އަފްލާކް ސީރިއަސްކަމުގައި އިރުކޮޅަކު ހުރެލާފައި ކުއްލިއަކަށް ހީގެންފިއެވެ. ހީވީ ލަޔާލްއަށް ޖޯކެއް ކިޔައިދެވުނު ހެންނެވެ. ވަގުތުން ލަޔާލްގެ ކުލަ ރީނދޫވެގެން ދިޔައެވެ. މޫނުމަތީގައި އަފްލާކް ގޮށްމުށުގެ އެތިފަހަރެއް އަޅާލި ނަމަވެސް އެހާ ރައްކެއް ނުވީހެވެ. އަފްލާކް އަނެއް ފަރާތަށް މޫނު އަނބުރާލައިގެން ހެމުން ހެމުން އޭނާ ފަސްއެނބުރި ދާން ފެށުމުން ލަޔާލް ތުން އޫކޮށްލިއިރު ލޮލަށް ކަރުނަ ގިނަވެފައި ވިއެވެ. އަފްލާކް ރަނގަޅަށްވެސް ސާބިތު ކޮށްދީފިއެވެ. އެހިތުގައި އޭނާއަށް ކުޑަވެސް މަޤާމެއް ނެތެވެ. ނޫންނަމަ ދެންމެ އޭނާ ހާމަކުރި ސިއްރު އެނގިގެން އެގޮތަށް ނުހޭނެއެވެ. 

"ވަޓްސް ސޯ ފަނީ؟" ލަޔާލްގެ ކެތްތެރިކަން ކުޑަވެގެން ބާރަށް އަހާލިއެވެ. އޭނާ ނުރޯންވެގެން މިންނެތް މަސައްކަތް ކުރަމުން ދިޔައިރުވެސް ކަރުނަތައް ހީވަނީ ދެންމެ ދެންމެ އޮހިގެންފާނެ ހެންނެވެ. އަފްލާކް ގަދަކަމުން ހިނިގަނޑު ކޮންޓްރޯލް ކޮށްފައި އެނބުރި އައިސް ހުއްޓުނުއިރު ލަޔާލް ހުރީ ތުންފަތުގައި ނިކަން ބާރަށް ދަތް އަޅައި ހިފަހައްޓާލައިގެންނެވެ. "ހަމަ ތެދެއް މިބުނަނީ އަހަރެން ނޫޅޭނަން ދެން މިތާކު. ޑިވޯސް ވެގެން އަހަރެން ވާނީ ހަމައެކަނި މާހިންގެ މީހަކަށް. ލާކް ހީކުރާހާ ގޮތެއް ދެން ނުވާނެ." ލަޔާލް ހީވަނީ އަފްލާކްއަށް ޔަޤީން ކޮށްދޭން އުޅޭހެންނެވެ. "ޔޫ އާ ބްލަފިން." ހަތަރުކަޅި ހަމަކޮށްލި އިރު އަފްލާކްގެ މޫނުގައި ސާބިތުކަން ވިއެވެ. 

"ތި ހީވަނީ އަހަރެންނަށް ނުކެރޭނެ ކަމަށްތަ؟ އަދި އަހަރެންނަކީ ކާކުކަން ނޭނގިގެން ތިއުޅެނީ." ލަޔާލް ހިސާބަކަށް ހަމަޖެހިގެން ހިނިތުންވެލައިފައި ގޮސް އަނެއްކާވެސް ކޭކުކޮޅެއް ނަގައި ކާލައިފިއެވެ. އިނގިލި އަނގައަށް ލައިގެން ލޮވެލަން ހުއްޓާ އަފްލާކް އައިސް ފަހަތުގައި ހުއްޓިފައި ބަނޑުގައި އަތް ޖައްސާލުމުން ތެޅިގެންފައި އެމޫނަށް ބަލައިލިއިރު ދެލޯ ހުރީ ބޮޑުވެފައެވެ. އެވަގުތު އަފްލާކްގެ ތުންފަތުގައި ވި ހިނިތުންވުން އޭނާގެ ހިތުގައި ތޫފާނެއް އުފައްދައިފިއެވެ. "ކީއްކުރަން ތިއުޅެނީ؟" އަފްލާކް އޭނާ ގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން ގުދުވެލި ގޮތުން ކުރިއަށްވުރެވެސް ބިރުގަތެވެ. "ސްވީޓް ހާޓް. ޑެޑީ އިންތިޒާރު މިކުރަނީ ފެންނާނެ ދުވަހަކަށް. އައި ލަވް ޔޫ." އަފްލާކް އޭނާގެ ބަނޑުގައި ބޮސްދީފައި ބުނެލި ވާހަކައިން ލަޔާލްގެ މޫނު މައްޗަށް އަނދިރިވެގެން ދިޔަ ކަހަލައެވެ. އަފްލާކްއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އިތުރަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އޭނާ ހުއްޓައި އަފްލާކް ތެދުވެ ހިންދެމިލައިފިއެވެ. "އަހަރެން ދޫކޮށްލަން ލަޔާލްއަށް ނުކެރޭނެއެކޭ ނޫން. އެކަމަކު ހިތުގައި ކުލުނެއް ހުރި އެއްވެސް މަޔަކަށް ނުކެރޭނެ ތިމާގެ ތުއްތު ދަރިފުޅު އެއްލައިލާފައި ދާކަށް. އެން އައި ހޭވް ފެއިތް ލަޔާލް ނުވާނެ އެހާ އަނިޔާވެރި އަކަށް." އަފްލާކް ސީރިއަސްވެފައި ބުނެލި ގޮތުން ލަޔާލް ހިތަށް ފުން އަސަރެއް ކޮށްފިއެވެ. އަފްލާކް އަދި އޭނާ އާއިމެދު ކޮންމެ ގޮތަކަށް ދެކުނު ކަމުގައިވިއަސް އޭނާގެ "ކެރެކްޓަރ" އާއިމެދު އެގޮތަށް ދެކޭކަން އެނގުމުން ފާޑެއްގެ ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ. އެކަމަކު އެއީ އަފްލާކްއަށް އިތުރުވާ ޕްލަސް ޕޮއިންޓަކަށް ވާން އޭނާއަކަށް ދޫކޮށެއް ނުލެވޭނެއެވެ. 

"އިން ދެޓް ކޭސް... އަހަރެން އަދިވެސް ބުނާނީ ލާކްއަށް އަހަރެންނަކީ ކާކުކަން އަދިވެސް ނޭނގެއޭ. އަހަރެންނަކީ އަހަރެންގެ މަންމަގެ ދަރިއެއް." ލަޔާލް ދަތްދޮޅި އުފުލާލައިގެން ޖަވާބު ދިނެވެ. "ކޮބާ ތީގެ މާނައަކީ؟" އަފްލާކްގެ ނިތަށް ރޫ އަރުވައިލަމުން ސުވާލު ކުރިއެވެ. އޭނާއަށް ލަޔާލްގެ މަންމަ އާއި ބެހޭގޮތުން އަދި އެކައްޗެއްވެސް އޮޅުން ފިލާފައި ނުވާކަން ހިތަށް އެރި ހިސާބަކީ އެއީއެވެ. އޭނާ އެސުވާލުގެ ޖަވާބު ހޯދަން ނުހަނު ޝައުޤުވެރިވެފައި ލަޔާލްއަށް ބަލަން ހުއްޓެވެ.

"އަހަރެންގެ މަންމަ އަހަރެން ދޫކޮށްލާފައި އައީ އުމުރުން އެންމެ އަހަރެއްގައި. އެމަންމަ ފަސްއެނބުރި ބަލައިވެސް ނުލާ. އެންމެ ފަހަރަކުވެސް ހިޔާލެއް ނުކުރޭ އަހަރެންނަށް ވާނެ ގޮތާއި މެދުގައެއް. ސިކުންތުކޮޅެއްވެސް އަހަރެންނާއި މެދު ފިކުރު ކުރުމުގައެއް ހޭދައެއް ނުކުރޭ. ބައްޕަދެކެ ކުރި ނަފްރަތުގެ އަމާޒު ފަތްގަނޑަކަށް އަހަރެން ވީ ބަނޑުގައި އަށަގަތް ދުވަހުން ފެށިގެން. ބައްޕަގެ އަމިއްލަ އެދުމަށްޓަކައި މަންމަ ޔޫސް ކޮށްލާފައި އެއްލާލީ ލާކްވެސް ކަންތައް ކުރި ގޮތަށް. އަހަރެން އުފަންވީ ދުވަހުއްސުރެ މިއަދާއި ހަމައަށްވެސް ބައްޕަ ކުރި ކުށުގެ ސަޒާ މިދަނީ ލިބިގަންނަމުން." ލަޔާލް ވާހަކަ ނިމުނުއިރު ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔައެވެ. އިތުރަށް ކެތް ނުކުރެވިގެން މޫނުގައި އަތް އަޅައިލާފައި އަނެއްފަރާތަށް އެނބުރުނު އިރު ބާރަށް ރޮވިއްޖެއެވެ. އަފްލާކްގެ ހިތަށް ކެތް ނުވެގެން ލަޔާލް ކޮނޑުގައި ހިފާލަން އުޅުނެވެ. ފަސް ޖެހޭ ގޮތްވެގެން ބާރަށް މުށް ކަވައިލާފައި އަނެއް އަތްތިލައިގައި ދެފަހަރެއްގެ މަތިން ޖަހާލެވުނެވެ. އަންހެން ކުއްޖަކު ރޯތަން ފެނި ދުވަހަކު މިހާ އަސަރެއް ނުކުރެއެވެ. ހިތް ހަލާކުވާފަދަ ރުއިމުގެ އަޑުން އަފްލާކްގެ ކަންފަތަށް ކަށިތަކެއް ހަރަން ފެށި ކަހަލައެވެ. ދެރަވެގެން ކަރު އެލުވާލައިފައި އޭނާ ދެކޮޅަށް ހިނގާލިއެވެ. ފެންކަޅިވި ލޮލުގެ ކަނަކުން ކަރުނަ ތިއްކެއް ފޭދިގެން ވެއްޓުމުގެ ކުރީން އަވަހަށް ބޮޑު ވައި އިނގިލިން ކަން ފުހެލާފައި އޭނާ ޖީބަށް ދެއަތް ޖަހާލައިގެން ހުއްޓުނެވެ. 

އިރުގަނޑެއް ވީއިރުވެސް ލަޔާލްގެ ރުއިމަށް ބަދަލެއް ނައުމުން އެންމެ ފަހުން ލަޔާލްގެ ކައިރިއަށް ޖެހިލައި އެތުނި ހަށިގަނޑު ގައި ބައްދާލައިފިއެވެ. ފުރަތަމަ ސިއްސައިގެން ގޮސް ލަޔާލް ދުރަށް ދާށޭ ކިޔައިގެން ގަދަ ދެއްކިއެވެ. އެވަރުންވެސް އަފްލާކް ދޫނުކޮށް ބާރަށް ބައްދާލައިގެން ހުރުމުން ޖެހުނީ ގޮތް ދޫކުރާށެވެ. އަފްލާކްގެ ބާރުގެ ކުރިމަތީގައި އޭނާ އެއީ އެކައްޗެއްވެސް ނޫންކަން ގަބޫލު ކުރާށެވެ. ބޭކާރު ކަމެއްކަން އިހްސާސް ވެގެން އިރުކޮޅެއްވީއިރު ލަޔާލް މައިތިރި ވެއްޖެއެވެ. 

ލަޔާލް ހަމައަކަށް އެޅި ކަރުނަތައް ކޮންޓްރޯލް ވީ ފަހުން އަފްލާކް ދުރަށް ޖެހިލާފައި ނިދަން ދާން ހިގާށޭ ބުނެ އަތްދަނޑި މައްޗަށް އުފުލާލައިގެން ހިނގައިގަތުމުން ލަޔާލް އޮތީ ނުހަނު ކައިރީން އެމޫނަށް ބަލާށެވެ. އޭނާ ކޮންމެހެން ދެކޮޅު ހަދާކަށް އެވަގުތު ނޫޅެއެވެ. އަފްލާކްގެ ކަނދުރާގައި އަތް އަޅުވާލައިގެން އެސްފިޔަވެސް ޖަހާނުލައި އޮތެވެ. ކޮޓަރި އާއި ހަމައަށް ގޮސް ތިރީގައި ބަހައްޓައިލުމުން ވަދެގެން ގޮސް ލަޔާލް އަލަމާރިން ނިދާ ހެދުން ނަގައިގެން ފާޚާނާއަށް ވަނެވެ. ނިކުތްއިރު އަފްލާކް ފުން ވިސްނުމެއްގައި އެނދުގައި އިނީ ނިދަންލާ ހަރުވާޅާއެކު ހުސްގަޔާ ހަދާލައިގެންނެވެ. "އާދޭ އޮށޯންނަން. އުދަނގުލެއް ނުކުރާނަން. އައި ޕްރޮމިސް." ލަޔާލް އެނދާއި ކައިރި ވެލައިފައި ފާޑަކަށް ބަލައިލިތަން ފެނިގެން އަފްލާކް ބުނެލިއެވެ. އޭނާ އިސްޖަހައިލާފައި އައިސް އެނދަށް އަރައި އޮށޯވެލުމުން އަފްލާކް އޯގާތެރި ފިރިއެއްހެން ގައިމަތީ ރަޖާ އަޅައިދިނެވެ. ލޯމަރައިލަމުން އޭނާ އަފްލާކްއަށް ފުރަގަސްވާ ގޮތަށް އަރިއަކަށް ޖެހިލައިގެން އޮތެވެ. އިރުކޮޅަކުން އަފްލާކް ތެދުވެގެން ދިޔަކަން އިހްސާސް ވެގެން ހިތްހަމަ ޖެހިގެން ނިދޭތޯ މަސައްކަތް ފެށިއެވެ.

ފޯނު ހިފައިގެން އަފްލާކް ނިކުމެލީ ބެލްކަންޏަށެވެ. ދެފިކުރެއްގައި ހުރެފައި އޭނާ ނަންބަރަކަށް ޑައިލް ކޮށްލައިގެން ކަންފަތުގައި ޖެހިއެވެ. އެކޮޅުން ފޯނު ނެގި ހިސާބުން އަފްލާކް ވާހަކަ ދައްކަމުން އިރުކޮޅެއް ވާންދެން ދެކޮޅަށް ހިނގާލިއެވެ. ފޯނު ނިންމާފައި ތިރިއަށް ދިޔައިރު ލޮލުގައި ވިދުމެއް ވިއެވެ. އޭނާ ގޮސް ބަދިގެއަށް ވަދެ ކޮފީ އެއް ހަދާލައިގެން ނިކުންނަން އައިސް ހުއްޓެވުނީ ނަތާގެ ކުރިމައްޗަށެވެ. އެންމެން ނިދައި ހިމޭން ވުމުން ނަތާވެސް ނިކުތީ ކޮފީއެއް ހަދާލަން ވެގެންނެވެ. ރާފިލް އާއި ވަކިވެގެން އައި ފަހުން ހިނދު ކޮޅަކަށްވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ވީއިރު ނިދުން އެއީ ކިހިނެތް ވާން އޮތް ކަމެއް ހެއްޔެވެ؟ 

އެވަގުތު އަފްލާކްގެ މޫނު ފެނިފައި ނަތާ ބިރުން އަނެއް ފަރާތަށް އެނބުރި ދާން ހީކޮށްލިއެވެ. އެންމެންގެ ކުރިމަތީގައި އަދި ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިއަސް އެގޮތަށް އަފްލާކް އާއި ދެމީހުން އެކަނި ދިމާވުމުން އޭނާ ޖެހިލުންވިއެވެ. އަފްލާކްގެ މިޒާޖުގައި އަބަދުވެސް ހަރުކަށި ގޮތެއް ހުންނަކަން ނަތާ ދަނެއެވެ. "ނަތާ!" އަފްލާކް ގޮވައިލި ނަމަވެސް ނަތާ ނުހުއްޓުނެވެ. އޭނާގެ މަޤްސަދަކަށް ވީ އަވަހަށް ގޮސް ފިލާ ރައްކާވުމެވެ. ކާމިޔާބު ވާ ގޮތް ނުވީ އަފްލާކް ދިގު ފިޔަވަޅެއް އަޅާލައިފައި ކުރިއަށް ޖެހިލައިގެން އޭނާގެ އަތުގައި ހިފާލުމުންނެވެ. "ނަތާ ޕްލީޒް. ދޮންބެއާއި ވާހަކަ ދައްކަބަލަ!" އަފްލާކް އާދޭހާއެކު އެދުނެވެ. ނަތާ އެނބުރި ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. ހިތަށް އެރިއެވެ. އެހެން އެބުނީ ހަމަ އަފްލާކް ހެއްޔެވެ؟ "އަހަރެން ދައްކާނެ ވާހަކައެއް ނެތް." ނަތާ އިތުރަށް އެމޫނަށް ނުބަލަން އިސްޖަހާލިއެވެ. "އަޑުއެހިދާނެ އެއްނު." އަފްލާކް އިތުރަށް އެދުނެވެ. ދެކޮޅު ހަދަން ނުކެރިގެން ނަތާ ބޯ ޖަހާލި ހިސާބުން އަފްލާކް އެއަތުން ދޫކޮށްލައިފައި އަނެއްކާ ވަދެ މޭޒު މަތީ ކޮފީ މަގު ބަހައްޓައިގެން ގޮނޑިއެއްގައި އިށީންދެލިއެވެ. ނަތާ މަގެއް ނަގައިގެން އިތުރު ކޮފީއެއް ހެދުމުގެ މަސައްކަތް ފެށިއިރު އަފްލާކް އިނީ ބަލާށެވެ. 

"ނަތާ ޤަބޫލު ކުރަންތަ ދޮންބެ އާއި ބައްޕަ އާއި މިގޭ އެންމެންވެސް ނަތާ ދެކެ ވަރަށް ލޯބިވާކަން؟" އަފްލާކް ފުރަތަމަވެސް ބުނެލިއެވެ. "އޮފްކޯސް." ނަތާ އެނބުރި ބަލައިލާފައި ޖަވާބުދިނެވެ. "އެކަކުވެސް ނޭދޭ ނަތާއަށް ދެރައެއް ލިބޭކަށް. ބައްޕަ އާއި ދޮންބެގެ ކޮންމެ ނިންމުމެއް ނިންމާނީ ނަތާއަށް ރަނގަޅަކަށް. ޤަބޫލު ކުރަން ފަހަރެއްގައި ދަތިވެދާނެ. އެކަމަކު މީ ހަޤީޤަތަކީ. ދޮންބެ އެއްފަހަރުވެސް ނުބުނަން ރާފިލް އަކީ ގޯސް މީހެކޭ. އެކަމަކު ކިތަންމެ ރަނގަޅު މީހަކަށްވެސް ގޯސްކަމެއް ކުރެވިދާނެ. ދޮންބެމެންނަށް ސިއްރުން ނަތާ އާއި ގުޅުން ބާއްވަން އޭނަ މަސައްކަތް ކުރި ހިސާބުން އެއޮތީ ގޯސް ހެދިފަ. އެންމެ ފުރަތަމަވެސް އޭނައަށް ނަތާ ކަމުދާކަން ފެމެލީ ކައިރީ ބުނެ ރުހުން ހޯދި ނަމަވެސް މިގޮތަކަށް ކަންތަކެއް ނުހިގާނެ. ދެން އޮތީ ދެމީހުންގެ އުމުރު ތަފާތުކަން. ނަތާއަށްވެސް މިހާރު އެނގިފަ އޮންނާނީ އެއުމުރުގެ ފިރިހެނުން ގެ ތަފާތު އެދުންތައް ހުންނާނެ. ދޮންބެއަށް ކަމުނުދިޔައީ ރާފިލް އެހާ ސެލްފިޝްވީމަ. ނަތާ އަކީ ކުޑަ ކުއްޖެއްކަން ވިސްނާނުލީމަ. ކައިވެންޏަކާއި ނުލައި ކޮށްގެން ނުވާނެ ކަންތައްތައް އެހުންނަނީ. ދެން މިވާހަކަ ދެއްކިއަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެ. އެކަމަކު ނަތާ ވާނެ ގަބޫލު ކުރަން ދޮންބެ އާއި ބައްޕަ ނަތާ ފޮނުވައިލަން މިއުޅެނީ ކޮންމެހެން ރާފިލް އާއި ދުރުކުރަން ނޫންކަން. ތިއުމުރުގައި ލޯބީގެ ކަންތައްގަނޑެއް ކުރިއަށް ގެންދަން ވެއްޖެއްޔާ ކިއެވުމަށްވެސް ބުރޫ އަރާތަން ފެންނާނީ. ކޮންމެ ކަމަކަށްވެސް ވަކި އުމުރެއް އޮންނާނެ. އަދި މީ ކިޔަވަން ވީ އުމުރު. ކިޔަވާ ނިމިގެން ނަތާ އަންނައިރު ހުންނާނީ ފުރާ ފުރިހަމަ ވެފައި. ކައިވެންޏަކާއި ހަމައަށް ދެވޭވަރު ވެފަ. އެހާ ވަންދެން ރާފިލް މިހާރުވެސް ހުރިގޮތަށް ހުރެވިއްޖާ ދެން އޮތީ އުފާވެރިކަން. ޓްރަސްޓް މީ ނަތާ! ބައްޕަވެސް ނަތާ އާއި ރާފިލްގެ ގުޅުމާއި ދެކޮޅެއް ނުހަދާނެ." އަފްލާކް ނުހަނު އޯގާތެރި އަޑަކުން ވާހަކަ ދެއްކިއެވެ. ނަތާ ކޮފީ މަގު ހިފައިގެން އައިސް ކުރިމަތީގައި އިނީ ނިކަން ގަޔާވެފައެވެ. އެކަމަކު އަފްލާކްގެ ފަހު ޖުމްލަތައް އަހާފައި އެމޫނަށް ހިސާބެއްގެ ކިލަބުކަމެއް ވެރިވެގެން އައެވެ. 

"ކީއްވެގެންތަ އެންމެންނަށް ހީވަނީ ރާފިލްއަށް އަހަރެން ނިމޭންދެން އިންތިޒާރު ނުކުރެވޭނެއޭ؟" ނަތާ ކޮފީ މަގުގެ ބޭރުގައި ނިޔަފަތި ތަކުން ބާރަށް ހާކައިގަންނަމުން ސުވާލު ކުރިއެވެ. އަފްލާކް ޖަވާބު ދޭން ވެގެން ވިސްނާލިއިރު ނަތާ އިނީ ބަލަހައްޓައިގެންނެވެ. "ވަގުތު ހިނގާހެން ބައެއް ފަހަރު މީހުންވެސް ބަދަލު ވާނެ." އަފްލާކްގެ ބޭނުމަކީ ނަތާ ނާއުންމީދު ކުރުމެއް ނޫނެވެ. އެކަމަކު ހަޤީޤަތް ބުނެ ދިނުމެވެ. އެއް އަހަރަކީވެސް މީހަކު ބަދަލު ވާން ދިގު މުއްދަތެކެވެ. އަދި ނަތާ އެކޮޅުގައި ހުންނާނީ ކިހާ ދުވަހެއް ވާންދެން ކަން ކަނޑަވެސް ނޭޅެއެވެ. އަމިއްލަ ތަޖުރިބާ އަފްލާކް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސާރާ ބަދަލުވީ އޭނާ ކައިރީގައި އުޅެނިކޮށެވެ. ވީއިރު ދުރުމިން އަދި ކިހާ ވަރަކަށް އިންސާނާ ބަދަލު ކޮށްލާނެ ހެއްޔެވެ؟ "އެހެން މީހުން ކޮންމެ އެއްޗެއް ވިސްނިއަސް ހެޔޮ. އަހަރެން ރާފިލްއަށް އިތުބާރު ކުރަން." ނަތާ ތަންކޮޅެއް ހަރު އަޑުން ބުނެލައިފިއެވެ. އަފްލާކް ބުމަ އަރުވާލައިފައި ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ނަތާ "ގުޑްނައިޓް" އޭ ބުނެފައި ތެދުވެގެން ހިނގައިގަތުމުން އޭނާވެސް އިރުކޮޅެއް ކޮށްލާފައި ކޮފީ މަގު ހިފައިގެން ކޮޓަރިއަށް ދިޔައެވެ.

ލަޔާލް ނިދިފައި އޮތްއިރު މައުސޫމު ކަމުން އަފްލާކްއަށް ބަލަން ހުރެވުނެވެ. އޭނާ އެނދާއި ކައިރިވެލައިފައި ގުދުވެލައިގެން ސިއްރުން އެނިތުގައި ބޮސްދީފައި ހިންދެމިލިއެވެ. މިރޭ ލަޔާލް މަންމަގެ ވާހަކަ ކިޔައިދިނުމުން އަފްލާކްގެ ހިތް ފުށްކޮޅެއް ފަދައިން މަޑުވެގެން އައެވެ. ދެން ދުވަހަކުވެސް ލަޔާލް ހިތުގައި ނުޖައްސާނަމޭ ހިތަށް އެރިއެވެ. ދެރައީ ލަޔާލްގެ ކުރިމަތީގައި އޭނާގެ އިތުބާރު ގެއްލިފައި ވުމެވެ. އެހެންނޫންނަމަ އޭނާ ދުވަހަކުވެސް ކައިވެނި ކުރެވުނު ގޮތުގެ ވާހަކަ ލަޔާލްއަށް އެނގުނަކަ ނުދޭނެއެވެ. ކޮންމެ ހާލަތެއްގައި އެކަން ވެގެން ދިޔަ ނަމަވެސް އޭނާއަށް މިއަދު ޔަޤީންވާ އެއް ކަމެއް ވެއެވެ. އެއީ ސާރާ ހިޔާލުންވެސް ނުލިބޭ ވޭނާއި ތަދު ލަޔާލް އާއި ވަކިވުމުގެ ހިޔާލުން އެހިތަށް ލިބިގެން ދާ ކަމެވެ. އަފްލާކްގެ މިހާރުގެ މަޤްސަދަކީ ދަރިފުޅު ޒަރީއާ އަކަށް ހަދައިގެން ނަމަވެސް ލަޔާލް ދުރަށް ދިޔަ ނުދިނުމެވެ. 

ހެނދުނު ތެދުވެގެން ލަޔާލް ބޭރަށް ނިކުތްއިރު ގޭގައި އެކަކުވެސް ނެތެވެ. ސުވާލު ކޮށްލުމުން ނަތާ ފުރުވަން ދިޔަ ވާހަކަ ރާމިޒާ ބުންޏެވެ. ލަޔާލްގެ ހިތް ޝަކުވާއިން ފުރިގެން އައެވެ. އަފްލާކްގެ ސަބަބުން އޭނާއަށް ނަތާ އާއި ވަދާޢީ ސަލާމް ކޮށްލުމުގެ ފުރުސަތުވެސް ނުލިބުނީއެވެ. ތެދުވެގެން ދާއިރު އަޅެ އޭނާއަށް ގޮވައިލާކަށް ނުވާނެ ހެއްޔެވެ؟ މާބޮޑަށް ހައިވެފައި ހުރުމުން ލަޔާލް ފްރިޖުން ފޮނި އެއްޗެއް ކާލަން ހީކޮށްލިއެވެ. މާބަނޑު ވީއްސުރެ އޭނާ އެއްޗެއް އަނގައަށް ލަނީ ތަންކޮޅެއް ލަސްވެލީމައެވެ. ހެނދުނު ކާން އުޅެގެން ހޮޑު ލެވިއްޖެއްޔާ ދެން ޖެހޭ އުދަނގޫ ބޮޑެވެ. ލަޔާލް ފްރިޖް ހުޅުވައިލިއިރު ޔޯގަޓް ތަށިތަކެއް ހުއްޓާ ފެނުނެވެ. ދަހިވެގެން އޭނާ އެތަނުން ތައްޓަކާއި ސަމުސަލެއް ހިފައިގެން އިށީންދެލީ ލިވިންރޫމް ސޯފާގައެވެ. ބިރުން އިނދެވެސް އެތިކޮޅެއް ރަހަ ބަލައިލަން ނިންމިއެވެ. ގަޔާ ނުވާ ރަހައެއް ލައިފިއްޔާ ދުވަސް ދިޔައީއޭ ހިތަށް އެރިއެވެ. ލަޔާލް ސޯފާއަށް ދެފައި އަރުވައިގެން ތައްޓަށް ބަލަން އިންދާ ރާމިޒާ ނިކުމެފައި ސައިބޯން ވެއްޖެތޯ އަހައިލިއެވެ. ލަޔާލް ދެފަރާތަށް ބޯ ހޫރައިލާފައި ރާމިޒާ ބަލަން ހުރި ތަން ފެނިގެން ސަމުސަލެއް ހާ އެއްޗެހި ނަގައި އަނގައަށް ލައިފިއެވެ. ރާމިޒާ ބަލަން ހުއްޓައި ލަޔާލް އަނގައަށް ވައްތަރެއް ޖައްސާލިތަން ފެނުނެވެ. ދެން ކުއްލިއަކަށް ތަށި ތިރިއަށް ދޫކޮށްލައިފައި އަނގަމަތީ އަތް އަޅައިގެން ތެދުވެ ދުއްވައިގެންފިއެވެ.

ރާމިޒާ ޓައިލްސް މަތި ސާފު ކުރަން އިންދާ ބޭރަށް ދިޔަ މީހުން އެނބުރި އައެވެ. "ކިހިނެތް ވެގެން ތިއުޅެނީ؟" އަޒީ އައިސް ރާމިޒާގެ ކައިރިއަށް ހުއްޓިފައި ސުވާލު ކުރިއެވެ. ދެން ތިބި މީހުން މިސްރާބު ޖެހީ ސިޑި އާއި ދިމާއަށެވެ. މަފާޒްމެން އޮފީހަށް ދާ ގަޑިވެސް ކައިރި ވަނީއެވެ. "ލަޔާލް މިތާ އިނދެފައި ދުއްވައިގެންފަ މައްޗަށް ދިޔައީ. ހީވަނީ މި ކެއީމަ ހޮޑު ލަވައިގަތީހެން." އެވަގުތު ރާމިޒާ ދިން ޖަވާބު އަހާފައި ޔަޝާރު ހުއްޓި މަފާޒްގެ އަތުގައި ހިފައިލިއެވެ. އަޒީގެ މޫނުންވެސް ޝައުޤުވެރިކަން ފެނިގެން ދިޔައެވެ. "ލަޔާއަށް އަނެއްކާ ކިހިނެތްވީބާ؟" ޔަޝާރު ބުނެލި ވާހަކަ ޔާނިޒްގެ ކަންފަތަށްވެސް ފޯރިއެވެ. "ލެޓްސް ފައިންޑް އައުޓް." މަފާޒްގެ މޫނަށް އެރި ކުލައިން ހިތަށް އެރީ ކޯއްޗެއްކަން ޔަޝާރުއަށް އެނގުނެވެ. އޭނާ ލާނެތް ގޮތަކަށް ހީލައިފައި މަފާޒް މުލައްދަނޑީގައި ހިފައިގެން މައްޗަށް ދިޔައެވެ.

ހޮޑު ލެވުމުގެ ސަބަބުން ވަރުބަލި ވެގެން ލަޔާލް އައިސް އަރާ އިނީ އެނދުގައެވެ. އޭނާ ކާފޫރު ތޮޅިއެއް އަނގައިގެން ލައިގެން ތަޅުވައެވެ. ޓަކި ދީފައި ޔަޝާރު ދޮރު ހުޅުވައިލުމުން ލަޔާލް އަވަހަށް އެނދުން ފޭބިއެވެ. "ރާމިޒައްތަ ބުނި ލަޔާ ހޮޑު ލަވައިގަނެގެން އައި ވާހަކަ. ޔޫ އޯކޭ؟" ޔަޝާރު އެތެރެއަށް ވަދެގެން އައިއިރު މަފާޒް ހުރީ ދޮރު ކަނީގައި އަތް ވިއްދާލައިގެން ބަލާށެވެ. "މިހާރު އޯކޭ." ލަޔާލް ގަދަކަމުން ހިނިތުން ވެލަން މަސައްކަތް ކުރަމުން ޖަވާބު ދިނެވެ. މަފާޒް ހުރުމުން އޭނާ ވަކިން ކަންބޮޑުވިއެވެ. "ކީއްވެތަ ހޮޑު ލެވުނީ؟ ކުރިންވެސް ޔޯގެޓް ކަމެއްނު." ޔަޝާރު އިތުރަށް ކޮންނަން ވެގެން އެހިއެވެ. އޭނާ ނިކަން ފަރުވާވެގެން ލަޔާލްގެ މޫނަށް ބަލަން ހުއްޓެވެ. "އެއީ.... ލަޔާލްއަށް ޖަވާބު ނުދެވިގެން އިސް ޖަހާލިއިރު މުޅި މޫނަށް ފިޔާތޮށި ކުލަ އަރައިފިއެވެ. ޔަޝާރުގެ ޝައްކު ޔަޤީނަށް ބަދަލުވި ހިސާބަކީ އެއީއެވެ. "އޯ އެމް ޖީ.....ޝީޒް ޕްރެގްނެންޓް" އޭނާ ފޮނިވެގެން އަތް ތަޅާލައިފައި މަފާޒްއަށް ބަލާލިއެވެ. މަފާޒްގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ދެފަޔަށް ބާރު ލިބިގެން އެމީހުންގެ ކައިރިއަށް އައެވެ. "ކޮންގްރެޓްސް ލަޔާ." މަފާޒް އައިސް ހުއްޓިފައި ޔަޝާރު ކޮނޑަށް އަތް ލައި ގާތް ކޮށްލަމުން މަރުހަބާ ކިއެވެ. ލަޔާލް ޝުކުރު އަދާ ކުރިއިރު އަދިވެސް ހުރީ އިސް ޖެހިފައެވެ. 

"އާވ..ލަޔާ ބްލަޝް ވަނީ މިއޮތް. ހިނގާ އަހަރުމެން ދާން." ޔަޝާރުގެ ހިތުގައި ހަމްދަރްދީ އުފެދިގެން ބުނެލިއެވެ. އެކަމަކު ތަންކޮޅަށް ގޮއްސައި އޭނާ މަފާޒް އަތް ދުރުކޮށްލާފައި ދުވެފައި އައިސް ލަޔާލް ގައިގައި ބައްދާލައިފިއެވެ. މަފާޒް ހިނި އައިސްފައި ބަލަން ހުއްޓެވެ.

"ކޮބާ ހީވޭ. މަފާޒް ތިހެން ހުއްޓާ ދޮންބެ ކުރިއަށް ޖައްސާލިވަރު ބަލާބަލަ." ލަޔާލްގެ ކޮޓަރިން ނިކުމެގެން ތިރިއަށް ދަމުން ޔަޝާރު ދިމާކޮށްލިއެވެ. "ހެހެ.... ޔަޝާރު ނުބުނަމެއްނު ކިޑެއް ބޭނުން ވާ ވާހަކައެއް. އަބަދު ކިޔަނީ ކިޑެއް ލިބިގެން ގެންގުޅޭކަށް ނޭނގޭނެއޭ." މަފާޒް ހެމުން ޔަޝާރު އަތަށް ބާރު ކޮށްލައިގެން ވާހަކަ ދެއްކިއެވެ. ތިރިއަށް ފޭބި ގޮތަށް މަފާޒް އެވާހަކަ އަޒީއަށް އިއްވައިފިއެވެ. އަޒީގެ ހުރިހާ ދަތެއް އެކީ ފެނިލިއެވެ. ވަގުތުން އޭނާ ހެއްދެވި ފަރާތަށް ހަމްދު ކުރިއެވެ. ލަޔާލް ކޮޓަރީގައި އެކަނި އިންދާ އިރުކޮޅަކުން ޔާނިޒްވެސް އެވާހަކަ އިވިގެން އައިސް ދިމާކޮށްގަތީނުން ރޮއްވާނުލީ ކިރިޔާއެވެ. އަފްލާކް ނެތުމުން ޔާނިޒްއަށް އެއީ ރަނުގެ ފުރުސަތަކަށް ވިއެވެ. މީގެ ކުރިންވެސް ޔާނިޒް އާއި ލަޔާލް އަބަދު އެޒާތުގެ ވާހަކަ ދައްކައި ދިމާކޮށް އުޅޭތީ ޔާނިޒް މިއަދު ކުޑަކޮށްވެސް ޖެހިލުމެއް ނުވިއެވެ.

އަފްލާކް އާއިމެދު ލަޔާލް ކަންބޮޑު ވާން ފެށީ އިރު އޮއްސުނު ފަހުންނެވެ. ހެނދުނު ނަތާ ފުރުވަން ދިޔަ މީހާ އަދި ދައްކައެއް ނުލައެވެ. މާލެ އައިސް މުހިންމު ތާކަށް ދާން ކަމަށް ބުނެ ކާރުގައި ނައްޓާލި ހިސާބުން ދިޔަ ތަނެއް ގޭގައި އުޅޭ އެކަކަށްވެސް ނޭނގެއެވެ. ލަޔާލްއަށް ކެތް ނުވެގެން ގުޅާލިއިރު ފޯންވެސް އޮތީ ނިއްވައިލާފައެވެ. އިރުއޮއްސުނު ފަހުން މޫސުން ގޯސްވެ ވިއްސާރަ ކުރަން ފެށުމުން ވަކިން ބޮޑަށް އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ރޭގަނޑު ކެއުމުގެ ގަޑީގައި އަފްލާކް ނުފެނިގެން އަޒީގެ ސަމާލުކަމަށްވެސް އެކަން އަތުވެއްޖެއެވެ. ނުވައެއް ޖަހަން އުޅެނިކޮށް މަފާޒް ކާރުގައި ނައްޓާލައިގެން އަފްލާކް ދާނެހެން ހީވާ ގިނަ ތަންތަން ބެލިއެވެ. އެނބުރި އަންނަން ޖެހުނީ މާޔޫސް ވެފައިވާ މޫނަކާއިގެންނެވެ. އެއިން އެއްވެސް ތާކުން އަފްލާކްގެ ޚަބަރެއް ނުވިއެވެ. ކޮޓަރީގައި އެކަނިމާއެކަނި ލަޔާލް އޮތްވައި ފޯނެއް އައިސްގެން ބަލައިލާފައި އަވަހަށް ނެގިއެވެ. އެކޮޅުން ބުނެލި ވާހަކަ އަހާފައި އޭނާއަށް ހުރެވުނީ ދެލޯ ބޮޑު ކޮށްލައިގެންނެވެ.

ކޮމެންޓް 0