މުޅި މީހާއަށް ވެރިވެގެން ދިޔަ ހިމޭންކަމާއެކު މައުވާއަށް ތޫބާގެ ވާހަކަތަކާ މެދު ވިސްނަން ހުރެވުނީ ގަނޑުވެފައެވެ. އޭރު އޭނަގެ ހިތުގައި ހާސްކަމުގެ ވިންދު ޖަހަން ވެސް ފަށައިފިއެވެ. އެއީ ތެދަކަށް ވެދާނެ ހެއްޔެވެ؟ އޭނަގެ ހިތުގައި ޒިވްޔަންއަށް ޓަކާ އިހުސާސްތައް ހޭލާފައި ވެދާނެ ހެއްޔެވެ؟ އޭނަ ޒިވްޔަންއަށް ބަހައްޓާ ޝައުޤުވެރިކަމުގެ ފަހަތުގައި ވާ ސިއްރަކީ އެއީ ހެއްޔެވެ؟ ޒިވްޔަންގެ އުދާސްތައް ފެންނަ ކޮންމެ ފަހަރަކު މޭގައި އޮންނަ ހިތް ފިތޭ ފަދަ އިހުސާސްތައް ކުރެވެނީ އެސަބަބާ ހުރެ ހެއްޔެވެ؟ ޒިވްޔަންގެ މޫނުން އުފާވެރިކަން ފެންނަން އޭނަ ބޭނުންވަނީ އެކަމާ ހުރެ ހެއްޔެވެ؟ އެސޫރަ ދުށުމަށް ލޯ ބޭޤަރާރުވެފައިވާކަމުގެ ހެއްކަކީ އެއީ ހެއްޔެވެ؟

މިއިން ކޮންމެ ސުވާލަކާއެކު މައުވާގެ ބޮލަށް ބަރުވެގެން ދިޔަ އެވެ. މުޅި ހަށިގަނޑު ފިނިވެފައިވާއިރު އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ ތޫބާގެ ޖުމްލައެވެ. އެވަގުތު އޭނަގެ ހިތުގެ އަޑު އިވުނު ފަދައެވެ. އެސުވާލުތަކުގެ ޖަވާބު ހޯދަން އޭނަގެ ސިކުނޑި މަސައްކަތްކުރަން ފެށީ ދެނެވެ. އެއާއެކު ފާއިތުވި ދުވަސްތަކުގެ ތެރެއަށް އޭނަގެ ޚިޔާލުގެ އޮޑި ދަތުރުކުރަން ފެށިއެވެ. އެމާސިންގާ ކަނޑުގެތެރޭގައި މަންޒިލް ހޯދުމުގެ ނިޔަތުގައެވެ. ދަތުުރުކުރެވެމުން ދިޔަ ވަރަކަށް މަންޒިލް ސާފު ވާން ފެށިއެވެ. ހިތުގެ ހާސްކަމަށް ނިމުމެއް ގެނުވަމުންނެވެ.

''އާރ ޔޫ ދެއާރ؟...'' އެތައް މިނެޓަކަށް ދެމިގެން ދިޔަ ހިމޭންކަމުގެ ސުކޫތަށް ފަހު ތޫބާގެ އަޑު އިވުނެވެ. ''އަހަރެން ބުނި ވާހަކައިން ހިތްހަމަ ނުޖެހުނީތަ؟، އެކަމަކު އަހަރެން މި ހާމަކުރީ ތެދޭ... އިވީ އަޅެ އެންމެ ފަހަރަކު ވިޔަސް ޕާސްޓް މަތިން ހަނދާން ނައްތާލާފަ އާފެށުމަކުން ފަށަން ގަސްދުކޮށްބަލަ... ޕްލީސް އިވީ، އަހަރެން މިބުނާ ވާހަކަތައް ޤަބޫލުކޮށްބަލަ...''

''އަހަރެން ފަހުން ގުޅާނަން...'' މައުވާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަދި މެޔާއި ދިމާއަށް އަތް ގެނެސް ޖައްސާލެވުނެވެ. އޭރު އަވަސްވެފައިވާ އޭނަގެ ހިތުގެ ތެޅުން މައުވާއަށް އިހުސާސްކުރެވުނެވެ. އެއިން ކޮންމެ ތެޅުމަކާއެކު އޭނައަށް ހަޤީޤަތް ހާމަކޮށްދެމުން ދިޔަ އެވެ. އެތައް އިރަކު އެގޮތުގެ މަތީން ހޭދަކުރުމަށްފަހު އޭނަ ބޭރަށް ނިކުމެލީ ސާފު ވައިފޮދެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ބޭރަށް ނިކުމެވުމާއެކު ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އެވަރުން ވެސް ނަފުސަށް ހަމަޖެހުމެއް ނުލިބުނެވެ. ހަށިގަނޑަށް އައިސްފައިވާ ހައިޖާނުގެ ބޮޑު ކަމުންނެވެ.

''ކިހިނެއްތަ މިވަނީ؟...'' މައުވާއަށް އޭނަގެ ޒަމީރާ ސުވާލުކުރެވުނެވެ. ''އަހަންނަށް އައިސްފައިމިވާ ބަދަލުތަކާ ގުޅިފައިވަނީ ޒިވްޔަންތަ؟، ޒިވްޔަންގެ ސޫރަ ފެނުމުން އަހަންނަށް ހަމަޖެހުން ލިބެނީ ކީއްވެތަ؟ ޒިވްޔަންގެ މާޔޫސްކަމަކަށް ނިމުމެއް ގެންނަން ބޭނުންވަނީ ކީއްވެތަ؟ އަހަންނަށް ހަޤީޤަތުގައި ވެސް ޒިވްޔަން ދެކެ ލޯބި ވެވުނީތަ؟، އެހެން ވެދާނެތަ؟... ޒިވްޔަން، އަހަންނަށް ކީއްތަ ތިކުރަނީ؟...''

ވިސްނެމުން ދިޔަ ވަރަކަށް މައުވާގެ ބޮލުގެ ނާރުތަކަށް ވާންވާން ފެށިއެވެ. އެއާއެކު އޭނައަށް ނިތްކުރީގައި ބޮޑުވާއިނގިލި ހިންގާލެވުނެވެ. އެއަށްފަހު އަނެއްކާ ވެސް މައުވާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އޭނައަށް އުނދަގޫކުރަމުން އައި ހުރިޔާ ޚިޔާލުތަކެއް ވެސް އެނޭވާއާއެކު ފަޒާގެ ތެރެއަށް ދޫކޮށްލި ހެންނެވެ. ހަމަޖެހުން ގެއްލިފައިވާ ހިތުގެ މައްޗަށް އަމިއްލަ ބާރު ފޯރުވަން މައުވާ މަސައްކަތް ކުރިއެވެ. އޭރު ވެސް އޭނަގެ ފިކުރާ ގުޅިފައިވަނީ ޒިވްޔަން އެވެ. ސިފަކުރެވެނީ އެ ސޫރައެވެ.

''ތޫބާ އެބުނީ ވާހަކަތައް ދޮގު ކުރެވޭކަށް ވެސް ނެތް، އެއީ ހަޤީޤަތް... މިހުރިހާ ބަދަލެއް އަހަންނަށް އަންނަން ފެށީ ޒިވްޔަންއާއި ބައްދަލުވި ފަހުން، އަހަންނަށް މިވަނީ ޒިވްޔަން ދެކެ ލޯބި ވެވިފައި!...'' މައުވާއަށް ބުނެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުޅެލީ ކީއްވެގެން ކަމެއް ނޭގެއެވެ. ހަޤީޤަތް ޤަބޫލުކުރެވެމުން ކަމެއް ނޫނީ އެކަމުން ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުންކަމެއް ދެނެގަންނަން އުނދަގޫ ވިއެވެ. މައުވާގެ ހިތް އެވަގުތު ކަމަށް އެދި ގޮވާލިއެވެ. އެއާއެކު އޭނަ އަވަސް ފިޔަވަޅުތަކެއްގައި ހިގައިގަތީ ގޭގެ މައިދޮރާއި ދިމާއަށެވެ. ޒިވްޔަން ދެކިލަން އޭނަ ބޭނުން ވީއެވެ.

*****

ޖޯލިފަތީގައި އޮތް ޒިވްޔަންއަށް ގެއަށް ވަދެގެން އައި މައުވާ ފެނުމާއެކު އަވަސް އަވަހަށް އޭނަގެ ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ. އާދައިގެ މަތިން މިފަހަރު ވެސް މައުވާ އޭނަ ފަސްދީފައި ދާނެކަމަށް ހީކުރެވުނެވެ. ނަމަވެސް ކަންތައް ވީ ދިމާ އޭގެ އިދިކޮޅަށެވެ. ޒިވްޔަންއަށް ސިހުން ލިބި މެއަށް ފިނިވެގެން ދިޔައީ މައުވާ އޭނައާއި ޖެހިގެން ހުރި ޖޯލީގައި އިށީނުމުންނެވެ. ނުބަލަން އިން ކަމުގައި ވިޔަސް އޭނަގެ ނަޒަރު މައުވާގެ މޫނަށް ހުއްޓިގެން ދިޔަ އެވެ. މައުވާގެ ފަރާތުން ޒިވްޔަންއަށް ތަފާތުކަމެއް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމުގެ ފަހަތުގައިވާ ސަބަބު ހޯދައިގަތުމުގައި އޭނަ ނިކުޅެދުނެވެ. ހައިރާންކަމެއްގެ ތެރޭގައިވި ޒިވްޔަންއަށް މައުވާގެ މޫނުން އޭނަގެ ނަޒަރު ވަކިކޮށެއް ނުލެވުނެވެ.

މައުވާ ޒިވްޔަންއަށް ހިނިތުންވެލިއެވެ. އޭނައަށް ޒިވްޔަން ފެނުމާއެކު ހިތަށް ލިބުނު ފިނިކަމުން ތޫބާ ބުނި ވާހަކަތަކުގެ ތެދުކަން ޤަބޫލުކުރެވުނެވެ. މިވީހާ ދުވަހު އޭނަ ފިލަން ދުވި އިހުސާސްތަކުގެ ތެރޭގައި އަނެއްކާ ވެސް އޭނަ އެދަނީ ބަނދެވެމުންނެވެ. ނޭގި ހުއްޓާ އޭނައަށް އެވަނީ ޒިވްޔަން ދެކެ ލޯބި ވެވިފައެވެ. މިއަދު ތޫބާ އޭނަގެ ސަމާލުކަމަށް އެކަންތައް ނުގެނައިނަމަ އޭނަގެ ހިތް އަދިވެސް ވާނީ ހައިޖާން ގަނޑެއްގެ ތެރޭގައިކަން ގައިމެވެ.

ފިނިކަން އެކުލެވިފައިވާ ދެއަތް ޖޯޑުކޮށްލަމުން މައުވާ ވާހަކަދައްކަން ތައްޔާރުވެލިއެވެ. އޭނައާއި ޒިވްޔަންގެ ދެމެދުގައި ލެވިފައިވާ ބީރައްޓެހިކަމުގެ ފަރުދާ ހިއްލާލަން މައުވާ ބޭނުން ވިއެވެ. ޒިވްޔަންގެ ހިތް އޮތް ގޮތް ނޭގުނަސް ޒިވްޔަންއަށް އެހީވާން އޭނަ ބޭނުން ވިއެވެ. ޒިވްޔަންގެ ވޭންތަކަށް ލުޔެއް ހޯދައިދޭން ވެސް މެއެވެ.

ޒިވްޔަންގެ ހިތުން އޭނައަށް ޖާގައެއް ލިބޭތޯ މަސައްކަތް ކުރަން މައުވާ އަޒުމު ކަނޑައެޅިއެވެ. އެވަގުތު މައުވާއަށް ވިސްނާނުލެވުނީ ނަތީޖާ ނިކުމެދާނެ ގޮތަކުން އޭނަގެ ނާޒުކު ހިތަށް ލިބިދާނެ އަނިޔާތަކެވެ. އެއްފަހަރު ލޯބީގައި ކުރިމަތިލާން ޖެހުނު ނާކާމިޔާބީއާއި އޭނަގެ ސަބަބުން ކުރުމަތި ހިތްދަތި ދުވަސްތަކެވެ. އެޒަހްމަތަކަށް ޝިފާ ލިބިފައިވިޔަސް ލަކުނުތައް ވާކަމެވެ.

''އަހަރެން ދެކެ ހިތްހަމަނުޖެހިފަތަ ތިހުންނަނީ؟...'' ޒިވްޔަންއާއި ހަތަރުކަޅި ހަމަކުރަމުން މައުވާ ސުވާލުކުރިއެވެ. އެހާ ކައިރިން ޒިވްޔަން ފެނުމުން މައުވާއަށް އެތޫނުފިލި ދެލޮލުގެ ފުރިހަމަކަމާ މެދު ވިސްނާލެވުނެވެ. މިހާރު އޭނައަށް ޒިވްޔަންއަށް ބެލޭ ގޮތް ވެސް މުޅިންހެން ތަފާތު ވެއްޖެއެވެ.

ޒިވްޔަން އިސްތިރިކޮށްލުމަށްފަހު އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން ދާން ތެދުވުނެވެ. އޭނައަށް މައުވާއާއި ގާތުގައި ވާން ކެތެއް ނުކުރެވޭނެއެވެ. އެހެންނޫންނަމަ އަމިއްލަ ނަފުސުގެ މައްޗަށް ފޯރުވަމުން ދިޔަ ބާރު ކެނޑިގެން ހިނގައިދާނެއެވެ. ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވާކަށް އޭނަ ނޭދެއެވެ. މައުވާ އާއި ވާހަކަ ދައްކަން ވެސް އޭނަ އަކަށީގެން ނުވެއެވެ. ހަމައެއާއެކު މައުވާއަށް ތަފާތު ނަޒަރަކުން ބަލަން ވެސް އޭނަ ކުފޫ ހަމަނުވެއެވެ. އެހެނިހެން ފިރިހެނުންނާ އަޅާބަލާއިރު އޭނައަކީ ކާކު ހެއްޔެވެ؟ ކުނިކޮޅަކަށް ވެސް ނުވާނެއެވެ. މައުވާ އޭނައާއި ވާހަކަ ދައްކަނީ ހަމްދަރުދީވެގެންނެވެ. އެހެން އިތުރު ކަމެއް އެކަމުގެ ފަހަތުގައި ނުވެއެވެ. ކުލަޖެހުމެއް ނުވާ ބިލާހުތަކުގެ މައްޗަށް ހުވަފެންތަކެއް ބިނާކުރެވެމުން އެހުވަފެންތައް ފުނޑުފުނޑުވެގެން ދާހިނދު ލިބޭނެ މާޔޫސްކަން އިންތިހާއަށް ބޮޑުވާނެއެވެ. މިހާރު ވެސް އޭނަގެ ހިތް ގޮވަމުން ދަނީ އަދި އެއްފަހަރު ވިޔަސް ހިތް ފުރެންދެން އެސޫރައަށް ބަލާލުމަށެވެ. އެފަދައިން ކަންތައް ކޮށްފިނަމަ އަނިޔާތައް ލިބޭނީ ހަމަ އޭނައަށެވެ. އިތުރު އަނިޔާއަކަށް ކެތްކުރާނެހާ ހިތްވަރެއް އޭނަގެ ނިކަމެތި ހަށިގަނޑަކު ނުވެއެވެ.

''އެދުވަހު އެހެން ބުނެވުމުން ޒިވްޔަން އަހަރެންދެކެ ރުޅި އައިސްދާނެކަން އެނގުނުނަމަ އަހަރެން އެފަދަ ވާހަކައެއް ނުދެއްކީމުސް، ޒިވްޔަން ބޭނުންވާނަމަ ދެން އެކަހަލަ ވާހަކައެއް އަހަރެން ނުދައްކާނަން، ތިހެން އަހަރެން ދެކެ ރުޅިއައިސްފައި ހުރީމަ އަހަރެން ދެރަވޭ...'' ޒިވްޔަން ދާން އުޅުމާއެކު މައުވާ ވެސް ތެދުވުނެވެ. ކުރިއަށް އަޅާލި ފައިގައި މައުވާގެ ޖުމްލައިން ކަސްތޮޅުއެޅިގެން ދިއުމާއެކު ޒިވްޔަންއަށް މައުވާގެ މޫނަށް ބަލާލެވުނެވެ. އެމޫނުން އޭނައަށް ފެނުނީ މިއިން ދުވަހަކު ވެސް ފެނިފައިނުވާ ޝުއޫރުތަކެވެ. އެއާއެކު އޭނަގެ ހިތަށް ގޮތްތަކެއް ވިކަން ގައިމެވެ. އޮޅުވާލަން އުޅުނުކަމުގައި ވިޔަސް މެއެވެ.

''ކޭން ވީ ބީ ފްރެންޑްސް؟...'' މައުވާ އެހި އެވެ. ޒިވްޔަން އިސްތިރިކޮށްލަމުން އިރުކޮޅަކު ވިސްނާލިއެވެ. މައުވާ ދެރަވާކަށް އޭނަ ބޭނުމެއް ނުވެއެވެ. ހަމައެއާއެކު އޭނައާއި އެކުވެރިކަން ބަދަހިކުރަން މީހަކު އެދުނު ހަނދާނެއް ދުވަހަކު ނުވެއެވެ. ސްކޫލުގައި އުޅުނު ދުވަސްވަރު ވެސް އޭނަ ހުންނާނީ އެކަހެރިކޮށްލެވިފައެވެ. އުމުރުގައި މިހާތަނަށް އާދެވުނުއިރު ގާތް އެކުވެރިޔަކު ވެސް އޭނަގެ ނުހުރެއެވެ. އޭނަގެ އެކަނިވެރި ހަޔާތާ މެދު ޒިވްޔަންއަށް ވިސްނާލެވުނެވެ. އޭނަ ނިމިގެންދާނީ ވެސް އެކަމުގައި ކަން ނޭގެއެވެ. ލޯތްބެއް، އޯގާތެރިކަމެއް ލިބުމެއް ނެތިއެވެ. ދޮންމަންމަ ބުނި ޖުމްލަތައް ހަނދާންވުމާއެކު ޒިވްޔަންގެ ހިތުގައި ބަޔާންކުރަން ދަތި ވޭނެއް އުފެދިގެން ދިޔަ އެވެ. ކެތްކުރަން ބޭނުން ވިޔަސް އޭނަގެ ދެލޮލުން ކަރުނަ ފާޅުވިއެވެ. ދަތްތަކަށް ބާރުލެވުނީ އެވޭންތަކާ ހަނގުރާމަ ކުރުމަށެވެ. އެހެނަސް ބަލިކަށިވެފައިވާ ނަފުސު ދޫވެގެން ދިޔަ އީއެވެ. ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައް ސިއްރުކުރަން ޒިވްޔަން ކަނާއަތް ގެނެސް ލޯފޮރުވާލިއެވެ.

''ޒިވްޔަން...'' ޒިވްޔަންއަށް ވަމުން ދިޔަ ގޮތް ފެނި މައުވާ ހާސްވިއެވެ. އޭނަ ޒިވްޔަން ގާތަށް ޖެހިލުމާއެކު ޒިވްޔަން އުނދޯއްޔަށް ތިރިވިއެވެ. އެވަގުތު ޒިވްޔަންގެ ކަރުނުން ފުސްވެފައިވާ ދެލޯ މައުވާއަށް ފެނުނެވެ. ލޯކުރިމަތިން ޒިވްޔަންއަށް ވަމުން ދިޔަ ގޮތް ފެނި މައުވާގެ ހިތުގައި ރިއްސަން ފެށިއެވެ. ހާސްކަމާއެކު ކުޑަކަކޫ މައްޗަށް ތިރިވަމުން ޒިވްޔަންގެ އަތުގައި މައުވާ ހިފެހެއްޓިއެވެ. އެއާއެކު ޒިވްޔަން މައުވާގެ އަތް ފޮޅުވާލިއެވެ. ދެފަހަރެއްގެ މަތިން އެކަން ތަކުރާރުވިއެވެ. ނަމަވެސް މައުވާ ދުލެއް ނުކުރިއެވެ. އޭނަ ހުރީ ޒިވްޔަންގެ ހިތާމައިގައި ބައިވެރިވާށެވެ. އެކަމަށް ލުޔެއް ހޯދައިދޭށެވެ. ޒިވްޔަންއާއެކު ވާނެ މީހަކު ހުރިކަން ސާބިތުކޮށްދޭށެވެ.

''ޒިވްޔަން...'' މައުވާ ގޮވާލިއެވެ. އެވަގުތު ޒިވްޔަންގެ ތުންފަތް ފޫއަޅުވާލަފއި ނުކުތް އާހްގެ އަޑާއެކު މައުވާގެ ދެލޮލަށް ކަރުނަ ގެނައެވެ. ބަރުދާސްތުކުރަން ދަތި ވޭނެއްގައި ޒިވްޔަން ވާކަހަލައެވެ. އިހުނަށްވުރެ ޒިވްޔަންއާއި ގާތަށް މައުވާ ޖެހިލިއެވެ. އޭރު އެދެމެދުގައިވާ ދާއިރާގެ ހަނިކަން މައުވާއަށް އިހުސާސް ވެސް ނުކުރެވޭ ކަހަލައެވެ. ޒިވްޔަންއަށް މައުވާގެ ގާތްކަމާއެކު މައުވާގެ މޫނަށް ބަލާލެވުނެވެ. އޭރު މައުވާގެ ދެލޯ ވެސް ކަރުނުން ފުރިބާރުވެފައިވާތަން އޭނައަށް ފެނުނެވެ. ޒިވްޔަންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. މައުވާ ރޮނީ ކީއްވެގެން ހެއްޔެވެ؟ އެމޫނުން މާޔޫސްކަން ފާޅުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނައާއި ދުރަށް ދިއުމުގެ ބަދަލުގައި މައުވާ އެދެމެދުގައިވާ ދާއިރާ ހަނިކުރަނީ ކީއްވެގެން ހެއްޔެވެ؟

''އަހަރެން...'' ޒިވްޔަން ވާހަކަދައްކަން ބޭނުންވިއެއް ކަމަކު ދުލަށް އެހިތްވަރެއް ނުލިބުނެވެ. އޭނަގެ މެޔަށް ކުއްލިއަކަށް ފިނިވެގެން ދިޔައީ މައުވާގެ ފިނި އަތްތިލައިން އޭނަގެ ދެއަތުގައި ހިފާ ބާރުކޮށްލުމުންނެވެ.

''ޒިވްޔަން ދެރަވާވަރުގެ އެއްޗެއް ބުނެވުނުނަމަ އަހަރެން މަޢާފަށް އެދެން...'' މައުވާ ބުންޏެވެ. މައުވާއަށް އެވަގުތު ޝިއާފްގެ ހަނދާންތަކުން ގޯނާ ކުރިއެވެ. ޝިއާފްގެ ހަޤީޤަތް އޭނައަށް އެނގުނުފަހުން މަޢާފަށް އެދި ހަމަ އެފަދައިން ޝިޢާފް އޭނަ ގާތުގައި ރުޔެވެ. ނަމަވެސް އެދުވަހާއި މިހާރު ފެންނަ މަންޒަރު ހާސްބައި ތަފާތެވެ. ޒިވްޔަން ހީވަނީ ބަޔާންކުރަން ދަތި ވޭނެއްގައި ހަފުސްވަމުންދާހެނެވެ.

''ނޫން... މައުވާއަށް ކުރެވުނުކަމެއް ނޫން... އަހަރެންގެ ބަދުނަސީބު......'' ޒިވްޔަން ބުންޏެވެ. އެވަގުތު ޒިވްޔަންގެ ދެލޮލުން ފޭބި ކަރުނަތައް މައުވާ ފޮހެލަދިނެވެ. އެއަތުގެ ބީހުމާއެކު ޒިވްޔަންއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކަރުނައިގެ ސަބަބުން ފުސްވެފައިވާ ދެލޮލުން އެވަގުތު މައުވާ ދެފަރާތަށް ބޯހޫރާލިތަން ޒިވްޔަންއަށް ފެނުނެވެ.

''ޒިވްޔަން ކޮންމެކަމެއް ހިއްސާކުރަން ބޭނުން ވިޔަސް އަހަރެން ގާތުގައި ހުންނާނަން، އަހަރެން ޒިވްޔަންއާއި އެކުވެރިކަން ބަދަހިކުރަން ބޭނުންވަނީ އެސަބަބާ ހުރެ، އަހަންނަށް މާބޮޑު ތަފުސީލެއް ލިބިފައި ނެތަސް އަހަންނަށް އެނގޭ ޒިވްޔަންގެ މާޒީގައި ވަރަށް ބޮޑުކަންތައްތަކެއް ދިމާވެފައިވާކަން، އެކަމުގެ ސަބަބުން ޒިވްޔަން އުފަލަމުން ތިދާ ވޭންތައް އަހަންނަށް ކޮންމެ ދުވަހަކު ފެނޭ، އަހަރެން ބޭނުމީ ޒިވްޔަންއަށް އެހީވާން، އެކަންތައް ހިއްސާކޮށްގެން ތިހިތަށް ލުޔެއް ލިބޭނަމަ އަހަރެން މިހުރީ އަޑު އަހަން......'' އަރުބެދެމުން ދިޔަކަމުގައި ވިޔަސް މައުވާ އޭނަގެ ޖުމްލަ ފުރިހަމަ ކުރިއެވެ. ޒިވްޔަން ހިތުގައި ޖެހި ރޯތަން ދެކެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ.

ޒިވްޔަންއަށް ތުރުތުރު އަޅަމުން ދިޔަ އޭނަގެ ތުންފަތް ހަރަކާތްކޮށްލެވުނެވެ. މިއިން ޒަމާނެއްގައި ވެސް އެހެން އިންސާނެއްގެ ފަރާތުން އޭނައަށް އޯގާތެރިކަމެއް ލިބިފައި ނުވެއެވެ. ދުވަހަކު އިހުސާސްނުކުރެވޭ ފަދަ ފިނިކަމެއް ޒިވްޔަންގެ ހިތަށް އެވަގުތުކޮޅުގައި ފޭދިގެން ދިޔަ އެވެ. މައުވާގެ ބަހުގެ ތެދުކަން ޔަޤީންކޮށްދެމުންނެވެ. ޒިވްޔަންގެ ހިތް އޭނަގެ ބާރުގެ ދަށުން ވީއްލިގަނެގެން ދިޔައީ އެހިނދުކޮޅުގަ އެވެ. މައުވާއަށް އިތުބާރުކުރެވި އޭނަގެ ވޭނީ ފަސާނާ ހިއްސާކުރަން އޭނަގެ ޒަމީރު ގޮވާލިއެވެ. މިވީހާ ދުވަހު ދުނިޔޭގެ ކެހިވެރިކަމާއި އަނިޔާތަކުގައި ކަސްތޮޅުއެޅި މަރުވަމުން ދިޔަ ރޫހު ސަލާމަތަށް އެދި ތެޅިފޮޅިގަތް ފަދައަކުންނެވެ.

އިވެމުން ދިޔަ ކޮންމެ ޖުމްލައެއް ވެގެން ދިޔައީ މައުވާގެ ހިތަށް އަމާޒު ކުރެވުނު ދުނިތީރުތަކަށެވެ. ރުވާފަ ދޫކޮށްލާ އެއިން ކޮންމެ ތީރެއް އައިސް ހެރެނީ މޭގެ އެންމެ ފުނަށެވެ. ދެލޮލަށް ބޮޑިވެގެން އައި ކަރުނަތަކާއި މޭގައި އުފެދެމުން އައި ތޫނު ރިހުމުން މައުވާގެ ހިތް ފަޅައިގެންދާހާ ވިއެވެ. ތުންފަތުގައި މަޑުތުރުތުރުލުމެއް އުފެދުނު އިރު ދެންމެދެންމެ އަޑުވީއްލާ ރޮވިދާނެހެން ވެސް ހީވިއެވެ. އެއީ އަޑުއަހަން ކެތްވާނެ ވަރުގެ ވާހަކަތަކެއް ނޫނެވެ. އަނިޔާވެރިއެއްގެ ވަކިތަކުގެ ތެރޭގައި ޒިވްޔަން އުޅުނު ހިތްދަތި ދުވަސްތައް ތަސައްވަރު ކުރެވުމުން މައުވާގެ ހިތާމަތަކުގެ ބަރުދަން އުފުލެވޭވަރަށްވުރެ އިތުރު ވިއެވެ. ނިނުމެއްނުވާ އެ ވޭނައި ކެކުޅުންތަކުގައިވި ހިނދު ޒިވްޔަން އެހީއަކަށް އެދޭނެވަރާއި، ހިމާޔަތަކަށް އެދޭނެވަރު ތަސައްވަރު ކުރެވި މައުވާއަށް އޭނަގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އެކަރުނަތަކެކޭ ފެންކޯރަކުން ދެމޭ އާރުތަކެކޭ އެއްފަދައެވެ. މައުވާއަށް ކުރިއަށް ވުރެ ބާރަށް ޒިވްޔަންގެ އަތުގައި ހިފާލެވުނެވެ. އެވާހަކަތައް ބުނަމުން ދިޔައިރު ޒިވްޔަންއަށް ކުރެވެމުން ދިޔަ ކޮންމެ އިހުސާސެއް މައުވާއަށް ފާހަގަ ކުރެވުނެވެ. އެންމެ ފަހުން ކެތްނުކުރެވޭވަރު ވުމުން ޒިވްޔަން ގާތު ހުއްޓާލުމަށް އޭނަ އެދުނެވެ.

''ދެން ހެޔޮ...''

މައުވާއަށް ޒިވްޔަންގެ ހަށިގަނޑުގައި ބައްދާލެވުނީ ބޭއިހްތިޔާރުގައެވެ. ލިބުނު ސިހުމާއި ހައިރާންކަމާއެކު ޒިވްޔަން ގަނޑުވިއެވެ. މައުވާގެ ހަށިގަނޑުގެ ހޫނުކަމާއި އެހިތުގެ ތެޅުން އިހުސާސްކުރެވުމާއެކު އޭނަގެ ހަށިގަނޑުގައި ލޭގެ ހިނގުން އަވަސްވި ކަހަލައެވެ. ހިތުގެ ތެޅުން އެތައް ގުނައަކަށް މައްޗަށް ޖެހިލި ހިނދު މައުވާގެ ހަށިގަނޑުން ދުވަމުން ދިޔަ ލުއިލުއި މީރުވަހުން އޭނަގެ ސިކުނޑި ތާޒާ ކުރުވިއެވެ. މި ބީރައްޓެހި އިހުސާސްތަކުން ޒިވްޔަންގެ ހަށިގަނޑުގައި މީގެ ކުރިން ހޭލާފައި ނުވާ ޖަޒުބާތުތައް އުފަންވާން ފެށިއެވެ. އޭނައަށް މައުވާއާ މެދު ތަފާތު ނަޒަރަކުން ދެކެވެން ފެށުނެވެ. އޭނަގެ ހިތް މަންޒިލަކަށް އެދި ގޮވާލީ ވެސް އެދަނޑިވަޅުގައެވެ. ކީއްވެގެން ކަމެއް ނޭގެއެވެ. މައުވާގެ އެއަމަލުން އޭނަގެ ހުރިހާ ހިތާމައެއް ލުއިވެގެން ހިނގައްޖެއެވެ. މުޅި މީހާއަށް ސިހުން ގެނުވާފައެވެ.

ޒިވްޔަންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް މައުވާއަށް ޒިވްޔަންގެ އަތުގެ އިހުސާސްކުރެވި ދެލޯ މަރާލެވުނީ ފުންނޭވާއަކާއެކުގަ އެވެ.

''އައި ލަވް ޔޫ...'' ހިތުގައި އެލަފުޒުތައް ވިޔެއްކަމަކު މައުވާގެ ދުލާ ހަމައަށް ފޯރުމުގެ ޤާބިލުކަމެއް ނުލިބުނެވެ. މައުވާ ބޭނުންވީ އެވަގުތުކޮޅު އިތުރަށް ދިގުވުމަށެވެ. ޒިވްޔަންގެ އަތުތެރޭގައި ހުރުމަށެވެ. ޒިވްޔަންގެ ހުރިހާ ޒަހަމަކަށް މަލަނަކަށް ވާށެވެ.

އެގޮތުގެ މަތިން ފާއިތުވެގެން ދިޔައީ ކިތައް މިނެޓްކަމެއް ނޭގެއެވެ. ދެޒުވާނުނަށް ވެސް ތިބެވުނީ އަމިއްލަ ދުނިޔެއެއްގައެވެ. ކޮންމެ މީހެއްގެ ހިތުގައި ޖަޒުބާތުތައް އުފަންވެފައިވާ ހިނދު އިސްނަގާނެ މީހަކު ނުވިއެވެ. ޒިވްޔަންއަށް ވިސްނެމުން ދިޔައީ އޭނަގެ ހިތުގެ އިހުސާސްތަކާ މެދުގައެވެ. މައުވާގެ ހިތް އޮތް ގޮތް އެގެން އޭނަ ބޭނުން ވިއެވެ. މައުވާ ބޭނުންވާ ފަދަ ޒުވާނަކަށް ވާން ވެސް މެއެވެ. މައުވާގެ ރުހުން އޭނައަށް ލިބެން ވެސް މެއެވެ. އެގާތްކަމުގެ ސަބަބުން އޭނަގެ ޚިޔާލުގައި ކުރިންވި ޝައްކާއި ވަހުމުތައް ވަނީ ފިލައިގެން ގޮސްފައެވެ. މައުވާގެ ފަރާތުން އޭނައަށް ލިބުނު އޯގާތެރިކަމުން ހޭލި ޖަޒުބާބުތައް އޭނަ ގެންދާނެ މަންޒިލު ހޯދަން ޒިވްޔަންގެ ޒަމީރު ފެންބޮވައިގަތެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔަ ވަރަކަށް މައުވާއާއި ޒިވްޔަންގެ ދެމެދުގައި އުފެދެމުން ދިޔަ އެކުވެރިކަމުގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އެކަމުގެ ސަބަބުން މައުވާއަށް ލިބިފައިވާ އުފާވެރިކަން އޭގެ ފުރިހަމަކަމާއެކު އޭނަގެ މޫނުން ފެންނަން ހުރެއެވެ. ބައެއްފަހަރު ޒިވްޔަން އޭނައަށް ދޭ ސަމާލުކަމުން މައުވާގެ ހިތުގައި ސުވާލުތަކެއް އުފެދެއެވެ. ޒިވްޔަން އޭނައަށް ބަލާލާ ކޮންމެފަހަރަކު އެދެލޮލުން އޭނައަށް ތަފާތުކަމެއް ފާހަގަ ކުރެވެން ފެށުނެވެ. އެތުންފަތަށް ވެރިވާ މާނަފުން ހިނިތުންވުންތަކުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްވެދާނެހެން ވެސް ހީވާން ފެށިއެވެ. ބައެއްފަހަރު ހިތަށް ވެރިވާ ޚިޔާލުތައް ތެދަކަށް ވުމަށް އޭނަގެ ހިތް އެދެއެވެ. އެކަންތައް ތެދަކަށް ވެދާނެނަމަ ހާދަ ރަގަޅުވީސް ހެއްޔެވެ؟ ނަމަވެސް އެއީ އޭނަގެ ހިތުގައި އުފެދިފައިވާ ލޯބީގެ ސަބަބުން ހިވާހީވުންތަކެއް ކަމުގައި މައުވާ ނިންމިއެވެ.

މިފާއިތުވި ދުވަސްތަކުގައި މައުވާގެ ހިތުގައި ޒިވްޔަންއަށް ޓަކައި އުފެދިފައިވާ އިހުސާސްތައް ވަނީ ކުރިލާ ފޯދިފައެވެ. އެކުގައި ހޭދަކުރެވުނު ވަގުތުތައް ވީ އެލޯތްބަށް އާރޯކަމާއި ތާޒާކަން ގެނެސްދިން ކަންތަކަށެވެ. އޭނައަށް ދެވަނަ ފަހަރަށް ލޯބި ވެވިދާނެކަމާމެދު ހިތުގައި އުފެދުނު ޝައްކު ވަނީ ފިލައިގެން ގޮސްފައެވެ. ޝިއާފްގެ ހަނދާންތައް އޭނައާއި ވަކިނުވިކަމުގައި ވިޔަސް ޒިވްޔަންއަށްޓަކައި އުފެދިފައިވާ އިހުސާސްތައް ވަރަށް ވެސް ފުނެވެ. އެލޯބި ޒިވްޔަންއަށް ބަޔާންކޮށްދޭން އެދެވުނެވެ. އެހެނަސް ފަސްޖެހެވެނީ ޒިވްޔަން ވެސް އެފަދަ ނަޒަރަކުން އޭނައާއި މެދު ދެކެފާނެ ކަމަށް ހިތުގައި އުފެދިފައިވާ ޝައްކުތަކާ ހުރެއެވެ. މިހުރިހާ ކަންތަކާ ހުރެ އޭނަގެ ނަފްސަށް ހާސްކަމެއް ލިބިފައި ވިޔަސް، އޭނަގެ ސަބަބުން ޒިވްޔަންގެ މިޒާޖަށް އައިސްފައިވާ ބަދުލުތަކާ މެދު އޭނަ އުފާކުރިއެވެ. ޒިވްޔަން ރަގަޅުވެދާނެ ކަމުގެ އުއްމީދު މައުވާގެ ހިތުގައި ދުވަހަކަށްވުރެ ދުވަހަކަށް ދިޔައީ އާލާވަމުންނެވެ. ފަހު ވަގުތާ ޖެހެންދެން ވެސް އޭނަ އުއްމީދު ކަނޑާނުލާނެ އެވެ.

ޒިވްޔަންއަށް އަންނަމުން އައި ބަދަލުތައް މީޒާއަށް ފާހަގަ ކުރެވެން ދުވަސްތަކެއް ނުނެގިއެވެ. އެބަދަލުތަކުގެ ފަހަތުގައިވާ ސަބަބު ހޯދަން އޭނަ ކުރި މަސައްކަތުގެ ނަތީޖާއައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ފަހަރެއްގައި ވެސް ޒިވްޔަންގެ ހިނިތުންވުންތަކުގެ ފަހަތުގައި މައުވާ ވެދާނެކަމަށް އޭނަ ހިޔެއް ނުކުރެއެވެ. ކަންތައް ވަމުން ދިޔަ ގޮތާ މެދު އޭނަ އުފާވިއެވެ. އެހެނަސް އޭނަގެ ހިތުގައި ބިރުވެރިކަން ވެސް ވިއެވެ. މައުވާ ދާ ދުވަހަކުން ޒިވްޔަންއަށް ލިބިދާނެ ގެއްލުމެއްގެ ސަބަބުންނެވެ. މައުވާއަކީ ރަށަށް އައިސް ހުރި ވަގުތީ މެހުމާނެކެވެ. ދުވަސްކޮޅަކުން ފުރައިގެން ހިނގައިދާނެއެވެ. އޭރުން ޒިވްޔަންއަށް ލިބިގެންދާ ހުސްކަމާ ހުރެ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. މީޒާއަށް ނުރުހެވުނީ ހަމައެކަނި އެކަމާއެވެ.

ޒިވްޔަން އަމިއްލައަށް އޭނަގެ ބަލިހާލަތު ރަގަޅުވުމަށް މިހާރު ބޭނުން ވެއެވެ. އެގޮތުން އޭނައަށް ފަރުވާ ކުރަން ގެނެވުނު ޑޮކްޓާރ ހޫދްގެ އެހީ ފުރިހަމަ ގޮތުގައި ހިފަން އޭނަ ފެށިއެވެ. މީގެ ކުރިން ގެނެވުނު ޑޮކްޓަރުންނާ އަރައިރުންވުމާއި، ރުޅިވެރިކަން ދެއްކުމާއި، ގޮތްދޫނުކުރުމުގެ ސިފަތައް އޭނަ ދޫކޮށްލިއެވެ. ހަމައެއާއެކު ބޭސްތައް ވެސް ބަރާބަރަށް ނަގަން ފެށިއެވެ. އެހެނިހެން މީހުން ފަދައިން ވުމަށް ޒިވްޔަން ގަދައަޅައި މަސައްކަތްކުރިއެވެ. އެހުރިހާ ބަދަލެއް އޭނަގެ ދިރިއުޅުމަށް ގެންނަމުން ދިޔައީ ކޮންމެވެސް އެއްދުވަހަކުން ކަމުގައި ވިޔަސް މައުވާގެ ހިތުން އޭނައަށް ޖާގައެއް ހުސްކުރެވިދާނެކަމުގެ އުއްމީދުގައެވެ. މައުވާގެ ރުހުން ލިބި އޭނަގެ ހުވަފެންތަކުގައި ކުލަޖެހެން ވެސް އެދެވޭތީއެވެ.

*****

''މިއަދު މީރު ރިހަގަނޑެއް ތައްޔާރުކޮށްލީމަ އަސްމާއަށް ދޭން ހިފައިގެން މިއައީ؟، ކޮބާތަ މައުވާ؟...'' އަތުގައި އޮތް ބޯތަށި ކިޗެން ކެބިނެޓް މަތީ ބަހައްޓަމުން މީޒާ ވާހަކަ ދެއްކިއެވެ. އޭރު މެންދުރުގެ ކެއުން ތައްޔާރުކުރަން އުޅުނު އަސްމާ މީޒާއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.

''މިރޭ އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާ ބާއްވާތީ މައުވާ ވީ އެތަނުގެ ކަންތަކުގައި ގޮސް، ހަވީރު އާދެވޭ ވަރުވާނެޔޭ ބުނި... ޒޯހާ ނުދޭތަ؟...'' ފިޔާގަނޑު މީރުކުރަން އުޅުނު އަސްމާ ބުނެލިއެވެ.

''ތިކަހަލަ އެއްޗެކޭ ބުނި ހަނދާން ވެއްޖެ، މިރޭތަ އޮތީ؟، ގައިމު ޒޯ ބުނީ މާދަމާއޭ، ވެދާނެ މަށަށް އަޑުއިވުނު ގޮތް ކަމަށް ވެސް...'' ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލަމުން އޭގައި މީޒާ އިށީނެވެ. ''ކޮން ދުވަހަކުތަ މައުވާ ފުރަނީ؟...''

''ކުރިއަށް އޮތް ހަފްތާގަ ތޫބާގެ ކައިވެންޏަށް ދާ ގޮތަށް އެކޮޅުގަ މަޑުކުރަނީ، މިހާރު ކޯސް ފެށެން ވެސް ކައިރިވެފައެއްނު އޮތީ...'' އަސްމާގެ ވާހަކައިން މީޒާގެ މޫނުން ނުތަނަވަސްކަން ފާޅުވިއެވެ. އޭނަގެ ހިތުގައި ބިރު ހީވެފައި އޮތް ދުވަސް އައިސް ކުރިމަތި ކުރުވަނީއެވެ. ލިބުނު ހާސްކަމާއެކު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހަން ފެށިއެވެ. ޒިވްޔަންއަށް ދެރަގޮތެއް ވާން އޭނަ ނޭދެއެވެ. މިހާރު އެއައިސްފައިވާ ބަދަލުތައް މައުވާ ދިއުމާއެކު ނެތިގެން ހިނގައިދާނެއެވެ. އިހުގެ ހާލަތަށް ޒިވްޔަން އެނބުރި ރުޖޫޢަވާން އޭނަގެ ހިތެއް ނޭދެއެވެ.

''މިޒޫ ކިހިނެއްވީ؟، ހާދަ ކަންބޮޑުވެފެ އިންހެން ހީވެޔޭ...'' މީޒާ ވާހަކަ ނުދައްކައި ގިނައިރުވުމުން އަސްމާ މީޒާއަށް ބަލާލިއެވެ. އޭރު ނުތަނަވަސްކަމެއްގެ ތެރޭގައިވި މީޒާ ގަދަކަމުން ހިނިތުންވާން އުޅުނެވެ.

''ކަމެއް ނުވޭ، މި ވިސްނެނީ ޒިވްޔަންއާ މެދު... ހިތަށް އެރީ ޒިވްޔަން ހާދަ ބޮޑުތަން ރަގަޅު ވެއްޖެޔޭ...'' މީޒާ ބުނެލިއެވެ. ''ކުރިން އެއަންނަ ރުޅިގަނޑު އެތައް ގުނައަކަށް މިހާރު މައިތިރިވެއްޖެ، އެކަމަކު އަދިވެސް އަހަންނަކާ ވާހަކައެއް ނުދައްކާ...''

''އާނ، މަށަށް ވެސް ތިކަންތައް ފާހަކަ ކުރެވެޔޭ، މަށަށް ހީވަނީ މިހާރު ގެނެސްގެން އުޅޭ ޑޮކްޓަރު މޮޅީހެން...'' ހިނިތުންވުމަކާއެކު އަސްމާ ބުނެލިއެވެ. ''އިރާދަކުރެއްވިއްޔާ ރަގަޅުވާނެ...''

މީޒާ އިތުރު އެއްޗެއް ބުނުމެއް ނެތި އަސްމާއަށް ބަހަނާއެއް ދެއްކުމަށްފަހު ދާން އަަވަސްވެގަތެވެ. އަސްމާ ވެސް ކުރަން ހުރި މަސައްކަތުން އަވަސް ރަހުމަތެއްގައި އަވަދިނުވެވޭނެތީ މީޒާ ހުއްޓުވާކަށް ނޫޅުނެވެ.

ކޮމެންޓް 0