ދެފައި ކޮޅުން ވާގި ދޫވާހެން ހީވެގެން ލަޔާލްއަށް ދޮރު ކަނީގައި ބާރަށް ހިފަހައްޓާ ލެވިއްޖެއެވެ. ލޮލަށް ޖަމާވެގަތް ކަރުނައިން މަންޒަރު ފުސްވެގެން ދިއުމުން އެސްފިޔަ ޖަހައިލެވޭކަށް ނެތެވެ. ކުޑަ އެންމެ ހަރަކާތެއް ލޮލަށް ގެނަޔަސް ކަރުނަތައް އިތުރަށް ހިފަހައްޓައިލުން އެއީ ނާދިރު ކަމަކަކަށް ވެގެންދާނެއެވެ. ހިންދިރުވައިލަން އުޅެ އެކަމެއްވެސް ނުވިއެވެ. ލަޔާލްއަށް ކުރެވުނުހާވެސް ކަމަކީ ބާރަށް ތިރީ ތުންފަތުގައި ދަތް އަޅައި ހިފަހައްޓާލުމެވެ. އަފްލާކްމެން އަދިވެސް ވާހަކައިގައި ތިބުމުން އަވަހަށް ހިތްވަރު ކޮށްލާފައި ދާންވެގެން ދޮރާއި ފުރަގަސްދިނެވެ. 

"ލަޔާލް ދަނީތަ؟" އެވަގުތު ނަތާއަށް އޭނާ ފެނިގެން ގޮވާލައިފި އެވެ. އެއަޑަށް އެހެން އެންމެންގެ ސަމާލުކަން ލަޔާލްއަށް ހުއްޓުނެވެ. "އަހަރެން އެބަ އަންނަން." ލަޔާލް ހިތްވަރު ކޮށްލައިފައި ޖަވާބުދިނެވެ. ފުރަގަސްދީގެން އެހުރި ގޮތަށް ހުރެ އޭނާ އަވަހަށް ގޮސް ސިޑިން އަރަން ފެށިތަނާ ފުރަތަމަ ކަރުނަ ތިކި ކޯތާފަތް މަތިން ރޮނގުދެމިގެން އައެވެ. ލަޔާލް އަވަހަށް ކޯތާފަތް ފުހެލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. ތަންކޮޅަކަށް ގޮއްސައި އަނގަމަތީ އަތް އަޅައިލުމުން އަޑު ހިފެހެއްޓުނެވެ. އެކަމަކު ލޮލުން އޮހިގަތް ކަރުނަތައް އެއީ ދުނިޔޭގެ އެއްވެސް ބާރަކަށް ހުއްޓުވެން ނެތް އެއްޗަކަށް ވެއްޖެއެވެ. ސުވާލު ތަކުން ސިކުނޑި ފުރިގެން އައުމުން ލަޔާލްގެ ބޮލުގައި ވެސް ރިއްސައިގަތެވެ. އެވަރުގެ ދަށް ފެންވަރުގެ އަމަލެއް ހިންގާނެ މީހަކަށް މިގޭގައި ހުރީ ކާކު ހެއްޔެވެ؟ އެއްބަނޑު އެއްބަފާ ބޭބެގެ އުފާތަކަށް އަރައިގަންނާނެ ހިތްވަރެއް ކުރަން ކެރުނީ ކޮން އަނިޔާވެރި އަކަށް ހެއްޔެވެ؟ އަޑާއި ސިފަވެސް އެންމެ ވައްތަރީ މަފާޒް އެވެ. އެކަމަކު ޔަޝާރުއަށް މިވަރުގެ ކެއްސެއް ދޭން މަފާޒް ހިޔާލު ކުރާނެހެން ހާދަ ހީނުވެއެވެ. ދެން ހުރީ ޔާނިޒް އެވެ. ޔާނިޒް ހަނދާންވެފައި ލަޔާލްއަށް ހުއްޓުމެއް އައެވެ. އޭނާ ހަނދާން އެބަހުއްޓެވެ. ސަމާސާ އަކަށް ހަދައިގެން ނަމަވެސް ޔާނިޒް އޭނާ އާއި މެދު ޝައުޤުވެރިކަން ހުންނަ ކަން އޮތީ ފުރަތަމަ ދުވަހުވެސް ފައުޅު ކޮށްފައެވެ. އެކަން އޭނާ ނުދައްކަން ފެށީ އަފްލާކް އާއި ދެމީހުންގެ ކައިވެނީގެ ވާހަކަ ފެށުނު ފަހުންނެވެ. އަދި މިފަހަކަށް އައިސް ޔާނިޒްގެ އުޅުމަށް އައިސްފައިވާ ސިއްރު ބަދަލުވެސް އެއީ ސުވާލު އުފައްދާ ކަމެކެވެ. އަނެއްކާ ޔާނިޒްގެ ހިތުގައި އޭނާ އާއި މެދު އިހްސާސް ތަކެއް ވަނީ ހެއްޔެވެ؟ ލަޔާލްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ނުސިޔާނު ކަމެއް އަދި މިޒާޖުގައި ހުއްޓަސް ޔާނިޒް އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ ޤަބޫލު ކުރަން ހާދަ ދައްޗެވެ. 

ރޮއިރޮއި ލަޔާލް ހުއްޓާ ދޮރު ހުޅުވާލި އަޑު އިވުމުން ސިއްސައިގެން ދިޔައެވެ. ނަސީބަކުން ހުރެވުނީ ދޮރާއި ފުރަގަސްދީގެންނެވެ. "އެބަ އަންނަން ފާޚާނާއަށް ވަދެފަ." ފަހަތުގައި ހުރީ ކާކުތޯވެސް ނުބަލައި ލަޔާލް ދުއްވައިގަތެވެ. އެކަމަކު ކުރިއަށް އޭނާއަށް އެޅުނު ދެފިޔަވަޅާއެކު އަފްލާކްގެ މުށުތެރޭގައި އަތްތިލަ ހައްޔަރު ވެއްޖެއެވެ. "ލަޔާ ރަނގަޅުތަ؟" އަފްލާކް ސުވާލު ކޮށްލުމުން ހައްތަހާ ބޮޑަށް އަސަރު ކުރިއެވެ. "ތިބުނީ؟" ލަޔާލް ސިއްރު ސިއްރުން ކަރުނަ ފުހެލައިފި އެވެ. އެކަމަކު އަޑުގައިވި ރިހުން އަފްލާކްއަށް ސިއްރެއް ނުވިއެވެ. "ކޮންކަމެއް ތި ސިއްރު ކުރަނީ؟" އަފްލާކް އޭނާގެ އަތުން ދޫކޮށްލައިފައި އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. "ލަޔާ ރޮނީތަ؟" އެމޫނު ދެކެފައި އިތުރު ތަފްސީލަކަށް ބޭނުމެއް ވެސް ނުވިއެވެ. ލަޔާލް ޖަވާބެއް ނުދީ އިސްޖަހައިލުމުން އަފްލާކް އޭނާގެ ދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވައި އުފުލާލިއެވެ. "ބުނެބަލަ! ތަނަކަށް ތަދުވަނީތަ؟" އަފްލާކް އެހާ އޯގާތެރި އަޑަކުން ސުވާލު ކުރަން ފެށުމުން ލަޔާލްގެ ކެތްތެރިކަން ކޮޅުންލައިގެން ބާރަށް ރޮވުނެވެ. ކަރުނަތައް ނުދައްކަން ވެގެން އޭނާ މޫނުގައި ދެއަތް އެޅިފަހުންވެސް އިނގިލިތައް ދޭތެރެއިން ފޭދިގެން އައެވެ.
"ލަޔާ ތިރޮނީ އަނެއްކާ ރޭގެ ކަންތަކާއި ގުޅިގެންތަ؟.........ޑިޑް އައި ހާޓް ޔޫ؟" އަފްލާކް ހަނދާންވެގެން ކަންބޮޑުވެފައި އަހާލިއެވެ. އެއަޑަށް ސިހިގެން ދިޔަ ލަޔާލް މޫނުން ދެއަތް ވަކިކޮށްލާފައި ބަލައިލި އިރު އަފްލާކް ދުރު ބަލައިލަމުން ބޮލުގެ އިސްތަށިގަނޑަށް އިނގިލިތައް މަހައިލަނީ އެވެ. "އައި ތޯޓް އައި ވޯޒް ޖެންޓްލް." ލަޔާލް އެއްޗެއް ނުބުނެވިފައި ހުއްޓާ އަފްލާކް އަނެއްކާ ވާހަކަދެއްކިއެވެ. ލަޔާލްގެ ރުއިން ހުއްޓުނު ހިސާބަކީ އެއީއެވެ. ދެލޯ ބޮޑުކޮށްފައި އޭނާ އަފްލާކްގެ މޫނަށް ބަލަން ފެށިއެވެ. އޭނާއަށް މިހާރު ރަނގަޅަށްވެސް އޮޅިއްޖެއެވެ. "ބޭބީ އައި ސުވެއަރ. ދެން ފަހަރަކުން އެކްސްޓްރާ ޖެންޓްލް ވާނަން." ލަޔާލް އެއްޗެއް ނުބުނުމުން އަފްލާކް ހީކުރީ އޭނާއަށް ބުނެވުނީ ތެދުވާހަކައެއް ކަމަށެވެ. އެހެންވެގެން އައިސް ކައިރި ވެލާފައި ދެއަތުގައި ހިފާލަމުން ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ. 

"އެކަމަކު ނަތާ ބުނި ފްލައިޓް ޑިލޭވި ވާހަކަ. އަދި ދެންމެ ބަދިގޭގަ އިނދެފަވެސް ބުނީމެއްނު ހެނދުނޭ އައީ؟" ލަޔާލްއަށް ޤަބޫލު ނުކުރެވިގެން އެންމެ ފަހުން ބުނެލައިފި އެވެ. "ލަޔާ ކީކޭ ބުނަން ތިއުޅެނީ؟...ވެއިޓް.....އޯ ގޯޑް...ލަޔާ ޑޯން ޓެލްމީ...." އަފްލާކް ވާހަކަ ދެއްކި އިރު ކޮންމެ ދެބަހެއްގެ ދޭތެރޭ ހުއްޓަހުއްޓާފައި އެންމެފަހުން ޖުމްލަ ފުރިހަމައެއްވެސް ނުކުރެވުނެވެ. ލަޔާލް ބޯ ޖަހައިލާފައި އިސްޖަހައިލި ގޮތުން އަފްލާކްގެ ހިތަށް ވީ ތޫނު ތަދެކެވެ. އެއްޗެއް ބުނަން އުޅެލާފައި އޭނާ ކުރިކަމަކީ ފުރަތަމަ ލަޔާލް ގެނެސް މޭގައި ޖައްސާލުމެވެ. "ދެން ދުވަހަކުވެސް ތިކަހަލަ ނުބައި ހިޔާލުތައް ހިތަށް ނުގެންނާތި!" އަފްލާކް އިންޒާރެއް ފަދައިން އެންގިއެވެ. ފިރިމީހާގެ ހިމާޔަތް ލިބުމުން ލަޔާލްއަށް އަނެއްކާވެސް ރޮވުނީއެވެ. ބައެއްފަހަރު ބިރުވެރި ހުވަފެނުން ހޭލެވުމުން ހިތަށް އަރައެވެ. އެއީ ހަޤީޤަތަކަށް ނުވިކަން ނަސީބެވެ. ލަޔާލްއަށްވެސް އެވަގުތު ކުރެވުނީ އެކަހަލަ އިހްސާސެކެވެ. އެކަމަކު ކަންކަން ހިނގާދިޔަ ގޮތުން ލަޔާލްގެ މަޤާމުގައި އެހެން މީހަކު ހުރި ނަމަވެސް ކުށްހީއެއް ކުރެވުނީހެވެ.

"ހިނގާ ދެން ބޭރަށް. ލަޔާ ކޮންމެހެން މީޓް ކުރަންޖެހޭ ފަރާތެއް އެބަހުރި. ބުނީމެއްނު އައިސް އަހަރެން ހުރިހާކަމެއް އޮޅުންފިލުވަދޭނެ ވާހަކަ." ލަޔާލް ހަމައަކަށް އެޅުމުން އަފްލާކް ދުރަށް ޖެހިލާފައި ވާހަކަދެއްކިއެވެ. "އަހަންނަށް އިނގޭ އެއީ ކާކުކަން. އަހަންނަށް އިވުނު ޖެނީ އާއި ލާކް ދެއްކި ވާހަކަ." އެހިސާބުން ދެން އެއްވެސް ކަމެއް ފޮރުވާކަށް ލަޔާލްވެސް ބޭނުމެއް ނުވިއެވެ. "އޯހ....." އަފްލާކްއަށް ލައްވައިލެވުނީ އެއަޑެވެ. ހުރިހާ ކަމެއް އެނގުމަށްފަހުވެސް ލަޔާލް ހަނުހިމޭނުން ހުރީތީ އޭނާ ހައިރާންވިއެވެ.

ލަޔާލް މޫނު ދޮވެލައިގެން ނިކުމެ، ދެމަފިރީން އެކުގައި ތިރިއަށް ދިޔައެވެ. ސިޑިން ނުފޭބިގެން އުޅެނިކޮށް ކުޑަ ކުއްޖަކުގެ ރުއިމުގެ އަޑު ކަންފަތުގައި ހަރުލައިފި އެވެ. ލަޔާލްއަށް ބަލައިލެވުނީ އަފްލާކްގެ މޫނަށެވެ. "ރޭގައި އައިސްވެސް ކުޑަކޮށް ބޮޑާހޭކި. ދެން ނިދުނީމަ މައިތިރިވީ. މިއަދު ހޭލައިގެން އަނެއްކާ ރޯން ފަށައިގެން އެއުޅެނީ. އިނގެއެއްނު ކުޑަކުދިންގެ ގޮތް. އާ ތަނަކަށް އަތުވެއްޖެއްޔާ އެކަހަލަ ގޮތަކަށް އުޅޭނީ. ނެނީވެސް މިއަދު ހެނދުނު އަލަށް ފެނުނީމަ ޖީން އަކަށް އަދި ކަމަކުނުދޭ. ހެނދުނު އޭރު ކޮފީ ބޯން އިނދެފައި ބުނީ ނެނީ އައި ވާހަކަ. ބައްޕަ ހުރީ އަހަރެން ފުރި ދުވަހުން ފެށިގެން ނެނީ ހޯދުމުގެ މަސައްކަތް ފަށާފައި." އަފްލާކް ދެއްކި ވާހަކަތައް އަހާފައި ލަޔާލް ހަމައެކަނި ބޯ ޖަހައިލީ އެވެ. އެމީހުންނަށް ދެވުނުއިރު އެންމެން އަފްލާކްގެ ދަރިފުޅު ވަށާލައިގެން އުޅެއެވެ. އެންމެން ތިބީވެސް ލިވިންރޫމް ސޯފާތައް ދޫކޮށް ތިރީގައި ކާޕެޓްމަތީ އިށީންދެއެވެ. ލަޔާލްއަށް ފުރަތަމަވެސް ފެނުނީ ތިރީގައި އޮތް ކުޅޭ އެއްޗެހި ތަކެވެ. 

"ޖީން! ލުކް ވަޓް އައި ހޭވް!" ނަތާ އަތުގައި އޮތް ބާބީއެއް ނަގައިގެން ތުއްތު ޖީންގެ ރުއިން ކޮންޓްރޯލް ވޭތޯ އުޅުނެވެ. ލަޔާލް ގޮސް ހުއްޓިފައި ޖީން ފެނުމުން އެސްފިޔަޖަހައިލާކަށްވެސް ނޭނގުނެވެ. ދެއަހަރުގެ ކުޑަ ކުޑަ ޖީންއަކީ އޭނާ މިހާތަނަށް ދުށް އެންމެ ފުށް އެންމެ ލޯބި ކުޑަ ކުއްޖާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކަޅުކުލަގަދަ ފަން އިސްތަށިކޮޅު ކަނދުރާ އާއި ހަމައަށް ކޮށާލައިފައެވެ. ދޮންކަމުން ރުއްކުރި ކޮޅެއް ފަދައެވެ. އަދި ޖީންދެ ވަށް ދެލޯ ބިއްލޫރި ފަދައިން ސާފުވެފައި ބްރައުން ކަޅީގެ ސަބަބުން ރީތިކަން އިތުރު ކޮށްދެއެވެ. ފިޔާތޮށި ކުލައަށްވުރެ ބޮޑަށް ރަތަކަށް ދާ ތުނި ތުންފަތް ކޮޅަކާއި އެހާމެ ކުޑަ ނޭފަތެކެވެ. ދެކޮލަށް މަސްއަރައި ކުޑަކޮށް ފުއްޕާލައިފައި ހުންނާތީ ވަކިން ލޯބި ކަމަށް ދައްކައެވެ. "މައި ޑޯޓަރ ޖީން." އަފްލާކް ކައިރީގައި ހުރެފައި ކޮނޑުގައި އުނަގަނޑުގައި ހިފަހައްޓާލުމުން ލަޔާލް ސިހޭ ގޮތްވިއެވެ. އެކަމަކު ކުރިއަށް ދިއުމުގެ ބަދަލުގައި އޭނާ ހުރީ ޖެހިލުންވެ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ޖީން ރޯވަރުން ކައިރި ވާކަށް ނުކެރުނެވެ. އެވަށް ދެލޮލުން ކަރުނަތައް ފައިބަމުން ތުންފިއްތަމުން ދިޔަ ގޮތުން ފެންނަ ކޮންމެ މީހެއްގެ ހިތް ރޮއްވައިލާނެއެވެ. ލަޔާލްއަށްވެސް ވީ އެހެންނެވެ. އަސަރު ކޮށްގެން ދާދި އަވަހަށް ފެންކަޅި ވެއްޖެއެވެ.

"ބޭބީ! ކަމްހިއަރ." އަފްލާކް ޖީންގެ ކައިރިއަށް ގޮއްސައި ކުޑަ ކަކޫ ޖަހާލިއެވެ. ފާއިތުވެދިޔަ ދެހަފްތާ ތެރޭގައި އޭނާ ކުރި މަސައްކަތުން ޖީން އާއި ދެމެދު ކޮންމެވެސް މިންވަރެއްގެ ގުޅުމެއް އުފެދިފައި ވެއެވެ. އެކަން އެންމެނަށްވެސް އެވަގުތު ފެނިގެން ދިޔައެވެ. އަފްލާކް ފެނުމުން ޖީން އަވަހަށް ތެދުވެގެން ދުވެފައި އައިސް އަފްލާކްގެ އަތުތެރެއަށް ވަދެގެންފިއެވެ. އަފްލާކް ޖީން މޭގައި ޖައްސާލައިގެން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގާލުމުން އިސާހިތަކު ރުއިން ހުއްޓާލައިފިއެވެ. ދެންތިބި އެންމެންވެސް އޭރު ތެދުވެ ސޯފާތަކުގައި އިށީންދެ ތިއްބެވެ.

"އެއްވެސް ކާއެއްޗެއް ދެވުނުތަ؟" އަފްލާކް މުޚާތަބް ކުރީ ޖީންގެ ނެނީ ޝާމީއަށެވެ. ފެންނަ ފެނުމަށް ވިއްސަކަށް އަހަރުގެ ޝާމީއަކީ ރާއްޖެތެރެއިން އައިސް މާލޭގައި ދިރިއުޅޭ ކުއްޖެކެވެ. ޝާމީ ދިރިއުޅެނީ އަޒީ އެކުވެރިއެއްގެ ގޭގައެވެ. ޝާމީ އެގެއަށް އައުމުގައި މެދުވެރިއަކީވެސް އަޒީގެ އެކުވެރިޔާއެވެ. އަމިއްލަ ދަރިއަކު ނެތަސް އާއިލާގައި ދޮށްޓަށް ހުރި ކުއްޖާއަށް ވުމުން ކުޑަކުދިން ބެލުމުގައި ޝާމީގެ ތަޖުރިބާ އެބަހުއްޓެވެ. ޝާމީއަށް އަޒީ އެމަޤާމު ދިނީވެސް އެކަން އޮޅުންފިލާފައި އޮތުމުންނެވެ. "ނޫން. ކިރުތަށީގައިވެސް ތުންވެސް ނުޖެހި." ޝާމީ ދެރަވެލާފައި ޖަވާބުދިނެވެ. ކައިރީ އިތުރު ކިރުތައްޓެއް ތައްޔާރު ކުރަން ބުނެފައި އަފްލާކް މައްޗަށް ދަމުން ލަޔާލްއަށް ގޮވައިލި އެވެ. މީހުން ގިނަވީމައިވެސް ކުޑަ ކުދިން ބޯ ހާސްވާނެއެވެ. އަފްލާކް ވިސްނީ އެތަންކޮޅަށެވެ. އޭނާ ލަޔާލް އާއި ޖީން ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. އަފްލާކް ބުނެގެން ލަޔާލް ލެޕް ހުޅުވާފައި ކާޓޫނެއް އަޅުވާލި ހިސާބުން ޖީން ބޯ ހިއްލާލައިފައި ބަލާލިއެވެ. އަފްލާކް ގޮސް ޖީންއަށް ކާޓޫން ފެންނާނެހެން އެނދުގައި އިށީންދެލިއެވެ. އިރުކޮޅަކުން ޖީން އަމިއްލައަށް އަފްލާކް އަތުތެރެއިން ނިކުމެގެން ކުރިއަށް ޖެހިލައިފިއެވެ. އެތަން ބަލަން އިނދެފައި އަފްލާކް ހިނިތުންވެލި ތަން ފެނުމުން ލަޔާލްގެ ހިތަށްވެސް އުފާވެރިކަން އައެވެ. 

ޝާމީ ޓަކި ޖަހާލުމުން އޭނާ ނިކުމެފައި ދެން އައީ ކިރުތަށި ހިފައިގެންނެވެ. ކާޓޫން ބަލަން އިނދެގެން ޖީން ކިރުތަށިވެސް ބޯލީ ހީކުރި ވަރަށްވުރެ ފަސޭހައިންނެވެ. ލަޔާލްއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. ހިތަށްއެރިއެވެ. އިރާދަ ކުރެއްވިއްޔާ ޖީންވެސް ދާދި އަވަހަށް މިމާހައުލަށް ހޭނިދާނެއެވެ.

މެންދުރު ޖީން ނިދީވެސް އަފްލާކްގެ ކައިރީގައި އޮވެއެވެ. ނިދާ ހޭލަން ވާއިރަށް ލަޔާލް ތައްޔާރު ވީ އަފްލާކް އެދުނު ގޮތަށް ތިންމީހުން ކާރު ބުރެއް ޖަހާލަން ދިއުމަށެވެ. އެކަމަކު އޭނާއަށް އެނގެއެވެ. ނިދާ ހޭލާ ގަޑިއަކީ އަނެއްކާވެސް އުދަނގޫ ވާނެ ގަޑިއެކެވެ. އާންމުކޮށް ކުދިން އެންމެ ބޮޑާ ހާކާނީ ނިދިން ހޭލެވޭ ވަގުތުގައެވެ. ހެނދުނު ކޮށްލިވަރު އޭނާ ހަނދާން އެބަހުއްޓެވެ. 

ލަޔާލް އަޞުރު ނަމާދު ކުރަން ހުއްޓައި އަފްލާކް އެކޮޓަރިއަށް ވަނެވެ. އޭނާ އައިސް އޮށޯވެލީ ލަޔާލް ނިދާ އެނދުގައެވެ. މުޅި ދުވަހު ޖީން ގޮވައިގެން އުޅުމުން އޭނާ ހުރީ ވަރުބަލިވެފައެވެ. އޭނާ ބަލަހައްޓައިގެން އޮތްވައި ލަޔާލް ނަމާދުކޮށް ނިމިގެން ކައިރިއަށް އަތުވެއްޖެއެވެ. "މިރެއިން ފެށިގެން ލަޔާ ނިދަން ޖެހޭނީ އަހަރެން ކޮޓަރީގައި." ލަޔާލް އައިސް މަގަތުގައި އިށީންދެލުމުން އަފްލާކް ބުނެލިއެވެ. "ވޯނިން އެއްތަ؟." ލަޔާލް ހިނިތުންވެފައި ދަތްދޮޅި ވިއްދާލީ އަފްލާކްގެ މޭގައެވެ. "އަފްލާކް ބޯ ޖަހައިލާފައި އެއްމިޔަކަނުން ހީލައިފިއެވެ. "ސޮރީ ލަޔާ." އަފްލާކް އިރުކޮޅަކު ބަލަން އޮވެފައި ބުނެލިއެވެ. "ކީއްވެ؟" ލަޔާލް ތެދުވެ އިށީނެވެ. "ރެޑީވެސް ނުވެހުއްޓާ ކުއްލިއަކަށް މަމް އަކަށް ވީމަ. މިގޮތަށް ކަންތައް ދިމާވިއަސް ލަޔާ ކޮންމެހެން ޖީންގެ މަންމަގެ ހުރިހާ ޒިންމާއެއް އުފުލާކަށް މަޖުބޫރެއް ނުކުރާނަން. ލަޔާ ރެޑީވި ދުވަހަކުން އެރޯލް އަދާ ކުރަން ފެށީމަ ރަނގަޅުވާނެ." އަފްލާކް ނުހަނު ލޯބިން ލަޔާލްގެ އިނގިލިތަކަށް ފިތައިލިއެވެ. "ނޫނޭ. ތީ ލާކްއަށް ހީވާ އެއްޗެއް. އަހަރެން މިއަދުވެސް ރެޑީ. އަހަރެންނަށް ވީ ވަރަކުން ޖީންގެ ކަންތައްތައް ކޮށްދޭން މިހުރީ ތައްޔާރަށް. އެކަމަކު ނެނީއެއް ހޯދީމަ ދެން ޖީން އަހަރެމެން އަތުގަވެސް ނުޖެހޭނެ." ލަޔާލް ދެފަރާތަށް ބޯ ހޫރުވައިލާފައި ވާހަކަދެއްކިއެވެ. އަފްލާކް އެއްޗެއް ނުބުނި ނަމަވެސް ލަޔާލްގެ ވާހަކައިން ހިތްހަމަ ޖެހުނުކަން މޫނުން ފައުޅުވިއެވެ. 

އިރުކޮޅަކުން ޝާމީ އައިސް ޓަކި ޖަހާލައިފައި ޖީން ހޭލި ޚަބަރު ދިނެވެ. ލަޔާލް ގޮސް ޝާމީއަށް އެހީވެގެން ދެމީހުން ނިކަން މަސައްކަތުން ޖީން ފެންވަރުވައި ރީތިކޮށްލިއެވެ. ގެންގޮސް ކާރަށް އެރުވި ފަހުން ނަސީބަކުން ޖީން މަސަލަސް ވެއްޖެއެވެ.

ސާރާ ނިޔާވުމުން އަފްލާކްގެ ހިތަށް ލިބުނު ހިތާމަ ކުޑައެއް ނޫނެވެ. އެކަމަކު އޭނާ އެހުންނަނީ ހިތްވަރު ކޮށްލައިގެންނެވެ. ކަރުނަތައް ހިންދާލައިގެން ދެރަ ނުވާކަމަށް ހެދިގެންނެވެ. އެކަމަކު ހަޤީޤަތަކީ އެއީއެއް ނޫނެވެ. ލަޔާލް އޭނާގެ ހަޔާތަށް އައުމުގެ ކުރީން ސާރާ އަކީ އަފްލާކްގެ ހަޔާތުގެ ބޮޑު ބައެކެވެ. އެއީ އޭނާގެ ފުރަތަމަ ލޯއްބެވެ. ފުރަތަމަ އަނބިމީހާއެވެ. ބޭނުން ވިއަސް ހަނދާން ނައްތާލަން ދަތި މިހާރު އެއީ އޭނާގެ ދަރިފުޅުގެ މަންމައެވެ. ސާރާގެ ވަކިވުމާއެކު އެދަނޑި ވަޅުގައި ޖީން ފެނުނުކަން އެއީ އަފްލާކްގެ ނަސީބެވެ. ޖީން ފެންނަ ކޮންމެ ފަހަރަކު ސާރާ ހަނދާންވި ނަމަވެސް ދިރިހުރުމަށް އެއީ ހިތްވަރަކަށް ވެގެން ދިޔައެވެ. އެހެންނޫންނަމަ އޭނާ މޮޔަވީހެވެ. އަދި މިއަދު ލަޔާލް އޭނާގެ ދިރިއުޅުމުގައި އަދާ ކުރާ ބަޔަކީވެސް ވަކި ކުޑަ ބައެއް ނޫނެވެ. ސާރާއަށްފަހު އޭނާގެ ހިތުގައި އާދަޔާ ޚިލާފް ވިންދެއް ޖެހީ ހަމައެކަނި ލަޔާލް އަށްޓަކައެވެ. 

އެރޭ ޖީން އަނެއްކާ ބޮޑާ ހާކަން ފެށިއެވެ. ކާން ނުދެވިގެން ޝާމީ ކޮޓަރި ތެރޭގައި ދެކޮޅަށް ދުވެ ދުވެފައި އުޅޭތަން ފެނިގެން ލަޔާލް ހަމްދަރްދީވިއެވެ. ޖީން ހީވަނީ ރޮއި ރޮއި ހިނދިދާނެ ހެންނެވެ. ގޭގެ ބާކީ ތިބިމީހުންވެސް އައިސް އިރުކޮޅަކުން ކޮޓަރި ތެރެއަށް ޖަމާވެއްޖެއެވެ. ކާޓޫން ދައްކައި ، ކުޅޭ އެއްޗެހި ދައްކައިވެސް މަސަލަސް ވާގޮތެއް ނުވިއެވެ. އަފްލާކްގެ ކައިރިއަށްވެސް ޖީން މިފަހަރު ނުދިޔައެވެ. ޝާމީއަށް ރޮވެން ކައިރިވެފައި ހުއްޓާ ލަޔާލް ވަދެފައި ވާހަކަ ދައްކަން ފެށިތަނާ ޖީން އަތުގައި އޮތް ރަބަރު މަރުތޭލަކުން ލަޔާލް ބޮލުގައި ޖަހައިފި އެވެ. ހީވެސް ނުކޮށް ހުއްޓާ އެލިބުނު ހަމަލާއިން ލަޔާލް އަނގައަށް މަޖާ ވައްތަރެއް ޖައްސާލެވިއްޖެއެވެ. ދެވަނަ ސިކުންތުގައި ޖީންގެ ހުނުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. ކޯތާފަތުގައި ނުހިކި ކަރުނައާއެކުވެސް ޖީން އެހާ މަޖާވެފައި ހޭން ފެށުމުން ދެންތިބި އެންމެންނަށްވެސް ހެވުނެވެ. 

"އޯލްރައިޓް. ހިޓް ހިމް!" ޔާނިޒް އެތާ ހުއްޓާ ފެނިގެން އަތުގައި ހިފާފައި ގެންގޮސް ޖީން ކައިރީ ބައިންދަމުން ލަޔާލް ބުނެލިއެވެ. ޖީން ފުރަތަމަ ބަލަން ހުރެލާފައި އިރުކޮޅަކުން ޔާނިޒް ބޮލުގައި ޖަހާފައިވެސް ހޭން ފަށައިފިއެވެ. އެތަން ބަލަން ހުރި ނަތާވެސް ގޮސް ޔާނިޒް ބޮލުގައި ބޯޅައަކުން ޖަހައިފިއެވެ. ޖީންގެ ހޭތަން ދެކެފައި އެންމެންގެ މޫނަށް އުފާވެރިކަން އައެވެ. ލަޔާލްއަށް އެންމެ މަޖާވީ ޔާނިޒް އެހުރިހާ ހަމަލައެއްގެ އަމާޒުފަތްގަނޑަކަށް ވެގެން އިނީމައެވެ. ކުޑަ ކުއްޖަކު ގޭގައި ނޫޅެ އެހާ ގިނަ ދުވަސް ވުމަށްފަހުވެސް އެގޭގެ އެންމެން ޖީންއަށްޓަކައި ފިދާވާން ތައްޔާރަށް ތިއްބެވެ. ޖީން ރުއްސާލެވުމުން ދެން ކާންދޭކަށްވެސް އުދަނގުލެއް ނުވިއެވެ. 

ނިދި އަންނަ ގޮތްވުމުން ލަޔާލް ކޮޓަރިއަށް ދިޔައެވެ. އަފްލާކް އޭރުވީ ރާފިލް އާއި ދެމީހުން ކޮފީއަކަށް ގޮހެވެ. ލަޔާލް ހެދުން ބަދަލު ކޮށްގެން އަދިވެސް އެއްފަހަރު ޖެހިގެން އޮތް ކޮޓަރީގައި އޮތް ޖީންގެ ޚަބަރު ބަލާލަން ދިޔައެވެ. ޖީން އާއި ޝާމީ ދެއެނދުގައި ނިދާފައި އޮތުމުން އޭނާ ހިތްހަމަ ޖެހިގެން އައިސް ކޮޓަރިއަށް ވަނެވެ. ގަޑި ބަލަބަލާ އޮތްވާ ލޯމެރެން ފެށިއެވެ. ލަޔާލް މެސެޖެއް ކޮށްލަން އުޅެފައިވެސް އަފްލާކްއަށް އުދަނގޫ ވެދާނެތީ އަޅައެއް ނުލައެވެ. ނިދި ފިލުވަން ވެގެން އޭނާ ތެދުވެފައި ކޮޓަރިން ގެނަ ހެދުންތައް ކޮނޑުގައި އަޅުވާފައި އަލަމާރިއަށް ލާން ފެށިއެވެ. ފުދޭވަރަކަށް ލަސްވެފައި ހުރުމުން ގިނަ މީހުން ވީ ކޮޓަރިތަކަށް ވަދެއެވެ. ލަޔާލްއަށް ފެންޖަގު ހުސްވެފައި ހުއްޓާ ފެނިގެން އެހިފައިގެން ނިކުތެވެ. ޔާނިޒް ނިކަން ބާރަށް ސިޑި އާއި ދިމާއަށް ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭނާ ޔާނިޒްގެ ބޯކޮޅު ބަލަމުން ގޮސް ސިޑިން ފައިބާފައި ތަނބަކާއި ނިވާވެލީ ޔާނިޒް އެނބުރި ބަލައިލަން އުޅޭހެން ހީވެގެންނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ފަހަތުން މީހަކު އަންނަކަން ނުވަތަ ނޫނކަން ޔަޤީން ކުރަން ވެގެން ޔާނިޒް އެނބުރި ބަލައިލިއެވެ. އަދި އަނެއްކާވެސް ހިނގައިގެންފައި ގޮސް ގެއިން ނިކުމެއްޖެއެވެ. އަފްލާކް ކައިރީ އެވާހަކަ ދައްކަން ނިންމައިގެން ލަޔާލް އެނބުރި ގޮސް ކޮޓަރީގައި އުޅެނިކޮށް ދޮރު ހުޅުވުނެވެ. އެނބުރި ބަލައިލާފައި އަފްލާކް ފެނުމުން އޭނާ ފިނިވެގެން އަނެއްފަރާތަށް އެނބުރި ޑްރެސިން ޓޭބަލް މަތީ ހުރި ފުޅިތައް ތަރުތީބު ކުރާކަމަށް ހެދުނެވެ. 

ކޮމެންޓް 0