ކައިވެންޏަށް ދެ ހަފްތާއަށް ވެފައި ވާއިރު އާއިލާ ތެރޭގައި އުފާވެރިކަން ދެގުނައަށް އިތުރު ވެފައި ވެއެވެ. ހާއްސަކޮށް އަފްލާކްގެ ފުށުން ލަޔާލްއަށް ފެންނަމުން ދިޔައީ ލޯއްބާއި ކުލުނުގެވެސް އެންމެ މަތީ ދަރަޖައެވެ. އޭނާ ޝައްކު ކުރާނެ އެންމެ ފުރުސަތެއްވެސް އަފްލާކް ނުދެނީއެވެ. ހީވެއެވެ. އޭނާ ހާސިލް ކުރުން އެއީ މިއަދު އަފްލާކްގެ ހަޔާތުގެ އެންމެ ބޮޑު މަޤްސަދެވެ. ބައެއް ފަހަރު އެކަނިވުމުން ލަޔާލްގެ ހިތުތެރޭގައި ހިޔާލުތައް ބުރު ޖަހަން ފަށައެވެ. އެފޯން ކޯލާއި ބެހޭގޮތުން ސުވާލު ކުރާނެ ގޮތަކާއި މެދު ވިސްނެން ފަށައެވެ. އެކަމަކު އެފަދަ ކޮންމެ ވަގުތެއްގައި އަފްލާކްގެ ފުށުން ފެންނަ ލޯބިން ފުރިގެންވާ އަމަލުތަކާއި ހުރެ މަޖުބޫރު ވަނީ އެހިޔާލު ހިތުން ނެރެ އެއްލާލުމަށެވެ. އޭނާ ބިރުގަނެއެވެ. ކުރެވޭ ސުވާލަކީ އެއްވެސް ތާކުން ތާކު ނުޖެހޭ އެއްޗަކަށް ވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟ އަދި އެ އެންމެ ކުށްހީއެއްގެ ސަބަބުން ހުރިހާ ކަމެއް ބަދަލު ވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟ 

ހަވީރުގެ ވަގުތެވެ. ލަޔާލް ތައްޔާރު ވަމުން ދިޔައީ ބައްޕަ ބަލާ އަންނާނެ ވަގުތަކަށެވެ. ކުޑަ މަންމަގެ ފޯނު އައީ ހެނދުނުގެ ވަގުތެއްގައެވެ. ލަޔާލްއަށް ބައްޕަ ފެނިފައި ވަނީވެސް ދެފަހަރެއްގެ މަތީންނެވެ. އެކަމަކު ބައްޕަ ޚަރަދު ކުރާކަން އޭނާއަށް އަބަދުވެސް އެނގެއެވެ. ބައްޕަގެ ކައިރިއަށް މާލެއަށް ދިރިއުޅުން ބަދަލު ކުރަން އޭނާއަށް ފުރުސަތުވެސް ލިބުނެވެ. އެކަމަކު ކުޑަ މަންމަ އެކަމާއި ނުޤަބޫލު ވެގެން ނުދެވުނީ އެވެ. ދޮންމަންމައެއްގެ ކައިރީގައި އުޅެން ހިޔާލު ކޮށްލާފައި ޚުދު އޭނާވެސް އެދުވަހު ބިރުގަތެވެ. ކައިވެނީގެ ޚަބަރު ބައްޕައަށް ދިނުމުން ކުޑަ މަންމަގެ ކައިރިން އެދުނު އެދުމެއް ކަމުގައި ވަނީ އޭގެ ކުރިއަށް ދެން އޮތް ދުވަސްކޮޅު އެބައްޕަގެ ގޭގައި އޭނާ ބެހެއްޓުމަށެވެ. ލަޔާލްވެސް މިއަދު ދެކޮޅު ހަދާހިތެއް ނެތެވެ. ހިތަށްއެރިއެވެ. ބައްޕަ ދަސްކޮށް އަދި ގުޅުން ބަދަހި ކުރަންވެސް މިއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ލަޔާލް ފޯން ހިފައިގެން ކޮޓަރިން ނިކުންނަން ތައްޔާރު ވެލިތަނާ ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފި އެވެ. ލިބުނު ސިހުމުގައި އޭނާއަށް ދެފިޔަވަޅު ފަހަތަށްވެސް ޖެހިލެވުނެވެ. "ލާކް!" ލަޔާލްއަށް ބުނެވުނެވެ. އަފްލާކް އައި ގޮތަށް އައިސް އެބާރުގަދަ އަތުތެރޭގައި އޭނާ ފިއްތާލި ގޮތުން ނޭވާވެސް ތާށިވިއެވެ. "ލާކް!" ލަޔާލްއަށް އަނެއްކާވެސް ނަން ކިޔާލެވުނެވެ. "ޑޯން ގޯ!" އަފްލާކްގެ ފިރިހެންވަންތަ އަޑު އެހާ ކައިރިން އިވިފައި ލަޔާލްގެ ހަށިގަނޑުން ހީބިހި ނަގުވާލައިފި އެވެ. އަދި އެއަޑުގައިވި އާދޭސް... ރަނގަޅަށްވެސް ހިތާއި ކުޅެލައިފިއެވެ. "އަޅެ ރޭގައެއްނު ލާކް ބުނީ ދިޔަޔަސް އޯކޭ އޭ. ދެން މިހާރު ތިހެން ކީމަ އަހަންނަށް ގިލްޓީ ފީލް ކުރެވޭނެ." ލަޔާލް ދެއަތުން އަފްލާކް މޭގައި ވިއްދާފައި އުދަނގުލުން ދުރުކޮށްލިއެވެ. "ސޮރީ. އެހެން ބުނި އެއްޗެއް ނޫން. އިޓްސް ޖަސްޓް.... ހަމަ މިސްވާނެ ވަރު ހިތަށް އަރާފަ ބުނެވުނީ." އަފްލާކް ހިނިތުންވެފައި ލަޔާލްގެ ކޯތާފަތުގައި ޝަހާދަތް އިނގިލި ހިންގާލިއެވެ. "މިސްވީމަ ގުޅާނީ. މީޓްވެސް ކުރެވޭނެ އެއްނު." ލަޔާލް ޅަކުއްޖަކު ރުއްސާހެން ތަންމިނަށް ހިނިތުންވެފައި ބުނެލިއެވެ.

ދެޒުވާނުން އަތު ގުޅުވާލައިގެން ސިޑިން ފޭބިއިރު ލިވިންރޫމް ސޯފާ ތަކުގައި އެންމެން ތިއްބެވެ. ފުރަތަމަ ފަހަރަށް ލަޔާލްގެ ބައްޕަ އާއި ބައްދަލު ކުރަން އެމީހުންވެސް އެތިބީ ތައްޔާރު ވެގެންނެވެ. ލަޔާލް ގޮސް ފަހަރަކު މީހަކާއި ސަލާމް ކޮށްލައިފައި އިށީންދެލީ އަޒީގެ ކައިރީގައެވެ. "ވަރަށް ހަނދާންވާނެ ލަޔާލް މަތިން. އަދި އެހެން ގެއެއްގައި އުޅުނަސް ވާނެ މިގެއަށް އަންނަން. ކައިވެންޏަށް ތާއްޔާރު ވާއިރު ލަޔާލްގެ ހިޔާލު ހޯދަން ޖެހޭ ކިތަންމެ ކަމެއް ހުންނާނެ." އަޒީ ލަޔާލްގެ ކޮނޑުގައި ހިފައި ބާރުކޮށްލައިފައި ވާހަކަ ދެއްކިއެވެ. އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލާފައި ލަޔާލް ބަލައިލީ އަނެއްކާވެސް އަފްލާކް އަށެވެ. އަފްލާކް ބަލަހައްޓައިގެން އިނދެފައި އިސްޖަހައިލީ އެވަގުތުއެވެ. އިރުކޮޅަކުން ބެލް ޖަހައިލި އަޑަށް ރާމިޒާ ދުވެފައި ގޮސް ދޮރު ހުޅުވައިލިއެވެ.

ލަޔާލް އިނީ އިސްޖަހައިގެންނެވެ. މިއަދު އޭނާ ބައްޕަ އާއި ބައްދަލުވާން އެއުޅެނީ ފަސްއަހަރު މެދުކެނޑުމަށް ފަހުގައެވެ. ފިޔަވަޅުގެ އަޑު އިވިގެން ލަޔާލްގެ ދެލޯ ދަތުރު ކޮށްލީ އަޑާއި ދިމާއަށެވެ. ނުހަނު ދުރުގައި ދެފިޔަވަޅު އަޅާފައި ކައިރިއަށް އައި ކަޅު ކުލައިގެ ބޫޓު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު ކައިރީގައި ތިބި އެހެން އެންމެން ފުންމައިގެން ކޮޅަށް ތެދުވި ކަން ލަޔާލްއަށް އިހްސާސްވިއެވެ. އޭނާ ހީކުރީ އެއީ ބައްޕަގެ އިސްތިޤްބާލުގައި ތެދުވި ތެދުވުމެއް ކަމަށެވެ. "މުޝައްރަފް!" އަޒީ އެނަން ކިޔާލި އިރު އަޑުގައި ވި ހަރުކަށިކަން ލަޔާލް އަކަށް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު އެހިސާބުން އޭނާ އިސް އުފުލާލައިފި އެވެ. 

ކޮޅަށް ތެދުވެވުނީ އިޙުތިޔާރަކު ނޫނެވެ. އެންމެ ފަހުން ފެނުނު ފޮޓޯގަނޑާއި އެސޫރަ އާއި މާބޮޑު ތަފާތެއް ނެތެވެ. ހަމައެކަނި އިތުރުވެފައިވާ ހުދު އިސްތަށިކޮޅަކާއި މޫނުމަތީން ފާޅުވާން ހުރި ދެތިން ރުލެއް ފިޔަވައެވެ. ފަންސާހަކަށް އަހަރުގައިވެސް އެއީ އެންމެ ސްމާޓް މީހުންގެ ތެރޭގައި ގުނާލެވޭނެ ޝަހްސިއްޔަތެކެވެ. ލައިގެން ހުރި ކަޅު ފަޓްލޫނާއި އަތްކުރު ގަމީހާއެކު ބޫޓަށް އަރާލާފައި ހުރުމުން ވަކިން ހިތްގައިމެވެ. "އަޒީ! އުންމީދުވެސް ނުކޮށް ހުއްޓާ ލިބުނު ކޮންފަދަ ސަޕްރައިޒެއް މީ؟ އަހަރެންނަށް ކުޑަކޮށްވެސް ނޭނގެ ލަޔާލް އިންނަން އުޅެނީ މިގޭ ކުއްޖަކާއި ކަމެއް." މުޝައްރަފްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އަޒީ އަށެވެ. ލަޔާލް ބަލަހައްޓައިގެން ހުއްޓައި އިރުކޮޅަކުން މޫނު އަނބުރާލައިފައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ. "ދަރިފުޅާ!" މުޝައްރަފް ލަޔާލްގެ ކޮނޑުގައި އަތް ބާއްވައިލީ ދެފިކުރެއްގައި ހުރެފައެވެ. ލަޔާލްގެ ބީރައްޓެހި ނަޒަރު ފާހަގަ ކުރެވިފައި އޭނާ ހިނިތުންވެލައިފިއެވެ. "ތައްޔާރުވެ ނިމުނީތަ؟ ދާންވީ ދޯ." މުޝައްރަފް ލަޔާލްއަށް މުޚާތަބް ކޮށްފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ބޯ ޖަހައިލާފައި ލަޔާލް އަވަހަށް ސޯފާ މަތީ އޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. 

"ދަރިފުޅު ބައްޕައަށް ތައާރަފެއް ނުކޮށްދޭނަންތަ؟" ލަޔާލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން މުޝައްރަފް ބުނެލިއެވެ. "ކާކު؟" ލަޔާލްއަށް އަހައިލެވުނެވެ. ދެވަނަ ސިކުންތުގައި "އޯހ" އޭ ބުނެލެވިއްޖެއެވެ. އޭނާއަށް ވިސްނުނެވެ. ބައްޕަ އެބުނީ އަފްލާކްގެ ވާހަކައެވެ. "އެހުރީ އަފްލާކް...." ލަޔާލްގެ ޖުމްލަ ފުރިހަމަ ކޮށްފައި އަފްލާކް ހުރި ދިމާއަށް އިޝާރާތް ކޮށްލަންވެގެން ބަލައިލުމުން ޝޮކެއް ލިބިގެން ދިޔައެވެ. އަފްލާކްއެއް އެތާކު ނެތެވެ. އެހާ އަވަހަށް އަފްލާކް ވަނީ ކޮންތާކަށް ހެއްޔެވެ؟ "ދަރިފުޅުގެ ވާންއުޅޭ ފިރިމީހާ މުހިންމު ކަމެއް ކުރަން އަވަސް އަރުވާލައިފަ ހުރިހެން ހީވަނީ." މުޝައްރަފް ބުނެލި އެއްޗަކުން ލަޔާލް މޫނު އަނބުރާލިއިރު ބަލަހައްޓައިގެން ހުރީ ސިޑިއާއި ދިމާއަށެވެ. އަފްލާކް ނުހަނު ހަލުވިކޮށް ސިޑިން އަރައިގެން ދާތަން ފެނިގެން ޚުދު ލަޔާލްއަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބައްޕައަށް ތައާރަފް ކޮށްދޭން ނުހުރެ އަފްލާކް ދާން ޖެހޭ މުހިންމު ތަނަކީ ކޮބައި ހެއްޔެވެ؟ ލަޔާލް އަކަށް ނުވިސްނުނެވެ. އޭނާ ކަންބޮޑުވެފައި އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލައިލުމުން އެހެން ކަމެއް ފާހަގަ ކުރެވިއްޖެއެވެ. މުޝައްރަފް ވަނީއްސުރެ ކުލަ ބަދަލުވެފައިވާ މެމެބަރުންގެ މޫނުތައް އަދި ކިރިޔާ ލަޔާލްގެ ސަމާލުކަމަށް އައީއެވެ. 

ބައްޕަގެ ވާހަކައިން ލަޔާލްއަށް ފުރަތަމަވެސް އިހްސާސްވީ މުޝައްރަފް އާއި އަޒީ އެއީ ދެކެފަރިތަ ދެމީހުން ކަމުގައެވެ. އެކަމަކު މިހާރު މިފެންނަ މަންޒަރު ތަކުން ހީވަނީ ދެކެފަރިތަ ކަމަށްވުރެ އިތުރު އެހެން ކަންތައްގަނޑެއްވެސް އުޅޭހެންނެވެ.

މުޝައްރަފް ހިނގައިގަތުމުން ލަޔާލް ފަސްފަހަތުން ދޮރާއި ހަމައަށް ގޮއްސައި އެނބުރި ބަލައިލުމުން ފެނުނީ އަނެއް އަޖައިބެވެ. ދާދި ދެންމެއަކު އޭނާއަށްޓަކައި ނިކުމެ ތިބި އާއިލާގެ މެމްބަރުންތައް އޭނާއަށް ދޮރުންވެސް ނުނިކުމެވެނީސް އެކިތަނަށް ގޮސް އޮބައިލަނީއެވެ. އިރުކޮޅަކު ބަލަން ހުރެލާފައި އޭނާ ގޮސް ނިކުތްއިރު މުޝައްރަފްގެ ކާރު އޮތީ މަގުމަތީގައެވެ. އެމީހުންގެ އިންތިޒާރުގައި ހުރި ޑްރައިވަރ އައިސް އަވަހަށް މުޝައްރަފް އަތުން ސޫޓްކޭސް އަތުލާފައި ޑިކީއަށް ލައިފިއެވެ. ޑްރައިވަރ ދޮރު ހުޅުވާލަ ދިނުމުން ލަޔާލް އިށީނީ ފަހަތު ސީޓުގައެވެ. ކާރު ސްޓާޓް ކޮށްލި ފަހުން އޭނާއަށް އަދިވެސް އެއްފަހަރު ގެއާއި ދިމާއަށް ކަޅި އެއްލުނެވެ. ވަކި ހިސާބަކަށް ދެވުނު ފަހުން "އޯލްރެޑީ މިސިން ޔޫ." ލިޔެލާފައި ފޮނުވި މެސެޖް ޑެލިވަރ ނުވެގެން ގުޅާލިއިރު އަފްލާކްގެ ފޯން އޮތީ ނިއްވާލައިފައެވެ. 

"ގޭގައި މިވަގުތު އުޅޭނީ ދޮންމަންމަ އާއި ބައްޕަގެ ހަގު ދަރިފުޅު ނައީޝް އެކަނި. ދެން ހުރި އަންހެންކުއްޖާ އެމެރިކާގައި އުޅޭތާ ދެއަހަރެއް ވަރު ވެއްޖެ." ގެއާއި ކައިރިއަށް ދެވުމުން މުޝައްރަފް ކިޔައިދިނެވެ. ލަޔާލް އެއްޗެއް ނުބުނެ އިނދެފައި ކާރު ހުއްޓައިލުމުން ވަށައިގެން ލޯ ހިންގައިލެވުނެވެ. ހައިބަތު ހުރި އުސް ގޭޓުގެ ފުރަގަހުން ފެންނަން ހުރި އިމާރާތް އެއީ އޭނާ އުޅެފައި އައި ގެއަށްވުރެ ވަކިން ދެރަ ތަނެކޭ ނުބުނެވޭނެއެވެ. ފަސްބުރިއަށް ނަގާފައިވާ އިމާރާތުގެ އިތުރަށްވެސް އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންކޮޅެއް ހުއްޓެވެ. ލަޔާލް ގޭޓުން ވަންއިރު ގޯތިތެރޭގައި ގިނަ އަދަދަކަށް ގަސް ހައްދާފައި ހުރިތަން ފެނިގެން ބަލަހައްޓައިގެން ހުރެވުނެވެ. ރީތި ކުލަތަކުގެ މާމެލާމެލިން ގަސްތައް ބަރާވެފައިވާއިރު ބަހާރު މޫސުން އައިސްފައިވާ ކަހަލައެވެ.

ދޮރާއި ހަމައަށް ގޮސް ހުއްޓިފައި ލަޔާލް ނުފެނިގެން މުޝައްރަފް ހޯދައިލިއިރު ހުރީ މާގަސްތަކަށް ބަލަހައްޓައިގެންނެވެ. އެވަގުތު މުޝައްރަފް ގޮވައިލުމުން ލަޔާލް އަވަހަށް ގޮސް އެތެރެއަށް ވަދެއްޖެއެވެ. ސޯފާތަކުގައި އިށީންދެ ތިބި ޒުވާން ފިރިހެން ކުއްޖަކާއި އަންހެނަކަށް ލަޔާލްމެން ފެނިގެން އަންހެންމީހާ ތެދުވިއެވެ. މުޝައްރަފް ކިޔައިދީފައި އޮތުމުން އިތުރު ތައާރަފަކާ ނުލާވެސް ލަޔާލްއަށް އެމީހުން އެނގިއްޖެއެވެ. "މީ ލަޔާލް." މުޝައްރަފް އަންހެންމީހާއަށް ލަޔާލް ތައާރަފް ކޮށްދީފައި ސޯފާއެއްގައި އިށީންދެލިއެވެ. އަނީސާ ހިނިތުންވެފައި ލަޔާލް ގޮސް ކައިރިވުމުން އަތުގައި ހިފާލިއެވެ. "ކިހިނެތްތަ؟" އަނީސާ ލަޔާލްގެ ދަތްދޮޅީގައި ހިފާފައި އަހާލިއެވެ. ރަކިވެފައި ހުރެގެން ލަޔާލް ޖަވާބު ދިނެވެ. "ހިނގާ އަވަހަށް ސައިބޯން." އަނީސާ އިޝާރާތް ކުރީ ކުރިމަތީ ހުރި ކުޑަ މޭޒު ފުރާލާފައިވާ ތަފާތު ވައްތަރުގެ ހެދިކާ ތަށިތަކަށެވެ. އޭނާ އިށީންދެފައި އަވަހަށް ޖޯޑުތަކަށް ސައި އަޅަން އަވަސްވެގެންފިއެވެ. 

"ލަޔާލް އިންނަން އުޅެނީ އަފްލާކް އާއި." އެވަގުތު މުޝައްރަފް ބުނި އެއްޗެއް އިވިގެން އަނީސާގެ އަތަށް ހުއްޓުމެއް އަތުވެއްޖެއެވެ. ކައިރީގައި އިން ނައީޝް ވެސް ލަޔާލްއަށް ބަލައިލީ ފާޑަކަށެވެ. "އަހަރެންގެ އަފްލާކް ކައިވެނި ކުރަނީތަ؟" އަނީސާގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. އަފްލާކްގެ ނިންމުމާއިމެދު އޭނާ އިންތިހާއަށް އުފާވިއެވެ. ކުއްލިއަކަށް ފިޔަވަޅުގެ އަޑު އިވިގެން ލަޔާލް ބަލައިލި އިރު ނައީޝް ތެދުވެގެން ދަނީއެވެ. 

ހަވީރު ސަޔަށްފަހު ލަޔާލް ބޭނުންވި އެކަނިވެރިކަން ލިބުމުން ކޮޓަރިއަށް ގޮސް ފުރަތަމަވެސް ގުޅައިލީ އަފްލާކް އަށެވެ. ލިބުނު ހައިރާން ކަމުގައި އޭނާ އިރުކޮޅަކު ހުރެފައި ދެވަނަ ފަހަރަށްވެސް ގުޅިއެވެ. އަފްލާކް ހަމަ ކުއްލިއަކަށް ފޯން ނިއްވާލައިގެން އެއުޅެނީ އޭނާ ތަޅުވަން ހެއްޔެވެ؟

އެރޭ އަނީސާ ލަޔާލް ކާން ހޯދަން އައިއިރު ފޮށީގައިވާ ހެދުންތައް ނަގައިގެން ކޮނޑުތަކުގައި އަޅުވާފައި އަލަމާރިއަށް ލަނީއެވެ. ދޮރުފަތުގައި ޓަކި ޖަހައިލުމުން ލަޔާލް އެނބުރި ބަލައިލާފައި ހިނިތުންވެލައިފިއެވެ. އަނީސާ ވަދެގެން އައިސް އިށީންދެލީ ލަޔާލްގެ އެނދުގައެވެ. "އެއްވެސް އެއްޗެއް ބޭނުމިއްޔާ މަންމަ ކައިރީ ބުނަންވާނެ." އަނީސާ ނުހަނު ލޯބިން ވާހަކަދެއްކިއެވެ. ލަޔާލް ބޯ ޖަހައިލާފައި އެނބުރިލި އިރު އަނީސާ ބަލަން އިނުމުން ސުވާލު ކުރާ ހިތްވިއެވެ. "މިއަދު ހަވީރު މަންމަ ވާހަކަ ދެއްކި ގޮތުން ހީވަނީ އަފްލާކް އާއި ވަރަށް ގާތް ގުޅުމެއް އޮންނަހެން." ލަޔާލް އައިސް އަނީސާގެ ކައިރީގައި އިށީންދެލިއެވެ. "ރަނގަޅަށް ތިހީވީ. އަފްލާކް އެއީ އަހަރެންގެ ދޮށީ ދަރިފުޅު." އަނީސާގެ ޖަވާބު އަހާފައި ލަޔާލް ތެދުވެ ހުރީ ކޮޅަށެވެ. އަޖައިބެއް ފެނިގެން ބަލާހެން އޭނާ އަނީސާގެ މޫނަށް ބަލަން ފެށިއެވެ. "އެކަމަކު އަހަރެންނަށް އެނގިފައި އޮތް ގޮތުން ވިއްޔާ ލާކްމެންގެ މަންމަ ވަނީ މަރުވެފައި." ލަޔާލްއަށް ބުނެވުނު އެއްޗެއްގެ ރަނގަޅު ނޫންކަން އިހްސާސްވީ މާފަހުންނެވެ. އެވާހަކަ އިވިގެން އަނީސާ މޮޅިވެފައި އިސްޖަހައިލި ގޮތުން އޭނާގެ ހިތަށްވެސް ތަދުވެއްޖެއެވެ. 

"ލަޔާލްއަށް އެގިފައި ތިއޮތީ ހަމަ އެންމެ ރަނގަޅަށް. ލަޔާލްގެ ބައްޕަ އާއި ކައިވެނި ކުރި ދުވަހުން ފެށިގެން އަހަރެން ވަނީ އެމީހުންނަށްޓަކައި މަރުވެފައި." އަނީސާ ބުނެލިއެވެ. ލަޔާލް އިތުރު އެއްޗެއް އަހަން އުޅެނިކޮށް ބޭރުން މުޝައްރަފް ގޮވާލި އަޑަށް އަނީސާ އަވަހަށް ތެދުވިއެވެ. ދަމުން ކާން ހެދުނު ވާހަކަ އޭނާއަށް އަންގައިލި އެވެ. 

ނިކުމެގެން ދަމުން ދޫކޮށްފައި ދެވުނީ ކިހާވަރެއްގެ ތޫފާނެއްކަން ލަޔާލްއަށް ކުޑަކޮށްވެސް ރޭކާ ނުލައެވެ. އޭނާ ނިކުތީއްސުރެ އަޒީގެ ގޭގައި އެކަކު އަނެކަކު އަނގައިން ބުނާތީއެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް ވަދެ އިނީ އަމިއްލަ ކޮޓަރީގައެވެ. އަފްލާކް ލޯމަރާލައިގެން އެނދުގައި އޮތްވައި ދޮރުފަތުގައި ޓަކި ދިނުމުން ގޮސް ބަލައިލިއިރު އަޒީއެވެ. "އަފްލާކް!" އަޒީގެ މޫނުގައި ނުތަނަވަސްކަން ވިއެވެ. "ދަރިފުޅާ ބައްޕަ ބުނަން އޮތްހާވެސް ވާހަކައަކީ....." އަޒީގެ ވާހަކަ ފުރިހަމަ ނުވަނީސް އަފްލާކް އަތް އުފުލާލައިފައި ހުއްޓުވައިފިއެވެ. "އަހަންނަށް އިނގޭ ބައްޕަ ބުނަން ތިއުޅެނީ ކީކޭކަން. އެކަމަކު އަހަރެންވެސް އެބައޮތް ވާހަކައެއް ބުނަން ވެފަ. އަހަރެން ބޭނުމެއް ނޫން ދެން ލަޔާލް އާއި ކައިވެނި ކުރާކަށް." އަފްލާކްގެ ޖުމްލަ ނިމުނުތަނާ ނިކަން ބާރަށް ގުގުރިއެއް ޖަހައިފިއެވެ. ހީވީ މޫސުމްވެސް އެވާހަކަ އިވިހެން ސިހުންވި ހެންނެވެ. 

އަޒީއަށް އިތުރު ފުރުސަތެއް ނުދީ އޭނާ ނިކުމެގެން ހިނގައިގަތީ ސިޑި އާއި ދިމާއަށެވެ. ވާރޭ ވެހެން ފެށީ އަފްލާކް ގެއިން ނިކުތް ފަހުންނެވެ. އޭނާ ދުވެލާފައި ގޮސް ގަރާޖުގައި އޮތް ކާރަށް އަރައިގެން ބާރަށް ދުއްވާލާފައި ގޭޓުން ނިކުތެވެ. ރާފިލްއަށް ގުޅާލިއިރު އުޅެނީ ކޮފީއަކަށް ދާންވެގެންނެވެ. އޭގެ އިރުކޮޅެއް ފަހުން ދެއެކުވެރީން އެކަކު އަނެކަކާއި ބައްދަލުވީ ރެސްޓޯރެންޓެއްގެ މޭޒު ދޮށުންނެވެ. ކުޑަ ދޮރަކާއި ކައިރީގައި ތިބުމުން ބޭރަށް ވެހެމުންދިޔަ ވާރޭ ރީތިކޮށް ފެނެއެވެ. އަފްލާކް ގިނަ ވަގުތު އިންނަނީވެސް ވެހޭ ވާރެއަށް ބަލަހައްޓައިގެންނެވެ. ރާފިލްއަށް މިކަން ފާހަގަވެގެން ސުވާލު ކޮށްލުމުން އަފްލާކް ހިނިތުންވެލައިފިއެވެ. "ވާރޭ ވެހޭތަން ފެނުނީމަ ކުއްޖަކު މަތިން ހަނދާންވީ." އަފްލާކް ކުރީގެ ހަނދާނެއް އާކޮށްލިއެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ތަންކޮޅެއް ދުރުގައި އިން ރާފިލްގެ ލޯބިވެރިޔާ ހައްޖަ އެވެ. ކައިރީގައި އިން އިތުރު ޒުވާނަކާއި ހައްޖަގެ ގައިގޯޅިކަން ފާހަގަ ކުރެވިގެން އޭނާ ރާފިލްގެ ސަމާލުކަން އެކަމަށް ގެނުވައިފިއެވެ. އެތަން ފެނިގެން އެކުވެރިޔާއަށް އައި ބަދަލު ދެކެފައި އަފްލާކްވެސް ފާޑަކަށް މޫޑު ސަކަރާތް ވެއްޖެއެވެ. "ކީއްކުރަން ތިއުޅެނީ؟" ރާފިލް ތެދުވިތަނާ އަފްލާކް އަހާލިއެވެ. އޭނާ ކަންބޮޑުވީ ރާފިލް ގޮސް ކުރާނެ ކަމެއް ނޭނގޭތީއެވެ. "އަންނާނަން." ރާފިލް ގޮސް ހުއްޓުނީ ސީދާ ހައްޖަގެ ކުރިމައްޗަށެވެ. 

"ރާފިލް!" ހައްޖައަށް ރާފިލް ފެނުމުން ސިއްސައިގެން ގޮއްސައި ކައިރީގައި އިން ފިރިހެން ކުއްޖާގެ އަތުތެރޭގައި އޮތް އޭނާގެ އަތްތިލަ ދަމައިގެންފިއެވެ. "އަހަރެން ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެއް. ގުޑްބައި." ރާފިލް އެމީހުން ތިބި މޭޒުގައި ދެއަތް އަޅުވާލައިގެން ކުޑަކޮށް ގުދުވެލައިފައި އިއްވާލިއެވެ. ހައްޖަ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ރާފިލް ހިނިތުންވެލައިފައި ދާންވެގެން އެނބުރި ލުމުން ލިބުނީ އިތުރު ސިހުމެކެވެ. ނަތާ ހުރީ ކުރިމަތީގައެވެ. އިއްތިފާޤުން ނަތާއަށް އެތަނަށް ވަދެވުނީ ރާފިލް އެމޭޒާއި ދިމާއަށް ދާން ތެދުވި ގަޑީގައެވެ. ހައްޖަ އިން މޭޒާއި ދިމާއަށް ނަތާ ދާން ހިނގައިގަތްއިރު ރާފިލް އެދިމާއަށް އަންނަ ކަމެއް އޭނާއަށް ފުރަތަމަ ނުވެސް އެނގެއެވެ. އެކަމަކު އޭނާއަށްވުރެ ކުރީން ރާފިލް ގޮސް ހުއްޓުނު ތަން ފެނިގެން، ގޮސް ފުރަގަހުގައި ހުއްޓި ހުރީއެވެ. 

"އައެމް ސޮރީ." ރާފިލް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ނަތާ ބުނެލިއެވެ. އަދި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިފައި ގޮސް އެތަނުން ނިކުމެއްޖެއެވެ. ފާޑަކަށް ނެގިމަޑުވެފައި ހުރެގެން ރާފިލް ގޮސް އިށީންއިރު އަފްލާކް ނަސީބަކުން ބަލަން އިނީ ފޯނުގެ ސްކްރީނަށެވެ. "ކީއްވެތަ ވަތަނިއްޔާ ސިމް ލައްވައިގެން މިއަދު ތިއުޅެނީ؟" ރާފިލްއަށް ފޯނު ފެނިގެން އަހައިލިއެވެ. ދެންމެ ހިނގާދިޔަ ހާދިސާގެ ވާހަކަ ދައްކާކަށް އޭނާ ކޮންމެހެން ބޭނުމެއްވެސް ނޫނެވެ. "ކަމެއް ނުވޭ. ބަދަލު ކޮށްލާ ހިތްވީ." އަފްލާކް ޖަވާބުދިނެވެ.

ކޮމެންޓް 0