"ލާކް އަހަރެން ބޭނުމެއް ނޫން ތަފްސީލަށް ދާކަށް." ވާހަކަ ފަށަން ވެގެން ލަޔާލް ކުއްލި އަކަށް ބުނެލައިފިއެވެ. އަފްލާކް ބަލާލިއިރު ލަޔާލްގެ މޫނުން ކަންބޮޑުވުން ފައުޅުވިއެވެ. އަދިވެސް އެހަނދާން އޭނާގެ ހިތަށް އުދަނގޫ ކުރަނީއެވެ. "އޯލްރައިޓް. ލަޔާއަށް އުދަނގޫވަންޏާ ތިވާހަކަ ނުކިޔައި ދިނަސް އޯކޭ. އެޓްލީސްޓް އަހަރެންނަށް މިހާރު އެނގިއްޖެ ތިދެމައިންގެ ގުޅުން ރަނގަޅު ނޫންކަން." އަފްލާކް ލަޔާލްގެ ކޮނޑުގައި ހިފައި ބާރު ކޮށްލައިގެން ވާހަކަދެއްކިއެވެ. މިއޮތް އުފާވެރި ރޭ ބޭނުން ނޫން ވާހަކައެއް ދައްކައިގެން ލަޔާލްގެ މޫޑު ހަރާބު ކުރާ ހިތެއް އަފްލާކް ނުވިއެވެ. "ނޫން ތީވެސް އަދި އަހަރެން ބޭނުންވާ ގޮތެއް ނޫން." ލަޔާލްއަށް އެގޮތް ކަމަކު ނުދިޔައެވެ. 


"ވީގޮތަކީ އަހަރެން ޝާމީ ގާތުގައި ޝިވަމް މަންމަ ގޭގައި ބަހައްޓާށޭ ބުނި ދުވަހެއްގައި ޝާމީ ވަގުތުން އެކަމާއި ދެކޮޅުހެދީ. ޝާމީ އެދުވަހު ބަލިވެ އުޅުނު ދުވަހެއް އަހަރެން ބޭނުން ނުވީ ކުލާހަށް ދާ ގަޑީ ޝާމީއަށް އެކަނި ޝިވަމް ބަލަން ޖައްސަން. ދެން އަހަރެން ސުވާލު ކޮށްވެސް ނުބުނި ކީއްވެ ކަމެއް. ބުނީ އޭނާއަށް ޝިވަމް ބެލިދާނެއޭ. ވަރަށް އޮޑް ފީލްވި އެދުވަހު. ޝާމީ ނުޤަބޫލުގައިވެސް އަހަރެން މަންމައަށް ގުޅީމަ ދެން ފަހުން އަނެއްކާ އެއްބަސްވެއްޖެ އެގެއަށް އޭނަ ގޮވައިގެން ދާން. ހިއެއް ނުކުރަން ޝާމީ މުޅި ދުވަހު ޝިވަމް ކައިރީ އެގޭގައި ހުރެދާނެ ކަމަކަށް. އަހަރެން ބުނީވެސް މަންމަ އާއި ޝިވަމް ހަވާލުކޮށްފަ ޝާމީ އަހަރުމެން ގެއަށް ގޮސް އަރާމު ކުރަން. އަހަރެން ހީކުރީ އޭނާ ކަންތައް ކުރާނީ އެގޮތަށް ކަަމަށް. ދެން ކުލާސް ނިންމާފައި ޝިވަމް ބަލައި ދިޔައީ އަހަރެން. ގެއަށް ގޮސް ވަންއިރު ޝާމީ އިން ޝިވަމް ކުޅެން ބައިންދައިގެން ފެންނަ ހިސާބުގައި. އަހަރެންނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މަންމަ ވާހަކަދައްކަމުން ނިކުންނަ އަޑު އިވުނީ. ޝާމީ އާ މުޚާތަބުކޮށް މަންމަ ވާހަކަ ދެއްކި ރާގުން އަހަރެންނަށް އެނގުނު އެއީ އެދެމީހުން ފުރަތަމަ ބައްދަލުވި ފަހަރެއް ނޫން ކަމާއި އަދި ދުރުމީހަކަށް މުޚާތަބު ކުރާ ކަހަލަ ރާގެއް ނޫންކަން. އަހަރެން ހައިރާންވެފަ ހުއްޓާ މަންމައަށް އަހަރެން ފުރަތަމަ ފެނުނީ. ޝާމީ އިނީ ފުރަގަސްދީގެން. އަހަރެން ފެނުނު އިރަށް މަންމަ ބިރެއް ފެނިގެން ބަލާހެން ދެލޯ ބޮޑުވެއްޖެ. ޝާމީވެސް އެނބުރި ބަލައިލާފަ އަވަހަށް އަނގަމަތީ އަތް އަޅައިލި. ދެން އަހަރެން އެހީ އެދެމީހުންގެ އޮތް ގުޅުމަކީ ކޮބައިތޯ. އަހަރެން އެހީ ޝާމީ މަންމަ ގެއަށް ޝިވަމް ފޮނުވަން ބޭނުން ނުވީ ކީއްވެކަމާއި އެހުރިހާއިރު ބަލި ހާލަތުގައިވެސް ޝިވަމް ކައިރީ މަޑު ކުރީ ކީއްވެކަން؟ އިނގޭތަ ޝާމީ ބުނި އެއްޗެއް؟" ލަޔާލް ވާހަކަ މެދުކަނޑާލަމުން އަފްލާކް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. 

ލަޔާލް އަށް އެނގެއެވެ. އަފްލާކްއަށް ލަފާ ކޮށްލަންވެސް ދަތިވާނެއެވެ. އެއީ ޝާމީ އެއީ ކާކުކަން އަފްލާކްއަށް އަދި އެނގިފައެއް ނެތެވެ.
*****

"ރަނގަޅަށް ތި ހީވީ. އަހަރެން ބޭނުމެއް ނޫން ޝިވަމް އެކަނި މިގެއަށް ގެންނާކަށް. އަހަރެން ބޭނުމެއް ނޫން މިއަންހެން މީހާގެ ކައިރީ ޝިވަމް އެކަނި ކޮށްލާފަ ދާކަށް. އެހެންވެ އަހަރެން މިހާލުގައިވެސް މަޑުކުރީ. އެއީ އަހަރެން މީއަންހެނާއަށް ކުޑަކޮށްވެސް އިތުބާރު ނުކުރާތީ. އަހަރެން ޤަބޫލެއް ނުކުރަން މީނަ ޝިވަމް އާއި ދޭތެރޭ ރަނގަޅަށް ކަންތައް ކޮށްފާނެ ކަމަކަށް." ލަޔާލްގެ ކަންފަތަށް ޝާމީގެ ވާހަކަތައް އިވުނީ ބާރު ގުގުރިއަކަށް ވުރެވެސް ސިހުންވެރި އެއްޗެއްގެ ގޮތުގައެެވެ. ޤަބޫލު ނުކުރެވިފައި ހުރެގެން އޭނާ ޝާމީގެ މޫނަށް ބެލިއެވެ.

"ޝާމީ! ހުއްޓާލާ! ކޯއްޗެއް އެނގިގެން ތިވާހަކަ ދައްކަނީ؟ އިނގޭތަ ތިކިޔެނީ ކާކުގެ ވާހަކައެއްކަން؟ އެއީ އަހަރެންގެ މަންމައޭ." ލަޔާލް ބާރުބާރަށް ގޮސް ކައިރިވެފައި ޝާމީ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ޝާމީގެ ފަރާތުން އޭނާ އެފަދަ ކަމަކަށް އުންމީދެއް ނުކުރެއެވެ. ލީޒާގެ ހިތަށް ކުރާނެ އަސަރާއިމެދު ވިސްނާލެވުމުން އިސާހިތަކު ލޯވެސް ފެންކަޅިވެގެން އައެވެ.

"ސޯ ޑަޒް މައިން." އެވަގުތު ޝާމީ ބަލަން ހުރެފައި ކުއްލިއަކަށް ލަޔާލްގެ އަތް ފޮޅުވާލިއެވެ. "ވަޓް؟" ލަޔާލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާއަށް ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ. "އަހަރެންގެވެސް މަންމަ އެއީ. އެހެންވެ އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ އޭނަ ކޮށްފާނެ ކަންތަކާއި ނުކުރާނެ ކަންތައް." ޝާމީގެ ރުޅިވެރި ދެލޯ ލީޒާއަށް ހުއްޓާލަމުން އިތުރު ތަފްޞީލަށް ދިޔައެވެ. އެވަގުތު ލީޒާ ހުރީ ބުނާނެ އެއްޗެއް ނޭނގި ފާޑަކަށް މޫނުމަތީގެ ކުލަވަރު ގޯސްވެފައެވެ. ޝާމީ އެގޮތަށް ލަޔާލް ކުރިމަތީ އޭނާ ބޭޒާރު ކޮށްފާނެ ކަމެއް ކުރިއަކުން ނޭނގެއެވެ. "ތީ.... ތީ އަހަރެންގެ ކޮއްކޮ...؟" ޝާމީ އާ ލީޒާ އެކަކު އަނެކަކަށް ކަޅި އަޅަން ތިއްބާ ލަޔާލް އަހާލި އަޑު އިވުނެވެ. ޝާމީ ކުޑަކޮށް ސިހުނެވެ. މޫނު އަނބުރައިލުމުން އޭނާއަށް ފެނުނީ ލަޔާލްގެ ބޮޑުވެފައިވާ ދެލޮލެވެ. އަދި އެދެލޮލުގައި ގިނަވެފައިވާ ކަރުނަތަކާއެކު ނަށަ ނަށާ ހުރި އަސަރުތަކެވެ. ޝާމީ ޖަވާބެއް ނުދިނުމުން ތަނަށް ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ. 

"ލަޔާލް. ޝާމީ އެއުޅެނީ ކޮންމެވެސް ކަމަކު އަހަރެންދެކެ ރުޅިއައިސްގެން. އެހެންވެ ދެއްކި ވާހަކަތަކެއް އެއީ. އެގޮތަށް މާނަ ކޮށްފަ ބުނިއެއްޗެއް ނޫން." ލީޒާ އެހިމޭންކަމުގެ ބޭނުން ހިފާފައި ކުރި ހޯދަން މަސައްކަތް ކުރިއެވެ. ޝާމީ ކުއްލިއަކަށް ބަލައިލުމުން އޭނާ ލޮލުން އެންގީ ހިމޭނުން ހުރުމަށެވެ. އޭރު ލަޔާލް ދެފަހަރު ދެމީހުންގެ މޫނަށް ބަލަމުން އެލޯތަކުގައިވާ ކުލަވަރު ތަރުޖަމާ ކުރަން މަސައްކަތް ކުރަނީއެވެ.

"ޝާމީ!" ލަޔާލް ތަންކޮޅެއްް ބާރަށް ގޮވައިލާފައި ޝާމީ ސަމާލުކަމަށް ގެނައެވެ. އޭނާ ބޭނުންވީ ޝާމީ އެއަށް ރައްދު ދޭ ގޮތެއް ބަލާށެވެ.

"ދޮގެއް ނޫން އަހަރެން ބުނީ. މަންމަ ވީތީ މިވާހަކަ ދައްކަންވެސް އުދަނގޫވޭ. އެކަމަކު ހަޤީޤަތްވާނީ ހަޤީޤަތަށް. އަހަންނަކަށް ނޭނގެ މަންމަ ފުރަތަމަ ބައްދަލުވެގެން ލަޔާދައްތަ ކައިރީ ދެއްކީ ކޮން ވާހަކަތަކެއް ކަމެއް. އެކަމަކު ޔަޤީންވާ އެއް ކަމެއް އެބައޮތް. އެއީ މަންމަ ލަޔާ ހޯދަން ކުޑަކޮށްވެސް މަސައްކަތް ނުކުރާކަން. އެހާ ޅައުމުރުގައި ދޫކޮށްލާފައި އައި ފަހުން އެއްފަހަރުވެސް އެކަމާއި ހިތާމަ ނުކުރާކަން. އަފްލާކްގެ އަންބަކަށް ނުވިނަމަ ހަތަރުކަޅި ހަމަކޮށް ތިމޫނަށް ބަލައިވެސްނުލާނެ. ހުވާކޮށްފަ މިބުނީ މަންމަ ލަޔާދައްތަގެ ފުށުން ހަމައެކަނި ބޭނުން ވަނީ މުދަލާއި ފައިސާ. އަހަރެން ޝިވަމް މިގެއަށް ގެންނަން ބޭނުން ނުވީ އަފްލާކް ކޯމާއަށް ދިޔައީމަ އެހެންވެ، އަހަރެން ކޮއްކޮ އާއި ދެމީހުން ޝިވަމް ކިޑްނެޕްކޮށްފަ ފައިސާ ހޯދަން ރޭވިއަޑު އިވިފަ އޮތީމަ. މިކިޔައިދިނީ މަންމަގެ ކަންތައް ހުރި ގޮތް. ދެން ހުރީ އަހަރެންގެ ކޮއްކޮ. ހަކުރުކޮޅެއް ލިބޭނެ މަގެއް ފަހިވަންޏާ އޭނަ ހުންނާނީ މީހަކު މަރަންވެސް ތައްޔާރަށް. ލަޔާދައްތަގެ ނަސީބު އެއީ މިއަންހެނާގެ ހިޔާވަހިކަން މިންވަރު ނުކުރެއްވިކަން. ތެދެއް މިބުނީ ދައްތަ ތީ ދައްތަގެ ބައްޕަގެ ދަރިއަކަށް ވީތީ ނަފްރަތު ކުރަނީއެއް ނޫން. އެއްވެސް ދަރިއަކަށް ކުލުނު ނުހުންނަނީ.... ބައެއްފަހަރު ހިތަށްއަރާ އިންސާނެއް ބާވައޭ..." ޝާމީގެ ލޮލުގައިވި ރުޅިވެރިކަމާއި އެކުވެސް ކަރުނަތައް ފެންނަން ހުއްޓެވެ.
*****

"ދެން ކިހިނެތްވީ؟ ކީކޭ މަންމަ ބުނީ؟" އިރުކޮޅަކުން އަފްލާކް އަހައިލި އަޑަށް ލަޔާލް ސިހިފައި މޫނު އަނބުރާލިއިރު ހުރީ ބަލަހައްޓައިގެންނެވެ. އެމޫނުން އިންތިހާ ދަރަޖައިގެ ޝައުޤުވެރިކަން ފައުޅުވާން ހުއްޓެވެ. އިސްއޮބައިލުމާއެކު ލަޔާލް ނޭފަތް އެތެރެއަށް ދަމައިލިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އޭނާ ރެއިލިންގައި ދެއަތްތިލައިން ބާރު ކޮށްލަމުން ދެލޯ ތަގުޅި ކޮށްލިއެވެ.

"އާ. ތެދު. ހުސް ތެދު އެއީ. މިއަދު ދެން އަހަރެންނަށް ކަލޭގެ ފަރާތުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތް. ހާމަވެފަ އޮތް ހަޤީޤަތެއް ފޮރުވަން ކީއްކުރަން ހަދާ ދޮގުތަކެއް. ފިރިމީހާ ކޯމާގައި އޮންނަތާ އަހަރަކާއި ކައިރި ކުރަނީ. ބަލަން ހުންނާތި ދެން އެގޭ މީހުން ހަދާ ގޮތް. ބުރައަކަށް ވެގެން ދަރިއާއެކު ރަށަށް ފޮނުވައިލާނީ. އެއިރުން އެނގިދާނެ ބަފަޔަކާއި ނުލައި ދަރިއަކު ގެންގުޅޭނެ ގޮތް." ޖަވާބު ދިން ވަގުތު އަކުރުން އަކުރަށް އަލުން އެބަސްތައް ކަންފަތުގައި ގުގުމައިގެން ދިޔަހެން ލަޔާލްއަށް ހީވިއެވެ. އޭނާ ކުއްލިއަކަށް ލޯ ހުޅުވާލި އިރު އަފްލާކް ބަލަން ހުރެފައި އައިސް ބައްދާލަނީއެވެ. އެވަގުތު ފިރިމީހާގެ ހިމާޔަތް ލިބުމުން ޅަކުއްޖެއްހެން ތުން ފިއްތާލުމާއެކު ބާރަށް ރޮވުނީއެވެ. 

ވިއްސާރަ ވާން އުޅޭ ފަދަ އަލާމާތްތައް ފެންނަން ފެށުމުން އަފްލާކް ލަޔާލް އެތެރެއަށް ގެންދިޔައެވެ. ދޮރު ބަންދުކޮށް ފޮތިގަނޑު ދަމާލައިފައި އޭނާ އެނބުރުނު އިރު ލަޔާލް އެނދުގައި ބޭންދި ގޮތަށް އިސްޖެހިފައި އިނެވެ. އަފްލާކް ގޮސް ކައިރީގައި އިށީންދެފައި ކައިރިވެލިއެވެ. ފަނޑު އަލީގެ ތެރެއިން އޭނާއަށް ފެނުނީ އެކޯތާފަތް މަތިން ދެމެމުން ތިރިއަށް ދިޔަ ކަރުނަ ތިކިތަކެވެ. އަދި ދެތުންފަތުގައި އުފެދިފައިވާ ތުރު ތުރާއެކު ނިކަން ހިމޭން ގިސްލުމެއްވެސް ބޭރު ވޭވޭ ހުއްޓެވެ. އަދިވެސް ލަޔާލް ހަމައަކަށް ނޭޅެނީއެވެ. ވިސްނައިލާފައި އަފްލާކް ލަޔާލް ދަތްދޮޅީގައި ހިފާލައި ކުޑަކޮށް އުފުލާލިއެވެ. ކުރިއަށްވުރެވެސް ކައިރިވެލާފައި އޭނާ ތުންފަތް ޖައްސައިލީ ތެމިފައިވާ އެއޮމާން ކޯތާފަތުގައެވެ. އެވަގުތު ލޮލުން ވެއްޓުނު އިތުރު ކަރުނަ ތިއްކެއް އަފްލާކްގެ ތުންފަތަށް ވިރިގެން ދިޔައެވެ. އޭނާ ތުންފަތް އެކޯތާފަތުން ވަކި ކޮށްލި ގޮތަށް މިފަހަރު ބޮސްދިނީ ލަޔާލްގެ ނިތުގައެވެ. އެހިސާބުން ނުހަނު ލަސްލަހުން މަތިން ތިރިއަށް އައިސް ތުންފަތާއި ހަމައަށް ހުއްޓުނެވެ. ލޯމަރައިގެން ލަޔާލް އިނދެފައި ކުއްލިއަކަށް ލޯ ހުޅުވައިލީ އެވަގުތުއެވެ. އަދި އަފްލާކްގެ ކޮނޑުގައި އަތުން ހިފާލައި ދުރުކޮށްލުމާއެކު ފުންމައިގެން ތެދުވިގޮތަށް ދުވެފައި ގޮސް ދުރުގައި ހުއްޓިއްޖެއެވެ. 

ލަޔާލްގެ ގިސްލުމުގެ އަޑު ގަދަވި އަޑަށް އޭނާ ބަލާލިއިރު މޫނުގައި ދެއަތް އަޅައިގެން ހުރީ ފުރަގަސްދީގެންނެވެ. މޮޅިވެރި ގޮތަކަށް ތުންފަތުގައި ދަތް އަޅާލަމުން އޭނާ އިސް އޮބައިލިއެވެ. ލަޔާލްގެ ކަރުނަތައް ކޮންޓްރޯލް ކުރުމުގައި ކުރި ނުހޯދުމުން ދެރަވެ އަމިއްލަ ނަފްސްދެކެ ރުޅިވެސް އާދެވުނެވެ. އަތުތެރޭގައި އޭނާ ބެޑްޝީޓް ބޮނޑިކޮށްލިއެވެ. 

"ލާކް!" އަފްލާކް އެހެން އިންދައި ލަޔާލް އިރުކޮޅަކުން ގޮވާލިއެވެ. އޭނާ އިސްއުފުލާލިއިރު ލަޔާލްގެ ލޮލުން އަދިވެސް ކަރުނަ ފައިބައެވެ. އެކަމަކު ހަމަ އެހިނދުން ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިކޮށް ދެއަތް އުފުލައިލީ ކައިރިއަށް އަންނަން ދައުވަތު ދެމުންނެވެ. ދެފަޔަށް ކުއްލި ބާރެއް ލިބުމާއެކު އަފްލާކް ތެދުވެގެން ގޮސް ފުރަތަމަވެސް ލަޔާލްގެ ތުނިހަށިގަނޑު ދެއަތުން ވަށާލިގޮތަށް ބިމުންވެސް ހިއްލާލިއެވެ.ކުޑަ އިރުކޮޅަކުން ލަޔާލް އޭނާގެ ކޮނޑަށް ބާރު ކޮށްލުމުން އެއިޝާރާތް ދެނެގެން ތިރީގައި ބަހައްޓާފައި ކައިވަތެއްހާ ދުރުމިން ދިނެވެ.

"ލާކް! އަހަރެން ބޭނުންވަނީ އެހެން ހުރިހާ ކަމެއް ހަނދާން ނެތޭވަރަށް ލާކްގެ ލޯބި." ލަޔާލް ކަރުނަ ފުހެލާފައި ދެއަތް އުފުލާލައިގެން އަފްލާކްގެ މޫނުގައި ހިފަހައްޓާލިއެވެ. ބަލަހައްޓައިގެން އަފްލާކް ހުއްޓާ މިފަހަރު އިސްނެގީ ލަޔާލްއެވެ. އިސާހިތަކު ޖަޒުބާތުން އެ ދެޖިސްމު ފޯވެގެން އައެވެ. 

ހެނދުނު އެންމެ ކުރީން ހޭލައިގެން އަފްލާކް ތިރިއަށް ދިޔައިރު ޝާމީ ބަދިގޭގައި ހުއްޓެވެ. "ކޮފީއެއް ހަދައިދެންތަ؟" އަފްލާކްގެ ފިޔަވަޅު އަޑު އިވިގެން ޝާމީ އެނބުރި ބަލައިލާފައި އެހިއެވެ. "ހޫމ." އަފްލާކް ގޮނޑިއެއް ދަމާލައިގެން މޭޒު ދޮށުގައި އިށީންދެއްޖެއެވެ. ޝާމީ ކޮފީ ހަދަން އުޅުނުއިރު އޭނާ އިނީ ބަލަހައްޓައިގެންނެވެ. ސިކުނޑީގައި އޭރުވެސް ލަޔާލްގެ ވާހަކަތައް ބުރު ޖަހަމުން ދިޔައެވެ. ލަޔާލް ނިދި ފަހުންވެސް އޭނާ އެވާހަކަ ތަކާއިމެދު ވިސްނިއެވެ. އަފްލާކްގެ ހަނދާނަށް އައީ އޭނާގެ އެކުވެރިއެއްގެ މަންމައަށް ދިމާވި ހާދިސާއެވެ. ވިސްނާލުމުން އެކުވެރިޔާގެ މަންމަ އާއި ލީޒާވެސް މާބޮޑު ތަފާތެއް ނެތްކަމުގައި އޭނާއަށް ޤަބޫލު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ.

"ޝާމީ!" އަފްލާކް ގޮވާލީ ޝާމީ ކޮފީތަށި ގެނެސް ކުރިމަތީ ބެހެއްޓީމައެވެ. އެވަގުތު ޝާމީ ހުއްޓި ހުރެފައި އެމޫނަށް ކަޅި ހުއްޓާލިއެވެ. "އިށީންދެބަލަ!" އަފްލާކް އެދުނެވެ. ޝާމީ ބޯ ޖަހައިލާފައި ކުރިމަތީ ހުރި ގޮނޑި ދަމާލައިގެން އިށީނެވެ. ނިއްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރީތި ކޮށްލައިގެން އޭނާ ބަލަން އިނެވެ. އަފްލާކް ބުނަން އެއުޅޭ އެއްޗަކާއިމެދު އެތައް ގޮތަކަށް ހިޔާލު ކުރެވުނެވެ. ދައްކަން އެއުޅެނީ ޔާނިޒް އާއި އޭނާ މެދުގައި އޮތް ގުޅުމުގެ ވާހަކައެއް ވެދާނެއޭ ހިތަށް އަރައިގެން އޭނާ ނުތަނަވަސްވިއެވެ.

"ލަޔާ އަހަރެންނަށް ކިޔައިދިން މަންމަގެ ވާހަކަ." އަފްލާކް ފެށިއެވެ. ޝާމީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ނުދިޔައެއް ކަމަކު ޔާނިޒްގެ ވާހަކައަކަށް ނުވީތީ ހިސާބަކަށް ހަމަޖެހުނެވެ. ދެއަތުގެ އިނގިލިތައް ޖޯޑު ކޮށްލަމުން އޭނާ އިސްޖަހާލިއެވެ. "ޝާމީއަށް އަޅެ މަންމަގެ ފުށުން ވިއަޑް އެއްވެސް ކަމެއް ފާހަގަވިތަ؟ މިބުނީ ނަފްސާނީ ގޮތުން ޑިސްޓަރބް ވެފަ ހުންނަ ކަހަލަ ކަމަށް ހީވޭތަ އުޅޭ އުޅުމުން؟" އަފްލާކް ސުވާލު ކޮށްފައި އިތުރަށް ތަފްޞީލް ކޮށްލިއެވެ. ޝާމީގެ ޖަވާބަކަށް ފުރަތަމަ ވެގެން ދިޔައީ ހަމަ ހިމޭންކަމެވެ. އަފްލާކް އެބުނަން އުޅޭ އެއްޗެއް އަދިވެސް އޭނާއަށް ދޭހަވި ވައްތަރެއް ނުޖަހައެވެ. "ލަޔާ ތަންކޮޅެއް ކުރިން ދެއްކި ވާހަކައެއްގަ އެއްދުވަހަކު ބުނި ހަނދާނެއް ވޭ އޭނަ ބައްޕަ އަމިއްލަ ބޭނުމަކަށްޓަކައި ކައިވެނި ކޮށްފަ ބޭނުން ފުދުނީމަ ނޫނީ އިތުރަށް ބޭނުން ނުވީމަ ދޫކޮށްލީއޭ. އެފަހުން ލަޔާ ދޫކޮށްލައިފަ މާލެ އައިސް ޝާމީ ބައްޕަ އާއި ކައިވެނި ކުރީ." އަފްލާކް ކުރިއަށް ގެންދިޔައެވެ. ޝާމީ އިނީ އަޑު އަހާށެވެ. އެވާހަކައިގެ މިސްރާބު ހުރި ދިމާއެއް އޭނާއަށް ކުޑަކޮށްވެސް ލަފާ ކޮށް ނުލެވެއެވެ. 

"އަހަރެން ދެން މިދައްކާ ވާހަކަތައް ރަނގަޅަށް އަޑު އަހައްޗޭ އިނގޭ. މައި ގެސް އިޒް. ލީޒާ މުޝައްރަފް އާއި ކައިވެނި ކުރީ ވަރަށް ލޯބިން ވަރަށް ގަޔާވެގެން. އެކަމަކު އެކައިވެނީގެ ފަހަތުގައިވާ މުޝައްރަފްގެ ހަޤީޤީ މަޤްސަދު މިއެނގުނީ ދޫކޮށްލާފައި ދިޔައީމަ. އެހާ ލޯބިވާ މީހަކު އެފަދަ ގޮތަކަށް ޓްރީޓް ކުރީމަ ލީޒާ ހިތް ހަލާކުވީ. އެހިސާބުން މުޝައްރަފްގެ މައްޗަށް އޮތް ލޯބި ނަފްރަތަށް ބަދަލުވީ. މީހުން ލޯބި ނުރައްކާތެރި އަނިޔާވެރި އެއްޗެއްގެ ގޮތުގައި ސިފަ ކުރާ ސްޓޭޖަކީ އެއީ. ލީޒާ މުޝައްރަފްއަށް ދެރަ ދޭނެ ގޮތަކާއިމެދު ވިސްނައިގެން ފެނުނީ އެންމެ ގޮތެއް. އެއީ ދަރިފުޅަށް ދެރަ ދިނުން. އެހެންވެ ލަޔާލް އެކަނި ހާލަށް ދޫކޮށްލާފަ އައީ. ވެދާނެ މާލެ އައި ފަހުން ރިގްރެޓް ކުރި ކަމަށް. އެކަމަކު އެހިސާބުން އަނެއްކާވެސް އަމިއްލަ ހިތަށް ވިސްނައިދޭނެ. ޝާމީ ބައްޕަ އާއި ލީޒާ ކައިވެނި ކޮށްފަ ހުންނާނީ ހަމައެކަނި ސަރވައިވް ކުރަން. އިނގޭތަ ލޯބިނުވާ ކުޑަކޮށްވެސް ގަޔާނުވާ މީހަކާއެކު އުމުރު ދުވަސް ހޭދަ ކުރުމަކީ ކިހާ ވޭން ހުރި ކަމެއްކަން؟ ބައެއް މީހުން ގިނަ ދުވަސް ވުމުން ހޭނޭނެ. އެކަމަކު ބައެއް މީހުންގެ ހިތާއި ސިކުނޑީގައި އެހެން މީހެއްގެ ލޯބި މާބޮޑަށް އަށަގެންފައި ވުމުގެ ސަބަބުން ދެވަނަ ފަހަރަށް ހިތް އަނބުރާލުމަކީ ނުވާނެ ކަމެއް. ހަމަޖެހުމެއް ނުލިބި އެފަދަ މީހުންގެ ހިތް އަބަދުވެސް ވާނީ ހައިޖާނުގަނޑެއްގައި. ލީޒާއަށް ދިމާވެފަ ހުންނާނެ ގޮތަކީ ޝާމީ އާއި ޝާމީގެ ކޮއްކޮ ލިބިގެން އަލުން އުފާވެރި ހަޔާތެއް ހޯދަން ކުރާ މަސައްކަތް ކުރާނެ. އެކަމަކު ދަރިއެއްގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު ލަޔާލް މަތިން ހަނދާންވާނެ. ލަޔާލްއަށް ހެދި އިހާނެތި ގޮތް އަލުން ފެންނާނެ. އެ މާޒީއަށް ފިލަން ހަދައިގެން ޕްރެޒެންޓްވެސް ލީޒާ އަތުން ރުއިން ކޮށްލީ. ދެން ހުރީ ޝާމީގެ ބައްޕަ. ލީޒާގެ އެ މެންޓަލީ ޑިސްޓަރބްޑް ބިހޭވިއަރ ދެނެގަނެ އެހީވުމުގެ ބަދަލުގައި ޝާމީ ބައްޕަގެ ހުރިހާ ސަމާލުކަމެއް ހުރީ ޑްރަގްގެ ވަބާއަށް ގޮސް ހުސްވެފަ." އަފްލާކް ކިޔައިދިނެވެ. 

"ސޯ... ކީކޭ އަފްލާކް ތިބުނަނީ؟ އަހަރެން މަންމަގެ އެއްވެސް ކުށެއް ނެތޭތަ؟ ތީ ކިހިނެތް ސިކުނޑިއަށް ވެއްދި ވާހަކަތަކެއް؟" ޝާމީ ދެބުމަ ކައިރި ކޮށްލައިގެން ވާހަކަދެއްކިއެވެ. އޭނާގެ ސިކުނޑީގައި ވީ މަސްހުނި ހިޔާލު ތަކެކެވެ. ޤަބޫލު ކޮށްފަ ނުކުރާންވީ އެއްޗެއް ނޭނގުނެވެ. "އަހަރެން މިކިޔައިދިނީ އެކަށީގެންވާ ގޮތުގެ ވާހަކަ. އަހަރެންގެ ރަތްޓެއްސެއްގެ މަންމައަށްވެސް ދިމާވި މިކަހަލަ ގޮތެއް. ދަރިންގެ ބައްޕަދެކެ ކުރާ ނަފްރަތުން ބައްޕަ ފަރާތުން ބަދަލު ހިފަން ހުރިހާ ދަރިންނަށް ދެރަދިން މަންމައެއްގެ ވާހަކަ އެއީ. އެހެންވެ މިބުނަނީ ލީޒާ ޅައުމުރުގައި ދިމާވި ގޮތުން މީވެސް އެކަށީގެންވާ ގޮތެކޭ." އަފްލާކް ޖަވާބުދިނެވެ. އެއްޗެއް ނުބުނެ ޝާމީ އިނީއެވެ. އިރުކޮޅަކުން ލަޔާލް އައިސް ވަނުމުން އޭނާ ތެދުވެގެން ބޭރަށް ދިޔައެވެ. 

ހަވީރު ގަޑީގައި އަފްލާކް އާއި ލަޔާލް ކުދިން ގޮވައިގެން ކާރު ދުއްވާލަން ދިއުމުން ޝާމީ ބޭރަށް ދާން ތައްޔާރުވިއެވެ. އޭނާ މަގުމައްޗަށް ނިކުމެ ޓެކްސީއެއް ހޯދައިގެން މިސްރާބު ޖެހީ ގެއަށެވެ. ބެލް ޖެހުމުގެ ބަދަލުގައި އަތުގައި އޮތް ތަޅުދަނޑިން ގޭގެ ދޮރު ހުޅުވައިގެން އޭނާ ވަނެވެ. ލީޒާ އިރުއޮއްސޭން ދެން ކެފޭގައި އުޅޭ ދުވަހަކަށް ވާތީ ގެ އޮތީ ހުހަށެވެ. ޝާމީ ފުރަތަމަވެސް ގޮސް ވަނީ މަންމަގެ ކޮޓަރިއަށެވެ. މިނިޓަކަށްވެސް ހުއްޓި ނުހުރެ އެތަން މިތަން ހާވަން ފެށިއިރު އޭނާ ހޯދަން މިއުޅެނީ ކޯއްޗެއްކަން ޚުދު ޝާމީއަށްވެސް ނޭނގެއެވެ. ހުރިހާ ތަނެއް އެފުށް މިފުށަށް ޖެހިފަހުން ތަޅުލާފައިވާ ޑްރޯވަރއެއް އޭނާގެ ސަމާލުކަމަށް އައެވެ. ތަޅުދަނޑި ނުފެނިގެން އޭނާ ވަޅިއެއް ބޭނުން ކޮށްގެން ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ. ވިސްނަން ހުރެފައި ޝާމީ ގުޅީ ޔާނިޒްއަށެވެ.

"ވަޓްސް ގޯއިން އޮން؟" ޝާމީ ދޮރު ހުޅުވާލުމުން ޔާނިޒް އެގޭ ދޮރުމަތީ ހުރެފައި އަހާލިއެވެ. ޝާމީ ޖަވާބު ދިނުމުގެ ބަދަލުގައި ޔާނިޒް އަތަށް ދަމާލައި އެތެރެއަށް ވައްދާފައި އަލުން ދޮރު ތަޅުލިއެވެ. އޭނާ ހަރުކޮށް ހިނގާފައި މަންމަ ކޮޓަރިއަށް ދާން ފެށުމުން ޔާނިޒްވެސް ފަހަތުން ގޮސް ވަނެވެ. "މި ޑްރޯވަރ ހުޅުވަބަލަ!" ޝާމީ އަލަމާރި ކައިރިއަށް ހުއްޓި ވާހަކަދެއްކިއެވެ. "ވަޓް؟ އެހެންވެތަ އަހަރެން ތިގެނައީ." ޔާނިޒް ޖަހައިލީ ހިނިގަނޑެކެވެ. "ޖަސްޓް ޑޫ އިޓް." އެވަގުތު ޝާމީ ސީރިއަސްވެފައި ބުނެލި ގޮތުން އޭނާ އަވަހަށް ވަށައިގެން ހޯދައިލާފައި ކަށިގަނޑެއް ގެނެސްގެން ކާމިޔާބު ކޮށްފިއެވެ. "ޔެސް." ޔާނިޒް ފޯރީގައި ބުނެލިއެވެ. ޝާމީ އިށީންދެލީ ޓައިލްސް މަތީގައެވެ. ހުޅުވައިލާފައި އެތެރޭ އޮތް އޭފޯ ސައިޒްގެ ސިޓީއުރަ ނަގައި އަނގަކޮޅު ތިރިއަށް ވާގޮތަށް އުފުލާލުމުން އެތައް ބައިވަރު ފޮޓޯތަކެއް ތިރިއަށް ފެތުރިގަތެވެ. ޝާމީ ހައިރާން ކަމާއެކު ފަހަރަކު ފޮޓޯއެއް ނަގައި ބަލަން ފެށުމުން ޔާނިޒްވެސް ކައިރީގައި އިށީންދެ އެކަމުގައި ބައިވެރިވިއެވެ. 

ޝާމީ އިންތިޒާރު ކުރީ އެރޭގެ ވަގުތަކަށެވެ. އިޝާ ނަމާދަށްފަހު ކުދިވެރިންނަށް ކާންދީ ނިންދުމުގައި އޭނާ ލަޔާލް އާއި ބައިވެރިވިއެވެ. ފުރުސަތު ލިބުމުން ލަޔާލްއަށް މެސެޖްއެއް ކޮށްފައި ސިޓީ އުރަ ހިފައިގެން ކޮޓަރިން ނިކުމެގެން ދަނިކޮށް ޔާނިޒް ނިކުތީ ކުރިމައްޗަށެވެ. "ނިޒް!" އެވަގުތު ޔާނިޒް އޭނާ ފުރަގަސްދިން ތަނާ އަތުގައި ހިފާލުމުން ގޮވާލެވުނެވެ. ސިޑިން ފައިބައިގެން އައިސް ކޮރިޑޯއަށް ވަން ލަޔާލް އާއި އަފްލާކް އެމީހުން ފެނިގެން އަވަހަށް އައިސް ކައިރިއަށް ހުއްޓުނެވެ. "ޝާމީ. ކޮންވާހަކައެއް ބުނަން މިގަޑީގައި އަންނާށޭ ބުނީ." ލަޔާލް އެހިއެވެ. ޝާމީ ސިޓީ އުރަ ދިއްކޮށްލުމުން ލަޔާލް އޭގެ އެތެރެ ބަލައިލާފައި ފޮޓޯތައް ނަގައި ބަލަން ފެށިއިރު މޫނުމަތީގައި ވީ ސުވާލު މާކުތަކެވެ. "މީ ކޮންކަމެއް ޝާމީ؟ އަހަރެން ކުޑައިރުން ފެށިގެން މިއަދާއި ހަމައަށް ކޮންމެ އުމުރެއްގެ ފޮޓޯތައް މީގަ އެބަހުރި. ހިއެއްނުވޭ ކުޑަމަންމަ އަލްބަމްއިންވެސް މިހުރިހާ ފޮޓޯއެއް ފެނުނު ހެނެއް." ލަޔާލް ވާހަކަދެއްކިއެވެ. '"ތީ މަންމަގެ ކޮޓަރިން ފެނުނު އެއްޗެއް." އެތަން ބަލަން ޝާމީ ހުރެފައި ބުނެލިއެވެ. ދެވަނަ ސިކުންތުގައި ލަޔާލް ހަރަކާތް ހުއްޓައިލާފައި ލޯބޮޑު ކޮށްގެން ޝާމީ މޫނަށް ބަލާލައިފިއެވެ.

"މަންމަ އެންމެ ހިނދުކޮޅަކަށްވެސް ދައްތަދެކެ ލޯބިވުން ހުއްޓައެއް ނުލާ. މަންމަ ދައްތަ މަތިން ހަނދާނެއް ނުނެތޭ." ޝާމީ އިތުރަށް ބުނެލިއެވެ. އޭނާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. "އަ.... އަހަންނަކަށް... ނުވިސްނުނު..." އުދަނގުލުން ލަޔާލް ބޭރުކޮށްލިއެވެ. އޭނާގެ އަރުބެދި ، ލޯ ފެންކަޅިވާން ނެގީ ސިކުންތު ކޮޅެކެވެ. "އަހަރެން މިހުރީ ދައްތައެކު ގެއަށް ދާން ތައްޔާރަށް. މަންމަ ކައިރިއަށް ދާއިރު އަހަރެން ކައިރީގައި ހުންނާނަން." ޝާމީ ލަޔާލްގެ ދެއަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ސިކުނޑީވި އިތުރު އެތައް ސުވާލު ތަކާއެކުވެސް ލަޔާލް މަޑު މަޑުން ބޯ ޖަހައިލިއެވެ.

"އަފްލާކް ބުނީމެއްނު މަންމައަށް ދިމާވި ގޮތަށް ކަންތައްތައް ދިމާވި އަންހެނެއްްގެ ވާހަކަ. އެމީހާއަށް ފަހުން ވީ ކިހިނެތް؟ ކޮބާ މިހާރު އޭނަ؟" ޝާމީގެ ނަޒަރު އަފްލާކްއަށް ހުއްޓާލަމުން އެހިއެވެ. ފޮޓޯތަކަށް އަނެއްކާވެސް ނަޒަރު ހުއްޓާލި ލަޔާލްގެ ކަންފަތްވެސް ޖަވާބު އެހުމަށް ހުޅުވާލެވުނެވެ. އެކަމަކު ޝާމީގެ އެސުވާލުން އަފްލާކްގެ މޫނުމަތި ބަނަވެއްޖެއެވެ. އޭނާ ކަންބޮޑުވެފައިވާ މީހަކު ފަދައިން ނިއްކުރީގައި ހިފަހައްޓާލި ގޮތަށް އެހާމެ އަވަހަށް ތިރިވެސް ކޮށްލިއެވެ. 

"އެމީހާ ނެތް މިހާރު ދުނިޔެއަކު. އަމިއްލައަށް މަރުވީ." އަފްލާކް ޖަވާބުދިނެވެ. ޝާމީ އާއި ލަޔާލް އެއްފަހަރާހެން އަނގަމަތީ އަތް އަޅާލިއެވެ.

ކޮމެންޓް 0