''ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު ޑިނާރ ނައިޓަކަށް ނުދާތާ...'' ތޫބާ މަޢުލޫމާތު އޮޅުންފިލުވައި ދެމުން ގޮސް ކޮޓަރިން ނިކުތެވެ. އެއަށްފަހު އޭނަ އަވަސް ވެގަތީ މަންމަ ހޯދުމަށެވެ.
''މަންމާ...'' ދިޔާނާގެ ކޮޓަރީގެ ދޮރުގައި ތޫބާ ޓަކި ދޭއިރަށް ދިޔާނާ ދޮރު ހުޅުވާލައިފި އެވެ. ތޫބާއާއި މައުވާ ބޭރަށް ދާން ތައްޔާރުވެގެން ތިބުމުން އޭނައަށް ލިބުނީ ހައިރާންކަމެވެ. ބޮޑުކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ރޭގަނޑު ނުވައެއް ޖަހަން އުޅެނީއެވެ.
''ތަނަކަށް ދާންތަ ތިއުޅެނީ...'' ދިޔާނާ އެހި އެވެ. އެއާއެކު ދިޔާނާގެ ސުވާލަށް ތޫބާ ޖަވާބު ދިނެވެ.
''އެކުވެރި ކުދިންތަކާއެކު ބޭރަށް ދާން، ލަސްނުވެ ގެއަށް އަންނާނަމޭ...'' ދިޔާނާގެ ހުއްދަ ލިބޭނެ ފަދަ ގޮތަކަށް ތޫބާ އޭނަގެ ބަސްތައް އަތުރަމުން ދިޔަ އެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރި ދިޔާނާ މައުވާމެނަށް ބޭރަށް ދިއުމުގެ ހުއްދަ ދިނީ އެކަމުގެ ސަބަބުން މައުވާއަށް ރަގަޅު ބަދަލެއް އައިސްދާނެތީ އެވެ. އެކުވެރިންނާއެކު ވަގުތު ހޭދަކުރުމަކީ ހިތާމަތަކާ ދުރަށް ދިއުމަށް ލިބޭނެ ރަގަޅު ފުރުސަތެއް ކަމުގައި އޭނަ ދެކުނެވެ.
''އެންމެ ލަސްވެގެން އެގާރަ ޖަހާއިރު އަންނަންވާނެ...'' ދިޔާނާ ބުނެލިއެވެ. ދިޔާނާގެ ޝަރުތު ޤަބޫލުކުރަމުން މައުވާމެން މިސްރާބު ޖެހީ ގޭގެ މައިދޮރާ ދިމާއަށެވެ. އޭރު ތޫބާއަށް ލަސްވެގެން އޭނަގެ އެކުވެރިންތައް ފުލުފުލުން ގުޅަ އެވެ.
''ކޮން އިރެއް މިތާ ބޭރުގަ ތިބޭތާ، މި ފައިބަނީއޭ ބުނި މީހާއަށް ތިއާދެވުނީ ގަޑިއެއްހާއިރު ފަހުން...'' ދުވާރު މަތީ މަޑުކޮށްލައިގެން ތިބި ތިން އަންހެންކުދިންގެ ތެރެއިން އެކަކު ކުރިއަށް ޖެހިލަމުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ތޫބާ އެކަމަށް މަޢާފަށް އެދެމުން ދާންވީ ތަނާ ބެހޭ ގޮތުން ސުވާލުކޮށްލިއެވެ.
އެކުވެރިންގެ މަޝްވަރާގެ މަތިން ދާން ފައިނަލް ވެގެން ދިޔައީ ލެމަންގްރާސް ސީ ވިއު ރެސްޓޯރެންޓަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ފަސް އެކުވެރިން މަންޒިލާ ހަމައަށް މިސްރާބު ޖެހީ އަމިއްލަ ވާހަކަތަކަށް ގެއްލިފައި ތިބެއެވެ. ގިނަ ދުވަސްތަކަށް ފަހު ބޭރަށް ނިކުމެވުމުން ހިތްހަމަޖެހުމުގެ އަސަރު މައުވާގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ. އޭނަ އެފަދަ ކަމަކަށް ބޭނުންވެފައި ހުންނަތާ ވެސް ލައްކަ ގިނަ ދުވަސް ވެއްޖެއެވެ.
''އިވީ ބަލީތަ؟، މިހާރު ކްލާހަށް ވެސް އަންނަނީ މަދު ފަހަރަކު...'' ދެކެވެމުން ދިޔަ ވާހަކައިގެ މިސްރާބު ބަދަލުވެ އެންމެންގެ ސަމާލުކަން މައުވާއަށް ހުއްޓިގެން ދިޔައީ އީލާފް ކޮށްލި ސުވާލެއްގެ ސަބަބުންނެވެ. އެއާއެކު މައުވާގެ ތުންފަތުގައިވި ހިނިތުންވުން ބަލަބަލަ ހުއްޓާ މިލާމޯޅިވެގެން ހިނގައްޖެ އެވެ.
''ޔާހ، އަހަރެން ވެސް މިހުންނަނީ ތިކަން އޮޅުން ފިލުވަންވެގެންނޭ...'' އިތުރު ކުއްޖަކު ވެސް އީލާފްގެ ޖުމްލައަށް ބާރު ދިނެވެ. މައުވާ އެސުވާލަށް ޖަވާބު ދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް ޖަވާބު ނުދީ ވެސް ވާކަށް ނެތެވެ. އީލާފްގެ ފަރާތުން ތޫބާއަށް އެއްވެސް ކަމެއް ހާމަވެދާނެތީ އޭނަ ފިކުރުތަކެއްގެ ތެރޭގައި ހުންނަތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ. ފަހަރެއްގައި ވެސް ޝިއާފާ މެދު އެއްވެސް މީހެއްގެ ވިސްނުން ކިލަނބުވެގެން ދާން އޭނަ ބޭނުމެއް ނުވެއެވެ. އެކަން އެހެންވާން އޮތް ހުރިހާ ދޮރެއް ވިއްޔާ އޭނަގެ އަތުގައި އޮތް ބާރަކާއެކު ބަންދު ކުރާނެއެވެ.
''ހުން އައިސްގެން އުޅޭތީ...'' މައުވާ އަވަސްއަވަހަށް ބުނެލިއެވެ. އޭރު ތޫބާ މައުވާ ގާތަށް ޖެހިލިއެވެ. ހީވީ އެކުވެރިންގެ ދޫތަކުން މައުވާ ދިފާޢުކުރަން ތައްޔާރުވި ހެންނެވެ.
''އިވީ ޔޫ ޑޯންޓް ހޭވް ޓު ލައިޓު އަސް... ކޮންމެކަމެއް ވެސް އަހަރުމެންނާ ޝެއާރ ކުރެވިދާނެ، ވީ އާރ ހިިއާރ ޓު ހެލްޕް ޔޫ ޑިއާރ، އަނެއްކާ ބޯއިފްރެންޑް އިޝޫއެއްތަ؟...'' ސުވާލަކަށް ފަހު ސުވާލެއް ކުރިމަތިވާން ފެށިއެވެ. އެކަމާ ތޫބާ ހިތްހަމައެއް ނުޖެހުނެވެ. ދިމާވި ކަންތައް މައުވާ އެކުވެރިންނާ ހިއްސާކުރަން ބޭނުންނުވުމުގެ ފަހަތުގައި ސަބަބެއް އޮންނާނެކަން ވެސް އޭނައަށް އެނގެއެވެ.
''އިވީ ދޮގެއް ނަހަދާނެއެއްނު...'' ތޫބާ ބުނެލިއެވެ. އުނދަގޫކަމަކަށްވި ކަމުގައި ވިޔަސް އެކުވެރިންގެ ދުލުގައި ހިފެހެއްޓޭތޯ އޭނަ މަސައްކަތް ކުރި އެވެ. އަދި ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަބުރާލަން ވެސް އުޅުނެވެ. އެހެނަސް އެކަންތައް ވެގެން ދިޔައީ މުޅިންހެން ބޭކާރު ކަމަކަށެވެ.
''ކާރު ދުއްވަން އިން މީހާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިތަ؟، މަ އަޑުއެހިން އޭނަ ޔޫސްކޮށްގެން ހުއްޓާ ހިނގި އެކްސިޑެންޓެކޭ އެއީ... އޭނަގެ ސަބަބުން ހާދަ ބޮޑު ދެރައެކޭ ތޫބާގެ ފެމިލީއަށް އެލިބުނީ...''
''އޭނައަށް ހައްގު އަދަބު ލިބެން ޖެހޭނެ...''
''އެކި މީހުންކުރާ ކުށަށް އަދަބު ލިބޭނީ އެކި ގޮތްގޮތަށް، އޭނަ ވެސް ކުރި ކުށުގެ ސަޒާ އޭނައަށް ލިބުނީ، ކަރްމާ އެޓް އިޓްސް ފައިނެސްޓް...'' މައުވާއަށް ސިހުމެއް ލިބިގެން ދިޔައީ އީލާފްގެ ޖުމްލައިގެ ސަބަބުންނެވެ. އިތުރު އެއްޗެއް ބުނެ ޝިއާފްގެ އަނދިރި މާޒީ ބޭޒާރު ކުރުމުގެ ކުރިން އީލާފް ހުއްޓުވުމަށް މައުވާގެ ސިކުނޑި މަސައްކަތްކުރަން ފެށިއެވެ. އެއިން އެއްވެސްކަމެއް ހާމަވެގެން ދިއުމަށް އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެސިއްރުތައް އިތުރަށް ކޮނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
''ވަޓް؟...'' އީލާފަށް ބަލައިލަމުން ތޫބާ ބުނެލިއެވެ. އިވުނު ޖުމްލައިން އޭނައަށް ކުޑަވަރެއްގެ ޝޮކެއް ލިބިފައި ވިއެވެ. އީލާފް އެފަދަ ގޮތަކަށް ވާހަކަ ދެއްކީ ކީއްވެގެން ހެއްޔެވެ؟
އީލާފަށް އިތުރު އެއްޗެއް ނުބުނެވެނީސް މައުވާ އީލާފްގެ އަތުގައި ހިފެހެއްޓިއެވެ. އަދި ބޮލުގެ އިޝާރާތުން އެދުނީ އިތުރަށް އެވާހަކަތައް ނުދެއްކުމަށެވެ. މައުވާގެ ދެލޮލުގައިވި އާދޭހުގެ ކުލަވަރުތަކުން އީލާފަށް ހައިރާންކަމެއް ލިބުނު ކަމުގައި ވިޔަސް ދެން އިތުރަށް ޝިއާފް ބޭޒާރު ކުރަން އުޅުމުގެ ބަދަލުގައި އޭނަގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
''އަހަރެން ބުނީ ކާރު ދުއްވަން އިން މީހާއަށް ކުރެވުނު ކަންތަކަށް އަދަބު ލިބޭނެ ނޫންހޭ، ގޯޑް ޔޫ ގައިޒް އާރ ސޯ ޑްރެމެޓިކް...'' މާހައުލަށް ވެރިވެފައި އޮތް ހާސްކަމަށް ނިމުމެއް ގެންނަމުން އީލާފް ހިނިގަނޑެއް ޖަހާލިއެވެ. އޭރު ތޫބާ ހުރީ އީލާފް ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
*****
ރެސްޓޯރެންޓަށް ވަންނަން މައުވާ އާއި އީލާފް އެއްހަމައެއްގައި ހިނގަމުން ދިޔައީ އެހެނިހެން އެކުވެރިންނަށް ވުރެ ފަހަތުންނެވެ. އެއީ މައުވާ ބޭނުންވި ގޮތެވެ. އޭނަ އީލާފާ ހިއްސާކުރަން ބޭނުންވާ ވާހަކަތައް ތިންވަނަ ކަންފަތަކާ ހަމައަށް ފޯރާފާނެކަމުގެ ހާސްކަމެއް ވެސް ނޯންނާނީ އޭރުންނެވެ.
''އިވީ ކީއްވެތަ އެކަހަލަ މީހަކު ޑިފެންޑް ކުރަން ތިއުޅެނީ...'' އީލާފް ބުނެލިއެވެ. އޭނަ ހުރީ ޝިއާފްގެ ހަޤީޤަތް އެނގޭއިރު ވެސް މައުވާ ޝިއާފްގެ ކޮޅަށް ބުރަވެފައި ހުރުމުން ހިތްހަމަނުޖެހިފައެވެ. އޭނަ ހީކުރީ މައުވާ ވެސް ހުންނަނީ ޝިއާފާ ދެކޮޅަށް ކަމަށެވެ. އެހެނަސް ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އޭނަގެ ނަޒަރުގައި ޝިއާފް ފަދަ ނުބައި މީހުންގެ ސިއްރުތައް ދުނިޔެއަށް ބޭޒާރު ވާން ޖެހޭނެއެވެ.
''މަރުވެފައި ތިބި މީހުންނާ ބެހޭ ގޮތުން ރަގަޅު ވާހަކައެއް ނޫނީ ނުދެއްކުމަށް އޮންނަނީ...'' މައުވާ ބުނެދިނެވެ. ''އަހަރެން ބޭނުމެއް ނޫން ތޫބާއަށް އެއިން އެއްވެސް ކަމެއް އެނގޭކަށް، ހަމައެއާއެކު މަރުވެފައިވާ މީހަކާ ބެހޭ ގޮތުން ނުރަގަޅު ވާހަކައެއް ދައްކަން ފުރުސަތުދޭކަށް ވެސް، އަދި އަޑުއަހާކަށް ވެސް...''
''ސޮރީ، ދެން އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދޭނަން...'' އީލާފް ވިސްނަން ހުރެފައި ބުނެލިއެވެ. މައުވާ އެބުނީ ދޮގެއް ވެސް ނޫނެވެ.
*****
ރެސްޓޯރެންޓަށް ވަން ތޫބާގެ ދެލޯ މިއުޒިކް ހުށަހަޅައިދެމުން ގެން ދިޔަ ބޭންޑަށް ހުއްޓުމާއެކު އެހެންތަނަކަށް ނަޒަރު ހިންގާލަން ވެސް އޭނަ ހަނދާން ނެތުނު ކަހަލައެވެ. އެސްފިޔަ ޖަހާލަން ވެސް އޭނަ ބޭނުން ނުވެފައި ހުރީ ފެންނަމުން ދިޔަ މަންޒަރު ބަދަލުވެދާނެތީއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު ލޯކުރިމަތިން ފެންނަމުން އެދަނީ އޭނަގެ ހިތުގެ ހަމަޖެހުން ނަގާލާފައިވާ ޒުވާނާ އެވެ. މިޒްޔަލް އެވެ. އެހިތްގައިމު އަޑުން ލަވަ ހުށަހަޅައިދެމުން ދިޔަ އިރު އެއަޑުގެ ޖާދޫގައި ނުޖެހޭނެ ހިތެއް ނުވާނެކަން ގައިމެވެ. މިޔުޒިކުގެ ހިތްގައިމު ރާގުގެ ތެރެއަށް އެއަޑު ވިރިގެންދަނީ ނިކަން ފުރިހަމަކަމާއެކުގަ އެވެ. ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވާން ވެސް ފެށީ ވަކި ގޮތެއް ބާލާފައެއް ނޫންނެވެ.
''ތޫބާ...'' އެކުވެރިންގެ އަޑު ކަންފަތުގައި ގުގުމާލައިގެން ދިއުމާއެކު ޚިޔާލީ ދުނިޔެއިން ތޫބާއަށް ނިކުމެވުނެވެ. އެއާއެކު އޭނަ ހަރުކޮށް ހިނގާލާފައި ގޮސް ފުރަތަމަ ސަފުގައި ހުރި މޭޒުގައި އިށީނެވެ. އަދި ފުންނޭވާތަކެއް ދޫކުރަން ފެއްޓިއެވެ.
''ކިހިނެއްވީ ކުއްލިއަކަށް ފްރީޒްވީ؟... ގޯސްޓެއް ފެނުނީތަ؟...'' އެކުވެރި ޒީނާ އަހާލިިއެވެ.
''ސަމްތިންގް ލައިކް ދެޓް...'' ތޫބާގެ ތުންފަތުގައި ކުޅެމުންދާ ހިނިތުންވުން އޭނައަށް ސިއްރެއް ނުކުރެވުނެވެ. އޭނަ މައުވާގެ އަތުގައި ކޮއްޓާލަމުން ސްޓޭޖާ ދިމާއަށް އިޝާރާތްކޮށްލިއެވެ. އަދި ސިއްރުސިއްރުން މައުވާއަށް މެސެޖެއް ފޯރުކޮށްދިނެވެ. އެއާއެކު މައުވާގެ ނަޒަރު ސްޓޭޖާ ދިމާއަށް ދަތުރު ކުރިއެވެ. ތޫބާ އޭނައަށް ސިފަކޮށްދިން ތަސްވީރުގެ އަސްލު ފެނުނު ކަހަލައެވެ. ހިތްތަށް ލަންބާލުމުގެ ބާރު އެތޫނުފިލި ދެލޮލުގައި ވެއެވެ. މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ. ތުންފަތުގައިވަނީ އޯގާތެރި ހިނިތުންވުމެކެވެ.
''މައި ގޯޑް އައި ނޭވަރ ތޯޓް އައި ވިލް ސީ ހިމް އެގެއިން...'' ތޫބާ ވައި އަޑަކުން ބުނެލިއެވެ. އަދި ސްޓޭޖަށް ބަލާލި ވަގުތު އޭނަގެ ހިތް މޭކަށިގަނޑު ފަޅާލާފައި ނުނުކުތީ ހަމަ ކިރިޔާއެވެ. މިޒްޔަލްގެ ދެލޯ އަމާޒުވެފައި ވަނީ އޭނައަށެވެ. އެދެމެދުގައި އެތައް ދުރުމިނެއްވި ކަމުގައި ވިޔަސް ތޫބާގެ ހިއްސުތަކާ ކުޅެލައިފިކަން ގައިމެވެ. ނޭވާ ކުރުވާން ފެށީ ވެސް ވަކި ގޮތެއް ބަލާފައެއް ނޫނެވެ. އަދި އެރީތި ހިނިތުންވުން އޭނައަށް ހަދިޔާ ކުރި ވަގުތު ހިތް އާސުމާނަށް އުދުއްސައިގަތް ކަހަލައެވެ.
*****
ޒުލްފާ އިނީ ބޮޑުކޮޓަރީގައި ޓީވީން ދައްކަމުން ދިޔަ ހިންދީ ސިލްސިލާއެއް ބަލާށެވެ. އޭނަގެ ދެލޯ ޓީވީ ސްކްރީނަށް ހުއްޓިފައި ވިއެއް ކަމަކު އޭނަގެ ސަމާލުކަމުގެ ރާޑަރަށް އަރާފައިވަނީ މުޅިން އެހެން ކަމަކެވެ. މިއަދު ޝަކީލާގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުގެ ސަބަބުން އޭނަ ހުރީ ޝަކީލާ ދެކެ ވަރަށް ގަދަޔަށް ރުޅި އައިސްފައެވެ. ހަމައެއާއެކު މައުވާގެ ފަރާތުން ބަދަލު ހިފުމުގެ ހުރިހާ ދޮރެއް އޭނައަށް ބަންދުވަމުން ދިޔަ ކަމުގެ ނުބައި އިހުސާސުން އިރުއިރުކޮޅާ އެތެރެހަށި ފިއްސަމުންދާ ފަދައެވެ.
''ދައްތާ...'' ހުސޭންގެ އަޑު އިވުނުކަމުގައި ވިޔަސް ޒުލްފާ އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. އިހުނަށްވުރެ މޫނު ކުނިކޮށްލަމުން ރިމޯޓުން ޗެނެލްތައް ބަދަލުކުރަން ފެށިއެވެ. ޒުލްފާގެ އެއަމަލުން ހުސޭން ފޫހިވިކަމުގައި ވިޔަސް އޭނަ ދައްކަން އައި ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ.
''މަދާމާ ހަވީރުގެ ފެރީން ދައްތަ ފުރުމުގެ އިންތިޒާމު ހަމަޖައްސައިފިން...'' ހުސޭން ބުނެދިނެވެ. އެއާއެކު ޒުލްފާ ހުސޭނަށް ދެލޯއަޅާލިއެވެ.
''ކީއްކުރަން އަހަރެން ފޮނުވާލަން ތިއުޅެނީ؟... މިތަނުން ފޮނުވަންޖެހޭ މީހަކީ މައުވާ، މަށެއް ނޫން! ދިޔާނާ ދަސްކޮށްދީގެން ދޯ ހުސޭން ތިހުރިހާކަމެއް ތިކުރަނީ... ބުނަން، އަނބިދަށު ވިޔަސް ތީދެން ބޮޑުވަރު...'' ޒުލްފާ ހުރީ އެގެއިން ދާ ފަދަ ވިސްނުމެއްގައެއް ނޫނެވެ.
''ދެން ހޮޔެ، މިހާރު ވަރަށް ގިނަ ދުވަހު ދައްތަ ބޭނުން ގޮތަކަށް ދިޔާނާއާ ދިމާއަށް އެއްޗެހި ކިޔުމުގެ ފުރުސަތު ދީގެން ހުރެވިއްޖެ، ދެން އިތުރަށް އަހަރެން އެފުރުސަތެއް ނުދޭނަން، އެއްފަހަރު ވެސް ތި ރުޅިގަނޑު ފިނިކޮށްފަ ހެޔޮ ހިތަކާއެކު ވިސްނާލައިފިއްޔާ ވާނީ ކީއްތަ؟... ކޮންދުވަހަކުންތަ ދައްތަގެ ތިގޮތްގަނޑު ދޫކުރާނީ؟... ހެޔޮއެދިގެން ބުނާ އެއްޗެއް ވެސް އަޑުއަހަން ދައްތަ ބޭނުމެއް ނުވޭ...... މާދަން ހަވީރު ފަހެއްޖަހާއިރު މިކޮޅުން ފެރީ ފުރާނެ، އަހަރެން ދައްތަ ގެންގޮސްދޭނަން ޓާރމިނަލަށް، އެކޮޅުން ރަޔާން އަންނާނެ ދައްތަ ބަލާ، ޑޮކްޓަރަށް ދައްކަން ޖެހިޖެއްޔާ މިކޮޅަށް އައިސް ދައްތައަށް މިގޭގައި ހުރެވޭނެ...'' ހުސޭން އޭނަގެ ފަހުގެ ނިންމުން އިއްވާލުމަށްފަހު މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ. އެއީ މިވަގުތަށް އޮތް އެންމެ ރަގަޅު ގޮތެވެ. ގޭގެ މަސްލަހަތު ބޮއްސުން ލައިގެން ނުދަނީސް އޭނައަށް އޮތީ އެފިޔަވަޅު އަޅަން މަޖުބޫރުވެފައެވެ.
އަތުގައި އޮތް ރިމޯޓް ހޫރާލަމުން ޒުލްފާ ދަތްކުނޑިވިކާލިއެވެ. ރުޅިއައިސް އޭނަގެ ދަތްދޮޅީގައި ވެސް މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. މުށްކަވާލަމުން އޭނަ ފުންނޭވާތަކެއް ދޫކުރަމުން ދިޔަ އެވެ.
''ބޮޑު ބަލާއެއްކަހަލަ އެއްޗެއް، މަ ދުޢާ ކުރާނަން ކަލެއަށް ދުވަހަކު އުފަލެއް ނުލިބޭނެހެން، އެބަދު ކަލެއަށް ހިތާމަ ނޫން އެއްޗެއް ނުލިބޭނެހެން، ކަލޭ މި ދުނިޔެއަށް ނޭވާލާހާ ހިނދަކު ރަގަޅު ދިރިއުޅުމެއް ނުލިބޭނެހެން، ގަނަތެޅިތެޅި މަރުވެއްޖެއްޔާ މާ ރަގަޅުވާނެ...... އަހަރެންގެ ހިތް ދުވަހަކު ކަލެއަށް ހެވެއް ނުވާނެ...'' ޒުލްފާ ހިތާހިތުން މައުވާއަށް ބަދުދުޢާ ކުރިއެވެ. އޭނަގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބެނީ އެފަދަ ކަންތައްތަކުންނެވެ.
ސޯފާގައި ހުރި ކުޝަންތައް ވެސް އަތުގެ ކޮޅަށް ހޫރާލަމުން އޭނަ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފާރުތައް ވެސް ގުޑައިގެންދާނެހާ ބާރަށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ހުރިހާ އެންމެން މައުވާގެ ކޮޅަށް ބުރަވެފައި ވަނީ ކީއްވެގެން ހެއްޔެވެ؟ އެސުންޕާ ގަނޑުގެ ހަޤީޤަތް ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ގާތް އެކުވެރިޔާ ވެސް މައުވާގެ އަވާގައި ޖެހި އެންމެ ފަހު ވަގުތު އޭނައަށް ދިނީ ކެއްސެވެ. މިއަދު އޭނަގެ އެއްބަނޑުއެއްބަަފާ ކޮއްކޮ ވެސް މައުވާގެ ސަބަބުން އޭނަ ގެއިން ނެރެލީއެވެ. ބަދަލު ހިފުމުގެ ފުރުސަތެއް ފަހިނުކުރެވެނީސް މިވަނީ ރަށަށް ދާން ޖެހިފައެވެ. ހާދަ ދެރައެވެ. ޝަކީލާ އޭނައާ މެދު ކަންތައް ކުރި ގޮތަށް ފަހު ޝަކީލާގެ ގާތަށް ދާން އޭނަ ބޭނުމެއް ނޫނެވެ.
*****
ކެއުމަށް އިންސާފުކޮށް ނިމި ގެއަށްދާ ގަޑި ކައިިރިވަމުން ދިޔަ ވަރަކަށް ތޫބާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔަ އެވެ. މިޒްޔަންއާ ވާހަކަ ދައްކާލުމުގެ ފުރުސަތެއް ނުލިބި ގެއަށް ދާން އޭނަ ބޭނުމެއް ނޫނެވެ. އަދިވެސް މިޒްޔަން ހުރީ ލަވަ ހުށަހަޅައިދޭންށެވެ. ބައެއްފަހަރު ހުށަހަޅައިދޭ ލަވަތައް ސިފަވެގެންދަނީ އޭނައާ މުޢާމަލާތްކުރުމުގެ ނިޔަތުގައި އިއްވައިދޭ ލަވަތަކެއް ހެންނެވެ. އޭގައިވާ މާނައާއި ފުން އަސަރުތަކުން ހިތުގައި ފިރުމާލަދޭ ކަހަލައެވެ.
''ލެޓްސް މޫވް...'' ބިލަށް ފައިސާ ދައްކާ ނިމުމާއެކު އީލާފް ބުނެލިއެވެ. އެއާއެކު ތޫބާއަށް ބަލާލެވުނީ ސްޓޭޖާ ދިމާއަށެވެ. މިރޭ އޭނަގެ ދެލޯ އެދިމާއަށް ދަތުރުކުރީ ކިތައްފަހަރުކަމެއް ވެސް އެނގެނީކީ ނޫނެވެ. އެނގޭހާ ވެސް އެެއްޗަކީ މިޔްޒަން ފެންނަ ކޮންމެ ފަހަރަކު އޭނައަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެންދާކަމެވެ. ނަމަވެސް އަލްވަދާޢު ކިޔަންވީ ވަގުތު އައިސް މިއޮތީ ކުރިމަތިވެފައެވެ. ދެރައީ ދެން ބައްދަލުވެދާނެކަމުގެ އުއްމީދެއް ވެސް ނެތުމުންނެވެ. މާޔޫސްވިއެއްކަމަކު ދެން އިތުރު ބަހަނާއެއް ނުދެއްކޭނެކަން ތޫބާއަށް އެނގުނެވެ. އޭނަ ގޮނޑިން ތެދުވަމުން ކުރިއަށް ހިނގައިގަތީ އޭނަގެ ހިތުގެ އެދުން ހާސިލުކޮށްދެއްވުމަށް އެދި ހެއްދެވި ފަރާތަށް ދުޢާ ދަންނަވާ ހާލުގަ އެވެ.
''ހޭއި ބަޑީ، މަ އެބަ އަންނަން އިރުކޮޅަކުން... ތިމީހުން ބްރޭކެއް ނަގަންވީނު؟...'' ތޫބާ ދިޔަ ދިމާއަށް ބަލަން ހުރެފައި މިޔްޒަން ބުންޏެވެ. އޭނަގެ ހަރަކާތްތައް ވެސް ވަރަށް އަވަހެވެ. އިތުރު މީހެއްގެ ޖަވާބު ނުލިބެނީސް އަތުގައި އޮތް ގިޓާރ ފޮށްޓަށް ލަމުން އޭނަ އަވަސްވެގަތީ ބޭރަށް ނުކުތުމަށެވެ.
ކުރިއަށް ފިޔަވަޅުތަކެއް އަޅުމުން ދިޔަ ތޫބާއަށް ސިހުމެއް ލިބުނީ މީހަކު އޭނަގެ އަތުގައި ހިފުމާއެކުގައެވެ. އެއާއެކު އޭނައަށް ފަސްއެނބުރި ބަލާލެވުނީ ނިކަން އަވަހަށެވެ. ނަމަވެސް ފެނުނު ސޫރައެއްގެ ސަބަބުން އޭނަގެ ހުރިހާ އުއްމީދެއް ފެނަށް ވެގެންދާން މާކަ ގިނަ އިރެއް ނުނެގިއެވެ. މޫނުމަތީގައިވި އުފާވެރިކަމުގެ މައްޗަށް ފޫހިކަމާއި ރުޅިވެރިކަން ސަވާރުވެގެން ދިޔައީ ކުއްލިޔަކަށެވެ.