''ހޭއި ބަޑީ، މަ އެބަ އަންނަން އިރުކޮޅަކުން... ތިމީހުން ބްރޭކެއް ނަގަންވީނު؟...'' ތޫބާ ދިޔަ ދިމާއަށް ބަލަން ހުރެފައި މިޔްޒަން ބުންޏެވެ. އޭނަގެ ހަރަކާތްތައް ވެސް ވަރަށް އަވަހެވެ. އިތުރު މީހެއްގެ ޖަވާބު ނުލިބެނީސް އަތުގައި އޮތް ގިޓާރ ފޮށްޓަށް ލަމުން އޭނަ އަވަސްވެގަތީ ބޭރަށް ނުކުތުމަށެވެ.
ކުރިއަށް ފިޔަވަޅުތަކެއް އަޅުމުން ދިޔަ ތޫބާއަށް ސިހުމެއް ލިބުނީ މީހަކު އޭނަގެ އަތުގައި ހިފުމާއެކުގައެވެ. އެއާއެކު އޭނައަށް ފަސްއެނބުރި ބަލާލެވުނީ ނިކަން އަވަހަށެވެ. ނަމަވެސް ފެނުނު ސޫރައެއްގެ ސަބަބުން އޭނަގެ ހުރިހާ އުއްމީދެއް ފެނަށް ވެގެންދާން މާކަ ގިނަ އިރެއް ނުނެގިއެވެ. މޫނުމަތީގައިވި އުފާވެރިކަމުގެ މައްޗަށް ފޫހިކަމާއި ރުޅިވެރިކަން ސަވާރުވެގެން ދިޔައީ ކުއްލިޔަކަށެވެ.
''އަލޫފް!...''
ތޫބާއަށް ހައިރާންކަން ލިބުނު ކަމުގައި ވިޔަސް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ފޫހިކަމާއި ރުޅިވެރިކަމެވެ. އަލޫފަށް އޭނައާ ހަމައަށް ވާސިލުވުމުގެ ހުރިހާ ދޮރެއް ބަންދުކުރެވި ހިތަށް ހަމަޖެހުމެއް ލިބިފައި ވަނިކޮށް އަނެއްކާ ވެސް އެސޫރަ ފެނުމުން ތޫބާގެ ބޮލުގައި ރިއްސާލައިފިއެވެ. ދުވަހެއްގެކޮޅުން ވެސް އެކެހިވެރިޔާ ދުށުމަށް އޭނަ ބޭނުމެއް ނޫނެވެ. މާޒީގެ ހަނދާންތައް އާލާވެގެންދާ ކޮންމެ ފަހަރަކު ހަނދުމަކޮށްދެނީ އޭނަގެ މޮޔަކަމެވެ. އަަމިއްލަ ނަފުސަށްވުރެ ބޮޑަށް އެހެން މީހަކަށް އިތުބާރުކުރެވުމުން ލިބުނު ލަނޑެވެ. ހިތްދަތިކަމެވެ. އެޚިޔާލުތަކާއެކުވެ ރުޅިވެރިކަން ސަވާރުވެގެންދަނީ ވެސް ވަކިގޮތެއް ބަލާފައެއް ނޫނެވެ.
''އަތުން ދޫކުރޭ...'' އަލޫފް ވާހަކަދައްކަން އަނގަހުޅުވާލިތަނާ ތޫބާ ހަރުކަށިކަމާއެކުގައި ބުންޏެވެ. އަދި އޭނަގެ އަތް މިނިވަންކުރަން މަސައްކަތްކުރިއެވެ. އޭގެ ސަބަބުން އޭނަގެ އަތަށް ބާރުވެގެން ދިއުން ނޫން އިތުރުކަމެއް ނުވިއެވެ. ތޫބާއަށް އަލޫފްގެ ފަރާތުން އާދަޔާ ޚިލާފުކަމެއް ފާހަގަކުރެވެން ފެށުނީ ދެނެވެ. ކުރިން އޭނައަށް ހާނިކައެއް ވާން ނޭދޭ މީހާ މިއަދު އޭނައަށް ދެމުން އެދަނީ ވޭނެވެ. އަނިޔާއެވެ. މިހާރު އޭނައަށް ފެންނަމުން އެދާ އިންސާނައަކީ ކާކުކަންވެސް ދެނެގަންނަން ދަތި ވިއެވެ. ދިގުވެފައިވާ ތުނބުޅީގެ ސަބަބުން މީހާގެ ރީތިކަން ވަނީ ގެއްލިފައެވެ. އެދެލޮލުގައިވަނީ ދެނެގަންނަން އުނދަގޫ ޖަޒުބާތުތަކެވެ. މިހުރިހާ ބަދަލަކީ އޭނަ ބީވެގެން ދިއުމުން އަލޫފަށް އައި ބަދަލުތަކެއް ހެއްޔެވެ؟ އޭނައަށް ދެވުނު ދެރައާއި ކެހީގެ ސަބަބުން އައި ބަދަލުތަކެއް ހެއްޔެވެ؟ އެހެން ކަންތައް ވެއްޖެއްޔާ އޭނަގެ ހިތަށް ފިނިކަމެއް ލިބޭނެއެވެ. އޭނަ ބޭނުންވަނީ ވެސް އަލޫފަށް ކުރެވުނު ކުށުގެ އިހުސާސް ކުރެވި އެކަމުގައި ގަނަތެޅޭތަން ދެކެންށެވެ. އަދި އެކުށްތަކަކީ މަޢާފު ލިބުން ހައްޤުނޫން ކުށްތަކެއް ކަން ވެސް އިހުސާސްކޮށްދޭށެވެ. ގެއްލުނު އިތުބާރާއި ބަދަލުވެގެން ދިޔަ ހިތުގެ މުރާދު އަނބުރާނުލެވޭނެކަން ސާބިތުކޮށްދޭށެވެ.
''އައެމް ސޮރީ...'' އެއީ އަލޫފްގެ ހިތުގެ އަޑިން އިއްވައިދިން ބަސްތަކެއް ކަމެއް ނޫނީ އަލޫފްގެ މަކަރުވެރިކަމުގެ ކުޅަދާނަކަން ކަމެއް ތޫބާއަށް ދެނައެއް ނުގަނެވުނެވެ. އޭނަ އަނެއްކާ ވެސް އަލޫފް ގާތު އޭނަގެ އަތުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
''އާރ ޔޫ ޑެފް؟، ޝީ ޖަސްޓް ޓޯލްޑް ޔޫ ޓު ލީވް ހާރ ހޭންޑް...'' ތޫބާގެ ފަހަތުގައި ތިބި އޭނަގެ އެކުވެރިންތައް ތޫބާގެ ދިފާއުގައި ނިކުތެވެ. އޭރު ވަށައިގެން ހިނގާބިނގާވެ އުޅޭ މީހުންގެ ސަމާލުކަން ހުއްޓެމުން ދިޔަ ތަން ފެނުމާއެކު އަލޫފަށް މަޖުބޫރުވީ ތޫބާ ބޭނުންވި ގޮތަށް ކަންތައް ކޮށްދޭށެވެ. އެހެންނޫންނަމަ އާހިރު ނަތީޖާ ހިތިގޮތަކަށް ނިކުމެދާނެއެވެ.
''އަހަރެން ބޭނުން ވާހަކަދައްކާލަން...'' ތޫބާގެ އަތުން ދޫކޮށްލުމަށްފަހު ޖިންސުގެ ޖީބަށް އަތްޖަހާލަމުން އަލޫފް ބުނެލިއެވެ.
''ކީއްކުރަން؟، އިތުރަށް ދައްކާނެ ވާހަކައެއް އޮތްކަމެއް އަހަރެން ނުދެނެހުރިން، އަލޫފް ގާތު އެކައްޗެއް ކިތައްފަހަރު ބުނީމަތަ އަޑުއިވޭނީ؟، ޖަސްޓް ލީވް މީ އެލޯން!...'' ތޫބާ ހަށަންބަނދެލަމުން ރުންކުރު ރާގަކަށް ބުނެލިއެވެ.
''ޖަސްޓް ލިސިން ޓު މީ...'' އަލޫފްގެ އަޑުގައި ވަނީ އާދޭހެވެ.
''ޖަސްޓް ގޯ އަވޭ ފްރޮމް މީ އެންޑް މައި ލައިފް، އަލޫފަށް ކުރެވުނު ކަންތަކުން އަދިވެސް ހިތްހަމަނުޖެހިގެންތަ ތިއުޅެނީ؟، ކޯޗެއް ސާބިތުކޮށްދޭންތަ ބޭނުންވަނީ؟... ޖަސްޓް......''
ތޫބާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުމަކަށް އަތުވީ ތަންކޮޅެއް ދުރުގައި އޭނައަށް ބަލަން ހުރި މިޒްޔަލް ފެނުމާއެކުގައެވެ. އެވަގުތު އޭނަގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ފެންނަމުންދާ މަންޒަރުތައް މިޒްޔަލްއަށް ދޭހަވެދާނެ ގޮތަކާ މެދު ވިސްނާލެވުމުންނެވެ. ފަހަރެއްގައި ވެސް ނުބައި ނަޒަރިއްޔާތަކުން އޭނައާ މެދު ދެކެން ތޫބާގެ ހިތެއް ނުރުހުނެވެ. އޭނަގެ ދިގު އިންތިޒާރަށް މިފަދަ ގޮތަށް ނިމުން އަތުވެދާނެ ކަމަކަށް އޭނަ ހިޔެއް ވެސް ނުކުރެ އެވެ. އެތައް ދުވަހަކަށް ފަހު ބައްދަލުވުމުގެ ނަސީބު ލިބުނު އިރު މިޒްޔަލްގެ ސިކުނޑީގައި އޭނައާ މެދު ނުބައި މަންޒަރެއް ކުރެހިގެން ދިއުމުގެ ފުރުސަތު ދޭކަށް ތޫބާ ބޭނުމެއް ނުވިއެވެ. ހުރިހާ ނުބައިކަމެއްގެ އަސްލަކީ އަލޫފެވެ. އޭނަގެ ޚަޔާތާއި އަލޫފް ވަކިވެގެން ދިޔަ ފަހުން ބަދުނަސީބުގެ ވިލާއަކުން އޭނަގެ ދިރިއުޅުން ބަނަކޮށްފައިވާ ފަދަ އެވެ.
ތޫބާގެ ހަރަކާތްތަށް ބަލަން ހުރި އަލޫފް ވެސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު އޭނައަށް ފެނުނު ޒުވާނާއާ ކޮންމެވެސް ތަނަކުން ބައްދަލުވި ކަމުގެ ފުސް ހަނދާނެއް އާލާވާން ފެށިއެވެ. އޭނަގެ ސިކުނޑީގައި ކުރިލާ ފޯދެން ފެށި ޚިޔާލުތަކާއެކު ލޯކުރިމަތިން މަންޒަރުތަކެއް ސިފަވާން ފެށިއެވެ. އޭނަަ މިރޭ ތޫބާއަށް ފާރަލުމް ދިޔަ ވަގުތުގައި ވެސް ތޫބާގެ ސަމާލުކަން އިރުއިރުކޮޅާ ދެވުނީ އެޒުވާނާއަށެވެ. ހަމައެއާއެކު އޭނަގެ ފަރާތުން ވެސް ތޫބާއަށް އިޝާރާތްތައް ދެމުން ގެންދިޔަ އެވެ. ހުރިހާ މަންޒަރުތަކެއް ގުޅި ބޮޑު މަންޒަރު އަލޫފަށް ސިފަވާން ފެށި އެވެ. އޭނައަށް ތޫބާ ގެއްލިއްޖެކަމުގެ ބިރާއެކު މުޅިން އެހެން އިހުސާސެއް ހޭލަން ފެށި އެވެ.
''އޭނައާއި ރައްޓެހިވެގެން ދޯ އަހަންނާއި ރުޅިވީ؟...'' އަލޫފްގެ ވާހަކަދެއްކުމުގެ ރާގު ކުއްލިއަކަށް ބަދަލުވާން ފެށިއެވެ. އެދެލޮލުގައި މީގެ ކުރިންވި ހިތްދަތިކަން ފަނޑުވެ ރުޅިވެރިކަން ނޫން އެހެން އެއްޗެއް ނުވެއެވެ. ''މަށާ ރައްޓެހިވެގެން އުޅުނު އިރުވެސް އޭނައާއި ގުޅުން ބާއްވަމުން ދޯ އައީ؟...''
''ވަޓް؟!... އަލޫފަށް ކިޔޭނުކިޔޭޭ އެއްޗެއް ވެސް ނޭގޭ ހިސާބަށް ކަންތައް ދިޔައީތަ؟...'' ތޫބާގެ ބޮލުގައި އަލޫފް އަޅުވަން ފެށި ދޮގު ތުހުމަތުތަކުގެ ސަބަބުން އޭނަ ވެސް އިންތިހާއަށް ރުޅިއައެވެ. އަދި ހޫނުކަމާއެކު ބަހުގެ ހަމަލާ އަލޫފަށް ރައްދުކުރަން ފެށިއެވެ.
''ބުނަން އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް އަލޫފާ ވާހަކަދައްކާކަށް، އަދި މީގެ ފަހުން ތި ސޫރަ ދެކޭކަށް ވެސް...'' ތޫބާ ދާން އެނބުރުމާއެކު އަލޫފް ތޫބާގެ އަތުގައި ހިފާ ލުއްކިއެއް ޖެހިއެވެ. އެދިޔަ ބާރު މިނުގައި ގޮސް ތޫބާ ލައްވީ އަލޫފްގެ މޭގައެވެ. އެއާއެކު ތޫބާއަށް ތެޅިގަނެވުނެވެ. އޭނަ އަލޫފްގެ އަތުގެ ތެރެއިން މިނިވަންވާން މަސައްކަތްކުރަން ފެށިއެވެ. ނަމަވެސް އަލޫފް ހިފަހައްޓައިގެން ހުރީ ބާރަށެވެ. ހީވަނީ އޭނަގެ ކަށިތައް ވެސް އެބާރާއެކު ފިސްފިސްކޮށްލަން އުޅޭހެންނެވެ. ހަށިގަނޑުގައި އުފެދުނު ވޭނާއެކު ތޫބާގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އޭރު އޭނަގެ އެކުވެރިންނަށް ވެސް ކުރެވޭނެ މާކަބޮޑެ ކަމެއް ނެތުމާއެކު އެހީގެ އަތަކަށް އެދި ގޮވަން ފަށައިފިއެވެ. ކައިރީގައި ހަރަކާތްވަމުން ދިޔަ މީހުންތައް ތޫބާގެ ދިފާއުގައި ނިކުތީ ދެނެވެ.
ދުރުގައި މަންޒަރު ބަލަން ހުރި މިޒްޔަލްއަށް މުށްކަވާލެވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަނެވުނެވެ. ދެތިން މީހަކު އަލޫފާ ވާހަކަދައްކަމުން ދިޔައީ ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ރީތިގޮތުކުގައި މައްސަލަ ހިންދާލުމަށެވެ. ނަމަވެސް އެގޮތް މިޒްޔަލްއަކަށް ކަމަކު ނުދިޔައެވެ. އާރެއްބާރެއް ނެތް އަންހެންކުއްޖަކަށް ފިރިހެނަކު ބާރުދައްކަންޏާ އެކަމަށް ރައްދުދެވޭނީ ވެސް ބާރާއެކުގައިކަމަށް އޭނަގެ ޒަމީރު ވިސްނައިދިނެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ވެސް އެސަބަބާ ހުރެއެވެ.
އެފަދަ ނާޒުކު ވަގުތެއްގައި މިޒްޔަލް ފެނުމުން އެހީގެ އަތަކަށް ތޫބާއަށް އެދެވުނެވެ. ތޫބާގެ ދެލޮލުގައިވި ބިރުވެރިކަމާއި ސިހުން ފެނި މިޔްޒަލްގެ ހިތަށް ވީގޮތެއް ވެސް ބުނެނުދެވޭނެކަން ގައިމެވެ. އޭރު މިޒްޔަލްއަށް ހަމަލާ ދިނުމުގެ ބޭނުމުގައި ތޫބާގެ އަތުން އަލޫފް ދޫކޮށްލިއެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އޭނަގެ ކަތުރުކަށިގަނޑުގައި މަޑުު ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ. ބަލާކަށް ނުހުރެ އޭނަ މިޒްޔަލްގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ. ތޫބާއަށް ދެވުނު ސަމާލުކަމުގެ ސަބަބުން މިޒްޔަލްއަށް އެކަމަށް ސަމާލުކަމެއް ވެސް ނުދެނެވެ. ދެވަނަ ސިކުންތުގައި އޭނަގެ މޫނަށް އަރައިގެން ދިޔަ ހަމަލާއާއެކު މޫނުމަތިން ކުދި ކޮކާތަކެއް ބުރައިގެން ދިޔަ އެވެ. ކުއްލި ހަމަލާގެ ސަބަބުން އޭނަ ވެއްޓެން ދިޔަ ކަމުގައި ވިޔަސް ނަސީބާއެކު ހަށިގަނޑު ބެލެންސްކޮށްލެވުނެވެ.
މިޒްޔަލްއަށް ލިބުނު ހާނިކައިގެ ސަބަބުން ތޫބާގެ ދެލޯބޮޑުވެ އަނގަމަތީ އަތްއަޅާލެވުނެވެ. އޭނަގެ ދެލޮލުން ކަރުނަ ފައިބަން ފެށިއިރު މައުވާ އޭނައާއި ވާހަކަދައްކަމުންދާ އަޑު ކަންފަތާއި ހަމައަށް ފޯރަމުން ދިޔަ އެވެ. ނަމަވެސް އެވާހަކަތައް ނަގައިގަތުމުގައި ސިކުނޑިވަނީ ނުކުޅެދިފައެވެ. ހާއްސަ ގުޅުމެއް އޭނައާއި މިޒްޔަލްއާ ދެމެދުގައި ނެތްކަމުގައި ވިޔަސް ފުން އަސަރުތަކެއްކޮށް ހިތުގައި ރިއްސަން ފެށިއެވެ. މިޒްޔަލްއަށް އަނިޔާއެއް ލިބެން ހިތް ނޭދޭތީއެވެ.
މީހުންތައް އެއްވެ އަލޫފް އެމީހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތްކުރަމުން ދިޔަ އެވެ. އޭރު ވެސް މިޒްޔަލްއަށް ހަމަލާ ދޭން އަލޫފް އުޅެއެވެ. އޭނައާއި ތޫބާގެ ދެމެދުގައިވި ހުރަހެއްކަމުގައި އޭނައަށް މިޒްޔަލް ސިފަކުރެވުނެވެ. ތޫބާ އޭނަ ދޫކޮށްލީ ވެސް މިޒްޔަލް ދެއްކި ދަޅަަތަކަށް ހެއްލިގެން ކަމުގައި އަލޫފް ނިންމިއެވެ. ރުޅީގެ ވަސްވާހުގެ ސަބަބުން އޭނައަށް ކުރެވުނު ކުށުގެ ހިލަމެއް ވެސް އަލޫފަށް ނުކުރެވޭ ކަހަލައެވެ. ތޫބާ އޭނަ ދޫކޮށްލަން ޖެހުނީ ހެދުނު ގޯސްތަކާއި ވެވުނު ބޭވަފާތެރިކަމުގެ ސަބަބުންކަމެއް ވެސް އޭނައަށް ނޭގޭ ކަހަލައެވެ. ނޫނީ ޖާހިލުކަމުގެ ސަބަބުން ވިސްނަން ބޭޭނުން ނުވަނީއެވެ.
މިޒްޔަލް ވެސް އަލޫފަށް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އޭނަ އަލޫފާ ދިމާއަށް އަޅާލި ފިޔަވަޅު ހުއްޓުމަކަށް އަތުވެގެން ދިޔައީ ތޫބާގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރުމާއެކުގައެވެ. އޭނަައަށް އަޑުއައި ދިމާއަށް ބަލާލެވުނެވެ. ތޫބާ ދެފަރާތަށް ބޯހޫރަމުން ދިޔައީ ހުއްޓާލުމަށް އެދި އެވެ. އެއްފަހަރު ތޫބާއަށް އަދި އަނެއްފަހަރު އަލޫފަށް ބަލާލަމުން މިޒްޔަލް ހަތިޔާރު ބެހެއްޓިއެވެ. އަދި މުށްކެވިފައިވި ދެއަތް ޖިންސުގެ ޖީބަށް ކޮއްޕާލަމުން ދިގު ނޭވާތަކެއް ދޫކޮށްލި އެވެ. ރުޅީގެ މައްޗަށް އަމިއްލަ ބާރު އިސްކުރަމުން އޭނަ އަވަސް ހިނގުމެއްގައި ތޫބާ ގާތަށް ދިއުމަށް ހިނގައިގަތެވެ.
''ހިނގާ ދަމާ...'' މައުވާ އެދުނެވެ. ތޫބާ ވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި މިޒްޔަލްއަށް ބަލާލިއެވެ. އެމޫނަށް ލިބިފައިވާ ޒަހަމް ފެނި ހިތުގައި ރިއްސާލިއެވެ. އޭނަގެ ދިފާއުގައި މިޒްޔަލް ތެދުވުމުން ތޫބާގެ ހިތުން މިޒްޔަލްއަށް މަޤާމެއް ދެވިއްޖެކަން ގައިމެވެ.
''ކަލޭ މަށަށް އޮޅުވާލީ ކީއްވެ؟...'' އަލޫފް ހަޅޭއްލަވަންފެށިއެވެ. މިޒްޔަލް ތޫބާއާއެކު ދާ މަންޒަރު ބަލަން އޭނައަށް ކެތެއް ނުކުރެވުނެވެ. އޭނަ އެންމެފަހުން ހުތުރުއެއްޗެހި ގޮވަން ފެށިއެވެ. ތޫބާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދިނެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. އެހެނަސް މިޒްޔަލްއަށް އެގޮތް ކަަމަކު ނުދިޔައެވެ. އޭނަ ބޭނުންވީ އަލޫފް ކިޔަމުން ދިޔަ އެއްޗެހި ހުއްޓުވާށެވެ. ހަނދާނުން ފިލައިގެން ނުދާނެ ފަދަ ފިލާވަޅެއް ދޭށެވެ. ނަމަވެސް ތޫބާ އޭނަގެ އަތުގައި ހިފުމާއެކު އޭނަގެ ހިއްސުތައް ހުއްޓުމަކަށް އައި ކަހަލައެވެ. އެފިނި އަތްތިލައިގެ ބީހުމާއެކު ހަށިގަނޑަށް ފޭދިގެން ދިޔައީ މީގެ ކުރިން އިހުސާސް ކުރެވިފައިނުވާ ތަފާތު ބާރެކެވެ. ފިނިކަމެކެވެ.
''އޭނަ ބުނާ އެއްޗަކަށް ސަމާލުކަން ނުދިނިއްޔާ ރަގަޅުވާނީ...'' ތޫބާ އެދުނެވެ.
''ތޭކްސް ފޯރ ސެޓޭންޑިންގް ވިތް އަވާރ ފްރެންޑް...'' އީލާފް މިޒްޔަލްއަށް ބަލާލަމުން ޝުކުރުއަދާކުރިއެވެ.
''ތޫބާ އެކަހަލަ މީހަކާ ރައްޓެހިވީ ކީއްވެގެންތަ؟، އެތާ މީހުން ނެތްނަމަ އަހަރުމެން ކުރާނީ ކީއްތަ؟، ދެޓް އަލޫފް އިޒް އެ ޓޯޓަލް ފްރީކް... އޭނަގެ މައްސަލަ ޕޮލިހަށް ހުށަހަޅަންވީ، މީހުންގެ ގަޔަށް އަތް އިސްކުރާނީ ހާދަ ނުބައި މީހަކަށް ވީމައޭ...''
''ދެން އެވާހަކަ ހުއްޓާލަމާ...'' ތޫބާ އެދުނެވެ. އޭނަ ދެން އިތުރަށް އަލޫފްގެ ވާހަކަ ދައްކަން ބޭނުމެއް ވެސް ނޫނެވެ. އެއީ އޭނަގެ ޚަޔާތުން ނިމިފައިވާ ބާބެކެވެ. ހަމައެއާއެކު ހެދުނު އެންމެ ބޮޑު ގޯސް ވެސް މެއެވެ.
''ތޫބާ ދަންނަ ކުއްޖެއްތާ ދޯ މީ...'' މިޒްޔަލްއާއި ތޫބާގެ ގާތްކަމަށް އިޝާރާތްކޮށް އެކަކަކު ބުންޏެވެ.
''ޔާހ، ވީއާރ ފްރެންޑްސް... އައެމް މިޒްޔަލް...'' މިޒްޔަލް ހިނިތުންވުމަކާއެކުގައި ބުނެލިއެވެ.
*****
''އަބަދު ކޯޅުން ގަނޑެއްގެ ތެރެއިން ދޯ ބައްދަލު މިވެވެނީ؟...'' ތޫބާއާއި މިޒްޔަލް ހިނގަމުން ދިޔައީ ލަސް ހިނގުމެއްގައެވެ. މިރޭ ވެދިޔަ ކަންތަކުން ތޫބާގެ މޫނުން ފެންނަމުން ދިޔަ މާޔޫސްކަން ކަނޑުވާލަން މިޒްޔަލްގެ ބާރުގައިވިކަމެއް ވިއްޔާ އޭނަ ދިޔައީ ކުރަމުންނެވެ. އޭނަގެ އެމަޤުސަދު ހާސިލު ވެސް ވިއެވެ. ތޫބާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ސިއްރުސިއްރުން މިޔްޒަލްއަށް ބަލާލި ވަގުތު ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔަ އެވެ.
''އައެމް ސޮރީ ދެޓް ޔޫ ހެޑް ޓު ވިޓްނެސް އޯލް ދެޓް...'' އަވަސްއަވަހަށް އިސްދަށަށް ޖަހައިލަމުން ތޫބާ ވާހަކަ ދެއްކިއެވެ. ހަޤީޤަތުގައި ވެސް އޭނަ ހުރީ އެހުރިހާކަމެއް މިޒްޔަލްއަށް ފެނުމުން އުނދަގޫ ވެފައެވެ. މިޒްޔަލް އޭނައާ މެދު ދެކޭނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ.
''ބައެއް ފަހަރު ބްރޭކަޕް ވީމަ އެކަން ހަޖަމުކުރަން އުނދަގޫވެގެން އުޅޭ މީހުން ތިބޭނެ... އެކަހަލަ މީހުންނަށް ލެސަންއެއް ދިނީމަ ރަގަޅުވާނީ...'' މިޒްޔަލް ބުންޏެވެ.
''ތިބުނީ ވެސް ތެދެއް...'' މިޒްޔަލްގެ ވާހަކައަށް ބާރުދެމުން ތޫބާ ބުނެލިއެވެ. ލަސްލަހުން ވިޔަސް ހިއްސާކުރެވެމުން ދިޔަ ވާހަކަތަކުން ދެޒުވާނުންގެ ދެމެދުގައިވި ބީރައްޓެހިކަމުގެ ފަރުދާ ދިޔައީ ކެހެމުންނެވެ. އެއީ ދެޒުވާނުންގެ ވެސް ހިތުގެ މުރާދެވެ.
''ސޮރީ އިނގޭ...'' ތޫބާ ބުންޏެވެ. އަދި ފުން ނަޒަރަކުން މިޒްޔަލްއަށް ބަލާލިއެވެ. އެހާ ގާތުން އެސޫރަ ފެނުމުން ނޭވާ ފުންވެގެން ދިޔަ ކަހަލައެވެ. މިޒްޔަލްގެ ސަމާސާ މިޒާޖުގެ ސަބަބުން މިރޭ ހިނގި ހުރިހާކަމެއް ވެސް އޭނަގެ ހަނދާނުން ފޮހެވިގެން ހިނގައްޖެއެވެ. އެއިން އެއްވެސް ކަމަކަށް ފިކުރު ހިންގާލުމުގެ ކުޅަދާނަކަން އޭނައަށް ލިބިގެން ނުވެއެވެ. ހިތް އެދި ގޮވަމުން ދިޔައީ މިޒްޔަލްއާއި އިތުރަށް ގުޅުން ބަދަހި ކުރުމަށެވެ. ހަމައެއާއެކު މިވަގުތުކޮޅަށް އިސާހިތަކު ނިމުން އަތުވެދާނެތީ ވެސް ބިރުވެރިކަން ހިތުގައި ވިއެވެ.
''ކޮންކަމަކަށް؟...'' މިޒްޔަލް އެހި އެވެ.
''ޔޯރ ފޭސް...'' މިޒްޔަލްގެ މޫނަށް އިޝާރާތް ކުރަމުން ތޫބާ ބުނެލިއެވެ.
''އޯހ... ބައެއް ފަހަރު މިކަހަލަ ކަންތައް ވެސް ދިމާވާނެ، އެއީ ވިސްނަންވީވަރުގެ ކަންތަކެއް ނޫން، އެހެންނޫނަސް ދެން އަހަރެންގެ މޫނު ފެންނަ ކޮންމެ ފަހަރަކު ތޫބާ މަތިން ވެސް ހަނދާން ވާނެ...'' މިޒްޔަލް ހިނިތުންވެލިއެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ.
އެކުވެރިންތައް އިރުއިރުކޮޅާ ބަލަމުން ދާކަން ތޫބާއަށް ފާހަގަ ކުރެވުނެވެ. ހަމައެއާއެކު މިޒްޔަލް ދިއުމުން އޭނައަށް އަމާޒުވެގެން ދާނެ ސުވާލުތައް މިހާރުއްސުރެ އޭނައަށް އަޑުއިވޭ ކަހަލައެވެ. އޭނަގެ ޒަމީރު ދިޔައީ އެސުވާލުތަކަށް ދޭނެ ޖަވާބެއް ހޯދަމުންނެވެ.
''ވެލް...'' ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމާއެކު މިޒްޔަލް އަވަސްއަވަހަށް ފޯނު ނަގައި ސްކްރީނަށް ނަޒަރެއް ދިނެވެ. އަދި ތޫބާއަށް ބަލާލިއެވެ. އޭނައަށް ލަސްވެގެން ބޭންޑް ކުދިންކޮޅު ގުޅަނީއެވެ. ވަދާއުގެ ސަލާމުކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެކަން އެނގުމާއެކު މިޒްްޔަލްއަށް މާޔޫސްކަން ލިބިގެން ދިޔަ އެވެ. އިތުރަށް ތޫބާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެނަމައޭ އޭނަގެ ހިތަށް އެރިއެވެ.
''ލަސްވެގެން އެގުޅަނީ...'' މިޒްޔަލް ބުނެދިނެވެ. އެއާއެކު ތޫބާގެ މޫނުގައިވި އުފާވެރިކަން މިލާމޯޅިވެއްޖެއެވެ. އަނެއްކާ ވެސް އެދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަމެވެ. މިޒްޔަލް ދެފަހަރެއްގެ މަތިން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެއީ ރަގަޅުކަމެއް ބާއޭ އަމިއްލަ ނަފުސާ ސުވާލުކޮށްލެވޭ ކޮންމެ ފަހަރަކު ފަސްޖެހެވުނީއެވެ. އޭނަ އަމިއްލަ ނަފުސާ ވަރުގަދަ ހަނގުރާމައެއް ކުރުމަށްފަހު ކުރިއަށް ދާން ގަސްދުކުރިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެ ވިއްޔާއެވެ.
''ނަންބަރު ލިބިދާނެތަ؟...''
ބޮލުގެ ފުއްކިބައިގައި ފިރުމަމުން ޖެހިލުންވުމާއެކުގައި މިޒްޔަލް ސުވާލުކުރިއެވެ. ތޫބާ ގާތަށް ހިނިއައި ކަމުގައި ވިޔަސް ހުނުން ކޮންޓްރޯލް ކުރިއެވެ. އަދި މިޒްޔަލްގެ ހުށަހެޅުން ޤަބޫލުކުރިއެވެ. އޭނަ ވެސް ހުރީ އެކަމަށް އެދިއެދި އެވެ.
ފޯނުގައި ލިޔެވުނު ނަންބަރު ފަރިތަކަމާއެކުގައި މިޒްޔަލް ކިޔާލިއެވެ. އޭނަ ތޫބާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ގުޅާނަން ކަމުގައި ބުންޏެވެ. އަދި ތޫބާއަށް ފަސްދީ ހިނގައިގަންނަމުން އަތުގެ އިޝާރާތުން ދަނީ ކަމުގައި ބުނެލިއެވެ.
މިޒްޔަލްއަށް ބަލަން ހުރި ތޫބާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހުވަފެނީ އާލަމެއްގައި ވަނިކޮށް އޭނަ ސިހިގެން ދިޔައީ މީހަކު ކޮނޑުގައި ޖަހާލުމުންެނެވެ. ފަސްއެނބުރި ބާލާލި ހިނދު އޭނަގެ އެކުވެރިންތައް ތިބީ ބަލަހައްޓައިގެންނެވެ.