ލަޔާލް އެއްޗެއް ނުބުނެ ބުދެއްހެން ހުއްޓައި ލޮލުން ވެއްޓުނުތަން ފެނުނީ ކަރުނަ ތިއްކެކެވެ. ޚުދު އަފްލާކްވެސް ހައިރާން ވެގެން ބަލަން އިނދެވުނެވެ. ލަޔާލް އެރޮނީ އުފަލުން ހެއްޔެވެ؟ އެގޮތަށް އަންހެން ކުއްޖަކު އުފަލުން ރޯތަން އޭނާ ދުވަހަކު ވެސް ނުދެކެއެވެ. އަފްލާކް ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ފެނުނީ ލަޔާލް ހިނގައި ގަތް ތަނެވެ. މީގެ ކުރިން ހީކަރުވާނެތީ ނުތެމެން އުޅުނުކަން މިހާރު ހަނދާންނެތް ކަހަލައެވެ. ކުދި ފިޔަވަޅުތަކެއް އައިސް އޭނާގެ ކުރިމައްޗަށް ހުއްޓި އަނގޮޓި އަޅުވަން އަތް ދިއްކޮށްލިފަހުން ލަޔާލްގެ ކެތްތެރިކަން އޭގެ އިމުން ބޭރު ވެއްޖެއެވެ. އަފްލާކް އަނގޮޓި އަޅުވަން ތައްޔާރުވި ތަނުން ކަންފަތުގައި ހަރުލައިގެން ދިޔައީ ލަޔާލްގެ ރުއިމުގެ އަޑެވެ. އިސްއުފުލައިލި އިރު ލަޔާލް ހަމަ ރީތިކޮށްވެސް ރޮނީއެވެ. 

އެމޫނުގައި ބޮސްދެމުން ތިރިއަށް ފިރުކެމުން ދިޔަ އެތައް ހާސް ފެންތިކިތަކާއެކުވެސް އަފްލާކްއަށް ލަޔާލްގެ ކަރުނަތައް ފާހަގަވިއެވެ. އޭނާ މިއަދު މޫނުގައި އަތް އަޅާކަށްވެސް ނޫޅުނެވެ. އަފްލާކްގެ ހިތަށް އެވަގުތު ކުރީ ބަޔާން ކުރަން ދަތި އަސަރެކެވެ. ނަސީބަކުން ފެންކަޅިވި ދެލޯ ވާރޭ ވަންހަނާ ކޮށްދިނެވެ. ހިތަށް އެރިއެވެ. ފުރަތަމަ ލަޔާލްގެ ކަރުނަތައް ފުހެދީފައި ރުއިން ހުއްޓުވަންވީ ހެއްޔެވެ؟ ނޫނީ އަނގޮޓި އަޅުވަންވީ ހެއްޔެވެ؟ އަފްލާކް ދެހިޔާލެއްގައި ހުރެފައި ލަޔާލްގެ ކަށި އިނގިލީގައި އަނގޮޓި އަޅުވައިފިއެވެ. އަދި އެރީތި އިނިގިލި ތަކުގައި ހިފާފައި ގެނެސް ތުންފަތް ޖައްސައިލެވުނީ އިޚުތިޔާރަކު ނޫނެވެ. ކޮޅަށް ތެދުވުމުން ލަޔާލް އެސްފިޔަތައް ތިރިކޮށްލިއެވެ. އެކަމަކު އަދިވެސް ރުއިމަކަށް ބަދަލެއް ނާދެއެވެ. ވެހޭ ވާރެއާއި އެކުވަމުން އޮބެމުން ދިޔަ ނަމަވެސް އެނިސްވާނީ އަޑު އަފްލާކްގެ ހިތުގައި ތޫފާނެއް އުފައްދައިފިއެވެ. 

"ލުކް އެޓް މީ!" ލަސްލަހުން އުފުލައިލި ދެއަތުން ލަޔާލްގެ މޫނުގައި އަފްލާކް ހިފަހައްޓައިލިއެވެ. އަފްލާކް އެހެން ބުނެލި ފަހުންވެސް ލަޔާލް އިސްއުފުލައިލަން ވަގުތުކޮޅެއް ނެގިއެވެ. އަފްލާކްއަށް ފާހަގަ ކުރެވުނީ ކަރުނައިގެ ސަބަބުން އެދެލޯ އިތުރަށް ކަޅުކުލަ ގަދަވެ ރީތި ވެފައިވާ ކަމެވެ. އަދި ނިއްކުރިން ވަކިވެފައިވާ ކުރު އިސްތަށިކޮޅެއް ކޯތާފަތުގައި ތައްލާފައި އޮތެވެ. "ބުނެބަލަ! ކީއްވެ ތިރޮނީ؟" އަފްލާކް ކުރިއަށްވުރެވެސް ކައިރިވެލިއެވެ. ލަޔާލް ޖަވާބުދޭން އުޅުނު ވަގުތު އަފްލާކްގެ ނަޒަރު އެތުންފަތަށް ހުއްޓޭގޮތްވިއެވެ. ވާރޭގެ ސަބަބުން ފިޔާތޮށިކުލަ ގަދަވެފައިވާ ތުންފަތުގައި އުފެދިފައިވި ތުރުތުރާއެކު ބަސްބުނަން ތަޅުވައިލިއެވެ. ދެވަނަ ސިކުންތުގައި ލަޔާލްގެ ރުއިމުގެ އަޑު މެދުކެނޑިގެން ދިޔައެވެ. އަފްލާކްގެ އެކުއްލި ހަރަކާތުން ލަޔާލްގެ ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ދެލޯ ބޮޑުވެފައި އަފްލާކްގެ ދެލޮލަށް ބަލައިލެވުނެވެ. މޫނުގައި ބޮސްދެމުން ދިޔަ ފިނި ފެންތިކިތަކާއެކުވެސް ޖެހިފިތިފައިވާ އަފްލާކްގެ ނޭފަތުން ބޭރުވަމުން ދިޔަ ނޭވާގެ ހޫނުކަން ހުރަހެއްނެތި ލަޔާލްއަށް އިހްސާސް ވާން ފެށިއެވެ. 

"ޝިޓް. ގުގުރި ޖަހަންވެސް އެނގުނީ މިގަޑީގަތަ؟" ސިކުންތުކޮޅެއް ފަހުން ޖެހި ގުގުރީގެ އަޑަށް ދުރަށް ޖެހިލާފައި އަފްލާކް ބުނެލިއެވެ. އިސް އޮބައިލުމާއެކު އޭނާ އެއްއަތް އިސްތަށިގަނޑުގައި ހިންގާލާފައި ތިރިކޮށްލި އެވެ. ހީވީ ހިތް ފުރޭވަރު ނުވެގެން މޫސުމް ދެކެވެސް ރުޅިއައިސްފައިވާ ހެންނެވެ. އެއަޑު އަހާފައި ވަގުތުން ލަޔާލްގެ މޫނު ރަތްވެގެން އައެވެ. އެބުނި އެއްޗަކުން ވަކިން ބޮޑަށް އޭނާ ލަދު ގަނެއްޖެއެވެ. އަފްލާކް ބަލައިލަން ވާއިރަށް އަވަހަށް ލަޔާލް އަނެއް ފަރާތަށް އެނބުރުނެވެ. އަފްލާކްއަށް އިތުރު ފުރުސަތެއް ނުދީ އެތަނުން ދާން ހީކޮށްލައިގެން ހިނގައިގަތް ތަނާ އަނެއްކާ ލިބުނީ އިތުރު ސިހުމެކެވެ. ކުރިއަށް ފިޔަވަޅެއް އެޅުނު އިރު ކަނާއަތްތިލަ އޮތީ އަފްލާކްގެ މުށުތެރޭގައި ރަނގަޅަށް ހައްޔަރުވެފައެވެ. 

"ލާކް! ދެން ދޫކުރޭ. ހީކަރުވައި ގަނެއްޖެ." ލަޔާލް ފަސްއެނބުރި ބަލައިވެސްނުލައި ހުރެގެން ވާހަކަދެއްކިއެވެ. "ތިކަމަށްވެސް ހައްލެއް އެބައޮތް." އަފްލާކް އެބުނި އެއްޗެއް ލަޔާލްއަށް ވިސްނުނެވެ. "ދެން...ނޫން..." ލަޔާލްއަށް ބުނެވުނެވެ. އޭނާ ލަދުން ގޮސް ވިރެން ކައިރިވެއްޖެއެވެ. އަފްލާކް އެކުރި ކަމަކުން އޭނާއަށް ދެން ހަތަރުކަޅި ހަމަކުރާކަށްވެސް ނުކެރޭނެއެވެ. އެކަމަކު އެއް ކަމެއް ޔަޤީންވިއެވެ. މިރޭ އެއީ ހަޔާތު ގައި މިހާތަނަށް އައި އެންމެ ހާއްސަ ރޭގެ ގޮތުގައި ލިޔެވިގެން ދާނެއެވެ. 

"އޯލްރައިޓް." އަފްލާކް ހިތާއި ދެކޮޅަށްވެސް ލަޔާލް އަތުން ދޫކޮށްލި އެވެ. ލަޔާލް ދުވެލާފައި ގޮސް ލޯމަތިން ގެއްލުމުން ދެއަތް ފުޅާ ކޮށްލައިގެން އޭނާ އަދި އިރުކޮޅެއް ވާންދެން ވާރެއިން އުފާ ލިބިގަތެވެ.

"ރާފިލްގެ ކުށެއް ނޫން. އަހަރެންގެ މޮޔަކަން. އެކްސްޕެކްޓޭޝަން ހައިކަމުން ހާޓް ވާން ދިމާވީ. އެހެންނޫނަސް އަހަރެން މީ ކާކު ރާފިލް ޓްރަސްޓް ކުރަން." ނަތާ ކަރުނަ ފުހެލާފައި އިސްޖަހައިލި އެވެ. "އޯހ." ވީގޮތެއް އޮޅުން ފިލުމުން ރާފިލްއަށް ބުނެލެވުނެވެ. "ބުނަންތަ ނަތާ. އަހަރެން ދެކޭ ގޮތުގައި ތީ ވަރަށް ރަނގަޅު ކުއްޖެއް. އަދި އަހަރެން ޤަބޫލެއް ނުކުރަން ނަތާ އަހަރެންނަށް ދޮގު ހަދާފާނެ ކަމަކަށް. ދޮގު ވާހަކައެއް ހިފައިގެން އެގޮތަށް ހިނގައިދާނެ ކަމަކަށް.. އިޓްސް ޖަސްޓް.... ހައްޖަ އެއީ އަހަރެންގެ.... އެނގިއްޖެ ދޯ މިބުނަން އުޅޭ އެއްޗެއް؟" ނަތާއަށް އިތުރަށް އަސަރު ކޮށްފާނެތީ ރާފިލް ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ. "އެނގިއްޖެ. ފުރަތަމަ އޭނަ ގާރލް ފްރެންޑަކަށް ހަދާނީވެސް ޓްރަސްޓް ކުރެވޭތީ ތާ. އިންފެކްޓް އޭނަ އަމިއްލައަށް އެބުނީވެސް ކުޑަބެގެ ވާހަކަ." ނަތާ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލާފައި ހިނގައިގަނެގެން ގޮސް ޑްރެސިންޓޭބަލް މަތީ ހުރި ފުޅިތައް ތަރުތީބު ކުރާކަމަށް ހެދުނެވެ. އޭނާއަށް ރަނގަޅީ ރާފިލް އަވަހަށް އެތަނުން ދިޔައިއްޔާއެވެ. ކޮންމެހެން ގާރލްފްރެންޑާއި ދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ އައިސް އޭނާއަށް ކިޔައިދޭނެ ކަމެއް ނެތެވެ. 

ނަތާ ބޭނުންވާ ގޮތް ރާފިލްއަށް ދޭހަވީ ނޫންކަމެއްވެސް ނޭނގެއެވެ. ދެމީހުން އަނގައިން ނުބުނެ އިރުކޮޅެއް ފާއިތުވެ ދިއުމަށްފަހު ރާފިލް ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. ނަތާ ހުރެފައި ކަމެއް ހަނދާންވެގެން ގޮވައިލީ އެވަގުތުއެވެ. "އިހަށް މަޑުކޮށްބަލަ!" ނަތާ އެނބުރި ބަލައިލިއެވެ. "ހައްޖަ ބުނީ ހަމައެކަނި ކުޑަބެގެ ވާހަކަތަ؟ އިތުރު އެހެން...." ރާފިލް ހުއްޓިފައި ބަލައިލުމުން ނަތާ ވާހަކަދެއްކިއެވެ. "ނަތާ ޅަވީމަ ފަހަރެއްގައި ނުވިސްނިދާނެ. އެކަމަކު އަހަރެންގެ ނަޒަރުގައި ރިލޭޝަންޝިޕެއްގައި އެންމެ މުހިންމީ ޕްރެޒެންޓް. ގަބޫލު ކުރަން، ހުރެދާނެ ކަމަށް ޕާސްޓްގަ ކުށްތަކެއް ކުރެވިފަ. އެކަމަކު އެޕާސްޓް ޑިގް ކުރަން އުޅެގެން ޕްރެޒެންޓްގައި އުޅެން ކޮން ވަގުތެއް އޮންނާނީ؟ އެހެންވެގެން އަހަރެން ހައްޖަ ކައިރީ ބުނެފަ އޮންނާނީ ޕާސްޓްގެ އެއްވެސް ވާހަކައެއް ކިޔައިނުދޭން. މިއަދުވެސް ކުއްލިއަކަށް ނަތާ ފެނުނީމަ ޔާނިޒްގެ ވާހަކަ އެބުނީ." ރާފިލްގެ ޖަވާބުން ނަތާގެ ހިތަށް ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. ހިތަށްއެރިއެވެ. ދުވަހެއްގައިވެސް އޭނާއަށް ރާފިލް ކާމިޔާބު ވާނެ ގޮތެއް ނެތެވެ.

އާ ދުވަހަކަށް އިރު އެރީއެވެ. ލަޔާލް ލޯ ހުޅުވައިލާފައި ފުރަތަމަވެސް ހިނިތުންވެލިއެވެ. މުޅިރޭވެސް އޭނާ ބެލީ އެންމެ ހުވަފެނެކެވެ. އަފްލާކް އާއި ދެމެދު ހިނގާދިޔަ ރީތި ވަގުތުކޮޅު ތަކުރާރު ކޮށްލައިގެންނެވެ. ލަޔާލް ތައްޔާރު ވެލައިގެން ތިރިއަށް ދިޔައިރު ސައިމޭޒު ދޮށުގައި މަދީ އަފްލާކް އެކަންޏެވެ. ޔާނިޒްވެސް އާދަޔާ ޚިލާފަށް މިއަދު ހޭލާ އެބައިނެވެ. ސައިތަށީގައި ތުންޖަހަން ކައިރިވެފައި ހުއްޓައި ފުރަތަމަ ކިބިހި އެޅުނީ ލަޔާލް އަށެވެ. އެއަޑަށް އެންމެންގެ ލޯތައް އޭނާއަށް އަމާޒުވިއެވެ. ނަތާ އެވަގުތުވެސް އިނީ ޓިޝޫ ފޮށި ކައިރިކޮށްލައިގެންނެވެ. "ރޭގައި ވާރެ އާއި ތެމުނު މީހުން މިއޮތް އެނގެނީއެއްނު." ޔާނިޒްގެ ނަޒަރު އެއްފަހަރު ލަޔާލްއަށް އަނެއްފަހަރު ނަތާއަށް ހުއްޓާލަމުން ބުނެލިއެވެ. އެވަގުތު ދޮރާއި ދިމާއިން އިތުރު ކިބިއްސެއްގެ އަޑު އިވިގެން ދިޔައެވެ. "ލާކް ވެސްތަ؟" މަފާޒްއަށް އަފްލާކް ފެނިގެން ބުނެލެވުނެވެ. ކިބިހި އަޅަންވެގެން ނޭފަތް ނިވާކޮށްލި ރުމާ ފަޓްލޫނުގެ ޖީބަށް ކޮށްޕައިލާފައި އޭނާ އައެވެ. ލަޔާލް އަވަހަށް އިސްޖަހާލައިފި އެވެ. ދެންތިބި އެންމެން ކަހަލަ ގޮތަކަށް އެއްފަހަރު ލަޔާލްއަށް އަނެއްފަހަރު އަފްލާކްއަށް ނަޒަރެއް ދިނެވެ. 

"ވަޓް؟" އަފްލާކް އައިސް އިށީންދެފައި އެންމެން ބަލަން ތިބުމުން ހިތްހަމަނުޖެހިފައި އަހައިލިއެވެ. "ރޭގައި ހާދަ ވިއްސާރައެކޭ ކުރީ ދޯ އަފްލާކް." މަފާޒް ދޯދިނެވެ. "ހޫމ... ދެން ކިހިނެތްތަ ވީ؟" އަފްލާކް ވަށްކަޅިއަކުން ލަޔާލްއަށް ބަލައިލާފައި ކޮފީތަށި ކައިރިކޮށްލައިފި އެވެ. "ވާރެއާއި ތެމުނު މީހުންގެ ވާހަކަ މިދައްކަނީ. ނަތާވެސް ލަޔާލްވެސް ކިބިހި އަޅަނީ ހަމަ. އިފް އައެމް ރޯންގް، ލާކްވެސް ދެންމެ ކިބިއްސެއް އެޅިން ދޯ." ޔަޝާރު ފާޑަކަށް ހެވިލާފައި މަފާޒް ކޮޅަށް ހިފައިލިއެވެ. "އަހަރެންނަށް އެނގެނީ އަހަރެން ތެމުނުކަން. އެއީ ތެދެއް ލަޔާލް ތެމުނިންތަ؟" އަފްލާކް ނޫންކަމަށް ހެދިފައި ސުވާލު ކޮށްލި ގޮތުން ލަޔާލްއަށް ލޯބޮޑު ކޮށްލެވުނެވެ. "އަމް.... އަހަރެން.... ލަޔާލް ޖަވާބު ދޭން އުޅެނިކޮށް ޔާނިޒް ކުއްލިއަކަށް އަތަށް ދަމައިލުމުން ސިހިފައި ހުއްޓާލެވުނެވެ. 

"ބަލާބަލަ މިއޮތީ ހެކި ފެންނަން." ލަޔާލްގެ އަތްތިލަ އުފުލާލައިގެން ޔާނިޒް ދެއްކީ ކަށި އިނގިލީގައި އޮތް އަނގޮޓިއެވެ. "އޯ އެމް ޖީ. ލަޔާ އާއެކޭ ބުނީތަ؟" ޔަޝާރު ބާރަކަށް އަހާލިއެވެ. "އާއެކޭ ބުނީ ކޮންކަމަކަށް؟" ނަތާ އިނދެފައި ސުވާލު ކުރިއެވެ. އޭނާއަށް އަދި ވާނުވާއެއް ނޭނގެއެވެ. ޔާނިޒްއަށް ކައިވެނީގެ ޚަބަރު ވީ މަފާޒް އާއި ޔަޝާރު ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. "ދޮންބެ އާއި މެރީ ކުރަން." ޔާނިޒް ޖަވާބުދިނެވެ. ހިނދުކޮޅަކަށް ނަތާގެ މޫނުގެ ކުލަ ބަދަލުވިއެވެ. ކައިވެނީގެ ވާހަކަ އިވިގެން އުފާވުމުގެ ބަދަލުގައި ހިތްދަތިކަން އިހްސާސް ކުރެވުނީ އަމިއްލަ ނަސީބާމެދުގައެވެ. ލަޔާލްގެ ހިނިތުންވުމާއި ރަކިވެގެން އިސް އޮބައިލި ގޮތުން އެންމެންނަށް ޖަވާބު ލިބުނެވެ. "ލަޔާލްގެ ނިންމުމާމެދު ބައްޕަ ވަރަށް އުފާވެއްޖެ." އަޒީގެ އުފާވެރިކަން މޫނުމަތިން އެކަނިވެސް ފައުޅުވިއެވެ. މަފާޒް އާއި ދެންތިބި އެންމެންވެސް އަފްލާކް އަށާއި ލަޔާލްއަށް މަރުހަބާ ކިޔާލީ އުފާވެރި ހިނިތުން ވުންތަކާ އެކުގައެވެ. އިރުކޮޅަކުން ލަޔާލް އެންމެ ކުރީން ތެދުވެގެން ގެއިން ނިކުންނަން ދިޔައެވެ.

"ލަޔާލް!" ލަޔާލްއަށް ގޭޓާއި ހަމައަށް ނުދެވިގެން އުޅެނިކޮށް އަފްލާކް ގޮވައިލި އެވެ. ލަޔާލް ބަލައިލުމުން ހުއްޓި ހުރުމަށް އަތުން އިޝާރާތް ކޮށްފައި އަފްލާކް ގޮސް އެރީ ގަރާޖުގައި އޮތް ކާރަށެވެ. "އަހަރެންގެ ވާން އުޅޭ އަނބިމީހާ ފައިމަގުގައި ކޮލެޖަށް ދާކަށް އަހަރެން ބޭނުމެއް ނޫން." އަފްލާކް ގޮސް ލަޔާލް ކައިރިއަށް ކާރު ހުއްޓާފައި ލޯގަނޑު ތިރި ކޮށްލައިގެން ބުނެލިއެވެ. "އޯހ ހޯހހޯހ... މިހާ އަވަހަށް ޕޮސެސިވް ވާން ފެށީތަ؟ އެހެންނޫނަސް ރޭގައި އަހަރެން އިންނަން އެއްބަސްވީ ތިސިފައިގަ ހުރި ބީސްޓް އަކާއި. ލާކްއަށް ނުވެސް އެނގެއެއްނު އަހަރެން ވާރެއާއި ތެމުނު ކަމެއް." ލަޔާލް ނުލަފާ ގޮތަކަށް ހެވިލާފައި ކުޑަކޮށް ގުދުވެލައިގެން އޮވެ ރައްދު ދިނެވެ. "އަޅެ އަރާބަލަ ދެން." އަފްލާކް އިތުރަށް އެދުމުން ލަޔާލް ދެކޮޅެއް ނުހަދައެވެ.

"އެންމެ ރަނގަޅު. އަތުގައި ތިއޮތީ އެހެންވީމަ ބީސްޓް އެޅުވި އަނގޮޓިއެއް ދޯ. އަހަރެންނަށް ކިޔައި ނުދޭނަންތަ ރޭގައި ދެން ތި ބީސްޓާ ދެމެދު ހިނގި ކަންތައް ތަކުގެ ވާހަކައެއް." އަފްލާކް އިނީ ރަނގަޅު މޫޑެއްގައެވެ. އެގޮތަށް ސަމާސާ ކުރާއަޑު އިވިގެން ލަޔާލްވެސް ހައިރާންވިއެވެ. އޭނާއަށް އަދި ކިރިޔާ އަފްލާކް ދަސްވާން ފެށީއޭ ހިތަށް އަރައިފިއެވެ. އަފްލާކް ކާރު ދުއްވާލި ފަހުން ލަޔާލް ފެށިއެވެ. "ވަރަށް ރޮމޭންޓިކް ބީސްޓްގެ ޕްރޮޕޯސަލް. އަހަރެން އުންމީދުވެސް ނުކުރާވަރުގެ ޕްރޮޕޯސަލްއެއް. އެން...." ލަޔާލް ޖުމްލަ ފުރިހަމަ ކުރަން އުޅެފައި އަފްލާކްއަށް ނަޒަރެއް ދިނެވެ. "އެން؟" އަފްލާކް ބަލަން އިނީ މަގުމައްޗަށެވެ. "އެން ވީ ކިސްޑް." ލަޔާލް ތުންފަތުގައި ދަތް އަޅާލައިފި އެވެ. އެހާ އަވަހަށް ވެސް އެމޫނަށް ރަތްކުލަ ވެރިވެގަތެވެ. 

"ސީރިއަސްކޮށްވެސް ޖެލަސް ވެއްޖެ. އެންމެ ރަނގަޅު ދެން.... ހައު ޔޫ ފެލްޓް؟" އަފްލާކް މޫނު އަނބުރާލައިފައި ބަލައިލީ ސީދާ ލަޔާލްގެ މޫނަށެވެ. އެއީ ހަޤީޤަތުގައިވެސް އޭނާ އަހަން ބޭނުންވެފައި އިން ސުވާލެކެވެ. ކޮލެޖް ކައިރިއަށް ކާރު މަޑުކޮށްލުމުން ލަޔާލް އުޅުނީ ޖަވާބު ނުދީ ފައިބަން ވެގެންނެވެ. "ކޮބާ ޖަވާބު!" އަފްލާކް އަވަހަށް ލަޔާލް އަތުގައި ހިފާފައި ހުއްޓުވިއެވެ. ލަޔާލް މޫނު އަނބުރާލި އިރު އަފްލާކް އިނީ ބަލަހައްޓައިގެންނެވެ. ޖަވާބު ބޭނުންވެފައި އިންވަރު ލޮލުން އެކަނިވެސް ފެނުނެވެ. "އިޓް ވޯޒް މެޖިކަލް." ލަޔާލް ރަކި ހިނިތުންވުމަކާއެކު އިސްޖަހާލައިފި އެވެ. ދެން އިރުކޮޅަކުން އަފްލާކް އަތަށް ދޫ ދިނުމުން ބަލައިލިއިރު އިނީ މަގުމައްޗަށް ބަލަން ހިނިތުންވެފައެވެ. ލަޔާލް ތުންފަތުގައި ދަތް އަޅައިލާފައި އަވަހަށް ފައިބައިގެން ގޮސް ގޭޓުން އެތެރެއަށް ވަނެވެ. 

ބްރޭކް ގަޑީގައި ލަޔާލް އެލްޒީ ކެފޭއަށް ދާން ހީކޮށްލައިގެން ހިނގައިގަތެވެ. ރޭ ވެހުނު ވާރެއަށްފަހު މިއަދުވެސް މޫސުމް ފެންނަނީ މުޅިން ރަނގަޅަކަށް ނޫނެވެ. ހެނދުނުގެ ކުޑަ ވަގުތު ކޮޅަކަށް ނޫނީ އަވީގެ އަސަރެއް ނުކުރެއެވެ. ލަޔާލް ގޮސް ކެފޭ ދޮރުން ވަދެފައި އާދައިގެ މަތިން ތައްޓަށް އެއްޗެހި ހަމަކޮށްލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ލީޒާ ފެނިގެން ހަޤީޤަތް ބުނެދޭން އޭނާ ހިތް މިއަދު ތެޅިގަތީ ކުއްލި އަކަށެވެ. "އިތުރު އެއްޗެއް ބޭނުންވީތަ؟" ލަޔާލް ބަލަހައްޓައިގެން ހުއްޓާ ލީޒާ ވާހަކަ ދެއްކި އަޑަށް ސިހުމެއް ލިބުނެވެ. އޭނާ އަވަހަށް ދެފަރާތަށް ބޯ ހޫރާލައިފައި ގޮސް އިށީންދެލީ އެހެންޏާވެސް އިންނަ މޭޒު ދޮށުގައެވެ. 

ކުޑަމަންމަގެ ފޯނު އައީ ލަޔާލް ނިމެން ކައިރިވެފައި ހުއްޓައެވެ. "ކުޑަމަންމަ ކައިރީ އަހަރެން ވާހަކައެއް އަހައިލަންތަ؟" އިއްތިފާޤުން އެގަޑީގައި އެފޯނު އައުމުން ލަޔާލް ސުވާލު ކުރާ ހިތްވިއެވެ. އެކޮޅުން ވަރަށް ފަސޭހައިން އެއްބަސްވިއެވެ. "އަޅެ ބުނެބަލަ ހީވޭތަ އަހަރެންގެ މަންމައަށް އަހަރެން ފެނިއްޖެއްޔާ ވާހަކަ ދައްކާނެހެން؟" ލަޔާލްގެ ސުވާލު އަހާފައި އެކޮޅުން ހިނދުކޮޅަކަށް ހިމޭންކަން އިޚުތިޔާރު ކުރިއެވެ. ކުޑަ މަންމަގެ ޖަވާބަކަށް ވީ ލަޔާލް ކިޔެވުމުގެ މިދުވަސްވަރުގައި އިތުރު ހިޔާލުތަކުން ސިކުނޑިއަށް ބާރު ބޮޑު ނުކުރުމެވެ. އެޖަވާބުން ލަޔާލްއަށްވެސް ކޮންމެވެސް އެއްޗެއް އެނގިގެން ދިޔައެވެ. ކުޑަ މަންމަ ނުސީދާ ބަހުން އެބުނެލީ އޭނާގެ ހަޤީޤީ މަންމައަށް އޭނާ އެނގުނަސް ގުޅުމެއް ނުބާއްވާނެ ވާހަކައެވެ. "އެންމެ ރަނގަޅު. އިހަށް މިވަގުތު ބާއްވަނީ. މިހާރު ކޮލެޖަށް ދާ ގަޑިވެސް އެބަޖެހޭ." ލަޔާލް ލޮލަށް ގިނަވި ކަރުނަތަކާއެކު ފޯން ކަނޑާލިއެވެ. އިސް އުފުލައިލުމުން ލީޒާ ފެނުނީ ހިނިތުންވެފައި ފޯނެއްގައި އިންދައެވެ. އިތުރަށް ކާހިތްނެތިގެން ފައިސާ ހަވާލު ކުރަން ގޮސް ހުއްޓިފައި އޭނާ ބަލަން ހުރީ ސީދާ ލީޒާގެ މޫނަށެވެ. ލަޔާލް ހުރުމުން ލީޒާވެސް ގިނައިރު ނުކޮށް ފޯން ބާއްވައިފިއެވެ. 

"އަހަރެން ހިތަށް އަރަނީ މިކަހަލަ ތަނެއްގައި މަސައްކަތް ކުރާއިރު ހީވެސް ނުކުރާ ކިތަންމެ ބަޔަކާ ކޮންމެ ދުވަހަކު ބައްދަލުވާނެއޭ. ނޫންތަ؟" ލީޒާ ޖުމްލަ ބުނެދިނުމުން ފައިސާ ހަވާލު ކޮށްފައި ލަޔާލް ފެށިއެވެ. "ރަނގަޅު ވާހަކައެއް. ގެއްލިފައި ހުރި ރައްޓެއްސަކާ ވެސް މިފަހަކުން ދިމާވެއްޖެ." ލީޒާ ހިނިތުން ވުމާއެކު ޖަވާބު ދިނެވެ. "ކިހިނެތް އެނގެނީ ގެއްލިފައި ތިބޭ މައިންނާއި ދަރިންވެސް މިފަދަ ތަންތަނުން ދިމާނުވާނެ ކަމެއް. ހަމައެކަނި ތަފާތަކީ ގިނަ ފަހަރަށް އެކަން އެމީހުންނަށް އިހްސާސް ނުވާކަން." ލަޔާލްއަށް އަސަރު ކޮށްފައި ހުރުމުން ދެއްކުނީ ކުރިން ދުވަހަކު ނުދައްކާ ވާހަކަތަކެވެ. ލީޒާވެސް ބާކީ ފައިސާ ދީފައި ލަޔާލް ނިކުމެގެން ދިޔަފަހުންވެސް ހައިރާންވެފައި ބަލަން ހުއްޓެވެ.

ހަވީރު ސައިގެ ވަގުތުގައި އަޒީ ފޯންކޮށްލަން އިނީ ލިވިންރޫމް ސޯފާއެއްގައެވެ. އިރުކޮޅަކުން މަފާޒް އާއި ޔަޝާރުވެސް އައިސް ޖެހިގެން ހުރި ސޯފާގައި ކައިރި ކައިރީގައި އިށީނެވެ. "ލަޔާލްގެ ކުޑަ މަންމަ އާއި މިވާހަކަ ދެއްކީ. ސަހާމާ ހުރީ ވަރަށް އުފަލުން. އަފްލާކް އާއި ލަޔާލްއަށް ފެންނަ ގޮތަކަށް ކައިވެނީގެ ތާރީހުވެސް ހަމަޖައްސާށޭ އޭނަ ބުނަނީ." އަޒީ ފޯން ނިންމައިލާފައި މަފާޒްއަށް ކިޔައިދިނެވެ. "ބައްޕަ ތިކަމާއި ލާކްގެ ހިޔާލެއް ހޯދިންތަ؟ އޭނަ ބޭނުންވާ ވަކި ދުވަހެއް އޮވެދާނެ ފަހަރެއްގައި." މަފާޒް ރައްދު ދިނެވެ. ލަޔާލް އޭރު ބަދިގެއަށް ވަންނަން އައިސް އައިސްފައި އެމީހުންގެ ވާހަކަ އިވިގެން މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. ކައިވެނި ކުރަން އޭނާވެސް ބޭނުން ނުވަނީއެއް ނޫނެވެ. އެކަމަކު މިހާރު މިފެންނަ މަންޒަރު ތަކަށް ބަލާއިރު ހަފްތާއެއް ދެހަފްތާއެއް ތެރޭގައި ކައިވެނި ހަމަޖެހިގެން ދާނެ ވައްތަރު ޖަހައެވެ. އަދި މިހާ އަވަސް އަރުވާލައިގެން ދަންޏާ އޭނާއަށް އަފްލާކްގެ ހަޤީޤަތް ހޯދަން ފުރުސަތެއް ނުލިބޭނެއެވެ. އަފްލާކް އެވަރަކުން އޭނާ އާއި ދުރުން އުޅެފައި ހަމަ ކުއްލި އަކަށް ކައިވެންޏަށް އެއްބަސްވުން އެއީ އަދިވެސް އޭނާއަށް ނުވިސްނިގެން އުޅޭ ކަމެކެވެ. ހިތް ނޭދުނަސް ޝައްކު ކުރެވެނީއެވެ. ލޯބިވިއަސް ގޯހެއް އުޅޭހެން ހީވަނީ އެވެ. އަދި އެފޯން ކޯލްވެސް ސިކުނޑީގައި ސުވާލުތައް އިތުރު ކުރަނީ އެވެ. 

"ބައްޕަ މިއޮތް ކިޔާ އެއްޗެއް އަހާބަލަ!" އިރުކޮޅަކުން އަފްލާކް އައިސް އިށިންތަނުން މަފާޒް ބުނެލި އެވެ. ލަޔާލް ފެންތައްޓެއް ބޯލައިގެން ނިކުންނަނިކޮށް މަފާޒްގެ ވާހަކަ އިވިގެން ދޮރު ކައިރީ މަޑުކޮށްލި އެވެ. ބޭނުމަކީ އަފްލާކް ބުނާ އެއްޗެއް އަޑު އެހުމެވެ. "ކީކޭތަ؟" އަފްލާކް ބަލައިލީ ބައްޕަގެ މޫނަށެވެ. "ކައިވެނީގެ ވާހަކަ މިދައްކަނީ. ބައްޕަ ބޭނުމެއް ނުވޭ މިކަން މާލަސް ކުރާކަށް." އަޒީ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. "ބައްޕަ ފެންނަ ގޮތެއް އެންމެ ރަނގަޅު ވާނެ." އަފްލާކްގެ ޖަވާބު އަޒީގެ މޫނަށް ހިނިތުންވުން ގެނުވިއެވެ. އަފްލާކް އެއީ ފެށުނީއްސުރެވެސް އޭނާގެ ކިޔަމަންތެރި ދަރިއެކެވެ. ހަމައެކަނި އޭނާ ޚިލާފުވީ ދެވަނަ ކައިވެންޏެއް ކުރުމާއި މެދުގައެވެ. އެކަމަކު ދުވަސްތަކެއް ފަހުން މިއަދު އަޒީގެ އެމުރާދުވެސް ހާސިލްވާން އުޅެނީއެވެ. ކޮޅު ނެތް ކޮޅަށް އުފާވެރިކަން ހުއްޓެވެ. 

އެންމެން ސައިބުއިމާއިގެން އުޅެގަތް ވަގުތު ލަޔާލް ނިކުމެގެން ސިއްރު ސިއްރުން ސިޑި އާއި ދިމާއަށް ދާން ފެށިއެވެ. ތިރީ ހަރުފަތަށް ނޭރިގެން އުޅެނިކޮށް އަފްލާކް ގޮވާލި އަޑަށް އޭނާއަށް ހަޅޭތްވެސް ލަވައިގަނެވުނެވެ. އެނބުރި ބަލައިލި އިރު ހުރެވުނީ މޭގައި އަތް އަޅާލައިގެންނެވެ. "ހާދަ ވަރަކަށް ތި ސިހުނީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ޔާނިޒް ސިޑިން ފައިބާފައި ލަޔާލް ކޮނޑުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކިއެވެ. "އެހެން ހިޔާލެއްގަ ހުރެގެން އައީމަ." ލަޔާލް ޔާނިޒް އެކުގައި ގޮސް އަޒީގެ އިޝާރާތަކަށް ސޯފާގައި އިށީނެވެ. "ބައްޕަ ބޭނުން ވަނީ ދެކުދީންގެ ކައިވެނި އެއް މަސް ފަހުން ކުރަން." އަޒީގެ ނިންމުން އިއްވިއެވެ. އެއަޑު އިވިގެން ލަޔާލްގެ ނަޒަރު ދަތުރު ކުރީ އަފްލާކް އާއި ދިމާއަށެވެ. ބަސް ބުނުމަކާއި ނުލައި އަފްލާކް އެގޮތް ރަނގަޅުތޯ އަހައިލީ އިޝާރާތުންނެވެ. ލަޔާލް ބަލަހައްޓައިގެން ހުރެފައި މަޑުމަޑުން ބޯޖަހައިލި އެވެ. ދެކޮޅު ހެދުމުގެ ބޭނުމެއްވެސް ކޮބައި ހެއްޔެވެ؟ އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް އެއް މަސް ދުވަސް އެދެމެދަށް ލިބޭނެކަން އެނގުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބިގެން އައެވެ. 

އެއް މަސް ދުވަހަކީ މަދު ދުވަހެއް ނޫނެވެ. ކަމެއް ހާސިލް ކުރަން އުޅެފިއްޔާ އެއީ ފުދި އިތުރު ވާވަރުގެ އަދަދެކެވެ. މި އެއްމަސް ދުވަސް ތެރޭގައި ބަދަލުވެގެން ދާނީ ކިތައް ކަންތައް ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ ކުރިއަށް ރޭވިފައިވާ ގޮތް އެނގޭ އެކަކުވެސް ނުވެއެވެ.

ކޮމެންޓް 0