އެންމެ ކައިރިއަށް އޮތް ގޯޅިން އަޅާލި ތަނާ ލަޔާލްގެ ފޯނު ވައިބްރޭޓްވިއެވެ. ބަލައިލި އިރު މެސެޖެއް އައީއެވެ. އޭނާ ހުއްޓިފައި މެސެޖް ހުޅުވައިލި އިރު މާހިން ލިޔެފައި އޮތީ ކަމެއް ދިމާވެގެން ދެވެން ނެތް ވާހަކަ އެވެ. ލަޔާލްއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އޭނާ ދެކޮޅު ބަލައިލާފައި އެނބުރި ގެއާއި ދިމާއަށް ހިގައިގެންފިއެވެ. އަފްލާކް ނުފެނިގެން ގުޅައިލުމުން ދިން ޚަބަރަކުން ކުޑަކޮށް ސިހުނެވެ. އަފްލާކް ހުރިތަނެއް އޮޅުން ފިލުވައިގެން އޭނާ ބާރު ބާރަށް އެދިމާއަށް ދާން ފެށިއެވެ. 

ލަޔާލްއަށް ދެވުނު އިރު އަފްލާކް ހުއްޓިލައިގެން ހުރީ ފަރުހޫދު ގޭ ކުރިމަތީގައެވެ. "ނަތާއަށް ކިހިނެތްވީ؟" ލަޔާލް ގޮސް ފުރަތަމަވެސް އަހައިލިއެވެ. "ނަތާ އުޅެނީ މިރަށުން ކުއްޖަކާއި ގުޅިގެން. އަހަރެން އައީ އެދެމީހުންގެ ފަސްފަހަތުން. ވަކި ހިސާބަކުން އަނެއް ފަރާތަށް އެނބުރިފައި ދެން ބަލައިލި އިރު ނޭނގެ އެމީހުން ވަންތަނެއް." އަފްލާކް ކިޔައިދިނެވެ. "އޯހ." ލަޔާލް ގާތަށް ކުޑަކޮށް ހިނިއައެވެ. މީހަކަށް ފާރައެލަނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. އަފްލާކްގެ އެސިފަ އޭނާއަށް ކުރިންވެސް ފެނިފައިވެއެވެ. "ވެއްޖެ ރާފިލްއަށް ގުޅަން. އޭނައަށް މިހާރު އެނގިފަވެސް އޮވެދާނެ." އަފްލާކް ކުއްލި އަކަށް ހަނދާން ވެގެން ފޯނު ނަގާފައި ރާފިލްއަށް ގުޅައިލި އެވެ.

ކޮޓަރީގައި އެކަކު އަނެކަކުގެ އަތުތެރޭގައި ދެލޯބިވެރިން ތިބެފައި ފޯނު ރިންގް ވެގެން ބަލައިލާފައި ރާފިލް ފުންމައިގެން ތެދުވެ އިށީންނެވެ. "ކިހިނެތްވީ؟ ކާކުގެ ފޯނެއް؟" ރާފިލްގެ ފަހަތުން ނަތާވެސް ތެދުވެފައި ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އެހިއެވެ. "ލާކްގެ ފޯނެއް." ރާފިލްގެ ޖަވާބު އަހާފައި ނަތާވެސް ހިސާބަކަށް ކަންބޮޑުވިއެވެ. "ހަލޯ.. ކީކޭ ލާކް؟" ރާފިލް ބާލީހުގައި ބުރަކަށި ޖައްސާލައިގެން ފޯނަށް ޖަވާބު ދިނެވެ. "އޭ ހަނދާން އެބަހުރިތަ އަހަރެން ކުރީ ދުވަހު ދެއްކި ވާހަކަ. ނަތާ އެއްކަލަ، ގައި ގޮވައިގެން ވަންތަނެއް ނޭނގިގެން މިއުޅެނީ. މިހާރު އެނގިއްޖެތަ އެއީ ކާކުކަމެއް؟ ކޮންތާކު ތިހުރީ؟ އާދެބަލަ އެމީހުން ފެނޭތޯ ރަށުތެރޭ ބުރެއް އަޅާލަން ދާން." އަފްލާކްގެ ވާހަކަ އިވިފައި ރާފިލްއަށް އިނދެވުނީ ފުރަތަމަ ދޭނެ ޖަވާބެއް ނޭނގިފައެވެ. އަފްލާކްއަށް ޖެހުނީ ދެވަނަ ފަހަރަށް އެނަމުން ގޮވައިލާށެވެ. 

"އަހަރެން ގޭގަ މިހުރީ. އިރުކޮޅަކުން އެބަ ދަން ތިގެއަށް." ރާފިލް އަމިއްލަ ނަފްސްގެ ހާސްކަން ކަނޑުވަން މަސައްކަތް ކުރަމުން އެނދުން ފޭބިއެވެ. "ގްރެޓް. އަހަރެން މިހުރީ ތިގޭ ދޮރުމަތީގައި." އަފްލާކްގެ އެޖުމްލަ އެއީ ކަންފަތަށް އެޅި ހޮނު ގުގުރިއެއް ފަދައެވެ. ވަގުތުން ފޯން ތިރިއަށް ދޫކޮށްލައިފައި ރާފިލް ގަމީސް ލާން ތެޅިގަތެވެ. "ނަތާ ހީ އިޒް ހިއަރ. އަވަހަށް މިތަނުން ނިކުމޭ." ރާފިލް ގަމީހުގެ ގޮށް އަޅުވަމުން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ނަތާ ދެލޯ ބޮޑުކޮށްފައި ތެދުވެގެން ދުއްވައިގަތީ ކުޑަދޮރާއި ދިމާއަށެވެ. ގޭގެ ކުރިމަތީގައި ތިބޭ މީހުންނަށް ނުފެނި ވަލު ފަރާތުން އޭނާ އުޅޭ ކޮޓަރިއަށް ވަދެވޭނެ ގޮތް ހުންނަކަން އެއީ ނަސީބެވެ. 

ފޯން ނަގައި ބާއްވާފައި ރާފިލްއަށް ކިރިޔާ އިސްތަށިގަނޑު ތަރުތީބު ކޮށްލެވުނު ކަމެވެ. ދެވަނަ ސިކުންތުގައި އަފްލާކް އާއި ލަޔާލް އައިސް އެތެރެއަށް ވަދެއްޖެއެވެ. "ކޮޓަރީގައި އޮވެގެން ކޮންކަމެއް؟" އަފްލާކް ވަށައިގެން ކަޅި ހިންގައިލުމުން ރޫ ޖެހިފައިވާ އެނދު ފެނުނެވެ. "ނަތާހެން ރާފިލްވެސް ސިއްރުން ކަމެއް ހިންގާލަނީތަ އަނެއްކާ؟" ޖަވާބު ނުދެވިގެން އުޅެނިކޮށް އަފްލާކް ބުނެލި ވާހަކައިން ރާފިލްގެ މުޅި މޫނު ހުދުވެގެން އައެވެ. އޭނާ ރަނގަޅަށްވެސް ބަސް ހުސްވެއްޖެއެވެ. "ކިޑިން." އަފްލާކް ހީގެންފައި އައިސް ރާފިލްގެ ކޮނޑުގައި ޖަހައިލިއެވެ. ލަޔާލް ވަކި މަޤްސަދެއް ނެތި ގޮސް ރޫޖެހިފައިވާ ބެޑްޝީޓް ފެނިގެން ރީތިކޮށްލަން އުޅުމުގެ ތެރޭގައި ޓައިލްސް މައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އެއަޑަށް ރާފިލް އާއި އަފްލާކްވެސް އެދިމާއަށް ބަލާލައިފިއެވެ. ލަޔާލް ގުދުވެފައި ތެދުވެ ހިންދެމިލި އިރު އަތުތެރޭގައި އޮތް ކެވެލި ގަނޑަށް ބަލަން ހުރެވުނީ ބިރެއްފެނިގެން ބަލާ ފަދަ ގޮތަކަށެވެ.

"ލަޔާލް! ގެނޭ ތި!" ރާފިލް ގަދަކަމުން ހިންދިރުވާލައިފައި އަފްލާކް އަށްވުރެ ކުރިން ގޮސް ލަޔާލް ކުރިމައްޗަށް ހުއްޓުނެވެ. ރާފިލްގެ ސީރިއަސް ކަން ފެނިގެން އަފްލާކްވެސް ހައިރާން ވެއްޖެއެވެ. ރާފިލް މީގެ ކުރިން ދުވަހަކުވެސް އަންހެންގެ ކުއްޖެއްގެ ކަމެއް އޭނާއަށް ސިއްރު ކޮށްފައެއް ނެތެވެ. "ހީ ޑިޒާވް ޓު ނޯ..." ލަޔާލް މުށުތެރޭގައި ކެވެލިގަނޑު ފޮރުވާލައިފައި އަތް ފުރަގަހަށް ލިއެވެ. ރާފިލް ސަލާމަތް ކުރަން އޭނާ އަފްލާކްއަށް ކެހިދޭކަށް ބޭނުމެއް ނޫނެވެ. "ލަޔާލް ޕްލީޒް!" ރާފިލް ގޮތް ހުސްވެގެން މުށްކަވާލައިފައި ނިތުގައި ދެފަހަރަކު ޖަހައިލިއެވެ. އެދެލޮލުން ލަޔާލްއަށް އާދޭހުގެ ކުލަވަރު ފެނުނެވެ. "ރާފިލް! ލަޔާލް! ވަޓް އިޒް ގޯއިން އޮން؟" އަފްލާކްއަށް މާހައުލުގެ ސީރިއަސްކަން އިހްސާސް ވެގެން ގޮސް ދެމީހުންގެ މޫނަށް ބަލައިލާފައި އެހިއެވެ. އެވަގުތު ލަޔާލް އަތްތިލަ ކުރިމައްޗަށް ގެނެސް މުށް ހުޅުވާލުމުން ރާފިލްއަށް އެނބުރެވުނީ އަނެއް ފަރާތަށެވެ.

އަފްލާކް ބަލަހައްޓައިގެން ހުރެލާފައި ކެވެލިގަނޑު ނަގައި ދެއިނގިލިން ހިފަހައްޓާލިއެވެ. އަފްލާކްގެ މޫނުގައި އެތިފަހަރެއް އެޅި ކަހަލައެވެ. ވަގުތުން އެދެލޯ އަނގުރުކޮޅެއް ފަދައިން ރަތްވެގެން އައި ގޮތަށް ކަރުނަތައްވެސް ބޮނޑިވެއްޖެއެވެ. ލަޔާލްއަށް އަތް އަޅާލެވުނީ އަނގަމަތީގައެވެ. އަފްލާކްއަށް ވީ ގޮތް ދެކެފައި އޭނާގެ ލޮލުންވެސް ކަރުނަ ހިލެން ތައްޔާރު ވެއްޖެއެވެ. ދުވަހަކު އެހާ އަސަރު ކޮށްފައި އަފްލާކް ހުރި ތަނެއް އޭނާ ނުދެކެއެވެ.

"ސަން އޮފް އެ ބިޗް!" ކެވެލިގަނޑު މުށުތެރޭގައި ބޮނޑިކޮށްލަމުން އަފްލާކް ބަލާކަށް ނުހުރެ ރާފިލްގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލީ ހަޅޭއްލަވައިގެންފައެވެ. ދެވަނަ ސިކުންތުގައި ތަނެއް ދޮރެއްނުބަލައި އެމޫނަށް ގޮށްމުށުގެ އެތިފަހަރުތައް ދޫކުރަން ފެށިއެވެ. ލަޔާލް ރޮއި ހަޅޭތްލަވަމުން ދުވެފައި ގޮސް އަފްލާކްގެ އަތުގައި ހިފަހައްޓާލި ނަމަވެސް އިރުކޮޅެއްވީއިރު ވިއްސައިގެން ގޮސް އޮތީ ބިންމަތީގައެވެ. އަފްލާކް އެވަރުންވެސް ހުއްޓާކަށް ނޫޅެއެވެ. ރާފިލްގެ ހަށިގަނޑުގައިވާ ހުރިހާ ކަށްޓެއް މުގުރައިލަން ގަސްތު ކޮށްފައިވާ ކަހަލައެވެ. "ހުރި ނުބައިކަން ބަލާބަލަ! މިއޮތް ބޮޑު ދުނިޔޭން ކަލެއަށް އަހަރެންގެ ކޮއްކޮ ނޫނީ ނުފެނުނީތަ. ޝީޒް އޮންލީ ސިކްސްޓީން... ކިހިނެތް ރާފިލް ތިހާ މުޑުދާރު ނަޒަރަކުން ނަތާ އާއި ދޭތެރޭ ދެކުނީވެސް. އެންމެ ފަހަރަކުވެސް ހިތަށް ނާރާތަ އެއީ އަހަރެންގެ ކޮއްކޮއޭ." އަފްލާކް އެތިވަރު ގޮވަމުން ގޮސް އެންމެ ފަހުން ރާފިލް ޓައިލްސް މައްޗަށް ވައްޓާލައިގެން މޭމަތީގައި އަރާ އިށީންދެއްޖެއެވެ. ރާފިލްގެ އަނގައިންނާއި ނޭފަތުން ލޭ އަންނަމުން ދިޔައިރުވެސް ސަލާމަތް ވާން މަސައްކަތް ނުކުރިތާގައި ދިފާޢު ކުރާކަށްވެސް ނޫޅެއެވެ. ލަޔާލްއަށް އެމަންޒަރު ބަލަން ކެތްނުވެގެން ތެދުވެފައި ދުއްވައިގަތީ އެހީއެއް ހޯދުމަށެވެ. 

ކޮޓަރިން ނިކުތްތަނާ ނަތާ ފެނުނީ ދުރުގައި ހުރި އެހެން ކޮޓަރިއަކުން ނިކުމެގެން އައި ތަނެވެ. އެވަގުތު ލަޔާލްގެ މޫނު ދެކެފައި ނަތާ ދުވެފައި އައެވެ. ސުވާލު ނުކުރެވެނީސް އޭނާއަށް އަފްލާކް އާއި ރާފިލްގެ އަޑު އިވިގެން އަވަހަށް ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ.

"ރާފިލް.........!!!" ނަތާއަށް ރޮއިގަނެވުނެވެ. އަފްލާކްއަށް ނަތާގެ އަޑު އިވިގެން ކޮޅަށް ތެދުވެފައި އެނބުރި ބަލައިލިއެވެ. ރާފިލް އޮތް ހާލު ފެނުމުން ކައިރިއަށް ދާން ފިޔަވަޅެއް އަޅާލައިފައިވެސް ނަތާ ފަސްޖެހުނީ އަފްލާކްގެ ލޮލުން ބުރަން ފެށި އަލިފާންކަނިތައް ދެކެފައެވެ. "ހެޔޮނުވާނެ ދޮންބޭ. ރާފިލްއަށް އަނިޔާ ނުކުރޭ. މީގަ އޭނާގެ އެއްވެސް ކުށެއް ނެތް. ހީ ޓްރައިޑް ޓު ސްޓޭ އަވޭ. އަހަރެން އެގޮތް ގަބޫލު ނުކުރި މީހަކީ. އަހަރެން ރާފިލްއަށް މަޖުބޫރު ކުރީ. އެހެންނޫންނަމަ އޭނާ ދުވަހަކުވެސް އަހަރެންގެ ލޯބި ގަބޫލެއް ނުކުރާނެ. ޕްލީޒް ދޮންބޭ ތިހެން ނުހަދާ! އަހަރެމެން އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ..." ނަތާ ދެއަތް ޖޯޑުކޮށްލަމުން ރޮއިގެންފައި ގޮސް ކުޑަކަކޫ ޖަހައިލީ އަފްލާކްގެ ފައިބުޑުގައެވެ. ލަޔާލް ދޮރުކައިރީގައި ބުނާނެ އެއްޗެއްވެސް ނޭނގިފައި ބަލަން ހުއްޓެވެ. ނަތާގެ އެވާހަކަތައް އިވިފައި އަފްލާކްގެ ރުޅި ހައްތަހާ އިތުރު ވާގޮތްވިއެވެ. 

"މީ ލޯއްބެއް ނޫން. ލޯބީގެ ނަމުގައި ރާފިލް ނަތާ ޔޫސްކުރީ. ހަޤީޤީ ލޯބިވާނަމަ ކުޑަމިނުން ނަތާގެ އުމުރާއި މެދު އޭނަ ވިސްނީސް. އެންމެ ފުރަތައިނުން ވެސް ގެނެސް ބެޑް ފަޅުފިލުވާކަށް ނޫން މަސައްކަތް ކުރާނީ. ޗީ." ކޮއްކޮގެ ކުރިމަތީގައި އެވާހަކަ ދައްކަންވެސް އަފްލާކްއަށް ދަތިވިއެވެ. ރުޅިއައިސްފައިވާ ދެލޯ އޭނާ އަނެއްކާވެސް އަމާޒު ކޮށްލީ ރާފިލް އަށެވެ. ރާފިލް އޭރު ކޮޅަށް ތެދުވެ ގަމީސް ރީތި ކޮށްލައިފައި ޓިޝޫ އަކުން ލޭތައް ސާފު ކޮށްލަނީ އެވެ.

"އޯލްރައިޓް. މިނިޓަކަށް ހިންގާ ނިންމަމާ ލާކްގެ ތިވާހަކަ ތަކަކީ ތެދެއްކަމަށް. ލޯބީގެ ނަމުގައި އަހަރެން ނަތާ ޔޫސް ކުރީ ކަމަށް. އިނގޭތަ އޭރުން ވާނެގޮތް؟ ވީ އާ އީވެން." އޭނާގެ އިހްސާސް ތަކާއި ބެހޭގޮތުން އަފްލާކް ވާހަކަ ދެއްކި ދަށު ދަރަޖައިން އަސަރު ކޮށްގެން ރާފިލްވެސް އިތުރަށް އަނގައި ހިމޭނުން ލައިގެން ހުންނާކަށް ބޭނުމެއް ނުވިއެވެ. "ކީކޭ ކިޔަން ތިއުޅެނީ؟" އަފްލާކް ބާރު ބާރަށް ސުވާލު ކުރިއެވެ. "މިހާރު ދެން އަހަރެންގެ ސީކްރެޓް ލާކްއަށް އެނގުނީ. ހިއެއްނުވޭތަ ލާކްގެ ސީކްރެޓްވެސް ލަޔާލްއަށް އަންގަން ޖެހޭ ވަގުތު އަތުވެއްޖެހެން؟" ރާފިލް މޫނާއި ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއެކުވެސް ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. "ރާފިލް ކީކޭ އެކިޔަނީ؟" އެވަގުތު ލަޔާލްއަށް ނުހުރެވިގެން އަވަހަށް އަހާލިއެވެ. "ހީޒް ބްލަފިން." އަފްލާކް ލަޔާލްއަށް ޖަވާބުދީފައި އަނެއްކާވެސް ރާފިލްގެ މޫނަށް ގޮށްމުށުގެ އެތިފަހަރެއް އަމާޒު ކޮށްލިއެވެ. އެކަމަކު ރާފިލް މިފަހަރު ހުރީ ހުޝިޔާރު ވެގެންނެވެ. މޫނާއި ހަމައަށް ވާސިލް ވުމުގެ ކުރީން އޭނާ އަފްލާކްގެ އަތުގައި ހިފާ ހުއްޓުވައިފި އެވެ. 

"ހަނދާނުން ކައްސާލީތަ؟ ނޫނީ ހަޤީޤަތް އެނގިދާނެތީ ބިރުގަންނަނީތަ؟" ރާފިލްގެ ބޭނުމަކީ އިތުރަށް އަފްލާކް އަންދާލުމެވެ. އެކުވެރި ކަމާއިމެދު ވިސްނާ ވަރަށް ވުރެ އޭނާ މިވަގުތު ހުރީ ރުޅި އައިއްސައެވެ. އަފްލާކް ނުބެހެއްޓި އޯގާތެރިކަމެއް އޭނާ ވަކި ބަހައްޓަންވީ ކީއްކުރަން ހެއްޔެވެ؟ "ރާފިލް ފާޑު ފާޑަށް އަނގަ ނުތަޅުވާ ތި ބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނަންވީއެއްނު." ލަޔާލްގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެދެމީހުންގެ ކައިރިއަށް ހުއްޓުނެވެ. އަފްލާކް އެވަރަކުން ރާފިލްގެ ވާހަކަ ކުރިއަށް ގެންދިޔަ ނުދޭން އެކުރާ މަސައްކަތުން އޭނާއަށް ޝައްކެއް ވެއްޖެއެވެ.

"އަދިވެސް ފެނުނު މަންޒަރުތައް މަދުވެގެންތަ ލަޔާ އޭނަގެ ވާހަކަ އަހަން ތިމަސައްކަތް ކުރަނީ؟ އެކަހަލަ މީހުން ތެދެއް ނުހަދާނެ. ވެގެންވިއްޔާ ދޮގެއް ހަދައިގެން ކޮންމެވެސް ކަމެއް އޮޅުވާލަން ނޫނީ މީހަކު ވާވައްދަން މަސައްކަތް ކުރާނީ. ހިނގާ ގެއަށް ދާން." އަފްލާކް އަވަހަށް ލަޔާލްގެ އަތުގައި ހިފައިގެން އެތަނުން ނެރެން މަސައްކަތް ފެށިއެވެ. "ނޫން. އަހަރެން މިތަނުން ދާނީ ރާފިލް އެބުނަން އުޅޭ އެއްޗެއް އަޑު އަހާފަ." ލަޔާލް ގަދަ ހަދައިލުމުން ހައިރާންވެގެން އަފްލާކްއަށް ބަލައިލެވުނެވެ. އޭނާ ރުޅިވެސް އަތުވެއްޖެއެވެ. އެކަމަކު ރާފިލް އާއި ނަތާގެ ކުރިމަތީގައި ލަޔާލްއަށް މާބޮޑަށް މަޖުބޫރު ކުރާކަށް ބޭނުމެއް ނުވިއެވެ. ލަޔާލް ގޮސް ރާފިލް ކުރިމައްޗަށް ހުއްޓުނެވެ. އެވަގުތު ކަންބޮޑުވެގެން އަފްލާކްއަށް ހިފަހައްޓާލެވުނީ ދޮރުކަނީގައެވެ. ނަތާވެސް ހުރީ ރާފިލް ދައްކަން އެއުޅޭ ވާހަކައެއް އޮޅުން ފިލުވަން ބޭނުން ވެފައެވެ. 

"ދެން ނިކަން ބުނެބަލަ! ކޮންގޮތަކުން ލާކް އާއި ރާފިލް އާއި އެއް ދަރަޖައަކަށް ވެއްޓެންވީ؟ ލާކް ކޮން ސީކްރެޓްއެއްގެ ވާހަކައެއް ތިދައްކަނީ؟" ލަޔާލް ސުވާލުކޮށްލާފައި އަދިވެސް އެއްފަހަރު އެނބުރި އަފްލާކްއަށް ބަލައިލިއެވެ. "ލާކް ދެންމެ އެބުނީއެއްނު ލޯބީގެ ނަމުގައި އަހަރެން ނަތާ ޔޫސް ކުރީއޭ. ޓްރަސްޓް މީ ލަޔާލް އަހަރެންނަށް އެނގޭ ލާކް ކަންތައް ކުރި ގޮތަކީ އެއީކަން. ތިކައިވެންޏަކީ އޮޅުވާލުމެއް. ލާކް ލަޔާލް އާއި ކައިވެނި ކުރީ ލޯއްބަކުން ނޫން. ލާކް ޖެއްސި ގޭމެއް އެއީ. ލޯބީގެ ނަމުގައި ލަޔާލްގެ ފީލިންގްސް ތަކާއި އޭނަ ކުޅެލީ ހަމަ އެންމެ ބޭނުމެއްގައި. ލާކްގެ ބޭނުމަކީ ލަޔާލް ހާސިލް ކުރުން." ތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުމާއެކު ދެފަހަރު ދެމީހުންނަށް ބަލައިލާފައި ރާފިލް ޖަވާބުދިނެވެ. އެއިން ކޮންމެ ޖުމްލައެއް ލަޔާލްގެ މޭ ފޫ އަޅުވާލައިފައި ދިއުމުން ދެފަރާތަށް ބޯ ހޫރުވައިލަ ހޫރުވައިލާ ހުރެވުނެވެ. "ނުވާނެ އެހެނެއް. ތީ ހުސްދޮގު. ރާފިލް ދޮގު ހަދަނީ. ލާކް އެހެނެއް ނުހަދާނެ." ލަޔާލް ވަގުތުން ރާފިލްގެ ގިރުވާނުގައި ދެއަތުން ހިފާ ތަޅުވައިގެންފައި އެވާހަކަތައް ދޮގު ކުރިއެވެ. 

"ދޮގެއް ނޫން މީ. ލަޔާލްއަށް ދޮގެއް ހަދައިގެން އަހަރެންނަށް ލިބޭނެ މޮޅެއް ނެތް. ލާކްގެ އަނގައިން އަހަރެން ކައިރީ ބުނީ ލަޔާލްދެކެ ރުޅި އަންނަ ވާހަކަ. ލަޔާލް ގަޓް ނެތިކޮށްލާނެ ކަމަށް. ސައިޒަށް ތިރިކޮށްލާނެ ކަމަށް. އަދި އެއަށްފަހު ވަރިކޮށްލާފަ އެއްލައިލާނެ ކަމަށް. އަހަރެންގެ ވާހަކަ އަދި ގަބޫލު ނުކުރެވުނަސް ލަޔާލް އަމިއްލައަށް ވިސްނާލަބަލަ! ހިތަކަށް އެންމެ ފަހަރަކުވެސް ނާރާތަ އެހާ ނުރުހޭ މީހަކު ކުއްލިއަކަށް ލޯބިވެއޭ ބުނީ ތެދުހިތަކުންބާއޭ؟ ދެއަހަރު ވާންދެން އަންހެނަކަށް ބަލައިލަން ކީއްކުރަން ކަޅިއެއް އެއްލަންވެސް ނުރުހުނު މީހަކު މުޅި އުމުރަށް ލަޔާލްގެ މީހަކަށް ވާން އެހާ ފަސޭހައިން އެއްބަސްވި ގޮތާއި މެދު ސުވާލެއް ނުއުފޭތަ؟" ރާފިލްގެ ސުވާލުތަކުން ލަޔާލްއަށް ވެރިވީ އަޖައިބެއްފަދަ ހިމޭން ކަމެކެވެ. ދެއަތް ތިރިކޮށްލައިފައި އިސްޖަހައިގެން އޭނާ ހުއްޓާ އަފްލާކް އައިސް އަނެއްކާވެސް އަތުގައި ހިފައިލިއެވެ. އޭނާ ހީކުރީ ރާފިލްގެ އެއްވެސް ވާހަކައެއް ލަޔާލްގެ ހިތާއި ހަމައަށް ނުފޯރާ ކަމަށެވެ.

"ކޮންމެ ދުވަހަކު ހިތަށް އަރާ މީ ހަޤީޤަތެއް ބާއޭ؟ ކިތަންމެ ފަހަރަކު ޝައްކުވި. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް އަހަރެން އެހިތަށް ވިސްނައިދެނީ. އަހަރެންގެ ދެކަންފަތުން އިވުނު ވާހަކަތައް އެއީ ނީވޭ އެއްޗެއް ކަމުގައި ހެދިން. އަދި އަހަރެންގެ އަމިއްލަ ހިތާއިވެސް ދެކޮޅަށް އަފްލާކްއަށް އަހަރެން ޓްރަސްޓް ކުރިން. އަދި މިއަދު ރާފިލް ކޮންމެ އެއްޗެއް ކީ ކަމުގައިވިއަސް، އަދިވެސް އަހަރެންނަށް ގޮތެއް ނިންމެން އޮތީ ލާކް ބުނާ އެއްޗަކުން. ލާކް ބުނެދީބަލަ! ރާފިލްގެ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަޤީޤަތެއް ފޮރުވިފައިވޭތަ؟" ލަޔާލް އިސްއުފުލައިލާފައި އެބޮޑު ދެލޮލުން ބަލައިލި ގޮތުން އަފްލާކްއަށް އުދަނގޫ ވެގެން އެސްފިޔަތައް ތިރިކޮށްލެވުނެވެ. އެހުރިހާ ވާހަކައެއް ވަގުތުން ދޮގު ކުރާން ބޭނުންވި ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ. އަމުދުން ލަޔާލްގެ އެލޮލަށް ބަލަން ހުރެގެން މިއަދު އޭނާއަކަށް ނުވާނެއެވެ.

"އެންމެ ފުރަތަމަ އަހަރެން ކަންތައް ކުރީ އެގޮތަށް....އެކަމަކު......" އަފްލާކްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކުއްލި އަކަށް ކޯތާފަތުން ދިލަ އަރައިގެން ދިއުމުން ސިއްސައިގެން ގޮއްސައި ޖުމްލަ މެދު ކަނޑާލެވުނީއެވެ. ލަޔާލްގެ ދެލޮލަށް ޖަމާވަމުން އައި ބޮޑެތި ކަރުނަތިކި ތަކާއެކުވެސް އަލިފާންކަނި ބުރާހެން ހީވިއެވެ. އިތުރަށް އެންމެ ސިކުންތަކު ވެސް އެތާ ހުންނާކަށް ލަޔާލް ބޭނުމެއް ނުވިއެވެ. އަނެއް ފަރާތަށް އެނބުރިފައި އޭނާ ދުއްވައިގެންފިއެވެ. އަފްލާކް އެހުރި ފިޔަވަޅު މަތީގައި އަނގައިންވެސް ނުބުނެވިފައި ހުއްޓާ ލަޔާލް ލޯމަތިން ގެއްލުނީއެވެ.

ސިކުނޑި މަސައްކަތް ކުރަން ފެށުމުން އަފްލާކް ފުރަތަމަވެސް މުށްކަވާލިއެވެ. ލަޔާލް އެގޮތަށް ރާފިލްމެން ކުރިމަތީ މޫނުގައި ޖަހާފައި ދުވެ ފިލުމުން ރުޅިވެސް އަތުވެއްޖެއެވެ. ދެފަރާތް ބަލައިލި އިރު ނަތާ އަދިވެސް ހުރީ އަނގަމަތީ އަތް އަޅާލި ގޮތަށެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފެނެއެވެ. ރާފިލް ގެ މޫނަކުވެސް ކުރިން ފެނުނު ކުލަވަރެއް ނެތެވެ. ރުޅި އައެއް ކަމަކު ލަޔާލްއަށް ވީ ގޮތް ފެނިފައި އޭނާވެސް ދެރަވެއްޖެއެވެ. "ނަތާ ހިނގާ ގެއަށް. ހަމަ މިރޭ އަހަރުމެން މިރަށުން ފުރާނަން." އަފްލާކް ބާރު ބާރަށް އައިސް ނަތާގެ އަތުގައި ހިފައިގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެންމެން ނިކުމެގެން ދިއުމުން ރާފިލްއަށް ވެއްޓިގަނެވުނީ އެތާ ހުރި ގޮނޑިއަށެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އޭނާ އަމިއްލަ ނަފްސް ކުށްވެރި ކުރިއެވެ. އައި ރުޅީގައި އޭނާއަށް އެކުރެވުނީ ކިހާ ދެރަ ކަމެއް ހެއްޔެވެ؟ އޭނާގެ އެންމެ ނިންމުމަކުން އެކުވެރިޔާގެ ޒަވާޖީ ހަޔާތުގައި ކުނި ޖެހުނީއެވެ.

އަފްލާކް ގެއަށް ގޮސް ފުރަތަމަވެސް އަޒީ ހޯދައިފައި ފުރާ ވާހަކަ ބުނެފިއެވެ. އަޒީގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ރާފިލްގެ ވާހަކަ ބުނުމުން އަޒީ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ވަގުތުން ގުޅާފައި ޓިކެޓް ކަންތައް ހަމަޖައްސައިފި އެވެ. ބާރައިގެ ފްލައިޓުން މާލެ ދިއުމުގެ ހުރިހާ ކަމެއް ހަމަޖެހުނު ތަން ބަލަން ހުރެފައި އަފްލާކް ވަނީ ކޮޓަރިއަށެވެ. ލަޔާލް އާއި ދައްކާނެ ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދޮރު ހުޅުވާލިއިރު ލަޔާލް އޮތީ ބަނޑުން އެނދަށް ވެއްޓި ގަނެގެންނެވެ.

"ލަޔާ!" އަފްލާކް ގޮސް މަގަތުގައި އިށީންދެފައި ގޮވައިލިއެވެ. ހިތްހަމަ ނުޖެހިފައި ހުއްޓަސް އޭނާ މަޑުމައިތިރި ކަން އިޚުތިޔާރު ކޮށްފައި ލަޔާލްގެ ކޮނޑުގައި ހިފައި އެނދުން ނަގަން އުޅުނެވެ. އެކަމަކު ލަޔާލް ހައްތަހާ ބޮޑަށް ބާލީހުގައި މޫނު ފޮރުވައިގެން އިތުރަށް ބޮނޑިވެލީއެވެ. "ބާރައިގެ ފްލައިޓުން މާލެ ދާން މިއުޅެނީ. ޕެކް ކޮށްގެން ތައްޔާރުގައި ހުންނާތި!" މިވަގުތަށް ލަޔާލް އާއި ވާހަކަ ދައްކަން އުޅެގެން ފައިދާއެއް ނުނިކުންނާނެ ކަން ވިސްނިގެން އަފްލާކް ތެދުވެފައި ބުނެލިއެވެ. އޭނާ އަނެއް ފަރާތަށް އެނބުރިފައި ގޮސް ފޮށްޓަށް އެއްޗެހި އަޅަންވެގެން އަލަމާރި ހުޅުވާލި ތަނާ ލަޔާލް ތެދުވެގެން އައިސް އަތުގައި ހިފެހެއްޓިއެވެ. 

"އަމިއްލަ އެއްޗެހި ފޮއްޓަށް އަޅާ. އަހަރެންގެ އެއްޗެހީގައި އަތްލާނެ ކަމެއް ނެތް. މަށެއް ނޫޅެން މާލެ ދާކަށް." އަފްލާކް ނަގައިގެން ހުރި ދެކޮނޑުން އެއް ކޮނޑު ދަމައިގެންފައި ލަޔާލް ބުނެލިއެވެ. އޭނާ އަލަމާރިން ނެގި ދެކޮނޑުން ކުރެ އެއްކޮނޑުގައި ލަޔާލްގެ ހެދުމެއް ހުރިކަންވެސް އެނގުނީ އެހިސާބުންނެވެ. އެއަޑު އަހާފައި ހަތަރު ކަޅި ހަމަކޮށްލުމުން އަފްލާކްއަށް ހަމްދަރްދީ ވެވުނެވެ. ލަޔާލްގެ ރީތި ދެލޯ އެހާ އަވަހަށްވެސް ދުޅަވެއްޖެއެވެ. "އަހަރެންނަށް އިނގޭ ލަޔާލް ތިހުރީ ވަރަށް ރުޅި އައިއްސާކަން. އެކަމަކު މީ ބޮޑާ ހާކަންވީ ވަގުތެއް ނޫން. މާލެ ގޮއްސަ އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން. ޓިލް ދެން... އަހަރެން ބުނާ ގޮތަށް ކަންތައް ކޮށްދީބަލަ!" އަފްލާކް ވިސްނުން ތެރި ކަމާއެކު ވާހަކަ ދެއްކިއެވެ. "މީގަ ދައްކާނެ ވާހައެއް ކޮބައިތަ؟ ވާހަކަ ދައްކާނީ ހައްލު ކުރަން ކަމެއް އޮތްނަމައެއްނު. ލާކް އަދިވެސް ގޭމް ކުޅެ ނުނިމޭތީ ދޯ އަހަރެން ގެންދަން ތިއުޅެނީ. އެކަމަކު ދެން ނުވާނެ. އިތުރަށް އެންމެ ދުވަހެއްވެސް މަ ނުހުންނާނަން ޓޯއީ އަކަށް ވެގެނެއް." ލަޔާލް ހަށަންބަނދެލައިގެން ގޮސް އިށީންދެލީ އެނދުގައެވެ. އަފްލާކް އެންމެ ހައިރާންވީ އެނާޒުކް ވަގުތުވެސް ލަޔާލް ރޮއި ކަރުނަ އޮއްސުމުގެ ބަދަލުގައި ޒުވާބު ކުރަން ފެށީމައެވެ. އޭނާއަށް ކުރިންވެސް އޮތީ އެނގިފައެވެ. ލަޔާލް އަކީ އާދައިގެ އަންހެން ކުއްޖެއް ނޫނެވެ. އެކަމަކު މިއަދު އޭނާ އަނެއްކާވެސް ހައިރާން ކޮށްލައިފިއެވެ. 

"އަހަރެން ބުނެލަން އެންމެ ވާހަކައެއް. އަހަރެންގެ އަންބެއްގެ މަޤާމުގައި ހުރިހާ ދުވަހަކު ކަންތައް ކުރަން ޖެހޭނީ އަހަރެން ބުނާ ގޮތަކަށް." އަފްލާކް ހަރުކަށި ވެލާފައި ކުއްލިއަކަށް ގޮސް އަތުގައި ހިފާ ބާރު ކޮށްލުމުން ލަޔާލް ސިހުނެވެ. އެކަމަކު ދެންވެސް އޭނާ އެއަތް ފޮޅުވާލާފައި ތެދުވެގެން ދުއްވައިގަތީ ދޮރާއި ދިމާއަށެވެ. ދެއުކުޅުގައި އަތް ވިދެލަމުން އަފްލާކްއަށް ދަތް އަޅާލެވުނީ ތުންފަތުގައެވެ. ނިތަށް އޭރު ރޫ ގިނަވެފައި ހުއްޓެވެ. އިރުކޮޅަކުން އަޑުފަތްގަނޑެއް އިވިގެން ބަލައިލިއިރު ލަޔާލް އޮތީ ދޮރު ކައިރީގައި ޚަބަރު ހުސްވެފައެވެ. ހުރެވުނު ތަންވެސް އަފްލާކްއަށް ނޭނގުނެވެ. ބާރު ބާރަށް ގޮސް ތިރީގައި ކުޑަކަކޫ ޖަހާލައިފައި އޭނާ ލަޔާލްގެ މޫނުގައި ދެއަތުން ހިފާ ގޮވަން ފެށިއެވެ.

ކޮމެންޓް 0