''ތޫބާ... މަޑުކޮށްބަލަ!...'' އަލޫފް ހުރީ ދޫދޭ ފަދަ ވިސްނުމެއްގައެއް ނޫނެވެ. ތޫބާ މިވަގުތު ދިއުމުގެ ފުރުސަތު ދީފިއްޔާ ދެން ދުވަހަކުވެސް ނުފެންނާނެ ކަމުގެ ބިރުން މުޅި މީހާ ވަނީ ހާސްކޮށްލާފައެވެ. ހީވަނީ އޭނަގެ ކަރަށް ދަން މަޅިއެއް މަހާފައި ވާހެނެވެ. އޭގެ ވާންކަމާ ހުރެ ހިނދުރީގައި ނޭވާ ވަނީ ތާށިވެފައެވެ.
އަލޫފް ބާރަށް ދުވެލާފައި ގޮސް ތޫބާގެ އަތުގައި ހިފިއެވެ. އަލޫފްގެ އެ އަމަލުން ސިހިގެން ދިޔަ ތޫބާ އަވަސްވެގަތީ އޭނަގެ އަތް މިނިވަން ކުރުމަށެވެ. އަލޫފްގެ ބީހުންތަކަށް އުފަލާއެކު އިޖާބަ ދިން ތޫބާއަށް މިއަދު ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އަލޫފުގެ އަތުގެ ބީހުން އޭނައަށް އިހުސާސްކުރެވިގެން ދިޔައީ ވިހަގަދަ ސޫތްޕެއްގެ ސިފައިގައެވެ.
''އަތުން ދޫކުރޭ...'' ތޫބާ ގަދަ ހަދަމުން ދިޔަ ކަމުގައި ވިޔަސް އޭނަގެ މަޤުސަދު ހާސިލުވާ ގޮތެއް ނުވިއެވެ. އަލޫފް އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރީ ނުހަނު ބާރަށެވެ. އޭގެ ސަބަބުން ތޫބާއަށް ތަދުވެސް ވިއެވެ.
''އައި ކޭން އެކްސްޕްލެއިން...'' އަލޫފް ބުންޏެވެ.
''ދެން އިތުރަށް ކޯޗެއް އެކްސްޕްލެއިންކޮށްދޭން އޮތީ؟، އަހަންނަށް ހުރިހާ ކަމެއް ވެސް ސާފުވެއްޖެ، އެއީ އަލޫފްގެ ދަރިއެއް ނޫންތަ؟، އެއަންހެން މީހާ އެއީ އަލޫފްގެ އަނބިމީހާއެއް ނޫންތަ؟... އަދިވެސް އަލޫފް ތިއުޅެނީ ހެދުނު ދޮގުތައް މަދުވެގެންތަ؟، އަލޫފް ބުނި ކޮންމެ އެއްޗަކަށް ލޯމަރާލައިގެން ހުރެ ޓްރަސްޓް ކުރެވުނީ ވެވުނު ލޯތްބެއްގެ ސަބަބުން... އެކަމާ މިއަދު އަހަރެން އަމިއްލަ ނަފުސު ދެކެ ރުޅިއާދޭ... ދެން އަހަންނެއް ތި ދުލުން ބުނާ އެއްވެސް އެއްޗަކަށް އިތުބާރެއް ނުކުރާނަން!... އަލޫފްގެ ސަބަބުން އަހަރެންގެ ބޮލުގައި އެޅުނީ ކޮންފަދަ އިލްޒާމެއްތަ؟.... މީހެއްގެ ފިރިއަކަށް ވެހުރެ........'' ތޫބާގެ އަޑުކުރެހިގެން ދިއުމުން އޭނަގެ ވާހަކަތަށް ހުއްޓުމަކަށް އަތުވެއްޖެއެވެ. އޭނަގެ ދެލޯ ފުރެމުން އައި ކަރުނަތައް ފައިބަންފެށީ އިންޒާރަކާ ނުލައެވެ. މުޅި އުމުރު ދުވަހު ކަރުނަ އޮއްސިޔަސް އެހިތާމަތަކަށް ލުޔެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.
''ޖަސްޓް ލިސިން ޓު މީ...'' އަލޫފް އެދުނެވެ. އޭނައަށް ދެން ހަމަޖެހުމެއް ވެސް ލިބޭނީ ތޫބާ ރުއްސައިގެންނެވެ. ގިނަ ބަޔެއްގެ ނަޒަރު ދެޒުވާނުނަށް ހުއްޓެން ފެށުމުން އަލޫފް ހިނގައިގަތީ އޭނަގެ ސައިކަލު ޕާކުކޮށްފައި ހުރި ދިމާއަށެވެ. އޭރު ތޫބާ ނުދާން ގަދަހަދަމުން ދިޔައެވެ.
''ދޫކުރާށޭ ބުނެފީމެއްނު، އަހަރެންގެ އަތުގައި ހިފުމުގެ ހައްޤެއް އަލޫފަކަށް ލިބިގެން ނުވޭ، މިބުނީނު ދޫކުރާށޭ... އަލޫފް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫނޭ ބުނާނީ ކިތައް ފަހަރު... ބަލަ މަމިބުނާ އެއްޗެއް އަޑެއް ނީވޭތަ!... ހަޅޭއްނުލަވަނީސް އަހަރެންގެ އަތުން ދޫކުރޭ...'' ސަލާމަތުން އޮތް އަތުން ކޯތާފަތް ފޮހެލަމުން ތޫބާ އިންޒާރެއް ދިނެވެ. ވޭނާއި ހިތާމައާއެކުވެ ރުޅިވެރިކަންވެސް ތޫބާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އަލޫފް ހުރީ އޭނަގެ ގޮތުގައެވެ. ތޫބާގެ އަތުން ދޫކޮށްލުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ތޫބާ ގަދަ ހަދަމުން ދިޔުމުން ނަތީޖާއަކަށް ވީ އަލޫފް ގާތަށް ރުޅިއައުމެވެ.
''އަހަރެން ދައްކާ ވާހަކަ ނުނިމެނީސް ތޫބާއަކަށް ނުދެވޭނެ...'' ހަރުކަށިކަމާއެކު އަލޫފް އިއްވާލިއެވެ. އަލޫފްގެ ރުޅިގަނޑު ފެނި ތޫބާ ބިރުގަންނަ ގޮތް ވިއެވެ. އޭނައަށް އަލޫފުގެ އެސިފަ ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެހެނަސް އަލޫފްގެ ކުރިމަތީގައި ބަލިކަށިވާކަށް އޭނަ ބޭނުމެއް ނޫނެވެ.
ސަލާމަތުގެ އަތަކަށް އެދި ތޫބާ ވަށައިގެން ވި މާހައުލަށް ބަލާލާލަމުން ހަޅޭއްލަވައިގަތެވެ. ކޮންމެ ހާލެއްގައި ވިޔަސް އޭނަ ހުރީ އަލޫފާ ދުރަށް ދާން ބޭނުން ވެފައެވެ. އެސޫރަ ފެންނަ ހިސާބުގައި ހުންނަން ވެސް އޭނަގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. ހުރިހާ ޖަޒުބާތެއް އުތުރިއަރަމުން ގޮސް ތޫބާއަށް އަނެއްކާ ވެސް ރޮވިއްޖެވެ.
ތޫބާގެ ނަސީބު އޭނަގެ އަތުގައި ހިފިއެވެ. އެމީހުނާއި ތަންކޮޅެއް ދުރުގައި ސައިކަލެއްގެ މަތީގައި ފޯނުން ވާހަކަ ދައްކަން އިން ޒުވާނަކަށް ތޫބާގެ އަޑު އިވި އެދިމާއަށް އަންނަން ފެށިއެވެ. އޭރު ވެސް ތޫބާ ދިޔައީ އަލޫފްގެ އަތުގެ ތެރޭން އޭނަގެ އަތް މިންޖުވޭތޯ ބޭކާރު މަސައްކަތް ކުރަމުންނެވެ. ތޫބާއަށް އަވަސް ހިނގުމެއްގައި އެދިމާއަށް އަންނަމުން ދިޔަ ޒުވާނާ ފެނުނު ހިނދު އުއްމީދުގެ އޮއެވަރެއް އެދެލޮލުން ފާޅުވިއެވެ.
ޒުވާނާ އައިސް ތޫބާ މެންނާއި އަރާހަމަކުރަމުން ތޫބާގެ އަތުން ދޫކޮށްލުމަށް އަލޫފް ގާތު އެދުނެވެ. އެއާއެކު އަލޫފް އެޒުވާނާއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ.
''ކިހާ ބޮޑު ބަލާއެއް... ކަލޭގެ ޒާތީ ކަންކަމުގެ ތެރެއަށް އަހަރެން ބޯކޮއްޕަމުން އެބަ ދުވަންތަ، ހޭއަރުވާނުލަނީސް މިތަނުން ރައްކާވާނެ އުޅޭ!...'' އަލޫފް ބާރަށް ބުންޏެވެ. އޭނަގެ ކަރުގެ ނާރުތައް އޭރު ވަނީ ފުފިފައެވެ. ދެލޮލުގައި ވެސް ރަތްކަމެއް ވެއެވެ.
އެޒުވާނާ ތޫބާގެ މޫނަށް ބަލާލަމުން އަނެއްކާ ވެސް އަލޫފް ގާތު ތޫބާގެ އަތުން ދޫކޮށްލުމަށް އެދުނެވެ. އަލޫފަށް އޭނަގެ ރުޅިގަނޑު މަތަކުރެވޭ ގޮތެއް ނުވިއެވެ. ބަލާކަށް ނުހުރެ އޭނަ އެޒުވާނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލުމަށްފަހު މޭގައި އަތްއަޅާ ދުރަށް ކޮއްޕާލައިފިއެވެ. އަލޫފަށް ކުރެވުނު އަވަސް ހަރަކާތާއެކު ތޫބާގެ އަތް މިންޖުވެގެން ދިޔައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ތޫބާ ދުއްވައިގަތެވެ. އަދި މަގުން ދިޔަ ޓެކްސީއެއް ހުއްޓުވަމުން އެރިއެވެ. ޓެކްސީ ދުއްވާލެވުނީހަމަ ކިރިޔާއެވެ.
*****
އިންޒާރު ދިނުމެއް ނެތި އޮއްސައިގަތް ހިމަފޮދު ވާރެއާއެކު މަގުތައް ހަލަބޮލި ވެގެން ދިޔައެވެ. ކޮންމެ މީހެއްގެ ވެސް ހަރަކާތްތައް އަވަސްވެ އަޒުމަކަށް ވެފައި ވަނީ ވާރޭގެ ޝިކާރައަކަށް ވެ ނިމުމުގެ ކުރިން އެމީހެއްގެ މަންޒިލާ ހަމައަށް ވާސިލްވެވޭތޯއެވެ. ނޫނީ އަސްކަންޏެއްގެ އެހީއެއް ލިބޭތޯއެވެ. ޓެކްސީގައި އިން ތޫބާ އިރުއިރުކޮޅާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ގެންދިޔައެވެ. ގިސްލެވިދާނެތީ ތުންފަތުގައި ބާރަށް ދަތްއަޅާލި އިރު އަޑުތައް އެތެރެހަށީގައި ގައިދުކުރުން އޭނައަށް ވީ އުނދަގޫ ކަމަކަށެވެ. ކޮންމެ ސިކުންތަކު ވެސް އެހަނގުރާމައިގައި އޭނަ ބަލިވެދާނެއެވެ. އަތްދަބަހުގައި އޮތް ފޯނު ރިންގްވަމުންދާ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔަ ކަމުގައި ވިޔަސް ވަށައިގެން ވި މާހައުލަށް ތޫބާއަށް ސަމާލުކަމެއް ނުދެވުނެވެ. ދެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތާމަތައް އެވަނީ ބަރުދާސްތުކުރަން އުނދަގޫވެފައެވެ. އެހާ ބޮޑަށް އިތުބާރު ކުރި މީހާ ވެސް އޭނަ އަނދިރީގައި ބަހައްޓާފައި ވަނީ ހާދަ ވަރަކަށެވެ. މިއަދު އެއަނދިރިކަމަށް އަލިކަމުގެ އަސަރު ފޯރައި ހުރިހާ މަންޒަރެއް ސާފުވެގެން ދިޔަ ހިނދު އެހިތް އެވަނީ ހަލާކުވެފައެވެ. ވޭނާއި ކެކުޅުމުން ފުރި ބާރު ވެފައެވެ.
ޑްރައިވަރު ތޫބާއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން މަސައްކަތް ކުރިކަމުގައި ވިޔަސް އެކަން ވެސް ވީ ނާކާމިޔާބެވެ. ތޫބާ ހަމަ އެއިން ގޮތަށް ބަހެއް ވެސް ބުނެނުލި ތާނގައި ހަރަކާތެއް ވެސް ކޮށްލީކީ ނޫނެވެ. ދާންވާ މަންޒިލާ ހަމައަށް ދެވުނުކަން ވެސް ތޫބާއަށް ރޭކާލީ ޑްރައިވަރު ކިތައް ފަހަރު ގޮވާލުމުން ކަމެއް ވެސް ނޭގުނެވެ. ސިހިގެން ދިޔަ ތޫބާއަށް ވަށައިގެން ވި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އޭރު ކާރުގެ ފަހަތުގައި ކިއު ޖެހިފައި އޮތް ދުއްވާތަކެތީގެ ބަރުގޮނުގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ތޫބާ އަވަސްއަވަހަށް ކޯތާފަތް ފޮހެލިއެވެ. އަދި މާފަށް އެދެމުން ދަތުރުގެ ފީ ދައްކާލުމާއެކު ކާރުން ފޭބިއެވެ.
ވާރޭގެ ތިކިތައް އައިސް އޭނަގެ ހަށިގަނޑުގައި ހުރަހެއް ނެތި ބީހުމާއެކު ތޫބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފިޔަވަޅުތައް ބާރުކޮށްލަމުން ގޮސް ގޭގެ މައިދޮރުން އެތެރެއަށް ވަން ވަގުތު އަނެއްކާ ވެސް ފޯނު ރިންގްވާން ފެށިއެވެ. އަތްދަބަހުގައި އޮތް ފޯނު ތޫބާ ނެގި ހިނދު އެމޫނުގެ ކުލަވަރު ވަނީ ބަދަލުވެގެން ގޮސްފައެވެ. ބުމަގޮށްޖަހާލަމުން ފޯނުގެ ސްކްރީނަށް ބަލަން ހުރެފައި އޭނަ ފޯނު ނިއްވާލިއެވެ. އަލޫފް އޭނައަށް ގުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހުރިހާ ކަމެއް ބޭޒާރު ވެގެން ދިއުމުން ވެސް އޮޅުވާލަން އުޅެނީ ހެއްޔެވެ؟ ދެނެއް އެހީލަތްތެރިޔާގެ ބަސްތަކަށް އޭނަ ނުހެއްލޭނެއެވެ. ވަރަށް ގިނަ ދުވަހު އޭނަ އެފަށުވި ދޮގުތަކުގައި ގައިދުކުރެވިއްޖެއެވެ.
*****
ފެންމާގަނޑުން އޮހެމުން ދިޔަ ފެނާއެކު ތޫބާ މަސައްކަތް ކުރަމުން ދިޔައީ އަލޫފްގެ ވަސްވެސް އެހަށިގަނޑުން ފޮހެލެވޭތޯއެވެ. ކިތަންމެ ގިނައިން ސައިބޯނިން ހަށިގަނޑު ދޮވުނު ކަމުގައި ވިޔަސް އޭނަ ހިތްހަމަޖެހޭ ވަރެއް ނުވިއެވެ. އެންމެފަހުން ހަށިގަނޑުން ދިލަ ނަގާ ހިސާބަށް ކަންތައް ދިޔައެވެ. ދޮން ހަށިގަނޑު ރަތްވެއްޖެއެވެ. އޭރު ތޫބާއަށް ވަނީ ރަގަޅަށް ވެސް ރޮވިފައެވެ. ކަކުލުހުޅުން ވާގި ދޫވެ އޭނަ ފެންމާގަނޑު ދަށަށް ތިރިވިއެވެ. އެއަޑު ކޮޓަރީގައި ހުރި މައުވާއަށް އިވުމާއެކު އޭނަ ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް އައިސް ފާޚަނާގެ ދޮރުގައި ޓަކިދިނެވެ. އިވުނު އަޑެއްގެ ސަބަބުން އޭނަ ހީކުރީ ތޫބާ ފާޚަނާއަށް ވެއްޓި ހާނިކައެއް ވީކަމަށެވެ. މިއަދު ބޭރަށް ގޮސް އައީއްސުރެ ތޫބާގެ އުފާވެރިކަން ގެއްލިފައިވާކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. އޭނަ ސުވާލުކުރުމުން ތޫބާ ގޮސް ފާޚަނާއަށް ވަން ގޮތަށް މިހާރު އެއްގަޑިއިރު ވަނީއެވެ.
''ތޫބާ...'' ދޮރުގައި ޓަކިދެމުން މައުވާ ތޫބާއަށް ގޮވާލިއެވެ. އޮހެމުން ދިޔަ ފެންމާގަނޑުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވުމުން އޭނަ ހާސްވާ ގޮތް ވިއެވެ. މެޔަށް ފިނިވެގެން ދިޔައީ ކުއްލިޔަކަށެވެ.
''އާރ ޔޫ އޯލް ރައިޓް؟...'' މައުވާ އަނެއްކާ ވެސް ބުނެލިއެވެ. ''ދޮރުހުޅުވަބަލަ''
ޓައިސްލް ތަކުގެ މައްޗަށް އަރިއަކަށް ވެއްޓިފައި އޮތް ތޫބާގެ ތުންފަތުގެ ތެރޭން ގިސްލުމުގެ އަޑު ބޭރުވެދާނެތީ އޭނަ އޮތީ ދެއައަތް ގެނެސް ތުންފަތް ނިވާކޮށްލައިގެންނެވެ. ހަށިގަނޑުގައިވާ ތުރުތުރުލުމުން އޭނަ ހިތާމަކުރަމުންދާ މިންވަރު ރަމްޒުކޮށްދެއެވެ. އެހިތްދަތިކަމުގައި އޭނަ ދެންމެދެންމެ ނިމިގެން ހިނގައިދާނެހެން ހީވާފަހަރުވެސް މަދެއް ނޫނެވެ. މޭގައި އުފެދިފައިވާ ރިހުން ގަދަވެ އޭގެ ތަދު ހަށިގަނޑުގެ ބޮޑު ބަޔަކަށް ވަނީ ފެތުރިފައެވެ.
ހުއްޓުމެއް ނެތި ސިކުނޑީގައި ތަކުރާރުވަމުން ދިޔައީ މިއަދު ހިނގި ހާދިސާއެވެ. އޭނައަށް އަމާޒުވެގެން ދިޔަ ރުޅިވެރި ބަސްތަކެވެ. ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ އުފާވެރިކަން ފެނަށް ވެގެން ދިޔައީ އިންޒާރެއް ވެެސް ދިނުމެއް ނެތިއެވެ. މިދުވަސް ދުށުމުގެ ކުރިން އޭނަގެ ފުރާނަ އޭގެ ވެރި އިލާހުގެ ހަޒުރަތައް ދަތުރު ކުރިނަމައޭ ތުބާގެ ހިތަށް އެރީ ކިތައް ފަހަރުކަމެއް ވެސް ނޭގެއެވެ.
އަލޫފްގެ ބޭވަފާތެރިކަން ހިތި ޒަހަރަކަށް ވެއްޖެއެވެ. ސިކުނޑީގައި ބިންވަޅު ނެގިފައިވި ހަނދާންތަކުން ތޫބާގެ ތާޒާ ޒަހަމްތަކުގައި ލޮނުމިރުސް ލަމުން ގެންދިޔައެވެ. އެހަނދާންތަކާއި ދުރުވާން ކިތަންމެ މަސައްކަތް ކުރިކަމުގައި ވިޔަސް އެއީ ދުލުން ބުނާހާ ފަސޭހަކަމަކަށް ނުވިއެވެ. އަހަރުވީ ގުޅުމަށް ކުއްލި ގޮތަކަށް ނިމުން އައި ހިނދު އޭނަ އެވަނީ ހަޤީޤަތާ ކުރިމަތިލާން ނުކުޅެދިފައެވެ. މިއީ ހުވެފެނަކަށް ވުމަށް އެދެވުނީ ކިތައް ފަހަރު ކަމެއް ވެސް ނޭގުނެވެ. އެކަނިވެރިކަމުގެ ވައިރޯޅިތަކުން އޭނަގެ އުއްމީދުގެ ބައްތި ނިވާލައިފިއެވެ. ފުންމިން ނޭގެ އަނދަވަޅެއްގެ ތެރެއަށް އޭނަ އެވަނީ ވެއްޓިފައެވެ. ވަށައިގެން ވަނީ ކަރުނައާއި ތަދެވެ.
''ބޭވަފާތެރިއަކަށް ޓަކައި ކަރުނަ ތި އޮއްސަނީ ކީއްވެތަ؟، ތި ކަރުނަ ތަކުގެ އަގުވެސް އޭނަ ވަޒަނެއް ނުކުރާނެ!... އޭނަ ތޫބާއަށް އޮޅުވާލާފައިވާ ވަރާ މެދު ނިކަން ވިސްނާލަބަލަ... މީހަކާއި އިނދެގެން ދަރިއަކު ލިބިފައި ހުރި މީހެއް އެއީ... އެކަމަކު އޭނަ ތޫބާ ގާތު ބުނެފައި ވަނީ ކީކޭތަ؟... އެވަރުގެ މަކަރުވެރިއަކަށްތަ ތޫބާ ތި ކަރުނަ އޮއްސަނީ؟، މިހާރު ވެސް އޭނަ ތޫބާ މަތިން ހަނދާން ނައްތާލާނެ، ކިހިނެއް އެނގެނީ ތޫބާ އަނދިރީގައި ބެހެއްޓި އުސޫލުން އިތުރު ކުދިންތަކެއް ވެސް އަނދިރީގައި ނުބަހައްޓާކަމެއް؟...... މިއަދު އަލޫފްގެ ސަބަބުން ތޫބާގެ ބޮލުގައި އެޅިގެން ދިޔައީ ކޮންފަދަ ބޮޑު އިލްޒާމެއް...... މިއަދު އެފަދަ މީހެއްގެ ހިޔައިން ސަލާމަތް ވުމުން އުފާކުރާކަށް ނޫންތަ ޖެހެނީ؟، އެފަދަ މީހަކާ އެކު ތޫބާއަށް ދުވަހަކު އުފާވެރި ދިރިއުޅުމެއް ލިބިދާނެތަ، މިއަދު އޭނަގެ އަންހެނުންނަށް ދިންފަދަ ދެރައާއި ނިކަމެތިކަމެއް ތޫބާއަށް ނުދޭނެކަމެއް ކިހިނެއް އެނގެނީ؟...'' ތޫބާގެ ޒަމީރު އޭނައަށް ވިސްނައިދެމުން ދިޔައެވެ.
''ތޫބާ...'' މައުވާގެ އަޑުގައިވާ ހާސްކަން ތޫބާއަށް ދޭހަވި ކަމުގައި ވިޔަސް އެސުވާލުތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް އޭނަގެ ހަށިގަނޑަކު ނެތެވެ.
ބިރުވެރިކަމެއް ތެރޭގައި ވި މައުވާ ދުއްވައިގަތީ ރީތިވާ މޭޒާއި ދިމާއަށެވެ. އޭގެ ވަތްގަނޑު ހުޅުވާލަމުން މައުވާ ތަޅުދަނޑި ފަށްޗެއް ނެގިއެވެ. ތޫބާއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާހިތާ ދުޢާކުރާ ހާލު އޭނަ ގޮސް ފާޚަނާގެ ދޮރާއި އަރާހަމަކޮށްލިއެވެ. ތަޅުދަނޑިވަޅަށް ތަޅު ކޮއްޕާލި ވަގުތު މައުވާ ސިއްސައިގެން ދިޔައީ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. ތުވާލި އޮޅާލައިގެން ހުރި ތޫބާގެ ހަށިގަނޑުގައި އަދިވެސް ފެނުގެ އަސަރުވެއެވެ. ދިގު އިސްތަށިގަނޑުން ފެންތިކިތައް ފައިބަމުން ދިޔައިރު މިލާމޯޅިވެފައިވާ މޫނުގައިވާ ފެންތިކިތަކުން ވެސް މިއަދު އެމޫނަށް ދިރުން ގެނެސްދިނުމުގައި ނުކުޅެދިފައި ވެއެވެ. ރޫހެއް ނުވާ މީހެއް ފަދައިން ތޫބާ ކޮޓަރިއަށް ފިޔަވަޅު އަޅާލި ހިނދު މައުވާ ހުރީ ދެލޯބޮޑުކޮށްލައިގެންނެވެ.
ތޫބާ އެތެރެއަށް ވަންނަން އޭނަ ތަން ދެއްކި އިރު ހިތުގައި އުތުރިއަރަން ފެށި ސުވާލުތައް ބަންޑުން ކޮށްލަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ތޫބާއަށް ބޮޑު ހިތާމައެއް ލިބިއްޖެކަމުގެ ނިޝާންތައް ރީއްޗަށް އެމޫނުން ފާޅުވަމުން ދިޔައެވެ. ތޫބާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ މައުވާގެ ސިކުނޑި ދިޔައީ އޭނަގެ ހިތުގައި ބުރުޖަހަމުން ދިޔަ ސުވާލުތަކަށް ޖަވާބު ހޯދައި ދެމުންނެވެ. އަލޫފާ ތޫބާއާއި ދެމެދު ބޮޑު ކޯޅުންގަނޑެއް ހިނގައިފިކަން އޭނައަށް ޔަޤީންކުރެވުނެވެ. އޭނައާއި ޝިއާފާ މައްސަލަ ޖެހުނު ދުވަހު އޭނަގެ ހާލަކީ ވެސް އެއީއެވެ. އެވަގުތު ހިތަށް ލިބޭނެ އަނިޔާއާއި އަޅާ ވޭން އެންމެ ރަގަޅަށް އިހުސާސް ކުރެވިފައިވާ އެކަކީ އޭނައެވެ.
އަލަމާރި ކައިރިއަށް ހުއްޓުނު ތޫބާގެ ކޮނޑުގައި މައުވާ އަތް ބާއްވާލުމާއެކު ތޫބާއަށް މައުވާގެ ގައިގައި އޮޅުލައިގަތެވެ. އެއަށްފަހު ތޫބާ ވޭނީ އާހަކާއެކު ރޯންފެށިއެވެ. ރޮމުން ރޮމުން ތުބާ މައުވާއަށް ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. މައުވާއަށް ވަރުގަދަ ޝޮކެއް ލިބުނެވެ. އޭނަ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހުރިހާ ފިރިހެނުންނަކީ ހަމަ އެއް ކަހަލަ ސިފައެއް ލިބިފައިވާ ބަޔަކީ ތާއެވެ. ދޮގުހެދުމަށް އެމީހުންހާ ކުޅަދާނަ ބައެއް ވާނެކަމެއް ވެސް ނޭގެއެވެ. ހިތުގެ އެދުންތައް ހާސިލުކުރަން އެމީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އަމިއްލަ އެދުމުން ފޯވެފައި ތިބޭ ބައެކެވެ. މައުވާގެ ހިތުގައި އަލޫފާ މެދު ވި ތަސްވީރު ބަދަލުވެގެން ހިނގައްޖެއެވެ.
''އައި ހޭޓް ހިމް، ދުވަހަކު މާފެއް ނުކުރާނަން... އޭނަގެ ސަބަބުން އެއަންހެންމީހާއަށް ވެސް ހާދަ ބޮޑު ދެރައެކޭ އެލިބުނީ، އަހަރެން އެންމެ ދެރަވަނީ އެކަމުގެ ހުރިހާ އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅުނީތީ، އިވީ ބުނެބަލަ، އަހަރެން ގަސްދުގައި އެކަލަހަ ކަމެއް ކުރާނަންތަ؟، އަހަރެން ވެސް މީ އަންހެނެއް، މިއަދު އިހުސާސް ކުރެވޭ އޭނައަށް ވެސް ލިބޭނެ ހިތްދަތިކަން... މިއަދު އަލޫފުގެ ހަޤީޤަތް އެނގުނީތީ އަހަރެން ހަމްދުކުރަން... އެކަމަކުވެސް މިހިތުގައި ހާދަ ވޭން އެބަ އަޅައޭ...'' ރޮމުންރޮމުން ގޮސް ތޫބާ ހިވަނީ މައުވާގެ އަތުގެ ތެރޭގައި ރޫޅިދާނެހެންނެވެ.
''ދެން ނުރޮއި، އެކަން ވެސް ހާމަވެގެން ދިޔައީ އެކަމުގެ ފަހަތުގައި ސަބަބުތަކެއް އޮތީމަ ކަން ޔަޤީން....'' މައުވާ ތޫބާއަށް ހިތްވަރު ލައިދެމުން ދިޔައެވެ. މައުވާގެ ވާހަކަތަކުން ތޫބާގެ ރުއިން ހުއްޓުމަކަށް އައިކަމުގައި ވިޔަސް އަދިވެސް އޭނައަށް ގިސްލެވެއެވެ. މައުވާ އޭނަގެ ވާހަކަތައް ބައްޓަން ކުރަމުން ދިޔައީ ތޫބާގެ ހިތަށް ތަސައްލީއެއް ލިބޭނެ ފަދަ ގޮތަކަށެވެ.
ތޫބާ އޭނަގެ ހިތަށް ވިސްނައިދިނެވެ. އަލޫފްގެ ޚިޔާލުތައް ސިކުނޑިން ނެރެ އެއްފަރާތް ކުރަން ވެސް އޭނަ އަޒުމު ކަނޑައެޅިއެވެ. މިއީ ހިތްވަރާއެކު ކުރިއަށް ދާން ވީ ވަގުތެވެ. ބޭވަފާތެރިއަކަށް ޓަަކައި ކަރުނަ އެޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ހިތްދަތިވެގެން ގޮސް ފަހު ނޭވާ ވަޅަށް އެޅޭ އިރުވެސް އެކަން އޭނައަށް ނުދަންނާނެއެވެ. އޭނަ ކެތްތެރިވާނެއެވެ. މާތްﷲ މިންވަރު ކުރެއްވި ކަންތަކަށް ޝުކުރުވެރިވާނެއެވެ. މީ އެކަލާނގެ އޭނައަށް ކުރިމަތި ކުރުވި އިމްތިހާނެކެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ނިއުމަތެއް ވާނެކަން ވެސް ކަށަވަރެވެ.
ތޫބާ ފުން ނޭވާއެއް ލިޔެވެ. އަދި މޫނު ފޮހެލާފައި މައުވާއަށް ހިނިތުންވެލިއެވެ.
''ތެންކިއު އިވީ، އަހަރެން ކެތްތެރިވާނަން...'' ތޫބާ ބުންޏެވެ.
ތޫބާ ރީތި ވެލައިގެން ނަމާދު ކުރިއެވެ. އާލަމް ތަކުގެ ވެރި އިލާހުގެ ހަޒުރަތަށް އޭނަ ދުޢާ ދެންނެވިއެވެ. ލިބުނު ހިތާމަތަކަށް ކެތްވެރިކަން ދެއްވުން އެދިއެވެ. އަލޫފްގެ ހަނދާންތައް އެހިތުން ފޮހެލުމުގައި ފަސޭހަތަކެއް ދެއްވުން އެދިއެވެ. ނޭގުމެއްގެ ތެރޭގައި ވެސް ބަޔަކަށް ނާއިންސާފުން އަނިޔާއެއް ދެވިފައިވާ ނަމަ މާފަށް އެދުމުގެ ހިތްވަރު ދެއްވުމަށް އެދިއެވެ. އޭނައަށް ފާފައެއް ކުރެވިފައިވާ ނަމަ އެފާފައެއް ފުއްސައިވައި ދެއްވުން އެދިއެވެ. ގިނަ ދުވަސްތަކަށް ފަހު ނަމާދު ކުރުމުން ތޫބާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަގެ ސިކުނޑިޔަށް ބޮޑު ލުޔެއް ވެސް ލިބުނެވެ. މައުނަވީ ހިނިތުންވުމެއް ވެސް ތޫބާގެ ތުންފަތަށް ވެރިވެގެން ދިޔައެވެ.
*****
ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތެވެ. ތޫބާ ހުރީ ވަރަށް ބޮޑަށް ހަމަޖެހިލާފައެވެ. މިއަދު ހިތާމަކުރިކަމުގެ އަލާމާތެއް ވެސް އެމޫނުމަތިން ފެންނާކަށް ނެތެވެ. ތޫބާއަށް އައި ބަދަލާ މެދު މައުވާ އުފާކުރިއެވެ. އަދި މާތް ﷲއަށް ޝުކުރު ވެސް ދެންނެވިއެވެ. އަދި ހަމައެއާއެކު ތޫބާގެ ދިރިއުޅުން އާރާސްތުކޮށް އުފާވެރިކަމުން ފުރާލަދޭނެ ފަދަ ހެޔޮލަފާ ބައިވެރިޔަކު ތޫބާއަށް މިންވަރުކޮށްދެއްވުން އެދި އޭނަ މާތްﷲއަށް ދުޢާ ދެންނެވިއެވެ.