އެމެޖެންސީގައި ހިންދު ހޮސްޕިޓަލަށް ގެންދެވުނީ ގެސްޓް ހައުސްގެ މީހުންގެ މަދަދާ އެކުގައެވެ. ހާސްވެފައި ހުރުމުގެ ސަބަބުން ޢާއިލާގެ އެއްވެސް މީހަކަށް އެޚަބަރު އަންގަން ވެސް އަމާނީ ހަނދާނެއް ނެތެވެ. އެމްބިއުލާސްގައި ހޭދަވި މަދު ވަގުތުކޮޅުގައި އަމާނީ އިނީ މަންމަގެ އަތުގައި ހިފަަހައްޓައިގެން ރޮވިފައެވެ. މަންމައަށް ކަމެއް ވެދާނެތީ އޭނަގެ ހިތް ވަނީ ބިރުވެރިކަމުން ކަޅިވެފައެވެ. ޑޮކްޓަރުންނާއި ނަރުހުންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން އޭނައަށް އިރުއިރުކޮޅާ ގިސްލެވެއެވެ. އޭނައަށް ހިތްވަރުދޭން ގާތުގައި ނަރުސްކުއްޖަކު އިނެވެ. އުއްމީދު ކަނޑާނުލުމަށާއި މަންމައަށް ދުޢާކުރުމަށް އެކުއްޖާ އެދެމުން ދިޔައެވެ. އަމާނީގެ ކަންފަތާ ހަމައަށް އެއަޑުތަކެއް ނުފޯރައެވެ. ކުރިމަތިވި ކުއްލި ހާދިސާގެ ސަބަބުން އޭނަގެ ސިކުނޑީގެ މަސަކަތައްވެސް ވަނީ ބުރުއަރާފައެވެ.
*****
ހިންދު އައި.ސީ.ޔޫއަށް ބަދަލުކުރެވުނު އިރުވެސް ހާލު ދެރަކަމަށް ޑޮކްޓަރުން ބުންޏެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިކުނޑީގެ ނާރުތަކެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭފޭދިފައިވާ ކަމަށާއި ދިރިއޮތުމުގެ އުއްމީދު ވަރަށް ހަނިކަމަށް ވެސް ބުންޏެވެ. އެއާއެކު މެޔަށް ބާރުގަދަ އެތިފަހަރެއް އަރައިގެން ދިޔަ ފަދަ ނުބައި އިހުސާސެއް އަމާނީއަށް ކުރެވުނެވެ. ރޯން ވެސް އޭނައަކަށް ނޭގުނެވެ. މުޅި މީހާ ހުރީ ގަބުވެފައެވެ. ދެފައިގައި އުފެދުނު ތުރުތުރުލުމުން ކޮޅަށް ހުންނަން އުނދަގޫވި ހިނދު އެތާ ހުރި ގޮނޑިބަރިއެއްގެ އެހީ އޭނަ ހޯދިއެވެ. ގޮނޑީގައި އިށީނދެވުމާއެކު އަމާނީއަށް މޫނުގައި އަތް އަޅާލެވުނެވެ. އޭރުވެސް ކަންފަތުގައި ގުގުމަމުން ދިޔައީ ޑޮކްޓަރު ބުނި ފަހުގެ ޖުމްލަތަކެވެ.
ޢާއިލާގެ މެންބަރުންނަށް ގުޅަން ވެސް އަމާނީ ހަންދާންވީ އޭގެ އިރުގަނޑެއް ފަހުންނެވެ. ރޮވުމުގެ ސަބަބުން މަންމައަަށް ދިމާވީ ހިތާމަވެރި ހާދިސާ ރަގަޅަށް ކިޔައިވެސް ނުދެވުނެވެ. އަރުބެދި އޭނައަށް އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެނގުމުން ޖެހުނީ ހުއްޓާލާށެވެ. ލޯކުރިމަތިން ސިފަވެގެންދާ މަންޒަރުތަކުން އޭނައަށް ލިބިފައިވާ ހިތްދަތިކަމަށް އިތުރުބޮޅުތަކެއް އިތުކޮށްލައިފިއެވެ. ހިތުގައި އުފެދިފައިވާ ވޭން ފާއިތުވާ ކޮންމެ މިނެޓަކާއެކު ފުންވެ މުޅި ހަށިގަނޑަށް އަތްގަދަކުރުމުގައި ކާމިޔާބު ހޯދައިފިއެވެ.
****
''އަމާނީ!...''
ނުހަނު އަވަސް ފިޔަވަޅުތަކެއްގައި އައިސް އަމާނީއާއި އަރާހަމަކޮށްލި އީލާފް ބުނެލިއެވެ. އޭރު އީލާފްގެ ފަހަތުން އޭނަގެ މަންމައާއި ބައްޕަވެސް އާދެއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
އީލާފް ފެންނައިރަށް އަމާނީއަށް އިލާފްގެ ގައިގައި ބައްދައިގަނެވުނެވެ. އޭނަގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. ހުއްޓާލުމެއް ނެތި ރޮމުން ދިޔަ އިރު ހިތާމައިން ގޮސް ރޫޅިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. އެންމެން ވެސް ހިތްވަރު ދިނެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރި ނުވާނެއޭ ބުނަމުން ދިޔައެވެ. އެހެނަސް އަމާނީގެ ޒަމީރު އެކަން ޤަބޫލުކުރަން ދެކޮޅު ހަދަމުން ދިޔައެވެ. ސިކުނޑީގެ ކަނަކުން ތަކުރާރުކޮށް ދެމުން ގެންދިޔަ އިންޒާރުން މުޅި މީހާ ވަނީ ވަރުގަދަ ތޫފާނެއްގެ ތެރޭގައެވެ. ބިރުވެރި ކަމެއްގައެވެ.
ޑޮކްޓަރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ހިންދުގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ކިތަންމެ ޤާބިލު ޑޮކްޓަރުން ތިބި ކަމުގައި ވިޔަސް އެފުރާނައަށް ކަނޑައެޅިފައިވާ ވަގުތާއި ނޭވާ ހަމަވުމުން ދެން ކުރެވެނެ އިތުރުކަމެއް އޮތްނާނެ ހެއްޔެވެ؟ މަރަކީ ތާ އަބަދު ލޯކުރިމަތިން ސިފަވަމުން އަންނަ ދޮގު ނުކުރެވޭނެ ހަޤީޤަތެކެވެ. މަރު އައިސް ޖެހުމާއެކު މި ވަގުތީ ދުނިޔެ ދޫކޮށް ދާން ޖެހޭނެއެވެ. ކިތަންމެ ފައިސާއަކާއި ބާރެއް ލިބިފައި ވިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެއީ އިލާހީ ޤާނޫނެވެ. ދުނިޔެ ދެމި އޮތްހާ ހިނދަކު ބަދަލުވުމެއް ނެތް ޤާނޫނެކެވެ.
މަންމަގެ މަރު ޚަބަރު ލިބުމާއެކު އަމާނީއަށް ހީވީ ބާރުގަދަ ބޮމެއް ކަންފަތުގެ ބުޑުގައި ގޮއްވާލެވުނު ހެންނެވެ. ހިތަށް އަމާޒުވެގެން ދިޔަ ހަމަލާއާއެކު ހިތް ފޮތިފޮތިވެގެން ދިޔައެވެ. އެވާހަކަތައް ދޮގުކޮށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަން އޭނަ ބޭނުންވިއެވެ. މަންމަ އޭނަ އެކަނިކޮށްލާފައި ނުދާނެ ކަމަކަށް އޭނަގެ ޒަމީރަށް ވިސްނައިދޭން ވެސް ބޭނުންވިއެވެ. އެހެނަސް މީހާއަށް ލިބިގެން ދިޔަ ކުއްލި ޝޮކުން އެކަމަށް ވެސް ނުކުޅެދުނެވެ. ޤަބޫލުކުރަން ދަތިވެފައި އޭނައަށް ބަލަން އިނދެވުނީ ނަރުސް ކުއްޖާގެ މޫނަށެވެ. އެމޫނުމަތިން ވެސް ހިތާމައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ހަރަކާތެއް ވެސް ގެންނަން ނޭގިފައި އިންދާ އަމާނީގެ މޫނުމައްޗަށް އަދިރިވެގެން ދިޔައެވެ. އެވަގުތު އީލާފްގެ އޭނަގެ ނަމުން ބާރަށް ގޮވާލިކަން އެނގުނެވެ. އަދި އޭނަ ވެއްޓުނުކަމުގެ އިހުސާސް ވެސް ކުރެވުނެވެ. ނަމަވެސް ދެން ކަންތައް ވެގެން ދިޔައީ ކިހިނެއް ކަމެއް އޭނައަކަށް ނޭގުނެވެ. އެނގުނުހާ ވެސް ކަމަކީ ކަނު އަނދިިރިކަމެއް ތެރެއަށް މުޅި މީހާ ގެނބިގެން ދިޔަ ކަމެވެ.
*****
އެއްހަފްތާ ފަސް...
ހަފްތާއެއް ވެގެން ދިޔައިރު ވެސް އަމާނީއަށް ލިބިގެން ދިޔަ ފުން ހިތާމަތަކަށް ފަރުވާއެއް ނުލިބުނެވެ. ޢާއިލާގެ ލޯތްބާއި އަޅާލުން ލިބުނުކަމުގައި ވިޔަސް ހިތުގެ ޒަހަމްތަކަށް ޝިފާއެއް ނުމެލިބުނެވެ. މަންމަގެ މަރުގެ ސަބަބުން އޭނައަށް ވަނީ ނަފްސާނީ ގޮތުން ވެސް އަސަރުކޮށްފައެވެ. އެހުރިހާ ކަމެއްގެ އަސްލާ ގުޅިފައިވަނީ އޭނާ ކަމަށް ނިންމައި އަމިއްލަ ނަފްސަށް އަނިޔާ ދޭން ވެސް އުޅުނެވެ. އޭނަގެ ވޭނީ ފަސާނާ އަޑު ނީވުނު ނަމަ މިއަދު މަންމަ ހެޔޮ ހާލުގައި ދުނިޔޭގައި ހުރީހެވެ. ނަމަވެސް ތަޤްދީރުން އަނެއްކާވެސް އިމްތިހާނަކާ ކުރިމަތި ކުރުވީއެވެ. ކެކުޅުންތައް ފުނިޖެހި އަމާނީ ވަނީ ދިރިހުރުމުގެ އުއްމީދު ގެއްލިފައެވެ. މިނޫން ދުވަހެއް އޭނައަށް މިންވަރުކުރެވިފައި ނެތީ ހެއްޔެވެ؟ އުފަލަކީ އޭނަގެ ތަޤްދީރުގައި ލިޔެވިފައިވާ އެއްޗެއް ނޫން ހެއްޔެވެ؟
ހިތާހިތާ ޝަކުވާ ކުރަމުން ބޭސްގުޅަތަކެއްގެ މަދަދާއެކު ދިރިހުރުމުގެ ބައްތި ނިވާލަން އަމާނީ އުޅުނެވެ. އެހެނަސް އެމަސައްކަތުގައި އަލި މަގެއް ނުފެނުނީ ޢާއިލާގެ މެންބަރުންގެ ސަބަބުންނެވެ. އޭގެ ފަހުން ސިކުންތަކަށް ވެސް އަމާނީ އެކަނި ވުމުގެ ފުރުސަތެއް އެމީހުނެއް ނުދެއެވެ. ލިބުނު ހިތާމައިން އަރައިގަންނަން އަމާނީއަށް ވަގުތު ބޭނުންވާނެކަމަށް ޑޮކްޓަރުން ބުނެފައި ވުމުން ދުވަސްކޮޅަކަށް މާލެ ބަދަލުވާން އަމާނީގެ ބައްޕަ ނިންމިއެވެ. ނަމަވެސް އަމާނީ އެކަމާ ދޮކޮޅު ހެދިއެވެ. މާލޭގެ ފަސްގަނޑުގައި ދެން އެންމެ މިނެޓަކަށް ވެސް ހުންނާނަކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. މުޅި ހަޔާތުގައި ވެސް އޭނައަށް ލިބިގެން ދިޔަ ހުރިހާ ހިތާމައެއްގެ އަސްލު ގުޅިފައިވާތަނަކަށް މާލެ ވުމުންނެވެ. ވޭނާއި ކެކުޅުން ނޫން އެހެން އެއްޗެއް އެތާނގައި ނުވާތީއެވެ. ނަމަވެސް ފުރުމުގެ ކުރިން ނިންމަންޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ.
*****
ތޫބާއާއި މައުވާ ތިބީ ސްކޫލްގެ ކެންޓީނުގައެވެ. ހެދިކާއާއި ކަޅު ސަޔަށް އިންސާފު ކުރަމުން ދިޔައިރު ދެއެކުވެރިން ވެސް ތިބީ މަޖާ ވާހަކައަކަށް ގެއްލިފައެވެ. އީލާފް އައިސް ކައިރިއަށް ހުއްޓިލަމުން އެމީހުނާ ބައިވެރިވިޔަސް އެންމެ ރަގަޅު ހެއްޔޭ އަހާލިއެވެ. ތޫބާ އާނބަސް ދިނުމާއެކު އީލާފް އިށީނެވެ. އަދި މައުވާއަށް އަވަސް ނަޒަރެއް ދިނެވެ. އެދެލޮލުގައި މިއަދު ވަނީ މުޅިން ވެސް ތަފާތު ޝުޢޫރުތަކެކެވެ.
''އެލީ ހާދަ ދުވަހެއްކޮށްލާފަ ސްކޫލަށް ތިޔައީ، ބަލީތަ؟...'' ތޫބާ ގުޅައެއް އަނގަޔަށް ލަމުން އަހާލިއެވެ.
''ފެމިލީ މީހަކު ނިޔާވެގެން...'' އީލާފް އެކުމާއިގެން މަސްޢޫލުވިކަމުގައި ވިޔަސް އޭނަ އިރުއިރުކޮޅާ ސިއްރުން މައުވާއަށް ބަލާލައެވެ. އޭނަ އިނީ އަމާނީއާ މައުވާ ބައްދަލުކުރަން އެއްބަސްކުރުވާނެ ގޮތެއް ނުވިސްނިފައެވެ.
''ކާކުތަ؟...'' ލިބިގެން ދިޔަ ހައިރާންކަމާއެކު ތޫބާއަށް ބުނެވުނެވެ.
''އަމާނީގެ މަމް، ހަމަ ކުއްލި ގޮތަކަށް ނިޔާވީ...'' އީލާފް ބުނެދިނެވެ. އެއާއެކު ތޫބާއާ މައުވާއާ ދެމެދު އަވަސް ނަޒަރެއް ބައްދަލުވެގެން ދިޔައެވެ. މައުވާ ވަނީ ޝިއާފްގެ ފަރާތުން އެނގުނު ''ހަޤީޤަތް'' ތޫބާއާއި ހިއްސާކޮށްފައެވެ. އެވިސްނުމަށް ބުރަވެ ހުރެ ދެކުދިންނަށް ވެެސް ވިސްނުނީ މުޅިން ގޯސްކޮށެވެ. އަމާނީގެ ނަފްސާނީ މައްސަލައިގެ ސަބަބުން އޭނަގެ މަންމައަށް ހަމަލާ ދިނީ ކަމަށެވެ.
''އޯ.އެމް.ޖީ... އަނެއްކާ އަމާނީތަ އެކަމެއް ކުރީ؟، އައި ހާޑް ޝީޒް އެ ސައިކޯޕާތް...'' ލިބުނު ހައިރާންކަމާއެކު ވިސްނާލުމެއް ވެސް ނެތި ތޫބާއަށް ބުނެވުނެވެ. އެއާއެކު މައުވާ ތޫބާގެ އަތުގައި ޖަހާލިއެވެ.
''ވަޓް؟...'' ލިބުނު ކުއްލި ސިހުމާއެކު ބަހައްޓަން އުޅުނު ސައިތަށި ވެސް އީލާފްގެ އަތުން ބަންޑުންނުވީ ކިރިޔާ އެވެ. އީލާފްއަށް ބަލާލެވުނީ ތޫބާ އަށެވެ. އެފަދަ އެއްޗެއް ތޫބާ ބުނީ ކީއްވެެގެން ހެއްޔެވެ؟ ދަރިއަކު މަޔަކަށް އަނިޔާއެއް ދިފާނެކަމުގެ ނުބައި ތަސްވީރެއް ތޫބާގެ ވިސްނުމުގައި ކުރެހިފައިވަނީ ކީއްވެގެން ހެއްޔެވެ؟ އެއާއެކު އެސުވާލުތަކަށް ޖަވާބު ވެސް ލިބުނެވެ. އަމާނީ ކިޔައި ދިން ވާހަކަތައް ހިތުގައި ބުރުޖަހަން ފެށި ހިސާބުންނެވެ. ދެން އޭނައަށް ބަލާލެވުނީ މައުވާ އަށެވެ. އަމާނީގެ ހީ އެވަނީ ޔަޤީނަށް ބަދަލުވެގެން ގޮސްފައެވެ. ޝިއާފް އެވަނީ މައުވާގެ ވިސްނުމާ ކުޅެލާފައެވެ. އަމާނީ މޮޔައަކަށް ހަދާފައެވެ. އަމާނީގެ ވާހަކަތައް ޤަބޫލުނުކުރެވޭނެ ފަދައިން މައުވާގެ ވިސްނުން ބައްޓަންކޮށްފައެވެ.
''ކާކު ބުނި އެއްޗެއްތީ؟...'' ޖަވާބު އެނގޭއިރު ވެސް އީލާފް އަހާލިއެވެ.
ތޫބާއާއި މައުވާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނީ ހާސްވެފައެވެ. އެސުވާލަށް ދޭނެ ޖަވާބެއް ނޭގިފައެވެ. އީލާފްއަށް އެހުރިހާކަމެއް ފާހަގަ ކުރެވުނެވެ. އެއާއެކު އޭނަ ރުޅި ވެސް އައެވެ. ހަޤީޤަތް ނުބަލާ މީހަކު ބުނާ ކޮންމެ އެއްޗަކަށް އިތުބާރުކުރަން ޖެހޭ ހެއްޔެވެ؟ މީހަކު ބުނާ އެއްޗަކަށް ބަރޯސަވެ ނިންމުންތައް ނިންމަން ޖެހޭ ހެއްޔެވެ؟ އެފަދައިން ކަންތައް ކުރުމުން ގިނަ ފަހަރު ލިބެނީ ކެއްސެވެ.
''ތީ މުޅިން ގޯސް ވާހަކައެއް، އަމާނީއަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން ޑިޕްރެޝަންއަށް ދިޔަ އެކަމަކު އަމާނީއަކީ އެއްއިރެއްގައި ވެސް މޮޔައެއް ނޫން، ޝީ ވޯޒް ކޮމްޕްލީޓްލީ ނޯރމަލް އަންޓިލް ޝީ ވޯޒް ރޭޕްޑް ބައި ސަމް އީވިލް މެން، އަމާނީ ރައްޓެހިވި ކުއްޖާ އެހުރިހާކަމެއްގެ ވެސް އިސް މޭސްތިރިއަކަށް ހުރީ، އޭނައާއި އޭނަގެ އެކުވެރިން ވެގެން އަމާނީގެ ދިރިއުޅުން ބަރުބާދުކޮށްލީ... އެކަމުގެ ސަބަބުން އަމާނީ ޑިޕްރެޝަންއަށް ހުށަހެޅިގެން ދިޔައީ... ތޫބާމެން ގާތު ތިވާހަކަ ބުނި މީހަކު ތިއުޅެނީ ހަޤީޤަތް އޮޅުވާލައި އަމާނީ ބަދުނާމު ކުރަން، އަމާނީއާ މެދު ހިތުގައި ބިރުވެރިކަން އުފައްދަން، އަމާނީއަކީ މޮޔައެއް ނޫން!...''
އީލާފް ނުރުހުމާއެކު ބުންޏެވެ. ކިތަންމެ ފަހަރަކު ޝިއާފްގެ އަނދިރި ސިއްރު މައުވާއަށް ހާމަކޮށްފާނަމޭ އަމާނީގެ ހިތަށް އެރިއެވެ. އަމާނީއަށް މިއަދު ދިމާވެފައިވާ ހިތްދަތިކަމުގެ ފަަހަތުގައި ވަނީ ކާކުގެ އަތެއްކަން ވެސް ހާމަކޮށްދޭން ބޭނުން ވިއެވެ. ޝިއާފް އަކީ ނުރައްކާތެރި ކުށްވެރިއެއްކަމާއި ސަމާލުވުމަށް އިލްތިމާސް ކުރަން އޭނަގެ ޒަމީރު ބާރު އެޅިއެވެ. ނަމަވެސް އަމާނީ ވަނީ އެފަދައިން ކަންތައް ނުކުރުމަށް އޭނަ ލައްވާ ހުވާކުރުވާފައެވެ. ހަޤީޤަތް މައުވާއަށް ހާމަކުރަން ޚުދު އަމާނީ ބޭނުން ވާތީއެވެ. އެހެންނޫންނަމަ މިވަގުތު ވެސް ހުރިހާ ހަޤީޤަތެއް އޭނަ ހާމަކުރީހެވެ. ނަމަވެސް އޭނައަށް ޖެހުނީ ހިތުގައި އުތިރިއަރަން ފެށި ޝުއޫރުތައް އޮއްބާލާށެވެ. ކެތްތެރިވާށެވެ.
މައުވާއަށް ލިބިގެން ދިޔަ އިންތިހާ ދަރަޖައިގެ ހައިރާންކަމާއެކު އީލާފްގެ މޫނަށް ބަލާލެވުނެވެ. އޭރު އީލާފް ބުނި ޖުމްލަ ދިޔައީ ކަންފަތުގައި ތަކުރާރު ވަމުންނެވެ. އެހިތުގެ ހަމަޖެހުން ނަގާލުމުގައި ވެސް ކާމިޔާބު ހޯދައިފިއެވެ. އީލާފް ބުނި ވާހަކަތަަކާއި ޝިއާފް އޭނަ ގާތު ދެއްކި ވާހަކަތައް ފުށު އަރާތީ އޭނަގެ ހާސްކަން އިތުރުކުރުވައިފި އެވެ. އިތުބާރު ކުރަންވީ ކާކަށް ކަމެއް ނޭގުނެވެ. އޭނަގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ފޭދިގެން ދިޔައީ ކުއްލިޔަކަށެވެ. ހިތުގައި އުތުރިއަރަން ފެށި ސުވާލުތަކުގެ ޖަވާބު ހޯދަން އޭނަ ނުހަނު ބޭނުން ވިއެވެ. އީލާފް އެބުނީ ދޮގަކަށް ހަދަން ވެސް މެއެވެ.
''ސޮރީ، ވެދާނެއެއްނު އޮޅުނީކަމަށް ވެސް...'' މާހައުލަށް ވެރިވެގެން ދިޔަ ނުތަނަވަސްކަން ފިލުވާލަން ތޫބާ ބުނެލިއެވެ. ޝިއާފާ މެދު ކުޑަ ވެސް ޝައްކެއް ތޫބާގެ ހިތަކު ނުވެއެވެ.
ދެން މޭޒު ދޮށަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. މައުވާއަށް ބަލަން އިނދެވުނީ އީލާފްގެ މޫނަށެވެ. ހިތުގައި ވާ ސުވާލުތަކަށް ޖަވާބު ބޭނުން ވެފައެވެ. އޭނަ އިނީ ކާހިތް ވެސް ނުވެފައެވެ. ހުރިހާ ކަމެއް މަތިން ފޫހިވެފައެވެ.
''މައުވާގެ ސުވާލުތަކުގެ ޖަވާބު ބޭނުންވާނަމަ ސްކޫލް ނިންމާފަ ސަމާރ ބްރީޒް ރެސްޓޯރެންޓަށް އާދޭ...''
ތޫބާ ފެންފުޅިއެއް ބަލާ ކައުންޓަރާއި ދިމާއަށް ދިއުމާއެކު ލިބުނު ފުރުސަތުގެ ބޭނުން އީލާފް ހިފިއެވެ. ސުވާލުތަކުގެ ހާއްޔެއްގެ ތެރެއަށް މައުވާ ދޫކޮށްލުމަށްފަހު އީލާފް ދިޔައީއެވެ. އީލާފް ލޮލުގެ ކޮޅަށް ގޮސް ގެއްލެން ދެން ބަލަން މައުވާއަށް އިނދެވުނެވެ.
''ހޭއި ކިހިނެއްވެފަ؟...'' ތޫބާ އައިސް އިށީންނަމުން މައުވާ ގަނޑުވެފައި އިން މަންޒަރު ފެނި އަހާލެވުނެވެ. މައުވާގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނަ މައުވާގެ އަތުގައި ކޮށްޓާލިއެވެ. އެއާއެކު މައުވާ ދިޔައީ ސިއްސައިގެންނެވެ. ތޫބަ އޭނައާ ވާހަކަ ދައްކަމުންދާކަން ވެސް ރޭކާލީ ދެނެވެ.
''އިވީ، ވަޓްސް ރޯންގް؟...'' މައުވާގެ މޫނުގެ ކުލަވަރު ބަދަލުވެފައިވުމުން ތޫބާއަށް އަހާލެވުނެވެ. މިނޫނީ ކަމަކާ މެދު މައުވާ މިހާ ހާސްވެފައި ހުއްޓާ އޭނަ ނުދެކެއެވެ.
''އޭރު އީލާފް ބުނަން އުޅުނީ ކީކޭތަ؟...'' މައުވާއަށް ފުރަތަމަވެސް ކޮށްލެވުނު ސުވާލަކީ އެއީއެވެ. އޭނަގެ ދެލޮލުގައި ވަނީ ނުތަނަވަސްކަމެވެ. ހަމައެއާއެކު އީލާފް ދަމުން ބުނި ޖުމްލައިން އޭނަގެ ނަފްސުގެ ހަމަޖެހުންވެސް ނަގާލައިފިއެވެ. އީލާފް އެހުރިހާ ވާހަކައެއް އަމާޒުކުރީ އޭނައަށް ކަމަށް ހިތުގެ އަޑިން ބުނަމުން ދިޔައެވެ. އީލާފް ދަމުން އޭނައަށް ބަލާލި ގޮތުން ވެސް އެކަން ރަމްޒުކޮށްދިނެވެ.
''ވަރަށް ސޭޑް ގޮތެއް ދޯ އެވީ، ވެދާނެ ކުޑޭއަށް އަމާނީ ހުރިހާ ވާހަކައެއް ކިޔައި ނުދެނީ ކަމަކަށް ވެސް، އެފަދަ ހާދިސާއެއް ކުރިމަތިވެފައި ވުމުން އެކްސެޕްޓް ނުކުރާނެތީ، ބަޓް އަމާނީގެ ނަފްސާނީ މައްސަލަތަކުން އެންމެ ފަހުން ދުރުވާން ޖެހުނީވެސް، ދެން އިވީ އެކަމާމެދު ނުވިސްނަބަލަ، އެއީ ޕާސްޓެއްނު، ކުޑޭގެ ޕްރެޒެންޓަކީ އިވީ އެއްނު، ޔޫ ބޯތް އާރ ހެޕީ ޓުގެދާރ...'' ތޫބާ ބޭނުންވީ މައުވާގެ ހިތަށް ފިނިކަމެއް ހޯދަދޭށެވެ. ނަމަވެސް މިފަހަރު އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. ލިބޭނީވެސް ކިހިނެއް ހެއްޔެވެ؟ ޝިއާފްގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނާލެވުމުން އެހިތަށް އައި ބާރުގަދަ ޒަލްޒަލާގެ ސަބަބުން ބޮޑެތި ރާޅުތައް ވަނީ އުފެދިފައެވެ. އުސްމިން ނޭގޭ ރާޅުތަކުން ދިޔައީ އޭނަ ހާސްކުރުވަމުންނެވެ.
''އަޅެ، ކިހިނެއްތަ މިވަނީ، ޝިއާފް އަހަަރެން ގާތު ދޮގު ހެދީތަ؟، އެކަމަކު ކީއްވެ؟... އަހަރެން ކުރާ އިތުބާރު ޝިއާފް ނަގާ ނުލާނެ.... ނޫން... ނޫން... އެހެނެއް ނުވާނެ، އެއީ ހުސް ދޮގު! ކީއްވެ އެހެން ވާންވީ...ނޫން، ޤަބޫލެއް ނުކުރާނަން، ޝިއާފް އަރެން ގާތު ދޮގެއް ނަހަދާނެ އެވާނީ އަމާނީ އީލާފްއަށް ހަޤީޤަތް އޮޅުވާލީ ކަމަށް! އޭނަ އަހަރުމެންގެ ދެމެދުގަ މައްސަލަ ޖައްސަން އުޅެނީ ކަމަށް...'' މައުވާ އޭނަގެ ޒަމީރަށް ވިސްނައިދޭން ބޭކާރު މަސައްކަތް ކުރަމުން ދިޔައެވެ. މައުވާ ޝިއާފަށް ކުރާ އިތުބާރުގެ ބިންގަލަށް އޭރު ވަނީ ވަރުގަދަ ލޮޅުމެއް އަރައިގެން ގޮސްފައެވެ. ވިސްނި ވަރަކަށް ޝިއާފްގެ ވާހަކަތަކާއި އީލާފްގެ ވާހަކަތައް ފުށުއަރާ މިންވަރު މައުވާއަށް އަންދާޒާ ކުރެވުނެވެ. އެއާއެކު އޭނަގެ ހިތް ބިރުވެރިކަމުން ރޫރޫއަޅައިގެން ދިޔައެވެ.