އޮފީސް ނިންމާފައި އައިސް ގެއަށް ވަން ނަތާގެ ލޮލުގައި ފުރަތަމަވެސް ލަޔާލް އަޅައިގަތީ ސަބަބެއް ނެތިއެއް ނޫނެވެ. ހުއްޓި ނުލައި ދެކޮޅަށް ހިނގަމުން ދިޔަ ގޮތުން މީން އިރަކު ތަނެއްގައި އިށިން ވައްތަރެއް ނުޖަހައެވެ. އަފްލާކް ފެންނަ ހިސާބުގައި ހުރިތޯ ބަލަން ވެގެން ވަށައިގެން ނަޒަރެއް ދީފައި އޭނާ ގޮސް ލަޔާލް ކޮނޑުގައި ހިފަހައްޓާލިއެވެ. 

"ކިހިނެތްވީ؟ ކޮބާ ދޮންބެ؟" ލަޔާލް އެނބުރި ބަލައިލުމުން ނަތާ އެހިއެވެ. "ތިއެއް ނޭނގިގެން މަވެސް މިހުންނަނީ. ރާފިލް ގުޅީމަ ދިޔަ ފަހުން ދެގަޑި އިރަށްވުރެ ގިނަވީ." ލަޔާލްގެ ޖަވާބުން ނަތާއަށް ލިބުނު ހާސްކަން ދެގުނައެވެ. ބިރުގަނެފައިވާ ގޮތަކަށް ނަތާ ފުރަތަމަވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. ހަމައަށް ނޭޅިގެން އުޅެނިކޮށް ރާފިލް ފަރާތުން ކައިވެނީގެ ޚަބަރު ލިބިއްޖެއްޔާ އަފްލާކް ކަންތައް ކުރާނެ ގޮތް ލަފާ ކޮށްލަންވެސް ދައްޗެވެ. ނަތާ ލަޔާލް ކޮނޑުން ދޫ ކޮށްލައިފައި ނިޔަފަތި ހަފަމުން އެތެރެއަށް ދާން އުޅެނިކޮށް ލަޔާލް ގޮވާލުމުން ސިއްސައިގެން ދިޔައެވެ. ނަތާ ފާޑަކަށް ހަޅޭތްލައި ގެންފައި ބަލައިލުމުން ލަޔާލްއަށް ޝައްކުވެއްޖެއެވެ. 

"ކިހިނެތް ތިޔަ ވީ؟" ލަޔާލް ޖާސޫސީ ލޮލަކުން ނަތާގެ މޫނަށް ބަލަމުން ސުވާލު ކުރިއެެވެ. "އަމް... އަހަރެން ހަމަ ކަންބޮޑުވީ ދޮންބެއާއި ރާފިލްގެ ހިސްޓްރީއަށް ވިސްނާފަ." ނަތާ އިސްޖަހައިލަމުން ޖަވާބުދިނެވެ. ލަޔާލް އިތުރު ފުރުސަތެއް ނުދީ އޭނާ އަވަހަށް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެފައި ފޯނު ނަގައި ރާފިލްއަށް ގުޅަން ފެށިއެވެ. ނަތާ ގޮތް ހުސްވީ ރާފިލް ފޯނަށް ޖަވާބު ނުދިން ތާނގައި މެސެޖެއްވެސް ނުކުރީމައެވެ. އެހެން ގޮތެއް ނެތުމުން ހާސްވެގެން އޭނާއަށް ދެވުނީ ލަޔާލް ކައިރިއަށެވެ. 

"ލަޔާ. ރާފިލްވެސް ފޯނެއް ނުނަގާ. އަޅެ ކިހިނެތް ހީވަނީ؟ އެދެމީހުން މެދުގައި ފައިޓެއް ނަމަވެސް ހިނގީބާ؟" ނަތާ އިތުރަށް އެއްވެސް ކަމެއް ސިއްރު ކުރަން ނުހަދައި ވާހަކަ ދެއްކިއެވެ. ލަޔާލްވެސް އަޑު އަހަން ހުރެފައި ތުންފަތުގައި ދަތް އަޅާލިއެވެ. އެހިސާބުން ދެމީހުން ގަސްތު ކުރީ ދެން ތިބި މީހުންގެ ކަންފަތަށް އެވާހަކަ ފޯރުވާށެވެ. ލަޔާލް މަފާޒްމެން ފެނޭތޯ ދިޔައިރު ނަތާ ހިނގައިގަތީ ޔާނިޒް ކައިރިއަށެވެ. އިރުކޮޅެއް ވީ އިރު އާއިލާގެ އެންމެން ތިބީ ލިވިން ރޫމަށް ޖަމާވެއެވެ. ލަޔާލް އާއި ނަތާގެ ކައިރީގައި ޔަޝާރު ސޯފާގައި އިން އިރު މަފާޒް އާރިފްގެ ނަންބަރަށް ޑައިލް ކޮށްގެން ހުރީ ކޮޅަށެވެ. ޔާނިޒް އެގޭ ލޭންޑް ލައިނަށް ގުޅުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އާރިފް ފޯނު ނެގުމުން މަފާޒް ވާހަކަ ދައްކަން ފެށި އަޑަށް އެންމެންގެ ލޯތައް އެމޫނަށް ހުއްޓިފައި ހުއްޓެވެ. 

"އާރިފްބޭ. ކިހިނެތްތަ؟" މަފާޒް ދުރު ދުރުން ފެށިއެވެ. "ރާފިލް ގޭގައި އުޅޭތަ؟ އޭނަ ފޯނު ނުނަގާތީވެ. މުހިންމު ވާހަކައެއް ދައްކާލަން." އާރިފްގެ ޖަވާބަށްފަހު މަފާޒް ވާހަކަ ކުރިއަށް ގެންދަމުން ސުވާލު ކުރިއެވެ. "ރާފިލް އެއް ނެތް. މެސެޖެއް އޮތިއްޔާ އެކަމަކު ރައްދު ކޮށްދެވިދާނެ." އާރިފްގެ އަޑުގައިވި އާދަޔާ ޚިލާފް އުފާވެރިކަން މަފާޒް އަކަށް ފާހަަގައެއް ނުވެއެވެ. އޭނާ ޝުކުރު އަދާ ކޮށްފައި އެވަގުތަށް ފޯން ކަނޑާލިއިރު އެންމެން ތިބީ ސުވާލު ކުރަން ތައްޔާރަށެވެ. އެކަމަކު މަފާޒްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ގޭގެ ބެލް ޖަހާލުމުން ހުރިހާ ސަމާލުކަމެއް އެދިމާއަށް ދިޔައެވެ. ރާމިޒާ ގޮސް ދޮރު ހުޅުވާލުމުން އަފްލާކް ވަދެގެން އައިއިރު އާދަޔާ ޚިލާފް އެއްވެސް ކަމެއް އެމޫނަކުން ފައުޅެއް ނުވިއެވެ.

"ލާކް...! ކޮންތާކު އުޅެފަ ތިއައީ. އައި ވޯޒް ވޮރީޑް." ލަޔާލް ތަންކޮޅެއް ބާރަށް ގޮވައިލާފައި ގޮސް އަފްލާކްގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. "ޔޫ އޯކޭ؟" މަފާޒްވެސް ދުރުގައި ބަލަން ހުރެފައި އަހާލިއެވެ. "ދެން އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް." އަފްލާކް ހިނިތުންވެފައި ނަޒަރު ހުއްޓައިލީ ނަތާގެ މޫނަށެވެ. ލަޔާލް އެކުގައި ދަމުން އޭނާ ނަތާ އާއި ހަމަކޮށްފައި ހުއްޓި އެކޮނޑުގައި އަތް ބާއްވައިލީ މާނައިން ފުރިގެންވާ ގޮތަކަށެވެ. އަފްލާކް މެނަށް ފަހު ޔަޝާރު އާއި މަފާޒްވެސް މައްޗަށް ދާން މިސްރާބު ޖެހުމުން ނަތާ އަވަހަށް ރާފިލްއަށް މެސެޖެއް ކޮށްލިއެވެ. ޔާނިޒް އެއިން ގޮތަށް ދުރު ބަލަހައްޓައިގެން ސޯފާގައި އިނުމުން އޭނާއަށް ފޯނު ކުރަން ނުކެރުނީއެވެ.

އަފްލާކްގެ ފުށުން ރާފިލް އާއި މެދު އޮތް ހުރިހާ ކުންޏެއް ވިއްޔާ ފިލައި ސާފު ވެއްޖެކަން އެނގުމުން ލަޔާލް އިންތިހާއަށް އުފާވިއެވެ. އެއަށްވުރެ ބޮޑު އުފަލެއް އޭނާއަށް ލިބުނީ ރާފިލް އާއި ނަތާގެ ކައިވެނީގެ ޚަބަރު ލިބުމުންނެވެ.

އަފްލާކްގެ ރުހުން ލިބުމުން އިތުރު ވަގުތު ތަކެއް ނުނަގައި ދެއާއިލާގެ ބައްދަލު ވުން އެރޭގެ ވަގުތެއްގައި ބެއްވުމަށް ހަމަޖެހުނެވެ. ރާމިޒާ އާއި އެކު ލަޔާލް އާއި ނަތާވެސް ރޭގަނޑުގެ ކެއުން ތައްޔާރު ކުރަން އުޅުނީ ހޭވައްޓާ ލައިފައެވެ. ވަގުތު ޖެހުނުއިރު ރާފިލްގެ އާއިލާ އެގެއަށް އައެވެ. ދުވަސް ގަނޑަކަށްފަހު ގޭތެރޭގައި ހުނުމާއި މަޖާ ކުރުން ފުރަތަމަ ފަހަރަށް ފެނިގެން ދިޔައެވެ. ކައިވެނީގެ ތާރީޚެއް ކަނޑައެޅި ކަންތައްތައް ހުންނާނެ ގޮތް ރޭވުމުގެ އެކަކު އަނެކަކަށް ހިޔާލު ފައުޅު ކުރަމުން ދިޔައެވެ. އާދަޔާ ޚިލާފަށް ހިމޭންވެފައި އިނީ ހަމައެކަނި ޔާނިޒްއެވެ. ޔާނިޒް، އިރުކޮޅެއް ނުވެ ފޯނެއް އައިސްގެން ތެދުވި މީހާ ހަރުކޮށް ހިނގާފައި ސިޑިން އަރައިގެން ދިޔަ ގޮތަށް ދައްކައެއް ނުލައެވެ. ލަޔާލް އެމީހުންގެ ވާހަކައިގައި ބައިވެރިވަމުން ދިޔަ ނަމަވެސް ޔާނިޒް އާއި މެދު ވިސްނުން ކުރިއަށް ގެންދިޔައެވެ. ނަތާގެ ކައިވެންޏާއެކު އާއިލާއަށް އަލުން އުފާވެރިކަން އަންނައިރު އެކެއްގެ މޫނުންވެސް މޮޅިވެރިކަން ފެނިގެން ނުވާނެ ކަމުގައި ލަޔާލް އަމިއްލައަށް ކަނޑައެޅިއެވެ. އޭނާ އަމިއްލަ ހިތަށް ބުނެލިއެވެ. އެދުވަހު ޔާނިޒްވެސް ހުންނަން ޖެހޭނީ ހިނިތުންވެފައެވެ. އަދި އެކަން ކުރާނެ މީހަކީ ޚުދު އޭނާއެވެ. ޔާނިޒްގެ ތުންފަތަށް ހިނިތުންވުން ގެންނާނީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ. އިރާދަ ކުރެއްވިއްޔާ އެދުވަހުން އެއާއިލާ އާއި ބައްދަލު ކުރާނީ ހަތަރު އަހަރު ކުރީގެ އުފާވެރި ޔާނިޒްއެވެ.

ވަދާޢު ކިއުމުގެ ވަގުތުގައި ޔަޝާރުމެން ރާފިލްގެ އާއިލާއެކު ދޮރާއި ހަމައަށް ދާން ތެދުވުމުން ލަޔާލް ވަނީ ރާމިޒާ ފަހަތުން ބަދިގޭގެ މަސައްކަތްތައް ހަމައަކަށް އަޅުވައިލާށެވެ. އިރުގަނޑެއް ފަހުން އޭނާ ބޭރަށް ނިކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ލަޔާލް ފެންވަރާލަން ބޭނުންވެފައި ހުރެގެން މައްޗަށް ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ޝިވަމް އެކަނި ނިދާފައި އޮތެވެ. ހީވާ ގޮތުން އަފްލާކް ވާނީ މަފާޒް ކައިރީގައެވެ. ލަޔާލް ބިލިގާއަށް ފެން އަޅަން ޖައްސާފައި ދަތް އުނގުޅަން ހުރެފައި އެވަގުތު ކޮޅުވެސް ޔާނިޒް އަށް ޝާމީ ހޯދައިދޭނެ ގޮތަކާއިމެދު ވިސްނުން ހިންގިއެވެ. 

ފެންވަރާލައިގެން އޭނާއަށް ނިކުމެވުނީ އަފްލާކް ކުރިމައްޗަށެވެ. އެވަގުތު އަފްލާކް ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގަމުން އޭނާ ނިކުތް އަޑަށް ކުއްލި އަކަށް ބަލާލި ގޮތުން ލަޔާލް ނިކަން ރަކިވިއެވެ. ލަޔާލް ކާޕެޓް މަތީ އިނގިލި ތަކުގެ ކުރި ޖައްސައިގެން އަވަހަށް ގޮސް ތުވާލި ނަގައި މެއާއި ހަމައިން އޮޅާލިއެވެ. އިސްތަށިގަނޑު ހިއްކަންވެގެން ގޮސް ޑްރެސިން ޓޭބަލް ކުރިމަތީ އިށީންދެ ހެއަރ ޑްރަޔަރ ކަރަންޓަށް ޖަހަމުން ސިއްރު ނަޒަރެއް ދިންއިރުވެސް އަފްލާކް ބަލަން އިނީ އެމޫނަށެވެ. އިރުކޮޅެއް ނުވެ އަފްލާކް ފޯނު ބާއްވާފައި އައިސް ލަޔާލްގެ ފުރަގަހަށް ހުއްޓިއްޖެއެވެ. ލޯގަނޑަށް ބަލަން ހުރެގެން އޭނާ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވިއެވެ. ދެވަނަ ސިކުންތުގައި ކުޑަކޮށް ގުދުވެލާފައި ހާމައަށް އޮތް ލަޔާލްގެ ދޮން ކޮނޑުގައި ދަތްދޮޅި އަޅުވާލައިފިއެވެ. ހީލިކަރުވާ ގޮތް ވެގެން ލަޔާލް ތުއި ގޮތަކަށް ހީލިއެވެ. ހެއަރ ޑްރަޔަރގެ އެހީގައި އެފަން އިސްތަށިގަނޑުން އަފްލާކްގެ މޫނުމައްޗަށް ފެތުރިގަތުމުން ލަޔާލް އެމަސައްކަތް ހުއްޓާލައިފައި ހެއަރ ޑްރަޔަރ ދުރުގައި ބޭއްވިއެވެ. އަފްލާކް އޭނާ އިން ވަށް ގޮނޑީގައި ހިފައި މަގަތަށް ވާގޮތަށް އަނބުރާލުމާއެކު ލަޔާލްގެ އުނަގަނޑަށް ދެއަތް ފޯރުވާލަމުން ކޮޅަށް ނެގިއެވެ. 

"ޝިވަމް ހޭލަފާނެ." ލަޔާލްގެ ނަޒަރު އެނދުގައި އޮތް ޝިވަމްއަށް ހުއްޓުމާއެކު ވައި އަޑުން ހަނދާން ކޮށްދިނެވެ. އަފްލާކް ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް ދުރަށް ޖެހިލިއެވެ. ލަޔާލް ބަލަން ހުއްޓައި އަފްލާކް ގޮސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އަފްލާކް އަލަމާރި ހުޅުވާފައި ނެގި ރޯބްއެއް ހިފައިގެން އައިސް ލަޔާލްއަށް ދިއްކޮށްލާފައި ލާން އެނދުނެވެ. އަފްލާކް ހަދަން އުޅޭ ގޮތެއް ނޭނގި ހުރެ ލަޔާލް ތުވާލި ދޫކޮށްލައިފައި ރޯބް ދެއަތަށް މަހާލި ގޮތަށް ދެފަރާތުން ގެނެސް ކައިރިކޮށްލައި ވާފަށް އައްސާލިއެވެ. "ސްޓޭ ބިހައިންޑް!" އަފްލާކް ގޮސް ދޮރުން ބޯދިއްކޮށްލައި ކޮރިޑޯ ހުސްތޯ ބެލިއެވެ. އޭނާ ބޭނުންވި އަމާންކަން ފެންނަން އޮތުމުން ކާމިޔާބުގެ ހިނިތުން ވުމަކާއެކު އެނބުރި ބަލައިލާފައި ކުރިމަތީ ދެން ހުންނަ ހުސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. 

ލަޔާލް ލޯ ބޮޑުކޮށްގެން ހުއްޓާ އަފްލާކް އެނބުރި ބަލައިލާފައި ފަހަތުން އައުމަށް ހަނާ އަޅާލިއެވެ. ލަޔާލް ފުރަތަމަވެސް ބޯ ދިއްކޮށްފައި ދެކޮޅު ބަލާލިއެވެ. އަދި ނިކުމެ ދޮރު ލައްޕާފައި ކުއްލިއަކަށް ދުއްވައިގަނެގެން ގޮސް އެކޮޓަރިއަށް ވަދެއްޖެއެވެ. "އަމިއްލަ ގޭގައި ސްނީކް އިން މި ކުރެވެނީ ދޯ." ލަޔާލްއަށް މަޖާވެގެން ހީގެންފައި ގޮސް އެނދުގައި އިށީންދެލިއެވެ. ދޮރު ތަޅުލާފައި އެނބުރުނު އަފްލާކް ގޮސް ޑްރެސިން ޓޭބަލް ޑްރޯވަރ އިން ލައިލަކް އުއްބައްތިއެއް ނަގައި ރޯކޮށްލައިފައި އެނބުރުނު އިރު ލަޔާލް އިނީ ތެދުވެއެވެ. އަފްލާކްއަށް ވުރެ ކުރިން ކުރިއަށް ފިޔަވަޅެއް އަޅާފައި އައިސް ކައިރިއަށް ހުއްޓުނު އިރު ލަޔާލްގެ ރޯބްގެ ވާފަށް އޮތީ މޮއްސާލެވިފައެވެ. 

ބަސް ބުނާހައި ހިނދުކޮޅެއްގެ ތެރޭގައި ރޯބް ކާޕެޓް މައްޗަށް ތިރިއަށް ދިއުމުން އުއްބައްތި އަލި އެޅިފައި އެތުނި ހަށިގަނޑު ފެނުމުން އަފްލާކްގެ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. އެތައް ދުވަހަކަށް ފަހު އަލުން އެހަށިގަނޑު ބީހިލަން ލިބުމުން އޭނާގެ ކަރު ހިއްކުން އެތައް ގުނައެއް އިތުރު ވެފައި ވިއެވެ. ލަޔާލްގެ ހާލަކީވެސް އެއީއެވެ. އަފްލާކް އޭނާ އަތުތެރެއަށް ލުމުގެ ކުރިއަށް އޭނާ އަމިއްލައަށްވެސް ގޮސް އެދެއަތުން ހިމާޔަތް ހޯދިއެވެ.

"ލާކް!" އިރުގަނޑެއް ފަހުން ރަޖާދަށުގައި ނިދަން ތިބެފައި ލަޔާލް ގޮވާލިއެވެ. ލޯމަރައިގެން އަފްލާކް އޮވެފައި އެއަޑަށް ލޯ ހުޅުވާލިއެވެ. އޭނާ މޫނު އަނބުރާލިއިރު ލަޔާލް އޮތީ ބަލަހައްޓައިގެންނެވެ. "އަހަރެން ކިޔައިދޭން ބޭނުން ވާހަކައެއް އެބައޮތް." ލަޔާލް ބުނެލިއެވެ. އަފްލާކް ކުޑަކޮށް މައްޗަށް ޖެހިލައިގެން ބާލީސްތަކުގައި ލައްގަނެލީ އެވާހަކަތައް އަހަން ތައްޔާރުވި ފަދަ ގޮތަކަށެވެ. "އަހަރެން ބޭނުން މާހިންގެ ވާހަކަ ކިޔައިދޭން." ލަޔާލް މާހިންގެ ނަން ބުނި ފަހުންވެސް އަފްލާކްގެ މޫނުން ކިލަބު ކަމެއް ނުފެނެއެވެ. އަފްލާކް ބަލަހައްޓައިގެން އިނުމުން ލަޔާލް ކިޔައިދޭން ފެށިއެވެ. ކުޑައިރުގެ ވި އިކްރާރަށް ފަހު މާހިން ފުރައިގެން ދިޔަ ގޮތަށް ޚަބަރެއް ނުވެ ހުއްޓާ އޭނާއަށް އަފްލާކްދެކެ ލޯބި ވެވުނު ވާހަކައެވެ. އަދި އެއަށްފަހު ރަށަށް ގޮސް އުޅުނު އުޅުމުގައި އަލުން މާހިން ފެނިގެން ބައްދަލު ކުރަން އެދުމުން އޭނާ އެކަމަށް އެއްބަސްވީ ހަމައެކަނި މާހިންއަށް އަފްލާކް އާއި ދެމެދު އޮތް ތޯހިރު ގުޅުމުގެ ވާހަކަ ކިޔައިދޭން ކަމުގައެވެ. އެކަމަކު އެރަށުގައި ކަން ހިނގާ ދިޔަ ގޮތަށްފަހު އޭނާ ރުޅި އައިސްގެން މާހިން އެއީ ލޯބިވެރިއެއް ކަމުގައި ބުނެފައި ވަނީ ހަމައެކަނި ގަދަ ކޮށްލަން ކަމުގައެވެ. އަފްލާކްއަށް ހަޤީޤަތް އެނގުމުން ހިނިތުންވެފައި ކުރިއަށް ވުރެވެސް ލަޔާލް ކައިރި ކޮށްލައިގެން ނިތުގައި ބޮސްދިނެވެ. 

އޭނާއަށް އަބަދުވެސް ލަޔާލްގެ ލޯއްބާމެދު ޔަޤީންކަން އޮތެވެ. ލަޔާލް ދުވަހަކުވެސް ބޭވަފާތެރި ނުވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތެވެ. "ލަޔާ ނާހަމެއްނު އާނާގެ ވާހަކައެއް؟" ފުރުސަތުގެ ބޭނުން ކޮށްފައި އަފްލާކްވެސް އަމިއްލަ މާޒީގެ ތެރެއަށް ފީނައިލަން ނިންމިއެވެ. "ލާކް އަމިއްލައަށް ކިޔައިދޭނަމޭ ބުނީމަ އަހަރެން މިހުންނަނީ ލާކް ބޭނުންވި އިރަކު ކިޔައިދޭން ފުރުސަތު ދީގެން. އެހެންނޫނަސް އެއީ އަހަންނަށް މިހާރު މުހިންމު ވާހަކައެއް ނޫން." ލަޔާލް ހިތުގައި އޮތް ގޮތަށް ބުނެލިއެވެ. "އެކަމަކު ލަޔާއަށް އިނގޭތަ ސީކްރެޓްތައް ޝެއަރ ކުރީމަ ދެމީހުންގެ ރިލޭޝަން މާބޮޑަށް ވަރުގަދަ ވާނެ." އަފްލާކް ޖަވާބުގައި ބުންޏެވެ. ލަޔާލް އިތުރު އެއްޗެއް ނުބުނުމުން އޭނާ ކިޔައިދޭން ނިންމިއެވެ.

"އާނާ ބުނި ގޮތަށް އެއީ އަހަރެންގެ ފުރަތަމަ ސީރިއަސް ގާރލް ފްރެންޑް. އަހަންނަށް ސާރާ ފެނިގެން ލޯބި ވެވުނީ އާނާއެކު އޮތް ގުޅުން ކަނޑާނުލައި އޮތްވާ. ދެން ވީ ގޮތަކީ ދެމީހުން މެރީވެސް ކުރި ފަހުން އާނާ އެމެރިކާއަށް ދިޔަ ފަހަރެއްގައި އަހަރެންނާއި މީޓް ކުރަން ދިޔައީ. އާނާ އިސް ނަގައިގެން ކިސް ކުރީ. އެވަގުތު ނޭނގެ އަހަރެންނަށް ވީ ގޮތެއް އާނާ ދުރުކޮށްލާކަށް ނުކެރުނު. އަހަރެން ހުރީ އާނާ ފެނުނީއްސުރެ އަމިއްލަ ނަފްސް ކުށްވެރި ކޮށްގެން. އެތަން ފެނުނީ ސާރާއަށް. އެދުވަހުން ފެށިގެން ސާރާ އަހަރެންނަށް ކުރި އިތުބާރު ކަނޑާލީ. އަލުން އަނބުރާ ސާރާގެ ލޯއްބާއި އިތުބާރު ހޯދަން އަހަރެން ކުރި މަސަކަތް ވީ ނާކާމިޔާބު. ސާރާ އުޅެފަ އެހެން ކުއްޖަކާއި ގުޅުނީ. ކިޔެވުން ނިންމާފައި އެހިސާބުން އަހަރެން އޭނަ ޑިވޯސް ކޮށްފަ ރާއްޖެ އައިސް އަދި އޭގެ ފަހުންވެސް ސާރާ ރުއްސަން މަސައްކަތް ކުރިން. އެއީ އެކަން ވީ ގޮތަކީ. ދެން ވީ ގޮތް ލަޔާއަށް އެނގެއެއްނު." އަފްލާކް އޮޅުން ފިލުވައިދިނެވެ. ލަޔާލް ބޯ ޖަހައިލުމުން އަފްލާކް ބަލަން އިނދެފައި އިރުކޮޅަކުން ތިރިއަށް ޖެހިލައިގެން ދެމީހުން ނިދޭތޯ ހަމަޖެހިލިއެވެ.

ދެ ހަފްތާގެ ދިގު އިންތިޒާރަކަށް ފަހު ނަތާ އާއި ރާފިލް އެންމެ ދެކެން ބޭނުންވެފައި ދުވަހަށް އިރު އެރިއެވެ. ހެނދުނުއްސުރެ ހަލަބޮލިވެފައިވާ ގޭގައި ކޮންމެ މީހަކުމެ ފެންނަނީ ކޮންމެވެސް މަސައްކަތެއްގައި ހޭބޯ ނާރާ އުޅޭތަނެވެ. މަސައްކަތް ކުރަން އަދި މީހުން ހަމަޖައްސާފައި ތިއްބެއް ކަމަކު އެމީހުންނަށް އިރުޝާދު ދިނުމާއި ކަން ހިނގާ ނުހިނގާ ގޮތް ބެލުން ގޭގެ މީހުންނަށް ހަވާލުވެފައި އޮތެވެ. މަފާޒް އެންމެ އިސްކޮށް ހަރަކާތް ތެރި ވަމުން ދިޔައިރު އެހީ ތެރިއަކަށް އަފްލާކް އާއި ޔާނިޒް އުޅުނެވެ. ލަޔާލް ހެނދުނު ތެދުވި ގޮތަށް ދެކުދިންނަށް ސައި ދީފައި ޖީހާންއާވެސް އެކު އަނީސާ ކައިރިއަށް ފޮނުވާލުމުން ދެން ހުރި ކަންކަމުގައި އުޅޭނެ މަގު ތަނަވަސްވެފައި އޮތެވެ. އެންމެންވެސް އަތުކުރި އޮޅާލައިފައި ހުރީ އިރު އޮއްސެން ވާއިރަށް ހުރިހާ މަސައްކަތެއް ނިންމާލުމަށެވެ. ކާމިޔާބުވެސް ވިއެވެ. އިރު އޮއްސި އަނދިރިކަން ވެރިވެގެން އައި އިރު އާ ކައިވެންޏަކަށް ތައްޔާރުވެފައިވާ އަލަތު އަންބެއް ފަދައިން އެބޮޑު ގެއާއި ގޯތިތެރެ ޒީނަތްތެރި ކުރެވިފައި ވެއެވެ. 

ހަތެއް ޖެހިއިރު ބިއުޓީޝަނުންގެ ދެތިން ކުއްޖަކު ނަތާއަށް ހާއްސަ ވެގެން އައިސް ހުއްޓެވެ. ވަށައިގެން އެކުދިންތައް ހަރަކާތްތެރި ވަމުން ދިޔައިރު ނަތާ އިނީ ޑްރެސިން ޓޭބަލް ކުރިމަތީ ލޯގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. އިރު އިރުކޮޅާ އޭނާ ފޯނުން ގަޑި ބަލާލަނީ ފިނިވެފައި އިނދެގެންނެވެ.

ލަޔާލް ބޯ ދިއްކޮށްލާފައި ނަތާގެ ކޮޓަރީގައި ކަން ހިނގާ ގޮތް ބަލައިލުމަށްފަހު ޖީން އާއި ޝިވަމް ރީތި ކުރަންވެގެން ކޮޓަރިއަށް ދިޔައެވެ. އެތެރެއަށް ވަދެފައި އޭނާ އަތުގައި އޮތް މޯބައިލް ބޭއްވީ ފެންނަ ހިސާބުގައެވެ. ހީވަނީ މުހިންމު ކޯލަކަށް އިންތިޒާރު ކުރާ ހެންނެވެ. ލަޔާލް ޝިވަމްއަށް ހާއްސަ ކޮށް ޑިޒައިން ކުރެވިފައިވާ ކަޅު ޓަކްސިޑޯ ކޮޅާއި އަތްދިގު ގަމީސް އަޅުވާފައިވާ ކޮނޑު އަލަމާރިން ނެގިއެވެ. ޖީން ލޯގަނޑު ކުރިމަތީ ހުރީ ހެދުން ލައިގެން ފަރި ބަލާށެވެ. ލަޔާލް ފުރަތަމަ ޝިވަމް ރީތިކޮށްފައި ކޮޓަރިން ނުނިކުމެ ހުރުމަށް އެންގިއެވެ. އޭނާ ޖީން ކައިރިއަށް ޖެހިލައި އެފަން އިސްތަށިކޮޅު އޮމާން ކޮށްދީފައި މޭކަޕް ކޮށްދިނެވެ. ހުދު ކުލައިގެ "ފްލާވަރ ގާރލް" ހެދުމުގައި ޖީން އެއީ ހަވައިން ފޮނުއްވާފައިވާ ކުޑަ ޕަރީއެއް ފަދައެވެ. އެދޮންމޫނު އިހުނަށްވުރެ އުޖާލާވެފައި މައުސޫމެވެ. ދެން ހުރީ ޝިވަމް އެެވެ. އެއީ ހަމަ ހުރި ގޮތަށް ހުރި އަފްލާކްއެވެ. އެހާ ޅައިރުގައިވެސް އަފްލާކްގެ ސްމާޓް ކަމާއި ރީތިކަން ޝިވަމްެގެ ކިބައިން ފެންނަމުން ދިޔައެވެ. ލަޔާލްއަށް ދެފަހަރު ދެކުދީންނަށް ބަލަން ހުރެވުނެވެ.

އެންމެންނާއި ވަކިވެގެން ޔާނިޒް ކޮޓަރިއަށް އައީ އަފްލާކް އޭނާވެސް ތައްޔާރު ވާން ދާންވީ ކަމުގައި ބުނީމައެވެ. ޔާނިޒް ކޮޓަރިއަށް ވަދެ ބަލައިލިއިރު އެނދުމަތީގައި މިރޭ ލާން ހަމަޖެހިފައިވާ ގަމީހާއި ޓަކްސިޑޯ އޮތެވެ. ހީވާގޮތުން އެއެއްޗެހި އެތަނަށް ގެނައީ ޔަޝާރު ނޫނީ ނަތާއެވެ. ޔާނިޒް މާބޮޑު ސަމާލުކަމެއް ނުދީ ގޮސް އެނދަށް ބަންޑުން ވެއްޓިގަތެވެ. ނަތާ އަށްޓަކައި ތައްޔާރީ ތަކުގައި އެހީވެދިން ނަމަވެސް އޭނާ އެޕާޓީއަށް ނިކުންނަ ހިތެއް ނެތެވެ. ޔާނިޒް އަމިއްލަ ސިކުނޑިން ނުދާން ނިންމައިގެން އޮންނަތާ އިރުގަނޑެއް ފަހުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަން އަޑު އިވުނެވެ. އޭނާ އަޅާވެސް ނުލައި އޮތް ގޮތަށް އޮތެވެ. އިރުކޮޅަކުން ފިޔަވަޅުގެ އަޑު އައިސް ހުއްޓުނީ އޭނާ އޮތް އެނދު ކައިރިއަށެވެ. އެކަމަކު އެމީހަކު ވާހަކައެއް ނުދެއްކިއެވެ. ޔާނިޒް ކޮންމެވެސް ވަރަކަށް ޝައުޤުވެރި ވެގެން އެނބުރި ބަލައިލަން އުޅެނިކޮށް ކައިރީ ހުރި މީހެއްގެ ސޫރަ ފެނުނީ ފުރަތަމަ ލޯގަނޑުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ މެއަށް ފިނިވެގެން ، ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

ކޮމެންޓް 0