ފިލާވަޅަށް ސަމާލުކަން ދޭން ބޭނުންވި ކަމުގައި ވިޔަސް މައުވާއަށް އެކަމެއް ނުކުރެވުނެވެ. ހިތުގެ ވޭން އިހުސާސް ކުރެވުނު ހިނދު ދެލޯ ކަރުނުން ފުރިބާރުވެގެން ދިޔައެވެ. ޝިއާފަށް އޭނަ ކުރި އަހުދާއި ވައުދު އުވާލި ހިތި ހަނދާންތަކާ ދުރުވުން ވެފައި ވަނީ މުސްތަހީލުކަމަކަށެވެ. ވިސްނަން ބޭނުން ނުވިކަމުގައި ވިޔަސް އެނޫން ކަމަކާމެދު ފިކުރެއް ނުހިންގެއެވެ. ބިންވަޅުނެގިފައިވާ ޝިއާފްގެ ސޫރަވެސް ހަނދާނުން ފޮހެލުން މައުވާއަށް ވެފައިވަނީ ދަތި ކަމަކަށެވެ. ވޭނާއި ހިތާމަތައް އުތުރިއަރަމުން ގޮސް އެންމެ ފަހުން މައުވާއަށް ރޮވިއްޖެއެވެ.
މައުވާ މަސަލަސް ކުރެވޭތޯ ތޫބާ މަސައްކަތް ކުރިއެވެ. މައުވާއާއި ޝިއާފާ ދެމެދު ޖެހުނު މައްސަލަ އޮޅުން ފިލުވަން އެކި ގޮތްގޮތުން ސުވާލުކުރި ކަމުގައި ވިޔަސް އެދެވޭ ފަދަ ކުރިއެރުމެއް ނުލިބުނެވެ. އެއާ ޚިލާފަށް އޭނަ ކުރާ ކޮންމެ ސުވާލަކާ އެކު މައުވާގެ ރުއިމަށް ބަދަލު އައިސް ލޮލުން އޮހޭ ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ. ތޫބާގެ ގައިގައި މައުވާ އޮޅުލައިގަތް ހިނދު އެހަށިގަނޑުގައި އުފެދިފައިވާ މަޑުތުރުތުރުލުން ތޫބާއަށް އިހުސާސް ކުރެވުނެވެ. މައުވާގެ ތުންފަތް ފޫއަޅުވާލި މަޑު އާހުން ތޫބާގެ ދެލޯ ވެސް ފެންކަޅިވެގެން ދިޔައެވެ. އެއާއެކު މައުވާގެ ހިތަށް ލިބިފައިވާ ޒަހަމް ތަކުގެ ބޮޑު މިން ތޫބާއަށް އަންދާޒާކޮށްލެވުނެވެ. ތޫބާއަށް މައުވާގެ ހިތާމައިގައި ބައިވެރި ވެވުނެވެ.
ޝިއާފާ މެދު ތޫބާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިވެސް އާދެވުނެވެ. އޭނަގެ ގާތް ރަހުމަތްތެރިޔާގެ ހިތާމަތަކާ ގުޅިފައިވާ އަސްލު ސަބަބަށް ޝިއާފް ވުމުންނެވެ. މައުވާގެ ފަރާތުން ޖަވާބު ނުލިބުނު ހިނދު ތޫބާ އަމިއްލައަށް އޭނަގެ ހިތުގައި ބުރުޖަހަމުން ދިޔަ ސުވާލުތަކަށް ޖަވާބުދީ ނިންމާލައިފިއެވެ. އޭރު ސިކުނޑީގައި އެތައް ޚިޔާލެއް ކުރިލާ ފެތުރިގެން ހިނގައްޖެއެވެ. އޭނަގެ ނަޒަރުގައި ޝިއާފް ކުށްވެރި ކުރެވުނެވެ. މައުވާ ޝިއާފް ދޫކޮށްލަން ޖެހުނީ ޝިއާފްގެ ސަބަބުން ކަމަށް ނިންމިއެވެ. އެދެމެދަށް އިތުރު އަންހެންކުއްޖަކު ގެނައީ ކަމަށް ވެސް ނިންމާލެވުނީ ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
''އީވީ ދެން ނުރޮއި، މަންމައަށް އަޑު އިވިއްޖެއްޔާ ހީކުރާނީ މިއަދު ވީ ކަންތަކާ ހެދި އަހަރެން އިވީއާ ދިމާއަށް ހަޅޭއްލެވީކަމަށް... ޕްލީޒް އިވީ ސްޓޮޕް ކްރައިންގް... އިވީ ބޭނުންނަމަ ދެން އަހަރެން އެއްވެސް ސުވާލެއް ނުކުރާނަމޭ...'' ތޫބާ އެތައް ވާހަކައެއް ދައްކައިގެން އެންމެ ފަހުން މައުވާ ރުއިން ހުއްޓާލައިފިއެވެ. އޭނަ ރޯއަޑު ދިޔާނާއަށް އިވި އިތުރު މައްސަލަތަކެއް ފެންމަތިވާން ނޭދޭތީ އެވެ.
ހިތް ފުނޑުފުނޑުވެ މަރާމާތު ނުކުރެވޭ ހިސާބަށް ގޮސްފައި ވިޔަސް ކަރުނަތައް ސިއްރުކުރަން މައުވާ އެވަގުތު ގަސްދުކުރިއެވެ. މޫނުމަތިން މޮޅިވެރިކަން ވެސް ސިއްރުކުރަން މެއެވެ. ޝިއާފާއެކު އެއްފުރާޅެއްގެ ދަށުގައި ދުވަސްތައް ހޭދަކުރުން ހިތި ޒަހަރަކަށް ވެގެންދާނެކަން މައުވާއަށް އެވަގުތު އަންދާޒާ ކުރެވުނެވެ. ޝިއާފް ފެންނަ ކޮންމެ ފަހަރަކު އެހިތް ކަރުނަ އަޅާ ރޯނެއެވެ. ޝަކުވާ ކުރާނެއެވެ. ނަމަވެސް އޭނަ ޖެހޭނީ ކެތްތެރި ވާށެވެ. ގޭތެރޭގެ މަސްލަހަތު އޭނަ ކުރާ ހިތާމައިގެ ސަބަބުން ގެއްލިގެން ދިއުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. އެހިތާމަތަކުގެ އަސްލާ ގުޅިފައިވާ ސަބަބުވެސް ހާމަވެގެން ދާން ނޭދޭތިއެވެ. މައުވާ ފުންކޮށް ވިސްނާލަމުން ނިންމީ އެހިތުގައިވާ ލޯބި ރުޅިވެރިކަމުގެ ހޫނު އަލިފާނުން އަންދާލާށެވެ. އޭގެ ގަދަ ހޫނުގެ ތެރޭގައި ޝިއާފްގެ ހަނދާންތައް އަނދާއަޅިއަށް ހަދާލާށެވެ. އެނޫން ގޮތަކަށް ވޭނާއި ހިތްދަތިކަން ބަރުދާސްތުކުރެވޭކަށް ނެތެވެ.
''އައެމް ފައިން...'' ކަރުނަތައް ފޮހެލަމުން މައުވާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ފިލާވަޅާއިގެން ކުރިއަށް ދިޔައެވެ. މައުވާގެ ހަރަކާތްތަކަށް ބަލަން އިން ތޫބާގެ ދެލޮލުގައި ވަނީ ކަންބޮޑުވުމެވެ. މައުވާގެ ހާލާ މެދު އޭނަ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އުފެދުނު ހިތާމައިގެ ކޯރުގެ ބާރު އޮއެވަރުގެ ތެރޭގައި އަރަގުވެ ޑިޕްރެޝަންގެ ޝިކާރައަކަށް މައުވާ ވެދާނެތީ ތޫބާ ބިރުގަތެވެ. މައުވާއަކީ ކަންތަކާ މެދު ވަރަށް ބޮޑަށް ވިސްނާ ކުއްޖެކެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް މެއެވެ. އެކަމުގެ ތެރޭގައި ހާސްވެ މުޅި މީހާގެ ތަބީއަތު ގޯސްވެއެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޝައިތާނާ މައުވާގެ ވިސްނުމާ ކުޅެ ފަސާދަ ކޮށްލުން އެއީ ވަރަށް ކައިރީގައިވާ ކަމެކެވެ. އެޚިޔާލާއެކު ތޫބާގެ ހިތް ބިރުވެރިކަމާއެކު ތެޅިލިއެވެ. މައުވާ އެކަނި ވުމުގެ ފުރުސަތެއް ދެން ދެވޭކަށް ނެތެވެ. އަދި އެއްވެސް ކަމަކާމެދު ފިކުރު ހިންގުމުގެ ޗާންސެއް ވެސް މެއެވެ. މިފަދަ ދަނޑިވަޅެއްގައި އެކުވެރިއެއްގެ އެހީ މައުވާއަށް ބޭނުންވާނެ ވަރު އޭނައަށް އެނގެއެވެ. ބޯއަޅައިގެން ރޯލާނެ ކޮނޑަކަށް ވެސް މައުވާ އެދޭނެ ވަރެވެ. މައުވާގެ ހުރިހާ ހިތާމައެއްގައި ތޫބާ ބައިވެރި ވިއެވެ.
''އައި ހޭޓް ޔޫ ކުޑޭ... މައުވާ އެރޮނީ ވަރަށް ބޮޑަށް ހާޓްވެގެންކަން އަހަންނަށް އެނގޭ... ކީއްވެގެންތަ މައުވާއަށް އެހެެން ހެދީ، އައި ޓްރަސްޓެޑް ޔޫ... ބަޓް ޔޫ ބްރޯކް ހާރ ހާޓް...'' ތޫބާ ޝިއާފާ ދިމާއަށް ހިތާހިތުން ކުދި ކިޔާލިއެވެ. އޭރު އޭނަގެ ބުމަ ވެސް ވަނީ ގޮށްޖެހިފައެވެ. ހަމަ މިވަގުތު ގޮސް ޝިއާފާ ދިމާއަށް ހަޅޭއްލަވައިގަންނަން އޭނަ ބޭނުން ވިއެވެ. ނަމަވެސް މައުވާ އެކަނިކޮށްލާފައި ދާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ވަގުތުގެ ނާޒުކުކަމާ ހުރެއެވެ.
*****
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް މައުވާގެ ހިތުގެ ޒަހަމްތަކަށް ކުޑަވެސް ޝިފާއެއް ނުލިބުނެވެ. އޭނަގެ ދުވަހުގެ ބޮޑުބައި ހޭދަވެގެން ދަނީ ހިމޭންކަމާއެކު ކަރުނަ އޮއްސުމުގައެވެ. އޭނަގެ ހިތާމައިގެ ބައިވެރިޔަކަށް ވެފައިވަނީ އޭނަގެ ކަރުނަތައް ސިއްރުކޮށްދޭ ބާލީހެވެ. ފުރާނަ ލިބިފައިވިނަަމަ އެބާލީސް ވެސް އެހިތާމައިގައި ނެތިދިޔައީސްކަން ނޭގެއެވެ. ޝިއާފް ފެންނަ ހިސާބަކަށް ވެސް ނާދެވޭތޯ މައުވާ ކިތަންމެ މަސައްކަތް ކުރިއަސް އެކަން ވެސް ވަނީ ބޭކާރުކަމަކަށެވެ. އޭނަގެ ހިޔަނިހެން ގާތުގައި ޝިއާފް ހުރެއެވެ. އޭނަގެ ކޮންމެ ހަރަކާތަކަށް ބަލައެވެ. އެމޫނުމަތިން ފެންނަ މޮޅިވެރިކަން މައުވާއަށް ސިފަކުރެވުނީ ދެއްކުންތެރި ކަމުގެ ގޮތުގައެވެ. އޭނަގެ ވިސްނުން އަނބުރާލަން ކުޅެލާ ތަމްސީލެއްގެ ގޮތުގައެވެ. އެތަމްސީލުތަކަށް އެވޯޑު ލިބުން ވެސް ހައްޤުކަމަށް މައުވާ ދެކުނެވެ. ބައެއެްފަހަރު އޭނަގެ ހިތުގެ ހިމަ ނާރާވެސް ކުޅެލާ ވިއްޔާއެވެ. މައުވާ އެންމެ ހައިރާންވަނީ ޝިއާފްގެ ހަޤީޤަތް އެނގޭ އިރުވެސް އެހިތުގައި ރުޅިވެރިކަމުގެ އަލިފާން ނާދާތީއެވެ. ހިތުގެ ކަނަކުން ޝިއާފަށް އެދެވޭތީއެވެ. އެލޯބީގެ ފިރުމުމަކަށް ބޭޤަރާރުވާތީއެވެ. މިހުރިހާ ޚިޔާލުތަކާ ހުރެ މައުވާގެ ސިކުނޑި ފަޅައިގެންދާ ހިސާބަށް ދިއެވެ. ދުވަސްތައް އަވަހަށް ފާއިތުވާން އެދެވުނު ކަމުގައިވިޔަސް މިނެޓެއްވެސް ގަރުނަކަށް ދެމިގެންދާ ކަހަލައެވެ.
ތޫބާ ހުންނަނީ މައުވާގެ ހިތާމަތަކާ ހުރެ އަބަދުމެ ފިކުރެއްގެ ތެރޭގައެވެ. އޭނަ ކިތަންމެ ވަރަކަށް މައުވާއަށް ވިސްނައިދިން ކަމުގައި ވިޔަސް އެނަސޭހަތްތަކުގެ އަޑު މައުވާގެ ކަންފަތާ ހަމައަށް ފޯރާކަމަކަށް ނުވެއެވެ. މައުވާގެ ލޮލުން އޮހޭ ކަރުނަތަކަށް ވެސް ބަދަލެއް ނައެވެ. ތޫބާ އެންމެ ފަހުން ނިންމީ އަލޫފްގެ އެހީ ހޯދާށެވެ. އެޚިޔާލާ މައުވާ ވަގުތުން ދެކޮޅު ހެދިއެވެ. އޭނަ އެކަނި ހާލައިގެން ދޫކޮށްލުމަށް އެދި ތޫބާގެ ގާތުގައި އާދޭސް ކުރިއެވެ. އެއާއެކު ތޫބާއަށް ހުރިހާ ދޮރެއް ބަންދުވިއެވެ. އޭގެ ފަހުން މަޑުމަޑުން ތޫބާއާއި މައުވާގެ އެކުވެރިކަން ވެސް ދިޔައީ ހީނަރުވަމުންނެވެ. އެދެމެދުގައި ބޯމިން ނޭގޭ އުސްފާރެއް ލެވެމުން ދިޔައެވެ. އެކަން އެގޮތަށް ވާން މައުވާ ނޭދުނު ކަމުގައި ވިޔަސް މިހާރު އޭނައަށް އެކަނިވެރިކަމަށް މާ ބޮޑު އަހައްމިއްޔަތުކަން ދެވެއެވެ. އެކުވެރިއެއްގެ އޯގާތެރި ބަސްތަކަށްވުރެ ކަނުއަނދިރިކަމުން ލިބޭ ހިތްހަމަޖެހުން ބޮޑު ވެއްޖެއެވެ.
ޝިއާފަށް ތޫބާގެ މިޒާޖަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވުނެވެ. އޭނަ ފެންނައިރަށް ރުޅި މޫނު ހެދުމާއި ހިތްހަމަނުޖެހުން ފާޅުކުރެމެވެ. އޭގެ ސަބަބުން މައުވާއާއި ހަމައަށް ވާސިލުވުމަށް އޭނައަށް އޮތް ހަމައެކަނި ދޮރުވެސް ބަންދުވެގެން ދިޔައީއެވެ. ވިސްނަން ޖެހޭ ކަންތައް ގިނަވެ މިހާރު ޝިއަފްގެ ބޮލުގައި އަބަދުމެ ނުފިލާ ރިހުމެއް އުފަންވެއްޖެއެވެ. އާވާރާ އެއް ފަދައިން މައުވާގެ ޚިޔާލުގައި އޭނައަށް އޮވެވެއެވެ. އެރީތި ސޫރައާއި ހިނިތުންވުން ތަސްވީރުކޮށް ވަގުތީ ތަސައްލީއެއް ހޯދުމުގައެވެ. އެދެލޮލުން މައުވާއަށް ޓަަކައި ކަރުނަ ނާޅާ އެންމެ ރެއެއް ވެސް ނުދެއެވެ. ކޮންމެ ހާލެއްގައި ވެސް އޭނަ މައުވާ ބޭނުމެވެ. އެލޯބި ހާސިލުކަރަން ބޭނުމެވެ. މައުވާއަށް އެކަން ނޭގެނީ ކީއްވެގެން ހެއްޔެވެ؟ މައުވާގެ ލޯބި ހާސިލުކުރުމަށް ކޮންމެ ދުވަހަކު އެތައް ހާސް މަރަކުން މަރުވާން ޖެހުނަސް އޭނަ ހުރީ ތައްޔާރަށެވެ.
މައުވާގެ ރަތްވެ ދުޅަވަމުން ދިޔަ ދެލޯ ދިޔާނާއަކަށް ސިއްރެއް ނުކުރެވުނެވެ. ކަނިވަމުން ދިޔަ އެމޫނުގެ ވިދުން ވެސް މެއެވެ. އެބަދަލުތައް ދިޔާނާއަށް ނެގުނީ މުޅިން އެހެން ގޮތަކަށެވެ. އޭނަ ކަންބޮޑުވީ މައުވާގެ ސިއްހަތާ މެދުގައެވެ. އަދިވެސް މައުވާގެ ރޯގާ ރަގަޅު ނުވާކަމަށް ހީކޮށް ޑޮކްޓަރަށް ދައްކަން ދިޔައެވެ. އޭނަ ހީކުރި ފަދަ ކަމަކަށް ނުވުމުން ދިޔާނާ ހިތްހަމަ ޖެހުނެވެ.
*****
ޒޯހާއާއި އެންމެފަހުން އަލޫފް ބައްދަލުވީ ވަރި ސާބިތުކުރަން ކޯޓަށް ދިޔަ ދުވަހުއެވެ. އެދުވަހު ޒޯހާގެ ޢާއިލާގެ ނުރުހުމުގެ ހޫނު ބަސްތައް އަލޫފަށް އަމާޒު ވިއެވެ. ހަމަ އެހޫނުކަމުގައި އަލޫފް ވެސް ރައްދު ދިނެވެ. އެކަކަށް ވެސް ދޫދޭ ޚިޔާލެއް ނެތެވެ. އެންމެ ފަހުން ކޯޓުން ބޭރުގައި ވަރުގަދަ ޒުވާބެއް ހިނގިއެވެ. އަލޫފް އައިސްފައި ހުރި ގަދަ ރުޅީގައި ޒޯހާގެ ޢާއިލާ މީހުންގެ ގަޔަށްބޮލަށް އަރާހިސާބަށް ކަންތައް ދިޔައެވެ. އަލޫފްގެ ވިޔާނުދާ އުޅުން އެދުވަހު ޒޯހާއަށް ފެނި ހިތުގައި އުފަންވެގެން ދިޔަ ފޫހިކަމާއެކު ނިއަމް ގޮވައިގެން ގޮސް އޭނަ ކާރަށް އެރިއެވެ. ދަރިފުޅަށް އެފަދަ މަންޒަރެއް ދައްކަން ހިތް ނޭދޭތީއެވެ. އެހުރިހާ ޒުވާބެއްގެ އަސްލަކަށް ވެގެން ދިޔައީ ދަރިފުޅު ބެލުމުގެ ޒިންމާ ކޯޓުން ޒޯހާއާއި ހަވާލުކުރުމުންނެވެ. ކުއްލިޔަކަށް އަލޫފްގެ ހިތުގައި ދަރިފުޅުދެކެ އެހާ ބޮޑަށް ލޯބި އުފެދި ދަރިފުޅު ބޭނުން ވުމުން ޒޯހާ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ނިއަމް ލިބުނު ދުވަހުން ފެށިގެން މިއަދާ ޖެހެންދެން ވެސް އެދަރިފުޅާއި ލޯބިން ވާހަކަ ދައްކާނުލި ހިތެއްގައި ކުއްލިޔަަކަށް ކުލުނު އުފެދުމުންނެވެ. ވިސްނާލުމުން އެއީ ޝަރުމީލާގެ ހިތްހަމަޖެހުމަށް އަލޫފް އެޅި ފިޔަވަޅެއްކަން ޒޯހާއަށް އެނގުނެވެ.
*****
އޮއްސެމުން ދިޔަ އިރުގެ ޖާދުވީ ކުލަތަކުގެ ސިހުރުގައި އިންސާނުން ޖައްސަމުން ގޮސް އިރު އޭގެ ވަދާއިީ ސަލާމް ދުނިޔެއާއި ބަދަލުކުރަނީއެވެ. ހިނިތުންވުމަކާއެކު ހަނދާއި ތަރިތަކަށް ފިޔަޖެހުމުގެ ފުރުސަތު ދިނުމުގެ ނިޔަތުގައެވެ. ފިޔާތޮށިކުލައާއި ގަދަ އޮރެންޖްކުލައިން ފަވާލެވިފައިވާ ވިލާތައް އޭގެ ފުރިހަމަ މިނިވަންކަމާއެކު ދުރުދުރަށް ދަތުރުކުރަމުން ދިޔަ މަންޒަރު ބަލަން ޒުލްފާ އިނީ ބެލްކަނީގައި ހުރި އުނދޯލީގައެވެ. އޭނައާއި ކުރިމައްޗަށް ވާހެން ސަރަންފީއެއްގައި ޝަކީލާ އިނެވެ. ދެމީހުންގެ އެކުވެރިކަން ބަދަހިވެގެން އައިސްފައިވަނީ ޒުލްފާ ޑޮކްޓަރަށް ދައްކަން މާލެ އައިސް އުޅުމުގެ ތެރޭގައެވެ. އޭރު ޝަކިލާ ވަރަށް ގިނައިން ދިޔާނާއާއި ބައްދަލުކުރަން އަންނާނެ އެވެ. ދިޔާނާއަށް ވުރެ ބޮޑަށް ޝަކިލާއަށް ގަޔާވެވުނީ ޒުލްފާ ދެކެއެވެ. ދެމީހުންގެ މިޒާޖު އެއްގޮތްކަމުންނެވެ.
ޝަކީލާގެ އަތުގައި އޮތް ދުފާތަބަތް އިން ބިލަތްގަނޑެއް ތައްޔާރުކޮށްލަމުން އޭނަ ގަދަޔަށް ދުފަން ފެއްޓިއެވެ. އެމީހުންގެ ވާހަކައިގައި ބައިވެރިވެލަން ދިޔާނާއަށް ދައުވަތު އެރުވިކަމުގައި ވިޔަސް ދިޔާނާ އުޒުރުވެރިވިއެވެ. ގެއަށް ބޭނުންވާ ސާމާނުތައް ގަތުމަށް އޭނަ ދިޔައީ ބާޒާރަށެވެ.
ޒުލްފާމެންގެ މެދުގައި ދެކެވެމުން ދިޔައީ ކޮންމެވެސް ހިންދީ ސިލްސިލާއެއްގެ ވާހަކައެވެ. އޭގެ މިސްރާބު މިހާރު ދާގޮތް ދެމީހުނަށް ކަމު ނުގޮސްގެންނެވެ. ދެކެވެމުން ދިޔަ ވާހަކައިން ޒުލްފާގެ ބޮލުގައި ރިއްސާލީ މައުވާގެ ޚިޔާލު ސިކުނޑިއަށް ފޭދިގެން ދިއުމުންނެވެ. އެއާއެކު ފޫހިކަމުގެ އަސަރުތައް އިސާހިތަކު މޫނުމަތިން ފާޅުވެއްޖެއެވެ.
''ހާދަ ފާޑަކަށް ތީނީ، ކިހިނެއްވީތަ އަނެއްކާ؟...'' ޒުލްފާއަށް ބަލާލަމުން ޝަކީލާ ބުނެލިއެވެ.
''ކުރީ ދުވަހު ޝަކީ ދިން ޚަބަރެއްގެ ސަބަބުން މަގޭ ބޯފަޅައިގެންދާ ހިސާބަށް ގޮސްފަ މިހުންނަނީ، ޝަކީގެ ހީ ޔަޤީނަށް ވެއްޖެއްޔާ މަގޭ ހުރިހާ އުއްމީދެއް ފެނަށް ވެގެން ހިނގައިދާނެ، މަ ބޭނުމެއް ނޫން އެމައުވާގެ ހިޔަނި ވެސް ޝިއާފްގެ ދިރިއުޅުމަށް އެޅޭކަށް، މަހަމަ އަޖައިބުވޭ އޭނައަށް ވުރެ އުމުރުން ދޮށީ މީހެއްގެ ފަހަތުން އުޅޭތީ، ލަދެއްވެސް ނުގަނެޔޭ... އަދި ކިޔަވާ ނިމުނީއެއްވެސް ނޫނޭ، އެކަމަކު ރީތިކަމެއް ލިބިފައި ހުރީމަ ހަފިލި ކުރީގަ އޭނަ އުޅެނީ، ނޭގޭ ކިތައް މީހުން ފަހަތުން ކަމެއް ދުވަނީކީ ވެސް... ހުއް... ވަރަށް ފޫހިވޭ، މަ މިދުނިޔޭގެ ހުރިހާ ހިނދަކު ޝިއާފަށް ލާހިކެއް ނޫން މައުވާއާއި ގުޅޭކަށް... މަ ހަމަޖެހުމުގެ ނޭވާއެއް ވެސް ލާނީ އެދެމީހުން ދުރުކޮށްފަ... ޝިއާފް ޖެހޭނީ މަދައްކާ މީހަކާ އިންނަން...'' ޒުލްފާ ރުޅިވެރިކަމާއެކު ތުންއަނބުރާލަމުން ބުންޏެވެ. އޭނަގެ ދެބުމަ ވެސް ވަނީ ގޮށްޖަހާލެވިފައެވެ. ޒުލްފާ މައުވާއާއި ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާލިއެވެ.
''ބަލަ އަދި ޒުލް ހާސްވާ ވަރުގެ ކަމެއް ނުވެއެއްނު، އެއުމުރުގަ އެހެން އުޅުނަސް އަދި ކައިވެންޏަކާ ހަމައަށް ދާނެކަމެއް އެނގެނީ ކާކަށް؟...'' ޝަކީލާ އޭނަގެ ވާހަކަ ބައްޓަންކޮށްލީ ޒުލްފާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ފަދަ ގޮތަކަށެވެ.
''ތިބުނީ ވެސް ތެދެއް އެކަމަކު ފިވަޅު ނާޅާ ހުރެފިއްޔާ ފަހުން ދެރަގޮތެއް މެދުވެރިވުން ވެސް އެކަށީގެންވޭ، މަރަށަށް ދާއިރަށް ހިތްހުއްޓޭވަރުގެ ޚަބަރެއްލިބޭކަށް ބޭނުމެއް ނޫން...'' ޒުލްފާ ދުރުދުރަށް ވިސްނާލިއެވެ. އޭނައަށް ހަމަޖެހުމެއް ލިބޭނީ ޝިއާފްގެ ޚިޔާލުން މައުވާ ނެރެ އެއްފަރާތްކޮށްލައިގެންނެވެ.
''ބުނީމެއްނު ޝިއާފް ކަންތައް ކުރާނީ ޒުލް ބުނާ ގޮތަށޭ...'' ޝަކީލާ ހަނދާންކޮށްލަ ދިނެވެ.
''އެކަމަކު، އެމައުވާއަކާ ހެދި ޝިއާފް މަށާ ދެބަސް ވެއްޖެއްޔާ، މިދުވަސްކޮޅު ޝިއާފް އުޅެނީވެސް ވަރަށް ފާޑަކަށް، އަބަދު ހުންނަނީ އެމައުވާއަށް ބަލަން، ދެން ނޭގޭ މަށަކަށް...'' ޒުލްފާ ފޫހި ރާގަކަށް ބުންޏެވެ.
''ނިކަން ހަޅޭއްލަވާލަބަ އޭނައާ ދިމާއަށް، އޭރުން ހުންނާނީ ހަމަ ބިމަށް އާދެވިފަ، މަގޭ ދަރިވެސް ފާޑެއްގެ ރާއްޖެތެރޭ އަންހެންގަނޑަކާ ގުޅިގެން އުޅެނިކޮށް މަ ފަތިވަރުގޮވާލީމަ ނުކެރުނު ފަހުން މަގޭ ދަރިއާ ވައިއެޅޭ ހިސާބަށް ވެސް އަންނާކަށް...'' ޝަކީލާ ފަޚުރުވެރިކަމާ އެކު ބުންޏެވެ. ދެމީހުން އެތައް އިރެއް ވަންދެން މަޝްވަރާ ކުރުމުގައި ތިއްބެވެ. ޒުލްފާއަށް ޝަކީލާގެ ޚިޔާލު ވަރަށް ބޮޑަށް ކަމުދިޔައެވެ. މައުވާގެ އުނދަގުލުން މިންޖުވާނެ މަގެއް ވެސް އޭނައަށް ފަހިވެގެން ދިޔައީއެވެ.
*****
އާދައިގެ ވަރަކަށް ޖެހެމުން ދިޔަ ރޯޅިތައް ބާރުވެ ވިއްސާރައިގެ ކޮޅުމަތި ދައްކާލައިފިއެވެ. ތަރިތަކާއި ހަނދުގެ މައްޗަށް ވާރޭ ވިލާތައް ދިޔައީ އަތްގަދަ ކުރަމުންނެވެ. އެންމެފަހުން މާޔޫސްކަމާއެކު ހަނދު ވެސް ވިލާތަކުގެ ނިވަލަށް ވަދެ ފިލައިފިއެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރު ގަޑިއިރު ވަންދެން ދިނުމަށްފަހު ވާރޭ އޮހިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ދަންވަރުގެ ހިމޭންކަމުގެ ތެރެއަށް އެތައް މިލިއަން ފެންތިކިތައް ފައިބައިގެން ދިޔަ އަޑާ އެކު ހީވީ ކުދިކުދި އޮށްގާތަކެއް އުކާލެވުނު ހެންނެވެ. ވިދާލާ އަލިގަދަ ވިދުވަރުން އުޑުމަތި ހާމަކޮށްލާ އިރު ބޯމަތި ކުރުވާފައިވާ ތޫފާނުގެ ބާރުގަދަކަން ހާމަކޮށްދެއެވެ. އެއާއެކު ކޮޅިގަނޑުތައް ޖެހިގަންނަ އަޑު ވާރޭގެ ތެރެއަން ފޭދިގެން ދަނީ ނާމާންކަމާއެކުގައެވެ.
އަނދިރިކަން ވެރިވެފައި އޮތް ބެލްކަނީގައި ހުރި އުނދޯލީގައި މައުވާ އިށީންދެލައިގެން އިނެވެ. ދެފައި ގެނެސް މައްޗައްއަރުވާލައިގެން ކަކުލުގައި ދެއަތް އަޅުވާލައިގެން އިން އިރު އޭނަގެ ނަޒަރު ސީދާ ވެފައި ވަނީ ވަހެމުންދިޔަ ބޯވާރެއަށެވެ. އިމާރާތްތަކުގެ ފަނޑު އަލިކަމުގެ ތެރޭގައި ވާރޭ ތިކިތައް ފައިބަމުން ދާ މަންޒަރު ކިތަންމެހާ ވެސް ރީއްޗެވެ. މައުވާ މަސައްކަތްކުރަމުން ދިޔައީ ވާރޭގެ ހިތްގައިމުކަމުން އެހިތާއި ޖިސްމަށް ފިނިކަމެއް ހޯދައި ދެވޭތޯވެ. ވޭނާއި ހިތްދަތިކަމާއި ހަނގުރާމަކޮށްކޮށް އޭނަ ވަރުބަލި ވެއްޖެއެވެ. ލޮލުން ކަރުނަ ހުސްވާ ހިސާބަށް ވެސް ގޮސްފިއެވެ. ނަމަވެސް އަދިވެސް އެހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ. ރުޅި އިސްކުރިއަސް އެދިލަހޫނުކަމުން އިތުރު ސަޒާ ލިބެނީ އޭނަ އަށެވެ. ދިރިއުޅުން އޭނައަށް ވޭނަކަށް ވެއްޖެއެވެ.
''ކީއްވެތަ މިހިތުގެ މައްޗަށް އަމިއްލަ ބާރު ނުފޯރުވެނީ؟، ކީއްވެތަ ޝިއާފްގެ ލޯތްބަށް މިހިތް ބޭޤަރާރުވެފައި ވަނީ، ކީއްވެތަ ޝިއާފަށް އިތުރު ފުރުސަތެއް ދޭން މިހިތް ގޮވަމުން ދަނީ... ޝިއާފްގެ މާޒީ އެނގޭއިރުވެސް ޝިއާފަށް ބޭނުންވަނީ ކީއްވެތަ؟... ކީއްވެތަ ޝިއާފްދެކެ ނަފްރަތު ކުރަން ބޭނުން ވިޔަސް އެކަން ކާމިޔާބު ނުވަނީ، މި ބަސްނާހާ ހިތަށް އަހަރެން ވިސްނައިދޭނީ ކިހިނެއް؟ މިހިތަށް އޮޅުވާލާނީ ކިހިނެއް؟، އައި ހޭޓް ހިމް... އައި ހޭޓް ހިމް... އަހަރެން ޝިއާފްދެކެ ނަފްރަތު ކުރަން... ނަފުރަތުކުރަން.......'' މައުވާގެ ދެލޯ ފުރި ބަންޑުން ވިއެވެ. އެއް ޖުމްލައެއް ތަކުރާރުކުރަމުން ހިތަށް ވިސްނައިދިނުމުގެ ބޭކާރު މަސައްކަތް އޭނަ ކުރަމުން ދިޔައެވެ. އަމިއްލަ ނަފުސަށް އޮޅުވާލެވޭތޯވެސް މެއެވެ. ހިތުގައި ރުޅިވެރިކަން އުފައްދަން ބޭނުންވި ކަމުގައި ވިޔަސް ކުރިލާ ފޯދިފައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
އަނދިރީގެ ތެރޭގައި އިނދެ އެކަނިމާއެކަނި ރޮމުން މައުވާ ދިޔައެވެ. މުޅި ދުނިޔެވެސް މައުވާގެ ހިތާމައިގައި ބައިވެރިވެ ކަރުނަ އޮއްސަމުންދާ ފަދައެވެ. މައުވާގެ ރުއިމުގެ އަޑު ވާރޭގެ ތެރެއަށް އިރުއިރުކޮޅާ ހިނދިގެން ދެއެވެ.
''ވައި ކާންޓް އައި ފޮގެޓް ޔޫ؟... ވައި .........''
މަޑު އާހަކާއެކު މައުވާގެ ދުލުން ނިކުތެވެ. އޭނައަށް ސިފަވަނީ ޝިއާފްގެ ހިނިތުންވުމެވެ. ޝިއާފް އޭނަ ގާތު ދެއްކި ލޮބުވެތި ބަސްތަކެވެ. ހިއްސާކުރެވުނު ހުވަފެންތަކެވެ. އެއިން ކޮންމެ ހަނދާނަކާއެކު އިތުރު ސަޒާއެއް ނޫނީ ނުލިބުނެވެ.