''ތިބުނީ ވެސް ތެދެއް، އަނެއްކާ އޭނައަށް މައުވާ ގޯހެއް ވެސް ނުވާނެ، އޭނަގެ ދައްތަގެ ހުރި ހަމައެކަނި ދަރިވިއްޔާ އެއީ...'' ޝަކީލާ ވެސް ވިސްނުމަކަށް ގެއްލިފައި ބުނެލިއެވެ.
''ރަގަޅަށް ވިއްޔާ އެ ދިޔާނާގެ އަތެއް ވެސް މިކަމުގައި ވާނެ، ގައިމު ޝަކީގެ ސަމާލުކަމަށް އެކަން އަންނައިރު ކީއްވެ ދިޔާނާގެ ސަމާލުކަން އެމަކަށް ނުހުއްޓެންވީ؟، ދިޔާނާ ވާގި ދީގެން ކުރުވާކަމެއް މީ، ހާދަ ފޫއްސެއްވެޔޭ... މަގޭ ޝިއާފް ނޫން މީހަކު ވެސް އެމައުވާއަކަށް ނުފެނުނޭ!... މަ ބޮޑަށް ބިރުގަންނަނީ ޝިއާފް މަގޭ ހުޝަހެޅުމާ ދެކޮޅު ހަދާފާނެތީ، އެއަންހެނާ މިހާރު ހުންނާނީ ޝިއާފްގެ ބޯކާ ނިންމާލާފަ، މިއަދު ހެދނުނު ވެސް މަށާ ދިމާއަށް ހިތްހަމަނުޖެހިގެން ވާހަކަދެއްކީ...'' ޒުލްފާ މިއަދު ހިނގި ހާދިސާ ޝަކީލާއަށް ކިޔައިދިނެވެ.
''ނާ ހަމަ ތެދެއް، ވަރެއްގެ މަންޖެއެއްނު ތީ... ތީނަގެ ބަލާއިން އަވަސް ރަހުމަތެއްގެ ސަލާމަތެއް ވެސް ނުވެވޭނެ ދޫދީގެން ހުއްޓާ، ކިހިނެއްތަ ޒުލް ތި ވިސްނަނީ، ނިކަން މަށާ ވެސް ހިއްސާކޮށްލަބަލަ، އޭރުންނެއްނު މަށަށް އެހީއެއްވެސް ވެދެވޭނީ...'' ޝަކީލާ ޓީވީއާ ނަޒަރު ވަކިކޮށްލަމުން ޒުލްފާއާ ވީ ފަޅިއަށް އެނބުރިލިއެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ވެސް އޭނައަށް ސަމާލުކަމެއް ނުދެވުނީއެވެ. ޒުލްފާގެ ވާހަތައް މާ ބޮޑަށް ޝައުޤުވެރީ އެވެ.
''ވީހާވެސް އަވަހަކަށް ޝިއާފްގެ ކައިވެނި ހަމަޖައްސަން ވީ...'' ޒުލްފާ ބުނެލިއެވެ. އޭނަގެ ނަފްސަށް ދެން ހަމަޖެހުމެއް ވެސް ލިބޭނީ އޭނަ ހިތް އެދޭ ސިފަތަކެއްގެ ކުއްޖަކާއި ޝިއާފްގެ ކައިވެނި ހަމަޖެހުމުންނެވެ.
''ތިވެސް ރަގަޅު ގޮތެއް، އެކަމަކު އޭނަ ޝިއާފް ފަހަތުން ނައްޓާނެތަ، މިބުނީ ކައިވެނި ކުރެވުނަސް އޭނަ ފަހަތުން ވިއްދާލާފަ ހުރިއްޔާ ދުވަސްކޮޅަކުން ކައިވެނި ވެސް ރޫޅިދާނެ، މަގޭ ރައްޓެއްސެއްގެ ދަރިއަކަށް ވެސް ވީ ހަމަ އެހެން... ފުރަތަމަ މައުވާއާއި ވައިއެޅޭ ހިސާބަށް ވުރެ ދުރަށް ޝިއާފް ގެންދަންވީ، މައުވާ މަތިން ޝިއާފް ފޫހިކުރުވަންވީ، ރުޅިވެރިކަން އުފައްދަންވީ.... އޭރުވެސް މައުވާ ޝިއާފާ އެކު ބޭރަށް މާވަރަކަށް ދާން ފެށީމަ އަހަންނަށް ޝައްކުވިޔޭ، ޒުލް ބުނިހެން މިކަމެއް މިވަނީ ދިޔާނާގެ ވެސް އެއްބާރުލުން ލިބިިގެން...'' ޝަކީލާ ވަސްވާސް ލައިދެމުން ގެންދިޔައެވެ.
''މަ ބުނަންތަ ހަދަންވީ ގޮތެއް؟...'' ޝަކިލާ އެހި އެވެ. އެއާއެކު ޒުލްފާ ޝައުގުވެރިކަން ފާޅުކުރިއެވެ.
''މަށަށް އެނގޭ ވަރަށް މޮޅަށް ސިހުރު ހަދަން ދަންނަ މީހެއް، އޭނަގެ އެހީ ހޯދަންވީ، އޭރަށް ފަސޭހަކަމާއެކު އޭނަގެ ފުށުން ސަލާމަތްވެވޭނެ...'' ޝަކީލާ ބުނެލިއެވެ.
ޝަކީލާއާއި ޒުލްފާ ސައްލާ ކުރަން އެތައް އިރެއް ވަންދެން ތިއްބެވެ. ހިރަފުސްކޮޅެއްގެ އުސޫލުން ޝިއާފްގެ ހަޔާތުން މައުވާ ފޮހެލާނެ ފަދަ ރަގަޅު ރޭވުމެއް ރާވާލިއެވެ. މަޝްވަރާތައް ނިމުނު އިރު ޒުލްފާގެ ތުންފަތަށް މަކަރުވެރި ހިނިތުންވުމެއް ވެރިވެފައި ވިއެވެ. މިއިން ދުވަހަކު ވެސް އެހާ ބޮޑަށް އެމޫނު އުޖާލާވިކަމެއް ވެސް ނޭގެއެވެ. ޒުލްފާ ޝަކީލާގެ އަތުގައި ހިފާލަމުން އެޚިޔާލުތައް އޭނައަށް ވަރަށް ބޮޑަށް ކަމުގޮސްފި ކަމުގައި ބުންޏެވެ.
''ރަގަޅު ދަނޑިވަޅެއް ބަލާފަ ހަމަލާ ދިނީމަ ހުންނާނީ ރަގަޅަށް، އޭނައަށް ހިޔަޅުގެ ވިސްނުން ލިބިފަ ހުރިއްޔާ އެއަށް ވުރެ އަހަރެން މާ ހުޝިޔާރުވާނެ، ނިކަން މިފަހަރު އޭނައަށް ސަލާމަތް ވެވޭތޯ އަހަރެން ބަލާނަން! އަހަރެން ދިން އިންޒާރުތަކަށް ކިޔަމަންވެ ފަހަތަށް ޖެހެވުނު ނަމައޭ އޭނަގެ ހިތަށް އަރާވަރުކޮށްފަ ދޫކުރަނީ!....'' ޒުލްފާ ދެއަތްދެއަތާ މޮޑެލަމުން ބުންޏެވެ. މިހާރުއްސުރެ އޭނައަށް ސިފަކުރެވެމުން އެދަނީ މައުވާގެ މުސީބާތުން އޭނަ ސަލާމަތްވާ މަންޒަރެވެ. އޭނަ ހިތްއެދޭ ފަދަ މުއްސަނދި ކުއްޖަކާ ޝިއާފް ކައިވެނި ކުރެވޭ މަންޒަރެވެ. އެމުއްސަނދިކަމުން އޭނައަށް ފައިދާ ކުރާ ތަނެވެ.
ޒުލްފާއަކީ އަބަދު ވެސް ހިތް އާސުމާނުގައި ބަހައްޓައިގެން އުޅޭ އަންހެނެކެވެ. އޭނަ ދެކޭ ކޮންމެ ހުވަފެނެއް ވެސް އެހާ މުއްސަނދިވާނެއެވެ. އެއްއިރެއްގައި އޭނަގެ އެއެދުން ވެސް ހާސިލު ވިއެވެ. މުއްސަނދި ފިރިހެނަކު އަތުއަޅުވާލެވުނުކަމުގައި ވިޔަސް ގިނަ ދުވަހަކު އޭނަގެ މުށުތެރޭގައި ޤައިދުކުރެވުނު ކަމަކަށް ނުވިއެވެ. އޭނަގެ ޒީލަގަދަކަމާއި، ބޮޑާކަމާއި، ފައިސާއަށް ދެވިހިފާފައިވާވަރުން އެންމެފަހުން ކެތްނުކުރެވިގެން އޭނަގެ ފިރިމީހާ އޭނަ ވަރިކޮށްލާފައި ދިޔައީއެވެ. ލިބުނު ދަރިން ވެސް ގޮސް ހުސްވެފައި ވަނީ ބައްޕަ ކޮޅަށެވެ. އޭނަގެ ބަސް އެންމެ ކުއްޖެއް ވެސް ނޭހި ތާނގައި ކައިވެނިކޮށްގެން ގެއަށް ގެނައީ ވެސް އެމީހުނަށް ވުރެ ފަންތީގެ ގޮތުން ދަށްކުދިންނެވެ. ނަމަވެސް އޭނަގެ އެހެނިހެން ދަރިން ފަދައިން ޝިއާފަށް އޭނަގެ އެދުމުގައި ކޮޅުފައިން ޖަހަން ލާހިކެއް ނޫނެވެ. އޭނަގެ އުއްމީދުތަކާއި ހުވަފެންތަށް ގުޅިފައި ވަނީ ޝިއާފާއި ވީތީއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޭނަގެ އެދުންތައް އޭނަ ހާސިލުކުރާނެއެވެ.
*****
މައުވާގެ ބޮލަށް އެތައް ހާސްޓަނުގެ ބަރުދަނާއެކު ޒުލްފާގެ އިންޒާރުތައް އައިސް ޖެހިގަތީ ގެއަށް އައުމާއެކުއެވެ. ޝިއާފް އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގައި އޭނަ ހުރީ އެކަން މަތިން މުޅިންހެން ހަނދާން ނެތިފައެވެ. ޝިއާފަށް މަޢާފުކޮށް އަލުން އެލޯބި ޤަބލުކުރީ ވެސް ޒުލްފާ މަތިން ވިސްނާލުމެއް ނެތިއެވެ. ނަމަވެސް ގެއަށް އައިސް ވަދެވުމާއެކު އެމޫނު ފެނި އޭނަގެ އުފާވެރިކަމަށް ބަނަ ވިލާތަކުގެ ހިޔަނިއެޅިގެން ހިނގައްޖެއެވެ. ހިތަށް ހާސްކަން ވެރިވެގެން ދިޔައީ ވަކި ވަރެއް ބަލާފައެއް ނޫނެނެވެ. ޒުލްފާގެ ދެލޮލުން ފާޅުވަމުން ދިޔަ ނުރުހުމާއި އިންޒާރުގެ މެސެޖުން ބިރުވެރިކަން އެހިތަށް ފޭދިގެން ދިޔައެވެ. މިހާ ހިސާބަށް އައިސް ޝިއާފް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުން އަނެއްކާ ވެސް މުޅި މީހާ ހާސްކުރުވަން ފެށިއެވެ. އެފަދައިން ކަންތައް ވާކަށް އެހިތެއް ނޭދެއެވެ. އެލޯބިގެ ފިރުމުން އިހުސާސްކުރެވި އަނެއްކާ ވެސް އެލޯބިން މަހުރޫމްވެގެން ދާތަން ދެކެން އެހިތަށް ކެތެއްނުކުރެވޭނެއެވެ. އޭނަ ހަދަން ވީ ކިހިނެއް ހެއްޔެވެ؟ ޝިއާފް ގާތު ބުނަން ވީ ހެއްޔެވެ؟ ޝިއާފް އޭނައަށް އިތުބާރު ނުކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ޝިއާފް އޭނަގެ މަންމަގެ ނުރުހުމުގައި އޭނައާއި ގުޅިދާނެ ހެއްޔެވެ؟ މިހުރިހާ ސުވާލުތަކުން މައުވާގެ ތުންފަތުގައި ވި ހިނިތުން މިލާމޯޅިވެގެން ދިޔަ އެވެ.
ކާމޭޒު ދޮށުގައި ދެކެވެމުން ދިޔަ ވާހަކައަކީ ސްކޫލް މިޑް ޓާރމް ބަންދާ ދިމާކޮށް ދިޔާނާމެންގެ ރަށަށް ދާ ވާހަކައެވެ. ޝިއާފް ވެސް އެކަމާ ނުހަނު ގަޔާ ވިއެވެ. މައުވާގެ މައިންބަފައިންނާ ބައްދަލު ކުރެވެމުގެ ފުރުސަތު އޭނައަށް ފަހިވެގެން ދާނެ ތީއެވެ. އޭރުން ކައިވެންޏާ ހަމައަށް އާދެވޭ އިރު މައުވާގެ މައިންބަފައިންގެ ރުހުން ވެސް އޭނައަށް ލިބުމުގައި ކާމިޔާބު ވާނެތާއެވެ. ޝިއާފް މިފަހަރު ހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ. ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ކަމުގައި މައުވާއާއެކު އޭނަ ވާނެއެވެ. އެލޮލުން ކަރުނަތިއްކެއްގެ މިންވަރުވެސް ފޭބުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. މައުވާގެ ފަސްބައި އުފާވެރިކަމުން އޭނަ ފުރާލަ ދޭނެއެވެ. މައުވާ ނޫން ކުއްޖަކާ ނޫނީ ކައިވެނީގެ މާތް ގުޅުމުން ބަނދެވިގެން ދާކަށް ވެސް ބޭނުމެއް ނޫނެވެ. މައުވާގެ ހިނިތުންވުމަކީ އެރޫހުގެ ދިރުމެވެ. ނަފްސުގެ ހަމަޖެހުމެވެ. ހިތުގައި ޖަހާ ކޮންމެ ވިންދަކާ އެކު އެލޯބިމަތިން އޭނައަށް ހަނދުމަކޮށްދެއެވެ. މިއަދު އޭނައަށް އެވަނީ މައުވާގެ ރުހުން ލިބިފައެވެ. ކަށިން ހިތްވަރު ނެރެ އޭނަ ކުރި އިންތިޒާރުގެ ނިމުން ވެސް ފޮންޏެވެ. އޭނަގެ ހުވަފެންތަކުގެ ރާނީ އޭނައަށް ހާސިލު ކުރެވިއްޖެއެވެ.
ޒުލްފާގެ ބޮލަށް މަރުތެލިއެއްގެ ހަމަލާ އަމާޒުވިފަދައެވެ. އަނގަސަކަރާތްވާ ގޮތްވެ ރަގަޅަށް ކެވުނީކީ ވެސް ނޫނެވެ. ތަށި ދުރަށް ޖައްސާލުމަށް ފަހު އޭނަ ޖޫސްތަށިން މަދުމަދުން ކޯވަރުތައް ދަމަން ފެށިއެވެ. އެހުރިހާ އިރު ވަންދެން އޭނަގެ ނަޒަރު ހުއްޓެމުން ދިޔައީ މައުވާއާއި ޝިއާފަށެވެ. ޝީއާފާ ކަނާތްފަރާތަށް ވާ ގޮނޑީގައި މައުވާ އިންއިރު ޝިއާފްގެ މޫނުގައި ވި އުފާވެރިކަން އޭނައަށް ސިއްރުވާ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ ޝިއާފް މައުވާއަށް ބަލާލާ ބަލާލުމުގައި ވާ ތަފަތު ކަމާ ހުރެ ޒުލްފާގެ ބޮލުގައި ރިއްސާލިއެވެ. އައި ގަދަފަދަ ރުޅީގައި އަތުގައި އޮތް ތަށްޓަށް ބާރުކޮށްލެވުނެވެ. ހީވަނީ އެތަށި ވެސް ތަޅާލަފާނެހެންނެވެ. ދަތްތަކުން ބާރުލަމުން އޭނަ ދިޔައީ ހިތާ ހިތާ މައުވާއާ ދިމާއަށް ކުދި ކިޔަމުންނެވެ. ހަމަހިލާ ދިޔާނާމެން ރާވަމުން އެދާ ދަތުރުގައި ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
''އެދިޔާނާގެ ކަމެއް ކަން މަށަށް ޔަޤީނޭ، އެރަށަކަށް އެދަނީ ޝިއާފް ވާވައްދާލަން ވެގެން... ހޫނނނ، ކަލޭމެނަށް މަ އެފުރުސަތު ދީގެންތާ އެކަމެއް ވާނީ....'' ޒުލްފާ ދިޔާނާއަށް ވެސް ލޯއަޅާލިއެވެ. ތިމާ ވަރުގެ ރަގަޅު މީހަކު މިދުނިޔޭގައި ނޫޅޭނެ ކަމަކަށް ހެދިގެން އުޅޭ އަންހެނެކެވެ.
''މަންމާ...''
ކާމޭޒު ދޫކޮށް ދާން އުޅުނު ޒުލްފާއަށް ޝިއާފް ގޮވާލިއެވެ. މަންމަ ކާން އުޅުނު ތަށިން އެންމެ ސުވާއެއްގެ މިންވަރު ކީ ކަމެއް ވެސް އެނގެނީކީ ނޫނެވެ. ކާއެއްޗެހި ހުރީ އެޅި ގޮތަށެވެ.
''ކިހިނެއްވީ؟...'' ޒުލްފާއަށް އޭނަގެ އަޑުގައިވި ނުރުހުންތެރިކަން ފާޅުނުކޮށް ނުހުރެވުނެވެ. ބުމަޖޮށްޖަހާލަމުން އުކުޅުގައި އޭނަ އަތްވިއްދާލައިގެން ހުއްޓުނެވެ. އޭރު ކާމޭޒުމަތީ ދެކެވެމުން ދިޔަ ވާހަކަ ހުއްޓުމަކަށް އައިސް ހިމޭންކަން ވެރިވެފައި އޮތެވެ. ކޮންމެ މީހަކުމެ ބަލަމުން ދިޔައީ ޒުލްފާ އަށެވެ. ކުއްލިޔަކަށް ޒުލްފާއަށް އެފަދަ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް ނުވިސްނިފައި ތިބެއެވެ. މައުވާ ފިޔަވާއެވެ. އޭނަ އިސްޖަހާލައިގެން އިނދެ ލަސްލަހުން ކަމުން ދިޔަ އެވެ.
''ކެއުމަށް ފަރުވާ ކުޑަ ކުރަންޏާ މަންމަ އަނެއްކާ ވެސް ބަލިވެދާނެ...'' ޝިއާފް ކިތަންމެ އޯގާތެރިކަމާއެކު ވާހަކަދެއްކިޔަސް ޒުލްފާގެ ރުޅިގަނޑުގައި ހުޅުފަޅައި ގަދަވުން ނޫންކަމެއް ނުވިއެވެ.
''ޝިއާފަށް ކެވޭތޯ ބަލާބަ، ކުއްލިޔަކަށް އަހަރެން ދެކެ ތިހާ ކުލުނު އުފެދިގެން ތިއުޅެނީ ކީއްވެ...'' ޒުލްފާ ބުމަގޮށްޖަހާލަމުން މައުވާއަށް ބަލާލުމަށްފަހު ބުންޏެވެ. އަދި މަޑުކުރުމެއް ނެތި އެތަނުން ދާން ހިނގައިގަތެވެ.
މަންމައަށް އެއައި ބަދަލާ މެދު ޝިއާފް ހައިރާން ވިއެވެ. ހަމައެއާއެކު މަންމަ މައުވާއަށް ދިން ނަޒަރުގައި އެކުލެވިގެންވި ރުޅިވެރިކަން ވެސް އޭނައަށް ފާހަގަ ކުރެވިގެން ދިޔައެވެ. ދެން ޝިއާފަށް ބަލާލެވުނީ މައުވާ އަށެވެ. އެމޫނުން އޭނަ އެއްޗެއް ދެނެގަންނަން އުޅޭ ކަހަލައެވެ. އޭރު ޝިއާފްގެ ސިކުނޑި ދިޔައީ ދެންމެ ވެދިޔަ ކަންތަކާއި މައުވާގެ ފަނޑުވެފައިވާ މޫނުން ކޮންމެ ވެސް ކަމަކަށް ހަނާ އަޅަމުންނެވެ.
''އަޅާނުލާ އެއީ ޒުލްފާގެ އާދައެއްނު...'' ދިޔާނާ ބުނެލިއެވެ. ސިކުނޑީގައި ބުރުޖަހަމުން ދިޔަ ކަންތަކާ މެދު ވިސްނަމުން ޝިއާފް ގަދަކަމުން ދިޔާނާއަށް ހިނިތުންވެލިއެވެ. އޭނައަށް މިފަހަކަށް އައިސް މަންމަގެ ފަރާތުން މައުވާއަށް އަމާޒުވަމުންދާ ޖުމްލަތަކާ މެދު ވިސްނެމުން ދިޔައެވެ. އަބަދުމެ މަންމަގެ ޠަބީއަތަށް އައިސްފައި ހުންނަ ބަދަލު ތަކެވެ. ޝިއާފްގެ ހިތުގައި ޝައްކެއް އުފަންވެގެން ދިޔ ައެވެ. ސިކުނޑީގައި ތަފާތު ޚިޔާލުތަކެއް އެނބުރިގަތުމާއެކު ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެނިގެން ދިޔައެވެ.
ފަހަރަކު މީހަކު ކާމޭޒު ދޫކޮށް ދާން ފެށިއެވެ. ޝިޔާފް އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނަ ސިހިގެން ދިޔައީ ދިޔާނާ ގޮވާލި އަޑަށެވެ. އަވަސް އަވަހަށް ވަށައިގެން ވި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އޭނައަށް ސިންކުކައިރީގައި ތަށިދޮންނަން ހުރި މައުވާ ފެނުމާއެކު މައުވާއާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ. ނަމަވެސް ދިޔާނާ ހުރުމުގެ ސަބަބުން އޭނައަށް އެފުރުސަތު ގެއްލުނީއެވެ. ތަންކޮޅެއް ފަސްކޮށްލާފައި މައުވާއާއި ބައްދަލުކޮށްލަން ނިންމާލަމުން އެއްނޭވާއިން ފެންތަށި ހުސްކޮށްލަމަށްފަހު ޝިއާފް ވެސް ދިޔައެވެ. ދަމުން އޭނަ މައުވާއަށް ވަރަށް ވެސް ފުންކޮށް ބަލާލިއެވެ.
*****
''އިވީ ޔޫ ނޯ ވަޓް؟، މިއަދު ވަރަށް ސްޓްރޭންޖް ކަމެއް ދިމާވި...''
ނިދަން ތައްޔާރުވަމުން ދިޔަ ތޫބާ ލިޔާ މޭޒު ދޮށުގައި އިން މައުވާއާއި ވާހަކަ ދައްކަމުން ދިޔައެވެ. އެނދުގައި އިށީންދެލައިގެން އިނދެ އަތާއި ފައިގައި ލޯށަނުން ތާޒާކަން ގެނެސްދެމުން ތޫބާ ދިޔައެވެ. އޭރުވެސް އޭނަގެ ފިކުރުތަކާ ކުޅެލަމުން ދިޔައީ މިއަދު ފެނުނު ޒުވާނާއެވެ. ވިސްނަން ބޭނުން ނުވިޔަސް އެސޫރަ ހަނދާނުން ފޮހެލެވޭ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އެހިނިތުންވުން ލޯކުރިމަތިން ކުރެހިގެންދާ ކަހަލައެވެ. އޭނައަށް އެވާ ގޮތަކާ މެދު ތޫބާ އަޖައިބު ވެސް ވިއެވެ. އަލޫފް ފެނިވެސް އޭނައަށް މިފަދަ އިހުސާސްތަކެއް ކުރެވުނު ކަމެއް ނޭގެއެވެ. އެފަދަ ވަގުތެއްގައި ވެސް އަލޫފްގެ ނަން ހިތަށް ގެނެވުމުން ތޫބާގެ މޫޑު ގޯސްވާ ގޮތް ވިއެވެ. ތުންފިއްތާލަމުން ލޯޝަން ފުޅީގެ މަތި ޖަހާލިއެވެ.
''ކިހިނެއް ވީ؟...'' ތޫބާއަށް ސަމާލުކަން ދެމުން މައުވާ އަހާލިއެވެ. ފޮތްލައްޕާލުމަށް ފަހު ސްޓަޑީޓޭބަލް މަތީ ހަރުކުރެވިފައި ހުރި ބޮކި ނިއްވާލިއެވެ.
''ދެން އެހެން ފަހަރަކުން...'' ތޫބާ އެވާހަކަދައްކާ ހިތް މުޅިންހެން ކެނޑުނެވެ.
''އަހަރެން ލައްވާ އާދޭސްކުރުވަންތަ ތިއުޅޭނީ؟ އަޅެ ދެން ބުނެބަލަ...'' މައުވާ އޭނަ އިށީނދެގެން އިން ފުރޮޅުލީ ގޮނޑި ތޫބާއާއި ދިމާއަށް ދުއްވާލަމުން ބުނެލިއެވެ.
''އައުޗް.... ހުވާ މަގޭ ފައިގެ އިނގިލި އެއޮތް ފޮރުޅުދަށުވީ...'' ތޫބާއަށް ކުޑަ ހަޅޭކަކާއެކު ބުނެވުނެވެ. ފައިމައްޗަށް ނަގަމުން އޭނަ ކުޑަވާ އިނގިލީގައި ފިރުމާލިއެވެ. އޭރު ތޫބާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.
''ސޮރީ...'' މައުވާ ކަންބޮޑުވިއެވެ. މައުވާ ތޫބާއާއި ކައިރިވެލަމުން ތޫބާގެ އިނގިއްޔަށް ނަޒަރު ހިންގާލިއެވެ. ގޮނޑީގެ ފުރޮޅުގެ ޝިކާރައަކަށް ކުޑަވާ އިނގިލި ރަތްވެފައި ވެއެވެ. ކުޑަކޮށް ލޭތަޅުވާލާއި ވެސް ވެއެވެ. މައުވާ ތަކުރާރުކޮށް މަޢާފަށް އެދެމުން ވައިރޯޅީގެ ބާރުމިނުގައި ދިޔައީ ފަސްޓް އެއިޑް ބޮކްސް ބަލައެވެ. ދެވަނަ ސިކުންތުގައި އޭނަ ހުރީ ފަސްޓް އެއިޑް ބޮކްސް ހިފައިގެން ކޮޓަރީގައެވެ.
''އައުޗް، އައުޗް...'' ތޫބާގެ އިނގިލީގައި ހުރި ލޭތައް ސާފުކޮށްލަން މައުވާ އުޅުމާއެކު ތޫބާއަށް ބުނެވުނެވެ. ދެން އިތުރަށް އޭނަ މައުވާއަށް ފުރުސަތެއް ނުދިނެވެ.
''މިހާރު އޯކޭ، ބޭސްނުލިޔަސް ރަގަޅުވެދާނެ...''
''އެކަމަކު އިންފެންކްޝަނެއް ހެދިއްޖެއްޔާ މާ ދެރައެއްނު...'' މައުވާ ތަކުރާރުކޮށް އެދެން ފެށުމުން ބޭސްމަލަންކޮޅެއް އަޅަން ތޫބާ އެސްބަސް ވިއެވެ. މަލަން އަޅާ ނިމުމުން އަނެއްކާ ވެސް މައުވާ މަޢާފަށް އެދުނެވެ.
''ދެން ތިހާ ވަރަށް މަޢާފަށް ނޭދުނަސް ވާނެ، ސޯ ކުޑޭ އެންޑް އިވީ ބެކްޓުގެދާރ ދޯ ފައިނަލީ...'' ތޫބާ ބުންޏެވެ. އޭނަ ހުރީ މައުވާއާއި ޝިއާފާ ދެމެދު ދެކެވުނު ވާހަކަތައް އޮޅުން ފިލުވަން ނުހަނު ބޭނުންވެފައެވެ. ކެތްތެރިކަން ކުޑަވެފައި އޭނަ ސުވާލުކުރަން ފެށުމާއެކު މައުވާ ބުނެލީ ތޫބާއަށް ދިމާވި ކަންތައް ކިޔައިދިނުމުން ނޫނީ ނުބުނާނެ ކަމަށެވެ.
''ފައިން، ބުނެފާނަމޭ... އިވީމެނަށް ޓައިމް ދޭން ވެގެން އަހަރެން ދިޔައީމެއްނު، އެތާ ޓްރެކް ކައިރީ ހުއްޓާ ވަރަށް އަން ޔޫޝުއަލް ކަމެއް ދިމާވީ، އަހަރެން ބުނީމެއްނު އަލޫފް އަހަރެން ގަދަކަމުން ގެންދަން އުޅެނިކޮށް ކޮންމެެވެސް ސްޓްރޭންޖާރއެކޭ އެދުވަހު އަހަރެން ސަލާމަތްކޮށްދިނީ... މިރޭ އޭނައާ ބައްދަލުވީ، އެދުވަހު އެހާ ބޮޑަށް ސަމާލުކަމެއް ނުދެވުނު، އެކަމަކު މިރޭ ފެނިފަ ނޭގޭ ވީ ގޮތެއް ވެސް، ގޯޑް، ހީ ލުކްޑް ގޯރޖިއަސް... އިވީ ބުނެބަލަ މީ އަނެއްކާ ރަގަޅު ކަމެއްތަ... މާ އަވަހަށް މިހެން މިވީވެސް... އަހަރެން ވަރަށް ބޮޑަށް ބިރުވެސް އެބަގަނޭ... މި ފީލްގްސްތައް އަހަރެން ގެންދާނެ ހިސާބު ވެސް އިނގޭ، އަދި އަހަރެން އެފަދަ ކަމަކަށް ތައްޔާރެއް ނޫން، އަލޫފްގެ ސަބަބުން ދެން އެއްވެސް ފިރިހެނަކަށް ޓްރަސްޓް ނުކުރަން ހުރީ، އެކަމަކު މިރޭ އެޒުވާނާ ފެނިފަ ނޭގޭ އެހުރިހާ ކަމެއް ވެސް ހަނދާންނެތުނު ކަހަލަ، އެންމެ ފަނަރަ މިނެޓްގެ ބައްދަލުވުމެއް ވިޔަސް އަހަރުމެން ދެމީހުންގެ ދެެމެދުގައިވި ބީރައްޓެހިކަން ވެސް ނެތިގެން ދިޔަ، އެނގޭތަ އަދި އޭނަ ވަރަށް ބަލަޝް ވެސް ވެޔޭ، ދެޓް އިސް ސޯ ޑްރީމީ، އިވީއަށް ފެނުނަސް މޮޔަވެދާނެ... އޭނަ ދިއުމާއެކު މިހިތަށް މާޔޫސްކަން ވެރިވެގެން ދިޔަ، އަޅެ އިވީ ބުނެބަލަ އިޒް ދިސް ނޯރމަލް... އަހަންނަށް މިވަނީ ކިހިނެއްތަ؟، އޭނަ އަހަންނަށް ހެދީ ކޮންކަހަލަ ސިހުރެއްކަމެއް ވެސް ނޭގޭ... ދެން ބައްދަލުވެދާނެކަމެއް ވެސް އެނގެނީކީ ނޫން އެކަކަމު ވެސް މިހިތް އެކަމަށް އެދެމުން އެބަދޭ.... އޭނަ ބަލާލަން ރީތި، އެކަމަކު އެރީތިކަމުގެ ފަހަތުގައި ހިތްހެޔޮކަން ވެދާނެތަ؟ ނޫނީ ހަމަ އަލޫފް ފަދަ މީހަކަށްތަ ވާނީ؟...''
ތޫބާ ބުންޏެވެ. ތޫބާގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ދިޔަ މައުވާއަށް ތޫބާ އެބުނާ ޒުވާނާ ދެކެ ގަޔާ ވެވިއްޖެކަން ވަގުތުން ނަގައިގަނެވުނެވެ.
''އަދި އިނގޭތަ އޭނަ ބުނިއެއްޗެއް، ރީތި ކުދިންނަށްޓަކައި ކޮންމެފަދަ އަނިޔާއެއް ވެސް ތަހައްމަލްކޮށްފާނަމޭ، ހީ މީންޓް މޯރ ބައި ދެޓް، ދަމުން އަހަންނާ ބަދަލުކުރި ހިނިތުންވުމުގައި ވެެސް ތަފާތުކަމެއް ވި...... އިވީ ކީއްވެތަ އެއްޗެއް ނުބުނެ ތީނީ... އަހަރެން ހީކުރީ އިވީއަށް މިވާހަކަ ކިޔައިދިނީމަ ރުޅިކަމަށް އަންނާނީ، ގޮތް ނޭގެ މީހާކާ މެދު ވިސްނާތީ... އިވީ ވަޓް ޝުޑް އައި ޑޫ؟...'' ތޫބާ މައުވާގެ ޚިޔާލަކަށް ނުހަނު ބޭނުންވެފައި އަހާލިއެވެ.
މައުވާއަށް އެކަމަކަށް ދޭނެ ޖަވާބެއް ނޭގުނެވެ. އޭނަގެ ތަޖުރިބާ ވެސް މަދިއްޔެވެ.
''އަހަރެން ކީކޭތަ ބުނަންވީ؟...'' މައުވާއަށް އަހާލެވުނެވެ.
''އެނީތިންގް، ބުނޭ މި ސްޓުޕިޑް ކަމެކޭ....... ކީއްވެގެން ކަމެއް ނޭގޭ... އެޒުވާނާއަށް ޓްރަސްޓްކުރަން އަހަރެންގެ ހިތް އެބަބުނޭ... އައި ޑޯންޓް ނޯ ވަޓްސް ހެޕެނިންގް... އޭނައާ ދެން ބައްދަލުވެދާނެކަމެއް ވެސް އެނގެނީކީ ނޫން...'' ތޫބާ ހާސްވެފައިވަނީ މިޒްޔަން އާއި ދެވަނަ ފަހަރަށް ބައްދަލުނުވެވިދާނެތީއެވެ. މިރޭގެ އެބައްދަލުވުމުން މިޔްޒަން އޭނައަށް ސިހުރެއް ޖައްސައިފިއެވެ. ދިމާވި ހުރިހާކަމެއް ވެސް ހަނދާން ނައްތާލާފައި އާފެށުމަކުން ފަށަން ބާރުއަޅަން ފެށި ކަހަލައެވެ.