ޒުލްފާއަށް އައި ހޮޔެ ބަދަލާމެދު އެންމެން އުފާވިއެވެ. ދުވަސްތަކެއް ވަންދެން ދިގުދެމިގެން ދިޔަ ސިލްސިލާ ހަމަނުޖެހުންތަކަށް ނިމުން އައިސް ގޭތެރެއަށް މިހާރު ވެރިވެފައިވަނީ ސުލްހަވެރިކަމެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ޒުލްފާ ދިޔާނާއާއި ވަކިން ބައްދަލުކޮށްފައި ވެސް އޭނައަށް ބުނެވުނު ބަދު ބަސްތަކަށް މަޢާފަށް އެދުނެވެ. ހެޔޮ ވިސްނުން ލިބި މީހާގެ ލޯހުޅުވުމުން ކުރެވިފައިވާ ކަންތަކާމެދު އޭނަ ހުރީ ނުހަނު ދެރަވެފައެވެ. ޝައިތާނީ ވަސްވާހުގައި ޖެހި ތެދު މަގުން ފައިކައްސާލުމުން ކުރިމަތިލާން ޖެހޭހާ ކަންތައްތަކެވެ.

ހަސަދަވެރިކަމާއި ނަފްރަތުގެ ގަދަ އަލިފާނުގެ ތެރޭގައި އަނދާއަޅިއަށް ވެގެން ދާއިރުވެސް ހިތުގެ އެދުންތައް އޮންނަނީ ގިނަ ފަހަރު ހާސިލު ނުކުރެވިފައެވެ. އަނެކާއަށް ލިބޭ ކާމިޔާބެއް ނުވަތަ އުފަލަކުން ހިތުގައިވާ ރުޅިގަނޑު އިތުރަށް އަނދައި ގަދަވެގެންދާ ހިނދު އިތުރު ފާފަތަކަށް އަރިގަނެވެއެވެ. ގިނަ ފަހަރު ހަޤީޤަތާ ކުރިމަތިލާންޖެހޭ ހިނދު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ހަމައެއާއެކު އެތައްބައެއްގެ ހައްޤު ނިގުޅައިގަނެވިފައެވެ. މިއަދު ޒުލްފާ އުފާވާކަމެއް އެބައޮތެވެ. ސިހުރުގެ އެހީ އޭނައަށް ނުހޯދުނުކަން އައީ މާތްﷲ އޭނައަށް ލެއްވި ރަހުމަތެކެވެ. އެހެންނޫންނަމަ މައުވާއަށް ދެވޭނީ ކޮންފަދަ ބޮޑު އަނިޔާއެއް ކަމެއް އެނގެނީކީ ނޫނެވެ. ސިހުރަކީ އެހަދާމީހާގެ އިތުރުން އޭގެ މަދަދު ހޯދާ މީހާގެ ވިސްނުން ވެސް ކިލަނބުކޮށްލާ ނުބައި ހަތިޔާރެކެވެ. މީހުން އޭގެ ބޭނުން ހިފަނީ އޭގެ ނުބައިކަން ނޭގޭ ހާލުގައެވެ. ނުވަތަ ހިތުގައިވާ އެދުންވެރިކަމުގެ ބޮޑުކަމާއެކު ޖާހިލުކަން އިތުރުވުމުގެ ސަބަބުންނެވެ.

ޒުލްފާ ފުރުވަން ޢާއިލާގެ އެންމެން ދިޔަ އެވެ. ލޯންޗަށް އެރުމުގެ ކުރިން ކޮންމެ މީހަކާ ވަކިވަކިން ސަލާމް ބަދަލުކުރުމަށްފަހު ޒުލްފާ ލޯންޗަށް އަރަން ދިޔައީ މައުވާއަށް ހިނިތުންވުމެއް ރައްދުކުރަމަށްފަހު ފަހުން ބައްދަލުވެދާނެ ކަމަށް ވެސް ބުނެލަމުންނެވެ.

ކަނޑުގެ އޮމާން ސަތަހައިގައި ކޫރުން އަޅުވާލަމުން ލޯންޗް އޭގެ ހަލުވި ދުވެލީގައި މަންޒިލަށް ވާސިލުވުމަށް މިސްރާބު ޖެހިއެވެ. ހަވީރުގެ ވަގުތަށް ވެފައި އިރުގެ ވަދާއުގެ ނިޝާންތައް ދުރުދުރަށް ދާންދެން ފެތުރިފައި އޮތެވެ. ލޯންޗް ގޮސް ނެރުން ނިކުތުމާއެކު ގެއަށް ދިއުމަށް ހުސޭންގެ ދެމަފިރިން އަވަސްވެގަތެވެ.

* * * * * * * * * *

ދެ އަހަރު ފަސް......

ދުވަސްތައް މާޒީއާއެކުވެ ދެއަހަރު ފާއިތުވެގެން ދިޔައިރު މައުވާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވަގުތަކީ ހިތާމަތަކުގެ ޝިފާއޭ ބުނާ ބީދައިން ޝިއާފްގެ ކުއްލި ވަކިވުމުން ލިބުނު މާޔޫސްކަމުން އަރައިގަނެވި މައުވާ ދިިރިއުޅުމާ ކުރިމަތިލާފައިވަނީ މުޅިން އައު އަޒުމަކާއެކުގައެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އޭނައަށް ވަނީ ދުނިޔޭގެ އެތަކެއް ކުލަތަކެއް ފެނިގެން ގޮސްފައެވެ. ތަފާތު ކަންކަމަށް ލޯހުޅިވިފައެވެ. އޭނައަށް މިހާރު އާދެވިފައިވާ ހިސާބަށް ވާސިލުވެވުނީ ވެސް ހިތްވަރުކުރުމުގެ ސަބަބުންކަން ގައިމެވެ.

މަތީ ސާނަވީގެ އިމްތިހާނު ނިމުމާއެކު މައުވާ ތައްޔާރުވަމުން ދިޔައީ މަންމަމެން ގާތަށް ރަށަށް ބަދަލުވުމަށެވެ. އިތުރަށް ކިޔެވުމުގެ ކުރިން އޭނަ ބޭނުންވީ މައިންބަފައިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ހަމައެއާއެކު އެފުރުސަތުގައި މާލޭގެ ހަލަބޮލި މާހައުލާ ދުރަށް ވެސް ދެވޭނެތީއެވެ. މައުވާ ފުރުމަށް ތައްޔާރުވަމުން ދިޔައިރު އޭނައަށް އަތްގާތްކޮށްލަދިނުމުގައި ތޫބާ އުޅެއެވެ. އޭނަގެ ލަސް ހަރަކާތްތަކުން ވެސް މައުވާ ފޮނުވާލަން ބޭނުންނުވާކަން ހާމަކޮށްދެއެވެ. އޭނަ އެކަން ކުރަމުން ދިޔައީ ފޫހިކަމާއެކުގައެވެ.

''ދެން އިވީ މިކޮޅުގަ މޮޑުކޮށްލައިފިއްޔާ ވާނީ ކީއްތަ؟ އަސްމާ ދައްތަވެސް އެއްޗެކޭ ނުބުނާނެ، މަންމަވެސް ހުންނަނީ އިވީ ފުރާތީ ދެރަވެފަ...'' ހެދުންތައް ފަށްޖަހަމުން ދިޔަ ތޫބާ ބުނެލިއެވެ.

''ސިކްސް މަންތަކަށްނު މިދަނީ، ދެން އަނެއްކާވެސް އަންނާނީ މިކޮޅަކަށްނު... އައި ޖަސްޓް ވޯންޓް ޓު ސެޕެންޑް ސަމް ޓައިމް ވިތް މައި ފެމިލީ...'' މައުވާ ބުންޏެވެ. އޭނަ ހުރީ ތޫބާއާއި އެކުވެރިންނަށް އަލްވަދާއު ކިޔަން ޖެހިފައިވުމުން ދެރަވެފައެވެ. ނަމަވެސް އޭނަ ހިތަށް ވިސްނައިދިނެވެ. މިއީ ކުޑަ ދުވަސްކޮޅެއްގެ ވަކިވުމެއްކަމުގައެވެ. އޭނަ އަނެއްކާ ވެސް އެނބުރި އަންނަން އޮތީ އެކުވެރިންގާތަށެވެ.

''މިޒްޔަލްގެ ޚަބަރެއް ނުވޭތަ؟، ކުރީ ދުވަހަކު ބުނީމެއްގެ އެފެމިލީ މީހުންނާ ބައްދަލުކުރަން ދާވާހަކަ ވެސް...'' މައުޟޫޢު ބަދަލުކޮށްލަން މައުވާ ބުނެލިއެވެ. އޭނަގެ އެލަނޑުދަނޑި ހާސިލުވެގެން ދާން ލަހެއް ނުވިއެވެ. މިޒްޔަލްގެ ނަމާއެކު ތޫބާގެ މޫނުމަތި އުޖާލާ ވެގެން ހިނގައްޖެއެވެ.

ފާއިތުވި ދުވަސްތައް ވެގެން ގޮސްފައިވަނީ ތޫބާގެ ހަޔާތް ބަހާރުގެ ކުލަތަކުން ރަންގުކޮށްދިން ދުވަސްތަކަށެވެ. އޭނަގެ ހުވަފެންތަކުގެ ހަޤީޤީ ރާޖާ މިލްކުކުރެވިގެން ހިނގައްޖެއެވެ. މިޒްޔަލްގެ ފަރާތުން އޮހެމުން ދިޔަ ލޯބީގެ ސަބަބުން ތޫބާއަށް ގިނަ ފަހަރު ހީވަނީ ހުވަފެނީ އާލަމެއްގައި އުޅެވޭ ހެންނެވެ. އަބަދު ދުޢާކުރެވެނީ އެއުފާވެރިކަމަށް މީހެއްގެ އެސްފީނާ ނުޖެހުމަށް އެދިއެވެ.

''މާދާން ދާންކަމަށް...'' ތޫބާގެ ބުނެދިނެވެ.

''ދެން ކޮންދުވަހަކުންތަ ބޮޑުދައިތަމެންނާ މިޒްޔަލް ބައްދަލުކުރުވަނީ، ޔޫ ގައިޒް ސީމް ވެރީ ސީރިޔަސް...'' މައުވާ ހިނިތުންވުމަކާއެކުގައި ބުންޏެވެ. އޭނަ ހުންނަނީ މިޒްޔަލްގެ ފަރާތުން ތުބާއަށް ލިބެމުން އަންނަ ސަމާލުކަމާއި ލޯބީގެ ސަބަބުން ނުހަނު އުފާވެފައެވެ. ތޫބާ އޭނައާ ހިއްސާކުރާ ވާހަކަތަކުން އޭނަގެ ހަޔާތަށް އައިސްފައިވާ އެކަނިވެރިކަމުގެ އަނދިރިކަން ވެސް މައުވާއަށް ދިޔައީ އިހުސާސްކުރެވެމުންނެވެ. އެހެނަސް އެކަމަށް ސަމާލުކަން ދޭން އޭނަ ބޭނުމެއް ނުވެއެވެ. ޝިއާފާއެކު އޭނަގެ ހިތުގެ އިހުސާސްތައް ވެސް ވަނީ ވަޅުލެވިފައެވެ. ދެވަނަ މީހަކަށް އެހިތުގައި ވިންދެއް ޖަހާފާނެ ކަމާމެދު ޝައްކެވެ. އޭނަ މިހާތަނަށް އެފަދަ ނަޒަރިއްޔާތަކުން ފިރިހެނަކަށް ބާލާފައި ނުވަނީ ވެސް އެސަބަބާ ހުރެއެވެ. އޭނައަށް ޝިއާފް ދެކެ ވެވުނު ލޯބި އެހެންމީހަކު ދެކެ ނުވެވިދާނެތީއެވެ. އޭނައަށް ލިބުނު ގިނަ ހުޝަހެޅުންތަކާ ވެސް ދެކޮޅު ހަދާފައި ވަނީ އެސަސަބާ ހުރެއެވެ.

''ތިކަމާ ވިސްނަމުން މިދަނީ، އެކަމަކު މަންމަ ބުނެފާނެ އެއްޗަކާ މެދު ވަރަށް ހާސްވޭ، މިހާރު އެއިޓީން ވެސް ވެއްޖެ، މިޔްޒަލް ބޭނުންވަނީ އަވަހަށް މެރީކުރަން، އެކަމަކު އަވަސް އަރުވާލައިގެން އެފަދަ ޑިޒިޝަނެއް ނުނަގަންވެގެން މިހުންނަނީ...'' ތޫބާ އޭނަ ކުރަން ހުރި މަސައްކަތް ހުއްޓާލަމުން މައުވާއަށް ބަލާލީ މައުވާގެ ޚިޔާލު ހޯދުމުގެ ނިޔަތުގައެވެ.

''އިފް ހީ އިޒް ދަ ވަން ދެން ޔޫ ޝުޑް ގޯ ފޯރ އިޓް...'' މައުވާ އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ބުނެލިއެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ސަބަބުން މީގެ އިރުކޮޅެއް ކުރިން މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަމަށް ވަނީ ނިމުން އައިސްފަ އެވެ.

''އިވީ އަހަރެން ސުވާލެއް ކޮށްލަންތަ؟....'' ތުބާ ދެފިކުރެއްގެ މަތީ ހުރެފައި އެހި އެވެ. ފޮށީގެ ޒިޕް އަޅުވަން އުޅުނު މައުވާ ތުބާއަށް ބަލާލަމުން ބުމަ އަރުވާލީ ކޮން ކަހަލަ ސުވާލެއްތޯ އަހާލާފަދަ ގޮތަކެވެ.

''ޔޫ ޝުޑް މޫވް އޮން... މާޒީގެ މައްޗަށް ބުރަވެ ހުންނަންޏާ އެއްވެސް ކަހަލަ އުފަލެއް ހާސިލެއް ނުކުރެވޭނެ، އަބަދު މާޒީގެ ހިޔަނިން މުސްތަޤުބަލު ދާނީ ބަނަކުރަމުން...ކޮންމެވެސް އެއް ހިސާބަކުން ޖެހޭނެ އެހުރިހާކަމެއް މަތިން ހަނދާންނައްތާލާފައި ދިރިއުޅުމާ ކުރިމަތިލާން... އިވީ އިތުރު މީހަކަށް ފުރުސަތު ދީބަލަ، ފަހަރެއްގައި އެމީހަކު އިވީގެ މުޅި ދިރިއުޅުން ވެސް ބަދަލުކޮށްފާނެ، އެޓް ސަމް ޕޮއިންޓް ޔޫ ޝުޑް ލެޓް ގޯ...'' މައުވާގެ ކޮނޑުގައި ހިފާލަމުން ތުބާ ވާހަކަދެއްކިއެވެ. އޭނަގެ އަޑުން ހާމަކޮށްދެނީ މައުވާއާ މެދު ކަންބޮޑުވެފައިވާ ކަމެވެ.

''ތިންކް އެބައުޓް އިޓް، ދެއާރ އިޒް ސަމްވަން ވެއިޓިންގް ފޯރ ޔޫ، އިވީ އެމީހަކަށް ފުރުސަތު ދީބަލަ......'' ތުބާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން ޖެހުނީ ކޮޓަރީގެ ދޮރު ހުޅުވާލެވުނު އަޑު އިވުމާއެކުގައެވެ. ދެކުދީންނަށް ވެސް އެކީ އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭރު ދިޔާނާ އެތެރެއަށް ވަންނަނީއެވެ.

''ކޮބާ ފޮށި ތައްޔާރުކޮށް ނިމިއްޖެތަ؟...'' ދިޔާނާ އަހާލިއެވެ. އެއާއެކު މައުވާ އަަވަސްއަވަހަށް ބޯޖަހާލިއެވެ.

''ދެން އަވަހަށް ތައްޔާރުވާންވީ، ހަތަރުގަޑި ބައިގަ ޗެކިން ފެށޭނެ، މިހާރު އެއޮތް ހަތަރެއް ޖަހަނީ...'' ދިޔާނާ އޭނަގެ އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ބުނެލި އެވެ. އޭނަ ހުރީ މައުވާ ފުރުވަން ދާން ތައްޔާރުވެގެންނެވެ. މައުވާމެނަށް ވަގުތު ދެމުން ދިޔާނާ ކޮޓަރިން ނިކުތެވެ. އެއާއެކު ތޫބާ އަނެއްކާ ވެސް އޭނަގެ މައުޟޫއަށް ޖެހިލައިފި އެވެ. އޭނަ ހުރީ މިފަހަރު ދޫދެ ކަހަލަ ވިސްނުމެއްގައެއް ނޫނެނެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް މައުވާއަށް އެހީވާން ތޫބާ ބޭނުމެވެ. އެކަން ވާން އޮތް ހަމައެކަނި ގޮތަކީ މައުވާގެ ވިސްނުން ބަދަލުކޮށްގެންނެވެ.

''އިވީ، އަހަރެން ބުނި ވާހަކަތަކާ މެދު ވިސްނާލަބަލަ...'' ތޫބާ އެދުނެވެ. މައުވާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އޭނަ އަަވަސްވެގަތީ ތައްޔާރުވުމަށެވެ. މައުވާ ގޮސް ފާޚަނާއަށް ވަނުމުން ތޫބާ ކަރުއެލުވާލީ މާޔޫސްކަމާއެކުގަ އެވެ.

*****

ލޯގަނޑު ކުރިމަތީ ހުއްޓިހުރެ ތައްޔާރުވަމުން ދިޔަ މައުވާގެ ކަންފަތުގައި ގުގުމާލަމުންދަނީ ތޫބަ ދެއްކި ވާހަކަތަކެވެ. އޭގައި އެކުލެވިގެންވާ ހަޤީޤަތްތަކުން ދިޔައީ އޭނަ ހާސްކުރުވަމުންނެވެ. އޭނަ އެފަދަ ގުޅުމަކަށް ތައްޔާރެއް ނޫނެވެ. ދެން ދުވަހަކު ތައްޔާރު ވެވޭނެކަމެއް ވެސް އެނގެނީކީ ނޫނެވެ. ހަޔާތުގައި ފުރަތަމަފަހަރަށް ވެވުނު ލޯބީގެ ހިތިކަން މިއަދާ ހަމައަށް ދާންދެން ވެސް އޭނަގެ ކަރުބުޑުގައިވަނީ ހަރުލާފައެވެ. އެކަނިވެރިކަމުގެ ހިޔަނިތައް ވެރިގެންނަ ވަގުތުތަކުގައި ޝިއާފްގެ ހަނދާންތަކުން އޭނަ ހާސްކުރުވަ އެވެ. އެވޭންތަކާއި ކަރުނަތަކަށް ހޭނުނު ކަމުގައި ވިޔަސް އެކަނިވެރިކަމުގެ ކިއްލާއަށް އަދިވެސް އޭނަގެ ދެލޯ ހޭނުމަށް ވަނީ ނުކުޅެދިފައެވެ. އަމިއްލަ ހިތަށް އޮޅުވާލަން އޭނަ މަސައްކަތް ކުރި ކަމުގައި ވިޔަސް އޭނަ އެވަނީ މީހެއްގެ އެހީއަކަށް ބޭނުންވެފައެވެ.

''މުޅި އުމުރު ތި ގޮތުގައި ހޭދަކޮށްލަންތަ ތި ވިސްނަނީ؟... މީ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްތައް، މިވަގުތުތައް އޭގެ ފުރިހަމަ ކަމާއެކު ހާސިލުކުރާކަށް މައުވާ ބޭނުމެއް ނުވޭތަ، ތި އުމުރުފުރާގެ އެހެނިހެން ކުދިން އުޅޭ ފަދައިން އުޅޭކަށް ބޭނުމެއް ނުވޭތަ، ހަޔާތުގަ ދަތުރުގައި އިތުރު މީހެއްގެ ހިމާޔަތެއް ބޭނުމެއްނުވޭތަ؟، މި ވަގުތީ އާލަމާ ވަކިވެގެން ދާން ބޭނުންވަނީ އެކަނިވެރިކަމުގައިތަ؟... ނިކަން ވިސްނާލަބަލަ... އެނަކިވެރިކަމުގެ ކަސްތޮޅުތަކުގައި މީހާ ބަނދެވި ހަލާކުވެން ދިއުން ނޫންކަމެއް ނުވާނެ....'' މައުވާގެ ޒަމީރުގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރިއެވެ.

*****

މޫސުން ރީތި ދުވަހެއް ކަމުން ކޮޅުކޮޅަށް ފުނިޖެހިފައިވާ ވިލާކޮޅުތަކުގެ ޖާދު އޭގެ ފުރިހަމަ ކަމާއެކުގައި ފެންނަން އޮތެވެ. އިރުއޮއްސެމުން ދިޔަ ވަގުތު ގާތްވެ ވިލާތައް އިރުގެ ކުލަތަކުން ފެވިގެން ދިޔައީ ވެސް މަތިންދާބޯޓުގެ ކުޑަދޮރުން މައުވާ އެމަންޒަރު ބަލަން ހުއްޓާއެވެ. ޤުދުރަތުގެ ރީތިކަމުން މައުވާގެ ހިތަށް ފިނިކަމެއް ގެނެެސްދީފައި ވިއެވެ.

މަންޒިލާ ގާތްވެއްޖެ ކަމުގެ އެނައުންސްމެންޓް ކްރޫން ދިނުމާއެކު މައުވާގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައީ މައިންބަފައިންނާ ބައްދަލުކުރެވޭ ވަގުތު ގާތްވެއްޖެކަން އެނގުމާއެކުގައެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވެއްޖެއެވެ.

ފަޒާއަށް ވެރިވެފައި އޮތް ހިމޭންކަން މަތިންދާބޯޓުގެ އިންޖީނުގެ ބާރު އަޑުފަށްގަނޑާއެކު ތޮރުފާލަމުން ގޮސް ރަންވޭއަށް ބޯޓު ތިރިކުރި ވަގުތާއެކު ދަތުރުގެ ކޮންމެ ބައިވެރިއެއްގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ އަމާންކަމާއެކު މަންޒިލަށް ވާސިލުވެވުނުކަމުގެ ހިތްހަމަޖެހުމެވެ.

ރިޔާޒްގެ ދެމަފިރިން ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން ދިޔައީ ދެމަފިރިންގެ ލޮލުގެ ކޮއި ފެންނާނެ ވަގުތަކަށެވެ. ރިޔާޒްގެ މުލައްދަނޑީގައި އަސްމާ ހިފަަހައްޓާލައިގެން ހުރިއިރު އޭނަ ދެލޯ ހޯދަމުން ދިޔައީ މައުވާ އެވެ. ގިނަ އިރުތަކެއް ނުވެ އޭނަ އެއެދުން ވެސް ފުރިހަމަވެގެން ދިޔަ އެވެ. ލަގެޖްތައް ހިފައިގެން ނިކުތް މައުވާ ފެނުމާއެކު އަސްމާއަށް ކުރިއަށް ހިނގައިގަނެވުނީ އަވަސް ފިޔަވަޅުތަކެއްގައެވެ. އެދިޔަ ގޮތަށް ގޮސް އޭނަ މައުވާގެ ގައިގައި އޮޅުލައިގަތެވެ. އޭނަގެ ލޮލުން ކަރުނަ ނީރާލީ އިހްތިޔާރުން ބޭރުގައެވެ. މައުވާ ބަލާ އެއާރޕޯޓަށް އަންނަ ކޮންމެ ފަހަރަކު އެއީ އަސްމާއަށް ވާވަރެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ފަހު ދަރިފުޅު ފެނިލުމުގެ ނަސީބު ލިބުމުން އެފަދަ އިހުސާސްތަކެއް ނުކުރަނީ ކޮން މަޔަކަށް ހެއްޔެވެ؟

އަސްމާގެ ފަހަތުން އައި ރިޔާޒު ވެސް ދަރިފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެމަފިރިންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

*****

ގެއަށް އާދެވުމާއެކު ވެފައި ހުރި ވަރުބަލީގެ ސަބަބުން މައުވާ ބޭނުންވީ ނިދާލާށެވެ. އެތައް ހަނދާންތަކެއް ރައްކާކުރެވިފައިވާ އޭނަގެ ޖަންނަތައް ވަދެވުމުން މައުވާއަށް ހަށިފުރާނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އޭނަގެ ތުންފަތުގައި ހިނިތުންވުމެއްގެ އަސަރު ވިއެވެ. އެނދަށް ވެއްޓިގަތުމާއެކު މައުވާގެ ނަޒަރު ކޮޓަރީގެ އެކިދިމަދިމާއަށް ދަތުރުކުރަން ފެށިއެވެ. އޭނަގެ ނަޒަރު ކޮޓަރީގައި ހުރި ކުޑަ ފޮތް އަލަމާރިއަށް ހުއްޓުމާއެކު މައުވާ އެނދުން ތެދުވިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފޮތް ހަރުގަނޑު ކައިރިއަށް ހުއްޓުނެވެ. މައުވާގެ އިނގިލިތަކުގެ ކުރި ފެންނަ ހުރި ފޮތްތަކުގައި ހިންގާލިއެވެ. އަދި އޭނަ ބޭނުންވާ ފޮތް ނަގަންއުޅުނު ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނުއަޑާއެކު އޭނަ ސިހޭގޮތް ވިއެވެ.

''ދަރިފުޅާ ސައިބޮއެގެން އަރާމުކޮށްލާނީ... މަންމަ މިއައީ ސައި ތައްޔާރުކޮށްލާފަ...'' އަސްމާ ބުނެލިއެވެ. އޭނަގެ ފަހަތުން އައި ރިޔާޒު މައުވާގެ ކޮޓަރިއަށް ފޮށިތައް ވައްދާލަދިނެވެ. ވާހަކަ ފޮތް އެނދުމަތީ ބާއްވަމުން މައުވާ ހިނގައިގަތީ ބަދިގެއަށް ދިއުމަށެވެ.

*****

މައުވާ ނިދަން ބޭނުންވިކަމުގައި ވިޔަސް އޭނައަށް ނިދޭ ގޮތެއް ނުވިއެވެ. އެއީ މާހައުލު ބަދަލުވުމުން އޭނައަށް އަބަދު ވާ ގޮތެކެވެ. ދެއަތަށް ފުރޮޅެމުން ގޮސް އޭނަ އެންމެ ފަހުން ތެދުވެއްޖެއެވެ. އަދި ކުރިން ކިޔަން ގެންގުޅުނު ވާހަކަ ފޮތް ހިފައިގެން މިސްރާބު ޖެހީ ކޮޓަރިން ނުކުތުމަށެވެ.

ގޭގައި ރަސްކަންކުރަމުން ދިޔަ ފުން ހިމޭންކަމުގެ ތެރޭން މައުވާ ފަރުވާތެރިވެ ހުރެ ހިނގަމުން ގޮސް ބަދިގެއަށް ވަނެވެ. އަދި ކޮފީ ތަށްޓެއް ގިރާލަމުން އޭނަ ގޮސް ބޮޑުކޮޓަރީގެ ލައިޓުތައް ޖައްސާލިއެވެ. އަތުގައި އޮތް ކޮފީތަށި ސޯފާ ކުރިމަތީ ހުރި ތިރި މޭޒުމަތީ ބަހައްޓަމުން އޭނަ ސޯފާގައި ހަމަޖެހިލިއެވެ. އަދި ވާހަކަ ފޮތް ހުޅުވާލަމުން އެއަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް މާކަ ގިނައިރަކު ފޮތަށް އޭނަގެ ޝައުޤުވެރިކަން ހުއްޓޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް އިވެން ފެށި އަޑާއެކު އޭނަގެ ހިތަށް ފުރަތަމަ ވެރިވެގެން ދިޔައީ ބިރުވެރިކަމެވެ. އެހެނަސް ދެކަންފަތް ހުޅުވައި އެއަޑަށް ސަމާލުކަން ދޭން ފެށުމުން އެއީ ކުޅަދާނަ ހުނަރުވެރިއެއްގެ ޖާދޫކަން ވިސްނައިގަނެވުނެވެ.

ދަންވަރުގެ ހިމޭންކަމުގެ ތެރޭން ގިޓާގެ އަޑު މައުވާގެ ކަންފަތާ ހަމައަށް ފޯރަމުން ދިޔަ އެވެ. އޭނަ ސޯފާއިން ތެދުވެލަމުން ގޮސް ކުޑަދޮރުގެ ފޮތިގަނޑު ކަހާލިއެވެ. އެހިތްގައިމު ރާގު ފުރޭނިގެން އަންނަމުން ދިޔައީ ބާގީޗާ އިންނެވެ. މައުވާ އިތުރަށް ސަމާލުވެލުމުން މަގާވީފަރާތުގައި ހުރި އުނދޯލި ހެއްލެމުންދާކަން އޭނައަށް ފާހަގަ ކުރެވުނެވެ. މައުވާ ކުރިއަށްވުރެ ބޮޑަށް ކުޑަދޮރުކައިރިއަށް ޖެހިލިއެވެ. އެމީހަކު ފުރަގަސް ދީގެން އިނުމުން ސޫރަ ފެންނަ ގޮތެއް ނުވިއެވެ. އެހެނަސް އެހިސާބުގައި ހަރުކުރެވިފައިވާ ލައިޓުތަކުގެ ސަބަބުން އެއީ ފިރިހިނެއްކަން ވަކިކުރެވޭވަރު ވިއެވެ.

''އެކާކުތަ؟، ކީއްކުރަން މިގެއަށް ވަދެގެން އުޅޭމީހެއްތަ؟... އަނެއްކާ ޖިންނިއެއް ނޫންބާ؟... މަންމަ ބުނޭ ޖިންނިންނަށް މިގެއަށް ނުވަދެވޭނެޔޭ، މިގެއަށް ހުންނަނީ ފަންޑިތަ ހަދާފައޭ، ދެން އެކާކުތަ؟ އަނެއްކާ ވަގެއްތަ؟... އެކަމަކު އެރާގު ހާދަ ހިތްގައިމޭ...'' ދެފިކުރެއްގެ މަތީގައި ހުރެ މައުވާ ކޮޑަދޮރު ހުޅުވާލިއެވެ. އެއާއެކު ކުޑަދޮރުގެ ހުޅުތަކުން ކިޔާލި އަޑު މުޅި ފަޒާގައި ގުގުމާލައިފިއެވެ.

ކުއްލިއަކަށް އަޑު ކެނޑި މާހައުލަށް ފުން ހިމޭންކަމެއް ވެރިވެގެން ދިޔަ އެވެ. މައުވާ ބަލަން ހުއްޓާ އެޒުވާނާ އުނދޯލިން ތެދުވެއްޖެއެވެ. އަދި ފަސްއެނބުރި ބަލާލީ ނުހަނު އަވަހަށެވެ. އެއީ ރީތި ސޫރައެއްގެ ވެރިއެކެވެ. ނަމަވެސް އެރީތިކަން ޢައިބު ކުރުވާފައިވަނީ އޭނައަށް ލިބިފައިވާ ނިކަމެތި ހަށިގަނޑުގެ ސަބަބުންނެވެ. ވައިރޯޅިއެއް ޖެހިލިޔަސް ވަޔާއެކު ހިނގައިދާނެހާ ނާޒުކެވެ. ލައިގެން ހުރި ހުދު ގަމީސް ވެސް އެތައް ގުނަ ބޮޑެވެ. އޭނަ މައުވާއަށް ބަލަން ހުރީ އަޖައިބުވެ އަންތަރީސްވެފައިވާ ފަދަ ގޮތަކަށެވެ. މައުވާއަށް ވެސް ބަލަން ހުރެވުނީއެވެ. އެއީ މީގެކުރިން އޭނަ ދެކެފައި ނުވާ ޒުވާނެކެވެ.

''ޒިވްޔަން...'' އިވުނު އަޑާއެކު ޒުވާނާގެ މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ. އޭނަގެ ބުމަ ގޮށްޖެހި ކަތުރުކަށިގަނޑަށް އެނގުން އައިސްފިއެވެ. އަވަސް ހަރަކާތްތަކާއެކު ގިޓާ ނަގައިގެން އޭނަ ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. އޭނަގެ ހަރަކާތްތައް ހުރިގޮތުން މީގެ އިރުކޮޅެއް ކުރިން އޭނަގެ ސަމާލުކަން އެއްވެސް ކަމަކަށް ދެވުނުހެނެއް ހިޔެއް ނުވެއެވެ. ޒުވާނާއަށް ބަލަން ހުރި މައުވާއަށް ލިބިފައިވަނީ ހައިރާންކަމެވެ.

ކޮމެންޓް 0