"ޖެން. ދެން ބުނެބަލަ ކިހާވަރެއްގެ ވާހަކައެއް ބުނަން ވެގެންތަ ވެޑިން ނައިޓްގަ ވައިފް ކައިރިއަށްވެސް ދިޔަ ނުދީ ތިޔަ ގެނައީ؟" އަފްލާކް އިގިރޭސި ބަހުން ސަމާސަ ކުރިއެވެ. ލަޔާލް ހިތުގައި އަތް އަޅައި އަދިވެސް ބާރު ކޮށްލައިގެން ހުއްޓާ ޖެނީ އަފްލާކްގެ ނަން ގޮވާލި ގޮތުންވެސް ސިހުމެއް ލިބުނެވެ. ޔަޤީނުންވެސް ޖެނީ ބުނަން އެއުޅެނީ ބޮޑު ވާހަކައެކެވެ. "ލާކް އަހަރެން މިތަނަށް އައީ ކޮންމެހެން ލާކްގެ ކައިވެނީގެ އުފަލުގައި ބައިވެރި ވާކަށް ނޫން. އަހަރެން އައީ ވަރަށް މުހިންމު އިތުރު ކަމަކާއި ގުޅިގެން." ޖެނީ ކިޔައިދޭން ފެށިއެވެ. "ދެން؟" އަފްލާކް އަހާލިއެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލީގައިވެސް އަފްލާކްއަށް ޖެނީގެ ބަނަވެފައިވާ ކުލަވަރު ފާހަގަވިއެވެ. "ލާކް ހިތަށް އަރައިފާނެ. ފޯނެއް ކޮށްލިނަމައޭ. އެކަމަކު މީ ފޯނުން ކިޔައިދެވޭ ވަރަށް ވުރެ މާބޮޑު ވާހަކައެއް." ޖެނީގެ ވާހަކަ ހުރީ އަދިވެސް އެއްޗެއް ވިސްނައިގަންނަން އެނގޭ ފަދަ ގޮތަކަށް ނޫނެވެ. އަފްލާކް ނިތަށް ރޫ ގިނަ ކޮށްލައިގެން ހުރެފައި ޖެނީގެ ކޮނޑުގައި އަތް ބާއްވައިލީ އިތުރަށް ހިތްވަރުލައިދޭ ފަދަ ގޮތަކަށެވެ. އެމަންޒަރު ބަލަން ހުރި ލަޔާލްގެ ސިކުނޑީގައި އެތައް ހާސް ހިޔާލު އެނބުރެމުން ދިޔައެވެ. އޭނާ ހުރީ ވަކި ގޮތެއް ނިންމަން ނޭނގިފައެވެ. ބައެއްފަހަރު ލޮލަށް ފެންނަ ކަންތައް ތަކަކީ އަދި ހަޤީޤަތަށް ނުވެ ހިނގައިދާނެއެވެ. ފެންނަ ފެނުމަށް އަފްލާކް އާއި ޖެނީގެ ގުޅުން އިންތިހާއަށް ގާތްކަމަށް ހީވިއަސް އޭނާ ހުރީ މޮޔަ އަންހެން ކުއްޖެއް ފަދައިން ވާހަކައިގެ އެއްބައި އަހާފައި ދުރަށް ދާ ގޮތަކަށް ނޫނެވެ.

"ލާކް!..... އަހަރެން މިއައީ އަހަރެންނާއެކު ލާކް އެނބުރި ގެންދަންވެގެން." ޖެނީ އިސް އުފުލާލައިގެން އަފްލާކްއަށް ބަލަން ފެށިއެވެ. އެއަޑު އަހާފައި އަފްލާކް ކުއްލި އަކަށް ހިނިގަނޑެއް ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ސީރިއަސް އަޑަކުން ވެގެން އުޅޭ ގޮތެއް އަވަހަށް ސާފު ކޮށްދިނުމަށް އެދުނެވެ. "ލާކް. އަހަރެންގެ ހިޔާލަށްވެސް ނާދޭ މިވާހަކަ ބުނެދޭނެ ގޮތެއް.... އަހަރެން...އަހަރެން...." ޖެނީ ވާހަކަ ފަށާފައިވެސް ވަކި ހިސާބަކުން ހުއްޓާލެވުނެވެ. އަފްލާކްގެ ކެތްތެރިކަން ކޮޅުންލީ ހިސާބަކީ އެއީއެވެ. ޖެނީގެ ދެކޮނޑުގައި ހިފައި ތަޅުވައިގެންފައި ވާހަކަ ދެއްކުމަށް އެތައް ފަހަރަކު އެދުނެވެ. ޖެނީގެ ޖަވާބަކަށް ވީ އަޑުވީއްލާ ރޮއިގަތުމެވެ. ދުރުގައި ބަލަން ހުރި ލަޔާލްގެ ހިތަށްވެސް އަސަރު ކޮށްގެން ތުންފަތުގައި ދަތް އަޅައިލެވުނެވެ. އަފްލާކް ޖެނީ ގެނެސް މޭގައި ޖައްސާލައިގެން ހުރެ ބުރަކަށީގައި ފިރުމަމުން ދިޔައިރު ލަޔާލްގެ ލޮލަށް ކަރުނަތައް ގިނަވެގެން އައެވެ. އެކަރުނަތައް ފޭދި ގަތުމުން އިނިގިލި ތަކުން ކޯތާފަތް ފުހެލާފައި އަދިވެސް ހުރިތަނުން ގުނޑައެއް ނުލިއެވެ. އޭނާ އެހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ޖެނީ ބުނަން އެއުޅޭ ވާހަކަ ކަންފަތަށް ފޯރި ހިސާބަކުން ނޫނީ ފަޔަށް ހަރަކާތެއް ނުގެންނާނެއެވެ.

"ސާރާ މިދުނިޔެއިން ހިނގައްޖެ. އޭނަ މަރުވެއްޖެ." ކަރުނައިގެ ތެރެއިން ޖެނީ ބުނެލި ވާހަކަ ފޯރީ އެކަނި އަފްލާކްގެ ކަންފަތާއި ހަމައަށެވެ. ލަޔާލްއަށް ފެނުނީ އަފްލާކް ތެޅިގެންފައި އަވަސް އަވަހަށް ޖެނީ ދުރުކޮށްލި ތަނެވެ. އަދި ހިމޭން ކަމުގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ސިކުންތު ކޮޅެއް ދިޔައެވެ. އަފްލާކް އަނެއް ފަރާތަށް މޫނު އަނބުރައިލީ އަނގަމަތީ އަތް ހާކައިލަމުންނެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް ނައީ ކަމުގައި ވެދާނެއެވެ. ޝޮކްގައި ސިކުނޑި މަސައްކަތް ނުކުރުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. "ތެދެއް މިބުނީ ލާކް. އޭނަ މަރުވެއްޖެ. އެކްސިޑެންޓެއްގައި ވަރަށް ކުއްލި ގޮތަކަށް އެކަމެއް ހިނގީ. އަހަރެންނާއި އާއިލާ ނިންމައިގެން ހުރީ ލާކްއަށް ނާންގަން. އެކަމަކު އެއަށްވުރެ މާބޮޑު ކަމެއް އޮތީ ވެފައި. ލާކް އާއި ސާރާގެ ދަރިއަކު ދުނިޔޭގައި އެބަހުރި." ޖެނީ އިތުރަށް އޮޅުންފިލުވައިދިނެވެ.

އަފްލާކް ދެވަނަ ފަހަރަށް އެނބުރި ބަލައިލީ ޖެނީގެ ފަހު ޖުމްލަ އަހާފައެވެ. އެވަގުތު ލަޔާލްއަށް ވެސް އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ. ފިޔަވަޅެއް ފަހަތަށް ޖެހިލާފައި ދެފަރާތަށް ބޯ ހޫރާލެވުނީ އިޚުތިޔާރަކު ނޫނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް ނުތެޅޭނެ މިންވަރަށް ލަޔާލްގެ ހިތް ތެޅިގަތެވެ. "ތީ ކިހިނެތްވާނެ ކަމެއް؟" އަފްލާކްގެ އަޑަށް އައި ބަދަލު ރީތިކޮށް ފާހަގަވިއެވެ. ކަންބޮޑުވެގެން އޭނާ މޫނާއި ބޮލުގައި އަތް ހާކާލައިފިއެވެ. "މާފުކުރޭ އަހަރެންނަށް. ސާރާ ބޭނުންވި ގޮތް އެއީ. އޭނަ ބިރުގަތީ ލާކްއަށް އެނގިއްޖެއްޔާ އެދަރިފުޅާއި ވަކި ކުރުވަފާނެތީ. ބިރުގަތީ ލާކް އެދަރިފުޅު ގެނެސްފާނެތީ. އެކަމަކު މިހާރު ކަންތައް ވެފައި އޮތްގޮތުން އަހަރެން ބޭނުން ނުވީ ލާކްއަށް ސިއްރުކުރަން. އަހަރެން ބޭނުން ނުވީ އެތުއްތު ފުރާނަ ޔަތީމެއްގެ ގޮތުގައި ބޮޑުވާން." ޖެނީގެ ވާހަކަ ނިންމާލިއިރު އަފްލާކް އަނެއްފަރާތަށް އެނބުރި ހުރީ ނިތުގައި ހިފަހައްޓާލައިގެންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި އޭނާ ފުހެލީ ވައިރޯޅިއަށްވެސް ސިއްރުންނެވެ.

"ކޮންއިރަކުން ފުރަނީ؟" އަފްލާކް ޖެނީ އާއި ކުރިމަތި ލާފައި ފުރަތަމަ ވާހަކައަކަށް އަހައިލިއެވެ. "މިރޭ. ބާރައިގެ ފްލައިޓުން." ޖެނީ ޖަވާބުދިނީ އިރުކޮޅަކު ބަލަން ހުރެފައެވެ. އަފްލާކް އަދި އެހާ ފަސޭހައިން ދާން އެއްބަސް ވެދާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. "އަހަރެންވެސް ދާނަން." ލަޔާލްގެ ކަންފަތަށް އިވުނު އެއަޑަކީ މިވަގުތަށް އެންމެ ނުބައި ޚަބަރެވެ. ލޮލަށް އިތުރު ކަރުނަތައް ޖަމާވެގެން ފައިބަން ފެށުމުން އަވަހަށް ތުންފިއްތައިލެވުނެވެ. ނަސީބަކުން އަފްލާކް އާއި ޖެނީވެސް އެތަނުން ދުރަށް ދާން ހިނގައިގެންފިއެވެ. އެދެމީހުން އަނެއްފަރާތަށް ގޮސް ގެއްލުމުން ލަޔާލް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ލޯގަނޑު ކައިރިއަށް ހުއްޓި ޓިޝޫއަކުން ލޮލާއި މޫނު ރީތިކޮށްލާފައި ކިރިޔާ އަނެއްފަރާތަށް އެނބުރި ނުލެވިގެން އުޅެނިކޮށް ރޮވިއްޖެއެވެ. ލަޔާލް ދުވެފައި ގޮސް ލައިޓް ފަނޑު ކޮށްލިއެވެ. ފިނިފެންމަލުން ޒީނަތްތެރި ކުރެވިފައިވާ އެނދުގެ ކައިރި ފަށުގައި އިށީންދެފައި އޭނާ ކުޑަ ބާލީހެއް ނަގައި މޫނުގައި ޖައްސާ ބާރު ކޮށްލިއެވެ. ބޭރަށް އަޑު ފޯރިއަ ނުދޭން އޭނާ މިއިޚުތިޔާރު ކުރި އުކުޅު ކިތަންމެހާވެސް މޮޅެވެ. ރޮއި ރޮއި ގޮސް ގިސްލެވުނުއިރު ކޮޓަރި ތެރެއަށް އަޑުގަދައެއް ނޫނެވެ. 

އިރުކޮޅެއް ފަހުން ދޮރުފަތުގައި ޓަކި ޖަހާލުމުން ލަޔާލް ދިޔައީ ސިއްސައިގެންނެވެ. "ލަޔާ ދޮރު ހުޅުވާލަބަލާ! އިޓްސް މީ. ޔަޝާރު." ލަޔާލް ބާލީސް ބާއްވާފައި ދޮރާއި ދިމާއަށް ބަލަން އިންދާ ބޭރުން އަޑު އައެވެ. ޔަޝާރުގެ އަޑުގައިވި ހާސްކަން އަންގައިދިނީ ބޮޑުކަމެއް ވެއްޖެކަމެވެ. ކަރުނަތައް ފުހެލާފައި އޭނާ ގޮސް ދޮރު ހުޅުވައިލިއެވެ. "އިޓްސް ނަތާ. އޭނަ ގެނބިގެން އުޅެނިކޮށް ނަގައިގެން މިހާރު އެންމެން މާލެދާން ތައްޔާރު ވަނީ. ލާކްވެސް އެބަހުރި އެކޮޅުގައި. އާދޭ އަވަހަށް ދާން." ޔަޝާރު އެއް ނޭވައިން ހުރިހާ ވާހަކައެއް އަމުނައިލި އެވެ. ލަޔާލް ބަހެއްވެސް ނުބުނެ ޔަޝާރު އާއި އެކުގައި ދުއްވައިގަނެގެން ފާލަން ދޮށަށް ދާން މިސްރާބު ޖެހިއެވެ. ލަޔާލް ގޮނޑު ދޮށަށް ނިކުމެގެން ދިޔައިރު ހެދުމުގެ ބޮޑު ފަސްބައި ދިޔައީ ވެލިގަނޑު މަތީގައި ދެމެމުންނެވެ. އެމީހުންނަށް ދެވުނުއިރު ފާލަން ދޮށަށް އެއްވެފައިވާ ދެއާއިލާގެ މީހުންވެގެން ނަތާގެ ހިމޭންވެފައިވާ ހަށިގަނޑު ލޯންޗަށް އަރުވަނީ އެވެ. އެހީތެރިއަކަށް އަފްލާކް އާއި އަޒީ އެރުމުން ދެންތިބި އެންމެން ބާކީ ހުރި ލޯންޗް ތަކަށް ބަހައިލެވުނެވެ. 

"އައެމް ސޮރީ." ލޯންޗް ނައްޓާލިތަނުން ޔަޝާރު ބުނެލިއެވެ. "ލަޔާ އެންމެ އުފާވެރި ރޭ މިގޮތަށް ރޫން ވެގެން ދިޔައީމަ ވަރަށް ދެރަވެއްޖެ." ލަޔާލް ހައިރާން ކަމުގެ ލޮލަކުން ބަލައިލުމުން ޔަޝާރު އިތުރަށް ބުނެލިއެވެ. ދެއަންހެން ކުދީން ތިބީ ޖެހިޖެހިގެންނެވެ. ލަޔާލް ބޯ ޖަހައިލާފައި އިސްޖަހައިލި ފަހުން އަނެއްކާ ލޮލަށް ކަރުނަ ޖަމާވިއެވެ. ގަދަ ކަމުން އެކަރުނަތައް ކޮންޓްރޯލް ކުރަމުން ދުރު ބަލައިލަން އުޅެނިކޮށް ރާފިލްއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. މަފާޒް އާއި ވާހަކަ ދައްކަން އިނދެފައި ރާފިލް އޭނާއަށް ބަލަހައްޓައިގެން އިންނަތާ އިރުކޮޅެއް ވެއްޖެއެވެ. ޚުދު ރާފިލްއަށް ވެސް މިވަގުތު ލަޔާލްގެ ހިތަށް ކުރާނެ އަސަރު ލަފާ ކޮށްލެވުނީ ކަމަށް ވެދާނެއެވެ. ހަތަރުކަޅި ބައްދަލު ވުމުން ރާފިލް އަވަހަށް އިސްޖެހިއެވެ. ލަޔާލްވެސް އެހެން ދިމާއަކަށް މޫނު އަނބުރާލައިފި އެވެ.

ލަޔާލްމެނަށް ދެވުނުއިރު ނަތާ އެމަޖެންސީ ރޫމަށް ވައްދައިފިއެވެ. އަފްލާކް ގޮނޑިއެއްގައި އިނީ ވިސްނުމަކަށް ގެއްލިފައިވާ މީހަކު ފަދައިން ދެއަތްތިލަ ގުޅުވާލި ގޮތަށް އިސްޖެހިފައެވެ. އަޒީ ހުއްޓި ނުލައި ދެކޮޅަށް ހިނގައެވެ. ލަޔާލް ގޮސް ހުއްޓިފައި އަފްލާކްއަށް ބަލައިލި އެވެ. ހިތަށް އެރިއެވެ. މީ ޔަޤީނުންވެސް އޭނާ މިރޭ އާއި މެދު ހުވަފެން ދެކުނު ގޮތެއް ނޫނެވެ. ޔަޝާރު އޭނާގެ އުނަގަނޑުގައި އަތްތިލަ ޖައްސާލުމުން ސިހިފައި ބަލައިލެވުނެވެ. ޔަޝާރު ލަޔާލްއަށް އިޝާރާތް ކުރީ އަފްލާކްގެ ކައިރީގައި އިށީންނާށެވެ. ބޯ ޖަހައިލާފައި އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލި ތަނާ އެއަށްވުރެ ކުރީން ޖެނީ ގޮސް އެގޮނޑީގައި އިށީންދެއްޖެއެވެ. ޖެނީގެ އަތްތިލަ އަފްލާކްގެ މުލައްދަނޑީގައި އަޅުވާލިތަން ދެކެން ހުރެފައި އޭނާ ދެން ހުރި ގޮނޑީގައި އިށީނެވެ. ޖެނީ ބުނި އެއްޗަކަށް އަފްލާކް މޫނު އަނބުރައިލުމުން ލަޔާލް ބަލަހައްޓައިގެން އިންދާ ފެނުނެވެ. ހަތަރު ކަޅި ހަމަވެފައި ދެމީހުންނަށްވެސް އިނދެވުނީ އަނގައިން ނުބުނެވިފައެވެ. ނޫނީ ބުނާނެ އެއްޗެއް ނޭނގުނީ ކަމަށް ވެދާނެއެވެ. އެހެން އެކަކަށް އިހްސާސް ނުވިއަސް އެވަގުތު އެދެ ސިކުނޑީގައި އެހެން އެންމެންނަށްވުރެ ގިނަ ހިޔާލުތައް އެނބުރެމުން ދިޔައެވެ. 

ޖެނީ އިތުރު އެއްޗެއް ބުނެލުމުން ޖަވާބު ދޭން ވެގެން އަފްލާކް ނަޒަރު ބަދަލު ކޮށްލުމުން ލަޔާލް އިސްޖެހިއެވެ. އުނގުމަތީ އޮތް އަތްތިލައިން އޭނާގެ ސަމާލުކަމަށް އައީ ކަށި އިނގިލީގައި އޮތް އަނގޮޓިއެވެ. އެއަނގޮޓި ލިބުނު ގޮތް އޭނާ ދުވަހަކު ހަނދާނުން ނުނެތޭނެއެވެ. ލަޔާލް އުދަނގޫ ގޮތަކަށް ހިންދިރުވާ ލައިފައި އަނގޮޓީގައި އަނެއް އަތުން ފިރުމާލި އެވެ. ޖެހިގެން ހުރި ދެގޮނޑީގައި ޔަޝާރުއި މަފާޒްގެ އިތުރުން ރާފިލް ތިބެފައި ނަތާއަށް ވީ ގޮތަކާއި މެދު ވާހަކަ ދައްކަން ފެށުމުން އޭނާގެ ސަމާލުކަން އެކަމަށް ބެހެއްޓޭތޯ މަސައްކަތް ކުރިއެވެ.

ގިނައިރުތަކެއް ނުވެ އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާފައި ޑޮކްޓަރ ނިކުތުމުން އެންމެން ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވިއެވެ. "ނަތާ ހޭއަރައިފި. އިރާދަ ކުރެއްވީތީ ހާލު ރަނގަޅު. ބޭނުމިއްޔާ ބައްދަލު ކުރިއަސް އެންމެ ރަނގަޅު." އެންމެންގެ ސުވާލު ތަކަށް ޑޮކްޓަރ ޖަވާބުދިނީ އުފާވެރި މޫނަކާއެކުގައެވެ. ވަގުތުން ހިތްތަކަށް ހަމަޖެހުން ލިބިގެން އައެވެ. "އިތުރު ވާހަކަ ދައްކަން އެނދިގެން ޑޮކްޓަރގެ ފަހަތުން އަޒީ އާއި މަފާޒް ދިއުމުން ދެންތިބި މީހުން ނަތާގެ ހާލު ބަލައިލަން ވަންއިރު ގޮނޑި ބަރީގައި އިނީ ރާފިލް އެކަންޏެވެ. އެންމެން އެތެރެއަށް ވަދެ ހުސް ވުމުން އޭނާ ކޮޅަށް ތެދުވެފައި ހިނގައިގަތީ އެތަނުން ނިކުންނާށެވެ.

ހޭ ހުރި ނަމަވެސް ނަތާ އޮތީ ލޯ ހުޅުވަން ނުކެރިފައެވެ. އެކަމެއް ހިނގީ އޭނާގެ އަމިއްލަ ކުށުންކަން އެނގިފައި އޮތިއްޔާ ސަލާމަތެއް ނެތެވެ. އެންމެ ކަންބޮޑުވަނީ ގޭމީހުންގެ ސުވާލު ތަކަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ރާފިލްދެކެ ވާ ލޯއްބަކުންނޭ ބުނާނީ ކިހިނެތް ހެއްޔެވެ؟ ރާފިލް ނަން ބުނެ ނުނިމެނީސް އަފްލާކް ގޮސް ހުންނާނީ ރާފިލް ކަރުގައި ހިފައިގެން ނޫންކަމެއް ނޭނގެއެވެ. އިރުކޮޅަކުން އަފްލާކް ނުހަނު ލޯއްބާއެކު މުޚާތަބު ކުރި އަޑު އިވިގެން ލޯ ހުޅުވައިލެވުނެވެ. 

"ނޯ ވޮރީސް ލިލް ގާރލް. ޔޫ އާ ސޭފް." އަފްލާކް ހީކުރީ ނަތާ އަދިވެސް އެއުޅެނީ ހިނގާދިޔަ ކަންތަކާއި ހެދި ބިރުން ކަމަށެވެ. "ޔަޤީންތަ އަހަރެންދެކެ ރުޅިއެއް ނާންނަކަން؟" ނަތާ އޮވެފައި ސުވާލު ކޮށްލިއެވެ. "ޔަޤީނެއްނު. އެހެންނޫނަސް އެއީ ނަތާ ގަސްތުގަ ކުރި ކަމެއް ނޫނެއްނު ރުޅިއަންނާކަށް. ނަސީބުދެން ވަގުތު ފާއިތު ނުވަނީސް ރާފިލްއަށް ފެނުނުކަން." އަފްލާކްގެ ޖަވާބު އަހާފައި ނަތާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ހިތަށް އެރިއެވެ. އޭނާ ސަލާމަތް ކުރީ ރާފިލް ހެއްޔެވެ؟ އެހެން އެންމެންނަށްވުރެ ކުރީން އޭނާ އާއި ހަމައަށް ވާސިލް ވާން ރާފިލްއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ "ކޮބާތަ ރާފިލް؟ ދިޔައީތަ؟" އަފްލާކްއަށް އެހިސާބުން ރާފިލް ނެތްކަން ފާހަގަވެގެން ވަށައިގެން ހޯދައިލި އެވެ. 

"ލަޔާ! އައެމް ސޯ ސޮރީ." ނަތާގެ ނަޒަރު ލަޔާލްއަށް ހުއްޓިފައި ރޯން ފެށިއެވެ. އޭނާގެ ސަބަބުން އެދެމަފިރީންގެ ކައިވެނީގެ ރޭ މިގޮތަށް ބަރުބާދު ވެގެން ދިއުމުން އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. "އިޓްސް އޯކޭ. އެންމެ މުހިންމީ އަހަރެންގެ އެކުވެރިޔާގެ އަދި މިހާރު ކޮއްކޮގެ ސަލާމަތް." ލަޔާލްގެ ހިނިތުންވެފައި ނަތާގެ ބޮލުގައި ފިރުމާލިއެވެ. އަފްލާކްގެ ނަޒަރުވެސް އަނެއްކާ ލަޔާލްއަށް ހުއްޓުނު ހިސާބަކީ އެއީއެވެ. ވަގުތުން އެހިތް ހަމްދަރްދީން ފުރިގެން އައެވެ. ކައިވެނީގެ ރޭ މިހާ ބޮޑު ކަންތައް ގަނޑެއް ހިނގާދިއުމަށް ފަހުގައިވެސް ލަޔާލްގެ ހިތުގައި ނަތާ އާއިމެދު ކުޑަވެސް ޝަކުވާއެއް ނެތެވެ. ލަޔާލް ކިހާ ހިތް ތިރި ހެއްޔެވެ؟ 

ބައިގަޑިއެއްހާއިރު ފަހުން ނަތާ ގެއަށް ދޫކޮށްލިއެވެ. އެންމެން މަގުމައްޗަށް ނިކުމެފައި ކާރުތަކަށް އަރަން ދާން ފެށުމުން ލަޔާލްގެ މިސްރާބު ހުރީ މުޝައްރަފްމެން ކައިރި އަށެވެ. އަނީސާ އާއި މުޝައްރަފް އެވަގުތުކޮޅުވެސް ލަޔާލް އާއި ކުޑަކޮށް ވާހަކަ ދައްކާލައި ހިތްހަމަޖައްސައި ދިނެވެ. ފަހަރަކު ކާރެއް ނައްޓާލައިގެން ދާން ފެށުމުން ލަޔާލް ބަލައިލި އިރު ބާކީ އޮތީ އެއް ކާރެވެ. ލަޔާލް މުޝައްރަފް މެނާއި ވަކިވެގެން އެދިމާއަށް ގޮސް ކައިރިވެފައި ހުއްޓާ އަފްލާކް ފެނުނީ ދޮރުފަތުގައި ލެނގިލައިގެން ހުއްޓައެވެ. ހިތަށް ހިސާބެއްގެ ސިހުމެއް ވިއެވެ. އަދި އަފްލާކް ބަލަން ހުރި ގޮތުން އެހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. ލަޔާލް ގޮސް ކައިރި ވާއިރަށް އަފްލާކް ދުރަށް ޖެހިލާފައި ދޮރުފަތް ހުޅުވާލަދިނުމުން އެއްޗެއް ނުބުނެ އަވަހަށް އަރާ އިށީންދެލީއެވެ.

"ވީ ނީޑް ޓު ޓޯކް." އަފްލާކް ވާހަކަދެއްކީ ކާރު ދުއްވައިލައިފައެވެ. ލަޔާލް ކުއްލި އަކަށް މޫނު އަނބުރާލައިފައިވެސް އިނީ އެއްޗެއް ނުބުނެއެވެ. އޭނާއަށް ރަނގަޅަށް އެނގެއެވެ. އަފްލާކް ދައްކަން އެއުޅެނީ ޖެނީ ކުރީން ދެއްކި ވާހަކަތަކެވެ. ބުނަން އެއުޅެނީ އެމެރިކާއަށް ފުރަން އުޅޭ ވާހަކައެވެ. "ސުވާލެއް ކުރަންތަ؟" އަފްލާކް އިރުކޮޅަކުން އަހައިލިއެވެ. ލަޔާލް ހަމައެކަނި ބޯ ޖަހައިލާފައި އިނީ ނޭވާ ހިފަހައްޓައިގެންނެވެ. "އަހަރެން ދައްކަން މިއުޅެނީ ބޮޑު ވާހަކައެއް. އެކަމަކު އެވާހަކަ ބުނުމުގެ ކުރީން އަހަރެން ބޭނުން ވަނީ ލަޔާލްގެ ހިތުގައި އޮތް އެއްޗެއް ބަލަން. އަހަރެން ކޮންމެ ފަދަ ވާހަކައެއް ބުންޏަސް ލަޔާލްގެ ހިތުގައި އަހަރެންނަށް އޮތް ލޯބި ބަދަލު ނުވާނެ ކަމުގެ ޔަޤީންކަން އަހަރެން ބޭނުންވަނީ." އަފްލާކްގެ ވާހަކަ ނިންމާލުމުން ލަޔާލް ބަލަހައްޓައިގެން އިނެވެ. 

"ލާކް ބޭނުންތަ އަހަރެންގެ ހިތް ބަދަލު ނުވާން؟" ލަޔާލް ބޭނުންވީ އަފްލާކް އެދޭ ގޮތެއް ހޯދާށެވެ. "އޮފްކޯސް ބޭބީ. އަހަރެން ބޭނުމެއް ނުވޭ ހަޔާތުގެ އެއްވެސް ހިސާބަކުން ހިނގާ އެއްވެސް ކަމަކާއި ހެދި ލަޔާގެ ލޯބި އަހަރެންގެ މައްޗަށް ފަނޑުވެގެން ދާކަށް." އަފްލާކް ދިން ޖަވާބު ލަޔާލްއަށް ޤަބޫލު ކުރަން ދަތިވެފައި އިނެވެ. އެތަކެއް ފަހަރު އެސްފިޔަ ޖަހާލަމުން އެމޫނަށް އޭނާ ބެލިއެވެ. 

"އަހަރެން މިއުޅެނީ މިރޭ އެމެރިކާއަށް ފުރަން. އެނބުރި އައިސް ހުރިހާ ކަމެއް އޮޅުންފިލުވަ ދޭނަން. އެހާ އިރަށް އަހަރެން ބޭނުން ވަނީ ލަޔާލްގެ އިތުބާރު. އަދި ލަޔާލް އަހަރެންނަށް އިންތިޒާރު ކުރަން." ގެއާއި ހަމައަށް ފޯރުމުން ކާރު ގެންގޮސް ގަރާޖަށް ވައްދާފައި އަފްލާކްގެ ފަހު ވާހަކަ އިއްވައިލި އެވެ. އެއްޗެއް ނުބުނެ ލަޔާލް ބަލަން އިނދެފައި ބޯ ޖަހައިލުމުން އަފްލާކް ތުންފަތުގައި ދަތް އަޅައިލި ގޮތުން އަސަރު ކުރިކަން ފާހަގަވިއެވެ. ލަޔާލް ނިކުންނަން ވެގެން އަނެއްފަރާތަށް އެނބުރިލި ތަނާ އަތުގައި ހިފައިލުމުން ސިހުނެވެ. "ބޭބީ އައި ވިލް ބީ ބެކް ސޫން. އައި ޕްރޮމިސް." އަފްލާކް އެމޫނުގައި ދެއަތުން ހިފާލައިގެން ތިރި ކޮށްލާފައި ނިއްކުރީގައި ތުންފަތް ޖައްސައިލި އެވެ. 

އަޒީ އާއި ވާހަކަ ދައްކާފައި ރުހުން ލިބުމުން އަފްލާކް ފުރަން ވެގެން ތައްޔާރު ވިއެވެ. އެކަމަކު އޭނާ އެނބުރި އަންނަން ދެން އެހަޤީޤަތް އާއިލާގެ އިތުރު ކަންފަތަކަށް ނުފޯރުވަން އަފްލާކް ވަޢުދު ކުރުވިއެވެ. 

އަފްލާކް ވަދާޢީ ސަލާމް ކޮށްފައި ނިކުމެގެން ދިއުމުން ކޮޓަރި ތެރޭގައި ލަޔާލް އޮތީ އެކަނިވެފައެވެ. ހެދުންވެސް ނުބާލައި ބަންޑުން އޮވެގެން އޭނާ ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލު ތަކާއި ހަނގުރާމަ ކުރަމުން ދިޔައެވެ. އެހެން އޮވެގެން ލޮލުން ވެއްޓޭ ކަރުނަތިކިތައް ބާލީސް ތެރެއަށް ވިރެމުން ދިޔައެވެ. 

ކޮމެންޓް 0