ފެރީގައި އިންދާ މައުވާއަށް އަސްމާ ގުޅިއެވެ. އަދި އެތައް ވާހަކައެއް ދެއްކިއެވެ. ނަސޭހަތް ދިނެވެ. ދިޔާނާގެ ބަސްއަހައިގެން އުޅުމަށާއި ކިޔެވުމަށް ފަރުވާތެރި ވުމަށެވެ. ރޭގަނޑު ގަޑީގައި ބޭރަށް ނުނިކުތުމަށެވެ. ރަގަޅު އެކުވެރިން އިހްތިޔާރު ކުރުމަށެވެ. ކެއުން ބުއިމަށް ސަމާލުކަން ދިނުމަށެވެ. މައުވާ މަންމަގެ ހުރިހާ ޝަރުތުތަކަށް ރުހި ޤަބޫލު ވިއެވެ. މަންމަގެ ވާހަތަކުން ފެށި ފޯންކޯލް މައުވާއަށް ނިންމާލަން ޖެހުނީ ބައްޕަގެ ނަސޭހަތްތަކާ އެކުގައި ވެސް މެއެވެ.

****

ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން ޓެކްސީއެއް ހޯދުން ވީ މުސްތަހީލު ކަމަކަށެވެ. ސެންޓަރަށް ގުޅުމުން ވެސް ފޯނެއް ނަގަނީކީ ނޫނެވެ. ދިޔާނާ ނާއުއްމީދު ވެފައި ހުރެ ވެސް އަދި އެއްފަހަރު ސެންޓަރުގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އޭރު ހުސޭން މަގުމަތިން ޓެކްސީއެއް ލިބޭތޯ ބަލަމުން ދިޔައެވެ.

މައުވާ ހުރީ ނުކިޔަމަންތެރިކަން އެކުލެވިގެންވާ ބާނީތަކުން ހަލަބޮލި ކަން ގެނެސްދީފައިވާ މޫދަށް ބަލަހައްޓައިގެންނެވެ. ރާޅުތައް އައިސް ތޮށިގަނޑަށް ބީއްސާލާ އަޑު ވާރޭގެ ލުއި އަޑުގެ ތެރެއަށް ވިރިގެން ދަނީ ހިތްގައިމުކަމާއެކުގައެވެ. ތެތްފިނިކަން އެކުލެވިގެންވާ ރޯޅިތަކުން ގައިން އިރުއިރުކޮޅާ ހީބިހި ނަގައިގެން ދެއެވެ. ކާރީގައި ހުރި ތޫބާ ދައްކަމުން ދިޔަ ވާހަކަތަކަށް މައުވާގެ ސަމާލުކަން ދެވުނީ ތޫބާ އޭނަގެ އަތުގައި ހިފާލާފައި ތަޅުވާލުމުންނެވެ. ސިހިގެން ދިޔަ މައުވާ ތޫބާއަށް އަވަސް ނަޒަރެއް ދިނެވެ.

''ކޯޗެއްތަ ތިހާވަރުން މޫދުން ތި ހޯދަނީ؟ އޯޝަން ކިންގް އިވީ ބަލާ އަންނަނީތަ އަނެއްކާ؟...'' ސަމާސާ ރާގަކަށް ތޫބާ ބުނެލިއެވެ. އެވަގުތު ހުސޭން ގޮވާލިއަޑަށް ދެކުދިންނަށް ވެސް އެކީއެއްފަހަރާ އެދިމާއަށް ބަލާލެވުނެވެ.

''އާދޭ އަވަހަށް...'' ހުސޭން ބުނެލިއެވެ.

''ނަސީބެއް ކާރެއް ލިބުނުކަން، ދަރިފުޅުމެން ދޭބަލަ އަވަހަށް ކާރަށް އަރަން...'' ދިޔާނާ އަވަސް އަވަހަށް ބުނެލިއެވެ. އޭނަގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނެއެވެ.

ތޫބާގެ ފަހަތުން ގޮސް މައުވާ ކާރަށް އެރިއެވެ. ހުސޭން އަވަސްވެގަތީ ފޮށިތައް ކާރަށް އެރުވުމަށެވެ. އޭނައަށް އެކަމުގައި އެހީވެ ދިނުމުގައި ޑްރައިވަރު ވެސް އުޅުނެވެ.

ކާރުގެ ލޫވާރގައި ބޮސްދީފައި ހަލުވިކަމާއެކު ފައިބައިގެންދާ ފެންތިކިތަކަށް ނަޒަރު ހުއްޓާލައިގެން މައުވާ އިންއިރު ފަސްވަމުން ދިޔަ އުސްއިމާރާތްތަކަށް ވެސް އޭނަގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން މަގުތައް ވެސް ވަނީ ހިސާބަކަށް ފަޅުވެފައެވެ. ފަސްވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު ކާރު ގޮސް މަޑުކޮށްލީ އާފަލުކުލައިން ޖަރީކޮށްފައިވާ ދިހަ ބުރީގެ އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ދިޔާނާމެންގެ ފަހަތުން ފޭބި މައުވާ އެއިމާރާތަށް ފުން ނަޒަރެއް ދިނެވެ. ބޭރުން ބަލާއިރުވެސް ޒަމާނީ ކުލަވަރު ފެންނަން ހުއްޓެވެ. އިމާރާތުގެ އެތެރެއަށް ވަދެވޭ ޒަމާނީ ދޮރުގެ އަރިމަތީގައި ރަން އަކުރުން ''ހ.ފޯލް'' ލިޔެފައި އިނެވެ.

އެކިދިމަދިމާއަށް ނަޒަރު އުކަމުން ދިޔަ މައުވާގެ ސަމާލުކަން ހުއްޓިގެން ދިޔައީ ޕޭވްމަންޓް ކައިރިއަށް މަޑުކޮށްލި ސައިކަލުން ފޭބި ޒުވާނާ ފެނުމުންނެވެ. އިސްކޮޅުން މެދުމިންވެފައި ލިބިފައިވަނީ އިސްކޮޅަށް ފެތޭ ވަރުގެ ފުރިހަމަ ހަށިގަނޑެކެވެ. ތޫނުފިލިކަން އެކުލެވިގެންވާ މޫނުމަތިން ރަމްޒުކޮށްދެނީ ހިތްހެޔޮކަމެވެ. ނޫކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއްގައި ހުރިއިރު އޭނަ އެއައީ ދެންމެ އޮފީސް ނިންމާލާފައިކަން އެނގެއެވެ. ވާރޭގެ ސަބަބުން ގަމީހުގެ ބޮނޑުބައެއް ވަނީ ތެމި ހަށިގަނޑަށް ހިފާލާފައެވެ. ކަރުގައި އޮތް ޓައީއަށް ދޫކޮށްލަމުން ޒުވާނާ މައުވާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މައުވާއަށް ރައްދުގައި ހިނިތުންވެލަން ވެސް ނޭގުނެވެ. އޭނަ ހުރީ ހިރިލަން ވެސް ނުކެރިފައެވެ. ކުއްލިޔަކަށް އޭޭނައަށް އައި ބަދަލުތަކާ މެދު ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެގެން ގޮސްފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟

''ހާދަ ރަގަޅު ގަޑިއަކަށޭ ޝިއާފް ތިއައީ، ނިކަން ދޮންބެއަށް އެހީވެ ދީބަލަ މި ފޮށިތައް އެތެރެއަށް ވައްދަން...''

މައުވާއަށް ހަަމަހޭވެރިކަން ވެގެން ދިޔައީ ދިޔާނާގެ އަޑަށެވެ. ފީނަމުން ދިޔަ ގޮތް ނޭގޭ ޖަޒުބާތުތަކުގެ ތެރެއިން ނުކުމެވުނު އިރު ތޫބާގެ ދެލޯ އޭނައަށް އަމާޒުވެފައިވާތަން ފެނުނެވެ. އެދެލޮލުން ކޮންމެވެސް ސިއްރެއް ހޯދަން އުޅޭކަހަލައެވެ. މައުވާ ކަންބޮޑުވީ ދެނެވެ. އޭނައަށް ދެންމެ އެއައި ބަދަލުތައް ތޫބާއަށް ފާހަގަ ކުރެވުނީ ހެއްޔެވެ؟

އޭރު މައުވާގެ ހިތުގައި އުފަންވެގެން ދިޔަ ސުވާލަކީ ދިޔާނާއާއި އެޒުވާނާއާ ދެމެދު އޮތީ ކޮން ގުޅުމެއް ބާވައެވެ.

''ވަޓް ޖަސްޓް ހެޕެންޑް އިވީ؟...'' މައުވާއާއި ޝިއާފަށް އަވަސް ނަޒަރެއް ދެމުން ތޫބާ އަހާލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް އޭނައަށް ރަގަޅަށް ފާހަގަ ކުރެވުނެވެ. ވަކިން ހާއްސަ ގޮތެއްގައި މައުވާއަށް އައި ބަދަލެވެ. ތޫބާގެ ދެލޮލުގައި ވަނީ ޝައުޤުވެރިކަމެވެ.

މައުވާ ބޭނުންވީ ތޫބާގެ ސުވާލުން ރެކިގަންނާށެވެ. ނަމަވެސް އެކަން ފަސޭހަކަމަކަށް ނުވިއެވެ. ދެކެވެމުން ދިޔަ ވާހަކައަށް ހުރަސް އެޅުނީ ދިޔާނާގެ އަޑަށެވެ.

''ތިތާ ނުތިބެ އެތެރެއަށް ވަދެބަލަ!، ތޫބާ ދޭ އިވީ ގޮވައިގެން މައްޗަށް، މަންމަމެން އިރުކޮޅަކުން އެބަދަން...'' ވާރެއާ ތެމެމުން ދިޔަ ތޫބާއާއި މައުވާ ފެނުމާ އެކު ދިޔާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް ދިޔާނާގެ އިރުޝާދުގެ މަތިން ކަންތައް ކުރުމަށް ދެކުދިން އަވަސްވެގަތެވެ.

''އަން މިއޮތީ ތަޅުދަނޑި...'' އެތެރެއަށް ވަންނަން ދިޔަ ތޫބާމެނަށް ގޮވާލަމުން ދިޔާނާ ތަޅުދަނޑިފައްޗެއް ދިއްކޮށްލިއެވެ.

''އިވީ ދެން ބުނެބަލަ...'' ތޫބާ ލިފްޓްގެ ބަޓަނަށް ފިތާލަމުން މައުވާއަށް ބަލާލިއެވެ. ''ކަމެއް ވެއްޖެތަ؟...'' އަތުގެ އިނގިލިތަކާ ކުޅެލަމުން މައުވާ ވާހަކަދެއްކިއެވެ. އޭނަ ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. އޭނަގެ ހިތަށް އައި ލޮޅުން ތޫބާއަށް ސިއްރުކުރުމުގެ ބޭނުމުގައެވެ. ޚުދު އޭނަ ވެސް އެހުރީ ތޫބާގެ ސުވާލުތަކުގެ ޖަވާބު ބޭނުން ވެފައެވެ.

''ޑެފިނިޓްލީ...'' ތޫބާ ބުނެލިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނު ޝިއާފް ފެނުމުން ތޫބާ ހިނިތުންވެލިއެވެ. އަދި ޝިއާފަށް މައުވާ ތަޢާރަފްކޮށްދިނެވެ.

''އިވީ، މީ ކުޑޭ، ބައްޕަ ފަރާތު ކަޒިންއެއް، ކުޑޭ މީ މައުވާ...'' ތޫބާ ބުނެލިއެވެ. އިސްދަށަށް ޖަހާލައިގެން ހުރި މައުވާގެ ދެލޯ އަދި އެއްފަހަރު ޝިއާފްގެ މޫނު ދެކިލަން ބޭޤަރާރު ވިއެވެ. އެހެނަސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ.

''ހެލޯ...''

ޝިއާފްގެ އަޑު ފުރަތަމަ ފަހަރަށް މައުވާގެ ކަންފަތުގައި ގުގުމާލައިގެން ދިޔަ އެވެ. އަމިއްލަ އިހްތިޔާރުން ބޭރުގައި އޭނައަށް ޝިއާފްގެ މޫނަށް ނަޒަރު ހުއްޓާލެވުނީ ކިހިނެއް ކޮންއިރަކުކަމެއް ނޭގެއެވެ. އެނގުނުހާ ވެސް އެއްޗަކީ އެއަޑުގައި ދަމާބާރެއް އެކުލެވިގެންވާ ކަމެވެ. ހިތުގެ ހިނގުން އެތައް ގުނައެއް އަވަސް ކުރުވައިފި ކަމެވެ. ކުރިން އިސްއުފުލާ މީހުންނަށް ބަލަން ބިރުގަންނަ މައުވާގެ މިޖާށް އައި ކުއްލި ބަދަލާއެކު އޭނަ ހައިރާން ވެސް ވިއެވެ.

ޝިއާފް ހިނިތުންވެލަމުން ގޮސް ފަހު ފޮށިގަނޑު އެތެރެއަށް ވައްދާލިއެވެ. އޭރު ހުސޭންގެ ދެމަފިރިން ވެސް އެތެރެއަށް ވަންނަނީއެވެ. ލިފްޓް ވެސް ހުޅުވުނީ އެގަޑީގަ އެވެ.

ލަގެޖްތައް އެރުވުމުން ލިފްޓަށް ބާރުބޮޑުވުމުން ފުރަތަމަ މައްޗަށް ދިޔައީ ހުސޭންއާއި ދިޔާނާ އެވެ. ތޫބާއާއި މައުވާގެ އިތުރުން ޝިއާފް ދިޔައީ ފަހުންނެވެ. ދިހަވަނަ ފަންގިފިލާއަށް ދިއުމަށް ލިފްޓް މައްޗަށް އަރަމުން ދިޔައިރު ލިފްޓް ތެރެއަށް ވެރިވެފައި އޮތީ ހިމޭން ކަމެވެ. ތޫބާ މައުވާއަށް ދޭތެރެއަކުން ނަޒަރެއް ދޭއިރު އޭނަގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ވެއެވެ. އޭނަ މާ ނޫންކަމަށް ހަދާފައި ޝިއާފްއަށް ވެސް ބަލައެވެ.

ޝިއާފް އަތުގައި އޮތް ފޯނާ ކުޅެމުން ދިޔައިރު ލޮލުގެ ހިމަކޮޅުން ސިއްރުން މައުވާއަށް ބަލާލައެވެ. މައުވާއަށް ލިބިފައިވާ ތަފާތު ރީތިކަމަށް އޭނަގެ ޝައުޤުވެރިކަން ދެވިފައި ވެއެވެ. ވަކިން ހާއްސަގޮތެއްގައި ރޭގަނޑެއްފަދަ އިސްތަށިގަނޑަށެވެ. ހަމައެއާއެކު މައުވާގެ މަޑުމައިތިރިކަމާއި ބޮޑު ދެލޮލުގައިވާ މައުސޫމްކަމަށް ވެސް އޭނަގެ ފުރިހަމަ ސަމާލުކަން ދެވިއްޖެއެވެ.

''ކުޑޭ ޤަބޫލުކުރަންތަ ލަވް އެޓް ފަސްޓް ސައިޓް އެއީ ޕޮސިބަލް ކަމެއްކަމަށް؟...'' ލިފްޓްގައި ރަސްކަން ކުރަމުން ދިޔަ ހިމޭންކަމަށް ނިމުމެއް ގެންނަމުން ތޫބާ ކޮށްލި ސުވާލު އަމާޒުވެގެން ދިޔައީ ޝިއާފް އަށެވެ. ލިފްޓްގެ ކަނެއްގައި ހުރި މައުވާއަށް ތޫބާގެ ސުވާލަށް ސަމާލުކަން ދެވުނެވެ. ޝިއާފްގެ ޖަވާބަކަށް އިންތިޒާރުކުރާ ހާލުގައެވެ. ޖަވާބު އައިސްދާނެ ގޮތަކާ މެދު ހިތް އަވަސް ވީވެސް ވަކި ގޮތެއް ބަލާފައެއް ނޫނެވެ.

ތޫބާގެ ސުވާލުން ޝިއާފް ގާތަށް އައީ ހިންޏެވެ.

''ދެން ޖަވާބު ދީބަލަ...'' ތޫބާ ސީރިޔަސް ވެލަމުން އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.

''އަދި ތޫބާ ތި މައުޟޫއަށް ދާ އުމުރަކަށް ނުދެއެއްނު، އެހާ ހިސާބަށް ދެވުނީމަ ޖަވާބު ދޭނަން...'' ހުނުން ކޮންޓްރޯލްކުރަމުން ޝިއާފް ބުންޏެވެ. އަދި ތޫބާ ރުޅިއަރުވާލުމުގެ ބޭނުމުގައި ނޭފަތުގައި ހިފާލިއެވެ.

''ދެން، ވަރަށް ފޫހިވޭ...'' ޝިއާފްގެ އަތުގައި ޖަހަމުން ތޫބާ ނޭފަތުގައި ފިރުމާލިއެވެ. އޭނަ ޝިއާފްއާ ދިމާއަށް ލޯއަޅާލައި ތުންއަނބުރާލުމުން ޝިއާފްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު އޭނައަށް ކުރެވުނު އަވަސް ހަރަކާތާއެކު މައުވާގެ އަތުގައި ބީހިލެވުނެވެ. ހަށިގަނޑަށް އައި ކުއްލި ލޮޅުމާއެކު މައުވާއަށް އިސްއުފުލާލެވުނީ ކުއްލިޔަކަށެވެ. ހީވީ ހަށިގަނޑަށް ކަރަންޓް ޝޮކެއް ލިބުނު ހެންނެވެ. އެވަގުތު މައުވާއި ޝިއާފްގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ފަޅި ސިކުންތުކޮޅަކަށް ވިޔަސްއެވެ.

''ސޮރީ...''

ޝިއާފް ވަގުތުން ކުރެވުނު ކަންތަކަށް މާފަށް އެދުނެވެ. އެއާއެކު މައުވާގެ ހިތުން ޝިއާފްއަށް ހާއްސަކަމެއް ދެވިގެން ދިޔަކަން ގައިމެވެ. ފިރިހެނަކު ފެނި އޭނައަށް ދުވަހަކު އެފަދަ ބަދަލުތަކެއް އައިސްފައި ނުވެއެވެ. ހިތާއި ސިކުނޑި ވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެކުޑަ ވަގުތުކޮޅުގައި ވެސް ތަފާތު އެތައް ތަޖުރިބާއެއް ކުރެވިއްޖެއެވެ. މުޅިން އައު އިހުސާސްތަކެކެވެ!

ލިފްޓް ހުޅުވިގެން ދިޔަ އަޑާއެކު އެންމެ ފުރަތަމަ ވެސް ނިކުތީ ޝިއާފް އެވެ. އޭނަގެ ފަހަތުންކަހަލަ ގޮތަކަށް ނިކުންނަން ދިޔަ މައުވާގެ އަތުގައި ތޫބާ ހިފެހެއްޓިއެވެ.

''އޯ.އެމް.ޖީ...'' ލަފްޒުތަކަށް ބާރުލަމުން ތޫބާ ބުނެލިއެވެ. ތޫބާގެ ވާހަކައިގެ މިސްރާބު ދާނެ ދިމާ މައުވާއަށް މާކުރިން ލަފާކޮށްލެވުނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ލިފްޓުން ފޭބުމަށެވެ. ތޫބާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނައަކަށް ނޭގޭ ތީ އެވެ.

''ނޮޓް ސޯ ފާސްޓް، ދެންމެ ކިހިނެއްތަ އެވީ؟...'' ތޫބާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ސުވާލުކޮށްލިއެވެ. އޭނަގެ ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލުވަނީއެވެ.

''އަޅެ ހިނގާބަ ލިފްޓުން ނިކުންނަން މިހާރު ބޮޑުދައްތަ ހުންނާނީ ލަސްވެގެން...'' މައުވާއަށް ވާހަކަދެއްކުން ވެސް ވީ އުނދަގޫކަމަކަށެވެ. އޭނަ ބޭނުންވީ އެތަނުން ދާށެވެ. މީހުންގެ ލޯތަކަށް ނުފެންނަ ހިސާބަކަށެވެ.

''ލޭޑީޒް! ދޮންބެދަންތަ އެބަ ގޮވާ!...'' އެޕާރޓްމެންޓްގެ ދޮރުން ބޯދިއްކޮށްލި ޝިއާފް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ލިބުނު ފުރުސަތުގެ ބޭނުން މައުވާ ހިފިއެވެ. ނަމަވެސް ތޫބާގެ ސުވާލުތަކުން ރެކިނުގަނެވޭނެކަން އޭރު އޭނަގެ ހަވަނަ ހިއްސު އޭނައަށް ވިސްނައިދެމުން ދިޔައެވެ. ޚުދު އޭނަވެސް އެހިތުގައި އުފަންވެގެން ދިޔަ އިހުސާސްތަކަށް ދޭނެ ނަމެއް ހޯދަން ބޭނުންވެފައި ވެއެވެ. މިއީ ހަމަ ހަޤީޤަތެއް ބާވައެވެ! ކުއްލިޔަކަށް މިވީ ކިހިނެއް ބާވައެވެ!

''ޔޫ ލައިކް ހިމް!...'' މައުވާގެ ފަހަތުން ދިޔަ ތޫބާ ހުނުމަކާ އެކު ބުނެލިއެވެ. މައުވާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

****

މައިދޮރުން އެތެރެއަށް ވަދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޒަމާނީ ކުލަތަކުން ޖަރީކުރެވިފައިވާ ސިޓިންގްރޫމެވެ. އެއާއެކު މައުވާގެ ނަޒަރު އެކިދިމަދިމާއަށް ދަތުރުކުރަން ފެށިއެވެ. ތޫބާ އޭނައަށް އެޕާރޓްމެންޓްގެ ހުރިހާ ތަނަކާ ބެހޭ މަޢުލޫމާތު ހިއްސާކުރަމުން ދިޔަ އެވެ. އޭރުން މާހައުލަށް ހޭނުމުގައި މައުވާއަށް ފަސޭހަވާނެތީއެވެ.

''މީ އިވީ އަދި ތޫބާގެ ކޮޓަރި...'' ދިޔާނާ ހިތްހެޔޮ ހިނިތުންވުމަކާއެކު ކޮޓަރިއެއްގެ ދޮރުހުޅުވާލިއެވެ. މައުވާގެ ފޮށިތައް ވެސް ހުރީ އެތަނަށް ވައްދާފައެވެ. މައުވާ އެކޮޓަރިއަށް ފުން ނަޒަރެއް ހިންގާލިއެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ރަތާއި ހުދުން ކޮޓަރި ޒީނަތްތެރިކުރެވިފައި ވާއިރު އަންހެންކުއްޖަކު ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެތާނގައި ހުއްޓެވެ. އެހުރިހާކަމެއްގެ ތެރޭން ވެސް މައުވާގެ ސަމާލުކަން އަތުލީ ކޮޓަރީގައި ހުރި ފޮތް ހަރުގަނޑެވެ.

''އިވީ އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ ނުބުނެ ނުހުންނައްޗޭ...'' ދިޔާނާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.

****

މައުވާއަށް އެންމެ ބޮޑަށް ކަމުދިޔައީ ބަދިގެއިން ނިކުމެވެން ހުންނަ ބެލްކަނިއެވެ. އާދައިގެ ވަރަކަށް ފުޅާ އެބެލްކަންޏަށް ނިކުމެލުމުން މާލޭގެ މަލަމަތި ވަރަށް ރީއްޗަށް ފެނެއެވެ. ހަމައެއާއެކު އެތާނގައި ހުރި ރަންކުލައިގެ އުނދޯއްޔާއި ޕޮޓްތަކުގައި ހުރި ކުލަކުލައިގެ މާގަސްތަކުން މައުވާއަށް އެތަން ދެކެ އިސާހިތަކު ލޯބިވެވިއްޖެއެވެ. ހިމަފޮދު ވާރޭގެ ސަބަބުން ގަސްތަކަށް އާރޯކަން ގެނެސްދީފައި ވާއިރު މާތަކުގައި ވިދަމުން ދިޔައީ ޝަބްނަމް ތިކިތަކެވެ. ރަތްކުލައިގެ ފިނިފެންމަލުގެ ނާޒުކު ފިޔަތަކުގައި ފިރުމާލަމުން މައުވާ ހިނިތުންވެލިއެވެ.

މައުވާގެ ހަރަކާތްތަކަށް ގެއްލިފައި ޝިއާފް އިނީ ކާމޭޒު ދޮށުގައެވެ. އިރުއިރުކޮޅާ އަތުގައި އޮތް ކޮފީތަށިން ކޯވަރެއް ބޯލަމުން އަރުތެރެ ތެންމާލައެވެ. މައުވާގެ ކޮންމެ ހަރަކާތަކަށް ވެސް އޭނަ ފަރުވާތެރިކަމާއެކު ބެލިއެވެ. އޭގައި ޖާދުލެއް އެކުލެވިގެންވާ ފަދައެވެ. ހިތް ރުހޭ އެތައް ސިފައެއް އޭނައަށް މައުވާގެ ކިބައިން ފެނުނެވެ. މައުވާގެ މަޖާ ހަރަކާތްތަކުން ހިނިތުންވެވެއެވެ. މި އަޖައިބެއް ފަދަ ކުއްޖާގެ ރީތިކަމަށް ކިތަންމެ ބަޔަކު ހިތް ކިޔާނެކަން ގައިމެވެ. އެއާއެކު ހިތަށް ވެރިވެގެން ދިޔަ ޚިޔާލުން ޝިއާފްގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. އެޚިޔާލު ސިކުނޑިން އެއްފަރާތްކޮށްލަމުގެ ނިޔަތުގައި ދެފަރާތަށް ބޯ ހޫރާލަމުން ގޮސް ބެލްކަނިއަށް ނިކުމެވެން ހުރި ދޮރުގެ ދާރައަށް ލެނގިލިއެވެ.

ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން މައުވާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެއާއެކު ދާދި ގާތުގައި ހުއްޓިލައިގެން ހުރި ޝިއާފް ފެނި އެތެރެހަށީގައި ނޭވާ ތާށިވެއްޖެއެވެ. ޝިއާފް ލުއި ހިނިތުންވުމަކާއެކު ބުމަ އަރުވާލިއެވެ. ދެންވެސް މައުވާއަށް ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. ޝިއާފްގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފުންވެގެން ދިޔައީ ދެނެވެ.

''ހޭއި...''

މައުވާއަށް ބަލަން ހުރެ ޝިއާފް ބުނެލިއެވެ. މައުވާ ބަހެއް ވެސް ބުނުމެއް ނެތި އަވަސް ވެގަތީ އެތަނުން ދާށެވެ. ރަބަރުކޮޅަކަށް ވެފައިވާ ދެފައި ގަދަކަމުން ހަރަކާތްކުރަމުން ގޮސް އޭނަ ކޮޓަރިއަށް ވަނެވެ.

މައުވާ ދިޔަ ދިމާއަށް ބަލަން ހުރި ޝިއާފް ބޮލުގެ ފުއްކިބައިގައި ފިރުމާލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އޭނަގެ ހިތުގައި އަޒުމަކާއި ޖޯޝެއް އުފަންވެއްޖެއެވެ.

ކޮޓަރިއަށް ވަދެވުމާއެކު މައުވާ ދޮރުގައި ލެނގިލިއެވެ. ހިތް ދެންމެ ދެންމެ މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެން ހީވިއެވެ. ޝިއާފް އޭނައާ ބައްދަލުކޮށްލި ހިނިތުންވުން އަދިވެސް ލޯކުރިމަތިން ސިފަވަމުން ދިޔައެވެ. އެންމެ ބައްދަލުވުމަކުން މިފަދަ ބަދަލުތަކެއް އައިސްދާނެ ހެއްޔެވެ؟ މީ ހަޤީޤަތެއް ހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟ ހުވަފެނަކަށް ވެއްޖެނަމަ ދުވަހަކުވެސް ހޭލަން އޭނަ ބޭނުމެއް ނުވެއެވެ.

ޝިއާފް އިސްވެ އޭނައާ ވާހަކަ ދެއްކުމުން އޭނަގެ ފިނޑިކަމާ ހުރެ ބަހެއް ވެސް ނުބުނެވުމުން ފަހުން އޭނަ އެކަމާ އިންތިހާއަށް ދެރަވިއެވެ. އެވަގުތު އެބިރާ ހަނގުރާމަ ކުރެވުނު ނަމައޭ އޭނަގެ ހިތަށް އެރިއެވެ. އޭރުން ފަހަރެއްގައި އޭނައާއި ޝިއާފާ ދެމެދު އެކުވެރިކަމުގެ ގުޅުން އުފެދިގެން ދިއުމުގެ ފުރުސަތު ބޮޑުވީސްކަން ނޭގެއެވެ!

މައުވާއަށް އެތައް އިރެއް ވަންދެން ވިސްނަން ހުރެވުނެވެ. ހިތުގެ ބިރުވެރިކަމުގެ މައްޗަށް ކުރިއެރުން ލިބިދާނެ ކަމާމެދު ޝައްކު އުފެދިފައެވެ.

****

ރޭގަނޑުގެ ވަގުތެވެ. ވެހެމުން ދިޔަ ވިއްސާރައިގެ ހަމަލާތައް ހުއްޓުމުކަށް އައިސް އުޑުމަތިން ތަރިތަކުގެ ވިދުން ފެންނަން ފަށައިފިއެވެ. ހަނދުވެސް އޭގެ ތަހުތުގައި ފައި ހަމަކުރެވޭތޯ ވިލާ ތަކާ ހަނގުރާމައަކަށް ނިކުމެފައިވާ ފަދަ އެވެ. ނަމަވެސް އުއްމީދުކުރި ފަދަ ކާމިޔާބެއް މިލްކުކުރެވޭ ގޮތެއް ނުވެއެވެ. ފަޒާގައި އެކުލެވިފައިވާ ތެތްފިނިކަމުން މައުވާ ހުރީ ހީކަރުވައިގެންފައެވެ. ތޫބާއާއި މައުވާ ގެއިން ނުކުތީ ފިހާރައަށް ދިއުމުގެ ބަހަނާއެއް ދައްކާފައެވެ. ތޫބާމެންގެ ހަޤީޤީ ބޭނުން ނޭނގި ދިޔާނާ ހުއްދަ ދިނީ ލަސްނުވެ ގެއަށް އައުމަށް ބުނަމުންނެވެ.

ތޫބާއާއެކު ބީރައްޓެހި މަގުތަކުން ހިނގަމުން ދިޔައިރު ތޫބާ ދިޔައީ މާއުވާއަށް މަގުތައް ކިޔައިދެމުންނެވެ. މީހުންތައް ގިނަ ކަމުން ގޮސް މަގުތަކަށް ބާރު ބޮޑުވެފައިވުމުން މައުވާ ހުރީ އުނދަގޫވެފައެވެ. ނަމަވެސް ތޫބާ ގާތުގައި ހުރުމުން ނޭގޭ ހަމަޖެހުމެއް ހިތަށް ލިބިފައި ވެއެވެ. އެބިރާ ކުރިމަތިލުމަށް ހިތްވަރެއް ލިބުނު ފަދައެވެ. އެކަމާމެދު އޭނަ އުފާވެސް ވިއެވެ. ރަށުގައި އުޅުނު އިރު މަގުމައްޗަށް ނިކުންނަން ޖެހިލުންވާ އިރު މިހާރު އެއައި ކުޑަ ބަދަލުންވެސް ކުރިއެރުމެއް ލިބިއްޖެކަމަށް މައުވާ ދުށްޓެވެ.

އުސްފަސްގަނޑާ އަރާހަމަވުމާއެކު ތޫބާ އޭނަގެ ފޯނު ނަގަމުން ނަންބަރަކަށް ޑައިލްކޮށްލިއެވެ. އޭނަ ގުޅާލާއިރަށް އެކޮޅުން ޖަވާބު ލިބުނެވެ. ހިތްހަމަޖެހިފައި ހުރި ތޫބާ މައުވާގެ އަތުގައި ހިފާލައިގެން ގޮސް ތޮށިގަނޑު މަތީ އިށީންދެލިއެވެ.

''އަލޫފް ބުނީ އިރުކޮޅަކުން އެބަ އަންނަމޭ...'' ތޫބާ ބުނެލިއެވެ. ދެކުދިން އެތާނގައި ތިއްބާ ކައިރިން ލާފައި ދިޔަ ޒުވާން ކުދިބަޔަކު ތުންބުން ފުމެލުމުން ތޫބާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބިރުން އިނީ މައުވާ އެވެ. އެއީ އޭނައަށް މުޅިން އަލަށް ކުރެވުނު ތަޖުރިބާއަކަށް ވުމުންނެވެ.

''މިވެސް ދެން ބޮޑު ވެއްޖެ ކަމެކޭ، ކަލޭމެންގެ އުނގަދުލާ ހެދި ހަމަޖެހިލައިގެން ތަނަކަށް ދެވޭ ކަމަކަށް ވެސް ނުވެޔޭ...'' ތޫބާ ތުން އަނބުރާލަމުން ކުދި ކިޔަން ފެށިއެވެ. ތޫބާގެ އަޑު އިވުމުން ގުރޫޕު ކުދިންކޮޅު ބާރުހިނިގަނޑެއް ޖަހާލަމުން، ތޫބާ އިތުރަށް ރުޅި އަރުވާލުމުގެ މަގުސަދުގައި ''ފްލައިން-ކިސް''އެއް ފޮނުވާލި އެވެ. އެއާއެކު ތޫބާ ރުޅިއައިސް ރަތް ވިއެވެ.

''ތޫބާ، ލެޓް އިޓް ގޯ...'' އިތުރަށް މަސްލަހަތު ގޯސްވެދާނެތީ މައުވާއަށް ބުނެވުނެވެ. ކައިރި ހިސާބެއްގައި ބަޔަކު ވެސް ތިބީކީ ނޫނެވެ. އެގުރޫޕު މީހުން ދިމާކޮށްލައިފިނަމަ ސަލާމަތަށް އެދޭނީ ފަހެ ކޮން ބައެއްގެ ގާތުން ހެއްޔެވެ؟

ތޫބާ ހަތިޔާރު ބެހެއްޓީ މައުވާ ބިރުގެންފައިވާތީއެވެ. އޭނަ ފުން ނޭވާއެއް ދޫކޮށްލަމުން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ. ތޫބާގެ ފަރާތުން އިތުރު އިޝާރާތެއް ނުފެނުމުން ގުރޫޕް ކުދިން ދިޔައީއެވެ. އެއީ މައުވާގެ ހިތަށް ފިނިކަން ގެނެސް ދިން ވަގުތެކެވެ.

''އިވީ، އެކަހަލަ މީހުން ދެކެ ބިރުނުގަންނައްޗޭ، ފުއްޕާލާފަ އުޅުނަސް އެއްވެސް ކަމެއް ނުވާނެ، އެމީހުން ކިޔާހާ އެއްޗަކަށް ޓޮލެރޭޓްކުރާތީ ކަށިފުއްޕާލާފަ އުޅެނީވެސް...'' ތޫބާ ބުނެލިއެވެ. އޭނައަށް އިތުރަށް އެއްޗެއް ނުބުނެވެނީސް އެދިމާއަށް މަޑުކޮށްލި ސައިކަލު ފެނުމުން ހިނިތުންވުމަކާއެކު ތޮށިގަނޑުމަތިން ތެދުވެލި އެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ސައިކަލާއި އަރާހަމަކޮށްލިއެވެ. އަލޫފް އައީކަން ޔަޤީންވުމުން ލަސް ފިޔަވަޅުތަކެއްގައި މައުވާ ވެސް އެދިމާއަށް ހިނގައިގަތެވެ.

''އަލޫފް، މީ އަހަރެންގެ ބެސްޓީ މައުވާ...''

މައުވާ އައިސް ހުއްޓުމާއެކު ތޫބާ ބުނެދިނެވެ. މައުވާއަށް އަލޫފް ފެނުމުން އެމޫނުމަތިން ފާޅުވެގެން ދިޔައީ ހައިރާންކަމެވެ. އެއާއެކު އޭނައަށް ދެން ބަލާލެވުނީ ތޫބާ އަށެވެ. ތޫބާއާއި އަލޫފްގެ ދެމެދުގައިވާނެ އުމުރުގެ ފަރަގު އެވަގުތު ވެސް ނަގައިގަންނަން މައުވާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. އޭނަ ކަންބޮޑުވީ އެކަމާއެވެ.

ކޮމެންޓް 0