އިރުކޮޅެއް ވަންދެން އަލޫފް ޒޯހާއަށް ބަލަން ހުއްޓެވެ. އެހާ ފަސޭހައިން ޒޯހާގެ ފުށުން މިންޖުވުމުގެ ފުރުސަތު ލިބުމުން އަލޫފްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒޯހާގެ ހިތަށް ކުރާނެ އަސަރާއި ލިބޭނެ ހިތާމަތަކާ މެދު ވިސްނާލުމެއް ވެސް ނެތި އަލޫފް އޭނަގެ ނިންމުން އިއްވާލިއެވެ. ޒޯހާގެ ފުށުން މިންޖުވާން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.
''ތިހިރީ ވަރިކޮށްފަ!...''
ޒޯހާއަށް ލޯމަރާލެވުނު ހިނދު އެސްފިތައް ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ފޭބިއެވެ. އޭނައަށް މަޑު އާހެއްގެ އަޑު ވެސް ބޭރުކޮށްލެވުނެވެ. އެޖުމްލަ ދިޔައީ ރަނގަބީލެއްގެ ސިފައިގައި ތަކުރާރު ވަމުންނެވެ. ޒޯހާއަށް މޭގައި އަތްއަޅާލެވުނެވެ. އެޖުމްލަ ހަޖަމުކުރަން ދަތިވެފައިވާ ގޮތަކަށެވެ. ލިބުނު ވޭނަށް އިތުރު ބޮޅުތަކެއް އިތުރުވެގެން ދިޔައެވެ.
އަލޫފް ކޮޓަރިން ނިކުންނަން ދާން ހިނގައިގަތެވެ. އެމަންޒަރު ބަލަން ޒޯހާއަށް އިނދެވުނީ ރޮވިފައެވެ. އެމޫނުގައި ދިރުމުގެ އެއްވެސް ނިޝާނެއް ނެތެވެ. މަރުވެފައިވާ މައްޔިތަކާ ތަފާތެއް ނެތެވެ. އަލޫފްގެ ފައިގައި ހިފައި އެލޯތްބަށް ސަލާން ޖަހަން ޒޯހާގެ ޒަމީރު އެދި ގޮވަންފެށިއެވެ. އޭނަ ބާކީކޮށްނުލުމަށް ވެސް އެދެން ބޭނުންވިއެވެ. އެހެނަސް ކަންވެ ނިމިއްޖެއެވެ. އަލޫފް ކަންތައްކޮށްދިނީ އޭނަ އެދުނު ގޮތަށް ނޫން ހެއްޔެވެ؟ ދެން އެހިތުގައި ވޭން އަޅަނީ ކީއްވެގެން ހެއްޔެވެ؟ ބޭވަފާތެރިއަކާ އެކު ހިތާމައިގައި ދިރިއުޅުން ވޭތުކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަލޫފްގެ ލޯތްބަކީ އެއް އިރެއްގައި ވެސް އޭނަގެ ނަސީބުގައި ލިޔެވިފައިވި ނިއުމަތެއް ނޫނެވެ.
ޒޯހާއަށް ތަޤުދީރުގެ ނިންމުންތަކާ މެދު ޝަކުވާކޮށްލެވުނެވެ. އޭނައާ މެދު އެފަދައިން ކަންތައް މެދުވެރިވުމުންނެވެ. މިއަދު އޭނައެކޭ މަގުއޮޅިފައިވާ މުސާފިރެކޭ އެއްފަދައެވެ. ދާނެ މަންޒިލް ގެއްލި ފުންމިން ނޭގޭ އަނދުވަޅެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އޭނައަށް ދުވެވުނީ އަވާމެންދުރެއްގެ ފަހަތުންނެވެ. އޭގެ ފަހަތުން ޕަރުވާނާއެއްގެ ސިފައިގައި ދެވުމުގެ ނަތީޖާގެ ހިތިކަން މޭގެ ތެރެއަށް ފޭދި ނިމިއްޖެއެވެ. އެހަޔާތަށް އައި ޒަލްޒަލާގެ އަސަރު ގަރުނަކަށް ދެމިގެން ދާނެއެވެ.
ޒޯހާ އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދިނެވެ. މިއީ އެންމެ ރަގަޅު ގޮތް ކަމުގައެވެ. އޭނަގެ އިހުސާސްތަކަށް ޤަދަރު ނުކުރި މީހަކާއެކު އެންމެ ސިކުންތަކަށް ވެސް އުޅުމުގެ ބޭނުމަކީ ކޮބާ ބާވައެވެ. އޭނަ އެހާ ގަދަޔަށް ރުއި އިރުވެސް އެހަރު ހިތުގެ ވެރިޔާއަށް އަސަރެއް ނުކުރިއެވެ. އޭނަގެ މޭގައިވެސް މަހާއި ލެއިން އުފެދިފައިވަނީ ހިތެއްކަން އަލޫފަށް އެނގޭ ހެނެއް ހިޔެއް ނުވެއެވެ. އެމަސްކޮޅުގައި ވޭން އަޅާކަމެއް ވެސް ނުމެ އެނގުނެވެ. އެފަދަ މީހަކާއެކު އުފާވެރި ދިރިއުޅުމެއް ދުވަހަކު ނުލިބޭނެއެވެ. އޭނަގެ ދެލޯ ހުޅުވިއްޖެއެވެ.
ޒޯހާއަށް ހަމަހޭވެރިކަން ވެގެން ދިޔައީ ޝަރުމީލާ އައިސް އޭނަގެ ބުރަކަށީގައި ފިރުމާލުމުންނެވެ. ޝަރުމީލާ އެއީ އަލޫފްގެ މަންމައެވެ. އޭރު އަލޫފާ އޭނަގެ ބައްޕައާ ދެމެދު ހޫނު ޒުވާބެއް ހިނގަމުންދާ އަޑުވެސް ޒޯހާއަށް އިވުނެވެ. އެއާއެކު އެމީހުންނަށް ހުރިހާ ވާހަކައެއް ވެސް އަޑު އިވިއްޖެކަން ޒޯހާއަށް ވިސްނައިގަނެވުނެވެ. ޒޯހާއަށް ޝަރުމީލާގެ ގައިގައި ބައްދާލެވުނެވެ. މީހެއްގެ އެހީއަށް ބޭނުންވެފައިވިލެއް ބޮޑުކަމުންނެވެ. ދެންވެސް ޒޯހާއަށް ކަރުނަތަކުގެ މައްޗަށް ބާރުފޯރުވުން ވީ އުނދަގޫ ކަމަކަށެވެ. ޝަރުމީލާގެ ކޮނޑުގައި ބޯއަޅާއިގެން އޮތްއިރު ދެންމެދެންމެ ރޫޅިދާނެހެން ހީވި ވަގުތުކޮޅެއް ދިޔައެވެ.
ޝަރުމީހާ ޒޯހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ޒޯހާއަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލަން ވެސް އޭނަގެ ދޫ ވަނީ ނުކުޅެދިފައެވެ. ޒޯހާގެ ހިތަށް ލިބިފައިވާ ފުން ޒަހަމްތަކަށް ޝިފާއެއް ހޯދައި ދިނުމުގައި ވެސް މެއެވެ. ޝަރުމީލާއަށް ވެސް ވަނީ ރޮވިފައެވެ. އޭނަ ހުރީ އަލޫފްދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އޭނަގެ ދަރިއަކު އެހާ ދަށު ދަރަޖައަކަށް ވެއްޓިގެންފާނެއޭ ހިތަށް ވެސް ގެންނަން ދަތިވެފައެވެ.
ޒޯހާ ހިތްހަމަޖެހޭވަރަށް ރޯލަމުން ތެދުވެލިއެވެ. އެވަގުތު ގޭތެރޭގައި އަޑުގަދަވުމުގެ ސަބަބުން ނިއަމްއަށް ހޭލެވިގެން ރޮމުންރޮމުން އައިސް ކޮޓަރިއަށް ވަންނަނީއެވެ. ނިއަމް ފެނުމާއެކު ޒޯހާއަށް ވީ ގޮތެއް ވެސް ނޭގުނެވެ. ދުވެލާފައި ގޮސް ނިއަމްގެ ގައިގައި އޮޅުލައިގަނެވުނެވެ. އެމައުސޫމް ދެލޮލުގައިވި ބިރުވެރިކަމާއި ސިހުމުން ޒޯހާގެ ވޭންތައް އިތުރަށް ފުންވެގެން ދިޔައެވެ. މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އަލޫފެވެ!
ޒޯހާއަށް ނިއަމް މަސަލަސް ކުރެވުނީ ލައްކަ އުނދަގުލަކުންނެވެ. އެންމެ މިނެޓަކަށްވެސް އަލޫފާ އެއްފުރާޅެއްގެ ދަށުގައި ހުންނަން ޒޯހާގެ ހިތް ދެކޮޅު ހެދިއެވެ. އޭނަ ފޯނު ނަގައި ދޮންބެއަށް ގުޅާލިއެވެ. އަދި ވީހާވެސް އަވަހަކަށް އޭނަ ބަލާ އައުމަށް އެދުނެވެ. ޒޯހާގެ އަޑުގައިވި ހިތްދަތިކަން އޭނަގެ ދޮންބެއަށް ސިއްރެއް ނުކުރެވުނެވެ. ދޮންބެގެ ސުވާލުތަކާ ކުރިމަތި ލާނެހާ ހަކަތަ ނެތުމުން ޒޯހާއަށް ފޯނު ކަނޑާލެވުނެވެ. އެއަށްފަހު އޭނައަށް ނިއަމްގެ ގައިގައި ބައްދާލެވުނެވެ. ގޭތެރެއިން ނިއުޅެމުންދާ ޑްރާމާގެ ނޭދެވޭ އަސަރު ނިއަމްއަށް ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. އޭގެ ސަބަބުން ޒޯހާގެ ހިތުގައި އަލޫފަށްޓަކައި ރުޅިވެރިކަމުގެ އަލިފާން ރޯވެގެން ދިޔައެވެ.
ޒޯހާގެ ދޮންބެ އޭނަ ބަލާ އައުމާއެކު ޒޯހާ އަވަސްވެގަތީ ދާށެވެ. އެއާއެކު ޝަރުމީލާ ހީވީ އެހެންކަމެއް ހެންނެވެ. ނިއަމް ދާތީ އޭނައަށް އަޑުންއަޑުނަގާފައި ރޮއިގަނެވުނެވެ. އޭނަ ޒޯހާގެ ފަހަތުން ނުދިއުމަށް އެދި އާދޭސްކުރަމުން ދުއްވައިގަތެވެ. ޒޯހާއަށް މަޖުބޫރުވީ ޝަރުމީލާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދޭށެވެ. އެއީ ހަޔާތުގައި ވެސް ޒޯހާއަށް ނިންމަން އެންމެ އުނދަގޫވި އެއްނިންމުމެވެ. ޝަރުމީލާގެ ބަސްއަހައި މަޑުކޮށްފިނަމަ އޭނައަށް ލިބިފައިވާ ވޭންތައް އިތުރުވުން ނޫންކަމެއް ނުވާނެއެވެ. ހިތްދަތިވެގެން ގޮސް އޭނަ މަރުވެދާނެއެވެ. އަލޫފްގެ ހިތުން އޭނައަށް ޖާގައެއް ނެތްކަން ވަނީ ކަށަވަރު ވެފައެވެ. ދެން މާނައެއް ނެތް ގުޅުމެއްގައި ބަނދެވިގެން ތިބުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެހެންނޫނަސް އަލޫފް އޭނަ ވަރިކޮށް އެެހަޔާތުން ނެރެ އެއްލާލައިފިއެވެ. ކުނިކޮޅެއް ފަދައިންނެވެ.
މަންމަ ޒޯހާގެ ފަހަތުން އާދޭސްކޮށް ރޯތަން ފެނުމުން އަލޫފަށް ވަރަށް އުނދަގޫ ވިއެވެ. ޝަރުމީލާ ސިޑިން ފައިބަން ދިމާކޮށްލުމާއެކު އަލޫފަށް އިތުރަށް ކެތްނުކުރެވުނެވެ. އޭނަ ގޮސް މަންމަ ހުއްޓުވަން އުޅުނެވެ. އެއާއެކު ޝަރުމީލާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަލޫފްގެ އަތް ފޮޅުވާލަމުން ދިލަ ހޫނުކަން އެކުލެވިގެންވާ އެތިފަހަރެއް އަލޫފްގެ މޫނަށް އަމާޒުކޮށްލިއެވެ.
''ތީ އަހަރެންގެ ދަރިއެއްނޫން!...'' ހަރުކަށިކަމާއެކު ޝަރުމީލާ އިއްވާލިއެވެ. އަލޫފަށް ޝޮކެއް ލިބުނު ފަދައެވެ. ދެލޯބޮޑުވެ ބަލަން ހުރެވުނެވެ.
''ޒޯހާއަށް އެހާ ބޮޑު ހިތްދަތިކަމެއް ދީފަ އަލޫފަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށްތަ ހީކުރަނީ؟... ލަދެއް ވެސް ނުގަތްތަ ދަރިއަކު ހުއްޓާ އެފަދަ ވިޔާނުދާ އަމަލެއް ހިންގަން؟ މިއަދު އަލޫފްގެ ސަބަބުން އަަހަރުމެންގެ އަގު ވެއްޓިއްޖެ... އަަހަރުމެންގެ ރުހުމެއް ދުވަހަކު އަލޫފް ރައްޓެހިވެގެން ތިއުޅޭ ކުއްޖާއަކަށް ނުލިބޭނެ، އޭނައާ ގުޅުން ބާއްވަންޏާ އަލޫފް ޖެހޭނީ އަހަރުމެންނާ ގުޅުން ކަނޑާލަން... އަޑުު އިވިއްޖެތަ؟...'' ޝަރުމީލާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އޭނަ ދެލޮލުގައި ވަނީ އިންތިހާ ދަރަަޖައިގެ ރުޅިވެރިކަމެވެ.
އަލޫފަށް ހުއްޓުން އަރާފައި ހުރެވުނެވެ. ޤަބޫލުކުރަން ދަތިވެފައެވެ. މިއަދު މަންމަ އެފަދަ ޖުމްލައެއް އެބުނީ ވެސް ޒޯހާގެ ސަބަބުންނެވެ. އެއަންހެނާ އޭނަގެ ދިރުއުޅުމުގެ ހަމަޖެހުން ނަގާލައިފިއެވެ. ވަކިވެގެން ދިޔަ އިރުވެސް އެދިޔައީ އޭނަގެ ހަޔާތަށް ޒަހަރު ލައިފައެވެ. ބޮޑު ސުންޕާއެކެވެ. އަލޫފް ވީފޫއްސެއްގެ ބޮޑުކަމުން ޒޯހާއަށް ބަދުދުޢާކޮށްލިއެވެ.
''މަންމާ...''
އަލޫފްއަށް ގޮވާލެވުނެވެ. އޭނައަށް ތޫބާއާއި ވަކިވެވޭކަށް ނެތެވެ. އެއީ އެހިތުގެ ވިންދެވެ. ދިރުމެވެ. ނޭވާއެވެ. އެއާއި ނުލައި އޭނައަށް ދިރިއުޅެވޭނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ލޯބިވާ މަންމައެވެ. މަންމަގެ ހިތުގައި ޖެހޭކަށް ވެސް އޭނަ ބޭނުމެއް ނުވެއެވެ. ވިސްނާވިސްނާ އަލޫފްގެ ސިކުނޑީގެ ނާރުތަކަށް ވާން ވެއްޖެއެވެ.
''އަލޫފްއަށް ތިހައްގު ގެއްލިއްޖެ...'' ޝަރުމީލާ ކަރުނަތައް ފޮހެލަމުން ގޮސް އެތެރެއަށް ވަނެވެ. އަލޫފަށް ބަލާލުމެއް ވެސް ނެތިއެވެ. ''ޒޯހާ އަނބުރާ މިގެއަށް އައުމުން ނޫނީ އެހައްގު އަނބުރާ އަލޫފަކަށް ނުލިބޭނެ...''
މުއްކަވާލެވުނު އަތުގެ ހަމަލާ އަލޫފް އަމާޒުކޮށްލީ ފާރަށެވެ. އޭނަގެ ބުމަ ވަނީ ގޮށްޖެހިފައެވެ. އައިސްފައި ހުރި ގަދަ ރުޅި މޫނުމަތިން ރީއްޗަށް ފެނެއެވެ. ލަމުން ދިޔަ ދިގު ނޭވާތަކާއެކު ދެވަނަ އެތިފަހަރު ވެސް އޭނަ ފާރަށް ވީއްލާލިއެވެ. އޭނަގެ ރުޅިގަނޑު ކޮންޓްރޯލްކުރުން ވީ އުނދަގޫ ކަމަކަށެވެ. މަންމަގެ ޝަރުތާ ޤަބޫލުވެވޭކަށް ނެތެވެ. ޒޯހާގެ މޫނަށް ބަލަން ވެސް އޭނަގެ ޒަމީރު ދެކޮޅު ހަދައެވެ.
*****
ތޫބާ ގުޅުމުން އަލޫފް ފޯނު ނުނެގުމާއެކު އޭނަ ކަންބޮޑުވާން ފެށިއެވެ. އާންމުގޮތެއްގައި މިއީ ދެލޯބިވެރިންގެ ބަގީޗާގައި މާފޮޅުވާ ގަޑިއެވެ. ތޫބާ ކުޑަދޮރު ކައިރިގައި ހުއްޓިހުރެ އަލޫފްގެ ފޯނަށް ގުޅަން ބޭކާރު މަސައްކަތްކުރަމުން ދިޔައެވެ. ފޯނު ނުނެގުމުން އޭނަ ވައިބާރ އިން މެސެޖުވެސް ކޮށްލިއެވެ. ފަސްވަރަކަށް މިނެޓް ވެގެން ދިޔައީ ޖަވާބެއް ނުލިބިއެވެ.
''އަނެއްކާ ނިދީތަ؟...'' ފިކުރުތަކުގެ ތެރެއަށް ތޫބާ ގެއްލުނެވެ. އެހެން ހުއްޓާ ކޮޓަރީގެ ދޮރުހުޅުވާލެވުނު އަޑަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެއަތް ފުރެންދެން ކޮތަޅުތައް ލައިގެން ވަން މައުވާއަށް ތޫބާ ހިނިތުންވެލިއެވެ. އަދި ކޮންހާ ސާމާނެއްތޯ އަހާލި އެވެ. އޭނައަށް މައުވާގެ މިޖާޒުގައިވި ތަފާތުކަން ދެނެގަންނަން އިރުކޮޅެއް ނެގިއެވެ. އޭނަގެ ސަމާލުކަން މިހުރިހާއިރު އަލޫފަށް ދެވިފައި ވީތީއެވެ.
''ހާދަ ހެޕީވެފަ؟...'' ތޫބާ ގޮސް މައުވާއާއި އަރާހަމަކޮށްލިއެވެ. މައުވާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އޭނަ ކޮތަޅުތައް ބަހައްޓަމުން ހިންދެމިލިއެވެ. ތޫބާ ދިޔައީ މައުވާއަށް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އޭނަގެ ވިސްނުންތޫނު ކަމާ ހުރެ ދެނެގަންނަން އުނދަގޫ ކަމަކަށް ވެސް ނުވިއެވެ. އެއީ އަލޫފް އޭނައަށް ލޯބި ހުށަހެޅި ދުވަހު އޭނައަށް ވެސް އައި ބަދަލުތަކެވެ. އެފަނޑުވުމެއް ނެތް ހިނިތުންވުމެވެ.
ތޫބާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަވެސް ތަންމިނަށް ހުޅުވާލެވުނެވެ. އަލޫފް މައުވާއަށް ލޯބި ހުށަހެޅީ ބާވައެވެ؟ ތޫބާ އަވަސްވެގަތީ އޭނައަށް އުނދަގޫކުރަން ފެށި ސުވާލުގެ ޖަވާބު ހޯދާށެވެ.
''އިވީ...'' ތޫބާ ބުނެލިއެވެ. އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.
މައުވާއަށް އިތުރަކަށް ނުހިފެހެއްޓުނެވެ. ތޫބާއަކީ ޅައިރުއްސުރެ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނަގެ ސިއްރުތަކުގެ ފާރަވެރިޔާއެވެ. ޖެހިލުމެއް ނެތި އޭނަގެ ހިތް ހުޅުވާލެވޭ ފަރާތް ވެސް މެއެވެ.
މައުވާ މިރޭ ވެ ދިޔަ ކަންތައް ތޫބާއަށް ކުރު ގޮތަކަށް ކިޔައިދިނެވެ. އެއަޑުގައި ވަނީ އުފާވެރިކަމެވެ.
''އައި ނީޑް އެވްރީ ސިންގްލް ޑީޓެއިލް، މަޑުކޮށްލައްޗޭ ޗިޕްސް ހިފައިގެން އަންނަން ދެން، އޯ.މައި.ގޯޑް...'' ތޫބާ ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ތޫބާ ދިޔަ ދިމާއަށް ބަލަން ހުރެފައި މައުވާ ދެފަރާތަށް ބޯހޫރާލިއެވެ. ތޫބާއަށް އައިބަދަލުން އޭނަ ގާތަށް ހިނިވެސް އައެވެ.
ދެތިން މިނެޓް ފަހުން ތޫބާއައީ ބޯތަށްޓަކަށް ޗިޕްސް އަޅައިގެންނެވެ. އޭނަ ގޮސް އެނދުގައި ޖައްސާލަމުން އަތުގެ އިޝާރާތުން މައުވާ ގާތު ވެސް އިށީނުމަށް އެދުނެވެ. މައުވާ ކިޔައިދޭން ފެށިއެވެ. އެވާހަކަތައް މައުވާ ހިއްސާކުރަމުން ދިޔަ ވަގުތު ތޫބާގެ މޫނަށް އަރާފައިބަމުންދާ ކުލަވަރުތަކުން އޭނަ ގަޔާވެފައި އިން މިންވަރު ހާމަކޮށްދެއެވެ. މުށްފުރާ ޗިޕްސް ނަގައި އަނގަޔަށް ލައިގެން ދިރުވާލަން އުނދަގޫވެފައި އިނެވެ.
''އެންމެ ފަހުން އިވީއަށް ވެސް ލޯބި ވެވުނީ، އޯހ ހާދަ އުފާވެއްޖެޔޭ... ކުޑޭ އެންޑް އިވީ، ސޯ ކިއުޓް...''
ތޫބާ ހުވަފެނީ އަޑަކުން ބުނެލިއެވެ. އޭނަ މައުވާއާއި ޝިއާފް ހޭދަކުރާނެ އުފާވެރި ހަޔާތުން ފެށިގެން ގޮސް ލިބޭނެ ކުދިންނަށް ދޭނެ ނަންތަކާ ހިސާބަށް ވެސް އޭނަގެ ވިސްނުން ގެންދިޔައެވެ. މައުވާ ވެސް އިނީ އެކަމާ ނުހަނު ގަޔާ ވެފައެވެ. ތޫބާ ސިފަކޮށްދިން ފަދަ އުފާވެރި ހަޔާތެއް ޝިއާފާއެކު ހޭދަކޮށްލަން މައުވާގެ ހިތް ބޭޤަރާރުވެއްޖެއެވެ. މިހާރު ވެސް އެސޫރަ ނުފެނި ގިނައިރު ވާން ފެށުމުން ހިތުގެ ހަމަޖެހުން ގެއްލެން ފަށައިފިއެވެ.
ދެއެކުވެރިން ތަފާތު ވާހަކަތަކެއްގައި ތިއްބާ ތޫބާގެ ފޯނު ރިންގް ވާން ފެށިއެވެ. ތޫބާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އަލޫފްގެ އަޑުގައި ތަފާތެއް ވާކަން ދެނެގަންނަން ތޫބާއަށް އުނދަގުލެއް ނުވިއެވެ.
''ހާދަ މޫޑީވެފަ، ކިހިނެއްވީތަ އަނެއްކާ؟...'' ތޫބާ އެނދުގައި ހަމަޖެހިލަމުން ބުނެލިއެވެ. ތޫބާއަށް ސްޕޭސް ދެމުން މައުވާ ކޮޓަރިން ބޭރަށް ނިކުތެވެ.
އަލޫފް ހެދީ ދޮގެވެ. އެއްވެސް ކަމެއް ނުވާކަމަށް ބުނެ ތޫބާއަށް އޮޅުވާލިއެވެ. އޭނަ ހުރީ ރަގަޅު ދަނޑިވަޅެއް ބަލާފައި މެނުވީ ތޫބާއަށް ހަޤީޤަށް ހަމާނުކުރަންށެވެ. ތޫބާ ގެއްލިދާނެ ކަމުގެ ބިރު ހިތުގައި ވަކިހިއްޕާލާފައިވުމުންނެވެ.
****
ހުސޭނާއި ދިޔާނާ ތިބީ ޓީވީން ދައްކަމުން ދިޔަ ސިޔާސީ ޕްރޮގްރާމެއް ބަލަންށެވެ. ބޮޑުދައިތައަށް ހިނިތުންވެލަމުން މައުވާ ސިއްރުން ހޯދާލީ ޝިއާފް ފެނޭތޯ އެވެ. އޭނަގެ ކަންފަތުގައި ޝިއާފްގެ އަޑު ގުގުމާލީ ބެލްކަނިން ފުރޭނިގެން އައިހެވެ. އެއާއެކު އޭނައަށް އެދިމާއަށް ހިނގައިގަނެވުނީ ދަގަތްޕާނަށް ދަގަނޑު ދަމާ ބީދައިންނެވެ.
''ދެން މަންމަ މިކޮޅަށް އަންނަންވީނު، އޭރުން ޑޮކްޓަރަށް ދެއްކިދާނެއެއްނު...'' ޝިއާފް ބުނެލި އަޑު އިވުނެވެ. ޝިއާފް ފޯންކޯލް ނިންމާލީ އޭނަގެ މަންމަ މާލެ އަންނަން އެއްބަސް ކުރުވާފައެވެ. އަންނަ ހަފްތާގެ ހޯމަ ދުވަހަށް ޓިކެޓު ލިޔުއްވާ ގޮތަށް ވެސް ހަމަޖެހުނެވެ. ޝިއާފް ފޯނު ޖިންސްގެ ޖީބަށް ލަމުން އެނބުރުނެވެ. އޭނައަށް މައުވާ ފެންނައިރަށް ހިނިތުންވެލިއެވެ.
''މައި ފެއަރީ...'' ޝިއާފް މައުވާގެ ފަންއިސްތަށިގަނޑާއި ސަމާސާކޮށްލިއެވެ. ''ޔޫ ލުކް ސޯ ބިއުޓިފުލް...''
*****
ސްކޫލް ކިޔެވުން ފެށި ފުރަތަމަ ހަފްތާ ނިމުނު ތަނާ ކްލާސް ކުދިން ރާވާއިގެން ހުޅުމާލެއަށް ބާރބެކިއު ދަތުރަކު ދާން ހަމަޖެހުނެވެ. ހުރިހާ ކަމެއްގައި އިސްކޮށް އުޅުނީ ތޫބާ އެވެ.
''ސޯ މިއަންނަ ހުކުރު ދުވަހު ދާނީ...'' ދަތުރު ހަމަޖެހިގެން ދިޔައީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތަށެވެ. ބުރާސްފަތި ދުވަހު ކްލާހަށް އަންނައިރު ޗަންދާ ގެންނަން ތޫބާ އެންމެނަށް ހަނދާންކޮށްލަ ދިނެވެ. ބޭނުންވާ އެއްޗެހީގެ ލިސްޓާއި އަގުތަކުގެ ތާވަލެއް ވެސް ތައްޔާރުކުރެވުނެވެ.
*****
އޮފީސް ނިންމާލުމަށްފަހު ޝިއާފް އިނީ އޭނަގެ އެކުވެރިންނާއެކު ކޮފީއެއްގައެވެ. ސިނގިރެޓުގެ ދުމުން ފަޒާ ތައައްޔަރު ވެފައި ވާއިރު ދެކެވެމުން ދިޔައީ އަލަށް ބާޒާރުފައި ވައި ހިފާލާފައިވާ ފޯނަކާ ބެހޭގޮތުންނެވެ. ޝިއާފް އިނީ ވައިބާރއިން މައުވާއާއި ޗެޓްކުރާށެވެ.
''މީނައަށް މިހިރީ ވަރުގަދަ މަންޖެއެއް ލިބިފަ، އަބަދު ފޯނުގަ...'' ޝިއާފްގެ އަތުން ފޯނު ޖަހައިގަންނަމުން އަޒްޔަން ބުނެލިއެވެ. އޭނަ ފޯނުގައި އިން މެސެޖުތަށް އަޑުން އަޑު ނަގާފައި ކިޔަން ފެށިއެވެ. އެއާއެކު އެންމެން ބާރު ހިނިގަނޑެއް ޖަހާލައިފިއެވެ. ޝިއާފް ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ.
''މިމަންޖެއަކާ ޖެހުނު ފަހުން ކައޭ މުޅިން ބޯސަކަރާތް ވެއްޖެ، ކައޭ ވެއްޖެއެއްނު ދެން ތިގޮތް ދޫކޮށްލަން، ހީވަނީ އަންހެނެއްހެން... ސިނގިރެޓެއްގަ ވެސް އަތްލަނީކީ ނޫން، ކޮފީއަކަށް އާދެވޭ ކަމަކަށް ނުވޭ... މަށަށް ތިމަންޖެ އެއްވެސް ގޮތަކުން ރަގަޅެއް ނޫން...'' ބޯދިގުކޮށްލާފައި ހުރި ޒުވާނާ ބުނެލިއެވެ. އޭނަގެ އަތުގެ ނިޔަފަތިތަކެކޭ ސާރިދޯޅެއްގެ ނިޔަފަތިތަކެކޭ ތަފާތެއް ނެތެވެ. ބޮމުން ދިޔަ ސިނގިރެޓުގެ ދުންގަނޑު ވައިގެ ތެރެއަށް ދޫކުރަމުން ދިޔައެވެ. ވަށައިގެންވި މީހުންނަށް ސަމާލުކަމެއް ނެތިއެވެ. އެއީ ކިހާ ގެއްލުން ހުރި ކަމެއްކަން ވެސް ނޭގިއެވެ. ނޫނީ އެނގިހުރެ ޖާހިލުކަން މާބޮޑީއެވެ. އޭނަގެ އަތުގައި އަޅާފައިވަނީ އެކި ސައިޒުގެ ދަގަނޑުބުރިތަކެވެ. އިނގިލިތަކުގައިވާ އަނގޮޓީތަކުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ތުނބުޅިވެސް ދިގުވެ މީހާގެ ސިފަ ވަނީ ގެއްލިފައެވެ. ބިރުވެރި ގޮތެއް ވެސް ހުއްޓެވެ.
''އޭ ރިހާން، މަ ވަރަށް ސީރިޔަސް އޭނައާއެކު، ދެން އެހެން ވާހަކައެއް ދައްކަބަލަ...'' ޝިއާފް ކުޑަކޮށް ނުރުހުމާއެކު އެޒުވާނާގެ ކޮނޑުގައި ޖަހާލިއެވެ.
''ސީރިޔަސްއޭ؟...'' ރިހާނާއި އަޒްޔަން އެކަކު އަނެކަކަށް ބަލާލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ''މީނަ މީ ރެއަކަށް ބީޓެއް ލައިގެން އުޅުނު މީހެކޭ، އެކަމަކު މިހާރު ސީރިޔަސްއޯ، ތިހެން ބުނީމަ ހަމަ ހިނިއަންނަނީ...''
''ހުވާ ތި މަންޖެގެ ވަރަށް ކަޑަ، އެކަހަލަ މީހުންގެ އަތުގައި ހިފާލުން ނޫން ކަމެއް ނުކުރެވޭނެ، ނުލާހިކު ވިސްނުން ކަޓުވާނެ، މޫނުބުރުގާ އަޅައިގެން އުޅޭމިހުނެކޭ ތަފާތެއް ނުހުންނާނެ... ބަލައްޗޭ، ކައޭ ވެސް ދުވަސްކޮޅަކުން ބޭނުންވާ ކަންތައް ނުފުދުނީމަ ބަދަލުވާނެ...'' ރިހާން ބުނެލިއެވެ.
ޝިއާފް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރިހާން ދެކެ ރުޅި ވެސް އައެވެ. މައުވާގެ ދިފާއުގައި ތެދުވުމުން އޭނަގެ އެކުވެރިން ކުރަން ފެށި މަލާމަތްވެސްވީ އިތުރެވެ. ރުޅިއައިސް ރަތްވެގެން އެތަނުން ދާން ޝިއާފް ތެދުވުނެވެ.
''ދެން ކައޭ ހިތްހަމަނުޖެހެންޏާ އެވާހަކަ ނުދައްކާނަމޭ، ޗިލް ބްރޯ...'' ޝިއާފް ގޮސްދާނެތީ އަޒްޔަން ބުނެލިއެވެ. ޝިއާފް ނުރުހުންވެފައި ހުރެވެސް ގޮނޑީގައި އިށީނެވެ.
''އޭ އެއްކަލަ އަމާނީ އެބައުޅޭ މާލެ އައިސް، މަ ދުށިން ކުރީދުވަހު ރަނޑުގޮލައަކާއެކު އޭޑީކޭ އިން، މަ ފެންނައިރަށް އެގޮލާ ކައިރިއަށް ޖެހިގަތީ، ދެން އެކަހަލަ މީހަކަށް ކޮން އެހީއެއް ފޯރުކޮށްދެވޭނީ، އެހެން ނޫނަސް ޔޫޒްކޮށްކޮށްފަ ފޫހިވެފަ ހުރި މީހެއް، ކީކޭ ޝިއާފް ބުނަނީ...'' ރިހާންގެ ޖުމްލައާއެކު ޝިއާފްގެ ހަރާކަތްތަށް ގަނޑުވެގެން ދިޔަ އެވެ.