"ބުނޭ ތީ ކާކު؟" އަފްލާކް ހަމައިން ނެއްޓިފައިވާ މީހަކު ފަދައިން ޒުވާނާގެ މޫނަށް ގޮށްމުށުގެ އެތިފަހަރުތައް ދޫކުރަން ފެށީ ތަނެއް ދޮރެއް ނުބަލައެވެ. އިސާހިތަކު އޭނާގެ އަނގައިންނާއި ނޭފަތުން ލޭ އޮހިގެންފިއެވެ. އޭނާ ރޮއި ރޮއިފައި ދެއްކި ވާހަކައިން އެނގުނީ އެއީ ހަމައެކަނި އަނދިރީން ނާޖާއިޒު ފައިދާ ނަގަން އައި ވަގެއް ކަމެވެ. ވަޅި އޭނާ ގެނައީ އަމިއްލަ ސަލާމަތަށްޓަކައެވެ. އެކަމަކު ލަޔާލް އާއި ދެމީހުންގެ މެދުގައި ހިނގި ހިފާ އޮޅުލުމުގައި އެވަޅީން ޒަޚަމްތަކެއް ލިބުނީ އެވެ. އެހިސާބުން އަފްލާކްއަށް ފާހަގަ ކުރެވުނީ ޒުވާނާގެ އަތުންވެސް ބޮޑު ތަންގަނޑެއް ކަނޑައިގެން ގޮސް ލޭ އޮހޮރެމުން ދިޔަ ކަމެވެ. އަފްލާކް އެވަރުން ވެސް މައިތިރި ވާކަށް ނޫޅުނެވެ. ހީވަނީ ޒުވާނާގެ ފުރާނަ ހުއްޓާ ދޫކޮށް ނުލާން ހުވާކޮށްގެން ހުރި ހެންނެވެ. މަފާޒް އާއި ޔާނިޒް އައިސް ދެފަރާތުން ހިފެހެއްޓި ފަހުންވެސް އަދި އެއްފަހަރު ޒުވާނާގެ މޫނުގައި ބޮނޑިއެއް އެޅިއެވެ.

"ބައްޕާ! އިޒް ޝީ ގޮނަ ބީ އޯކޭ؟" އިރުކޮޅަކުން ނަތާ ވާހަކަ ދެއްކި އަޑަށް އެންމެންގެ ނަޒަރު އަޒީއަށް ހުއްޓުނެވެ. އަޒީ ކުޑަ ކަކޫ ޖަހާލައިގެން އިނދެ ލަޔާލްގެ ވިންދު ޗެކްކޮށްލާފައި ތެދުވެ އަތުގައި ހޭކިފައިވާ ލޭތައް ރުމާލުން ފުހެލި އެވެ. "އިރާދަ ކުރެއްވިއްޔާ ލަޔާލްއަށް ދެރަ ގޮތެއް ނުވާނެ." އަޒީ އުންމީދު އާކޮށްދޭ ފަދަ ގޮތަކަށް ޖަވާބު ދިނެވެ.

މަފާޒް ކާރު ނެރެން ދުއްވައި ގަތުމުން ޔާނިޒް އެވަގުތު ކައިރިވެލީ ލަޔާލް ނަގަން ވެގެންނެވެ. "ބައްޕަމެން ދޭ ހޮސްޕިޓަލަށް. އައި ވިލް ޓޭކް ކެއަރ އޮފް ހިމް." އަފްލާކްގެ ރުޅިވެރި ދެލޯ ޒުވާނާއަށް އަމާޒު ކޮށްލަމުން އަދިވެސް އެއްފަހަރު އޭނާ ގެންގޮސް ފާރަށް ތަތްކޮށްލިއެވެ. ޚުދު އޭނާވެސް އަފްލާކް ބަލައިލާ ކޮންމެ ފަހަރަކު ބިރުން ސިހެއެވެ. ކަނޑިއެއްފަދަ ތޫނު ލޮލުން އަސަރު ފޯރުވަނީ އަންހެން ކުދިންގެ ހިތްތަކަށް އެކަންޏެއް ނޫނެވެ.

ނަސީބަކުން އެމީހުން ހޮސްޕިޓަލަށް ފޯރަން ވާއިރަށް ކަރަންޓް ވެސް އަތުވެއްޖެއެވެ. އޭގެ އިރުގަނޑެއް ފަހުން ލަޔާލްއަށް ހޭވެރިކަން އައިއިރު އެންމެން ވަށާލައިގެން ތިއްބެވެ. ލޯ ހުޅުވައިލުމުން ފުރަތަމަވެސް އިހްސާސް ކުރެވުނީ ބޮލާއެކު ނިއްކުރީގެ ބޮޑުބައެއް ބެންޑޭޖް ކޮށްފައި އޮތް ކަމެވެ. އަދި އަތާއި ކޮނޑުންވެސް ވިންދު ޖަހައެވެ. "އަހަރެން ކޮންތާކު މިއޮތީ؟" ލަޔާލް ކުޑަކުއްޖެއްހެން ލޯ ބޮޑުކޮށްގެން ވަށައިގެން ހޯދައިލާފައި ސުވާލު ކުރިއެވެ. "ނޯ ވޮރީސް ބޭބީ ގާރލް. ތިޔަ އޮތީ އަދި ދުނިޔޭގައި." ޔާނިޒް އެންމެން ކައިރީގައި ހުރެފައި އެނދުގެ މަގަތުގައި ކުޑަކޮށް އިށީންދެލައިގެން ޖަވާބު ދިނެވެ. ޕްރައިވެޓް ރޫމްގައި އަފްލާކް ހުރީ އެންމެ ދުރުގައި ފާރުގައި ލަތްގަނެލައިގެންނެވެ. ލަޔާލް ވާހަކަ ދެއްކި އަޑަށް އޭނާވެސް އިސް އުފުލައިލާފައި ބަލައިލިއެވެ. 

"އީޒީ....!" ލަޔާލް ތެދުވަން އުޅުމުން ޔަޝާރު އެކަން މަނާކޮށްފައި ބުނެލިއެވެ. "ދެން އެކަމަކު އަހަރެންނަކަށް ނޯވެވޭނެ މިތާކު. އައި ހޭޓް ހޮސްޕިޓަލްސް. ދުވަހަކު އަދި މިހާތަނަށް އެޑްމިޓް ވެސް ނުކުރޭ. އަދި ބެންޑޭޖްގަނޑުވެސް މުޅިމޫނާއި ބޮލުގަ އޮޅަން ޖެހޭތަ؟ ޔާނިޒް ހައު ޑޫ އައި ލުކް؟ މަމީއެއްހެން ދޯ ހީވަނީ؟" ލަޔާލް މޫނަށާއި އަނގައަށް ނުބައި ވައްތަރު ޖައްސާފައި ދެއްކި ވާހަކަތަކުން އެންމެންގެ ތުންފަތަށް ހިނިތުންވުން ގެނައެވެ. "ދެން ކިތަންމެ އޮންނަ ހިތް ނުވިއަސް ތި އައިވީ ހުސްވީމަ ގެއަށް ދެވޭނީ. ކެތްކޮށްލާ. ފުރަތަމަވެސް ގަޓުގަ ހަނގުރާމައަށް ނިކުތުމުގެ ކުރިން މިކަހަލަ ކަމެއް ހިނގައިފާނެ ކަމަށް ވިސްނާލި ނަމަ ދޯ." މަފާޒްވެސް ހިނިއައިސްފައި ލަޔާލްއަށް ރައްދު ދިނެވެ. "ހޫމ ދެން އެންމެން ގެއަށް ދާން އުޅޭ. ބައްޕަ މަޑުކުރާނަން ލަޔާލް ކައިރީ." އަޒީ އެންމެން ސަމާލުކަމަށް ގެނުވާފައި އެންގިއެވެ. 

ހުރިހާ އެންމެން ނިކުންނަން ދިޔައިރު އަފްލާކް އެންމެ ފަހަތުގައި ހުރެފައި ދޮރާއި ހަމައިން އަނބުރާ އަންނަން ހިނގައިގަތެވެ. ދެންތިބި މީހުން އަމިއްލަ ވާހަކައެއްގައި ތިބެގެން ނިކުމެގެން ދިޔައިރު އެކަމެއް ނޯޓެއް ނުކުރެވުނެވެ. އަނެއްކޮޅުން އަޒީ ވެސް ނޫންކަމަށް ހެދިފައި ފޯނާއި ކުޅެމުން ގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. ލަޔާލްއަށް އަފްލާކް އައިސް ހުއްޓުނުތަން ފެނިގެން އެސްފިޔަޖަހާނުލައި ބަލަން އޮތެވެ. ހިތް ތެޅިގަތީ އަފްލާކް ބުނަން އެއުޅޭ އެއްޗެއް އަހާ ހިތުން ކެތްމަދު ވެފައެވެ. މިރޭ ފުރަތަމަ ފަހަރަށް އެމޫނުން ހަމަދަރްދީގެ ކުލަވަރު ފެނިގެން އޭނާގެ ހިތަށް އަޖައިބެއްފަދަ ހަމަޖެހުމެއް ލިބިފައިވެއެވެ.

"ކޮންގްރެޓްސް." އަފްލާކް ބަލަން ހުރެލާފައި ބުނެލި ވާހަކައިން ލަޔާލް ހައިރާން ކޮށްފިއެވެ. "ލައިފްގަ ފުރަތަމަ ފަހަރަށް ފެއިންޓްވީމަ.... ރިމެމްބަރ؟" ލަޔާލް ސިކުނޑިއަށް ބާރުލަމުން ދަނިކޮށް އަފްލާކް އަނެއްކާ ވާހަކަ ދެއްކިއެވެ. ލަޔާލްގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން އައީ ފިނިފެންމަލެއްވެސް ފޮޅިގެންދާ ފަދަ ފަރިކޮށެވެ. "އޯހ އަދި އެއް ކަންތައް. ހަމަ މިއަދު ފަސްޓް ޓައިމް އެޑްމިޑް ވެސް ކުރީ." އަފްލާކް އިތުރު ކޮށްލާފައި އެއްލޯ މަރައިލީ އެއްމިޔަކަނުން ހިނިތުންވެލައިފައެވެ. ހަމަ އެސިކުންތު ތެރޭގައި ލަޔާލް އެތަކެއް ފަހަރު އެސްފިޔަ ޖަހާލައި ހުޅުވައިލީ ލޮލަށް ފެނުނު މަންޒަރު ޤަބޫލު ނުކުރެވިގެން އުޅޭ މީހަކު ފަދައިންނެވެ. ހިނދުކޮޅަކަށް މުޅި ދުނިޔެ މަޑު ޖެހިލިހެން ހީވިއެވެ. އޭނާ އެގޮތުގައި ދޫކޮށްލައިފައި އަފްލާކް ނިކުމެގެން ދިޔަ ފަހުން އަދިވެސް ދޮރާއި ދިމާއަށް ބަލަން އޮވެވުނީ ހިނިތުންވެފައެވެ. ޔަޤީނުންވެސް މިހާވަރަށް އުފާވި ދުވަހެއް އަދި އޭނާގެ ހަޔާތުގައި ދެކެފައެއް ނުވެއެވެ. އަފްލާކްގެ އެންމެ ހިނިތުން ވުމަކުން ދުނިޔޭގައިވާ ހުރިހާ އެއްޗެއް އޭނާގެ އުނގަށް އަޅައިލި ފަދައެވެ. 

"އޯހ ގޯޑް. އަހަންނަށް ކިހިނެއް މިވަނީ؟" ލަޔާލް އުފަލުން ދެފައި ތަޅައިގަތް އިރު ލިބިފައިވާ ޒަޚަމްތަކުގެ މަތިން ކުޑަކޮށްވެސް ހަނދާނެއް ނުވިއެވެ. ދެން ތަދުވެގެން ފާޑަކަށް ރޮއިގެންފައި އެނދުގައި ހިމޭންވެއްޖެއެވެ. އެއަޑަށް އަޒީ އެނބުރިފައި ލަޔާލް އެކަނި އޮތުމުން އައިސް ވީ ކީއްތޯ ސުވާލު ކުރިއެވެ. ލަޔާލް ވާހަކަ ހަދައިލީ ފޫހިވަނީއޭ ކިޔައިގެންނެވެ. ބުނެވުނީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫނެވެ. އަފްލާކް ނިކުމެގެން ދިއުމުން އަދި ކުރިއަށްވުރެވެސް ބޮޑަށް އެހަތަރު ފާރުދެކެ އޭނާ ފޫހިވެ އެތަނުން ނިކުންނަން ހިތް އެދެން ފެށިއެވެ.

ބާރަ ޖަހަން ކައިރިވެފައި ހުއްޓާ ލަޔާލް ގެއަށް ގޮސް ވަންއިރު އެންމެން އިންތިޒާރުގައި ތިއްބެވެ. ކާރު އައިސް ވަންއަޑަށް ސޯފާތަކުގައި ތިބި އެންމެން ތެދުވެގެން ދޮރާއި ހަމައަށް ދިޔައެވެ. "ހުރިހާ ކަމެއްވެސް ރަނގަޅު. ލަޔާލްއަށް މިވަގުތު ބޭނުން ވަނީ އަރާމު. ނަތާ ދޭ ލަޔާލް ކޮޓަރި އާއި ހަމައަށް ގެންގޮސްދޭން." އެންމެން ސުވާލު ކުރަން ތައްޔާރުވިތަން ފެނިގެން އަޒީ އަތުން މަނާކޮށްފައި ވާހަކަ ދެއްކި އެވެ. "ލަޔާ! ހިނގާ އަހަރެންނާއެކު!" ނަތާ ކުރިއަށް ޖެހިލާފައި ލަޔާލް އަތުގައި ހިފައިގެން ދާން ފެށިއެވެ. އެވަގުތު ޔާނިޒް ވެސް އެމީހުން ފަހަތުން އަޅުވާލައިފި އެވެ. އަޒީ އާއި ވާހަކަ ދައްކަމުން ދެންތިބި މީހުން ގޮސް އިށީންދެލީ ސޯފާތަކުގައެވެ. އަފްލާކް ގުޅުވާލެވިފައިވާ ދެއަތްތިލަ ދަތްދޮޅީގައި ވިއްދައިގެން ހިމޭންކަމާއެކު އަޑު އަހަން އިނދެފައި ސިއްރު ލޮލަކުން ލަޔާލްއަށް ބަލައިލި އެވެ. ބޮލާއި ކޮނޑާއި މުލައްދަނޑީގައިވެސް މާ ފުން ޒަޚަމްތަކެއް ނެތުމުން ލަޔާލްގެ ހާލަތު ގޯހެއް ނޫނެވެ. ނޭނގި ނަމަވެސް އަފްލާކްގެ ހިތަށް އެކަމުން ހަމަޖެހުން ގެނެސްދިނެވެ. 

"ހޭއި މަމީ! ބޭނުމިއްޔާ އުރާލައިގެންވެސް ގެންގޮސްދީފާނަން." ޔާނިޒް ސިޑިން އަރަން ފަށާފައި ނަތާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. "އަދި އޭނާގެ ދެފައި ހުރީ ސަލާމަތުން." ނަތާ ލޯ އަޅާފައި ޔާނިޒް އަތް ފޮޅުވާލައިފި އެވެ. "މަވެސް ނުބުނަމޭ ތި ނޫނެކޭ. އެކަމަކު އެހާލުގަ ހުއްޓަ އިތުރު ތަކްލީފެއް ނުޖައްސަންވެގެން. ގައިމު އޭނާއަށްވެސް ފަސޭހަވާނެ. ނޫންތަ ލަޔާ؟" ޔާނިޒް ނުރުހިގެން ކަމަށް ހަދާފައި ނަތާގެ އިސްތަށިގަނޑަށް ދަމައިގެން ތަދު ކޮށްލާފައި އަވަހަށް ލަޔާލްގެ އަނެއްފަރާތަށް ހިނގައްޖެއެވެ. "ސޯ ސްވީޓް އޮފް ޔޫ." ލަޔާލް ހެވިލާފައި އެއްބައިވެލީ ޔާނިޒްއާއެވެ. "އޯހ ޕްލީޒް." ނަތާ ފާޑަކަށް އަނގަ ހަދައިލިއެވެ. "ކޮބާ ހީވޭ. ލަޔާއަށް އިނގޭތަ މިގޭ އެހެން ހުރިހާ ކުދިންނާއި މީނަ ތަފާތުވާނެ. އިނގޭތަ އޭގެ ފަހަތުގައިވާ ބިގް ސީކްރެޓް؟ މީ ބައްޕަ ރަށެއްގެ ގޮނޑުދޮށުން ހޮވައިގެން ގެނަ ކުއްޖެއް..." ޔާނިޒް ބޭނުންވީ ނަތާ ރުޅި އަރުވާށެވެ. 

ޔާނިޒްގެ ޖުމްލަ ފުރިހަމަ ނުވަނީސް ނަތާ ގޮސް އޭނަގެ ގަޔަށް އަރައިގެންފި އެވެ. ނަތާ ޔާނިޒްގެ މޭގައި ތަޅައި ބޮލަށް ދަމައި ހަދަން ފެށުމުން ކެތްނުވެގެން އަތުގައި ހިފައި ފުރަގަހަށް ލަނބާލި އެވެ. ކުރާނެ ކަމެއް ނޭނގިގެން ނަތާ އެއަތުގައި ދަތްއަޅައި ކަނޑާލީއެވެ. އެހިސާބުން ޔާނިޒްވެސް ހޫނުވެގެން ނަތާގެ ދުރަށް ކޮށްޕާލި އެވެ. ލުއި ފަތެއްހެން ވިއްސައިގެން ގޮސް ޓައިލްސް މައްޗަށް ޖެހުނު ގޮތަކުން ނަތާގެ އަތަށް ތަދުވެގެން ބަނޑި ފަޅައިގެން ދިޔައެވެ. ލަޔާލްގެ ހާލު ހުރިގޮތުން، ކައިރިވެއްޖެއްޔާ އަނިޔާއެއް ވެދާނެތީ ހުއްޓާ ކަންވީގޮތް ފެނިފައި މާބޮޑަށް ކަންބޮޑުވިއެވެ. ޔާނިޒް އަތުގައި ފިރުމަމުން ބަލައިލި އިރު ލަޔާލް އަނގަ ސަކަރާތްވެފައި ހުރިގޮތް ފެނިގެން އަވަހަށް އެތެރެއަށް ވަދެގެން ދިޔައެވެ. މަފާޒް އާއި އަޒީއަށް އާދެވުނީ ޔާނިޒް ކޮޓަރިއަށް ވަން ފަހުންނެވެ. "އަނެއްކާ ދެމީހުން ފައިޓް ކުރަން ފެށީދޯ. ނަތާވެސް ތީ ކުޑަ ކުއްޖެއް ނޫނެއްނު." އަޒީ އައިސް ގުދުވެފައި ނަތާއަށް އެހީތެރި ވުމުގެ ގޮތުން އަތްތިލަ ދިއްކޮށްލިއެވެ. އަޒީގެ ވާހަކައިން ނަތާއަށް އިތުރަށް އަސަރު ކޮށްގެން ކުރިއަށްވުރެވެސް ބާރަށް ރޮއިގެންފައި އަމިއްލައަށް ތެދުވެގެން ދުއްވައިގަތެވެ. ލަޔާލް އިތުރަށް ލަދުގަތީ އަޒީމެން އެތަނަށް އައިސްގެންނެވެ. އޭނާ ހިނގޭ އެންމެ ބާރަކަށް އެތެރެއަށް ދާން ތައްޔާރު ކޮށްލިތަނާ އަޒީ ގޮވައިލުމުން ހުއްޓެވުނެވެ. 

"އަފްލާކް. ލަޔާލް އެކަނި ފޮނުވާނުލާ އެކުގައި ދޭ." ލަޔާލް ފުރަގަސްދީގެން ހުއްޓާ އަޒީ ބުނެލި އެއްޗަކުން ހިތް ފުންމަ ފުންމައިގެން ދިޔައެވެ. ވަގުތުން މަނާ ކުރަން ހިތަށް އަރާފައިވެސް ދޫ ހަރަކާތެއް ނުކުރިއެވެ. އިރުކޮޅަކުން އަޒީ އެހެން ދިމާއަކަށް ހިނގައިގަތުމުން ލަޔާލް އަވަހަށް ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ދޮރު ހުޅުވާލައިފައި އަވަހަށް އެތެރެއަށް ދެމިގަންނަން ތައްޔާރު ކޮށްލިތަނާ މެއަށް ގަނޑުފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އަފްލާކް ފަހަތުގައި ހުރެފައި އޭނާގެ އަތުގައި ހިފައިލީ އެވެ. "އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ... ލެޓް މީ ނޯ." އަފްލާކްގެ އަޑު އައީ ސީދާ ލަޔާލްގެ ކަންފަތް ކައިރިންނެވެ. އެނޭވާގެ ހޫނުކަން އޭނާގެ ކަނދުރާއަށްވެސް ކުރިއެވެ. ވަގުތުން ލޯލިތައް ކޮޅަށް ޖެހިލި އެވެ. ލަޔާލްއަށް ޖަވާބެއް ނުދެވިފައި ހުއްޓާ އަތް މިނިވަންވިއެވެ. އަދި ފިޔަވަޅުގެ އަޑު މަޑުވަމުން ގޮސް ކެނޑުނެވެ. 

އެތެރެއަށް ވަދެފައި އޭނާ ފުރަތަމަވެސް ފުން ނޭވާތަކެއް ލިއެވެ. ކަނާއަތް އުފުލާލައިގެން ހުރެ ބަލަމުން އަފްލާކް ހިފެހެއްޓި ތަނުގައި އެތަކެއް ފަހަރު ފިރުމާލެވުނެވެ. އަދި ނިދީގައި ހިނގާފައި ދިޔަ މީހަކު ފަދައިން ގޮސް އެނދުގައި އިށީންދެވުނެވެ. ޑްރެސިންޓޭބަލް މަތީ ހުރި ބުކޭތަކާއި "ގެޓް ވެލް ސޫން" ކާޑުތައް އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެކަމަކު އެތަކެއްޗަށް ލަޔާލްގެ ޝައުޤުވެރިކަން ހުއްޓޭ ގޮތެއް ނުވިއެވެ. އެނދުގައި އޮށޯވެ ކުޑަ ބާލީހެއް މެޔާލައި ފިއްތާލައިގެން އޮވެ އޭނާއަށް ވިސްނެން ފެށީ އަފްލާކް އާ މެދުގައެވެ. މިރޭ ކަރަންޓް ދިޔަ ހިސާބުން އަފްލާކް އޭނާ އާއިމެދު ކަންތައް ކޮށްފައިވަނީ ކުރި އާއި މުޅިން ޚިލާފަށެވެ. ބޭރު ފުށުން އަދި ކޮންމެ ގޮތެއް ހުއްޓަސް އިންސާނެއްގެ ހިތް ރަނގަޅު ވެދާނެ ކަމަށް ޤަބޫލު ކުރެވެން ފެށީ އަދި ކިރިޔާއެވެ. 

ޖެހިގެން އައި ދުވަހު ނަތާ ކޮލެޖް ނިންމާފައި ނިކުންނަނިކޮށް ކޮންމެވެސް މީހަކު ގޮވައިލިއެވެ. އެނބުރި ބަލައިލި އިރު އަރިއާން ހުރެ އާދެއެވެ. "ހޭއި!" ނަތާ ހެވިލާފައި އަރިއާން ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ. "މިއަދު ހަވީރު ފްރީވާނެތަ؟" އަރިއާން ކޮށްލީ ފުރަތަމަވެސް ސުވާލެކެވެ. "ގައިމެއްނު. ކިހިނެއް ވީ؟ ޕްރޮގްރާމެއް އޮތީތަ؟" ނަތާ ހުރީ ޝައުޤުވެރި ވެފައެވެ. "ހިނގާ ހަވީރު އަހަރެންނާ އެކު ދުއްވާލަން ދާން. ސައިވެސް އެކީގަ ބުއީމަ ވީނު." އަރިއާން ދައުވަތު ދިނެވެ. "ވިލް ބީ ފަން. އޯކޭ ހަމަ." ނަތާ ވިސްނައިލަން ހުއްޓާ ރާފިލް ދުރުން ފެނިގެން އަވަހަށް އެއްބަސްވިއެވެ.

ހަވީރު ނަތާމެން ކާރު ދުއްވާލަން ގޮސް އުޅެފައި ހަމަ ކުއްލި އަކަށް ޓިކެޓް ނަގައިގެން ހުޅުމާލެއަށްވެސް ދިޔައެވެ. އެތަނުން އިތުރު ދެ ކުއްޖަކުވެސް އެމީހުންނާއި ބައިވެރިވެގެން ސައިކަލު ބުރު އެޅުމާއި އެއަށްފަހު ރޭގަނޑު ކެއުންވެސް އޮތީ އެކޮޅުން ރެސްޓޯރެންޓެއްގައެވެ. ނަތާ ރޭއްސުރެ ރުޅި ހަދާލައިގެން ގޭމީހަކަށް އުޅޭ ގޮތް އަންގާވެސް ނުލައެވެ. އަޒީ ފޯނު ކޮށް ކޮށް ނުނެގިއެވެ. ފަހުން ފޯންވެސް ނިއްވައިލީ އެވެ. އެނބުރި އާދެވުނު އިރު ބޯކޮށް ވާރޭ ވެހެއެވެ. "އަރިއާން! އަހަރެންނަށް ކަމެއް ކޮށްދޭނަންތަ؟" ނަތާ އިނދެފައި އަހައިލިއެވެ. "ޝުއަރ." އަރިއާން ވަގުތުން އެއްބަސްވިއެވެ. "މިރޭ އަހަރެން ތިގެއަށް ގެންދެބަލަ." ނަތާ އެދުނެވެ. "އެއިރުން ކިހިނެއް ވާނީ؟" އަރިއާންއަށް ކާރުގެ ބުރެކި ޖައްސާލެވިއްޖެއެވެ. "ޖަސްޓް ޓޭކް މީ ހޯމް." ނަތާ ބަސްތަކަށް ބާރު ލައިފައި ބުނެލިއެވެ. އަރިއާން އިތުރު ބަހެއްނެތި އަނެއްކާ ކާރު ދުއްވާލައިފި އެވެ.

ދެޒުވާނުން އެތެރެއަށް ވަދެގެން ދިޔައިރު ރާފިލް ފޯނެއްގައި އިނީ ލިވިންރޫމް ސޯފާގައެވެ. "ކޮބާ އަރިއާންގެ ރޫމް؟" ރާފިލް ބަލައިލިތަން ފެނިގެން ނަތާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލައިފައި އެހިއެވެ. ރާފިލް އިނުމުން އަރިއާން ފާޑަކަށް ހުރެފައިވެސް ދާންވީ މަގު ބުނެދިނެވެ. ދެމީހުން ގޮސް ކޮޓަރިއާއި ހަމަވި ފަހުން ރާފިލް ގޮވާލި އަޑަށް ނަތާ ހުއްޓިފައި ބަލައިލިއެވެ. "ނަތާއަށް އެނގޭތަ ގޭމީހުން ނަތާ ނުފެނިގެން ހާސްވާނެ ވަރު. ލާކް އަހަރެންނަށް ވެސް ގުޅައިފި." ރާފިލް ދެއްކި ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަތާ އިސްޖަހައިލީ އެވެ. އަރިއާން އެތާ ނުހުންނަން ވެގެން އެތެރެއަށް ވަދެގެން ދިޔައެވެ. 

"ނަތާ ކޮންކަމެއް ތީ؟" އަރިއާން ވަނުމުން ރާފިލް ވާހަކަ ދެއްކީ ނަތާއަށް އެކަނި އިވޭ ވަރަށެވެ. "ވަޓް؟" ނަތާ އެނގޭ ކަމަކަށް ނުހެދިއެވެ."ހޫކިން އަޕް ވިތް މައި ބްރަދަރ.... އަރިއާން ނޫން މީހަކު ނުފެނުނީތަ މިމާލެއިން؟" ރާފިލް ކުރިއަށް ވުރެ ކައިރިވެލާފައި ވާހަކަދެއްކި އިރު އަޑުގައި ރުންކުރުކަމެއް ހުއްޓެވެ. "މިހާރު މިކަންވެސް މައްސަލަ އަކަށް ވީތަ؟ އަހަރެން ދެން ކިހިނެއް ހަދަންވީ؟ އަހަރެން އޭޖުގެ ކުއްޖަކާއި ވެސް ރިލޭޝަންއެއް ބޭއްވޭކަށް ނެތްތަ؟" ނަތާ ރުޅިއައިސްގެން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. "އިނގޭ ތީ އަހަރެންނަށް ޖެއްސުމަށް ކުރާ ކަމެއްކަން. ބުނެބަލަ ނޫނެކޭ. ބުނަން ނަތާ އަހަރެންދެކެ ރުޅިއައިސްގެން އަހަރެންގެ ކޮއްކޮގެ ފީލިންސްތަކާއި ކުޅެން ހަދާނެ ކަމެއް." ރާފިލް ޝަހާދަތް އިނގިލި ދައްކާލައިގެން ހުރެ އިންޒާރު ދީފައި އަނެއްފަރާތަށް އެނބުރުނެވެ. ނަތާ އެއްޗެއް ނުބުނެ ހުރެފައި އެތެރެއަށް ވަދެވުނުއިރު ދެލޯ ފެންކަޅި ވެއްޖެއެވެ. އޭނާ ފުރަތަމަވެސް ގޮސް އެނދަށް ޖެހިގެންފައި ބާލީހެއް އުނގަށް ލައިގެން ގޮށްމުށުގެ އެތަކެއް އެތިފަހަރު އަމާޒުކޮށްލި އެވެ. އިރުކޮޅަކުން އަރިއާން ގޮވައިލުމުން ބަލައިލި އިރު ހުރީ ބޮޑު އައިސްކްރީމް ތައްޓެއް ދިއްކޮށްލައިގެންނެވެ. 

"އާވ.." ނަތާ އަވަހަށް ތަށި ޖަހައިގެންފައި ކާން ފެށިއެވެ. އިސާހިތަކު މޫޑު ރަނގަޅުވެ ހަމަޖެހިއްޖެއެވެ.

ރާފިލް ގުޅާފައި ޚަބަރު ދިނުމުން އަޒީ އާއި ގޭ އެންމެންގެ ހާސްކަން ފިލިއެވެ. ނަތާގެ ހުންނަ ގޮތް ދޫ ނުކުރާކަން އެނގޭތީ އަޒީ އެދުނީ ނަތާ އެރޭ އެގޭގައި ބަހައްޓައި ދޭށެވެ. ނަތާއަށް ނިދޭނެހެން ގެސްޓްރޫމް ވެސް ނޯކަރު ތައްޔާރު ކޮށްފިއެވެ. ދެޒުވާނުން ކޮޓަރި ތެރޭގައި ސަކަރާތް ޖަހައި ހީ ހަދާއަޑު އިވޭ ހިސާބުގައި ރާފިލް އިނީ ލިވިންރޫމްގައެވެ. އޭނާ މަސައްކަތެއް ކުރަންވެގެން ކޮޓަރިއަށް ވަންއިރުވެސް އެމީހުން ނުނިދައެވެ.

މެންދަން ވެގެން އައިއިރު ވާރޭ ތުނިކޮށްލައި އަދި ގޭތެރެވެސް ހިމޭންވެފައި ވިއެވެ. ނަތާ އެނދުގައި ދެފަރާތަށް ފުރޮޅި ނުނިދިގެން ތެދުވިއެވެ. ހެޑްސެޓް އަޅާފައި އޭނާ މިހާރަކަށް އައިސް އެންމެ ގަޔާވެގެން އުޅޭ ލަވަ ޖަހައިލި އެވެ. ލައިގެން ހުރި ބޮޑު ޓީޝާޓާއި ހަރުވާޅުގައި ނުހަނު ހީފިލައެވެ. އެއީ ޔަޝާރުގެ އެއްޗެއްސެވެ. ޔަޝާރު އޭނާއަށްވުރެ ދިގުކޮށް ރޫފަ ރަނގަޅުކޮށް ހުންނާތީ ޓީޝާޓް ވެސް ބޮޑީއެވެ. ނަތާ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލައިގެން ކޮޓަރިން ނިކުތްއިރު ފަނޑު އަލިކަމެއް ފިޔަވާ އެހެން އައްޔެއް ނުވެއެވެ. ފަޅުވެފައިވާ ލިވިންރޫމް ހުރަސްކޮށްފައި ގޮސް ބަދިގެއަށް ވަދެ އޭނާ އަމިއްލައަށް ކޮފީއެއް ހެދިއެވެ. އެގޭގައި ހޭދަވި ކުޑަ ވަގުތުކޮޅުވެސް އެންމެން އެކުވެރިވެ އަމިއްލަ ގެ ހެން ބީރަތްޓެހިކަން ފިލާފައިވެއެވެ. އަދި އަރިއާންގެ ބައްޕަ އެތަކެއް ފަހަރު އަމިއްލަ ގެކަމަށް ދެކިގެން ބޭނުން އެއްޗެއް ބޭނުން ކޮށްގެން އުޅެން ބުނެފައިވާވަރުން އެއީ ވައްކަމެއް ކަމުގައި ނަތާއަށް ގަބޫލެއް ނުކުރެވެއެވެ.

ނަތާ ކޮފީ ޖޯޑު ހިފައިގެން ނިކުމެ ދޮރުފޮތިގަނޑު ކަހައިލުމުން ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލީގައި ވާރޭ ވެހޭތަން ރީތިކޮށް ފެންނަން ހުއްޓެވެ. އޭނާ ދެއަތް މައްޗަށް އަރުވާލައިފައި އައިސް ދެފައި ނަގައިގެން އިށީންދެލީ ސޯފާގައެވެ. ކޮފީ ކޯވަރެއް ރަހަ ބަލާލައިފައި ކުޑަ މޭޒުމަތީ ބަހައްޓައިގެން އިނދެ ކަންފަތަށް އިވެމުންދިޔަ ލަވައާއި ކިޔަން ފެށިއެވެ.

"އަ ޑްރޯޕް އިން ދި އޯޝަން. އަ ޗޭންޖް އިން ދި ވެދަރ. އައި ވޯޒް ޕްރޭއިން ދެޓް، ޔޫ އެން މީ މައިޓް އެންޑް އަޕް ޓުގޭދަރ. އިޓްސް ލައިކް ވިޝިން ފޯ ރެއިން އޭޒް އައި ސްޓޭންޑް އިން ދި ޑެޒަޓް. ބަޓް އައެމް ހޯލްޑިން ޔޫ ކްލޯސަރ ދެން މޯސްޓް. ކަޒް ޔޫ އާ މައި ހެވެން." މާނަފުން ލަވައިގެ ބަސްތައް ނަތާގެ ހިތުގެ އެންމެ ފުނަށް އަސަރު ފޯރުވައިގެން ލޮލުން ކަރުނަ ހިލުނެވެ. މަސައްކަތް ނިންމާފައި ކޮފީއެއް ބޯލާހިތުން ނިކުތް ރާފިލްގެ ކަންފަތުގައި ނަތާގެ އަޑު ޖެހުނީ ދާދި ކައިރިވީ ފަހުންނެވެ. އޭނާ ސިއްރު ފިޔަވަޅު ތަކެއްގައި އައިސް ހުއްޓުނު ފަހުން ނަތާ ލަވައިގެ ލަފްޒްތައް ކިޔައިލި ގޮތް އަހާފައި ފުރަތަމަ ފަހަރަށް އިހްސާސް ކުރެވުނީ ނަތާއަށް އަސަރު ކޮށްފައިވާ މިންވަރެވެ.

ކޮމެންޓް 0