ކާރުން ފައިބާފައި ލަޔާލް ފުން ނޭވައެއް ދޫކޮށްލ ިއެވެ. ކުރިއަށް ހިނގައި ނުގަނެވިފައި އޭނާ ހުއްޓާ ޔާނިޒް އައިސް ކައިރިވެލާފައި އުނަގަނޑުގައި އަތް އަޅުވާލުމުން ފާޑަކަށް ސިހޭގޮތްވިއެވެ. "އީއު....ހީލި ހުރެއޭ...." ލަޔާލް މަޑު ހަޅޭކަކާއެކު ޔާނިޒްގެ އަތް ނަތްޓުވައިލީ ކުއްލި އަކަށެވެ. "ހީލި ކަނޑުވައިދޭންވީތަ؟" ޔާނިޒް ދެޖީބަށް އަތް ޖަހައިލުމުން ލަޔާލްގެ ކަންފަތާއި ކުޑަކޮށް އަނގަ ކައިރިކޮށްލައިގެން ވާހަކ ަދެއްކިއެވެ. ލަޔާލް ރަކި ގޮތަކަށް ހީގެންފައި ޔާނިޒްގެ މުލައްދަނޑީގައި އަތް އަޅުވައިލުމުން އެންމެ ގުޅޭ ޖޯޑަކަށްވިއެވެ. ރެސްޓޯރެންޓުގެ ދޮރާއި ހަމައިން ނިޔާފްގެ ފޯނު އައިސްގެން ލަޔާލް ނެގިއެވެ. ނިޔާފް އިން ތަނެއް އޮޅުން ފިލުމުން ޔާނިޒް ގޮވައިގެން އެދިމާއަށް ގޮސް ހުއްޓުމުން "ސަޕްރައިޒް" ލިބުނީ ލަޔާލް އަށެވެ. ނިޔާފް އާއި ޔާނިޒް އެކަކު ފެނިގެން ހެވިލާފައި ދެއެކުވެރިން ފަދައިން އަތާއި އަތް ޖަހާލި ގޮތުން އޭނާއަށް ހުރެވުނީ ޝޮކެއްގައެވެ. ހިތަށް އެރިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް ނިޔާފްއަށް ޔާނިޒް އެނގެންޏާ އެއީ ކޮންކަހަލަ ޒުވާނެއް ކަންވެސް އޮޅިފައެއް ނޯންނާނެ އެވެ. 

"ސޯ ކޮބާ އޭނަ؟ ލަޔާގެ ބީއެފްގެ ވާހަކަ މިބުނީ؟" ގޮނޑީގައި ލަޔާލްއަށް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ނިޔާފް އަހާލައިފި އެވެ. އެހިނދު ޖަވާބު ދޭން ލަޔާލް ހުޅުވާލި އަނގަ އަނެއްކާ ލައްޕާ ލެވުނީ އެވެ.

"ލަޔާގެ ބީއެފް ކުޑަކޮށް ބިޒީވެގެން ނާދެވުނީ. އެކަމަކު މާގިނައިރެއް ނުވެ އަތުވެދާނެ ކަންނޭނގެ." ލަޔާލް އަށްވުރެ ކުރީން ޔާނިޒް ޖަވާބުދީފިއެވެ. އެއަޑު އަހާފައި ލަޔާލް ބޭރުކޮށްލަން ތައްޔާރު ވެފައިވާ ނޭވާވެސް ކަރުތެރޭގައި ތާށިވާ ގޮތް ވިއެވެ. ޔާނިޒް އެބުނި އެއްޗަކުން ހައްތަހާ ބޮޑަށް މަޅިގަނޑު ކަރަށް ވާންވުން ނޫން ގޮތެއް ނުވާނެއެވެ. ދެން އޭނާ ވީ ނެތްމީހެއްގެ އިންތިޒާރުގައި ނިޔާފް ބައިންދަން ހެއްޔެވެ؟ ލަޔާލް ކަންބޮޑުވެގެން ތުންފަތް ހަފަން ފަށައިފި އެވެ.

އިރުކޮޅަކުން ވޭޓަރ އައިސް މެނޫ ހަވާލު ކޮށްލި ފަހުން ކާއެއްޗެއްސަށް އޯޑަރ ދިންއިރު ނިޔާފްގެ ސުވާލު ތަކާއި ކުރިމަތިވިއެވެ. ނިޔާފް ވާހަކަ ދެއްކީ ލަޔާލްގެ ލޯބިވެރިޔާއަށްވެސް ކޮންމެވެސް އެއްޗަކަށް އޯޑަރ ނުދީގެންނެވެ. "އޭނަ އައީމަ އޯޑަރ ދޭނީ. އެއިރުން އޭނަ ހިތްހަމަޖެހޭ އެއްޗެއް ގެންނަން ފަސޭހަ ވާނީ." ލަޔާލް ރުޅިގަދަވެފައި އިނދެވެސް މޫނުން އެކަމެއް ނުދެއްކިއެވެ. "އަޖައިބެއް. ލަޔާއަކަށްނު އޭނަ އެންމެ ރަނގަޅަށް އެނގޭނީ. ލަޔާ އޯޑަރ ކުރާ އެއްޗެއް އޭނަ ނުކާނެތަ؟" ނިޔާފް ހީވަނީ އަދިވެސް ޤަބޫލު ނުކުރަން އުޅޭ ހެންނެވެ. "އަދި އަހަރުމެން ދެމީހުންނަށް ތިބުނާ މިންވަރަށް އެކަކު އަނެކަކު ދަހެއް ނުވޭ. އެދުވަހެއް އައީމަ އޯޑަރވެސް ދޭނަން." ލަޔާލް ހިތްހަމަނުޖެހިގެން ފަހުން ވާހަކަ ދެއްކީ ތަންކޮޅެއް ރުންކުރު ވެފައެވެ. 

އިރުކޮޅަކުން ލަޔާލް ގޮސް "ވޮޝްރޫމް" އަށް ވަދެފައި މެސެޖް އަކުން ޔާނިޒް ކައިރީ އައުމަށް އެދުނެވެ. ޔާނިޒް ފޯނެއް އައިކަމަށް ހެދިފައި ތެދުވެގެން ހިނގައިގަތްއިރު އަފްލާކް ރެސްޓޯރެންޓްގެ ދޮރުން ވަންނަނީއެވެ. އެވަގުތު އަފްލާކްއަށް ޔާނިޒް ފެނިގެން ގޮސް އިށީންދެލީ އެމީހުންނަށް ފުރަގަސްދީގެން ޖެހިގެން ހުރި މޭޒުދޮށުގައެވެ. އެތާގައި އިންނައިރު ޔާނިޒްމެން މެދުގައި ދެކެވޭ ވާހަކަވެސް އަފްލާކްއަށް ފަސޭހަ ކަމާއެކު އޮޅުންފިލާނެއެވެ. "ކީކޭ ލަޔާ؟" ޔާނިޒް ޓަކި ޖަހާލައިފައި ލަޔާލް ދޮރު ހުޅުވައިލުމުން އެތެރެއަށް ވަނެވެ. "ދެން ކިޔައިދީބަލަ ނިކަން އެނާރޑްގެ ފްރެންޑަކަށް ނިޒް ވީ ގޮތެއް! އައި މީން ހައު، އޮން އާތް؟" ލަޔާލް ލޯ ބޮޑުކޮށްފައި ފުރަތަމަވެސް ސުވާލު ކުރިއެވެ. "އެއީ އަހަރެންގެ ފްރެންޑެއް ނޫން އިނގޭ. އޭނަގެ ހުންނާނެ ވަރަށް ހޮޓް ސިސްއެއް. އެއީ މަގޭ ކްރަޝްއެއް. އެދުވަސްވަރު އެގެއަށް ގޮސް އުޅުނުއިރު ނިޔާފް އާއި ކުޑަކޮށް ވާހަކަދެކެވި ދެކެފަރިތަ ވެފަ ހުންނާނީ." ޔާނިޒް ފާޑަކަށް ހިނިއައިސް ހުރެފައި ކިޔައިދިނެވެ. "މުޅި މާލޭގައި ޔާނިޒްގެ ކްރަޝް. އޯހ ގޯޑް.... މީ ހަމަ އަހަރެންގެ މޮޔަކަން. ތިކަހަލަ މީހަކު ގޭމްތެރެއަށް ގެނައުމުގެ ކުރިން އެތަންކޮޅަށް ވިސްނާނުލެވުނީމަ." ލަޔާލް ރުޅި އައިސްގެން އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލައިފައި ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. "އައިމް ސޯ ސޮރީ ލަޔާ." ޔާނިޒް ކައިރިވެފައި ދެކޮނޑުގައި ހިފާލުމުން ލަޔާލް އެދެއަތް ފޮޅުވައިލިއެވެ. 

"އަޅެ އެކަކުވެސް ނުބުނޭތަ ރުޅިއައީމަ ތިމޫނު ހުންނަ އަގްލީ ގޮތުގެ ވާހަކައެއް." ޔާނިޒް މަސައްކަތް ކުރީ ލަޔާލް ހަމައަކަށް އަޅުވައިލާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. "ހީވަނީ ހަމަ... ހަމަ ހީވަނީ....." ޔާނިޒް ޖުމްލަ ފުރިހަމަ ނުކޮށް މެދުކަނޑާލިއިރު ލަޔާލްއަށް ހެވިއްޖެއެވެ. "ނުބުނާތި!" ލަޔާލް ހެމުން ހެމުން ޔާނިޒްގެ މޭގައި ގޮށްމުށުން ޖަހާލައިފިއެވެ. "އަހ.... އެ ކުދިކުދި ވީ މޭކަށިގަނޑު." ޔާނިޒް ބުނެލި އެއްޗަކުން ލަޔާލްއަށް އިތުރަށް މަޖާވިއެވެ. "ދެން ދޭ. އަހަރެން ދާނަން އިރުކޮޅަކުން." ލަޔާލް ޔާނިޒްގެ ބުރަކަށީގައި އަތްއަޅާފައި ދޮރުން ބޭރަށް ކޮށްޕައިލި އެވެ. 

ލަޔާލް އެނބުރި އައިސް އިރުކޮޅެއް ވީއިރު ކާއެއްޗެހި ގެނެއްސިއެވެ. ޔާނިޒް އާއި ނިޔާފް މަޖާ ވާހަކައެއް ދައްކާފައި އިރުއިރުކޮޅާ ހިނިގަނޑެއް ޖަހާލައެވެ. ލަޔާލް ހިމޭނުން އިނދެފައި ބައެއްފަހަރު ގަދަކަމުން ހީގަންނަނީ ޔާނިޒް ބުނެލާ ބައެއް އެއްޗެހި އަހާފައެވެ. ހަޤީޤަތުގައި އޭނާ އިނީ އަދިވެސް ރުޅި އައިއްސައެވެ. ހަމަ ހިތަށް އަރަނީ މޭޒުމައްޗަށް އަރާފައި ނިޔާފްގެ މޫނަށް ގޮށްމުށުގެ ދެތިން އެތިފަހަރު ދޫކޮށްލެވޭނެ ނަމައެވެ. އަނެއްކޮޅުން އަފްލާކް ޖެހިގެން ހުރި މޭޒުގައި އެކަނި އިނދެގެން ކޮފީއަކަށް އިންސާފު ކުރަމުން ދިޔައެވެ.

"އަދި ނުބުނަމެއްނު ލަޔާގެ ބޯއިފްރެންޑަށް ކިޔާ ނަމެއްވެސް." ނިޔާފް ކައި ނިމިގެން ތުން ފުހެލައިފައި ވާހަކަދެއްކިއެވެ. އެއަޑު އަހާފައި ލަޔާލް ކޮށި ނޭރީ ކިރިޔާއެވެ. އޭނާ ގަދަކަމުން އަމިއްލަ ނަފްސް ކޮންޓްރޯލް ކޮށްފައި ޔާނިޒް ވާހަކަ ދައްކަން އުޅެނިކޮށް ވިކައިގެންފައި މަނާ ކުރިއެވެ. "އަޅޭ. ބޯއިފްރެންޑް މެސެޖްކޮށްފަ މިއޮތީ މިރޭ ނާދެވޭނެ ކަމަށް. ކިހާ ދެރަ. އޭނާގެ އިންތިޒާރުގަ ކިހާ އިރެއް މި ބޭކާރު ކޮށްލެވުނީ." ލަޔާލް މޯބައިލް ނަގައި ބަލަން އިނދެފައި ކުއްލިއަކަށް ވާހަކަ ބަދަލު ކޮށްލައިފި އެވެ. "ދެން ގޯހެއް ނޫންތާ ރަނގަޅަށް ކާލެވިއްޖެ ވިއްޔަ." ނިޔާފް ތެދުވެފައި ވާހަކަދެއްކިއެވެ. "ރަނގަޅަށް ތިބުނީ." ޔާނިޒްވެސް ނިޔާފް އާއި އެއްބައިވެލިއެވެ. ތިންމީހުން އެކުއެކީގައި ނިކުމެގެން އަންނަން ފެށުމުން އަފްލާކްވެސް ބިލް ދައްކާފައި އަވަހަށް ތެދުވެއްޖެއެވެ. މަގުގެ އަނެއްފަރާތުގައި އޮތް ކާރަށް އަރަން ވެގެން ލަޔާލްމެން މަގު ހުރަސް ކުރަން ދިޔައިރު ނިޔާފް ހިނގައިގަތީ ޕޭމެންޓް މަތިން ހުޅަނގަށެވެ. އެވަގުތު އަފްލާކް ނިކުމެފައި ދިގު ފިޔަވަޅު ތަކެއްގައި ނިޔާފް ފަހަތުން ދާން ފެށިއެވެ.

"ދެން ހަދާނެ ގޮތަކީ އެކަހަލަ އެހެން ނާރޑްއެއް ގެނެސް ދައްކާފަ ބުނާނީ ބޯއިފްރެންޑޭ." ލަޔާލް ކާރަށް އަރައި ސީޓް ބެލްޓް އަޅުވައިލަމުން ބުނެލިއެވެ. ޔާނިޒް ހިނިގަނޑަކާއެކު ކާރު ދުއްވައިލުމުން ލަޔާލް މޫނު ބޭރުބަލަން އިނީ އަރިމަތީ ލޯގަނޑުންނެވެ. އިރުކޮޅަކުން އޭނާއަށް ލޯ ބޮޑުކޮށްލައިފައި ކުރިއަށްވުރެވެސް ބޮޑަށް ލޯގަނޑާއި ކައިރި ވެލެވުނެވެ. ޕޭމެންޓް މަތީގައި ނިޔާފް އާއި އަފްލާކް އެކަކު އަނެކަކާއި ކުރިމަތި ލައިގެން ހުރެ ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ޔާނިޒް ސުވާލު ކޮށްލި ފަހުންވެސް ލަޔާލްއަށް ޖަވާބެއް ނުދެވުނެވެ. ކާރު އެމީހުން ފަސްދިން ފަހުވެސް އޭނާ އެނބުރިފައި ބެލިއެވެ. އެންމެ ފަހުން އޭނާއަށް ފެނުނުއިރު އަފްލާކް ހުރީ ނިޔާފް ގަމީހު ގިރުވާނުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. "އޯހ ގޯޑް. ކިހިނެއް ވާން މިއުޅެނީ؟" ލަޔާލް މުށްކަވައިލި އަތުން ނިއްކުރީގައި މަޑުމަޑުން ޖަހާލައިފައި ހިތާއި ހިތުން ބުނެލިއެވެ. 

ލަޔާލް ގެއަށް ވަދެފައި އެންމެ ހިނދު ކޮޅަކުވެސް ހިމޭނަކުން ނީނދެވުނެވެ. ފެނުނު މަންޒަރަށްފަހު އޭނާގެ ހަމަޖެހުން އެވަނީ ގެއްލިފައެވެ. ލަޔާލްއަށް ވިސްނުނު ގޮތުގައި އަފްލާކް އެކުރާ މަސައްކަތަކީ ނިޔާފްއަށް ބިރު ދައްކައިގެން އޭނާ އާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދުމެވެ. އަދި އެކަމުގައި އަފްލާކްއަށް ކާމިޔާބު ވެއްޖެނަމަ އޭނާގެ މަންމަގެ ވާހަކަވެސް ސިއްރެއް ނުވާނެކަން ކަށަވަރެވެ. ލަޔާލް ފިނި ކޯކް ތައްޓަކަށް އައިސްކިއުބް އަޅާ ފުރާލައިގެން ގޭގެ މައިދޮރުން ނިކުތެވެ. ގޯތިތެރޭގައި އޮތް ހުސް ތަންކޮޅަށް އަލި ކުރުމަށްޓަކައި ދިއްލާފައިވާ ބޮކީގެ ހުދު އަލި މުޅި އެހިސާބަށް ފޯރާފައި އޮތެވެ. ޕޮޓްތަކުގައި ހައްދާފައިވާ މާތައްވެސް އެއަލީގައި އަޖައިބުވާހާ ފުރިހަމައެވެ. ލަޔާލް ހިނގަމުން ގޮސް ގޭޓާއި ހަމައަށް ދެވުނުތަނާ ކުއްލި ހިޔާލެއް އައެވެ. އޭނާ ސުވާލު ކޮށްލުމުން ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ޖަވާބު ދިނީ އަފްލާކް ނިކުތީ އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ކަމުގައެވެ. ލަޔާލްއަށް ދަތްކުނޑި ވިކާލެވުނެވެ. އެވަރަށް ހާސްކަން އިތުރުވިއެވެ. ބާރު ބާރަށް ހިނގާލައިފައި އޭނާ ދެން ގޮސް ހުރީ ގަރާޖަށް ވަންނައިރު ދެފަރާތުގައިވާ ދެތަނބު ކުރެން އެއް ތަނބުގައި ލެނގިލައިގެންނެވެ. އޭނާ ސިކުނޑީގެ ހައިޖާނުގަނޑާއި ހަނގުރާމަ ކުރަމުން އިރުއިރުކޮޅާ ކޯކް ފޮދެއް އަރުން އެތެރެ ކޮށްލަނީ އެދިގު ތައްޓަށް ޖަހާފައިވާ ހޮޅީގެ އެހީގައެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދިއުމުން ރޫޅާލެވިފައި އޮތް އިސްތަށިތައްވެސް މެދުކެނޑުމެއްނެތި ހަރަކާތް ކުރަމުން ދިޔައެވެ. އަދި ބައެއް އިސްތަށިތައް ލަޔާލް އޮމާން ކޯތާފަތުގައި ބޮސްދެމުން އުފާ ހޯދަމުން ދިޔައެވެ.

ލަޔާލް އެތާގައި ހުންނަތާ އިރުގަނޑެއް ފަހުން އަފްލާކް ކާރުގައި ވަދެގެން އަންނަތަން ފެނިއްޖެއެވެ. އެވަގުތު އޭނާ ހޮޅިއަށް ބާރުލައިފައި ފަހު އެތިފޮދު ބޯލައިފިއެވެ. އަދިވެސް ނުވިރި ހުރި ގިނަ އައިސްކިއުބް ތަކާއެކު ތަށި ތިރީގައި ބަހައްޓައިފައި އޭނާ ދެއުކުޅުގައި އަތްވިދެލިއިރު ރުޅިވެރި ދެލޯ ހުރީ ސީދާ އަފްލާކ ްއަށެވެ. އަފްލާކް އަޅައިވެސް ނުލާ ގޮސް ގަރާޖުގައި ކާރު ބާއްވާފައި ނިކުންނަން ވާއިރަށް ލަޔާލް ގޮސް ހުރީ ކައިރީގައި ޖައްސާފައެވެ. "މިހާރު މަށަށް ސްޕައިވެސް ކުރަން ފެށީތަ؟ ކީއްކުރާނަމޭ ހިތާ އަފްލާކް ތިއުޅެނީ؟ ސްކޯފީލްޑް، އެލެކްސް މަހޯންގެ ޒާތީ މައުލޫމާތު ހޯދައިގެން ގޭމް އަނބުރާލި ގޮތަށް އަހަރެންގެ ޒާތީ ކަންތައްތައް ހޯދައިގެން ކުރި ހޯދަންތަ ތިއުޅެނީ؟ ޓެލްމީ އަފްލާކް ނިޔާފްއަށް ބިރުދައްކައިގެން ކޮންކަމެއް ހާސިލް ކުރަން ތި މަސައްކަތް ކުރަނީ؟" ލަޔާލް ތަނެއް ދޮރެއް ނުބަލައި ގޮސް އަފްލާކްގެ ގަމީސް ދެއަތުން ބޮނޑިކޮށްލައިފިއެވެ. ރުޅި ގަދަވެގެން އޭނާ ހަމަހޭން ނެއްޓިފައިވާ ކަހަލައެވެ. "ވަޓް ރަބިޝް؟" އަފްލާކް ނިއްކުރިއަށް ރޫ އަރުވައިލަމުން ދާދި ފަސޭހައިން ލަޔާލްގެ ދެއަތް ގަމީހުން ވަކިކޮށްލިއެވެ. ފަސްދީފައި ހިނގައިގަތުމުން ލަޔާލް އަދި އެވަރުން ނިންމައިލާކަށް ގަސްތެއް ނުކުރިއެވެ. އޭނާ އަފްލާކްގެ ފަހަތުން ގޮސް އަތްއެލުމުން ހިފުނީ އަފްލާކްގެ މުލައްދަނޑީގައެވެ. ދެވަނަ ސިކުންތުގައި މުޅި ކުއްޖާ ފިނިވެގެން ދިޔައެވެ. އަފްލާކް އެނބުރިލި ވަގުތު އެކުއްލި ބަލައިލުން ލަޔާލްގެ ނޭވާވެސް ތާށި ކޮށްފިއެވެ. ލަޔާލްއަށް ވާނުވާ ރޭކައިލި އިރު އަފްލާކް ހުރީ އޭނާގެ ދެކޮނޑުގައި ހިފާފައި ގެންގޮސް ކާރުގެ ދޮރުފަތުގައި ތަތްކޮށްލައިގެންނެވެ. އަފްލާކް އަނގައިން ބަހެއް ނުބުނެ ހަމައެކަނި އެތޫނު ދެލޮލުން ލަޔާލްއަށް އިންޒާރުގެ ބަސްތައް އިއްވާ ނިންމައިލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ދެން އަނެއްކާވެސް އަނެއް ފަރާތަށް އެނބުރި ހިނގައިގެންފިއެވެ.

"ހޭއި ޔޫ! އަދި މިހިސާބުން މިވާހަކަ ނިމުނީއެއް ނޫން އިނގޭ. އަހަރެން ބޭނުން ޖަވާބު." އަފްލާކް ގޭގެ ދޮރާއި ހަމައަށް ދިޔަ ފަހުން ލަޔާލް ގޮވައިލި އަޑު އިވުނެވެ. ދޮރުން ވަދެވުނުއިރު އަފްލާކް ހުރީ އެއްމިޔަކަނުން ހެވިލާފައެވެ. "ބްރޯ ކޮންކަމަކާ ތިހާ ލޯބިކޮށް ތި ސްމައިލް ވަނީ؟" ސޯފާގައި ޓީވީ ބަލަން އޮތް ނަތާއަށް އަފްލާކް ފެނި ހައިރާންވެގެން ސުވާލު ކޮށްލެވުނެވެ. ދެން ހަމަ ބަސްބުނި ހިނދުން އަފްލާކްގެ އެހިނިތުންވުން ފިލައި އަބަދުވެސް އެހުންނަ ސީރިއަސްކަން އިއާދަ ވެއްޖެއެވެ. "އަމް.... ނަތާ ކިހިނެއްތަ މިހާރު؟" އަފްލާކް އަވަހަށް ވާހަކަ ބަދަލު ކޮށްލައިފައި ނަތާ އޮތް ސޯފާގެ ފުރަގަހަށް ހުއްޓި ވާހަކަ ދެއްކިއެވެ. ނަތާ ރަނގަޅޭ ބުނިފަހުން އޭނާ ހަރުކޮށް ހިނގާފައި ގޮސް ސިޑިން އަރަން ފެށިއެވެ.

ލަޔާލް އެނބުރި އައިސް ވަންއިރު ނަތާ އަދިވެސް އޮތީ ސޯފާގައެވެ. ހުސްތަށި ގެންގޮސް ލައިފައި އައިސް ލަޔާލްވެސް ކޮށްލީ ހަމަ އަފްލާކް ކުރި ސުވާލެވެ. "އަސްލު ކިހިނެއްތަ ވީ؟" ލަޔާލް އައިސް ކައިރީގައި އިށީންދެފައި ނުހަނު ގާތްކޮށް އެހިއެވެ. "ތިބުނީ؟" ނަތާއަށް އެސުވާލުން ހިސާބެއްގެ އުދަނގުލެއް ވިއެވެ. "ނަތާ އެދުވަހު އުޅުނު ގޮތުން އަހަންނަށް ހީވި ހާޓްބްރޯކް ވެގެން އުޅުނުހެން." ލަޔާލް ބުނެލި އެއްޗަކުން ނަތާ ސިހިއްޖެއެވެ. "އަހަރެންގެ އެކްސްޕީރިއެންސެއް ހުރެގެނެއް ނޫން އެކަމަކު. އަހަރެންވެސް ދެކެން އެކުގައި އުޅޭ ކުދިން ބްރޭކްއަޕްވެފަ އައިސް އުޅޭ ގޮތް." ނަތާ ދެލޯ ބޮޑުކޮށްފައި ބަލަން ފެށުމުން ލަޔާލް އިތުރަށް ވާހަކަ ދެއްކި އެވެ.

"ލަޔާގެ ޝައްކު މުޅިއަކުން ގޯހެއް ނޫން." ނަތާ ވިސްނައިލާފައި ބުނެލީ އެވަރަށެވެ. 

ލަޔާލް ލުއި ހިނިތުންވުމަކާއި އެކު ތެދުވެގެން ސިޑިއާއި ދިމާއަށް ދަނިކޮށް ޔާނިޒް އައީ ސިޑިން ފައިބާށެވެ. "ލަޔާ ހިނގާ ބިލިއާޑް ކުޅެން." ޔާނިޒްއަށް ލަޔާލް ފެނިފައި އަވަހަށް ދައުވަތު ދިނެވެ. "ސީރިއަސްލީ؟" ލަޔާލްގެ މޫނުމަތިން ޝައުޤުވެރިކަން ފެނިގެން ދިޔައެވެ. "ޔަހ. ކަމް." ޔާނިޒް ބޯ ޖަހާލައިފައި ލަޔާލް ގޮސް ހަމަވުމުން އަތުގައި ހިފާލައިގެން މިސްރާބު ޖެހީ އަދިވެސް މައްޗަށެވެ. ލަޔާލް ވަންއިރު ހަތަރުވަނަ ބުރި އެއީ މުޅިންވެސް ކުޅިވަރަށް ހާއްސަ ކުރެވިފައިވާ ބައެކޭ ހިތަށް އެރިއެވެ. އެއްތަނުން އެއްކޮޓަރި ބޮޑުވެފައި ބިލިއާޑް އާއި ޓީޓީ ކުޅެވޭ ގޮތަށް ތައްޔާރު ކޮށްފައި ހުއްޓެވެ. ދޮރާއި ހަމައިން ލަޔާލް ކަންބޮޑު ވެއްޖެއެވެ. ގޭގެ ހުރިހާ ފިރިހެން ކުދިން އެއްކޮށް ތިބޭ ތަންތަނުގައި ހުންނަން އޭނާ އަދިވެސް ކަންބޮޑުވެއެވެ. ހާއްސަކޮށް އަފްލާކް އާއި މަފާޒްގެ ކައިރީގައި އޭނާ ހުންނަން ޖެހެނީ ރަކިވެފައެވެ. 

"ހިނގާބަލަ!" ލަޔާލް ހުއްޓުނުތަން ފެނިގެން ޔާނިޒް އަތަށް ދަމައިލިއެވެ. "ލަޔާ އާދެބަލަ. މަފާޒްގެ ނުހަނު ގާތުގައި ކޮނޑުގައި އަތް އަޅުވާލައިގެން ޔަޝާރު ހުރެފައި ގޮވާލިއެވެ. އެވަގުތު މަފާޒްގެ އިތުރުން އަފްލާކްވެސް އިސްއުފުލައި ބަލައިލައިފިއެވެ. ބިންފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ ލަޔާލް ހިތަށް އެރިއެވެ. އެކަމަކު ހިތްވަރު ކޮށްލާފައި ގޮސް އެއްފަރާތަކަށް ހުއްޓިއްޖެއެވެ. 

"މަށަކަށް ނޭނގޭނެ." ލަޔާލްއަށް ޖެހުމުން އޭނާ ރަކިވެގެން އިނގިލީގައި ދަތް އަޅާލައިފިއެވެ. "ދަސްކުރީމައޭ އެނގޭނީ." ޔަޝާރު ވެސް ހުރީ ލަޔާލް ކަންބޮޑުވީވަރު ދެކެފައި ހެވިފައެވެ. ޔާނިޒް ވަރަކަށް ކިޔައިގެން ލަޔާލް ކުޅުނު ފުރަތަމަ ފަހަރުވެސް އެންމެ ސްކޯއެއްވެސް ނުކުރެވުނެވެ. ހުރިހާ ބޯޅަތައް އެކަތި އަނެކައްޗާއި ޖެހިލާފައި ބޯޑު މެދުގައި ހިމޭންވީއެވެ. ލަޔާލް ހިންދެމިލި އިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނީ އަފްލާކް ބަލަން ހުރި ކަމެވެ. އެކަމަކު އޭނާއަށް ފެނުނުއިރަށް އަވަހަށް ނޫން ކަމަށް ހެދިފައި ދުރު ބަލާލައިފިއެވެ. އިރުކޮޅެއް ފަހުން ޔަޝާރުއަށް ފޯނެއް އައިސްގެން ބަލާލައިފައި ސްކްރީނުގައިވާ ނަން ފެނުމުން ދެމަފިރީން އެއްކޮށް އެތަނުން ނިކުމެގެން ދިޔައެވެ. ޔާނިޒް ބޭރުކޮށްލާނެ ގޮތެއް ނޭނގިފައި ލަޔާލް ހުއްޓައި ދިމާވީ ނިކަން ރަނގަޅަށެވެ. އަޒީ ބުނެގެން ޔާނިޒް ހޯދަން ރާމިޒާ އަތުވެގެން ޔާނިޒްވެސް ދާން ހިނގައިގެންފިއެވެ.

"ސޯ.... ޓެލް މީ ނައު! ކޮބާ ޖަވާބު؟" ފުރުސަތު ލިބުމުން ލަޔާލް ހަމަޖެހިލާފައި ފެށިއެވެ. މިހާރަކަށް އައިސް އަފްލާކް ކުރިމަތީގައި އޭނާ ހުންނަނީ ނިކަން އެހެން ކަހަލަ ހިތްވަރެއް ލިބިފައެވެ. އެގޮތަށް ޒުވާބު ކޮށްލުމުން އަޖައިބެއްފަދަ ހިތްހަމަ ޖެހުމެއްވެސް އޭނާއަށް ލިބެއެވެ. "ކޮން ޖަވާބެއްތަ؟" އަފްލާކް ބަލައިވެސް ނުލައި ދަނޑިގަނޑުން ކޮށްޓާލައިފައި ފަހަރަކު ބޯޅައެއް ވަޅާއި އަމާޒު ކުރަމުން ދިޔައެވެ. "ނިޔާފްގެ ފަރާތުން ލިބުނީ ކޮން މައުލޫމާތު ތަކެއްކަން. އަދި އެމައުލޫމާތުގެ އެހީގައި އަހަރެންނަށް ހަދާލަން ގަސްތުކޮށްފައި އޮތް ގޮތްތަކަކީ ކޮބައިކަން." ލަޔާލް ބޯޑުގައި ދެއަތް ވިއްދާލައިގެން ހުރެ ސީދާ އެމޫނަށް ބަލަމުން ދިޔައެވެ. އަފްލާކް ޖަވާބެއް ނުދީ އިރުކޮޅެއް ވުމުން އޭނާ ރުޅިއައިސްގެން ކުރި ކަމަކީ އަނެއްފަރާތަށް އެނބުރިފައި ކުއްލި އަކަށް ފުންމައިގެން އަރައި ބޯޑު މެދުގައި އިށީންދެއްޖެއެވެ. އަފްލާކް ތެދުވެ ހިންދެމިލާފައި ހަތަރުކަޅި ހަމަކޮށްލުމުން އަރިއަކަށް ޖެހިލައިގެން މެދުގައިވާ ހުރިހާ ބޯޅައެއް އެއްފަރާތް ކޮށްލާފައި ބަންޑުން އޮށޯވެ ދެއުޅަބޮށި ވިއްދައި ދަތްދޮޅީގައި ދެއަތުން ހިފަހައްޓާލިއެވެ. "ނައު ޓޯކް!" ލަޔާލް ދެބަސް ދުރުކޮށްލާފައި އަމުރުވެރި ގޮތަކަށް އިއްވައިލި އެވެ. 

އަފްލާކް އަސަރެއް ނެތް ބެލުމަކުން ބަލަން ހުރެފައި ވާހަކަދައްކަން ވެގެން އަނގަ ހުޅުވާލިތަން ލަޔާލްއަށް ފެނުނެވެ. ދެން ހަމަ ކުއްލި އަކަށް މުޅިތަނަށް އަނދިރިކަން ވެރިވެގެން ހިނގައްޖެއެވެ. ލިބުނު ސިހުމުގައި ލަޔާލްގެ އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑު ކޮޓަރި ތެރޭގައި ހަރުލައިގެން ދިޔައެވެ.

ކޮމެންޓް 0