މޫސުމް ބަދަލުވެގެން އައީ ހަމަ ކުއްލި އަކަށެވެ. ތަރިތައް ބަބުޅަމުން ދިޔަ އުޑުމައްޗަށް ކަޅު ވިލާތައް އެއްވެ ހަފަރާތުން ބައްދާލިއެވެ. އިސާހިތަކު ވައިރޯޅި ބާރުވެ ބޯކެރީގެ ތޫނު ހަމަލާތައް ބެލްކަނީގައި ހުރި ރާފިލްގެ މޫނާއި ހަށިގަނޑަށް އަމާޒުވާން ފެށިއެވެ. މޫނުގައި އަތް ހާކައި ލުމާއެކު އޭނާ އެތެރެއަށް ވަންނަން ވެގެން އަވަސްވެގަތެވެ. އެއްލި ކަޅިއަކުން ގޯތިތެރެއަށް ވަދެގެން އައި އަންހެން ކުއްޖާ ފެނުނީ ދޮރާއި ދިމާއަށް އެނބުރިލުމުގެ ތެރޭގައެވެ. ރާފިލް އެހުރި ފިޔަވަޅު މަތީ ހުރެފައި އެނބުރި ބަލައިލުމުން އެއީ ކާކުކަން ފާހަގަވިއެވެ. ހިތަށް އެރިއެވެ. ނަތާ މިގަޑީގައި ކުރަނީ ކީއް ހެއްޔެވެ؟

ކޮޓަރިން ނިކުމެގެން ލިވިން ރޫމް ހުރަސްކޮށްފައި ދިޔައިރު އެހެން މީހަކާއި ދިމައެއް ނުވެއެވެ. ހީވާގޮތުން އެންމެން ނިދީއެވެ. ދޮރު ހުޅުވާލިއިރި ނަތާ އައިސް ދޮރާއި ހަމަވީއެވެ. މެއާއި ހަމައިން ހުރަސްކޮށްލައިގެން ހުރެ ދެއަތް ދެއަތުން މުލައްދަނޑީގައި ބާރުކޮށްލައިގެން ހުރިގޮތުން ހީކަރުވައި ގަނެފައިކަން ފާހަގަ ވިއެވެ. ލައިގެން ހުރި ރަތް ހެދުމުންނާއި އަދި މޫނާއި އިސްތަށިގަނޑުންވެސް ފެނުގެ އަސަރު ފެންނަން އެބަހުއްޓެވެ. ވާރޭ މާ ބޯ ކޮށް ނުލިއެއްކަމަކު ނަތާ މިހާ އަވަހަށް ވެސް ހީކަރުވައިގަނެގެން ދަތްދޮޅި ތުރު ތުރު ލާތަން ފެނުމުން ރާފިލް ހަމްދަރްދީވެގެން ކުރަން އުޅުނު ސުވާލު މަޑު ޖައްސާލެވުނެވެ. 

"އާދޭ އެތެރެއަށް!" ރާފިލް ނަތާ ވަންނަން ތަން ދައްކާފައި ކުޑަކޮށް އަރިއަކަށް ޖެހިލިއެވެ. ނަތާ ވަދެ ހުއްޓިލުމުން އޭނާ ދޮރު ލައްޕާފައި އެނބުރުނެވެ. "މިތާ މަޑުކުރޭ. އެބަ އަންނަން ތުވާއްޔެއް ހިފައިގެން." ރާފިލް އެހެން ބުނެފައި ކޮޓަރިއަށް ވަންނަން ދިޔައިރު ސިކުނޑީގައި ގުގުމާފައި ހުރީ އަފްލާކް ކުރީ ދުވަހު ގޮވާލި ވާހަކަތަކެވެ.

"ހަޤީޤީ ލޯބިވާނަމަ ކުޑަމިނުން ނަތާގެ އުމުރާއިމެދު ވިސްނާލީސް. ފުރަތަމަވެސް ގެނެސް ބެޑް ފަޅުފިލުވާކަށް ނޫން މަސައްކަތް ކުރާނީ."

ރާފިލް ތުވާލި ހިފައިގެން އެނބުރި އައިއިރު ނަތާ އަދިވެސް ބުދެއްހެން ހުރި ފިޔަވަޅު މަތީ ހުއްޓެވެ. އޭނާ ތުވާލި ދިއްކޮށްލުމުން ނަތާ ހަތަރުކަޅި ހަމަކޮށްލާފައި ބަހެއްނެތި ތުވާލީގައި ހިފައިފިއެވެ. ހިނގާދިޔަ ހާދިސާއަށްފަހު މީ އެމީހުންގެ ފުރަތަމަ ބައްދަލު ވުމެވެ. އެކަމަކު މިރޭ ހީވަނީ ނުދަންނަ ދެމީހަކު ބައްދަލުވެގެން އުޅޭހެންނެވެ. އެހާވެސް ބީރަތްޓެހި ގޮތެއް އެދެމެދަށް ވެރިވެފައި ވެއެވެ. "އެބަ އަންނަން ކޮފީއެއް ހަދާލައިގެން." ރާފިލް ހުއްޓިވެސް ނުލައި ގޮސް ވަނީ ބަދިގެއަށެވެ. ކުޑައިރުކޮޅެއް ފަހުން ދެ ދެ ކޮފީމަގު ހިފައިގެން އަތުވެއްޖެއެވެ. ނަތާ އޭރު ފެން ހިއްކާ ނިމިގެން އިނީ ސޯފާގައެވެ. ތުވާލި އޮތީ ޖެހިގެން ހުރި ސޯފާގެ އަތްގަނޑު މައްޗަށް އެއްލާފައެވެ. ރާފިލް އެއް މަގު ނަތާއަށް ދީފައި އަނެއް މަގު ހިފައިގެން އިށީންދެލީ ނަތާގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައެވެ. ފުރަތަމަ ކޯވަރު ބޯލައިފައި އޭނާ އިނީ ނަތާ ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރު ގައެވެ.

"ބައްޕަ އުޅެނީ އަހަރެން ބޭރަށް ފޮނުވައިލަން." ނަތާ މަގުގައި ދެއަތުން ހިފާލައިގެން އިނދެފައި ފެށިއެވެ. އޭނާ އިސްއުފުލައިލީ ރާފިލްގެ މޫނަށް އަރާ ކުލައެއް ބަލާލުމަށެވެ. އެއަޑު އަހާފައި ރާފިލް ތުނބުގައި ޖަހަން ކައިރިކޮށްލި މަގު ދުރުކޮށްލާފައި ބެހެއްޓީ ކުޑަ މޭޒުމަތީގައެވެ. އަދި ކަންބޮޑުވެފައިވާ ލޮލަކުން އޭނާއަށް ބަލަން ފެށިއެވެ. "މިރޭ އަހަރެން ތައްޔާރުވެގެން ކޮޓަރިން ނިކުތްތަނާ އިވުނީ ބައްޕަ ފޯނެއްގައި ހުރެގެން ދެއްކި ވާހަކަ. ރާފިލް! އެމީހުން އުޅެނީ އަހަރެން މާދަމާގެ ވަގުތެއްގައި ފުރުވާލަން. އެއިން އެކަކުވެސް ނޫޅޭ އަހަރެންގެ ބޭނުންވާ ގޮތް ބަލާކަށް. ކުޑަމިނުން އަހާވެސް ނުލާ. އެމީހުން ކަތިފައި ވިއްދައިގެން ތިބީ އަހަރެންނާއި ރާފިލް ވަކި ކުރަން." ނަތާގެ ވާހަކަ އެހިސާބަށް ދިޔައިރު ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެންފިއެވެ. އަޑު ބޭރުވާން ތައްޔާރު ވުމުން އޭނާ މަގު ބަހައްޓާފައި މޫނުގައި ދެއަތް އަޅައި ފޮރުވާލިއެވެ. ކަރުނަތައް ދެއިނގިލި ދޭތެރެއިންވެސް ދެމިގަތެވެ. އަދި ހިމޭން ގިސްލުމެއްގެ އަޑު މާހައުލުގައި ހިފާލިއެވެ. 

ރާފިލްގެ ހިތަށް އަސަރު ކޮށްގެން ދުރު ބަލާލައިފައި ތެދުވެގެން ދެކޮޅަށް ހިނގާލިއެވެ. އޭނާ ހީވަނީ ނަތާގެ ހަށިގަނޑުގައި އަތް ނުލާން ހުވާ ކޮށްގެން އުޅޭހެންނެވެ. އެހެން މީހަކު ނަމަ އެގޮތަށް ލޯބިވެރިޔާ ހިތާމައިން ރޯތަން ފެނުމުން ކައިރިކޮށްލާނެކަން ގައިމެވެ. "ނަތާ އަހަރެން ވާހަކައެއް ބުނިއްޔާ ޤަބޫލު ކުރާނަންތަ؟" ކުޑައިރުކޮޅެއް ފަހުން ރާފިލް ވާހަކަދެއްކި އަޑު އިވުނެވެ. ނަތާ ގަދަކަމުން ކަރުނަތައް ކޮންޓްރޯލް ކޮށްފައި ނޭފަތްވެސް ދަމައިލިއެވެ. ރާފިލް އެނބުރި ސޯފާގައި އިށީންދެފައި މިހާރު އިނީ ދެއަތް ދެއަތާއި ގުޅުވާލައިގެން އިސްޖެހިފައެވެ. "ޓެލް މީ." ނަތާ ހިސާބަކަށް ޖެހިލުންވެފައި އެދުނެވެ. ރާފިލްގެ ހަރަކާތް ހުރި ގޮތާއި ވާހަކަދެއްކުމުގެ ރާގުން އޭނާއަށް އެނގުނީ ބުނަން އެއުޅެނީ މާ އުފާވެރި ވާހަކައެއް ނޫންކަމެވެ. "އަހަރެން ބޭނުން ވަނީ ނަތާ ބައްޕަގެ އެދުމާއި ޤަބޫލު ވާން. އަހަރެންގެ އެދުމަކީ ނަތާ މާދަން ފުރުން." ރާފިލްގެ ޖުމްލަ ނިމުނުއިރަށް ހަތަރުކަޅި ހަމަކޮށްލައިފިއެވެ. "ވަޓް؟" އެވަގުތު ނަތާއަށް އަހާލެވުނީ އާދައިގެ ވަރަށްވުރެ ތަންކޮޅެއް ބާރަށެވެ. ދެވަނަ ފަހަރަށް ޖަވާބު ދިނުމުގެ ބަދަލުގައި ރާފިލް އިޚުތިޔާރު ކުރި ހިމޭންކަން ޖަވާބަކަށް ފުދެއެވެ. ޤަބޫލު ނުކުރެވިފައި ނަތާ އިނދެގެން އެއީ ފެންނަ ނުބައި ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އެރިއެވެ.

"ކާކަށް ކޮންކަމެއް ސާބިތު ކޮށްދޭން ރާފިލް ތިއުޅެނީ؟ ދޮންބެއަށްތަ ސާބިތު ކޮށްދޭން ތިއުޅެނީ؟" ނަތާ ކޮޅަށް ތެދުވެއްޖެއެވެ. "ރަނގަޅަށް ތިބުނީ. އަހަރެން ބޭނުން ވަނީ ސާބިތު ކޮށްދޭން. އެކަމަކު ލާކްއަކަށް ނޫން. އަހަރެންގެ އަމިއްލަ ނަފްސަށް." ރާފިލް ސޯފާގާއި ރަނގަޅަށް ހަމަޖެހިލަމުން ޖަވާބުދިނެވެ. "މީނިން ވަޓް؟" ނަތާގެ އަޑަށް ވެރިވަމުން އައި ހަރުކަށި ކަމާއެކު ސުވާލު ކުރިއެވެ. "އަހަރެން ބޭނުން ވަނީ އަހަރެންގެ ހިތުގައި ނަތާއަށްޓަކައި މިވާ އިހްސާސް ތަކަކީ ތެދުވެރި އެއްޗެއްކަން އަމިއްލަ ނަފްސަށް ސާބިތު ކޮށްދޭން. ނަތާ ވިސްނާލަބަލަ. ނަތާގެ އުމުރުން އަދި ވަރަށް ހަގު. މީ ކިޔަވަންވީ އުމުރު. އަހަރުމެން އަދި ކިތަންމެ ބޭނުންވިއަސް ކައިވެންޏަކާއި ހަމައަށް ދާން އެތަކެއް ދުވަސް އެބައޮތް. އެހެންވެ އަހަރެން ބޭނުމީ ނަތާއަށް ފުރުސަތު ދޭން. ނަތާ ކިޔަވައި ކާމިޔާބު ކުއްޖަކަށް ވެގެން އައުމަށްފަހު އަހަރެމެން ދުރު ކުރެވޭނެ އެކަކުވެސް ނުހުންނާނެ. އަދި އެހާވަންދެން އަހަރެންނަށް މިގޮތުގައި ހުރެވިއްޖެއްޔާ .... ޔޫ ނޯ ވަޓް އައި މީން... ބުނެއެއްނު ދެމީހަކު ގުޅެން ތަޤްދީރުގައި ހުރިއްޔާ ކޮންމެވެސް ދުވަހަކުން އެކަންވާނެ. ހަމަ އެގޮތަށް.... އަހަރުމެންވެސް. ޓިލް ދެން......" ރާފިލްގެ ވާހަކަ އެހިސާބުން މަޑު ޖައްސައިލާން މަޖުބޫރުވީ ދެން ބުނަން އޮތް ޖުމްލައިގެ ބޮޑުކަމުންނެވެ. ސުވާލަކީ ނަތާއަށް ބަރުދާސްތު ކުރެވޭނެ ހެއްޔެވެ؟

"ގުޑްބައި؟" ނަތާ އަޑު އަހަން ހުރެފައި ރާފިލް ވާހަކަ މެދުކަނޑާލި ތަނުން ސުވާލު ކުރިއެވެ. ރާފިލްއަށް ސިހިފައި ބަލާލެވުނެވެ. ނަތާ ދެނެގަންލެއް އަވަސްކަމުން އޭނާ ހައިރާންވިއެވެ. ރާފިލް ކޮޅަށް ތެދުވެ ޖިންސް ގެ ޖީބަށް ދެއަތް ކޮށްޕާލަމުން ބޯ ޖަހައިލީ އިސް އޮބައިލުމާއެކުގައެވެ. "ވެލް.... ދެން އިޓްސް އެ ގުޑްބައި." ނަތާގެ އަޑު އިވިގެން އޭނާ ސިހުނެވެ. އިސް އުފުލާލި އިރު ރާފިލް ހީކުރި ގޮތާއި ހިލާފަށް ނަތާގެ މޫނުން އެއްވެސް އަސަރެއް ފައުޅެއް ނުވިއެވެ. ނޫނީ ނަތާ ހަމަ ގަސްތުގައި ހުރިހާ ކުލައެއް ފޮރުވައިލީ އެވެ.

ހިމޭންކަމާއެކު ދެމީހުން އެކަކު އަނެކަކަށް ބަލަން ހުރެފައި ނަތާ މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ވަކި ހިސާބަކުން އަނެއް ފަރާތަށް އެނބުރި ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. ރާފިލް އެހުރި ތަނުގައި ބަލަހައްޓައިގެން ހުއްޓާ ނަތާ ދޮރު ހުޅުވާލައިފައި ވާރެއަށް ނިކުމެގެން ގޭޓާއި ދިމާއަށް ދިޔައެވެ. އެދެލޮލަށް ކަރުނަތައް ގިނަވެ އޮހެން ފެށުމުން ވާރޭ ތިކިތަކުގެ އެހީތެރިކަން ލިބުނެވެ. ރާފިލްއަށް އިތުބާރު ނަތާ ބޭނުމެވެ. އެދެމެދުގައި އޮތް ލޯބި އެއީ އެންމެ ވަރުގަދަ އިހްސާސް ކަމުގައި ސާބިތުވެގެން އައުމަށް އެދެވެއެވެ. އެކަމަކު ޔަޤީންކަން އޭނާގެ ނެތީ ވަގުތަށެވެ. ބަދަލުވަމުންދާ ދުނިޔެއަށެވެ. އެކަމަކު ޝަކުވާ ކުރާނެ ފުރުސަތެއް މިއަދަކު ނެތެވެ. ދެކޮޅުހަދައިފިނަމަ އެއީ ލޯއްބަށްވެސް ދެވޭ ބަދުނާމެކެވެ. އިތުބާރު ނުކުރެވެންޏާ އެކުގައި އުޅުމުގެ ބޭނުމެއް ނެތެވެ.

ނަތާއަށް ގޭޓާއި ހަމައަށް ދެވުނުއިރު އަފްލާކް މަގުމައްޗަށް ކާރު މަޑުކޮށްލާފައި ފައިބަނީއެވެ. ލަޔާލް އިނީ ޑްރައިވަރާއި ޖެހިގެން އިން ސީޓުގައެވެ. ނަތާ ނިކުމެފައި ބަލައިލުމުން އަފްލާކްގެ ރުޅިވެރި ދެލޯ ފާހަގަ ކުރެވުނެވެ. އޭނާ އަޅައިވެސް ނުލައި ފަހަތު ދޮރުފަތް ހުޅުވާލައިގެން އިށީންދެލުމުން އަފްލާކްވެސް ގޭޓުގެ ފުރަގަހުން ފެންނަން ހުރި ގެއަށް ބަލަން ހުރެލާފައި އަރައި ދުއްވާލައިފި އެވެ.

ގެއާއި ހަމައަށް ދެވެންދެން އެކަކުވެސް އަނގައިން ނުބުނެ ތިބެފައި އެންމެން ގެއަށް ވަންނަން ދިޔައިރު ބާކީ ތިބި މީހުން ލިވިންރޫމްގައި ތިބީ އިންތިޒާރުގައެވެ. އެމީހުން ވަންތަން ދެކެފައި އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ކޮޅަށް ތެދުވެއްޖެއެވެ. ނަތާ ފުރަތަމަވެސް މިސްރާބު ޖެހީ ސިޑިއާއި ދިމާއަށެވެ. "ނަތާ! އަދި ނުވޭ އެތެރެއަށް ދާކަން." އަފްލާކް ގޮވައިލުމުން ނަތާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނާ އެނބުރި ބަލައިލާފައި އަފްލާކްގެ ކައިރިއަށް އައިސް ހުއްޓުނެވެ. އަފްލާކް އަތުން އިޝާރާތް ކޮށްފައި ސޯފާގައި އިށީންނަން އިޝާރާތް ކޮށްލުމުން ނަތާ އަދިވެސް ހުރީއެވެ. "ކޮންގްރެޓްސް ބްރޯ. ވީ ބްރޯކް އަޕް. އަދި މާދަމާގެ ވަގުތެއްގައި އަހަރެން މިގެއާއި މިފަސްގަނޑު ދޫކޮށް ފުރަން ތައްޔާރަށް މިހުރީ. އެހެންވީމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއްނު." ނަތާ އަސަރެއް ނެތް ގޮތަކަށް ދެއްކި ވާހަކައިން އެހެން އެންމެންނަށްވުރެ ބޮޑަށް ސިހުނީ އަފްލާކް އެވެ. ހިތަށް އެރިއެވެ. ނަތާ އެބުނީ ތެދެއް ހެއްޔެވެ؟ ހަޤީޤަތުގައިވެސް އެދެމީހުން ވަކިވީ ހެއްޔެވެ؟ އެކަކަށް އެކައްޗެއްވެސް ބުނާނެ ފުރުސަތެއް ނުދީ ނަތާ އަނެއްކާވެސް ސިޑިއާއި ދިމާއަށް ހިނގައިގަތެވެ. "އެކަމަކު އަހަރެންގެ އަދި ޝަރުތެއް އެބައޮތް." ނަތާ ތަންކޮޅަކަށް ގޮސް ހުއްޓިފައި އެނބުރި ބަލާލިއެވެ.

"އަހަރެންގެ އެދުމަކީ އަހަރެން އެކޮޅުގައި ކިޔަވާ ނިމޭންދެން ހޭދަ ކުރާ އަހަރުތަކުގައި އެއްވެސް ޗުއްޓިއަކަށް އަހަރެން މިފަސްގަނޑަށް ގެންނަން އެކަކުވެސް މަސައްކަތް ނުކުރުން." ނަތާ އިއްވައިލާފައި ބާރު ބާރަށް ގޮސް ގެއްލުނެވެ. ޝަރުތުގެ ވާހަކަ އަހާފައި އެންމެން ހިމޭންވި ގޮތަށް އިރުކޮޅެއް ވީއިރު ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ގޮސް އެތަނުގައި ލަޔާލްމެން އެކަނިވީއެވެ. އަފްލާކް ސޯފާއަކަށް ވެއްޓިގަނެގެން އިނީ އިސްތަށިގަނޑުގައި ދެއަތުން ހިފާލައިގެންނެވެ. ލަޔާލް ބަލަން ހުރެލާފައި އިރުކޮޅަކުން އަފްލާކް އެކަނި ކޮށްލާފައި މައްޗަށް ދިޔައެވެ.

ލަޔާލް ހަތަރުވަނަ ބުރިއަށް އަރާފައި އެރެއަށްޓަކައި ތައްޔާރު ކުރެވުނު ހޯލަށް ވަދެގެން ދިޔައެވެ. ދާދި ދެންމެއަކު އުފާވެރި މޫނު ތަކާއިއެކު އެންމެން ތިބި ހޯލް އޮތީ މިހާރު ހުހަށެވެ. ބާރަ ޖަހާއިރަށް ފަޅަން ތައްޔާރު ކުރެވުނު ކޭކުވެސް ހުރި ގޮތަށް ހުރީއެވެ. ލަޔާލް ގަޑި ބަލައިލިއިރު ބާރަ ޖަހައި ދިހަ މިނޓް ހިނގީއެވެ. ކޮޓަރިތަކަށް ދިޔަ މީހުން އަދިވެސް އެނބުރި އަތުވެދާނެ ކަމަށް ވިސްނާފައި އޭނާ ކޭންޑީސް ތައްޓެއް ނަގައިގެން ގޮސް އުނގަށް ލައިގެން ކާން އިނީ ސޯފާގައެވެ. އިރުކޮޅެއް ވީއިރު މޭބޮޑު ކުރާ ގޮތްވެގެން ތަށި ގެންގޮސް މޭޒުމަތީ ބަހައްޓާފައި އަނެއްކާވެސް ކޭކު ފެނިގެން ހުއްޓެވުނެވެ. ޗޮކްލެޓް ކޭކަކީ އަބަދުވެސް އޭނާ އެންމެ ގަޔާވާ ވައްތަރެވެ. ލަޔާލް ފެންފޮދެއް ބޯލައިފައި ހަމަ ހިޔާލެއް ނެތް ކުޑަ ކުއްޖަކު ފަދައިން ކުއްލިއަކަށް ކޭކުގެ މެދަށް ޝަހާދަތް އިނގިލި ހަރާލައިގެން ކޭކު ކޮޅެއް ނަގައި ކާލަންވެގެން ތައްޔާރުވިއެވެ. އެވަގުތު ކޮންމެވެސް މީހަކު އަތުގައި ހިފަހައްޓާލުމުން ސިހިގެން ބަލައިލި އިރު އަފްލާކް އެވެ. ލަޔާލްގެ އަނގައަށް އިނގިލި ލާން އެހާ ކައިރިވެފައި ހުއްޓާ އަފްލާކް އޭނާގެ އަތަށް ބާރު ކޮށްލައިގެން މިސްރާބު ބަދަލު ކޮށްލާފައި ގެންގޮސް އެއިނގިލީގައި އިން ކޭކުކޮޅު ލޮވެލައިފިއެވެ. ލަޔާލް ބަލަހައްޓައިގެން ހުރުމުން އެއް ލޯވެސް މަރައިލިއެވެ. ރުޅިގަދަވެގެން ލަޔާލް ދެބުމަ ގޮށް ޖަހާލައިފައި އަނެއް ފަރާތަށް އެނބުރުނެވެ.

"ހެޕީ ނިއު އިޔަރ." ސިކުންތުކޮޅެއް ފަހުން އަފްލާކް ބުނެލި އަޑު އިވުނެވެ. ލަޔާލް އަދިވެސް ހުރީ ފުރަގަސްދީގެންނެވެ. އެހެން ހުއްޓައި އަފްލާކް އައިސް ކުރިމައްޗަށް ހުއްޓިފައި އަތުގައި އޮތް ކޭކު ކޮޅު އޭނާގެ އަނގައާއި ކައިރިކޮށްލިއެވެ. ލަޔާލް ހަތަރުކަޅި ހަމަކޮށްލުމުން އެރީތި ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައެވެ. ބަލަން ހުރެލައިފައި ލަޔާލް ކުޑަކޮށް އަނގަ ހުޅުވާލައިގެން އެތިކޮޅެއް ކާލިއެވެ. އަފްލާކް އެހާ ލޯބިން ދިނުމުން ދެކޮޅު ހަދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އަފްލާކް އަދިވެސް ބަލަން ހުރެގެން ބާކީ އޮތް އެތިކޮޅު ކާލަމުން ސިކުނޑީގައި ކަމެއް ރާވައިލިއެވެ. "ލިޕްގައި ކޭކު ކޮޅެއް." އަފްލާކްގެ މޫނަށް ލާނެތްކަން ވެރިވިއެވެ. ލަޔާލް އަވަސް އަވަހަށް އަނގަމަތީ އެކީ ފުހެލާފައި އެތާ ނުހުންނަން ވެގެން ހިނގައިގަނެގެން ގޮސް އަފްލާކް ފަސްދެވުނުތަނާ އަތުގައި ހިފައިލުމުން ހުއްޓެވުނެވެ. "މިހާރު ކިހިނެތްވީ؟" ލަޔާލް ރުންކުރު ގޮތަކަށް އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަފްލާކް އެއަތަށް ދަމާލައިގެން ލަޔާލް ގެނެސް ބެހެއްޓީ ކުރިމަތީގައެވެ. ދެކޮނޑުގައި ހިފާލުމުން ލަޔާލް ކަންބޮޑުވެގެން އެދެކޮނޑަށް ބަލައިލާފައި އަފްލާކްއަށް ބަލާލިއިރު އެމޫނު ފެނުނީ އެންމެ ކައިރީގައި ވަނިކޮށެވެ. އެވަގުތު ލަޔާލްއަށް ނޭވާވެސް ހިފަހައްޓާލެވުނެވެ. މަދު ސިކުންތުކޮޅެއް ފަހުން އަފްލާކް މޫނު ދުރުކޮށްލުމުން ލަޔާލްއަށް ދެންވެސް ހުރެވުނީ ލޯ މަރައިލި ގޮތަށެވެ. "މިހާރު ނެތް." އަފްލާކް ފަރުވާތެރި ކަމާއެކު ބަލަން ހުރެލާފައު ކުއްލިއަކަށް ހިޔާލު ބަދަލުވެގެން ބުނެލިއެވެ. އެއަޑަށް ލޯ ހުޅުވައިލި ލަޔާލްގެ ކުލަވަރު ބަދަލުވާން ނެގީ ސިކުންތެކެވެ. ފެންކަޅިވެގެން ދިޔަ ދެލޮލުން އަލިފާންކަނި ބުރަން ތައްޔާރުވިއެވެ. އަމިއްލަ ނަފްސްދެކެވެސް ރުޅިއާދެވުނެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އަދިވެސް އޭނާއަށް އަފްލާކް އޮޅެނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ހިތުން "ސްމާޓް" ވެގެން އުޅުނަސް އަފްލާކް ކޮންމެ ފަހަރަކު އޭނާ މޮޔަ ހައްދާލުމުގައި ކާމިޔާބު ކޮށްލަނީއެވެ. އޭނާ މޮޔަކަމުން އަފްލާކްގެ އެފަދަ ހަރަކާތް ތަކަކީ ގޭމުގެ ބަޔަކަށް ނުވެދާނެ ކަމަށް އުންމީދު ކުރެވެނީއެވެ. އެކަމަކު އާޙިރުގައި ހުރިހާ ދެރައެއް އޭނާއަށެވެ. ކާމިޔާބީގެ ހިނިތުންވުން ތުންފަތަށް ވެރިކޮށްގެން އަފްލާކް ހުންނާނެއެވެ.

"ލާކް!" އަފްލާކް ހެވިފައި ހުރެގެން ދާން އެނބުރިލުމުން މިފަހަރު ހުއްޓުވީ ލަޔާލްއެވެ. "އާ އަހަރެއް ފެށިގެން ހުރިހާ ކަމެއް އާ ފެށުކުން ފެށިގެން އައިއިރު އަހަރެންވެސް ކޮންމެހެން ކޮންފެސް ކުރަން ޖެހޭ ވާހަކައެއް އެބައޮތް." ލަޔާލް ބުނެލި އެއްޗަކުން އަފްލާކް އެބުރި ބަލައިލިއރު އެދެލޯ ވިދައެވެ. އޭނާއަށް ޔަޤީނާއި ގާތަށް ހީވިއެވެ. ލަޔާލް ބުނަން އެއުޅެނީ ބަނޑުގައި އޮތް ދަރިފުޅުގެ ވާހަކައެވެ. "އަހަރެންވެސް އެބައޮތް ބުނަން ޖެހޭ ވާހަކައެއް. އެން އައި ވިލް ވީ އޮނެސްޓް." އަފްލާކް އެނބުރި އައިސް ލަޔާލްގެ ކުރިމައްޗަށް ހުއްޓި ދެއަތުގައި ހިފާލިއެވެ. "ފުރަތަމަ އަހަރެން ބުނާނީ." ލަޔާލް ގަދަކޮށްލިއެވެ. "އަވަހަށް ބުނޭ." އަފްލާކް ހުރީ ކެތްމަދުވެފައެވެ. "އަހަރެންގެ ހުރޭ ބޯއިފްރެންޑެއް. އޭނާގެ ނަމަކީ މާހިން. އަހަރެން ބުނީމެއްނު އަހަރެންގެ ފަސްޓް ކްރަޝްގެ ވާހަކަ. ލާކް ކައިރީ އަހަރެން ނުބުނެ އޮތީ މާހިންއަށް ހިތްދީގެން އަހަރެން އުޅުނީ ކިތައް އަހަރުކަން. އުމުރުން ސާދަ އަހަރުން ފެށިގެން އަހަރެންގެ ހިތުގައި ހަމައެކަނި ރޫލް ކުރީ މާހިން. އަދި މިއަދު އަނެއްކާވެސް އަހަރެންނަށް މާހިންގެ ހިތް އަލުން އަނބުރާ ލިބިއްޖެ." ލަޔާލް އެއް ނޭވައިން ހުރިހާ ވާހަކައެއް ބުނެލާފައި އަފްލާކްގެ ކުލަ ބަދަލުވަމުން އައިތަން ބަލަން ހުއްޓެވެ. ހިތަށް އެރިއެވެ. އޭނާއަކީ އުމުރަށް ކުޅެން ގެންގުޅެވޭނެ ބުދެއް ނޫންކަން މިހާރު އަފްލާކްއަށް އެނގޭނެއެވެ.

ކޮމެންޓް 0