ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ހަދީޖާ އިންތިޒާރު ކުރަމުން ދިޔައީ އިމްރާނު ސައިބޯން އަންނާނެ ވަގުތަކަށެވެ. އިންތިޒާރުގައި ވަގުތު ގުނަމުން ދަނިކޮށް އިމްރާނު އައިސް ކާކޮޓަރިއަށް ވަންތަން ފެނުމާއެކު ގޮވާލިއެވެ. ގޭތެރޭގެ މަސްލަހަތު ނެތިފައިވުމުން ކަމުގެ ހަޤީޤަތް ހޯދަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. މީޒާގެ ވާހަކަތަކަށް އޭނައަށް ފުރިހަމައަށް އިތުބާރެއް ނުކުރެވުނެވެ. ހަމައެއާއެކު އިމްރާނުގެ ފަރާތުން ފެންނަމުން ދިޔަ ހިތާމައިގެ ސަބަބުން ހަނާއަޅަމުން ދަނީ މުޅިން އެހެން ކަމަކަށެވެ. ވެދިޔަ ކަންތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން ގައިމެވެ.

މަންމަ ފެނުމާއެކު އިމްރާނު އޭނަގެ މިސްރާބު ބަދަލުކޮށްލަމުން އަަވަސްވެގަތީ ގެއިން ނުކުތުމަށެވެ. ރޭގެ ހާދިސާއަށް ފަހު މަންމަގެ ސުވާލުތައް ކުރިމަތިވާނެކަން އޭނައަށް ކމާުރިން ވެސް އެނގެއެވެ. އެސުވާލުތަކަށް ޖަވާބު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް ދެފަހަރެއްގެ މަތިން މަންމަ ގޮވާލުމުން ފުރަގަސް ދީފައި ދާކަށް އޭނައަށް ނުކެރުނެވެ.

''ދަރިފުޅާ، މަންމަ ގާތު ވެސް ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ މަންމައަށް އެހީއެއް ވެވޭނީވެސް، މީޒާ އެބުނާ ވާހަކަތައް މަންމަ ޤަބޫލެއް ނުކުރާނަން... ދަރިފުޅު މަންމަ ގާތު ތެދުތެދަށް ކިޔައިދީބަލަ... އަނެއްކާ މީޒާއާ ބައްދަލުކުރަން ގޮސްފަ އައިފަހުން ދަރިފުޅު ތިވަނީ މުޅިން ބަދަލުވެފައި... ވީކަމެއް ބުނީމަދޯ އެކަމަށް ހައްލެއް ހޯދޭނީ... އަނގައިން ނުބުނުމަކުން އެއީ ހަލެއްކަމަށް މަންމަ ނުދެކެން... އަނެއްކާ އަންނަ ރުޅި ކޮންޓްރޯލް ނުކުރެވި ތަކެއްޗަށް ގެއްލުން ދެންޏާ ގިނަދުވަހެއް ނުވެ ދަރިފުޅުގެ ފަރާތުން ޒިވްޔަން އެކަން ނަކަލުކުރަން ފަށާފާނެ... ކުރީ ދުވަހު ހިނގި ކަންތައް ގަނޑަށް ފަހު ޒިވްޔަން ވެސް ހުންނަނީ ފާޑަކަށް، ރޭގަ ހިތްހަމަނުޖެހިގެން މީޒާއާ ދިމާއަށް އެއްޗެހިވެސް ކި...'' ހަދީޖާ އައިސް އިމްރާނާ އަރާހަމަކުރަމުން ބުނެލިއެވެ. ދަރިފުޅުގެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން އޭނަ ހުރީ ބޭނުން ވެފައެވެ.

''މަންމާ، އަހަރެން ފަހުން ކިޔައިދޭނަން، މިވަގުތު މިދަނީ މީޓިންގްއަކަށް ދާން ލަސްވެގެން...'' އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން އިމްރާނު ބަހަނާއެއް ދެއްކިއެވެ. ދިމާވި އެއްވެސް ކަމެއް މަަންމައާ ހިއްސާކުރާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. މަންމައަށް އިތުރު ބުރައެއް އެކަމުގެ ސަބަބުން އުފުލަން ޖެހިދާނެތީއެވެ. އެކަންތައް ހިއްސާކުރުމުން އިތުރު މައްސަލަތަކެއް ފެންމަތިމުން ނޫންކަމެއް ވެސް ނުވާނެތީއެވެ. ހަމައެއާއެކު އެކަމަށް ހޯދައިދެވޭނެ ހައްލެއް ވެސް ނުތެމާއެކުގައެވެ. އޭގެ އިތުރުން މީޒާގެ ނުބައިކަން މަންމައަށް އަންގަން ވެސް އޭނަ ބޭނުމެއް ނުވިއެވެ. ރޭގެ ހާދިސާއަށް ފަހު އެހިތުގައި މީޒާއާ މެދު ވަނީ ފޫހިކަމާއި ރުޅިވެރިކަން އުފެދިފައެވެ. މީޒާއަކީ އެހާ ހިތްނުބައި މީހަކަށް ވެދާނެކަމަކަށް އޭނަ ދުވަހެއްގެ ކޮޅުން ވެސް ހިޔެއް ނުކުރެއެވެ. ނަމަވެސް އާހިރު ނަތީޖާ ނިކަން ދެކިބަލާށެވެ. ގިނަ ފަހަރު މީހާގެ ހަޤީޤީ ކުލަ ފެނިގެންދާނީ މިފަދަ ނާޒުކު ވަގުތު ތަކުގައެވެ.

*****

މަސްދުވަސް ފާއިތުވެގެން ދިޔައިރު އިމްރާނަށް ލިބިފައިވާ މާޔޫސްކަމާއި ހިތާމަތަކަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިޔައީ ކުއްލި ގޮތަކަށް އޭނަގެ މަންމަ ނިޔާވުމުންނެވެ. ހިތާމައަކަށް ފަހު ހިތާމައެއް ލިބެމުން ދިޔައީ އޭނައަށް ކުރެވުނު ކޮން ކުށެއްގެ ސަބަބުން ބާވައޭ ތަޤުދީރާ އޭނަ ޝަކުވާ ކުރިއެވެ. ވެއްޓިފައި ވިމާ އަޑިގަނޑުން ދުވަހަކު ސަލާމަތް ވެވެން ނެތީ ހެއްޔެވެ؟ އޭނަގެ އުފާތަކަށް މިއަންނަނީ ކޮން ފަދަ ހިތްދަތި ނިމުންތަކެއް ހެއްޔެވެ؟ ދިރިހުރުމުގެ ހުރިހާ އުއްމީދެއް ނެތެމުންދާ ކަހަލައެވެ. ހިތާމަތައް ބަރުދާސްތުނުކުރެވޭ ހާލަތުގައި ވަނިކޮށް އަނެއްކާ ވެސް ސާރާގެ އާފާތާ ލައިގަންނަން ޖެހުނެވެ.

*****

ތިން ހަފްތާ ފަސް...

އިމްރާނާއި މީޒާގެ ވަރީގެ ކަންތައް ނިމެން ތިން ހަފްތާގެ މުހުލަތު ބޭނުން ވިއެވެ. ވަރީގެ ކަންތައް ނިމުމާއެކު ސާރާގެ މުސީބާތް އިމްރާނަށް ކުރިމަތިވާން ފެށި އެވެ. އަބަދު ފަހަތުން ވިއްދާލާފައި ހުރުމާއި ދުލުކުރީގައިވާ ބަނދިވަރުތަކުން އޭނަގެ ބޮލުގައި ރިއްސަން ވެސް ފެއްޓި އެވެ. އަންނަ ގަދަފަދަ ރުޅީގައި އޭނަގެ އަތުން ސާރާ މަރުވެދާނެ ފަދަ ހާލަތްތައް ވެސް އައެވެ. ނަމަވެސް އެންމެފަހުން ބަލި ޤަބޫލުކޮށް އޭނައަށް ޖެހުނީ ސާރާގެ ހުށަހެޅުންތަކާ ރުހިޤަބޫލުވާށެވެ.

ގަދަބާރުން ވިޔަސް ލޯބި ހާސިލުވުމުން ސާރާ ހުރީ ނުހަނު ހިތްހަމަޖެހިފަ އެވެ. މިހުރިހާ ދުވަހު ކުރި އިންތިޒާރުގެ ނިމުން އޭނައަށް އައީ ވަރަށް ވެސް ފޮނިކޮށެވެ. ނަމަވެސް އެފޮނިކަމުން އުއްމީދުން ފުރިގެންވި ހިތަށް އުފާވެރިކަން ހޯދައިދިނުމުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އާދައިގެ ހަފްލާއަކުން ކައިވެނީގެ ކަންތައް ނިމިގެން ދިޔައިރު އޭނަ ހުވަފެން ދެކުނު ފަދަ ދާނަކަށް އަލަތު ކައިވެނީގެ ރެއެއް ނުވިއެވެ. އޭނަ އެކަނިކޮށްލުމަށްފަހު އިމްރާނު ނިދަން ދިޔައީ ގޭގެ މަތީ ބައިން ކޮޓަރިއަކަށެވެ. އެކަމާ ހުރެ ހިތްހަމަނުޖެހިގެން އިމްރާނުގެ ފަސްފަހަތުން ސާރާ ދިޔަ އެވެ. އެންމެފަހުން ދެބަސްވުންތައް އުފެދި މަސްލަހަތު ގޯހުން ގޯހަށް ދިޔަ އެވެ.

''މިގަޑީގަ އަހަރެންގެ ލިމިޓް ޓެސްޓުކުރަންތަ ތިއުޅެނީ؟...... ކަލޭ ބޭނުންވި ގޮތަށް ކަންތައް ކޮށްދީފީމެއްނު، އެވަރުން ހިތްހަމަޖައްސާލުން އެންމެ ރަގަޅު ވާނީ!...'' އިމްރާނު ހަރުކަށަކިމާއެކުގައި ބުންޏެވެ. ގެއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ސަބަބުން އޭނަ ވާހަކަދައްކަމުން ދިޔައީ މަޑުންނެވެ. ތިންވަނަ ކަންފަތަކާ ހަމައަށް އެއިން އެއްވެސް ވާހަކައެއް ފޯރަން ނޭދޭތީއެވެ. އިމްރާނާ ޚިލާފަށް ސާރާގެ އަޑު ބާރެވެ. އެކަމާ ހުރެ އެންމެފަހުން ސާރާ ގެންގޮސް ކޮޓަރިއަށް ވައްދަމުން އިމްރާނު ދޮރުލައްޕާލީ ރުޅިއައިސްފައި ހުރެއެވެ.

''ބުނަން، ކަލޭ ބޭނުންހާ ގޮތަކަށް ކަންތައް ކޮށްދީގެން މަ އުޅޭނެ ކަމަށް ހީކުރަންޏާ މިހާރުއްސުރެ އެޚިޔާލު ދޫކޮށްލާ، މަ ކަލެއާ ކައިވެނި ކުރީ ބޭނުންވެގެންނެއް ނޫން، އަޑު އިވިއްޖެއްތަ!... ގަދަ ބާރުން ކަންތައް ކުރަން އެނގެނީ ކަލެއަށް އެކަންޏެއް ނޫނޭ، އަހަންނަށް ވެސް ކުރެވޭނެ ކަންތައް އެބަހުރި، އަހަންނަށް މަޖުބޫރުކުރަންޏާ އެފިޔަވަޅު އަޅަން އަހަރެން ފަހެއް ނުޖެހޭނަން!'' އިމްރާން ބުންޏެވެ.

''އަހަރެން ބުނާ ގޮތަކަށް އުޅެން ޖެހޭނީ، އެހެން ނޫނީ...'' ސާރާ އިންޒާރު ދޭފަދަ ރާގަކަށް ވާހަކަދައްކަމުން ދަނިކޮށް ހަލުވި ރޯޅީގެ ބާރުމިނުގައި އައިސް ސާރާ ކައިރިއަށް ހުއްޓިލަމުން އިމްރާނު ސާރާގެ އަތުގައި ހިފާ ފަހަތަށް އަނބުރާލި އެވެ.

''އެހެން ނޫނީ ކީއްތަ ކުރެވޭނީ؟...'' ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އިމްރާނު ބުންޏެވެ.

''ކުރެވޭނެ ކަންތައް ނޭގިގެންތަ ސުވާލު ތިކުރަނީ؟، އެންމެ ކުޑަ ކަމަކަށް ވެސް ޒިވްޔަން ގުރާދޫއަށް ގެންދަން ޖެހޭނީ... އެހެންނޫނަސް އިމްރާނަށް ކަމެއް ކުރެވެންޏާ އަހަންނާ ކައިވެނި ނުކުރީމެއްނު... ސޯ ޖަސްޓް ސްޓޮޕް ވިތް ދަ އެމްޕްޓީ ތްރެޓްސް...'' އިމްރާނާއި ހަތަރުކަޅި ހަމަކުރަމުން ސާރާ ބުންޏެވެ. އިމްރާނުގެ ބަލި ފަޔަކީ ޒިވްޔަންކަން އެނގިހުރެ އެކަމުގެ ފައިދާ ނަގާނެ ގޮތްތަކާ މެދު ސާރާ ވަނީ ދުރާލާ ވިސްނާ ތައްޔާރުވެފައެވެ. އޭނައާއި ހަނގުރާމަކޮށްގެން ކުރިއެރުން ލިބުން އެއީ ނާދިރު ކަމެކެވެ. އެކަން އިމްރާނަށް އަދިވެސް ނުވިސްނެނީ ހެއްޔެވެ؟

''ޒިވްޔަންއަށް ކުޑަ ވެސް ގެއްލުމެއް ވެއްޖެއްޔާ މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެ...'' ސާރާގެ ޖުމްލައާއެކު އިމްރާނުގެ ހިތަށް ބިރުވެރިކަން ފޭދިގެން ދިޔައެވެ. އޭނަ ސާރާއާ ދުރަށް ހިނގައިގަންނަމުން އުނަގަނޑުގައި ދެއަތް ވިއްދާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ސާރާގެ އިންޒާރުތަކަށް ސަމާލުވެ ހުންނަން އޭނަ އަޒުމު ކަނޑައެޅިއެވެ. ސާރާގެ ވިސްނުމުގައި އެވާ އުނިކަމުގެ ސަބަބުން އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެތީއެވެ.

''މިކައިވެނި ސައްހަ ނުވެދާނެތީ އިމްރާނު ހާސްވާކަށް ނުޖެހޭނެޔޭ، ހަރާމްކަންތައް ނުކުރާ ބަޔަކު މިދުނިޔޭގައި ނޫޅޭނެ، ދެން ކޮބާތަ އަހަރުމެން އެފަދަ ކަމެއް ކުރުމުން މައްސަލައަކީ، އެހެންނޫނަސް ދަރިފުޅު ވިހެއުމުން އަނެއްކާ ކައިވެނި ކުރެވިދާނެ...'' ސާރާގެ ވިސްނުމުގެ ނުބައިކަމާ ހުރެ އިމްރާނު އަޖައިބުވެ އަންތަރީސް ވިއެވެ. އެވާހަކަތަކުން އޭނަގެ މޭނުބައިކުރާ ގޮތެއް ވެސް ވިއެވެ. އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް އެހިތުގައި ނުވަނީ ހެއްޔެވެ؟ މާތްﷲގެ ކޯފާއެއް ކުރިމަތިވެދާނެ ކަމާމެދު އެހިތުގައި ބިރުވެރިކަން ވެސް ނެތީ ހެއްޔެވެ؟ ހަވާނަފުސުގެ އަވާގައި ޖެހި މުޅި މީހާ އެވަނީ ހަލާކުގެ ތެރެއަށް ވެއްޓި ގެނިބފައެވެ.

އިތުރަށް އެތާނގައި މަޑުކުރުމެއް ނެތި އިމްރާނު ކޮޓަރިން ނިކުމެގެން ދިޔައީ އެވެ. މިފަހަރު އިމްރާނުގެ ފަހަތުން ދާފަދަ ޚިޔާލެއް ސާރާގެ ނެތެވެ. ވެފައި ހުރި ވަރުބަލިކަމާއެކުގައި އޭނަ އެނދުގައި އިށީނެވެ. އަދި އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ހިނިތުންވެލިއެވެ. ދުވަސް ނަގާފާނެއެވެ. ނަމަވެސް އޭނަ ދޫކުރާނީ އިމްރާނުގެ ހިތުގައި އޭނައަށްޓަކައި ލޯބި އުފައްދާފައެވެ.

''މިހާރު ރުޅި އައިސްގެން ދިޔަޔަސް ފަހުން އިމްރާނު އަންނަން ޖެހޭނީ ހަމަ އަހަރެންގެ ގާތަށް... ވަންސް ޔުއާރ މައިން، ޒިވްޔަން ވިލް ބީ އައުޓް އޮފް ޕިކްޗާރ...''

''އަހަރުމެންގެ ދަރިފުޅު އޭނަގެ މަޤާމަށް އަންނާނީ...'' ސާރާ ޚިޔާލީ ދުނިޔެއަށް ގެއްލެމުން ބުނެލިއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިމްރާނުގެ ފަރާތުން ސާރާއަށް އަޅާލުން ނުލިބޭ ތަނުގައި ވާހަކަ ވެސް ދެކެވެނީ ހަމައެކަނި ޒުވާބު ކުރުމަށެވެ. ފިރިއެއްގެ އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވި ހިނދު ސާރާއަށް ކުރިމަތިލާންޖެހުނީ އެކަނިވެރި ދުވަސްތަކެކެވެ.

އިމްރާނު މަސައްކަތް ކުރަމުން ދިޔައީ ސާރާއާއި ވީހާވެސް ދުރުން އުޅުމަށެވެ. މިހުރިހާ ކަންތަކާ ހުރެ ސާރާ ގާތަށް ރުޅި އަންނަން ފެށިއެވެ. ހިތުގައި އުފެދެންފެށި ނުރުންހެތެރިކަން ސިއްރުނުކުރެވޭވަރު ވިއެވެ. އެކަމުގެ ހަސްކާ ޒިވްޔަންއަށް ބާލައިގެން މެނުވީ އިމްރާނަށް ފިލާވަޅެއް ނުދެވޭނެކަން ވެސް އޭނައަށް ވިސްނުނެވެ. އޭރުން އޭނައާއި މެދު ފަރުވާކުޑަކުރުމުގެ ކުރިން އިމްރާނު ދެވަނަ ފަހަރަށް ވިސްނާނެތާއެވެ. ގަދަ މަޖުބޫރުން ވިޔަސް އިމްރާނު އޭނައާއި އެކުގައި ވަނިކޮށް އޭނައަށް ފުދެއެވެ.

ސާރާގެ ހިތުގައި އެއްއިރެއްގައި ވެސް ޒިވްޔަންއާ މެދު ކުލުނެއް، އޯގާތެރިކަމެއް ނުވަތަ ލޯތްބެއް ނުވެއެވެ. އޭނަ އަބަދުވެސް ދެކެމުން އައީ މީޒާއާއި ޒިވްޔަންއަކީ އޭނަގެ އުފާވެރިކަމަށް އެޅިފައިވާ ހުރަސްތަކެއްގެ ގޮތުގައެވެ. މީޒާގެ ފުށުން ސަލާމަތްވެވުނު އިރު އަނެއްކާ ވެސް އެދަނީ އޭނަގެ ހިތުގެ މުރާދަށް ހިޔަނިއެޅޭނެ ފަދަ ވިލާގަނޑެއް ބޯމަތި ކުރުވަމުންނެވެ. އިމްރާނު އޭނައަށްވުރެ ބޮޑަށް ޒިވްޔަންއަށް ސަމާލުކަން ދިނުން ވެގެން ދިޔައީ އޭނަގެ ރުޅިގަނޑު ގަދަޔަށް އަނދަން ފެށި އަނެއް ސަބަބަށެވެ. އެކަމަށް އަވަސް ހަލެއް ހޯދައިގެން މެނުވީ ދެނެއް އޭނަގެ ހިތަށް ފިނިކަމެއް ނުލިބޭނެއެވެ.

*****

އާދައިގެ މަތިން ސެޝަންތައް ނިންމާލުމަށްފަހު ޑޮކްޓާރ ޝާނިހް އެކަނިވާނެ ވަގުތަކަށް ސާރާ ދިޔައީ ފާރަލަމުންނެވެ.

ގޭގެ ބަގީޗާގައި ހިޔާކުރެވިފައިވާ އުނދޯލީގައި ޒިވްޔަންއާއެކު އިން ޝާނިހް ދާން ތެދުވުނީ ވަގުތު ކުޑަތަންވެފައިވުމާއެކު ކްލިނިކުގެ ބައެއް މަސައްކަތައް ވެސް ނިންމަން ޖެހިފައިވުމުންނެވެ. އޭނަ ޒިވްޔަންއަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކުރަމުން ތެދުވުނެވެ. ޒިވްޔަންއަށް އޭނަ ފަރުވާ ކުރާތާ މިހާރު ދެއަހަރު ވަނީއެވެ. ތަފާތު ތެރަޕީތަކުގެ ސަބަބުން ޒިވްޔަންއަށް ހެޔޮބަދަލުތަކެއް އައުމުގައި ލަސްކަމެއް ވިޔަސް އޭނަ އުއްމީދު ކަނޑާނުލައެވެ. ނަމަވެސް އަދިވެސް ސްކޫލާއި މުޖުތަމައުގެ ފަރާތުން ޒިވްޔަންއަށް ކުރިމަތިވާ އުނދަގުލާއި މަލާމާތުގެ ސަބަބުން އިހުގެ ހާލަތަށް ޒިވްޔަން އެނބުރި ރުޖޫޢަވެދާނެތީ އޭނަ ހުންނަނީ ފިކުރު ބޮޑުވެފައެވެ. އެވޭންތަކަށް ލުޔެއް ހޯދައިދޭން އޭނަ ބޭނުމެވެ. ތަފާތު ގޮތްގޮތުން ޒިވްޔަންއަށް އެހީގެ އަތެއް ފޯރުކޮށްދޭން މަސައްކަތް ކުރިކަމުގައި ވިޔަސް މީހުން ބުނެލާ ވިހަ ގަދަ ބަސްތަކުން އެސިކުނޑިއަށް ކުރާ ގެއްލުންތައް ކުޑަކުރުމުގައި އޭނައަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ހަަމައެއާއެކު ޒިވްޔަންގެ ރުޅިގަނޑު މަތަކުރުމުގައި ވެސް މިފަހަކަށް އައިސް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ގޭޓާ ދިމާއަށް މިސްރާބު ޖެހި ޝާނިހަށް ހުއްޓެވުނީ އޭނައަށް މީހަކު ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލިއިރު ސާރާ އެދިމާއަށް އަންނަތަން އޭނައަށް ފެނުނެވެ. ފާއިތުވި ދުވަސްތަކުގައި ސާރާއާއި ޝާނިހާ ދެމެދު ވަނީ އެކުވެރިކަން އުފެދިފަ އެވެ. އެވެސް ސާރާ ނުބައި ނިޔަތެއްގެ މަތީން ބަދަހި ކުރި ގުޅުމެކެވެ.

''ހައު އިޒް ހީ ޑުއިންގް...'' ޝާނިހާއި އަރާހަމަވުމާއެކު އުނދޯލީގައި އިން ޒިވްޔަންއަށް އިޝާރަތްކޮށްލަމުން ސާރާ އެހި އެވެ. އޭރު ޒިވްޔަން އިނީ އެމީހުނަށް ބަލަހައްޓައިގެންނެވެ.

''މިހާރު ވަރަށް ބޮޑުތަން ރަގަޅުވަމުން ދަނީ، ޕީޓީއެސްޑީ އެންޑް ބައިޕޯލާރ ކޭސްއަކަށް ވީމަ ޓްރައުމާ އިން ބޭރުވާން އަހަރުތަކެއް ވެސް ނަގާފާނެ، މިހާރު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން ފިޔަވަޅު އަޅަމުން މިދަނީ... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަގަޅު ވާނެ...'' ޝާނިހުގެ ވާހަކަތަކާ މެދު ސާރާ ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އެކަން މޫނުމަތިން ސިއްރުކުރަމުން އޭނަ ހިނިތުންވާން މަސައްކަތްކުރިއެވެ.

''ހަޤީޤަތުގަ ގޭގެ މާހައުލުން ވެސް ބައެއްފަހަރު މިފަދަ ކޭސްތައް އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވޭ، ކުރިން އަހަންނަށް ފެނިފަ ހުރި ކަންތަކަށް ބަލާފަ މިހެން މިބުނީ...'' ޝާނިހް ސާރާއާއި އެއްހަމައެއްގައި ހިނގަމުން ބުންޏެވެ. ''ޒިވްޔަންގެ މާމަ ނިޔާވުމުން އެކަމުން ވެސް އިފެކްޓްކޮށްފަ ވަނީ... މިވަގުތު ޒިވްޔަންއަށް ވީހާ ވެސް ބޮޑަށް އަޅާލުމާއި ލޯބި ބޭނުންވާނެ... ހީޒް އެޓް އެ ވެރީ ވަލްނެރަބްލް ސްޓޭޖް...'' ސާރާގެ ހަޤީޤަތް ނޭގޭ ހާލު އަމަލުތައް ބަހަންޓަންވީ ގޮތް ޝާނިހް ކިޔައިދިނެވެ. އޭނަ ހީކުރީ ސާރާ އެހުރިހާ ކަމެއް އޮޅުން ފިލުވަމުން ދިޔައީ ޒިވްޔަންއަށް ހެޔޮއެދޭތީ ކަމަށެވެ.

''އާނ، ތީ ދޮގު ވާހަކައެއް ނޫން، އެކަމަކު މިހާރު އެފަދަ ކަމެއް ތަކުރާރެއް ނުވާނެ...'' ސާރާ ހިނިތުންވުމަކާއެކުގައި ބުންޏެވެ. ޝާނިހް ދައްކަމުން ދިޔަ ވާހަކަތަކަށް ފަރުވާތެރިވެ ހުރި ސާރާގެ ހިތުގައި ސުވާލު އެފެދެމުން ދިޔައީ ޝާނިހް އޭނައަށް އެހީވެދާނެ ކަމާމެދުގައެވެ. އެދެމެދުގައި އެކުވެރިކަން ވިޔަސް އޭނަގެ ނުބައި ރޭވުންތަކަށް ޝާނިހް އެއްބާރުލުން ދީފާނެ ކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ. އެއާއެކު ތަފާތު ގޮތަކަށް ޝާނިހާ ކުރިމަތިލާން އޭނަ އަޒުމުކަނޑައެޅިއެވެ.

*****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތެވެ. ކާކޮޓަރިއަށް ވެރިވެފައި އޮތް ފުން ހިމޭންކަން ފޫއަޅުވާލަމުން ދިޔައީ އުލާއި ސަމުސާތައް ތަށިތަކުގައި ތެޅޭ އަޑުންނެވެ. ލަސްލަހުން ފެންތަށިން ކޯވަރުތަކެއް ބޮމުން ދިޔަ ސާރާގެ ނަޒަރު ހުއްޓިފައި ވަނީ ޒިވްޔަން އަށެވެ. ޒިވްޔަންގެ ހިމޭންކަން އޭނަ ދިރާސާ ކުރާކަހަލައެވެ. މިހާރަކަށް އައިސް ކުރިއަށްވުރެ ބޮޑަށް ޒިވްޔަން ބަސްމަދުވެފައިވާކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. ސްކޫލުން ގެއަށް އަންނަ ގޮތަށް ބޭރަށް ދަނީ އަނެއްދުވަހު ސްކޫލަށް ދާންށެވެ. ހަދީޖާގެ މަރަށް ފަހު ކުރިއަށްވުރެ ބޮޑަށް ގޯސްވެފައިވާ ފަދައެވެ. އެކަނިވެރިކަމުގެ އަނދިރީގައި ބަނދެވި މުޅި މީހާ ހަލާކުވަމުންދާ ފަދައެވެ. އެޚިޔާލުތަކާއެކު ސާރާގެ ދެލޮލުން އުފާވެރިކަމުގެ ޖޯޝު ފާޅުވާން ފެށިއެވެ.

އިމްރާނު ތެދުވެގެން ދިއުމާއެކު ސާރާ އޭނަގެ އަތުގައި އޮތް ފެންތަށި މޭޒު މަތީ ބެހެއްޓިއެވެ. އަދި ޒިވްޔަންގެ ސަމާލުކަން ހޯދަން ވެގެން ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުން ޒިވްޔަން އިސްއުފުލާ ބަލާލިއެވެ.

''ހާދަ މަޑުން ތިއިންނަނީ؟، ކަމެއް ދިމާވީތަ؟، މީހަކު އެއްޗެކޭ ބުނީތަ؟...'' ސާރާ ހިތްހެޔޮ ރާގަކަށް ސުވާލުކުރިކަމުގައި ވިޔަސް ޒިވްޔަން އަނގަޔަކުން ނުބުންޏެވެ. ''ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ ދައްތައަށް އެހީއެއް ވެވޭނީ...''

''ދައްތަ ދެކެ ހިތްހަމަނުޖެހިފަތަ ތިހުންނަނީ؟... ދައްތަ މިގެއަށް އައިފަހުން އަނގައިން ބުނީކީ ވެސް ނޫން...'' ސާރާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔަ އެވެ.

''ޒިވްޔަންއަށް ވެސް އިނގޭނެ ޒިވްޔަންގެ މަންމަގެ ނުބައިކަން، އަމިއްލަ އެދުމުން ފޯވެފައި ހުރި އަންހެނެއް އެއީ، އޭނަގެ ސަބަބުން ބައްޕައަށް ލިބުނީ ހުސް ހިތާމަތައް، ދައްތަ ބޭނުންވަނީ އެހުރިހާ ކަމަކަށް ނިމުމެއް ގެންނަން، ޒިވްޔަންއަށް ވެސް އަޅާލުމާއި ލޯބި ދޭން...''

ޒިވްޔަންގެ ފަރާތުން ޝައުގުވެރިކަން ނުފެނުމުން ސާރާއަށް ޖެހުނީ އޭނަގެ ވާހަކަތައް ހުއްޓާލާށެވެ. ތުންފަތް އަރިއަކަށް ދަމާލަމުން އޭނަ ކެއުމާއިގެން މަސްއޫލު ވިއެވެ.

ޒިވްޔަންގެ ތަބީއަތަށް އެއަންނަ ކުއްލި ބަދަލުތަކާ ހުރެ ސާރާ ހައިރާން ވިއެވެ. އެއްފަހަރު ހިނިތުންވެފައި ވާހަކަދައްކައިފިނަމަ ދެން ހުންނަނީ ރުޅިއައިސްފައެވެ. ބައެއްފަހަރު އެދެލޮލުން ބަޔާން ކުރަން ދަތި ވޭނެއް ތަހައްމަލުކުރަމުންދާ ހެން ވެސް ހީވެއެވެ.

''ކީއްތަވާނީ ގިޔާންއާއެކު ޒިވްޔަން ވެސް އެެކްސިޑެންޓްގައި މަރުވިނަމަ، އޭރުން އަހަންނާއި އިމްރާނަށް ކިހާ ހަމަޖެހޭ ދިރިއުޅުމެއް އުޅެވުނީސް، އެކަމަކު މިހާރު މިޖެހެނީ ބޮޑު ސައިކޯޕާތެއް ގޭގައި ބަހައްޓަން، ދުވަހުން ދުވަހަށް ގޯސްވެ ގުރާދޫއަށް ފޮނުވާލައިފިއްޔާ ކިހާ ރަގަޅު، އެމީޒާ ވެސް ބުރައަކަށް ވާތީ އަވަހަށް އެކަމުން ރެކިގަތީ، އިމްރާނު މޮޔަކަމުން އޭނަ ބެލުމުގެ ޒިންމާ ނެގީ ވެސް، ހުއް ވަރަށް ފޫހިވެޔޭ، ޔަޤީނޭ މަށަށް ބަލާޖައްސަން ކަން މީޒާ އިމްރާނުގެ ބޮލަށް ޒިވްޔަން ޖެހީ... މިކަމުން އަވަހަށް ސަލާމަތްވެވޭތޯ އުޅެންވީ، އެހެންނޫނީ މުޅި އުމުރު ދުވަހު އުޅެން ޖެހޭނީ މިކަމަކާއިގެން...... ޒިވްޔަން ހިނގައްޖެއްޔާ އިމްރާނު އަހަންނަށް ސަމާލުކަން ދޭން ވެސް ފަށާނެ...'' ޒިވްޔަންއަށް ބަލަން އިނދެ ހިތާހިތުން ސާރާ ވާހަކަ ދެއްކިއެވެ.

''ޝާނިހުގެ ބޮލަށް ވަންނަންވީ، އެކަމަކު އޭނަ އަހަންނަށް އެހީވާނެތަ؟، ފައިސާއަށް ހެއްލިދާނެކަހަލަ މީހެއް ހެނެއް ހިޔެއް ނުވޭ، އަނެއްކާ އޭނަ އިމްރާނު ގާތު ބުނެފިއްޔާ އަހަރެން ކުރަމުން މިދާ ހުރިހާ ބުރަ މަސައްކަތެއް ދާނީ ފެނަށް، އެކަމަކު ކޮންމެހެން ވެސް ޒިވްޔަންގެ ބަލާއިން ސަލާމަތްވާން އެބެޖެހޭ... އިޓްސް ވޯތް ދަ ރިސްކް...'' ސާރާ ވިސްނުމަކަށް ގެއްލުނެވެ.

*****

ސާރާގެ ބަނޑަށް ހަތަރު މަހުގައި އޭނައާއި އިމްރާނުގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ އެކަމުގެ އަގު ސާރާއަށް އަދާކުރަން ޖެހުނީ އޭނަގެ ބަނޑުގައިވި ދަރިފުޅުގެ ފުރާނައިންނެވެ. އިމްރާނަށް އެދުވަހު އޭނަގެ ނަފުސެއް ކޮންޓްރޯލެއް ނުކުރެވުނެވެ. އައިސްފައި ހުރި ގަދަ ރުޅީގައި ސާރާ ކޮއްޕާލެވުނީ ތިބެވުނު ތަނާ މެދު ވެސް ވިސްނާލުމެއް ނެތިއެވެ. އައި ހަމަލާއާއެކު ސާރާގެ ފިޔަވަޅުތައް ސިޑިމަތިން ކައްސާލުމާއެކު އޭނަގެ ބާރު ހަޅޭކުގެ އަޑު ފަޒާގެ ތެރޭ ގުގުމާލައިގެން ދިޔަ އެވެ. ގަނޑުވެގެން ދިޔަ އިމްރާނަށް ލޯކުރިމަތިން ތަމްސީލުވަމުން އައި ބިރުވެރި މަންޒަރު ބަލަން ހުރެވުނީއެވެ.

ސިޑީގެ މަތިން ފުރޮޅިލާފައި ތިރިއަށް ދިޔަ ސާރާ މައިތިރިވީ އެންމެ ފަހު ހަރުފަތަށް ވެއްޓުމަށް ފަހުގައެވެ. ވޭނީ އާހްތަކާއެކު ދެފަހަރެއްގެ މަތިން އޭނަ ކުރުކާލުމަށްފަހު ހަރަކާތްތައް ކެނޑިގެން ދިޔައީއެވެ.

ހުއްޓުން އަރާފައި ހުރި އިމްރާނަށް ހަމަހޭވެރިކަން ވާން އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. ދުވެލާފައި ތިރިއަށް ފޭބިއިރު ސާރާގެ ނިއްކުރިން ފަޅައިގެން ގޮސްފައިވާ ހިސާބުން ފައިބަމުން ދިޔަ ލެއިން ކުޑަވަރެއްގެ ކޯރެއް ދަމާލާފައި އޮތެވެ. ސާރާ ގާތަށް ތިރިވަމުން ދެފަހަރެއްގެ މަތިން އިމްރާނު ސާރާއަށް ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ހާސްކަމެއްގެ ތެރޭގައި މީހާ ވިއިރު އެމްބިއުލާންސަށް ގުޅަން ވެސް އޭނަ ހަނދާންވީ އިރުކޮޅެއް ފަހުންނެވެ.

ކޮމެންޓް 0