''ތޭންކްސް، އައެމް ފްރީކިންގް ޓު ޑެތް، ޑޫ ޔޫ ތިންކް ދެއި ވިލް ލައިކް މީ؟...'' ތޫބާ އެހި އެވެ.

''ތި ދެން ކޮންހަކަ ސުވާލެއްތަ؟، ކީއްވެ ލައިކް ނުވާން ވީ، ޔޫ އާރ ދި ބެސްޓް... ތޫބާ މާ ބޮޑަށް ހާސްވާތީ ނެގެޓިވްކޮށް ތި ވިސްނެނީ، ޖަސްޓް ޓޭކް ޑީޕް ބްރެތްސް އެންޑް ތިކްން ޕޮޒިޓިވްލީ...'' މައުވާ ބުންޏެވެ.

*****

މެންދުރުގެ ވަގުތަށް އެޅިގެން އައި ހިނދު ވިއްސާރަ ވިލާތަކުން އުޑުމަތި ހިސާރުކޮށްލައި ފަޒާއަށް ވެރިވެފައި އޮތް ހޫނުކަމަށް ނިމުމެއް ގެނެސްދީފި އެވެ. މެދުމިނުގައި ޖެހެމުން އައި ވައިރޯޅިތަށް ވަގުތާއެކު ބަދަލުވާން ވެސް ފަށައިފިއެވެ. ފުނިޖެހެމުން އައި ވިއްސާރަވިލާތަކުން އަންނަން އުޅޭ ކޮޅިގަނޑުގެ އިންޒާރުތައް ދޭތާ އެތައް އިރެއް ފަހުން މުޅި މާހައުލުގެ ހިމޭންކަން ނަގާލީ އެތައް މިލިއަން ވާރޭ ތިކިތަކުގެ އަޑުންނެވެ. ފާއިތުވާން ފެށި ކޮންމެ މިނެޓަކާއެކު ތޫފާނުގެ ބާރު ގަދަވުން ނޫންކަމެއް ވެސް ނުވިއެވެ.

''އޯހ ނޯ...'' ތައްޔާރުވާން ހުރި ތޫބާއަށް ވާރޭގެ އަޑު އިވުމާއެކު ދުއްވައިގަނެވުނީ ކުޑަދޮރާއި ދިމާއަށެވެ. ފިނިރޯޅިއާއެކު ވާސިލުވަމުން ދިޔަ ވިއްސާރައިގެ ކަނިތަކުން ސަލާމަތްވުމަށް ތޫބާއަށް އަވަސް އަވަހަށް ކުޑަދޮރު ލައްޕާލެވުނެވެ. އަދި އިސްއުފުލާލަމުން ފެންނަން އޮތް ބަނަ ސައިލަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު އޭނައަށް ތުންފަތް އަރިއަކަށް ދަމާލެވުނެވެ. މިއިން ޒަމާނެއްގައި ވެސް ވާރޭ ހުއްޓާލާނެހެނެއް ހިޔެއް ނުވެއެވެ. ވިއްސާރައިގެ ސަބަބުން ވަގުތަށް ނުދެވިދާނެތީ ތޫބާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ފެށިއެވެ.

ފޯނުގެ ރިންގުގެ އަޑު ކޮޓަރީގެ ހަތަރުފާރުތެރޭ ގުގުމާލައިގެން ދިއުމާއެކު ތޫބާއަށް ރީތިވާ މޭޒަށް ނަޒަރު ހިންގާލެވުނެވެ. އޭނަ ދެން އަވަސްވެގަތީ ފޯނަށް ޖަވާބު ދިނުމަށެވެ.

''ހޭއި ސްވީޓްހާރޓް... ތައްޔާރުވެ ނިމިއްޖެތަ؟...'' ތޫބާއަށް ވާހަކަ ނުދެއްކެނީސް މިޒްޔަލްގެ އަޑު އިވުގެން ދިޔަ އެވެ.

''އައެމް ރެޑީ، އެކަމަކު މިހާ ގަދަޔަށް ވާރޭ ވެހެންޏާ ކިހިނެއް ގަޑިއަށް ދެވޭނީ، އަނެއްކާ ކަނޑު ވެސް އެހާ ގަދަވާނެ...'' ކުޑަދޮރުން ބޭރު ބަލާލަމުން ތޫބާ ބުންޏެވެ. މިގަދަ ތޫފާނުގައި ކަނޑު ހުރަސްކޮށް ވިލިމާލެއަށް ދިއުން ވެގެން ދާނީ އޭނައަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ. ބިޔަ ރާޅުތަކާއި މޫސުމުގެ އިންޒާރުތަކުގެ ތެރޭ ދަތުރުފަތުރުކުރުން އެއީ އޭނަ އެންމެ ބިރުގަންނަ އެއްކަންތަކެވެ. ނަމަވެސް އޭނަގެ ލޯތްބަށްޓަކައި އެބިރާ ކުރިމަތިލާން އެވަނީ މަޖުބޫރުވެފައެވެ.

''އެވްރީތިންގް ވިލް ވޯރކް އައުޓް، ދިހަ ވަރަކަށް މިނެޓް ތެރޭ މިކައިރި ކުރަނީ...'' މިޒްޔަލްގެ ވާހަތަކުން ތޫބާގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. މިޒްޔަލް ފޯނު ކަނޑާލުމުން ތޫބާ އަނެއްކާ ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެ ފަރިބަލާލިއެވެ.

މިޒްޔަލްގެ ދެވަނަ ފޯންކޯލާއެކު ތޫބާ އަވަސްވެގަތީ ތިރިއަށް ފޭބުމަށެވެ. ކޮޓަރިން ބޭރަށް ބޯދިއްކޮށްލަމުން ތޫބާ މުޅިތަން ސްކޭންކޮށްލީ މަންމަގެ ހިލަމެއް ނުވާތޯ ޔަޤީންކޮށްލުމަށެވެ. މަންމަގެ ހިލަމެއް ނުވުމުން ވިދުވަރުގެ ހަލުވިމުނައި ތޫބާ މިސްރާބު ޖެހީ މައިދޮރާއިދިމާއަށެވެ. ނަމަވެސް މާކަ ދުރަށް ދެވޭ ގޮތެއް ނުވިއެވެ. ތޫބާ ކާކޮޓަރި ކުރިމަތިން ހުރަސްކަނޑާލި ވަގުތު ތަށިތައް އަތުރަން އުޅުނު ދިޔާނާއަށް ފެނި ގޮވާލައިފިއެވެ.

''މި ވިއްސާރައިގަ ކޮންތާކަށް ދާން ތިއުޅެނީ؟...'' ތޫބާ ނަލަހެދިލައިގެން ހުރުމުން ދިޔާނާއަށް ލިބިފައިވާ ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ. މިފަހަކަށް އައިސް ތޫބާގެ މިޒާޖަށް އަންނަމުންދާ ބަދަލުތައް އޭނައަށް ވަނީ ފާހަގަ ކުރެވެން ފަށާފައެވެ. އޭނަގެ ވިސްނުން އެކިދިމަދިމާއަށް ދަތުރުކުރަމުން ދިޔަ ހިނދު އެކަމާ ގުޅޭގޮތުން ތޫބާއާއި ސުވާލުކުރަން ދިޔާނާ ހުންނަނީ ހިތުލައިގެންނެވެ. ނަމަވެސް ގޭގެ މަސައްކަތުން އޭނަ އަވަދިވާ ހިނދު އެހުރިހާކަމެއް މަތިން ހުންނަނީ ހަނދާން ނެތިފައެވެ.

''މީ... އެކުވެރިޔަކާއެކު ބޭރަށްދާން....'' ތެދު ހާމަކުރަން ފަސްޖެހުމުން ތޫބާއަށް މިފަހަރު ވެސް ޖެހުނީ ދޮގު ހަދާށެވެ. ކޮންމެ ފަހަރަކު މަންމައަށް އޮޅުވާލަން ޖެހޭތީ ތޫބާ ދެރަވެއެވެ. ނަމަވެސް މިޒްޔަލްގެ ވާހަކަދައްކަން އޭނައަށް ފަސްޖެހެވެނީއެވެ. މަންމަ އެކަމާމެދު ދެކޭނެ ގޮތް ނޭގޭތީއެވެ. މަންމައަށް އޭނަގެ ހޮވުން ކަމުނުގޮސްފިއްޔާ އޭނަ ކުރި ހުރިހާ އުއްމީދެއްގައި ނިމުމުގެ ސިއްކަ ޖެހިގެން ހިނގައިދާނެއެވެ. ފަހަރެއްގައި ވެސް އެފަދަ ހިތި ނިމުމެއް އޭނަގެ ލޯތްބަށް އަންނަން ތޫބާގެ ހިތެއް ނުރުހެއެވެ. އެހެނަސް އުމުރު ދުވަހަށް އެއްވެސްކަމެއް ސިއްރުނުކުރެވޭނެކަން ޤަބޫލުކުރަން ތޫބާގެ ޒަމީރު އޭނައަށް ބާރުއަޅަމުން ދިޔައެވެ.

''މިހާރު ހާދަ ގިނައިން ބޭރަށް ތިދަނީ؟... މަންމަ އެހާ ހިތްހަމަޖެހޭކަމެއް ނޫން ދަރިފުޅު އަބަދު އެކުވެރިންނާއެކު ބޭރަށް ދިއުމަކީ...'' ދިޔާނާ އޭނަ ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ތޫބާއަށް ބަލާލިއެވެ. އެވަގުތު އަނެއްކާ ވެސް ތޫބާގެ ފޯނު ރިންގްވާން ފެށިއެވެ. ސްކްރީނަށް ނަޒަރެއް ދެމުން ތޫބާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

''އަވަހަށް އަންނާނަމޭ...''

މިހެން ބުނުމަށްފަހު ތޫބާ މަޑުކުރުމެއްނެތި ދާން ހިނގައިގަތެވެ. ދަރިފުޅު ދިޔަ ދިމާއަށް ބަލަން ހުރި ދިޔާނާއަށް ވިސްނަން ހުރެވުނީ ތޫބާއަށް އަންނަމުންދާ ބަދަލުތަކުގެ އަސްލާ މެދުގައެވެ. އޭގެ ސަބަބުން ހަނާއަޅަން ފެށި ކަންތަކާމެދު އޭނައަށް ފިކުރު ހިންގާލެވުނެވެ. ތޫބާ އަބަދު ފޯނުގައި ހުރުމާއި އޭނަ ފެންނައިރަށް ފޯނު ކަނޑާލުމެވެ. ނަލަހެދިގެން ބޭރަށް ދިއުމެވެ. އޭނަ ސުވާލެއްކޮށްފިއްޔާ ފެނިގެންދާ ހާސްކަމެވެ. މިއަދު ވެސް ފެނިގެން ދިޔައީ ހަމަ އެހާސްކަމެވެ.

ދިޔާނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ދަރިފުޅު ބޮޑުވެއްޖެކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ އިހްތިޔާރު ވެސް އޮންނަން ޖެހޭނެކަން ޤަބޫލުކުރަން އޭނަ ބޭނުންވިކަމުގައި ވިޔަސް ތޫބާއަށް ދެރަ ގޮތެއް ވެދާނެތީ އޭނަ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. މިޒަމާނުގައި އުޅޭ ފިރިހެން ކުދިންނަށް އިތުބާރު ކުރުމަކީ އުނދަގޫ ކަމަކެވެ. އިވޭ އަޑުތަކާއި ޚަބަރުތަކުން ފެންނަ ނޭދެވޭ މަންޒަރުތަކުން އަބަދުވެސް އޭނަގެ ހިތުގައި ބިރުވެރިކަން އޮވެއެވެ. ބޭރުފުށުން ގިރިޓީކޮށްފައި ދައްކާ ވިދުމަކުން މީހާގެ ގޮތެއް ނޭގޭނެއެވެ.

އަމިއްލަ ޚިޔާލުތަކަށް ގެއްލިފައިވިތާ އެތައް އިރެއް ފަހުން ދިޔާނާ ގަސްދުކުރީ ތޫބާގެ ހޮވުން ދެކިލުމަށެވެ. ތޫބާއަށް ފުރުސަތެއް ދިނުމަށެވެ. ޔަޤީނުން ވެސް އޭނައަށް ތޫބާގެ ފަރާތުން ކުރިން ނުފެންނަ އުފާވެރިކަން ވަނީ ފާހަގަ ކުރެވިފައެވެ. ފަހަރެއްގައި ވެސް އެއުފާވެރިކަން ނެތިގެން ދާކަށް އޭނަ ބޭނުމެއް ނުވެއެވެ.

*****

ތޫބާ ބޭރަށް ނިކުތްތަނާ މިޒްޔަލް އޭނަ އިން ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ތޫބާއަށް ގޮވާލިއެވެ. އަދި އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. އެއާއެކު އަތުގައި އޮތް އަތްދަބަސް މޫނާ ދިމާއަށް ދިއްކޮށްލަމުން ތޫބާ ދުވެފައިކަހަލަ ގޮތަކަށް ގޮސް މިޒްޔަލް ހުޅުވާލި ދޮރުން ކާރަށް އެރިއެވެ. ތޫބާ ފެންނައިރަށް މިޒްޔަލް ހިނިތުންވެލިއެވެ. އަދި ކާރު ދުއްވަން އިން އޭނަގެ އެކުވެރިޔާ ތަޢާރަފްކޮށްލަދިނެވެ.

''ހާދަ ލަކުން ތިއާދެވުނީ؟...'' މިޒްޔަލް ތޫބާއަށް ފުން ނަޒަރަކުން ބަލާލިއެވެ. ކިތަންމެ ފަހަރަކު ބެލި ކަމުގައި ވިޔަސް އޭނަގެ ހިތެއް ނުފުރެއެވެ. ބޭނުންވަނީ ތާއަބަދު އެރީތި ސޫރަ ފެންނާށެވެ.

''މަންމަ...'' ކުރު ޖަވާބަކުން ތޫބާ ފުއްދާލިއެވެ. އިތުރަށް އޮޅުން ފިލުވަން އުޅެފައި ވެސް މިޒްޔަލް އެޚިޔާލު ދޫކޮށްލިއެވެ.

*****

ބިޔަ ރާޅުތަކާއި ބޯވާރޭގެ ތެރޭން ފެރީ ދުއްވަމުން ދިޔަ ހިނދު ތޫބާއަށް އިދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ރާޅުތަކާއެކު ފެރީއަށް ލޮޅުން އަރާ ކޮންމެ ފަހަރަކު އޭނައަށް މިޒްޔަލްގެ އަތަށް ބާރުކޮށްލެވެއެވެ. ތޫބާ މާބޮޑަށް ބިރުގެންފައިވުމުން މިޒްޔަލްއަށް ވެސް ހާސްކަމެއް ލިބިފައި ވެއެވެ. އޭނަ ކުރިއަށްވުރެ ބޮޑަށް ތޫބާއާއި ގާތަށް ޖެހިލަމުން އެއަތުގެ ހިމާޔަތުގެ ތެރެއަށް ތޫބާ ގެނައެވެ. އެކަމަށް ބޭނުންވެފައި އިން ތޫބާއަށް މިޒްޔަލްގެ މޭގައި މޫނު ފޯރުވާލެވުނީ އިހްތިޔާރަކާ ނުލައެވެ.

ބަނދަރަށް ފެރީ ލެފުމާއެކު ދަތުރުގެ ބައިވެރިންގެ މޫނުތައް އުޖާލާވެގެން ދިޔަކަން ގައިމެވެ. ތޫބާއަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މިޒްޔަލްއާއި ތޫބާ މަޑުކޮށްލައިގެން ތިބީ މީހުންތައް މަދުވަން ދެނެވެ. އޭރު ވާރޭ ތުނިކޮށްލާފައި އޮތްކަމުގައި ވިޔަސް ރޯޅިތަކުގެ ނުފޫޒަށް ކުޑަ ވެސް ބަދަލެއް އައިސްފައި ނެތެވެ.

މިޒްޔަލްގެ ޢާއިލާގެ ހުރިހާ މެންބަރުން ވެސް ތޫބާއަށް ހޫނު މަރުހަބާއެއް ކިޔެވެ. މުޅި ދުވަހު އޭނައަށް ލިބިފައިވި ހާސްކަމަށް ނިމުމެއް އައީ އެހިސާބުންނެވެ. އެއުފާވެރި ޢައިލާއާއި ބައްދަލުވުމުން އޭނައަށް އިތުރު ދިރުމެއް ލިބިގެން ދިޔަ ފަދައެވެ. މިޒްޔަލްގެ މަންމަ ވެގެން ދިޔައީ ތޫބާ ހީކުރި ވަރަށްވުރެން ރަގަޅު މީހަކަށެވެ. ހިތްހެޔޮވެފައި، އޯގާތެރި ޝަހުސިއްޔަތެއްގެ ވެރިއަކަށެވެ. ފުރަތަމަ ނަޒަރުން ވެސް ތޫބާގެ ހިތުން ޖާގައެއް ދެވުނެވެ.

*****

ހަވީރުގެ ވަގުތެވެ. ގަސްތަކަށް ފެންދޭން އުޅުނު އަސްމާއަށް އަތްގާތްކޮށްލަ ދިނުމުގައި މައުވާ އުޅުނެވެ. ހަވީރަށް ފޮޅިފައިވާ ކުލަރީތި މާތަކުން މުޅި ބަގީޗާއަށް ދިރުން ގެނުވާފައި ވެއެވެ. ގުލްޒާރުގެ ހުވަނދާއެކު ސިކުނޑިވެސް ތާޒާ ކުރުވައެވެ. އަސްމާއާއި ފޮނިއަނގަތަޅަން މީޒާ ހުރިއިރު އެމީހުންގެ ވާހަކައަށް މައުވާ ހުރީ ސަމާލުކަން ދީގެންނެވެ. ފަހަރެއްގައި ވެސް ޒިވްޔަންގެ ވާހަކައެއް ދެކެވިދާނެކަމުގެ އުއްމީދުގައެވެ. އެޒުވާނާގެ ހަޤީޤަތް އެނގެން އޭނަ ހުރީ ބޭނުން ވެފައެވެ. މަންމަމެންގެ ވާހަކައިން އޭނަގެ ޝައުގުވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.

''މިފަހަރު އަލިމަގެއް ނުފެނުނިއްޔާ ދޭބަލަ އިންޑިޔާއަށް، އެކޮޅަށް ގެންދަނިކޮށް ރަގަޅުވެދާނެހެން މަށަށް ހީވަނީ...'' ފެންދޭން ގެންގުޅުނު ހޮޅީގެ އިސްކުރު ބާރުކުރަން މައުވާއަށް އިޝާރާތްކޮށްލަމުން އަސްމާ ބުނެލިއެވެ.

''ތިހުރިހާ ތަނަކަށް ވެސް ގޮސްގެން އަލިމަގެއް ނުފެނުނު، އަހަރެން މިހުންނަނީ ހަދަންވީ ގޮތެއް ނޭގިފަ... ގޭގަ ފިރިހެނެއް ނުހުންނަނަމަ ނޭގޭ ޒިވްޔަން މައިތިރިކުރާނެ ގޮތެއް ވެސް... އެކުއްޖާ ވެސް ބޭނުމެއް ނުވޭ ރަގަޅުވާކަށް، ޑޮކްޓަރުން އިރުޝާދުނެދީ ލޯތްބާއި އަޅާލުން ލިބެންޏާ ޒިވްޔަން ރަގަޅުވުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް، އެކަމަކު ޒިވްޔަން ބޭނުމެއް ނުވޭ މީހަކު އޭނައާ ވާހަކަދައްކާކަށް ވެސް... އެކަނިވެރިކަމުގައި އުޅެން އޭނަ ބޭނުންވަނީ... އަބަދު އެގިޓާ ގަނޑެއް ހިފައިގެން އުޅެނީ، އޭގައި މީހަކު އަތްލައިފިއްޔާ ވެސް އެނިމުނީ...'' މީޒާ ބުންޏެވެ.

''މިހާރު ދިހަ އަހަރު މިވީ އެވޭނެއްގައި ޒިވްޔަން އުޅޭތާ، ބަލީގެ ފުރަތަމަކޮޅު ދެއްކުނުނަމައޭ ހިތަށްއަރާ... ބަލީގެ އަލާމާތްތަކަށް އަހަންނަށް ސަމާލުކަން ދެވުނުނަމަ މިހާ ހިސާބަށް ކަންތައް ނުދިޔައީސްކަން ނޭގެ...'' މީޒާގެ ހިތުގައި އެތައް ހާސް ޝަކުވާއެއް ވިއެވެ.

''އިރާދަކުރެއްވިއްޔާ ރަގަޅުވާނެ، ވަގުތު ދެނިކޮށް ހުރިހާ ޒަހަމެއް ވެސް ފަސޭހަވެގެން ދާނެ...'' އަސްމާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

މިޒާމެންގެ ވާހަކަތަކަށް ސަމާލުކަން ދީގެން ހުރި މައުވާ ކުރިއަށް ވުރެ ބޮޑަށް އޭނަގެ ސިކުނޑީގައި ބުރުޖަހަމުންދާ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުން ވިއެވެ. ފުރާފުރިހަމަވެފައިވާ ޒުވާނަކު އެފަދަ ނާޒުކު ހާލަތަކަށް ވެއްޓިގެން ދާނީ ހާދަ ބޮޑު ކަންތައްގަނޑެއް ލައިގަތުމުންނެވެ.

''މަންމާ...'' އިވުނު އަޑާއެކު މިޒާމެން ދައްކަމުން އައި ވާހަކަތަަކަށް ނިމުމެއް އަތުވެއްޖެއެވެ. އަޑުއައި ދިމާއަށް މިޒާއަށް ބަލާލެވުނު ހިނދު އޭނަގެ މޫނުމަތިން ހާސްކަން ފެންނަން ފަށައިފިއެވެ.

''ކިހިނެއްވީ؟، ކޮބާ ދޮންބެ؟...'' މީޒާއަށް އޭނަގެ ހަގު ދަރިފުޅު ޒޯހާ ފެނުމާއެކު ސުވާލުކޮށްލެވުނެވެ.

''ދޮންބެ އެބައިން ޖޯލީގަ... ފިހާރައަށް ދާންވެގެން މިދަނީ އެހެންވެ މަންމައަށް ގޮވާލީ...'' ޒޯހާގެ ޖުމްލައިން މީޒާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސްވެފައިވާ އޭނަގެ ހިތުގެ ތެޅުން ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ.

''ދެން ދަނީ...'' އަސްމާއަށް ބަލާލަމުން މީޒާ ބުނެލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ޒޯހާއާއެކު ގޮސް ގޭގެ މައިދޮރުން ނިކުތެވެ. މިޒާމެން ދިޔަ ދިމާއަށް ބަލަން ހުރި އަސްމާ އޭނަ ކުރަން ހުރި މަސައްކަތަށް އެނބުރި ރުޖޫޢަ ވެއްޖެއެވެ.

''މަންމާ ކޮން ދުވަހަކުތަ މީޒާ ދައްތަމެން މިކޮޅަށް ބަދަލުވީ؟...'' ގޯތީގައި އިންދާފައި ހުރި ޖުމްހޫރީމޭވާ ގަސްތަކުގައި ފޮޅިފައި ހުރި މާތައް ޖޯޑުކުރަން އުޅުނު އަސްމާއާއި މައުވާ ސުވާލުކޮށްލިއެވެ. ދުރުދުރުން އޭނަގެ މަޤުސަދަށް ވާސިލުވުމަށް މައުވާ މަގު ތަނަވަސް ކުރަން ފެށިއެވެ.

އަސްމާ އޭނަ ކުރަން ހުރި މަސައްކަތް މަޑުޖައްސާލަމުން މައުވާއަށް ބަލާލިއެވެ.

''މިހާރު ހަމަސް ވަރު ވެދާނެ... އެއީ ވަރަށް ރަގަޅު ބަޔެއް... ދަރިފުޅު އަނެއްކާ ބިރުގަތީތަ ޒިވްޔަންގެ ވާހަކަ އަޑުއިވިފަ؟، ދަރިފުޅު ބިރުގަންނަން ޖެހޭ ކަމެއް ނޫނޭ އެއީ... މިރަށު މީހުން ފާޑުފާޑުގެ އަޑުތައް ފެތުރިޔަސް އެކަހަލަ އެއްވެސް ކަމެއް ޒިވްޔަންގެ ފަރާތުން ނުފެންނާނެ، ބައެއްފަހަރު ރުޅިގަދަ ވެދާނެ، އެކަމަކު ޒިވްޔަން އެއީ ހަމަ ރަގަޅު ޒުވާނެއް، އޭނައަށް ރަގަޅު މީހުނަށް އޭނަ ވެސް ރަގަޅުވާނެ.... ކޮންމެ މީހަކީ ރަގަޅު ސިއްހަތެއްގެ ވެރިއަކަށް ނުވެދާނެ، އެހެނޭ ކިޔާފައި އެއްވެސް މީހަކު ބާކީކޮށް ނުބައި ނަޒަރަކުން ދެކިގެން ނުވާނެ...'' އަސްމާ ބުނެދިނެވެ.

*****

ރޭގަނޑުގެ ކެއުން ނިމި ތަށިތައް ނެގުމުގައި ދިޔާނާއަށް އެހީވުމުގައި ތޫބާ އުޅުނެވެ. މިޒްޔަލްގެ ޢާއިލާގެ ފަރާތުން އޭނައަށް ލިބުނު ހޫނު މަރުޚަބާގެ އަސަރުތައް ތޫބާގެ ފަރާތުން ނުހަނު ފުރިހަމަކަމާއެކު ފެންނަމުން ދިޔަ އެވެ. ތުންފަތުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރުވިއިރު ދެލޮލުގައި ވެސް ވަނީ ތަފާތު ވިދުމެކެވެ. ދިޔާނާއަށް މިހުރިހާކަމެއް ފާހަގަ ވާން ގިނަ އިރެއް ނުނެގިއެވެ. ހުޅުވާފައިވާ ފޮތަކާ ތުބާއަކާ ތަފާތެއް ނެތެވެ.

''ހާދަ އުފާވެފަ...'' ތަށިތައް ދޮންނަން އުޅުނު ދިޔާނާ ބުނެލިއެވެ. އޭނަ ދުރުދުރުން މަންޒިލާ ހަމައަށް ވާސިލުވުމަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަން ފެށިއެވެ.

ތޫބާއަށް އެނގުންވެގެން ދިޔައީ ދެނެވެ. އަވަސް އަވަހަށް ހިނިތުންވުން ސިއްރުކުރަމުން އޭނަ ބެލީ މަންމަގެ ސުވާލުތަކުން ރެކިގަނެވޭތޯއެވެ. ކުރަން ޖެހޭ އިތުރު މަސައްކަތެއް ނެތުމާއެކު ތޫބާ މިސްރާބުޖެހީ ކޮޓަރިއަށް ދިއުމަށެވެ. ނަމަވެސް ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ނިމުމެއް އައީ މަންމަގެ ޖުމްލަ އިވުނު ހިސާބުންނެވެ.

''ދަރިފުޅު ސިއްރުކުރަން އުޅުނަސް މަންމައަށް ހުރިހާކަމެއް އެބަ އިނގޭ، އަދި މަންމައަށް އެވަރު ވިސްނެޔޭ...'' ދިޔާނާ ބުނެލިއެވެ. އޭނަގެ އަޑުގައި ހަރުކަށިކަމެއް ނުވަތަ ހިތްހަމަނުޖެހުމެއް ވެސް ނެތެވެ.

''ބުނެބަލަ، ކޮންދުވަހަކުންތަ ދަރިފުޅުގެ ހޮވުން މަންމަމެނަށް ދައްކާލާނީ...'' ދިޔާނާ ހިނިތުންވުމަކާއެކުގައި ބުންޏެވެ.

ތޫބާއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަ ހުރީ އިވުނު ބަސްތައް ޤަބޫލުކުރަން ދަތިވެފައެވެ. މަންމައަށް އެހާ އަވަހަށް އެނގިދާނެކަމަށް އޭނަ ހިޔެއް ވެސް ނުކުރެއެވެ. އެހެނަސް ހުރިހާ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތު އައިސް ޖެހިއްޖެކަން ތޫބާގެ ޒަމީރު އޭނައަށް ހަނދާންކޮށްލަދިނެވެ. އިތުރު ދޮގުތަކުން ފުއްދާނުލެވޭނެކަން ވެސް މެއެވެ.

''މަންމައަށް ޔަޤީން ދަރިފުޅުގެ ހޮވުމާ މެދު މަންމަމެން ހިތްހަމަޖެހޭނެކަން...'' ދިޔާނާ ބޭނުންވީ ދަރިފުޅުގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭށެވެ.

ތޫބާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ބުނާނެ އެއްޗެއް ވެސް އެދަނޑިވަޅާއި ދިމާކޮށް ވިސްނުމަށް ނައުމުންނެވެ. އޭނައަށް ހުރެވުނީ ހިނިތުންވާން ވެސް ނޭގިފައެވެ.

''މިދުވަސް އަންނާނެކަން މަންމައަށް ކުރިން ވެސް އެނގެޔޭ... ދަރިފުޅު މިހާރު ތިހުރީ ބޮޑުވެފައި، އަމިއްލަ ނިންމުންތައް ނިންމާ ހިސާބަށް އާދެވިފައި، ދަރިފުޅުގެ ހޮވުމަށް މަންމަ ފާޑެއް ނުކިޔާނަން...'' ދިޔާނާ އައިސް ތޫބާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. ތޫބާއަށް މަންމަގެ ގައިގައި ބައްދާލެވުނެވެ. އޭނަގެ ހިތުގައި އޮތް ބިރުވެރިކަން ފިލައިގެން ދިއައީ ދެނެވެ.

''މަންމާ...'' ލިބުނު އުފަލެއްގެ ބޮޑުކަމުން ތޫބާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އޭނަ ކުރިއަށްވުރެ ބޮޑަށް ދިޔާނާގެ ގައިގައި ބައްދާލިއެވެ. ''މަންމަ ބުނާ ދުވަހަކުން... މިޒްޔަލްވެސް ވަރަށް ބޭނުންވެފަ ހުރީ މަންމަ އަދި ބައްޕައާ ބައްދަލުކުރަން...''

*****

ސާދަވިލޭރޭގެ ހަނދުގެ ފުރިހަމަކަށް ނަޒަރު ހުއްޓާލައިގެން މައުވާ އޮތީ އުނދޯލީގައެވެ. އުޑުމަތި ސާފު ރެއަކަށްވުމުން ހަނދުގެ ވާޖިބަށް ހުރަސް އަޅާނެ ވިލާތަކެއް ނުފެނެއެވެ. ތަރިތައް ވެސް ހަނދުގެ ދަރުބާރުގައި ހިނިތުންވެލައިގެން ތިބީ ފަހުރުވެރިކަމާއެކުގައެވެ. ލަސްލަހުން މައުވާ އުނދޯލި ހެއްލަމުން ދިޔައިރު އޭނަގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު އެކުލެވިފައި ވިއެވެ. އިސްދަމުގެ ވަގުތުކަމުން ރަށަށް ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އިންޖީނުލީ އުޅަނދެއްގެ އަޑު އިވިލަނީ ވެސް ހާލަކުން ފަހަރަކުއެވެ.

ގުދުރަތުގެ ފިނިކަމާއި މާހައުލުގައި ރަސްކަން ކުރަމުން އައި ހިމޭންކަމުން މައުވާގެ ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. ނިދި ފުރިހަމަވެފައި ނުވުމާއެކު އޭނައަށް ނިދީގެ ތެރެއަށް ޖިސްމު ދޫކޮށްލަން އުނދަގޫކަމަކަށް ނުވިއެވެ. އެހެނަސް ލޯމެރެމުން ދިޔަ ވަގުތު ޖެހިލި ފިނިފިނި ރޯޅިއާއެކު ހަށިގަނޑަށް އައި ކުއްލި ލޮޅުމުގެ ސަބަބުން މައުވާއަށް ލޯހުޅުވާލެވުނީ ކުއްލިއަކަށެވެ. އެވަގުތު އޭނައާއި ނުހަނު ކައިރީގައި ހުއްޓިލައިގެން ހުރި ޒިވްޔަން ފެނުމާއެކު މައުވާއަށް ސިހުން ލިބި، ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ނަމަވެސް ވަގުތާއެކު އެހުރިހާ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދުމުގައި ކާމިޔާބު ލިބުނެވެ.

ފުރަތަމަ ފަހަރަށް އެހާ ގާތުން ޒިވްޔަން ފުނުމުން މައުވާއަށް ބަލަން އޮވެވުނެވެ. އެމޫނުގެ ފުރިހަމަކަން ވެސް ދިރާސާ ކޮށްލެވުނެވެ. ވެރިވެފައި އޮތް ފަނޑު އަލީގެ ތެރޭން އެދެލޮލުގައި ތަފާތު ވިދުމެއްއެކުލެވިފައިވާ ކަހަލައެވެ. ހަށިގަނޑަށް ލިބިފައިވާ އަނަރޫފަކަން ފިޔަވާ އިތުރު އެއްވެސް އުނިކަމެއް ނެތެވެ. ހިތްތަށް ދަމައިގަންނަ ފަދަ ރީތިކަމެކެވެ. މައުވާއަށް ހަރަކާތެއް ވެސް ގެންނަން ނޭގުނީ ޒިވްޔަން ވެސް ހުއްޓުން އަރާފައި ހުރުމުންނެވެ. މައުވާ ފެނި އޭނައަށް ބޮޑު ހައިރާންކަމެއް ލިބިފައިވާކަން ހާމަކޮށްދެނީ އެމޫނަށް ވެރިވެފައިވާ ކުލަވަރުތަކުންނެވެ.

ޒިވްޔަންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ފުރަތަމަ ކޮޅު މީހާ އެލާރޓާށް އައި ކަމުގައި ވިޔަސް ވަގުތާއެކު މަންޒަރު ބަދަލުވާން ފެށިއެވެ.

މައުވާ ހިނިތުންވެލިއެވެ. އެއާއެކު ޒިވްޔަން ވެސް ދެންމެދެންމެ ހިނިތުންވުމެއް ބަދަލުކޮށްފާނެކަމުގެ ނިޝާންތައް ފެނުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް މައުވާއާއި ނަޒަރު ވަކިކޮށްލަމުން ޖެހިގެން ހުރި ޖޯލިފަތީގައި އިށީނެވެ. މައުވާ ފަރުވާތެރިކަމާއެކު ޒިވްޔަންއަށް ބަލަމުން ދިޔަ އެވެ. އެމޫނާއި ދެލޮލުގައިވާ ފުން ހިމޭންކަމުން ދޭހަކޮށްދެމުން ދިޔައީ ޒިވްޔަންގެ އެކަނިވެރިކަމެވެ. އެހަޔާތަށް ވެރިވެފައިވާ އަނދިރިކަމެވެ.

ކޮމެންޓް 0