"ނަތާ!" ރާފިލް މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ ގޮވާލިއެވެ. "އަހަރެންގެ އެދުމެއް އެބައޮތް." ވާހަކަ ދައްކަމުން ރާފިލްގެ ނަޒަރު ނަތާގެ މޫނަށް ހުއްޓާލިއެވެ. ނަތާ ޝައުޤުވެރިވެފައި ރާފިލް ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި ބަލަން އިނެވެ. "އަހަރެން ލޯ ހުޅުވާށޭ ބުނަން ދެން ލޯ މަރައިގެން އިނދެފާނަންތަ؟ އިޓްސް އަ ލިލް ސަޕްރައިޒް." ރާފިލް އޮޅުންފިލުވައިދިނެވެ. މާގިނައިރު ނުކޮށް އޭނާ އަނެއްކާވެސް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. "ޔަޤީންނެއްނު." ނަތާ ބަސް އަހާ ޅަ ކުއްޖެއްހެން ހެވިލާފައި ސީޓުގައި ބުރަކަށި ޖައްސާލައިގެން ލޯ މަރާލިއެވެ. އިރުގަނޑެއް ފަހުން ރާފިލް ކަރު މަޑުކޮށްލިކަން އިހްސާސް ވުމުން އަދިވެސް ލޯމަރައިގެން އޭނާ އިނެވެ.
"އޯލްރައިޓް. ދެން ލޯ ހުޅުވާ." ރާފިލް ވާހަކަ ދެއްކި އަޑަށް ނަތާ ލޯ ހުޅުވައިލި އިރު އިނީ އަތް ދިއްކޮށްލައި ގެންނެވެ. ނަތާ ހިނިތުންވުމާއެކު ރާފިލްގެ އަތާއި އަތް ހަވާލު ކޮށްގެން އިންދާ ރާފިލް ފައިބާފައި އޭނާވެސް ބޭލުވިއެވެ. ތިރީގައި ދެފައި ޖެހުމުން ނަތާ އަދި ކިރިޔާ އިސްއުފުލައި ވަށައިގެން ނަޒަރެއް ދިނީއެވެ. ދެވަނަ ސިކުންތުގައި އޭނާގެ މޫނުން ހައިރާންކަން ފައުޅުވެގެން ދިޔައެވެ. ރާފިލް އޭނާ ގޮވައިގެން އަމިއްލަ ގެއަށް އައީ ކީއްކުރަން ހެއްޔެވެ؟ ނަތާ ސުވާލު އުފެދިފައިވާ ނަޒަރަކުން ބަލަން ހުއްޓައި ރާފިލް އެއްޗެއް ނުބުނެ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. އެމޫނުގައި ވީ ހަމަޖެހުމާއި ހަރުދަނާ ކަމެވެ. ރާފިލް އޭނާގެ އަތުތެރޭ އޮތް ނަތާގެ ހިމަ ހޯލި އިނގިލިތަކަށް ބާރު ކޮށްލަމުން އެތެރެއަށް ވަންނަން ދާން ފެށުމުން ނަތާވެސް ދިޔައެވެ.
"ގެއަށް ތިއައީ ކީއްކުރަން؟" ދޮރާއި ހަމައަށް ގޮސް ރާފިލް ބެލް ޖަހާލި ފަހުން ނަތާއަށް ނުހުރެވިގެން އަހާލެވުނެވެ. ރާފިލް އެވަރުންވެސް ޖަވާބު ދިނުން މުހިންމު ކަމަކަށް ނުދެކުނެވެ. ހިނިތުންވެލައިގެން ހުރީއެވެ. "ކޮބާ މަންމަ؟" ނޯކަރު ދޮރު ހުޅުވާލައިފައި އެމީހުންް ވަންނަން ތަންދެއްކުމުން ރާފިލް ނަތާ ގޮވައިގެން ދަމުން ސުވާލު ކުރިއެވެ. "މަންމަ މި އިންނަނީ ހަމަ ތިކުދިންގެ އިންތިޒާރުގައި." ނޯކަރު ކުއްޖާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް މަންމަގެ އަޑު އިވުނެވެ. މަރީނާ ތެދުވީ ސޯފާގައި އިނދެފައެވެ. "މަންމަ އެބަ އަންނަން ބައްޕަ ގޮވައިގެން!" އެވަގުތު މަރީނާ އެތެރެއަށް ދާން ހިނގައިގަތުމުން ނަތާއަށް ބަލައިލެވުނީ އަނެއްކާވެސް ރާފިލްގެ މޫނަށެވެ. އޭނާ މިވާން އުޅޭ ގޮތެއް ނޭނގިގެން ކަންބޮޑު ވެއްޖެއެވެ. "ރިލޭކްސް..." ރާފިލްއަށް ނަތާގެ އަތްތިލަ ފިނިވެފައިވާ މިންވަރު އިހްސާސްވެގެން ބުނެލިއެވެ. ދެޒުވާނުން ކައިރި ކައިރީގައި ސޯފާގައި އިށީންދެލައިގެން ތިއްބާ މަންމަ އާއި ބައްޕަގެ ފަހަތުން އަރިއާން ވެސް ނިކުތެވެ.
"ނަތާ! ގުޑް ޓު ސީ ޔޫ.... ކިހިނެތްތަ؟" އަރިއާންއަށް ނަތާ ފާހަގަ ކުރެވުމުން ހިނިތުންވެފައ އެންމެ ކުރީގައި އައެވެ. އޭނާ ކައިރިއަށް ހުއްޓިލުމުން ނަތާ ތެދުވެފައި ރަނގަޅޭ ބުނެ ޖަވާބު ދިނެވެ.
އެވަގުތު ކާކޮޓަރިން ނިކުތް ނޯކަރުގެ އިޝާރާތް ވިސްނިގެން މަރީނާ ކާން ދާންވީ ކަމުގައި ބުނެ ކުރީގައި ހިނގައިގަތެވެ. ފަސްފަހުން ދެންތިބި މީހުން ގޮސް ކާމޭޒުގެ އެއްކޮޅުގައިވާ ގޮނޑިތައް ފުރާލިއެވެ. "ހާއްސަ ދުވަހަކީތަ؟" މޭޒުމަތި ފަޅުފިލުވާ ލައިފައިވާ ކާއެއްޗެހީގެ އަދަދު ގިނަ ކަމުން އަރިއާން ސުވާލު ކުރިއެވެ. އާރިފު ހީލައިފައި ޖަވާބު ހޯދުމުގެ ގޮތުން މަރީނާއަށް ނަޒަރެއް ދިނެވެ. "މީ ދޮންބެ ބުނެގެން ތައްޔާރު ކުރި ކެއުމެއް. ތީގެ ޖަވާބު އިނގޭނީ ދޮންބެއަށް." މަރީނާވެސް ބަލަން އިނީ ރާފިލް އަށެވެ.
"ބައްޕާ! މަންމާ!" ނަތާގެ އަތާއި އަތް ވަކި ކޮށްލަމުން ރާފިލްގެ ނަޒަރު ކުރިމަތީ ތިބި އާއިލާގެ މެމްބަރުންނަށް ހުއްޓާލައިގެން ވާހަކަ ދައްކަން ފެށިއެވެ. ނަތާ ތެޅި ތެޅި އޮތް ހިތާއެކު ނޭވާވެސް ލާން ނޭނގިފައި އެވާހަކަ އަހަން އިނެވެ. "ފަހަކަށް އައިސް ބައްޕަމެން އަބަދު ދައްކާ ވާހަކައެއް އެއީ އަހަރެން މީހަކާއި އިންނަ ވާހަކަ. އަދި އެވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެން ބުނަން އިންނަން ބޭނުންވާ ކަހަލަ ކުއްޖަކު ލިބުނު ދުވަހަކުން ވާން އޮތް ކަމެކޭ އެއީ." ރާފިލް ކުރީގެ ހަނދާނެއް އާ ކޮށްދެމުން ކުރިއަށް ގެންދިޔައެވެ. "ވެލް... މިހާރު އަހަރެން މިއައީ އިންނަން ބޭނުންވާ ކުއްޖާ ގޮވައިގެން ބައްޕަމެނަށް ދައްކަން." ރާފިލް މެދުކަނޑާލައިފައި ނަތާ އާއި ދިމާއަށް މޫނު އަނބުރާލިއެވެ. ދެން ތިބި މީހުންގެ ލޯތައްވެސް ނަތާއަށް އަމާޒުވެގެން ދިޔައެވެ. އެއިން ކޮންމެ ލޮލެއްގައިވެސް ހިސާބެއްގެ ހައިރާންކަމެއް ވިއެވެ.
"ނަތާ! ހަތަރު އަހަރުގެ ދިގު މުއްދަތެއް ދިނުމަށްފަހު މިއަދު އަހަރެންގެ އާއިލާގެ ކުރިމަތީގައި މިއަހަނީ. ވިލް ޔޫ މެރީ މީ!" ރާފިލްގެ ޖުމްލަ ފުރިހަމަ ކޮށްލީ ޖީބުން ނެގި މަހުމާ ފޮށްޓެއް ނަތާގެ ކުރިމަތީ މޭޒު މަތީ ބަހައްޓާލަމުންނެވެ. ނަތާ ދެލޯ ބޮޑުކޮށްލި ގޮތަށް ބުދެއްހެން ހުއްޓިފައި އިންދާ ރާފިލް ފޮށީގެ މަތި ހިއްލާލުމުން އަރިއާންވެސް "ވާއު" އޭ ކިޔާލިއެވެ.
"އަނގޮޓި އަޅުވަން ވީތަ؟ ނޫނީ އަދި އެއްއަހަރު ވެއިޓް ކުރަންވީތަ؟ ނަތާ ބޭނުމިއްޔާ އެގޮތްވެސް އޯކޭ." ނަތާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ރާފިލް ވާހަކަދެއްކިއެވެ. ނަތާ ސިހިފައި ބަލާލިއިރު ރާފިލްގެ ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ. ނަތާ ކުރިމަތީ ތިބި ރާފިލްގެ މައިން ބަފައިންނަށް ނަޒަރެއް ދިންއިރު އެމީހުން ތިބީ ހިނިތުންވެފައެވެ. ލަސްލަހުން އަތްތިލަ ނަގައި އުފުލާލިއިރު މަޑު ތުރުތުރެއްވެސް ވެރިވެފައި ވިއެވެ. ރާފިލް އަނގޮޓި ފޮށިން ނަގާފައި ނަތާގެ އަތުގައި ހިފައިލުމުން އައިސް ކިއުބެއް މުށަށް ލައި ބޮނޑި ކޮށްލެވުނު ފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ. އޭނާ ނަތާގެ ރަތްވަމުން އައި ރީތި މޫނަށް ބަލަން އިނދެފައި ކަށި އިނގިލީގައި އަނގޮޓި އަޅުވާލިއެވެ. އަރިއާން ނުހަނު ހުޝިޔާރު ކަމާއެކު އެތަސްވީރު ފޯނުގައި ރައްކާ ކޮށްލިއެވެ.
"ބައްޕަ ވަރަށް އުފާވެއްޖެ. ރާފިލްގެ ހޮވުން ވަރަށް ކަމުހިނގައްޖެ. މަރުހަބާ ދެކުދިންނަށް." އާރިފް ވާހަކަ ދެއްކި އަޑަށް ރާފިލްވެސް ނަތާ އަތުން ދޫކޮށްލައި ބައްޕަ އާއި ކުރިމަތިލި އެވެ. "ތެދެއް ބައްޕަ އެބުނީ. ނަތާ އަކީ މާކުރިއްސުރެވެސް މިގޭ ކުއްޖެއް. ޔަޝާރުއަށް އެނގިއްޖެއްޔާ އަދި ވަރަށް އުފާވާނެ." މަރީނާގެ ލޮލުގައި އުފާވެރި ކަމުގެ ކަރުނަ ވިދާތަން ފެނުނެވެ. "ދެން ކޮންއިރަކަށް ކައިވެނި ތި ހަމަޖެއްސީ. ނަތާގެ އާއިލާގެ މީހުން ކައިރީ ބުނެފިންތަ؟" އާރިފް ސުވާލު ކުރިއެވެ. "ނޫން. އެމީހުންނާއި ހިސާބަށް އަހަރެން ދާން ބޭނުމީ ބައްޕަމެނާއެކު. ކަމުގެ ހުރި ސީރިއަސްކަން އެއިރަކުން ނޯޅޭނެ." ރާފިލް ފަހުން ބުނި އެއްޗެއްގެ މާނަ އެތަނުގައި ތިބި އެންމެނަށް އެނގުނެވެ. ހަތަރު އަހަރު ކުރީން އެދެމެދުގައި އޮތް ގުޅުމާއެކު ޖެހުނު މައްސަލައިގެ ވާހަކަވެސް އެމީހުންގެ ކަންފަތާއި ހަމައަށް އޮތީ ފޯރައިފައެވެ.
ކެއުން ނިންމާފައި އެންމެން ނިކުތީ އެކުއެކީގައެވެ. އާރިފް އަތު ކުރީ އޮތް ގަޑިއަށް ނަޒަރެއް ދީފައި އަވަހަށް ނިކުމެގެން ދިޔައެވެ. މަރީނާ ކައިރީ ދާން ޖެހޭ ވާހަކަ ބުނެފައި ރާފިލްވެސް ނަތާ ގޮވައިގެން ނިކުންނަން ދިޔައެވެ. ދޮރާއި ހަމައިން އަރިއާން ގޮވާލި އަޑަށް އެމީހުން ހުއްޓިފައި އެނބުރި ބަލާލިއެވެ. އަރިއާން އައިސް ހުއްޓުނު އިރު ހުރީ ލާނެތް ހިނި އައިއްސައެވެ. "ކިހިނެތްވީ؟" ރާފިލް އަރިއާންގެ ކޮނޑުގައި އަތް ބާއްވާލައިގެން އެހިއެވެ. "ހަމަ ކުރީގެ ހަނދާނެއް އާވެގެން މިއައީ. ނަތާ ކައިރީ ވާހަކައެއް ބުނެލަން ބޭނުމީ. ހަނދާން އެބަހުރި ދޯ ޑިކޭޑްއެއް ކުރިން އަހަރެންގެ އެކުވެރިއެއް ގޮތުގައި މިގެއަށް އައިސް އުޅުނު ހަނދާން. އޭރުވެސް ދޮންބެ ސެޓު ކުރަން ދޯ އައިސް އުޅުނީ؟ އަދި ކިރިޔާ މިގެޓު ވީ. ނަސީބެއްނު އަހަރެން ނަތާއަށް ފޯލް ނުވިކަން. ނޫންނަމަ ދެމީހުން އެކަކާއި ހެދި ފައިޓް ކުރަން ޖެހުނީހީ." އަރިއާން ހެވިފައި ހުރެގެން ދެއްކި ވާހަކަ އިވުމުން ނަތާ ރަކިވެގެން އިސްޖަހާލިއެވެ. ރާފިލް ލުއި ހީލުމަކާއެކު ދެން ދާން އުޅޭށޭ ކިޔައި އަރިއާން ފޮނުވާލައިފައި ނަތާ އަތުގައި ހިފާލައިގެން ކާރަށް އަރަން ދިޔައެވެ.
"ރާފިލް!" ނަތާ ގޮވާލީ ކާރަށް އަރައިފައެވެ. ރާފިލް ސްޓާޓް ކުރަން އުޅެފައި އެއަޑަށް މޫނު އަނބުރާލިއެވެ. ބަލަހައްޓައިގެން އިނދެލާފައި ނަތާ ކުއްލިއަކަށް އަރިވެލައިގެން ރާފިލްގެ މޭގައި ބޯ ޖައްސާލިއެވެ. "ތެންކިއު...." ނަތާގެ އަޑު ކުރެހިގެން ދިޔައެވެ. "ކޮންކަމަކާ؟" ރާފިލް ދެއަތް އުފުލާލުމަށްފަހު ނަތާ ވަށާލައި ބާރަށް ބައްދާލިއެވެ. "އަހަންނަށްޓަކައި އިންތިޒާރު ކުރީމަ. އަހަރެންގެ ހިތުގައި ލޯއްބަށް އޮތް އިތުބާރު ގެއްލުވާ ނުލީމަ." ނަތާ ވާހަކަ ނިމުނުއިރު ރޮވިއްޖެއެވެ. އޭނާ ޅަކުއްޖެއްހެން ގިސްލަމުން ދިޔައިރު ހޯސްލާފައި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހުއްޓުވަން އުނދަގޫ ވެގެން ދިޔައެވެ. "ހޭއި!.... ޑޯން ކްރައި. މީ ނަތާ އުފާ ކުރަންވީ ދުވަސް. ހޭންވީ ދުވަސް. އެހެންނޫނަސް ނަތާއެއް ނޫން ޝުކުރު އަދާ ކުރަންޖެހޭ މީހަކީ. އަހަރެން. އަހަރެންގެ ސަބަބުން ނަތާއަށް ހަތަރު އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނީ. އަހަންނެއް ނޫން އިންތިޒާރު ކުރި މީހަކީ. ނަތާ އިންތިޒާރު ކުރީ. އަހަރެން އެދުވަހު ލާކްދެކެ އައިސް ހުރި ރުޅީގައި އަހަރުމެންގެ މެދުގައި އޮތް ހުރިހާ ގުޅުމެއް ކަނޑާލީ ކޮންމެހެން ލޯބި އިމްތިހާނު ކުރާކަށް ނޫން. ނަތާއަށް ދެރަ ދީގެން ލާކްއަށް އެއިން ގެއްލުމެއް ވޭތޯ." ރާފިލްއަށް އަސަރު ކޮށްގެން ނަތާގެ މޫނުގައި ދެއަތުން ހިފައި ދުރު ކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ. އެވާހަކަތަކަށްފަހުވެސް ނަތާ މަސަލަސް ނުވެގެން އަނެއްކާވެސް މޭގައި ޖައްސާލައި ނަތާ ހަމައަކަށް އެޅެން ފުރުސަތު ދިނެވެ. ކުރިއަށްވުރެވެސް ބާރަށް އެހަށިގަނޑު މެޔާލައި ފިއްތާލަމުން ނަތާގެ ބޮލުގައި އޭނާ ދަތްދޮޅި އަޅުވާލި އެވެ.
އަފްލާކްއަށް ކާކޮޓަރިން ނުނިކުމެވި އުޅެނިކޮށް ކަންފަތުގައި ޖެހުނީ ޖީން ނިކަން އުފާވެރި އަޑަކުން މާމާއޭ ގޮވާލި އަޑެވެ. އަފްލާކް ލަޔާލްއަށް ބަލައިލި އިރު ލަޔާލް ބަލަން ހުރީ އޭނާ އަށެވެ. އެމޫނުގައި ނުތަނަވަސްކަން ވިއެވެ. ޝިވަމް އަތުގައި ހިފާލައިގެން ލަޔާލް އައިސް އަފްލާކްގެ ކައިރިއަށް ހުއްޓި މުލައްދަނޑީގައި އަނެއް އަތުން ހިފަހައްޓާލިއެވެ. "ލާކް ކޯމާގައި އޮތް ދުވަސްވަރު މިގޭގައި ކިތަންމެ ކަމެއް ވަނީ ބަދަލުވެފައި." ހަތަރުކަޅި ހަމަކޮށްލައިގެން ލަޔާލް ބުނެލި ޖުމްލަ އެތަކެއް ވާހަކަ ކިޔައިދިނެވެ. ސުވާލު އުފެދިފައި އަފްލާކް ހުރެގެން ލަޔާލް އާ އެކު ބޭރަށް ނިކުތެވެ. އަނީސާ ޖީން އަތުގައި ހިފައިގެން ވާހަކަ ދައްކަން ހުރެފައި ހިންދެމިލީ އެމީހުން ފެނިގެންނެވެ. ލަޔާލް ބަލައިލި އިރު އަފްލާކްގެ ބުމަ ގޮށް ޖެހިއްޖެއެވެ. އޭނާއަށް އެނގެއެވެ. އަނީސާ އެއީ މިގެއިން ފެންނަން އަފްލާކް އެދޭނެ ފަހު އިންސާނާއެވެ.
"ޓްރަސްޓް މީ... މަންމަ ދައްކަން އެއުޅޭ ވާހަކަ ކިޔައިދޭން އެންމެ އެކަށީގެންވާ މީހަކީ ހަމަ އެއީ." ލަޔާލް އަފްލާކްގެ އަތަށް ބާރުކޮށްލިއެވެ. އަފްލާކް ކުއްލިއަކަށް މޫނު އަނބުރާލައިފައި ފުންކޮށް ބަލާލިއެވެ. ހިތަށް އެރިއެވެ. ލަޔާލް އަނީސާގެ އެހީ ހޯދަން ޖެހުނީ ކޮން ވާހަކައެއް ބުނަން ހެއްޔެވެ؟
އަނީސާއަށް އިޝާރާތުން އަންގާލައިފައި ލަޔާލް އަފްލާކް ގޮވައިގެން މިސްރާބު ޖެހީ މައްޗަށެވެ. ވާހަކަ ދައްކަން އޭނާ އެމީހުންނަށް ހަމަޖެއްސީ އެހެން މީހެއްގެ އުދަނގުލެއް ނުފޯރާނެ ތަނެކެވެ. ސިޑިން އަރާފައި ޝިވަމް ކޮޓަރިއަށް ފޮނުވާލުމަށްފަހު ލަޔާލް އަފްލާކް ގެންގޮސް ކޮރިޑޯގެ ބިތްދޮށުގައިވާ ފެންޑާ ކޮޅަށް ނެރުނެވެ. "ލަޔާއަށް އެނގެއެއްނު އެއަންހެން މީހާދެކެ އަހަރެން ނަފްރަތު ކުރާވަރު." ލަޔާލްގެ އަތް ފޮޅުވާލައިފައި އަފްލާކް ގޮސް އެތާހުރި ތަނބު ކައިރިއަށް ހުއްޓި ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލިއެވެ. "އަހަންނަށް އެނގޭ. އެކަމަކު ލާކް ދުވަހަކުވެސް ވިސްނާލިންތަ މަންމަގެ ސައިޑުން؟" ލަޔާލްގެ ޖުމްލަ ނިމުނުއިރަށް އަފްލާކް އެނބުރި ބަލައިލީ ހައިރާންވެފައެވެ. ބުނެވުނު އެއްޗެއްގެ ގޯސްކަން ލަޔާލްއަށް ވިސްނިގެން ހިންދިރުވައި ލެވުނެވެ. "އަަހަރެން މިހެން މިބުނީ މަންމަގެ މުޅި ސްޓޯރީ އަހަރެންނަށް އެނގޭތީ. ލާކްއަށް ތި އެނގެނީ އެ ސްޓޯރީގެ ބައެއް. ދެން އަހަރެން މިބުނަނީ މަންމަގެ މަޤާމުގައި ލާކްގެ އަމިއްލަ ނަފްސް ބަހައްޓައިގެން ވިސްނާ ވާހަކަ. ލާކް އަހަރެން ދެކެ ވާލޯއްބާ މެދު ކުޑަކޮށްވެސް ޝައްކެއް ނުކުރަން. އަހަރެންނަށް އިނގޭ ކޮންމެ ގޮތަކުންވެސް ލާކް އަހަރެން ހާޞިލް ކުރަން ބޭނުން ވާނެކަން. އެނީވޭ، އެވާހަކަ ބާއްވާ. މިއަދަކީ އެވާހަކައިގެ ދުވަހެއް ނޫން." ލަޔާލް ހުއްޓާލިއެވެ. އަފްލާކް ކައިރީ މަޑު ކުރަން އެދިފައި އޭނާ ތިރިއަށް ދަނިކޮށް އަނީސާ ދިމާވެގެން އަފްލާކް ހުންނާނެ ތަން އޮޅުންފިލުވަ ދީފައި ޖީން ޓިއުޝަނަށް ތައްޔާރު ކުރުވަން އިސްކަން ދިނެވެ.
ޖީންގެ ޓީޗަރު އައިސް ޓިއުޝަން ކުރިއަށް ދާން ފެށުމުން އޭނާ އެނބުރި އަފްލާކްގެ ހާލެއް ބަލައިލަން ބޭނުންވިއެވެ. ލަޔާލް ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ކޮރިޑޯގެ އެންމެ ބިތްދޮށަށް ގޮސް ނުފެންނާހެން ފާރުގައި ތަތްވެލިއެވެ. އެކަކުވެސް ވާހަކަ ދައްކާ އަޑު ނީވުމުން އޭނާ ވިސްނަން ހުއްޓައި އެއް ކަމެއް ފާހަގަވިއެވެ. ލަޔާލްއަށް ޤަބޫލު ނުކުރެވިގެން ސިއްރުން ބޯދިއްކޮށްފައި ބަލައިލުމުން އަނގަމަތީ އަތް އަޅައިލެވުނެވެ. އެތާހުރި ސޯފާގައި އަފްލާކް އާއި އަނީސާ އިށީންދެ އިންއިރު އަފްލާކް އޮތީ އަނީސާގެ އުނގުގައި މޫނު ޖަހައިގެންނެވެ. އަނީސާ ކަރުނަ ފުހެމުން އަފްލާކްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައީ ހިތްވަރު ދޭން އުޅޭ ގޮތަކަށެވެ. ލަޔާލްގެ ލޮލުން ކަރުނަ ނީރާލީ ސަބަބެއް ނެތިއެއް ނޫނެވެ. އަފްލާކް އެގޮތަށް ރޯތީ އޭނާ މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ. އޭނާ އަވަހަށް ލޯ ފުހެލައިފައި ފެނުނުކަން ނާންގަން ވެގެން އެނބުރި ގޮސް ޝިވަމް ކައިރިއަށް ކޮޓަރިއަށް ވަނެވެ.
އިރުގަނޑެއް ފަހުން އަފްލާކް އައިސް ކޮޓަރިއަށް ވަނުމުން ލަޔާލް ބަލައިލިއެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އަފްލާކް ގޮސް ވަނީ ފާޚާނާ އަށެވެ. ލަޔާލް ހިތާއި ދިމާއިން މޭގައި އަތް އަޅާލައިގެން އެތައް އިރަކު އިނދެފައި ގޮސް ފާޚާނާގެ ދޮރުފަތުގައި ކަންފަތް ޖައްސާލިއެވެ. މާގަނޑު ދޫކޮށްލާފައި ހުރި އަޑު އިވުމުން އަފްލާކް ފެންވަރަނީކަން އެނގުނެވެ. އަފްލާކްއަށް ފުރުސަތު ދީފައި އޭނާ އިންދައި އަނީސާ ދޮރު ހުޅުވާލިއެވެ. "ދާންވެގެން މިދަނީ." އަނީސާ ބުނެލިއެވެ. ލަޔާލް ތެދުވެގެން އަވަހަށް ގޮސް އަނީސާގެ ކައިރިއަށް ހުއްޓުނެވެ. "ކިހިނެތް ދިޔައީ އެވާހަކަ؟" ލަޔާލް އިތުރަށް އޮޅުން ފިލުވަންވެގެން އެހިއެވެ. އަފްލާކް ނިކުމެދާނެތީ އޭނާ ބޭރަށް ނިކުމެ ދޮރު ލައްޕާލިއެވެ. އަނީސާ އެއްޗެއް ބުނުމުގެ ބަދަލުގައި ފުރަތަމަ ފުން ނޭވައެއް ދޫކޮށްލިއެވެ. "ދެން އިނގެއެއްނު....." އަނީސާއަށް ވެސް ކިޔައިދޭން ފަސޭހައެއް ނުވިއެވެ. އަފްލާކް އެގޮތަށް އުނގުގައި ބޯ އަޅާލައިގެން ކަރުނަ އޮއްސުމުން އޭނާވެސް އެހުންނަނީ ނިކަން އަސަރު ކޮށްފައެވެ.
"އޭނަ ކައިރީ ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް. އަމިއްލައަށް ބޭނުންވެގެން ފަށައިފިއްޔާ ދެން އެކަމަކު ރަނގަޅުވާނެ ކުޑަކޮށް އެއްބައިވެލިއަސް. އަފްލާކް ހިތްވަރުގަދަ ވާނެ އެހެން ކުދިންނަށްވުރެ. މާބޮޑަށް އެދެރަވީ އޭނާގެ ޣައިރު ހާޒިރުގައި ބައްޕަ ވަކިވެގެން ދިޔައީމަ. ކުޑަ މިނުން ޖަނާޒާގައިވެސް ބައިވެރި ނުވެވުނީމަ." އަނީސާ ފަހުން ބުނެލި ވާހަކަ އެއީ ލަޔާލްވެސް އަމިއްލައަށް ބުނެފައިވާ ވާހަކައެކެވެ.
އަފްލާކް ފެންވަރައިގެން ނިކުތީ ލަޔާލް އެނބުރި ކޮޓަރިއަށް ވަދެ އިންދައެވެ. ޝިވަމްގެ ސުވާލު ތަކަށް ޖަވާބު ދޭން އިނދެފައި ދޮރު ހުޅުވުނު އަޑަށް ބަލާލިއިރު އަފްލާކް ނިކުތީއެވެ. އަފްލާކް ގޮސް އަލަމާރި ކައިރިއަށް ހުއްޓުނުތަން ފެނިގެން ލަޔާލް ފުންމައިގެން ތެދުވެފައި ގޮސް ލާނެ ޓީޝާޓަކާއި ޖިންސެއް ނަގައިދިނެވެ. "ތަނަކަށް ދާންތަ ތިއުޅެނީ؟" ލަޔާލް އަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. "ހޫމ." އަފްލާކް އެއްބަސްވިއެވެ. "އަދި ލާކްއަށް އެކަނި އުޅެވޭވަރެއް ނުވެއެއްނު..." ލަޔާލް ކަންބޮޑުވިއެވެ. "އޮފްކޯސް އައި ކޭން. އެހެންނޫނަސް ދެން ނެތް މިހެން ހުރެވޭކަށް. ވަގުތު އޮތްވާ ކަންކަން ކުރަން ނޫޅެފިއްޔާ ފަހުން ލިބޭ ދެރަ ބޮޑު." އަފްލާކް އެބުނި އެއްޗެއްގެ މާނަ އަދި ކިތަންމެ ސާދާ ވިއަސް އޭގައި ފޮރުވިފައި ވި ހިކްމަތް ލަޔާލްގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. "މިދަނީ މީހަކާއި ބައްދަލު ކޮށްލަން." ލަޔާލް ވިސްނަން ހުއްޓައި އަފްލާކް ޖިންސް ލައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ ޓީޝާޓް މަހާލިއެވެ. އެވަގުތު ޑްރެސިން ޓޭބަލް މަތީ އޮތް ފޯނު ރިންގް ވާން ފެށުމުން އަފްލާކް ބަލައިލާފައި އަވަހަށް އަތަށް ނެގިއެވެ. ސްކްރީނަށް އަރާފައިވާ "ރާފިލް" ގެ ނަމަށް ބަލަން ހުރެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. ލަޔާލް ބަލަން ހުއްޓައި އަފްލާކް ފޯނު ބާއްވާފައި ނިކުމެގެން ދިޔައެވެ. ސުވާލު އުފެދިފައި ހުރެގެން އޭނާ ގޮސް ފޯނު ނަގައި ކޯލް ލޮގް ޗެކް ކޮށްލުމުން ސިހުމެއް ލިބުނެވެ. އަފްލާކް ވާހަކަ ދައްކާފައި އެދިޔައީ ރާފިލް ކަމާއިމެދު އޭނާ އަންތަރީސް ވެއްޖެއެވެ.
ދެއެކުވެރީން ބައްދަލު ކުރީ ރެސްޓޯރެންޓެއްގައެވެ. އަފްލާކް ގޮސް ވަންއިރު ރާފިލް ކުރިއްސުރެ އެތާގައި އިނދެފައި ފެނިގެން އަވަހަށް ކޮޅަށް ތެދުވިއެވެ. "ރާފިލް!" އަފްލާކް ގޮސް ހުއްޓިފައި ގޮވާލިއެވެ. "އަފްލާކް!" ރާފިލްވެސް ނަމުން ގޮވައިލާފައި ދެމީހުންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރި ކޮށްލިއެވެ. ފުރަތަމަ އަފްލާކް އަތުން އިޝާރާތް ކޮށްލުމާއެކު ރާފިލްވެސް ހަމަ އެގޮތަށް އިށީންނަން އިޝާރާތް ކޮށްފައި ދެމީހުން އެކަކު އަނެކަކާއި ކުރިމަތި ލައިގެން އިށީނެވެ. "ސޯ... ކިހިނެތް ލައިފް؟" ކޮފީއަށް އޯޑަރ ދީފައި އަފްލާކް ފުރަތަމަ ފެށިއެވެ. މޭޒުމައްޗަށް ދެއަތް ނަގައި ޖޯޑު ކޮށްލައިގެން އޭނާ ބަލަން އިނީ ސީދާ ރާފިލްގެ މޫނަށެވެ. "ލާކް ކިހިނެތް؟ ލަޔާލް އާއި ދެދަރީން ރަނގަޅުތަ؟" ރާފިލް ޖަވާބު ދީފައި އިތުރަށް އެހިއެވެ. އަފްލާކް ބޯ ޖަހައިލީ ހުރިހާ ސުވާލެއްގެ ޖަވާބުގައި ރަނގަޅޭ ބުނެލި ފަދަ ގޮތަކަށެވެ. "ސޯ.. ކޮންވާހަކައެއް ދައްކަން އަހަރެން ތިގެނައީ؟" އަފްލާކް އެހިއެވެ. "ލާކްވެސް ބުނީމެއްނު ވާހަކައެއް ބުނަން ވެފަ އޮތް ވާހަކަ." ރާފިލްވެސް ހުރީ އޮޅުން ފިލުވަން ބޭނުން ވެފައެވެ. "ކުރިން ބުނާނެ މީހަކު ކަނޑައަޅަން ތިޖެހުނީ.." އަފްލާކް ލުއި އަޑަކުން ހީލަމުން ދުރު ބަލާލިއެވެ. ރާފިލްވެސް އެހުނުމުގައި ބައިވެރިވަމުން އިސްޖަހާލި އެވެ.
"އައެމް ސޮރީ..." އިރުކޮޅަކުން އިސްއުފުލާލި ދެމީހުނަށްމެ އެޖުމްލަ ބޭރު ކޮށްލެވުނީ އެއްފަހަރާ އެއް އަޑަކުންނެވެ.