ސާރާއަށް ހަމަހޭވެރިކަން ވިއިރު އޭނަގެ ދިރިއުޅުން އޮތީ އެފުށްމިފުށަށް ޖެހިފައެވެ. ލިބުނު ޒަހަމްތަކުގެ ސަބަބުން ދަރިފުޅު ސަލާމަތެއް ނުކުރެވުނެވެ. އެޚަބަރު ވެގެން ދިޔައީ ސާރާގެ ކަންފަތް ބުޑުގައި ގޮއްވާލެވުނު ބާރުގަދަ ބޮމަކަށެވެ. ބޮލުގައި އުފެދިފައިވާ ރިހުން އެކަމުން ދެގުނައަށް އިތުވެގެން ދިޔަ ފަދައެވެ. ލިބުނު ޝޮކުގެ ސަބަބުން އޭނައަށް ނޭވާލާން ވެސް އުނދަގޫ ވިއެވެ. ހިތުގެ ތެޅުން ވެސް ހިނދުކޮޅަކަށް މަޑު ޖެހުނު ކަހަލައެވެ. މުދިމަށް އަރާފައިވި ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ލޮލުގެ ކުޑަކޮޅުން ލާފައި ގޮސް ބާލީހުގެ ތެރެއަށް ހިނދެން ފެށިއެވެ. އެ މޫނުން ދިރުން ގެއްލިވިފައި ވިއިރު ހިތުގައި ޝަކުވާތައް ފުނިޖެހެން ފެށިއެވެ. އެހާދިސާ ލޯކުރިމަތިން ސިފަކުރެވޭ ކޮންމެ ފަހަރަކު ހިތުގެ ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ. އެއާއެކު އޭނަގެ ދިލަ ހިތަށް އެކަމުގެ ފަރުވާއެއްކަމުގައި ފެނުނީ ރުޅިވެރިކަމެވެ.

ސާރާއަށް އޭނަ ގާތުގައި އިން އިމްރާނަށް ބަލާލެވުނެވެ. އެމޫނުގައިވި އަސަރުތައް ދެނެގަތުމުގެ ބޭނުމުގައެވެ. އިމްރާނުއަށް ކުރެވުނު ކަންތަކުން މިހާރު ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަން ޔަޤީނެވެ. އެއުފާވެރިކަމުގައި މާލޭގެ ރައްޔިތުންނަށް އޭނަ ހަފްލާއެއް ވެސް ބާއްވާނެކަން ގައިމެވެ. ދަރިފުޅުގެ މަރުގެ ޒިންމާ ސާރާ އެޅުވީ އިމްރާނުގެ ބޮލުގައެވެ. އެކަމެއް އިމްރާނު ކުރީ ގަސްދުގައެވެ! އޭނަގެ ފަރާތުން ބަދަލު ހިފުމަށެވެ!

ސާރާ އޭނަގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ހިތުގައި ރުޅިވެރިކަން އުފެދެމުން ދިޔައިރު ލިބުނު ހިތާމަ އޭނައަށް ބަރުދާސްތު ކުރެވުނުކަމަކަށް ނުވިއެވެ. އަމިއްލަ ތަޤުދީރާ މެދު އޭނަ ޝަކުވާ ކުރިއެވެ. އޭނައަށް ލިބުނު ވަގުތީ އުފާވެރިކަން ރަހުމެއް ނެތްގޮތުގައި ފޭރިގަތުމުންނެވެ. އެކަމުގެ އިސް މޭސްތިރިޔެއްކަމުގައި އޭނަ ދެކުނީ އިމްރާނެވެ. އިމްރާނަށް އޭނަ ދުވަހަކު މަޢާފެއް ނުކުރާނެއެވެ.

ކަރުނަތައް ފޮހެ މީހާ ހަމައަކަށް އަޅުވަން ބޭނުން ވިޔަސް ސާރާއަށް އެކަމެއް ނުކުރެވުނެވެ. ސިޑިން ވެއްޓުނު ވަގުތު ކަނާއަތަށް އަރާފައިވާ ތަދުން އިނގިއްޔެއްގެ މިންވަރު ވެސް ހަރަކާތެއް ނުކުރެވުނެވެ. އަތް ހަރަކާތްކުރަން އުޅުމުން ހަށިގަނޑުގައި އަޅާ ވޭނެއްގެ ސަބަބުންނެވެ. ނަމަވެސް އެވޭން ވެސް މިހާރު އޭނަގެ ހިތުގައި އަޅަމުންދާ ވޭނަށް ވުރެ ހާސްބައި ރަގަޅު ވިއެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އޭނަގެ ހިތުން ބަނޑުގައިވި ދަރިފުޅަށް ވީ ހާއްސަ މަޤާމެއް ދެވިފައެވެ. އެދަރިފުޅުގެ ހަރަކާތްތަކުން އިމްރާނުގެ ފުށުން އޭނައަށް ލިބެމުން އައި ހިތްދަތިކަމަށް ފަރުވާއެއްކަމުގައި ވިއެވެ. ނަމަވެސް މިހާރު އޭނަ އެވަނީ އެއުފަލުން ވެސް މަހުރޫމުވެފައެވެ.

ސަލާމަތުން އޮތް އަތުން ސާރާ ކަރުނަތައް ފޮހެން އުޅުމާއެކު އިމްރާނު ސާރާގެ އަތުގައި ހިފެހެއްޓިއެވެ. އެއީ އައިވީ ގުޅާފައިވާ އަތަށް ވުމާއެކު އޭނައަށް ހީވީ ސާރާ އުޅުނީ އައިވީ ނައްޓަން ކަމަށެވެ. އެއާއެކު ސަރާ އިމްރާނާ ދިމާއަށް ދެލޯއަޅާލިއެވެ. އެދެލޯ ކަރުނުން ފުރިފައިވާ އިރު ނަފްރަތުގެ ދިލަ އާތްވެއް ބޭރުވަމުން ދިޔަ އެވެ. ކިތަންމެ ލޯތްބެއް ވިއެއްކަމަކު ހިތުގައި ވިންދުޖަހަމުން ދިޔަ ރުޅިވެރިމުން އެލޯތްބަށް ބާރުފޯރުވަން ފެށިއެވެ. މިއަދު ހިނގި ހުރިހާކަމަކަށް ފަހު އޭނަގެ ހިތުގެ ރާސްތާ ބަދަލުވި ކަހަލައެވެ.

''އިމްރާނު ބޭނުންވި ގޮތަށް ކަންތައް ވެއްޖެއެއްނު، ކީއްކުރަން މިތާ ތިއިންނަނީ؟، ދާންވީނު އުފާ ފާޅުކުރަން، އެދަރިފުޅުގެ ކޮން ކުށެއް އޮވެގެން އިމްރާނު އެގޮތަށް ކަންތައް ކުރީ؟، އަހަރެން ހިޔެއް ނުކުރަން އިމްރާނު ތިހާ ނުބައި މީހަކަށް ވެދާނެއޭ...'' ވާހަކަދައްކަމުން ގޮސް ސާރާގެ އަޑު ކުރެހުނެވެ. އޭނަ އިމްރާނުގެ މޫނަށް ބަލާލިއެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެފައިވާކަމުގެ ލިސާންތައް އެމޫނުމަތިން އޭނައަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނަ އެކަން ބަލައިގަތީ ދެއްކުންތެރިކަމުގެ ގޮތުގައެވެ.

އިމްރާނު ވާހަކައެއް ނުދެއްކިއެވެ. އޭގެ ސަބަބުން ސާރާ ވަކިން ބޮޑަށް އިމްރާނު ދެކެ ފޫހި ވިއެވެ. މޫނު އަނެއްފަރާތަށް އަނބުރާލަމުން އޭނަ ކަރުނަތަކާ ވަރުގަދަ ހަނގުރާމައެއް ކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުކުރެވުނެވެ. އޭނަގެ ތުންފަތް ފޫއަޅުވާލާފައި މަޑު އާހެއްގެ އަޑު ބޭރުވެގެނެް ދިޔައެވެ. އެއާއެކު އިމްރާނު ގޮވާލި އަޑު ސާރާއަށް އިވުނެވެ. ނަމަވެސް އޭނަ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އެތެރެހަށީގައި ވަކިހިއްޕަމުން ދިޔަ ވޭނުން އޭނަ ރޫޅިދާނެހެން ވެސް ހީވިއެވެ. މިހާ ބޮޑު ހިތްދަތިކަމެއް ލިބެން އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އުފާވެރި ހަޔާތަކަށް ހުވަފެން ދުށުން އެއީ ކުށެއް ހެއްޔެވެ؟

''ސާރާ، އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ އެއީ...'' އިމްރާނު ބުންޏެވެ.

''ކަލޭ ހަމަ ބޭނުންވެގެން ކުރިކަމެއް އެއީ، ކަލޭ މަސައްކަތްކުރީ އަހަރުމެން ދެމައިން މަރާކަށްނު، އެކަމު ކަލޭގެ މަގްސަދު ހާސިލެއް ނުވި...'' ސާރާއަށް ރޮވުނުކަމުގައި ވިޔަސް އޭނަ ހިތްވަރުކޮށްފައި ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.

ސާރާގެ އަމަލުތައް ހުރި ގޮތުން އިމްރާނު ގާތަށް ރުޅިއައެވެ. ނަމަވެސް އޭނަ އެކަން އަމަލަކުން ނުދެއްކިއެވެ. ކުރެވެމުން ދިޔަ ކުށްވެރިކަމުގެ އިހުސާސްތަކުންނެވެ. ފަހަރެއްގައި ވެސް މިފަދައިން ކަންތައް ވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ހޮސްޕިޓަލަށް ގެނެވުނު މަގުމަތީގައި ވެސް ހުރިހާކަމެއް ރަގަޅަށް ވުމަށް އެދި އޭނަ މާތްﷲއަށް ދުޢާ ކުރިއެވެ. އޭނަގެ ހިތުގައި ސާރާގެ ބަނޑުގައިވި އޭނަގެ ލެޔާ މެދު ކުލުނު އުފެދިގެން ދިޔައީ ވެސް އެވަގުތުކޮޅުގަ އެވެ. ނަމަވެސް ތަޤުދީރުގައި ލިޔެ ނިމިފައިވާ ކަމެއް އޭނައަށް ބަދަލުކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެެ؟ ދަރިފުޅުގެ މަރުގެ ޚަބަރު ލިބުމުން އޭނައަށް ވެސް ވަނީ އަސަރުކޮށްފައެވެ. ކުރެވުނު ކަންތަކުގެ ނަތީޖާ ނުކުމެފައިވާ ގޮތާ މެދު އޭނަ ހިތާމަ ކުރެއެވެ. ސާރާއަށް ވިސްނައިދެވޭތޯ ވެސް އުޅުނެވެ. އެހެނަސް ސާރާގެ ހާލަތުވީ މީހަކު ބުނާއެއްޗަކަށް ސަމާލުކަން ދެވޭ ހިސާބެއްގައެއް ނޫނެވެ.

*****

ދެހަފްތާއެއް ފަހުން ސާރާ ހޮސްޕިޓަލުން ދޫކޮށްލި އިރު އޭނައަށް ލިބުނު ޒަހަމްތަކަށް ވަނީ ލުޔެއް ލިބިފައެވެ. އެހެނަސް ހިތުގެ ހުސްކަމާއި ބުރަކަމަށް ލުޔެއް ނުލިބެއެވެ. ކޮޓަރިއަށް ވަދެވުމާއެކު އެތެރެހަށީގައި އުފެދިފައިވާ ޖަޒުބާތުތައް އޭނަ ބޭރުކުރަން ފެށިއެވެ. ކޮޓަރީގައިވާހާ އެއްޗަކަށް ހަސްކާ ބޭލުމަށްފަހު އޭނަ ކޮޓަރިން ނިކުތް އިރު ބޮޑުކޮޓަރީގައި އިން ޒިވްޔަން ފެނުމުން ވަކިން ރުޅިގަދަ ވިއެވެ. ޒިވްޔަންއަށް ދެލޯ އަޅާލީ ޒާތީ ހަސަދައެއް ފިލުވަން ބޭނުންވެފައިވާ މީހެއް ފަދައިންނެވެ. އިމްރާނު އޭނައަށް ދިން ވޭންތަކުގެ ބަދަލު ހިފާނެ ގޮތެއް އެވަގުތު ސާރާގެ ޚިޔާލަށް އަންނަން ފެށިއެވެ. ދަރިއަކު ބީވެގެން ދިއުމުގެ ހިތްދަތިކަން މިފަހަރު ރަގަޅަށް ވެސް އޭނަ އިމްރާނަށް އިހުސާސްކޮށްދޭނެއެވެ. އެވެސް ވޭންދެނިވި ގޮތަކަށެވެ.

ސާރާ ދުންޖަހާލާފައި ގޮސް ބަދިގެއަށް ވަދެ އައިސްއަލަމާރި ހުޅުވާލިއެވެ. އެވަގުތު ކާކޮޓަރީގައި އިން އިމްރާނު އެއްޗެއް ކާން އައުމަށް އެދި ސާރާއަށް ގޮވާލިއެވެ. ކުއްލިއަކަށް އިމްރާނު އޭނައަށް ރަގަޅުވުމުން ސާރާ ހުރީ ހައިރާން ވެފައެވެ. އޭނައާ އެއްފުރާޅެއްގެ ދަށުގައި ހުންނަން ބޭނުންނުވާ މިހާ މިހާރު އެދަނީ އޯގާތެރިކަމާއެކު އޭނައާ ވާހަކަ ދައްކަމުންނެވެ. އެއީ އޭނަގެ ހިތަށް އޮޅުވާލަން އިމްރާނު އަތުރަމުންދާ މަޅިފަށްޗެއް ހެއްޔެވެ؟ އެހެން ވެއްޖިއްޔާ އޭނަ އިމްރާނަށްވުރެ މާ ހުޝިޔާރު ވާނެއެވެ. އެކަން އަދިވެސް އިމްރާނަށް ނޭގެނީ ހެއްޔެެވެ؟

''ކޮންމެހެން އަހަރެން ކާތޯ ބަލާނެކަމެއް ނެތް، ކަލެއާއި ކަލޭގެ ދަރިއަށް ކެވުނީމަ އެވީއެއްނު... ބުނަން، ތިހާ ހިތްހެޔޮ މީހަކަށް ވާން މަސައްކަތްކުރާނެކަމެއް ނެތް، އަހަަރެން ކަލޭގެ ތި އޯގާތެރިކަމަށް ބޭނުންވި ދުވަހު ކަލޭ ހުރީ ކޮންތާކު؟، މިހާރު މަށަށް ރަގަޅީ ވެސް ކަލޭ މަށާ ވާހަކަ ނުދެއްކިއްޔާ...'' އައިސްފެންފުޅިއެއް ނަގަމުން އަތުގައި ހުރި ބާރަކާއެކު އައިސްލަމާރީގެ ދޮރުފަތް ލައްޕާލުމަށްފަހު ސާރާ ވާހަކަ ދެއްކިއެވެ. އޭނަގެ އަޑު ނުހަނު ބާރެވެ.

''ކިތައް ފަހަރު ބުނާނީ އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫނޭ... ދެންވެސް މީހާ އިސްލާހުވާން ވެއްޖެއެއްނު، ލިބުނު ފިލާވަޅުން ޢިބުރާތް ހާސިލުކުރަން ވެއްޖެއެއްނު، މީހާގެ ނުބައިކަމުން ހިނގިކަމެއް ހިނގީ ވެސް...'' އިމްރާނު ބުމަގޮށްޖަހާލަމުން ހަރުކަށި ރާގަކަށް ބުންޏެވެ.

''ހޫނނ، މަށަކީ މިދުނިޔޭގައި ހުރި އެންމެ ނުބައި މީހާ... މަށަށް ހުރިހާ ދެރަގޮތްތަކެއް ވެސް ވާން ޖެހޭނީ...'' ސާރާ ދަތްތަކަށް ބާރުލަމުން ބުނެލިއެވެ.

''އަޑުމަޑުކޮށްބަލަ!...'' ގޮނޑިން ފުންމައިގެން ތެދުވުނު އިމްރާނު ބާރަށް ބުނެލިއެވެ.

''ނުކުރާނަން، މިގޭގަ ދެން ހުރި މީހާއަށް ވެސް ކަލޭގެ ނުބައިކަން އެނގެން ޖެހޭނެ، އެވެސް ގަމާރެއް ނޫން ވިއްޔާ...'' ސާރާ އޭނަ ބުނަންވާ އެއްޗެއް ބުނުމަށްފަހު ދެފަޔަށް ލެވުނުހާ ބަރަކާއެކުގައި ގޮސް ކޮޓަރިއަށް ވަނެވެ. ސާރާ ދިޔަ ދިމާއަށް ބަލަން ހުރި އިމްރާނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނައަށް ދުވަހަކު ހަމަޖެހުމެއް ލިބެން ނެތީ ހެއްޔެވެ؟ ދިމާވަނީ ބޯފަޅައިގެންދާ ކަހަލަ ކަންތައްތަކެވެ. ކުށްވެރިކުރަންވީ އަމިއްލަ ނަފުސުކަމެއް ނުވަތަ ސާރާކަމެއް އޭނައަކަށް ނޭގުނެވެ. ޔަޤީނުން ވެސް ސާރާ އޭނައާ ހެދި ދީވާނާވެ ހައްދުން ނައްޓަން މެދުވެރިވީ ކޮންމެވެސް ގޮތަކުން އޭނައަށް އިޝާރާތެއް ދެވުމުންނެވެ. އެކަންތައް ބަދަލުކުރެވޭނެ ނަމަ ހާދަ ރަގަޅުވީސް ހެއްޔެވެ؟ އޭރުން މިހަމަނުޖެހުމާއި ހާސްކަމުގެ ތެރޭގައި އުޅޭކަށް ނުޖެހުނީހެވެ. ޒިވްޔަން ވެސް މި ފުންމިން ނެގޭ އަނދަވަޅުގެ ތެރެއަށް ވެއްޓި ހަނާވާކަށް ނުޖެހުނީހެވެ.

*****

ފިނިފެނުން އަރުތެރެ ތެންމާލަމުން ސާރާ ގޮސް އެނދުގައި އިށީނެވެ. ފެނުގެ ސަބަބުން އެތެރެހަށްޓަށް ވަގުތީ ފިނިކަމެއް ގެނެސްދިނެވެ. ދިގު ނޭވާއެއް ދޫކޮށްލުމަށްފަހު ފެންފުޅި ގެނެސް ނިއްކުރީގައި ޖައްސާލަމުން ސާރާ ދެލޯ މަރާލިއެވެ.

''އިމްރާނަށް އަހަރެން މިހާރު އުފަލަމުން މިދާ ވޭން އަހަރެން އިހުސާސްކޮށްދޭނަން، އެޒިވްޔަން މަރަށް ތެޅޭވަރު ކޮށްފަ އަހަރެން ދޫކުރާނީ، އޭރުން އަހަންނާ މެދު ކަންތައް ކުރެވުނީ ކިހިނެއްކަން އިމްރާނަށް ވިސްނޭނެ...'' ސާރާގެ ދިލަ ހިތަށް ތަސައްލީއެއް ހޯދައިދިނުމަށް އޭނަގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ.

''އައި ވިލް ނޮޓް ސްޕެއާރ ހިމް، އޭނައަށް ލިބޭ ވޭންތަކުން އަހަންނަށް ދެން ހަމަޖެހުމެއް ލިބޭނީ...''

ކުއްލިއަކަށް އެނދުން ތެދުވަމުން ސާރާ ދެކޮޅަށް ހިނގަން ފެށިއެވެ. ހިނގަމުން ދިޔަ ވަރަކަށް އޭނަގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކަށް ބަދަލު އަންނަން ފެށިއެވެ. އެތައް އިރުގެ ވިސްނުންތަކަށް ފަހު އޭނަ ހިތްހަމަޖެހޭވަރުގެ ރޭވުމެއް ބިނާކުރެވޭ ވަރު ވިއެވެ. ދުވަސްގަނޑަކަށް ފަހު އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލަން ފެށީ ދެނެވެ.

''ދުވަސްކޮޅަކަށް ފަހު މިކަމާއިގެން އުޅޭނީ...'' އިމްރާނަށް ޝައްކެއް ނުވާނެ ފަދައިން ސިއްރު ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކާ މެދު ސާރާ ފިކުރު ހިންގާލިއެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް ޖެހޭނީ ޝިނާހް އޭނަގެ ބާރުގެ ދަށަށް ގެންނާށެވެ. އެކަން ވެސް ފުރިހަމަ ކަމާއެކު ނިންމާލެވޭނެ ގޮތެއް އޭނަގެ ޚިޔާލަށް އައެވެ. ގިނަ އިރު ވިސްނާލުމުން އިހުނަށްވުރެ އޭނަގެ ރޭވުމާ މެދު ސާރާ ހިތްހަމަޖެހުނެވެ.

''އިމްރާނު... ޔޫ ވިލް ރިގްރެޓް ވަޓް ޔޫ ޑިޑް ޓު މީ...'' ސާރާ ހިތާހިތުން ބުނެލިއެވެ.

*****

ހަމަސް ފާއިތުވެގެން ދިޔައީ އެއްވެސް ކަހަލަ މައްސަލައެއް ނުޖެހި އޮމާންކަމާއެކުގައެވެ. ވަރުގަދަ ތޫފާނެއް އައުމުގެ ކުރިން ވެރިވެގެންދާ އަމާންކަމާއި ހިމޭންކަން ފަދައިންނެވެ. އެއިން ކޮންމެ ދުވަހަކީ ސާރާގެ ރޭވުމަށް އަމަލީ މަސައްކަތް ގެނައުމަށް ލިބުނު ފުރުސަތަކަށް ވިއެވެ. ޝިނާހްއާ އޭނަ އެކުވެރިކަން ބަދަހިކުރަމުން ގޮސް ނުބައި އިޝާރާތްތަކެއް ވެސް ދޭން ފެށިއެވެ. ޝިނާހް ފެންނަ ހިސާބުގައި ނަލަހެދިލައިގެން ހުރުމާއި ފަރި ދެއްކުމެވެ. ފިރިހެނުންގެ ހިއްސުތަކާއި ކުޅެލަން ސާރާ ވަރަށް ވެސް ކުޅަދާނެއެވެ. ޕަރުވާނާތައް ހުޅުކޮޅުގެ އައްޔަށް ދެވިހިފައި ކައިރިއަށް އަންނަ އުސޫލުން ލަސްލަހުން އޭނަގެ ރީތިކަމުގެ އަވާގައި ޝާނިހް ޖެއްސުމުގައި ސާރާއަށް ކުރި އެރުން ލިބުނެވެ.

ދުވަހަކީ ވިއްސާރަ ވިލާތަކުން އުޑުމަތި ބައްދާލާފައި އޮތް ދުވަހެކެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގެ ޒޫން އަޑުފަށްގަނޑު އެއްއަޑަކަށް ފަޒާގައި ގުގުމާލާފައި އޮތެވެ. ބަނަކުރަމުން ދިޔަ ވިލާތަކުގެ ފުރަތަމަ ހަމަލާ އަމާޒުވެގެން ދިޔައީ ހަވީރުވާން ކައިރިވެފައި ވަނިކޮށެވެ. އެތައް މިލިއަން ފެންތިކިތައް ފައިބައިގެން ދިޔަ އަޑު ފުރަތަމަ އިވެން ފެށީ ނާމާން ކަމާއެކުގައެވެ. ނަމަވެސް ވަގުތާއެކު ވާރޭގެ ލުއި ނާނާގެ އަޑަށް ކަންފަތް ހޭނެން ފެށިއެވެ.

ސާރާ އިންތިޒާރުކުރަމުން ދިޔައީ ޝާނިހް ނިމޭނެ ވަގުތަކެވެ. ޒިވްޔަންއާއި ވަދާއުގެ ސަލާމްކޮށްލި ޝާހިން ފެނުމުން ސާރާ އޭނަގެ ފޯނުން ގަޑި ބަލާލިއެވެ. އިމްރާނު އޮފީހުން އަންނަން ވަގުތުކޮޅެއް އެބައޮތެވެ. އެހާއިރު ތެރޭ އޭނަ ދޫކޮށްލާ ތީރު އަމާޒަށް ވާސިލުވާނެއެވެ.

ޒިވްޔަން އޭނަގެ ކޮޓަރިއަށް ވަނުމާއެކު ސާރާ ގޮސް ގޭގެ މައިދޮރާއި އަރާހަމަކުރިއެވެ. އޭރު ޝާނިހް ހުރީ ގޭގެ ޕޯޓިކޯގައި ފޯނެއްގައެވެ. ލުއި ފިޔަވަޅުތަކެއް އަޅަމުން ގޮސް ޝާނިހް ގާތަށް ސާރާ ހުއްޓުނެވެ. ނޭފަތުގައި ޖެހުނު ލުއި މީރުވަހާއެކު ޝާނިހް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ފުޅާ ހިނިތުންވުމަކާއެކު ސާރާ ޝާނިހާއި ކުރިއަށް ވުރެ ގާތް ވެލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. ސާރާގެ އެއަމަލުން ޝާނިހަށް ފުރަތަމަ ކޮޅު އުނދަގޫ ވިއެވެ. ނަމަވެސް ހަވާނަފުސުގެ ދަލުގައި އޭނަ ހައްޔަރުވުމާއެކު އެހުރިހާ ކަމަކަށް ހިތުން ރުހުމުން އިޖާބަ ދެވުނެވެ.

*****

ހަށިގަނޑަށް މަރުހަބާ ކިޔާލި ބީހުންތަކުގެ އަވާގައި ޝާނިހް ރަގަޅަށް ވެސް ހައްޔަރު ވިއެވެ. އެކަމަށް އޭނައަށް އެދެވެން ފެށުނެވެ. ގޯސްކަމެއްކަން އެނގޭ އިރު ވެސް މެއެވެ. ނަމަވެސް ސާރާ އެހާ ހާމަކަން ބޮޑު ގޮތެއްގައި ދައުވަތު ދިނުމުން ދެކޮޅު ހަދާކަށް ވެސް ނުކެރުނެވެ. އަނެއްކޮޅުން ސާރާ އޭނަ ގާތު ބުނެފައިވާ ގޮތުން ސާރާއަށް އިމްރާނުގެ ފަރާތުން އަޅާލުމެއް ނުލިބެއެވެ. އޭނަ ހޭދަކުރަމުން ދަނީ އެކަނިވެރި ހިތްދަތި ދިރިއުޅުމެކެވެ. އެކަމުގެ ސަބަބުން އޭނަގެ ހިތް ސާރާގެ ގޮވުންތަކަށް އިޖާބަ ދިނެވެ. ސާރާގެ އެކަަނިވެރިކަމަށް ނިމުމެއް ގެނައުމަށެވެ. ގޮސްގެން ނުވާނެ ހިސާބަށް ނަފުސު ބެހިގެން ދިޔައިރު އޭނަ ހުރީ ރަގަޅަށް ވެސް ސާރާގެ މުށުތެރޭ ކަސްތޮޅު އެޅި ހައްޔަރު ވެފައެވެ.

''އަހަރެން ކަމަކު އެދެފިއްޔާ އެކަން ކޮށްދޭނަންތަ؟...'' ހަށިގަނޑަށް ހެދުންތައް މަހަމުން ދިޔަ ޝާނިހާ ސާރާ ވާހަކަ ދެއްކިއެވެ. އޭނަ ވެސް އެނދުން ތެދުވަމުން އުކާލެވިފައިވާ އޭނަގެ އަންނައުނުތައް ނަގަން ފެށިއެވެ.

''އެނީތިންގް ފޯރ ޔޫ...'' ޖިންސު ހިމަށް ހެޔޮވަރުވާވަރަށް ބެލްޓު ބާރުކޮށްލަމުން ޝާހިން ބުނެލިއެވެ.

''ވަރަށް ބޮޑު ކަމެއް އެއީ...'' ސާރާ ބުނެލިއެވެ.

''ބުނީމައެއްނު ކޮށްދެވެނީ ވެސް...'' ގަމީހުގެ ގޮށްތައް އަޅުވަމުން އައިސް ސާރާގެ ފުރަގަހަށް ހުއްޓި ހުރެ ޝާނިހް ވާހަކަ ދެއްކިއެވެ. އޭނަ ސާރާއަށް ހެދުންތައް ލުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ.

''އަހަރެން ބޭނުންވަނީ އިމްރާނަށް ލެސަންެއެއް ދޭން، އޭނަ އަހަންނާ މެދު ކަންތައް ކުރާ ގޮތުގެ ބަދަލު ހިފަން، އެކަން ފުރިހަމަ ކުރެވެން އޮތީ އިމްރާނު ލޯބިވާ ހަމައެކަނި ފަރާތަށް ގެއްލުން ދީގެން... އެކަން ވާން އޮތީ ހަމައެކަނި ޝާންއަށް...'' ޝާނިހްގެ ކަނދުރާގައި އަތް އަޅަވާލަމުން ޝާނިހާ ހަތަރުކަޅި ހަމަކޮށްލަމުން ސާރާ ވާހަކަދެއްކިއެވެ.

''ވަޓް؟...'' ޝާނިހަށް ސާރާ ބުނި އެއްޗެއް ނަގައެއް ނުގަނެވުނެވެ.

''މިކަމުން ސަލާމަތްވި އަވަހަކަށް އަހަރެން ޝާންގެ މީހަކަށް ވާނީ، އައި ލަވް ޔޫ ސޯ މަޗް ބޭބީ، ބުނެބަލަ އަހަރެން މިބުނާ ކަންތައް ކޮށްދޭނަމޭ...'' ސާރާ ބުނެލިއެވެ. ''އަހަރެން ބޭނުމީ ޒިވްޔަން މޮޔަކުރަން، އޭނައަށް ވޭނާއި ކެކުޅުންތައް ލިބޭނެ ގޮތެއް ހަދަން، އިމްރާނަށް އެކަމުން އަސަރުކުރާތަން ބަލަން، އަހަންނަށް އެނގޭ ޝާންއަށް މިކަން ކުރެވޭނެކަން، ޕްލީޒް އާނ އެކޭ ބުނެބަލަ...''

ސާރާގެ ޖުމްލައިން ޝާނިހަށް ހައިރާންކަމެއް ލިބުނެވެ. އޭނައަށް ސާރާގެ މޫނަށް ބަލަން ހުރެވުނީއެވެ.

''އަހަރެން ވަރަށް ލޯބިވޭ ޝާން ދެކެ، އަހަރެން ބޭނުން ޝާންއާ މެރީ ކުރަން ވެސް... އެކަމަކު އޭގެ ކުރިން މިކަންތައް ކުރަން އަހަރެން ބޭނުން... ޝާން... ތިހެން ނުހުރެ ޖަވާބެއް ދީބަލަ...'' ސާރާ އެދުނެވެ.

''ތީ ވަރަށް ރިސްކީ ކަމެއް، ފަޅާ އަރައިފިއްޔާ އަހަރެންގެ ލައިސެންސް ވެސް ކެންސަލް ވާނެ...'' ޝާނިހް ވިސްނާލަމުން ބުންޏެވެ.

''މުޅި އުމުރުދުވަހު އުފަލުގައި އުޅޭވޭނެ ވަރަށް އަހަރެން އަތުގަ ފައިސާ އެބަހުއްޓޭ...'' ސާރާ ހުރީ ޝާނިހްގެ ވާހަކަތަކުން ހިތްހަމަނުޖެހިފައެވެ. އޭނަ ޝާނިހާ ދުރަށް ހިނގައިގަތެވެ.

''ރުޅި ނާދެބަލަ، ސާރާ ބޭނުންވާނަމަ ތިކަން ވެސް ކޮށްދޭނަން، އެކަމަކު ޓަސްލާފަ ހުރިހާކަމެއް ނުވާނެ، ތިކަމަށް ވަގުތު ބޭނުން ވާނެ... ވަސީލަތްތައް ވެސް ބޭނުންވަޭނެ...'' ޝާހިން ބުނެދިނެވެ.

''ވަރިހަމަ ވަގުތު ނެގިޔަސް، އައި ޖަސްޓް ވޯންޓް ހިމް ޓު ސަފާރ...'' ސާރާ ބުނެލިއެވެ.

ޝާނިހްގެ ޖަވާބުން ސާރާ ހުރީ އުފާވެފައެވެ. މިއިން ޒަމާނެއްގައި ވެސް އެމޫނުން ނުފެންނަ ފަދަ ވިދުމެއް ފާޅުވަމުން ދިޔަ އެވެ. ހަޤީޤީ ހިތްހަމަޖެހުން ހާސިލު ކުރެވެން ދެން އޮތީ ވަރަށް ވެސް ކުރު އިންތިޒާރެކެވެ. އޭރު އޭނައަށް ޝާނިހުގެ ފަރާތުން ލިބެމުން އައި އަޅާލުމައި، ލޯތްބާއި އޯގާތެރިކަމުން އިމްރާނަށް އެހިތުން ދެވިފައިވި މަޤާމު ވަނީ ޝާނިހަށް ހިބައި ދެެވި ނިމިފައެވެ.

*****

ފުރަތަމަ ތީރު ސާރާ ދޫކޮށްލީ ބޭހުގެ ޒަރިއްޔާ އިންނެވެ. ޒިވްޔަންގެ ބޭސްތައް އޮޅުވާލީ ޝާނިހްގެ މަޝްވަރާގެ މަތިންނެވެ. އެބޭސްތައް ފުރަތަމަ ޒިވްޔަން ބޭނުން ކުރި ދުވަހު ގަޑިއެއްހާ އިރު ތެރޭ ނޭވާ ނުލެވިގެން ޒިވްޔަން އުޅުނުތަން ފެނި ސާރާގެ ހިތަށް ލިބުނު ފިނިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެ އެވެ. ސާފު ވައިކޮޅަކަށް އެދި ޒިވްޔަން ބިންމައްޗަށް ވެއްޓި ތެޅިފޮޅުނު ހިނދު އޭނަގެ ނަފުސު އުފަލުން ނެށިއެވެ. ޒިވްޔަންގެ ދެލޯ މުދިމަށް އެރި ވަގުތު އޭނަގެ ދެލޮލުން އުފާވެރިކަމުގެ ޖޯޝު ފާޅުވިއެވެ. އެގަދަފަދަ ވޭނުގައި އުޅުމަށްފަހު ޒިވްޔަންގެ ޚަބަރުހުސްވީ ވެސް ސާރާގެ ލޯކުރިމަތީގަ އެވެ. އެއީ އިމްރާނު ގޭގައި ނެތް ވަގުތެއް ކަމުން އޭނައަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވިއެވެ.

ޒިވްޔަންއަށް ގަދަކަމުން ބޭސް ދޭން ދެ ބޭރު ފިރިހެނުން ގެނައީ ގޭގަ މަސައްކަތްކުރުމަށާއި ކާރު ދުއްވާނެ މީހަކު ނެތްތަކަމުގެ ބަހަނާ އިމްރާނަށް ދެއްކުމަށް ފަހުގަ އެވެ. އޭރު އޮފީހުގެ ޕްރޮޖެކްެޓެއްގައި އިމްރާނުވީ ރާއްޖެއިން ބޭރުގައެވެ. އެވެސް ސާރާގެ މޮޅު ކަމެވެ. އިމްރާނަށް ގޭތެރޭގައި ހިނގާ ކަމެއްގެ ހިލަން މިވަގުތު ވާން ބޭނުން ނުވާތީއެވެ. ހުރިހާކަމެއް ހާމަ ކުރަން އޭނަ ބޭނުންވީ ޒިވްޔަން ގޯހުން ގޯހަށްދާ ހިސާބުންނެވެ. އޭރުން އިމްރާނަށް ކުރެވޭނެ ކަމެއް ވެސް ނޯންނާނެތީއެވެ.

ދެވޭ ބޭސްތަކުން ޒިވްޔަންގެ ނޭވޭ ކުރުވު ބޮލުގައި ތޫނު ރިހުމެއް އަބަދު ހަރުލާފައި ހުންނަން ފެށިއެވެ. ވަށާގައިގެން ވާ މާހައުލު އޭނައަށް ކެހިދޭފަދަ އިހުސާސެއް ކުރެވެން ފެށިއެވެ. އެކަނިވާ ވަގުތު ސިހުމާއި ހިތަށް ބިރުވެރިކަން ވެރިވުން އާންމުކަމަކަށް ވިއެވެ. ގޮތް ނޭގޭ ބިލާހުތައް ހަޤީޤަތަކަށް ވެ އޭނައަށް އިތުރަށް ވޭން ދިނެވެ. ދެލޯމަރާ ކޮންމެ ހިނދަކު ފެންނަނީ ބިރުވެރިކަމެވެ. އޭގެއިތުރުން ބޭސްނުކަން ގަދަ ހަދާ ކޮންމެ އިރަކީ ހަށިގަނޑަށް އިތުރު ވޭންތައް ލިބޭ ކަމަށް ވިއެވެ. އަރުތެރެއިން އެދާ ބޭހާއެކީ އޭނަގެ ހަށިގަނޑަށް އެއަންނަ ލޮޅުމާއެކު މީހާ މަރަށް ތެޅެން ފަށައެވެ. އެއިން ކޮންމެ ފަހަރަކު އޭނަގެ ލޮލަށް ސިފަވަނީ ސާރާގެ ހިނިތުންވުންތަކެވެ. އޭނައަށް އިހްތިޔާރުން ބޭރުގައި އެވޭނުން ސަލާމަތްކޮށްދިނުމަށް އެދި ގޮވެއެވެ.

''ކަލޭ ތީ ބޭކާރު މީހެއް، މައިމީހާއަށް ބުރައަކަށް ވެގެން އެއްލާލާފަ ދިޔައީ، ބަފައިމީހާ ވެސް ކަަލެއަށް އަޅެއް ނުލާ، އެންމެ ކުޑަމިނުން ކަލޭ ހާލު ބަލައިލަން ވެސް އޭނަ ނާދޭ، ތި ބޭކާރު އެއްޗަށް ޖެެހޭނީ ތިކަމުގައި ހަފުސްވާން، ބަލައްޗޭ!!!...'' ސާރާގެ ވިހަގަދަ ލަފުޒުތައް ޒިވްޔަންގެ ކަންފަތުގައި ހަރުލާފައި ވިއެވެ. ކަންފަތުގައި އަތް އެޅިއަސް އެކަމެއް ބަދަލެއް ނުވެއެވެ. އެއަޑު އިތުރަށް ގަދަވުން ނޫންކަމެއް ވެސް ނުވެއެވެ. އޭނަގެ ހޭ ހުސްވެގެން މެނުވީ ގިނަ ފަހަރު ސިކުނޑިއަށް އަރާމެއް ނުލިބެ އެވެ.

*****

އެއްމަސް ފަސް......

މިފަދަ ހާލެއްގައި ޒިވްޔަން އުޅެމުން ދަނިކޮށް އިމްރާނަށް ޒިވްޔަންގެ އާދަޔާ ޚިލާފު ކަންތައް ފާހަކަ ކުރެވެން ފެށުނެވެ. ލޯކައިރީގައި ލެވެމުން ދިޔަ ކަޅު ފަށަލައާއި ހިކިއަނަރޫފަވަމުން ދިޔަ ހަށިގަނޑެވެ. އެއްދިމާއަކަށް އެތައް އިރެއް ވަންދެން ބަލަހައްޓައިގެން ހުރުމެވެ. ވާހަކަދެއްކިޔަސް ޖަވާބެއް ނުދިނުމެވެ. އެކަންތަކާ ހުރެ އޭނަގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ޒިވްޔަންއަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރުދޭން ފެށިއެވެ. ކަންތައް ގޯސްވެ އާންމުންގެ ތެރެއަށް ޒިވްޔަން ނުކުމެ އުޅުން ރައްކާތެރިކަމަށް ނުފެންނާތީ އެންމެ ފަހުން ޖެހުނީ ސްކޫލުން ވަކިކޮށް ގޭގައި ބަހައްޓާށެވެ. ސްކޫލް ކުއްޖަކާ އެކު މާރާމާރީއެއް ހިނގައި އެކުއްޖާއަށް ދިން އަނިޔާ ތަކުގެ ސަބަބުންނެވެ.

އިމްރާނުގެ ހިތުގައި ސާރާއާ މެދު ޝައްކު އުފެދެން ފެށިއެވެ. ނަމަވެސް ސާރާގެ މޫނުން ފެންނަ ކަންބޮޑުވުމާއި، މާޔޫސްކަމުން އެއީ އަނެއްކާ ރަގަޅު ޝައްކެއް ބާވައޭ އޭނަގެ ހިތަށް އެރިއެވެ. ސާރާ އޭނައަށް ބިރު ދެއްކިޔަސް ޒިވްޔަންއަށް ހަޤީޤަތުގައި ވެސް ގެއްލުމެއް ދީފާނެކަމަކަށް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. ސާރާ އެއީ އެހާ ހިތްނުބައި މީހެއް ނޫނެވެ. މިވީހާ ތަނަށް ސާރާގެ ފަރާތުން އޭނައަށް ފެނިފައިވީ ޒިވްޔަންއަށް އަޅާލާތަނެވެ. ލޯބި ދޭތަނެވެ. މިކަންތަކާ ހުރެ ހޮޔެނުބައި ދެނެގަންނަން އޭނައަށް އުނދަގޫ ވިއެވެ.

ޝާނިހާއި އިމްރާނު ބައްދަލުކުރުމުން އެނގުނު ގޮތުގައި އެއީ ޒިވްޔަން ފަދަ ހާލަތްތައް ދިމާވާ ބަލިމީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ. އެކަމަށް ފަރުވާ ކުރެވޭނެ ކަމަށް ޝާހިން ބުންޏެވެ. އެހެނަސް އަލިމަގެއް ފެނުނުން އެއީ ނާދިރުކަމެއް ކަމުގައި ވެސް ބުނެދިނެވެ. އެޚަބަރާއެކު އާމިރުގެ ހިތް ހުއްޓޭވަރު ވިއެވެ. އޭނަ އަވަސްވެގަތީ ބޭރުން ވިޔަސް ޒިވްޔަންއަށް އެކަށީގެންވާ ފަރުވާ ދިނުމަށެވެ. ނަމަވެސް ޝާނިހް އެކަމާ ދެކޮޅު ހަދަމުން ބުނީ ޒިވްޔަންއަށް ފަރުވާކުރުމުގައި ފަސޭހަވާނީ އޭނަގެ ކަންތައް ދަންނަ މީހަކަށް ކަމަށެވެ. އެހެނިހެން ޑޮކްޓަރުންނާ ޒިވްޔަންއާ އެކުވެރިކަން ނޯންނާނެތީ ފަރުވާ ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވެދާނެތީއެވެ. އޭގެ ސަބަބުން ފަރުވާ ލިބުމުގައި އިތުރު ލަސްތަކެއް ކުރިމަތިވެ ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ. ޝާނިހަށް ކުރެވޭ އިތުބާރެއްގެ ސަބަބުން އާމިރު އެކަމާ އެއްބަސް ވިއެވެ. އޭރު ހެދުނީ ކިހާ ބޮޑު ގޯހެއްކަމާމެދު އޭނައަށް ފިކުރުހިންގާނުލެވުނެވެ.

ކޮމެންޓް 0