އެކޮޅުން އަޑެއް ނައިސްގެން ލަޔާލް ފޯން ކަންފަތާއި ދުރުކޮށްލާފައި ބަލައިލި އިރު ކެނޑިފައެވެ. ފޯން އަނބުރާ ސައިޑު ޓޭބަލް މަތީ ބާއްވާފައި ލަޔާލް އިންތިޒާރު ކުރީ އަފްލާކް ނިކުންނަން ދެނެވެ. އޭނާ ބާލީސްތަކުގައި ލެނގިލައިގެން އިނދެ އިރު އިރުކޮޅާ އެދޮރާއި ދިމާއަށް ކަޅިއެއް އެއްލައެވެ. އިރުކޮޅަކުން ދޮރު ހުޅުވުނު އަޑަށް ބުރަކަށި ތެދުކޮށްލި އެވެ.
"ކާކު އާނާ އަކީ؟" ލަޔާލް ސުވާލު ކޮށްލި އަޑަށް އަފްލާކް ސިހިފައި ބަލައިލި އެވެ. އުނުގައި އޮޅާފައި އޮތް ހުދު ތުވާއްޔާއެކު އޭނާ އައިސް އަލަމާރި ކައިރިއަށް ހުއްޓުނު އިރު އިސްތަށިގަނޑުގައި ފެނުގެ އަސަރު ފައުޅުވާން ހުއްޓެވެ. ވިސްނާލަން ހުރެފައި އަފްލާކް އެނބުރި ބަލައިލި އިރު ލަޔާލް އެނދުން ތިރިއަށް ދެފައި އެލުވައިލާފައި ފައިބަނީއެވެ. އަތުގައި އަފްލާކްގެ ފޯނު އޮތެވެ. އަފްލާކް އެއްޗެއް ނުބުނެ ހުއްޓާ ލަޔާލް އައިސް ހުއްޓިފައި ފޯނުން އާނާގެ ނަންބަރ ހޯދައިގެން ދައްކާލައިފައި އަނެއްކާވެސް ހަމަ އެސުވާލު ތަކުރާރު ކުރިއެވެ. "ހަމަ ބުނަންވީތަ؟" އަފްލާކް ބަލަން ހުރީ ލަޔާލްގެ މޫނަށެވެ. ލަޔާލް ދަތްކުނޑި ވިކާލި ގޮތުން ޖަވާބަކަށް ފުދުނެވެ. "އޯލްރައިޓް..." އަފްލާކް އަނެއް ފަރާތަށް އެނބުރިފައި އަލަމާރީގައި ފަތްޖަހާފައި ހުރި އަންނައުނު ތަކާއި ކުޅެން ފެށިއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ލަޔާލްގެ އެހަސަދަ ވެރިކަން އޭނާއަށް ވަރަށް ކަމުދިޔައެވެ. ހިތަށް އެރިއެވެ. ލަޔާލްގެ ހިތް އަނބުރާ ހާސިލް ކުރަން އާނާ އެއީ ޒަރިއާއަކަށް ހެދިދާނެއެވެ.
"އާނާ އެއީ އަހަރެން ސާރާ އާއި މެރީ ކުރުމުގެ ކުރީން ގާރލްފްރެންޑް." އަފްލާކް ޖަވާބު ދިން ވަގުތު ލަޔާލް "ވަޓް" އޭ ކިޔާފައި އޭނާގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިކަން އިހްސާސްވިއެވެ. "ކިހިނެތްވީ؟ ޖޭ ވީތަ؟" ލަޔާލްގެ ޖަވާބު އަންނާނެ ގޮތް އެނގިހުރެ އަފްލާކް އަހައިލިއެވެ. ލަޔާލް ކުޑަކޮށް ވެސް އެކަމަށް އެއްބަހެއް ނުވާނެއެވެ. "އޯހ ޕްލީޒް." ލަޔާލް ވަގުތުން އަނެއްފަރާތަށް އެނބުރި ހަށަން ބަނދެލައިފި އެވެ. ބަނޑަށް ހީލަމުން އަފްލާކް ޖިންސް ލައިގެން ގޮސް އިސްތަށިގަނޑުން ހިއްކަން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. "ނޮޓް ފެއަރ." ލަޔާލް ބަލަން ހުރެލައިފައި ރުޅި އައިސްގެން ގޮސް އެނދުން ކުޝަންއެއް ނަގައި ދެއަތުން ބާރަށް ބޮނޑިކޮށްލިއެވެ. އަފްލާކް މާހިން އަށް ހެދި ގޮތް ހަނދާންވެފައި އޭނާގެ ލޭ ކެކިގަތެވެ.
"ކިހިނެތް ތިބުނީ؟" އަފްލާކް ތައްޔާރު ވާން ހުރެގެން ސުވާލު ކުރިއެވެ. "ކޮންމެހެން ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް. މިބުނީ މާހިންގެ ވާހަކަ. ލާކް މާހިންގެ ކަންތައް ރުއިން ކޮށްލާފަ ލާކްގެ އެކްސްއިންނާއި ގުޅުމެއް ނުބޭއްވޭނެ. އެއީ މިބުނާ ވާހަކައަކީ..." ލަޔާލްގެ ވާހަކަ ނިމުނު އިރަށް އަފްލާކް ޖަހައިލީ ހިނިގަނޑެކެވެ. "ސިލީ! އަންހެނުންނާއި ފިރިހެނުން އެއްވަރުތަ؟ މާހިންއަށް ތީ މީހެއްގެ އަންބެއްކަން އެނގުނީމަ ގުޅުން ކަނޑާލީ. އެކަމަކު އަހަރެން ބޭނުމިއްޔާ އަދި ތިކަހަލަ ތިން އަންހެނުންނާއި ގުޅުމުގެ ފުރުސަތު އެބައޮތް." އަފްލާކް އެނބުރި އައިސް އަލަމާރިން ނެގި ޓީޝާޓެއް ބޮލަށް މަހާލައިގެން އެނބުރިފައި ވާހަކަދެއްކިއެވެ. އެހިސާބުން އަފްލާކް ބޭރަށް ދާން އުޅޭކަން ލަޔާލްއަށް ޔަޤީން ވެއްޖެއެވެ. ބައްދަލު ކުރަންވެސް އެދަނީ އެއާނާ އާއި ކަން ކަށަވަރެވެ. އެހެން ހިތަށް އެރުމުން ލަޔާލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ އެހާލުގައި ބައިންދާފައި އަފްލާކް ބޭނުންހާ ކުޅިއެއް ނުކުޅެވޭނެއެވެ.
"މާހިން ނޫނަކަސް އަހަރެންނަށްވެސް ފިރިހެނުން ވާނެ. ލާކް އެކަނި ކަމަށްތަ ހީކުރީ ތިކަން ކުރެވޭނީ." ލަޔާލް އަނެއްކާވެސް އައިސް ކައިރިވެލައިފިއެވެ. "ހެހެހެ.....ލުކް އެޓް ޔޫ........." އަފްލާކް ސެންޓް ފުޅި ނަގައި ބުރުވާލަން ހުރެފައި ބާރަށް ހިނިގަނޑެއް ޖަހާލިއެވެ. "މީނިން ވަޓް؟" ލަޔާލް ކުޝަން ތިރިއަށް ދޫކޮށްލައިފައި އަފްލާކް ޓީޝާޓު މޭމަތީގައި ދެއަތުން ހިފައި ބޮނޑިކޮށްލިއެވެ. "އަހަރެން މިބުނާ ވާހައަކީ މީ...." އަފްލާކް ދާދި ފަސޭހައިން ލަޔާލްގެ ދެއަތް ނައްޓުވާލައިފައި ލޯގަނޑާއި ކުރިމަތިވާ ގޮތަށް އަނބުރާލަމުން ނިކުމެފައިވާ ކުޑަ ކުޑަ ބަނޑުގައި ފިރުމާލިއެވެ. "ހީވޭތަ މިބަނޑާއެކު ތިކަން ވެދާނެހެން؟ އައި ޑޯން ތިންކް ސޯ. އެނީ ވޭ.. ގުޑްލަކް.... އަދި އެއްވާހަކަ ސްޓޮޕް މީ އިފް ޔޫ ކޭން!" އަފްލާކް އެއްލޯ މަރައިލައިފައި ފޯނު ޖިންސްގެ ޖީބަށް ކޮށްޕާލައިގެން ދޮރާއި ދިމާއަށް ދަމުން ހުއްޓިފައި އަދި އެއްވާހަކަ ބުނެލިއެވެ.
ސިކުންތު ކޮޅެއް ވާންދެން ލަޔާލް ހުރީ ހުއްޓިފައެވެ. ދެން ކުއްލިއަކަށް ޑްރެސިންޓޭބަލް މަތީ ހުރި ބޮޑު ލޯޝަން ފުޅި ނަގާފައި ދޮރާއި ހަމައިގައި ހުރި އަފްލާކްގެ ބުރަކަށްޓާއި އަމާޒުކޮށް ހޫރާލައިފިއެވެ. ލޯޝަންފުޅި އެބާރު މިނުގައި ގޮސް އަފްލާކްގެ ބުރަކަށީގައި ޖެހުނު ގޮތުން އޭނާގެ އަނގައިން އަޑު ނިކުތެވެ. "އައުޗް!" އަފްލާކްއަށް ވަރަށް ތަދުވިއެވެ. އޭނާ އެއަތް އުފުލާލައިގެން ކޮނޑާއި ދިމާ ތިރިން ލޯޝަން ފުޅި ޖެހުނުތާގައި ފިރުމައިލަމުން އެނބުރި ބަލާލިއެވެ. އޭރު ދެވަނަ ހަމަލާ އައިސް އަރާ ހަމަވަނީއެވެ. ހުޝިޔާރުވެފައި އަނެއް އަތްތިލަ ހުޅުވާލައިގެން މޫނާއި ހިސާބުން އުފުލާލުމުން ދެން އައި ފުޅި އެއަތުގައި ޖެހިފައި ތިރިއަށް ވެއްޓުނީއެވެ.
"ނުވާނެ ތިކަމެއް. އަހަރެންނާއި އިނދެގެން ހުރެ އިތުރު އެކަކާއިވެސް ގުޅުމެއް ނުބޭއްވޭނެ. އަހަރެން ޕްރެގްކޮށް ބަހައްޓާފަ އެހެން އަންހެނުންނާއިއެކު ބޭނުންހާ ގޮތަކަށް އުޅެވޭނެ ކަމަށްތަ ހީކުރީ؟ ތިއުޅެނީ އަދި އަހަރެންގެ ގޮތް ނޭނގިގެން. ކުރާ ކޮންމެ ކަމަކާއި އިންޓަރފިއަރ ކުރާނަން. ފޯނުވެސް ނަގާނަން. ފަހަތުންވެސް ދާނަން...." ރުޅި އައިސް ރަތްވެފައި ހުރި ލަޔާލް އެތިވަރު ގޮވަމުން ތަނެއް ދޮރެއް ނުބަލައި ޑްރެސިން ޓޭބަލް މަތިން އަތުޖެހުނު އެއްޗެއް ވިއްޔާ ނަގައި އަތުކޮޅަށް ހޫރަމުން ދިޔައެވެ. އަފްލާކް ދެއަތްތިލަ އައްޑަނައެއް ކަމުގައި ހަދައި މޫނާއި ހިސާބުން ހުރަސް ކޮށްލައިގެން އެހަމަލާތަކުން ރެކެން އިރުކޮޅަކު ހުރެފައި ކުއްލިއަކަށް އެނބުރި ދޮރު ހުޅުވާލައިފި އެވެ. އެކަމަކު އެދޮރުން ބޭރަށް އޭނާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ލަޔާލްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހިގެން ސިހިފައި އަނެއްކާވެސް އެނބުރި ބަލައިލެވިއްޖެއެވެ.
އަފްލާކްގެ މެއަށް ފިނިވެގެން ދިޔައެވެ. ލަޔާލް ޑްރެސިންޓޭބަލް ކޮޅުގައި އެއްއަތުން ބާރަށް ހިފަހައްޓާލައިގެން ތިރިވަމުން ދިޔައިރު އަނެއް އަތް އަޅާލައިގެން ހުރީ ބަނޑުގެ ތިރީ ކައިރީގައެވެ. އެލޮލުން ވޭނާއި ބިރު އެކުވެގެން ފައުޅުވާން ހުރި ގޮތުން ލަޔާލް އެޖައްސަނީ އެކްޓެއް ނޫންކަން ވަގުތުން އޭނާއަށް ޔަޤީން ކުރެވިއްޖެއެވެ. އެވަގުތު އަފްލާކް ވިދުވަރެއްހެން ގޮސް ލަޔާލް ހިފަހައްޓައިފިއެވެ. "ބަނޑަށް ތަދުވަނީތަ؟" އަފްލާކް ހާސްކަމާއެކު ސުވާލު ކުރިއެވެ. ލަޔާލް އެ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން ހަމައެކަނި ބޯޖަހާލިއެވެ. އަފްލާކް އޭނާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބައިންދާފައި އަވަސް އަވަހަށް ފެންތައްޓެއް ގެނެސް ތުނބުގައި ޖެއްސުމުން ކޯވަރެއް ބޯލިއެވެ. "މިތަނަށްތަ ތަދުވަނީ؟" އަފްލާކް ފެންތަށި ބަހައްޓާފައި މަގަތުގައި އިށީންދެލައިގެން ލަޔާލް އަތާއެކު ބަނޑުގެ ތިރީކޮޅުގައި ހިފެހެއްޓިއެވެ. ލަޔާލްއަށް އިސްއުފުލާލެވުނެވެ.
ނުތަނަވަސްވެފައި އަފްލާކް ކުޑަކޮށް ދެބުމަ ކައިރިކޮށްލައިގެން އިންދެގެން އޭނާގެ ބަނޑުގައި ފިރުމަން ފެށިއިރު ނިއްކުރިއަށް އެޅިފައިވާ އިސްތަށިކޮޅުތަކެއްގެ ސަބަބުން ހިތްގައިމު ގޮތެއް ހުއްޓެވެ. "މިހާރު ކިހިނެތް؟" ލަޔާލް ބަލަހައްޓައިގެން އިންދައި އަފްލާކް ސުވާލު ކޮށްލުމުން ސިއްސައިގެން ދިޔައެވެ. "ހީވޭ ރަނގަޅުހެން." އޭނާ އަނެކާވެސް ނިތަށް ރޫ ގިނަ ކޮށްލައިގެން އޮށޯތެވެ.
އަފްލާކް ފޯނު ނަގައިގެން ނަންބަރަކަށް ޑައިލް ކޮށްލަން އުޅެނިކޮށް އާނާގެ ކޯލު އައެވެ. އޭނާއަށް ބަލައިލެވުނީ ލަޔާލްގެ މޫނަށެވެ. ލަޔާލް އެވަގުތު އޮތީ ލޯ މަރާލައިގެންނެވެ. "ކީކޭ އާނާ؟" އަފްލާކް ފޯން ނަގައި ކަންފަތުގައި ޖަހާލަމުން ބުނެލިއެވެ. އެއަޑަށް ލަޔާލް އަވަހަށް ލޯ ހުޅުވާލައިފައި ތެދުވެ އިށީންދެއްޖެއެވެ. "ސޮރީ އާނާ. ނެތް މިރޭ ދެވޭކަށް." އަފްލާކް އެކޮޅުން ދެއްކި ވާހަކަ އަޑު އަހަން އިނދެފައި ޖަވާބު ދިނެވެ. އޭނާ ފޯން ކަންފަތާއި ވަކިކޮށްލައިފައި ބަލައިލިއިރު ލަޔާލް އިނީ ލާނެތް ގޮތަކަށް ހިނިތުންވެފައެވެ.
"ކީކޭތަ އޭރު ބުނީ....؟" ލަޔާލް އެއްޗެއް ހަނދާން ކުރަން އުޅޭ ކަމަށް ހެދިފައި ކޯތާފަތުގައި ދެފަހަރަކު ޝަހާދަތް އިނގިލިން ތަޅާލިއެވެ. "ޔެސް. ހަނދާންވެއްޖެ. ސްޓޮޕް މީ އިފް ޔޫ ކޭން...... ހެހެހެ " ލަޔާލް މަލާމާތުގެ ހިނިގަނޑަކާއެކު އަމިއްލަ ކާމިޔާބުގެ މައްޗަށް އުފާކުރަމުން ކުޝަން އެޅީ މޫނުގައެވެ. އޭނާ ހިނިގަނޑު މައިތިރި ވެގެން ކުޝަން ތިރިކޮށްލިއިރު އަފްލާކް އަދިވެސް ކުރިން އިންތަނުގައި އިނދެފައި ކުއްލިއަކަށް ޖެހިގެން އޮތް ހުސްތަނަށް ޖެހިގެންފިއެވެ. އަފްލާކް ބަލައިލުމުން ލަޔާލް ވައްތަރު ޖައްސާލައިފައި އަނެއްފަރާތަށް އެނބުރި ކަންނޭލުގައި ބައްދާލައިގެން އޮތްވާ ސިހިގެން ދިޔައެވެ. ލަޔާލް ލައިގެން އޮތް ޓޮޕް ތެރެއިން އަފްލާކްގެ އިނގިލިތައް ހަރަކާތް ކުރަން ފެށީ އޭނާގެ ބުރަކަށީގައެވެ. ލަޔާލް ނޭވާ ހިފަހައްޓާލައިގެން އޮތްވާ އެއިނގިލިތައް ފިރުކެމުން އަރިއަށް އަރައި ބަނޑާއި ހަމައިން ހުއްޓުނެވެ. ލަޔާލްގެ ބަނޑުގައި ފިރުމަމުން އަފްލާކް އެންމެ ކައިރިވެލުމުން އެހޫނު ނޭވާތައް ލަޔާލްގެ ކަންފަތާއި ކޮނޑަށް އެޅެން ފެށިއެވެ. އެގޮތުގައި އޭނާއަށް ކެތްކުރެވުނީ އިރުކޮޅެއް ވާންދެންނެވެ. އަނެއްފަރާތަށް އެނބުރި އަފްލާކްގެ މޭގައި މޫނު ފޮރުވާލައިފި އެވެ. ކިތަންމެ ވަރަށް ރުޅިގަދަވެގެން އެތިވަރު ގޮވާފައިވެސް އަފްލާކްގެ ކުރިމަތީގައި އޭނާ ބަލިވެއެވެ. ކޮންމެ ފަހަރަކުވެސް ގަދަ ކޮށްގެން ހުރެފައި އުއްގަނޑެއް ވިރިވެގެންދާހެން އަފްލާކްގެ އަތުތެރެއަށް އޭނާ ވިރިގެންދެއެވެ.
އެނދުގައި ފުރޮޅި ފުރޮޅި ނުނިދިގެން ޝާމީ ތެދުވިއެވެ. ޖެހިގެން އޮތް އެނދުގައި ޖީން އޭރު ގަދަ ނިދީގައި އޮތެވެ. ޝާމީ ދެއަތުން މޫނު ފޮރުވާލައިގެން އިނދެގެން ހަނދާން ކޮށްލީ ޔާނިޒް ދެއްކި ވާހަކައެވެ. ޔާނިޒްގެ ދައުވަތު ދެކޮޅު ހަދަން އޭނާ ދެރަވިއެވެ. އެކަމަކު އެނޫން ގޮތެއްވެސް ނެތެވެ. ކަންތައްތައް މާ މައްޗަށް ނުދަނީސް ދުރަށް ދިއުމުން ހުރިހާ ގޮތަކުންވެސް ރައްކާތެރިއެވެ. އޭނާއަށް އެނގޭ އެއްޗަކީ ޔާނިޒް ފަދަ ޒުވާނަކާއި އޭނާ އެއްވެސް ގޮތަކުން އެކަށީގެން ނުވާ ކަމެވެ. ފޯނު ވައިވްރޭޓް ވިއަޑަށް ޝާމީ ސިހިގެން ބަލައިލިއިރު ޔާނިޒްގެ މެސެޖެކެވެ. އޭނާ ކަންބޮޑުވެފައި އިނދެގެން މެސެޖް ހުޅުވައިލިއެވެ. ހުސް މެސެޖެއް ޔާނިޒް ފޮނުވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނާ ވިސްނަން އިނދެފައި ކޮޓަރިން ނިކުމެ ދެކޮޅު ހޯދާލިއިރު އެކަކުވެސް ނެތެވެ. ކުޑަ ތަންކޮޅަކަށް ހިނގާލި ތަނާ އޭނާއަށް ހަމަ ޖައްސާފައި ހުންނަ ކޮޓަރީން ރަތް އައްޔެއް ބޭރަށް ފޭދިފައިވާތީ ފެނުނެވެ. ޝާމީގެ ދެފަޔަށް އާދަޔާ ހިލާފް ބާރެއް ލިބިގެން ބާރަށް ގޮސް ދޮރުކައިރިއަށް ހުއްޓުނެވެ. ކުޑަ ތަންކޮޅެއް ހުޅުވިފައި ހުރި ދޮރުފަތުގައި އަތް ޖައްސާލައި ބޮޑަށް ހުޅުވާލިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ހުރެވުނީ އެސްފިޔަ ޖަހާލަން ހަނދާން ނެތިފައެވެ.
އުއްބައްތި އަލިން ޒީނަތްތެރި ކުރެވިފައިވާ ކޮޓަރި ތެރޭގައި ކުޑަ މޭޒެއްގެ މަތީގައި ހިތް ބައްޓަމަށް ހަދާފައިވާ ކުޑަ ޗޮކްލެޓް ކޭކު ހުރީ "ހެޕީ ބާތް ޑޭ ޝާމީ" ލިޔެފައެވެ. މޭޒު މަތީގައި ފިނިފެންމާ ބޮނޑި އަކާއި ކުޑަ ޕާރސަލެއްވެސް ހުއްޓެވެ. ޔާނިޒް ހުއްޓި ހުރީ މޭޒު ކައިރީގައެވެ. ޝާމީ ބަލަން ހުއްޓައި ކަނާއަތް ހުޅުވާލައިގެން އޭނާއާއި ދިމާއަށް ދިއްކޮށްލީ އެތެރެއަށް ވަންނަން ދައުވަތު ދެމުންނެވެ.
ކުރިއަށް ހިނގައިގަތުމުގެ ކުރިން ޝާމީގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އޭނާގެ އުމުރުން މިވީހާ ދުވަހު އެންމެ ފަހަރަކުވެސް އެގޮތަށް ދެވަނަ މީހަކު އޭނާގެ އުފަން ދުވަސް ފާހަގަ ކޮށްފައެއް ނުވެއެވެ. އެފަދަ ހާއްސަ މީހަކަށް އޭނާ ނުވެސް ވަނީއެވެ.
"ހޭއި! މިރޭ މީ ޝާމީ އުފާކުރަންވީ ރޭ." ޝާމީގެ ލޮލުން ކަރުނަ ފެނިގެން ޔާނިޒް އަވަހަށް އައިސް ކައިރިއަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ދެފިކުރެއްގައި ހުރެފައި އޭނާ ޝާމީގެ އަތުގައި ހިފާލިއެވެ. ތެޅިގަނެފައިވެސް ނަސީބަކުން ޝާމީ އަތް ފޮޅުވާލާކަށް މަސައްކަތެއް ނުކުރެއެވެ. ޔާނިޒް އާއިއެކު އޭނާ ގޮސް މޭޒު ކައިރިއަށް ހުއްޓުނެވެ. "ހިނގާ ކޭކު ފަޅަން." ޔާނިޒް އެއަތުން ދޫކޮށްލައިފައި ތިރީގައި ކުޑަކަކޫ ޖަހައިލުމުން ޝާމީވެސް އެގޮތަށް ކަންތައް ކުރިއެވެ. ޔާނިޒް އަދި އެއްފަހަރު ތަކުރާރު ކޮށްލުމުން އޭނާ އިސް އޮބައިލާފައި ކޭކު ފަޅާލި ގޮތަށް ވަޅިން ދޫކޮށްލައިފި އެވެ. ޔާނިޒް ކުޑަކޮށް ހިނިތުން ވެލައިފައި ޝާމީ ފަޅާލި ތަނުން ކޭކުކޮޅު ނަގައިގެން ޝާމީގެ ތުންފަތާއި ކައިރިކޮށްލައިފި އެވެ. "ކޮބާތަ މައްސަލައަކީ؟" އެވަގުތު ޝާމީ ހަތަރުކަޅި ހަމަކޮށްލައިގެން ބަލަން ފެށުމުން ޔާނިޒްއަށް އަހައިލެވުނެވެ.
"މީ ރަނގަޅު ކަމެއް ނޫން." ޝާމީ ޖަވާބު ދިނެވެ. "ބުނެދީބަލަ ރަނގަޅު ނުވާންވީ ކީއްވެކަން؟" ޔާނިޒް ސީރިއަސްވެފައި ކޭކު ކޮޅު ތިރިކޮށްލިއެވެ. "އެކުވެރިކަން ބާއްވަން ޖެހޭނީ އެއް ފެންވަރުގެ މީހުންނާއި." ޝާމީ ކޮޅަށް ތެދުވެއްޖެއެވެ. "އޯލްރައިޓް. އަހަރެން އެކުވެރިކަމެއް ބޭނުމެއް ނޫން." ޔާނިޒްވެސް ތެދުވެއްޖެއެވެ. އެކަމަކު ޔާނިޒްގެ އެޖަވާބު އިވުމުން ޝާމީގެ ހިތަށް ތަދުވިއެވެ. އޭނާ އެމޫނަށް ބަލައިލީ ގަބޫލު ނުކުރެވޭ ގޮތަކަށެވެ. "ދިއުމުގެ ކުރީން މީތި ކަނޑާލިއްޔާ ވަރަށް ރަނގަޅު." ޔާނިޒް ސީރިއަސްވެފައި ހުރެގެން މޭޒުމަތީ އޮތް ޕާރސަލް ނަގައި ދިއްކޮށްލައިގެން ހުއްޓެވެ. ޝާމީ އޭގައި ހިފައި ކަނޑާލިއިރު މަހުމާ ފޮށްޓެކެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފޮށީގެ މަތި ނެގިތަނުން ލޯ ތަރަ ތަރަ ޖަހައިގެން ދިޔައެވެ. މަހުމާ ފޮށީގެ މެދުގައި ވިދަ ވިދާ އިނީ އަލިމަހުގެ އަނގޮޓިއެކެވެ. "ޝާމީ ތިބުނަނީ އެކުވެރިކަން ބާއްވަން ކަމުނުދާ ވާހަކައެއްނު. އަހަރެން ބޭނުމީ އެކުވެރި ކަމެއް ނޫން. އަހަރެން ބޭނުމީ ޝާމީ އަހަރެންގެ ލައިފް ޕާޓްނަރ އަކަށް ހަދަން." ޔާނިޒް ކައިރިވެލައިފައި ޝާމީގެ ދެކޮނޑުގައި ހިފާލިއެވެ.
އަނގޮޓިއަށް ލޯ ހުއްޓައިލި ގޮތަށް ޝާމީ ހުރީ ހުއްޓުން އަރާފައެވެ. ޔާނިޒްގެ ޖުމްލަތައްވެސް އޭނާ އެއީ އެގޮތުގައި ހުރެގެންނެވެ. "އައެމް ސޮރީ. އަހަންނަކަށް ނުވާނެ މިކަމެއް." ޝާމީ އިސްއުފުލާލި އިރު ލޮލުން ކަރުނަ އަންނަނީއެވެ. ޔާނިޒްގެ ހިތަށް ތޫނު ކަށްޓެއް ހަރައިލި ފަދަ އިހްސާސެއް ކުރެވިގެން ދެއަތް ތިރިކޮށްލެވިއްޖެއެވެ. މުޅި ހަޔާތުގައި ކުރިމަތިވި މީ ފުރަތަމަ ނާކާމިޔާބެވެ. އަދި އެވެސް ތެދުހިތުން ކުރިމަތި ލީ ފަހަރު ވީ ގޮތެވެ. ޔާނިޒް ހިމޭންވެފައި ހުއްޓާ ޝާމީ އަނގޮޓި ބާއްވާފައި ނިކުމެގެން ދިޔައީއެވެ.
ޖެހިގެން އައި ދުވަހު ހަވީރު ވަގުތަށް އެންމެން ގޭގައި ތިއްބެވެ. ޝާމީގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަ ހަފްލާއެއް ބޭއްވީއެވެ. ގޭގެ އެންމެން އޭނާދެކެ ލޯބިވާ ވަރާއި އަޅާލާ މިންވަރު ފެނި ޝާމީ ހުރީ އުފަލުން ފޮޅިފައެވެ. ދެފަހަރަކު ކަރުނަވެސް ފުހެލައެވެ. ޔާނިޒް އެންމެ ދުރުގައި ހުރެގެން މިއަދު މާ ގިނައިން ވާހަކައެއް ނުދައްކައެވެ. އެކަން އެހެން އެންމެނަށްވެސް ފާހަގަވިއެވެ. ޔާނިޒް އަބަދުވެސް މަޖާކޮށް ބޭކާރު އަނގަ ތަޅަން ހުންނަ މީހާ މިއަދު ހީވަނީ އެހެން މީހެއް ހެންނެވެ. ޔާނިޒް އަކާއި ނުވެސް ގުޅެއެވެ.
ކޭކު ފަޅާ ނިމިގެން އެންމެން ސޯފާތަކުގައި ސައިބޯން ތިއްބައި ޔާނިޒް ތެދުވެގެން ގޮސް ހުރީ ފޯނާއި ކުޅެން ދޮރު ކައިރިއަށް ނިކުމެއެވެ. ޝާމީ ނޭނގޭ ކަމަށް ހެދިފައި ޖީން އުނގަށް ލައިގެން ހެވިފައި އިނެވެ. އިރުކޮޅެއް ފަހުން އެގެއަށް ވަންނަން އައި ނުދަންނަ އަންހެންމީހާ ފުރަތަމަ ފެނުނީ ޔާނިޒްއަށެވެ. އެމީހަކު ސަލާމް ގޮވާލުމުން އޭނާ ސަލާމް ބަލައިގެންފައި އަވަހަށް އަޒީއަށް ގޮވާލިއެވެ. އެހެން އެންމެންގެ ސަމާލުކަން ދޮރާއި ދިމާއަށް ހުއްޓިފައި ވަނިކޮށް ލީޒާ އެތެރެއަށް ވަނެވެ. އެވަގުތު ލަޔާލްއަށް ލީޒާ ފެނިގެން މަންމާއޭ ގޮވާލައިފައި އުފަލުން ގޮސް ލީޒާގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަފްލާކްވެސް ހިނިތުންވެލައިފައި ތެދުވެ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ބަލަން ހުއްޓެވެ. ދެންތިބި މީހުންވެސް ހައިރާން ކަމާއި އުފާވެރިކަން އެކުލެވޭ ކުލަ ތަކަކާއެކު އެދެމައިންނަށް ބަލަން ފެށިއެވެ. ޝާމީ ފިޔަވައެވެ. ޝާމީއަށް ވީގޮތަކީ ޤަބޫލު ނުކުރެވިފައި ދެތިން ފަހަރަށް ލޯމަރައި ހުޅުވާލެވުނީއެވެ. "އަންބިލީވެބްލް." ހިތާއި ހިތުން އޭނާއަށް ބުނެވުނެވެ.