ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް ލަޔާލް އެވަރަކަށް ބިރެއް ނުގަތީހެވެ. ދެލޯ ބޮޑުވެ ބަސް ހުސްވެފައި އޭނާއަށް ހުރެވުނެވެ. ވައިގެ ތެރެއަށް ދޫކޮށްލެވިފައިވާ އިސްތަށިގަނޑު މިނިވަން ކަމާއެކު އުދުހެމުން ދިޔައިރު ނިއްކުރިއަށް ދާ ތިކިތައް އެއްވަމުން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ. އަނެއްކޮޅުން އަފްލާކްގެ ހިމޭންކަން ރަތް ސިގްނަލެއް ކަމުގައި ވެގެން ހައްތަހާ ހިތް އަވަސް ކުރުވިއެވެ. 

"ޔޫ ކޭންޓް ޓެލް އެނީވަން!" ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާ ލައިފައި ލަޔާލް ބުނެލިއެވެ. އޭނާގެ ނަޒަރުގައި މީ ބިރުގަންނަންވީ ވަގުތެއް ނޫނެވެ. އޭނާއަކީވެސް ކެރޭ ކުއްޖެއްކަން އަފްލާކްއަށް ދައްކަން ވީ ވަގުތެވެ. "ސޯ ނައު އައެމް ޔޯ ޕާޓްނަރ އިން ކްރައިމް؟" ފުރަތަމަ ވެސް އަފްލާކް ކޮށްލީ މަލާމާތެވެ. "ލުކް! އެއީ ތިހީކުރާ ކަހަލަ ކަމެއް ނޫން." ލަޔާލް މަސައްކަތް ކުރީ އަފްލާކްގެ ކުށްހީ ދުރު ކޮށްދޭށެވެ. ނޫނީވިއްޔާ މިކަން ނިމިގެން ދާނީ އޭނާ ބޭނުން ނުވާފަދަ ގޮތަކަށެވެ. ފޫހި ގޮތަކަށް އަނެއްފަރާތަށް މޫނު އަނބުރާ ލައިފައި އަފްލާކް އެނބުރިލީ އަނެއްކާވެސް ކާރާއި ދިމާއަށެވެ. ލަޔާލް އެއްފަރާތަކަށް ޖެހިލާފައި އަފްލާކް ކާރުގައި ގޮސް މަގުމައްޗަށް ނިކުންނަންދެން ހުރެވުނީ ތުންފަތުގައި ދަތް އަޅައިލަ އަޅައިލައެވެ. 

އެހިސާބުން އަނެއްކާވެސް ހިޔާލުތައް ގުޅުނީ ޖީބުގައި އޮތް ކަރުދާސް ކޮޅާއެވެ. ލަޔާލް ކޮޓަރިއަށް ވަދެފައި ކަރުދާސްކޮޅު ނަގައިގެން އިށީންދެ ބަލަހައްޓައިގެން އިނީ ކިހާ އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. އޭގައި އޮތް ކެފޭ އެޑްރެސް އެއީ ކުރިއަށް އޮތް ދުވަސް ތަކުގައި އޭނާ އެންމެ ގިނައިން ފެންނާނެ އެއް ތަން ކަމާއިމެދަކު އަމިއްލަ ނަފްސަށް ކުޑަވެސް ޝައްކެއް ނެތެވެ. 

ނަތާ އިޝާ ނަމާދަށް ފަހު ފޯން ހިފައިގެން އެނދުގައި ބަންޑުން އޮށޯވެލިއެވެ. އޭނާ މަކަރުން ރާފިލްގެ ނަންބަރ ހޯދީ ޔަޝާރުގެ ފޯން މެދުވެރި ކޮށެވެ. ދެތިން ފަހަރަށް ލިއުނު މެސެޖް ފުހެލާފައި އެންމެ ފަހުން އޭނާ އެކަނި "ތޭންކްސް" އަދި ތިރީގައި ނަން ޖަހާފައި މެސެޖް ފޮނުވާލައިފި އެވެ. ފޮނި ކަމަކާއި އެއްވަރަށް ނުތަނަވަސް ކަމެއްވި ހިތް އޮތީ އަވަސްވެފައެވެ. ނަތާ ބާލީހަށް ދަތްދޮޅި ހަރާލައިގެން އޮތީ ޖަވާބު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ފަސް ވަރަކަށް މިނިޓް ވީއިރު އޭނާއަށް ގަޑިއިރަކަށްވުރެ ދިގު ވެއްޖެއެވެ. އެކި އެކި ހިޔާލު ތަކުން ސިކުނޑި ފުރިގެން އަންނަން ފެށިއެވެ. ރާފިލް އަނެއްކާ ހިތްހަމަ ނުޖެހުނީބާއޭ ހިތަށް އެރިއެވެ. ނޫނީ އޭނާ ފަދަ ކުއްޖެއްގެ މެސެޖަށް ޖަވާބު ފޮނުވުން މުހިންމު ކަމެއް ކަމުގައި ނުދެކުނީއެވެ. ވާނީވެސް އެހެންނެވެ. ރާފިލްގެ ނަޒަރުގައި އޭނާ އެއީ ހަމައެކަނި ދަރިވަރެކެވެ. ކުލާހުގައި އުޅޭ އިތުރު އެއްވެސް ކުއްޖެކޭ އޭނާއެކޭ ތަފާތެއް ނުވާނެއެވެ. ހިތަކީވެސް އަޖައިބެއްފަދަ މަސްކޮޅެކެވެ. އެހިތް ލެނބެން ވަކި މީހެއް ނޯވެއެވެ. ބޭނުންވިއަސް އަމިއްލަ ބާރެއް އޭގެ މައްޗަށް ނޯވެއެވެ. 

ނަތާއަށްވެސް ވީ އެހެންނެވެ. އޭނާގެ އުމުރުން ސާދަ އަހަރުގައި ރާފިލް ފެނިގެން ރީތި ވި ގޮތަށް މަޑު މަޑުން އިހްސާސްތައް ބަދަލުވީއެވެ. ނުވެސް އެނގިހުއްޓާ ހިތާއި ފުރާނައިން ލޯބި ވެވުނީއެވެ. އަފްލާކްގެ އެކުވެރި ކަމުގައި މަދު މަދުން އެގެއަށް ވަންނަ ދުވަސް ތަކަކީ ނަތާއަށް ޢީދު ދުވަހަކަށްވުރެ ވަކިން ދެރަ ދުވަހެއް ނޫނެވެ. އަމިއްލަ ސޫރަ އާއިމެދު އޭނާ ފަރުވާ ބަހައްޓަން ފެށި ހިސާބަކީވެސް އެއީއެވެ. އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އޭނާ ބޮޑު ކުއްޖަކަށް ވެއްޖެ ކަމުގައި އަފްލާކް އަޒީ ކައިރީ ބުނީ އަބަދުވެސް ރީތިވެލައިގެން ހުރުމަށް އިސްކަން ދޭން ފެށި ހިސާބުންނެވެ.

ނަތާގެ ލޯ ފެންކަޅިވެ މާޔޫސް ވެފައި އޮތްވާ ދިޔައީ ސިހިގެންނެވެ. މެސެޖް ޓޯންގެ އަޑު އޭނާގެ ލޯލިތައް ކޮޅަށް ހިއްލާލައިފިއެވެ. މެސެޖް ހުޅުވާފައި ކިޔައިލެވުނީ ނޭވާވެސް ނުލައެވެ. "ވެލްކަމް." ރާފިލް ލިޔެފައި އޮތެވެ. ކުރު އެންމެ ބަހެކެވެ. އެކަމަކު ނަތާއަށް އެއީ މުޅި ދުނިޔެ ފަދައިން އިހްސާސްވިއެވެ. ރާފިލްގެ އިނގިލިތަކުން ލިއުނު ބަހަކަށް ވީތީއެވެ. ބަލާކަށް ނުހުރެ ސްކްރީނުގައި އޭނާ އެތަކެއް ފަހަރު ބޮސްދިނެވެ. ކުރިމަތީގައި ރާފިލް ހުރިނަމަ އެމޫނުގައިވެސް ބޮސްދޭނެ ފަދައިންނެވެ. ވަރަށް ވިސްނާފައި ނަތާ ދެވަނަ މެސެޖްވެސް ފޮނުވާލައިފިއެވެ. "އައި ނޯ އިޓްސް އެ ލޮޓް ޓު އާސްކް... އެކަމަކުވެސް ވަރަށް އާދޭހާއެކު މިއެދެނީ.. ޓިއުޝަން ނަގައިދެވޭނެ ގޮތެއް ނޯންނާނެތަ؟ ޕްރޮމިސް، ޑިސްއެޕޮއިންޓް ނުކުރާނެ ކަމަށް." ނަތާގެ މެސެޖްގައި ލިއުނެވެ. މިފަހަރު ޖަވާބު އައީވެސް ކުރިއަށްވުރެ އަވަހަށެވެ. "ގަވާއިދެއްގެ ދަށުން ޓިއުޝަން ނަގާ ގޮތަކަށް ނޫން އެކަމަކު ބައެއް އުދަނގޫ ލެސަންތަކުގައި ހެލްޕް ވެލަދެވިދާނެ. އަދި އެއީ ޕްރޮގްރެސް ފެންނަންދެން." މެސެޖް ކިޔައި ނިމުނުއިރު ނަތާގެ ހުދު ދަތްޕިލާ އެކުއެކީގައި ފެނިލިއެވެ. "އޯހ ޔެސް. އޯހ ޔެސް." އެނދަށް ކޮޅަށް ތެދުވެފައި ކުޑަ ކުއްޖެއްހެން އޭނާ ފުމެން ފެށިއެވެ. އިރުކޮޅެއް ވީއިރު އިސްތަށިގަނޑު ހޭވި މޫނުމައްޗަށް ފެތުރިގަތެވެ. އޭސީ ޖައްސާފައި ހުއްޓާވެސް ދާހިތްލާލިއެވެ. ގުނބުހިލޭ ގޮތްވެގެން ވެއްޓި ގަންއިރު ހިތްވެސް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އެކަމަކު އެހުރިހާ ކަމަކަށްވުރެ ބޮޑަށް އެ ހިތުތެރޭގައި ފޮނި މީރު ކަމެއް ދައުރު ކުރަމުން ދިޔައެވެ. 

ޖެހިގެން އައި ދުވަހު ލަޔާލް ކޮލެޖަށް ދާން ތައްޔާރު ވެގެން އާދެވުނީ އަފްލާކްގެ ކުރިމައްޗަށެވެ. އެވަގުތު އަފްލާކް ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ލަޔާލް ފެންނަ ކަމަށްވެސް ހަދާނުލައި އަފްލާކްއަށްވުރެ ކުރި އަރައިގެން ދާން ފެށީ ގަޑީގައި ތަން ނެތުމުގެ ސަބަބުންނެވެ. "ސަޕްރައިޒްވެއްޖެ އަދިވެސް މިގެއިން ފެނުނީމަ." ފަހަތުން އަފްލާކްގެ އަޑު އިވިފައި ވަގުތުން ލަޔާލްގެ ފިޔަވަޅުތައް ގަނޑުވިއެވެ. އެނބުރި ބަލައިލި އިރު އަފްލާކް ފޯނު ޖީބަށް ލައިފިއެވެ. "ތިބުނީ؟" ލަޔާލްގެ މޫނުން ހައިރާންކަން ފައުޅުވެގެން ދިޔައެވެ. "ހަފްތާއެއްގެ މުއްދަތު އޮތްވާ އުޅޭނެ އެހެން ގެއެއް ހޯދުން ބުއްދިވެރި. އަހަރެންގެ އަނގަ ބަންދުވެފަ ހުންނާނީ އެހާއިރަށް." އަފްލާކް ފަހަރަކު ހަރުފަތެއް ގިރާކޮށްފައި ކުރި އަރައިގެން ދިޔައިރު ލަޔާލްއަށް ހުރެވުނީ އަދިވެސް ހުއްޓިފައެވެ. އޭނާ ގެއިން ނެރެލުމަށްޓަކައި އަފްލާކް އެހާ ބޭނުން ކަމެއް ކުރިއަކުން ނޭނގެއެވެ. ހިތަށް އަސަރު ކޮށްގެން ލަޔާލްގެ ލޯ ފެންކަޅިވިއެވެ. އެވަރަށް ރުޅިވެސް އައެވެ. 

ބްރޭކް ގަޑީގައި ލަޔާލް ނިކުމެފައި މަގުމަތިން ޓެކްސީއެއް ހޯދައިގެން އެރިއެވެ. ދަބަސް ތެރޭގައި އޮތް ކަރުދާސްކޮޅު ނަގައި އަދިވެސް އެއްފަހަރު ނަޒަރެއް ދީފައި ދާންވީ އެޑްރެސް ބުނެދިނެވެ. އެހިސާބުން ހިތް އޮތީ ތެޅި ތެޅިއެވެ. ޑްރައިވަރ އޭނާ ކެފޭގެ ކުރިމައްޗަށް ބާލުވާފައި ދިއުމުން ލަޔާލްއަށް ހުރެވުނީ ހިނގައިގަންނާނެ ބާރު ދެފަޔަށް ނުލިބިފައެވެ. ކެފޭގެ ނަންބޯޑާއި ބިއްލޫރި ގަނޑުން ފެންނަން ހުރި މީހުންތަކަށް ބަލަން ހުރެގެން ފިނިވެފައިވާ ދެއަތްތިލަ ގުޅުވައިލެވުނެވެ. ފުން ނޭވައެއް ލައި ނަފްސް ހަމައަކަށް އަޅުވާލަން ލަޔާލް މަސައްކަތް ކުރިއެވެ. އެއަށްފަހު ނެތް ހިތްވަރާއެކުވެސް އެދިމާއަށް ދާން ފަށައިފި އެވެ.

ކެފޭގެ ދޮރުން ވަދެފައި ލަޔާލް ކައުންޓަރ ކައިރިއަށް ހުއްޓިލިއެވެ. ލަޔާލް ތަބަކެއް ނަގާފައި ޝޯކޭސްގައި ހުރި ކާއެއްޗެހިން ބޭނުން އެއްޗެހި ހަމަކޮށްފައި ވޭޓަރަށް ބުއިމަކަށް އޯޑަރ ދިނެވެ. އޭނާ ގޮސް މޭޒެއް ހޯދައިގެން ބަލަން އިނީ ފައިސާ ކައުންޓަރާއި ދިމާއަށެވެ. އޭނާ އެތެރެއަށް ވަންއިރުވެސް އެތާ އިން މީހާ ފޯނު ކަންފަތުގައި ޖަހައިގެން އޮތީ ކުޑަކޮށް މޭޒާއި ދިމާއަށް އަރިވެލައިގެންނެވެ. ވޭޓަރަށް ކާއެއްޗެހި ދައްކަން ޖެހުނީވެސް އެހެންވެއެވެ. އަދި އެހެންވެގެން ރީތިކޮށް އެމީހާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެކަމަކު ލަޔާލްއަށް އެޑްރެސް ހޯދައިދިން ފަރާތް އަންގާ ގޮތުން ވިއްޔާ މެންދުރުގެ މިގަޑީގައި އެތާ އިންނާނީ އޭނާ ހޯދަން ބޭނުންވާ ފަރާތެވެ. ލަޔާލް އެސްފިޔަވެސް ޖަހާނުލައި ބަލަން އިންދައި ކައުންޓަރ އިން އަންހެން މީހާ ހިންދެމިލައިފި އެވެ. ވަގުތުން މެއަށް ފިނިވެލިކަން އިހްސާސްވިއެވެ. އޭނާ އަވަސް އަވަހަށް ދަބަހުގެ ވަތްގަނޑަކަށް އަތް ކޮށްޕާލައިފައި ނެގީ ޕާސްޕޯޓް ސައިޒްގެ ކުޑަ ފޮޓޯގަނޑެކެވެ. ލަޔާލް އެފޮޓޯގަނޑު ކުޑަކޮށް ހިއްލާލައިގެން ކުރިމަތިން ފެންނަމުން ދިޔަ ސޫރަ އާއި އަޅައި ކިޔައިލި އެވެ. އެދެލޯ ފެންކަޅިވާކަށް ސިކުންތު ކޮޅެއްވެސް ނުނެގިއެވެ. އަދި ތުންފަތް މަތީގައި ހިތި ހިނިތުންވުމެއް ދުވެލައިފިއެވެ. އެއީ ހަމަ އެސޫރައެވެ. ފޮޓޯ އާއި ޚިލާފަށް ބުރުގާ އަޅައި ނިވާވެގެން ހުރުމާއިއެކު ކުޑަކޮށް ފަލަވެފައި ހުރުމުން ތަފާތު ގޮތެއް ހުއްޓެވެ. އެކަމަކު އެލޮލާއި މޫނުގެ ވަނާތަކުން ސަތާރަ އަހަރު ކުރީގެ ސޫރަ ސިފަކޮށްދެއެވެ. ސާޅީހަކަށް އަހަރުގައިވެސް ގައިގެ ހަން ރީތިވެ އުމުރަށް ވުރެވެސް ފެންނަނީ ޒުވާން ކޮށެވެ.

ވޭޓަރ މެންގޯ ޝޭކް ގެނެސްދިނުމުން ލަޔާލް ގަޑިއަށް ނަޒަރެއް ދީފައި އަވަހަށް ކާން ފެށިއެވެ. ދޭތެރެއަކުން އޭނާ އިސްއުފުލާލައިފައި ބަލައިލަނީ އަނެއްކާވެސް އެމޫނަށެވެ. އެންމެ ފަހުން އޭނާ އެންމެ އިންތިޒާރު ކުރަމުން އައި ވަގުތު ކޮޅުވެސް އަތުވެއްޖެއެވެ. ލަޔާލް ދަބަސް ކޮނޑުގައި އަޅުވާލައިގެން ގޮސް ފައިސާ ދައްކަން ހުއްޓިލި އިރު އަނެއްކާވެސް އަތްފައި ފިނިވެއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާ މާޔޫސް ވާ ގޮތް ވިއެވެ. އޭނާ އުންމީދު ކުރި ގޮތަށް ކަންތައްތައް ނުދިޔައީމައެވެ. އަންހެންމީހާ ފައިސާގެ ޖުމްލަ ބުނެލާފައި އިސްޖެހީއެވެ. ލަޔާލްގެ ލޮލުން އޭނާއަށް އެކައްޗެއްވެސް އިހްސާސެއް ނުވިއެވެ. އެމޫނުން އަންހެންމީހާގެ ހިތަށް ސިގްނަލެއް ނުފޮނުވިއެވެ.

"އެން ދި މެޖިކް ޑިޑް ނޮޓް ވޯކް.... ކިހިނެއް އެހެން ވާނީ؟" ލަޔާލް ނިކުމެ ކާރެއް އަތު ޖެހޭތޯ ހުރެގެން އަމިއްލައަށް ވާހަކަ ދެއްކިއެވެ. އެމޫނުގައި ކުރިންވި އުޖާލާކަން ގެއްލި މަޑު ރީނދޫ ކުލައަކަށް ބަދަލު ވެފައި ވެއެވެ. އެތައް އަހަރެއް ވާންދެން އޭނާ ކުރި އިންތިޒާރުގެ ވަގުތު ކޮޅު ނިމުމަކަށް އައީ ހީކުރި ގޮތަކަށް ނޫނެވެ. މަންމައަށް އޭނާ އެއީ ކާކުކަން ނޭނގުނު ތާގައި ކުޑަކޮށްވެސް އެދެމެދުގައި ވި ގުޅުމުގެ އިހްސާސެއް ނުކުރިއެވެ. 

އަފްލާކްމެން އޮފީސް ނިންމާފައި ގެއަށް ވަންނަން އައި އިރު ލަޔާލް ލިވިންރޫމް ސޯފާގައި އިނީ ޔޯގަޓް ތައްޓެއް ކާށެވެ. ކައިރީގައި ޔާނިޒް ވީޑިއޯ ގޭމް ކުޅެން އިނެވެ. "އަޒީބެ އަންނަންދެން މިއިންނަނީ." ލަޔާލްއަށް އެމީހުން ފެނިގެން އަވަހަށް ސޯފާއިން ތެދުވެއްޖެއެވެ. "އެއީ ކިހިނެއްވީ؟" އަޒީ އައިސް ކައިރިއަށް ހުއްޓުނެވެ. އަފްލާކް އާއި މަފާޒް ދިޔައީ ސިޑިން އަރަން ވެގެންނެވެ. އެކަމަކު ފަސްދިން ފަހުންވެސް އަފްލާކްގެ ކަންފަތް ލަޔާލް ދައްކަން އުޅޭ ވާހަކަ އަހަން ތައްޔާރަށް ހުއްޓެވެ. "އޮޅުންފިލުވަން ބޭނުން ވަނީ މިގޭގައި އުޅޭއިރު އަހަރެންނަށް އޮތް ފުރުސަތު ތަކަކީ އަދި މަނާ ކަންތައް ތަކަކީ ކޮބައިތޯ؟" ލަޔާލް ސުވާލު ކޮށްފައިވެސް ވަށްކަޅިއަކުން ބަލައިލީ ފުރަގަސްދީފައި ދިޔަ އަފްލާކް އަށެވެ. "ހެހެ... މަނާ ވާނީ ހަމައެކަނި ގޯސް ކަންތައްތައް. އެނޫނިއްޔާ މިގޭގެ އެހެން ކުދިންނަށް އޮތް ހުރިހާ ފުރުސަތެއް ލަޔާލްއަށްވެސް އެބައޮތް. އެކަމަކު ކިހިނެއްވެގެން ކުރި ސުވާލެއް ތީ؟" އަޒީ ލުއި ހުނުމަކާއެކު ޖަވާބު ދީފައި އެހިއެވެ. 

"އެވީގޮތަކީ ކުރީ ރޭ ގޭޓު ކުރިމަތިން ފްރެންޑް ކުއްޖަކާއި ބައްދަލު ކުރަން ނިކުމެވުނީ ހުއްދަ ނުހޯދައި. ފިރިހެން ކުއްޖެއް އެއީ. އޭނާ އައީ އަހަރެން ހޯދަން އެދުނު މައުލޫމާތެއް ދޭން ވެގެން. އެކަމަކު ފެންނަ މީހަކު ކޮންމެފަދަ މާނައެއްވެސް ނަގައިފާނެ. ދޮގު ވާހަކަތަކެއް ހަދައިގެން އަޒީބެ ކައިރީ ދައްކަން މަސައްކަތް ކޮށްފާނެ. މަޢާފަށް އެދެން ހުއްދަ ނުހޯދައި އެކަން އެގޮތަށް ކުރެވުނީމަ. ބުނެބަލަ އެހެންވެގެން އަޒީބެ އަހަރެން ގެއިން ނެރެލާނަންތަ؟" ލަޔާލްގެ ވާހަކަ އިވިގެން އަފްލާކްގެ ފިޔަވަޅުތައް އެހިސާބުން ހަރުލައިފިއެވެ. ހައިރާން ކަމާއެކު އެނބުރި ބަލައިލެވުނެވެ. ލަޔާލް ކުރިއްސުރެ ތައްޔާރު ވެގެން ހުރެފައި އަޒީ ނޫނެކޭ ބުނެ ދެކޮޅު ހެދުމުން އަފްލާކްއަށް ދެއްކެން ތަންމިނަށް ހިނިތުން ވެލައިފި އެވެ. ވަގުތުން އަފްލާކް އަނދައިގަތެވެ. މުށްކަވައި ލެވުނު ކަނާތްތިލަ ފަޓްލޫނުގެ ޖީބަށް ކޮށްޕާލައިފައި އޭނާ އަނެއްފަރާތަށް އެނބުރިފައި ބާރު ބާރަށް ސިޑިން އަރައިގެން ދިޔައެވެ.

އާދައެއް ކަމުގައި ހަދައިގެން ލަޔާލް "އެލް ޒީ" ކެފޭއަށް އަންނަތާ އެއީ ދެވަނަ ހަފްތާއެވެ. ވާރޭ ވެހޭ ދުވަހަކަށް ވުމުން ލަޔާލް ފިނި އެއްޗެއްގެ ބަދަލުގައި ހޫނު ކޮފީއެއް ނަމަވެސް އެއްޗަކަށް ބަދަލު ކޮށްލަން ނިންމިއެވެ. ތަންކޮޅެއް މީހުން ގިނަ ދުވަހަކަށް ވުމުން މަޑު ކުރަން ޖެހުނީ ކިއުގެ އެންމެ ފަހަތުގައެވެ. މޫސުމުގެ ގޮތުން ކަމަށް ވެދާނެއެވެ. ނޫނިއްޔާ އެތާގައި އަބަދުހެން މީހުން ތިއްބަސް އެގޮތަށް ކިއުގައި ހުންނާކަށް ނުޖެހެއެވެ. "ދި ޔޫޝުއަލް. އެހެންނު." ލަޔާލްއަށް ޖެހުމުން ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ އަންހެންމީހާ އިސް އުފުލާލައިފައި ބުނެލައިފިއެވެ. މަޤްސަދާއި ހަމައަށް ވާސިލް ވުމަށްޓަކައި ފުރަތަމަ ފުރަތަމަ ފިޔަވަޅު ކުރިއަށް ޖެހިލެވުނީއެވެ. މަންމައަށް އޭނާ ފާހަގަ ކުރެވިއްޖެއެވެ. އުފަލުން ގޮސް ލަޔާލްއަށް ހިނިތުން ވެ ލެވުނެވެ. އޯޑަރ ބަދަލު ކުރާ ހިތެއްވެސް ދެން އޭނާ ނުވިއެވެ. ފިނި ދުވަހަކަށް ވިއަސް އެއަކު މައްސަލައެއް ނެތެވެ. "މިހިސާބުގައި ތަ އުޅެނީ؟ ވަރަށް ފަހުން ދޯ އައީ. ކުރިއަކުން ނުދެކެން ވިއްޔަ." ލަޔާލްގެ މަންމަ ލީޒާ ކާއެއްޗެހި ތައްޓަށް ހަމަކުރަމުން އަހާލައިފިއެވެ. "ދުރެއް ނޫން." ލަޔާލް ކަޅި ޖަހާނުލައި ހުރެގެން އެމޫނަށް ބަލަނީއެވެ. 

"ކޮން ނަމެއް ކިޔަނީ؟" ލީޒާ ތަބައް ދިއްކޮށްލާފައި ހިތްހެޔޮ ކަމާއެކު އެހިއެވެ. "ލަޔާލް." ލަޔާލް އަވަސް އަވަހަށް ޖަވާބުދިނެވެ. "ރީތި ނަމެއް." ލީޒާ ހިނިތުންވެލައިފައި ގޮނޑީގައި އިށީންދެއްޖެއެވެ. އެހިސާބުން ތަބައް ހިފައިގެން ލަޔާލް މިސްރާބު ޖެހީ އޭނާ އާންމުކޮށް އިންނަ މޭޒާއި ދިމާއަށެވެ. އިރުކޮޅަކުން ވޭޓަރ މެންގޯ ޝޭކް ގެނެސްދީފިއެވެ.

ކާން އިނދެގެން މިއަދު ލަޔާލްއަށް ބެލެނީ ބިއްލޫރި ގަނޑާއި ދިމާއަށެވެ. ވާރޭ ތިކިތަކުގެ ހަމަލާއިން އެބިއްލޫރިގަނޑު އެކީ އެކައްޗަށް ފުސްވެފައިވެއެވެ. ވާރޭ ބޯކޮށްލީ އޭނާ ކެފޭއަށް ވަން ފަހުންނެވެ. އެހާ ބޯކޮށް ވެހެންޏާ އޭނާ ގެންގުޅޭ ކުޑަ އެއީ ބޭކާރު އެއްޗަކަށް ވެގެން ދާނެއެވެ. އޭނާ ނިމިގެން ފައިސާ ދައްކަން ދާން ތެދުވިތަނާ ކެފޭގެ ދޮރު ހުޅުވާފައި އެވަނީ އަފްލާކް އާއި ފަހަތުން ރާފިލް އެވެ. ފެނުގެ އަސަރު ހުރި އިސްތަށިގަނޑު ކުޑަކޮށް ފޮޅައިލަމުން އަފްލާކް ވަށައިގެން ލޯ ހިންގައިލި އެވެ. އެވަގުތު ލަޔާލް އެނބުރުނީ އަނެއް ފަރާތަށެވެ. އަފްލާކްއަށް އޭނާ އެތަނުން ފެނިއްޖެއްޔާ ދުވަސް ދިޔައީ އޭ ހިތަށް އެރިއެވެ. ގެއިން ނެރެލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އަބަދު ހުންނަނީ އޭނާގެ ފަރާތުން ކަމެއް ނުފެނިފައެވެ. ލަޔާލް ތުންފަތް ހަފަމުން ލައިގެން ހުރި ޖެކެޓްގެ ހުޑް ނަގައި ބޮލުގައި އަޅުވައިލީ އަފްލާކްއަށް އޭނާ ފާހަގަ ނުވާނެ ގޮތަށެވެ. އެކަމަކު އެތަނުގައި ނުކުންނާނީވެސް ކިހިނެއް ހެއްޔެވެ؟ ވާރޭ ވެހެނީ ހުއްޓަން އުޅޭ ކަހަލަ ގޮތަކަށް ނޫނެވެ.

ހުސް މޭޒެއް ނެތުމުން އަފްލާކްމެން ކޮފީއަށް އޯޑަރ ދީފައި އިށީންދެލީވެސް ކައުންޓަރ ކައިރީ އިށީންދެވެން ހުންނަ ދެގޮނޑީގައެވެ. ލަޔާލްއަށް ގޮތް ހުސްވީ އެހިސާބުންނެވެ. އޭނާ އަފްލާކްމެނަށް ފުރަގަސްދީގެން އިނދެފައި ވޭޓަރ އެހެން މޭޒަކަށް ކާއެއްޗެހި ގެންގޮއްސައި އަންނަނިކޮށް އިޝާރާތް ކޮށްލައިފި އެވެ. އަނގައިން ބަހެއް ނުބުނެ ފައިސާ ހަވާލު ކުރެވުމުން ހިތްހަމަ ޖެހުނެވެ. ދެން އޮތީ ވާރޭ ހުއްޓާ ވަގުތަކުން އެމީހުނަށް ނުފެނި ބޭރަށް ދެމިގަތުމެވެ. ނަސީބު ވެސް ރަނގަޅީއެވެ. އިރުކޮޅަކުން ވާރޭ ހުއްޓުމަކަށް އަތުވެއްޖެއެވެ. ލަޔާލް ތެދުވެ ކަޅިމަތި ބަލާފައި އަވަހަށް ނިކުތެވެ.

ރާފިލްއަށް މެސެޖް ކޮށްފައި ނަތާ ފެންވަރާލައިގެން ނިކުތެވެ. ބިޒްނެސް މީޓިންއަކަށް އަޒީ އާއި އެކު ޔާނިޒް ނޫން ދެންތިބި ދެމީހުން ދިޔައީ ބޭރަށެވެ. ރޭގަނޑުގެ ކެއުންވެސް މީޓިން ތެރޭގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަތާ ލޯގަނޑު ކުރިމަތީ ހުރެގެން ފަރިބެލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެން ހެދުންކޮޅާއެކު ބަނޑާ ހިސާބުން ރަތް ބެލްޓެއް އެޅުމުން އިތުރަށް ހެދުން ރީތިވިއެވެ. އެއިސްތަށިގަނޑު ދޫކޮށްލައިފައި ތުންފަތުގައި ލިޕް ގްލޮސް އުނގުޅައި ދެތުންފަތް ކާއްތައިލިއެވެ. އަތުގައި އުޅައެއް އަޅާފައި އޭނާ ރީތި ފައިވާނަކަށް އަރާލައިގެން ކޮޓަރިން ނިކުތީ ފޮތްތަކާއި ދަބަސް ވެސް ހިފައިގެންނެވެ. ރާފިލް ކުރިން އައި ދެ ދުވަހުވެސް އެހީވެދިނީ ލިވިންރޫމްގައެވެ. މިއަދު އަދި އެހާ މިނިވަން ކޮށް ފުރުސަތު ލިބުމުން ލިވިންރޫމްވެސް ނަތާއަށް އެންމެ ރަނގަޅެވެ. އެކަމަކު ކުރީބައިގައި ލަޔާލް އާއި ޔާނިޒްއަށް އޭނާ އޮތީ އެގަޑީ ތިރިއަށް ނުދާން އަންގާފައެވެ. 

"ނިކަން ރަނގަޅަށް ބަލާފަ ބުނެބަލަ. ހައު ޑޫ އައި ލުކް؟" ނަތާ ނިކުތްތަނުން ލަޔާލް ފެނިގެން ކުޑަކޮށް ދެފަރާތަށް އެނބުރިފައި އެހިއެވެ. "ސެކްސީ." ލަޔާލްގެ ޖަވާބު ދިނީ ބޮޑުވައި އިނގިލި ތެދުކޮށްލާފައެވެ. "ރިއަލީ؟" ނަތާ ފޮނިވެގެން އަހައިލެވުނެވެ. "އަހަންނަށް އޮޅިއްޖެ. ޓިއުޝަނަކަށް ނޫންތަ ތިދަނީ؟ ނޫނީ ކެންސަލްވީތަ؟" ލަޔާލްއަށް ޝައްކެއް ވެގެން އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން އެހިއެވެ. ނަތާ ހާސްވިކަން މޫނުމަތިން ހާމަވިއެވެ. "ކޮންމެތާކަށް ދިޔަ ކަމުގާވިއަސް ރީތިވެގެން ހުރުމަށް އިސްކަން ދެން." ނަތާ ލަޔާލްއަށް އިތުރު ފުރުސަތެއް ނުދީ އަވަހަށް ފައިބައިގެން ދިޔައެވެ. 

ލަޔާލް ބަލައިލި އިރު ޔާނިޒްގެ ކޮޓަރި ތަޅުލާފައި ހުރުމުން ނިދީ ކަމަށް ނިންމާފައި ތިންވަނަ ބުރިއަށް އެރިއެވެ. އޭނާ ފަރިތަކަމާއެކު ގޮސް ވަނީ ޕިއާނޯ ބަހައްޓާފައި ހުންނަ ތަނަށެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑުތަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ އަދި ކިރިޔާއެވެ. އާއިލީ ފޮޓޯތައް ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ލަޔާލް ފޮޓޯތައް ބަލަމުން ގޮސް ސޯފާގައި އިށީންދެލައިފައި ފާރާއި ކައިރިއަށް ހުރި ތިންބަރީގެ ކުޑަ ކަބަޑު ފެނިގެން ހާވައިލާ ހިތްވިއެވެ. ނަސީބަކުން ތަޅުލާފައެއް ނޫނެވެ. ލަޔާލް ފުރަތަމަ ވަތްގަނޑު ހާވާލައިފައި ނެގި ފޮޓޯ ފްރޭމް ފެނިފައި ދެތިން ފަހަރަށް އެސްފިޔަ ޖަހައިލެވުނެވެ. އަފްލާކްގެ ހިނި އައިސްފައިވާ ފޮޓޯ އެއީ އަޖައިބަކަށްވެގެން ބެލުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެފޮޓޯދެކެ ރުޅި އައުމުގެ ބަދަލުގައި އޭނާއަށް މާބޮޑަށްވެސް ގަޔާ ވެވިއްޖެއެވެ. ހިތަށް އެރިއެވެ. މިފޮޓޯ އޭނާ ކޮޓަރިއަށް ގެންގޮސް ފޮރުވަންވީއެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއަށް އިތުރުވާ މީ އަނެއް އަޖައިބެވެ. ފަހަރެއްގައި އަފްލާކް ބްލެކްމެއިލް ކޮށްލަންވެސް މީތި ބޭނުން ކުރެވިދާނެއެވެ. 

ލުއި ހިނިތުންވުމަކާއެކު ފޮޓޯގަނޑު ހިފައިގެން ސިޑިއާއި ހަމައަށް ގޮސް ލަޔާލްއަށް ޖެހިގަނެވުނީ އަފްލާކްގެ ގައިގައެވެ. މީޓިންއަށް ދިޔަ މީހާ ގެއަށް އައުން މީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟ އެވަގުތު ފޮޓޯގަނޑު އަތުން ދޫވެގެން ވެއްޓި ޓައިލްސްމަތީ ޖެހިފައި ބިއްލޫރިތައް ކުދި ކުދި ވެގެން ދިޔައެވެ. ލަޔާލް ކަންބޮޑުވީ ފޮޓޯގަނޑު ތެޅި ގެނެއްނޫނެވެ. އެކަމަކު އަފްލާކްއަށް އޭނާގެ އަތުން އެފޮޓޯގަނޑު ފެނިގެންނެވެ. 

"ސްޓޮޕް." ލަޔާލް ހަތަރު ކަޅި ހަމަކޮށްލައިފައި ބިއްލޫރިތައް ހޮވަންވެގެން ގުދުވަން ތައްޔާރު ކޮށްލިތަނާ އަފްލާކް އަތުގައި ހިފެހެއްޓުމުން ތަދުވެސް ވިއެވެ. އިސް އުފުލައިލުމުން އެލޮލުން ލަޔާލްއަށް ފެނުނީ ނުރައްކާތެރި ކުލަވަރެކެވެ.

ކޮމެންޓް 0