ތޫބާ އޭނަގެ ފޯނު އޮންކުރުމާއެކު މާކަ ގިނައިރެއް ނުވިއެވެ. ފުލުފުލުން އަލޫފްގެ ކޯލުތައް އަންނަން ފެށިއެވެ. ތުންއަނބުރާލަމުން ކޮންމެ ފަހަރަކު އޭނަ ފޯނު ކަނޑާލައެވެ. ކޯލުގެ ޒަރިއްޔާއިން ތޫބާއާއި ހަމައަށް ވާސިލު ނުވެވުނު ހިނދު އަލޫފް ދެން ޚިޔާރު ކުރީ މެސެޖިންއެވެ. އޭނައަށް މާފުކޮށްދިނުމަށް އެދިއެވެ. ފޯނުކޯލަށް ޖަވާބު ދިނުމަށާއި ހުރިހާކަމެއްގެ ހަޤީޤަތް ވެސް ހާމަކުރެވޭނީ އޭރުން ކަމަށެވެ. ވައިބާރ އިން ވެސް ފުލުފުލުގައި މެސެޖުކުރަން ފެށިއެވެ. ތޫބާ އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭން ހުރިކަމުގައި ވިޔަސް އަލޫފާ މެދު ފިޔަވަޅުއަޅަން އޭނަގެ ޒަމީރު ބާރުއަޅަމުން ގެންދިޔައެވެ. އަލޫފުގެ ކަންތައް މާމައްޗަށް ނުދަނީހެވެ. މިހާރު ވެސް އެދަނީ އޭނަގެ ބޮލުގައި ވިކަމުންނެވެ. އޭނަ ހޯދަމުން ގެއަށް އައިސްފިއްޔާ ގޭގެ ހަމަޖެހުނ ވެސްް ގެއްލިގެން ދާނެ ކަން ގައިމެވެ.
ތޫބާއަށް ނުވިސްނުނީ އެހާ ވަރުން އަލޫފް އޭނަ ފަހަތުން މާފަށް އެދެމުން އުޅެން ވީ ސަބަބެވެ. އެވެސް ހުރިހާ ސިއްރެއް ބޭޒާރު ވުމަށް ފަހުގައެވެ. ވީފޫއްސެއްގެ ބޮޑުކަމުން އަލޫފް ގުޅުމާއެކު ފޯނު ނަގަމުން ތޫބާ ހަޅޭއްލަވަން ފެށިއެވެ. އެވަގުތު އޭނަ އިނީ ކޮޓަރީގައި އެކަންޏެވެ.
''ކިހިނެއް ވެގެންތަ އަލޫފް ތިއުޅެނީ؟، އިތުރަށް އަލޫފް ނުޖެހޭނެ އަހަންނަށް އެއްވެސް ކަމެއް އެކްސްޕެއިންކޮށްދޭކަށް............ މިއަދު ފެނުނު ކުޑަ ފިރިހެން ކުއްޖާއަކީ އަލޫފްގެ ދަރިއެއްނޫނޭ ބުނެ އޮޅުވާލެވޭނެކަމަށް ހީކުރެވެންޏާ އެއީ ވަރަށް ބޮޑު ކުށްހީއެއް، އަހަންނަށް ވަރަށް ސާފުކޮށް މިއަދު އަލޫފް ހެދި ދޮގުތައް ހާމަވެ ނިމެއްޖެ، ދެން އިތުރަށް އަހަންނާ އަލޫފާ ދެމެދު އޮތް ގުޅުމެއް ކުރިއަކަށް ނުދާނެ، އަޑު އިވިއްޖެތަ؟... ދެން މިނަންބަރަށް ވެސް ނުގުޅާތީ!...'' ތޫބާ ރުޅިވެރިކަމާއެކު ބުންޏެވެ.
''އަހަރެން ނޫޅެމޭ ދޮގު ހަދާކަށް... އާނ އެއީ އަހަރެންގެ ދަރިއެއް، އެކަމަކު މިހާރު އޭނަގެ މަންމައަކާ އަހަންނާ އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެ، އަހަރެން އޭނަ ވަރިކޮށްފިތާ ކޮން ދުވަހެއް، ތޫބާއަށްޓަކައި، ތޫބާއާއެކު އުފާވެރި ހަޔާތެއް ފަށަން ބޭނުންވާތީ... އެއީ އަހަންނަށް އެއްއިރެއްގައި ވެސް މުހިންމުވި ބަޔެއް ނޫން، އަހަންނަށް މުހިންމީ ހަމައެކަނި ތޫބާ، އަހަރެން ހުރީ ރަގަޅު ފުރުސަތެއް ބަލާފައި ތޫބާ ގާތު ހުރިހާ ވާހަކައެއް ހާމަކުރަން، އަހަންނާ ޒޯހާގެ ކައިވެންޏަކީ އެރޭންޖް މެރިއޭޖެއް، ޢާއިލާގެ އުފަލަށްޓަކައި ކުރެވުނު ކައިވެންޏެއް... އެކައިވެނިން އަހަންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތް... އަހަރެން ދުވަހަކު ޒޯހާ ދެކެ ލޯތްބެއް ނުވަން... ޕްލީޒް ތޫބާ، އަހަރެންގެ ވާހަކަތަކަށް އިތުބާރުކޮށްބަލަ، އަހަރެން ލޯބިވަނީ ހަމައެކަނި ތޫބާ ދެކެޔޭ، އައި ނީޑް ޔޫ...''
އަލޫފްގެ ވާހަކައިން ތޫބާ ހުރީ ތުބާނެ އެއްޗެއް ނޭގި ދެލޯ ބޮޑުވެފައެވެ. އަލޫފްގެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނުވާކަން މިރޭ އޭނައަށް ކަށަވަރު ކުރެވިއްޖެއެވެ. އަލޫފް އެވާހަކަތައް އެދެއްކީ އޭނަގެ ހިތްހަމަޖައްސައި ދިނުމަށް އެދި ހެއްޔެވެ؟ ވެދިޔަ ކަންތައް ހަނދާން ނައްތާލާފައި އޭނަ އަލޫފް ގާތަށް ދާނެ ކަމަކަށް ހީކޮށްފައި ހެއްޔެވެ؟ އެމަޤުސަދު ހާސިލުވާނެ ކަމަށް އަލޫފަށް ހީކުރެވެންޏާ އެއީ ވަރަށް ބޮޑު ކުށްހީއެވެ. އަލޫފް އެގެން ގުޅެނީ ކޮންކަހަލަ ވިސްނުމެއް ހެއްޔެވެ؟ ތޫބާގެ މޭނުބައިކުރާ ގޮތް ވިއެވެ. އޭނައަށް ލޯބި ވާން އެނގުނީވެސް އެފަދަ ނުބައި އިންސާނެއްދެކެއެވެ. އެއާއެކު ތޫބާގެ ހިތުގައި ޒޯހާއާ މެދު ހަމްދަރުދީ އުފެދުނެވެ. ކުށްވެރި އިހުސާސްތަކެއް ވެސް ކުރެވުނެވެ. ޒޯހާއާއި އަލޫފްގެ ކައިވެންޏެއް އެޅުނު ހިޔަންޏެއް ކަމުގައި އޭނަ ދެކެވުނު ހިނދެވެ. އެހެނަސް އަލޫފާއި ވަކިވުން އެއީ ޒޯހާއަށް ނޭގުނު ކަމުގައި ވިޔަސް އެއީ ޒޯހާއަށް ލެއްވި ރަހުމަތެކެވެ. އަލޫފް ކަހަލަ މީހަކާ އިނދެގެން އުޅުމަށް ވުރެ ހުސްހަށިބަޔަށް ހުރުންވެސް މާރަގަޅު ވާނެއެވެ. ހައްޓަށް ފަސޭހަވާނެއެވެ. އެހެން އަންހެނަކާއި ގުޅިގެން ދެރައެއް ދޭނީ ކޮން ވަގުތަކު ކަމެއް ވެސް އެނގެނީކީ ނޫން ވިއްޔާ އެވެ. ތޫބާގެ ހިތުގައި ވަކިން ބޮޑަށް އަލޫފާ މެދު ފޫހިކަން އުފެދިގެން ދިޔައެވެ. އިންތިހާއަށް ރުޅިވެސް އާދެވުނެވެ.
''ތީ ކޮންކަހަލަ ވިސްނުމެއް ގެންގުޅޭ މީހެއްތަ؟، ޗީ.... ތިކަހަލަ މީހަކު ދެކެ ލޯބި ވެވުނީތީ އަހަރެން މިހާރު ހިތާމަކުރަން، އެހެން މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްލާފައި އުފަލުގައި އުޅޭވޭނެކަމަށްތަ އަލޫފް ތިހީކުރަނީ؟، އަލޫފްގެ ދަރިފުޅާ މެދު އެއްފަހަރުވެސް ވިސްނާލިންތަ، އެކުއްޖާއަށް ލިބޭނެ ދެރައާމެދު، ތިކަހަލަ ބައްޕައެއް ލިބުން އެއީ އެކުއްޖާގެ ބަދުނަސީބު، މިއަދު އަހަރެން ޝުކުރުވެރިވަން ވަގުތު ފާއިތުވުމުގެ ކުރިން އަލޫފްގެ ހަޤީޤީ ސޫރަ އަހަންނަށް ފެނުނުކަމަށްޓަކައި، އެހެންނޫންނަމަ މިއަދު ޒޯހާ އެހުރި ހާލުގައި ހުންނާނީ އަހަރެން ކަންނޭގެ... އަލޫފްގެ ސަބަބުން އަހަރެންގެ ނަން ޒޯހާމެންގެ ކުރިމަތީގައި ވެއްޓިގެން ދިޔައީ... އަހަރެންގެ ހިތް ބަދަލުވެއްޖެ، ދެން މިހިތް އަލޫފަށް ބަލާލަން ވެސް ނޭދޭނެ، އައި ހޭޓް ޔޫ!... އައި ޖަސްޓް ހޭޓް ޔޫ!!! ބުނަން، ދެން މިނަންބަރަށް ގުޅައިފިނަމަ ހެރޭސްމެންޓް ކޭސްއެއް ޕޮލިހަށް ރިޕޯޓް ކުރާނީ!...'' ހިތަށް އަރާފައިބަން ފެށި ޝުއޫރުތައް ތޫބާ ބޭރުކޮށްލިއެވެ. އަދި އަލޫފަށް އިތުރު ބަހެއް ވެސް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި ފޯނު ކަނޑާލިއެވެ. އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވެއެވެ. އަލޫފަށްޓަކައި އެލޮލުން ކަރުނަ އޮހުނީތީ ތޫބާ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެފިރިހެނާގެ ހަނދާންތައް ވަގުތުން ހިތުން ނެރެ އެއްލާލިއެވެ. ދެން ދުވަހަކު އަލޫފާ ބައްދަލުނުވުމަށް އެދޭ ހާލުގައެވެ.
ފޯނަށް ބަލަން ހުރި އަލޫފްގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ލޮލުގެ ކަނުން ހަލުވިކަމާއެކު ފޭބި ކަރުނަތިކި ގޮސް ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ހަށީގައި އުފެދިގެން ދިޔަ ހައިޖާންގަނޑާއެކު އޭނަގެ ދެލޯ އަނެއްކާ ވެސް ކަރުނުން ފުރި ބަންޑުންވެގެން ދިޔައެވެ. ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން ހުރުމަށް ފަހު އަލޫފް އަނެއްކާ ވެސް ތޫބާގެ ފޯނަށް ގުޅިއެވެ. އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އަލޫފަށް ކޮޓަރީގައި ހުރި ސޯފާއަށް ތިރިވެވުނެވެ. މޭގެ ތެރޭގައި ހިތް ފިތެމުންދާ ފަދަ ނުބައި އިހުސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. ތޫބާގެ ޖުމްލަ އޭނަގެ ހިތަށް ހެރިފައިވަނީ މިޔަ ތޫނު ވަޅިއެއްގެ ސިފައިގައެވެ. މިއިން ދުވަހަކު އިހުސާސް ނުކުރެވޭ ފަދަ ފުން ވޭނެއް ހިތުގައި އަޅަން ފެށީ ކުއްލިޔަކަށެވެ. ބަރުދާސްތުނުކުރެވޭހާ ވިއެވެ. އޭނައަށް މޭގައި ދެތިން ފަހަރު ފިރުމާވެސް ލެވުނެވެ. ނޭވާލާން ވެސް އުނދަގޫކަމަކަށް ވެއްޖެއެވެ. އަދިވެސް އޭނަގެ ލޯބި ބީވެއްޖެކަން ޤަބޫލުކުރަން އަލޫފަށް ވަނީ ދަތިވެފައެވެ. އެހުރިހާކަމެއް އޭނައަށް ހަޖަމެއް ނުކުރެވުނެވެ. ވާނީ ވެސް ކިހިނެއް ހެއްޔެވެ؟ އެއީ އޭނަގެ އަލަތު ލޯބި ވިއްޔާއެވެ. ތޫބާގެ ރުޅިވެރި ބަސްތަކުން އޭނަގެ ރޫހަށް ސިހުން ގެނުވައިފިއެވެ. އަދިވެސް ތަކުރާރުވަމުން ދަނީ އެޖުމްލަތަކެވެ. އޭނައަށް ރޮވެނީ އެސަބަބާ ހުރެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަ ތޫބާ ހާސިލުކުރާނެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ހެވެވެ.
''އެޒޯހާގެ ސަބަބުން މިހުރިހާ ކަމެއް މިވީ، އެސުންޕާ ބޭނުންވި ގޮތް މީ، ބްލަޑީ ބިޗް!...'' ކުއްލިޔަކަށް އަލޫފްގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ދެދަތްޕިލަޖައްސާ ބާރުކޮށްލަމުން އޭނަ ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ. އައި ގަދަ ރުޅީގެ ސަބަބުން ދެލޯ ރަތްވެ އަނގުރު އަލިފާން ކޮޅަކަށް ވެއްޖެއެވެ.
ނިއަމްއަށް ކާން ދޭން އުޅުނު ޒޯހާގެ ކަންފަތުގައި ފޯނުގެ ރިންގްގެ އަޑު ޖެހުމުން ހައިރާންކަމާއެކު ފޯނު އޮތް މޭޒާ ދިމާއަށް ބަލާލިއެވެ. މިގަޑީގައި ގުޅާނީ ކާކުބާއޭ ހިތުގައި ސުވާލު އުފެދިފައި ހުރި ޒޯހާ ގޮސް އޭނަގެ ފޯނު ނެގިއެވެ. އެއާއެކު އޭނައަށް ފޯނަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.
''އަލޫފް؟، ކީއްކުރަން އޭނަ މި ގުޅަނީ، އަނެއްކާ މިއަދު ވީ ކަންތަކުންބާ؟.......'' ޒޯހާއަށް ހިތާހިތުން ބުނެވުނެވެ. ފޯނު ނުނަގަން ހުރެފައި ވެސް އޭނަ ފޯނު ނެގީ ދެފަހަރު އަލޫފް ގުޅީމައެވެ.
''ކަލޭ ބޭނުންވި ގޮތަށް ކަންތައް ވެއްޖެ އެއްނު، ކަލޭ ޕާޓީއެއް ވެސް ބާއްވަން ޖެހޭ ވަރުގެ ކަމެއްނު ކަލެއަށް ކުރެވުނީ، ބޮޑު ނޮހޮރޮއްޕާނެކޭ، މަ އެބަދަންތަ ކަލޭގެ ޒާތީ ކަންކަމާ ބެހެމުން، ކަލޭ ކުރާހާ ކަމަކަށް ބޯކޮއްޕަމުން، ބަލަ އަހަރެން މިހުރިހާ ދުވަހު ކަލެޔާ އިނދެގެން ހުރި ކަމާމެދު ވެސް ޝުކުރުކޮށްބަލަ، މީހާގެ ފެންވަރު އޮޅި މަގޭ ދިރިއުޅުމާ ކުޅެން އުޅެފިއްޔާ ކަލެއަށް ރީއްޗެއް ނުވާނެ ކަން ހަނދާން ކުރާތި......'' އަލޫފް ޒޯހާއާ ދިމާއަށް ހަޑިހުތުރުބަހުން މުޢާމަލާތް ކުރަން ފެށުމާއެކު ޒޯހާގެ ކަންފަތަށް ގުޅަދާނަ ނުވެގެން އޭނަ ފޯނު ކަނޑާލިއެވެ. މިއަދު ރެސްޓޯރެންޓުން ފެނުނު މަންޒަރުން އޭނަ ދެރަވެފައި ހުއްޓާ ކަންފަތަށް އިވުނު ބަސްތަކާ ހުރެ އަލޫފްދެކެ ވީ ފޫއްސެއްގެ ބޮޑުކަން ބަޔާނެއް ވެސް ނުކުރެވޭނެއެވެ. ފަސާދަ ވެފައިވާ އެދުލާއި އަތުގެ ނުބައިކަމުން އޭނަ މިންޖުވިކަމަށް ޓަކައި ޒޯހާ ޝުކުރެވި ވިއެވެ.
''ނަސީބެއް އެކަހަލަ މީހެއްގެ ގާތުން ވަރިވެވުނުކަން ވެސް، އަހަންނާއި ނިއަމްއަށް މާ އުފާވެރި ދިރިއުޅެއް ލިބޭނެ އޭނައާއި ނުލާ ވެސް، ދެން އަހަންނެއް ޝަކުވާއެއް ނުކުރާނަން....'' ޒޯހާ ހިތާހިތާ ބުންޏެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން އޭނަގެ މަސައްކަތަށް އެނބުރި ރުޖޫއަ ވެއްޖެއެވެ.
*****
އައިސްފައި ހުރި ގަދަ ރުޅީގައި އަތުގައި އޮތް ފޯނު އަލޫފް ޖެހީ ބިމަށެވެ. އެއާއެކު އެއޮތް އަގުބޮޑު ފޯނު ވިސްވިސްވެގެން ދާން ގިނަ އިރެއް ނުނެގިއެވެ. ދެންވެސް އޭނަގެ ރުޅިގަނޑު ފިނިވިކަމަކަށް ނުވިއެވެ. ދާހިތްލައި މީހާ ފޯވާން ފެށުމުން ގަމީހުގެ ގޮށްފަށުގައި ހިފާ ދަމައިގަތްގަތީނުން ގޮތްތަށް މިނިވަންކަމާއެއް ކޮޓަރީގެ ތެރެއަށް އުދުހިގެން ދިޔަ އެވެ. ގަމީސް ބާލަމުން އަތުގެ ކޮޅަށް ހޫރާލުމަށްފަހު ގޮސް އަލޫފް ބެލްކަނިއަށް ނިކުތެވެ. ސިކުނޑިއަށް ލިބިފައިވާ ހާސްކަން ކަނޑުވާލުމުގައި ހަށިގަނޑުގައި ފިރުމާލަން ފެށި ނަލަނަލަ ރޯޅިތަކަށް ވެސް ކާމިޔާބެއް ނުލިބުނެވެ. ބެލްކަނީގައި ހުރި ކުޑަ މޭޒުމަތީ އޮތް ސިނގިރެޓު ފޮށި ނަގަމުން އޭނަ ސިނގިރެޓެއް ރޯކޮށްލިއެވެ. ފުލުފުލުފައި ފަސް ސިނގިރެޓު ހުސްކޮށްލެވުނު އިރުވެސް އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. ތޫބާ އަނބުރާ އޭނަގެ މިލްކަކަށް ނުވަނީސް ދެން އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
*****
މިދުވަސްކޮޅު ޒުލްފާ އުޅެނީ މައުވާއާއި ޖައްސާލާފައެވެ. ހީވަނީ މައުވާއާއި ދެކޮޅަށް ފިނި ހަނގުރާމައަކަށް ނިކުމެފައިވާ ހެންނެވެ. ދިޔާނާ ފެންނަ ހިސާބުގައި ނުހުންނަ ވަގުތުތަކުގައި އޭނަގެ ނުރުހުމުގެ ގޮވެލިފަތި މައުވާއާ ދިމާއަށް އުކައެވެ. ނުވީތާކަށް ކުރީ ދުވަހު ދިޔާނާ ބޭރަށް ދިޔަ ދަނޑިވަޅު ބަލާފައި މައުވާއާއި ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާލިއެވެ. ޝިއާފާ ދުރުން ހުރުމަށް ވަރުގަދަ އިންޒާރެއް ވެސް ދިނެވެ. ޒުލްފާ އެހުރިހާ ކަމެއް ކުރީ އޭނަގެ އެދުރު ޝަކީލާ ނަގައިދިން ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށެވެ. އެދުވަހު މައުވާއަށް ކެތްނުކުރެވިގެން ޒުލްފާއާ ދިމާއަށް އެއްޗެއް ބުނެވުނީ އޭނަގެ ހިތަށް ތަދުވި ވަރުންނެވެ. ފަހަރެއްގައި ވެސް ބޮޑެތި މީހުނަށް ޤަދަރުނުކުރާތީއެއް ނޫނެވެ. ނަމަވެސް އެދުވަހު މައުވާ ލޭބަލް ވެގެން ދިޔައީ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް ކުއްޖެއްގެ ގޮތުގައެވެ.
މާދަމާއަކީ ހުކުރު ދުވަހަށް ވުމުން ގަދަޔަށް ކައްކާލަން ބޭނުންވާތީ ދިޔާނާ ދިޔައީ ބާޒާރުކޮށްލުމަށެވެ. އޭނައާއެކު ތޫބާ ވެސް ދިޔައެވެ. މައުވާ ބޭރުތެރެއަށް ނިކުމެ އުޅެން ބޭނުން ނުވާތީ އޭނަ މަޑުކުރީ ގޭގައެެވެ. ޝިއާފް ވެސް މިފަހަކަށް އައިސް ލޮލަށް ދައްކާނުލާތީ މައުވާ ހުންނަނީ ފިކުރެއްގެ ތެރޭގައެވެ. ފާޅުނުކުރިޔަސް އެސޫރަ ދެކެން އޭނަ ބޭނުމެވެ. ކިތަންމެ ފަހަރު ދެވަނަ ފުރުސަތެއް ދޭން އޭނަގެ ހިތް އެދި ގޮވައެވެ. އެހެނަސް މިހާރު އަމާނީގެ އިތުރުން ޒުލްފާ ވެސް ވެފައި ވަނީ އޭނަގެ ވިސްނުމަށް ހުރަސް އަޅުމުން ދިޔަ ހިޔަންޏަކަށެވެ. އެއާއެކު މާޔޫސް ކަމުގެ ވިލާތަކުން މައުވާގެ ދުނިޔެ ކުރިއަށް ވުރެ ބޮޑަށް ބަނަކޮށްލިއިފިއެވެ. އެއްވެސް ގޮތަކުން އޭނައަށް ޝިއާފް ލިބުމުގެ ނަސީބެއް ލިބިފައި ނުވެއެވެ. އެލޯތްބަކީ އޭނައަށް ލިބުނު ވަގުތީ އުފަލަކަށްވެ ނިމިއްޖެއެވެ. އެލޯބި ހިތުުން ފޮހެލުމަށްފަހު ކުރިއަށް ދިއުން ނޫން ގޮތެއް އޭނައަކަށް ނެތެވެ. އެހެންނޫންނަމަ އިތުރު އަނިޔާތަކެއް ނޫނީ އެހިތަށް ނުލިބޭނެއެވެ.
މައުވާ ކާކޮޓަރިއަށް ވަންއިރު ޝަކީލާ އާއި ޒުލްފާ ތިބީ ވާހަކަ ދައްކާށެވެ. މައުވާ ފެންނައިރަށް ޒުލްފާގެ މޫނު ބަނަވެގެން ދިޔައެވެ. ތުންއަނބުރާލަމުން އޭނަ މައުވާއާއި ދިމާއަށް ލޯއަޅާލިއެވެ. އެއްވެސް ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި މައުވާ ގޮސް ފުރިޖު ހުޅުވާލިއެވެ. އަދި އޭގައި އިން ބެލެކް ފޮރެންސްޓް ކޭކުން އެތިކޮޅެއް ކަފާލުމަށްފަހު ތަށްޓަކަށް ލައިގެން ބަދިގެއިން ނިކުންނަން ހިނގައިގަތެވެ.
''އުމުރުން އަދި އަށާރަ އަހަރު ވީކީއެއް ވެސް ނޫނޭ އެކަމަކު މީނަ އެބަޖެހޭ ބޮޑެތި ފިރިހެނުން ފަހަތުން ދުވަން، މީހުން ބުނެއެއްނު ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއޭ، އޭގެ ހެދިހުރި މިސާލެއް އެހެރަދަނީ، އޭނަގެ މައިންބަފައިން ކިޔަވަން ފޮނުވީމަ ކުރަން އެނގުނުހާ ވެސް ކަމަކީ ތިއްތިދެއްކެމުން ތިމާއަށް ވުރެ ބޮޑެތި ފިރިހެނުން ފަހަތުން ދުވަން، ކީކޭ ދެން ބުނާނީ، ރަގަޅު ތަރުބިއްޔަތެއް ވެސް އޭނަގެ މަންމައަށް ދޭން ނޭގުނީމަތާ އެހެން ވާނީ، ހާދަ ފޫއްސެއްވެޔޭ... މިހާރު މިއުޅޭ މީހުނަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ ވާނެ، ސޯޅަ އަހަރުގަ ބަނޑުބޮޑު ވިޔަސް އެމީހުނަކަށް މައްސަލައަކަށް ނުވޭ... ޔޫރަޕު ސްޓައިލަށް ވިއްޔަ އުޅެން ޖެހިފައި ވަނީ... ލަދުން ބޯހަލާކު... އަދި ކުރީ ދުވަހު މަ އެއްޗެހި ކިޔަން ފެށީމަ މަށާ ދިމާއަށް ވެސް ދެތިން ބަސް ބުނެލާފައޭ އެހެރީ، ބޮޑެތި މީހުންނަށް ޤަދަރުކުރަން ވެސް ދަންނަނީއެއް ނޫން... ހުއް...... އެކަލޭގެ މަށާ ކުޅެން އުޅެފިއްޔާ ހޭއަރުވާލާނަން.......'' ޒުލްފާ ގަސްދުގައި ބާރަށް ވާހަކަ ދެއްކީ މައުވާއަށް އަޑު އިއްވުމުގެ ނިޔަތުގައެވެ.
''އާނ ތިބުނީ ހަމަ ތެދެއް، މިއުޅޭ ރާއްޖެތެރޭ މީހުން ލައްކަ މޮޅުވާނެ ކިޔަވަން މާލެ އައިސް ބޮޑެތި ޖަރީމާތައް ހިންގަން، މިބިލްޑިންގްގެ ދެވަނަ ފްލޯރގަ އުޅޭ މަންޖެއަކު ވެސް އިހަށް ދުވަހު ބަނޑުބޮޑުވެގެން އެގެއިން ނެރެލައިފި، އަދި އިނގޭތަ ކާކާ އެކުކަން އޭނަ އެގުޅުން ހިނގައިގެން އުޅުނީ، މިތާ ކަންމަތީ އުޅޭ ޕާޓޭ އަކާ... ޕިސް ޕިސް، މަ ހުރީ ބުނާނެއެއްޗެއް ނޭގިފަ'' ޝަކީލަ އޭނައަށް އިވުނު ޚަބަރު ހޫނު ކަމާއެކު ޒުލްފާއަށް ކިޔައިދިނެވެ. ކިޔައިދިންއިރުވެސް އެއަށް އަމިއްލަވާހަކަތައް އިތުރު ކޮށްގެންނެވެ.
''ނާހަމަ ތެދެއްތަ، ކީކޭ ދެން ބުނާނީ، މިހާރުގެ އަންހެންކުދިންގެ ހާލަތު...'' ޒުލްފާ ދެލޯ ބޮޑުކޮށްލިއެވެ.
މައުވާ ތުންފިއްތާލައިގެން ހުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އޭނައާ މެދު ޒުލްފާމެން އެދެކެނީ ހާދަ ދަށުދަރަޖައިގެ ނަޒަރިއްޔާތަކުންނެވެ. އިންތިހާއަށް ދެރަވެ ހިތުގައި ޖެހުނެވެ. ދެލޯވެސް ފެންކަޅި ވިއެވެ. އޭނައަކީ އެފަދަ އަންހެންކުއްޖެއް ނޫނެވެ. އޭނަގެ މަންމަ ވަނީ އޭނައަށް ހެވާއި ނުބައި ރަގަޅަށް ދަސްކޮށްދީ ދުނިޔޭގެ މާހައުލަށް ލޯހުޅުވާފައެވެ. ހަމަހޭގައި ހުރެ އެފަދަ ކަތި ފިޔަވަޅެއް އޭނަ ނާޅާނެއެވެ. އިންތިހާއަށް ލޯބި ވިކަމުގައި ވިޔަސް އެވެ. ކިތަންމެ ފަހަރަކު ޝިއާފްގެ ވިޔާނުދާ އުޅުން ޒުލްފާއަށް ހާމަކޮށްފާނަމޭ މައުވާގެ ހިތަށް އެރިއެވެ. އެހެނަސް ގޭތެރޭގެ މަސްލަހަތު ގޯސް ވެދާނެތީ މައުވާ އެހުރިހާކަމެއް ހަޖަމުކޮށްލީއެވެ.
ބާރަކަށް ހިނގަމުން ދިޔަ މައުވާ ސިއްސައިގެން ދިޔައީ އޭނަ ގޮސް ޝިއާފްގެ ގައިގައި އަޅައިގަތުމުންނެވެ. ޖެހުނުލެއް ބާރުކަމުން އަތުގައި އޮތް ތަށިވެސް ދޫވެ އޭނަ އަރިއަޅާލައިފިއެވެ. ހަމަ އެވަގުތު ޝިއާފް މައުވާ ވެއްޓުނަ ނުދީ ސަލާމަތް ކޮށްދިނެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން މައުވާ ޝިއާފްގެ އަތުގެ ތެރޭގައި އޮތްއިރު ޝިއާފްގެ ގަމީސް ވަނީ މައުވާގެ އަތަށް ބޮނޑިކޮށްލެވިފައެވެ. އެތައް ދުވަހަކަށް ފަހު އެހާ ގާތުން ޝިއާފްގެ އަތުގެ ބީހުމާއި ހޫނުކަން އިހުސާސް ކުރެވި މައުވާގެ ހިތް އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ. ލަސްލަހުން ލޯހުޅުވާލެވުނު ހިނދު ޝިއާފްގެ ކަންބޮޑުވެފައިވާ ނަޒަރު އެމޫނަށް ހުއްޓިފައިވާތަން ފެނި މެޔަށް ފިނިވެގެން ދިޔައެވެ. އަދިވެސް އެދެލޮލުގައި އެވަނީ ފުރަތަމަ ދުވަހުން އޭނަ މޮޔަކޮށްލި ވިދުވަރެވެ.
މައުވާއާއި ޝިއާފް ސިއްސައިގެން ދިޔައީ ޒުލްފާގެ އަޑަށެވެ.
''ބަލަ މައުވާގެ ދެލޯ ހުންނަނީ ކީއްކުރަންތަ؟، ޝިއާފްގެ ގަމީހޭ އެޚަރާބުކޮށްލީ، ދެލޯހުޅުވައިގެން ހިނގަން ދަސްކުރަން ވެއްޖެއެއްނު...'' ފެނުނު މަންޒަރެއްގެ ސަބަބުން ޒުލްފާގެ މޫނު އިހުނަށްވުރެ އަނދިރިވެއްޖެއެވެ. އޭނަ މައުވާއަށް ބަލަން ހުރީ އަލިފާނުގެ ބަލައިލުމަކުންނެވެ.
އަވަސްއަވަހަށް މައުވާ ޝިއާފާ ދުރަށް ޖެހިލިއެވެ. ޝިއާފްގެ ގަމީހުގައި ކޭކުގެ ސަބަބުން ބޮޑުތަންގަނޑެއް މިލަވެފައިވާކަން ވެސް އޭނައަށް ފާހަގަ ކުރެވުނީ ދެނެވެ. މަޢާފަށް އެދެމުން އޭނަ އަވަސް ވެގަތީ ތަޅައިގެން ދިޔަ ތަށީގެ މުށިކޮޅުތައް ނެގުމަށެވެ. މައުވާއަށް އެހީވެ ދިނުމަށް ޝިއާފް އުޅުމާއެކު ޒުލްފާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
''ބަލަ ޝިއާފް އޭނައަށް އެހީވަނީ ކީއްކުރަން، އޭނަ އަމިއްލައަށް ހޭވި ހަޑިއެއް ސާފުކުރާނީ އޭނަ!... ދެން ވެސް ތިތާ ނުހުރެ ދޭބަލަ ތި ގަމީސް ބަދަލުކުރަން...'' ހަރުކަށިކަމާއެކު ޒުލްފާ އިއްވާލިއެވެ. މަންމަގެ ޖުމްލައިން ޝިއާފް ނުރުހުންވިއެވެ.
ޒުލްފާއަށް ސަމާލުކަމެއް ނުދީ ޝިއާފް މައުވާއަށް އެހީ ވާން އުޅުމާއެކު މައުވާ ޝިއާފާ ދިމާއަށް ލޯއަޅާލިއެވެ. އެބަލައިލުމުގައިވި ދިލަ ހޫނުކަމުން ޝިއާފަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެތަނުން ދާން އަވަސްވެގަތީ މޫނަށް އަރާފައިބަން ފެށި ޝުއޫރުތައް ސިއްރުކުރުމެގެ ބޭނުމުގައެވެ.
''މަށަށް އެނގެޔޭ ކަލޭ ގަސްދުގަ ކުރިކަމެއްކަން އެއީ، މީހަކު ފެނި ދެން ކަލޭގެ ހޭބުއްދިފިލިޔަސް ތީދެން ބޮޑުވަރު... ބުނަން މައުވާ، ކަލެއަށް ރަގަޅަކަށް މަމިބުނީ ޝިއާފާ ދުރުން އުޅޭށޭ، އެހެންނޫނީ މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެ...'' މައުވާއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒުލްފާ ދަތްތަކަށް ބާރުލަމުން ބުނެލީ މައުވާއަށް އަޑުއިވޭ ވަރަށެވެ.
މައުވާ އަތްމަތި އަަވަސްކޮށްލިއެވެ. އަދި ޓައިލްސް މައްޗަށް ވެއްޓުނު ކޭކު ސާފުކޮށްލުމަށްފަހު މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށް ދިޔުމަށެވެ. ކޮޓަރީގެ ދޮރުލައްޕާލެވުމާއެކު އޭނައަށް ދޮރުގައި ބުރަކަށި ޖައްސާލެވުނެވެ. ލަމުން ދިޔަ ފުންނޭވާތަކާއެކު އޭނައަށް ރޮވުނީ ކުއްލިޔަކަށެވެ. އޭނައަށް ހުރި ދިމާއަށް ތިރިވެވުނެވެ. ޒުލްފާގެ ރަހުމެއް ނެތް ބަސްތަކުން އޭނަގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ރޮވުނީ އެސަބަބާ ހުރެއެވެ. ޒުލްފާއާއި ޝިއާފް ފެންނަ ހިސާބަކަށް ވެސް ނާންނަން މައުވާ އަމިއްލަ ނަފުސަށް އެވަގުތު ވަޢުދު ވިއެވެ.
''ޝިއާފްގެ ސަބަބުން އަހަރެންގެ ބޮލުގައި މިއެޅެނީ ކޮންފަދަ ހުތުރު އިލްޒާމުތަކެއް... ކީއްވެތަ ނަފްރަތުކުރަން ބޭނުންވިޔަސް މިހިތް ޝިއާފަށް އެދެނީ؟... އެހާބޮޑު ހިތްދަތިކަމެއް ދިންއިރުވެސް ޝިއާފަށް މާފް ދޭން ބޭނުން ވަނީ؟، އަހަރެންގެ ބޯ ގޮވާ ހިސާބަށް ކަންތައް މިދަނީ....''' މައުވާއަށް ރޮވިފައިވާ އަޑަކުން ބުނެވުނެވެ.