''ނޫން!!'' ހިތި ހަޤީޤަތާ ކުރިމަތިލަމުން މައުވާއަށް މޫނުގައި ދެއަތް އަޅާ ފޮރުވާލެވުނެވެ. މިހުރިހާ އިރު އޭނަ ހިފަހައްޓައިގެން ހުރި ގިސްލުމުގެ އަޑު ހައްޔަރީން ދޫވެގެން ދިޔައީ އެވަގުތު އެވެ. ހިމަހޯލި އިނގިލިތަކުގެ ތެރޭން ކަރުނަތައް ފޭދެމުން ދިޔަ އިރު ސިކުނޑީގައި ފުނިޖެހިފައިވާ ބިރުވެރި ޚިޔާލުތަކާ ހަނގުރާމަކުރުންވީ އުނދަގޫ ކަމަކަށެވެ.
''ހުސް ދޮގު... ޝިއާފަށް އެއްވެސް ކަމެއް ނުވާނެ!...'' މައުވާ އޭނަގެ ހިތަށް ވިސްނައިދެމުން ދިޔަ އެވެ. ލިބުނު ވަރުގަދަ ޝޮކާއެކު އޭނަގެ ހަރަކާތްތައް ވެސް ބަދަލުވާން ފަށައިފި އެވެ.
މައުވާއަށް ހަމަހޭވެރިކަން ވެގެން ދިޔައީ އޭނަގެ ކޮނޑުގައި ދިޔާނާ ހިފުމާއެކުގައެވެ. އެއާއެކު އޭނައަށް ދިޔާނާގެ އަތް ފޮޅުވާލެވުނީ އިހުތިޔާރަކާ ނުލައެވެ. އޭނައަށް ވަށައިގެންވި އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ދިޔާނާ ވާހަކަ ދައްކަމުން ދިޔައެއް ކަމަކު އެލަފުޒުތަކާ އޭނަގެ ކަންފަތާ ދެމެދު ނުފެންނަ ފާރެއް ލެވިފައިވާ ކަހަލަ އެވެ. އެތައް ހާސް ޓަނުގެ ބަރުދަނާއެކު ސިކުނޑިއަށް ޖެހިގަތް ޚިޔާލުތަކުން މުޅި މީހާ މޮޔަވާހާ ވެއްޖެއެވެ. އެކަން ދޮގުކޮށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން މައުވާ ބޭނުން ވިއެވެ. އެއިން އެއްވެސް ވާހަކައެއްގެ ތެދުކަމާމެދު ހިތުގައި ޝައްކު އުފައްދަން މަސައްކަތްކުރި ކަމުގައި ވިޔަސް އިރުއިރުކޮޅާ ލޯކުރިމަތިން ނިއުޅިގެންދާ ހާދިސާ އިން އެވާހަކަތަކުގެ ތެދުކަމަށް ބާރުދެމުން ގެން ދިޔަ އެވެ. މިހުރިހާ ކަމަކާ މެދު ވިސްނަމުން ގޮސް މައުވާގެ ސިކުނޑީގެ ނާރުތަކަށް އިންތިހާއަށް ބާރު ބޮޑުވާން ފެށިއެވެ. އެތެރެހަށީގައި އުފެދިފައިވާ ހައިޖާންގަނޑާއެކު ކުރެވެމުން ދިޔަ ވޭން ދެނިވި އިހުސާސްތައް އޭނަގެ ފުރާނަ ދަތި އުނދަގޫކަމާއެކު ހަށިގަނޑާ ވަކިކުރަމުންދާ ފަދަ ނުބައި އިހުސާސެއް ވެސް ކުރެވުނެވެ.
މިފަދަ ހިތްދަތިކަމެއް އޭނައަށް ލިބުނީ އޭނައަށް ކުރެވުނު ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ އޭނަގެ ލޯބި ތާ އަބަދު އިމްތިހާނު ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ މިނޫން ދުވަހެއް ދުށުމުގެ ނަސީބު އޭނަގެ ނަސީބުގައި ލިޔެވިފައި ނެތީ ހެއްޔެވެ؟ މިއަދު އޭނައަށް ދުނިޔެ މަތިން ލިބުނު ކުޑަ ނަމަވެސް ހިތްހަމަޖެހުމާއި އުފާ އޭނަގެ އަތުން ރަހުމެއް ނެތް ގޮތުގައި ފޭރިގެންފިއެވެ. އެވޭނާއި ހިތްދަތިކަމަށް ކެތްކުރެވޭނެހާ ހަކަތައެއް އެނާޒުކު ހިތަށް ލިބިގެން ނުވެއެވެ. ނޭވާލާން ވެސް މައުވާއަށް ވެފައިވަނީ ވޭނަކަށެވެ. މުޅި މީހާ ގަބުވެ ލޮލުން ކަރުނަ އޮހެމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ.
މައުވާއާއި ޝިއާފްގެ ދެމެދުގައި ވާ ޚާއްސަ ގުޅުމުގެ ފުންކަން ދިޔާނާއަށް އެވަގުތު އަންދާޒާ ކުރެވުނެވެ. އޭނަ އެއިން އެއްވެސް ކަމަކާ މެދު ނުވިސްނަން ހުރިކަމުގައި ވިޔަސް އެކަންތަކަށް ބާރުދެމުން ގެންދިޔަ ހެކިތަކަށް ފުރަގަސްދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ މައުވާގެ ލޮލުން ފައިބާ ކަރުނަތައް ހެކިވަމުން ދަނީ މައުވާ ޝިއާފް ދެކެ ވާ ލޯތްބަށެވެ. އެއާއެކު މައުވާއަށް ލިބޭނެ ވޭނާއި ހިތްދަތިކަން ދިޔާނާއަށް އިހުސާސްކުރެވި އެހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނަ މައުވާގެ ހިތަށް ތަސައްލީއެއް ހޯދައިދޭން މަސައްކަތް ކުރިކަމުގައި ވިޔަސް އެކަން ކާމިޔާބު ނުކުރެވޭނެކަން އެނގުނީ މައުވާ އޭނައާއި ދުރަށް ހިނގައިގަތުމުންނެވެ. މައުވާ ހުށަހެޅިފައިވާ ނާޒުކު ފަތްތަރުގައި އެކަނި ދޫކޮށްލަން ދިޔާނާގެ ހިތް އެއްބަހެއް ނުވިއެވެ. މިފަދަ ވަގުތެއްގައި ސިކުނޑި ރަގަޅަށް މަސައްކަތެއް ވެސް ނުކުރާނެއެވެ. ހުދު އޭނައަށް ވެސް އެވަނީ އެހާދިސާ ހަޖަމުކުރަން ދަތިވެފައެވެ. އޭނަ އެންމެ ބޮޑަށް ބިރުގަންނަނީ މައުވާ އަމިއްލަ ނަފުސަށް ދެރައެއް ދީފާނެތީއެވެ.
އެއް ގަޑިއިރު ފާއިތުވެ ނިމުނީ އެވެ. ޝިއާފް އައި.ސީ.ޔޫއަށް ބަދަލުކުރެވި ފަރުވާ ދިނުމުގެ ބުރަ މަސައްކަތާއިގެން ޑޮކްޓަރުން މަސްޢޫލުވެ ތިއްބެވެ. ހުސޭން އިރުއިރުކޮޅާ ޝިއާފްގެ ހާލަތާ މެދު މަޢުލޫމާތު ސާފުކުރެއެވެ. ކޮންމެ ފަހަރަކު ލިބެނީ އެއް ޖަވާބެކެވެ. އެއިން ކޮންމެ ފަހަރަކު އެމޫނުމަތީގައިވި އުއްމީދުގެ ފަހު ވިދުވަރު ފަނޑުވެގެން ދެއެވެ. ލޯފުރި ބަންޑުންވެގެން ދާ ކަރުނަތައް ފޮހެލަމުން އޭނަ ކެތްތެރިވާން މަސައްކަތްކުރެއެވެ.
ދިޔާނާ އާއި މައުވާ ތިބީ ގޮނޑިބަރިއެއްގައި އިށީންދެލައިގެންނެވެ. ކުރިއެކޭ އެއްފަދައިން މައުވާ އިނީ ހަރަކާތެއް ވެސް ނުގެނެސް ބިއްލޫރި ބުދެއްގެ އުސޫލުންނެވެ. އައިސްދާނެ ލޮޅުމާއެކު އެތިކޮޅުތަކަށްވެ ބުރައިގެން ހިނގައިދާނެހާ ނާޒުކު ހާލަތެއްގައެވެ.
ދިޔާނާ ވިސްނަމުން ދިޔައީ އެކްސިޑެންޓްގެ ޚަބަރު ޒުލްފާއަށް ދޭނެ ގޮތަކާ މެދުގައެވެ. މިއީ ސިއްރުކުރެވޭނެ ކަމެއް ވެސް ނޫން މެއެވެ. ހަމައެއާއެކު ކޮންމެ ފަދަ ވަގުތެއްގައި ވެސް ހިތާމަވެރި ޚަބަރު ލިބިދާނެއެވެ. އޭރުން ޔަޤީނުން ވެސް ޒުލްފާގެ ކަންފަތާ ހަމައަށް ޝިއާފްގެ ވާހަކަ ދިއުން ލާޒިމު ވާނެއެވެ. ނަމަވެސް އޭނަ އެވާހަކަތައް ބުނެދޭނީ ކޮން ދުލަކުން ހެއްޔެވެ؟ މަޔަކަށް އެފަދަ ހިތާމަ ވެރި ޚަބަރެއް ދޭން ހެޔޮ ވެސް ނުވާނެއެވެ. އެހެނަސް މި އިމްތިހާނާ ކުރިމަތިލާން ޒުލްފާއަށް އެވަނީ މަޖުބޫރު ވެފައެވެ. ކެތްތެރިވުން ނޫން އިތުރު ގޮތެއް ނެތެވެ.
މައުވާ ހަމައަކަށް އެޅުމާއެކު ދިޔާނާ ހިނގައިގަތީ ހުސޭން ގާތަށް ދިއުމަށެވެ. ހުސޭން އިން ގޮނޑީގެ ވާތް ފަރާތުގައި ހުރި ގޮނޑީގައި ދިޔާނާ އިށީންނެވެ. އަދި ގޮނޑީގެ އަތްގަނޑުމަތީ އޮތް ހުސޭންގެ އަތުގައި ހިފާލިއެވެ. އެއާއެކު ހުސޭނަށް ކުޑަ ސިހުމެއް ލިބިގެން ދިޔަ އެވެ. ހުސޭނާއި ދިޔާނާގެ ހަތަރުކަޅި ބައްދަލުވުމާއެކު ދިޔާނާ ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްކަން ހުސޭނަށް ނަގައިގަނެވުނެވެ. ނަމަވެސް އޭނައަށް އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ އެހިތްވަރު އޭނަގެ ނެތުމުންނެވެ.
''ހުސޭން... މި ކަންތައް ޒުލްފާއަށް އެނގުން ވަރަށް މުހިންމު، މިކަންތައް ސިއްރުކުރެވޭކަށް ވެސް ނެތް...'' ދިޔާނާ ބުންޏެވެ. އެއީ ތެދެއްކަމާ މެދު ހުސޭން އިއުތިރާފް ވިއެވެ. ނަމަވެސް އެފަދަ ހިތްދަތި ޚަބަރެއް ދައްތައަށް ދޭން އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. ދައްތަގެ ބަލި ހާލަތު ހުރި ގޮތުންނާއިއެކު ވެސް މެއެވެ.
''ކިހިނެއް މިކަންތައް ބުނެދޭނީ؟...'' މަރުގެ ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ހުސޭން ބުނެލިއެވެ.
''ނުބުނެ ވެސް ވާކަށް ނެތެއްނު...'' ދިޔާނާ ބުންޏެވެ.
*****
މައުވާމެންގެ ޚަބަރެއް ނުވެ ގިނަ އިރުވާން ފެށުމުން ތޫބާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަ ގަޑިއަށް ނަޒަރު ހިންގަމުން މައުވާއަށް ގުޅަން މަސައްކަތްކުރަމުން ދިޔަ އެވެ. ގަޑިއަށް މައުވާއަށް ނާދެވިއްޖެނަމަ ބޮޑު މައްސަލައެއް ހިލިގެން ހިނގައިދާނެތީ ވެސް ތޫބާ ހުރީ ބިރުންނެވެ. އޭނަ އަނެއްކާ ވެން މައުވާގެ ފޯނަށް ގުޅިއެވެ. މިފަހަރު ވެސް ރިންގްވެފައި ފޯނު ކެނޑުނީއެވެ.
''އަޅެ ދެން ފޯނު ނަގަން ވެއްޖެއެއްނު. ކޮންތާކަށްތަ ތިދެމީހުން ގޮސްގެން ތިއުޅެނީ، ކުޑޭގެ ފޯނު ވެސް އޮތީ ނިއްވާލާފަ... މަންމަ ގެއަށް އައިއްސިއްޔާ ބަސްޓް ވާނެ... އައި ޑޯންޓް ނޯ ހައު ޝީ ވިލް ރިއެކްޓް...'' ތޫބާ ކުރަމުންދާ މަސައްކަތްތައް ފެނަށްވާން ފެށުމުން އޭނަ ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ކުދިކިޔަމުން ގޮސް ތޫބާ ކޮޓަރިން ނިކުތް އިރު ޒުލްފާ އިނީ ޓީވީ ބަލަންށެވެ. ޓީވީގެ ސްކްރީނަށް އަރުވަމުން ދިޔަ ކުއްލި ޚަބަރަށް ތޫބާގެ ސަމާލުކަން ހުއްޓުނެވެ.
''މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ސީރިއަސް ހާލަތުގައި''
ތޫބާ ގޮސް ސޯފާގައި އިށީނުމާއެކު ޒުލްފާ ފޫހި ކަމާއެކު ބަލާލިއެވެ. އޭނަ ހުންނަނީ ތޫބާ ދެކެ ވެސް ހިތްހަމަނުޖެހިފަ އެވެ. ޝިއާފާއި މައުވާގެ ދެމެދުގައިވާ ގުޅުމުގައި ވިންދުޖަހަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ތޫބާގެ އަތެއް ވާނެކަން ޔަޤީނާ ގާތަށް އެނގޭތީއެވެ.
ޓީވީ ބަލަން އިން ތޫބާގެ ފޯނު ރިންގްވާން ފެށުމާއެކު އަވަސް އަވަހަށް ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލެވުނީ މައުވާއަށް ވުމަށް އެދި ހިތް ގޮވާ ހާލުގައެވެ. ނަމަވެސް މަންމަގެ ނަން ފެނުމާއެކު އޭނަގެ މޫނުން ނުތަނަވަސްކަމުގެ އަސަރު ފާޅުވާން ފެށި އެވެ.
''ހެލޯ މަންމާ...''
ހާސްކަމުގެ މައްޗަށް އަމިއްލަ ބާރު އިސްކުރަމުން ތޫބާ ފޯނުނެގިއެވެ. އޭނައަށް ކަމެއް ގޯސްވެއްޖެކަން ވިސްނައިގަނެވުނީ މަންމަގެ އަޑުގައިވި ތަފާތުކަމުންނެވެ. ގިނައިރު ރުއިމުގެ ސަބަބުން މަންމަގެ އަޑު ވަނީ ބަދަލުވެފަ އެވެ. ތޫބާއަށް ހީކުރެވުނީ މަންމަގެ އެކުވެރިޔާ ނިޔާވުމުން އެކަމުގެ އަސަރު މަންމައަށް ކުރީ ކަމަށެވެ. ނަމަވެސް މަންމަގެ ދުލުން ބުނި ބަސްތައް ކަންފަތާ ހަމައަށް ފޯރުމާއެކު ތޫބާއަށް ހުރެވުނު ތަންވެސް ހަނދާންނެތުނެވެ. ފުންމައިގެން ގޮސް އޭނައަށް ސޯފާއިން ތެދުވެވުނު އިރު ދެލޯބޮޑުވެއްޖެ އެވެ. މުޅި މީހާ ފިނިވެ ތޫބާއަށް ބަލާލެވުނީ ޒުލްފާގެ މޫނަށެވެ. އޭރު ތޫބާއަށް ވަމުން ދިޔަ ގޮތް ފެނި ޒުލްފާ އިނީ ސުވާލުގެ ނަޒަރަކުން ތޫބާއަށް ބަލަހައްޓައިގެންނެވެ.
ތޫބާއަށް އޭނަގެ ރުއިން ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނަގެ ބަޑިފަޅައިގެންދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަތުގައި އޮތް ފޯނު ވެސް ބިންމައްޗަށް ވެއްޓި ބައިބައި ވެއްޖެއެވެ.
''ކިހިނެއްތަ ވީ؟...''
ޒުލްފާ ހާސްވާން ފެށީ ތޫބާ އަޑުން އަޑު ނަގާފައި ރޯން ފެށުމުންނެވެ. އޭނަ ސޯފާއިން ތެދުވަމުން ތޫބާގެ ގާތަށް ޖެހިލިއެވެ. އެއާއެކު ތޫބާއަށް އޮޅުލައިގަނެވުނީ ޒުލްފާގެ ހަށިގަނޑުގައެވެ. އޭނަ ރުއިން ކޮންޓްރޯލް ކުރަން ބޭނުން ވިކަމުގައި ވިޔަސް އެކަން ވެސް ވީ ބޭކާރު ކަމަކަށެވެ. ކުރިމަތިވަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ވިޔަސް ދުލަށް އެފަދަ ބާރެއް ލިބިގެން ނުވެއެވެ.
''ބަލަ ރުއިން ހުއްޓާލާފަ މަށަށް ވެގެން އުޅެ ގޮތެއް ބުނެދީފާނަންތަ؟، މީހަކަށް އަޑު އިވިއްޖެއްޔާ ހީވާނީ އަހަރެން ތޫބާ މަރަނީ ހެނެއްނު...'' ތޫބާގެ ރުއިމުގެ އަޑުން ޒުލްފާގެ ބޮލަށް އުނދަގޫވާ ހިސާބަށް ކަންތައް ދިއުމުން ބުނެލިއެވެ. އޭނަ އަހާއަހާ ވެސް ވެގެން އުޅޭ ގޮތެއް ބުނަން އުޅުނީކީ ނޫނެވެ.
''ކުޑޭ... ކުޑޭ...'' ރުއިމުގެ ތެރެއިން ތޫބާއަކަށް ރަގަޅަށް ވާހަކައެއް ނުދެއްކުނެވެ.
''ބަލަ ތި ރުއިން ހުއްޓާލާފަ ވާހަކަ ދައްކަބަލަ...'' ޒުލްފާގެ މެޔަށް ކުއްލިޔަކަށް ފިނިވެގެން ދިޔައީ ތޫބާ ދައްކަން އުޅެނީ ޝިއާފްގެ ވާހަކަ ކަމަށް ވީތީއެވެ. ތޫބާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ޒުލްފާގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''ތޫބާ!!!...'' ތޫބާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޒުލްފާ ބާރަށް ބުނެލިއެވެ.
''ދައްތާ... ކުޑޭ އެކްސިޑެންޓް ވެއްޖެ... ހޮސްޕިޓަލުގައި... ވަރަށް......'' ތޫބާއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކޯތާފަތަށް އަރައިގެން ދިޔަ ދިލަ އެތިފަހަރާއެކު އޭނަގެ މޫނުމަތިން ކުދި ކޮކާތަކެއް ބުރައިފިއެވެ. ތޫބާއަށް ނިކަން އަވަހަށް ދިލަކަން އިހުސާސް ކުރެވެމުން ދިޔަ ހިސާބުގައި ފިރުމާލެވުނެވެ. އޭރު ރުޅިއައިސްފައި ހުރި ޒުލްފާގެ ދެލޯ އޭނައަށް އަމާޒުވެފައި ވެއެވެ.
''ދެއްކޭ ނުދެއްކޭ ވާހަކަ ނޭގިގެންތަ ތިއުޅެނީ...'' ޒުލްފާ ހަޅޭއްލަވައި ގަތެވެ.
''ކަލޭ ގާތު ކާކު ދައްކައިގެން އުޅޭ ވާހަކައެއް ތީ؟... ބުނަން މަށާ ސަމާސާކުރަން ނުޅޭތި!!!'' ޒުލްފާ އޭނަގެ ހިތަށް އައިހާ އެއްޗެއް ތޫބާއާ ދިމާއަށް ގޮވާލިއެވެ. އަދި މިނެޓެއް ވެސް ނަގާނުލައި ގުޅަން ފެށީ ޝިއާފްގެ ފޯނަށެވެ. އޭނަގެ މޫނުމަތިން ހާސްކަން ފެންނަން ފެށީ ދެނެވެ. ތޫބާ ދެއްކީ ދެގޮ ވާހަކަތެއްކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަ ޒުލްފާގެ އުއްމީދުގެ ހުޅުކޮޅު ވައިރޯޅިއާ ހަނގުރާމަކުރަން ފެށިއެވެ. އޭނަ ޓީވީ ސްކްރީނަށް ނަޒަރު ހިންގާލުމާއެކު ހިތުގެ ތެޅުން އަވަސްވާން ފެށީ ވަކިވަރެއް ބަލާފައެއް ނޫނެވެ.
''ނޫން...'' ހިތަށް ސަވާރުވާން ފެށި ތަފާތު ބިރުވެރިކަންތަކާއެކު ޒުލްފާއަށް ސޯފާއަށް ތިރިވެވުނެވެ. ''ނުވާނެ ތިހެނެއް...''
''ކާކު ތޫބާ ގާތު ތިވާހަކަ ދައްކައިގެން ތިއުޅެނީ... ކިހިނެއް ހިނގި ކަމެއްތަ؟...'' ޒުލްފާ ހިތްވަރުކުރަމުން ގޮސް ވެސް އެންމެ ފަހުން ލޮލުން ކަރުނަ ނީރާލައިފިއެވެ. އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް އޭނަ މަސައްކަތްކުރަމުން ދިޔައީ އެވާހަކަތަކުގެ ބާރު އޮއެވަރުގައި ޖެހި ގެނބިގެން ނުދިއުމަށެވެ. ނަމަވެސް އާހިރުގައި ކަންވެ ނިމުނީ އޭނަ ހިތަށް ވެސް ތަސަށްވަރު ނުކުރާ ފަދަ ގޮތަކަށެވެ.
ހުރިހާ މަޢުލޫމާތެއް ހިއްސާކުރަން ތޫބާ ފަސްޖެހުނެއް ކަމަކު އެކްސިޑެންޓްގެ ކުޑަ ތަފްސީލެއް ޒުލްފާއާއި ހިއްސާކުރިއެވެ. ތޫބާ އޭނައަށް ކަމެއް އޮޅުވާލަން އުޅޭކަން ޒުލްފާއަށް ނަގައިގަނެވުނީ ތޫބާގެ ބަސްތައް އެތުރުމުގައި ފަށުވިކަމެއް ނުތުމުގެ ސަބަބުންނެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް ސިކުނޑީގައި އެނބުރިގަތެވެ. އެސުވާލުތަކުގެ ޖަވާބު ލިބެން އޮތް ގޮތަކީ ކޮބައިކަން ވެސް ޒުލްފާއަށް އެނގެއެވެ. އެއާއެކު އޭނާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ތޫބާ ވެސް ޒުލްފާއާއެކު ދާން އަވަސްވެގަތެވެ.
ހޮސްޕިޓަލަށް ދާން ކާރު ދުއްވަމުން ދިޔަ އިރު ޒުލްފާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. އޭނަ ހިތާ ހިތާ ދުޢާ ކުރަމުން ދިޔައީ ޝިއާފަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް އެދިއެވެ. އަދި އެއްވެސް ހާނިކައެއް ނުވެ ސަލާމަތްވުމަށް އެދިއެވެ.
ހޮސްޕިޓަލަށް ދެވުމާއެކު ދެފަޔަށް ލެވުނުހާ ބާރަކާއެކު ޒުލްފާ މިސްރާބު ޖެހީ އައި.ސީ.ޔޫއަށް ދިޔުމަށެވެ. ހަރުކޮށް ހިނގާފައި ދިޔަ ޒުލްފާގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ގޮނޑިބަރިއެއްގައި އިން މައުވާ ފެނުމާއެކުގައެވެ. އޭނަގެ ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން ކުރިހޯދައި ބޮލަށް ޝައިތާނާ ސަވާރުވާން ފެށީ ކުއްލިޔަކަށެވެ. ތޫބާ އޭނައަށް ސިއްރުކުރަން އުޅުނު ކަންތައް އޭނަގެ ތޫނުފިލިކަމާއެކު ވިސްނައިގަނެވުނެވެ. ހިތަމައާއި އެކުވެ ރުޅިވެރިކަން ފަޅައިގެން ދިއައީ ކެކިކެކި ހުރި އަލިފާން ފަރުބަދައެއްގެ އުސޫލުންނެވެ. އޭނަ މައުވާއި ދިމާއަށް ހިނގައިގަތް ތަނާ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލަން ޖެހުނީ އައި.ސީ.ޔޫ އިން ނިކުތް ނަރުސް ކުއްޖާ ފެނުމާއެކުގަ އެވެ.
ނަރުސް ކުއްޖާ ބުނެލި ކޮންމެ ލަފުޒެއްގައި ހޮނު ގުގުރީގެ ބާރު އެކުލެވިގެން ވިއެވެ. ޒުލްފާއަށް އަޑުގެ ކޮޅަށް ހަޅޭއްލެވައިގަނެވުނެވެ. އަދި ބާރަށް ރޮއިގަނެވުނެވެ.
''ޝިއާފް...''
ރުއިމުގެ ތެރެއިން ޒުލްފާއަށް ބުނެވުނެވެ. އޭނަގެ ހިތް ފަޅައިގެންދާ ހިސާބަށް ކަންތައް ދިޔައެވެ. ދިޔާނާ ޒުލްފާ ގާތަށް ޖެހިލުމާއެކު ޒުލްފާ އަތުގެ އިޝާރާތުން އަމުރުކޮށްލީ ދުރުގައި ހުރުމަށެވެ. ލިބުނު ހިތާމަ ބަރުދާސްތުކުރަން އިންތިހާއަށް އުނދަގޫވިކަމުގައި ވިޔަސް އެއްވެސް މީހެއްގެ އެހީ އޭނައަށް ބޭނުމެއް ނުވެއެވެ. ވަކިން ހާއްސަ ގޮތެއްގައި އޭނަގެ ދުޝްމިނުންގެއެވެ.
ޝިއާފްގެ މަރުގެ ޚަބަރާއެކު މައުވާގެ ހިތުގެ ހިނގުންެ ވެސް މަޑު ޖެހިލި ކަހަލައެވެ. މޭގައި އުފަންވާންފެށި ތޫނު ތަދާއެކު ނޭވާލާން ވެސް އޭނައަށް ދަތި ވިއެވެ. ފުސްވަމުން ދިޔަ ދެލޮލުން މަންޒަރުތައް ވެސް ވަކިވާ ގޮތެއް ނުވިއެވެ. ބޮލަށް އަރައިގެން ދިޔަ އެނބުރުމާއެކުގައި މައުވާއަށް އެހީއަކަށް އެދެވުނީ ކައިރީގައި ހުރި ފާރުގެއެވެ. ފާރުގައި ލެނގިލަމުން މައުވާ ދެލޯ މަރާބާރުކޮށްލިއެވެ.
ޒުލްފާގެ ލޮލުގައި މައުވާ އަޅައިގަތުމާއެކު އޭނަގެ ހުރިހާ ހިއްސުތަކުގައި ނަފުރަތުގެ ހުޅުގަނޑުގައި ހިފައި ގަދަޔަށް އަނދަން ފެށިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނަ ހަލުވިކޮށް ހިނގައިގަތީ މައުވާއާއި ދިމާއަށެވެ. މިހުރިހާ ދުވަހު އެތެރެހަށީގައި ހިފަހައްޓަައިގެން ހުރި ނަފްރަތުގެ ދިލަ ހޫނުން މައުވާ އަނދާއަޅިއަށް ހަދާލަން އޭނަ ބޭނުން ވިއެވެ. ވަގުތު އޮތްވައި އެސުންޕާގެ ވަކިތަކުން އޭނަގެ ދަރިފުޅު ސަލާމަތްކުރެވުނު ނަމައެވެ. އޭނައަށް ފަހުން ކަންތައް ފަސްކުރެވުމުގެ ހިތި ނަތީޖާ އޭގެ ފުރިހަމަ ކަމާއެކު ކަރުބުޑުގެ ތެރެއަށް ފޭދި ނިމިއްޖެއެވެ. މިއަދު އެސުންޕާގެ ސަބަބުން އޭނަގެ ދަރިފުޅު އެވަނީ މުޅި އުމުރަށް ބީވެގެން ގޮސްފައެވެ. ވެދިޔަ ހުރިހާ ކަމެއް އިލްޒާމު ޒުލްފާގެ އެޅުވީ މައުވާގެ ބޮލުގައެވެ.
''ކަލޭ މިހުރިހާ ދުވަހު ބޭނުންވި ގޮތަށް ކަންތައް ވެއްޖެ ދޯ؟... މިހާރު ކަލޭ ހުންނާނީ ވަރަށް އުފަލުންކަން އަހަންނަށް އެނގޭ... ކަލޭ ޕާޓީއެއް ބާއްވަން ޖެހޭ ވަރުގެ ކަމެއްނު ކުރެވުނީ... ބޮޑު ސުންޕާގަނޑު... މަގޭ ދަރި ދޯ ޖަހައިގަންނަން ކަލެއަށް އެނގުނީ، ބަލަ ކަލޭ ތި ކަރުނަތައް އޮއްސިއަސް މަށަށް އެނގެޔޭ ކަލޭ ޖައްސާ އެކްޓެއްކަން ތީ... ކަލޭގެ ޢާއިލާ މީހުން އެކަނި ކަލޭގެ އެކްޓުތަކަށް ހެއްލޭނީ، މަށެއް ނުހެއްލޭނެ!... މިތަނުން ދާން އުޅޭ... މިބުނީނު ދާށޭ!!! ބަލަ ކަލެއަށް އަޑެއް ވެސް ނީވެނީތަ!!!...''
މައުވާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް ވީއްލައިލަމުން ޒުލްފާ ހަޅޭއްލަވައިގަތެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް މައުވާގެ ހަށިގަނޑު އަރިއަޅާލުމާއެކު އޭނަ ބިންމައްޗަށް ވެއްޓިއްޖެއެވެ. ލިބުނު ކުއްލި ސިހުމާއި މޫނުން ނަގަމުން ދިޔަ ދިލައިން ކޯތާފަތުގައި ފިރުމަމުން އޭނަ ޒުލްފާއަށް ބަލާލިއެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލުން އަނެއްކާ ވެސް ކަރުނަތައް އޮހެން ފެށިއެވެ.