ފުރުސަތު ލިބުމުން ރާފިލްގެ ބާރުގަދަ އަތުތެރޭގައި ނަތާ ބޮނޑި ކޮށްލި އެވެ. މީރުވަސް އަރަ އަރާހުރި އެއިސްތަށިގަނޑުގައި ރާފިލް ވަސް ގަނެލާފައި އަދިވެސް ބޮޑަށް ނަތާ ގަޔާލައި ފިއްތާލެވުނެވެ. ދެން ދުވަހެއްގައި ވެސް ދުރު ކޮށްލާން ގަސްތު ނުކުރާ ކަހަލައެވެ. ނަތާއަށް ވީ ގޮތަކީ ރާފިލްގެ ހޫނު ނޭވާތައް ކޮނޑަށް އެޅެން ފެށުމުން ހީލިކަރުވާ ގޮތްވީއެވެ. އިރުކޮޅެއް ވާންދެން އޭނާ ހުރީ ކެތްކޮށްލައި ގެންނެވެ. އެކަމަކު ދެން ނުހުރެވޭނެ ކަން ޔަޤީން ވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ރާފިލްގެ މޭގައި އަތް އަޅާފައި ދުރުކޮށްލައިފި އެވެ. 

"ވަޓް ހެޕެން؟" ރާފިލްއަށް ލިބުނު ހައިރާން ކަމުގައި އަހާލައިފި އެވެ. "ބްރެތް އެޅުނީމަ ހީލިކަރުވަނީ...." ނަތާ ފާޑަކަށް ހުރެލާފައި ޖަވާބުދިނެވެ. "އިޓްސް ނޯމަލްއޭ ބޭބީ..... އަދި ރަނގަޅު ވާނެ.. ކަމްހިއަރ!" ރާފިލް ނަތާގެ އިނގިލި ތަކުގައި ހިފާލައިފައި އަނެއްކާވެސް ގާތަށް ދަމައިލި އެވެ. ނަތާ ދެފަރާތަށް ބޯ ހޫރުވައިލާފައި ދުރަށް ދާން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލަމުން ރާފިލް ޖެހި ކުއްލި އާއި އެކު އަނެއްކާވެސް އައިސް ވަދެވުނީ އެއަތު ތެރެއަށެވެ. "ހާދަ އިރެއްވެއްޖޭ ދުރުގަ ހުންނަތާ. ދެން މިހާރު ޗާންސެއް ލިބުނީމަ ސެޑިއުސް ނުކޮށްބަލަ ލަވް!" ނަތާގެ ލުއި ހަށިގަނޑު ނުހަނު ފަސޭހައިން ބިމުން ހިއްލާލައިގެން ދާދި ކައިރީގައި ހުރި މޭޒުމައްޗަށް އަރުވާފައި ކައިރިއަށް ހުއްޓިލުމުން ސަލާމަތްވާނެ ހުރިހާ މަގެއް ބަންދުވީއެވެ. "ޖީން ހޭލަފާނެ..." ނަތާ އަނެއްކާވެސް އިތުރު ބަހަނާއެއް ދައްކާލިއެވެ. ރާފިލް ކެތްމަދުވެފައިވާ މިންވަރު ފެނިގެން ތަޅުވާލަން އޭނާ ބޭނުންވިއެވެ. "ނުހޭލާނެ...." ޖީންގެ އެނދާއި ދިމާއަށް މޫނު އަނބުރާލައިގެން ނަތާ އިންދާ ރާފިލް އޭނާގެ ދެކޮލަށް ފިތާލައިގެން މަގަތަށް އަނބުރުވާލައިފި އެވެ. އިތުރަށް ސިކުންތެއްވެސް ނަގާނުލައި އެދެމެދުގައިވާ ދުރުމިން ރާފިލް ނެތިކޮށްލިއެވެ. ފުރަތަމަ ގަދަ ހަދާ ކަމަށް ހެދިގެން އިނދެފައި އިރުކޮޅެއްވީއިރު ނަތާގެ ދެއަތްވެސް އުފުލި ރާފިލްގެ ބުރަކަށްޓަށް އެއިނގިލި ތަކުން ބާރު ކޮށްލެވުނެވެ. 

ހިތް ފުރޭވަރު ނުވި ނަމަވެސް ނޭވާ ކޮޅަށް ގޮސްގެން ދެމީހުންމެ ދުރުވެލައިފި އެވެ. ޝާމީގެ ފިޔަވަޅުތަކުގެ އަޑުވެސް އައީ އެވަގުތުއެވެ. ބިރުން ގޮސް ނަތާގެ މޭގަނޑު އަނގައަށް އައެވެ. ލޯ ބޮޑުކޮށްލާފައި އޭނާއަށް ބަލައިލެވުނީ ރާފިލްގެ މޫނަށެވެ. ދެމީހުން އެތަނުން ފެނިއްޖެއްޔާ ޝާމީއަށް އެނގެން ނަގާނީ ސިކުންތު ކޮޅެކެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ "ބުނޭ އަހަރެން ޓޮއިލެޓްގައޭ...." ރާފިލް ކަން ކުރަންވީ ގޮތް އަންގާފައި ދިގު ފިޔަވަޅު ތަކެއްގައި ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލި އެވެ. ޝާމީ ދޮރު ހުޅުވާލި އިރު ނަތާ ހުރީ މޭޒުން ފައިބައިގެން ބިތްގަނޑުގައި ހަރުކޮށްފައިވާ ފޮޓޯގަނޑަކަށް ބަލާށެވެ. ގެއްލިފައި ހުރި ގޮތަކަށް އެކްޓް ދައްކަމުން އޭނާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައި ރީތި ކޮށްލި އެވެ. "ކޮބާ ރާފިލް؟ ބޭރަކު ނެތް ފެންނާކަށް." ޝާމީ ގޮސް ޖީންގެ މަގަތުގައި އިށީންދެފައި ވާހަކަ ދެއްކިއެވެ. ނަތާގެ ނޭވާ އޭރުވެސް އަދި މުޅިން ހަމައަކަށް ނޭޅޭތީ އެއްޗެއް ބުނަން ނުކެރިފައި ހުއްޓާ ނަސީބަކުން ރާފިލް ނިކުތެވެ. ޝާމީ ބަލައިލާފައި ތިއައީ ފާޚާނާއިން ދޯއޭ ބުނެލުމުން ނަތާއަށް އަށް ހަމަޖެހިލެވުނެވެ. "ހިނގާ ދެން ދާން." ނަތާ އަވަހަށް ދޮރާއި ދިމާއަށް އެނބުރިފައި ރާފިލްގެ ކުރީގައި ހުރެގެން ކޮޓަރިން ނިކުތެވެ.

"ދެޓް ވޯޒް ކްލޯސް." މަގުމައްޗަށް ނިކުމެފައި ނަތާ ހިތާއި ދިމާއިން މޭގައި ހިފަހައްޓާލަމުން ބުނެލިއެވެ. "އެން ފަން." ރާފިލް އެވަގުތުވެސް ލާނެތް ހިނިގަނޑެއް ޖަހާލައިފައި ނަތާގެ އަތުގައި ހިފާލަން އުޅުނެވެ. "ދެން ނޫން ރާފިލް. މިތާކު ނޫން." ނަތާ އަވަހަށް ދުރުވެލިއެވެ. މީހަކަށް ފެނިދާނެތީ މާބޮޑަށް ޖެހިލުންވީއެވެ. "ދެން ކޮންއިރަކުން؟" ރާފިލް ނަތާ ބުނާ އެއްޗެއް ބަލައިލަން ގަސްތު ކުރިއެވެ. "ފަހުން." ހިޔާލަކަށް ގެއްލެމުން ނަތާ ރަކި ގޮތަކަށް ހިނިތުން ވެލިއެވެ.

ގެއަށް އާދެވުނު އިރު ބާރަ ޖަހައި ބޮޑުވެއްޖެއެވެ. ކައި ފުރައިގެން ތިބުމުން ލޯތަކަށް ނިދި ސަވާރު ވާން ލަސްތަކެއް ނުނެގިއެވެ. ޔާނިޒްމެން ޖެހި ސަކަރާތެއްގައި ހަށިގަނޑުގެ އެކި ހިސާބަށް ވެލީގެ އަސަރު ކޮށްފައި ހުރުމުން ރާފިލް ވަނީ ފެންވަރާށެވެ. ބިލިގާގައި އޮވެގެން އޭނާ ނަތާއަށް މެސެޖް ކުރިއެވެ. އެންމެން އަދިވެސް ނުނިދާ ކަމަށް ނަތާ ފޮނުވި ޖަވާބުގައި އޮތެވެ. ރާފިލްއަށް ޖެހޭނީ އަދި އިންތިޒާރު ކުރާށެވެ. ނިމެން އުޅެނިކޮށް ކޮޓަރީގައި މީހަކު އުޅޭ އަޑު އިވުނެވެ. ރާފިލް ރަނގަޅަށް ފެންވެސް ނުހިއްކައި އުނުގައި ތުވާލި އޮޅާލައިގެން އަވަހަށް ދޮރު ހުޅުވާލައިފިއެވެ. ޑްރެސިން ޓޭބަލް ކައިރީގައި އުއްބައްތި ރޯކުރަން ހުރެފައި ނަތާ އެނބުރި ބަލައިލީ އެވަގުތުއެވެ. ކަކުލާއި ހަމައަށް އަންނަ ރޯބެއް މަހާލައިގެން ހުރިއިރު އޭނާގެ މިނިވަން ކޮށްލާފައި އިސްތަށިގަނޑުން ފެނުގެ އަސަރު ފެންނަން ހުއްޓެވެ. ނަތާވެސް އެއައީ ދެންމެ ފެންވަރާލައިގެން ކަންނޭނގެއެވެ. ރާފިލް ބަލަން ހުއްޓައި ނަތާ ރޯބްގެ ވާގަނޑު މޮހާލައިފި އެވެ. އޮރެންޖް އަލީގެ ތެރެއިން އެދެލޯ ވިދާލީ ތަފާތު ގޮތަކަށެވެ. ނަތާ ރޯބްގެ ދެފަރާތުގައި ހިފައި ޓައިލްސް މައްޗަށް ދޫކޮށްލުމުން ރާފިލްއަށް ހުރެވުނީ އެސްފިޔަ ޖަހައިލަން ހަނދާން ނެތިފައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ޕިޖާމާ ކޮޅުގައި އެރީތި ހަށިގަނޑު ފެންނަމުން ދިޔަގޮތުން ހިއްސުތަކަށް ވާންވެލަން ސިކުންތެއްވެސް ނުނެގިއެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން ނަތާގެ ކައިރިއަށް އޭނާ ގޮސް ހުއްޓުނެވެ. 

"ސަޕްރައިޒް ކިހިނެތް ވަނީ؟" ނަތާ ރާފިލްގެ ކަރުގައި އެއް އަތް އަޅުވާލައިގެން އަނެއް އަތުގެ އިނގިލި ތަކުން ފެންތިކިތައް ފިރުކެމުން ދިޔަ ރާފިލްގެ މޭމަތީގައި ފިރުމަން ފެށުމުން ހުރިހާ ނާރުތަކަށް އެނގުންވެގެން އައެވެ. ފުރަތަމަ ފަހަރަށް ނަތާގެ މިސިފަ ފެނިގެން ހިސާބަކަށް ހައިރާންވެފައި ހުރި ރާފިލްގެ ދެލޯ އެމޫނުން ނުނެއްޓިގެން އުޅެނިކޮށް ނަތާގެ އަތްތިލަ ތުވާއްޔާއި ހަމައަށް ފޯރިއެވެ. "ނަތާ!" އެވަގުތު ރާފިލް ހުޝިޔާރު ނުވިނަމަ ތުވާލި އޮންނާނީ ޓައިލްސް މަތީގައެވެ. ލިބުނު ސިހުމުގައި އޭނާއަށް ގޮވާލެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. އަދި ތުވާއްޔާއި އެކު އެހިމަހޯލި އިނގިލި ތަކުގައި ބާރު ބާރަށް ހިފެހެއްޓުނެވެ.

"ޝްޝޫޝޫޝޫ.....! މާބާރަށް ހަޅޭތް ލަވަނިކޮށް މީހަކަށް އިވިދާނެ...." ނަތާ އަނެއް އަތް ރާފިލްގެ ކަރާއި ވަކި ކޮށްލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. ރާފިލް އެއަތް ދުރަށް ޖައްސައިލާފައި ތުވާލި ރަނގަޅު ކޮށްލަންވެގެން ނަތާގެ އަނެއް އަތްވެސް މިނިވަން ކޮށްދިނެވެ. ކުޑަކޮށް ތަދުވެފައި ހުރުމުން ނަތާ އެއަތުގައި ފިރުމާލިއެވެ. ރާފިލްއަށް އެތަން ފެނިގެން ކަންބޮޑުވިއެވެ. އެކަމަކު އެއްޗެއް ބުނަން އުޅެފިއްޔާ ނަތާ ކަންބޮޑު ކޮށްލަފާނެތީ އަނެއް ފަރާތަށް އެނބުރިފައި ގޮސް އަލަމާރިން ހަރުވާޅެއް ނަގައިގެން ލިއެވެ. އެނބުރި ބަލައިލިއިރު ނަތާ ހުރީ ފުރަގަސްދީގެންނެވެ. ދެއުޅަބޮށި ފެންނަން ހުރިގޮތުން ހީވަނީ ދެއަތްތިލައިން މޫނު ފޮރުވާލައިގެން ރޮނީހެންނެވެ. 

"އޯ ގޯޑް! ނަތާ ރޮނީތަ؟ އައެމް ސޮރީ..... އަހަރެން ގަސްތުގައެއް ނޫން ހާޓް ކުރީ..." ރާފިލްގެ ހިތުގައި ޝައްކު ހިނގައިލުމުން ބާރު ބާރަށް ގޮސް ކުރިމައްޗަށް ހުއްޓެވުނެވެ. ނަތާ ދެއަތުން މޫނު ފޮރުވާލައިގެން ހުރި ގޮތުން އަމިއްލަ ނަފްސްދެކެ އައި ރުޅިން ފާރަށް ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލެވުނެވެ. ފުރަގަސްދީގެން ހުއްޓައި އިރުކޮޅަކުން ކަންފަތުގައި ހަރުލައިގެން ދިޔައީ ނަތާގެ ހުނުމުގެ އަޑެވެ. ރާފިލް ހައިރާންވެގެން ބަލާލިއިރު ނަތާ އަދިވެސް މޫނު ފޮރުވާލައިގެން ހުރެ ހެނީއެވެ. އަޑު ބޭރުވެދާނެތީ ގަދަކަމުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާއިރުވެސް ދޭތެރެއަކުން އިވިލައެވެ. 

"ވަޓް؟" ރާފިލް ރުންކުރުވެފައި އަހައިލިއެވެ. އޭނާ އެހާ ސީރިއަސްވެފައި ހުއްޓާ ނަތާ ހޭވަރުން ހިތްހަމަނުޖެހުނެވެ. "އިނގޭތަ ދެންމެ ތުވާލި ނައްޓަން އުޅުނުއިރު މޫނު ހުރި ގޮތް؟ މިހާރު އެނގިއްޖެ ފިރިހެނުންވެސް ލަދުގަންނަކަން." ނަތާ މޫނުން ދެއަތް ވަކިކޮށްލަމުން ކިޔައިދިނެވެ. ރާފިލް އެހާ ސީރިއަސްވެފައި ހުއްޓާވެސް ނަތާގެ ވާހަކަ އިވިގެން ހެވިއްޖެއެވެ. " ނަތާއަށް ހީވި ގޮތެއް ތީ. ލަދުގަންނާނީ އަންހެން ކުދިން." ރާފިލް އެއްބަސްވާކަށް ނޫޅުނެވެ. "އެކަމެއް ނޭނގެ. މޫނު ހީވީ އޮސްޓްރޭލިއަން ރެޑް އެޕަލްއެއްހެން." ނަތާ އަނެއްކާވެސް ހޭން ހުއްޓައި ފެނުނީ ރާފިލް އައިސް ކުއްލިއަކަށް ކައިރިވި ތަނެވެ. އުނަގަނޑުގައި ރާފިލް ހިފަހައްޓާލުމުން އިސާހިތަކު ނަތާގެ މިޒާޖު ބަދަލުވިއެވެ. ނިތުގައި ރާފިލް ތުންފަތް ޖައްސައިލުމުން ނަތާއަށް ލޯމަރައިލެވުނެވެ. އެފިރިހެންވަންތަ ދެއަތްތިލަ ޕިޖާމާކޮޅުގެ އެތެރެއިން ބުރަކަށީގައި ހަރަކާތްތެރި ވާން ފެށުމުން ހުރިހާ ނާރަކަށް ކަރަންޓް ފޮނުވަން ފެށިއެވެ.

"ހަނދާން ނައްތާނުލައްޗޭ އަދިވެސް ތީ އަހަރެންގެ ސްޓުޑެންޓެއްކަން. ޓީޗަރު ކުރިމަތީ މިސްބިހޭވް ކުރަންޏާ އަދަބު ދޭން ޖެހިދާނެ....." ރާފިލްގެ އަނގަ ނަތާގެ ކަންފަތާއި ކައިރިކޮށްލަމުން ވައިއަޑުން ވާހަކަދެއްކިއެވެ. "އަދަބު ދިނަސް މާބޮޑަށް ސްޓްރިކްޓް ނުވައްޗޭ...." ނަތާ އަދިވެސް ބޮޑަށް ލޯ މަރައި ބާރުކޮށްލިއެވެ. "ކުށްވެރިންނަށް އަދަބު ދޭއިރު އޯގާތެރިކަން ދައްކައިގެން އިސްލާހެއް ނުވާނެ." ރާފިލް ބޯ އަރިކޮށްލައިފައި ދަތުން ނަތާގެ ކޮނޑަށް އައްސާފައި އިން ހިމަ ވާފަށަށް ދަމައި މޮހައިލިއެވެ. "ކޮންމެ އަދަބެއް ހިތުން ރުހުމުން ލިބިގަންނަން ތައްޔާރު..." ނަތާގެ އަޑުގައި ސާބިތުކަން ވިއެވެ. ރާފިލްގެ އެބާރުގަދަ އަތުތެރޭގައި އޭނާ އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވައިލިއެވެ. "ޔަޤީންތަ؟" ރާފިލް ގުދުވެލުމުން ނިތްމައްޗަށް ފޭބި އިސްތަށިތައް އެއްފަރާތް ކޮށްލުމުގެ ގޮތުން މަޑު ޖެހިލާފައި އެހިއެވެ. "ޔަޤީން... ހެޑް ޓު ޓޯ.... އައެމް އޯލް ޔުއަރސް...." ނަތާގެ ޖުމްލަ ކިރިޔާ ފުރިހަމަކޮށްލެވުނު އިރަށް އަޑު ހިނދިގެން ދިޔައެވެ. ރާފިލް ދެވަނަ ފަހަރަށް ގުދުވެލުމަށް ފަހު ކޮންމެ ބީހުމެއް ކޮންމެ ހަރަކާތެއް ޖަޒްބާތުން ފޯވެގެން އައެވެ. ނަތާގެ ހިޔާލަށްވެސް ނުގެނެވޭފަދަ އަރާމާއި އުފާތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް އިހްސާސް ކުރެވުނެވެ. އޭނާ އެންމެ ހައިރާންވީ ރަޖާ ދަށުގައި ނިދަން ތިބެފައި ރާފިލް ބުނެލި ވާހަކަ އަހާފައެވެ. 

"ސީރިއަސްކޮށްތަ؟ އަދި މިއަށްވުރެވެސް......." ނަތާއަށް ގަބޫލު ނުކުރެވިގެން ސުވާލު ކުރިއެވެ. "ހޫމ... އެކަމަކު ދެން މިއަށްވުރެ ކުރިއަކަށް ނެތް ދެވޭކަށް....." ރާފިލް ހިނިތުންވެފައި ބަލަން އޮވެގެން ނަތާގެ ކޯތާފަތުގައި މަޑުމަޑުން ޖެހިއެވެ. ވެފައި ހުރި ވަރުބައްޔާއެކު ކުޑަކޮށް ނިދާލަން ވެގެން އެމީހުން ލޯ މަރައިލީ ތަންކޮޅެއް ފަތިހާ ތެދުވާ ގޮތަށް ގަޑި ސޯނާ ކޮށްގެންނެވެ.

ގަޑި ސޯނާ ވުމުގެ ކުރިން ނަތާއަށް ހޭލެވުނެވެ. ނިދިފައި އޮތް ރާފިލްގެ އަތްދަށުން ދުރަށް ޖެހިލައިގެން އޭނާ ގޮސް އަވަހަށް އަންނައުނުތައް ގަޔަށް މަހާލިއެވެ. ސިއްރު ސިއްރުން ކުޑަ ދޮރު ހުޅުވާފައި ގޮސް ގޭގެ އެއްފަރާތުގައިވާ އޭނާގެ ކޮޓަރިއަށް ނަތާ ވަނީވެސް ހުޅުވާފައިވާ ކުޑަ ދޮރަކުންނެވެ. ނިދި އައިސްފައި ހުރުމުން އަނެއްކާވެސް ޖައްސާލެވުނީ އެނދުގައެވެ. 

ލަޔާލް ހެނދު ހެނދުނާ ހޭލައިގެން ކޮޓަރިން ނިކުތްއިރު ބޭރު ތެރޭގައި ނިކަން އަޑު ގަދައެވެ. ގޯތިތެރެއަށް ނިކުތްއިރު ޖޯލިފަތިތައް ފުރާލައިގެން ގިނަ އަދަދަކަށް އަންހެނުންނާއި ޒުވާން އަންހެން ކުދިންތައް ތިބީ އެއޮތް ހެނދުނާ މަސައްކަތް ފަށައިގެންނެވެ. ދެތިން ހުނިގޮނޑި ބަހައްޓައިގެން އެއްބަޔަކު ހުނި ގާނަނީއެވެ. ޖޯލިފަތީގައި ތިބި އެއްބަޔަކު ބޮޑު ތެއްޔެއްގެ ފިޔާ ނޮޅައި ސާފު ކުރަމުން ދިޔައިރު އަނެއް ބަޔަކު އިނގުރު ލޮނުމެދުން ތޮށި ފިލުވައެވެ. ލަޔާލް ގޮސް ބަދިގެއަށް ބޯ ދިއްކޮށްލި އިރު ސަހާމާ އާއި ރިޒޫ ތިބީ ރޮށި ފިހާށެވެ. ލަޔާލް އިލޮށި ފައްޗެއް ހޯދައިގެން މަގުމައްޗަށް ނިކުމެ ކުނި ކަހާލިއެވެ. ގޯތިތެރެ ކުނި ކަހާލައިފައި ގޮސް ޙިތާނު ކުރަން ތައްޔާރު ކުރެވިފައިވާ ގޭގެ ދޮން ފަސްގަނޑު އޮމާންކޮށް ރީތިކޮށްލިއެވެ. ހަސަނާއި ނާޝިފްގެ އިތުރުން އަދިވެސް ދެތިން ފިރިހެނަކު ވެގެން ކުލަ ކުލައިގެ ފުއްޕާ ހަމާއި ބޮކި ފަތިތައް ހަރުކުރަން އުޅެއެވެ. ލަޔާލް ކުނި ކަހައި ނިމިގެން ޖީންއަށް ވަކިން ކާއެއްޗެހި ތައްޔާރު ކުރިއެވެ. ޖީން ހޭލައިގެން އައުމުން ޝާމީއަށް ކާއެއްޗެހި ދައްކާފައި އޭނާވެސް އެހެން މީހުންނާއި ބައިވެރި ވެއްޖެއެވެ. ދިހައެއް ޖަހައިގެން އައިއިރު ޚިތާނު ކޮށްފިއެވެ. އަހުމަދާއި އަލީ އޮތް އެނދުގެ ކައިރީގައި ސަހާމާ އާއި ހަސަނުގެ އިތުރުން އަޒީ އިނެވެ. ލަޔާލް އެވަގުތު އުޅުނީ އެތާގައި ހަރަކާތްތެރިވި ފިރިހެނުންގެ ޓީމަށް ޖޫސް ފޯރުކޮށް ދިނުމުގައި އެހެން ކުދިންނާއި ބައިވެރި ވެގެންނެވެ. އެއްބަޔަކު އޭރު މެންދުރަށް ކައްކަން ތައްޔާރު ވާން ފަށައިފިއެވެ. 

"ލަޔާ! ދެންމެ ކޮންމެވެސް ނަންބަރަކުން ގުޅި." ލަޔާލް ހުސްވެފައިވާ ޖޫސްތަށިތައް ތަބަކަށް ލައިގެން ގެންގޮސް ދޮންނަން ހުއްޓައި އަފްލާކް އައިސް ކާގެއަށް ވަނެވެ. "އެހެންތަ؟ ސޭވް ނުކޮށް އިން ނަންބަރެއް ދޯ." ލަޔާލް ފަރުވާ ކުޑަ ގޮތަކަށް ރައްދު ދީފައި މަސައްކަތް ކުރިއަށް ގެންދިޔައެވެ. "މެސެޖެއްވެސް އަތުވެއްޖެ." އަފްލާކް ކުއްލިއަކަށް ބުނެލިއެވެ. ލަޔާލް އެވަރުންވެސް ކަމަކަށް ނުހެދިއެވެ. ހިތާއި ސިކުނޑީގައި މަސައްކަތުގެ އިތުރަށް އެހެން ހިޔާލެއް ނުވެސް ނެތީއެވެ. އޭނާ މަސައްކަތް ނިންމާފައި އަތް ފުހެލައިގެން ބަލައިލިއިރު އަފްލާކް ފޯނު މޭޒުމަތީ ބާއްވާފައި ގޮސް ނިކުމެ ހުރީ މަގުމަތީގައެވެ. ލަޔާލް ފޯން ނަގާފައި ބަލައިލުމުން މެއަށް ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. އެއީ މާހިންގެ ކޯލެކެވެ. މެސެޖްވެސް ކޮށްފަ އޮންނާނީ މާހިންކަން ގާތްގަނޑަކަށް ޔަޤީންވިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު މެސެޖް ހުޅުވާލެވުނެވެ. މެސެޖްގައި އޮތީ ބައްދަލު ކުރަން ގަޑި ކިޔާފައެވެ. އެމެސެޖް އަފްލާކްއަށް ފެނުނުނަމަ ވާނީ ކިހިނެތް ހެއްޔެވެ؟ އެހިޔާލުންވެސް ލަޔާލްގެ ނޭވާ ހުއްޓެން ކައިރިވިއެވެ. އޭނާ މެސެޖް ޑިލީޓް ކޮށްލައިފައި ނިކުތްތަނުން ލިބުނީ އަނެއްކާވެސް ސިހުމެކެވެ. މަގުމަތީގައި އަފްލާކްގެ ދާދި ކައިރީގައި މާހިން ހުރީ ނާޝިފް އާއި ވާހަކަ ދައްކާލަން މަޑުކޮށްލައިގެންނެވެ. މާހިން ފެނިގެން ގޮވައިލަފާނެތީ އޭނާ އަނެއްކާވެސް ދެމިގަތީ ކާގެ އެތެރެއަށެވެ. 

"ލަޔާލް ކިހިނެތްވެފަ ތިހުރީ؟" ހިތުގައި އަތް އަޅާލައިގެން އޭނާ ހުއްޓާ ރިޒޫ އައިސް ވާހަކަ ދެއްކި އަޑަށް ހަޅޭތްލަވައި ނުގަނެވުނީ ކިރިޔާއެވެ. "ކަމެއް ގޯސްވީތަ؟" ލަޔާލްގެ ހުދުވެފައިވާ މޫނު ފެނިގެން ރިޒޫ ކަންބޮޑުވެއްޖެއެވެ. ލަޔާލްއަށް ޖަވާބެއް ނުދެވުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. އެކަމަކު އެމޫނުގެ ކުލަތައް ރިޒޫގެ ސިކުނޑިއަށް ހިންޓެއް ފޮނުވައިފިއެވެ. "އަޅެ ބުނެބަލަ މާހިންގެ ކަމެއްތަ؟ އޭނަ އައިސް އެބައުޅޭ ދޯ." ރިޒޫ ވިސްނިގެން ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. "މާހިން މީޓް ކުރަން ގަޑި ކިޔާފަ ދެންމެ މެސެޖް ކުރީ." ލަޔާލް އިތުރަށް ސިއްރު ނުކޮށް ކިޔައިދިނެވެ. ރިޒޫ އެއީ ކުރިންވެސް އޭނާ އެވާހަކަ ހިއްސާ ކޮށްފައިވާ ހަމައެކަނި ފަރާތެވެ. "މާހިންއަށް ނޭނގޭތަ ލަޔާ މެރީކޮށްގެން އުޅޭކަމެއް؟ އިއްޔެ މެންދުރު ރަށަށް އެރިއެއް ކަމަކު މީހުން ދައްކާ ވާހަކަ އިވޭނެއްނު." ރިޒޫއަށް އެކަންވީ އަޖައިބަކަށެވެ. "ނޭނގެ...." އެއީ ލަޔާލްއަށްވެސް އޮޅުން ނުފިލާފައި އޮތް ވާހަކައެކެވެ. "އަހަރެން ބުނާ ގޮތެއް ހަދާބަލަ. މާހިން ކިޔާފައި އޮތް ގަޑިއަށް އެތަނަށް ގޮސް ލާކްގެ ވާހަކަ ބުނޭ." ރިޒޫ ހިޔާލުދިނެވެ. ލަޔާލް ބޯ ޖަހާލައިފައި އެތަނަށް އިތުރު މީހަކު ވަންތަނުން އަވަހަށް ގޮސް ފެން ފުޅިއެއް ނަގައިގެން ބޯން ފެށިއެވެ. އިރުކޮޅަކުން ނިކުމެފައި ބަލައިލިއިރު މާހިން ގެއަށް ވަދެއްޖެއެވެ. ނަސީބެކެވެ. ލަޔާލްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

ރޭގަނޑުވެގެން އައިއިރު ޚިތާނު ގޭގައި ރަނގަޅަށް ފޯރި ހިފާލައިފިއެވެ. ބޮޑުބެރު ޓީމު އޮތީ ނުވައެއް ޖަހާއިރަށް އައިސް ތައްޔާރުގައެވެ. މަސައްކަތުގައި އަތް ގާތްކޮށްދޭން އައިސް އުޅޭ ހުރިހާ އަންހެން ކުދިންވެސް ރޭގަނޑުގެ ކެއުން ދީ ތަށިތައް ނަގާފައި ބޮޑުބެރު ބަލައިލަން ހުސްވެލިއެވެ. ލަޔާލް އޭރު ތައްޔާރު ވާން ހުރީ ކޮޓަރި ތެރޭގައެވެ. އަފްލާކް ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގާތީ އޭނާ ހުރީ ޖެހިލުންވެފައެވެ. ތަނަކަށް ދާން އުޅޭކަމަށް އަފްލާކްއަށް ހީވާކަށް އޭނާ ނޭދެއެވެ. ލަޔާލް ކަންބޮޑުވެގެން ފޯނު ނަގާފައި ގުޅައިލީ ރިޒޫ އަށެވެ. ޖަވާބު ނައުމުން އޭނާ ފޯނު ކޮށްޕައިލީ ޖީބަށެވެ. "ހިނގާ ބޭރަށް. މިހާރު ބޮޑުބެރު ފަށަން އުޅޭނެ." އަފްލާކްވެސް ފޯނު ނިންމާލައިފައި އައިސް ކައިރިއަށް ހުއްޓުނެވެ. ލަޔާލް ބޯ ޖަހައިލާފައި ދެމީހުން އެކުގައި ނިކުމެގެން ބޭރަށް ދިޔައެވެ. ކުލަ ކުލައިން ޒީނަތްތެރިވެފައިވާ ޙިތާނު ގެއާއި ގޯތިތެރޭގެ އެކި ހިސާބުގައި ގިނަ އަދަދަކަށް އާންމުންގެ މީހުންވެސް އައިސް ތިބީ ބޮޑު ބެރު ޝޯވގެ ފޯރި ބަލާލުމަށެވެ. ލަޔާލް ގޮސް އަފްލާކްގެ ކައިރީގައި ހުސް ގޮނޑިއެއްގައި އިނދެފައި އިރުއިރުކޮޅާ ސިއްރުން ފޯނަށް ބަލައިލައެވެ. ފުރަތަމަ ލަވަ ފަށައިގެން ވަކި ހިސާބަކަށް ދިއުމުން ދެމީހަކު ނަށަން ނިކުތުމުން މީހުންގަނޑު ހޯބޯ ލަވައިގަތެވެ. 

"އީ....ނިޒް!" އައި ނައި ތަނެއް ނޭނގި ޔާނިޒް ގޮސް ނަށާ މީހުންނާއި ބައިވެރި ވިތަން ފެނިގެން ލަޔާލްއަށް މަޖާވިއެވެ. ތަންކޮޅެއް ދުރުގައި ނަތާވެސް ރިޒޫގެ ކައިރީގައި ހޭން ހުއްޓެވެ. ޔާނިޒް ނިކުތުމުން ފޯރި އިތުރަށް ހިފާލިކަން އެންމެނަށް ވެސް ފާހަގަވިއެވެ. އަންހެން ކުދިންތައް ހީވަނީ އަދި އެހެން ކަމެއް ހެންނެވެ. އަފްލާކްވެސް ޔާނިޒްއަށް ސާބަސް ދިނުމުގެ ގޮތުން ދެތިން އެއްޗެއް އިއްވައިލިއެވެ. އެހެން އިނދެފައި އެއްލި ކަޅިއަކުން އޭނާގެ ސަމާލުކަން ނަތާއަށް ހުއްޓޭގޮތްވީ ކުއްލި އަކަށެވެ. އަފްލާކްއަށް ފެނުނީ ކޮންމެވެސް މީހަކު ނަތާގެ އަތުގައި ހިފައިގެން ގޭޓާއި ދިމާއަށް ދާންފެށި ތަނެވެ. ބަލާކަށް ނުހުރެ އަފްލާކް ތެދުވެފައި އެދެމީހުން ފަހަތުން ހިނގައިގަތެވެ. ކުރިއްސުރެވެސް ތައްޔާރު ވެގެން ހުރި ވަގުތަކަށް ވުމުން ފުރުސަތު ނަގައިލާކަށް އޭނާ ނޭދެއެވެ. 

ލަޔާލް އަތްޖަހަން އިނދެފައި ބަލައިލި އިރު އަފްލާކް ކައިރީގައި ނެތުމުން ވަށައިގެން ހޯދައިލެވުނެވެ. ލަޔާލް ބެލީ އެއީ އޭނާއަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމުގައެވެ. ފޯނުން ގަޑި ބަލައިލާފައި އޭނަ އަވަހަށް ތެދުވެގެން ގޮސް ގޭޓުން ނިކުމެފައި ފާރު ކައިރިން ލައިފައި ކުރިއަށް ދާން ފެށިއެވެ. އޭރު އެމަގުގެ އަނެއްކޮޅަށް ހިނގާފައި ދިޔަ ޖޯޑުގެ ފަސްފަހަތުން އަފްލާކް ހިގާފައި ދެއެވެ. ގަސްތަކުގެ ހިޔަނި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް މަގުގައި ހޮޅިބުރިތަކުގެ އަލި ހުރުމުން އަފްލާކް ހުރީ ތަންކޮޅެއް ފަހަތުގައެވެ. ވަކި ހިސާބަކުން ނަތާމެން ހުއްޓުނު ތަން ފެނިގެން އަފްލާކްވެސް ހުއްޓުނެވެ. ނަތާ ފަސްއެނބުރި ބަލައިލަން އުޅޭހެން އަފްލާކްއަށް ހީވެގެން އޭނާ ކުރިއަށް ވުރެވެސް ފާރާއި ކައިރިވެލާފައި އެނބުރުނީ އަނެއް ފަރާތަށެވެ.

ކޮމެންޓް 0