އޮއްސެމުން ދިޔަ އިރުގެ ކުލަތަކުން އުދަރެސް ފަވާލުމަށްފަހު އިރު ކަނޑުގެ ސަތަހައިގައި ބޮސްދީފިއެވެ. މިއަދު ވިލާތައް މަދުވުމުން އެރީތި މަންޒަރު ފެންނަމުން ދިޔައީ ވަރަށް ވެސް ފަޅުކޮށެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އެކިދިމަދިމާލުގައި ހުއްޓިލައިގެން ތިބެ އެމަންޒަރު ފޯނުތަކުގައި ރައްކާކުރަމުން ދިޔައެވެ. ހަމައެއާއެކު އަތުގުޅުވާލައިގެން ތިބި ލޯބިވެރިން ވެސް އިރުގެ ވަދާއީ ސަލާމުން އުފާ ހާސިލުކުރަމުން ދިޔައެވެ. އުސްފަސްގަނޑާއި އަރާހަމަވުމާއެކު ތޫބާ ވަށައިގެން ވި މާހައުލަށް އަވަސް ނަޒަރެއް ދިނެވެ. އަދި އަތުކުރީ އޮތް ގަޑިއަށް ނަޒަރު ހިންގާލައިފިއެވެ. މީހަކަށް އިންތިޒާރު ކުރާ ފަދައިންނެވެ. ތޫބާއަށް ބަލަން ހުރި މައުވާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އޭނައަށް ސުވާލެއް ވެސް ނުކުރެވެނީސް ތޫބާ ހިނގައިގަތީ ޓްރެކް ވީ ފަޅިއަށެވެ.
''މީހަކަށް އިންތިޒާރު ކުރަނީތަ؟...'' ކުރިއަށް ހިނގައިގަންނަމުން މައުވާ ސުވާލުކުރިއެވެ. އެވަގުތު އޭނައަށް ވިސްނުން ހިންގާލެވުނު ޚިޔާލަކާ އެކު މައުވާއަށް ތޫބާގެ އަތުގައި ހިފާލެވުނެވެ. އޭނަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. ''އަނެއްކާ އަލޫފްތަ؟... ތޫބާ އޭނައަށް މަޢާފް ކުރީތަ؟...''
''ހެލް ނޯ، އޭނައަށް ދެވަނަ ޗާންސެއް ދޭން އަހަރެން މީ މޮޔައެއް ނޫނޭ އިވީ...'' ތޫބާ މޫނު މައްޗަށް ޖައްސާލި ވައްތަރުން އެކަނި ވެސް އޭނަ އަލޫފް ދެކެ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަކޮށްދިނެވެ. އެނަން އަޑު އިވިފައި ތޫބާގެ މޫޑު ގޯސްވާ ގޮތް ވިއެވެ. އޭނަ އަލޫފް މަތިން ހަނދާން ނައްތާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އަލޫފްގެ އުނދަގޫ ބޮޑުވެ އެންމެ ފަހުން ސިމުވެސް ބަދަލުކޮށްފިއެވެ. ހަމައެއާއެކު އަލޫފަށް އޭނައާ ހަމައަށް ވާސިލުވެވޭނެ ހުރިހާ ދޮރެއް ވެސް ބަންދުކޮށްފިއެވެ. އެއްވެސް ސިފައެއްގައި އަލޫފްގެ ހިޔަނި އޭނަގެ ދިރިއުޅުމަށް އެޅެން ނޭދޭތީއެވެ. އަލޫފް އެއީ އޭނަގެ ހަޔާތުން ނިމިފައި އޮތް ބާބެކެވެ.
ތޫބާގެ ޖަވާބުން މައުވާގެ ހާސްކަމަށް ނިމުމެއް އައިކަމުގައި ވިޔަސް އޭނަގެ ހިތުގައި ބުރުޖަހަން ފެށި ސުވާލުތަކަށް ނިމުމެއް ނައެވެ. އިރުއިރުކޮޅާ ތޫބާ އޭނަގެ އަތުކުރީ އޮތް ހިމަ ގަޑިއަށް ހިންގާލާ ނަޒަރާއި ފޯނަށް ދޭ ސަމާލުކަމުން މައުވާގެ ހިތުގައި ޝައްކެއް އުފަންވެގެން ދިޔައެވެ. ތޫބާގެ ކޮންމެ ހަރަކާތަކުން އެޝައްކުގެ އޮށަށް މޫއެރި އެމޫތައް ދިޔައީ ފެތުރެމުންނެވެ. އެންމެފަހުން އޭނަގެ ޝައްކު ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. ތަންކޮޅެއް ދުރުން ޖިންސުގެ ޖީބަށް އަތްޖަހާލައިގެން ހިނގާލާފައި އަންނަމުން ދިޔަ ޝިއާފް ފެނުމާއެކު ޤަބޫލުކުރަން ދަތިވެފައި އޭނައަށް ތޫބާގެ މޫނަށް ނަޒަރު ހިންގާލެވުނެވެ.
''އިވީ އައެމް ސޮރީ، އަސްލު ކުޑޭ މިއަދު ވަރަށް ގިނަ ފަހަރު އާދޭސް ކުރީމަ އެއްބަސް ވީ، އަހަންނަކަށް ނޭގޭ ތިދެމީހުންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް، އެކަމަކު އެކަމާ ކުޑޭ ހުރީ ވަރަށް ގިލްޓީ ވެފަ، އަހަރެން ހަޅޭއްލެވީމަވެސް ބަހެއް ވެސް ނުބުނި... ބުނީ ހަމައެކަނި އިވީއާއި އެނަކި މީޓްކޮށްލާނެ ޗާންސެއް ހޯދައިދޭށޭ.. ފުރަތަމަ އަހަރެން ދެކޮޅު ހެދިން، އެކަމަކު ކުޑޭ އެހާ ގިނައިން އާދޭސް ކުރީމަ ނޫނެކޭ ބުނަން ނުކެރުނީ... ތެދުތެދަށް ބުނަންޏާ އިވީ ނައިސްދާނެތީ ދޮގު ހަދަން ޖެހުނީ، އައެމް ސޮރީ... އެކަމަކު އިވީ ހިތާމައިގައި ހަލާކުވެގެން ދާތަން ބަލަން އަހަންނަކަށް ވެސް ކެތެއް ނުކުރެވޭނެއެއްނު، އައިމް ޔޯރ ބެސްޓްފްރެންޑް... ޕްލީޒް އިވީ، ހަމަ އެންމެ ފަހަރަކު ކުޑޭ ބުނަން އުޅޭ ވާހަކައެއް އަޑު އަހާބަލަ، މޭއި ބީ ޔޫ ކޭން ސޯލްވް ދި މިސްއަންޑަސްޓޭންޑިންގް... އިވީ ޕްލީޒް... ކުޑޭ ހާދަ ދެރަވެފައޭ އެހުންނަނީ، އަނެއްކާ އިވީ ވެސް އެހާ ހިތާމަކުރޭ، އަހަންނަށް އެނގޭ އިވީ އަދިވެސް ކުޑޭދެކެ ލޯބިވާކަން...'' ތޫބާ މައުވާގެ އަތުގައި ހިފާލަމުން އާދޭހުން ފުރިގެން ވި ރާގަކަށް ވާހަކަދެއްކިއެވެ.
''ބޭނުމެއް ނޫން...'' މައުވާ ތޫބާގެ އަތް ފޮޅުވާލަމުން އެތަނުން ދާން ހިނގައިގަތެވެ.
''އިވީ ޖަސްޓް ލިސިން ޓު މީ، ހަމަ އެންމެ ފަހަރަކު ކުޑޭ ބުނާ އެއްޗެއް އަޑުއަހާލަބަލަ...'' ތޫބާ އާދޭހުން ފުރިގެންވި ރާގަކަށް ބުނެލިއެވެ. އަދި މައުވާ އެތަނުން ދިޔަނުދީ ހިފެހެއްޓިއެވެ. މައުވާގެ ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އޭނައަކަށް ނުހިފެހެއްޓުނެވެ. ހިތަށް އެހާ ބޮޑަށް އަސަރުކޮށްފިއެވެ. ހަލުވިކަމާއެކު އެސްފިޔަތައް ފޫއަޅުވާލި ކަރުނަތައް އަވަސްއަވަހަށް ފޮހެލަމުން އޭނަ ތޫބާގެ މޫނަށް ބަލާލިއެވެ.
''އިވީ ޖަސްޓް ވަން ލާސްޓް ޓައިމް، މިފަހަރު ސޯލްވް ނުކުރެވިއްޖެއްޔާ އަހަރެން ދެން ދުވަހަކުވެސް އެވާހަކަ ނުދައްކާނަން...'' ތޫބާ ތަކުރާރުކޮށްލިއެވެ. އަނެއްކާ ވެސް މައުވާގެ ދެލޯ ކަރުނުން ފުސްވެގެން ދިޔައެވެ. އޭނަގެ ހިތުގައި އަޅާ ވޭން ތޫބާއަށް އިހުސާސް ކުރެވޭނެ ނަމައެވެ. އޭނައަށް ކުރިމަތި ލާން ޖެހިފައިވާ މަޖުބޫރީ އަންދާޒާކޮށްލެވޭނެ ނަމައެވެ. އޭނަގެ ހިތުގެ ހާލު ތޫބާއަށް ވިސްނޭނެނަމައެވެ.
''އިވީ ޕްލީޒް، އިވީ ކަރުނައަޅައި ރޯ މަންޒަރު ދެކެން އަހަންނަކަށް ދެން ނުހުރެވޭނެ، ވަރަށް ގިނަ ދުވަހު ޓޮލެރޭޓްކޮށްފިން... އަހަންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތާމައާއިގެން އެހީވެދިނީ އިވީ އެއްނު، އަލޫފް މަތިން ހަނދާންނައްތާލަން އެންމެ ބޮޑަށް އެއްބާރުލުން ދިނީ ވެސް އިވީ އެއްނު، ހަމައެފަދައިން އަހަަރެން ބޭނުން އިވީއަށް އެހީވާން، އިވީ ހަމަ އެންމެ ފަހަރަކު ވިސްނާލަބަލަ.... އިވީ އަމިއްލަ ނަފްސަށް އޮޅުވާލަން އުޅުނު ކަމުގައި ވިޔަސް ތި ކަރުނައިން އެކަނި ވެސް ހެކިދޭ އިވީ އަދިވެސް ކުޑޭ ދެކެ ލޯބިވާކަން، ދެން ކީއްވެތަ އިވީ ފަސްތިޖެހެނީ، މީހަކު އެއްޗެއް ބުނީތަ؟، ނޫނީ ކުޑޭއަށް ކުރެވުނީ މަޢާފް ނުދެވޭ ވަރުގެ ކުށަކީތަ؟، އިވީ ޖަވާބު ދީބަލަ...'' ތޫބާގެ އަޑުން ވެސް އޭނަ ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. މައުވާގެ ތުންފަތް ހަރަކާތްކޮށްލި ކަމުގައި ވިޔަސް ދުލަކުން ބަހެއް ނުނިކުތެވެ. އޭނައަށް ކުރެވުނުހާ ވެސް ކަމަކީ ތޫބާގެ ގައިގައި ބައްދައިގަނެވުމެވެ. އަޑުންއަޑު ނަގާފައި ނުރޯން އަމިއްލަ ނަފުސާ މައުވާ ދިޔައީ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ.
''އިވީ އައެމް ސޮރީ، އިވީ ބޭނުން ނުވާނަމަ އަހަރެން ދެން އިތުރަކަށް ބާރެއް ނާޅާނަން...'' ދުރުގައި ހުރި ޝިއާފަށް ނަޒަރެއް ދެމުން ތޫބާ ބުންޏެވެ.
ޝިއާފްގެ މޫނުގައިވި ހިތާމައިގެ އަސަރުން ތޫބާ ދެރަވިއެވެ. އެހެނަސް އެއްވެސް ކަމެއްގައި މައުވާއަށް މަޖުބޫރުކުރަން އޭނަގެ ހިތް ދެކޮޅުހެދިއެވެ. އެހެންނޫންނަމަ ހީނުކުރާ ފަދަ ލޮޅުމެއް އެއެކުވެރިކަމަށް އައިސްދާނެތީއެވެ. ތޫބާއަށް ހަދާނެ ގޮތް ހުސްވިއެވެ. އެއްފަރާތުން އޭނަގެ ބޭބެއެވެ. އަނެއްކޮޅުން އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ދެމީހުން ވެސް އެދަނީ އެއްވޭނެއް ތަހައްމަލުކުރަމުންނެވެ. އެކުރާ ހިތާމައިން އެކަކު އަނެކަކަށް ބޭނުންވާކަން ހާމަކޮށްދެމުން ދިޔަ ކަމުގައި ވިޔަސް ނޭގޭ ފާރެއް އެދެމުގައި ރޭނި އެދަނީ ބޯވެ އުސްވަމުންނެވެ. އެކަމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ ހެއްޔެވެ؟
''ލެޓްސް ގޯ...'' މައުވާގެ ހިތްހަމަޖައްސާލަދޭން ތޫބާ ބުންޏެވެ. އޭރު އިސްޖަހާލަމުން ޝިއާފް އެމީހުނަށް ފަސްދީ ހިނގައިގެންފިއެވެ.
''ނޫން...''
މައުވާ ތޫބާއާއި ދުރަށް ޖެހިލުމަށްފަހު އަތުގެ ފުށަތުން ކަރުނަތައް ފޮހެލި އެވެ. މައުވާގެ ހިތުގެ އަޑު ދުލާ ހަމައަށް ފޯރުމުގައި މިފަހަރު ކާމިޔާބު ލިބުނެވެ. ކިތަންމެ ގިނަ ވަގުތެއް އެކަމުގައި ހޭދަވެގެން ދިޔަ ކަމުގައި ވިޔަސް އެވެ.
މައުވާގެ ޖުމްލައާއެކު ތޫބާގެ ދެލޮލުން އުއްމީދު އޮއެވަރެއް ފެނިގެން ދިޔައެވެ. އޭނައަށް މައުވާގެ މޫނަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އިތުރު ސުވާލެއް ކޮށްލުމެއް ނެތި އޭނަ އަވަސް ވެގަތީ ޝިއާފް ހުއްޓުވުމަށެވެ. ފާއިތުވެގެންދާ ކޮންމެ މިނެޓަކާ އެކު މައުވާގެ ނިންމުން ބަދަލުވެދާނެ ކަމުގެ ބިރު ހިތުގައި އޮތުމާ އެކުގައި ވެސް މެއެވެ. ހިތާހިތުން އޭނަ ދުޢާކުރަމުން ދިޔައީ ޝިއާފާއި މައުވާއާއި ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިއެވެ. އެދެހިތުގެ އަޑު އެކަކުއަނެކަކަށް އިއްވައި ދެއްވުމަށް އެދިއެވެ.
''ކުޑޭ...'' ތޫބާ ދުވެލާފައި ގޮސް ޝިއާފާއި އަރާ ހަމަކުރެވުނީ ކިރިޔާއެވެ. އޭނައަށް އޭރު ވަނީ މައިނޭވާލެވިފައެވެ. ކުޑަކޮށް ގުދުވެގެން އޮވެ އޭނަ ފުންނޭވާތަކެއް ލަމުން ދިޔައެވެ. މުޅި މީހާ ވަނީ ވަރުބަލިވެފައެވެ. ދަލުގެ އަސަރު ތޫބާގެ މުޅި މޫނުގައި ވެއެވެ.
''އިވީ...'' ތޫބާއަށް ރަގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ. މެޔަށް ފިނިވެގެން ދިޔަ ޝިއާފް ތޫބާ ގާތަށް ޖެހިލުމުން ސުވާލުތައް ފަށްޗަކަށް އަމުނާލިއެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ލިބެން އިރުކޮޅެއް ނެގިއެވެ. ނޭވާހަމައަކަށް އެޅުމުން ތޫބާ ކިޔައިދިނެވެ. އެއާއެކު މިލައިގެން ގޮސްފައިވާ ޝިއާފްގެ މޫނުން ދިރުމެއްގެ އަސަރު ފާޅުވެގެން ދިޔައެވެ. ތުންފަތަށް ފަނޑު ނަމަވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ތޫބާއަށް ޝުކުރު އަދާކުރަމުން މައުވާ ގާތަށް ދިއުމަށް ހިނގައިގަތީ ވަރުގަދަ އަޒުމަކާ އެކުގައެވެ. އޭރު ވެސް އޭނަގެ ހިތުގައި ބިރުވެރިކަން ވިންދު ޖަހަމުން ދިޔައެވެ. މައުވާ އޭނަގެ ވާހަކަތައް އަޑު ނާހަފާނެ ކަމުގެ ބިރެވެ. އެހެން ނަމަވެސް މިލިބުނު ފުރުސަތު ގެއްލުވާލާކަށް އޭނަ ނޭދެއެވެ.
''އައި ހޯޕް ދިސް ވޯކްއައުޓްސް...'' އަތް ދަބަހުގައި އޮތް ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގައި ތޫބާ މޫނު ފޮހެލިއެވެ. މައުވާމެން ދައްކާ ވާހަކަ އަޑުއަހަން ކިތަންމެ ވަރަކަށް އޭނަގެ ކެތްތެރިކަން ކުޑަވެފައި ވިޔަސް ތޫބާއަށް ޖެހުނީ އިންތިޒާރު ކުރާށެވެ. އޭނަ ލަސްފިޔަވަޅުތަކެއްގައި ގޮސް ޓްރެކް ކައިރިއަށް ހުއްޓިލަމުން މޫދަށް ނަޒަރު ހިންގާލިއެވެ. ވަގުތުގެ ގޮތުން އެހާ ގިނަ ބަޔަކު މޫދަށް އެރިއެއް ނޫޅެއެވެ. ނަމަވެސް ޒުވާން ގްރޫޕެއް ސަކަރާތް ޖަހަމުން އަޑުގަދަކުރުމުގައި މޫދުގައި އުޅެއެވެ. ފަޒާގެ ތެރެއަށް އިރުއިރުކޮޅާ އެމީހުންގެ އަޑު ފެތުރިގެން ދެއެވެ. ތޫބާއަށް މާ ވަރަކަށް މީހަކު ބާލަކަށް ފާހަގަ ކުރެވުމާއެކު އެދިމާއަށް ނަޒަރު ހިންގާލެވުނެވެ. އޭރު ޓްރެކް މަތީގައި އިށީންދެލައިގެން އިން ޒުވާނަކު އޭނައަށް ފުން ނަޒަރަކުން ބަލަމުން ދިޔައެވެ. އެދެމުގައި ވާ ދުރުމިން ހަނިވުމުން އެޒުވާނާގެ މޫނު ރީއްޗަށް ތޫބާއަށް ފެނުނެވެ. އެއާއެކު ކޮންމެވެސް ތަނަކުން އޭނަ ފެނުނު ހަނދާނެއް ވިއެވެ.
ޒުވާނާ ސިހިގެން ދިޔައީ އޭނަގެ ފަހަތުން އައި ބަޔަކު އައިސް މޫދުގެ ތެރެއަށް އޭނަ ކޮއްޕާލުމުންނެވެ. އެމަންޒަރު ފެނި ތޫބާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.
*****
ތޮށިގަނޑު މަތީ އިށީންދެލައިގެން އިން މައުވާގެ މޭގަނޑަށް ފިނިވެގެން ދިޔައީ އޭނަގެ ގާތުގައި ޝިއާފް އައިސް އިށީނުމުންނެވެ. އެދެމެދުގައި އިތުރު މީހަކަށް އިނދެވޭނެހާ ޖާގަ ހުރިކަމުގައި ވިޔަސް މައުވާގެ ހިތުގެ ވިންދު އަވަސް ވާންފެށީ ކުއްލިޔަކަށެވެ. ފަޒާގައި ދައުރުވަމުން ދިޔަ ރޯޅިތަކުން އޭނަގެ ނޭފަތާއި ހަމައަށް ވާސިލުކޮށްދެމުން ދިޔައީ ޝިއާފްގެ ލުއިލުއި ސެންޓްވަހެވެ. އެވަހުން އެކަނިވެސް މައުވާގެ ހިތުގައި ވި ޖަޒުބާތުތައް އުތުރިއަރަން ފެށިއެވެ.
ޝިއާފް އިނީ އޭނަގެ ވާހަކަ ފައްޓާނެ ގޮތެއް ނޭގިފައެވެ. އެދެމެދަށް ވެރިވެފައި އޮތް އާދަޔާ ޚިލާފު ހިމޭންކަން ދެމިގެން ދިޔައީ ކިތައް މިނެޓަށް ކަމެއް ވެސް ނޭގެއެވެ.
''މައުވާ...''
ޝިއާފް މައުވާއަށް ބަލާލިއެވެ. އެއަޑުގައި ރިހުމެއް ވިއެވެ. ދެއަތް މޭގައި ހުރަސްކޮށްލައިގެން އިން މައުވާ ދިޔައީ ފުންނޭވާތަކެއް ދޫކުރަމުންނެވެ. އެހާ ގާތުގައި ޝިއާފް އިނުމުން އޭނަގެ ހިތަށް ކުރަމުން ދާ އަސަރުތަކާއި، ކުރަމުންދާ ޝަކުވާތައް ބަންޑުންކޮށްލެވިދާނެތީ މައުވާ އިނީ ދެތުންފަތުގެ ތެރޭގައި ދޫ ޤައިދުކޮށްގެންނެވެ. ފަހަރެއްގައި ވެސް އޭނަ ޝިއާފާ ބައްދަލުކުރަން އެއްބަސް ވީ އިތުރު ފުރުސަތެއް ދިއުމުގެ ނިޔަތުގައެއް ނޫނެވެ. އެއާ ޚިލާފަށް އޭނައާއި ދުރުގައި ހުރުމަށް ޝިއާފް ގާތު ބުނުމަށެވެ. އެދެމުގައި ވި ލޯބި ހަނދާން ނައްތާލުމަށް އެދޭށެވެ. އެގުޅުން އިތުރު އެއްވެސް ގޮތަކަށް ކުރިއަށް ދެވޭކަށް ނެތީވެ. އެއްކޮޅުން ޝިއާފްގެ ބަނަ މާޒީ އެވެ. އަނެއްކޮޅުން ޝިއާފްގެ މަންމަ އެވެ. އޭނަ ޝިއާފަށް ދެވަނަ ފުރުސަތެއް ދިންކަމުގައި ވިޔަސް ޒުލްފާގެ ހިޔަނިން ސަލާމަތް ވުމަކީ ވުން ނާދިރު ކަމެކެވެ. ޝިއާފް މަންމައާއި ދެކޮޅަށް އޭނަގެ އަތުގައި ހިފާނެކަމުގެ ވެސް އެއްވެސް އުއްމީދެއް އޮތީކީ ނޫނެވެ. ޝިއާފާ، އޭނަގެ މަންމަގެ މެދުގައި އޭނަގެ ސަބަބުން ދެބަސްވުމެއް އުފެދެން ނޭދޭތީއާ އެކުގައެވެ.
''އަހަރެން...''
''ޝިއާފް ގާތު އަހަރެން ކިތައް ފަހަރު އެކައްޗެއް ތަކުރާރުކުރީމަތަ އަޑު އިވޭނީ؟، ޝިއާފަށް އެހާ ފަސޭހަ ވިޔަސް އެކަންތައް މަތިން އަހަންނަކަށް ހަނދާން ނައްތައެއް ނުލެވޭނެ، ކިހިނެއް ހަނދާން ނައްތާލެވޭނީ ވެސް، އަންހެންކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ދީފަ ހުރި މީހެއް ތީ، މިއަދު ޝިއާފްގެ ސަބަބުން އެކުއްޖާ އުޅެމުން އެދަނީ ކޮންފަ ހާލެއްގައި ކަން ވެސް އެނގޭތަ؟... އެފަދަ ބޮޑު އަނިޔާއެއް ދިން އިރު ޝިއާފް އެއްފަހަރު ވިޔަސް އެކަމާ މެދު ވިސްނާލިނަމަ... މިއަދު ތިހެން ޝިއާފް އައިސް އަހަރެން ގާތު އާދޭސް ކުރިޔަސް އަހަންނަކަށް އިތުބާރެއް ނުކުރެވޭނެ، ކިހިނެއް އެނގޭނީ މާދަމާ ނޫންކަމެއް ޝިއާފް އަހަންނާ މެދު އެފަދައިން ކަންތައް ކުރާނީ......'' އޭނަގެ ދޫފުރޮޅި ހިތުގެ އިހުސާސްތައް ބޭރުކުރެވިދާނެތީ މައުވާ ވާހަކަ ދެއްކީ ވަރަށް ވެސް ވިސްނައިގެންނެވެ.
''ނޫން، ނޫން، ތިފަދައިން ވިސްނާކަށް ވެސް ނުވާނެ، އަހަރެން ދުވަހަކު އިވީއަށް ދެރައެއް ނުދޭނަން، އެއަށްވުރެ ބޮޑަށް ލޯބިވޭ... އަހަންނަށް ހަޔާތުގައި ވެސް ވެވުނު ފުރަތަމަ ލޯތްބަކީ ތީ، މިހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އެކަން ބަދަލެއް ނުކުރެވޭނެ.... މާޒީގައި ކުރެވުނު ކަންތަކާމެދު އަހަރެން ދެރަވޭ، ބާރެއް ނެތް އަންހެންކުއްޖެއްގެ މައްޗަށް އަނިޔާވެރިވެވުނީތީ އެކަމާމެދު ލަދުވެތިވަން... ހަވާނަފުސަށް ހެއްލުމުގެ ހިތި ނަތީޖާ މިއަދު އަހަންނަށް މިފެންނަނީ... އެކުވެރިންގެ ބަހަށް ނުހެއްލުނު ނަމަ މިއަދު މިހާ ބޮޑު ވޭނެއް ތަހައްމަލުކުރާކަށް ވެސް ނުޖެހުނީސް... އަހަންނަށް ކުރެވުނު ފާފައިގެ ސަޒާ ކަންނޭގެ މިލިބެނީ... އެހަރެން އެކަމަށް ތައުބާވާން ބޭނުން... އަމާނީ ގާތުން މަޢާފަށް ވެސް އެދެން ބޭނުން، އެހުރިހާކަމެއް ބަދަލުކުރަން އަހަރެންގެ ބާރުގައި އޮތް ކަމެއް ވިއްޔާ އަހަރެން ކުރާނަން...... ހޮޔެނުވާނެ އިވ... އަހަރެން މިދައްކާ ވާހަކައަށް އިތުބާރުކުރޭ، އަހަރެން ބޭނުން އެއަނދިރިކަމުގެ ތެރޭން އަލިކަމުގެ ތެރެއަށް ނިކުންނަން، އެކަމުގައި އަހަންނަށް އިވީގެ އެހީ ވަރަށް ބޮޑަށް ބޭނުން... ތިލޯތްބަށް އެދި ސަލާން ޖަހަން... އަހަންނަށް އިވީއާއި ދުރުގައި ނުހުރެވޭނެ، ޕްލީޒް އިވީ އަހަންނަށް އިތުރު ފުރުސަތެއް ދީބަލަ، ދެން ދުވަހަކު އިވީގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނަން، އިވީ ބޭނުންވާ ގޮތަށް އަހަރެން ދިރިއުޅުން ވެސް ބަދަލުކުރާނަން، އިވީ ނުރުހޭ އެއްވެސް ކަމެއް ނުކުރާނަން، އިވީ މިއަދު އިވީއާ ދުރުގައި ހުންނަން އަހަންނަށް މަޖުބޫރުނުކުރޭ.... ތިލޯތްބާ ނުލާ އުޅެން ވެއްޖެއްޔާ އަހަރެން މަރު....''
ޝިއާފްގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ކުއްލިޔަކަށް މައުވާ ޝިއާފްގެ ތުންފަތުގައި އަތް ޖައްސާލުމުންނެވެ. ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން މައުވާ ޝިއާފަށް ބަލަން އިނދެ ދެފަރާތަށް ބޯހޫރާލި ވަގުތު ކަރުނަތައް ހިފެެހެއްޓުމެއް ނެތި ފައިބަން ފަށައިފި އެވެ. އޭނަގެ ހިތަށް ޝިއާފްގެ ވާހަކަތަކުން ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ހިތުގައި ވަރުގަދަ ރިހުމެއް ވެސް އުފަންކޮށްލައިފިއެވެ. އޭނައަށް އެއިން ކޮންމެ ލަފުޒަކަށް ވެސް އިތުބާރުކުރެވުނެވެ. ޝިއާފް އެހުރީ ކުރެވުނު ކަންތަކާ މެދު އިންތިހާއަށް ދެރަވެފައެވެ. އެއަޑުގައިވާ ރިހުމާއި ކެކުޅުން އެކަނި ވެސް ހެއްކަކަށް ފުދެއެވެ. މައުވާއަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. ހިތް އަމިއްލަ ބާރުން ދޫވެ އެހިތުގެ ހާލު ޝިއާފަށް ހާމަކޮށްދިނުމަށް ތެޅިފޮޅިގަތް ކަހަލައެވެ. ހުޅުވާލާފައިވާ ފޮތެއްގެ ސިފައިގައި މައުވާއަށް ކޮށްފައިވާ ފުން އަސަރުތައް އެމޫނުމަތިން ބަޔާންކޮށްދެމުން ގެންދިޔަ އެވެ. އެހިނދު ޝިއާފްގެ ދެލޯ ވެސް ކަރުނުން ފުރިބާރުވެގެން ދިޔަ އެވެ.
ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ދުލަށް ލިބިގެން ނުވާ ބަސްމޮށުންތެރި ކަމެއް ބަދަލުވެގެން ދިޔަކަން ކަށަވަރެވެ. އެސްފިތަކަށް ކެތްނުކުރެވިގެން ކަރުނަތައް ފައިބައި ގަތުމާއެކު ޝިއާފް ބޯހޫރުވާލިތަން ފުސްވެފައިވާ ދެލޮލުން މައުވާއަށް ފެނުނެވެ. އެއަތުގެ ބީހުން ކޯތާފަތަށް އިހުހާސް ކުރެވުނު ހިނދު ހިތުގެ ވިންދު އަވަސް ކުރުވައި ނޭވާ ފުން ކުރުވައިފިއެވެ. އަދިވެސް އެއަތުގައި އެކުލެވިގެން ވަނީ އެޖާދޫ އެވެ. އޭނަގެ ހިއްސުތަކަށް އެޖާދުލުގެ އަސަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރައިފި އެވެ.
''ގިވް މީ ވަން ލާސްޓް ޗާންސް ޓު ޕްރޫވް މައި ސެލްފް...''
ޝިއާފް ކުރެހިފައިވާ އަޑަކުން ބުންޏެވެ.