މައުވާއަށް ޖަވާބު ދިނުމުގެ ގޮތުން ޝިއާފްގެ ގައިގައި ބައްދާލެވުނީ އެވެ. އެއަތުގެ ހިމާޔަތުގެ ތެރެއަށް ހިތާއި ޖާނާއެކު ވިިރިގެން ދާން ބޭނުންވެފައި ހުރެއެވެ. އޭނައަށް ދެން ޝިއާފާ ދުރުގައި ނުހުރެވޭނެއެވެ. އޭނަ ވަރަށް ގިނަ ދުވަހު ކެތްކޮށްފި އެވެ. އެލޯބި ހިތުން ފޮހެލަން މަސައްކަތްކޮށްފި އެވެ. ނަމަވެސް އެދެމެދުގައިވަނީ އާދަޔާ ޚިލާފް ދަމާބާރެކެވެ. އުޅެއުޅެ ވެސް އޭނަގެ ހިތް ބަދަލެއް ނުކުރެވުނެވެ. މިއަދު އޭނަ އެހަނގުރާމައިގައި ބަލިކަށިވެގެން ދިޔައީ އެވެ. ލޯބިވެރިޔާގެ ކުރިމަތީގައި އަމިއްލަ ހިތުގެ އިހުސާސްތައް އެއްވެސް ހުރަހަކާއިނުލާ ބަންޑުންކޮށްލެވުނީއެވެ. ހިތަށް ފިނިކަމުގެ ލައްޒަތެއް ވިޔަސް ހޯދައިދެވޭނީ ޝިއާފަށް ކަމަށް ވީތީއެވެ.

ޝިއާފް އެދަނީ ކުރެވުނު ކަންތަކާ މެދު ހިތާމަކުރަމުންނެވެ. އެކަން ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އޭނަގެ ލޯތްބަށް އެދި އާދޭސް ކުރަމުންނެވެ. އެއާދޭސްތަކަށް ބީރު ކަންފަތެއް ދޭނެހާ ހިތްވަރެއް މައުވާގެ ހަށިގަނޑަކު ނެތެވެ. ޝިއާފްގެ ދެލޮލުގައިވާ ރިހުން ނުފެންނަ ކަމަކަށް ވެސް ހަދާލެވޭކަށް ނެތެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް ތައުބާ ވުމުގެ ފުރުސަތު އޮވޭ ނޫން ހެއްޔެވެ؟ ދެން ޝިއާފަށް އެ ފުރުސަތު ނުދެވެން ވީ ކީއްވެގެން ހެއްޔެވެ؟ ޝިއާފްގެ ވިސްނުން ފަސާދަވެ މަގުފުރެދިގެން ދިޔައީ އޭނައަށް ޚިޔާރުކުރެވުނު ނުބައި އެކުވެރިންގެ ސަބަބުންނެވެ. މިއަދު މައުވާ ޝިއާފަށް ފުރަގަސް ދީފިނަމަ ޝިއާފް އަނބުރާ ހަވާނަފްސުގެ އަނދިރި ދުނިޔެއަށް ގެނބިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެކަން އެގޮތަށް ވެއްޖެނަމަ ދުވަހަކު އަމިއްލަ ނަފުސަށް މަޢާފު ދެވޭނެހެނެއް ހިޔެއް ނުވެއެވެ.

ޝިއާފް ވެއްޓިފައިވާ އަނދިރިކަމުން ސަލާމަތްކޮށްދީ އަލިކަމުގެ ތެރެއަށް ގެނެސްދޭން ޝިއާފް ދިއްކޮށްލި އަތުގައި މައުވާ ހިފިއެވެ. ބަދަލެއް ނުވި ލޯތްބެއްގެ ސަބަބުންނެވެ. ގެއްލިގެން ދިޔަ އިތުބާރު ހޯދުމަކީ ފަސޭހަކަމެއް ނޫންކަން މައުވާއަށް އެނގެއެވެ. ނަމަވެސް މިފަހަރު އޭނަ އެހީ ހިތުގެ އަޑެވެ. އޭރުވެސް އޭނަގެ ސިކުނޑި އޭނަގެ ނިންމުން ބަދަލުކުރުމަށް ބާރުއަޅަމުން ގެންދިޔައެވެ. އެއީ ގޯސް ނިންމުމެއް ކަމަށް ތަކުރާރުކޮށް ހަނދާންކޮށް ދެމުން ދިޔައެވެ. އެފިކުރު ތަކުގެ ތެރެއަށް ގެނބި މީހާ ހާސްވާން މައުވާ ބޭނުމެއް ނުވިއެވެ. ޝިއާފްގެ ދެލޮލުގައިވާ ސާބިތުކަމުން މައުވާގެ ހިތަށް ފިނިކަމެއް ގެނެސް ދިނެވެ. ކަނިވެގެން ދިޔަ އުއްމީދުގެ ހުޅުކޮޅެއް އަނެއްކާ ވެސް ރޯވެގެން ދިޔައެވެ. ޝިއާފް އޭނަ ދެކެ ވާ މަތިވެރި ލޯބިވެސް ކޮންމެ ހަރަކާތަކުން ފާޅުކޮށްދެއެވެ.

''އިވީ އަހަންނަށް މަޢާފު ކުރާނަންތަ؟...''

ޔަޤީންކަން ބޭނުންވެފައި ހުރި ޝިއާފަށް ސުވާލުކޮށްލެވުނެވެ. އޭނަ މައުވާގެ ހަށިގަނޑު ވަށާލުމާއެކު އެއިސްތަށިގަނޑުގައި ތުންފަތްޖައްސާލިއެވެ. މުޅިން އައު ވިދުމެއް ޝިއާފްގެ މޫނުގައި ވެއެވެ. ކަރުނައާއެކުވެ އޭނަގެ ލޮލުގައި އުފާވެރިކަން ނަށަމުން ދިޔައެވެ. މައުވާ އޭނަގެ އަތުތެރޭގައި ވުމުން ލިބިފައިވާ ހިތްހަމަޖެހުން ބަޔާންކޮށްދެވޭނެ ގޮތެއް ވާނެހެނެއް ވެސް ހިޔެއްނުވެއެވެ. ބަނަ ވިލާތަކުން ވަށާލަމުން ދިޔަ ދުނިޔެއަށް އުއްމީދުގެ އަލިކަން ފޯރަން ފެށީއެވެ. ދުޢާއަކީ މިދުވަސްތައް ދުވަހަކު ބަދަލުވުމެއް ނުވުމެވެ. މިއުފާވެރި ވަގުތަށް ނިމުމެއް ނައުމެވެ.

''މާޒީގެ ނާމާންކަމުން މުސްތަޤުބަލު ހަލާކުވެގެން ދާކަށް އަހަރެން ބޭނުމެއް ނޫން... ޝިއާފަށް ކުރެވުނު ކުށް އިހުސާސް ކުރެވުން އެއީވެސް ހާދަ ބޮޑުވަރެކޭ... ދެން ތައުބާވެ އެފަދަ ކުށެއް ތަކުރާރުވިޔަ ނުދިނުން އެދި ގަދައަޅައި މަސައްކަތްކުރަން ވީ... އިސްލާމު ދީނުގައި އަންގަވާފައިވާ ގޮތުގައި ފައިތިލަ ސާބިތުކުރަން ވީ... އަނިޔާ ލިބުނު މީހާގެ ގާތުން ހެޔޮ ހިތަކާއެކު މާފަށް އެދެން ވީ، ޝިއާފަށް މާޢާފު ދިނުން އޮތީ އަމާނީގެ އަތްމަތީގައި... އަހަރެން ޤަބޫލުކުރަން ޝިއާފަށް އަމާނީއާ މެދު ކަންތައް ކުރެވުނީ ނާއިންސާފުންކަން، ހިތަށް ވަރަށް ބޮޑަށް ތަދުވޭ އެކަމާ މެދު ފިކުރު ހިންގޭ ކޮންމެ ފަހަރަކު... އަހަރެން ބޭނުންވި ޝިއާފް ދެކެ ނަފްރަތުކޮށް ރުޅިއިސްކުރަން... އެކަމަކު ވެސް އަހަަރެންގެ ހިތް އެފަދަ ވިސްނުމަކަށް ތަނެއް ނުދިން، އެއަށް ވުރެ މިހިތުގައި އޮތް ލޯބި މާ ބޮޑަށް ވެސް ފުން... ޝިއާފް އަހަންނަށް ވަޢުދުވޭ އަމާނީ ގާތުން މާޢަފަށް އެދޭނެން ކަމުގައި... ދެން ދުވަހަކުވެސް ޝިއާފްގެެ އެކުވެރިންނާއި ވާހަކަ ނުދައްކާނަން ކަމުގައި... މިއަދު ޝިއާފްގެ މާޒީ ހަނދާން ނައްތާލުމުގައި އަހަރެން އެއްބާރުލުން ދޭނަން، ތި އަތުގައި ހިފާނަން، އެކަމަކު ގެއްލުނު އިތުބާރު ހޯދަން ޝިއާފް ޖެހޭނެ މަސައްކަތްކުރަން...... މިހިތުގައި ދެން އިތުރު ވޭނެއް ބަރުދާސްތުކުރެވޭނެހާ ޤާބިލުކަމެއް ލިބިގެން ނުވޭ...''

މައުވާގެ ހިތް ޝިއާފްގެ މައްޗަށް ސާފުވެގެން ދިޔައެވެ. މައުވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ޝިއާފްގެ ޓީޝާޓްގެ ބޮޑު ތަންގަނޑެއް ތެމި އޭނަގެ މެޔަށް ފިނިވެގެން ދިއުމާއެކު މައުވާ މެޔާ ދުރުކޮށްލަމުން އަވަސް އަވަހަށް މައުވާގެ ކޯތާފަތް ފޮހެލަ ދިނެވެ. އޭނަ ދެފަރާތަށް ބޯހޫރާލީ ނުރޯށޭ ބުނާ ފަދައިންނެވެ. މައުވާއަށް ޝިއާފްގެ އަތުގައި ހިފާލެވުނީ ބާރަށެވެ. އޭރު ކަރުނައިގެ ތެރޭން ހިނިތުންވާން މައުވާ މަސައްކަތް ކުރަމުން ދިޔައެވެ.

''މިއަދު އިވީގެ މަޢާފަށް ވުރެ މުހިންމު އެއްޗެއް އަހަންނަކަށް ނުވޭ... އިވީ ބޭނުންވާނަމަ އަހަރެން އަމަނީ ގާތަށް ގޮސް މަޢާފަށް އެދޭނަން، އެކަމަކު އަހަރެން އަމާނީ ގާތަށް ދާނީ ކޮން މުނަކާއިގެންތަ؟... އަހަރެން ފެނުނަސް އަމާނީ އަންނާނީ ރުޅި...''

''އަހަރެން ތައުބާ ވާނަން، ދެވަނަ ފަހަރަށް އެފަދަ ފާފައަކަށް އަރައި ނުގަންނާނަން، އިވީގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން...... އިވީ އަހަންނަށް ތި ލޯބި ދޭނަންތަ؟، އަހަންނާއެކު ކޮންމެ ފަދަ ވަގުތެއްގައި ވެސް ހުންނާނަންތަ؟، އަހަންނަށް ހޮޔެމަގު ދެއްކުމުގައި ހުންނާނަންތަ؟... ތި އަތުގައި ހިފުމަށްފަހު ދެން ދުވަހަކުވެސް ވަކިވެގެން ދިއުމެއް ނޭދެން، ކޮންމެ ފަދަ ހާލެއްގައި ވެސް އަހަރެން އިވީއާ އެކު ހުންނާނަން... އައި ލަވް ޔޫ އިވީ، ވަރަށް ބޮޑަށް ވެސް، ޔޫ އާރ ސްޕެޝަލް ޓު މީ...'' ޝިއާފް ބުނެލިއެވެ. އެޖުމްލަ ވެގެން ދިޔައީ މައުވާގެ ހިތުގެ ޒަހަމްތަކަށް މަލަނަކަށެވެ. އޭގެ ފިނިކަން ހިތުގެ އެންމެ ހިމަ ނާރާހަމައަށް ފޭދިގެން ދިޔައެވެ. އާދިރުމެއް ގެނެސް ދެމުންނެވެ. މައުވާގެ ތުންފަތުގައި ހިނތުންވުމެއް ކުޅެލިއެވެ. މައުވާއަށް ބޯޖަހާލެވުނީ ޝިއާފް އެހި ސުވާލުތަކަށް ޖަވާބު ދިނުމުގެ ނިޔަތުގައެވެ.

*****

''ހާދަ ވަގުތެކޭ އެނަގަނީ، އައި ހޯޕް އެވްރީ ތިންގް އިޒް އޯލްރައިޓް...'' ދުރުގައި ހުރި ތޫބާ މައުވާމެނަށް އިރުއިރުކޮޅާ ބަލާލައެވެ. އޭނަ ހުރީ އެތަނަށް ދާން ނުހަނު ބޭނުން ވެފައެވެ. އޭރު އޭނަގެ ހިތަށް ވިސްނައި ދިނުމަށް ވެސް އުނދަގޫވެފައި ވެއެވެ. ދުރުން ފެނުނުކަމުގައި ވިޔަސް ޝިއާފާއި މައުވާގެ ދެމެދުގައި ވި ގާތްކަން އޭނައަށް ފާހަގަ ކުރެވުނެވެ. އެއާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

''އައި ތިންކް ދެއި އާރ ބެކް ޓުގެދާރ...'' ތޫބާއަށް ބުނެވުނެވެ. އަމިއްލަ ޒަމީރާއި އޭނަ ވާހަކަ ދައްކަމުން ދަނިކޮށް ސިހިގެން ދިޔައީ ދާދިގާތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ތޫބާ ފަސްއެނބުރި ބަލާލި ހިނދު ކުރިން މޭދުން ފެނުނު ޒުވާނާ އޭނައާއި އަރާހަމަކުރަނީއެވެ. ތޫބާ ފާޑަކަށް ބަލަން ހުރެފައި ކުރިއަށް ހިނގައިގެންފި އެވެ. އެއާއެކު އެޒުވާނާ ތޫބާގެ ފަހަތުން އަންނަން ފެށިއެވެ. އެއާއެކު ތޫބާގެ ހިތް އަވަސް ވާން ފެށިއެވެ.

''މިދެން ކިހާ ދެރަވެއްޖެ ކަމެއްތަ!، ތަނަކުން އަންހެންކުއްޖަކު ފެންނައިރަށް ފަހަތުން އަންނަން ޖެހޭތަ!''

ތޫބާ ބުމަގޮށްޖަހާލަމުން ޒުވާނާއާއި ކުރިމަތިލިއެވެ. އެވަގުތު ތޫބާގެ މެޔަށް ފިނިވެގެން ދިޔައީ އެހާ ގާތުން އެޒުވާނާގެ މޫނު ފެނުމުންނެވެ. ކަޅުކަން ގަދަ ބުމައާއި ބުނބުޅިއަށް ފެނުގެ ސަބަބުން އިތުރު އާރޯކަމެއް ގެނެސްދީފައިވާ ކަހަލައެވެ. ދިގު އިސްކޮޅެއް އޭނައަށް ލިބިފައި ވާއިރު އެހެދި ހުރި ހަށިގަނޑަށް ތޫބާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. އެތައްހާސް ފެންތިކިތައް އެހަށިގަނޑުގައި ވިދަމުން ދިޔަ އިރު ހިތުގެ ވިންދު އެތައް ގުނައަކަށް އަވަސް ކުރުވާހާވެއެވެ. ލަސްލަހުން ތޫބާގެ ނަޒަރު އެޒުވާނާގެ މޫނަށް އަނެއްކާ ވެސް ދަތުރުކޮށްފިއެވެ. އޭރު އޭނާ ވެސް ހުރީ ތޫބާއަށް ބަލަހައްޓައިގެންނެވެ. ތޫބާއަށް އެމޫނުގައި ވި ޒަހަމް ފާހަގަ ވެގެން ދިޔައެވެ. އެއާއެކު ސިކުނޑީގެ ލޯގަނޑުން މަންޒަރަކަށް ހަނާ އަޅާލި ފަދައެވެ. ޒުވާނާއަށް ވެސް އެނގުނީކަން ނޭގެއެވެ. ލޮލާއި ނޭފަތް ކައިރިން ނުފާގަނެ ދުޅަވެފައިވާ ހިސާބުގައި އޭނަ އަތް ހިންގާލައިފިއެވެ.

ތޫބާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަނގަމަތީ އަތް އަޅާލެވުނެވެ.

''ކޮންމެ ވެސް ކުއްޖަކަށް އެހީވާން ހަދައިގެން ވީ ވަރު މީ، އެކަމަކު ސަލާމަތްކޮށްދިނީމަ ޝުކުރިއްޔާއޭ ވެސް އެކުއްޖާ ބުނެނުލި... އެކަމަކު ހިޔެއް ނުކުރަން ދެން އެކުއްޖާއާއި ބައްދަލު ވެދާނެއެކޭ ވެސް...'' އޭނަ ތޫބާގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި ބުންޏެވެ.

ތޫބާ ވެސް އެޒުވާނާއަށް ބަލަން ހުރީއެވެ. އެވަގުތު ދައްކާނެ ވާހަކައެއް ސިކުނޑިއަކަށް ނައެވެ. ކުއްލިޔަކަށް ވަށައިގެން ވި ވައިކޮޅު ވެސް އޭނައަށް މަދުވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ތޫބާއަށް ދެފަރާތަށް ބޯހޫރާލެވުނީ ގެނބެމުން ދިޔަ ޚިޔާލުތަކުގެ ކަނޑުން ސަލާމަތްވުމަށެވެ.

''އެދުވަހު......'' ތޫބާގެ ދޫހަރަކާތް ކުރިއެވެ. ނަމަވެސް ޖުމްލަ ފުރިހަމަ ނުކުރެވުނީ ޒުވާނާ ވާހަކަ ދައްކަން ފެށުމުންނެވެ.

''އިޓްސް އޯލް ރައިޓް، އަހަރެންގެ ސަބަބުން އަންހެންކުއްޖަކަށް ރައްކާތެރިކަން ލިބުނީމަ އެނިމުނީ...'' ކުޑައިރުކޮޅެެއްގެ ހިމޭންކަމަކަށްފަހު އަނެއްކާވެސް އޭނަ ވާހަކަދައްކަން ފެށިއެވެ.

''އަދިވެސް އޭނަގެ އުނދަގޫ ފޯރާތަ؟ އެނގޭ މިފަދަ ސުވާލެއް ކުރުން އަހަންނާ އެކަށީގެން ނުވާކަން ވެސް، އަދި ޖަވާބު ދިނުން ވެސް މުހިއްމެއް ނުވާނެކަން... އެކަމަކު ވެސް ސުވާލުކޮށްލާނަން... އެކާކުތަ؟ ބޯއިފްރެންޑް ތަ؟ އެކަމަކު ބޯއިފްރެންޑަށް ވާވަރަށް ވުރެ އޯލްޑް މީހެއް ވައްތަރު ޖެހީ...'' ޒުވާނާ ބޮލުގައި ފުއްކިބައިގައި އަތްހިންގާލަމުން ޖެހުލުންވެފައި ހުރެ ސުވާލުތައް ކުރިއެވެ.

''ތަނަކުން ފެންނަ ކޮންމެ މީހަކު ކުރާ ސުވާލަށް ޖަވާބު ދިނުން އެއީ މުހިންމު ކަމެއް ނޫން، އެދުވަހު އަހަންނަށް އެހީވީތީ ޝުކުރިއްޔާ... އެހެން ނުބެނެވިގެންނު އުޅުނީ؟، މިހާރު ބުނެވިއްޖެއެއްނު...'' ތޫބާ ހަށަންބަނދެލަމުން ތުންފަތް އަރިއަކަށް ދަމާލިއެވެ. ނުރުހުމުގެ އަސަރު މޫނަށް ގެންނަމުންނެވެ. ހަޤީޤަތުގައި އޭނަ އެފަދައިން ކަންތައް ކުރީ އޭނަގެ ހިތަށް ކުރަމުން އެދާ އަސަރުތައް ސިއްރުކުރުމަށެވެ. މިގޮތް ނޭގޭ ޒުވާނާ ފެނި އޭނައަށް ކުރެވެމުން އެދާ އިހުސާސްތަކާ ދުރުވުމަށެވެ. އެއިހުސާސްތައް އޭނަ ގެންދާނީ ކޮން ދިމާއަކަށް ކަން އެނގޭތީއެވެ.

''އޯލް ރައިޓް...'' ތޫބާގެ ޖަވާބުން ޒުވާނާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔަ އެވެ. ތޫބާއަށް އެވަގުތު ބަލަން ހުރެވުނީ ހައިރާން ވެފައެވެ. ޖާނުން ވަރުގަފަ ފިރިހެނުން ވެސް ލަދު ގަނޭ ހެއްޔެވެ؟ އެއީ އޭނައަށް މުޅިން އަލަށް ފެނުނު ސިފައެކެވެ. ހިތްގައިމުކަމެއް އޭގައި ވެއެވެ. އެސިފަ ދެކެ ގަޔާ ވެވުނީ ވެސް އެހެންވެއެވެ. ތަފާތުކަމެއް އެޒުވާނާގެ މިޒާޖުގައިވާކަން ގައިމެވެ.

''ޔޫ ބްލަޝް...'' ތޫބާއަށް އެޖުމްލައެއް ނުހިފެހެއްޓުނެވެ. އަނގަމަތީ އަތް އަޅާ ލެވުނީ ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުމުންނެވެ. އަނބުރާ އެޖުމްލަ ގެންނަން ތޫބާ ބޭނުން ވިއެވެ.

''ވެލް...'' އަނެއްކާ ވެސް އެޖެހިލުންވުމެވެ.

.................

''ތިހާ އިންސިންޓް ކުރާނަމަ ބުނެދީފާނަން، އެއީ މިހާރު އަހަންނަށް އެއްވެސް އިމްޕޯރޓެންޓް މީހެއް ނޫން، ދެން އެދުވަހު އަހަރެންގެ ސަލާމަތަށް އައީ ތީ ޝުކުރިއްޔާ......... އެދުވަހު ހިނގި ކޯޅުންގަނޑަށް މާޢާފަށް އެދެން، އައި ޑިޑިންޓް ނޯ ދެޓް ހީ ވިލް ހިޓް އެނީވަން...'' ތޫބާ ހިނިތުންވުމަކާއެކު ބުންޏެވެ. ދާދި ދެންމެއަކު ބައްދަލުވި ކަމުގައި ވިޔަސް އެދެމުދުގައި ވި ބީރައްޓެހި ކަމުގެ ފަރުދާ ލަސްލަހުން ނެގެން ފެށި އެވެ. އެދެމެދުގައި ވި ހާސްކަމުގެ ވަޔަށް ނިމުން އަންނަން ފެށިއެވެ.

''ވެލް... ތިހާ ރީތި ކުއްޖަކަށް ހެލްޕް ވާން އެފަދަ ކިތަންމެ އަނިޔާއަކަށް ވެސް ކެތެްކުރެވިދާނެ...'' ހިނިތުންވުމަކާއެކު ޒުވާނާ ބުންޏެވެ. އެއީ މާނަ ފުން ޖުމްލައެކެވެ. ތޫބާއަށް އެޖުމްލައާ މެދު ވިސްނާލަން ހުރެވުނީ ހައިރާންވެފައެވެ. ހިތާ ހަމައަށް ވާސިލުވުމުގެ ޤާބުލިކަން އެޖުމަލްއަށް ލިބިގެން ދިޔައެވެ. އެއާއެކު ތޫބާގެ ހައިރާންކަން އިތުރުވުން ނޫންކަމެއް ވެސް ނުވިއެވެ. ޔަޤީނުން ވެސް އެހިތުގެ ވަށާ ދިފާއީ ނިޒާމެއްގެ ގޮތުން ރާނަމުން ދިޔަ ލޯގެ ފާރަށް ލޮޅުންތަކެއް އައިސްފިއެވެ. ތޫބާ ހާސްވާން ފެށީ ދެނެވެ. މިފަދަ ބަދަލަކަށް އޭނަ ތައްޔާރެއް ނޫނެވެ. އެވެސް ދާދި ދެންމެއަކު ބައްދަލު ވި ޒުވާނަކަށް ޓަކައެވެ. ދެތިން ބަހެއް ބުނެވުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ވެސް ދެކެވުނީކީ ނޫނެވެ. ކޮންކަހަލަ މިޒާޖެއްގެ ވެރިއެއްކަން ވެސް އެނގެނީކީ ނޫނެވެ. އެރީތި ސޫރައިގެ ފަހަތުގައި ހިތްހެޔޮކަމުގެ ޒައްރެއްގެ މިންވަރު ވާނެ ކަންކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އެހެނަސް އޭނަގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ބާރުން ދޫވެފައިވާ ކަހަލައެވެ. އަނެއްކާ ވެސް ކަތިފިޔަޅެއް އެޅެން އުޅެނީ ބާވައެވެ!

''އޭ މިޒްޔަލް ކަލޭއަށް ގޮވާ އަޑެއް ވެސް ނީވޭތަ؟...'' ދެމީހުން ސިހިގެން ދިޔައީ ފަހަތުން އިވުނު އަޑެއްގެ ސަބަބުންނެވެ. އޭރު ސައިކަަލެއްގެ މަތީގައި ޒުވާނަކު އިނދެ އެމީހުނާ ވާހަކަ ދައްކަމުން ދިޔައެވެ.

''އިޓް ވޯޒް ނައިސް މީޓިންގް ޔޫ ސްޓްރޭންޖާރ، ފަހުން ބައްދަލު ވާނެ ކަމަށް އުއްމީދުކުރަން...'' މިޒްޔަލް ތޫބާއަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން ގޮސް ސައިކަލުގެ ފަހަތަށް އެރިއެވެ.

ސައިކަލު ދުވާލަމާއެކު އޭނަ ފަސްއެނބުރިލަމުން އަނެއްކާވެސް ތޫބާއަށް ހިނިތުންވެލިއެވެ. މިޒްޔަލް ދިޔަ ދިމާއަށް ބަލަން ހުރި ތޫބާގެ ހިތުގެ ހަމަޖެހުން ވެސް ގެއްލިގެން ދިޔައެވެ. ދެން ދުވަހަކު ބައްދަލު ނުވެދާނެ ކަމުގެ މާޔޫސްކަމުން ތޫބާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކިތަންމެ މަދު ވަގުތުކޮޅަކަށް ދެމީހުންގެ ބައްދަލުވުން ދެމިގެން ދިޔަ ކަމުގައި ވިޔަސް ނޭގޭ ބާރެއް އެެދެމެދުގައި ވެއެވެ. އެހެންނޫންނަމަ އޭނަގެ ހިތަށް މިހާ ބޮޑު އިންޤިލާބެއް ވެސް ނައީހެވެ. ކޮންމެ ކޮންމެ ފިރިހެނަކު ފެނި އޭނައަށް ދުވަހަކު މިފަދަ ބަދަލުތަކެއް ނާދެއެވެ.

''މިވަނީ ކިހިނެއްތަ؟...''

ތޫބާއަށް އޭނަގެ ޒަމީރާ ސުވާލުކޮށްލެވުނެވެ. އޭނައަށް އަންނަން ފެށި ބަދަލުތަކާ މެދު ބިރުވެސް ގަންނަ ގޮތް ވިއެވެ.

*****

''ޝަކީ، އެމައުވާ އެއީ ވަރެއްގެ ޑައިކުތަގަނޑެއް، މަ ދިން އެއްވެސް އިންޒާރަކަށް އޭނަ ޖެހިލުމެއް ނުވިތާނގަ ކުރިއަށް ވުރެ ބޮޑަށް ޝިއާފްގެ ފަހަތުން ވަކިހިއްޕާލާފަ އެއުޅެނީ... ހޭބަލިވެގެން އުޅޭ މީހެއް، މަގޭ ދަރިނޫން އެހެން ފިރިހެނެއްގެ ފަހަތުން އަޅުވާލާކަށް ވެސް އޭނައަކަށް ނޭގުނު، އަނެއްކާ މަ ފުރާ ދުވަސް ވެސް ކައިރިވެފަ މިއޮތީ، ރަށަށް ދާއިރަށް އެމައުވާއަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ... ރަށަށް ދިއުމުގެ ކުރިން މަ ބޭނުން އޭނަގެ ނޮހޮރައްޕާނުން ސަލާމަތްވާން، ވީހާ ވެސް އަވަހަކަށް ޝިއާފްގެ ކައިވެނި ހަމަޖައްސަންވީ، ލާހިކެއް ނޫން ޝިއާފަށް މަށާ ދެކޮޅަށް ކައިވެންޏެއް ކުރާކަށް...''

ޝަކީލާއާއެކު އޭނަގެ އެޕާރޓްމެންޓަށް ވަދެގެން އައި ޒުލްފާ ބޮޑުކޮޓަރީގައި ހުރި ސޯފާގައި ޖައްސާލަމުން އޭނަގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލިއެވެ. ހިވާގޮތުން ޝަކީލާގެ އެހީއަކަށް ބޭނުންވެފައެވެ.

މިފަދަ ނުބައި ވަގުތެއްގައި އޭނަ އެވަނީ ހެޔޮއެދޭ އެކުވެރިޔެއްގެ މަދަދަށް ބޭނުންވެފައެވެ. އޭނަ ޝަކީލާގެ ގާތަށް މަދަދަށް އެދިގެން އައީ ޝަކީލާގެ ވިސްނުން ތަނަވަސް ވީމައެވެ.

''ތީ ހާދަ މަތީ ފެންވަރުގެ މީހެކޭ ދޯ، ބުނަން، ތި ހުރިހާ ހަމަ ފައްކާ ކޫޑިގަނޑެއް އަޅައިގަނެފަ، އެކަހަލަ މީހުންގެ އުނދަގޫ ނުލާހިކު ބޮޑުވާނެ... އަވަހަށް ފިޔަވަޅެއް ނާޅައިފިއްޔާ ވަކިހިއްޕާލާނެ ވަރަކަށް... އެވާނީ ޝިއާފަށް ލިބޭ މުސާރައިގެ ދަހިވެތިކަމުގަކަމަށް ރައްޓެހިވެގެން އުޅެނީ، އޭނަގެ މައިންބަފައިން ފޮނުވާ ލާރިން އޭނަގެ ހިތް ނުފުރޭތީ... ބަލައްޗޭ، ތަންކޮޅެއް މުއްސަނދި ފިރިހެނަކު ފެންނައިރަށް ދެން ދުވަން ފަށާނީ އޭނަ ފަހަތުން... ކުޑައެއްކަމަކު މަކަރުވެރިކަމުގެ އިންތިހާޔޭ...'' ޝަކީލާ ވެސް ނުރުހުމާއެކު ބުންޏެވެ. އޭނައަށް މައުވާ ރަގަޅަށް ނޭގޭ އިރުވެސް ދުލަށް އައިހާ އެއްޗެއް ގޮވާލިއެވެ. އޭނަގެ ވިސްނުމަށް މައުވާ ސިފަކުރެވެނީ ޒުލްފާ އޭނަ ގާތު ދައްކާފައި ހުރި ވާހަކަތަކާ އެއްގޮތަށް ވިއްޔާއެވެ.

''މަދެން ކިހިނެއް ހަދަންވީ؟... ޝަކީ ކުރިން ބުނި ގޮތަށް ހަދައިގެން އެއްވެސް އަލިމަގެއް ނުފެނުނު، މިފަހަރު މަ ބޭނުމީ އޭނަގެ ފަރާތުން ދާއިމީ ހައްލެއް ލިބޭނެ ފަދަ މަގެއް...'' ޒުލްފާ ދަތްތަކަށް ބާރުލަމުން ބުންޏެވެ. އެއީ މިހާރު އޭނަގެ އާދެއެވެ. އެއްވެސް ކަމަކާ މެދު ރަގަޅަކަށް ވިސްނުން ހިނގާނުލެވެއެވެ. އަބަދުމެ ހުންނަނީ ރުޅިގަދަވެފައެވެ. އެހުރިހާ ކަމެއްގެ އަސްލާ ގުޅިފައިވަނީ މައުވާ އެވެ. އެފުރޭތަގަނޑު އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ.

''އެގެއިން އޭނަ ނެރެގެން ނޫނިއްޔާ ސަލާމަތެއް ނުވާނެ...'' ޝަކީލާ ޓީވީ ހުޅުވާލަމުން ވާހަކަ ދެއްކިއެވެ.

''އަނެއްކާ އަނެއް ކަންތައް، އެދިޔާނާ ހުންނަނީ އޭނަ ފޫބުޑަށް ލައިގެން، ތޫބާއަށް ވުރެ އޭނަ ދެކެ ގަޔާވޭ، މިހާރު އޭނަ ބަލިކޮށް އުޅޭތީޔޭ ކިޔާފަ ހުންނަނީ އަބަދުމެ އޭނަގެ ހިދުމަތުގަ، އަމިއްލަ ދަރިއެއް ހުރިކަން ވެސް އޭނަ ހަނދާނެއް ނުހުރޭ... ދެން މަ އޭނަ އެގެއިން ނެރެނީ ކިހިނެއް؟...'' ޒުލްފާ ބުނެލިއެވެ.

ކޮމެންޓް 0