ޔާނިޒްގެ އެހީ ލިބުމުން ދޭތެރެއެށް ފަޅާލައިފައި ޝާމީ މަގުމައްޗަށް ނިކުމެގެން ޓެކްސީއެއް ގައި ގެއަށް ދާން ނައްޓާލިއެވެ. ހިތް އަވަސްވެފައި ހުރީ އޭނާއަށްވުރެ ކުރީން ލަޔާލްމެން ގެއަށް ފޯރަފާނެތީއެވެ. ނޫނީ ދިމާވާ ގޮތަކުން އެމީހުންނާއި އޭނާ ކުރިމަތިވާ ގޮތް ވެއްޖެއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެހާ ގިނައިން ގަޑިވެސް ބަލައިލެވިއްޖެއެވެ. ޑްރައިވަރ ޓެކްސީ މަޑުކޮށްލުމުން ފައިސާ ދައްކާފައި އޭނާ ނިކުމެ ސިކުންތަކަށްވެސް ހުއްޓިނުލައި ކުރިމަތީގައިވާ ހަނި ގޯޅިގަނޑުން ވަދެގެން ދިޔައެވެ. ދެވަނަ ވީ ދޮރާއި ހަމައަށް ދިއުމަށްޓަކައި ހަދާފައިވާ ދެހަރުފަތް ގިރާ ކޮށްލައިފައި ގޮސް ބެލް ޖަހާލި ގޮތަށް އިންތިޒާރު ކުރަން ހުރެގެން ވަށައިގެން ހޯދިއެވެ. ފަސްއެނބުރި ބެލިއެވެ. ކުޑައިރު ކޮޅެއް ފަހުން ލީޒާ އުފާވެރި މޫނަކާއެކު ދޮރު ހުޅުވާލައިފައި ޝާމީ ފެނިގެން ކުއްލިއަކަށް ސިހޭ ގޮތްވިއެވެ. 

"ޝާމީ!" ލީޒާ ގޮވައިލީ ޤަބޫލު ނުކުރެވިފައި ހުރި ގޮތަކަށެވެ. "ގޭގައި ކޮންބައެއް އުޅެނީ؟" ޝާމީ އެތެރެއަށް ކަޅި އުކަމުން އަހައިލިއެވެ. "ގޭގައި މިވަގުތު އުޅެނީ މިގޭ މީހުން. އެކަމަކު އިރުކޮޅަކުން އިތުރު ބަޔަކު އަންނާނެ. ޝާމީ ތިއައީ ހަމަ އެންމެ ރަނގަޅު ގަޑިއަށް." ލީޒާގެ ފުރަތަމަ ޖުމްލަ އާއެކު ޝާމީ އެތެރެއަށް ވަދެގެން ދާން ފެށުމުން ދޮރު ލައްޕާފައި ފަހަތުން ދަމުން އޭނާ އިތުރަށް ބުނެލިއެވެ.

"ވެލް... އެމީހުން ދެން ނާންނާނެ." ޝާމީ ހުއްޓިފައި އެނބުރި ބަލައިލިއިރު ލޮލުގައި ވީ ސާބިތުކަމެވެ. ލީޒާ ހުއްޓި ހައިރާންވެފައި ބަލައިލި އެވެ. "މަންމަ ގުޅާފަ ބުނޭ ނާންނާށޭ. ކޮންމެވެސް ބަހަނާއެއް ދައްކާފަ އެމީހުން ހުއްޓުވާ." ޝާމީ އަމުރުވެރި ގޮތަކަށް ވާހަކަ ދެއްކިގޮތުން ލީޒާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ކީއްވެ؟" ލީޒާ ކައިރިއަށް އައިސް ހުއްޓިފައި ޝާމީ ކުރެން އަހާލިއެވެ. ހަށަން ބަނދެލައިގެން އޭނާ ހުރީ ޝާމީ ބުނާ އެއްޗެއް ބަލާށެވެ. "އަހަންނަށް އިނގޭ ހުރިހާ ކަމެއްވެސް. އަހަންނަށް އިނގޭ މަންމަ ތިޖައްސަނީ އެކްޓެއްކަން. މަންމަގެ މުޅި އުމުރު ދުވަހު ލަޔާލްގެ ބައްޕަދެކެ ނަފްރަތު ކުރި. އަދި ލަޔާލްދެކެވެސް. އެހެންވެ އަހަންނަށް ރަނގަޅަށް ލަފާ ކުރެވިއްޖެ މިހާރު މިއަދު ލަޔާލް ދެކެ ލޯބިން ތިއުޅެނީ ކޮންމެވެސް އެހެން ކަމެއް ހާސިލް ކުރަން." ޝާމީގެ ވާހަކަތަކުން ލީޒާގެ މޫނަށް ވެރިވެފައިވާ ހައިރާން ކަމާއެކު ދެލޮލަށް ރަތްކުލައެއްވެސް ވެރިވެގެން އައެވެ. 

"ލަޔާލް އަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބައްޕަގެ ކުށުގެ ސަޒާ އިތުރަށްވެސް އޭނައަށް ލިބިއްޖެ. މަންމައަށް ވާހާ ދުވަހު ލަޔާލްއަށް ސަޒާ ދެވިއްޖެ. މަންމަގެ ލޯއްބާ ނުލާ އޭނަ ބޮޑުވެފަ އެހުރީ. ދެން މިއަދު އޭނާ އެކަނި ދޫކޮށްލާ." ޝާމީ ލަޔާލްގެ ދިފާޢުގައި ވާހަކަދެއްކިއެވެ. "ތިހާ ބޮޑެތި ވާހަކަ ދައްކަން ފެށީ ކޮންއިރަކު؟ އެހެންނޫނަސް ޝާމީ އާއި ބެހޭ ކަމެއް ނޫން. މީ އަހަރެންނާއި ލަޔާލްގެ މެދުގައި އޮތް ކަމެއް. ހައިރާންވެއްޖެ ޝާމީގެ ކަންފަތާއި ހަމައަށް ލަޔާލްގެ ވާހަކަ ދިޔަ ގޮތަކަކާއި މެދުގަވެސް." ލީޒާ ރުޅިއައިސްގެން ޝާމީގެ އިނގިލިތަކަށް ބާރު ކޮށްލައިފައި ފަސްދީ ހިނގައިގަތެވެ. "އަހަރެންގެ އަމިއްލަ ކަންފަތުން އެހީ މަންމަ ގެ ވާހަކަތައް. އަމިއްލަ ލޮލުން ދުށީ މިއަދު ލަޔާލް އާއި ބައްދަލު ކުރިތަން. އަހަރެން ހުންނަނީ ލަޔާލްމެން ގޭގައި. ލަޔާލްގެ ދޮންދަރި ބަލަން." ޝާމީ އިއްވައިލި އެވެ. ވަގުތުން ލީޒާގެ ލޯ ވިދައިގަތެވެ. ހިތަށް އެރިއެވެ. އޭނާއަށް ކުރިން އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟ "އެހެންނޫނަސް އަހަރެންގެ ދައްތަގެ ކަމަކާއި އަހަރެންނަށްވެސް ބެހެވޭނެ. މަންމަ ކިތަންމެ ނުރުހުނަސް އަހަރެން ލަޔާލްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. ޝީ ޑިޒާވްސް ބެޓަރ." ޝާމީ ފުރަގަސްދީގެން އެހުރި ގޮތަށް ހުރެފައި ގޮސް މޭޒުމަތީ އޮތް ލީޒާގެ ފޯނު ނެގިއެވެ. 

"އަން. ގުޅާ ލަޔާލްއަށް. މިއޮތީ ނަންބަރ ޖަހާފައި." ޝާމީ ފޯނު ދިއްކޮށްގެން ހުއްޓައި ލީޒާ ބާރު ބާރަށް އައިސް ފޯނު ޖަހައިގެންފައި ކައިރީގައި ހުރި ސޯފާއަށް އެއްލައިފި އެވެ. ޝާމީގެ ކުލަ ބަދަލުވެގެން ދިއުމާއެކު ދެފަރާތަށް ބޯ ހޫރާލެވުނެވެ. "ބަލަ ޝާމީ އަކަށް ނޫންތަ ފައިދާވާނީ މަންމަ އާއި މިގެއަށް ފައިދާ ކޮށްގެން. އެހެންނޫނަސް އަހަރެން ނޫޅެން ލަޔާލްއަށް ފުރާނަ ދާވަރު ގެއްލުމެއް ދޭކަށް. މުއްސަނދި މަހުޖަނަކާއި އޭނަ އިނދެގެން އުޅޭތީ ފައިދާއެއް ހޯދަން މިއުޅެނީ. ކިހާ ދުވަހަކު މިހެން ދަތި ހާލުގައި އަހަރެމެން އުޅޭނީ؟" ލީޒާ މަސައްކަތް ކުރީ ޝާމީގެ ވިސްނުން ބަދަލު ކުރާށެވެ.

"އެންމެ ރަނގަޅު. މަންމައަށް ނުވަންޏާ އަހަރެން ގުޅާފާނަން." ޝާމީ އަށް އެވާހަކައިން އެއްވެސް އަސަރެއް ކުރި ހެނެއް ހިއެއްނުވެއެވެ. އެއްޗެއް ނުބުނެ ހުރެފައި އޭނާ ޖީބުން ފޯނު ނަގައިގެން ނަންބަރަށް ޑައިލްކޮށްލަން ތައްޔާރުވިތަނާ ޔާނިޒްގެ ނަންބަރުން ގުޅަން ފެށުމުން ސިއްސައިގެން ގޮސް ފޯނު އަތުން ދޫނުވީ ކިރިޔާއެވެ. އޭނާއަށް ބަލައިލެވުނީ ލީޒާގެ މޫނަށެވެ. ފާޑަކަށް ހުރެލައިފައި ޝާމީ ލަސްލަހުން ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ. ލީޒާވެސް މިފަހަރު ހުރީ މަންޒަރު ބަލާށެވެ. 

އެކޮޅުން ޔާނިޒް ދެއްކި ވާހައިން ޝާމީ އަނގަމަތީ އަތް އަޅާލަމުން ދެފަރާތަށް ބޯ ހޫރުވާލި ގޮތުން ލީޒާގެ ސަމާލުކަންވެސް ހުއްޓުނެވެ. އޭނާ ހުރީ ފޯނު ނުބާއްވައިގެންނެވެ. "ކިހިނެތްވީ؟" ލީޒާ އަވަސް އަވަހަށް އަހައިލިއެވެ. "ލަޔާލްމެން...... އެކްސިޑެންޓްވީ." ޝާމީ ޖަވާބުދީފައި އަވަސް އަވަހަށް ދުއްވައިގަނެގެން ގޮސް މަގުމައްޗަށް ނިކުތެވެ. ލީޒާ އެހުރި ތަނުގައި ބަލަން ހުރީއެވެ.

***********

ރުޅިގަދަވެފައި ހުރިވަރުން ލަޔާލްއަށް އެކައްޗެއްވެސް ނުވިސްނެއެވެ. މަގުގެ ދެފަރާތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ވެހިކަލްތަކުން ހުރި ނުރައްކަލާމެދު ކުޑަކޮށްވެސް ހިޔާލެއް ނެތެވެ. އޭނާގެ ހަމައެކަނި ބޭނުމަކަށް ވީ އަފްލާކްގެ ކުރިމަތިން ގޮސް ގެއްލުމެވެ. "ލަޔާލް ނޫން. ލަޔާލް ކަމް ބެކް ހިއަރ." އަފްލާކް ބާރު ބާރަށް ގޮވާލި އަޑަށް އޭނާ ހައްތަހާ ހިނގުން ބާރުކޮށްލީއެވެ. ފަސްއެނބުރި ބަލައިލުމެއް ނެތި ފިޔަވަޅެއް މަޑުކުރުމެއް ނެތިއެވެ. ދެފަރާތުން އައި ވެހިކަލްތަކުން ބައެއް އެއްޗެހި ލަޔާލް ކައިރިން ރެކިގެން ކުރިއަށް ދިޔައިރު އަނެއް ބައި އެއްޗެހި މަޑުކޮށްގެން ބަރުގޮނު އަޅަން ފަށައިފި އެވެ. ޕޭމެންޓާއި ހަމައަށް ކިރިޔާ ނުފޯރައި ހުއްޓައި ކާރެއްގެ ބަރުގޮނު އަޑާއި އެކުގައި އޭގެ ފިރޮޅުތައް ކޭއްތިގެން ދިޔަ އަޑުގެ އިތުރުން ކޮންމެވެސް އެއްޗެއް ވިއްސައިގެން ގޮސް ވެއްޓި ޖެހުނު އަޑު ކަހަލަ އަޑެއް ކަންފަތުގައި ހަރުލައިގެން ދިޔައީ އެއްފަހަރާއެވެ. ލަޔާލްއަށް ފަސްއެނބުރި ބަލައިނުލެވެނީސް އެއްފަހަރާ އެތައް ކާރަކާއި ސައިކަލެއްގެ ބަރުގޮނު އަޅަމުން މަޑުކޮށްލިކަން އިހްސާސްވިއެވެ. މުޅިހަށިގަނޑު ފިނިވެގެން ދިއުމާއެކު މަޑު ތުރު ތުރެއް ލަޔާލްގެ ދެފަޔަށް ވެރިވިއެވެ. އަވަސްއަވަހަށް އެނބުރި ބަލައިލި އިރު ދުރުގައި އަފްލާކް ޒަޚަމްވެފައިވާ ހާލުގައި ބަންޑުން އޮވެފައި ބޯ ހިއްލައިލަނީއެވެ. ލޯމައްޗަށް އޮހިގަތް ލޭތަކާއެކު އަފްލާކް ކޮންމެވެސް އެއްޗެކޭ ބުނަން ތުން ތަޅުވައިލިހެން ލަޔާލްއަށް ހީވިއެވެ. ދެން ހަމަ އެސިކުންތުގައި ތިރީގައި މޫނު ޖެހިއްޖެއެވެ.

"ލާކް...................................!!!!!
ލޯ ހުޅުވުނުއިރު ލަޔާލް އޮތީ ހޮސްޕިޓަލުގައެވެ. ނިތަށް ބާރު ކުރާކަން އިހްސާސް ވެގެން އަތްލިއިރު ބޭސްގަނޑެއް އަޅާފައި އޮތްކަން އެނގުނެވެ. އޭނާ ތެދުވެ އިށީންތަން ފެނިގެން މަގަތުގައި ޔަޝާރު އާއި މަފާޒް ދެގޮނޑީގައި ތިބެފައި އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ. "އަހަރެން އަންނާނަން ޑޮކްއަށް އިންފޯމް ކޮށްފަ." މަފާޒް ޔަޝާރުގެ އަތުގައި ހިފާލައިގެން ހުރެ އެހެން ބުނެލާފައި އަވަހަށް ރޫމުގެ ދޮރު ހުޅުވާލައިގެން ބޭރަށް ނިކުތެވެ. ޔަޝާރު ގާތަށް ޖެހިލައިގެން އަތުގައި ހިފައިލުމުން ލަޔާލް މައުސޫމު ގޮތަކަށް ބަލަން އިނދެފައި އަފްލާކް ކޮބައިތޯ އަހާލައިފި އެވެ. "ލަޔާ ޔޫ ނީޑް ރެސްޓް." ޔަޝާރުގެ ކުލަ ބަދަލުވެގެން ދިއުމާއެކު ބުނެލިއެވެ. "ނޫން. އަހަރެން ކައިރީ ބުނޭ ލާކް ވީތަން. އިޒް ހީ އޯކޭ؟" ލަޔާލްގެ ލޮލަށް ކަރުނަތައް ޖަމާވެގެން އޮހިގަންނަން ތައްޔާރުވިއެވެ. ހިތް ތެޅެނީ އެހާމެ ބާރަށެވެ. އަފްލާކްގެ ހާލު ހުރި ގޮތެއް އޮޅުން ނުފިލުވައި އޭނާއަށް ކެތެއް ނުވާނެއެވެ. "ޑޮކް އައީމަ ބުނާ އެއްޗެއް ބަލާފަ ލާކް ކައިރިއަށް ދާނީ. ޓިލް ދެން އިހަށް ހިތްހަމަ ޖައްސާލާ." ޔަޝާރު މަސައްކަތް ކުރީ ލަޔާލްގެ ސުވާލަށް ޖަވާބު ނުދީވޭތޯއެވެ. 

"ލާކް ރަނގަޅު ދޯ؟" ލަޔާލް އަނެއްކާވެސް އަހާލައިފިއެވެ. "ހޫމ..." ޔަޝާރު ބޯ ޖަހައިލިއެވެ. ލަޔާލް އެއަޑު އަހައި ހިތާއި ދިމާއިން މޭގައި އަތް އަޅާލައިގެން ފުން ނޭވައެއް ދޫކޮށްލިތަން ފެނުމުން ޔަޝާރުއަށް އިސްޖަހާލެވުނެވެ.

"އިޓްސް އޯލް މައި ފޯލްޓް.... އަހަރެންގެ ސަބަބުން ހުރިހާ ދެރައެއް މިލިބުނީ. އަހަރެން ސްޓަބަން ކަމުން ލާކްއަށް އަނިޔާ ވީ...." ތަކުރާރުކޮށް އެކްސިޑެންޓްގެ މަންޒަރު ސިކުނޑީގައި ޕްލޭކުރަން އިރުކޮޅަކު އިނދެފައި ލަޔާލް ކުއްލި އަކަށް ބުނަން ފެށިއެވެ. އެދެލޮލުގައި ކަރުނަ ގިނަވެގެން އިސާހިތަކު އޮހިގެންފިއެވެ. ޔަޝާރު އަނެއްކާވެސް ކޮޅަށް ތެދުވެފައި އެނބުރި ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. ހިތަށް އެރިއެވެ. މަފާޒް ހާދަ ލަސްވެއްޖެއެވެ. އެކަމަކު ލަޔާލް އެކަނި ބައިންދާފައި ދާކަށްވެސް ނުކެރުނެވެ. ޔަޝާރު ފޯނު ނަގައިގެން މަފާޒްއަށް ގުޅަން އުޅެނިކޮށް ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. ޑޮކްޓަރާއި އެކުގައި އައި ނަރސް ވައިޓަލްސް ޗެކް ކުރަން ފެށުމުން ޔަޝާރު އަވަހަށް މަފާޒް އަތުގައި ހިފަހައްޓާލިއެވެ. މަފާޒް ބަލަން ހުރީ ލަޔާލް އަށެވެ. ޔަޝާރު އެމޫނަށް ބަލާކަން އިހްސާސް ވެގެން މަފާޒް މޫނު އަނބުރާލިއެވެ. ޔަޝާރު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލި ގޮތުން ބުނަން އެއުޅޭ އެއްޗެއް މަފާޒްއަށް ވިސްނުނެވެ. މޮޅިވެރިކަމާއެކު އޭނާއަށް އިސްޖަހައި ލެވުނީއެވެ. ލަޔާލްގެ ކަންފަތަށް އަފްލާކްގެ ޚަބަރު ގެނެސްދޭ ފަރާތަކަށް ވާކަށް ޚުދު އޭނާވެސް ބޭނުމެއް ނޫނެވެ. 

"ލަޔާލްގެ އެއްވެސް މައްސަލައެއް ހުރި ކަމަކަށް ނުބެލެވޭ. އެކަމަކު ގެއަށް ދިއުމުގެ ކުރިން އެއްފަހަރު ސްކޭން ކޮށްލަން އެބަޖެހޭ. " ޑޮކްޓަރ އަތުގައި އޮތް ލިއުމުގައިވާ ލަޔާލްގެ ނަން ކިޔާލުމަށްފަހު އެމޫނަށް ބަލަން ހުރެގެން ވާހަކަދެއްކިއެވެ. ނަރސްއަށް އިޝާރާތް ކޮށްލުމުން ބޯ ޖަހައިލާފައި ގޮސް އެއްފަރާތެއްގައި ހުރި ފުރޮޅުލީ ގޮނޑި ގެނެސް އެނދާއި ކައިރި ކޮށްލިއެވެ. މަފާޒް އަވަހަށް ގާތްވެލައިފައި ލަޔާލް ނަގައި ގަނެގެން ގޮނޑީގައި ބައިންދާފައި ޑޮކްޓަރާއި ނަރސްގެ ފަހަތުން އެތަނުން ނިކުންނަން ދާން ފެށިއެވެ. ކައިރީގައި ޔަޝާރު ހުއްޓެވެ. ލަޔާލް ހިތް އަދިވެސް ތެޅެމުން ދިޔައީ އަފްލާކް ނުފެނިގެންނެވެ. އަފްލާކް އޭނާ ދެކިލަން ނައިސް ހުންނާނީ ތެދުވެވޭވަރު ނުވާތީއެވެ. ޔަޝާރު އަދި ކިޔައި ނުދިނަސް އެވަރު އޭނާއަށް ލަފާ ކުރެވުނެވެ. އެހެންނޫނަސް އަފްލާކްއަށް ވީ ގޮތް އެންމެ ކައިރިން ދުށް މީހަކީވެސް އޭނާއެވެ. ލަޔާލް އަމިއްލަ ހިތް ހަމަޖައްސައިލައިގެން އިނީ ޔަޝާރުގެ ދުލުން އަފްލާކް ރަނގަޅޭ ބުނެފައިވާތީއެވެ.

ސްކޭންކޮށްފައި ބެލިއިރު ނަސީބަކުން ތުއްތު ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. އެކްސިޑެންޓްގެ ވަގުތު ލަޔާލް އަނބުރައި ގަނެގެން ވެއްޓި ޖެހުނު ގޮތުން ކުޑަ ކުޑަ ޒަޚަމެއް ލިބިފައި ހުރީ އެކަނި ނިއްކުރިއަށެވެ.

"އޯކޭ މިހާރު ޑޮކްވެސް ހުއްދަ ދިނީއެއްނު. ހެޔޮނުވާނެ ދެން އަހަރެންނަށް ލާކް ދައްކަން އުޅޭ..." ސްކޭން ކޮށް ނިމިގެން އެނބުރި ރޫމާއި ދިމާއަށް ދާން ފެށުމުން ލަޔާލް އިނދެފައި ވާހަކަދެއްކިއެވެ. ޔަޝާރު އާއި މަފާޒް އެކަކު އަނެކަކަށް ބަލައިލާފައި ދޭނެ ޖަވާބެއް ނޭނގިގެން އިސްޖަހާލިއެވެ. "ވަޓް؟" އެކަކުވެސް ޖަވާބެއް ނުދިނުމުން ލަޔާލް ތަންކޮޅެއް ބާރަށް އަހައިލިއެވެ. "ލާކް ގޭގަ ވީ." މަފާޒް ދޮގެއް ހަދާލިއެވެ. ޔަޝާރު ލޯ ބޮޑު ކޮށްލައިފައި މަފާޒްގެ އަތުގައި ވިކައިގަތުމުން އެމޫނަށް ބަލާލައިފައި ބުމަ ގޮށް ޖަހާލަމުން މަޑުން ހުރުމަށް އެންގިއެވެ. ލަޔާލް އެއްޗެއް ނުބުނެ އިނަސް އެކަމާއި ދޭތެރޭ ވިސްނުނެވެ. އޭނާއަށް އެވާހަކަ މުޅިއަކުން ހަޤީޤަތާއި ވައްތަރެއް ނުވިއެވެ. އެކަމަކު މަފާޒްވެސް އޭނާއަށް ދޮގެއް ނުހަދާނެއޭ ހިތަށް އެރިއެވެ. 

ގެއަށް ވަދެ އެތެރޭގައި ފައި ޖެހުނު ހެނެއް ހިއެއްނުވެ ލަޔާލް ޔަޝާރު އަތުން ދޫކޮށްލައިފައި ސިޑި އާއި ދިމާއަށް ދުއްވައިގެންފިއެވެ. ކަންބޮޑުވެގެން ދެލޯ ބޮޑުކޮށްލައިފައި ޔަޝާރުވެސް ދުއްވައިގަތެވެ. ސިޑިއާއި ހަމައަށް ދިޔަފަހުން ލަޔާލް ބޮލަށް އެނބުރުން އަރައިގެން ސިޑީގެ އަތްގަނޑުގައި ހިފަހައްޓާލިތަނާ ޔާނިޒް ހަރުފަތްތަކުގެ މެދާކަށް ހިސާބުގައި ހުރެފައި އަވަހަށް ފައިބައިގެން ލަޔާލް އަތުގައި ހިފެހެއްޓިއެވެ. އޭނާގެ ފަހަތުން ޝާމީ ލަސް ފިޔަވަޅު ތަކެއްގައި ތިރިއަށް ފައިބަން އައެވެ. "ނިޒް. ޓޭކް މީ ޓު ލާކް. ދެން އެންމެ މިނިޓެއްވެސް ލާކް ނުފެންނަ ހިސާބުގައި ނުހުރެވޭނެ...." ލަޔާލް ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ޔާނިޒްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. ހައިރާން ވެގެން ޔާނިޒްއަށް ބަލައިލެވުނީ ތަންކޮޅެއް ދުރުން އައި މަފާޒް އާއި ޔަޝާރު އަށެވެ. އެއިން ކޮންމެ މީހެއްގެ މޫނުންވެސް ފެންނަނީ ކަންބޮޑު ވުމެވެ. 

"ލަޔާ!" ޔާނިޒް ގޮވައިލި ގޮތް ތަފާތު ކަމުން ލަޔާލްއަށް ބަލައިލެވުނެވެ. އޭނާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ގޭގެ ބެލް ޖަހާލި އަޑަށް އެންމެންގެ ނަޒަރު މައި ދޮރާއި ދިމާއަށް ދަތުރު ކުރިއެވެ. މަފާޒް އެންމެ ދޮރާއި ކައިރީގައި ހުރެފައި ގޮސް ހުޅުވައިލުމުން އަނީސާ އާއި މުޝައްރަފް ފެނިފައި އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. "ދަރިފުޅާ! ލަޔާލް!" މުޝައްރަފް ފެންކަޅިވެފައިވާ ލޮލަކާއެކު އައި ގޮތަށް އައިސް ލަޔާލްގެ ބުރަކަށީގައި ފިރުމާލަމުން ގަޔާއި ކައިރިކޮށްލައިފި އެވެ. އަނީސާ އެކި ހިސާބުގައި ހުއްޓިގެން ހުރި އޭނާގެ ދެދަރީންނަށް ނަޒަރެއް ދީފައި އެދެބަފައިންނަށް ބަލަން ފެށިއެވެ. "އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ވަރަށް އަވަހަށް އަފްލާކް ރަނގަޅު ވެގެން އަންނާނެ." މުޝައްރަފް ހުރެފައި ލަޔާލްއަށް ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. އެއަޑަށް ލަޔާލް ސިހިފައި ދުރަށް ޖެހިލައިގެން ބައްޕަގެ މޫނަށް ބަލައިލިއިރު މަފާޒް އާއި ޔާނިޒް ތިބީ އަނެއްކާވެސް ކަންބޮޑުވެފައެވެ. 

"ހެހެ... ލާކްގެ ހާލު ރަނގަޅޭ ބައްޕާ. ކާކު ކޯއްޗެކޭ ކިޔައިގެން ތިއުޅެނީ." ލަޔާލް ހީގަނެފައި އެހެން ބުނެލި ގޮތުން މުޝައްރަފްގެ ހިތަށް ކުއްލި ލޮޅުމެއް އެރިއެވެ. އޭނާއަށް ހީވީ ލަޔާލް މޮޔަވީހެންނެވެ. "ހަމަތެދެއް. ލާކް ރަނގަޅު. އެބައުޅޭ ގޭގައި. އެހެންވެ އަހަރެންވެސް އައީ ލާކް ހޯދަން. ޝާމީ ނިކަން ލާކްއަށް ގޮވާފަ ބުނެބަ ތިރިއަށް ފައިބާށޭ." ލަޔާލް ވާހަކަ ދައްކަމުން ސިޑިން ފޭބި ޝާމީއަށް ބަލައިލާފައި އެދުނެވެ.

"ދަރިފުޅަށް އަދި ލާކްގެ ޚަބަރެއް ނޭނގޭ." މުޝައްރަފް ބަލަން ހުރެފައި ދެރަވެގެން އިސްޖަހާލިއެވެ. ލަޔާލް ހިމޭން ކަމާއެކު އެސްފިޔަ ޖަހާލަން ހުރެފައި ކުއްލިއަކަށް ދުރަށް ޖެހިލައިގެން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. "އެކަކަށްވެސް ނުދެވުނެއްނު ލާކް ބަލައެއް. ހުރޭ އަހަރެން އަންނާނަން ލާކް ގޮވައިގެން." ލަޔާލް އަނެއްފަރާތަށް އެނބުރިފައި ބަނޑުގައި އެއްއަތުން ހިފަހައްޓާލައިގެން ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. 

"ލަޔާލް!" މުޝައްރަފްއަށް ނުހުރެވިގެން ބާރު ބާރަށް ގޮވާލިއެވެ. އެއަޑު މުޅިތަނުގައި ގުގުމާލިއެވެ. ލަޔާލް ވަގުތުން ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ލަޔާލް. އަފްލާކް ގެއަކު ނެތް. އަފްލާކް ވީ ހޮސްޕިޓަލުގައި. އޭނާގެ ހާލު ރަނގަޅެއް ނޫން. އެކްސިޑެންޓްގައި އަފްލާކްއަށް ވަރަށް ބޮޑެތި އަނިޔާވެފައި ހުރީ. އަފްލާކް އޮތީ ކޯމާއެއްގައި." ލަޔާލް ލަސްލަހުން ފިޔަވަޅު އަޅަމުން ކައިރިއަށް އަންނަން ފެށުމުން މުޝައްރަފް ވަރަށް ވިސްނައިގެން ހުރެފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އޭނާގެ ފަހު ޖުމްލަ ނިމުނުއިރު ލަޔާލް އައިސް އެންމެ ކައިރިއަށް ހުއްޓެނީއެވެ. އެވަގުތު އެންމެންވެސް ތިބީ ލަޔާލް ކަންތައް ކުރާ ގޮތެއް ބަލަން ހިމޭންވެފައެވެ. 

ކުއްލިއަކަށް ލަޔާލް ހޭން ފެށުމުން އެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ. "ލަޔާލް!" މުޝައްރަފް ލަޔާލް އަތުގައި ހިފާލަން އުޅުމުން އަވަހަށް ދުރަށް ޖެހިލާފައި ހުނުން ހުއްޓައިލީވެސް ކުއްލިއަކަށެވެ. ހިމޭން ކަމާއެކު ބުދެއްހެން ލަޔާލް ހުރުމުން މުޝައްރަފް ފިޔަވަޅެއް ކުރިއަށް އަޅާފައި ލަޔާލްގެ ދެކޮނޑުގައި ހިފާލިއެވެ. ދެން ހަމަ ބަލަބަލާ ހުއްޓައި ލަޔާލްގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. "އިޓްސް އޯލް މައި ފޯލްޓް...." ޅަކުއްޖެއްހެން އަޑުން އަޑުނަގައި ލަޔާލް ރޮއިގަތެވެ. މުޝައްރަފް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވައިލާފައި ލަޔާލް ގެނެސް މޭގައި ޖައްސާލިއެވެ. ޔަޝާރުއަށް އެމަންޒަރު ފެނިގެން ލޯ ފުހެމުން މަފާޒުގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ޔާނިޒްގެ ހިތަށް ތަދުވެގެން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އެންމެ ކައިރީގައި ހުރި ތަނބުގައި މުށްކަވާފައި ޖެހިއެވެ. ޝާމީވެސް ރޮވޭގޮތްވެފައި ލަޔާލްއަސް ބަލަން ހުއްޓެވެ. އަނީސާ ބަލަން ހުރެލާފައި އަވަހަށް ގޮސް ކާކޮޓަރިން ފެންތައްޓެއް ހިފައިގެން އައެވެ. ކުޑައިރުކޮޅެއް ފަހުން ލަޔާލް ރުއިން ކޮންޓްރޯލް ކޮށްފައި އެދުނީ އަފްލާކްގެ ކައިރިއަށް ގެންދިއުމަށެވެ. މުޝައްރަފް ބޯ ޖަހައިލާފައި އަނީސާ ދިއްކޮށްލި ފެންތަށި ލަޔާލްގެ ތުނބުގައި ޖެއްސިއެވެ. ލަޔާލް ފެންކޯވަރެއް ބޯލައިފައި ދެލޯ ފުހެލައިފިއެވެ. އަނީސާ ހުސްތަށި ގެންގޮސް ލާފައި އައިސް މުޝައްރަފް އާއި ލަޔާލް އެކު ގެއިން ނިކުމެގެން ދިއުމުން ދެންތިބި މީހުން އެކި ފަރާތަށް ގޮސް އިސާހިތަކު ލިވިންރޫމް ފަޅުވެއްޖެއެވެ.

އައި ސީ ޔޫގެ ބޭރުގައި އަޒީ ހުރެފައި އެއްލި ކަޅިއަކުން އެދިމާއަށް އައި ލަޔާލްމެން ފެނުނެވެ. ލަޔާލްގެ ކުރިމަތީގައި ހިތްވަރު ގަދަ މީހަކަށް ވާންވެގެން އަޒީ އަވަހަށް ބޮޑުވައި އިނގިލިން ދެލޮލުގެ ކަން ފުހެލައިފިއެވެ. އަޒީ ކައިރިއަށް އާދެވުމުން ލަޔާލް މުޝައްރަފް ކޮނޑުން ބޯ ނަގާފައި ދުރަށް ޖެހިލައިގެން އަވަހަށް ގޮސް ދޮރު ކައިރިއަށް ހުއްޓިއްޖެއެވެ. ބިއްލޫރި ދޮރުން އެތެރެ ފެންނަން އިން ތަންކޮޅުން އޭނާ އަފްލާކްއަށް ބަލަން ފެށިއެވެ. މެޝިންތަކުގެ އެހީގައި އަފްލާކް ގޮތް ފެނިފައި އެހާ އަވަހަށްވެސް ކެތްތެރިކަން ކޮޅުންލާ ގޮތްވެގެން އަނގަމަތީ އަތް އެޅުނެވެ. އަޒީ ގޮސް ޑޮކްޓަރާއި އެތަނުން މީހަކާއި ވާހަކަ ދައްކައިގެން ލަޔާލް އެތެރެއަށް ވަނުމުގެ ފުރުސަތެއް ހޯދައިދިނުމުން ނަރުހަކާއެކު އޭނާ އައި ސީ ޔޫގެ ދޮރުން އެތެރެއަށް ވަދެއްޖެއެވެ.

ލަޔާލް ގޮސް އެނދާއި ކައިރިވެފައި އަފްލާކްގެ ފައިން ފެށިގެން ބޮލަށް ކަޅި ހިންގާލިއެވެ. އަފްލާކްގެ ބޮލުގެ ބޮޑުބައެއް ބެންޑޭޖް ކޮށްފައި އޮތްއިރު ކަނާތުގެ ކޮނޑުގައިވެސް ބޮޑު ބޭސްގަނޑެއް އަޅާފައި އޮތެވެ. އެރީތި މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. ހަމަ މިރޭގެ ވަގުތެއްގައި އަފްލާކް އެހާ ގަދަފަދަ ކޮށް ހުރެފައި އެހާ ގަދަ ނިންޖަކުން ނިދާލީ ހެއްޔެވެ؟ ލޮލަށް ފެންނަން އޮތަސް ޤަބޫލު ކުރާކަށް ލަޔާލްގެ ހިތެއް ނޭދެއެވެ. ހިތަށް އެރިއެވެ. މީ ހުވަފެނެކެވެ. އޭނާ މިހުވަފެނުން ހޭލަންވީއެވެ. އަފްލާކް އެހާ ފަސޭހައިން އޭނާ އާއި ދުރުގައި ހުންނާކަށް އެއްބަހެއް ނުވާނެއެވެ. އޭނާއަށް ޖެއްސުމެއް ނުކުރެވެންޏާ އަފްލާކް ހިތްހަމައެއް ނުޖެހޭނެއެވެ. މީ ކޮންމެވެސް ނުބައި ވަސްވާހެކެވެ. ޝައިތާނާގެ ކުޅިގަނޑެވެ. މީ ހަޤީޤަތަކަށް ނުވާނެއެވެ. މިފަދަ ހިޔާލުތަކެއް ކުރަމުން އޭނާ ދެފަރާތަށް ބޯ ހޫރައިލާފައި ކުރިއަށް ފިޔަވަޅެއް އަޅާލައިގެން އަފްލާކްގެ އަތްތިލައިގައި އަތް ޖައްސާލައިފިއެވެ.

"ލާކް! އައި ނޯ ޔޫ... އަހަންނަށް އިނގޭ ލާކްއަށް އުދަނގޫވާނެ ވަރު. އަހަރެން ރުޅި އަރުވާ ނުލެވެންޏާ ލާކްއަށް ހަމަޖެހުމެއް ނުލިބޭނެ. ތީ އަހަރެން ދުށް އެންމެ ޓަފް އެންމެ ސްޓަބަން ފިރިހެނާ. އަހަންނަށް އިނގޭ ލާކް އެހާ ފަސޭހައިން ގިވްއަޕް ނުކުރާނެކަން. ހަނދާން ކޮށްބަލަ އަހަރެމެންގެ އެތަކެއް އަންފިނިޝްޑް ބިޒްނެސް އެބަހުރި. އެކަންކަން ހައްލު ކުރަންވެސް ލާކް ޖެހޭނީ ލޯ ހުޅުވަން." ލަޔާލް ނުރޯންވެގެން ގަދަ ހިތްވަރު ކުރަމުން ވާހަކަދެއްކިއެވެ. އެކަމަކު ކަރުނަތައް އޭރުވެސް ކޯތާފަތް މަތިން ކޯރު ދެމެމުން އައެވެ. ދެތުންފަތުގައި ތުރު ތުރެއް އުފެދިފައިވާއިރު ކިތަންމެ އަވަހަކަށްވެސް ގިސްލެވިދާނެ ކަހަލައެވެ.

ކޮމެންޓް 0