ނަތާގެ ލޮލަށް އެއްފަހަރާ އެތައް ހާސް ކަރުނައެއް ޖަމާވެގެން އައެވެ. އަފްލާކް ގެ އަތްތިލައިގައި އޭނާ ބޮސްދިނުމާއެކު ހީގަތުމާއި ރޮއިގަތުމާއި އައީ އެކުއެކީގައެވެ. ނަތާ އެނދުގެ މަގަތުގައި އިށީންދެފައި އަފްލާކްގެ އަތަށް ފިތާލައިގެން އިނދެ ދެފަހަރަކު ގޮވާލި ފަހުން އަފްލާކް އެސްފިޔަތައް ދުރުކޮށްލިއެވެ. ފުސްގަނޑެއްގެ ތެރެއިން ފެންނަ ފަދަ ގޮތަކަށް އަފްލާކްއަށް ނަތާގެ މޫނު ފެންނަން ހުއްޓެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި މަންޒަރު ސާފުވެ ހުރިހާ ތަނެއް ފެންނަން ފެށިއެވެ. ނަތާގެ ދެލޮލުގައި ގިނަވެގެން ކޯތާފަތް މައްޗަށް ކަރުނަ ފައިބަމުން ދިޔައިރު ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ވިއެވެ. އެވަގުތު އަފްލާކް ތުންފަތް ތަޅުވާހެން ހީވެގެން ނޫރީ ބަލަން ހުރެފައި އަވަހަށް ކައިރިވެލައިގެން އޮކްސިޖަން މާސްކް ނައްޓާލިއެވެ. 

"ލަ....ޔާ.....!" އުދަނގުލުން އަފްލާކް ބޭރުކޮށްލި ފުރަތަމަ ލަފްޒަކީ އެއީއެވެ. ނޫރީ ދުރަށް ޖެހިލާފައި އައީ އެތާހުރި ޖަގަކުން ފެންތައްޓެއް އަޅައި ފުރާލައިގެންނެވެ. ނޫރީ އާއި ނަތާ ވެގެން އަފްލާކްގެ ދެކޮނޑުގައި ހިފާފައި ތެދުވަން އެހީތެރިވެދިނެވެ. އެނދުގެ ފަޑީގައި ލަތްގަނެވޭނެހެން ބާލީސްތައް އަތުރާފައި އަފްލާކްއަށް ފަސޭހަ ވާނެގޮތަށް ބެއިންދިއެވެ. ނަތާ އަފްލާކްގެ ތުނބުގައި ފެންތަށި ޖެއްސުމުން ކޯވަރެއް ބޯލައިފައި އަތުން ދުރުކޮށްލައިފި އެވެ. 

"ލަޔާ!" އަފްލާކް އަނެއްކާވެސް ބުނެލީ އެނަމެވެ. "މަފާޒްބެ ދިޔައީ ލަޔާ ބަލައި. ނޯ ވޮރީސް ދޮންބޭ. އިރާދަކުރެއްވިއްޔާ މަފާޒްބެ އަންނާނީ ލަޔާ ގޮވައިގެން." ނަތާ ނޫރީ އަތަށް ފެންތަށި ދީފައި އަފްލާކްގެ މޫނަށް ބަލަން އިނދެ ވާހަކަދެއްކިއެވެ. އޭނާގެ އެޖަވާބުން އަފްލާކްގެ މޫނުން ހިތްހަމަ ޖެހުމެއް ފެނިގެން ނުދިއުމުން ކަންބޮޑުވެފައި ނޫރީއަށް ނަޒަރެއް ދިނެވެ. "ޓްރަސްޓް މީ މަފާޒްބެ ލަޔާ ހޯދާނެ." ނަތާ އަފްލާކްގެ އުންމީދު އާކޮށްދޭން މަސައްކަތް ކުރިއެވެ. "އަހަރެން ބޭނުން ދާން." އަފްލާކް ލޯ މަރައިލަމުން ހިތުގެ އެދުން ފައުޅު ކުރިއެވެ. މަފާޒްއަށް އެކަން ނުވެދާނެހެން ހީވަނީ ކަންނޭނގެއެވެ. ނޫނީ ލަޔާލް ދެކޭ ހިތުން އޭނާ ކެތްމަދުވެފައި ވަނީއެވެ. "ނޫނޭ. ތީ ރަނގަޅު ހިޔާލެއް ނޫން. ޔޫ ނީޑް ރެސްޓް." ނޫރީ އަފްލާކްގެ އެދުމާއި ދެކޮޅު ހަދަމުން ވާހަކަދެއްކިއެވެ. ނަތާ ވިސްނަން އިނދެފައި ކުއްލި އަކަށް ދުއްވައިގެންފައި ކޮޓަރިން ނިކުތެވެ. އޭނާ ފޯނު ބަލައި ގޮސް ވަންއިރު ރާފިލް ގުޅަނީއެވެ. ނަތާ ހަނދާންވީ ދެނެވެ. އޭނާ އެހުންނަނީ ރާފިލް އާއި ބައްދަލު ކުރަން ގަޑި ކިޔާފައެވެ. ދެފިކުރެއްގައި ހުރެފައި ނަތާ ރާފިލްގެ ފޯނު ކަނޑާލިއެވެ. މިވަގުތަށް އޭނާއަށް އެންމެ މުހިންމީ އަފްލާކް އެވެ. ނަތާ އެކޮޓަރިއަށް ވަނީ ލަޔާލްގެ ނަންބަރަށް ޑައިލް ކޮށްލައިގެން ހުރެއެވެ. 

"ދޮންބޭ! މިއޮތީ ލަޔާއަށް ގުޅާފަ. އަހަންނަށް ޔަޤީން ދޮންބެގެ އަޑު ޖެހޭއިރަށް ލަޔާ މެލްޓް ވާނެ. އޭނަ ވަގުތުން އެނބުރި އަންނަން ދަތުރު ފަށާނެ." ނަތާ ފޯނު ދިއްކޮށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އަފްލާކް އެފޯނުގައި ހިފާފައި ކަންފަތުގައި ޖަހާލުމުން ރިންގް އަޑު މެދުކެނޑުމެއްނެތި އިވިފައި އިރުކޮޅަކުން ކެނޑުނީއެވެ. އެވަގުތު އަފްލާކް ފޯނު ތިރިކޮށްލުމުން ނަތާއަށް ވިސްނުނެވެ. "އަދި އެއްފަހަރު ގުޅާބަލަ!" ނަތާ އުންމީދު ކަނޑައެއް ނުލައެވެ. އަފްލާކް އަލުން ލަޔާލް ނަންބަރަށް ގުޅާފައި ފޯނު ކަންފަތުގައި ޖަހާލި އެވެ.

ރިންގް ވޭވޭ ހުރި ފޯނަށް ބަލަހައްޓައިގެން ލަޔާލް އިނީ ދުއްވަމުން ދިޔަ ކާރުގައެވެ. އޭނާ މަޑުކޮށްލައިގެން އިނީ ދެވަނަ ފަހަރަށްވެސް އެފޯނު ކެނޑޭން ދެންނެވެ. ލަޔާލްއަށް އެނގެއެވެ. ނަތާ އެގުޅަނީ ކޮންމެވެސް ގޮތަކުން އޭނާ ރަށަށް ދާން އުޅޭކަން އެނގިގެން ހުއްޓުވަން ވެގެންނެވެ. ލަޔާލް އަޒުމް ކަނޑައަޅައިގެން އިނީ އެކަކު ބުނާ އެއްޗަކަށްވެސް އޭނާގެ ނިންމުން ބަދަލު ނުކުރާށެވެ. ޔާނިޒް އެވާހަކަތައް ދެއްކުމުގެ ކުރީންވެސް އޭނާ އެހުންނަނީ ގޭގެ ބަރުބާދީގެ ސަބަބު ކަމުގައި އަމިއްލަ ނަފްސް ކަނޑައަޅައިގެންނެވެ. 

"މީ ހަމަ ލަޔާލްގެ ފަހު ނިންމުންތަ؟" ޑްރައިވަރ ޓީ ޖެޓީ ކައިރިއަށް ކާރު މަޑުކޮށްލާފައި އަދި އެއްފަހަރު ސުވާލު ކުރިއެވެ. އަހަރުތަކެއް ވާންދެން އެގޭގައި މަސައްކަތް ކުރެވި ގާތްކޮށް އުޅެވިފައި ހުރުމުން ޑްރައިވަރވެސް ލަޔާލް އާއި މެދު ހަމްދަރްދީ ވަނީއެވެ. "ޑެޑް ޝުއަރ." ލަޔާލް ހިތާއި ހިތުން ބުނެލިއެވެ. އޭނާ އެއްޗެއް ނުބުނެ ޝިވަމް އުރާލައިގެން ކާރުން ފޭބިއިރު ފުރަން ތައްޔާރުވެފައިވާ ބޯޓު ކައިރިއަށް މީސްތަކުން އެއްވެފައި ވެއެވެ. ފުރާ މީހުންނާއި ފުރުވަން އައިސް ތިބި މީހުންނެވެ. ޑްރައިވަރ ލަޔާލްގެ ސޫޓްކޭސް ބޯޓަށް އަރުވަދޭން ކަމަށް ހީކޮށްލައިގެން އަތްގަނޑުގައި ހިފާ ދަމައިލަން އުޅެނިކޮށް ލަޔާލް ގޮވައިލިއެވެ. 

" އެންމެރަނގަޅު ދިޔަޔަސް. މިހާ ހިސާބުން ދެން ދަތުރު ބާކީ އޮތްބައި ކަޑައްތު ކުރާނީ އަހަރެން އަމިއްލައަށް." ލަޔާލް ބޭނުންވީ ޑްރައިވަރ ފޮނުވާލާށެވެ. އޭނާ އަދަބުވެރި ކަމާއެކު ބޯ ޖަހައިލާފައި ޝިވަމް ކުރިމައްޗަށް ހުއްޓި ސަލާމަށް އަތް ދިއްކޮށްލިއެވެ. "މަންމި ބުނަމެއްނު މިއަތުންނޭ ސަލާމް ކުރާނީ. މީ ކަނާއަތް." އެވަގުތު ޝިވަމް ވާތް ދިއްކޮށްލުމުން ލަޔާލް އަނެއް އަތުގައި ހިފާލައިފައި ކިޔައިދިނެވެ. ޑްރައިވަރ ކާރަށް އަރާފައި ނައްޓާލައިގެން ދިއުމުން ލަޔާލް ގަޑި ބަލާލިއިރު ބޯޓަށް އަރަން ޖެހޭ ގަޑި ޖެހެން އަދި ދިހަ ވަރަކަށް މިނިޓް ހުއްޓެވެ. އިންތިޒާރުގައި ލަޔާލް ހުއްޓައި ރަށު ކުއްޖަކަށް އޭނާ ފެނިގެން އައިސް ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅަކުން ދެމީހުން އެކު އެކީގައި ހިނގައިގަނެގެން ބޯޓާއި ދިމާއަށް ދަނިކޮށް ކޮންމެވެސް މީހަކު ލަޔާލް ކޮނޑުގައި ހިފަހައްޓާލުމުން ސިހިފައި އެނބުރި ބަލާލެވުނެވެ.

"މަފާޒް!" ލަޔާލްގެ މޫނުން ކަންބޮޑުވުން ފެނިގެން ދިޔައެވެ. "ހިނގާ ގެއަށް ދާން. އަހަރެން މިއައީ ލަޔާ ބަލައި." މަފާޒް އަމުރުވެރި ގޮތަކަށް ވާހަކަދެއްކިއެވެ. އޭނާގެ މަޤްސަދަކަށް ވީ ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ލަޔާލް ގެއަށް ގެންދިއުމެވެ. މަގުމަތިން އޭނާއަށް ޑްރައިވަރ ކާރުގައި ދަނިކޮށް ހުއްޓުވާފައި ސުވާލު ނުކުރެވުނު ނަމަ ބައްދަލުވެސް ނުވީހެވެ. ނަސީބެކެވެ.

"މަފާޒް! ޓްރަސްޓް މީ އަހަރެން ރަށަށް މިދަނީ ނިޒް ދެއްކި ވާހަކައިން އަސަރު ކޮށްގެނެއް ނޫން. އަހަރެން ރަށަށް ދާންވެއްޖެތާ ކިތަންމެ ދުވަހެއް." ލަޔާލްގެ ކައިރީ ރަށު ކުއްޖާ ބަލަން ހުރުމުން ފަސްޖެހިލާފައިވެސް އޭނާ މަފާޒްއަށް ރައްދުދިނެވެ. "ވަޓް އެބައުޓް ލާކް؟ ވިސްނައެއް ނުލަންތަ ލާކްއަށް ވާނެ ގޮތަކާއި މެދުއެއް؟ އޭނަ ހޭއަރައިގެން ލަޔާ ނެތްކަން އެނގޭ ދުވަހަކު ވާނީ ކިހިނެތް؟" މަފާޒްގެ އަޑުގައި ރިހުމެއް ވިއެވެ. ވަށައިގެންވި މީހުންގެ ލޯތައް އެމީހުންނަށް އަމާޒު ވާން ފެށުމުން އޭނާ ހުރީ އެކަމާއިވެސް ކަންބޮޑުވެފައެވެ. މަފާޒްގެ ވާހަކައިން ލަޔާލްއަށްވެސް އެވަގުތު ވިސްނާލަން މަޖުބޫރުވިއެވެ. ދެމީހުން ހިމޭނުން އެކަކު އަނެކަކަށް ބަލަން ތިއްބާ މަފާޒްގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ޖީބަށް އަތް ކޮށްޕާލައިފައި ނެގިއެވެ. 

"ކީކޭ ނަތާ؟" މަފާޒް ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ލަޔާލްއަށް ފުރަގަސްދިނެވެ. އެކޮޅުން ނަތާ ދެއްކި ވާހަކަ އަހާފައި މަފާޒް އެނބުރިލި އިރު ލޮލުން އަޖައިބެއް ފަދަ ކުލަވަރެއް ލަޔާލް ދުށްޓެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ މަފާޒް ހިނިތުންވަމުން ފޯނު ދިއްކޮށްލިއެވެ. "ކާކުގެ ފޯނެއް؟" ލަޔާލް އުޅުނީ ފޯނުގައި ނުހިފަންވެގެންނެވެ. "ޖަސްޓް ހިއަރ އިޓް އައުޓް." މަފާޒް ކުއްލިއަކަށް ލަޔާލް އަތުގައި ހިފަހައްޓާފައި ގަދަކަމުން އެއަތަށް ފޯނު ލިއެވެ. މަފާޒް އަތްދިއްކޮށްލާފައި ޝިވަމް ދޭން އެދުމުން ލަޔާލް އެކުއްޖާ ހަވާލު ކޮށްފައި ފޯނު ކަންފަތުގައި ޖަހާލިއިރު މޫނުގައި ހައިރާންކަން ވިއެވެ. ލަޔާލްގެ އެކުވެރިޔާވެސް މީހުން އަރައި ނިމެން ފެށުމުން އިތުރަށް މަޑު ނުކުރަންވެގެން ގޮސް ބޯޓަށް އަރައިފިއެވެ. 

"ހަލޯ....!" ލަޔާލް މަޑުމަޑުން ބުނެލިއެވެ. "ލަޔާ!..." އަފްލާކްގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ލަޔާލްއަށް އަނެއް އަތް އަނގަމަތީ އަޅާލެވުނެވެ. ބަސް ބުނާހައި ހިނދުކޮޅެއްގެ ތެރޭގައި އެރީތި ދެލޮލަށް ކަރުނަ ޖަމާވެގެން ވިދަން ފެށިއެވެ. "ބޭބީ ޕްލީޒް ކަމް ބެކް. ހަތަރު އަހަރުވެއްޖެ އެންމެ ކައިރީގައި އެކަމަކު އެންމެ ދުރުގައި އުޅޭތާ. ދެން އެކަމަކު ފަޅި ސިކުންތެއްވެސް ލަޔާ އާއި ވަކިން ނޫޅެވޭނެ." އަފްލާކް އަސަރާއެކު ވާހަކަދެއްކިއެވެ. "އަހަރެން މި އިނީ އިންތިޒާރުގައި. މަޑުކުރާނަން ދޯ އަހަންނަށްޓަކައި؟ އަންނާނަން ދޯ އަހަރެން ކައިރިއަށް؟" ލަޔާލްއަށް ނުހިފޭއްޓިގެން ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށުމުން ފުހެން ހުއްޓާ އަނެއްކާވެސް އަފްލާކް ބުނަން ފެށިއެވެ. އަސަރު ކޮށްފައި ހުރި ވަރުން ލަޔާލްއަށް ވާހަކަ ނުދެއްކިގެން ފުރަތަމަ ބޯ ޖަހައިލެވުނީއެވެ. "ހަމަ މިހާރު މިދަނީ...." އެވަގުތު އަފްލާކް އަނެއްކާވެސް ނަމުން ގޮވާލުމުން ލަޔާލް އަވަސް އަވަހަށް ބުނެލިއެވެ.

"ލަޔާ އަންނަނީ...." އަފްލާކް ފޯނު ކަންފަތާއި ވަކި ކޮށްލައިފައި އެންމެ ކައިރީގައި ބަލަހައްޓައިގެން ހުރި ނަތާއަށް ބުނެލިއެވެ. ނަތާ އުފަލުން ފޮޅިފައި ޅަކުއްޖެއް ފަދައިން އޭނާގެ ކަރުގައި ދެއަތް އަޅުވާލައިގެން އޮޅުލައިގަތެވެ. ކައިރީގައި ނޫރީވެސް ހުރެފައި ހިނިތުން ވެލިއެވެ. "އޯހ ސޮރީ ދޮންބޭ އަނެއްކާ ތަނަކަށް ތަދުވިތަ؟" ނަތާ އިރުކޮޅަކުން ދުރަށް ޖެހިލައިފައި ކަންބޮޑުވެގެން އަހާލެވުނެވެ. އުފާވެފައި ހުރިވަރުން އޭނާ އަފްލާކްގެ ގައިގައި ބައްދާލިއިރު އޭނާގެ ބަލި ހާލަތާމެދު ވިސްނައިލާކަށް ހަނދާނެއް ނުވިއެވެ. އަފްލާކް އެއަޑު އަހައިގެން ހިނިތުންވެފައި ދެފަރާތަށް ބޯ ހޫރާލިއެވެ. "ނޫރީ ދޮންބެ ރީތިކޮށްލަން ހިނގާ. ލަޔާ އަންނައިރު އެޕިއަރެންސް ޗޭންޖް ކޮށްލައިފަ ބަހައްޓަން ޖެހޭނީ. ބަލާބަ މިހާރު ތުނބުޅިވެސް ތުނިކުރަން ވެފަ ތިހުރީ." ނަތާ ކުއްލި ހިޔާލެއް އައިސްގެން ނޫރީއަށް ކަޅިއެއް އެއްލާފައި ބުނެލިއެވެ. ނޫރީ ހީލައިފައި ބޯ ޖަހާލިއެވެ.

އަފްލާކް އަބަދުވެސް ތުނބުޅި ބަހައްޓަން ލޯބިކުރާތީ އެމީހުން ތުނބުޅި އެއްކޮށް ނުބާލައި ތުނިކޮށްލީއެވެ. ފަން އިސްތަށިގަނޑު ކޮށިފަހުން ދުވަސްކޮޅެއް ވެފައި ހުރުމުން ކުޑަކޮށް ދިގުވެލައި ކަންފަތާއި ހަމައަށް ހުރުމުން ނަތާއަށް މާ ރީތިވެގެން އެވާހަކަ ކިއެވެ. ނަތާ ލަޔާލް އަތުވެއްޖެތޯ ބަލަން ވެގެން ތިރިއަށް ގޮއްސައި އެނބުރި އައިސް ވަންއިރު އަފްލާކް ހުއްޓިލައިގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. ނަތާގެ ފިޔަވަޅު ތަކަށް ހުއްޓުމެއް އައިސް ބަލަން ހުރެވުނެވެ. ހަށިގަނޑު އަދި ކޮންމެވެސް ވަރަކަށް ނިކަމެތި ވެފައި ހުއްޓަސް ކަޅު ޓީޝާޓާއި ޖިންސްގައި އަފްލާކްގެ ކިބައިން ފެނުނީ ކުރީގެވެސް އެހުންނަ ސްމާޓް ކަމެވެ. ނޫރީ ދާދި ކައިރީގައި ހުއްޓިލައިގެން ހުރީ އަފްލާކްއަށް ކިރިޔާވެސް އެހީތެރިކަމެއް ޖެހިދާނެ ކަމަށެވެ. ނަތާ ގޮސް އެހީވެގެން އަފްލާކް ގެންގޮސް އެނދުގެ ކޮޅުގައި ހުރި ސޯފާގައި ބޭންދިއެވެ. ޔަޝާރު ނަތާ ނުފެނިގެން އައިސް އެކޮޓަރިއަށް ވަދެފައި ހުރީ ހުއްޓުން އަރައިފައެވެ. އެވަގުތު ޔަޝާރުގެ އުރުގައި އިން ޖީހާން ފެނިގެން އަފްލާކްގެ ސަމާލުކަން އެތުއްތު މޫނަށް ހުއްޓިގެން ދިޔައެވެ. ޖީހާން ބަނޑުހައިވެގެން ހޭލި ގޮތަށް ނިދި ފިލުވައިލީއެވެ.

"އެއީ ޖީހާން... މަފާޒްބެގެ ދަރިފުޅު." ނަތާއަށް އަފްލާކް ބަލަނީ ޖީހާންއަށް ކަން އެނގިގެން ތައާރަފް ކޮށްދިނެވެ. "ޝިވަމް!" ދަރިފުޅުގެ ހިޔާލުން އަފްލާކްގެ ލޮލުގައި ކަރުނަ ހިނގާލިއެވެ. "ޝިވަމް މީނައަށްވުރެ ތަންކޮޅެއް ބޮޑުވާނެ.... ވަރަށް ލޯބިކޮށް ހުންނަނީ..." ނަތާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ކިޔައިދިނެވެ. އަފްލާކްގެ ހިތް އިތުރަށް އަވަސް ވެގެން ދިޔައީ އެވަގުތުއެވެ. ލަޔާލް އާއި އެކުގައިމެ އެދަރިފުޅު ދެކޭހިތުންވެސް އޭނާ ކެތްމަދު ވެއްޖެއެވެ. 

ޔަޝާރު ފެންކަޅިވެފައި ހުރެގެން އައިސް އަފްލާކްގެ ކުރިމަތީ ނަތާ ކައިރީ ހުއްޓުނެވެ. ތުއްތު ޖީހާން އަލަށް މީހަކު ފެނިގެން ބަލާހެން އަފްލާކްގެ މޫނަށް ބަލަން އިނެވެ. އަފްލާކް ބަލަން ހުރެލާފައި އަތް ދިއްކޮށްލުމުން ޔަޝާރު އަފްލާކްގެ ކައިރީ ސޯފާގައި ޖީހާން ބައިންދާލަ ދިނެވެ. އަފްލާކް ޖީހާންގެ ކުޑަ އަތުގައި ހިފާލައިފައި ތުންފަތް ޖައްސާލުމުން ޖީހާން ޔަޝާރުއަށް ބަލާލައިފައި އުރާށޭ ބުނާފަދަ ގޮތަކަށް ދެއަތް ދިއްކޮށްލިއެވެ. "އިޓްސް އޯކޭ ބޭބީ. ޖީގެ އަންކަލްއޭ މީ." ޔަޝާރު ކައިރިވެލާފައި ޖީހާންގެ ބޮލުގައި އަތް ބާއްވާލަމުން ކިޔައިދިނެވެ. "ސަލާމް ކޮށްލަބަލަ އަންކަލް އާ!" ޔަޝާރު އެދުމުން ޖީހާން ބީރަތްޓެހިވެފައި ހުރެވެސް ސަލާމަށް އަތް ދިއްކޮށްލިއެވެ. އަފްލާކް ހިނިތުންވެފައި އިނދެގެން އެކުޑަ އަތުގައި ހިފާލައި ސަލާމް ކޮށްލިއެވެ. ބޭރުން ފިޔަވަޅުގެ އަޑު އިވިގެން އެވަގުތު އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރު ކުރިއެވެ. އެންމެ ކުރީގައި މަފާޒް އައިސް ދޮރުމައްޗަށް އެރުމާއިއެކު ހުއްޓިފައި އަފްލާކް ފެނިގެން ބަހެއް ނެތި އިރުކޮޅަކު ހުއްޓެވެ. އެއްފަހަރު މަފާޒްގެ މޫނަށް އަނެއް ފަހަރު މަފާޒް ވަދެގެން އައި ފަރާތަށް އަފްލާކް ބަލައިލީ ނޭވާ ހިފަހައްޓާލަމުންނެވެ. މަފާޒް ހިނިތުންވެފައި އަވަހަށް ވަދެގެން އައިސް އަފްލާކްގެ ކުރިމައްޗަށް ހުއްޓެން ވާއިރަށް އަފްލާކް ކޮޅަށް ތެދުވިއެވެ. ދެބެން އެކަކު އަނެކަކާއި ހަތަރުކަޅި ހަމަކޮށްލުމާއެކު މަފާޒް އިސްވެ އަފްލާކް އާއި ކަރާކަރު ޖައްސައި ސަލާމް ކުރިއެވެ.

"ތޭންކްސް ބްރަދަރ. ތޭންކްސް ލަޔާ ގެނެސްދިނީމަ." އަފްލާކް ބުނެލިއެވެ. "ނޫނޭ. ލާކް ނުގުޅިނަމަ އެކަކަށްވެސް ލަޔާގެ ނިންމުން ބަދަލެއް ނުކުރެވުނީސް." މަފާޒް ދުރަށް ޖެހިލައިގެން ހުރެ ޖަވާބު ދީފައި އެނބުރި ދޮރާއި ދިމާއަށް ބަލައިލީ ލަޔާލް އަދިވެސް ފެންނަ ހިސާބަށް އައިހެން ހީނުވާތީއެވެ. "ލަޔާލް!" ބަލަން ހުރެލައިފައި މަފާޒް ގޮވާލިއެވެ. އިރުކޮޅަކުން ލަޔާލް އައިސް ދޮރުމައްޗަށް އެރިއިރު ހުރީ އެއް އަތުން ޝިވަމް އަތުގައި ހިފާލައިގެން އަނެއް އަތްތިލަ މެއާއި ހިސާބުން މުަށްކަވާލައިގެންނެވެ. 

އިސްޖަހައިގެން ލަޔާލް ހުރެފައި ލަސްލަހުން އިސްއުފުލައިލިއެވެ. އެވަގުތު އެމޫނަށް ހުއްޓިފައިވާ އަފްލާކްގެ ދެލޯ ފެނުމުން އެސްފިޔަ ޖަހާލަން ލަޔާލް ހަނދާން ނެތުނެވެ. ކަރުނަ ވިދަމުން ދިޔަ ދެލޮލުގައި ވިދުވަރު ގަދަވެގެން ދިއުމާއެކު އިތުރަށް ކަޅު ކުލަ ގަދަވި ކަހަލައެވެ. ފިނި ވައިރޯޅިއެއް މޫނާއި ޖިސްމުގައި ބީހިލާފައި ހިތުގެ އުދާސްގަނޑު ނިގުޅައިގަތްހެން އެވަގުތު ލަޔާލްއަށް ހީވިއެވެ. ވަށައިގެންވި ހުރިހާ މަންޒަރެއް ފުސްވެ އެކަނި އަފްލާކް އޭނާގެ ކުރިމަތީ ތަސްވީރު ވެފައި ހުއްޓެވެ. އިސާހިތަކު ކުދި ފިޔަވަޅުތައް ނެގިގެން އަފްލާކް އާއި ހަމައަށް އޭނާ ގެންދަން ފެށީ ދަގަތްފާނަށް ދަމަމުން ދިޔަ ދަގަނޑު ކޮޅެއް ފަދައިންނެވެ. ޝިވަމް އަތުން ދޫކޮށްލެވުނީ ކޮން އިރަކުކަން އޭނާއަށް ރޭކާވެސް ނުލައެވެ.

ކައިރިއަށް ދެވުމުން ލަޔާލް ހުއްޓި ހުރެގެން އެމޫނަށް ބަލަމުން ދަނިކޮށް އަފްލާކް އޭނާގެ އުނަގަނޑުގައި ދެއަތުން ވަށާލުމުން ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން ތެޅިގަނެވުނެވެ. ލަޔާލް އިސްޖަހާލައިގެން އުނަގަނޑުގައި ވަށާލައިފައިވާ އަފްލާކްގެ ދެއަތަށް ބަލާލައިފައި އިސްއުފާލައިގެން އަނެއްކާވެސް އެމޫނަށް ކަޅި ހުއްޓާލިއެވެ. ލަޔާލް ލަސްލަހުން ކަނާއަތް އުފުލާލައިގެން އަފްލާކްގެ މޫނުގައި ކަނާތުން ވާތަށް އެއިނގިލިތައް ހިންގާލިއެވެ. އަދިވެސް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ. "ހީ އިޒް ރިއަލް." ނަތާއަށް ނުހުރެވިގެން ލަޔާލްގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން އިއްވާލިއެވެ. ލަޔާލް ހޫމް އަޅުވާލައިފައި އިރުކޮޅަކުން ސިއްސައިގެން ގޮސް ވަށައިގެން ލޯ ހިންގާލެވުނީ އެތާ އިތުރު މީހުން ތިބިކަން ހަނދާންވެފައެވެ. 

"މަންމީ! މަންމީ!" އެވަގުތު ޝިވަމް ލަޔާލް ހެދުމަށް ދަމާލަމުން އެތުއްތު އަޑުން ގޮވާލުމުން އެންމެންގެ ނަޒަރު އެކުއްޖާއަށް ހުއްޓުނެވެ. "ޝިވަމް!" އަފްލާކްއަށް ބުނެވުނެވެ. އޭނާ ލަޔާލް މޫނަށް ބަލައިލީ އެއީ ޝިވަމްދޯއޭ ބުނެލާފަދަ ގޮތަކަށެވެ. ލަޔާލް ވަގުތުން ބޯ ޖަހައިލިއެވެ. "ހޭއި ހަނީ." އަފްލާކް އަވަހަށް ލަޔާލް ދޫކޮށްލައިފައި ތިރީގައި ކުޑަކަކޫ ޖަހާލައިގެން ޝިވަމް އާއި މުޚާތަބްކޮށް ފެށިއެވެ. ޝިވަމް އެއްފަހަރު ލަޔާލްއަށް އަނެއްފަހަރު އަފްލާކްއަށް ބަލައިލާފައި ހިމޭނުން ހުއްޓެވެ. ޝިވަމްވެސް ހައިރާންވީ އަފްލާކް އެގޮތަށް ވާހަކަ ދައްކާތަން ފެނުމުން ކަންނޭނގެއެވެ. ޅައިރުއްސުރެ ކޮންމެ ދުވަހަކު އެކޮޓަރިއަށް ޝިވަމް ގެނެސް އަފްލާކް ދެއްކިއަސް އެގޮތަށް ވާހަކަ ދައްކާތަން ފުރަތަމަ ފަހަަރަށް އެ ފެނުނީއެވެ.

"ދެން ހިނގާ އަހަރުމެން ދާން. އެއްވެސް ކަމެއް ގޯސްވަންޏާ އަހަރެންނަށް އަންގާލާތި!" ނޫރީ އެދެމީހުންނަށް ފުރުސަތު ދޭންވެގެން އެތަނުން ދާން ހިނގައިގަތެެވެ. ދެންތިބި މީހުންވެސް ނޫރީ އާއި އެއްބައިވެގެން ނިކުންނަން ދިޔައެވެ. "ލަޔާ!" ނަތާ އެންމެން ނިކުންނަންދެން ހުރެފައި އެންމެ ފަހުން ގޮސް ދޮރާއި ހަމައިން ހުއްޓިފައި ގޮވާލިއެވެ. ލަޔާލް އާއިއެކު ތިރީގައި އިން އަފްލާކްވެސް ނަތާއަށް ބަލައިލިއެވެ. "މައުލޫމާތަށްޓަކާ ބުނެލަން ދޮންބެގެ ކަންޑިޝަން އަދި މުޅިއަކުން ޕަރފެކްޓެއް ނޫން. އެހެންވެ މިބުނަނީ ލަޔާ ކިތަންމެ ބޭނުންވިއަސް ދުރުން ސްމައިލް އެން ޝޭކް ހޭންޑް ބޮޑު ވަރަކަށް ކުރެވޭނީ." ނަތާ ސީރިއަސް ކުލަވަރު މޫނަށް ގެނެސްގެން ވާހަކަދެއްކިއެވެ. ލަޔާލް ލޯ ބޮޑުކޮށްގެން ހުރެފައި ނަތާ ދޮރު ލައްޕާފައި ދިއުމުން އެނބުރިލި އިރު އަފްލާކް އިނީ އެމޫނަށް ބަލާށެވެ. އަފްލާކް ޝިވަމް އަތުން ދޫކޮށްލައިފައި ތެދުވެގެން އައިސް ކައިރިއަށް ހުއްޓިލުމުން ލަޔާލް ފުރަތަމަ އެއްޗެއް ނުބުނެ ހުއްޓެވެ.

"އެއީ ތެދެއް؟" ލަޔާލް އަހާލިއެވެ. އަފްލާކް ވިސްނަން ހުރެފައި ބުމަ އަރުވާލިއެވެ. " ވަޓް ހެޕެންޑް؟" އެވަގުތު ލަޔާލް ދެލޮލަށް ކަރުނަ ގިނަވެގެން އައިތަން ފެނުމުން އޭނާ ކަންބޮޑުވެފައި އަހާލެވުނެވެ. "ކެތެއް ނުވާނެ..... ވަރަށް ބޭނުންވެފަ މިހުރީ ހަގްކޮށްލަން." ލަޔާލް ރޮވިފައިވާ އަޑަކުން އެހެން ބުނެލި ގޮތުން އިޚުތިޔާރެއް ނެތިވެސް އަފްލާކްއަށް މަޑުމަޑުން ހީލެވުނެވެ. "އާވް.... ބޭބީ އަވަހަށް އާދޭ. ނަތާ ސީރިއަސްކޮށް ބުނި އެއްޗެއް ނޫން އެއީ." އަފްލާކް އަވަހަށް ދެއަތް ހުޅުވާލިއެވެ. ތުންފިއްތާލުމާއެކު ލަޔާލް އަވަހަށް ގޮސް އަފްލާކްގެ އަތުތެރެއަށް ވަނެވެ. އެމޭގައި ބޯ އަޅައިލެވުމުން ހިފެހެއްޓުމެއްނެތި ދެލޯ ފުރިގެން ކަރުނަ އޮހިގަތީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. މަންމަ ރޯތަން ފެނިގެން ތުއްތު ޝިވަމްވެސް ތުން ފިއްތާލައިފައި އައިސް ލަޔާލް ހެދުމުގައި ހިފަހައްޓާލައިގެން ބަލަން ފެށިއެވެ. 

ކޮމެންޓް 0