ރޭގަނޑުގެ ވަގުތެވެ. ސުފުރާމަތި ތައްޔާރު ކުރުމުގައި އަސްމާއަށް އެހީވެދިނުމުގައި މައުވާ އުޅެއެވެ. އެހުރިހާ ވަގުތެއްގައި ވެސް އަސްމާ ދިޔައީ ހުއްޓުމެއް ނެތި މައުވާއަށް ނަސޭހަތް ލައިދެމުންނެވެ. ނަމަވެސް މައުވާގެ ސަމާލުކަން އެކަމަށް ދެވޭ ގޮތެއް ނުވިއެވެ. އޭނަގެ ޚިޔާލުތަކާއި ގުޅިލާމެހިފައި ވަނީ ޒިވްޔަން ކަމުގައިވީތީއެވެ.
މިއަދު ހިނގި ހާދިސާއަށް ފަހު އެދެމެދުގައިވި ގުޅުން ކުރިއަށް ވުރެ ހީނަރު ވެއްޖެކަމުގެ އިހުސާސް މައުވާއަށް ކުރެވެމުން ދިޔަ އެވެ. ޒިވްޔަން އާއި އޭނަ ވަކިވެގެން ދިޔައިރު ވެސް އެމޫނުގައިވި ހިތްހަމަނުޖެހުން ފިލައިގެން ނުދިޔަ ތާނގައި އިސްއުފުލާ އޭނައަށް ބަލާ ވެސް ނުލިއެވެ. އޭނަ ވާހަކަދެއްކި ކަމުގައި ވިޔަސް ޒިވްޔަން އޭނައަށް ޝައުޤުވެރިކަމެއް ނުބެހެއްޓިއެވެ. ޒިވްޔަން ރުޅިއަރުވާލުމުގެ ގަސްދެއް އޭނަގެ ނެތްކަމުގައި ވިޔަސް ދެން ޒިވްޔަން އޭނަ ބުނާއެއްޗަކަށް ސަމާލުކަން ދޭނެކަމެއް ވެސް އެނގެނީކީ ނޫނެވެ. މިހުރިހާ ފިކުރުތަކުގެ ސަބަބުން މައުވާއަށް އުނދަގޫވަމުން ދިޔަ އެވެ.
''ކިހިނެއް ވެފަ ތިހުރީ، ބަލީތަ؟...'' މައުވާއަށް އައިސްފައިވާ ބަދަލާ މެދު ފިކުރު ހިންގަމުން އަސްމާ އެހިއެވެ. އަސްމާގެ އަޑަށް މައުވާ ސިހޭ ގޮތް ވިއެވެ. އޭނަގެ އަތުގައި އޮތް ތަށި ދުނުވީ ވެސް ގެނެވުނު އަވަސް ހަރަކާތުގެ ސަބަބުންނެވެ. އޭރު އަސްމާގެ ފުރިހަމަ ސަމާލުކަން އޭނައަށް ހުއްޓިފައިވާތަން ފެނުމާއެކު މައުވާ ހާސްވާ ގޮތް ވިއެވެ.
''ހުންވައްތަރުވެފަ ދޯ ތިހުރީ؟...'' އަސްމާ ފުލުފުލުގައި ސުވާލުކުރަން ފެށިއެވެ.
''ނޫން، ކުޑަކޮށް ބޮލުގައި ރިއްސާތީ...'' މައުވާ ބުނެލިއެވެ.
''ތިހެންނޭ ވާނީ، ނިދަން ޖެހޭ ގަޑިއަކު ނިދަނީކީ ނޫން ވިއްޔާ...'' އަސްމާ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް މައުވާގެ ސިއްހަތާ މެދު ކަންބޮޑުވެފައިވުމުން އޭނަ އަވަސްވެގަތީ މައުވާގެ ވޭނަށް ލުޔެއް ހޯދައި ދިނުމަށެވެ.
''އަން، ކެއުމަށްފަހު މި ކާޑުން ބޭސްގުޅައެއް ކައިގެން އަރާމުކޮށްލާ އޭރުން ރަގަޅު ވެދާނެ...'' އައިސްއަލަމާރި މަތީ ހުރި ބޭސް އަޅާ ކުޑަ ފޮށީގެ ތެރެއިން ބޭސްކާޑެއް ނަގައި މައުވާ އަތަށް ދިއްކޮށްލަމުން އަސްމާ ބުނެލިއެވެ.
މައުވާ ބޭސްކާޑު އަތުލަމުން ކާމޭޒުމަތީ ބޭއްވިއެވެ. އެވަގުތު ރިޔާޒު އައިސް ކާކޮޓަރިއަށް ވަނެވެ. މައުވާއަށް ހިނިތުންވެލަމުން ރިޔާޒު އޭނައަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި ގޮސް އިށީނެވެ. އެއާއެކު އަސްމާ އަވަސްވެގަތީ ރިޔާޒަށް ރޮށި ފުނޑައި ދިނުމަށެވެ. އެކަން ނިމުމާއެކު ރިހަބޯތަށިން ރިހަދޮފެއް އަޅައި، އުލާއި ސަމުސަލެއް ވެސް ތަށްޓަށް ލައިދިނެވެ. މަންމަގެ ހަރަކާތްތައް ބަލަމުން މައުވާ ވެސް ގޮނޑީގައި އިށީނެވެ. އޭރު އޭނަގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ވިއެވެ. ދޭތެރެއަކުން ދެބަސްވުންތައް އުފެދުނު ކަމުގައި ވިޔަސް އެދެމެދުގައިވާ ލޯތްބާއި، ޚާއްސަ ގުޅުން އޭނައަށް އަބަދު ވެސް ފާހަގަ ކުރެވެއެވެ. އެފަދަ އުފާވެރި ޚަޔާތެއް ލޯބިވާ ބައިވެރިޔާއެކު ހޭދަކުރަން މައުވާ ވެސް ބޭނުން ވެއެވެ. ނަމަވެސް އެފަދަ ނިއުމަތެއް އޭނަގެ ނަސީބުގައި ލިޔެވިފައިވޭ ހެއްޔެވެ؟ ޚަޔާތުގެ ބައިވެރިޔާ ކަމުގައި ކަނޑައެޅި ފަރާތް އޭނައާއި ވަކިވެގެން ދިއުމަށްފަހު އެހުވަފެނާ މެދު ހިތުގައި ވަނީ ޝައްކު އުފެދިފަ އެވެ. މާޔޫސްކަން ހިތަށް ވެރިވެގެން ދިޔަ ހިނދު މައުވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އުތުރިއަރަން ފެށި އުދާސްތައް ބޭރުކޮށްލަން ބެނުންވި ފަދައެވެ.
''މިއަދު މީޒާ ބުނި ޒޯހާ އުޅޭ އޮފީހުން ވަޒީފާއެއް ހުސްވެފަ އޮތް ވާހަކަ، މައުވާ ކުރިމަތިލާންވީއެއްނު، ގެއާއި ކައިރި ހިސާބެއްގަ ހުންނަ ތަނެއް އެއީ، ފަސޭހަ ވެސް ވާނެއެއްނު...'' މައުވާއަށް ބަލާލަމުން އަސްމާ ބުނެލިއެވެ. ''ވަޒީފާއަކަށް ދާން ފެށީމަ ތަންކޮޅެއް ހަރުދަނާވެވޭނެއެއްނު...''
މައުވާއަށް އެފުރުސަތާ މެދު ވިސްނާލެވުނެވެ. ވަޒީފާއަކަށް ދިއުމުން ލިބޭނެ ގެއްލުމެއް ނެތެވެ. ހުސްވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ ވެސް އޭރުންތާއެވެ. ހަމައެއާއެކު ޒޯހާއާއި އެކުވެރިކަން ބަދަހިކުރަން އޭނައަށް މަގުފަހި ވެގެން ދާނެތާއެވެ. ހުރިހާ ދިމާއަކުން ވެސް ފުރުސަތު ފަހިވެގެން ދާން އޭނަ ބޭނުމެވެ. ޒިވްޔަންގެ ފަރާތުން އަލިމަގެއް ފެނިދާނެ ކަމަކަށް އޭނަގެ ހިތުގައި ވި އުއްމީދުގެ ހުޅުކޮޅު ވަނީ ކަނިވެފައެވެ. މިއަދު ހިނގި ކަންތަކަށް ފަހު ދެން ޒިވްޔަން އޭނައާއި ވާހަކަ ދައްކަފާނެ ކަމާމެދު ވެސް ހިތުގައި ވަނީ ޝައްކު އުފެދިފައެވެ.
''ދެދުވަސް ފަހުން މުއްދަތު ހަމަވާނެ، ރިޔާޒު މާދަން ދޭބަލަ މައުވާ ގޮވައިގެން އެތަނަށް...'' އަސްމާގެ ދޫ ނިކަން ހުލުވިއެވެ. މައުވާއަށް އެކަމާ ދެކޮޅު ނެހެދެނީސް ނިންމުންތައް ނިންމާލަން އުޅޭ ކަހަލައެވެ.
''ދަރިފުޅު ދާން ބޭނުމިއްޔާ އިނގޭ ކުރިމަތިލާނީ...'' ރިޔާޒް މައުވާއަށް ބަލާލަމުން ބުންޏެވެ. އަސްމާ ފަދައިން މައުވާއަށް ކަންތަކުގައި މަޖުބޫރުކުރުމުގެ އުސޫލެއް ރިޔާޒު ނުގެންގުޅެއެވެ. ގިނަ ފަހަރަށް ދެމަފިރިންގެ ދެމެދުގައި ދެބަސްވުން އުފެދެނީ ވެސް އެސަބާ ހެދިއެވެ.
މައުވާ ވަޒީފާއާ މެދު ޝައުޤުވެރިކަން ފާޅުކުރުމުން އަސްމާ ވަރަށް އުފާވިއެވެ. އޭނަ މައުވާއަށް ހިނިތުންވެލަމުން ރިޔާޒު ގާތުން އެދުނީ ވަޒީފާގެ ކަންތައް މާދަމާއަށް ނިންމާލަ ދިނުމަށެވެ.
*****
ބާރު ސްޕީޑުގައި އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން ޒިވްޔަން އޮތެވެ. ފަންކާއިން ޖެހެމުން ދިޔަ ވައިން އޭނައަށް ފިނިކަމެއް އިހުސާސެއް ނުކުރެވެއެވެ. އެހެން އޮންނަތާ އިރުކޮޅެއްވީ ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އޭނައަށް އިވުނެވެ. ނަމަވެސް އޭނަ އެއަޑަށް އިޖާބައެއް ނުދިނެވެ. ވަށައިގެންވި ދުނިޔެއަށް ސަމާލުކަން ދޭން އޭނަ ބޭނުން ނުވާ ކަހަލައެވެ.
ސިކުނޑީގައި ފަރުމާކުރަމުން އައި ޚިޔާލީ ދުނިޔެއަށް ޒިވްޔަން ހިޖުރަކުރަން ފެށިއެވެ. ވަށައިގެން ފެންނަމުން ދިޔަ ކުލަރީތި މަލުގެ ބަގީޗާގެ ތެރޭން މައުވާ ދުވަމުން ދިޔައީ އޭނަގެ އަތުގައި ނުޖެހުމަށެވެ. ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ވާދީތަކުން ދެމެމުން ދާ ފެންއާރުގެ އަޑުތަކުގެ ތެރެއަށް މައުވާގެ ލުއި ހީލުމުގެ އަޑު ފެތުރިގެން ދާއިރު ނިކަން ހިތްގައިމެވެ. އެއިން ކޮންމެ ފަހަރަކު އެނާގެ ހިތް ފުރިގެންދެ އެވެ. ގުލްޒާރުގެ ހުވަނދުގެ ތެރޭން ވެސް އޭނަގެ ނޭފަތާ ހަމައަށް ވާސިލުވަމުން ދިޔައީ މައުވާގެ ހަށިގަނޑުން އަބަދުވެސް ދުވާ ލުއިލުއި މީރުވެހެވެ. އެވަސް ދެނެގަންނަން އޭނައަށް އުނދަގުލެއް ނުވާ ކަހަލައެވެ.
ކުއްލިއަކަށް ހުޅުވިގެން ދިޔަ ދޮރާއެކު ޒިވްޔަންއަށް މަޖުބޫރުވީ އޭނަގެ ހުވަފެނުގެ އާލަމުން ވަކިވެ ހަޤީޤަތާ ކުރިމަތިލާށެވެ. އެއާއެކު އެމޫނުގައި މީގެ އިރުކޮޅެއް ކުރިންވި ހިނިތުންވުން ގެއްލި އިސާހިތަކު ރުޅިވެރިކަން ސަވާރުވެއްޖެއެވެ.
''ނުކާ ރެއެއްތަ؟...'' މީޒާ ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅާލަމުން ސުވާލުކުރިއެވެ.
''ކަލޭ ގާތު ކިތަށް ފަހަރު ބުނާނީ މިތަނަށް ނުވަންނާށޭ، ބުނާ އެއްޗެއް އަޑެއް ނީވޭނީތަ؟...'' ޒިވްޔަން ހަޅޭއްލަވައިގަތް އިރު އޭނަގެ ކަރުގެ ނާރުތައްވެސް ފުއްޕާލާފައި ވެއެވެ. އައިސްފައިވާ ގަދަފަދަ ރުޅީގައި ދެލޮލަށް މަޑު ރަތްކުލައެއް ފޭދެން ފަށައިފިއެވެ.
ޒިވްޔަންގެ ހަޅޭކުގެ އަޑުން މީޒާއަށް ސިހުމެއް ލިބުނެވެ. ކުރިއަށް އިތުރު ފިޔަވަޅެއް އަޅާކަށް އޭނައަށް ނުކެރުނެވެ. ޖެހި ބުދެއްހެން ހުއްޓުން އަރާފައި ވަނިކޮށް އަވިއްސެއްހެން ޒިވްޔަން އެނދުން ތެދުވުނުތަން ފެނި އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
''ނުކުމޭ މިތަނުން، ކޮންމެހެން ކަލޭގެ ހިތްހެޔޮކަން މަށަށް ދައްކަން އުޅޭނެ ކަމެއް ނެތް، މިބުނީ ނުކުންނާށޭ...'' ޒިވްޔަން ކަރު ބުޑުން ލައްވަން ފެށި ހަޅޭކާއެކު މިޒާ ބިރުން ގޮސް ހަލާކުވާވަރު ވިއެވެ. އޭނައަށް ވަގުތުން ގޮވާލެވުނީ އަސްލަމަށެވެ. އޭގެ ސަބަބުން ޒިވްޔަންގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވެ އޭގެ ބާރުން އޭނަގެ ބޮލަށް ޝައިތާނާ ސަވާރުވާން ފެށިއެވެ.
''ކިހިނެއް ވެގެންތަ މިއުޅެނީ؟...'' މީޒާގެ އަޑަށް ކޮޓަރީގައި ހުރި އަސްލަމް ދުވެލާފައި އައިސް ޒިވްޔަންގެ ކޮޓަރިއާއި އަރާހަމަކޮށްލަމުން އަހާލިއެވެ. އޭރު ޒޯހާ ވެސް ދުރުގައި މަންޒަރު ބަލަން ހުރީ ބިރުގެންފައެވެ. އޭނައަށް ޒިވްޔަންގެ ރުޅިގަނޑުވަނީ މީގެ ކުރިން އެތައްފަހަރަކު ފެނިފައެވެ. ނަމަވެސް މިހާލަތަށް ގޮސްފައި ވަނިކޮށް ފެނުނުމީ ފުރަތަމަ ފަހަރެވެ.
''ބަލަ އަދިވެސް ހުރީތަ މިބުނީނު މިތަނުން ނިކުންނާށޭ، މަ ބޭނުމެއް ނޫން ކަލޭގެ ސޫރަވެސް ދެކޭކަށް...'' ޒިވްޔަން ކުރިއަށް ޖެހިލީ މީޒާ އޭނަގެ ކޮޓަރިން ނެރުމަށެވެ. އެއާއެކު އެދެމެދަށް ވަދެގަތީ އަސްލަމެވެ.
''ބަލަ ކިހިނެއް ވެގެންތަ ޒިވްޔަން ތިއުޅެނީ، މަންމައާ ވާހަކަދައްކަން އެނގުނުގޮތަކީ ތީތަ؟...'' އަސްލަމް ވާހަކަދެއްކީ ހިތްހަމަނުޖެހިފައެވެ. އެވަގުތު މީޒާ އަސްލަމްގެ އަތުގައި ހިފިއެވެ. މީޒާއަށް ރޮވުނީ ދެނެވެ.
''މަގޭ މަންމަ މަރުވެއްޖެތާ ކިތަންމެ ދުވަހެއް، ކަލޭ ވެސް މާ ހެޔޮ އެދޭ މީހަކަށް ވާން އުޅެނެ ކަމެއް ނެތް...'' ޒިވްޔަން ހަރުކަށިކަމާއެކު އިއްވާލިއެވެ.
''ދެން ހެޔޮ... ދަރިފުޅު ގާތު މަންމަ މަޢާފަށް އެދޭނީ ކިތައްފަހަރު؟... ވެދިޔަކަންތައް ބަދަލުކުރަން މަންމަ ވެސް ބޭނުމޭ، ދަރިފުޅަށް އެހީވާން ވެސް... މަންމައަށް އޭރު ނުވިސްނުނީމައޭ އެފަދައިން ކަންތައް ކުރެވުނީ، އެކަމާމެދު މިހާރު ދެރަވެ ހިތާމަ ކުރާވަރު މާތް ރަސްކަލާނގެ ދެނެވޮޑިގެންވާނެ... ފަހަރެއްގައި ވެސް ދަރިފުޅަށް ނުރައްކަލެއްވިކަން އެނގުނުނަމަ މަންމަ ނުދިޔައީމުހޭ... ދަރިފުޅާ...'' މީޒާ ރޮވިފައިވާ އަޑަކުން ބުންޏެވެ. އޭނަ ޒިވްޔަން ގާތަށް ދާން ފިޔަވަޅެއް އެޅުމާއެކު ޒިވްޔަން އަތުގެ އިޝާރާތުން އެކަން މަނާ ކުރިއެވެ.
''މަޢާފަށް އެދުނީމަ އެނިމުނީތަ؟... ވެދިޔަ އެއްވެސް ކަމެއް އެކަމުގެ ސަބަބުން ބަދަލުކުރެވޭނެތަ؟، ބުނެބަލަ، ބަދަލުކުރެވޭނެހޭ!!!...'' ޒިވްޔަން ލަފުޒުތަކަށް ބާރުލަމުން ހަޅޭއްލަވައިގަތެވެ. އޭނަ ދިގުނޭވާތަކެއް ލަމުން ދިޔައިރު އެނޭވާތަކުގެ އަޑު ވެސް އިވެމުން ދިޔަ އެވެ.
''ޒިވްޔަން...'' މީޒާއަށް ގިސްލުމުގެ ތެރޭން ބުނެވުނެވެ.
''ޒިވްޔަން، ނިކަން ހަމަޖެހިބަލަ، ރުޅިއިސްކޮށްގެން އަތުން ފައިން ގޯސްހެދުން ނޫންކަމެއް ނުވާނެ...'' އަސްލަމް ބުނެލިއެވެ. އަސްލަމާ ދިމާއަށް ޒިވްޔަން ބަލާލީ ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުންނެވެ. އެހުރިހާކަމެއްގެ އިލްޒާމު އަސްލަމުގެ ބޮލުގައި އަޅުވާފަދައިންނެވެ.
''ކަލޭ އަހަރެންގެ ބައްޕައަކަށް ވާން ނޫޅުނިއްޔާ އެންމެ ރަގަޅު ވާނީ...'' ޝަހަދާތް އިނގިލި އަސްލަމާ ދިމާއަށް ދިއްކޮށްލަމުން ޒިވްޔަން އިންޒާރެއް ދިނެވެ.
''ދަރިފުޅާ މަންމަ އާދޭސްމިކުރަނީ ތި ރުޅި ފިނިކޮށްބަލަ، ދަރިފުޅު ތިހާލުގައި ވަނިކޮށްދެކޭކަށް މަންމައަށް ކެތެއް ނުކުރެވޭނެ... ދަރިފުޅު ދެކެ ލޯބި ނުވާތީއެއް ނޫނޭ މަންމަ ދިޔައީކީ... ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ، އެފަދައިން މަންމައަށް ވެސް ކުރެވުނީ ކުށެކޭ، ފަހު ވަގުތު މަންމަ އައީމެއްނު ދަރިފުޅަށްޓަކާ....'' ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން ޒިވްޔަންއާއި ހަތަރުކަޅި ހަމަކުރަމުން މީޒާ ވާހަކަ ދެއްކިއެވެ.
''ދިހަ އަހަރު! ދިހަ އަހަރު ވަންދެން އެއްވޭނެއްގައި އަހަރެން ގަނަތެޅުނުއިރު ކަލޭ ހުރީ ކޮންތާކު!، އުފަލާއި ހިތްހަމަޖެހުމުގައި އުޅެމުން ދިޔަ އިރު ދަރިއަކު ހުރިކަން ވެސް ކަލޭ ހަނދާން ހުރިތަ؟، އެންމެ ފަހަރަކު އެދަރިފުޅު އުޅެމުން އައި ހާލު ބަލަލަން އައިންތަ؟، އަހަރެން ކަލޭ އަންނާނެ ދުވަހަކަށް އިންތިޒާރު ކުރީމޭ!، އެހުރިހާ ކަމަކުން ސަލާމަތްކޮށްދޭން އަންނާނެ ދުވަހަކަށް އިންތިޒާރުކުރީމޭ!، މައެއް ލޯތްބަށް އެދި އާދޭސްކުރީމޭ!، ލިބެމުން އައި އަނިޔާއިން ސަލާމްތްކޮށްދޭނެ މީހަކަށް އެދި ރުއީމޭ... އޭރު ކަލޭ ވީ ކޮންތާކު، ބުނެބަލަ!... ވަގުތު ފާއިތުވީ ފަހުން އައިސްކޮށްދެވުނީ ކޮންކަމެއް؟... މިއަދާ ޖެހެންދެން......'' ޒިވްޔަންއަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ހިތުގައި އަޅަން ފެށި ވޭނާއެކު އޭނައަށް ރޮވުނީއެވެ. ހޯސްލާފައި ފައިބަން ފެށި ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އޭނަ މީޒާއަށް ފުރަގަސް ދިނެވެ. އޭނަ ރުޔަސް އެއްވެސް މީހެއްގެ ހިތަށް އަސަރެއް ނުކުރާނެއެވެ.
ލޯކުރިމަތީގައި ފިސްފިސްވަމުން ދިޔަ ޒިވްޔަން ފެނި މީޒާގެ މައިލަގޮނޑިއަށް ކެތެއްނުކުރެވުނެވެ. ލޮލުން ފައިބަން ފެށި ކަރުނަތައް ފޮހެލަމުން އޭނަ އަވަސްވެގަތީ ޒިވްޔަން ގާތަށް ދިއުމަށެވެ. މިވަގުތު ޒިވްޔަން އެވަނީ އޭނަ ދެކެ ލޯބިވާ މީހެއްގެ އެހީއަށް އިންތިހާއަށް ބޭނުންވެފައެވެ. ޒިވްޔަން އެކަން ޤަބޫލުނުކުރި ކަމުގައި ވިޔަސް މެއެވެ. ހިތުގައި ޖެހި ޒިވްޔަން ރޯތަން ދެކެން އޭނައަށް ބަލަން ނުހުރެވޭނެއެވެ. ނަމަވެސް މީޒާއަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. އަސްލަމް މީޒާގެ އަތުގައި ހިފަހައްޓާލަމާއެކު އެކަން މަނާ ކުރުމުންނެވެ.
''އަސްލަމް، އަހަރެންގެ ދަރިފުޅު އެވަނީ މައެއްގެ ލޯތްބަށް ބޭނުންވެފައި، އަހަންނަށް ހުރަސް ނާޅާ...'' ކޮޓަރިން ގަދަކަމުން ނެރުމާއެކު މީޒާ އުޅުނީ އަސްލަމްގެ އަތް ފޮޅުވާލާށެވެ.
''މިވަގުތު އެންމެ ރަގަޅުވާނީ ޒިވްޔަން އެކަނިވެލަން ވަގުތު ދިނިއްޔާ...'' އަސްލަމް ބުނެލިއެވެ.
''ހުރިހާ ދޮރެއް ބަންދުވެއްޖެ، ކިހިނެއްތަ ދެން ހަދާނީ، ޒިވްޔަން އެކަމުގެ ތެރޭގައި ނެތިގެންދާކަށް އަހަރެން ބޭނުމެއް ނޫން، އޭނައަށް އުފާވެރިކަން ހޯދަދޭން އަހަރެން ބޭނުން...'' އަސްލަމްގެ މޭގައި މޫނު ފޮރުވާލަމުން މީޒާއަށް ރޮއިގަނެވުނެވެ. އަޑުން އަދުނަގާފައި ރޮވެމުން ދިޔައިރު އެއަޑުގައި އެކުލެވިގެންވަނީ ބަޔާންކުރަން ދަތި ވޭނެކެވެ. މޭގައި އޮތް ހިތް ލޭކަރުނަ އޮއްސަމުން ދިޔައީ ދަރިފުޅާ މެދު ގެންފައިވާ ބިރެއްގެ ސަބަބުންނެވެ. ދަރިފުޅުމުގެ މުސްތަޤުބަލު ބަނަވެފައިވުމުންނެވެ. މިނޫން ދުވަހެއް އޭނަގެ ނަސީބުގައި ނެތީ ހެއްޔެވެ؟
މީޒާ ހެއްދެވި ފަރާތަށް ދުޢާ ކުރިއެވެ. ޒިވްޔަންއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިއެވެ.
*****
ކަކުލު ހުޅުން ވާގި ދޫވެގެން ދިއުމާއެކު ޒިވްޔަންއަށް ހުރި ދިމާއަށް ތިރިވެވުނެވެ. އެއްއަތުން ލޮލުގައި އަތްއަޅައިގެން ހުރިއިރު އޭނަގެ ތުންފަތް ފޫއަޅުވާލާފައި ވަނީ ވޭނީ ގިސްލުމުގެ އަޑުންނެވެ. ރޮވެމުން ދިޔަ ވަރަކަށް އަމިއްލަ ނަފުސުދެކެ އަންނަ ރުޅިގަނޑު ގަދަވުން ނޫންކަމެއް ނުވިއެވެ. މުށްކެވުނު އަތުން ބިންމަތީގައި ބާރަށް ޖަހާލެވުނެވެ. ބަލިކަށިވެފައިވާ ހިތުގައި އަޅަމުން އައި ވޭނުގެ ސަބަބުން ކުރެވެން ފެށުނު ފިނޑިކަމުގެ އިހުސާސްތަކުން އޭނަ ކުރިއަށް ވުރެ ބޮޑަށް ރުޅިއަންނަން ފެށިއެވެ. ފިނޑިނުވެވުނު ނަމަ މިދުވަސް ދެކޭކަށް ވެސް ނުޖެހުނީހެވެ.
ހަނދާންތަކުގެ މާސިންގާ ކަނޑުގެ ބާނީތަކުގެ ބާރުގައި ގެންދަން ފެށި އައްސޭރިއާ މެދު ވިސްނާކަށް ޒިވްޔަން ބޭނުމެއްނުވިއެވެ. ނަމަވެސް ހިތުގައި އަޅާ ވޭނުން އެހުރިހާކަމެއް ހިންދައެއްވެސް ނުލެވުނެވެ. ޒިވްޔަންއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އަދި ދަތްކުނޑިވިކާލެވުނެވެ. މާޒީގެ ބަނަ ދުވަސްތަކާ ހަނގުރާމަކޮށްކޮށް އޭނަ އެންމެ ފަހުން ބަލަކިށި ވިއެވެ. އޭނަގެ ރޫހު ނެތިކުރަމުން ދިޔަ ހަނދާންތަކުގެ ތެރެއަށް ލަސްލަހުން ގެނބެންފެށި އެވެ. ނޭވާހާސްވެ މުޅި މީހާއަށް ލޮޅުން ގެނުވާފަ އެވެ.
* * * * * * * * * *
''މި ކޯޗެއް؟...'' އަލަމާރީ ތަރުތީބުކުރަން އުޅުނު މީޒާއަށް ހުދުކުލައިގެ އެންވެލޯޕެއް ފުނުމާއެކު އެހުޅުވާލިއެވެ. އެއާއެކު އޭގެތެރޭގައި ހުރި ޕާސްޕޯޓުތަކުގެ އިތުރުން ޓިކެޓު ތަކެއް ބިންމައްޗަށް ވެއްޓުނެވެ. މީޒާގެ އަޑަށް އޮފީސް މަސައްކަތަކާއިގެން ސޯފާގައި އިން އިމްރާނަށް ތެދުވެވުނު ގޮތެއް ވެސް ނޭގުނެވެ. ހާސްކަން މޫނުމައްޗަށް ވެރިވެގަތް ހިނދު ވައިސޫރިއެއްހެން އައިސް އޭނަ އަވަސްވެގަތީ މީޒާގެ އަތުން ސާމާނުތައް އަތުލުމަށެވެ. ނަމަވެސް އިމްރާނަށް ވުރެ މީޒާ މާ ހުޝިޔާރެވެ. ފުރަތަމައަށް އަތުގައި ޖެހުނު ޕާސްޕޯޓު ހުޅުވާލުމާއެކު މީޒާގެ ދެލޯ ބޮޑުވެއްޖެއެވެ. ލިބުނު ހައިރާންކަމާއީ ސިހުމާއެކު އޭނަ ދެން އަވަސްވެގަތީ ޓިކެޓް ނެގުމަށެވެ. އިމްރާނު އޭގައި ހިފެހެއްޓި ކަމުގައި ވިޔަސް މީޒާ އިމްރާނުގެ އަތް ފޮޅުވާލިއެވެ. އެއާއެކު ކުއްލިއަކަށް މީޒާއަށް ކޮޅަށް ތެދުވެވުނެވެ. މީޒާގެ މޫނަށް ވެރިވެގެން ދިޔަ ޝުޢޫރުތައް ދެނެގަންނަން އިމްރާ ހުރީ އުނދަގޫ ވެފައެވެ.
''މި ކޮންކަމެއް، ކީއްކުރަން ލަންކާއަށް ދާން ތިއުޅެނީ؟، އަދި އެވެސް ސާރާއާއެކު... ބަލަ ތިހެން ނުހުރެ ޖަވާބު ދީބަލަ!'' އަތުގައި އޮތް ޕާސްޕޯޓު އިމްރާނާ ދިމާއަށް ހޫރާލަމުން މީޒާ ވާހަކަ ދެއްކިއެވެ. އޭނަގެ އަޑުގައި ރުންކުރުކަމާއި އެއްވަރަށް ހާސްކަން ވެސް އެކުލެވިފައި ވިއެވެ.
އިމްރާނުގެ ހާސްކަން ނަގައިގަނެވުނު ހިނދު މީޒާގެ ހިތުގައި ރިއްސާލައިފިއެވެ. ޤަބޫލުކުރަން ބޭނުން ނުވިކަމުގައި ވިޔަސް އިމްރާނުގެ ހިމޭންކަމުން ހަނާއަޅަމުން ދިޔަ ހަޤީޤަތާ ކުރިމަތިލާން އޭނައަށް މަޖުބޫރު ވިއެވެ. އެއާއެކު މީޒާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ލޮލަށް ބޮނޑިވެގަތް ކަރުނަތައް އޮހިގަތީ ހިފެހެއްޓުމަކާ ނުލައެވެ.
''ޖަވާބު ދީބަލަ، މިކޮންކަމެއް، ކީއްކުރަން ސާރާއާއެކު ލަންކާއަށް ދަނީ؟... އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ، ތިހެން ހިމޭނުން ހުރުމުން އަހަންނަށް މިކަން ނަގައިގަނެވެނީ ވަރަށް ނުބައި ގޮތަކަށޭ...'' އިމްރާނުގެ ގަމީހުގައި ހިފައިގަންނަމުން މީޒާއަށް ރޮވުނެވެ.
''ބަލަ ޖަވާބު ދޭށޭ ބުނީމަ ވެސް ހިމޭނުން ތިހުންނަނީ ކީއްވެހޭ؟، ފަރުދާގެ ނިވަލުގައި މިކަމެއް ހިނގާތާ ކިތައް ދުވަސް ވެއްޖެ؟، އަހަރެން ހިޔެއް ނުކުރަން އިމްރާނު އަހަންނަށް ބޭވަފާތެރިވެދާނެ ކަމަކަށް، އަދި އެވެސް އަހަރެން އެންމެ ގާތް އެކުވެރިޔާއާއެކު...'' މީޒާގެ އަޑު ކުރެހިގެން ދިޔަ އެވެ. ހިތަށް ލިބުނު ފުން ޒަހަމްތަކާއެކު އޭނައަށް ގިސްލެވުނެވެ.
''އަޑު މަޑުކޮށްބަލަ...'' އިމްރާން މީޒާގެ އަތުގައި ހިފަހައްޓަމުން ބުނެލިއެވެ.
''ނުކުރާނަން...'' ގިސްލުމުގެ ތެރޭން މީޒާ ބުނެލިއެވެ. އޭނަ ކުއްލިއަކަށް ރުއިން ހުއްޓާލައިފިއެވެ. އޭނަ ގާތަށް ރުޅިއައީ އެވެ. ''މިގޭ އެންމެނަށް އިމްރާނު ތިކުޅޭ ކުޅިގަނޑު ހާމަކުރާނަން...''
''މައިތިރިވެބަލަ، ތިހީކުރާގޮތަށް ކަމެއް ނުވެޔޭ...'' އިމްރާން ބުނެލިއެވެ. އޭނަ އުޅުނީ މީޒާގެ ރުޅިގަނޑު ފިނިކުރާށެވެ. ފިނި ހިތަކާއެކު ބުނެދީގެން ނޫނީ މީޒާއަކަށް ނުވިސްނޭނެއެވެ.
''ދޮގު ހަދަން ނޫޅޭތި!... މިހާރު މަށަށް އެނގިއްޖެޔޭ ސާރާ އެހާ ގިނައިން މިގެއަށް އަންނަ ސަބަބު، އޭނަ ޒިވްޔަންއާއި އެހާ ދޯޅި ސަބަބު ވެސް، އެކަމަކު ބުނަން މަ ހޭހުއްޓަކާ ލާހިކެއް ނޫން ދެއަންބަށް އޭނައާއި ކައިވެނި ކުރާކަށް، ތިކަމެއް ކުރިއިރު ނުވިސްނަންތަ ހުރި ހަަމައެކަނި ދަރިފުޅާ މެދުގައި ވެސް، ތީގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު؟...'' މީޒާގެ ހިތާމަތަކުގެ މައްޗަށް ރުޅިވެރިކަން ސަވާރުވާން ފެށިއެވެ. އޭނައަކީ އަބަދު ވެސް ރުޅިގަދަ މީހެކެވެ. އޭނަގެ އެސިފަ ޒިވްޔަންއަށް ކިތަންމެ ފުރިހަމައަށް ވެސް ވާރުތަކޮށްފައި ވެއެވެ.
''އަޑު މަޑުކޮށްބަލަ!... ހަޤީޤަތް ކިޔައިދޭންށޭ މިއުޅެނީ...'' މީޒާ އޭނަގެ ވާހަކަތައް އަޑުއަހަން ނޫޅުމުން އިމްރާނު ގާތަށް ވެސް ރުޅިއަންނަ ގޮތް ވިއެވެ. ކޮޓަރިން ނިކުންނަން ދިޔަ މީޒާގެ އަތުގައި އިމްރާނު ހިފެހެއްޓިކަމުގައި ވިޔަސް އިމްރާނުގެ އަތް ފޮޅުވާލަމުން މީޒާ ބޭރަށް ނިކުތެވެ. އޭރު ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން އިމްރާނުގެ މަންމަ ހަދީޖާ އަޑުގަދެވެގެން އެދިމާއަށް އަންނަނީއެވެ.
''ދެން ކީއްކުރަން ލަންކާއަށް ދާން ތިއުޅެނީ އޭނައާ އެކު...'' މީޒާ ރުންކުރު ރާގަކަށް ބުނެލިއެވެ.
''މިތާކު ތިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން، ކޮޓަރިއަށް ހިނގާ، މިހާރު ޒިވްޔަން ސްކޫލުން އަންނަން އުޅޭނެ، މަންމަ ވެސް އެހުރީ ކަންބޮޑުވެފަ...'' އިމްރާނު މީޒާއާއި ގާތަށް ޖެހިލަމުން ވައިއަޑަކުން ބުނެލިއެވެ.
''ނުދާނަން، ކަލޭ އަހަންނަށް ވަގަށް ކުރާ ކަންތައް އެމީހުނަށް ވެސް އެނގެން ޖެހޭނެ...'' މީޒާ ހުރީ އޭނަގެ ގޮތުގައެވެ.