ޔާނިޒް އެނދުން ތެދުވެ ހިންދެމިލީ ލޯގަނޑަށް ބަލަން ހުރެގެންނެވެ. ފަސްއެނބުރި ބަލައިލުމުގެ ބަދަލުގައި އޭނާ ކުރިއަށްގޮސް ލޯގަނޑުގެ އެންމެ ކައިރިއަށް ހުއްޓި އަތް އުފުލާލިއެވެ. ލޯގަނޑުން ފެންނަން ހުރީ ޝާމީގެ ސޫރައިގައި އަތްތިލަ ޖައްސާލައިގެން ހުރެފައި އިރުކޮޅަކުން ފަސްއެނބުރި ބަލައިލިއެވެ. އޭނާއަށް ޤަބޫލު ކުރެވުނީ އަދި އެހިސާބުންނެވެ. ޝާމީގެ އެެސޫރަ ފެންނަން ހުރީ ހަމައެކަނި ލޯގަނޑަކުން ނޫނެވެ.

"ޝާމީ! އިޓްސް ރިއަލީ ޔޫ." ޔާނިޒް ޝާމީގެ ފައިން ފެށިގެން ބޮލަށް ނަޒަރެއް ދެމުން ވާހަކަދެއްކިއެވެ. އޭނާ ކުރިއަށް ޖެހިލުމުން ޝާމީ އަވަހަށް ފަހަތަށް ފިޔަވަޅެއް އަޅާލިއިރު ހުރީ އެދެމެދަށް އަތް ހުރަސް ކޮށްލައިގެންނެވެ. "ތެދެއް ތިބުނީ. މީ އަދިވެސް ހަމަ އަހަރެން. އެކަމަކު ތީ އަހަރެން ކުރިން ދަންނަ ނިޒްއެއް ނޫން." ޝާމީގެ ހަރަކާތުން ޔާނިޒް އިތުރަށް ކުރިއަށް ނުގޮސް ހުއްޓިފައި އެވާހަކަ އިވިގެން ދެބުމަ ކައިރިކޮށްލެވުނެވެ. ޝާމީ އެކިޔަނީ ކީކޭ ހެއްްޔެވެ؟ އޭނާއަކަށް ނުވިސްނުނެވެ.

"އަހަރެންގެ ނިޒް އަކީ ހަރުކަށި މީހެއް ނޫން. އެހެން މީހުންގެ ބޮލުގައި ތުހުމަތު އަޅުވައެއް ނޫޅޭނެ. އަމުދުން ލަޔާލްދައްތަ އާއި ދުޝްމިން ވުމަކީ ނިޒް ކުރާނެ ކަމެއް ނޫން." ޔާނިޒް ސުވާލު ކުރަން ބޭނުންވެފައި ހުއްޓާ ޝާމީ އިތުރު ކޮށްލިއެވެ. ޔާނިޒްއަށް ޝާމީ ބުނަން އުޅޭ އެއްޗެއް ފަހުމް ވީ އެހިސާބުންނެވެ. ވާހަކަ ދެއްކުމުގެ ބަދަލުގައި އިސްޖަހާލެވުނީ އެހެންވެގެންނެވެ. "ލުކް ޝާމީ...އަހަރެން....." ޔާނިޒް ދައްކަން ބޭނުންވި ވާހަކަތައް ގިނަ ކަމުން ކުރިއަށް ގެންދަން އުނދަގޫވިއެވެ. ހުރި ފިޔަވަޅު މަތީ ހުރެގެން އޭނާ ދެޖީބަށް އަތް ޖަހައިލިއެވެ. އެމޫނަށް ބަލަހައްޓައިގެން ޝާމީ ހުރެފައި ލޮލުން ކަރުނަ ފުހެލިއެވެ. އޭނާގެ ހިތުގައި އެއްފަހަރާ އެތައް އިހްސާސްތަކެއް އުތުރިގެން ބަންޑުން ވާން މަގެއް ހިޔާރު ކުރީއެވެ.

"ތެދެއް. އަހަރުމެން ދެމީހުންނަކަށް އޮފިޝިއަލް ދެލޯބިވެރިންނެކޭ ނުކިޔޭނެ. އެކަމަކު ދެމީހުންނަށްވެސް އެނގޭ އެކަކު އަނެކަކުގެ ހިތް އޮތް ގޮތް. ދެން ކީއްވެ ނިޒްއަށް ނޭނގުނީ އަހަރެން ބޭނުންވާ ގޮތް. ލަޔާލްދައްތައަށް ދެރަ ގޮތެއް ވެދާނެތީ އަހަރެން މިގެ ދޫކޮށްލާފައި ދިޔައީމަވެސް ނޭނގުނުތަ އަހަރެންނަށް ލަޔާލް ދައްތަގެ އުފާ މުހިންމުވާވަރެއް؟ ނިޒް ހިތަށް އެރި އެއްޗެއް ލަޔާލްދައްތައަށް ގޮވާލައިފައި ހުރިހާ އިލްޒާމެއް އެފަކީރު ބޮލުގައި އެޅުވިއިރު އެއްފަހަރުވެސް އަހަރެން ދެކޭނެ ގޮތާއިމެދު ވިސްނާލިނަމަ." ޝާމީ ކުރިއަށް ޖެހިލާފައި ޔާނިޒް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފައިގެން ބުނަމުން ދިޔައެވެ. ރުޅިއާއި ހިތާމައިގެ ކަރުނަތައް އެދެލޯ ތެންމަމުން ކޯތާފަތް މަތިން ތިރިއަށް މިސްރާބު ޖަހާފައި ވެއެވެ."ހައު ކުޑް ޔޫ ނިޒް؟ ...ހައު....." ޝާމީގެ އަޑު ބެދި އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ކުއްލިއެއް ޖަހައި ގިރުވާނުން ދޫކޮށްލައިފައި ޔާނިޒްއަށް ފުރަގަސްދީގެން ގޮސް ދުރުގައި ހުއްޓުނެވެ. 

"އަހަންނަށް މާފު ކުރޭ... ޝާމީ... މާފުކުރޭ.." އެވަގުތު ބުނާނެ އިތުރު އެއްޗެއް ޔާނިޒްގެ ދުލަކަށް ނައެވެ. އާދޭހާއެކު އޭނާ އެދެމުން ދިޔައީ މާފު ކޮށް ދިނުމަށެވެ. ކަންތައް ކުރެވިފައިވާ ގޮތާއިމެދު އޭނާ ހިތާމަ ކުރި ދުވަހަކީ މިއަދު އެކަންޏެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ އެހުންނަނީ އަމިއްލަ ނަފްސް ކުށްވެރި ކޮށްގެންނެވެ. "މާފަށް އެދެންވީ އަހަރެން ކައިރިއަކުން ނޫން. އަހަރެންގެ ދައްތަ ކައިރިން. އެދައްތަ ބޭނުން ނުވިނަމަ މިއަދު އަހަރެން ހުންނާނީ މިތާ ޔާނިޒްގެ ކުރިމައްޗަކު ނޫން." ޝާމީ ކަރުނަ ފުހެމުން ރައްދު ދިނެވެ. ކުއްލި ހިމޭންކަމެއް ޔާނިޒްއަށް ވެރިވެގެން ދިއުމާއެކު ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ވެދިޔަ ހުރިހާ ކަމަކަށް ފަހުވެސް ލަޔާލް އޭނާއަށް އޯގާތެރި ވަނީ ހެއްޔެވެ؟

"ލަޔާ އަހަރެންނަށް މާފު ކުރިއްޔާ ޝާމީ އަހަރެން ކައިރީ ހުންނާނަންތަ؟" އިރުކޮޅެއް ފަހުން ޔާނިޒް އަހާލި އަޑު އިވުނެވެ. ޝާމީގެ ދެއަތްތިލަ ޖޯޑުކޮށްލައިގެން މޭގައި ޖައްސާލެވުނެވެ. ހިމޭންނުން އޭނާ ހުއްޓައި ޔާނިޒް އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ޖަވާބުގައި ޝާމީ ބޯ ޖަހައިލީ އެވަގުތުއެވެ. ކަރުނައިގެ އަސަރު ފެންނަން ހުރި ޔާނިޒްގެ ދެލޯ ވިދާލުމާއެކު ބަސްބުނާހައި ހިނދުން ޝާމީ ގެނެސް ދެއަތުތެރޭ ހައްޔަރު ކޮށްލިއެވެ. "ނިޒް ނުޖެހޭނެ އަހަރެން ކައިރިން މަޢާފަށް އެދޭކަށް. އަހަރެނަށް އެނގޭ ނިޒްއަށް އެހެން ދިމާވީ ހުރެވުނު ހާލަތެއްގެ ސަބަބުންކަން." ލަޔާލް ބޭރުގައި އަޑު އަހަން ހުރެފައި ވާހަކަ ދެއްކި އަޑަށް ދެމީހުން ދުރަށް ޖެހިލައިފައި ދޮރާއި ދިމާއަށް އެނބުރުނެވެ. ލަޔާލް ބަލައިލުމުން ޔާނިޒް މޮޅިވެގެން އިސްޖަހައިލީ ހަތަރުކަޅި ހަމަކުރާނެ ހިތްވަރުވެސް ނެތިގެންނެވެ. އޭނާ އަކީ ލަޔާލްގެ ކުށްވެރިއެކެވެ. ލަޔާލް އެކުވެރިއަކަށް އެންމެ ބޭނުންވި ދުވަހު އޭނާ އެދެމެދުގައި އޮތް އެކުވެރިކަންވެސް ކަނޑާލައި ބާކީ ކޮށްލީއެވެ. "ސީރިއަސްލީ ނިޒް. އަހަރެން ކުޑަކޮށްވެސް ހިތް ބުރައެއް ނުކުރަން. ބަދަލުގައި އަހަރެން ބޭނުމީ ނިޒް އަހަރެންގެ ކޮއްކޮއަށް އުފާވެރި ހަޔާތެއް ހޯދައިދޭން." ލަޔާލް ހިނިތުންވެފައި ހުރެގެން ގޮސް އެދެމީހުންގެ ކައިރިއަށް ހުއްޓުނެވެ. ޔާނިޒް ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓާ ލަޔާލް ޝާމީގެ އަތުގައި ހިފާފައި އަނެއް އަތުން ޔާނިޒްގެ އަތްތިލަ ނަގައި އެދެއަތް ޖޯޑު ކޮށްލަދިނެވެ. އެހިނދު އިސްއުފުލާލި ޔާނިޒް ފެންކަޅިވެފައި ލަޔާލްގެ މޫނަށް ކަޅި ހުއްޓާލިއެވެ. 

"އޯލްރައިޓް.. ދެން ލަސްނުކޮށް އަވަހަށް ރެޑީ ވެގެން ތިރިއަށް އާދޭ. ޕާޓީ ފެށެނީ." ލަޔާލްގެ ތުންފަތުގައިވި ހިނިތުންވުން ކުރިއަށްވުރެވެސް ފުން ކޮށްލައިފައި ނިކުމެގެން ދިޔައެވެ.

ލަޔާލް ތިރިއަށް ދިޔައިރު ރާފިލް އަތުވެއްޖެއެވެ. މަފާޒް އާއި ރާފިލް އެވަގުތު ވާހަކަ ދައްކާލަން ސްޓޭޖްކޮޅު ކައިރީ ތިބިއިރު ޔަޝާރު ކުޑަ ތިން ކުދީންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ޖީންއާއިއެކު ތިބި ޝިވަމް އާއި ޖީހާން ހެދުން އަޅުވާފައި ހުރީ ރާފިލް އާއި ނަތާ އާއި އެއް ގޮތަށެވެ. އެތުއްތު ޖޯޑު މިރޭ އެންމެންގެ ލޮލުގައި އަޅައިގަންނާނެއެވެ. ލަޔާލްއަށް އެކުދިން އެކީ ފެނުމުން ހިނިތުންވެ ހުރެ އައިސް ޔަޝާރު ކައިރިއަށް މަޑުކޮށްލިއެވެ. ދެފަހަރީން ރަން ކުލައަށްދާ މެކްސީގައި އެކަކު އަނެކަކަށް ދޫ ނުކުރެއެވެ. ދެން ހުރީ ރާފިލް އާއި މަފާޒްއެވެ. މަފާޒް ކަޅުކުލައިގެ އަތްދިގު ގަމީހާއި ޖިންސްގައި ހުރިއިރު ރާފިލް ހުދު ގަމީހާއި ކަޅު ފަޓްލޫނު މަތިން ކަޅު ޓަކްސިޑޯގައި ނުހަނު ހިތްދަމައިގަންނަ ގޮތް ހުއްޓެވެ. ލަޔާލް އަފްލާކް ފެންނަން ހުރިތޯ އެކި ދިމާއަށް ލޯ ހިންގަމުން ދަނިކޮށް ސިޑިއާއި ދިމާއިން އަންހެންކުދިންތައް ހޭއަޑު އިވިގެން ބަލާލިއެވެ. ފިރާ އާއި އަދިވެސް ދެއެކުވެރިއަކާއި އެކު ނަތާ ސިޑިން ފައިބަނީއެވެ. އެވަގުތު އެތާތިބި އެންމެންގެ ނަޒަރު ނަތާއަށް ހުއްޓިގެން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ހުދު ކުލައިގެ ކައިވެނީ ހެދުމުގައި ނަތާގެ ރީތިކަން އެތައް ގުނައެއް މައްޗަށް ޖެހިލާފައި ވެއެވެ. ހިތާއި ހިތުން ނަމަވެސް ނަތާގެ އެރީތިކަމަށް ތައުރީފް ނުކޮށްލާ އެކަކުވެސް އެތާ ނެތެވެ. 

ނަތާ އައިސް ސްޓޭޖްކޮޅަށް އަރައި ރާފިލް ކައިރީ ހުއްޓުމުން ޔަޝާރު އަވަހަށް ކުޑަ ތިން ކުދިން އެމީހުންނާއި ޖެހިގެން ބައިތިއްބާފައި ޖީންއާއި ޖީހާންއަށް ވީ މާބޮނޑިތައް އެކުދިންގެ އަތަށް ދިނެވެ. "މާޝަﷲ." ނަތާގެ މާބޮނޑި އަތަށް ދެމުން ޔަޝާރު ބުނެލިއެވެ. ނަތާ އަވަހަށް މާބޮނޑީގައި ހިފާފައި ހިނިތުންވެލިއެވެ. އާރިފް އާއި މަރީނާއެކު އަރިއާން އައިސް ވަނީ އެވަގުތުއެވެ. އަރިއާން ނަތާ ކުރިމައްޗަށް ހުއްޓި ތައުރީފް ކުރަން ފެށުމުން ރާފިލް ރުޅި އައި ކަމަށް ހެދިފައި ބުމަ ގޮށްޖަހާލިއެވެ. ޔަޝާރުއަށް އެތަން ފެނިގެން ހީގެންފައި އަރިއާން އަތުގައި ހިފައިގެން ދުރަށް ގެންދަން ފެށުމުން ނަތާވެސް ހުރީ މަޖާވެފައެވެ.

މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މެހުމާނުން އަންނަން ފެށިއެވެ. ހިމޭން މިއުޒިކެއް ފެތުރިފައިވާ ހޯލް ތެރެ އިތުރަށް ހަލަބޮލި ވެގެން އައީ ދެނެވެ. ގިނައިރެއް ނުވެ ޝާމީ އާއި ޔާނިޒްވެސް ސިޑިން ފައިބައިގެން އަންނަނިކޮށް ފެނުނެވެ. "ދެން އެދެމީހުންގެ ކައިވެނި ކޮށްދޭންވީ." އެންމެން ހައިރާންވެފައި އެދެމީހުންނަށް ބަލަން ތިއްބައި ލަޔާލް އިއްވާލިއެވެ. "ތިބުނީ ޝާމީ އާއި ނިޒް އަލުން ގުޅުނީއޭތަ؟" އެވަގުތު މަފާޒް އަށް ޤަބޫލު ނުކުރެވިގެން އަހާލިއެވެ. ލަޔާލް ބޯ ޖަހައިލިތަން ފެނިގެން މަފާޒް ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ހީވީ ބޮލުން ބޮޑު ބަރެއް ނެގިގެން ދިޔަ ހެންނެވެ. ހިތަށްއެރިއެވެ. ދެން އިރާދަ ކުރެއްވިއްޔާ ޔާނިޒް އާއިމެދު ކަންބޮޑު ވާކަށް ނުޖެހޭނެއެވެ.

"ކޮބާތަ ލާކް؟" ލަޔާލް ސުވާލު ކުރީ އަމިއްލަ ހިތާއެވެ. އޭނާ އަފްލާކް މައްޗަށް ފޮނުވީ ތައްޔާރު ވާން ދާށެވެ. އެކަމަކު މިހާރު ޕާޓީ ފެށުނު ފަހުންވެސް ބައިގަޑި އިރު ވާން ކައިރިވީއެވެ. ލަޔާލް ވިސްނަމުން ޕާސްތެރޭ އޮތް މޯބައިލް ނަގާފައި އަފްލާކްގެ ނަންބަރަށް ގުޅަން ފެށިއެވެ. އަފްލާކް ފޯނު ނުނެގުމުން މެސެޖެއް ލިޔެލަން ހިޔާލު ކޮށްލިތަނާ އެކޮޅުން މެސެޖެއް އަތުވެއްޖެއެވެ. "މިޝަންއެއްގައި. ވިލް ބީ ދެއަރ ޝޯޓްލީ." އަފްލާކް ލިޔެފައި އޮތެވެ. ހަމަޖެހުމުގެ ނޭވައެއް ލައިފައި ލަޔާލް ފޯނު ޕާސްތެރެއަށް އަލުން ލިއެވެ. އެކަމަކު އެހިސާބުން ހިތުގައި އުފެދުނު އަނެއް ސުވާލަކީ ހަމަ އެވަގުތު އަފްލާކް ކުރިމަތިލައިގެން އެއުޅެނީ ކޮންކަމެއް ބާވައެވެ. މައްސަލައެއް ނެތެވެ. އޭނާ އިންތިޒާރު ކުރާނީއެވެ. އަފްލާކް އެނބުރި އައުމުން އޮޅުން ފިލުވިދާނެއެވެ.

"އަންބިލީވެބްލް!" އިރުގަނޑެއް ފަހުން މަފާޒް ބުނެލި އަޑު އިވުނެވެ. ލަޔާލްއަށް އެއަޑު އިވިގެން މަފާޒްގެ މޫނަށް ބަލައިލިއިރު ނަޒަރު ހުއްޓިފައި ހުރީ މެހުމާނުން ވަދެގެން އައި ދޮރާއި ދިމާއަށެވެ. އެވަގުތު ލަޔާލްގެ ނަޒަރުވެސް އެދޮރާއި ދިމާއަށް ދަތުރު ކޮށްލިއެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާގެ މޫނު މައްޗަށްވެސް ހައިރާންކަން ވެރިވާން ނެގީ ސިކުންތު ކޮޅެކެވެ.

އަފްލާކް ދޮރުން ވަދެގެން އައީ އަނީސާ އާއި މުޝައްރަފް ގޮވައިގެންނެވެ. އަފްލާކް އަނިސާދެކެ ކުރާ ނަފްރަތު އެއީ އެކަކަށްވެސް އޮޅިފައި އޮތް އެއްޗެއް ނޫނެވެ. އަފްލާކް ކޯމާއަށް ދިޔަ ފަހުން އަނީސާގެ ފަރާތުން އެއާއިލާއަށް ލިބުނު އެހީތެރިކަމާއި އެމީހުންގެ ދަތި ވަގުތުގައި އަނީސާގެ އަޅާލުން ލިބުނު ބަޔަކީވެސް އަފްލާކް ފިޔަވައި ދެންތިބި މީހުންނެވެ. ނިޔާވުމުގެ ކުރިން އަޒީވެސް އަނީސާ އާއި ގާތްކޮށް ވާހަކަ ދައްކައި ކުރީގެ ދުޝްމިންކަން ފަހަތަށް ޖައްސާލިކަން ދެނެހުރެވެސް އެހެން ކުދިން ތިބެނީ އަފްލާކް ތެދުވިފަހުން އެގުޅުން ކުރިއަށް ގެންދަން ނުކެރިފައެވެ.

"މައި ސަޕްރައިޒް." އަފްލާކް އައިސް ނަތާމެން ކުރިމައްޗަށް ހުއްޓިފައި އެއްފަހަރު އަނިސާއަށް އަނެއްފަހަރު ނަތާއަށް ބަލާލަމުން ބުނެލިއެވެ. ނަތާ ލޯބޮޑުކޮށްގެން އެއްޗެއް ނުބުނެވިފައި ހުއްޓާ އަފްލާކް އެއަތުގައި ހިފާލިއެވެ. "އައި ވޯނެޑް ޓު މޭކް ޝުއަރ... މިރޭ ނަތާއަށް މަދު އެކައްޗެއްވެސް ނެތް ކަން. ޓުނައިޓް އިޒް އޯލް އެބައުޓް ޔޫ.... އެހެންވެ މިރޭ ހުރިހާކަމެއްވެސް ހުންނަން ޖެހޭނީ ނަތާ ބޭނުން ވާ ގޮތަށް." އަފްލާކް ނަތާގެ އަތް މުށުތެރޭގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އިސާހިތަކު ނަތާގެ ލޯ ކަރުން ތެމި ހިންދިރުވާލަން އުދަނގޫ ވެއްޖެއެވެ. "އިޓްސް ޕަރފެކްޓް..." ނަތާ ކުރެހިފައިވާ އަޑުން ޖަވާބު ދީފައި އަފްލާކް ފުރުސަތު ދިނުމުން ކުރިމައްޗަށް އައި އަނީސާގެ ގައިގައި ކުއްލިއަކަށް އޮޅުލައިގެންފިއެވެ. އެމަންޒަރު ބަލަން ދެން ތިބި ކޮންމެ ލޮލެއްމެ އެވަގުތު ފެންކަޅި ވެގެން އައެވެ. އަފްލާކް ގޮސް ލަޔާލް ކައިރިއަށް ހުއްޓި އަތުގައި ހިފައި ބާރު ކޮށްލުމުން ލަޔާލް އެމޫނަށް ބަލައިލީ އަދިވެސް ހައިރާންވެފައެވެ. އެތައް ސުވާލެއް ކުރަން ބޭނުންވެފައި ހުރެ ލަޔާލް އިހަށް މަޑު ޖައްސާލިއެވެ.

އުފަލާއި މަޖަލުގައި ކުރިއަށް ދިޔަ އެޕާޓީ ނިމުމަކާއި ކައިރިވިއިރު މެހުމާނުންވެސް މަދުވެލައިފިއެވެ. ކުއްލިއަކަށް މޫސުން ގޯސް ވާން އުޅޭކަމުގެ އަލާމާތްތައް ފެންނަން ފެށުމުން ބައެއް މީހުން ތަންކޮޅެއް އަވަހަށް ގެއަށް ދިއުމުގެ ހިޔާލު ގެންގުޅުނެވެ. ކުދިވެރިން އެއްތާކު ނުތިބެވިގެން ހޯލްތެރޭގައި ދުވެ ސަކަރާތް ޖަހަން ފެށުމުން ލަޔާލް ގިނައިރު އުޅުނީ އެކުދިން އުޅޭ ނޫޅޭ ގޮތް ބަލަން ވެގެންނެވެ. ދޭތެރެއަކުން އަނީސާ އާއި މުޝައްރަފްވެސް އެކުދިން ގޮވައިގެން އުޅެއެވެ. ލަޔާލްއަށް ފާހަގަ ކުރެވުނީ ޝިވަމް އެކޭ އެއްގޮތަށް ދެން އުޅޭ ދެކުދިންނާއިމެދުވެސް މުޝައްރަފް ކަންތައް ކުރާކަމެވެ. ޝިވަމް ކާފަ އޭ މުޚާތަބު ކުރާތީ ޖީން އާއި ޖީހާންވެސް މުޝައްރަފްއަށް ގޮވަނީ ކާފަ ކިޔާފައެވެ. އަދި އަމުދުން އެކުދިންގެ މާމަ އާއި މުޝައްރަފް އިނދެގެން އުޅެންޏާ އެކުދިންނަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟

މެހުމާނުންތައް ހުސްވި ފަހުން ނަތާ ގޮވައިގެން ފިރާމެން ދާން ފެށުމުން ލަޔާލް ޝިވަމް ނިންދަން އަވަސްވެގަތެވެ. ޝިވަމް އޭރު ނިދި އައިސްގެން ވެއްޓޭވަރު ވެއްޖެއެވެ. އަފްލާކް ކޮޓަރިއަށް ވަނީ އޭނާ ޝިވަމް ނިންދާފައި ތެދިވިތަނާއެވެ. "ނިދީތަ؟" އަފްލާކްގެ ނަޒަރު ޝިވަމްއަށް ހުއްޓާލަމުން އެހިއެވެ. ލަޔާލް ބޯ ޖަހައިލާފައި އައިސް އަފްލާކްގެ ކުރިމައްޗަށް ހުއްޓުނެވެ. "ނިމުނީތަ؟" ލަޔާލް އަފްލާކްގެ ދެއަތުގައި ހިފާލައި ކުޑަކޮށް އުފުލާލައިގެން ވާހަކަދެއްކިއެވެ. "ހޫމ.. ނިޒް އާއި އަރިއާން އެބައުޅޭ ރާފިލް ދިޔަ ނުދޭން ހުއްޓުވައިގެން. އަހަރެން މިއައީ ލަޔާ ބަލައި. ހިނގާ ކޮފީއެއް ބޯލަން ދާން."އަފްލާކް ޖަވާބުދިނެވެ. ދެމަފިރީން ތިރިއަށް ދިޔައިރު މެހުމާނުން ހުސްވެފައިވާ ހޯލްތެރޭގައި ތިބީ އާއިލާއަށް ނިސްބަތްވާ މީހުންނެވެ. މުޝައްރަފް މެން ދެމީހުންނާއި އާރިފްމެން ވާހަކަ ދައްކާލަން ތިބީ އެެފަރާތެއްގައި ޖަހާފައި ހުރި ސޯފާތަކުގައި އިށީންދެއެވެ. މަސައްކަތު މީހުން ތަނުގެ ތަރުތީބަށް ބަދަލު ގެންނައުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ޒުވާނުންގެ ޤުރޫޕް ތަންކޮޅެއް ދުރުގައި ތިއްބެވެ. ޔާނިޒް އާއި އަރިއާން އެވަގުތުވެސް ރާފިލްގެ ދެފަރާތުން ކޮނޑުގައި ހިފަަހައްޓާލައިގެން ކޮންމެވެސް އެއްޗެއް ކިޔައެވެ.

" ލަޔާލް! އަފްލާކް! މަންމަމެން ދެން ދަނީ." ލަޔާލް މެން ގޮސް ކައިރިއަށް ހުއްޓުނުތަނާ އަނީސާ ތެދުވިއެވެ. ލަޔާލް ބޯ ޖަހައިލިއެވެ. އަފްލާކްވެސް ހުރީ ކުޑަކޮށް ހިނިތުންވެފައެވެ. އެމީހުންނާއި އެކުގައިހެން އާރިފް އާއި މަރީނާވެސް ދާން ތައްޔާރުވިއެވެ. ދޮރާއި ދިމާއަށް ދަމުން އެމީހުން އަރިއާންއަށް ގޮވާލި ނަމަވެސް އަރިއާން އެހާ އަވަހަށް ދާ ހިޔާލެއް ނުކުރިއެވެ. އޭނާ ބުނީ އިރުކޮޅަކުން ދާނެ ވާހަކައެވެ. "ކީއްކުރަންތަ އެހާވަރަކުން ދާން ތިއުޅެނީ ކުރިއަށް މުޅި އުމުރު އެއޮތީ ނަތާ ކައިރީ ސްޕެންޑް ކުރަން. މިހާރު އެއޮތް ގެންނަނީ ކޮފީ." ޔާނިޒް ސަމާސަ ރާގެއްގައި ވާހަކަދައްކަމުން އެދިމާއަށް އައި ރާމިޒާ ދައްކާލިއެވެ. ރާމިޒާ އައިސް ކައިރިވުމުން ލަޔާލް ތަބަކުގައި ހިފާފައި މެދުގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓާލުމުން ފަހަރަކު މީހަކު މަގެއް ނަގައި ކޮފީބޯން ފެށިއެވެ.

"މައްސަލައެއް ނެތް. މާދަމާއަށް އަލި ވިލެންދެން އަހަރެން މިތާ ހުރެދާނަން. އެކަމަކު ލާކް މަބުނާ އެއްޗެއް އަހަންޏާ ޝާމީ އާއި ނިޒްގެ ކައިވެނި އަވަހަށް ނުކުރުވާތި." ރާފިލް އިނދެފައި ބުނި އެއްޗަކުން ޔާނިޒްއަށް ވީ ގޮތް ފެނިގެން އެންމެން އެއް އަޑުން ހީގަތެވެ. "ބައި ދަ ވޭ... ކޮބާތަ ޝާމީ މިހާރު؟" މަފާޒް ކުއްލިއަކަށް އަހާލިއެވެ. "ޖީހާން އާއި ޖީން ގޮވައިގެން މައްޗަށް ދިޔައީ." ޖަވާބު ދިންއިރު ޔަޝާރުގެ ނަޒަރުވެސް ޔާނިޒްއަށް ހުއްޓުނެވެ. "އޭ އަހަރެން އެބަ އަންނަން ފާޚާނާއަކަށް ގޮސްލާފައި." ޔަޝާރުގެ ޖަވާބު އަހަން އިނދެފައި ޔާނިޒް އިރުކޮޅަކުން ތެދުވިއެވެ. "ހޫމ މަށަށް އެނގިއްޖެއޭ ކޮންކަހަލަ ފާޚާނާއަކަށް ކަން ތިދަނީ." އަރިއާން ދިމާކޮށްލިއެވެ. އެންމެން ހީހީ ތިއްބައި ޔާނިޒް އެއީ ކަމަކަށް ނުހަދައި އަވަހަށް ސިޑިއާއި ދިމާއަށް ދާން ފެށިއެވެ.

ޔާނިޒް ދިޔަފަހުން ފިރާ އާއި ޒޫނާވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ. ރާފިލް ކެތްމަދުވެފައި އިނދެވެސް އެކަން ފައުޅެއް ނުކުރެއެވެ. އޭނާ ނޫން ކަމަށް ހެދިފައި ކޮފީ މަގުން ފޮދުވަރުތައް އަރުން އެތެރެ ކުރަމުން ދިޔައެވެ. އިރުގަނޑެއް ފަހުން އޭނާއަށް ފުރުސަތު ލިބުނީ އެންމެން ކޮފީ ބޮއި ނިންމާފައި ތެދުވީމައެވެ. އަރިއާން އާއި ނަތާގެ ދެއެކުވެރިން ފޮނުވާލައިފައި ލަޔާލް އާއި ޔަޝާރު ހުސް މަގުތައް ހިފައިގެން ދިއުމުން މަފާޒް އާއި އަފްލާކް ރާފިލް ފޮނުވާލިއެވެ.

ޔާނިޒް ސިއްރު ސިއްރުން ޖީހާންގެ ކޮޓަރި ދޮރު ހުޅުވާލިއިރު ޝާމީ އެކުއްޖާ ނިންދާފައި ކައިރީގައި އޮށޯވެލައިގެން އޮތެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލި އަޑު އަހައިގެން ޝާމީވެސް މޫނު އަނބުރާލައިފައި ކާކުތޯ ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވެ އިށީނެވެ. ޔާނިޒް ބަލަން ހުރެެފައި އަތުން ހަނާ އަޅާލުމުން ޝާމީ ފުރަތަމަ ލޯ ބޮޑުކޮށްގެން އިނީއެވެ. އޭނާ ތެދުވީ ޔާނިޒް ދެވަނަ ފަހަރަށްވެސް ހަނާ އަޅާލީމައެވެ. "ކިހާ ދުވަހެއް ދުރުގައި ހުންނަތާ. އަދިވެސް އަހަރެން ތަޅުވަންތަ ތިއުޅެނީ." އަތުޖެހޭ ހިސާބަށް ޝާމީ ކައިރިވުމާއެކު ޔާނިޒް އެދެކޮނޑުގައި ހިފައި ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. "ކޮންޓްރޯލް ބޭބީ. މީ އަދި އަހަރުމެންގެ ވެޑިން ނައިޓެއް ނޫން." ޝާމީ ކަންބޮޑުވިކަމަށް ނުހެދެން ވެގެން ބުނެލިއެވެ. ޔާނިޒް އެއަޑަށް ސަމާލުކަމެއް ނުދީ ކުރިއަށްވުރެވެސް ކައިރި ވެލުމުން ޝާމީގެ ނޭވާ ކަރުތެރޭ ތާށިވާ ގޮތް ވިއެވެ. ފާރުގައި ޔާނިޒްގެ ދެއަތްތިލަ ވިއްދާލުމުން ޝާމީ ހުރީ ރަނގަޅަށްވެސް އެދެއަތުތެރޭ ހައްޔަރުވެފައެވެ. އަދި ޔާނިޒްގެ ހަށިގަނޑުގެ މީރުވަސް އޭނާގެ ހިއްސުތަކާއި ކުޅެން މަސައްކަތް ކުރަނީއެވެ.

ކޮޓަރި އާއި ހަމަައަށް ގޮސް ދޮރު ހުޅުވާލައިފައި ރާފިލް އެތެރެއަށް ވަނެވެ. ޒީނަތްތެރި ކުރެވިފައިވާ ކޮޓަރި ތެރޭގައި ނަތާ ހުރީ ލިޔާމޭޒު ކައިރީ ދޮރާއި ފުރަގަސްދީގެންނެވެ. ކުރިން ލައިގެން ހެދުން ބާލައި ނަތާ މިހާރު ލައިގެން ހުރީ އާދައިގެ ކުރު ހެދުން ކޮޅެކެވެ. އެއިސްތަށިގަނޑުގައި ހުޅިއަކުން ހައްޔަރު ކޮށްފައި އޮތް އިރު ހެދުމުގެ ފަހަތު ކަރު ބޮޑުކަމުން ދޮން ދޮން ބުރަކަށީގެ ބޮޑުބައެއް ހާމަވެފައި ވެއެވެ. ފިނިފެންމާ ފިޔަތައް އަޅާފައި އޮތް ނިދާ އެނދަށް ބަލައިލުމުން މީހަކު އެތާ އިށީން ވައްތަރެއް ނުޖަހައެވެ. ރާފިލް ދޮރު ތަޅުލާފައި ވަށައިގެން ލޯ ހިންގަމުން ނަތާގެ ކައިރިއަށް ގޮސް ހުއްޓުނެވެ. "ކީއްތި ކުރަނީ؟" ރާފިލްއަށް ނަތާ ކުރާ ކަމެއް ފެނިގެން އަހާލެވުނެވެ. ނަތާ ލިޔާމޭޒުމަތިން ފޮތްތަކެއް ނަގައި ބަރިއަކަށް އަތުރާފައި ޑްރޯވަރ ހުޅުވާލައިގެން ދެކުލައިން ގަލަން ނެގިއެވެ. އޭނާ ޖަވާބު ދިނުމުގެ ބަދަލުގައި ފޮތްތަކާއި ގަލަން ހިފައިގެން ގޮސް އެނދުގެ ކޮޅުގައި ހުރި ދިގު ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އެއެއްޗެހި ބަހައްޓައިފިއެވެ. "ސަރ. އަޅުގަނޑު ރެޑީ." ނަތާ ސޯފާގެ އެއްކޮޅުގައި އިށީންދެފައި އިސްއުފުލާލައިގެން ގޮވާލިއެވެ. "ސަރ؟...." ރާފިލްއަށް ހިތާއި ހިތުން ކިޔާލެވުނެވެ. "ރެޑީ ފޯ ވަޓް؟" އޭނާ އިރުކޮޅަކުން އަހާލިއެވެ. "ޓިއުޝަން ނަގަން." ނަތާ ބަލަން އިނދެފައި ލާނެތް ގޮތަކަށް ހިނިތުންވެލި ފަހުން ރާފިލްއަށް ނަތާގެ މަޤްސަދު ދޭހަވެގެން ހިނި އައެވެ. 

"އޮފް ކޯސް." އޭނާ އަވަހަށް އައިސް ނަތާގެ ދާދި ކައިރީގައި އިށީނެވެ. ރާފިލް ބަލަން އިންދައި ނަތާ ފޮތެއް ހުޅުވާލައިގެން ގަލަން ނަގާފައި ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. ރާފިލް ނަތާގެ މޫނާއި ހަށިގަނޑަށް ކަޅި ހިންގަން ސިކުންތު ކޮޅެން ވާންދެން އިނދެފައި މަޑުމަޑުން ކައިރިވެލައިގެން އިނިގިލތިައް ބެހެއްޓީ އެރީތި އަތުގެ މުލައްދަނޑިއާއި ހިސާބުގައެވެ. ލަސްލަހުން އެއިނިގިލިތައް މައްޗަށް އަރަމުން ގޮސް ކަނދުރާއި ހަމައަށް ފޯރުމުން ނަތާ "ސަރ"އޭ ގޮވާލައިފިއެވެ. "ކިހިނެތްވީ؟" ރާފިލް ކުރިއަށްވުރެވެސް ކައިރިވެލައިގެން ނަތާގެ ކަނދުރާގައި ތުންފަތް ބީއްސާލިއެވެ. "ސަރ ކީއްތިކުރަނީ؟" ނަތާ ފުންކޮށް ނޭވާލަމުން އަހާލިއެވެ. އޭނާގެ އަތުގައި އޮތް ގަލަމުގެ ތުނޑު ކަރުދާހުގައި ޖެހިފައި ހުރިނަމަވެސް އަކުރު ތަކެއްގެ ބަދަލުގައި އޭރު އެކި ޑިޒައިނަށް އެޅެމުން ދިޔައީ ރޮނގުތަކެކެވެ. "ޓިއުޝަން ގަޑީގައި މާގިނަ ސުވާލު ނުކުރޭ. ސަރ ބުނާ ގޮތަށް ހަދައިގެން މަޑުން ނީންނަންޏާ ރިޒަލްޓް ރަނގަޅު ނުވެދާނެ..." ރާފިލް ވައި އަޑުން އިއްވައިލާފައި މިފަހަރު މިސްރާބު ބަހައްޓާފައި ހުރީ ބުރަކަށިން ތިރިއަށެވެ. ޒިބު އެއްކޮށް ކަހާލުމާއެކު ބުރަަކަށީގެ މަތިން ތިރިއަށް އިނގިލިތައް ހިންގާލިއެވެ. "ޔެސް ސަރ." އެވަގުތު ނަތާގެ އަޑު އައެވެ. "ގުޑް!" ރާފިލް ނަތާގެ ދަތްދޮޅީގައި ހިފައި މަގަތަށް އަނބުރާލުމުން ހަތަރުކަޅި ހަމަވިއެވެ. ދެންވީ މަދު ސިކުންތުކޮޅު ތެރޭގައި ދެމީހުންގެ ނޭވާ އެއީ އެކައްޗަކަށް ވެގެން ދިޔައެވެ. ޅަކުއްޖެއް ފަދައިން ނަތާ ރާފިލްގެ އުނގަށް އަރައި އެއިސްތަށިގަނޑަށް ދެއަތްތިލަ މަހާލިއެވެ. އޭނާގެ ފައިން ޖެހިފައި ފޮތްތައް މޭޒުން ތިރިއަށް ފައިބައިގަތް އަޑު އިވުނު ނަމަވެސް އެމީހުންގެ ސަމާލުކަން އެކަމަކަށް ނުދެވުނެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިބީ އެއަށްވުރެ މާބޮޑަށެވެ. އިރުކޮޅަކުން ސޯފާ ދޫކޮށް އެނދާއި ދިމާއަށް ދިޔައިރު ފޮތްތަކާއެކު ނަތާގެ ހެދުމާއި ރާފިލްގެ ގަމީސްވެސް ޓައިލްސްމަތީ އޮތެވެ.

"އޭ އޭ ކޮންޓްރޯލް ކުރޭ ވެޑިން ނައިޓް އައިސްގެން އުޅެނީ ތިދެމީހުންނަަކަށް ނޫނޭ." ޔަޝާރު އާއި މަފާޒް އައިސް ޖީހާން ކޮޓަރި ދޮރު ހުޅުވާލުމާއެކު ޔާނިޒްމެން ތިބި ގައިގޯޅިކަން ފެނިފައި މަފާޒް ބުނެލިއެވެ. ޔަޝާރު ހީގެންފައި އަނގަމަތީ އަތް އަޅާލައިގެން ގޮސް ޖީހާންގެ މަގަތަށް ހުއްޓުނެވެ. "ކޮބާ؟" އެވަގުތު ޝާމީ ރަކިވެގެން ޔާނިޒްގެ މޭގައި އަތް އަަަޅައި ކޮށްޕައިލާފައި ދުވެފައި ނިކުމެގެން ދިޔައެވެ. ޔާނިޒްވެސް އަވަހަށް ނިކުންނަން އުޅުނެވެ. އެވަގުތު މަފާޒް އަތުގައި ހިފަހައްޓާލުމުން އޭނާ ސިހިފައި މަފާޒްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ދެން އެކަމަކު ނިޒްގެ ދުވަސްވެސް ލަހެއް ނުވާނެ." މަފާޒް އެވަގުތުވެސް ދިމާ ކޮށްލިއެވެ. ޔާނިޒް ލަދުގަތް ކަމަށް ނުހެދެން ހީލައިފައި ނިކުމެ ޝާމީ ފަހަތުން ދިޔައެވެ. އެކަމަކު އޭނާއަށްވުރެ ކުރިން ލަޔާލްމެނާއި ޝާމީ ދިމާވެގެން ލަޔާލް ޝާމީއަށް ގޮވާފައި ޝިވަމްގެ ކޮޓަރީގައި ޖީހާން އާއި އެކު ނިދަން ބުނެލިއެވެ. އެހިސާބުން ޔާނިޒްވެސް ކޮޓަރިއަށް ދާންވެގެން މިސްރާބު ބަދަލު ކޮށްލިއެވެ.

"ލަޔާ. އަހަރެން މިރޭ ހިތަށްއެރި ލަޔާގެ މަންމަ އެއްގޮތަކަށްވެސް ނުފެންނަނީ ކީއްވެބާއޭ؟ ކަމެއް ހިނގީތަ؟ މަންމަ ޕާޓީއަކަށްވެސް ނާދެއެއްނު." އަފްލާކް ވާހަކަދެއްކީ ކޮޓަރިއަށް ވަދެފައެވެ. "ތީ ދިގު ވާހަކައެއް. ހަމަޖެހިލައިގެން ކިޔައިދެވޭނީ." ލަޔާލް މިސްރާބު ޖެހީ ފާޚާނާއާއި ދިމާއަށެވެ. އޭނާ ނިކުތްއިރު އަފްލާކް ހުސްގަޔާ ހަދާލައިގެން ނިކުމެ ހުރީ ބެލްކަނީގައެވެ. ލަޔާލް ހިނިތުންވެފައި ހުރެގެން ގޮސް ފަހަތުގައި ހުއްޓި އަފްލާކްގެ ބަނޑާއި ހިސާބުން ދެއަތްތިލަ ވަށާލައި ބައްދާލިއެވެ. އެދެއަތްތިލައިގައި ފިރުމާލައިފައި އަފްލާކް ދުރު ބަލަން ހުއްޓާ ލަޔާލް ދެއަތް ތިރިކޮށްލާފައި ކުރިއަށް ޖެހިލައިގެން ރެއިލިންގައި ދެަތް އަޅުވާލިއެވެ. އެހިސާބުން އޭނާ ގަސްތު ކުރީ ލިޒާގެ ހަޤީޤަތް އަފްލާކްއަށް އަންގާށެވެ.

ކޮމެންޓް 0