ތަނަށް ވެރިވެފައިވާ މަރުފަދަ ހިމޭން ކަމުގައި އަޒީ އެކަނިމާ އެކަނި އިށީންދެލައިގެން އިނީ ކާމޭޒު ކައިރީގައެވެ. ގަޑިން ރޭގަނޑު އަށްގަޑި ފަނަރަ ވުމާއި ގާތްވިއިރު އިތުރު މީހަކު ކާކަށް ނައެވެ. މޭޒުމަތީ އަތުރާލެވިފައިވާ ގިނަ އެއްޗެހިން މިހާރު އާވި އެރުންވެސް ހުއްޓިއްޖެއެވެ. އަޒީ ދަތްދޮޅި ދަށަށް ލައްވާލެވިފައިވާ ދެއަތްތިލަ ތިރިކޮށްލައިފައި ދޮރާއި ދިމާއަށް ދިން އެއީ ކިތައް ވަނަ ނަޒަރު ކަމެއް ނޭނގެއެވެ. ރާމިޒާވެސް ދުރުގައި އިނދެފައި ހަމްދަރްދީވެގެން އަނެއްކާ ކުދިންނަށް ގޮވަން ވެގެންނޭ ކިޔާފައި ބޭރަށް ނިކުމެއްޖެއެވެ. ކުޑައިރުކޮޅެއް ފަހުން ފިޔަވަޅު ތަކެއްގެ އަޑު އިވިފައި މަފާޒްމެން ދެމަފިރިން އައިސް ވަނެވެ. 

ޔަޝާރު ކޮނޑުގައި އޮތް އަތް ދަބަހަށް ބަލާލުމުން އެނގުނީ ދެމަފިރިން އައިސް ވަނީ ބޭރުން ކަމެވެ. "ސޮރީ ބައްޕާ. ބޭރުން ކައިގެން މިރޭ މިއައީ. ކޮބާ އެހެން މީހުން ނުކާ ރެއަކީތަ؟" މަފާޒް ހުއްޓިފައި ވާހަކަ ދެއްކިއެވެ. "އިތުރު މީހަކު އާދޭތޯ ބައްޕަވެސް މި މަޑުކުރަނީ. އަދި ދައްކައެއް ނުލާ. ހިތަށް މިއަރަނީ އެކަކުވެސް ނެތީބާވައޭ ގޭގަ." އަޒީ މޫނުން އާދައިގެ ގޮތެއް ދެއްކިއެވެ. "ބައްޕާ!" ޔަޝާރު އަންނާނަމޭ ކިޔާފައި ނިކުމެގެން ދިއުމުން މަފާޒް ގޮނޑިއެއް ދަމާލައިގެން އިށީންދެލިއެވެ. މަފާޒް ގޮވާލި ރާގުން ވެސް އަޒީއަށް ވިސްނުނީ ދައްކަން އެއުޅޭ ވާހަކައިގެ ސީރިއަސް ކަމެވެ. 

"ހަވީރު އެވީ ކަންތައް ތަކަށް ފަހު ބައްޕަ ލާކް އާއި ވާހަކަ ދައްކައިފިންތަ؟" މަފާޒް ސުވާލު ކޮށްލުމުން އަޒީއަށް އިނދެވުނީ އަނގައިން ނުބުނެވިފައި ބަލާށެވެ. "ބައްޕާ އަހަރުމެން ކޮންމެވެސް އެކަކު ނަމަވެސް ލާކްއާއި ވާހަކަ ދައްކަން އެބަޖެހޭ. އެނގެއެއްނު މިކަމުގެ ސަބަބުން އެންމެ ހާޓް ވާނީ ލާކްއަށް. އަނެއްކާ އޭނަ ކައިވެނި ނުކުރާ ގޮތަށްވެސް ނިންމަފާނެ. ބައްޕައަށް އިނގެއެއްނު ލާކްގެ ކަންތައް ހުންނަ ގޮތް" މަފާޒްގެ އަޑުގައި ހާސްކަން ވިއެވެ. އަޒީ ޖަވާބު ދޭން އުޅެފައި މިފަހަރުވެސް ހިމޭންވެއްޖެއެވެ. "އޯހ ނޯ." ބައްޕަގެ ހިމޭންކަން ބަސްމޮށުންތެރިކަމަށް ވެގެން މަފާޒްގެ ކައިރީގައި ހަޤީޤަތް ބުނެލަދިން ވަގުތު ބާރަށް ބުނެލެވުނެވެ. 

"ބައްޕައަށް ހީވަނީ ލާކް އެކަނިވެލަން ވަގުތު ކޮޅެއްހެން ބޭނުން ވަނީ. އެއިރުން އަމިއްލައަށް ވިސްނިގެން އެހިޔާލު ދޫކޮށްލަފާނެ." މަފާޒް ކުއްލި އަކަށް ތެދުވެގެން ދާން އުޅެން ފެށުމުން އަޒީ ހުއްޓުވިއެވެ. "އޯހ ކަމްއޯން ޑޭޑް. ކިހިނެތް އިނގެނީ ތިބުނާ ވަގުތުކޮޅު އޭނަ ވިސްނާ ނުލާ ގޮސް ލަޔާލްގެ ކަންފަތާއި ހަމައަށްވެސް އެނުބައި ޚަބަރު ނުގެންދާނެ ކަމެއް." މަފާޒްގެ ހިޔާލު ހުރީ މުޅިން އިދިކޮޅަށެވެ. 

"ކޮން ޚަބަރެއް؟" ދޮރާއި ދިމާއިން އަޑު އައިސްގެން ބަލައިލުމުން އަޒީއަށާއި މަފާޒްއަށް ލިބުނީ ޝޮކެކެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން ހުއްޓި ހުރީ ލަޔާލް ނޫން ދެވަނަ އަންހެންކުއްޖެއް ނޫނެވެ. "ލަޔާލް! މިގަޑީގަ؟" މަފާޒްއަށް ބުނެލެވުނެވެ. "އަވަހެއްނު ދުރުކޮށްލިލެއް. އަދި މިއަދު ހަވީރޭ އަހަރެން ޗޭންޖް ވީ." ލަޔާލް ތުން އަނބުރައިލިއެވެ. "ހެހެ އަހަރެން ތިގޮތަށް މީންކޮށްފަ ބުނި އެއްޗެއް ނޫން. މިހާ ވިއްސާރަ ރެއެއްގައި ކުއްލިއަކަށް ފެނުނީމަ." މަފާޒް އަވަހަށް ހީލައިފިއެވެ. "ކޮބާ އެހެންމީހުން؟" ލަޔާލްއަށް ސީދާ އަފްލާކްގެ ވާހަކަ އަހަން ނުކެރިގެން ބުނެލިއެވެ. އޭނާ ވަށައިގެން ހޯދައިލާފައި ސިޑިއާއި ދިމާއަށް ދާތަން ފެނިގެން މަފާޒް އަވަހަށް ފަހަތުން ހިނގައިގެންފައި ލާކް ގެޔަކު ނެތޭ ބުނެ ދޮގެއް ހަދާލައިފިއެވެ. "އަހަރެން ނުވެސް އަހަން ދޯ ލާކްގެ ވާހަކައެއް." ލަޔާލް ސިޑީގެ ތަންކޮޅަކަށް އަރާފައި ހުއްޓި ބަލައިލީ ފާޑަކަށެވެ. "ރައިޓް." މަފާޒް އިތުރު އެއްޗެއް ބުނަން އުޅެފައިވެސް ފޯން ރިންގް ވާން ފެށުމުން ނަގައިގެން އަނެއްފަރާތަށް އެނބުރުނެވެ. ފުރުސަތުގެ ބޭނުން ހިފާފައި ލަޔާލް ދުއްވައިގަތީ އެވަގުތުއެވެ. މަފާޒް ފޯން ނިމިގެން ބަލައިލިއިރު ލަޔާލް ފެންނަންވެސް ނެތުމުން ކަންބޮޑުވެގެން ބޮލުގައި އަތް ހާކައިލެވުނެވެ.

ލަޔާލް ދެކޮޅު ހޯދަމުން ފުރަތަމަވެސް ދިމާ ކުރީ ތިންވަނަ ބުރިއަށް އަރާށެވެ. ނަސީބު ރަނގަޅުކަމުން ދިޔަ މަގުމަތީގައި އެކަކާވެސް ދިމައެއް ނުވެއެވެ. އަފްލާކްގެ ކޮޓަރި ދޮރުމައްޗަށް ހުއްޓިފައި އޭނާ ޓަކި ޖަހައިލިއެވެ. ޖަވާބެއް ނުލިބި އިރުކޮޅެއް ވުމުން އަނެއްކާ ޓަކި ޖަހާލައިފި އެވެ. އިތުރަށް މިނިޓެއްހާއިރު ކޮށްލާފައި ކެތްނުކުރެވިގެން އޭނާ ދޮރު ހުޅުވާލައިފި އެވެ. އަފްލާކް ބަންޑުން އޮތީ އެނދުގައެވެ. ބާލީހަށް މޫނު ހަރާލައިގެން ހުސްގަޔާ އޮތުމުން އެރީތި ހަށިގަނޑުގެ ބޮޑުބައެއް ހާމަވެފައިވާތަން ފެނިގެން އެވަގުތުވެސް ލަޔާލްގެ އަތްފައި ފިނިވެލިއެވެ. އެނދުގައި އޮތް ބެޑްޝީޓާއި ރަޖާގަނޑުގައި ޖެހިފައިވާ ރޫތަކަށް ބަލައިލުމުން ހީވަނީ ދުވަހުގެ ބޮޑުބައެއް އަފްލާކް ހޭދަކޮށްފައި ވަނީ އެހެން އެނދުގައި ހެންނެވެ. 

"ގޯ އަވޭ!" ލަޔާލް ބަލަހައްޓައިގެން ހުރެފައި ހިނގައިގަތް ތަނުން އަފްލާކް އޮތްގޮތަށް އޮވެ ބުނެލި އަޑު އިވުނެވެ. "އަހަރެން ހަމަ ދެންމެ މިއައީ. ކިހިނެތް އެހާ އަވަހަށް ދާނީ؟" ލަޔާލް ވާހަކަދެއްކި އަޑު އަހާފައި އަފްލާކް ފުންމައިގެން ތެދުވެ އިށީންދެފައި މަގަތަށް އެނބުރިލައިފި އެވެ. އެމޫނަށް ބަލައިލުމުން އެނގެނީ ލަޔާލް އެއީ އެވަގުތު އެތަނުން ފެނިދާނެކަމަށް އަފްލާކް އުންމީދު ކުރި އެންމެ ފަހު ފަރާތް ކަމެވެ. "ލަޔާ!" އަފްލާކް އެނަމުން ގޮވާލައިފައިވެސް ބުނާނެ އެއްޗެއް ނޭނގިގެން ހުއްޓައިލިއެވެ. "ޔަރ. މީ އަހަރެން. ލަޔާލް. ކުޑަކޮށް އެމްނީޒިއާ ޖެހިފަ ހުރިއްޔާ ހަނދާންވެސް ކޮށްދީފާނަން. އަހަރެންމީ ކުރިއަށް އޮތް ދެހަފްތާއަށްފަހު ލާކްގެ ހަޔާތުގެ ބައިވެރިއަކަށް ވާން ތައްޔާރުވެފައިވާ އަންހެންކުއްޖާ." ލަޔާލް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ހަށަން ބަނދެލައިފި އެވެ. އަފްލާކް ތެދުވެފައި ލައިގެން ހުރި ހަރުވާޅުގެ ޖީބަށް އަތް ޖަހާލައިގެން ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރިއަށެވެ. 

"ކީއްވެ އެއްޗެކޭ ނުބުނީ؟ ނިކުމެގެން ދާން އުޅެން ފެށީމަ މިސްވާނެއޭ ނުދާށޭ ބުނީ ތިސިފައިގަ އުޅޭ އެއްކަލަ ބީސްޓް ދޯ؟" ލަޔާލް ހުރީ ހިތްހަމަނުޖެހިފައެވެ. އަފްލާކް ކުޑަދޮރުން ބޭރު ބަލަން ހުރެގެން ތުންފަތުގައި ދަތް އަޅައިލިއެވެ. ފުރަތަމަ ފަހަރަށް އޭނާ ލަޔާލްގެ ކުރިމަތީގައި މިއަދު ބަސް ހުއްޓިއްޖެއެވެ. ފުރަތަމަ ފަހަރަށް ހިތުގައި އޮތް އެއްޗެއް ފާޅު ކުރާނެ ހިތްވަރު ނެތި ހިމޭންވެލަން މަޖުބޫރުވެއްޖެއެވެ. 

ކުޑައިރުކޮޅެއް ފަހުން ލަޔާލް ކުއްލިއަކަށް ފަހަތުން އައިސް ކައިރިވެލާފައި އޭނާގެ މެދުހަށީގައި ބައްދައިލުމުން އަފްލާކް ދިޔައީ ސިއްސައިގެންނެވެ. "ލާކް އައި މިސްޑް ޔޫ ސޯ މަޗް." ލަޔާލްގެ އެހިތްވަރަކީ ލޯބީގެ ބާރެވެ. ޚުދު އޭނާވެސް އެއީ ދުވަހަކު ނުކުރާ އުންމީދެކެވެ. "ލަޔާ ކައިރީ އަހަރެން ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެބައޮތް." އަފްލާކް އިސްޖަހައިލާފައި ލަޔާލްގެ ދެއަތްތިލައިގައި ހިފެހެއްޓިއެވެ. "އަހަންނަށް އިނގޭ ބައްޕަގެ ވައިފްއަކީ ލާކްގެ މަންމަކަން." ލަޔާލް އަވަހަށް ބުނެލައިފިއެވެ. "ރައިޓް." އަފްލާކް ލަޔާލްގެ ދެއަތް ނައްޓުވާލައިފައި ކުރިމަތިވާ ގޮތަށް އެނބުރުނެވެ. "ލުކް...އައެމް ސޮރީ. އަހަރެންގެ ސަބަބުން މާޒީވެފައިވާ ހަނދާންތަކެއް އަނެއްކާ ތާޒާ ވާގޮތް މެދުވެރިވީ. އެކަމަކު ޓްރަސްޓް މީ އަހަރެންނަށް ކިރިޔާވެސް ރޭކައިލާފައި އޮތްނަމަ ބައްޕަގެ އެދުމާއި ފަހަރެއްގައިވެސް ޤަބޫލެއް ނުވާނަން. އަހަރެން އެވާހަކަ ދައްކަން މިއައީވެސް. ލާކް ބޭނުންވާގޮތެއް ބުނޭ. އަހަރެން ހަމަ މިރޭވެސް މިގެއަށް އަންނަ ގޮތަށް މިހުރީ. މިއޮތް ހުރިހާ ދުވަސް ފަހުން ،ކައިވެނި ކުރަން ވީމަ ކޮންމެހެން ބައްޕަގެ ކައިރީގައި އުޅުމަކީ މާނައެއްވެސް ހުރި ކަމެއް ނޫން. ދެން ބައްޕަ އާއި ގުޅުން ބަދަހިކޮށްގެން ނޫނީ ދަސްކޮށްގެން ވަކި ވާނެ ތަފާތެއް ނޯންނާނެ. އާފްޓަރ އޯލް އަހަރެންގެ ލައިފްގެ ބާކީބައި ހޭދަ ކުރަން ހަމަޖެހިފައި އޮތީ ލާކްގެ ގާތުގައި މިގޭގައެއްނު. ހަމަތެދެއް މިބުނީ އަހަރެން އެމީހުންނާއި އެއްވެސް ގުޅުމެއް ނުބާއްވާ އުޅެފާނަން." ލަޔާލް ސީރިއަސްވެފައި ދެއްކި ވާހަކަތައް އިވިގެން އަފްލާކްވެސް ހުރީ ހައިރާންވެފައެވެ. ލަޔާލް އޭނާދެކެ މިހާވަރަށް ލޯބިވެދާނެ ކަމަށް އޭނާ ފަހަރެއްގައިވެސް އުންމީދެއް ނުކުރެއެވެ. މީ ޔަޤީނުންވެސް އެހެން މީހަކު އޭނާއަށްޓަކައި ނުކުރާނެ ވަރެކެވެ.

"ނޫނޭ. ތީ އަހަރެން ބޭނުންވާނެ ގޮތެއް ނޫން. އަހަރެންގެ ސަބަބުން ލަޔާގެ ބައްޕަ އާއި ގުޅުން ކަނޑާލާނެ ކަމެއް ނެތް. އަހަރެން ބޭނުންވަނީ ލަޔާ ހަމަ އެގޭގައި ބައްޕަގެ ކައިރީގައި ހުންނަން. ޔޫ ޑިޒާވް އިޓް." އަފްލާކް ފާޑަކަށް ހުރެލާފައި ލަޔާލްގެ ދެއަތްތިލައިގައި ހިފާލައިގެން ވާހަކަދެއްކިއެވެ. "ޔަޤީންތަ؟ ރުޅިއެއް ނާންނާނަން؟" ލަޔާލް ހަތަރުކަޅި ހަމަކޮށްލައިގެން ކުޑަ ކުއްޖެއް ފަދައިން އަހާލިއެވެ. "ޔަޤީން." އަފްލާކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ލަޔާލްގެ ހަރަކާތް ހުރިގޮތުން އެއީ އިޚުތިޔާރެއްނެތި ވެރިވި ހިނިތުންވުމެކެވެ. "ކަމް ހިއަރ." އަފްލާކް އަދިވެސް ހިނިތުންވެފައި ހުރެގެން ލަޔާލް ގެނެސް މޭގައި ޖައްސައިލިއެވެ. އެއޮމާން ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން ހުރެ ދުރު ބަލައިލުމުން އޭނާއަށް ލޯގަނޑުން ދެމީހުންގެ ސޫރަ ފެނުނެވެ. ހިތުގައި ގަޑުބަޑު އުފައްދަމުން ދިޔަ އެތަކެއް ހިޔާލު ތަކާއިއެކުވެސް އޭނާ ލަޔާލްގެ ހަށިގަނޑު ކުރިއަށްވުރެވެސް ބޮޑަށް ގަޔާލައި ފިއްތައިލިއެވެ.

މަފާޒް ނިކަން ހަރުކޮށް ސިޑިން ފައިބައިގެން އައިއިރު އަޒީ ކެއުން ނިންމާފައި ނިކުންނަނީއެވެ. ތަންކޮޅެއް ފަހުން ކާން ދިޔަ ޔާނިޒް އާއި ނަތާ އޭރު އަދި އިނީ މޭޒު ދޮށުގައެވެ. "ނޯ ވޮރީސް ބައްޕާ. އިރާދަ ކުރެއްވީތީ ހުރިހާ ކަމެއްވެސް އަދި ރަނގަޅު." މަފާޒް އައިސް އަޒީގެ ކުރިމައްޗަށް ހުއްޓިފައި ވާހަކަދެއްކި ވަގުތު ހުރިހާ ދަތެއް ފެނިލިއެވެ. އަޒީ ޤަބޫލު ނުކުރެވިފައި ހުރެގެން ހަމަތެދެއްހޭ އަހައިލިއެވެ. "ހަމަތެދެއް." މަފާޒް ޔަޤީންކަން ދިނެވެ. އަޒީ ވަގުތުން ހަމްދު އެޅިއެވެ. ދެބަފައިން ސޯފާތަކުގައި ތިއްބައި އިރުކޮޅަކުން އަފްލާކް އާއި ލަޔާލް ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. "ބައްޕާ އަހަރެން އެބަ އަންނަން ލަޔާލް ގެއަށް ގެންގޮސްލާފައި." ސިޑިން ފައިބާފައި އަޒީމެން ފެނިފައި އަފްލާކް އަވަހަށް ލަޔާލް އަތުން ދޫކޮށްލައި އެއަތް ޖީބަށް ޖަހައިލިއެވެ. "ދިއުމުގެ ކުރީން ލަޔާލް ކައިރީ ބުނަންވީއެއްނު." އަޒީ އަތުގައި އޮތް ފޮތް ތިރި ކޮށްލައިފައި ކުރިމަތީ ތިބި ދެޒުވާނުންނަށް ނަޒަރު ހުއްޓައިލިއެވެ. 

"ލަޔާލްއަށް އެނގިއްޖެ މަންމަގެ ވާހަކަ." އަފްލާކް އަވަސް އަވަހަށް ބުނެލި ގޮތުން ހީވީ އަޒީ އިތުރު އެއްޗެއް ބުނެފާނެތީ އުޅުނުހެންނެވެ. "އެންމެ ރަނގަޅު އެހެންވިއްޔާ. ދޭ އޭނަ ގެއަށްލައިދޭން." އަޒީ އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އެންމެ ފަހުން ބޯޖަހައިލިއެވެ. އަފްލާކް ހިނގައިގަތުމުން ލަޔާލް އެދެމީހުންނަށް ހަނާ އަޅާލައިފައި އަވަހަށް ފަހަތުން ދިޔައެވެ.

"އަދިވެސް ނުބުނަމެއްނު ފޯން ނިއްވާލައިގެން ތިއުޅޭ ސަބަބެއް." އަފްލާކް ކާރު ދުއްވައިލުމުން ލަޔާލް އިނދެފައި ބުނެލިއެވެ. އޭނާ ލޯގަނޑުގައި ބޯ ޖައްސާލައިގެން އިނދެ ތިރިއަށް ފިރުކެމުން ދިޔަ ފެންތިކިތަކަށް ބަލަނީއެވެ. "ސިމް ޗޭންޖް ކޮށްލައިގެން މިއަދު އުޅުނީ." އަފްލާކް އެމޫނަށް ކަޅިއެއް އެއްލިއެވެ. "އޯހ." ލަޔާލް މޫނު އަނބުރާލައިފައި ބުނެލިއެވެ. "ލަޔާ ކީކޭ ހިތަށް އެރީ؟" އަފްލާކް ހަމަ ގަސްތުގައި ލަޔާލް ބުނާ އެއްޗެއް ބަލާލަން ބޭނުންވިއެވެ. "އޮނެސްޓްލީ.... ލާކް އަހަރެންގެ ކޯލްއަށް ފިލަން ކުރިކަމެއް ކަމަށް ހީކުރީ." ލަޔާލް ޖަވާބުދީފައި ބަލަހައްޓައިގެން އިންދައި އަފްލާކް ބަލައިލިއެވެ. ހިމޭންކަމުގެ ސުކޫތު ކޮޅެއް ވެރިވެފައި އޮތްވައި އިރުކޮޅަކުން އަފްލާކް ހީލިއެވެ. ބޭނުމަކީ ލަޔާލްއަށް ހަޤީޤަތް ފޮރުވާލުމެވެ. ކޮންމެ ގޮތެއްވިއަސް ރޯދޮގެއް ހަދައިގެން އޮޅުވާލުމާއި ތަފާތުވާނެތާއެވެ. "ދެން ކީކޭ ހިތަށްއެރީ؟" އަފްލާކް އަދިވެސް އިތުރަށް ލަޔާލްގެ ހިތް ހާވައިލަން ބޭނުންވިއެވެ. "ވަރަށް ދެރަވި. ވަރަށް ބިރުވެސް ގަތް. ހިތަށްއެރި އަނެއްކާ ލާކް މިކައިވެނި ހުއްޓުވަން ނުނިންމާނެބާވައޭ." ލަޔާލް ކިޔައިދިނެވެ. 

ބަލަހައްޓައިގެން އިނދެލާފައި އޭނާ އަފްލާކްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އަފްލާކްއަށް ބަލައިލެވުނުއިރު ލަޔާލް ލޮލުން ކަރުނަ ފުހެލަނީއެވެ. ވަގުތުން ހިތުގައި ކޫރުން އެޅިލި ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. "ސޮރީ." އަފްލާކް ހުންގާނަށް ބާރު ކޮށްލަމުން ބުނެލިއެވެ. "ނޫނޭ. އެއީ ލާކްގެ މައްސަލައެއް ނޫން. ލާކް މުހިންމުކަމަކު ސިމް ޗޭންޖް ކުރާއިރަށް އަހަރެން ނުޖެހޭނެ ދޯ އެންމެހާ ނުބައި ގޮތްގޮތަށް ވިސްނާކަށް." ލަޔާލް ބުނެލި އެއްޗަކުން އަފްލާކްއަށް އިތުރަށް ވާހަކަ ދައްކަން ދަތިވެގެން ބަލަން އިނީ މަގުމައްޗަށެވެ. އިތުރަށް އެމައުޟޫއަށް ވާހަކަ ދައްކާ ހިތެއް އޭނާ ނެތެވެ.

"މިހިސާބަށް ހުއްޓާ. މިއަށްވުރެ އެކޮޅަށް ދާނެ ކަމެއް ނެތް." ބައްޕަ ގެއަށްވުރެ ތަންކޮޅެއް ދުރުގައި ތިބެފައި ލަޔާލް ބުނެލިއެވެ. "އަހަރެން ބޭނުމެއް ނޫން ލާކް ކުރަން ބޭނުން ނުވާ އެއްވެސް ކަމެއް ކުރާކަށް. އެޓްލީސްޓް ނޮޓް ފޯރ މީ." ލަޔާލްގެ ވާހަކަ ހުރިގޮތުން އަފްލާކް ލިބުނީ އަނެއްކާވެސް ހައިރާން ކަމެކެވެ. ލަޔާލްގެ މިފަރާތަކީ އޭނާއަށް އަދި އޮޅުން ފިލާފައި ނެތް ފަރާތެކެވެ. "އޯކޭ." އަފްލާކް އަވަހަށް ކާރު ހުއްޓައިލުމުން ލަޔާލް ދޮރު ހުޅުވަން އަވަސްވެގަތެވެ. ނަސީބަކުން ވާރޭވެސް ވެހެމުން ދިޔައީ ތުނިކޮށެވެ. ލަޔާލް "ގުޑްނައިޓް" ބުނެލާފައި ނިކުމެގެން ޕޭމެންޓް މަތީން ދުއްވައިގެންފިއެވެ. 

އަފްލާކް ބަލަހައްޓައިގެން އިނދެފައި ހުންގާނުގައި ގޮށްމުށުގެ އެތިފަހަރެއް އަޅައިލިއެވެ. ސިކުނޑީގެ ހައިޖާނުގަނޑު ކުރިއަށްވުރެ އިތުރުވެގެން ދިއުމުން ހަމަ އެސިކުންތުގައި ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ލަޔާލް ގޮސް ގޭޓާއި ހަމަވާން ކައިރިވެފައި ހުއްޓާ އަފްލާކް ކާރު ދުއްވާލައިފައި ގޮސް ގޭޓަށްވުރެ ކުޑަ ތަންކޮޅެއް ދުރަށް މަޑުކޮށްލައިފިއެވެ. ލަޔާލްއަށް އެކަން އެނގިގެން ހުއްޓިފައި ބަލައިލިއެވެ. އެވަގުތު އަފްލާކް ނިކުމެފައި ބާރު ބާރަށް ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ވާރޭވެސް ކުރިއަށްވުރެ ބޯކޮށްލީ އެވަގުތުއެވެ. އަދި ކާރުގެ ކުރީ ދެބޮކީން އެތަނަށް އެޅިފައިވާ ގަދަ އަލީގައި އަފްލާކްގެ ލޮލުން ލަޔާލްއަށް ފެނުނު ކުލަވަރު ތަރުޖަމާ ކުރަން ނޭނގިފައި އޭނާ ހުއްޓެވެ. ލަޔާލް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނުން އަފްލާކް އޭނާގެ އަތަށް ދަމަމުން ގެނެސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާފައި އަރުވައިފިއެވެ. ބާރު ބާރަށް ދޮރު ޖަހާފައި އެހާމެ އަވަހަށް އޭނާ ގޮސް އަނެއްފަރާތުން އަރައި އިށީންދެއްޖެއެވެ. 

"ލާކް....ވަޓް ހެ..." ލަޔާލްގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް އަފްލާކް ނުދިނެވެ. އެމޫނުގައި ދެއަތުން ހިފަހައްޓާލައިފައި ގެނެސް ތުންފަތުގައި ބޮސްދޭން ފެށީ ކެތްމަދުވެފައިވާ މީހަކު ފަދައިންނެވެ. "އައި ލަވް ޔޫ... ލަޔާ!" ނޭވާ ކޮޅަށް ދިއުމުން މެދުކަނޑާލައިފައި އަފްލާކް އެހެން ބުނެލިއިރު ދެބަސް ދޭތެރޭ ދުރުކަމެއް ބެހެއްޓިއެވެ. "އާވ...ލާކް އައި ޑޯންނޯ ވަޓް ޓު ސޭ...." ލަޔާލް ވީ އުފަލުން ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. "ބުނޭ ލޯބިވެއޭ!" އަފްލާކް އަނެއްކާވެސް މޫނު ކައިރިކޮށްލައިފައި ނިތާ ނިތް ޖައްސާލައިފިއެވެ. "އޮފްކޯސް އައި ލަވް ޔޫ..." ލަޔާލް ޖަވާބުދިނެވެ. ލޯމަރާލައިގެން އޭނާ ހުއްޓާ އަފްލާކްގެ އިނގިލިތައް ކަނދުރާ އާއި ހަމައަށް ފޯރިކަން އިހްސާސްވިއެވެ. ކޮނޑުމައްޗަށް ފެތުރިފައިވާ އިސްތަށިގަނޑު އަފްލާކް އެއްފަރާތް ކޮށްލާފައި މޫނު އަރި ކޮށްލުމުން ހަމައެކަނި އެނޭވާގެ ހޫނު އެޅިފައިވެސް ލަޔާލްގެ ލޯލިތައް ކޮޅަށް ޖެހުނެވެ. 

"ލާކް! އައި ކޭންޓް....." އަފްލާކްގެ ތުންފަތް ކަނދުރާގައި ބީހިގެންދިޔަ ވަގުތު ލަޔާލް ތެޅިގެންފައި އަވަހަށް ދުރުކޮށްލައިފިއެވެ. "ކިހިނެތްވީ؟" އަފްލާކް ހަތަރުކަޅި ހަމަކޮށްލިއެވެ. ކާރު އަނދިރިކޮށްލާފައި އޮތް ނަމަވެސް ހަމައެކަނި ބޭރުން އެޅިފައިވާ އަލީގައިވެސް އެލޮލަށް ވެރިވެފައިވާ މަސްތުކަން ފައުޅުވާން ހުއްޓެވެ. "ހީލިކަރުވަނީ...." ލަޔާލް ފާޑަކަށް އަނގަ ހަދާފައި އިސްޖަހާލައިފިއެވެ. "އިޓްސް އޯކޭ... ހަމަ ކުޑަ ކުޑަ ހިތްވަރެއް. އޭރުން ރަނގަޅުވެދާނެ... އެން ޔޫ ވިލް އެންޖޯއި." އަފްލާކް އިނީ ހުއްޓައިލާ މޫޑެއްގައެއް ނޫނެވެ. ކަންބޮޑުވެ ލަދުގެންފައި ލަޔާލް އިންދައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ ރިންގްވާން ފެށި އޭނާގެ ފޯނެވެ. ފުރަތަމަ އޭނާ ނިކުމެގެން ދިޔައީ ހަނދާންނެތިގެން އެފޯނު ކާރުތެރޭގައި ބާއްވާފައެވެ. "ބައްޕަ އެގުޅަނީ. ދެން އަހަރެން ދިޔައިއްޔާ ރަނގަޅު ވާނީ." ލަޔާލް ސްކްރީނަށް އަރާފައިވާ ނަން ކިޔާލައިފައި ބުނެލިއެވެ. "ގުޑްނައިޓް." އަފްލާކް ކާރުގެ ބޮކި ދިއްލާލައިގެން ކުރިއަށް ބަލަން ފެށިއެވެ. "އޯކޭ..ގުޑްނައިޓް." ލަޔާލް ކާރުން ފައިބައިގެން އަނެއްކާވެސް ގެއަށް ވަންނަން ދުއްވައިގެންފިއެވެ. 

ގޭޓުން ވަދެފައި އޭނާ ބަލައިލިއިރު އަފްލާކް ނައްޓާލައިފިއެވެ. ތަންކޮޅަކަށް ގޮއްސައި ލަޔާލް ވާރެއަށް މޫނު ދިއްކޮށްލައިގެން ހުއްޓިލީ ގަސްތަކުތެރޭގައެވެ. ބޭރަށް އަލިކުރަން ދިއްލާފައިވާ ބޮކީގެ އަލީގައި ފޮޅިފައިވާ މާތައްވެސް ތިބީ ހިނިތުންވެފައެވެ. އޭނާގެ އުފަލުގައި ބައިވެރިވަނީ ނޫންކަމެއްވެސް ނޭނގެއެވެ. ލަޔާލް އިރުކޮޅެއް ވާންދެން ވާރެއިން އުފާ ލިބިގަންނަން ހުރެލާފައި ގޮސް ވަންއިރު މުޝައްރަފްމެން ތިބީ އޭނާގެ އިންތިޒާރު ގައެވެ. ލަޔާލް ބަހަނާއެއް ދައްކާލައިފައި ބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ. ނަސީބަކުން އެމީހުން ކޮންމެހެން އޭނަ ހުއްޓުވާކަށް މާބޮޑަކަށް ނޫޅުނެވެ. ތެމިފައި ހުރުމުން އަނީސާ ވެސް ހަމްދަރްދީވެގެން ހެދުން ބަދަލު ކުރަން ދާށޭ ބުނެލައިފި އެވެ.

ނިދާ ހެދުމާއެކު އެނދަށް އެރި ނަތާ ބާލީހުގައި ލެނގިލައިގެން އިނީ ހިޔާލެއްގައެވެ. ހަވީރުއްސުރެ ތަކުރާރު ކޮށް އޭނާގެ ސިކުނޑީގެ ލޯގަނޑަށް އަރާ ފައިބަމުން ދިޔައީ އެންމެ މަންޒަރެކެވެ. ހައްޖަގެ ފަތިފުށް ފެނިގެން ރާފިލްގެ ހިތަށް ކުރާނެ އަސަރާއި މެދު އޭނާއަށް ވިސްނެނީ އެވެ. މި ނާޒުކް ވަގުތުގައި ރާފިލްގެ އެންމެ ކައިރީގައި ވާން އޭނާ ބޭނުންވެއެވެ. ނަތާ ކިތަންމެ ފަހަރަކު ފޯން ނަގާފައި ބޭއްވިއެވެ. ގުޅައިގެން ދައްކާނެ ވާހަކައެއް ނޭނގިދާނެތީ ބިރުން ކޮންމެ ފަހަރަކު ހުއްޓާލެވެނީއެވެ. އަލުން އެވާހަކަ ތާޒާ ކޮށްގެން ރާފިލްއަށް ލިބޭނީ އުދަނގުލެއް ނޫންކަމެއްވެސް އިނގެނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިއަސް ހެޔޮ ކަމަށް ހަދާފައި ނަތާ މެސެޖެއް ފޮނުވައިލި އެވެ. "ހަމައެކަނި "ޔޫ އޯކޭ؟" މިހެން ލިޔެލައިފައެވެ. "ޖަވާބު އަންނަން ގިނަ ވަގުތެއް ނުނެގިއެވެ. ޚުދު ރާފިލްވެސް އޮތީ އޭނާގެ މެސެޖަކަށް އިންތިޒާރުގައި ކަހަލައެވެ. "ނޮޓް ރިއެލީ." ރާފިލްގެ މެސެޖްގައި އޮތެވެ. "ވަޓް ކޭން އައި ޑޫ؟" ނަތާ ދެވަނަ މެސެޖް ފޮނުވާފައި އިރުކޮޅަކުން ފެނުނީ ރާފިލް ގުޅަނިކޮށެވެ. ވަގުތުން އަތްފައި ފިނިވެ ހަނދާނެ ގޮތް ހުސްވި ކަހަލައެވެ. އެފޯނަށް ޖަވާބު ދީގެން ދައްކާނެ ވާހަކައެއް އޭނާއަށް ނޭނގެއެވެ.

ކޮމެންޓް 0