ފޯނުގައި ލިޔެވުނު ނަންބަރު ފަރިތަކަމާއެކުގައި މިޒްޔަލް ކިޔާލިއެވެ. އޭނަ ތޫބާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ގުޅާނަން ކަމުގައި ބުންޏެވެ. އަދި ތޫބާއަށް ފަސްދީ ހިނގައިގަންނަމުން އަތުގެ އިޝާރާތުން ދަނީ ކަމުގައި ބުނެލިއެވެ.

މިޒްޔަލްއަށް ބަލަން ހުރި ތޫބާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހުވަފެނީ އާލަމެއްގައި ވަނިކޮށް އޭނަ ސިހިގެން ދިޔައީ މީހަކު ކޮނޑުގައި ޖަހާލުމުންެނެވެ. ފަސްއެނބުރި ބާލާލި ހިނދު އޭނަގެ އެކުވެރިންތައް ތިބީ ބަލަހައްޓައިގެންނެވެ.

އެކުވެރިންގެ ސުވާލުތަކުން ރެކިގަތުމަކީ މުސްތަހީލުކަމެއްކަން ތޫބާއަށް ނަގައިގަނެވުނެވެ. އޭނަ ހުރީ ކުރިމަތިވެދާނެ ކޮންމެ ފަދަ ސުވާލަކަށް ވެސް ދޭނެ ޖަވާބެއް ރާވާލައިގެންނެވެ. އެންމެނަށް ސުވާލު ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައީ ތޫބާއަށް އައި ފޯނު ކޯލުގެ ސަބަބުންނެވެ. ތޫބާ އަވަސްވެގަތީ އަތްދަބަހުގައި އޮތް އޭނަގެ ފޯނު ނެގުމަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ. މަޑު ތުރުތުރުލުމެއް އުފެދިގެން ދިޔަ އަތުން ފޯނު ނަގައި އޭނަ ސްކްރީނަށް ނަޒަރެއް ދިނެވެ. އެއާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އޭނައަށް ގުޅަނީ މަންމަ އެވެ. ތޫބާ ފުންނޭވާއެއް ދޫކޮށްލަމުން ފޯނަށް ޖަވާބު ދިނެވެ.

''މަންމާ، އިރުކޮޅަކުން މިދަނީ...'' ތޫބާ މައުވާއަށް ބަލާލަމުން ބުނެލި އެވެ. އަދި އެކޮޅުން ދިޔާނާ ދެއްކި ވާހަކަތައް އާނ އަކުން ފުއްދާލަމުން ފޯންކޯލް ކުރުކޮށްލި އެވެ. ''އިވީ ހިނގާ އަވަހަށް ދާން...''

''ނޮޓް ސޯ ފާސްޓް، އެއީ ކާކުކަން ބުނެދީފަ ދެވޭނީ...'' ތޫބާއަށް ފަސޭހައިން ސަލާމަތްވެގެން ދެވިދާނެ ފަދަ ފުރުސަތެއް ދޭން އޭނަގެ އެކުވެރިންތައް ބޭނުމެއް ނުވިއެވެ. އެންމެން ތިބީ މިޒްޔަލްގެ ހަޤީޤަތް އޮޅުން ފިލުވަން ބޭނުން ވެފައެވެ.

''މާދަން ސްކޫލަށް ގޮއްސަ ކިޔައިދޭނަން، މިހާރު ވަރަށް ލަސްވެގެން މިއުޅެނީ...'' މަގުން ދިޔަ ޓެކްސީއެއް ހުއްޓުވަމުން ތޫބާ ބުންޏެވެ. އަދި މައުވާއަށް އަތުގެ އިޝާރާތުން ޓެކްސީއަށް އެރުމަށް ބުނެލިއެވެ.

ޓެކްސީއަށް އަރައި ހަމަޖެހުމާއެކު މިޒްޔަލްއާއި ހިއްސާކުރެވުނު ވާހަކަތައް ޖޯޝާއެކު މައުވާއަށް ކިޔައިދޭން ފެށިއެވެ. ތޫބާގެ ވާހަކަދެއްކުމުގެ ރާގުން އޭނަ އުފާވެފައިވާ މިންވަރު މައުވާއަށް އަންދާޒާ ކޮށްލެވުނެވެ. ހަމައެއާއެކު އަލޫފްގެ ފަރާތުން ދިމާވި ކަންތައްތައް މަތިން ހަނދާން ނެތިފައިވުން ވެސް ވެގެން ދިޔައީ މައުވާގެ ހިތަށް ފިނިކަމެއް ގެެނެސްދިން ކަމަކަށެވެ. އޭނަ ހުރީ ބަދަހިވަމުން އަންނަ މިޒްޔަލްއާއި ތޫބާގެ ގުޅުމާމެދު ހިތްހަމަޖެހިފައެވެ.

''ފަހުން ގުޅާނަމޭ ވެސް ބުނި...'' ތޫބާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ކަމަކަށް ކެތްމަދުވެފައިވާ ހެންނެވެ. އޭގެ ސަބަބުން މައުވާ ގާތަށް ހިނި އައެވެ.

''ޔޫ ހޭވް ޓު ވެއިޓް...'' މައުވާ ބުނެލިއެވެ. ތޫބާ އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

*****

ތޫބާއާއި މައުވާ ލިފްޓުން ފޭބި އިރު ޒުލްފާ ގޭތެރޭގައި އަޑުގަދަކޮށްލައިގެން އުޅޭ އަޑު އެހިސާބަށް ވެސް ފޯރައެވެ. ތޫބާ ދެފަރާތަށް ބޯހޫރާލަމުން ކުރިއަށް ހިނގައިގަތީ ޒުލްފާ ދެކެ ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނަ ހީކުރީ ވަގުތާއެކު ދައްތަ ބަދަލުވެދާނެ ކަމަށެވެ. އަދި މައުވާގެ ބޮލުގައި އަޅުވަމުން ދިޔަ ދޮގު އިލްޒާމުތަކަށް ފަހުން ދެރަވެ މަޢާފަށް ވެސް އެދޭނެ ކަމަށެވެ. ނަމަވެސް ފެންނަމުން މިދަނީ ދިމާ އޭގެ އިދިކޮޅެވެ. ދައްތަގެ ސަބަބުން މައުވާއަށް ނޭދެވޭ އަސަރެއް ނުކުރަނީސް އޭނަ ބޭނުންވަނީ އަވަހަށް ދައްތަ އެގެއިން ދާށެވެ.

''ކަލޭ ހުސޭނަށް ދަސްކޮށްދީގެން ދޯ މަ ފޮނުވާލަން އުޅެނީ... ރޭވުންތެރިކަން ހުރި މީހެއް ކަލޭ ތީ...'' މައުވާމެނަށް އާދެވުނީ ޒުވާބު އެންމެ ހޫނުވި ދަނޑިވަޅުގައެވެ. ޒުލްފާ ކިޔާ އެއްޗިއްސަށް ދިޔާނާ ސަމާލުކަން ނުދިނުމުން ޒުލްފާގެ ރުޅިގަނޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. ޒުލްފާ އެއްލި ކަޅިއަކުން މައިދޮރު ކައިރީ ހުއްޓިލައިގެން ތިބި ތޫބާމެން ފެނުމާއެކު ކަޅިއަޅާލަމުން ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ.

''ނަސީބެއް ދާން އުޅޭކަން ވެސް...'' ލޯކުރިމަތިން ޒުލްފާ ގެއްލުމާއެކު ތޫބާ ބުނެލިއެވެ. ޒުލްފާ ދާން އުޅޭ ޚަބަރާއެކު އޭނައަށް ލިބުނު އުފާވެރިކަން ދެގުނައަށް އިތުވެގެން ދިޔަ ކަހަލައެވެ.

''ދައްތަ ކިޔާ އެއްޗިއްސަށް އިވީ އެހާ ބޮޑު ސަމާލުކަމެއް ނުދެއްޗޭ، ޝީ އިޒް އެ ސައިކޯޕާތް...'' ކުރިއަށް ހިނގައިގަންނަމުން ތޫބާ ބުނެލިއެވެ.

މައުވާ ވަކިއެއްޗެއް ނުބުންޏެވެ. އޭނަ ހުރީ ގޭތެރޭގައި އުފެދިފައިވާ ހައިޖާންގަނޑާއެކު ހާސްކަމެއްގެ ތެރޭގައެވެ. ޒުލްފާ ދިޔަކަމުގައި ވިޔަސް އެރުޅިވެރިކަމަށް ނިމުމެއް ނާންނާނެކަން އޭނައަށް އެނގޭ ކަހަލައެވެ. ހަމައެއާއެކު އޭނައަށް ދުވަހަކު ހިތްހެވެއް ވެސް ނުވާނެކަން އެނގޭ ކަހަލައެވެ. މައުވާ ފުން ވިސްނުމަކަށް ގެއްލުނެވެ. އަމިއްލަ ޒަމީރާއި އެތައް އިރުގެ ދެބަސްވުމަކަށް ފަހު އޭނަ ގަސްދުކުރީ ޒުލްފާއާއި ވާހަކަ ދައްކާށެވެ. ފަހުފަހަރަށް ކަމުގައި ވިޔަސް އޭނަގެ ކުށެއް ނެތްކަން ސާބިތުކޮށްދޭށެވެ. ޒުލްފާ އޭނައާއި ދިމާއަށް އެއްޗެހި ކީކަމުގައި ވިޔަސް ހެޔޮކަމަށް ދެކިގެންނެވެ.

*****

ބާރާ ޖެހުމާއެކު މާލޭގެ ހަލަބޮލި މަގުތަކަށް ފަޅުކަން ވެރިވާން ފަށައިފިއެވެ. ދަންވަރުގެ ހިމޭންކަމުގެ ސައިލާއެކު ހިތްތަކަށް ނާމާންކަން ވެސް ދިޔައީ ވެރިކުރުވަމުންނެވެ. ތަރިތަކުގެ ދަރުބާރުގައި ސާދަ ވިލޭރޭގެ ހަނދުގެ ފުރިހަމަކަމާއި ޝާއްބަކަން ދައްކާލުމުގައި ކުރިހޯދާފައި ވާއިރު ދުރުދުރަށް ދާން ދެން ފެތުރިފައި އޮތީ ހަނދުގެ ރިހި ދޯދިތަކެވެ. ވިލާކޮޅެއްގެ އަސަރު ވެސް މިރޭ އުދަރެސް މަތިން ފާޅެއް ނުވެއެވެ.

މައުވާއަށް ހޭލެވުނީ ކަރު ހިއްކައިގަނެގެންނެވެ. ކޮޓަރީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމާއެކު އޭނަ މިސްރާބު ޖެހީ ބަދިގެއަށް ދިއުމަށެވެ. މައުވާ ކޮޓަރިން ނުކުތުމާއެކު އޭނަ ސިހިގެން ދިޔައީ ކަންފަތުގައި ޖެހުނު ރުއިމުގެ އަޑުންނެވެ. ދެކަންފަތް ހުޅުވައި ސަމާލުވުމާއެކު އަޑުއަންނަމުން ދިޔަ ހިސާބު އޭނައަށް ވަކިކުރެވުނެވެ. އޭނަ ކުރިއަށް ހިނގައިގަތީ ސިއްރު ފިޔަވަޅުތަކާ އެކުގައެވެ.

ކަމޭޒު ދޮށުގައި އިން ޒުލްފާއަށް ކޮށްފައިވާ ފުން އަސަރުތައް މާހައުލަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރެއިން ވެސް މައުވާއަށް ފާހަގަ ކުރެވުނެވެ. އެދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އިރުއިރުކޮޅާ ފޮހެލާއިރު ޒުލްފާގެ އެކަނިވެރިކަމާއި ހިތްދަތިކަން ވެސް އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. ޚުދު އޭނަގެ ހާލަކީ ވެސް އެއީއެވެ. ލޯބިވާ ފަރާތެއްގެ ކުއްލި ވަކިވުމުން އަސަރުނުކުރާނީ ކާކަށް ހެއްޔެވެ؟ ކުރި ހުރިހާ އުއްމީދެއް ވިއްސިވިހާލިވެ އެކަނިވެރިކަމުން ދިރިއުޅުންވަނީ ހަނަފަސް ވެފައެވެ.

މައުވާ ކުރިއަށް ހިނގައިގަތީ ޒުލްފާ ކޮންމެ އެއްޗެއްކީކަމުގައި ވިޔަސް ހެޔޮކަމުގައި ދެކިގެންނެވެ. އޭނަ ޒުލްފާއާއި އަރާހަމަކުރި ވަގުތު މީހެއްގެ ހިލަން އިހުސާސްކުރެވި ޒުލްފާ ފަސްއެނބުރި ބަލާލަނީއެވެ. މައުވާ ފެނުމުން އެދެލޮލުގައިވި ހިތްދަތިކަން މުޅިން އެހެން ސިފައެއް ޚިޔާރުކުރަން ފެށިއެވެ. އޭނަ އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު މައުވާ ވާހަކަދައްކަން ފެށިއެވެ.

''ދައްތާ، މިރޭ އަހަރެން މިދައްކާ ވާހަކަތައް ދައްތަ ޖެހޭނީ އަޑު އަހަން، ހަޤީޤަތެއް ނެތް ކަންތަކުގެ މައްޗަށް ބުރަވެހުރެ ނިންމުންތައް ނިންމުމަކީ ގޯހެއް، އަހަންނާ މެދު ދައްތަ ތިހާ ދަށު ދަރަޖައަކުން ދެކޭ ސަބަބެއް އަހަންނަކަށް ނޭގޭ، ފަހަރެއްގައި މީހަކު ދައްކާފައިވާ ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައި ކަމުގައި ވެސް ވެދާނެ... އަހަރެން ޝިއާފާ ރައްޓެހިވީ ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައެއް ނޫން... އެފަދަ ކަމަކަށް އަހަރެން ބޭނުންވާނަމަ ކީއްވެތަ އަހަރެން ޝިއާފާ ރައްޓެހިވާންވީ؟... އަހަރެން ޝިއާފްގެ ފަރާތުން ބޭނުންވީ ހަމައެކަނި ލޯތްބާއި އޯގާތެރިކަން... މިއަދު އަހަރެން މިވަނީ އެެހުރިހާ ކަމަކުން މަހުރޫމްވެފައި، އަހަންނަށް އިހުސާސްކުރެވޭ ދައްތަގެ ހިތާމަތައް...'' މައުވާގެ އަޑު ކުރަކިވެ ލޮލުން ކަރުނަ ހިލުނެވެ. އަވަސް ހަރަކާތްތަކާއެކު ކަރުނަ ފޮހެލަމުން އޭނަ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

''ބޮޑުދައްތައަށް އަހަންނާއި ޝިއާފްގެ ދެމެދުގައިވި ގުޅުމުގެ ހިލަމެއް ވެސް ނުވޭ، އަހަރުމެން ދެމީހުން އިންތިޒާރުކުރަމުން ދިޔައީ ރަގަޅު ވަގުތަކަށް، ނަމަވެސް އެދުވަސް ވެސް ދުށުމުގެ ނަސީބެއް އަހަރުމެންނަށް ނުލިބުނު....''

''މަޔަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަން ދައްތަ ބަރުދާސްތުކުރަމުން ތިދަނީ... ތި ހިތާމަތަކަށް ލުޔެއް ހޯދައިދިނުމުގައި އަހަރެންގެ ބާރުގެ ދަށުގައިވާނަމަ ދައްތައަށް ޝިއާފް ރައްދުކޮށްދިނީމުސް، އަދި ދައްތަ ބޭނުންވާ ގޮތަށް ޝިއާފާ ދުރަށް ވެސް ދިޔައީމުސް، ކިތަންމެ ބޮޑު ވޭނެއް ލިބުނު ކަމުގައި ވިޔަސް އެކަމަށް ކެތްތެރިވާނަން، މަޔަކާއި ދަރިއެއްގެ ދެމެދަށް އެޅިގެންދާ ހުރަކަށް ވާކަށް އަހަރެން ނޭދެން... އެކަމަކު ތަޤްދީރުގެ ނިންމެވުންތައް ބަދަލު ކުރުމުގެ ބާރެއް އަހަރުމެނަށް ލިބިގެން ނުވޭ، މިއަދު ޝިއާފް އަހަރުމެންނާ ދުރަށް ގޮސްފައިވާއިރު މިފަދަ ބޮޑު ހައިޖާންގަނޑެއްގެ ތެރޭގައި އެކަކު ވެސް ވާން ޝިއާފް ބޭނުމެއް ނުވާނެ...... އޮޅުމެއްގެ ތެރޭން ވެސް ދައްތަގެ ހައްޤަކަށް އަރައިގަނެވިފައިވާނަމަ އަހަންނަށް މަޢާފް ކުރޭ...'' މައުވާގެ އަޑުގައިވި އާދޭހާއި ލޮލުގައި ވިދާބަބުޅަމުން ދިޔަ ކަރުނަތަކުގެ ތެދުކަން ޒުލްފާއަށް އިހުސާސް ކުރެވުނެވެ. އޭނައަށް މައުވާ ޝިއާފް ދެކެ ވާ ތެދުވެރި ލޯބީގެ ސާފުކަން ފެނިގެން ދިޔަ އެވެ. އެއަޑުގައިވާ ފުން ހިތްދަތިކަން ވެސް މެއެވެ.

ޒުލްފާއަށް ހައިރާންވެ އިނދެ މައުވާއަށް ބެލެނީ އެވެ. މައުވާގެ ވާހަކަތަކުން އޭނަގެ ހިތަށް އަސަރުކޮށްފިކަން ގައިމެވެ. ނަމަވެސް އޭނަ މަސައްކަތްކުރީ އެކަން ނުދައްކާ ވޭތޯއެވެ.

''ކިހިނެއް އަހަރެންގެ ހިތަށް ކުރާނެ އަސަރު ކަލައެއް އެނގޭނީ؟...'' ޒުލްފާ އޭނަގެ އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ. އަދި އެންމެ މިނެޓަކަށް ވެސް އެތާނގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ. ޒުލްފާ ދިޔަ ދިމާއަށް ބަލަން މައުވާއަށް ހުރެވުނީ ފެންކަޅިވެފައެވެ. އޭނަގެ ހިތުގެ އަޑިން ބުނެދިން އެއްވެސް ވާހަކައަކަށް ޒުލްފާ އިތުބާރެއް ނުކުރިއެވެ. އޭނައަށް މިހާ ހިސާބަށް ވެސް މިއާދެވުނީ ހާދަ ހިތްވަރަކާއެކުގައެވެ. ނަމަވެސް އޭނަގެ ހުރިހާ އުއްމީދެއް ލޯކުރިމަތިން ފެނަށްވެ ނިމުނީއެވެ. ހާދަ ދެރައެވެ.

މައުވާއަށް ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެވުނެވެ. އޭނަގެ ލޮލުގައި ފުރިބާރުވެފައިވި ކަރުނަތައް ފައިބައިގަތީ ހިފެހެއްޓުމަކާ ނުލައެވެ. އޭނައަށް މޫނުގައި އަތް އަޅާލެވުނެވެ. އަދި ތުންފަތުގައި ދަތް އަޅާލެވުނީ ގިސްލުމުގެ އަޑު ގައިދުކުރުމުގެ ނިޔަތުގައެވެ. އެކަނިވެރިވާ ކޮންމެ ވަގުތެއްގައި ވެސް ޝިއާފްގެ ހަނދާންތަކުން އަނިޔާވެރިކަމާއެކު އޭނަގެ ރޫހު ހަށިގަނޑާވަކިކުރަން އުޅޭ ކަހަލައެވެ. މާޒީގެ ބަނަ ދުވަސްތައް ބަދަލުކުރެވިދާނެނަމަ ހާދަ ރަގަޅެވެ. އޭރުން މިވޭނާއި ކެކުޅުންތަކަށް ނިމުމެއް ވެސް އައިސްދާނެ ނޫން ހެއްޔެވެ؟

*****

ކޮޓަރިއަށް ވަދެވުމާއެކު މައުވާ ބުނި ކޮންމެ ޖުމްލައަކާ މެދު ޒުލްފާއަށް ވިސްނާލެވުނެވެ. އޭނަ ހުރީ އެކަމާ މެދު އަމިއްލަ ނަފުސުދެކެ ރުޅިވެސް އައިސްފައެވެ. ނަމަވެސް އެއަޑުގައިވި އާދޭސްތަކަށް ބީރުކަންފަތެއް ދެވޭނެހާ ހިތްވަރެއް އޭނަގެ ނެތެވެ. ކިތަންމެ ހިލަހިތެއްގެ ވެރިއަކުކަމުގައި ވިޔަސް މެއެވެ.

ޒުލްފާގެ ފިކުރުތަކާ ގުޅިފައިވަނީ މައުވާ ގާތުގައިވި ހިނދު ޝިއާފްގެ މޫނުމަތިން ފެނުނު އުފާވެރިކަމެވެ. ދިރުމެވެ. އޭނަގެ އަމިއްލަ އެދުން އިސްކޮށް އޭނަގެ ދަރިފުޅު އެއުފާލާއި ހިތްހަމަޖެހުމުން މަހުރޫމްކުރިނަމަ ވާނެ ގޮތަކާ މެދު ވިސްނާލެވުނެވެ. ޝިއާފާ އޭނައާ ދެމެދުގައިވި ގުޅުން ކެނޑި ދަރިފުޅަށް ލިބިގެންދާނީ ފުންހިތާމަތަކެވެ. އޭނަ މައުވާއަށް ދެރަދޭން ވިސްނީ މެދުމިނުގެ ޢާއިލާއަކަށް ނިސްބަތްވުމުންނެވެ. ސިހުރުގެ ބާރު ބޭނުން ކުރަން އުޅުނުއިރު އެއީ ކޮންފަދަ ބޮޑު ފާފައެއްކަމާ މެދު ވެސް ވިސްނާނުލެވުނެވެ. ހަވާނަފުސުގެ އަވާގައި ޖެހި އޭނައަށް ކިތައް ފާފަތަކަށް އަރައިގަނެވިއްޖެ ހެއްޔެވެ؟ ޢައީލީ ގުޅުން ތަކުގައި ވެސް ވަނީ ރެނދު ލައިގެން ގޮސްފައެވެ. ދުނިޔޭގެ އުފަލާއި، މުދަލާއި، ފައިސާއަށް އިސްކަން ދެވުމުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް އައިސްފައިވާ ހަނަފަސްކަމާމެދު ވެސް ޒުލްފާއަށް ވިސްނާލެވުނެވެ. މިއަދު ޝިއާފް ދުނިޔޭގައި ހުރިނަމަ އެފަރިފުޅު ވެސް ވޭތުކުރަން ޖެހޭނީ އެފަދަ ހަޔާތަކެވެ.

އޭނަ ފަދަ ނުބައި ވިސްނުން ގެންގުޅޭނެ ކިތައް މީހުން ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ އަމިއްލަ ދިރިއުޅުން އާރާސްތުކުރަން އަނެކާއަށް ލަނޑުދީ ނިކަމެތިކޮށްލާ ކިތައް މީހުން ވާނެ ހެއްޔެވެ؟ ސިހުރުގެ ބޭނުންކޮށް މީހުންގެ ހައްޤުތަކަށް އަރައިގަންނާނެ ކިތައް މީހުންވާނެ ހެއްޔެވެ؟ ހަސަބާއި ނަސަބުގެ ތަފާތާ ހުރެ ދަރިން އުފަލުން މަހުރޫމްކުރާނެ ކިތައް މައިންބަފައިންވާނެ ހެއްޔެވެ؟ އޭނަ ވެސް މިއަދު ވަނީ އެފަދަ މީހުންގެ ގިންތީގެ ތެރޭގައެވެ.

ލަސްލަހުން ކަމުގައ ވިޔަސް ޒުލްފާގެ ދެލޯ ހުޅުވެން ފެށުނެވެ. އޭނައަށް ބުނެވުނު ބަސްތަކާ މެދު ފަހުން ދެރަ ވިއެވެ. މައުވާއަށް ދެރަ ދޭން އުޅެގެން އާހިރުގައި ހުރިހާ ހިތާމައެއް މިލިބުނީ އޭނަ އަށެވެ.

ޒުލްފާއަށް އެނދުގައި އިށީނދެވުނެވެ. އޭނަ ފުން ނޭވާތަކެއް ދޫކުރަމުން ދިޔަ ހިނދު ލޮލުން ކަރުނަ ވެސް ފައިބަން ފަށައިފި އެވެ.

''ނަފްރަތާއި ހަސަދަވެރިކަމަކީ މީހާގެ ހަލާކުކަން މިއަދު އަހަންނަށް ޔަޤީން ކުރެވިއްޖެ... ހުސޭން ބުނިހެން ފިނި ހިތަކާއެކު އެންމެ ފަހަރަކު ވެސް އަހަންނަށް ވިސްނާލެވުނު ނަމަ...'' ޒުލްފާއަށް ހިތާހިތާ ބުނެވުނެވެ. ''އަހަންނަށް ޝަކީލާގެ ވާހަކަތަކަށް އިތުބާރުނުކުރެވުނުނަމަ، ރުޅިވެރިކަމާއި ނަފްރަތުގެ މައްޗަށް ބަރޯސާވެ ނިންމުންތައް ނުނިންމުނުނަމަ...''

*****

މުޅިން އައުދުވަހަކަށް ފެނުން ތޮޅެލި އިރުގެ ދޯދިތަކުން އުދަރެސް މަތި ވަނީ ޖަރީކުރެވިފައެވެ. ޖައްވުގައި މިނިވަންކަމާއެކު ކޮޅުކޮޅަށް ދަތުރުކުރަމުން ދިޔަ ވިލާކޮޅުތައް ވަނީ އިރުގެރަން ދޯދިތަކުން ޖަރީކުރެވިފައެވެ. ފިނި ރޯޅިތައް ވެސް އައު ދުވަހުގެ ސަނާ ކިޔުމުގައި އަވަދިނެތި އުޅެއެވެ.

ހެނދުނުގެ ނާޝްތާ ކުރިއަށް ދިޔައީ ހަމަހިމޭންކަމާއެކުގައެވެ. އޭގެ ސަބަބުން ކޮންމެ މީހަކަށް ވެސް ވަނީ އިންތިހާ ދަރަޖައިގެ ހައިރާންކަން ލިބިފައެވެ. ހުސޭނަށް ބަލަން އިދެވުނީ ޒުލްފާ އަށެވެ. އެފަދަ ބަދަލެއް ޒުލްފާއަށް އައި ގޮތެއް ވިސްނައިގަތުމުގައި އޭނަގެ ސިކުނޑިވަނީ ނުކުޅެދިފައެވެ.

''ދައްތަ ބަލީތަ؟...'' ހުސޭނަށް ލިބިފައިވާ ހައިރާންކަމާއެކު އޭނައަށް އަހާލެވުނެވެ.

''ނޫން، ކިހިނެއްވީ؟...'' ޒުލްފާގެ އަޑުގައި އެހެނިހެން ދުވަސްތަކުގައި ހުންނަ ފަދަ ރުންކުރުކަމެއް ނެތެވެ. ތޫބާގެ އިތުރުން މައުވާ ވެސް އިނީ އަޖަބުވެއަންތަރީސް ވެފައެވެ. އެހެންޏާ ހެނދުނު ގެއަށް ނިގޫރޯޅިއެއް ގެންނަ މީހާގެ ފަރާތުން ފެންނަމުން ދިޔައީ ކަމަކާ މެދު ދެރަވެފައިވާ ކަމުގެ އަލާމާތްތަކެވެ.

''ހަވީރު ހަތަރެއްޖަހާއިރު ދައްތަ ބަލާ އަންނާނަން...'' ހެނދުނުގެ ސަޔަށް އިންސާފުކޮށް ނިމުމާއެކު ހުސޭން ބުނެލިއެވެ. ޒުލްފާ ހުސޭނަށް ބަލާލަމުން ބޯޖަހާލީ ފަނޑު ހިނިތުންވުމަކާއެކުގައެވެ. ހުސޭން ދާން ހިނގައިގަތީ ދައްތައަށް އައިސްފައިވާ ބަދަލާއެކު ހިތްހަމަޖެހިފައިހުރެއެވެ.

''މައުވާ...'' ދާން ތެދުވުނު މައުވާއަށް ޒުލްފާ ގޮވާލުމުން އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ ޒުލްފާއަށެވެ. ތަށިތައް ނަގަން ހުރި ދިޔާނާގެ ހަރަކާތްތައް ވެސް ވަނީ ގަނޑުވެފައެވެ.

''އަހަރެން ބޭނުން ވާހަކައެއްދައްކާލަން...'' ޒުލްފާ ބުނެލިއެވެ.

މައުވާ ހުރީ ބަސްހުއްޓިފައެވެ. ހައިރާންކަމާއެކު އޭނައަށް ބަލަން ހުރެވުނީއެވެ. މިއީ ހަޤީޤަތެއް ބާވައޭ ހިތަށް އަރާފައެވެ.

ޒުލްފާ މިސްރާބުޖެހީ ބެލްކަނިއާއި ދިމާއަށެވެ. ދަމުން އޭނަ އަތުގެ އިޝާރާތުން މައުވާ ގާތު އައުމަށް އެދުނެވެ. ހަރަކާތެއް ވެސް ގެންނަން ނޭގިފައި ހުރި މައުވާ ސިހިގެން ދިޔައީ ތޫބާ އޭނަގެ އަތުގައި ހިފާ ތަޅުވައިގަތުމުންނެވެ.

''ދައްތައަށް ކިހިނެއްވެފަތަ އެހުރީ؟...'' ތޫބާ ދެލޯބޮޑުކޮށްލަމުން އެހި އެވެ. ''ރުޅިވެރިކަމެއް ވެސް ނުފެނޭ، އަދި އިވީއާ ވާހަކަދައްކާލަން ބޭނުންެވެފަ އެހުރީ... ޝީ އިޒް އެކްޓިންގް ޑިފެރެންޓް...''

މައުވާއަށް ބަލާލެވުނީ ދިޔާނާގެ މޫނަށެވެ. އެއީ ރަގަޅުކަމެއް ބާވައޭ އަހާލާ ފަދަ ގޮތަކަށެވެ. ދެފިކުރެއްގެ މަތީގައި ހުރެ ދިޔާނާ ބޯޖަހާލީ ދާށޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.

މައުވާ ލުއި ފިޔަވަޅުތަކެއްގައި ގޮސް ބެލްކަނިއަށް ނިކުތެވެ. އޭރު ޒުލްފާ އިނީ އުނދޯލީގައެވެ. އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ފެންނަން އޮތް މާލޭގެ މަލަމައްޗަށެވެ. ފިޔަވަޅުތަކުގެ އަޑަށް ޒުލްފާ ދޮރާއި ދިމާއަށް ބަލާލިއެވެ. އަދި މައުވާ ގާތު އެތާ ހުރި ސަރަންފީގައި އިށީނުމަށް އެދުނެވެ. ޖެހިލުންވެފައި ހުރެ ވެސް ޒުލްފާ އެދުނު ގޮތަށް މައުވާ ކަންތައް ކުރިއެވެ.

''ދައްތައަށް ކުރެވުނު ކަންތަކަށް މަޢާފުކޮށްދީ... ރޭ މައުވާ ދެއްކި ވާހަކަތަކުން ދައްތައަށް ހުރިހާކަމެއް ވެސް ސާފުވެއްޖެ...'' ޒުލްފާ ބުނެލިއެވެ. މައުވާއަށް އިނދެވުނީ ނޭވާލާން ވެސް ހަނދާން ނެތިފައެވެ. މިއީ ހަމަ ހަޤީޤަތެއް ބާވައެވެ.

''މައުވާ...'' މައުވާ ސިހިގެން ދިޔައީ ޒުލްފާ އޭނަގެ އަތުގައި ހިފާލުމުންނެވެ. އެއާއެކު އޭނަގެ ލޮލަށް ކަރުނަ ޖަމާވީ ހިތަށް ކުރި ފުން އަސަރުންނެވެ.

''ދައްތަ މިއަދު ދެރަވޭ މައުވާއާ ދިމާއަށް ބުނެވިފައިވާ އެއްޗެހި ހަނދާންވުމުން ވެސް، އެއް އިންސާނަކު އަނެއް އިންސާނަކަށް ލިބެން ނޭދޭނެ ފަދަ ނިކަމެތިކަން މައުވާއަށް ދޭން ވެސް ދައްތަ ހުރީ ތައްޔާރަށް... މިއަދު އެހުރިހާކަމަކާ މެދު ދައްތަ ލަދުވެތިވަން...'' ޒުލްފާ އަނެއްކާ ވެސް މަޢާފަށް އެދުނެވެ.

ކޮމެންޓް 0