ތޫބާ އޭނަގެ ވާހަކަތައް ޤަބޫލުކުރުމުން އަލޫފް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެހިތަށް އައި ތޫފާން ވެސް މުޅިންހެން ހިނދިގެން ގޮސްފިއެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އިސްތަށިގަނޑުގައި އަތްފުނާ އަޅާލީ ހިނިތުންވަމުންނެވެ.

''އަހަރެން ގޮވާ އަޑު ވެސް އަލޫފްއަށް ނީވެނީތަ؟...'' އިވުނު އަޑާއެކު އަލޫފްގެ މޫނުމަތީގައިވި އުފާވެރިކަން ގެއްލިގެން ދިޔައެވެ. ބުމަގޮށްޖަހާލެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. އަޑު އައި ދިމާއަށް ބަލަން ވެސް އޭނަ ބޭނުމެއް ނުވިއެވެ. އޭނަގެ ކޮންމެ ހަރަކާތެއްގައި އެކުލެވިގެންވަނީ ރުޅިވެރިކަމެވެ.

''އަލޫފަށޭ މަ މިގޮވަނީ...'' ޒޯހާ އޭނަގެ އަޑަށް ބާރުލަމުން އަހާލިއެވެ. ''ނުކާ ރެއަކީތަ؟...''

އަލޫފްގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލާއެކު ޒޯހާ ހުންނަނީ ފިކުރެއްގެ ތެރޭގައެވެ. ހިތް ބިރުގަންނަ ހިސާބަށް ވެސް ކަންތައް ގޮސްފިއެވެ. އަލޫފް އޭނައަށް ކަމެއް ސިއްރުކުރަން މަސައްކަތް ކުރާހެން ހީވާތާ ވެސް ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. އޭނަ ފެނުނަސް އަލޫފް ހުންނަނީ ރުޅި އައިސްފައެވެ. އެކަމުގެ ފަހަތުގައިވާ ސަބަބު ހޯދަން އޭނަ ބޭނުން ވެއެވެ. ބިރުގަންނަނީ ހިތުގައި ވަކިހިއްޕާލާފައިވާ ޝައްކު ޔަޤީނަށް ބަދަލު ވެދާނެތީއެވެ. އޭނައަށް ސިއްރުން އަލޫފް ގުޅުމެއް ހިންގަފާނެތީއެވެ.

''ޒޯހާ ދޭބަލަ، މަ އެބަ އަންނަން އިރުކޮޅަކުން...'' އަލޫފް ޒޯހާއަށް ބަލާލުމެއް ވެސް ނެތި ބުންޏެވެ. ޒޯހާ ހުރީ ހައިރާންވެފައެވެ. އަލޫފް ރުޅިއަރުވާލަން އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު އޭނަ އާދޭސްކޮށްގެން ސައިކަލު ދުއްވާލަން ދިއުމުން ހެއްޔެވެ؟ ޒޯހާގެ ހިތުގައި ރިއްސާލިއެވެ. ރޮވިދާނެތީ އޭނަ އަވަސްއަވަހަށް ގޮސް ކޮޓަރިން ނިކުތެވެ.

ޒޯހާއާއި އަލޫފްގެ ކައިވެންޏަކީ ދެޢާއިލާގެ ރޭވުމުގެ މަތިން ކުރެވުނު ކައިވެންޏެކެވެ. ޒޯހާ އޭރުވެސް އަލޫފް ދެކެ ލޯބި ވެއެވެ. އޭނަ އެކައިވެނި ކުރީވެސް ނުހަނު ފޮނިއުއްމީދުތަކާ އެކުގައެވެ. މުޅި އުމުރު ދުވަސް އަލޫފާ އެކު ހޭދަކޮށްލުމުގެ ހުވަފެންތައް ދެކެމުންނެވެ. ނަމަވެސް ޒޯހާއާ ހިލާފަށް އަލޫފް އެކައިވެންޏާއި އެއްބަސްވީ މައިންބަފައިންގެ ފިއްތުންތަކާ ހުރެއެވެ. މަޖުބޫރު ވެގެންނެވެ.

ޒޯހާ އެދުނު ފަދަ އުފާވެރި ދާނަކަށް އޭނަގެ ކައިވެނީގެ ހަޔާތެއް ނުވިއެވެ. އޭނަގެ ހުވަފެންތަކުގައި ހުޅުރޯވެގެން ދިޔައީ އަލޫފް އޭނައަށް ފަރުވާ ކުޑަކުރަން ފެށުމުންނެވެ. އުފަލާއި ހިތްހަމަޖެހުމާއެކު ހޭދަކުރަން ބޭނުންވި ކައިވެނި ވެގެން ދިޔައީ އޭނައަށް ހިތި ޒަހަރަކަށެވެ. އަލޫފްގެ ފަރާތުން ލިބޭނެ ކަމަށް އުއްމީދުކުރި ލޯތްބެއް އޭނައަކަށް ނުލިބުނެވެ. އެންމެ ކުޑަމިނުން އަލޫފް އޭނައަށް ލޯބިން ބަލާލީކީ ވެސް ނޫނެވެ. އެދެމެދުގައި އޮންނަނީ ހިތުގެ ގުޅުމަށް ވުރެ ބޮޑަށް ޖިސްމުގެ ގުޅުމެކެވެ. އެދުން ފުރިހަމަ ވުމާއެކު އަލޫފް އޭނަގެ ކުރީގެ މިޒާޖަށް އެނބުރި ރުޖޫއަ ވެއެވެ. އެކަމާ ޒޯހާގެ ހިތުގައި އަޅާ ވޭން އިހުސާސްކުރެވޭނެ ނަފުސެއް މިއަނިޔާވެރި ދުނިޔޭގައި ހުރިނެހެއް ހިޔެއްނުވެއެވެ. އޭނަ ކެތްކޮށްގެން ހުރީ އަލޫފް ބަދަލުވެދާނެ ކަމަށް ހީކޮށެވެ. ނަމަވެސް އެދުވަހެއް ނައެވެ. އޭނަ ބަލިވެއިންކަން އެނގުނު ދުވަހު ވެސް އަލޫފް އުފަލެއް ނުވިއެވެ. އައީ ރުޅިއެވެ. ނުވަމަސް ދުވަސް ވަންދެން އެވޭނެއްގައި އޭނަ ގަނަތެޅުނު ދުވަހު ވެސް އަލޫފްގެ ފަރާތުން ލޯތްބާއި އަޅާލުމެއް ނުލިބުނެވެ. އެންމެ ކުޑަމިނުން އަލޫފް އޭނަގެ ބަނޑުގައި ލޯތްބާއެކު ފިރުމާ ވެސް ނުލިއެވެ. ކުއްޖަކު ލިބޭތީ އުފާވީ ހަމައެކަނި ޒޯހާ އެވެ. ހިތްދަތިވެގެން ގޮސް މަރުވެދާނެހެން ވެސް ޒޯހާއަށް ހީވިއެވެ. އޭނައަށް މިލިބެނީ ކޮން ކުށެއްގެ ސަޒާކަމެއް ނޭގުނެވެ. ވެވުނު ލޯބީގެ ހިތިރަހަ ކަރުބުޑަށް އޭރު ފޭދި ނިމިއްޖެއެވެ.

ޒޯހާ ވިހެއީ ވެސް އަލޫފް ރާއްޖެއިން ބޭރުގައި ހުއްޓާއެވެ. އެދުވަހު މައިދައިތައަށް ނާދެވުނުނަމަ ވިހެއުމުގެ ގަދަފަދަ ވޭނުގައި ޒޯހާ މަރުވީސްކަން ނޭގެއެވެ. އަލޫފް ރާއްޖެއައީ ޒޯހާ ވިހެއިތާ ހަފްތާއެއް ފަހުންނެވެ. އެވެސް މަންމަގެ ޝަކުވާތަކާ ހުރެ ބޮލުގައި ރިއްސަން ފެށުމުނާއެކު އެވެ.

ކައިވެންޏަށް ހަ އަހަރުވެ، ދަރިފުޅަށް ތިން އަހަރު ވީއިރު ވެސް ޒޯހާގެ ހަޔާތަށް އައިސްފައިވާ ހަނަފަސްކަމަށް ބަދަލެއް ނައެވެ. މިހާރު އޭނަގެ ދިރިހުރުމުގެ އުއްމީދަކީ ހަމައެކަނި އޭނަގެ ދަރިފުޅު ނިއަމް އެވެ. އެދަރިފުޅުގެ މައުސޫމްކަމާއި ޅަ ހަރަކާތްތަކުން ޒޯހާގެ ހިތުގެ ޒަހަމްތަކުގައި މަލަން އަޅާލަދިނެވެ.

ޒޯހާގެ އިންތިޒާރަށް ނިމުމެއް ނައުމުން އޭނަގެ ވޭނީ ފަސާނާ ހަނދުމަކުރަމުން ކައި ނިންމާލިއެވެ. ފެންތަށި ތުނބުގައި ޖައްސާލި ތަނާ ބޭރަށް ދާން ތައްޔާރުވެގެން ނިކުތް އަލޫފް ޒޯހާއަށް ފެނުނެވެ. އެއާއެކު ޒޯހާ އަވަސްއަވަހަށް ފެންތަށި ބެހެއްޓިއެވެ.

''ކާން ހަދަން ވީތަ؟...'' ޒޯހާ އަހާލިއެވެ.

ފަރުވާކުޑަކަމާއެކު ޖަވާބު ދީފައި އަލޫފް ނިކުމެގެން ދިޔައީއެވެ. އަލޫފް ދިޔަ ދިމާއަށް ބަލަން ހުރެފައި ޒޯހާއަށް ރޮވިއްޖެއެވެ. މަންޒަރު ފުސްވެ ކޯތާފަތުން ތިރިއަށް ހޫނުކަން އެކުލެވިގެންވާ ފަރުނަތައް ފިރުކެން ފަށައިފިއެވެ. އޭނައަށް މަޑު އާހެއްގެ އަޑު ބޭރުކޮށްލެވުނު ހިނދު އަނގަމަތީ އަތްއަޅާލެވުނީ ގިސްލުމުގެ އަޑު ބޭރުވެދާނެތީއެވެ. އޭނަ ރޯތަން މައިދައިތައަށް ފެނި މައްސަލައެއް ފެންމަތި ވެދާނެތީ ޒޯހާ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. އަދި ދިރުމެއް ނުވާ މީހަކު ފަދައިން ބަދިގޭގެ މަސައްކަތްކުރަން ފެށިއެވެ.

އަލޫފް އޭނައާ މެދު އެފަދައިން ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟

****

ތޫބާ ބޭރަށް ދިއުމުން މައުވާ ކޮޓަރިން ނިކުތީ ފޫހިވެގެންނެވެ. ތޫބާއާއި އަލޫފާ ދެމެދު ޖެހުނު މައްސަލަ ހައްލުވި ފަހުން ތޫބާ ފެންނަނީ ނުހަނު އުފާވެފައި ހުންނަ ތަނެވެ. އެބަދަލާ މެދު އޭނަ އުފާވި ކަމުގައި ވިޔަސް އޭނައަށް އަލޫފްގެ ވާހަކަތަކަށް ފުރިހަމައަށް އިތުބާރެއް ނުކުރެވުނެވެ. އެވާހަކަ ދައްކަން ޖެހިލުންވީ ތޫބާ އޭނަ ދެކެ ރުޅިއައިސްދާނެތީއެވެ.

ދިޔާނާ ސޯފާގައި ޓީވީ ބަލަން އިނެވެ. ގޭގެ މަސައްކަތުން އަވަދިވުމާއެކު ދިޔާނާ އޭނަގެ ވަގުތު ހުސްކުރަނީ ހިންދީ ސިލްސިލާތައް ބަލާށެވެ. ސިލްސިލާ ބަލަން ފޫހިވާ މައުވާއަށް އިތުރު ގޮތެއް ނެތުމުން ސޯފާގައި އިށީނެވެ. އެވަގުތު ގެއަށް ވަން ޝިއާފަށް މައުވާ ފެންނައިރަށް އައިސް ސޯފާގައި އިށީނެވެ. އެއާއެކު ދިޔާނާއަށް ލިބިގެން ދިޔައީ ހައިރާންކަމެކެވެ. ޝިއާފް މިއިން ދުވަހަކު ވެސް އެގޮތަށް ކަންތައްކޮށްފައި ނުވާތީއެވެ.

''ޝިއާފް ޑްރާމާ ބަލަން ފެށީ ކޮންދުވަހަކު؟...'' ސަމާސާ ރާގަކަށް ދިޔާނާ އެހި އެވެ. ދިޔާނާގެ ސުވާލުން ޓީވީގެ ސްކްރީނަށް ދެލޯ ތަތްކޮށްލައިގެން އިން މައުވާގެ ތުންފަތަށް ވެރިވެގެން ދިޔަ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ.

''ކޮބާތަ މައްސަލައަކީ...'' ޝިއާފް ލަދުގެންފައި ބުންޏެވެ. ދިޔާނާ ހިނިގަނޑެއްޖަހާލަމުން އަލޫފް އަތަށް ރިމޯޓް ދީފައި ދިޔައީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ. ދިޔާނާ ދިއުމާއެކު ޝިއާފް މައުވާ އިން ފަޅިއަށް ޖެހިލިއެވެ. މިހުރިހާ އިރު އެދެމުގައިވި ހުރަހަކީ ދިޔާނާ އެވެ.

''އަދިވެސް ޖަވާބު ނުދެމެއްނު...'' ޝިއާފް މަޑުމަޑުން ބުނެލިއެވެ. މައުވާއަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. އޭނައަށް ޝިއާފް ބުނި އެއްޗެއް ނަގައިނުގަނެވުނީއެވެ.

''ހާދަ އަވަހަކަށޭ ތިހަނދާން ނެތެނީ؟، އަހަރެން އެހީމެއްނު އަހަންނާއެކު ދުއްވާލަން ދާނަން ހެއްޔޭ؟...'' ޝިއާފް ހަނދާންކޮށްލިއެވެ.

''ބޮޑުދައްތަ؟...'' މައުވާ ބުނަން އުޅުނީ ކީކޭކަން ޝިއާފްއަށް އެނގުނެވެ. އޭނަ ހިނިތުންވުމަކާއެކު އެކަން ހަމަޖައްސާލާނަމޭ ބުންޏެވެ. ''ހަމަ އަސްލުކޮށް ވެސް ދާނަންތަ؟...''

މައުވާ އެސުވާލަށް ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ. ޝިއާފް ވަރަށް ބޮޑަށް އުފާވިއެވެ. މައުވާއަށް ބަލަން އިނދެފައި ޝިއާފް ތެދުވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާކޮޓަރިއަށް ވަނެވެ.

''ދޮންބެދައްތާ...'' ތަށިތައް އަތުރަން އުޅުނު ދިޔާނާއަށް ޝިއާފް ގޮވާލިއެވެ. އޭރު ސިޓިންގްރޫމްގައި އިން މައުވާގެ ކަންފަތް ޝިއާފް ދައްކަން އުޅޭ ވާހަކައަކަށް ހުޅުވާލެވިފައި ވެއެވެ.

ދިޔާނާ ތަށިތައް އަތުރަމުން ޝިއާފްއަށް ނަޒަރެއް ދިނެވެ. ޝިއާފް ބުނަން އުޅޭ އެއްޗަކަށް ސަމާލުކަން ދިން ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

ޝިއާފްއަށް ވިސްނާލެވުނީ ބުނާނެ އެއްޗަކާ މެދުގައެވެ. ނަމަވެސް ދިޔާނާއަށް ޝައްކުވެދާނެތީ އޭނަ އަވަސްއަވަހަސް އެތަނުން ދިޔައެވެ. ޝިއާފް ދިޔަ ދިމާއަށް ބަލަން ހުރި ދިޔާނާ ދެފަރާތަށް ބޯހޫރާލަމުން އޭނަގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

****

ޝިއާފް އައިސް ސޯފާއަށް ވެއްޓިގަންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ކުރަން ދިޔަ ކަންތަކުން އަލިމަގެއް ނުފެނުމުން މޫނުމަތިން މާޔޫސްކަން ފާޅުވެއެވެ.

''އިވީ ގޮސް ބުނެބަލަ ޝޮޕިންގްކޮށްލަން ދާން ބޭނުމޭ...'' އިރުކޮޅެއް ވަންދެން ފުން ހިޔާލަކަށް ގެއްލިފައި ޝިއާފް ބުނެލިއެވެ. ދެއަތް ޖޯޑުކޮށްލައިގެން އިން މައުވާ ޝިއާފްގެ މޫނަށް ބަލާލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ސީރިޔަސްކަމެވެ.

''ދޭބަލަ...'' ޝިއާފް އެދުނެވެ.

''ނުކެރޭނެ...'' އަނެއްކާ ވެސް ދޮގުހަދަން ޖެހުމުން މައުވާ ބުނެލިއެވެ. ދިޔާނާއަށް ޝައްކު ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ ދެކެ ރުޅިއަންނާނެކަން ގައިމެވެ. މަންމައާ ހަމައަށް ވެސް އެވާހަކަ ދާނެއެވެ. އޭރުން ވާނެ ގޮތެއް ވެސް އެނގެނީކީ ނޫނެވެ.

''އިވީ...'' ޝިއާފް ގޮވާލިއެވެ. އެއަޑުގައި ތަފާތުކަމެއް ވާކަން މައުވާއަށް ފާހަގަ ކުރެވުނެވެ. ދެޒުވަނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔަ ހިނދު ބަޔާންކުރަން ދަތި ޝުއޫރުތަކެއް ދެލޮލުގައި ވެސް ވިދަމުން ދިޔައެވެ. މައުވާ ބޭނުންވީ އެދެލޮލުގެ ތެރެއަށް ގެނބިގެން ދާށެވެ. މުޅި އުމުރު ދުވަހަށެވެ.

މައުވާ ތެދުވުނެވެ. ޝިއާފް ބުނި ފަދައިން ކަންތައް ކުރުމަށެވެ. މައުވާ ގޮސް ދިޔާނާ ގާތު ބާޒާރުކޮށްލަން ދިއުމުގެ ހުއްދައަށް އެދުނެވެ. މުހިންމު ކަމަކަށް ވުމުން މެނުވީ މައުވާ އޭނަގެ ހުއްދައަށް ނޭދޭނެކަން ދިޔާނާއަށް އެނގުނެވެ. އެއާއެކު އޭނަ މައުވާއަށް ދިއުމުގެ ހުއްދަ ދިނެވެ. އަދި ޝިއާފަށް ގޮވާލަމުން މައުވާ ފިހާރައަށް ގެންގޮސް ދިނުމަށް އެދުނެވެ. އަދި އެކަނި ކޮށްނުލުމަށް ވެސް ބުނެލިއެވެ.

ފެހި ސިގްނަލް ލިބުމާއެކު މައުވާ ކޮޓަރިއަށް ދިޔައީ ތައްޔާރުވެލުމަށެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ވޫލްކޮޅަކުން އިސްތަށިގަނޑު އައްސާލިއެވެ. އެއަށްފަހު ޓިޝޫ ކޮޅަކުން މޫނު ފޮހެލަމުން ލޮލުގައި އަނދުން ވެސް އަޅާލިއެވެ. އެއީ މައުވާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިންކަމެކެވެ. އިތުރު އެއްވެސް އެއްޗެއް ބޭނުންނުކޮށް ސެންޓުން ޖަރީވެގެން ފަހު ފަހަރަށް ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް މައުވާ ބަލާލިއެވެ. ޝިއާފްއަށް ޓަކައި ޒީނަތްތެރިވުމަށް އޭނަގެ ހިތް ގޮވަން ފެށީ ކުއްލިޔަކަށެވެ.

މައުވާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމެއް ނެތި އިން ޝިއާފަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމާއެކު ސޯފާއިން ތެދުވެވުނު ގޮތެއް ވެސް ނޭގެއެވެ. އޭނައަށް މައުވާ ފެނުމުން ބަލަން ހުރެވުނެވެ. ރަތްކުލައިގެ ގަޔަށް ދޫ އަތްދިގު ޓީޝާޓްކޮޅާއި ހުދުކުލައިގެ ޖިންސާ މައުވާ ވަރަށް ގުޅެއެވެ. ހިތިފަތުބުމައާއި ދިގުދިގު އެސްފިޔަތަކުގެ ތެރޭން ފެންނަ ކަޅުކުލައިގެ ބޮޑު ދެލޮލުގައި ވަނީ ތޫނު ވިދުމެކެވެ. މައުވާގެ ރީތިކަމަށް އެސްފީނާ ނުޖެހުމަށް އެދި ހިތާހިތުން ޝިއާފަށް ދުޢާކޮށްލެވުނެވެ. އޭނައަށް ކަމުނުދިޔައީ އެންމެ ކަމެކެވެ. ވޫލްކޮޅަކުން މައުވާގެ އިސްތަށިގަނޑު ގައިދުކޮށްފައި ވުމުންނެވެ. އޭނައަށް ކަމުދަނީ އެއިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލެވިފައި ވުމުންނެވެ.

ޝިއާފްގެ ބެލުމުން ރަކިވެފައި ހުރި މައުވާ ކުރިއަށް އަޅާލި ފިޔަވަޅު ގަނޑުވެގެން ދިޔައީ ދިޔާނާ ގޮވާލުމުންނެވެ. ދިޔާނާ އައިސް ތަރުކަރީތަކުގެ ލިސްޓެއް ދީފައި ފިހާރައިން އަންނައިރު ނަގެގެން އައުމަށް އެދުނެވެ. އަދި ޝިއާފްމެނަށް ސަމާލުކަމެއް ނުދީ ގޮސް ކާކޮޓަރިއަށް ވަދެއްޖެއެވެ.

''މިވީ ގޮތުން ފިހާރައަށް ދާންތާ މިޖެހުނީ...'' ޝިއާފް ލިފްޓްގެ ފިތަށް އޮބާލަމުން ބުންޏެވެ.

ޝިއާފް ހުރީ މައުވާއާއެކު ލިފްޓްގައި އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައެވެ. އެހެނަސް އޭނަގެ އެމަސައްކަތަށް ހުރަސް އެޅިގެން ދިޔައީ އެފަންގިފިލާގައި ހުންނަ އެޕާރޓްމެންޓެއްގައި އުޅޭ ޝަކީލާ އައުމުންނެވެ. ޝަކީލާ މައުވާއަށް ބީރަށްޓެހި ނަޒަރަކުން ބަލާލަމުން ޝިއާފްއަށް ހިނިތުންވެލިއެވެ.

''މިކޮންކުއްޖެއްތަ؟ ޝިއާފް ރައްޓެހިވެގެން އުޅޭ ކުއްޖާތަ...'' ޝަކީލާ ހީކުރީ އެއީ ޝިއާފް ރައްޓެހިވެގެން އުޅޭ ކުއްޖާ ކަމަށެވެ. ޝިއާފްގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. ނަމަވެސް މައުވާގެ މޫނަށް އަރާފައިވި ކުލަވަރު ފެނުމުން ޝަކީލާއަށް އަރާފައިވި އޮޅުން ފިލުވާލަދޭން އަވަސްވެގަތެވެ.

''ނޫނޭ، މީ ދޮންބެދައްތަގެ ފެމިލީ ކުއްޖެއް...'' ޝިއާފް، ޝަކީލާގެ ކުށްހީ ފިލުވާލަދިނެވެ. ޝަކީލާ ވަގުތުން މާފަށް އެދުނެވެ.

ލިފްޓް ތިރިއަށް ދެވެން ދެން ޝަކީލާ ހުއްޓާލުމެއް ނެތި އަނގަތަޅަމުން ދިޔައެވެ. އޭނަ އަނގަވާޅު ނުވޭ ހެއްޔޭ ވެސް ޝިއާފް ހިތަށް އެރިއެވެ. ދޮންބެދައްތަ ޝަކީލާ ދެކެ ފޫހިވަނީ ވެސް އެސަބަބާ ހުރެ ކަންނޭގެއެވެ. ކުރިން އެދެމެދުގައި އެކުވެރިކަން އޮތްކަމުގައި ވިޔަސް މިހާރު ޝަކީލާ އެއެޕާރޓްމެންޓަށް ޒިޔާރަތްކޮށްލަނީ މަދު ފަހަރަކުއެވެ. ޝަކީލާ މީހުންގެ މަސްކާތީ ދިޔާނާ ހިތްހަމަ ނުޖެހިގެން އެވާހަކަ ބުނުމުން ޝަކީލާ ރުޅިއައީއެވެ.

ލިފްޓް ހުޅުވުމާއެކު ޝިއާފް ބެލީ ވީހާވެސް އަވަހަކަށް ނުކުމެވޭތޯއެވެ. އޭރު ޝަކީލާ ކޮންމެވެސް ސިޔާސީ ވާހަކައެއް ދައްކަމުން ފަހަތުން އާދެއެވެ. ޝަކީލާގެ ފަރާތުން ދެޒުވާނުން މިންޖުވީ ޝަކީލާގެ ރައްޓެއްސަކާ ދިމާވި ހިސާބުންނެވެ.

''ފުރަތަމަ ފިހާރައަށް ދޯ ދާނީ؟...'' ޝިއާފް ސައިކަލު ސްޓާޓްކޮށްލަމުން ބުނެލިއެވެ. މައުވާ ޖަވާބުގައި އާނއެކޭ ބުނެލިއެވެ.

****

ސޯސަންމަގު އަގޯރާ ކައިރިއަށް ސައިކަލު މަޑުކޮށްލުމުން މައުވާ ފޭބިއެވެ. އަދި ސައިކަލު ޕާރކްކޮށްފައި ޝިއާފް އަންނަންދެން ސިޑިކައިރީ މަޑުކޮށްލިއެވެ. މައުވާ ފިހާރައަށް ވަދެ ގަންނަން ބޭނުންވާ ތަރުކާރީގެ ލިސްޓް ދިނެވެ. ޝިއާފަށް ފޯންކޯލެއް އައިސްގެން އޭނަ ދިޔައީ ދުރަށެވެ. އޭރު މީހަކު މާވަރަކަށް ބަލާހެން ހީވުމުން މައުވާ އެދިމާއަށް ނަޒަރެއް ދީފިއެވެ.

ޖެހިގެން ހުރި ޝެލްފުން އެއްޗެހިތަކެއް ހޯދަމުން ދިޔަ އަންހެންކުއްޖާ ކަޅިޖަހާލުމެއް ނެތި މައުވާއަށް ބަލައެވެ. އެދެލޮލުން ކަމަކާ މެދު ފިކުރު ބޮޑުވެފައިވާކަން ހާމަކޮށްދެއެވެ. މައުވާ ބީރަށްޓެހި ހިނިތުންވުމެއް ދިނެވެ. ނަމަވެސް ރައްދުގައި އެކުއްޖާ ހިނިތުންވެސް ނުލިއެވެ. އޭނަ ހަމަ ބަލަން ހުރީއެވެ. މައުވާގެ ހިތުގައި ސުވާލު އުފެދުނެވެ. ފޯންކޯލް ނިންމާލާފައި އައިސް ހުއްޓުނު ޝިއާފް ފެނުމުން އެކުއްޖާއަށް ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. ޝެލްފާ ނިވާވެލީ މައުވާގެ ހިތުގައި އެތައް ސުވާލުތަކެއް އުފަން ކުރުވާފައެވެ. ޖަވާބުވެސް ހޯދޭގެ މަގެއް ފަހިކުރުމެއް ނެތިއެވެ.

އެއީ ކާކު ހެއްޔެވެ؟ އޭނައާ ދިމާއަށް ކަޅި ޖަހާލުމެއް ނެތި ބަލަން ހުރީ ކީއްވެގެން ހެއްޔެވެ؟ އެދެލޮލުން އޭނައަށް ބުނެދޭން އުޅުނީ ކޯޗެއް ހެއްޔެވެ؟ ޝިއާފް ފެނުމުން އެކުއްޖާއަށް ވީ ކިހިނެއް ހެއްޔެވެ؟ މިހިރަ ސުވާލުތަކުން މައުވާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.

''އިވީ...'' މައުވާ ސިހިގެން ދިޔައީ ޝިއާފް ގޮވާލުމުންނެވެ. މައުވާ ޝިއާފްއަށް ބަލާލިއެވެ. އަދި ޝެލްފަށް ވެސް މެއެވެ. މިހާރު އެއަންހެންކުއްޖާގެ ހިލަމެއް ވެސް ނުވެއެވެ.

''ވަޓް ހެޕެންޑް؟...'' ޝިއާފް ކަންބޮޑުވެފައި އަހާލިއެވެ. އޭނަ ވެސް މައުވާ މާވަރަކަށް ތަންތަނަށް ނަޒަރު އުކަން ފެށުމުން ވަށައިގެން ހޯދާލިއެވެ.

''ދެންމެ އެތާ ހުރި އަންހެންކުއްޖަކު ވަރަށް ބެލި، ޝިއާފް އައީމަ ގެއްލިއްޖެ، ދިޔަ ތަނެއް ވެސް ނޭގޭ...'' މައުވާ ބުނެދިނެވެ. ޝިއާފްގެ މޫނުމަތިން ސީރިޔަސްކަން ފެނިގެން ދިޔައީ ދެނެވެ. އޭނަ ޝެލްފް ކައިރިއަށް ގޮސް ބެލިއެވެ. އެބުނާ ކުއްޖަކު ނެތެވެ. ތުނިކޮށް ހުރި ތުނބުޅީގައި ފިރުމާލަމުން ޝިއާފް އައިސް މައުވާ ގާތަށް ހުއްޓުނެވެ.

''ތިވާނީ އިވީއަށް ހީވި ގޮތެއް ކަމަށް، ލެޓް އިޓް ގޯ، ބޭނުންވި ހުރިހާ އެއްޗެއް ލިބިއްޖެތަ؟...''

ޝިއާފް އޭނައަށް ލިބުނު ނުތަނަވަސްކަން ފޮރުވާލަމުން ބުނެލިއެވެ. ޝިއާފްގެ މޫނަށް ބަލާލަމުން މައުވާ ބޯޖަހާލިއެވެ. ޝިއާފްއަށް އައި ބަދަލުތަކާ ހުރެވެސް މައުވާގެ ހިތުގައި ވި ސުވާލުތައް ވީ އިތުރެވެ. އެސުވާލުތަކަށް ޖަވާބު ނުލިބޭނެކަން އެނގޭތީ އޭނަ ގަސްދުކުރީ އެކަން ނުވާކަމަކަށް ހަދާލާށެވެ. ވިސްނާ ވިސްނާ އެކަމާ ހުރެ މިރޭ ހަރާބުވާން ނޭދޭތީއެވެ. މިރޭ އޭނަ ބޭނުންވަނީ ޝިއާފާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނުވެސް ދަންނަ މީހަކާ ހުރެ އެއުފާވެރިކަމަށް އުނިކަމެއް އައުމުގެ ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ.

ޝިއާފާއެކު ކައުންޓަރު ކައިރީގައި އޮތް ކިއު ކައިރިއަށް މައުވާ ހުއްޓުނެވެ. އަދި ލިސްޓުގައި ހުރި އެއްޗެހި ހަމައަށް ހުރިތޯ ބަލާލަމުން ފިހާރައިން ނިކުމެވޭނެ އިރަކަށް އިންތިޒާރުކުރަން ފެށިއެވެ.

މައުވާއަށް ނަޒަރު ހުއްޓާލައިގެން ތަންކޮޅެއް ދުރުގައި ނިވާވެލައިގެން ހުރި އަންހެންކުއްޖާ މައުވާއަށް ބަލަމުން ދިޔައީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނަގެ ނަޒަރު ޝިއާފަށް ހުއްޓުމާއެކު ހީވީ ކުރިމަތިން އިފުރީތެއް ފެނުނުހެންނެވެ. ބިރުންގޮސް މުޅިމީހާ ދަލުން ފެންވެރިއްޖެއެވެ.

ކޮމެންޓް 0