ލަޔާލް ބަލަން އިންދައި ޔާނިޒްގެ ފަހަތުން ވަނީ ޒުވާން އަންހެން ކުއްޖެކެވެ. އިސްކޮޅުން ކުރު ނަމަވެސް ހިމަތޮޅި ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި ހައިރާން ވާހައި އޮމާނެވެ. ކޮނޑަށްވުރެ ތިރިއަށް ދެމިފައިވާ ރާޅުބާނި އިސްތަށިގަނޑު ވަރުގަދައެވެ. ވަށް މޫނާއި ބޮޑު ބޮޑު ދެލޮލެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަ ރަތް ހެދުން ކޮޅުގެ ސަބަބުން ހައްތަހާ ބޮޑަށް ޅަ ވައްތަރު ޖަހައެވެ. ޔާނިޒްވެސް އެހާ ހެނދުނާ ތައްޔާރުވެލައިގެން ހުރީ ބައްޕަގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުންނެވެ. އެހެން ނޫންނަމަ މެންދުރު ނުވަނީސް ލޮލުގެ އެތެރެއެއް ނުފެންނާނެއެވެ. 

އެމީހުން އައިސް ކުރިމަތީގައި އިށީންފަހުން ލަޔާލްގެ ނަޒަރު އަދިވެސް ހުއްޓިފައި ހުރީ ދޮރާއި ދިމާއަށެވެ. އޭނާ އެވަރަކުން ދެކޭ ހިތުން އުޅޭ ފަރާތް ދައްކައިލާނީ އަދި ކިހާ އިރަކުން ހެއްޔެވެ؟ "ރޭގަ ބައްޕަ ބުނީމެއްނު މިގެއަށް މެހުމާނަކު އަންނަ ވާހަކަ. މީ ލަޔާލް." އަޒީ ވާހަކަ ދެއްކި އަޑަށް ލަޔާލް ސިހިފައި ބަލައިލި އިރު ނަސީބަކުން ނަޒަރު ހުއްޓިފައި ހުރީ އަންހެން ދަރިފުޅަށެވެ. "ހައެ! މީ ނަތާ." ބައްޕަ ލޮލުން ކޮށްލި އިޝާރާތް ނަގައި ގަނެވިގެން ނަތާ ހިނިތުންވެފައި އަމިއްލަ ތައާރަފް ދިނެވެ. "ނިޒް!" އެވަގުތު ޔާނިޒްވެސް އަތް އުފުލާލައިފައި ބުނެލިއެވެ. 

"ލަޔާލް! ކީއްވެ ތި އިންނަނީ؟ ދެން ފައްޓަން އުޅޭ. އަދި އަހައެއްވެސް ނުލެވޭދޯ ކޮންއިރަކުން ކޮލެޖަށް ދަނީ؟" ނޯކަރު ހުރިހާ ތަށިތަކަށް ޖޫސް އަޅައި ނިންމާލުމުން އެއް ތަށި ލަޔާލްގެ ކައިރިއަށް ޖައްސައިލަމުން އަޒީ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަށެއް ޖަހާއިރަށް ދާންޖެހޭ." ލަޔާލް ޖޫސްތަށިން އެތިފޮދެއް ރަހަ ބަލައިލިއެވެ. "އެހެންތަ؟ މާ ރަނގަޅަށެއްނު މިދިމާވީ. އަޒީބެ އޮފީހަށް ދާއިރު ލަޔާލް ގެންގޮސްދޭނަން އެހެންވީއިރު." އަޒީގެ ނަޒަރުވެސް ދޮރާއި ދިމާއަށް ހުއްޓޭ ގޮތްވީ ދޮށީ ދަރިފުޅު ދައްކައިނުލީމައެވެ. "ކޮބާތަ ދޮންބެ؟ ހާދަ ލަސްވެއްޖޭ." އަޒީ އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދިނެވެ. "ނޭނގެ." ޔާނިޒް ފާޑަކަށް އިނދެފައި މޭވާ ވަށިގަނޑުން އާފަލެއް ނަގައިގެން ކާން ފެށިއެވެ. ނަތާ އިނީ ޖޫސްތަށީގައި ތުން ޖެހިގޮތަށް ހުއްޓިފައެވެ. 

"މާފު ކުރައްވާ. އަޅުގަނޑު ބުނަން ހަނދާން ނެތިފަ މިހުންނަނީ. އަފްލާކް މިއަދު ތަންކޮޅެއް އަވަހަށް އޮފީހަށް ދުރުވެއްޖެ." ނޯކަރު މީހާ ކުއްލިއަކަށް ހަނދާންވެގެން މަޢާފަށް އެދުނެވެ. އެވަގުތު ލަޔާލްގެ ކަންފަތުގައި ހަރުލައިގެން ދިޔަ އެ ރީތި ނަން ހިތާއި ހިތުން ތަކުރާރު ކޮށްލެވުނެވެ. "އެހެންތަ؟" އަޒީއަށް ހިސާބެއްގެ ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާ އެވަރަކުން ސައިމޭޒު ދޮށުން ބައްދަލު ކުރަން ބުނެފައި އޮތްވާ އަފްލާކް އަންގާނުލައި ދިޔައީ ހެއްޔެވެ؟ އަޒީ ހިތްހަމަ ނުޖެހުނު ނަމަވެސް ލަޔާލްގެ ކުރިމަތީ އެކަމެއް ނުދެއްކިއެވެ. "ހާދަ މަދޭ މީހުން. އެކަމަކު ކުޑަ މަންމަ ބުނި ވަރަށް މީހުން ގިނަ ފެމެލީއެކޭ." ލަޔާލް އިތުރަށް ވާހަކަ ކުރިއަށް ގެންދަން ވެގެން ބުނެލިއެވެ. ކުޑަމަންމަގެ ފަރާތުން އަޒީގެ އަންހެނުން މަރުވިކަން އޭނާއަށް ކުރިއްސުރެ އޮތީ އޮޅުން ފިލާފައެވެ. "އަދި އުޅޭނެ އެކަކު. އަފްލާކް ހަގަށް ހުންނަ މީހާ ކައިވެނިކޮށްގެން ހަނީމޫނަށް ގޮސްވީ. އެދެމީހުން ނެތީމަ އެހާ މީހުން މަދު ކަމަށް ދައްކަނީ." އަޒީ ކިޔައިދިނެވެ.

"ކޮބާ! ލަޔާލް ނިމިގެން ބޭރަށް ނިކުމޭ. އަޒީބެ މަޑު ކުރާނަން ލަޔާލް އަންނަންދެން." އަޒީ ނިންމައިލާފައި ތުން ފުހެމުން ތެދުވިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ އަޒީބެ. އެކަމަކު އަހަރެން އެކަނި ހިނގައިދާނަން. މިތަނާ މާދުރެއްގައެއް ނޫން ކޮލެޖް ހުންނަނީ." ލަޔާލް ބޭނުން ވާ ގޮތް ހާމަ ކުރިއެވެ. ހަތަރުކަޅި ހަމަކޮށްލުމުން އެމޫނުގައިވި އާދޭހުގެ ކުލަވަރު ފެނިގެން އަޒީވެސް ގަދަ އަޅާކަށް ބޭނުމެއް ނުވިއެވެ. "އަޒީބެ ދަނީ. ހަވީރުން ދެން ބައްދަލު ވާނީ. ލަޔާލް އެއްގޮތަކަށްވެސް ކަންބޮޑުވާނެ ކަމެއް ނެތް. އަމިއްލަ ގެކަމަށް ބަލައިގެން އުޅެންވީ. ކަމަކަށް ބޭނުންވަންޏާވެސް ރާމިޒާ ކައިރީ ބުނީމަ ކޮށްދޭނެ. ޔާނިޒް އާއި ނަތާވެސް ހުންނާނެ." އަޒީ ދާންވެގެން އުޅެފައި ލަޔާލްގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ. ލަޔާލް ބޯ ޖަހައިލުމުން އަދި ނިކުތުމުގެ ކުރީން ޔާނިޒް އާއި ނަތާގެ ކައިރީގައި ލަޔާލްއަށް ރަނގަޅަށް ކަންތައް ކުރުމަށް އެންގިއެވެ. 

"އައި ވޯނަ ސްލީޕް." އަޒީ ލޯމަތިން ގެއްލޭއިރަށް ނަތާ ޖޫސްތަށި ބަހައްޓާފައި ފުންމައިގެން ތެދުވިއެވެ. "މަވެސް." އެވަގުތު ޔާނިޒް އިތުރު ކޮށްލިއެވެ. ލަޔާލްއަށް ފެނުނީ ދެމީހުން އެއްފަހަރާ ފުންމައިގެން ތެދުވެފައި ބާރު ބާރަށް ނިކުމެގެން ދިޔަ ތަނެވެ. އެމީހުން އުޅުނު ގޮތުން ފާޑަކަށް ހިނިއައިސް ހުރެފައި ލަޔާލްވެސް އަވަހަށް ދަބަސް ކޮނޑުގައި އަޅުވާލައިގެން ގެއިން ނިކުންނަން މިސްރާބު ޖެހިއެވެ. 

މެންދުރު ހުސް ވަގުތު ލިބިގެން ލަޔާލް ގެއަށް އައިސް ވަންއިރު ޔާނިޒް އަދި ކިރިޔާ އެނދުން ހިއްލައިލީއެވެ. ނިދި މޫނާއި ހޭވިފައިވާ އިސްތަށިގަނޑާއެކު އަރާ އިނީ ސިޓިންރޫމް ސޯފާގައި ވީޑިއޯ ގޭމް ކުޅޭށެވެ. އެސިފައިގައިވެސް ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ލަޔާލް އެންމެ ހައިރާންވީ އެހެންވެއެވެ. "މޯނިން ބޭބް." ލަޔާލް ފެނިގެން އެވަގުތުކޮޅުވެސް ޔާނިޒްގެ ލާނެތްކަން ދައްކާލައިފިއެވެ. ލަޔާލް ފާޑަކަށް ހިނި އައިސްފައި ކޮޓަރި އާއި ދިމާއަށް ދާން އުޅެނިކޮށް ރާމިޒާ ޔާނިޒްގެ ކޮފީތަށި ހިފައިގެން ނިކުމެފައި ކާން ގޮވިއެވެ. "އެބަ އަންނަން ފާޚާނާއަށް ވަދެލާފަ." ލަޔާލް ޖަވާބުދީފައި އެނބުރިގަތް ތަނުން ޖެހުނީ ސިޑިން ފޭބި ނަތާގެ ގައިގައެވެ. 

"ބިޗް!" އެވަގުތު އަތުގައި ހުރި ފޮތްތައް ތިރިއަށް ފައިބައިގެން ދިއުމުން ނަތާއަށް ބުނެލެވުނެވެ. އެއަޑަށް ޔާނިޒްވެސް ސިހިފައި އެދިމާއަށް ބަލާލައިފި އެވެ. ހަތަރުކަޅި ހަމަވީއިރު ދެއަންހެން ކުދީން ތިބީ ފާޑަކަށް އަނގަ ސަކަރާތްވެފައެވެ. "ސޮރީ." ލަޔާލް ގުދުވެ ފޮތްތައް ނަގާފައި ނަތާއަށް ދިއްކޮށްލިއެވެ. "ސީރިއަސްލީ. އެއީ އެއްވެސް ކަމެއް ނޫން. އޮޓޯއިން ނިކުތް ބަހެއް އެއީ." ނަތާ ދެރަވެލާފައި ވާހަކަދެއްކިއެވެ. "ކޫލް." ލަޔާލް ހިނިތުންވެފައި މައްޗަށް އަރައިގެން ދިޔައެވެ. 

ހަވީރު ވެގެން އައިއިރު އަނެއްކާ ވިއްސާރަ ކުލަ ދައްކާލައިފި އެވެ. ލަޔާލް ކޮލެޖުން ނިކުމެގެން ހިނގާފައި އައީ އާދައިގެ ވަރަށްވުރެ ބާރަށެވެ. އެވަރުންވެސް ވާރޭގައި ނުޖެހި ސަލާމަތެއް ނުވެވުނެވެ. ގޭޓުން ވަދެވުނުއިރު ހިސާބަކަށް ތެމިއްޖެއެވެ. ލަޔާލް ދުވެލާފައި އައިސް އަސްކަނި ދޮށަށް ވަދެވުމުން ގެއަށް ވަނުމުގެ ކުރީން މޫނު ފުހެލަން ބޭނުންވިއެވެ. އޭނާ ދަބަހުން ޓިޝޫއެއް ނަގާފައި މޫނުގެ ޖައްސައިލަން އުޅެނިކޮށް ފިޔަވަޅުގެ އަޑު އައީ ސީދާ ކުރިމަތީންނެވެ. އިސްއުފުލައި ލުމުން މޫނާއި ދިމާއަށް ގެންދިޔަ އަތް އޭނާއަށް އެލުވައިލެވުނީ ތިރިއަށެވެ. އަދި އެއަތުގައި އޮތް ޓިޝޫ ވެއްޓި ބިންމަތީ ޖެހިފައި ވައިރޯޅިތަކުގެ އެހީގައި މައްޗަށް އުދުހިގެންފިއެވެ. ފޯނު ކަންފަތުގައި ޖަހާލައިގެން ނިކުންނަން އައި އަފްލާކްގެ ސޫރަ ދެކެފައި އޭގެ މަޤާމް ދޫކޮށް އުދުހިގެންދިޔަ ލަޔާލްގެ ހިތް ފަދައިންނެވެ. މާތްކަލާކޯއެވެ. އޭނާއަށް މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ނޫނީ ސުވަރުގެ ދެވިގެން މަލާއިކަތެއް ފެންނަނީ ނޫން ބާވައެވެ؟ ހަންޖަރެއްގެ މިޔަވެސް ލަޔާލްގެ ކުރިމަތީގައި ނިކަމެތި ވެގެން ދިޔަ ވަގުތުކޮޅެވެ. އެރޭ ފަނޑުއަލީގައި ފެނުނީ ހަމައެކަނި ކުޑަ މިންވަރެކެވެ. 

އަފްލާކްގެ ލޮލަކީ "ތޫނު" މިބަހުގެ އަސްލެވެ. އެމޫނަކީ "ރީތި" މިބަހުގެ ވުޖޫދެވެ. އެހިނގުމާއި ހަށިގަނޑު "ފިރިހެންވަންތަ ކަމުގެ" ރޭހުގައި އެއީ އެއްވަނައެވެ. އިތުރަށް އެސޫރަ ސިފަކޮށްދޭން އުޅެ އޭނާގެ އަނގައިން ބަސް ހުސްވެދާނެއެވެ. އެކަމަކު އެފަދަ ދެވަނަ ސޫރައެއް މިސާލު ޖަހަންވެސް ނުފެންނާނެ ކަން ލަޔާލްއަށް ކަށަވަރުވިއެވެ.

ބިމަށް ޖަހާފައިވާ ހިލައިގެ ބުދެއްހެން ލަޔާލް ހުއްޓައި އަފްލާކް ފެންނަ ކަމަށްވެސް ހަދާނުލައި ގޮސް ކާރަށް އަރައިގެން ދުއްވައިލިއެވެ. އެއަޑަށް ސިއްސައިގެން ގޮއްސައި އެނބުރި ބަލާލިއިރު ކާރު ގޭޓުން ނިކުންނަން ދަނީއެވެ. ލަޔާލް ދޮރާއި ދިމާއަށް އެނބުރިފައި ވައިގެ ތެރޭގައި ހިފާފައިވާ އަފްލާކްގެ ސެންޓް ވަސް އެތެރެ ކޮށްލުމުގެ ގޮތުން ނޭފަތް ދަމައިލިއެވެ. ގެއަށް ވަނުމުގެ ކުރީން އޭނާ އިތުރު ޓިޝޫއެއް ނަގައި މޫނުގައި ހަރުލާފައިވާ ފެން ތިކިތައް ހިއްކައިލިއެވެ.

"ލަޔާލް ތިއައީ ދޯ. ސައިބޯން ވީއެއްނު." ސޯފާގައި ހަތަރެއްގެ ޚަބަރު ސުރުޙީތައް ބަލަން އިން އަޒީއަށް ލަޔާލް ފެނިގެން ވާހަކަދެއްކިއެވެ. "އަންނާނަން އިރުކޮޅަކުން." ލަޔާލް ސިޑިން އަރަން ދިޔައިރު ޔާނިޒްގެ ކޮޓަރިން ލަވައެއްގެ އަޑު އާދެއެވެ. ކުޑަކޮށް ދޮރު ހުޅުވިފައި ހުރެގެން ސިއްރު ސިއްރުން ލޯ ދިންއިރު ޔާނިޒްގެ ކޮޓަރި އޮތް ހާލު ފެނިގެން އަނބުރައި ނުގަތީ ކިރިޔާއެވެ. ކަންފަތް ފަޅައިގެންދާ ވަރަށް އިގިރޭސި ލަވަ ޖަހައިގެން ނެށީމަ މިއުޅޭ ޒުވާނުންނަށް ވީއެވެ. ކޮޓަރި ތެރޭގައި އެއޮތީ ހުރިހާ އެއްޗެއްގެ ތަރުތީބު ގެއްލުވާލައިފައެވެ. ފުން ނޭވައެއް ލައިފައި އޭނާ ހިނގައިގަތެވެ. ލަޔާލް ކޮޓަރިއަށް ވަދެ ފެންވަރަން ހުރެފައިވެސް ހިޔާލު ކޮށްލެވުނީ އަފްލާކް އާމެދުގައެވެ. ހިތަށް އެރިއެވެ. އަފްލާކްއަށް އޭނާ ފެނުނު ބާވައެވެ؟ އަނެއްކާ އޭނާއަށް ހުރެވުނީ ކިހިނެތް ހެއްޔެވެ؟ ދެލޯ ބޮޑުވެ އަނގަ ހުޅުވިފައި ހެއްޔެވެ؟ އަފްލާކް ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ލަޔާލްއަށް ތުންފަތުގައ ދަތް އަޅައިލެވިއްޖެއެވެ. ނުވެސް ދަންނަ މީހަކު ހިތަށް އަރާފާނެހައި އެއްޗަކާއިމެދު އޭނާ ކަންބޮޑު ވާން ފެށީ ކޮންއިރަކު ހެއްޔެވެ؟ އެއީ ބޮޑާމީހެކެވެ. ބަލައިވެސް ނުލައި ކުރިމަތިން އަޅާފައި ދިޔައީ އޭނާ އެއީ ނުފެންނަވަރުގެ ކުނިކޮޅެއް ނޫނިއްޔާއެވެ. އަދި ތައާރަފެއް ލިބިފައި ނެތަސް އޭނާ އެއީ ކާކުކަން ފުރަތަމަ އެނގުނު އެކަކީ އަފްލާކްއެވެ. ގޭގައި އުޅޭ ކުއްޖެއް ވިއްޔާއެވެ. ކުޑަމިނުން ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލި ނަމަ ކީއް ހެއްޔެވެ؟ ޔާނިޒް އާއި ނަތާވެސް އެއީ ހަމަ މިގޭ ކުދިންނެވެ. އެމީހުންވެސް އޭނާ އާއި ވާހަކަ ދައްކައެވެ. ވީއިރު އަފްލާކް ވަކި ނޫންކަމަށް ހެދިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ރަނގަޅަށް ވިއްޔާ ހެނދުނު ސަޔަށްވެސް މަޑުނުކުރީ އޭނާ އިންނާނެކަން އެނގޭތީއެވެ. 

"ގޯޑް!.. މިއަށް ކިޔާނީ ބޮޑުވަރު. ގެއަށް އައިސް ސައުވީސް ގަޑިއިރު ނުވަނީސް ޖަޖް ކުރަން ފެށީ." ލަޔާލް ކުއްލި އަކަށް ބޮލުގައި ދެއަތް އަޅާފައި އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. މާގަނޑު ބަންދުކޮށްފައި ފެން ހިއްކަން އޭނާ ހުރީ ދެލޯމަރައި ތަގުޅި ކޮށްލައިގެންނެވެ. ސިކުނޑިއަށް ވަންނަން އުޅުނު ހިޔާލުތައް ބަންދުކޮށްލަން ވެގެން ކުރި ކަމެއް ކަނނޭނގެއެވެ. 

ނަމާދު ކޮށްލައިގެން ރީތިވާން ހުރިއިރު ހައި ބޮޑު ވެގެން ބަނޑުން އަޑު ކިޔައެވެ. ލަޔާލް ލައިގެން ހުރި ޖިންސާއި އަތްކުރު ޓޮޕްގެ މަތިން ކޮޓަން ފޮތީގެ ޖެކެޓްކޮޅެއް މަހައިލުމުން ދުވަހުގެ މޫސުމަށް އެންމެ އެކަށޭނަ ހެދުމަކަށް ވިއެވެ. ފަންފަން އިސްތަށިގަނޑު މައްޗަށް ނަގައި ވޫލް ކޮޅަކުން އައްސާލައިފައި އޭނާ ތިރިއަށް ދިޔައެވެ. ޔާނިޒް އާއި ނަތާވެސް އޭރު އަޒީގެ ކައިރީގައި ތިބީ ލަޔާލްގެ އިންތިޒާރުގައެވެ. ސޯފާތަކުގެ މެދުގައި ކުޑަ މޭޒުމަތީގައި ތިން ވައްތަރެއްގެ ހެދިކާއާއިއެކު ސައިބޮވޭނެހެން ތައްޔާރު ކޮށްފައި ހުއްޓެވެ. ފޮތިތައް ކަހާލާފައިވާ ކުރިމައްޗާއި ކަނާތްފަރާތު ކުޑަދޮރު ތަކުގެ ބިއްލޫރި ގަނޑުން ވެހެމުން ދިޔަ ބޯ ވާރޭ ފެނެއެވެ. ލަޔާލް އެތަނުން ވަކިން ހުރި ސޯފާއެއްގައި އިށީންދެފައި ބަލަން އިނދެވުނީ ކުރިމަތީގައިވާ ކުޑަދޮރު ތަކާއި ދިމާއަށެވެ. 

ވަޔާއިއެކު އައި ބޮޑެތި ފެންތިކިތައް ބިއްލޫރި ތަކުގައި ބޮސްދީފައި ތިރިއަށް ދެމެމުން ދިޔަ މަންޒަރު ނުހަނު ހިތްގައިމެވެ. ރާމިޒާ ކައިރި ވެލައިފައި ޔާނިޒްއަށް ކޮފީ އަދި އަޒީ އަށާއި ލަޔާލްއަށް ސައި ތައްޔާރު ކޮށްދިނެވެ. ނަތާގެ ހޮޓް ޗޮކްލެޓް ތަށި ހުރީ ތަންކޮޅެއް ކުރީން ގެނެސްދީފައެވެ.

"ކޮބާ ދޮންބެ މިއަދު؟ ނުވެސް ފެނޭ." އެންމެން ސައިބޯން ފެށިފަހުން ނަތާ ވަށައިގެން ނަޒަރެއް ދީ ހޯދައިލިއެވެ. "ރާފިލް ގުޅައިގެންނޭ ކިޔާފައި ބޭރަށް ހިނގައްޖެ. ނޭނގެ އެއްގޮތަކަށްވެސް. މިއަދު ހަމަ ގޭގައި ހަރުލާވަރެއް ނުވޭ." އަޒީ އިތުރު ކޮށްލިއެވެ. "ހީވެއްޖެ އެއްޗެކޭ. ނަތާ ހަނދާންވޭތަ ބްރޯ އެންމެ ފަހުން އެގޮތަށް ގެއަށް ނުވަދެ އުޅުނީ ކޮން ދުވަސްވަރެއްގައި ކަން؟" ޔާނިޒްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. "ބައްޕަ ސާރާ ގެނެސްގެން ގެންގުޅުނު ދުވަސްކޮޅު." ނަތާ އިނދެފައި ކުއްލި އަކަށް ބުނެލިއެވެ. އަޒީ އިނީ އެކުދިން އެބުނަން އުޅޭ އެއްޗެއް މުޅިން ނޭނގިފައެވެ. "ރައިޓް. ލަޔާލް އައީމަ ހީވީ ކަންނޭނގެ ބައްޕަ ބްރޯއަށްޓަކައި ގެނަ އިތުރު ކުއްޖެއް ކަމަށް." ޔާނިޒްގެ ޖުމްލަ ނިމޭއިރަށް ލަޔާލް ސިހިފައި ލޯ ބޮޑުކޮށްލައިފިއެވެ. އެވަގުތު އަޒީގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ލަޔާލް އިނީ ވާނުވާ ނޭނގި މުޅިން އަޖައިބު ވެފައެވެ. އެކަމަކު އެކަކުވެސް އޭނާއަށް އެކަން ސާފުކޮށްދޭކަށް ނޫޅުނެވެ. ޔާނިޒް އާއި ނަތާވެސް ބައްޕައާއި ބައިވެރިވެފައި ފެށީ ހޭށެވެ.

އެރޭ ލަޔާލް ނިދަން އުޅެނިކޮށް ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "ނިޒް؟ އާދޭ އެތެރެއަށް!" ލަޔާލްއަށް ޔާނިޒް ފެނިގެން ބުނެލިގޮތުން ހީވީ މާކުރިއްސުރެ ނުފެނިގެން ހުރި ހެންނެވެ. "ތަބީއަތު ރަނގަޅުތަ އަނެއްކާ؟" ޔާނިޒްވެސް ނުސީދާ ބަހުން އެކަ ފާހަގަ ކޮށްލިއެވެ. ވަށައިގެން ލޯ ހިންގައިލާފައި އޭނާ އައިސް ވެއްޓިގަތީ ލަޔާލްގެ ނިދާ އެނދަށެވެ. "ވަރަށް ގިނައިރުވެއްޖެ އަހަރެން ފުރުސަތެއް ނުލިބިފައި ހުންނަތާ. ނިކަން ބުނެދީބަލަ މިއަދު ސައިގަޑީގައި އަފްލާކް ހީކުރީ އަހަރެންމީ އޭނައަށްޓަކައި ގެނަ ކުއްޖެކޭ ކިޔައިގެން ކޯއްޗެކޭ އެކީ. އަހަރެންނަށް ގެޓެއް ނުވި." ލިޔާމޭޒު ކައިރީ ހުރި ގޮނޑީގެ އަތްގަނޑު ކުރިމައްޗަށް ވާ ގޮތަށް އިށީންދެފައި ލަޔާލް އެހިއެވެ. އެމޫނަށް އެކަނި ބަލައިލުމުންވެސް އޮޅުން ފިލުވަން ބޭނުންވެފައިވާ މިންވަރު ޔާނިޒްއަށް ފެނުނެވެ. 

"ބްރޯގެ މައުލޫމާތު އޮޅުން ފިލުވަން ތިއުޅެނީއަނެއްކާ ކަމެއްތަ؟" ޔާނިޒް ފާޑަކަށް ހީލިއެވެ. "ނަހ." ލަޔާލް ވަގުތުން އަނގައަށް ވައްތަރެއް ޖައްސާލައިފިއެވެ. "އަސްލު ބްރޯގެ ޕާރސަނަލް ކަމެއްގެ ވާހަކަ އެއީ. ބްރޯ ޑިވޯސް ވި ފަހުން އެއްވެސް ކުއްޖަކާއި ގުޅުމެއް ނުބާއްވާ. އެހެންވެ ބައްޕަ އަމިއްލައަށް ދެ ކުއްޖަކު ގެނަ މިގެއަށް. ބްރޯއަށް ކަމުގޮސްގެން ގުޅޭތޯ ބަލަންވެގެން. އެކަމަކު ދެފަހަރުވެސް ފެއިލްވީ. މިފަހަރު ލަޔާ އައީމަވެސް މަށަށް ހީވަނީ ބްރޯ ހީއްކޮށްގެން އެހުންނަނީ ބައްޕަ އެފަދަ ގޮތަކަށް ގެނަ ކުއްޖެއް ކަމަށް. އެހެންވެ ލަޔާ އައިފަހުން ގެއަށް ނުވަދެ އެއުޅެނީ." ޔާނިޒް ކިޔައިދިނެވެ. "އޯހ." އެވާހަކަ އަހާފައި ލަޔާލްއަށް ލައްވައިލެވުނީ އެންމެ އަޑެކެވެ. އިތުރަށް އޮޅުން ފިލުވަން ބޭނުންވިއަސް ސުވާލު ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް އަދި މާއަވަހެވެ. މިގޭތެރޭގައި އުޅެންޏާ ކޮންމެވެސް ގޮތަކުން އޮޅުން ފިލާނެ ދުވަސް އަދި އަންނާނެއެވެ. 

ޖެހިގެން އައި ދެ ދުވަސްވެސް ހޭދަވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. އަފްލާކް ހެނދުނު އެންމެންނަށްވުރެ ކުރީން އޮފީހަށް ދާ މީހާ އެނބުރި އަންނަ ގޮތަށް ދެން އަނެއްކާވެސް ދަނީ ބޭރަށެވެ. އެއަށްފަހު ގެއަށް ވަންނަނީ ދަންވަރު އެންމެން ނިދާ ފަހުންނެވެ. ޔާނިޒްގެ ވާހަކަ އެއީ ތެދެއް ކަމުގައި ލަޔާލްއަށްވެސް ގަބޫލު ކުރެވުނެވެ. އަފްލާކް ހަމަ ގަސްތުގައި އޭނާ އާއި ދުރުހެލިވެގެން އުޅެނީއެވެ.

ހުކުރު ދުވަހެވެ. ބަންދު ދުވަހަކަށް ވުމުން އެންމެން ގޭގައި އުޅެއެވެ. ނާސްތާ ގަޑިއަށް ފަހަރަކު މީހަކު ހޭލައިގެން ތިރިއަށް އަންނަން ފެށިއެވެ. ލަޔާލްވެސް ތައްޔާރު ވެލައިގެން ކޮޓަރިން ނިކުތެވެ. ފަހަތުން ފިޔަވަޅުގެ އަޑު އިވިގެން އެނބުރިފައި ޔާނިޒް ފެނިގެން ލަޔާލް ލޯ ބޮޑުކޮށްލިއެވެ. "އަލަކަށް ނޫން އިނގޭ ފްރައިޑޭ އެއްގަ ހެނދުނު މި ތެދުވީ." ޔާނިޒް ފާޑަކަށް ހީގެންފައި ލަޔާލްގެ ކޮނޑަށް އަތް ވައްޓައިލިއެވެ. "އެކަމަކު ހާދަ ހީނުވެއޭ. އިއްޔެވެސް މެންދުރު ވީއިރު އަދި ލޮލު އެތެރެއެއް ނުފެނޭ." ލަޔާލް ޔާނިޒްގެ އަތް ދުރުކޮށްލިއެވެ. "ނަތާގެ ބީ އެފް އެފް މިއަދު ނާސްތާގަޑީގައި ޖޯއިން ވާ ޚަބަރު ލިބިފަ އޮތީމަ ނުވެސް ނިދުނީ." ޔާނިޒް ލުއި ހީލުމަކާއެކު ކިޔައިދިނެވެ. "އެކަމަކު އޭނައަށް އަހަރެންގެ ޕްލޭން އެނގިއްޖެއްޔާ އައެމް އެ ޑެޑް މޭން. ނުބުނައްޗޭ އިނގޭ!" ޔާނިޒް އާދޭހާއެކު އެދުނެވެ. "ޕްރޮމިސްއެއް ނުކުރެވޭނެ." ލަޔާލް ހީގެންފައި ދުއްވައިގަތީ ސިޑިއާއި ދިމާއަށެވެ. "ހަމަ ތެދެއް މިބުނީ އަތުޖެހުނު އިރަކުން ރަނގަޅު އަދަބެއް ދޭނަން." ޔާނިޒް ގޮވައިލި ވާހަކަ އަހާފައި ލަޔާލް އެނބުރިލިއިރު ދުވެފައި އާދެއެވެ. އެހެންވެ އަވަހަށް ސިޑިން ފައިބަން އުޅެނިކޮށް ލަޔާލްގެ ފައި ކައްސައިލާ ގޮތްވެއްޖެއެވެ. ނިކަން ބާރަށް އަތްގަނޑުގައި ހިފަހައްޓައިލި ނަމަވެސް ހަށިގަނޑު މާބޮޑަށް އަރި އަޅައިލުމުން ކާމިޔާބު ވާގޮތެއް ނުވިއެވެ. 

ލަޔާލްގެ ނޭވާ ކަރުތެރޭގައި ތާށިވެ މުޅި މޭގަނޑުވެސް ފިނިވެގެން ދިޔަ ހިނދު އަނގައިން އަޑެއް ނުނިކުތެވެ. ހަމައެކަނި ކުރެވުނު ކަމަކީ ދެލޯ މަރައި ތަގުޅި ކޮށްލުމެވެ. އެވަގުތު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފަހައްޓައިލުމުން ހަރުފަތުގައި ފައި ހަރުލައިފިއެވެ.

"އިޓްސް އޯކޭ. ޔޫ އާ އޯކޭ ނައު." ލަޔާލް އަދިވެސް ބިރުގަނެފައި ލޯ ހުޅުވަން ނުކެރި ހުއްޓާ އަފްލާކްގެ އަޑު ކަންފަތުގައި ހަރުލައިގެން ދިޔައެވެ. ވަގުތުން އޭނާ ސިހިފައި ލޯ ހުޅުވާލައިފިއެވެ. އަފްލާކް އައީ ކޮރިޑޯގެ އަނެއް ފަރާތުން ބެލްކަންޏަށް ނިކުމެވެން ހުރި މަގުންނެވެ. އެކަމެއް ހިނގިއިރު އޭނާއަށް ހުރެވުނީވެސް ސިޑިއާއި ނުހަނު ގާތުގައެވެ. އިރުކޮޅަކުން ޔާނިޒްގެ ފިޔަވަޅު އަޑަށް އަފްލާކް އަވަހަށް ލަޔާލްގެ އަތުން ދޫކޮށްލައިފައި ސިޑިން ފައިބައިގެން ތިރިއަށް ހިނގައްޖެއެވެ. ލަޔާލް އަދިވެސް ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރިފައި ބާރު ބާރަށް ސިޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުއްޓާ ޔާނިޒް އައިސް އަރާ ހަމަވިއެވެ. "ހިނގާ އަހަރެންނާއެކު!" ޔާނިޒްއަށް ލަޔާލްގެ ހުދުވެފައިވާ މޫނު ފެނިގެން އެހީތެރިވާން ނިންމިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލައިފައި ލަޔާލް ޔާނިޒްގެ އަތުގައި ހިފައިލި އިރު ނިއްކުރީގައި ދާތިކިތައް މުތީ ފަދައިން ބަރި ޖަހާލައިފި އެވެ. ތިރިއަށް ފައިބައިފައި ޔާނިޒް ފުރަތަމަވެސް ލަޔާލް ގެންގޮސް ސޯފާގައި ބޭންދިއެވެ. 

ނާސްތާ ލިވިންރޫމްގައި އޮތުމުން އެވަގުތު އަޒީ އާއި އަފްލާކްވެސް ސޯފާތަކުގައި އިށީންދެލައިގެން ތިއްބެވެ. 

ކޮމެންޓް 0