ލަޔާލް އެނދުން ތިރިއަށް ދެފައި އެލުވާލުމަށް ފަހު ޓައިލްސް މަތީ ހިނގަން ހާއްސަ ކުރެވިފައިވާ މަޑު ފައިވާނަށް އަރާލައިގެން ބާރަށް ގޮސް ފާޚާނާ ދޮރުގައި އަތް ޖައްސާލިއެވެ. އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއި އަނދިރިކޮށް އޮތް ފާޚާނާ ފެނުމުން އޭނާގެ ހިތް އިތުރަށް ބިރުގަންނަ ގޮތްވިއެވެ.
"ލާކް އަޅެ ކޮންތާކަށް ދިޔައީ؟" ހިތާއި ހިތުން ވާހަކަ ދައްކަމުން މޭގައި ހިފަހައްޓާލައިފައި އެނދު ކައިރިއަށް ހުއްޓި ހުރެ އޭނާ ވިސްނިއެވެ. އަދި އެއްވެސް ކަމެއް ގޯސްނުވާ ކަމާއި ގޭގެ ކޮންމެވެސް ހިސާބެއްގައި އަފްލާކް އުޅޭނެ ކަމަށް ނިންމައިގެން ދެން ނިކުތީ ކޮޓަރިން ބޭރަށެވެ. ލަޔާލް ލައިގެން ހުރި އަތްކުރު ޓީޝާޓް ކޮޅާއެކު ދެއަތް ހާމަވެފައި އޮތުމުން ފިނިވާ ގޮތްވިއެވެ. އޭނާ ދެއަތް ހުރަސްކޮށްލައި ކޮނޑުން ފެށިގެން ތިރިއަށް ދެއަތްތިލަ އުނގުޅަމުން ކޮރިޑޯ ކަޑައްތު ކޮށްފައި ސިޑިއާއި ދިމާއަށް ދިޔައެވެ. ހިމޭން ފަޒާގެ ތެރޭގައި ހިފާލައިފައި ހުރި ނިކަން ހިމޭން މިއުޒިކެއްގެ އަޑު ކަންފަތުގައި ޖެހުނީ އެވަގުތުއެވެ. ކުއްލިއަކަށް ހުއްޓިފައި ޔަޤީން ކޮށްލަންވެގެން ހުރެވުނީ ނޭވާވެސް ނުލައެވެ. ޝައްކު ޔަޤީނަށް ބަދަލު ވުމުން އަޖައިބެއް ފަދަ ހަމަޖެހުމެއް މޫނަށް ވެރިވިއެވެ. ލަޔާލް ގައިގާ ހުރި ބާރެއް ދެފަޔަށް ލައިފައި ގޮސް ކޮރިޑޯގެ އެންމެ ކޮޅުން ނިކުމެވެން ހުރި ކުޑަ ފެންޑާކޮޅަށް ނިކުމެއްޖެއެވެ. "އަލްހަމްދުލިﷲ" ދެއަތް ޖޯޑުކޮށްލައި މޭގައި ޖައްސާލަމުން ލަޔާލް އުފަލާއެކު ހެއްދެވި ފަރާތަށް ހަމްދު ކުރިއެވެ.
ލަޔާލްއަށް ފުރަގަސްދީގެން އަފްލާކް އިށީންދެ އިނީ ޕިއާނޯގެ ކުރިމަތީގައެވެ. ތަންކޮޅެއް ދުރުން ބެލްކަންޏަށް ހުޅުވޭ ބިއްލޫރި ދޮރުފަތުގައި އެތައް ހާސް ވާރޭ ތިކިތައް ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔަ ރީތި މަންޒަރާއެކު އެވާރޭގެ އަޑުވެސް ހިސާބަކަށް އެތެރެއަށް އިވި އިވި ހުއްޓެވެ. ލަޔާލް ބަލަހައްޓައިގެން ހުރެލައިފައި ގޮސް އަފްލާކްގެ ފަހަތަށް ހުއްޓި ކޮނޑާއި ހަމައިން ދެއަތް ވަށާލައިގެން ގުދުވެލިއެވެ. "ނުފެނިގެން ވަރަށް ހޯދާފަ މިއައީ." އަފްލާކް ކުޑަކޮށް މޫނު އަނބުރާލައި ބަލައިލުމުން ލަޔާލް ވާހަކަ ދެއްކިއެވެ. "އެހެންތަ؟ ހިއެއް ނުކުރަން ލަޔާ ހޭލާނެ ކަމަކަށް. ވަރަށް ލަހުންނެއްނު ނިދީ." އަފްލާކް އަނެއްކާވެސް ނަޒަރު ހުއްޓައިލީ ޕިއާނޯގެ ފިތްތަކަށެވެ. އަދި މަޑުޖައްސާލި އިނގިލިތައް އަނެއްކާވެސް ހަރަކާތް ކުރަން ފެށިއެވެ. ލަޔާލް އެދެއަތްތިލައިގެ ހަރަކާތްތަކަށް ބަލަން ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އޮވެފައި ހިންދެމިލީ ބެލްކަންޏަށް ކަޅިއެއް އެއްލަމުންނެވެ. އޭނާ ކުދި ފިޔަވަޅު ތަކެއްގައި ގޮސް ދޮރުފަތުގައި އަތްތިލަ ތަތްކޮށްލައިގެން ވާރެއަށް ނަޒަރު ހުއްޓާލިއެވެ.
އެތާގައި ދިއްލާފައި ހުރި ބޮކީގެ ފަނޑުއަލި ބޭރަށް ފޭދިފައި، ބެލްކަނި ފެންނަނީ ހިތްގައިމު ގޮތަކަށެވެ. ފޮޓްތަކުގައި ހައްދާފައިވާ ގަސްތައް ތެމިފޯވެފައި ހުރެގެން ބޮކި އަލީގައި ވިދައެވެ. އަދި ވައިގެ ލުއި ހަމަލާތަކަށް ކެތް ނުވެގެން އިރު އިރުކޮޅާ ހޫރިގަނެެއެވެ. އެމަންޒަރާއި އަޑު ކުރީގެ ހަނދާނެއް އާކޮށްދިން ހިނދު ލަޔާލް ހިނިތުންވެލީ ނޭނގުމުގެ ތެރޭގައެވެ. އަފްލާކް އެއްލި ކަޅިއަކުން ލަޔާލްގެ މި މައުސޫމު އަދާ ފެނި ދެއަތްތިލައަށް ހިމޭންކަމެއް އަތުވެއްޖެއެވެ. އޭނާ ބަލަން އިންދައި ލަޔާލްއަށް މިއުޒިކްގެ އަޑު ކެނޑުނުކަން އިހްސާސްވެގެން އެނބުރި ބަލައިލިއެވެ. އަފްލާކް ބަލަން އިނުމުން ހިނިތުންވެލައިގެން ހުރެ އޭނާ އައިސް ހުއްޓުނީ ކައިރިއަށެވެ.
"ލާކް މޮޅިއްޔާ ބުނެބަލަ! ކޮންކަމަކާއި އަހަރެން ވިސްނީ؟" ލަޔާލް ލާނެތް ގޮތަކަށް ބުމަ އަރުވާލައިފައި އަފްލާކް އިން ގޮނޑީގައި އޮތް ހުސްތަންކޮޅުގައި ޖެހިފިތިގެން އިށީނެވެ. އަފްލާކް އެމޫނަށް ކަޅި ހުއްޓާލި ގޮތަށް ޖަވާބެއްވެސް ނުދީ ބަލަން އިނީއެވެ. ދުވަސް ތަކަކަށްފަހު އެތޫނު ނަޒަރު މޫނަށް އަމާޒުވެ ގިނައިރު ވުމުން ލަޔާލް ރަކިވިއެވެ. "ސޯ ބިއުޓިފުލް." އޭނާ އިސްޖަހައިލަން ތައްޔާރުވެލިތަނާ އަފްލާކް ޝަހާދަތް އިނގިލި ދަތްދޮޅިދަށަށް ލައްވައި ހިފަހައްޓާލުމުން ކާމިޔާބެއް ނުވިއެވެ.
"އައްދެ! ކިހިނެތް ތިވީ؟ ތައުރީފް ކުރީމަވެސް އަންހެން ކުދިން ރޮއެތަ؟" ލަޔާލްގެ ލޮލަށް ގިނަވެގަތް ކަރުނަތައް ފެނިގެން އަފްލާކް ހައިރާންވެފައި ސުވާލު ކުރިއެވެ. "ފޯ ވަންސް އައި ތޯޓް، ދެން ދުވަހަކުވެސް ލާކް ގެ ފަރާތުން މިވަރުގެ ކަމެއްވެސް ފެނުމުގެ ނަސީބެއް އަހަންނަކަށް ނުލިބޭނެއޭ.. ހިތަށްއެރި މުޅި އުމުރަށް ލާކް އަހަރެންނަށް ގެއްލުނީއޭ... ކިތަންމެ ފަހަރަކު މާޔޫސްވެގެން އަމިއްލަ ހިތަށް ވިސްނައިދެން. އަމިއްލައަށް ބުނަން އުންމީދު ކަނޑާނުލާށޭ ލާކް ރަނގަޅުވާނެއޭ، ލާކް ލޯ ހުޅުވާލާނެއޭ. އިނގޭތަ ޝިވަމް ވިހަން ބަނޑުގައި ރިއްސަން ފެށީވެސް މިތާ އިންދާ. ތަދުވާވަރުން މިތަނުން ނުނިކުމެވިފަ އިންދާ ނޫރީ އައީ. އެވަގުތު އަހަރެން އެންމެ ދެރަވީ. ވަރަށް ބޭނުންވި ލާކް އަހަރެންމެންގެ ދަރިފުޅު އުފަންވާއިރު ކައިރީގައި ހުންނަން. އެއަށްފަހު ޝިވަމްގެ ކޮންމެފަހަރަކު އާ ކަމެއް ދަސްކުރާއިރު އެންމެ ހަނދާންވަނީ ލާކް މަތިން. އައި ނީޑެޑް ޔޫ ސޯ ބޭޑްލީ...." ލަޔާލް ލޮލުން ވެއްޓުނު ކަރުނަ ފުހެލާފައި ހަތަރުކަޅި ހަމަކޮށްލިއިރު އަފްލާކްވެސް އިނީ ފެންކަޅިވެފައެވެ. "ދެން އިރާދަ ކުރެއްވިއްޔާ އަހަރެން އަބަދުވެސް ހުންނާނީ ލަޔާ ކައިރީގަ. އައި ޕްރޮމިސް." އަފްލާކް، ލަޔާލް ގެނެސް މެޔާލައި ބޮނޑިކޮށްލިއެވެ. "ހިނގާ ދެން އެތެރެއަށް. ޝިވަމް ހޭލަފާނެ." ލަޔާލް އިރުކޮޅަކުން ވާހަކަދެއްކިއެވެ. ދެމަފިރީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު ފަތިސް ނަމާދު ބަންޤި ގޮވަން ފެށިއެވެ.
ހެނދުނު ހޭލައިގެން ތިރިއަށް ފައިބައިގެން އައި ކޮންމެ މީހަކުވެސް ދެއްކީ މާހައުލު ފިނިކަމުގެ ވާހަކައެވެ. މެދުކެނޑުމެއްނެތި ވާރޭ ވެހެމުން ދިޔައިރު ވައިރޯޅި އެހާ ގަދައެވެ. ލަޔާލް ޝިވަމް އުރާލައިގެން ކާކޮޓަރިއަށް ވަނުމުން އަފްލާކް އިނީ ލިވިންރޫމް ސޯފާގައެވެ. މަފާޒް އާއި ޔަޝާރު އަފްލާކް ފެނިގެން ހެނދުނުގެ ސަލާމް ގޮވައިލާފައި ނާސްތާ ކުރަން ދިޔައެވެ. ނަތާ އައީ ޔާނިޒްގެ ފަހަތުންނެވެ. ފިޔަވަޅުގެ އަޑު އިވިގެން އަފްލާކް އިސް އުފުލައިލިއިރު ޔާނިޒްމެން ފައިބައެވެ. "މޯނިން ދޮންބޭ." ނަތާ އައީ ސީދާ އަފްލާކްގެ ކައިރިއަށެވެ. "މޯނިން..." އަފްލާކް ބަލަހައްޓައިގެން އިންދައި ނަތާ އައިސް ކައިރީގައި އިށީންދެލިއެވެ. ދެބެން ވާހަކަ ދައްކާލަން ތިއްބައި ޔާނިޒް ބަލަހައްޓައިގެން ހުރެފައި މިސްރާބު ޖެހީ ގެއިން ނިކުންނާށެވެ. ދޮރާއި ހަމައިން އަފްލާކް ގޮވާލުމުން ހުއްޓެވުނެވެ. ޔާނިޒް އެނބުރި ބަލައިލިއިރު އަފްލާކް ބަލަހައްޓައިގެން އިނީ އޭނާއަށެވެ.
"ހާދަ އަވަސް އަރުވާލައިގެން ދާން ތިއުޅެނީ މިއަދު އޮފީހުގަ މާ މުހިންމު ކަމެއް އޮތީތަ؟ ނާސްތާވެސް ނުކުރަނީތަ؟" އަފްލާކް ދެސުވާލު އެއްފަހަރާ ކޮށްލިއެވެ.
"ވިއްސާރަ ވީމަ ޓްރެފިކްވެސް އޮންނާނެތީ ތަންކޮޅެއް އަވަހަށް ގޮސްލަން ކަމަށް. "ޔާނިޒް ކުރު ޖަވާބެއް ދީފައި އަވަހަށް ނިކުމެގެން ގޮސް ކާރަށް އެރިއެވެ. އެވަގުތު ނަތާވެސް އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދީފައި ތެދުވެއްޖެއެވެ. އަފްލާކް ގޭގެ އެކި ދިމާއަށް ނަޒަރު ހިންގަން އިންދާ ކުޑަ ކުއްޖެއްގެ ފިޔަވަޅު އަޑު އިވިފައި ޝިވަމް ނިކުތީ ދުވަމުންނެވެ. ފަހަތުން ލަޔާލް ހަރުކޮށް ނިކުތްއިރު އަތުގައި ޝިވަމްއަށް ކާންދޭން ހަދާފައި ހުރި ސީރިއަލް ތަށި ހުއްޓެވެ. "ޝިވަމް ބޭބީ ދެން ތިހެން ނޫޅެ ހުސްކޮށްލަން ހިނގާބަލަ. އެންމެ ސަމުސަލެއްހާ އެތިކޮޅެއް ދެން ހުރީ. މަންމި ބުނަބެއްނު އިސްރާފު ކުރާކަށް ނުވާނެއޭ.." ލަޔާލް ޝިވަމްގެ ފަހަތުން ސޯފާގެ ވަށައިގެން ދުވަމުން ވާހަކަދެއްކިއެވެ. އަފްލާކްއަށް އެމަންޒަރު ފެނި ހިނި އަންނަ ގޮތްވެފައި އިންދާ ޖީން ސިޑިން ފައިބައިގެން އައިސް އޭނާ ފެނިގެން ބުދެއްހެން ބަލަން ފެށިއެވެ. އަފްލާކް އަށް ތެދުވެވުނެވެ. އޭނާ ފިޔަވަޅު ތަކަށް ސަމާލުވެ ހުރެ ގޮސް ޖީންގެ ކުރިމަތީގައި ހުއްޓުމުން އެކުއްޖާ މޫނު މައްޗަށް އުފުލާލައިގެން އަދިވެސް ހައިރާންވެފައި ބަލަމުން ދިޔައެވެ.
"ޑެޑީ!" ޖީން ހައިރާންކަން އެކުލެވޭ އަޑަކުން ގޮވާލިއެވެ. "ޔެސް ބޭބީ. ﷲގެ އިރާދަ ފުޅުން ޑެޑީ ރަނގަޅު މިހާރު." އަފްލާކްގެ ދެލޯ ފެންކަޅިވެގެން ދިއުމާއެކު ވީ އުފަލަކުން އަވަހަށް ބޯ ޖަހައިލިއެވެ. ގުދުވެލަމުން ޖީންގެ ކުޑަ ދެއަތްތިލައިގައި ހިފާ އޭނާ ބޮސްދިނެވެ. އެވަރުންވެސް ހިތް ނުފުރިގެން ޖީންގެ އުރާލުމަށްފަހު އެމޭގައި އެކުއްޖާ ބޮނޑިކޮށްލިއެވެ. އިރުކޮޅެއްނުވެ ލަޔާލް ނިކަން ބާރަށް ޝިވަމްއޭ ގޮވާލި އަޑަށް އަފްލާކް އަވަސް އަވަހަށް އެނބުރި ބަލައިލިއިރު ޝިވަމް ދުވެފައި ވާރެއަށް ނިކުތީއެވެ. އޭނާ ޖީން ތިރީގައި ބަހައްޓާފައި ދޮރާއި ދިމާއަށް ދާން ފެށިއިރު ލަޔާލްވެސް އަތުގައި ހުރި ސީރިއަލް ތަށި ކުޑަ މޭޒުމަތީ ބަހައްޓާފައި ޝިވަމް ފަހަތުން ގޮސް ވާރެއަށް ނިކުމެއްޖެއެވެ. ދޮރާއި ހަމައަށް ގޮސް ހުއްޓިފައި އަފްލާކް ދޮރުކަނީގެ އެހީ ހޯދިއެވެ. ޝިވަމް އާއި ލަޔާލް ވާރެއާއި ތެމިގެން ފަހާ ދުވަމުން ދިޔަ މަންޒަރު ވަރަށްވެސް އުފާވެރިއެވެ. ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސާލުމުން އަފްލާކް މޫނު އަނބުރާލިއިރު ނަތާ އައިސް ހަމަވީއެވެ. އެވަގުތު ނަތާވެސް އެދެމައިންގެ ހަރަކާތްތައް ފެނިފައި ހީލިއެވެ.
"ދޮންބޭ އަހަރެން ދަނީ." ނަތާ އިއްވައިލާފައި ނިކުންނަން ހިނގައިގަތް އިރު ލަޔާލް ޝިވަމް އަތުލައިގަނެގެން އައިސް އެހިސާބަށް އެރީއެވެ. "ޝިވަމް ނޯޓީގަނޑު." ނަތާ ތުން އޫކޮށްފައި ޝިވަމްގެ ނޭފަތުގައި ހިފާލިއެވެ. "ކޮބާތަ ބައްޕަ؟ ނާސްތާ ކުރަންތަ އިނީ؟ އަދި ބައްޕައާއި ދިމާ ނުވެގެން މިއުޅެނީ." އަފްލާކް ކުއްލިއަކަށް ހަނދާންވެގެން އަހައިލާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. ލަޔާލް އާއި ނަތާއަށް ލިބުނު ސިހުމުގައި އެކަކު އަނެކަކަށް ބަލަން ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެވަނަ ސިކުންތުގައި ލަޔާލް އިޝާރާތުން ނަތާ ކައިރީ ދިއުމަށް ބުނެލިއެވެ. "ބައްޕަ މިދުވަސްކޮޅު ޗުއްޓީއެއް ނަގައިގެން އުޅޭތީ އޮފީހަކަށް ނުދޭ." ލަޔާލް ވަރަށް ވިސްނާފައި އެވަގުތަށް ހާލަތު ކޮންތްރޯލްގެ ދަށަށް ގެނައެވެ. ނަސީބަކުން އަފްލާކް އިތުރު ސުވާލެއް ނުކޮށް އެތެރެއަށް ވަންނަން ދިޔައެވެ.
ނަތާ ކަންބޮޑުވެފައި ހުރެގެން ގޮސް ގަރާޖުގައި އޮތް ކާރު ކައިރީ މަފާޒްމެނަށް އިންތިޒާރު ކުރަން ފެށިއެވެ. އިރުކޮޅަކުން މަފާޒްމެން ދެމަފިރީން ޖީހާން ގޮވައިގެން އައިސް ކާރަށް އަރާފައި ގޭޓުން ނިކުންނަން ދުއްވާލިއެވެ.
ޝިވަމް ފެންވަރުވައި ރީތިކޮށްފައި އެކުއްޖާ ރާމިޒާ އާއި ހަވާލު ކުރުމަށްފަހު ލަޔާލް ނާސްތާ ކުރަން ތައްޔާރުވިއެވެ. ޖީން އާއި އަފްލާކްއާއެކު އޭނާ މޭޒު ދޮށުގައި އިށީންއިރު އިނީ ގޮތެއް ނިންމައިގެންނެވެ. އަފްލާކް އާއި ވާހަކަ ދައްކަން އޭނާ މީހަކު ކައިރީ ބުނެފިއެވެ. ގިނަ ވަގުތެއް ނުވެ އެމީހަކު އައިސް އަފްލާކް އާއި ބައްދަލު ކުރާނެއެވެ. ހެއަރ ޑްރަޔަރ އިން ކޮންމެވެސް ވަރަކަށް ހިއްކާފައި އޮތް ލަޔާލްގެ ކަޅު އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލައިފައި އޮތްއިރު ވައިގެ ތެރޭގައި އުދުހިލަ އުދުހިލާ އޮތެވެ. އޭނާ ޖީން އަށް ހާއްސަކޮށް ބޯތައްޓަށް ކިރު އަޅައި ފުރުޓް ލޫޕްއިން ފުރާލައި، ސަމުސަލެއް ލައި ކައިރިކޮށްލަދީފައި ހޮޓް މައިލޯ ހަދަންވެގެން ތެދުވެގެން އުޅުނު އިރު އަފްލާކް ޝައުޤުވެރިވެފައި ބަލަން އިނެވެ. ފިނި ދުވަހަކަށް ވުމުން އާދައިގެ މަތިން ހުންނަ ޖޫހުގެ ބަދަލުގައި ހޫނު އެއްޗަކަށް ބަދަލު ކޮށްލީއެވެ. ބޭރުން ވާރޭ ވިއްސާކަން ލަޔާލްއަށް އިހްސާސް ވެގެން ނާސްތާ ކުރަން ފަށާފައިވެސް އަނެއްކާ ތެދުވެގެން ގޮސް ދޮރުތައް ލައްޕާލިއެވެ. ލަޔާލް ޕާން ފޮތީގައި ދަތް ޖަހާފައި އަފްލާކް ބަލާހެން ހީވެގެން އިސް އުފުލާލިއެވެ. ސުވާލު ކޮށްލާފަދަ ގޮތަކަށް އޭނާ ބުމަ އަރުވައިލިއެވެ. ޖަވާބުގައި އަފްލާކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު އަޑު ނީވޭނެ ގޮތަށް ތުންކޮޅު އޫކޮށް ބޭރަށް ނެރެލުމާއެކު ހަމަ އެހިނދުން އެއްލޯވެސް މަރައިލިއެވެ. ލަޔާލްއަށް ހެވިގެން އަވަހަށް އަނެއް އަތުން އަނގަމަތީ އަތް އަޅާފައި އިސްޖަހާލި ގޮތަށް ހޮޓް މައިލޯ ތަށިން އެތި ފޮދެއް ރަހަ ބަލާލިއެވެ.
"ޖީން ދޭ އަވަހަށް ދަބަހަށް ފޮތް ހަމަކޮށްގެން ހުންނަން، އިރުކޮޅަކުން ޓިއުޝަން ޓީޗަރ އަންނާނެ." ޖީން ނިމިގެން ތެދުވިތަން ބަލަން އިނދެފައި ލަޔާލް ވާހަކަ ދެއްކިއެވެ. ޖީން ބޯ ޖަހައިލާފައި ނިކުމެގެން ދިއުމުން އޭނާ އަފްލާކް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ލާކް އާއި ބައްދަލު ކުރަން މީހަކު އަންނާނެ މިއަދު." ފުރުސަތުގެ ބޭނުން ކޮށްފައި ލަޔާލް ފެށިއެވެ. އަފްލާކް އަނގައިން ނުބުނި ނަމަވެސް މޫނުމަތިން ސުވާލު މާކު ފެނުނެވެ. "ލާކްއަށް ކޮންމެހެން އަންގަން ޖެހޭ ވާހައެއް ވީމަ އެވާހަކަ ބުނަން އެމީހަކު އަންނަނީ. ލާކް ހިތްހަމަ ނުޖެހުމަކީވެސް އެކަށީގެންވާ ކަމެއް. އެކަމަކު އަހަންނަށް ހީވަނީ އެންމެ ރަނގަޅަށް އެވާހަކަ ލާކްއަށް ކިޔައިދީ ވިސްނައިދެވޭނެ މީހަކީ އެއީހެން. އުންމީދު ކުރަން އަހަންނަށް މަޢާފު ކުރާނެ ކަމަށް." ލަޔާލްގެ ސީރިއަސް ފެނި އަފްލާކްގެ ހިތް ތެޅިލިއެވެ. އޭނާ ސުވާލު ކުރަން ތައްޔާރު ވެލިތަނާ ރާމިޒާ ޝިވަމް ގޮވައިގެން އައިސް ވަނުމުން ކާމިޔާބު ވާގޮތެއް ނުވިއެވެ. ގޭގެ ބެލް ޖެހި އަޑުވެސް އިވުނީ ހަމަ އެވަގުތުއެވެ.
"އެއައީ ކަންނޭނގެ. ރާމިޒައްތަ ދޭބަލަ ދޮރު ހުޅުވަން." ލަޔާލް ޝިވަމް އަތުގައި ހިފާލައިފައި ރާމިޒާއަށް ބަލަން ހުރެގެން ވާހަކަ ދެއްކިއެވެ. ރާމިޒާ ނިކުމެގެން ދިއުމުން އަފްލާކްވެސް ކެތްތެރިކަން ކުޑަވެފައި އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ.
ނަތާއަށް ހާއްސަ ކުރެވިފައިވާ ކެބިންއަށް ވަދެ ހަމަ ޖެހިލާފައި ފުރަތަމަ ކަމަކަށް އޭނާ ދަބަހުގައި އޮތް ފޯނު ނަގައި އަތަށް ލިއެވެ. ގަޑި ބަލައިލުމުން މެންދުރު ވުމާއި ދެމެދު އަދި ހާދަ އިރެއް އެބައޮތޭ ހިތަށް އެރިއެވެ. ރާފިލް އާއި ބައްދަލު ނުވަނީސް މިއަދު ހަމަ އެއްގޮތަކަށްވެސް ހިތްހަމަ ޖެހުމެއް ލިބުން ދުރެވެ. އަނެއްކޮޅުން އަފްލާކްގެ ހިޔާލުވެސް ނަތާގެ ހިތަށް އުދަނގޫ ކުރިއެވެ. ކާރުގައި އިނދެގެން އޭނާ އެވާހަކަ މަފާޒް ކައިރީ ދެއްކިއެވެ. ލަޔާލް ފަދައިން މަފާޒްވެސް އެކަމާއި ކަންބޮޑުވުން ފައުޅު ކުރިއެވެ.
ނަތާ އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނު އިރު ހިތް އަވަސްކަމުން ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. ރާފިލް މެސެޖް ކޮށްފައި ފަނަރަ މިނިޓް ތެރޭގައި އަންނަ ވާހަކަ ބުނުމުން އޭނާ އަވަހަށް ގޮސް ވޮޝް ރޫމަށް ވަދެ ފަރި ބަލައިލިއެވެ. ސެންޓް ފުޅި ނަގައި ޖަހާލައިފައި އަދިވެސް އެއްފަހަރު ތުންފަތުގައި ލިޕް ގްލޮސް ހާކާލި ގޮތަށް ދެތުންފަތް ކާއްތައިލިއެވެ. މެސެޖް އައީ އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުއްޓައެވެ. ރާފިލް ކާރުގައި އައިސް ތިރީގައި އިން ވާހަކަ ބުނުމުން ވައިރޯޅިއެއްހެން އޭނާ ނިކުންނަން ދުއްވައިގަތެވެ. ލިފްޓުން ނިކުންނަ ގަޑި ޖެހުމުން ނޭވާ ހަމައަކަށް އަޅުވާލައި ހަމަޖެހިލިއެވެ. އޭނާ ތެޅުނު ވަރު ރާފިލްއަށް އެއްވެސް ގޮތަކުން އެނގޭކަށް އަދި ބޭނުމެއް ނޫނެވެ.
ނަތާ މަގުމައްޗަށް ނިކުމެފައި ކުޑައިން ހިޔާވެ ހުރެ ގޮސް މަގުގެ އަނެއް ފަރާތުގައި އޮތް ކާރަށް އަރައި އިށީނުމާއެކު ރާފިލް ކާރު ދުއްވައިލިއެވެ. ނަތާގެ ނަޒަރު އެއްފަހަރު ރާފިލްގެ މޫނަށް އަނެއް ފަހަރު ވާރޭ ތިކިތައް ބޮސްދެމުން ދިޔަ ބިއްލޫރި ގަނޑަށް ހުއްޓާލިއިރު ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. އިރާދަ ކުރެއްވިއްޔާ ރާފިލް އޭނާގެ މީހަކަށް ހެދުމުގައި ދެން މާގިނަ ވަގުތެއް ނެތެވެ.