ފިހާރައިން ނިކުމެވުމާއެކު މައުވާމެންގެ މަންޒިލަކަށް ވެގެން ދިޔައީ ރަސްފަންނެވެ. މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ޝިއާފް ހުއްޓާލުމެއް ނެތި އަނގަތަޅަމުން ދިޔައެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާގެ ހިލަމެއް ވެސް ޝިއާފްގެ ފަރާތުން ނުފެނުނެވެ. އޭނަ ފެންނަނީ ވަރަށް ވެސް ހަމަޖެހިލައިގެން ހުންނަތަނެވެ. އެއީ މައުވާގެ ހިތުގައި ވި ވަހުމާއި ޝައްކުގެ އޮށް މުލުން ލުހެލަން އޭނައަށް ލިބުނު ފުރުސަތެކެވެ. އޭނަ ޝިއާފަށް އިތުބާރު ކުރެއެވެ. އެއިތުބާރުގެ މައްޗަށް ބަރޯސާވެ މައުވާ އޭނަގެ ނިންމުންތައް ނިންމާލިއެވެ.

ރެއަކީ ހަނދުވަރު ނަލަ ރެއެކެވެ. މައުވާއާއި ޝިއާފް ދޮންވެލިގަނޑު މަތިން ހިނގާލާފައި ގޮސް ގޮނޑުދޮށުގައި ހުރި ހޮޅުއޮށްޓެއްގައި އިށީނދެލިއެވެ. ނަލަނަލަ ރޯޅިތަކުން ފަޒާއަށް ފިނިކަން ގެނެްދީފައި ވާއިރު ރާޅުތަކުގެ އަޑުވެސް މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ހަނދުގެ ރޯޝަނީ ކުލަތައް ދުރުދުރަށް ދާންދެން ފެތުރިފައި އޮތެވެ. ހިތްގައިމު މާހައުލެކެވެ. ވަގުތުގެ ގޮތުން އެތަނުން ގިނައިން ފެންނަަމުން ދިޔައީ ވެސް ނޫކަށިފުރައިގެ ޒުވާނުން ތަކެކެވެ. އަތުގުޅުވާލައިގެން ރާޅުފަށުން ހިނގާލާފައި ދާއިރު އެލޯބިވެރިންގެ ވަގުތުކޮޅަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެމުން ދިޔައީ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުންނެވެ. ހަނދުންވެސް މިރޭ ލޯބިވެރިންގެ އުފަލުގައި ބައިވެރިވާ ފަދައެވެ.

ޝިއާފް އިނީ އޭނަގެ ވާހަކަ ފައްޓާނެ ގޮތެއް ނޭގިފައެވެ. މައުވާއަށް ބަލަން އިނދެފައި ތުންފަތް ހަރަކާތްކޮށްލާ ގޮތުން އޭނަ ބުނަން އުޅޭ ވާހަކަ ދުލާ ހަމައަށް ގެންނަން އުނދަގޫވެފައިވާ މިންވަރު ހާމަކޮށްދެއެވެ. މައުވާއާ މެދު އެހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން ބަޔާންކޮށްދޭނެ ގޮތަކާ މެދު ޝިއާފް ދިޔައީ ސިކުނޑިއަށް ބާރުލަމުންނެވެ. ނަމަވެސް އެއްވެސް ޙިޔާލެއް ވިސްނުމަކަށް ނައެވެ. ހީވީ ވަގުތާ ދިމާކޮށް އޭނަގެ ސިކުނޑީގެ މަސައްކަތަށް ބުރޫއަރާފައިވާހެންނެވެ.

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޝިއާފްގެ ހިތްވަނީ މައުވާއަށް ހިބައިން ދެވިފައެވެ. ފުރަތަމަ ފެނިލުމުން ވެސް މައުވާއަށް ހާއްސަކަމެއް ދެވުނެވެ. އޭނަ ވަނީ ކިތަންމެ ގޮތަކުން މައުވާއަށް އެކަން ހާމަކޮށްދޭން މަސައްކަތްކޮށްފައެވެ. ހިތުގައި ވިންދު ޖަހަމުންދާ ލޯބި ފޮރުވައިގެން ހުންނަން މިހާރު އޭނައަށް ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ދެން އިތުރަށް އޭނައަށް ކެތްނުކުރެވޭނެއެވެ. އެހިތް ހުޅުވާލަން އޭނަ ހާދަ ބޭނުމެވެ.

ޝިއާފް ފުންނޭވާއެއް ދޫކޮށްލިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެޔޭ މުސްކުޅިން ބުނެއުޅޭ އަޑު އޭނަ ވަނީ އަހާފައެވެ. އެއީ ތެދެކެވެ. މިއަދު ފަސްޖެހެވިއްޖެއްޔާ ފަހުން ހިތާމަ ކުރަން ވެސް ޖެހިދާނެއެވެ. ޝިއާފްގެ އަޒުމު ވަރުގަދަވެގެން ދިޔައެވެ. އޭނަގެ ހިތުގެ ހާލު މިރޭ މައުވާާއަށް އަންގަދޭނެއެވެ. އެލޯތްބަށް އޭނަ ފެންބޮވައިގެންފައިވާ މިންވަރުވެސް ބަޔާންކޮށްދޭނެއެވެ. މިރޭ ލިބިފައި މިއޮތް ރަނުގެ ފުރުސަތު އެއްވެސް ހާލެއްގައި އަތުން ބީވެގެން ދާކަށް ވެސް ޝިއާފް ބޭނުމެއް ނޫނެވެ.

''އިވީ...''

ޝިއާފްގެ އަޑުގައި ތަފާތު ޝުއޫރެއް ވިއެވެ. މައުވާގެ މެޔަށް ފިނިކަން ފޭދުނެވެ. އޭނައަށް ސީދާ ބަލާލެވުނީ ޝިއާފްގެ ދެލޮލަށެވެ. ޝިއާފްގެ އަޑުގައިވި ތަފާތުކަމުން އޭނަގެ ނޭވާވެސް ކުރުކޮށްލައިފިއެވެ. ދެކަންފަތް ހުޅުވާލެވި ސަމާލުވެވުނީ ޝިއާފް ބުނަން އުޅޭ ވާހަކައަކަށެވެ. ހިތްވެސް އޭރު ވަނީ އަވަސް ވެފައެވެ.

ފިނިވެފައިވާ މައުވާގެ އަތުގައި ޝިއާފް ހިފާލިއެވެ. އެއާއެކު މައުވާ ދޫކޮށްލަން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވެ މެޔަށް ލޮޅުން އަރައިގެން ދިޔައެވެ. އެނާޒުކު ހަށިގަނޑުގެ އެންމެ ހިމަނާރާ ހަމައަށް ދުވެލީ ބަޔާންކުރަން ދަތި ޖަޒުބާތުތަކެކެވެ. ޝިއާފްގެ އެންމެ ބީހިލުމަކަށް ވެސް ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް އެލާރޓަށް ގެނުވައިފިއެވެ. މުޅި ހަށިގަނޑަށް ތޫފާނެއް ގެނުވާފައެވެ. މައުވާގެ ހުރިހާ ހިއްސެއް ޝިއާފްގެ ބާރުގެ ދަށަށް ދިޔައީ ނުވެސް އެނގި ހުއްޓާއެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމުގެ ސުކޫތެކެވެ. ވަށައިގެންވި މާހައުލުން ދެޒުވާނުންގެ ސަމާލުކަން ކައްސާލައިފިއެވެ. ހުވަފެނީ އާލަކަމަށް އެކީގައި ފީނައިގަނެވުނެވެ.

ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު ދުލަށް ލިބިގެން ނުވާ ބަސްމޮށުންތެރި ކަމެއް ބަދަލުވެގެން ދިޔަކަން ކަށަވަރެވެ. އެދެލޮލުން ކިތަންމެ ވާހަކައެއް ދައްކައިފިއެވެ. މައުވާއަށް އެންމެފަހުން ކެތްނުކުރެވިގެން އިސްދަށަށް ޖަހާލެވުނު ހިނދު ޝިއާފް ދެއަތުން އެމޫނުގައި ހިފެހެއްޓިއެވެ. ޝިއާފްގެ ކޮންމެ ބީހިލުކަމުން މައުވާއަށް ކުރަމުން ދާ އަސަރުތައް ސާފުކޮށް އެމޫނުމަތިން ފާޅުކޮށްދެއެވެ. ކޯތާފަތް ޖަންބުކުލައިން ފެވިގެން ދިޔައިރު ދެލޮލުގައި ވަނީ ހިތްތަށް ބަންޑުން ކޮށްލާފަދަ ޝުއޫރުތަކެވެ. ލަދުރަކިކަމާއެކު އެސްފިޔަތަށް ތިރިކޮށްލި ހިނދު ޝިއާފްގެ ތަލިން ކުޅުހިކިގެން ދިޔައީ ކުއްލިޔަކަށެވެ. އޭނަގެ ހިތުގެ ހިނގުމަށް އެނގުން ގެނުވާފައެވެ. ކުރިމަތިން ފެންނަމުން މިދަނީ ކޮން ފަދަ ރީތިކަމެއް ހެއްޔެވެ؟

''އިވީ...'' ޝިއާފް ބުނެލިއެވެ. މިހާރު އެތުންފަތުގައި މާނަފުން ހިނިތުންވުމެއް ވެސް ކުޅެލަމުން ދިޔައެވެ.

މައުވާ ދިޔައީ ފުންނޭވާތަކެއް ދޫކުރަމުންނެވެ. މޭގަނޑަށް އައިސްފައިވާ ތޫފާނަށް އަދިވެސް ބަދަލެއް ނާދެއެވެ. ފާއިތުވާ ކޮންމެ މިނެޓަކާއެކު އެތޫފާނުގެ ރޯޅިތައް ގިޔައީ އަތްގަދަ ކުރަމުންނެވެ. މައުވާއަށް ހިންދިރުވާލެވުނެވެ.

ޝިއާފްގެ ކޮންމެ ހަރަކާތަކުން އެހަށިގަނޑުގައި މުޅިން އައު އިހުސާސްތައް އުފަން ކުރުވައެވެ. އެއަތުގެ ހޫނުކަން އެކުލެވިގެންވާ ބީހުންތަކަށް އޭނަގެ ކެތްތެރިކަން ކުޑަވެއްޖެއެވެ. މި ޖަޒުބާތުތަކަށް ދޭނެ ނަމަކީ ކޮބާ ހެއްޔެވެ؟ މިވެވެނީ ލޯބި ހެއްޔެވެ؟ އޭނައަށް އެންމެ ފަހުން ހަމަ ލޯބި ވެވުނީ ބާވައެވެ. އެހާ މަދު ދުވަސްކޮޅެއްގައި ތެރޭގައި އެއީ ވުން އެކަށީގެންވާ ކަމެއް ހެއްޔެވެ؟ ޝިއާފް އެއީ އޭނަ ހޯދަމުން ދިޔަ ހިތުގެ ބައިވެރިޔާ ހެއްޔެވެ؟ އޭނަގެ ހިތް ލޯބިން ފުރާލަ ދޭނެ މިތުރާ ހެއްޔެވެ؟

އެވަގުތު މައުވާގެ ހިތުގެ އަޑިން ޖަވާބު ވެސް ލިބުނެވެ. އާނއެކެވެ. އޭނަގެ ހިތުގެ ވެރިޔާއަކީ ޝިއާފެވެ. އޭނައަށް ވަނީ ޝިއާފް ދެކެ ލޯބި ވެވިފައެވެ. އިންތިހާއަށެވެ! މިހުރިހާ ދުވަހު އޭނަގެ ނަފްސުގެ ހަމަޖެހުން ނަގާފައިވަނީ އެޚިޔާލު ތަކުންނެވެ. އެހިނިތުންވުމުންނެވެ. ލޯތްބަކީ ފައްކާވާން ޤަރުނެއް ބޭނުންވާ އިހުސާސެއް ނޫނެވެ. މިއަދު މައުވާއަށް އެކަން ޔަޤީން ކުރެވިއްޖެއެވެ. ބަދަލުކުރެވޭ ހިނިތުންވުމަކާއި، އެންމެ ނަޒަރަކުން ވެސް ލޯބީގެ ގުލްޒާރެއް ގެތިގެން ހިނގައިދާނެއެވެ. އެއީ ދެހިތެއްގައި އުފެދޭ މާތް، ސާފު ގުޅުމެކެވެ.

އެވަގުތު ޝިއާފްގެ ފޯނު ރިންގްވާން ފެށުމުން ދެޒުވާނުންވެސް ދިޔައީ ސިއްސައިގެންނެވެ. ޝިއާފް އަވަސްއަވަހަށް ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ސްކްރީނަށް ނަޒަރެއް ހިންގާލިއެވެ. އެއުފާވެރި ވަގުތުކޮޅަށް އެމީހަކު ހުރަސް އެޅުމުން ނުރުހުމުގެ ކުލަވަރު މޫނުމަތިން ފެނެއެވެ.

''ދޮންބެދައްތަ...'' ޝިއާފްއަށް ބޮލުގެ ތިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. ''ހަލޯ...'' ޝިއާފް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. މައުވާ އިނީ ހާސްވެފައެވެ. އެކަން ޝިއާފަށް ރޭކާލުމާއެކު އޭނަ މައުވާގެ އަތްތިލައަށް ފިތާލިއެވެ. އަދި ބޮލުގެ އިޝާރާތުން ހުރިހާކަމެއް ވެސް ދާނީ ރަގަޅަށޭ ބުނެލިއެވެ. މައުވާގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް އެއިން ލިއްބައިދިނެވެ.

''ހާދަ ލަސްވަނީ؟...'' ދިޔާގެ ފުރަތަމަ ސުވާލާ ކުރިމަތި ވިއެވެ.

''އަމްމްމް، އިވީ ބޭނުންވާ އެއްޗެހި އަދިވެސް ނުލިބޭތީ، ދިހަ މިނެޓް ވަރު ނަގާނެ...'' ޝިއާފް މޮޅު ދޮގެއް ހަދާލިއެވެ.

''އެކަމަކު ހާދަ ގިނައިރެއް ތިނަގަނީ، ދައްތަ ގަންނަން ބުނި ތަރުކާރީ ލިބުނުތަ؟...''

''އާނ ލިބުނު، ދައްތަ ހާސްނުވައްޗޭ، އަހަރެން އިވީ ސައްހަސަލާމަތުން ގެއަށް ގެންގޮސްދޭނަމޭ...''

ޝިއާފް ދިޔާނާއާ ވާހަކަ ދައްކާލަމުން ފޯނު ކަނޑާލިއިރު މައުވާ އިނީ ބަލަހައްޓައިގެންނެވެ. އޭނަ އެފޯންކޯލުގެ ތަފުސީލު ބޭނުންވެފައިވާ ފަދައެވެ. ޝިއާފް ހިނިތުންވަމުން ދެކެވުނު ވާހަކަތައް މައުވާއާ ހިއްސާކުރިއެވެ.

''ސޯ، ވެއާރ ވޯޒް އައި...''

'' ގޯޑް، ޔޯރ ހޭންޑްސް އާރ ސޯ ކޯލްޑް...'' ޝިއާފް މައުވާގެ އަތްތިލައިގައި ފިރުމާލިއެވެ. ޝިއާފްގެ ނަޒަރު ހިނދުކޮޅަކަށް ވިޔަސް މައުވާގެ މޫނުން ކައްސާނުލައެވެ. މައުވާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލީ ޝިއާފް ވައި އަޑަކުން ބުނެލި ލަފުޒު ތަކަކުންނެވެ. އެއީ އެދެކަންފަތް އެލަފުތަކެއް އަޑު އަހަން ބޭޤަރާރުވެފައިވި ލަފްޒުތަކެވެ. ކަންފަތުގެ ތެރެއަށް ޝިއާފްގެ އަޑު ވިރިގެން ދިޔައީ ލުއި މިޔުޒިކެއް ފަދައިންނެވެ. އެއަޑުގައި އެކުލެވިގެން ވަނީ ކޮން ފަދަ ބާރެއް ހެއްޔެވެ؟ ހިތުގެ ވާޖިބަށް ވެސް ލަސްކަމެއް ގެނުވިކަން ގައިމެވެ. މައުވާއަށް ނޭވާލާން ހަނދާން ވީވެސް ނޭވާ ހުސްވާން ފެށުމުންނެވެ.

ޝިއާފް ދިޔައީ ކެތްތެރިކަމާއެކު މައުވާގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. އޭނައަށް އެޖަވާބު ހޯދައި ދިނީ މައުވާގެ ތުންފަތުގައިވި ހިނިތުންވުމުންނެވެ. އެއީ މާނަ ފުން ހިނިތުންވުމެކެވެ. ޝިއާފްގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެބާރުގަދަ ދެއަތުގެ ތެރެއަށް މައުވާ ގެނެސް މޭގައި ފޮރުވާލަން ބޭނުންވިއެވެ. އެހެނިހެން މީހުންގެ ލޯތަކުން ދިފާއު ކުރުމަށެވެ. މައުވާ އަކީ އޭނަގެ ހައްޤެއްކަން މުޅި ދުނިޔެއަށް ޢިއުލާން ކުރުމަށެވެ. އޭނަ ވާ ލޯބި ހާމަކޮށްދިނުމަށެވެ.

ދެހިތުގައި އެކަކުއަނެކަކުގެ ނަން ލިޔެވިގެން ދިޔައީ ފަނޑުވުމެއް ނެތް ގޮތަކަށެވެ.

****

ޒޯހާއަށް ބަލަހައްޓައިގެން ހުރެވުނީ ފާރުގައި ހުރި ގަޑިއަށެވެ. ދިހައެއްޖަހައި ބޮޑުވަނީއެވެ. އޭނަގެ އިންތިޒާރަށް ނިމުން އަންނާނެ ކަމުގެ އަލިމަގެއް އަދިވެސް ނުފެނެއެވެ. އަށެއްޖަހަން އުޅެނިކޮށް ނިކުމެގެން ދިޔަ އަލޫފް ގެއަށް އައީކީ ނޫނެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ޒޯހާ ފިކުރުތަކުގެ ތެރޭގައި ހާސްކަމާއެކު ވަގުތު ގުނަމުން ދަނިކޮށް ގޭގެ މައިދޮރު ހުޅުވާލެވުނު އަޑު އިވުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.

''އަލޫފް...'' ޒޯހާ ގޮވާލުމުން ވެސް އަލޫފަށް އަޑު އިވުނުކަމަކަށް ނުވިއެވެ. އޭނަގެ ދެކަންފަތް ވަނީ ޒޯހާގެ އަޑަށް ބީރުވެފައި ޔޯލައެވެ.

ގެއަށް ވަދެގެން އައި އަލޫފް ބެލީ ވީހާ ވެސް އަވަހަކަށް ކޮޓަރިއަށް ވަދެވޭތޯއެވެ. ޒޯހާ ފެނުނަސް އޭނަގެ ދުވަސް ގޯހުންގޯހަށް ދެއެވެ. ކިތަންމެ ފަހަރަކު ޒޯހާ ވަރިކުރަން ވެސް އޭނަގެ ހިތަށް އަރައެވެ. ނަމަވެސް މިއަދާ ހަމައަށް ދާންދެން ވެސް ހާސިލު ނުވެ އޮތް ލަނޑުދަނޑިއަކީ އެއީއެވެ. އެކަމަކަށް ހުރަސް އެޅިފައި ވަނީވެސް ނިއަމްގެ ސަބަބުންނެވެ.

އަލޫފްގެ ފަހަތުން ޒޯހާ އަޅުވާލުމުން އަލޫފްގެ ސިނގު ރުޅިގަނޑުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ގަމީހުގެ ގޮށްތައް ނައްޓަމުން އޭނަ ނުރުހުމާއެކު ޒޯހާއަށް ބަލާލިއެވެ. އެދެލޮލުން އަލިފާންކަނި ބުރާ ކަހަލައެވެ. އަލޫފްއަށް ގަމީސް ބާލަދޭން އެހީވާން އުޅުނު ޒޯހާގެ އަތުގައި ނުފެންނަ އަތަކުން ހިފެހެއްޓި ކަހަލައެވެ. އަލޫފްގެ ދެލޮލުގައި ވި ރުޅިވެރިކަމުން އޭނަގެ ނަފްސު ބިރުވެރިކަމުން ވަށާލިއެވެ. އޭނައަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އެހެނިހެން ދުވަސްތަކާ ހިލާފަށް މިއަދު އަލޫފް ފެންނަނީ މާ ގަދަޔަށް ރުޅި އައިސްފައި ހުންނަ ތަނެވެ. އޭނައަށް ކުރެވުނު ކަމަކާ މެދު ވިސްނާވިސްނާ އެންމެ ފަހުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ.

ގަމީސް އެނދުމައްޗަށް ޖަހާލުމަށްފަހު ޖިންސްގެ ގޮށްތައް ނައްޓަމުން ގޮސް އަލޫފް ވަނީ ފާޚަނާ އަށެވެ. ގަނޑުވެފައި ހުރި ޒޯހާއަށް ހަރަކާތެއް ވެސް ގެންނަން އެނގުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ލޮލުން އައި ކަރުނަތައް ފޮހެލަމުން ޒޯހާ އަވަސްވެގަތީ އަލޫފްގެ ގަމީސް ދާވަށިގަނޑަށް ލުމަށެވެ. އެހެނަސް އޭނަގެ އެމަސައްކަތަށް ހުރަސް އެޅިގެން ދިޔައީ ނޭފަތުގައި ޖެހުނު ވަހެއްގެ ސަބަބުންނެވެ. ޔަޤީންނުވެފައި ހުރެ އޭނަ ގަމީސް ގެނެސް ނޭފަތުގައި ޖައްސާލިއެވެ. އާނއެކެވެ! އެއީ އަންހެން ސެންޓެއްގެ ވެހެވެ. އެއާއެކު ހީވީ ބާރުގަދަ އަތުން އެނާޒުކު ހިތުގައި ހިފާ ފިސްފިސްކޮށްލި ހެންނެވެ. މޭގައި އުފެދިގެން ދިޔަ ގަދަފަދަ ވޭނާއެކު ޒޯހާއަށް ނޭވާލުންވެސްވީ ދަތި ކަމަކަށެވެ. މުޅި ދުނިޔެ ވަށާ އެނބުރެން ފެށި ކަހަލައެވެ. އޭނަގެ ފަސްބަޔަށް ދުނިޔޭގެ ހުރިހާ ހިތާމައެއް އެޅުނު ފަދައެވެ.

އަންބަކަށް ލިބޭނެ އެންމެ ބޮޑު ހިތާމަ މިރޭ އަލޫފް އޭނަގެ ހިތަށް ދީފިއެވެ. އެއްވެސް ރަހުމެއް ނެތް ގޮތުގައެވެ. އޭނައަށް މިހާ ބޮޑު ހިތްދަތިކަމެއް ލިބުނީ އޭނަގެ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ އަލޫފްދެކެ ވި ލޯބީގެ އަގު އަދާކުރަން އަލޫފަށް އެނގުނު ގޮތަކީ މިއީ ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ އަލޫފް އެހެން އަންހެނެއްގެ ގާތަށް ދާން ޖެހުނީ އޭނައަށް އަންބެއްގެ މަޤާމު ފުރިހަމައަށް އަދާ ނުކުރެވުމުން ހެއްޔެވެ؟

ޒޯހާގެ ބަޑިފަޅައިގެން ދިޔައީ ކުއްލިޔަކަށެވެ. އަނގަމތީގައި އަތް އަޅާލެވުނު ހިނދު އޭނަގެ ފައިން ވާގި ދޫވެގެން ގޮސް މުށިތަކުގެ މައްޗަށް ތިރިވެވިއްޖެއެވެ. އެއްއަތް މުށިތަކުގެ މަތީގައި ވިއްދާލައިގެން އިންއިރު އަނެއްއަތުން ރުއިމުގެ އަޑު އޮއްބާލަން ޒޯހާ މަސައްކަތްކުރިއެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކުގެ އަގުވެސް އަދާ ކުރާނެ މީހަކު ހުރި ހެނެއް ހިޔެއް ނުވެއެވެ. މިދުވަސް އައުމުގެ ކުރިން އޭނަ މަރު ވިނަމަ ހާދަ ރަގަޅޭ ޒޯހާގެ ހިތަށް އެރިއެވެ.

އެވަގުތު ޒޯހާއަށް ބާލެވުނީ ކޮޓަރީގައި ހުރި ފަންކާއަށެވެ. ނަމަވެސް އެފަދަ ބޮޑު ފާފައެއް ކުރާނެހާ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އޭނަ މިދުނިޔެ ދޫކޮށް ގޮސްފިނަމަ އޭނަގެ ލޯބިވާ ދަރިފުޅު ނިއަމްއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ މިދުނިޔެއިން ވަކިވާ ހިނދު އަލޫފް ދެވަނަ ކައިވެންޏެއް ކުރާނެކަން ގައިމެވެ. އޭނަގެ ދަރިފުޅަށް ދޮންމަންމައެއް ހޯދައިދޭނެއެވެ. އެދޮންމަންމަ ރަގަޅު ވެދާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ މިއަދު ޒޯހާއަށް އެއްކަމެއް ކަށަވަރު ވެއްޖެއެވެ. އަލޫފްއަށް އެމީހުންގެ ދަރިފުޅުވެސް މުހިންމު ނުވިކަމެވެ. އަލޫފް އެމީހުންގެ ދަރިފުޅާ މެދު ވިސްނިނަމަ އެދަފަ ދަށު ދަރަޖައިގެ އަމަލެއް ނުހިންގީހެވެ.

އަލޫފްގެ ކުރިމަތީގައި އޭނަ މިއަދު ފާފުއްސަކަށް ވެސް ނުވިއެވެ. ހާދަ ދެރައެވެ. ޒޯހާގެ ގިސްލުމުގެ އަޑު އިވުމުން ވެސް އަލޫފް ފާޚަނާއިން ނިކުންނަން ހިތަކަށް ވެސް ނޭރިއެވެ. އޭނަ ބޭނުންހާ އިރު ކޮށްފައި ނިކުތް އިރު ވެސް ޒޯހާ އިނީ ހަމަ އެގޮތުގައި ރޯށެވެ.

ޒޯހާ އިނީ އަލޫފަށް ފުރަގަސް ދީގެން ކަމުން އޭނައަކަށް ޒޯހާގެ މޫނެއް ނުފެނުނެވެ. އަދި އޭނަގެ ގަމީހެއް ވެސް މެއެވެ. އޭނަގެ ބޭވަފާތެރިކަން ބޭޒާރުވެއްޖެ ކަމެއް ވެސް ނޭގުނެވެ.

އަލޫފް ގޮސް ރީތިވާ މޭޒު ކައިރިއަށް ހުއްޓުނު ވަގުތު ލޯގަނޑުން ފެނުނު މަންޒަރަކާއެކު ސިހިފައި ފަސްއެނބުރި ބަލާލިއެވެ.

ޒޯހާ އަލޫފްގެ ގަމީސް އަތަށް ބޮނޑިކޮށްލައިގެން ރަތްވެފައިވާ ދެލޮލުން ބަލާލީ ޖަވާބު ބޭނުންވެފައެވެ. އަލޫފަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.

''އަލޫފް އަހަންނަށް ތިދެނީ ކޮން ކުށެއްގެ ސަޒާތަ؟...'' ޒޯހާއަށް ގިސްލެވުނެވެ.

''އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ، އަލޫފް ބޭނުންހާ ގޮތަކަށް އުޅެފަ އައިސް ހީކުރީތަ މުޅި އުމުރު ދުވަހު އެކަން ފޮރުވާލެވޭނެ ކަމަށް... އަހަރެން ހާދަ ވަރަކަށް އަލޫފަށް އިތުބާރު ކުރީމޭ... މިއަދު އަލޫފް ޖެހޭނީ އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ދޭން، އަހަންނަށް މިހާ ބޮޑު ހިތްދަތިކަމެއް ދިން ސަބަބު ބުނެދޭން، އަންބެއްގެ ވާޖިބު އަދާކުރުމުގައި އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްކަން ބުނެދޭން!.... މިބުނީނު އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭށޭ!...'' ޒޯހާ އޭނަގެ ކަރުނަތައް ފޮހެލަމުން ތެދުވެލިއެވެ. މިރޭ ގޭގެ އެއްވެސް މީހަކަށް އަޑު އިވުނަސް އޭނަގެ ފޮރުވާލެއް ނެތެވެ. ވަރަށް ގިނަ ދުވަހު އަލޫފާ، އަލޫފްގެ ޢާއިލާއާ މެދު އޭނަ ވިސްނައިފިއެވެ. އޭނައާ މެދު ނުވިސްނި ބަޔަކާ މެދު ދެން ވިސްނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ މިއަދު އަލޫފް އެވަނީ ހުރިހާ އިމެއްވެސް ފަހަނައަޅައި ގޮސްފައެވެ. އަލޫފްގެ ހަޤީޤަތް އެންމެނަށް އެނގުން މުހިންމެވެ.

އަލޫފާ ކައިވެނި ކުރެވުނު ކަމުގެ މޮޔަ ޒޯހާއަށް ހީވެއްޖެއެވެ. އޭނަ ކުރި ބޭކާރު އިންތިޒާރުގެ ނިމުމާ މެދު ވެސް މެއެވެ. މީހުން ބުނެ އުޅެއެވެ. އިންތިޒާރު ދިގު ވިވަރަކަށް އޭގެ ނިމުން ފޮނި ވާނެއެވެ. އެހެނަސް އޭނަގެ އިންތިޒާރުގެ ނިމުން އައި ގޮތް ނިކަން ދެކި ބަލާށެވެ. އޭނަ ހައަހަރު ވަންދެން ކުރި އިންތިޒާރުގެ ނިމުން އައީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ހިތާމައާއެކުގައެވެ. އޭނަ ވި ލޯތްބަށް އަލޫފް ކުޑަ ވެސް ޤަދަރެއް ނުކުރިއެވެ. އަލޫފާ ކައިވެނި ނުކުރެވުނު ނަމައޭ ޒޯހާގެ ހިތަށް އެރިއެވެ. ވޭނާއި ކެކުޅުމުގައި އޭނަގެ ޒުވާން އުމުރުވެސް ދުއްވާ ނުލެވުނީހެވެ.

''އަޑުމަޑުކޮށްބަލަ!...'' އަލޫފް އޭނަގެ ހަރުކަށިކަން ދައްކާލިއެވެ. ކުރިން އަލޫފްގެ ރުޅިގަނޑު ދެކެ ބިރުގަންނަ ޒޯހާއަށް މިރޭ ލިބިފައިވަނީ އާދަޔާ ހިލާފު ބާރެކެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އަޅަން އޭނަ ގަސްދެއް ނުކުރިއެވެ.

''ކީއްވެ؟، އަލޫފްގެ ހަޤީޤަތް ގޭ މިހުނަށް އެނގިދާނެތީތަ؟، އަލޫފް އެފަދަ ގުޅުމެއް ހިންގިއިރު ވިސްނާނުލިންތަ އެކަމާމެދު އެއްފަހަރު ވެސް؟، އެކަމުގެ ނަތީޖާ ނިކުންނާނެ ގޮތަކާމެދު؟، ދެން ކީއްވެ އަހަރެން ވިސްނަންވީ؟...'' ޒޯހާ ކަރުނަތައް ފޮހެލިއެވެ. ގިނައިރު ރުއިމުން އޭނައަށް ވާހަކަދައްކަން ވެސް އުނދަގޫ ވިއެވެ.

އަލޫފް ގާތަށް އައި ރުޅިއާއެކު އޭނަގެ ގޮސް ޒޯހާގެ ކަންފަތްމަތީގައި ބާރަށް ޖެހިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ޒޯހާގެ ފައި އަރިއަޅާލުމުން އޭނަ ވެއްޓިއްޖެއެވެ. ޒޯހާއަށް އޭނަގެ މޫނުގައި އުފެދިގެން ދިޔަ ވޭނުގެ އިހުސާސެއް ނުވެއެވެ. ވާނީވެސް ކިހިނަކުންތޯ އެވެ. އޭނަގެ ހިތް ވަނީ ފޮތިފޮތި ވެފައެވެ. އެވޭން ނޫން އެހެން ވޭނެއް ދެން އިހުސާސު ކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟

''އަހަރެން ގައިގަ ތެޅިޔަސް ދެން މިދުލެއް ތަޅެއް ނުލެވޭނެ... އަލޫފް ޖެހޭނީ އަހަރެންގެ ސުވާލަށް ޖަވާބު ދޭން...... އެކާކު؟...'' ޒޯހާ ދުލެއްނުކުރިއެވެ. އެއީ އަލޫފްގެ ރުޅިގަނޑަށް ޕެޓްރޯލު އަޅާލުން ފަދަ ކަމަކަށް ވިއެވެ. ބުމަ ގޮށްޖަހާލަމުން އޭނަ ޒޯހާއާ ދިމާއަށް ގުދުވެލިއެވެ.

''ކަލޭ، ޝުކުރުކޮށްބަލަ ވަރިނުކޮށް ހުރިކަމާމެދު ވެސް...'' އަލޫފް ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ބުންޏެވެ.

ކަރުނުން ފުރިބާރުވެފައިވާ ދެލޮލުން އަލޫފްއަށް ޒޯހާ ބަލާލިއެވެ. އޭނައަށް ހިސާބަކަށް ފެންނަނީ މަންޒަރު ފުސްކޮށެވެ.

''އަޑުއަހާ... އާނ، އަހަރެން އުޅޭނީ ކުއްޖަކާ ރައްޓެހިވެގެން، އަހަރެން އެކުއްޖާދެކެ ވަރަށް ލޯބިވޭ.... ބުނަން! އަހަރެން ކަލެއާ ކައިވެނި ކުރީ ކޮންމެހެން ލޯބި ވެގެންނެއް ނޫން، އަހަރެންގެ މައިންބަފައިން މަޖުބޫރުކުރުމުން... އަޑު އިވިއްޖެތަ؟ ...'' އަލޫފް ބުނެލިއެވެ.

ރުވާފަ ދޫކޮށްލި ތީރެއްގެ ސިފައިގައި އައިސް އެއިން ކޮންމެ ލަފުޒެއް ޒޯހާ ހިތުގެ އެންމެ ފުންމިނަށް ހެރުނެވެ. ސަހަރޯއެވެ! އެޖުމްލަ އަޑު އިވުމުގެ ކުރިން އޭނަ މަރު ނުވީ ކީއްވެގެން ހެއްޔެވެ؟ އެހިތުގައި އުފަންވެގެން ދިޔަ ޒަހަމްތަކަށް ޝިފާއެއް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ.

''ބޭނުންވި ސުވާލުގެ ޖަވާބު ލިބިއްޖެތަ؟...'' އަލޫފް ރުންކުރު ރާގަކަށް ބުނެލިއެވެ.

އެހިލަ ހިތަށް ޒޯހާގެ ލޮލުން ފޭބި އެންމެ ކަރުނަ ތިއްކަކުން ވެސް އަސަރެއް ނުކުރިއެވެ. އޭގެ އަގެއް އޭނަގެ ކުރިމައްޗަކު ނެތެވެ. އެހިތުގައި އުފަން ކުރުވި ޒަހަމްތަކަށް ޝިފާއެއް ވެސް ހޯދައިދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް މިއަދު ޒޯހާގެ ބަދަލުގައި ތޫބާ ވިނަމަ ހާސްބައި ތަފާތު ވީސްކަން ކަށަވަރެވެ. ތޫބާގެ ލޮލުން ކަރުނަ ތިއްކެއް ވެސް ފައިބާކަށް އަލޫފްގެ ހިތެއް ނޭދެއެވެ.

ރޮމުން ގޮސް ޒޯހާގެ އަޑު ހިނދުނެވެ. ލޮލުން ކަރުނަ ހުސްވިއެވެ. ދެލޯ ރަތްވެ ދުޅަ ވެއްޖެއެވެ. އެދެލޯ ފެނުނު މީހެއްގެ ހިތަށް ވެސް އަސަރުނުކޮށް ނުދާނެއެވެ. ހިތްދަތިކަމުގެ ލާމަސީލު ނަމޫނާ އެކެވެ.

''އަހަރެން ބޭނުމީ ވަރިވާން...'' އެއީ ޒޯހާއަށް ބުނަން ވަރަށް އުނދަގޫވި ޖުމްލައެކެވެ.

ކޮމެންޓް 0