މައުވާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު އޭނަ އަވަހަށް ތެދުވުނީ ސިކުންތުކޮޅަކަށް މަޑުކޮށްލި ކަމުގައި ވިޔަސް ލޮލަށް ނިދި ސަވާރުވެދާނެތީ އެވެ. ހޫނު ފެނުން ފެންވަރާލައިގެން ނިކުމެ މައުވާ ފުރަތަމަވެސް އޭނަގެ ވާޖިބު އަދާކުރިއެވެ. ދެން އޭނަ އަވަސްވެގަތީ ތޫބާއަށް ގޮވުމަށެވެ. އޭނަ ތޫބާއަށް އެތައް ފަހަރަކު ގޮވިއެވެ. ނަމަވެސް ތޫބާ ކަހާތަން ހިރުވާވެސް ނުލިއެވެ. މައުވާގެ އުއްމީދުތައް ފެނަށްދާ ހިސާބަށް ގޮސް ނާއުއްމީދުވެ ހުއްޓާލަން އުޅުނުތަނާ ތޫބާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފިއެވެ. އަދި ދެލޯ ހަނިކޮށްލަމުން މައުވާއަށް ބަލާލިއެވެ.
''ފަތިސް ނަމާދު ނުކުރަނީތަ؟...'' މައުވާ އަހާލިއެވެ. އެއާއެކު ތޫބާ ތުބީ އޭނަގެ ޗުއްޓީ ދުވަސްކޮޅު ކަމުގައެވެ. ތޫބާގެ އަރާމު ނިންޖަށް ހުރަސް އެޅުމުން މައުވާ މާފަށް އެދުނެވެ. ތޫބާއަށް އެޖުމްލަ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ދެލޯ މެރެމުން ގޮސް އަނެއްކާ ވެސް ފުންނިންޖެއްގެ ތެރެއަށް ފީނައި ގަނެވިއްޖެއެވެ. ހިނިތުންވެލަމުން މައުވާ ގޮސް ކުޑަދޮރުގެ ފޮތިތަށް ކަހާލިއެވެ. އެއާއެކު ފެނިގެން ދިޔައީ ކަޅުވިލާތަކުން އުޑުމަތި ބައްދާލާފައި އޮތް މަންޒެރެވެ. ބޮޑެތި ވިލާތައް މަތިމައްޗަށް ފުނިޖެހިފައި ވާއިރު މިއިން ޒަމާނެއްގައި ވެސް ވިއްސާރައަލިކޮށްލަފާނެ ހެނެއް ހިޔެއް ނުވެއެވެ. ވާރޭ ވެހެމުން ދިޔަ މަންޒަރު ބަލަން ހުރެފައި އޭނަ ބޭނުންވީ ބެލްކަނިއަށް ނިކުމެލަންށެވެ.
ގޭތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ފަޒާގައި ރަސްކަން ކުރަމުން ދިޔައީ ތެތްފިނިކަމެކެވެ. މައުވާ ބަދިގެއަށް ވަން ތަނާ ބަދިގޭގައި ކޮފީއެއް ތައްޔާރުކުރަން އުޅުނު ޝިއާފް ފެނިއްޖެއެވެ. ހަމައެކަނި ސޯޓުބުރިއެއްގައި ހުރުމުން މައުވާގެ ހިތް އަވަސް ވެގެން ދިޔައީ ރޭހެއްގައި ދުވާ އަހެއްގެ ބާރު މިނުގައެވެ. އެބާރުވެގެން ދިޔަ ގޮތަށް ހިތް ހުއްޓިދާނެހެން ވެސް ހީވި ވަގުތުކޮޅެއް އައެވެ. ޝިއާފްއަށް މީހަކު ހުރިކަން އިހުސާސް ކުރެވުނީ ކަންނޭގެއެވެ.
ފެންޖަގުން ތަށްޓަކަށް ފެން އަޅަން ހުރެފައި އޭނަ އިސްއުފުލާ ބަލާލައިފިއެވެ. އޭރު މައުވާ އެނބުރި ކޮޓަރިއަށް ދިއުމަށް ތައްޔާރު ވަނީއެވެ. ލިބުނު ފުރުސަތު ގެއްލިގެން ދާކަށް ޝިއާފް ބޭނުމެއް ނުވިއެވެ.
''ގުޑްމޯރނިންގް ގާރލް...'' ޝިއާފް ބުނެލިއެވެ. ''ދަނީތަ؟، އަހަންނާއެކު ކޮފީއަކަށް ޖޮއިންކުރަންވީނު، ޕްލީޒް...'' މައުވާ ގޮސްދާނެތީ ޝިއާފް ހުރީ ކަންބޮޑުވެފައެވެ. އޭނަގެ އަޑުގައި ވަނީ އާދޭހެވެ.
މައުވާ އެވަގުތު ހުރީ އަމިއްލަ ނަފުސާއި ވަރުގަދަ ޖިހާދަކަށް ނުކުމެއެވެ. މަޑުކުރަން ހިތް ބާރުއަޅަމުން ދިޔައެވެ. މިފަދަ ފުރުސަތެއް ނުލިބޭނެކަން ވެސް ބުނަމުން ދިޔައެވެ. މައުވާއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. މިވީހާ ދުވަހު އޭނަ ގާތު މީހަކު ކަމަކަށް އެދުނު މީ ފުރަތަމަ ފަހަރެވެ. އެވެސް ޝިއާފް އެވެ.
މައުވާ ގޮތެއް ނިންމިއެވެ. މަޑު ކުރާށެވެ. އެކަމުން ލިބޭނެ ގެއްލުމަކީ ކޮބާ ހެއްޔެވެ؟ އޭނައަށް ލިބުނު ހިތްވަރަކަށް އަލޫފްގެ ބަސްތައް ވެގެން ދިޔައެވެ. މިއީ އޭނަގެ ބިރާއި ކުރިމަތިލާން ވީ ވަގުތެވެ. މިހުރިހާ ދުވަހު އޭނަ އުޅުނީ ބަންދުކުރެވިފައިވި ކޮށްޓެއްގައެވެ. ނޫނެކެވެ. އަމިއްލަ ނަފްސު އެކޮށީގައި ބަންދުކުރީ ހުދު އޭނައެވެ. މީހުން ދެކޭ ނަޒަރިއްޔާތު ނޭގޭތީއެވެ. މިއަދު އެކޮށިން ނިކުމެ މިނިވަންކަމުގެ އިހުސާސްކޮށްލަން ހިތް އެދި ގޮވަން ފެށީ ކުއްލިޔަކަށެވެ. އެހެނަސް ބިރުވެރިކަމެއް ވެސް ވިއެވެ. އޭނަގެ އުއްމީދުތައް ފެނަށް ވެދާނެތީއެވެ.
މައުވާ ފަސްއެނބުރުނު ތަނާ ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޝިއާފް ހުރީ އޭނައާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލައިގެންނެވެ. މައުވާގެ ނޭވާ ކުރުވެގެން ދިޔައެވެ. އެދެމެދުގައިވާ ދާއިރާގެ ހަނިކަމާ ހުރެއެވެ.
''ސޮރީ...'' ޝިއާފް މާފަށް އެދުނެވެ. މައުވާގެ މޫނަށް އެރި ކުލަވަރުތައް އޭނައަށް ރީއްޗަށް ފާހަގަ ކުރެވުނެވެ. ހިތުގެ އުއްމީދު އާލާވެގެން ދިޔައީ ދެނެވެ. ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ.
ޝިއާފްގެ ފަހަތުން މައުވާ ގޮސް ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލަމުން އިށީނެވެ. ޝިއާފް ކޮފީ ތައްޔާރުކުރަން ހުރެފައި ވެސް މައުވާއަށް ބަލާލައެވެ. އެގޮތުގެ މަތިން ދިޔަ ވަގުތުކޮޅެކެވެ. ހިތްވަރުކޮށްލަމުން މައުވާ އިސްއުފުލާލިއެވެ. ޝިއާފްގެ ތޫނު ދެލޯ އަމާޒުވެފައި ވާތަން ފެނި މައުވާއަށް މަޖުބޫރުވީ އެހެން ދިމާއަކަށް ބަލާށެވެ.
''ތިތާތަ އިންނާނީ؟، އާދެބަލަ ބެލްކަންޏަށް ނިކުމެލަން...'' ޝިއާފް އެދުނެވެ. ނަމަވެސް މައުވާއަކަށް ދާކަށް ނުކެރުނެވެ. ދިޔާނާއަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަހިލާ އެފަދައިން ކަންތައް ކުރާކަށް އޭނައަކަށް ނުކެރޭނެއެވެ. އަދި ޝިއާފް ހުރި ގޮތުން ވެސް މެއެވެ.
ޝިއާފްއަށް ވިސްނުނެވެ. އެއާއެކު އޭނަ މައުވާއަށް މަޖުބޫރެއް ނުކުރިއެވެ. ދެކޮފީމަގާއި ބިސްކޯދު ތަބަކެއް ހިފައިގެން އައިސް މައުވާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
''ދޮންބެދައްތަ ހީކޮށްފާނެ އެއްޗަކާ މެދުތަ ތި ވިސްނަނީ؟...'' ޝިއާފް ޖެހިލުން ވުމެއް ނެތި އެހިއެވެ. އެސުވާލަށް މައުވާ ޖަވާބެއް ނުދިނެވެ. ދެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ ޝިއާފް އޭނީ އޭނަ ގާތުގައެވެ.
''އަޅެ، މައުވާ އަހަންނާ ވާހަކަ ނުދައްކަން ހުވާކޮށްގެންތަ ތިނީ؟...'' ޝިއާފް ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުނެލިއެވެ. އޭނަ އިނީ މައުވާގެ އަޑު އިވޭނެ އިރެއްގެ އިންތިޒާރުގައެވެ. މައުވާއާ ބެހޭ މަޢުލޫމާތުކޮޅެއް ސާފުވާނެ ކަމުގެ އުއްމީދާ އެކުގައި ވެސް މެއެވެ.
ފަސްމިނެޓް ފަސް....
''މައުވާ ވާހަކަދައްކަން ބޭނުން ނުވިޔަސް އަހަރެން ދައްކަ ފާނަން...'' ޝިއާފް ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. އޭނައަށް މައުވާގެ މަޑުމައިތިކަން ކަމުދިޔަ ކަމުގައި ވިޔަސް ހިތަށް ނޭގޭ ބިރުވެރިކަމެއް ވަދެގެން ދިޔައީ ކީއްވެގެން ކަމެއް ނޭގެއެވެ. މައުވާގެ މަޑުމައިތިރި ކަމުގެ ފަހަތުގައި ސިއްރެއް އޮތީ ހެއްޔެވެ؟
''އަހަރެންގެ ނަން އިނގޭ ދޯ މައުވާއަށް؟...'' ޝިއާފަށް ވާހަކަ ފައްޓާނެ ގޮތެއް ނޭގުމުން އަހާލިއެވެ.
''ޝިއާފް... ޝިއާފް...'' އުއްމީދުނުކޮށް ހުއްޓާ މައުވާ ބުނެލި އަޑު އިވުނެވެ. ޝިއާފްގެ ލުއި ހުނުމުގެ އަޑު އިވުމުން މައުވާ ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. އެހުނުމުގެ ތެރެއަށް އޭނަގެ ޖާނާއި ހިތް ދޫކޮށްލެވުނެވެ.
''ނަސީބެއްނު...'' ޝިއާފް ހުނުމުގެ ތެރެއިން ބުނެލިއެވެ.
ދެކެވެމުން ދިޔަ ވާހަކަތަކުގައި ލަހުން ނަމަވެސް ކުރިފަޅަން ފެށިއެވެ. ޝިއާފް އުއްމީދުކުރި ފަދަ ނަތީޖާއެއް ނުނެރެވުނު ކަމުގައި ވިޔަސް ލިބުނު ކާމިޔާބީއާ މެދު އޭނަ ހިތްހަމަޖެހުނެވެ. އެހެނިހެން އަންހެންކުދިންނާ މައުވާ ތަފާތުވާ އެތައް ސަބަބެއް އޭނައަށް ފާހަގަ ކުރެވުނެވެ. މައުވާއަށް ދެވިފައިވާ ޝައުގުވެރިކަން އިތުރިވީ ވެސް އެކަމުގެ ސަބަބުންނެވެ. ޝިއާފްއަށް އެންމެ ކަމުދިޔައީ މައުވާގެ ލަދުރަކިކަމެވެ. ހީލާއިރު ކޮލަށް އެޅިގެންދާ އަޑިކޮޅެވެ.
''އަހަރެން މަންމަވެސް ވަރަށް ޒީލަ ގަދަ ވާނެ...'' މައުވާ ހިއްސާކުރި ވާހަކަތަކުގެ މައްޗަށް ބުރަވެހުރެ ޝިއާފް ބުނެލިއެވެ. އޭނައަށް މައުވާގެ މަންމަ ސިފަކުރެވުނީ ޒީލަ ގަދަ ދަރިންގެ މައްޗަށް ބާރުފޯރުވަން އުޅޭ މައެއްގެ ގޮތުގައެވެ. ސަބަބަކީ މައުވާގެ ދިރިއުޅުމުގެ ނިންމުންތައް އަސްމާ ނިންމާތީއެވެ. މައުވާގެ ޚިޔާލެއް ވެސް ހޯދުމެއް ނެތިއެވެ. އޭނަގެ މަންމައަކީ ވެސް ޒީލަ ގަދަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
''މަންމަ ވަރަށް ރަގަޅުވާނެ...'' މަގުގައި ހުރި ކޮފީ ހުސްކޮށްލަމުން މަންމަގެ ދިފާއުގައި މައުވާ ބުނެލިއެވެ. ޝިއާފް އިނީ މޭޒުގައި ދެއަތް ވިއްދާލައިގެން މައުވާއާ ދިމާއަށް އެނބުރިއެވެ.
''އަސްލު މައުވާ މަންމަ ބުނީ ތެދެއް، މިކޮޅުގެ ފެނަށް ދިރުނީމަ ދެން ނުވާނެ ރަށަށް ދާހިތެއް، އަހަރެން ވެސް މިކޮޅަށް އައީ އަންނަ ހިތަކުންނެއް ނޫން، އެކަމަކު މިހާރު ރަށަށް ދާހިތެއް ނުވެސްވޭ، ބަލައްޗޭ، ދުވަސްކޮޅަކުން މައުވާއަށް ވެސް ވާނީ އެހެން...'' ޝިއާފް ބުންޏެވެ. އަދި މައުވާގެ އަތުން ކޮފީ މަގު އަތުލަމުން ދިޔައީ އެދޮންނަންށެވެ. މައުވާއަށް ލިބުނީ ހައިރާންކަމެވެ.
''ކިހިނެއްވީ، އަހަރެން ވީމަ ތަށްޓެއް ދޮންނަން ނޭގެންވީ؟...'' ސިންކުދޮށަށް ހުއްޓެމުން ޝިއާފް ބުންޏެވެ. ''އަހަންނަށް އެނގޭނެ ކައްކަންށާ، ހެދުން ދޮންނަންށާ، އިސްތިރިކުރަންށާ، ސާފުކުރަން ވެސް...'' ޝިއާފް މަގު ދޮވެލަމުން ގޮސް ހަރުގައި އަޅުވާލިއެވެ. އެހުރިހާ އިރު ވަންދެން މައުވާ އިނީ ޝިއާފްގެ ހަރަކާތްތަކަށް ގެއްލިފައެވެ.
****
ހަފްތާއެއްހާ ދުވަސް ތެރޭގައި ސްކޫލް ކަންތައް ނިމި ދިޔާނާ ހިތްހަމަޖެހޭވަރު ވިއެވެ. ބާޒާރަށް ގޮސް ފިހާރައިން ނިކުތުމުގެ ކުރިން ހުރިހާ އެއްޗެއް ހަމައަށް ހުރިތޯ ބަލާލިއެވެ.
''ދެން ނެތްތަ ބޭނުންވާ އެއްޗެއް؟...'' ދިޔާނާ މަގުގެ ދެފަރާތަށް ނަޒަރު ހިންގާލީ ޓެކްސީއެއް ފެނޭތޯއެވެ. ފެހި ކުލައިގެ ބޯޑު ހުރި އެއްވެސް ޓެކްސީއެއް ނުފެނުނެވެ. ޗޮކެއް ކަނޑާލަމުން ރަތްކުލަ އަރާފައި އިން ޓެކްސީއެއް ވެސް މަޑުކޮށްލާތޯ ބެލިއެވެ. ގެ ތަންކޮޅެއް ދުރުގައި ހުރުމާއި ވަގުތު ލަސްވެފައި ވުމުން ހިނގާފައި ދާކަށް ދިޔާނާ ބޭނުމެއް ނުވިއެވެ. ނުވީތާކަށް މިހާރު ގެއާ ކައިރީގައި އުޅޭ ގުރޫޕު މީހުންގެ ޑިއުޓީ ގަޑި އޮންނާނީ ފެށިފައެވެ. އެމީހުންގެ ރާޑަރަށް މައުވާ އަރަން ކުޑަވެސް ފުރުސަތެއް ދިޔާނާ ނުދޭނެއެވެ. ކުރީ ދުވަހަކުވެސް ދަން ގަޑިއެއްގައި އެމަގުން ދިޔަ އަންހެންކުއްޖަކާ ފޮށި، ގޯނާކޮށްގެން އެމީހުން ޕޮލިހަށް ވެސް ގެންދިޔައެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. ފަހު ދުވަސް ސުބަރެއްހެން މަގުމަތީ އެނބުރެން ދޫކޮށްލައިފިއެވެ. އަނިޔާ ލިބުނު ކުއްޖާއަށް ލިބުނު އިންސާފެއް ވެސް ނެތެވެ.
އިތުރުއެއްޗެއް ބޭނުން ނުވާކަމަށް މައުވާ ބުންޏެވެ.
ދިޔާނާ ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބުނެވެ. އެންމެ ފަހުން ފޯނުނަގައި އޭނަ ހުސޭންއަށް ގުޅާލިއެވެ. ހުސޭންގެ އިންތިޒާރުގައި ހުއްޓާ ޓްރެފިކް ލައިޓްގައި ޖެހިފައި އިން ޝިއާފް ފެނިއްޖެއެެވެ. ވަގުތުން ދިޔާނާ ޝިއާފްއަށް ގޮވާލިއެވެ.
ދިޔާނާ އެދުނީ މައުވާ ގެއަށް ގެންގޮސް ދިނުމަށެވެ. އަދި އޭނަގެ އަތުގައި ހުރި ކޮތަޅުތައް މައުވާ އަތަށް ދިއްކޮށްލިއެވެ.
''ދޮންބެދައްތަ ގެއަށް ދަނީ ކިހިނެއް؟...'' ޝިއާފް އެހި އެވެ. އިރުކޮޅަކުން ހުސޭން އަންނާނެކަމަށް ބުނެ ޝިއާފްގެ ސުވާލަށް ދިޔާނާ ޖަވާބު ދިނެވެ.
މައުވާ ޝިއާފްގެ ސައިކަލު ފަހަތަށް އެރިއެވެ. އޭރު އެދެމެދުގައި ތިންވަނަ މީހަކަށް އިނދެވޭނެ ޖާގަ ހުއްޓެވެ. ޝިއާފް ސައިކަލް ދުއްވާލަމުން ގެއަށް ދާން ނެގީ އެންމެ ދުރު މަގެވެ. މައުވާއާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ނިޔަތުގައެވެ.
ޝިއާފް ސައިކަލު ދުއްވަމުން ދިޔައީ މެދުމިނުގެ ދުވެއްޔެއްގައެވެ. ބޮޑުތަކުރުފާނު މަގުން ސައިކަލު ދުއްވަމުން ދިޔައިރު އާދައިގެ މަތިން މަގު އޮތީ ބާރުބޮޑުވެފައެވެ. މައުވާ ދިޔައީ އަތުގެ އިނިގިލިތަކާ ކުޅެލަމުންނެވެ. ޝިއާފްގެ ހަށިގަނޑުން ދުވާ ލުއިލުއި މީރުވަހުން އޭނަގެ ސިކުނޑިއަށް ތާޒާކަން ގެނެސްދެމުން ދިޔައެވެ. އެވަހުގައި ވަނީ ކޮންފަދަ ސިހުރެއްކަމެއް ނޭގެއެވެ. އިސާހިތަކު އެވަސް ހާއްސަވެ ހަނދާންތަކާ ގުޅިލާ މެހިގެން ދިޔައެވެ.
''މިފަހަރު ވެސް ޓޯކްނުކުރަން ކަމަށް ދޯ؟...'' ޝިއާފްގެ ސަމާލުކަން ދެވިފައިވަނީ މަގަށެވެ. ''އަސްލު ތިހާ މަޑުން ތިބޭ ކުދިން ފަހުން ވަރަށް ޓޯލްކެޓިވްވާނެ...'' ޝިއާފް އިތުރުކޮށްލިއެވެ.
އިތުރަށް ދައްކާނެ ވާހަކައެއް ޝިއާފްގެ ހަނދާނަކަށް ނައެވެ. އޭނައާއި މައުވާއާ ދެމެދު އެކުވެރިކަން އެހާ ރަގަޅަށް އުފެދިފަކާ ވެސް ނެތެވެ. އެހެނަސް މިރޭ އެލަނޑުދަނޑި ހާސިލުކުރަން އޭނަ ބޭނުމެވެ.
''ކޮންހާ ޝޮޕިންގްއެއް މިރޭ ތިކޮށްލީ...'' މިފަހަރު ވެސް އިސްނެގީ ޝިއާފް އެވެ.
''ސްކޫލް...''
މައުވާގެ ޖަވާބު ކުރެވެ. ދެން ދެވުނު މައުޟޫއުއަކީ ސްކޫލްގެ ދައުރަށެވެ. އެވަގުތު ޝިއާފްއަށް ކަމެއް ފާހަގަ ވިއެވެ. މައުވާގެ ސްކޫލް ހަޔާތުގެ ފަޅުކަމެވެ. ހިއްސާކުރަން މަޖާ ވާހަކަތަކެއް ނެތްކަމެވެ. އެކުވެރިންތަކާއެކު ޓީޗަރުންނަށް އުނދަގޫކުރި ދުވަސްވަރަށް ވެސް އަލިއަޅުވާ ނުލިކަމެވެ. އެއާއެކު މައުވާ ހޭދަ ކުރި އެކަނިވެރިކަން ޝިއާފްއަށް އުނދަގޫކުރަން ފެއްޓިއެވެ. މައުވާ ފަދަ ރީތި ކުއްޖަކަށް އެފަދައިން ކަންތައް ދިމާވީ ކީއްވެގެން ހެއްޔެވެ؟ ފަސްޖެހުމުގެ ސަބަބުން ބާވައެވެ!
ޝިއާފްގެ ހިތުގައި ރިއްސާލިއެވެ. މައުވާގެ އެކަނިވެރިކަމަށް ނިމުމެއް ގެންނަން އޭނަ ބޭނުން ވެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އޭނަ ނަގަންވީ ކޮން ފިޔަވަޅެއް ހެއްޔެވެ؟
ވިސްނާލުމުން މިވަގުތަށް އެންމެ ރަގަޅު ކަމަކަށް ފެނުނީ މައުވާއާއި އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމެވެ. އޭގެ ފަހުން އެންމެ ރަގަޅު ފުރުސަތެއް ބަލާފައި އެގުޅުން ކުރިއަށް ގެންދަން ބޭނުންވާނަމަ އެފިޔަވަޅު ނެގުމަށެވެ. މައުވާ އެދޭ ފަދަ ރަހުމަތްތެރިއަކަށް ވެ އެހިތާއި ހަމައަށް ވާސިލުވުމަށެވެ.
ތިރީސް މިނެޓްގެ ދަތުރަކަށް ފަހު ގެއާ ހަމައަށް އާދެވުނެވެ. ޔަޤީނުން ވެސް އެދަތުރު ވެގެން ދިޔައީ ޝިއާފާއި މައުވާގެ ގުޅުމަށް އިތުރުބޮޅުތަކެއް އިތުރުކޮށްދިން ދަތުރަކަށެވެ. މައުވާ އިނީ ޝިއާފްއާ އެކު ސައިކަލު ދުއްވާލަން ލިބުނު ފުރުސަތާއެކު އުފާވެފައެވެ. ޝިއާފް ސައިކަލު މަޑުކޮށްލުމުން މައުވާ ފޭބިއެވެ. އަދި ޝިއާފް ސައިކަލު ޕާރކްކޮށްލަންދެން ދޮރާށި ކައިރީ މަޑުކޮށްލިއެވެ.
''ފްރެންޑްސް؟...'' ޝިއާފް އައިސް މައުވާ ގާތު ހުއްޓިލަމުން ސުވާލުކޮށްލިއެވެ. މައުވާއަށް ޝިއާފްގެ މޫނަށް ބަލާލެވުނެވެ. ފަސްޖެހުމަކާ ނުލައެވެ. އެފަދަ ފުރުސަތަކަށް އެދިއެދި ހުރި މައުވާއަށް ބޯޖަހާލެވުނެވެ. ޝިއާފްއަށް ބޮޑު އުފަލެއް ލިބުނު ފަދައެވެ. އޭނަ މައުވާގެ އަތުގައި ހުރި ކޮތަޅުތައް އަތުލިއެވެ. އަދި މައުވާގެ ފަަހަތުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އެހާ ހިސާބުން މައުވާ އަދި ޝިއާފްގެ ގުޅުން މުޅިން އައު ފައްތަރަކަށް ދިޔައީއެވެ. މުޅިން އައު ދޮރުތަކެއް ހުޅުވާލަދިނުމަށް ފަހުގަ އެވެ.
އެތެރެއަށް ވަން މައުވާ ފެންނައިރަށް ދިޔާނާގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ. ލަސްވުމުންނެވެ. އެސުވާލުތަކަށް ޖަވާބު ދިނީ ޝިއާފް އެވެ. ޓްރެފިކްގައި ޖެހުނީ ކަމަށް ބުނެއެވެ. ދިޔާނާ އެކަން ޤަބޫލުކުރިއެވެ. ޝިއާފްއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެއިތުބާރު ނަގާނުލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާއެކުގައެވެ.
****
ތިން ހަފްތާ ފަހުން ސްކޫލްގެ އޮރިއެންޓޭޝަން ސެޝަންތައް ފެށުނެވެ. ކަންދިމާކުރި ގޮތުން މައުވާ އަދި ތޫބާ ވެސް ލައްވާލީ އެއް ކްލާހަކަށެވެ. އެކިއެކި މާއްދާތަކާ ބެހޭ މައުލޫމާތުތައް ދިނުމަށްފަހު ސްކޫލްގެ ފެސިލިޓީސްތަކާ ބެހޭ މައުލޫމާތުތައް ވެސް ދިނެވެ. ހަމައެއާއެކު އެތަންތަށް ދައްކާލަންވެސް ގެންދިޔަ އެވެ. ހުރިހާކަމެއް ނިމުމުން ކްލާސް ޓީޗަރުން އެކްލާހެއްގެ ކުދިންތައް ގޮވައިގެން ކްލާސް ރޫމްތަކަށް ދިޔައެވެ. ޓީޗަރު ދަރިވަރުންނާ ވާހަކަދައްކާލަމުން މަރުޚަބާ ކިޔެވެ. އަދި މާއްދާތަކާ ބެހޭ އިތުރު މަޢުލޫމާތުތައް ވެސް ދިނެވެ. އެސެޝަންގައި ކްލާސް ކުދިންގެ މެދުގައި އެކުވެރިކަން އާލާވެގެން ދިޔަ އެވެ.
މައުވާ ހީކޮށްގެން ހުރީ ތަފާތު ރަށްތަކުން އައިސްފައި ތިބި ކުދިންނަށް ވުމުން ފޮނި ވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ދިމާ އޭގެ އިދިކޮޅަށެވެ. އިސްވެ ހުރިހާ ކުދިން ވެސް މައުވާއާ ވާހަކަ ދެއްކިއެވެ. އެކުދިންގެ ނަޒަރުގައި މީހާ މަޑުމައިތިިރިވުމަކީ ބާކީކޮށްލަން ޖެހޭ ފަދަ އުޒުރަކަށް ނުވިއެވެ. އެއީ މައުވާއަށް ލިބުނު ހިތްވަރަކަށް ވެގެން ދިޔަ އެވެ. ތޫބާ ވެސް އޭނައާއެކު ހުރުމާއެކުގައެވެ. އިސާހިތަކު އެންމެން ދެނެފަރިތަ ވެއްޖެއެވެ. ކްލާހުގައި ގިނައީ އަންހެން ކުދިންނެވެ. ފިރިހެން ކުދިންނަށް އުޅެނީ އެންމެ ފަސް ކުދިންނެވެ.
ސެޝަންތައް ނިންމާލާފައި ގެއަށް ދިއުމުގެ ހުއްދަ ލިބުނީ ހާވިރުވާން އުޅެނިކޮށެވެ. ސްކޫލް ހުންނަނީ ގެއާ ފަނަރަވަރަކަށް މިނެޓްގެ ދުރުމިނުގައެވެ. އެހެންވުމުން ދުރަށް ހިނގަން ޖެހުނެވެ. ވަކިހިސާބަކަށް އާދެވުނުތަނާ ވެފަ ހުރި ވަރުބައްޔާއެކު، ކަރުހިއްކައި ގަނެފައިވުމުން ތޫބާ ބޭނުންވީ ފިނިބުއިމެއް ގަންނަން ފިހާރައަކަށް ވަންނާށެވެ. މައުވާ ވެސް އެގޮތާ އެއްބަސް ވެލިއެވެ.
ބުއިންތައް ގަނެގެން ފިހާރައިން ނިކުތް ތަނާ ފެނުނު މަންޒަރަކުން ތޫބާގެ އަތުގައި އޮތް ކޯކް ދަޅު އަތުން ދޫވެގެން ގޮސް ގާތަކުގެ މައްޗަށް ބަންޑުން ވެއްޖެއެވެ. މިމަންޒަރު ފެނި މައުވާއަށް ލިބުނީ ހައިރާންކަމެވެ. ހުދުވެފައިވާ ތޫބާގެ މޫނު ފެނި އެހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ތޫބާ ބަލަން ހުރި ދިމާއަށް އޭނައަށްވެސް އަވަސް ނަޒަރެއް ދެވިއްޖެއެވެ. އެއާއެކު އޭނަގެ ދެލޯ ވެސް ބޮޑުވެއްޖެއެވެ. ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ.