ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. މަފާޒް އާއި ޔަޝާރު އާދައިގެ މަތިން ހެނދުނު ހެނދުނާ ތައްޔާރުވާން ފެށިއެވެ. ދެމީހުން ވަޒީފާއަށް ދާން ޖެހޭތީ ހެނދުނު ހެނދުނާ ޔަޝާރު އޭނާގެ ތިން އަހަރަށް ދާ ދަރިފުޅުވެސް ތައްޔާރު ކުރެއެވެ. ދާ މަގުމަތީގައި މަންމަ ގެއަށް ދަރިފުޅު ލާފައި ދިއުމުން އޭނާ ކުލާސްތައް ނިންމާފައި ބަލައި ދާންދެން އެކުއްޖާ ހުންނަނީ އެގޭގައެވެ. ޔަޝާރު ޖީހާން ރީތި ކުރަން އުޅުނު އިރު މަފާޒް ތައްޔާރު ވާން ހުރީ ޑްރެސިން ޓޭބަލް ކުރިމަތީގައެވެ. ބައްޕަ ނިޔާވުމުން ގޭގެ ބޮޑުމީހެއްގެ ހައިސިއްޔަތުން ހުރިހާ ޒިންމާއެއް މިވަގުތަށް އެޅޭނީ މަފާޒްގެ ކޮނޑުގައެވެ. ދެންތިބި މީހުންނަށް ނަމޫނާއެއް ކަމުގައިވެސް އޭނާ ވާން އެބަ ޖެހެއެވެ. ކަންމިހެން ހުރުމުން މަފާޒް އެންމެ ފިޔަވަޅެއްވެސް ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ. ނެތް ހިތްވަރާއެކުވެސް އޭނާ ހުރީ ސާބިތުކަން މަތީ ކުރިއަށް ދާން ތައްޔާރަށެވެ. 

އެމީހުން ދަރިފުޅު ގޮވައިގެން އައިސް ކާކޮޓަރިއަށް ވަންއިރު ނަތާ އިނެވެ. "މޯނިން!" ނަތާ އެދެމީހުންގެ މޫނަށް ވަކި ވަކިން ބަލާލައިފައި ގޮސް ތުއްތު ޖީހާން އުރާލައިފައި މޫނުން ދޮނެއް ނެގިއެވެ. "ޖީ ބޭބީވެސް ޑެޑީއެކު އޮފީހަށް ދާންތަ ތިއުޅެނީ؟" ނަތާ ޅައަޑުން ޖީހާން އާއި ވާހަކަދެއްކިއިރު މަފާޒް އާއި ޔަޝާރު ޖެހިޖެހިގެން ދެގޮނޑީގައި އިށީންދެފައި ނާސްތާ ކުރަން ތައްޔާރު ވެއްޖެއެވެ. "ދެން ކޮންތާކަށް ދާން ތިއުޅެނީ؟" ޖީހާން ދެފަރާތަށް ބޯ ހޫރާލުމުން ނަތާ އެކުޑަ ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓާލައިފައި އިތުރަށް ސުވާލު ކުރިއެވެ. "ޖީ ބޭބީ މާމަ ގެއަށް ދާން މިއުޅެނީ ދޯ ދޫނީ. އޭނަ އަހަރުން ނިމިގެން ބަލައިދާންދެން އެގޭގަ ހުންނަނީ." ޔަޝާރު އެއްފަހަރު ޖީންއަށް އަނެއްފަހަރު ނަތާއަށް ބަލައިލަމުން ވާހަކަދެއްކިއެވެ. ނަތާ ބޯ ޖަހައިލާފައި ޖީހާންއަށް ސައިދޭން ތައްޔާރުވެގެން ހުރި ރާމިޒާ ކައިރީ އެކުއްޖާ ބައިންދާފައި އޭނާ އިން ގޮނޑީގައި އަނެއްކާވެސް ހަމަޖެހިލިއެވެ.

"ނަތާ ހާދަ ހެނދުނަކާ ރެޑީ ވެލައިގެން. ތަނަކަށް ދާންތަ ތިއުޅެނީ؟" މަފާޒްގެ ކުއްލި އަކަށް އެހިއެވެ. "އޮފީހަށް ދާން. ހިތަށްއެރީ އެންމެ ދުވަހެއްވެސް ލަސްކުރަންވީ ކީއްކުރަން ހޭ. އެހެންނޫނަސް މަސައްކަތުގަ ބިޒީކޮށް އުޅުނީމަ މައިންޑްގަ އެހެން ހިޔާލުތައް ހަރުނުލާނެ." ނަތާ އިޝާރާތް ކުރީ ބައްޕައަށް ކަން މަފާޒް ދެނެގަތެވެ. "ގުޑް އައިޑިއާ. މިއަދު ދެން އިހަށް ގޮސް ކަންތައްތައް ހުންނަ ގޮތް ބަލާލައި ދަސްކޮށްލެވޭނެތާ ދޯ." މަފާޒް އެގޮތާއި ތާއީދު ކުރިއެވެ. ދޮރާއި ދިމާއިން ފިޔަވަޅުގެ އަޑު އިވިގެން ނަތާ އިސް އުފުލާލި އިރު ޔާނިޒް ވަންނަނީ އެވެ. އަތްދިގު ގަމީހާއި ފަޓްލޫނުގައި ޓައީ އަޅާލައިފައި ޔާނިޒް ހުރުމުން ނަތާއަށް އާ ކަމަކަށް ވެގެން ބަލަން އިނދެވުނެވެ. 

"ވޯހ...ކުޑަބެ ސްމާޓްކަން." ޔާނިޒް އައިސް އިށީންތަން ބަލަން އިނދެފައި ނަތާ ތައުރީފް ކޮށްލިއެވެ. މަފާޒްވެސް ހިނިތުންވެލިއެވެ. ޔާނިޒް ސީރިއަސްވެފައި އެކައްޗެއްވެސް ނުބުނެ ބެލީ ކޮފީތަށި ބޮވޭތޯއެވެ. ޔާނިޒްގެ މިޒާޖަށް ތަފާތުކަމެއް އައިސްފައިވާކަން ނަތާއަށް ފުރަތަމަ ފަހަރަށް ރޭކާލީ އެވަގުތެވެ. "ޕްލޭބޯއި" އުޅުން އަދިވެސް ގެންގުޅުނެއް ކަމަކު ކުރިން އެއީ މިނިޓަކަށްވެސް ސީރިއަސްވާ ފިރިހެނެއް ނޫނެވެ. ނަތާ ފާޑަކަށް އިނދެލާފައި ނާސްތާ ކުރަން ފެށިއެވެ.

ނާސްތާކޮށް ނިމިގެން އެންމެން ނިކުތްއިރު ލަޔާލް އުރުގައި ޝިވަމް ބައިންދައިގެން އަނެއް އަތުން ޖީން އަތުގައި ހިފާލައިގެން ސިޑިން ފައިބަނީއެވެ. "ލަޔާ ކޮންއިރަކު ޑިއުޓީއަށް ދަނީ؟" ނަތާ ހުއްޓި ހުރެފައި ލަޔާލްމެން އައިސް ކާކޮޓަރިއަށް ވަންނަން ދިމާކޮށްލުމުން އެހިއެވެ. ލަޔާލް ޖަވާބު ނުދީ އިސްޖަހާލި ގޮތުން ނަތާގެ ސުވާލުތައް ވީ އިތުރެވެ. "އަމް..އޭނަ ކޯސް ނިންމާފަ ޖޮބަކަށް ނުދޭ." މަފާޒް އެނބުރި ބަލަން ހުރެފައި ލަޔާލް އެއްޗެއް ނުބުނުމުން ޖަވާބުދިނެވެ. ނަތާ އެއީ ކީއްވެތޯ އަހަން އުޅެފައި ވިސްނިގެން ހުއްޓާލިއެވެ. ޔާނިޒް ހަރުކޮށް ހިނގާފައި ގޮސް ކާރަށް އެރިތަނާ މަފާޒް ފަހަތުން ނިކުމެގެން ގޮސް ކައިރިއަށް ހުއްޓިފައި އަތުން އިޝާރާތް ކޮށްގެން ލޯގަނޑު ތިރި ކުރުވިއެވެ. މަފާޒް އެންގީ އޭނާއެކު ނަތާ ގެންދިއުމަށެވެ. ޔާނިޒް އިންތިޒާރުގައި މަޑުކޮށްލައިގެން އިންދާ މަފާޒްގެ ކާރު ކުރީގައި ނިކުމެގެން ދިޔައެވެ. ނަތާ އައީ އޭގެ ފަހުންނެވެ. ނަތާ ޖެހިގެން ހުރި ސީޓަށް އަރާ އިށީނުމުން ޔާނިޒް އަވަހަށް ނައްޓާލިއެވެ.

"ކީއްކުރަން އެހާ އަވަހަށް ޖޮއިން ވަނީ؟ އެހާ ދުވަހު ކިޔަވާފަ އައިސް ރެސްޓެއްވެސް ނަގަންވާނެއެއްނު." ޔާނިޒް ވާހަކަދެއްކި އިރު ނަޒަރު ހުއްޓާލައިގެން ހުރީ މަގުމައްޗަށެވެ. "ގޭގަ އިނީމަ ޑޭޑްމަތިން މިސްވާނެތީ." ނަތާ ތެދަށް ބުނެލިއެވެ. ޔާނިޒް އެއަޑު އަހާފައި ކުއްލި ނަޒަރެއް ނަތާއަށް ދިނުމަށްފަހު އަނެއްކާވެސް މަގުމައްޗަށް ނަޒަރު ހުއްޓާލި އެވެ. ގޭގައި އެކަނިވެއްޖެނަމަ އޭނާގެ ހާލަކީވެސް އެޔެވެ. އެކަނިވުމުން ބޭނުން ނުވިއަސް ކަންތައްތަކާއި ވިސްނެއެވެ. ބައްޕަ ހިޔާލުތައް ހިތަށް ދަތި ނުކުރާ ވަގުތެއް ވިއްޔާ ޝާމީގެ ހިޔާލުތައް ހިތާއި ސިކުނޑި ވަށާލައެވެ. "ކުރިން ގޭގަ އުޅުނު ނެނީއެއް ނޫޅޭ ދޯ މިހާރު." ނަތާ ލަޔާލް މަތިން ހިތަށް އަރުވައިގެން އިނދެފައި ކުއްލިއަކަށް ޝާމީ ހަނދާންވެގެން އަހާލިއެވެ. ޔާނިޒްއަށް ބާރުކޮށްލެވުނީ ހުންގާނަށެވެ. ޝާމީގެ ނަން އިވުނަސް އާދަޔާ ޙިލާފް ބާރެއް އޭނާގެ އެތެރެހަށްޓަށް ވެރިވެގަނެއެވެ. ނަތާ ބަލަހައްޓައިގެން އިންކަން އިހްސާސް ވެގެން އޭނާ އިރުކޮޅަކުން ބޯ ޖަހައިލިއެވެ. 

ކާރު ޕާކްކޮށްފައި ދެބެން އޮފީހަށް ވަންނަން ދިޔައީ އެކު އެކީގައެވެ. މަފާޒް އޭރު ހީވާގޮތުން އަދި އެހިސާބަކަށް ނުފޯރައެވެ. ނަތާމެން ދޮރުން ވަނީއްސުރެ އެންމެންގެ ލޯތައް އެމީހުންނަށް އަމާޒު ވަމުން އައެވެ. އެހެންޏާ ކޮންމެ ދުވަހަކު ޔާނިޒްއަށް ހުއްޓިފައި ހުންނަ ސިއްރު ލޯތަކުގެ އިތުރަށް މިއަދު ހުރިހާ ޒުވާން ފިރިހެން ކުދީންގެ ސަމާލުކަން ނަތާއަށް ހުއްޓިފައި ހުއްޓެވެ. ޔާނިޒްއަށް އެކަން ފާހަގަ ވި ނަމަވެސް ނަތާ ތައާރަފް ކޮށްދޭން ނޫޅެ، ރިސެޕްޝަނުގައި ހުރި ކުއްޖާއަށް އެކަނި ތައާރަފް ކޮށްދީފައި ނަތާއަށް އޮފީސް ދައްކާލައި ކުޑަކޮށް ކިޔާލަދޭން ހަވާލު ކުރިއެވެ. އަންހެންކުއްޖާ ބޯ ޖަހާލައިފައި ގޮނޑިން ތެދުވިތަނުން އޭނާ އަވަހަށް ލިފްޓާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޔާނިޒް ލިފްޓަށް އަރައި ނަންބަރަށް ފިއްތައިލުމާއެކު ޖީބަށް އެއް އަތް ޖަހާލައިގެން ހުއްޓުނުއިރު ނަތާ އާއި ރިސެޕްޝަނުގައި ހުންނަ ކުއްޖާ ވެގެން ލިފްޓް ހުރަސްކޮށްފައި އެހެން ދިމާއަކަށް ހިނގައި ގަނެފިއެވެ.

ކެބިންއަށް ވަދެފައި ޔާނިޒް އާދައިގެ މަތިން ކުޑަދޮރު ކައިރިއަށް ހުއްޓި ބްލައިންޑްތައް މައްޗަށް އަރުވާލައިގެން މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ޖީބުގައި އޮތް މޯބައިލް ނަގައި ޝާމީއަށް ގުޅާލައިގެން އޭނާ ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ޖަވާބެއް ނައުމުން ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް ގުޅިއެވެ. އެކަމަކު ނަތީޖާ ހަމަ ސުމެކެވެ. ނިތަށް ރޫއަރައި މޫޑު ޚަރާބު ވެއްޖެއެވެ. ޔާނިޒް އެނބުރިފައި ބާރު ބާރަށް މޭޒުމަތީ މޯބައިލް ބޭއްވިގޮތަށް ގޮނޑިއަށް ވެއްޓިގެންފިއެވެ. ނިއްކުރީގައި އެއްއަތުން ހިފަހައްޓާލައިގެން އޮތްވާ ދޮރު ހުޅުވުނު އަޑަށް އަތް ތިރިކޮށްލައިފައި ބަލާލެވުނެވެ.

"މޯނިން ސަރ." ޝަހުދާ އާދައިގެ މަތިން އާވި އަރަ އަރާ ހުރި ކޮފީތައްޓެއް ތަބަކަށް ލައިގެން ވަދެ ހުއްޓެވެ. "މޯނިން." ޔާނިޒް އާދައިގެ ގޮތަކަށް ޖަވާބުދީފައި ހަށިގަނޑު ތެދުކޮށްލަމުން މޭޒުގައި ދެއަތް އަޅުވާލި އެވެ. ޝަހުދާ އައިސް ކޮފީތަށި ޔާނިޒްގެ ކުރިމަތީ ބަހައްޓާފައި ތަބައް ގެންގޮސް ދުރުގައި ހުރި ތިރި ކަބަޑެއްގެ މައްޗަށް ލިއެވެ. "މިއަދުވެސް ބޮލުގައި ރިއްސަނީތަ؟ މަސާޖެއް ދީފާނަން." ޔާނިޒް ކޮފީތަށީގައި އަތްނުލައި އަނެއްކާވެސް ނިއްކުރީގައި އަތް ހާކާލިތަން ފެނިގެން ޝަހުދާ ނިކަން ލޯބިން އެމޫނަށް ބަލައިލި އެވެ. ޔާނިޒް އެއްޗެއް ނުބުނެ ބަލަން އިނުމުން ޝަހުދާއަށް ވިސްނިގެން ގޮނޑީގެ ފުރަގަހަށް ހުއްޓިފައި ޔާނިޒް ނިއްކުރީގެ ދެފަރާތުން އެހިމަހޯލި އިނގިލިތަކުން ހިފަހައްޓާލައިގެން މަސާޖް ދޭން ފެށިއެވެ. އަރާމުވި ވަރުން ޔާނިޒް އިނީ ލޯމަރާލައިގެންނެވެ. "ސުވާލެއް ކޮށްލަންތަ؟" އިރުކޮޅެއް ފަހުން ޝަހުދާ އަހައިލި އެވެ. ޔާނިޒް ވިސްނުމެއް ނެތި ވަގުތުން ހޫމ އަޅުވާލިއެވެ. ޝަހުދާ ކޮށްފާނެ ސުވާލަކާއި މެދު އޭނާގެ ކުޑަވެސް ފިކުރެއް ނެތެވެ. 

"ވެދާނެ މީ ތަންކޮޅެއް ޕާރސަނަލް ސުވާލަކަށްވެސް. އެކަމަކުވެސް ހަމަ އަހާލާ ހިތްވީ. ސަރ ކޮންމެދުވަހަކު އައިސް ކާކަށްތަ އެވަރަކުން ގުޅަން މަސައްކަތް ކުރަނީ؟" ޝަހުދާގެ ސުވާލު ނިމުނު އިރަށް ޔާނިޒް ކުއްލި އަކަށް އަތުގައި ހިފެހެއްޓުމުން އޭނާ ސިހިގެން ހުއްޓުނެވެ. "މާބޮޑަށް ޕާރސަނަލް ސުވާލެއް ކުރެވުނިއްޔާ ސޮރީ." ޔާނިޒް ހިތްހަމަ ނުޖެހުނީކަމަށް ހީކޮށް ޝަހުދާ އަވަހަށް މަޢާފަށް އެދުނެވެ. އެވަގުތު ޔާނިޒް އެއަތުން ދޫކޮށްނުލައި ޝަހުދާ އާއި ކުރިމަތިވާ ގޮތަށް ގޮނޑި އަނބުރާލިއެވެ. "ކީއްވެ ޕާރސަނަލް ސުވާލު ނުކުރެވެންވީ؟ އާފްޓަރ އޯލް... ތީ އަހަރެންގެ ޕާރސަނަލް އެސިސްޓެންޓް އެއްނު." ޔާނިޒް އެއްލޯ މަރައިލި ގޮތަށް ޝަހުދާގެ އަތަށް ދަމާލައިގެން ގެނެސް އުނގުގައި ބައިންދާލިއެވެ. ރަކިވެގެން ޝަހުދާ ހީލައިފައި އިސްޖަހާލި ތަނާ ޔާނިޒް އެދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވައި ހިފަހައްޓާލައިގެން މަގަތަށް އަނބުރާލިއެވެ. ޝަހުދާ އެސްފިޔަތައް ތިރިކޮށްލައިގެން އިނުމުން ޔާނިޒް ވަގުތު ބޭކާރު ކުރާކަށް ނުހަދައެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ޖަހާލި އަޑަށް ދެމީހުން ސިހިފައި ދުރަށް ޖެހިލިއެވެ. ޝަހުދާ އަވަހަށް ތެދުވެފައި ތަބައް ނަގައިގެން ދާން އުޅެފައި ޝައްކެއް ވެގެން ކުއްލިއަކަށް ހުއްޓި ޔާނިޒްއަށް ބަލައިލިއެވެ. 

"ސަރ....! ޝަހުދާ އަނގައިން ނުބުނެ ތުންފަތް ކައިރީ ޝަހާދަތް އިނގިލި ޖައްސާލަމުން ދޭން ބޭނުން މެސެޖް ފޯރުކޮށްލިއެވެ. ޔާނިޒް މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ދަމައިގެންފައި ތުންފަތް ކައިރި ފުހެލުމުން އޭނާ ހިނިތުންވުމާއެކު މިހާރު ރަނގަޅޭ ބުނާ ފަދަ ގޮތަކަށް ބޯ ޖަހައިލާފައި ގޮސް ދޮރު ހުޅުވާލިއެވެ. ޝަހުދާ ނިކުތް ދޮރުން މަފާޒް ވަންތަން ފެނިގެން ޔާނިޒް ކޮފީ ތަށި އުފުލާލުމަށްފަހު ކޯވަރެއް ބޯލައިފައި ބަލަން އިނެވެ.

ފުރަތަމަ ދުވަހުގެ ތަޖުރިބާވެސް ނަތާއަށް ވަރަށް ރަނގަޅެވެ. އޭނާގެ ހުންނަ އެކުވެރި މިޒާޖުގެ ސަބަބުން ދާދި ފަސޭހައިން އެންމެންގެ އެކުވެރިއަކަށް އޭނާ ވެއްޖެއެވެ. ފުރަތަމަ ދުވަހަށް ވުމުން މަފާޒްވެސް ކޮންމެހެން އޭނާ ލައްވައި މަސައްކަތްތަކެއް ކުރުވާކަށް ނުހަދައެވެ. ނަތާ ގިނަ ވަގުތު ހޭދަ ކުރީވެސް އެކި ދިމާއަށް ގޮސް ތަންތަން ބަލައި އޮބްޒާވް ކުރުމުގައެވެ. ބްރޭކް ގަޑީގައި ބޮޑު ޤުރޫޕެއް ހަދާލައިގެން ސައި ކޮޓަރިއަށް ގޮސް މެންދުރު ކެއުމަށް އިންސާފު ކުރިއެވެ. އެމީހުން މަޖާ ވާހަކަތައް ދައްކައި ނަތާ ހެއްވާ ލުމުގައި އެވަގުތުވެސް ކާމިޔާބު ކުރިއެވެ.

ނިންމާފައި ޔާނިޒް އާއި ނަތާ ނިކުންނަން ދަނިކޮށް މަފާޒް ގުޅިއެވެ. "މިތާ ހުރެގެން އެގުޅަނީ ކީއްކުރަންބާ؟" ނަތާ ވަށައިގެން ހޯދައިލާފައި މަފާޒް ފެންނަން ނެތުމުން ފޯނު ނެގިއެވެ. "ނަތާ ކަމެއް ކޮށްދީބަލަ. ދެންމެ ޔަޝާރު ގުޅާފަ އެބުނީ ނިމޭނީ ތަންކޮޅެއް ލަހުންނޭ. އޭނަ ބުނީ އަހަރެން ކައިރީ ޖީހާން ޕިކް ކުރަން. ވެގެން މިއުޅޭ ގޮތަކީ ރައްޓެއްސަކު ގުޅާފަ ނިކަން އަވަހަށް ޖައްސާލަދޭށޭ ބުނީމަ މިތަނުން ނިކުންނަ ގޮތަށް އޭނަ ކައިރިއަށް ދާން ކަމަށް." މަފާޒް ވާހަކަދައްކަމުން ގޮސް އެހިސާބަށް ނުދަނީސް ނަތާއަށް ވިސްނިގެން ޖީހާން ގެއަށް ގެންދިއުމުގެ ޒިންމާ ނަގަން އެއްބަސް ވެއްޖެއެވެ. ރާފިލް އެގޭގައި އުޅޭނެކަން އޭނާ ހަނދާންވީ ނިކުމެގެން ގޮސް ކާރަށް އެރި ފަހުންނެވެ. ނަތާގެ ހިތް ބާރަށް ތެޅިލުމާއެކު ވިސްނައިދިނެވެ. ރާފިލް މަސައްކަތް ނިންމާފައި އަދި ގެއަށް ދާނެ އިރެއް ނޭނގެއެވެ. އަދި ގެއަށް ދިޔަ ކަމުގާ ވިއަސް އެންމެ ފުރަތަ އުޅޭނީ ފްރެޝްވެލަން ނޫން ހެއްޔެވެ؟ ނަތާ ހަމަޖެހުމުގެ ނޭވައެއް ލައިފައި ޔާނިޒް ކައިރީ މަފާޒް ދެއްކި ވާހަކަ ތަކުރާރު ކުރިއެވެ.

މަންޒިލާ ހަމައަށް ދެވުމުން ކާރު މަޑުކޮށްފައި ޔާނިޒް އެދުނީ ޖީހާން ގޮވައިގެން އަވަހަށް އައުމަށެވެ. އެހާ ވަންދެން އޭނާ އިންނަން ނިންމީ ކާރުގައެވެ. ނަތާ ފޭބުމުން ޔާނިޒް ކާރު ދުއްވާލައިފައި ގޮސް ތަންކޮޅެއް ދުރުގައި ޕާކްކޮށްގެން އިނެވެ. ނަތާ ދަބަސް ކޮނޑުގައި އަޅުވާލައިގެން ހަރުކޮށް ހިނގާފައި ގޮސް ގޭގެ ބެލް ޖަހާލައިގެން ހުއްޓާ ނޯކަރަކު ދޮރު ހުޅުވާލިއެވެ. "ޖީހާން ކޮބާ؟ އޭނަ ބަލައި މިއައީ." ނަތާ ފުރަތަމަވެސް ވާހަކަދެއްކިއެވެ. "މަޑުކުރޭ މިތާގަ. އިށީންދޭ. ޖީހާން ކޮއްކޮ ގޮވައިގެން އަންނާނަން." ނޯކަރު ނަތާ އިށީންނަން ސޯފާއަށް އިޝާރާތް ކޮށްފައި އެތެރެއަށް ވަދެގެން ދިޔައެވެ. ވަށައިގެން ކަޅި ހިންގާލައިފައި ނަތާ ގޮސް ސޯފާގައި އިންދާ ބޭރުން ބެލް ޖަހާލި އަޑު އިވުނެވެ. ނަތާ ބަލައިލީ ނޯކަރު ވަދެގެން ދިޔަ ދޮރަށެވެ. ކުރިމަތީ ހުރި އެއްވެސް ކޮޓަރި އަކުން އަދި ކާކޮޓަރިންވެސް މީހަކު ނުނިކުތުމުން އޭނާ ތެދުވީ ދެވަނަ ފަހަރަށްވެސް ބެލް ޖެހީމައެވެ. ނަތާ ގޮސް ދޮރު ހުޅުވާލައިފައި ދެވަނަ ސިކުންތުގައި ފަހަތަށް ޖެހިލެވުނެވެ. 

ވަންނަން އައިސް ހުރި ރާފިލްއަށްވެސް ނަތާ ފެނުމުން ބަލަން ހުރެވުނީއެވެ. "މެއިޑް ދިޔައީ ޖީހާން ބަލައި. އަހަރެން... އޭނަ ބަލައި އައިސް އިނދެފަ އެކަކުވެސް ނެތީމަ.... މިއައީ..." ނަތާ ކަންބޮޑުވެފައި ވަކި ވަކި ޖުމްލަތަކުން ކިޔައިދީފައި ފަހަތަށް ޖެހިލައި ރާފިލްއަށް ތަންދެއްކިއެވެ. އޭނާ ވާހަކަ ދެއްކި އިރު ރާފިލް އެސްފިޔަ ޖަހާނުލައި ސީދާ މޫނަށް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ ލަދުވެސް ގަތެވެ. "ތޭންކްސް." ރާފިލް އެތެރެއަށް ވަންނަމުން ބުނެލިއެވެ. ނަތާ އަވަހަށް އަނެއް ފަރާތަށް އެނބުރިފައި ގޮސް ސޯފާ ކައިރީ ހުއްޓުނުތަނާ ރާފިލްވެސް އޭނާ އާއި އެއް ހަމައެއްގައި ހުއްޓުނެވެ. ނަތާ ހާސްވެފައި ހުއްޓާ ރާފިލްގެ މަންމަ ޖީހާން އުރާލައިގެން ނިކުތްތަން ފެނިގެން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ރާފިލް ވާހަކަދައްކަން އުޅެފައި މަންމަ ފެނިގެން އަވަހަށް ކޮޓަރިއަށް ވަންނަން ދިޔައެވެ. 

ޖީހާންގެ މާމަ ޖީހާން ހަވާލު ކުރުމުން ނަތާ ދެން ބެލީ އަވަހަށް އެގެއިން ނިކުމެވޭތޯއެވެ. އޭނާއަށް ޔަޤީންވާ ގޮތުގައި ރާފިލް އާއި އަފްލާކްގެ މެދުގައި ހިނގި މައްސަލަ މިހާރު ދެއާއިލާގެ އެންމެންނަށް އެނގޭނެއެވެ. ރާފިލް މަންމަ ކުރިމަތީ ގިނައިރު މަޑުކުރަން ބޭނުން ނުވީ އެހެންވެއެވެ.

ގެއަށް ދެވުނު އިރު ޖީން އާއި ޝިވަމް ކުޅެން ތިބީ ލިވިންރޫމްގައެވެ. ލަޔާލް އެކުދިންގެ ކައިރީ ސޯފާއަށް ދެފައި ނަގައިގެން ހިޔާލަކަށް ގެއްލިފައި އިނެވެ. ތިރީގައި ފައި ޖެހުމާއެކު ޖީހާންވެސް ދުވެލާފައި ގޮސް ޝިވަމްގެ ކައިރީ އިށީންދެ ކުޅިވަރުގައި ބައިވެރި ވެއްޖެއެވެ. ޔާނިޒް ބާރު ބާރަށް ސިޑިން އަރައިގެން ދިއުމުން ނަތާ ލަޔާލްއަށް ގޮވާލައިފައި އޭނަ ނިކުންނަން ދެން ޖީހާން އުޅޭގޮތްވެސް ބަލާލަ ދިނުމަށް އެދުނެވެ. ލަޔާލް ބޯ ޖަހައިލުމުން އޭނާ ކޮޓަރިއަށް ގޮސް އަވަސް އަވަހަށް ފެންވަރާލައިގެން ތިރިއަށް އައެވެ. ނަތާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލައިގެން ގޮސް ލަޔާލް ކައިރީ އިށީންނަން އުޅެނިކޮށް ސޯފާމަތީ އޮތް އަލްބަމް ލޮލުގައި އަޅައިގަތެވެ. އޭނާ އަލްބަމް ނަގައި ގަނޑު އުކާލުމާއެކު އަޒީ ފެނިގެން ފެންކަޅިވިއެވެ. އެވަގުތު ލަޔާލްވެސް އަލްބަމްއަށް ކަޅި ހުއްޓާލައިގެން އިނދެފައި ކަރުނަ ފުހެލިއެވެ. ނަތާ ގަނޑު އެއްލިއިރު ދެން ފެނުނީ އަފްލާކް އާއި އަޒީގެ ފޮޓޯއެކެވެ. ނަތާ އިސްއުފުލާލިއިރު ލަޔާލް އަނެއް ފަރާތަށް މޫނު އަނބުރާލަނީއެވެ. ނަތާގެ ހިތަށް އަސަރު ކޮށްގެން ލަޔާލްގެ އަތްތިލާގައި ބާރަށް ހިފަހައްޓާލިއެވެ. 

"ލަޔާ ހިތްވަރު އެލުވާނުލާ. އިރާދަ ކުރެއްވިއްޔާ ދޮންބެ އަދި އަހަރުމެންނާއެކު ހެޕީކޮށް އުޅޭނެ ދުވަސް އަންނާނެ." ނަތާ އުންމީދާއެކު ބުނެލިއެވެ. ލަޔާލް ހަތަރުކަޅި ހަމަކޮށްލާފައި ކުއްލިއަކަށް ތެދުވެ ދުއްވައިގެންފިއެވެ. ނަތާ އިސްޖަހާލައިފައި ދެން ހުރި ފޮޓޯތައް ބަލަން އިންދާ ޔަޝާރު އާއި މަފާޒް ގެއަށް ވަދެގެން އައެވެ. އެދެމީހުންނަށް ނަތާ ކުރާކަމެއް ފެނިގެން އައިސް ނަތާގެ ދެފަރާތުގައި އިށީންދެ އެކަމުގައި ބައިވެރިވިއެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން އެކަކު އަނެކަކަށް އެއީ ކޮން ދުވަހެއްގެ ހަނދާނެއް ކަން ބުނެދެމުން ދިޔައެވެ.

"ވަޓް ހެޕެންޑް ޓު ދިސް ފެމިލީ. އެހާ އުފާވެރިކޮށް ސުމޫތްކޮށް ހުރިހާ ކަމެއް ގޮސް ގޮސް އޮތްވާ ހަމަ ކުއްލި އަކަށް ހުރިހާ ކަމެއް ބަދަލުވެއްޖެ." އަފްލާކްގެ ކައިވެނީގެ ދުވަހު އާއިލާގެ ހުރިހާ މެމްބަރުން ނަގާފައިވާ ފޮޓޯއަކަށް ބަލަން މަފާޒް އިނދެފައި ބުނެލިއެވެ. ނަތާ އާއި ޔަޝާރުގެ ނަޒަރު އެމޫނަށް ހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. އެދެމީހުންވެސް ހަމަ އެސުވާލު ސިކުނޑިއާއި ކޮށްލިއެވެ. " ލަޔާލް ހެޕެންޑް." ޔާނިޒް ވާހަކަ ދެއްކި އަޑަށް ތިންމީހުން ބަލައިލިއިރު ހުރީ ދާދި ކައިރީގައެވެ. "ނިޒް ކީކޭ ކިޔަން ތިއުޅެނީ؟" މަފާޒް ފުންމައިގެން ތެދުވެފައި ދެބުމަ ގޮށްޖަހާލައިގެން އެހިއެވެ. ނަތާ އާއި ޔަޝާރުވެސް ކޮޅަށް ތެދުވެފައި އެކަކު އަނެކެއްގެ މޫނަށް ބަލާލުމަށްފަހު ޔާނިޒްއަށް ކަޅި ހުއްޓާލިއެވެ. "މިހުރިހާ ކަމެއްގެ ފަހަތުގައިވެސް ހަމަ އެންމެ މައްސަލައެއް އޮތީ. ލަޔާލްގެ ސަބަބުން ހުރިހާ ކަމެއް މިދިމާވަނީ. ތާކުން ފެންނަ ހާ މީހަކު ގެނެސް ގެއަށްލީމަ ވާގޮތް މިފެންނަނީ. ޖަސްޓް ތިންކް އެބައުޓް އިޓް. ދޮންބެ އެކްސިޑެންޓްވީ އޭނަ އާހެދިއޭ އަމިއްލައަށް ބުނި. ނަތާ އާއި ރާފިލް ވަކިވާން ޖެހުނީވެސް އެ ލަޔާލްގެ ސަބަބުން. ރާފިލް ކިޔައިދިން މަށަށް އެވާހަކަ. ޝާމީ މިގެއިން ނިކުތީވެސް ދެވަނަ އެހެން ކަމެއް ވެގެނެއް ނޫން. އޭނަ މަންމަ އޭނައަށް ގޯސްކަން އެނގޭއިރަށް ޝާމީ އެއީ ވިލަން އަކަށް ހަދަން ޖެހޭތަ؟ ޝާމީގެ ރަނގަޅު ކަމުން ލަޔާލްގެ ލައިފްއަށް ދަތިވެދާނެތީ އޭނަ ލަޔާލް ހުންނަ ގެއެއްގައި ހުންނަން ބޭނުން ނުވީ. އެކަމަކު ޝާމީއަށް ކިހިނެތް އެނގެނީ ލަޔާލް އަކީ އަމިއްލަ ޒާތުގައި ކާރސްއެއްކަން. އަހަރެން ހައިރާންވޭ މިގޭ މީހުން އޭނަ ފޮނުވާ ނުލައި ގެންގުޅޭތީވެސް. ދޮންބެވެސް ދެން ދުވަހަކުވެސް ތެދުވާނެ ކަމެއް އެނގެނީއެއް ނޫން. ދެން ކޮންކަމެއް އޭނަ މިގޭގަ ކުރަނީއެ؟ ރަށަށް ދިޔައީމަ ވީނު. އެޓްލީސްޓް އަހަރުމެންނަށް އަހަރުމެންގެ ލައިފް އަނބުރާ ލިބިދާނެ." ޔާނިޒްގެ ވާހަކަތައް ނިމުނުއިރަށް ނަތާއަށް ކެތްނުވެގެން ކުރިއަށް ޖެހިލާފައި އެމޫނުގައި ޖެހިއަޑު މުޅި ހިސާބަށް ފެތުރުނެވެ. 

ކުޅެން ތިބި ދެކުދީންވެސް ސިހިފައި ލޯބޮޑުކޮށްގެން ބަލަން ތިއްބެވެ. ޖީން، ވާނުވާ އެނގޭ ކުއްޖާ ހުރީ ކިރިޔާ ނުރޮވިއެވެ. މަފާޒް އާއި ޔަޝާރުގެ ނިތަށްވެސް ރޫގިނަވެ ދެބުމަ ގޮށްޖަހާލައިގެން ތިއްބެވެ. ނަތާ ނުޖެހިނަމަ އެތަނުން އެކަކު އެވަގުތު ޔާނިޒް މޫނުމަތީ ޖެހީއެވެ.

"އަޑު އަހަން އުދަނގޫ ދޯ. ކީއްކުރާނީ. ޓުރުތް އިޒް އޯލްވޭސް ބިޓަރ." ޔާނިޒް ކޯތާފަތުގައި ފިރުމާލައިފައި ބާރު ބާރަށް ގޮސް ގޭގެ ދޮރު ހުޅުވާލައިފައި ބޭރަށް ނިކުތެވެ. ނަތާ އެހުރި ގޮތަށް ހުއްޓާ މަފާޒްމެން ކުދިންކޮޅު ގޮވައިގެން މައްޗަށް ދިޔައެވެ. އެކަނިވުމުން ނަތާ ފެންފޮދެއް ބޯންވެގެން ގޮސް ކާކޮޓަރިއަށް ވަދެފައި ހުއްޓުން އެރިއެވެ. ލަޔާލް އޭރު ދުވެފައި ގޮސް ވަންގޮތަށް އިނީ މޭޒު ދޮށުގައެވެ. ޔަޤީނުންވެސް ދެންމެ ޔާނިޒް ދެއްކި ވާހަކަތައް ލަޔާލްއަށް އިވޭނެއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ނަތާއަށް ފުރަތަމަ ތުންފަތުގައި ދަތް އަޅާލެވުނީއެވެ. ޔާނިޒް އެފަދަ އެއްޗެއް ކިޔައިފާނެ ކަމަށް އޭނާވެސް އުންމީދެއް ނުކުރެއެވެ.

"ލަޔާ....ލަޔާ ދެންމެ ނިޒް....." ނަތާ މަޑުމަޑުން ގޮސް މޭޒު ކައިރިއަށް ހުއްޓިފައި ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ ލަޔާލް އަތް އުފުލާލައިފި އެވެ. މޫނު އަނބުރާލިއިރު ލަޔާލްގެ ލޮލުގައި އާދަޔާ ޚިލާފް ކުލައެއް ނެތެވެ. ހީވަނީ ޔާނިޒްގެ ވާހަކަ އެއީ ތެދެއް ކަމުގައި ލަޔާލް އަމިއްލައަށްވެސް ޤަބޫލު ކުރާ ހެންނެވެ. ނަތާ ހިމޭންވެފައި ހުއްޓާ ލަޔާލް އިރުކޮޅަކުން ނިކުމެގެން ދިޔައީއެވެ.

ރޭގަނޑު ނުވައެއް ޖަހާލާހާ އިރު ކުދިންކޮޅު ނިދުމުން ގޭތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވެގެން އައެވެ. ބޭރުން މީހަކު ނުވެސް ފެންނަނީއެވެ. ނަތާ ކޮޓަރީގައި އޮތްވާ ދޮރުފަތުގައި މީހަކު ޓަކި ޖަހައިލުމުން ތެދުވެގެން ގޮސް ހުޅުވާލިއެވެ. "ރާމިޒައްތާ އަހަރެން މިރެއަކު ނުކާނަން." ރާމިޒާ ފެނިގެން ނަތާ ހީކުރީ ކާން ހޯދަން އައީ ކަމަށެވެ. އެހެންވެ އަވަހަށް މަނާ ކުރިއެވެ. "ކާން ހޯދާކަށް ނޫން މިއައީ. އެކަމަކު ބޭނުން އިރަކު ކެވޭ ގޮތަށް ކާއެއްޗެހި ތައްޔާރުގަ ހުންނާނެ." ރާމިޒާ ނަތާއަށް ރައްދު ދީފައި އެއްފަރާތަކަށް މޫނު އަނބުރާލުމުން ޑްރައިވަރ ފެންނަ ހިސާބަކަށް ނިކުތްއިރު ނިކަން ބޮޑު މާބޮނޑިއެއް އަތުގައި ހުއްޓެވެ. "ތީ....ކޮންކަމެއް؟" ނަތާ ހައިރާންކަމާއެކު ސުވާލު ކުރިއެވެ. "ނަތާއަށް މީހަކު ފޮނުވާފަ ހުރި އެއްޗެއް." ރާމިޒާ އިޝާރާތް ކޮށްލުމުން ޑްރައިވަރ މާބޮނޑި ނަތާއަށް ދިއްކޮށްލިއެވެ. ހައިރާންވެފައި ހުރެގެން ނަތާ މާބޮނޑީގައި ހިފާފައި އެތެރެއަށް ވަދެ އެއް އަތުން ދޮރުލައްޕާލިއެވެ. ތާޒާ ރަތް ފިނިފެންމާ ތަކުގައި އިނގިލިތަކުން ފިރުމާލަން އެނދުގައި އިންދާ މޯބައިލް ރިންގް ވާން ފެށިއެވެ. ނަތާ މާބޮނޑި ޑްރެސިންޓޭބަލް މަތީ ބައިންދާފައި ފޯނު ހިފައިގެން ނިކުމެލީ ބެލްކަންޏަށެވެ. ސްކްރީނަށް އަރާފައިވާ ނުދަންނަ ނަންބަރަށް ބަލަން ހުރެލައިފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން އެއްވެސް މީހަކު ވާހަކަ ދައްކާ އަޑު ނުއިވޭތީ އަނގައިން ނުބުނަން ހުރެފައިވެސް އެންމެ ފަހުން ހަލޯއޭ ބުނެލައިފި އެވެ.

މައްސަލައެއްތަ މިގޮތަށް އަހަރެން ގުޅުން؟" ރާފިލް ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނުސީދާ ބަހުން އޭނާ އޮޅުން ފިލުވަން ބޭނުން ވެފައި ހުރީ ނަތާގެ ހިތް ހުސްތޯއެވެ. "ނޫނޭ. މައްސަލައެއް ނޫން." ރާފިލްގެ އަޑު ފާހަގަ ވުމުން ނަތާއަށް ބުނެލެވުނެވެ. ލިބުނު އުފަލަކުން އޭނާއަށް ހީގަނެވުނެވެ. އެކަމަކު އެހާ އަވަހަށް އެކަން ފައުޅު ނުކުރަން ވެގެން އަވަހަށް ފޯނުގައި އަތްއަޅައި އަޑު ނީވޭނެހެން ހެދިއެވެ. "ކީއްވެ ހެނީ؟" ރާފިލް ސުވާލު ކޮށްލި އިރު ނަތާ ހުރީ އަނެއް އަތުން ހިތާއި ދިމާލު މޭގައި ހިފަހައްޓާލައިގެންނެވެ. ލޮލުގައި އުފާވެރި ކަމުގެ ކަރުނަ ހިނގާލިއިރު އެތެރެހަށީގައި ބަޔާން ކުރަން ދަތި ފޮނި މީރުކަމެއް ދައުރު ވާން ފަށައިފިއެވެ. "މަޖާ ކަމެއް ހަނދާންވީ." ނަތާ ދޮގެއް ހަދާލިއެވެ. "ދެން؟" ރާފިލްވެސް ހީވަނީ ވާހަކަ ދައްކަން އުދަނގޫ ވެގެން އުޅޭހެންނެވެ. އެހާ ދުވަސްފަހުން ދިމާވުމުން ދައްކާނެ ވާހަކަ ގިނަކަމުން ވެގެން އުޅޭ ގޮތެއް ނޫން ކަމެއްވެސް ނޭނގެއެވެ. 

"ކިހިނެތް ހާލު؟" ނަތާ މިފަހަރު އިސްނަގައިގެން ސުވާލެއް ކޮށްލިއެވެ. "ރަނގަޅު. ނަތާ ކިހިނެތް؟" ރާފިލްވެސް ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ. "ވަރަށް ރަނގަޅު..." ނަތާ ޖަވާބުދިނެވެ. އޭނާ އަށް އެއްތާކު މަޑުން ހުންނަން އުދަނގޫ ވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. "ބައްދަލު ކޮށްލަން ކިހިނެތް ހަދަންވީ؟" ރާފިލް އެހިސާބުން ގުޅި ބޭނުމާއި ދިމާއަށް ވާހަކަ ގެންދިޔައެވެ. "ހަމަ ރަނގަޅު ގަޑިއެއް ބަލާފަ މީޓް ކުރަންވީ." ނަތާއަށް ގިނަ ފަހަރަށް ހުރެވެނީ ނޭވާވެސް ހިފަހައްޓާލައިގެންނެވެ. "އޯލްރައިޓް ދެން. ކިހިނެތްވާނެ މިހާރު؟" ރާފިލް ކެތްތެރިކަން ކުޑަވެފައިވާ މިންވަރު އެވާހަކައިން ދޭހަވިއެވެ. ނަތާ ޖަވާބު ދިނުމުގެ ކުރީން ފޯނު ދުރުކޮށްލައިގެން ބަލަން ހުރެލާފައި ގެނެސް މޭގައި ޖައްސާ ފިއްތާލިއެވެ. އޭނާ އަލުން ފޯނު ކަންފަތުގައި ޖެހިއިރު ރާފިލް ދެތިން ފަހަރަށް ހަލޯއޭ ބުނެލައިފިއެވެ. "ޓެން މިނިޓްސް ދީ. އަހަރެން ރެޑީވެގެން ނިކުންނާނަން." ނަތާ އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި އެއްބަސްވިއެވެ. ރާފިލް އެހާއިރުން ބައްދަލުވާނެ ކަމަށް ބުނެފައި ފޯނު ބޭއްވުމުން އޭނާ އަވަހަށް އެތެރެއަށް ދާން އެނބުރިލާފައި ސިއްސައިގެން ގޮސް އަނެއްކާ ރެއިލިންއާއި ގާތްވެލައި ތިރި ބަލާލިއެވެ. ނަތާއަށް ފެނުނީ ލަޔާލް ސޫޓް ކޭސް ޑްރައިވަރާއި ހަވާލު ކޮށްފައި ކާރަށް އަރަނިކޮށެވެ. ލަޔާލް އުރުގައި ޝިވަމްވެސް އިނެވެ. ދެލޯ ބޮޑުކޮށްލުމާއެކު އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. 

ނަތާ ކޮޓަރިން ނިކުމެގެން ބާރު ބާރަށް ދުވެފައި ތިރިއަށް ދެވުނުއިރު ކާރު ގޭޓުން ނިކުމެގެން ގޮސް ލޯމަތިން އޮބާލައިފިއެވެ. އޭނާ ބާރު ބާރަށް މަފާޒް އަށާއި ޔަޝާރުއަށް ގޮވަނިކޮށް ބޭރުން އެތެރެއަށް ވަނީ ރާމިޒާއެވެ. "ރާމިޒައްތަ ކޮންތާކުން ތިއައީ؟ ދުށިންތަ ދެންމެ ލަޔާލް ކާރުގައި ދަނިކޮށް؟" ނަތާ ސުވާލު ކޮށްލުމުން ރާމިޒާ އިސްޖަހާލިއެވެ. "ލަޔާލް މިގެ ދޫކޮށްފައި ރަށަށް އެދަނީ. ދައްތަ ކައިރީ ވަރަށް އާދޭސްކޮށްފަ އެދުނީ އޭނަ ދާ ވާހަކަ މިގޭ މީހުންނަށް ސިއްރު ކޮށްދިނުމަށް." ރާމިޒާ ޖަވާބު ދިނެވެ. "ނޯ ވޭ." ނަތާއަށް ބުނެވުނެވެ. އޭނާ ދުވެފައި ސިޑިން އަރައިގެން ގޮސް މަފާޒްމެން ކޮޓަރި ދޮރުފަތުގައި ތަޅައިގަތުމުން ޔަޝާރު އައިސް ދޮރު ހުޅުވިއެވެ. "ލަޔާލް ދެންމެ ސޫޓްކޭސް ހިފައިގެން ގެއިން ނިކުމެއްޖެ. މިއަދު ކުޑަބެ ދެއްކި ވާހަކަ އިވިގެން ރަށަށް އެދަނީ." ނަތާ ހާސްކަމާއެކު އެއްނޭވައިން އަމުނާލިއެވެ. އަލަމާރި ކައިރީ ހުރެފައި މަފާޒްވެސް އައިސް އޭރު ނަތާ ކުރިމަތީ ހުއްޓެވެ. "އަހަރެން އަންނާނަން ލަޔާލް އަތުވެތޯ ބަލާފަ. ޔަޝާރު ލަޔާލް ބައްޕަމެނަށް އެކަން އަންގާ." މަފާޒް ކޮޓަރިން ނިކުމެގެން ހަރުކޮށް ސިޑިއާއި ދިމާއަށް ދާން ފެށުމުން ނަތާ ހުއްޓި ހުރެލާފައި އަނެއް ފަރާތަށް ދުއްވައިގަތެވެ.

ނަތާއަށް އަފްލާކްގެ ކޮޓަރިއަށް ދެވުނުއިރު މައިނޭވާ ލެވިއްޖެއެވެ. އޭނާ އެކޮޓަރީގެ ދޮރު ހުޅުވާލައިފައި އަވަހަށް ގޮސް އަފްލާކް ކައިރިއަށް ހުއްޓުނެވެ. "ދޮންބޭ ލަޔާލް ގެއިން ނިކުމެއްޖެ. އޭނަ އަހަރުމެން އެންމެން ދޫކޮށްލާފަ ރަށަށް ދަނީ. ހެޔޮނުވާނެ ދޮންބޭ ދެން ތެދުވަން އުޅޭ. ލަޔާލް އެދަނީ އަބަދުގެ އަބަދަށް. ދޮންބެ އޭނަ ނުހުއްޓުވައިފިއްޔާ ލަޔާ ދެން އެނބުރި ނާންނާނެ. ދޮންބެ ތިގޮތުގައި އޮތްހާ ދުވަހަކު ލަޔާލް ދެން މިގެއަކަށް ނާންނާނެ. ޕްލީޒް ދޮންބޭ ލަޔާއަށްޓަކައި ލޯ ހުޅުވަބަލަ. ލަޔާދެކެ ދޮންބެވާ ލޯއްބައްޓަކައި ކުޑަ ހިތްވަރެއް ކޮށްލާ." ނަތާ އަފްލާކްގެ އަތުގައި ހިފާލައިގެން ހުރެ ރޮވިފައިވާ އަޑަކުން ބުނަމުން ދިޔައެވެ. އޭނާގެ ލޮލަށް ކަރުނަ ގިނަވެގެން ކޯތާފަތް މަތިން ތިރިއަށް ރޮނގު ދެމެން ފެށިއެވެ. އެވަގުތު ދޮރު ހުޅުވާލައިފައި ވަން ނޫރީ ބަލަން ހުރެފައި ކުއްލިއަކަށް ދުއްވައިގަނެގެން އައިސް އީސީޖީ މެޝިނުން ފެންނަމުން ދިޔަ ވޭވްތަކަށް ނަޒަރު ހުއްޓާލިތަން ފެނިގެން ނަތާގެ ސަމާލުކަންވެސް އެދިމާއަށް ދިޔައެވެ. 

ނަތާއަށް ފާހަގަ ކުރެވުނީ ކުރިއާއި ޚިލާފަށް ވޭވްތަކުގެ ދުރުމިން ކުރިއަށްވުރެވެސް ދުރުވެފައި މަދުވިކަމެވެ. އޭގެ މާނަ އޭނާއަށް ކޮންމެވެސް ވަރަކަށް ލަފާކޮށްލެވުނެވެ. "އޯ މައި ގޯޑް!" އެވަގުތު ނޫރީ ތެޅިގެންފައި އެތާ ހުރި އިތުރު މެޝިނެއް އޮން ކޮށްލައިގެން އަފްލާކްގެ ހަށިގަނޑަށް ކަރަންޓް ޝޮކް ދޭން ތައްޔާރުވި ތަނާ އިސީޖީ މެޝިންގެ އަޑު ގަދަވެގެން ނަތާ އާއި ދެމީހުން އެއްފަހަރާ ބަލާލިއެވެ. މިފަހަރު ވޭވްތައް އިތުރުވެގެން ދުރުމިން ގާތްވެގެން އައީ އެމީހުން ބަލަން ތިއްބައެވެ. "ނައު ވަޓް؟" އެވަގުތު ނޫރީގެ މޫނުން ހަމަޖެހުމުގެ ކުލަ ފެނިގެން ނަތާ އަހާލިއެވެ. ދެވަނަ ސިކުންތުގައި ނަތާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާގެ މުށުތެރޭގައި އޮތް އަފްލާކްގެ އަތުގެ އިނގިއްޔެއް ހަރަކާތް ކޮށްލިކަން އޭނާއަށް ރަނގަޅަށް އިހްސާސްވިއެވެ. ދެލޯ ބޮޑުކޮށްފައި އެއަތަށް އޭނާ ބަލާލިއެވެ. އަފްލާކް ޝަހާދަތް އިނގިލި ހަރަކާތް ކޮށްލިތަން މިފަހަރު ރީތިކޮށް ފެނުނެވެ.

ކޮމެންޓް 0