް ޒުލްފާމެންނާ އަރާ ހަމަކޮށްލިއެވެ.

''ކީއްކުރާ ބައެއްތަ؟...'' އެމީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ބީރައްޓެހިކަމެވެ.

''ހުސޭންބެއާ ބައްދަލުކޮށްލަން...'' ޝަކީލާ އެމީހުންގެ ބޭނުން ހާމަކޮށްލިއެވެ.

''ހުސޭން ވީ ރާއްޖެތެރެއަށް ގޮއްސަ، ހަފްތާއެއް ފަހުން އަންނާނީ...'' އަންހެންމީހާ ބުނެދިނެވެ. އެއާއެކު ޒުލްފާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. އޭނަގެ އިންތިޒާރު އިތުރަށް ދިގުލައިގެން ދިއުމުންނެވެ. ހަމައެއާއެކު އޭނަ ފުރާދުވަސް ވެސް ނުހަނު ކައިރިވެފައި ވުމާއެކުގައެވެ.

''އެކަމަކު ރޭގަ ގުޅީމަ ބުނީ ހަވީރު އަންނާށޭ...'' ޒުލްފާގެ އަޑުގައިވި ހިތްހަމަނުޖެހުން އޭނައަށް ސިއްރެއް ނުކުރެވުނެވެ.

''މިއަދު ކުއްލި ގޮތަކަށް ފުރަން ޖެހުނީ، ހަފްތާއެއް ވަރު ފަހުން އާދޭ...'' އަނެއްކާ ވެސް އޭނަ ބުންޏެވެ.

ޒުލްފާއަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތި ލާށެވެ. އެކަމަކުގެ ރުޅިވެރިކަން މަތީގައި އަމިއްލަ ނަސީބާ މެދު ޝަކުވާކުރަމުން އޭނަ އެގެއިން ނިކުންނަން ހިނގައިގަތެވެ. ޝަކީލާ ގޮވާލުމުން މަޑުކުރުމެއް ނެތިއެވެ. ދެފަރާތަށް ބޯހޫރުވާލަމުން ޝަކީލާ ވެސް ހިނގައިގަތީ ޒުލްފާގެ އުނދަގުލުން އަވަސް މުސްތަޤްބަލެއްގައި އޭނައަށް ސަލާމަތެއް ނުވެވޭނެކަން އެނގޭތީ އެވެ.

*****

އެއް ހަފްތާ ފަސް......

ރޭގަނޑުގެ ވަގުތެވެ. ޝިއާފް މައުވާ ގާތު އެދެމުން ދިޔައީ އޭނައާއެކު ބޭރަށް ދިއުމަށެވެ. ޒަމާންތަކަކަށް ފަހު ދެލޯބިވެރިން ގުޅުނުއިރު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުސަތެއް ލިބިފައި ނުވެއެވެ. ކުރީ ރޭގައި ދިމާވި ހާދިސާއަށް ފަހު އެފުރުސަތު ގޭތެރެއިން ލިބުން ވަނީ ހަނިވެފައެވެ. މައުވާ ވެސް އެކަމަށް ބޭނުންވެފައި ވިޔަސް ދިޔާނާއަށް ޝައްކެއް ވެދާނެތީ އޭނައަށް މަޖުބޫރުވީ ޝިއާފްގެ ހުށަހެޅުމާ ދެކޮޅު ހަދާށެވެ. ނަމަވެސް ދިޔާނާގެ ރައްޓެއްސެއްގެ ބަލިހާލަތު ހުރިގޮތުން އެކުވެރިޔާއަށް ޒިޔާރަތްކުރަން ހޮސްޕިޓަލަށް ދިއުމުން ދެލޯބިވެރިންގެ ނަސީބު ވެސް އަތުގައި ހިފިކަހަލައެވެ. ފުރަތަމަ މައުވާ ފަސްޖެހުނު ކަމުގައި ވިޔަސް ތޫބާގެ އެއްބާރުލުމާއެކު އޭނަ ޝިއާފާއެކު ދާން އެއްބަސް ވިއެވެ. އޭނަ ޝިއާފާ އެކު ދާން އެއްބަސްވީ ލަސްނުވެ ގެއަށް އައުމަށް ޝަރުތުކޮށްފައެވެ.

ބްރޭކްވޯޓާރ ރެސްޓޯރެންޓްގެ ހިތްގައިމު މާހައުލުގައި ރޭގަނޑުގެ ކެއުމަށް ދެޒުވާނުން އިންސާފުކުރަމުން ދިޔައިރު މައުވާ އިނީ ޝިއާފް ދައްކަމުން ދިޔަ ވާހަކަތަކަށް ކަންފަތް ހުޅުވާލައިގެންނެވެ. މައުވާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު އެކުލެވިފައި ވާއިރު ޝިއާފް ދައްކަމުން ދިޔަ ވާހަކައިގައި އޭނަ ބައިވެރި ވިއެވެ. ޒަމާންތަކަށް ފަހު އުފާވެރިކަމުގެ ދޯދިން ދެޒުވާނުންގެ ދުނިޔެ އުޖާލާ ކޮށްފައިވާ ފަދައެވެ.

''އަހަރެން މިއަދު އީލާފާ ވާހަކަ ދެއްކިން، އީލާފް ބުނީ އަމާނީ އޭނަގެ ރަށަށް ބަދަލުވެއްޖެޔޭ...'' ދެކެވެމުން ދިޔަ ވާހަކަތަކުގައި ކުރިލާ ފޯދެމުން ގޮސް މުޅިން އެހެން މައުޟޫޢުއަކަށް ދެވުނެވެ. ޝިއާފް އޭނަ ބޮމުން ދިޔަ ޖޫސްތަށި މޭޒު މަތީ ބަހެއްޓިއެވެ. އަދި މައުވާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ހުއްޓާލިއެވެ.

''އަހަރެން އަމާނީއާ ބައްދަލުކުރާނަން، އިވީ އެކަމާމެދު ހާސްނުވޭ...''

ޝިއާފް ފަނޑު ހިނިތުންވުމަކާއެކުގައި ބުންޏެވެ. މައުވާ އެކަމާ އެއްބަސްވަމުން ބޯޖަހާލިއެވެ. ޝިއާފްގެ މިޒާޖަށް އަންނަމުންދާ ރަގަޅު ބަދަލުތައް މައުވާއަށް ދިޔައީ ފާހަގަ ކުރެވެމުންނެވެ. ކުރީގެ އެކުވެެރިން ދޫކޮށް ނަމާދަށް ވެސް ފަރުވާތެރިވާން ފަށައިފިއެވެ. ޝިއާފްގެ ކޮންމެ ހަރަކާތެއްގައި ވަނީ މަޑުމައިތިރިކަމެވެ. އެއިން ކޮންމެ ބަދަލަކީ މައުވާގެ ހިތުގައިވާ ލޯތްބަށް އާރޯކަން ގެނެސްދޭ ކަންތަކެވެ.

މާޒީގެ ބަނަ ދުވަސްތައް މަތިން ހަނދާން ނައްތާލައި މުޅިން އައު އަޒުމަކާއެކު ޝިއާފް ވަނީ ދިރިއުޅުމާ ކުރިމަތިލައިފަ އެވެ. އެއިމްތިހާނުގައި ޝިއާފާއެކު އެންމެ ގާތުގައި ވާން މައުވާ ބޭނުން ވެއެވެ.

ކޮންމެ އިންސާނަކީ ވެސް ކުށެއް ކުރެވިދާނެ މީހެކެވެ. ''ޕާރފެކްޓް'' މިއީ ހަމަ އެކަނި ބީލާހީ ދުނިޔެތައް ރަމްޒުކޮށްދޭ ކަމެކެވެ. ހަޤީޤީ ދުނިޔޭގައި ކޮންމެ މީހެއްގެ ދިރިއުޅުމުގައި އުނިކަމެއް ވާނެއެވެ. ތަފާތު އެކި މިޒާޖުތަކުގެ މީހުންތައް ވާނެއެވެ. އެއިން ކޮންމެ މީހަކަށް ދުނިޔެ ދައްކާނީ ތަފާތު ކުލަ ތަކެވެ. ހިތްވަރާއި ކެތްތެރިކަމާއެކު ދުނިޔެއާއި ކުރިމަތިލައިގެން މެނުވީ ކާމިޔާބީއާ ހަމައަށް ވާސިލެއް ވެސް ނުވެވޭނެއެވެ. އުފާވެރިކަން ވެސް ހާސިލެއް ނުމެކުރެވޭނެއެވެ.

''ވާރޭ!...'' ހަމަހިމޭން ފަޒާގެ ތެރެއަށް އެތައް މިލިއަން ފެންތިކިތައް ފައިބަން ފެށި އަޑުފަށްގަނޑާއެކު މައުވާއަށް ބުނެވުނެވެ. އޭރު ރޯޅިތައް ވެސް އިހުނަށްވުރެ ބާރުވެ ކުޑަ ތޫފާނެއް އަންނަން އުޅޭކަމުގެ ކޮޅުމަތި ދައްކާލައިފިއެވެ.

''އަޅޭ، އަވަހަށް ގެއަށް ދެވޭނެ ހެނެއް ވެސް ހިޔެއް ނުވޭ...'' މައުވާ ހާސްވާން ފެށީ ދިޔާނާ އައުމުގެ ކުރިން ގެއަށް ނުދެވިދާނެތީއެވެ. ''ދައްތައަށް އަހަރެން ގޭގައި ނެތްކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްތަ؟''

''ރިލޭކްސް... އިވީ މަބޮޑަށޭ ކަންތަކާ މެދު ތިވިސްނަނީ، ހުރިހާކަމެއްގައި ވެސް ނެގެޓިވްކޮށް ވިސްނަންޏާ އެއްވެސް ކަމެއް ރަގަޅަކަށް ނުވާނެ، ދޮންބެދައްތަ އައިނަމަ ތޫބާ ގުޅާނެއެއްނު، ދެން އިވީ ތިހާ ވަރުން ގެއަށް ދާން ބޭނުންވާނަމަ ވާރެއާ ތެމިގެން ވެސް ދެވިދާނެއެއްނު...'' މައުވާ ހިތްހަމަޖައްސާލަދޭން ޝިއާފް މަސައްކަތް ފެށި އެވެ.

''ވިލް ވެއިޓް...'' ވާރޭގައި ތެމިގެން ދާން މައުވާ ބޭނުމެއް ނުވިއެވެ.

ދިހަ މިނެޓަށް ދިގުދެމިގެން ދިޔަ ކެރީގެ ހަމަލާ ހުއްޓުމުގެ އަތަށް އެޅުމާއެކު ދެޒުވާނުން ރެސްޓޯރެންޓުން ނިކުންނަން ދިޔަ އެވެ. ތުނި ތުނިކޮށް ވެހެމުން ދިޔަ ވާރޭ ތެރޭން ދެޒުވާނުން މިސްރާބުޖެހީ މަގުގެ އަނެއް ފަރާތުގައި ޕާރކްކޮށްފައި ހުރި ސައިކަލާއި ދިމާއަށެވެ. ވާރޭގެ ސަބަބުން މަގުގައި ހިސާބަކަށް ހެދިފައިވާ ފެން އާރުތަކުން ރެކެމުން ދިޔަ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ލޮލަށް އެޅުނު އޮރެންޖް ކުލައިގެ އަލީގެ ސަބަބުންނެވެ.

ބާރު ދުވެލީގައި އައި ކާރުގެ އަލި ކައިރިވެގެން ދިޔައީ ދާދި މަގު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ޝިއާފަށް ކައިރީގައި ހުރި މައުވާ އަތުގެ މުލައްދަނޑީގައި ހިފާ ބާރަށް ދުރަށް ކޮއްޕާލެވުނެވެ. އެއާއެކު މައުވާގެ ބާރު ހަޅޭކުގެ އަޑު ވާރޭއާއެކުވެ ފަޒާގެ ތެރެއަށް ފެތުރިގެން ދިޔަ އެވެ. އެއާއެކުވެގެން ކާރުގެ ބޮނެޓްގައި އެއްޗެއް ޖެހުނު ބާރު ގަދަ އަޑުފަށްގަނޑު ވެސް އިވުނެވެ. ކާރުގެ ޓައިރުތައް ގާތަކުގެ މަތީގައި ގޭނިގެން ދިޔަ އަޑު ވެސް މެއެވެ. ހުރިހާ ކަމެއް ވެނިމުނީ އެކީ އެއްފަހަރާ އެވެ.

ކޮމެންޓް 0