އުޑުމަތި ނުހަނު ސާފު ދުވަހެކެވެ. ވައިރޯޅި މަޑުވެފައި އަވިގަދައެވެ. އަޒީގެ އާއިލާ ދަތުރު ކުރަމުން ދިޔަ ލޯންޗް ރަށުގެ ފާލަމާއި ގާތްކޮށްލި އިރު މެންދުރުން އަނބުރައި ތިނެއް ޖެހީއެވެ. ހިޔާގަނޑުން ތެދުވެގެން ގޮސް ބޭރަށް ނިކުތުމާއެކު ކޮންމެ މީހެއްގެ މޫނުންވެސް އެއްފަހަރާ ދެކުލައެއް ފައުޅުވެގެން އައެވެ. ހައިރާން ކަމާއި އެކުވެގެން އުފާވެރިކަން ހުރިހާ މޫނަކަށް ހިނިތުންވުން ވެރި ކުރުވައިފި އެވެ. އެއާއިލާއަށް މަރުހަބާ ކިއުމަށްޓަކައި އައިސްތިބި ސަހާމާމެން ދެމަފިރިންނާއި ދެކުދީންގެ އިތުރުން އެއާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ތިއްބެވެ. މާފަތި ތަކާއި ކުރުނބާތައް ހަވާލުކުރަން ތިބީ ލަޔާލްގެ ދެބެންގެ ދެދަރި ދެއަންހެން ކުދީންނެވެ. ސަހާމާ އާއި ލީޒާގެ ދޮށްޓަށް އެއާއިލާގައި ހުރި ފަރުހޫދުގެ ދެކުދީންނެވެ. ކޮންމެ މީހަކަށް ހަދިޔާ ކުރުމަށްޓަކައި ރީތިކޮށް މަށައި ހޮޅި ޖަހާފައިވާ ކުރުނބައެއްގެ އިތުރުން ކަރުގައި އެޅުވުމަށްޓަކައި މާފަތިތައް ތައްޔާރަށް އޮތެވެ. 

އެންމެ ކުރީގައި އަޒީ ހުރެފައި ކަރުގައި އަޅުވާފައިވާ މާފައްޗާއެކު ކުރުނބާ ބޮމުން އާއިލާގެ ބޮޑެތި މީހުން ކައިރިއަށް ދިއުމުން ދެންތިބީ އަފްލާކް އާއި ނަތާ އެވެ. އަފްލާކްގެ އެހުންނަ ސީރިއަސް، ފަސޭހައިން އެކުވެރި ނުވާ މިޒާޖާއެކުވެސް ހިތްވަރެއް ކޮށްލައިގެން ކޮންމެ ކުއްޖަކަށް ލުއި ހިނިތުންވުމެއް ދިނެވެ. ނަތާ އެކުގައި ކުރިއަށް ފިޔަވަޅެއް އަޅާލި ގޮތަށް އޭނާ ފުރަތަމަ ވެސް މާފަތި ނަގައި މުލައްދަނޑީގައި އެލުވައިލި އެވެ. ކުރުނބާގެ ރަހަ މީރުވެ އެވާހަކަ ބުނެލީވެސް ނަތާއަށް އިވޭވަރަށެވެ. ރާފިލްގެ ފަހަތުން ޔާނިޒް އާއި ލަޔާލް އައީ އެކުގައެވެ. ޝާމީ ޖީން އުރާލައިގެން ހުރީ ލަޔާލްމެން ފަހަތުގައެވެ. ފާލަމަށް އެރީއްސުރެ ޖީން ޝައުޤުވެރިވެފައި ވަށައިގެން ލޯހިންގަން އިނީ އަޑެއްވެސް ލައްވައި ނުލައެވެ. 

"ރިޒޫ!" ކުރިއަށް ހުރި އަންހެން ކުއްޖާ މާފަތި ކަރަށް ވައްޓައިލުމުން ލަޔާލް އުފާވެފައި އޭނާގެ ދެއަތުގައި ހިފައިލިއެވެ. ލަޔާލް ގޮތަށް ހިމަތޮޅިކޮށް ހުރި އިސްކޮޅު ވެސް ފުދޭވަރެއްވާ ކުއްޖެކެވެ. ފަން އިސްތަށިގަނޑަކާއި ކަޅު ދެލޮލެވެ. "އޯހ ލަޔާ. މިސްޑް ޔޫ ސޯ މަޗް." ރިޒްފާ ހިނިތުންވެލި އިރު ކޮލަށް އަޑިވިއެވެ. ދެއަންހެން ކުދީން ފޮނިވެގެން އެކަކު އަނެކަކު ގައިގައި ކުޑަކޮށް ބައްދައިލުމުން ޔާނިޒް ހުރީ ފާޑަކަށް ހެވިފައެވެ. ކުރުނބާ ހަވާލު ކުރީ ރީނާ އެވެ. އާއިލާގެ އެންމެ ދޮށީ މީހާއެވެ. މީހަކާއި އިނދެގެން ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް ގެންގުޅެއެވެ. 

"މާފަތި އެކަނިތަ؟" ޔާނިޒް އާއި ޖެހުމުން އަވަހަށް ބުނެލިއެވެ. ލަޔާލް ކައިރީގައި ހުރެފައި އެއަޑު އިވިގެން ބަލައިލެވުނެވެ. ރިޒޫވެސް ލަޔާލްއަށް ނިތް އަރުވާލައިފައި ޔާނިޒްއަށް ބަލައިލަމުން އިތުރަށް ދޭން ޖެހެނީ ކޯއްޗެއްތޯ އަހައިފިއެވެ. "ލަޔާއަށް ދިނީމެއްނު މާފަތީގެ އިތުރަށްވެސް އެހެން އެއްޗެއް." ޔާނިޒް އަވި އައިނު މައްޗަށް ހިއްލައިލަމުން އެއްލޯ މަރައިލައިފި އެވެ. ރިޒޫއަށް ވިސްނިގެން ހީގެންފައި އަނގަމަތީ އަތް އަޅައިލީ ރަކިވެގެންނެވެ. "އެއީ ދޮގެއް ރިޒޫ. ނިޒް މީން ކޮށްފަ ބުނި އެއްޗެއް ނޫން އެއީ. ހީ އިޒް "ގޭ". ލަޔާލް ނުލަފާ ގޮތަކަށް ބަލައިލަމުން ރިޒޫއަށް އިއްވާލި އެވެ. ރިޒޫ އަނެއްއަތްވެސް އަނގަމަތީ އަޅައިލީ އެއަޑު އަހާފައެވެ. ވަގުތުން ޔާނިޒްގެ އަނގައަށް ނުބައި ވައްތަރެއް ޖައްސައިލި އެވެ. 

"ލަޔާ ކީއްތިކުރީ؟" ޔާނިޒް ލަޔާލްގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ގެންގޮއްސައި ސުވާލު ކުރިއެވެ. "އަހަރެން ކީއްތަ ކުރީ. އަހަރެން ރިޒޫއަށް ހަޤީޤަތް ބުނެދިނީއެއްނު. ނިޒް ތިއުޅޭ ގޮތުން މަށަށް އޮޅިއްޖެ. އެއްފަހަރު ބުނާނެ ލައިކް ވަނީ ބޯއިޒް އޭ. ދެން މިހާރު އަހަރެންގެ ކަޒިން އާއި ފްލާޓް ތިކުރަނީއޯ؟ ޓެލް މީ ސަމްތިން! އަނެއްކާ ބައިސެކްޝުއަލްތަ؟" ލަޔާލް ހަމަ ގަސްތުގައި ޔާނިޒް ތަޅުވާލިއެވެ. "އެއީ އަހަރެން ލަޔާގެ ސުވާލު ތަކުން ސަލާމަތް ވާން ބުނި އެއްޗެއް." ޔާނިޒް އެންމެ ފަހުން ހަޤީޤަތް ހާމަ ކުރިއެވެ. އެންމެން ފާލަމުން ފައިބާފައި ރަށުތެރެ އާއި ދިމާއަށް ހިނގައިގަތްއިރު އެންމެ ކުރީގައި ޝަހީމާމެން ދެމަފިރިންނާއި ފަރުހޫދުމެން ގޭގެ ބޮޑެތި މީހުންނެވެ. ލަޔާލް ހުރީ ޝާމީ އަތުން ޖީން އަތުލައިގެން އަދި ހުސްކޮށް އޮތް އަތުން ސަހާމާގެ ހަގަށް ހުރި ދަރިފުޅުގެ އަތުގައި ހިފާލައިގެންނެވެ. ޝާމީ ދެންހުރި ކުއްޖާގެ އަތުގައި ހިފާލައިގެން ލަޔާލް އާއި އެއްވަރަށް ދެއެވެ. އަފްލާކް ރާފިލް އާއި ވާހަކަ ދައްކަމުން ކުރިއަށް ދިޔައިރު އަނެފަރާތުގައި އޭނާގެ މުލައްދަނޑީގައި ދެއަތުން ހިފާލައިގެން ނަތާ ދިޔައެވެ. ޔާނިޒް އެންމެ ފަހަތުގައި ރިޒޫ އާއި ރީނާގެ މެދުގައި ހުރެގެން މަޖާ އެއްޗެހި ކިޔާފައި އެމީހުން ހެއްވައެވެ.

ބޮޑުމަގުން އަރައިގެން އެމީހުން ދިޔައިރު ހިނގާ ބިގާވަމުން ދިޔަ މީހުންނާއި ގޭގޭގައި ތިބި ގިނަ ބައެއްގެ ނަޒަރުވެސް އެމީހުންނަށް ހުއްޓެމުން ދިޔައެވެ. ބޮޑު ޗުއްޓީއަށް އެރަށަށް އައި އެއީ އެފަދަ ފުރަތަމަ ބީރައްޓެހިންގެ އާއިލާ ކަމަށް ނުވިއަސް ލަޔާލްގެ އާއިލާއަށް ވުމުން ގިނަ ބައެއްގެ ސަމާލުކަން އެމީހުންނަށް ހުއްޓުނެވެ. އެގޮތަށް އެންމެން ބަލާވަރުން ލަޔާލްވެސް ހުރީ ކުޑަކޮށް ލަދުގެންފައެވެ. 

ބޮޑު މަގުގެ މެދާކަށް ހިސާބުން ދެކުނަށް އެއް ގޯޅި އަޅާފައި ގޮސް މޫނު ޖެހުނީ ސަހާމާމެން އާއިލާ ދިރިއުޅޭ ގެ"ސާހިލް"ގައެވެ. ފަސްފޫޓަށް ރާނާފައިވާ ވަށާފާރުގެ މެދުން ނިކަން ރީތި ޑިޒައިނަކަށް ހަދައި ރަތް ކުލަ އުނގުޅައިފައިވާ ގޭޓުން އެމީހުން ވަނެވެ. ބޮޑު ހުސްތަން އޮތް ގޯތިތެރޭގައި ބިޔަކޮށް ހެދިފައިވާ ޖަނބުރޯލް ގަހުގައި ހަތަރު އުނދޯލި އެލުވާފައި އަދި ކައިރީގައި ފަސް ޖޯލީގެ ޖޯލި ފައްޗެއް ހުއްޓެވެ. ފާރު ކައިރީގައާއި ޖަނބުރޯލް ގަހުގެ އިދިކޮޅު ފަރާތުގައި ޒާތް ޒާތުގެ މާމެލާމެލި ހައްދާފައި ވުމުން އެހާމެ ޒީނަތްތެރި އެވެ. ގޭގެ އިމާރާތްވެސް ދެރައެއް ނޫނެވެ. ސިމެންތި ޖަހައި ކުލަ އާކޮށްފައި ވަނީ ދާދި ފަހުން ކަން ދޭހަވެއެވެ. އަދި ހުސްތަނުގައި ހަތަރު ފަރާތުގައި ބޮޑު ހަތަރު މުޑި ޖަހާފައި ހުރީ ހިތާނު ކުރާ ކުދިންނަށް ހާއްސަ ކޮށް ހަދަން ފަށާފައިވާ ގޭގެ ފުރަތަމަ ފިޔަވައްސެވެ. މެހުމާނުންނާއި ބޮޑެތި މީހުން ބައިތިއްބާފައި ރީނާ އާއި ރިޒޫ ދާން ފެށުމުން ލަޔާލްވެސް ޝާމީ އަތަށް ޖީން ދީފައި އެމީހުން ފަހަތުން ދިޔައެވެ. އިރުކޮޅަކުން ތިން އަންހެން ކުދީން އައީ ތަބައްތަކުގައި ޖޫހާއި ދެތިން ވައްތަރެއްގެ ލުއި ކާނާ ހިފައިގެންނެވެ. ސަހާމާ ގޮސް ކޮޅަށް ތިބި މީހުން އިށިންނަން ގޭތެރެއިން ގޮނޑި ގެނައެވެ.

"ކޮބާ އެތަނުން ލަޔާގެ އަފްލާކް؟" ހުރިހާ އެންމެންނަށް ޖޫސް ތަށިތައް ފޯރުކޮށްދީފައި ހުސް ތަބައް ހިފައިގެން އައި ރިޒޫ ހުއްޓުނީ ލަޔާލް ކައިރި އަށެވެ. "ނޫ ޓީޝާޓްގަ އެއިނީތަ؟" ރިޒޫ އިޝާރާތް ކުރީ ރާފިލް އަށެވެ. ލަޔާލް ހިނިއައިސްފައި ދެފަރާތަށް ބޯ ހޫރާލިއެވެ. "ނޯވޭ...." ރިޒޫ އަނގައަށް ވައްތަރެއް ޖައްސައިލައިފި އެވެ. "އެ ހީވަނީ ނިކަން ފޮނިވާނެހެން. ފާލަމުގަ ހުރެފަވެސް ފޭކް ސްމައިލެއް ދީފަ އައިސް އެއިންނަނީ." ރިޒޫގެ ވާހަކަ ލަޔާލްއަށް ވީ މަޖަލަކަށެވެ. "ފުރަތަމަ ތިހެން ހީވާނެ. ދެން އެނގެއެއްނު އެންމެންގެ މިޒާޖު އެއްގޮތް ނުވާނެކަން. ލާކްގެ ހުންނާނެ އަންފްރެންޑްލީ ގޮތެއް. އެކަމް ވަރަށް ސްވީޓްވާނެ." ލަޔާލް ރިޒޫގެ ކޮނޑުގައި ހިފައި ކައިރިކޮށްލައިގެން ކިޔައިދިނެވެ. "ފޮންޏަސް ހެޔޮތާ ގައިމު އެތާކު ނެތް އެއަށްވުރެ ރީތި ފިރިހެނެއް." ރިޒޫ އިރުކޮޅަކުން ބުނެލިއެވެ. "ޓުރޫ." ލަޔާލް ހީލައިފައި ކުރިއަށް ބަލައިލި އިރު އަފްލާކް އިނީ ބަލާށެވެ. އޭނާ އަވަހަށް ނޫން ކަމަށް ހެދިފައި އެހެން ދިމާއަކަށް ބަލަން ފެށިއެވެ.

"ދޮންބެ ދާންވީއެއްނު އެމީހުން ގެއަށް ގެންގޮސްލަން. ފެންވަރާ ތާޒާ ވެލަން ބޭނުން ވެފަ ކަންނޭނގެ މިހާރު ތިބޭނީ." ޖޫސް ބޮއެ ނިމި ތަށިތައް ގެންގޮސް ނިމުނު ފަހުން ސަހާމާ ވާހަކަދެއްކިއެވެ. ސަހާމާގެ ގޭގައި މުޅި އާއިލާ ތިބެން ތަން ނެތުމުގެ ސަބަބުން އެއްބަޔަކު ތިބެން ހަމަޖެހިފައި ވަނީ ފަރުހޫދުގެ ގޭގައެވެ. "ނަތާވެސް ދޭބަލަ އެމީހުންނާއެކު!" ޔާނިޒްމެން ދާން ތެދުވި ފަހުންވެސް ނަތާ އެކަމާ ނޫޅެ އިނުމުން ލަޔާލް ބުނެލި އެވެ. އެގޭގައި ހުސްކޮށް ހުރި ތިންކޮޓަރީ އަޒީ އަށާއި ލަޔާލްމެން ދެމަފިރިންގެ އިތުރުން ޝާމީ އާއި ޖީންއަށް ހަމަޖެއްސުމުން ނަތާވެސް ހިމެނުނީ ފަރުހޫދުގެ ގެއަށް ދާ ޓީމުގައެވެ. ލަޔާލް ވާހަކަ ދެއްކި އަޑަށް ނަތާ ތެދުވެފައި ފުރަތަމަވެސް ބަލައިލެވުނީ ރާފިލް އަށެވެ. ރާފިލް އެވަގުތު ހުރީ ދުރު ބަލަހައްޓައި ގެންނެވެ. އިރުކޮޅަކުން އޭނާ ބޯ ޖަހައިލާފައި އެމީހުންނާއެކު ދާން ހިނގައިގެންފިއެވެ.

އަޒީ ފެންވަރަން ވެގެން ގެއަށް ވަނުމުން ލަޔާލް ގޮސް އުނދޯއްޔަކަށް ވެއްޓިގަނެގެން ހެއްލަން ފެށިއެވެ. އަފްލާކް ކުރިމަތީގައި ހުރި ޖޯލީފައި ޖީން އުޅޭ ގޮތް ބަލަން އިނެވެ. ޖީން ބޫޓަށް އަރުވާފައި ތިރިއަށް ބޭލުމުން އުފާވެފައި ދުވަން ފަށައިފި އެވެ. ސަހާމާގެ ދެކުދީންވެސް ވަރަށް ގުޅެއެވެ. އެކުދިން ބޯޅައެއް ނެރެގެން ޖީން އާއި އެކު ކުޅެން ފެށުމުން އެތާގައި އޮތީ އުފާވެރި މާހައުލެއް ގާއިމުވެފައެވެ. އިރު އިރުކޮޅާ ޖީން އަޑު ވީއްލާ ހީގަންނަ އިރު އަފްލާކްއަށް ވެސް އިނދެވެނީ ހިނިތުން ވެފައެވެ.

"ލާކް ފެންވަރަން ވެއްޖެތަ؟" ލަޔާލް އިރުކޮޅަކުން ބިމުގައި ދެފައި ހަރުކޮށް އުނދޯލި ހުއްޓުވާލައިގެން ވާހަކަ ދެއްކި އެވެ. އަފްލާކް ބޯ ޖަހައިލާފައި ތެދުވިތަނުން އޭނާވެސް ތެދުވެގެން ދެމީހުން އެކުގައި ގެއަށް ވަދެއްޖެއެވެ. އަފްލާކް ގޮވައިގެން ލަޔާލް ދިޔައީ އޭނާ ކުރިންވެސް އުޅުނު ކޮޓަރި އަށެވެ. ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ވަށައިގެން ނަޒަރު ހިންގާ ލެވުމުން އޭނާއަށް ހުރެވުނީ ހައިރާންވެފައެވެ. އެކޮޓަރި އެއޮތީ އޭނާ ފުރައިގެން ދިޔަ ފަހުން އޮތް ގޮތަށެވެ. ކުޑަވެސް ބަދަލެއް ނާދެއެވެ. ހުރިހާ އެއްޗެއްވެސް އެހުރި ތަނުގައި ތަރުތީބުން ބަހައްޓާފައި ހުއްޓެވެ. ލަޔާލް ހުއްޓުން އަރައިފައި ހުއްޓާ އަފްލާކް ދޮރު ލައްޕައިލި އަޑަށް ސިހޭ ގޮތްވިއެވެ. އެނބުރި ބަލައިލާފައި އޭނާ އުޅުނީ ފާރު ކައިރީގައިވާ ފޮށި ހުޅުވަން ދާށެވެ. އެވަގުތު އަފްލާކް ކުއްލި އަކަށް އަތުގައި ހިފައިލުމުން ކުރިއަށް ނުދެވިފައި ހުރި ފިޔަވަޅު މަތީ ހުރެވުނެވެ. 

"ރޫމް ވަރަށް ރީތި." އަފްލާކް ކައިރިވެލާފައި ލަޔާލްގެ ކަންފަތާއި އަނގައި ކައިރި ކޮށްލައިގެން އިއްވާލިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިއުމާއެކު ލަޔާލް އަދިވެސް އެއްފަހަރު ކޮޓަރި ތެރެއަށް ކަޅި ހިންގާލައިފި އެވެ. ޕީޗް ކުލައިގެ ދޮރު ފޮއްޗާއި ގުޅުވައިގެން ބެޑްޝީޓް އަޅާފައިވާ އެނދަކީ ކިރިޔާ ދެމީހުންނަށް އޮވެވޭވަރުގެ އެނދެކެވެ. ދެދޮރުފަތްލީ އަލަމާރި ވެސް އެކަނި އުޅޭ މީހަކަށް ފުދޭވަރެވެ. އެކަމަކު ޑްރެސިންޓޭބަލްގައި ކިތަންމެ ވަރަކަށް ވެސް އެއްޗެހި ބަހައްޓާނެ ތަން އޮތެވެ. އަފްލާކް އަތުން ދޫކޮށްލައިފައި ގޮސް އެނދުގައި އިށީންދެލުމުން ލަޔާލް ގޮސް ފޮށި ހުޅުވައިގެން އޭގައި ހުރި ސާމާނުތައް ނަގަން ފެށިއެވެ. ތުއްވާޔާއި ފެންވަރުވާ އެއްޗެހި ގެންގޮސް ފާޚާނާއަށް ލައިފައި އޭނާ އެނބުރި އައިސް އަލަމާރި ހުޅުވައިލި އެވެ. "ޝިޓް!" ދޮރު ހުޅުވާލުމުން އެތެރެ ފަރާތުގައިވާ ފޮޓޯތައް ފެނިގެން ލަޔާލްއަށް ބުނެލެވިއްޖެއެވެ. އެއަޑު އިވިގެން އަފްލާކްވެސް ބަލާލައިފިއެވެ. ދެން ހަމަ އެހިނދުން ލަޔާލް އަނެއްކާ ދޮރު ލައްޕާލިއެވެ. 

"ކޯއްޗެއް ތި ފޮރުވަނީ؟" އަފްލާކް އެނދުން ތެދުވެގެން އައިސް ކައިރިވުމުން ލަޔާލް ގޮސް ދޮރުފަތުގައި ބުރަކަށި ޖައްސައިގެން ހުއްޓުނެވެ. "ޓްރަސްޓް މީ! ލާކް ބޭނުމެއް ނުވާނެ މި ބަލާކަށް." ލަޔާލް ދެފަރާތަށް ބޯ ހޫރުވައިލައިފައި އެކަން ހުއްޓުވަން މަސައްކަތް ކުރިއެވެ. އޭނާ ހުރީ ރަނގަޅަށްވެސް ހާސްވެފައެވެ. "ޔެސް އައި ޑޫ." އަފްލާކްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ފިޔަވަޅަކަށް ވުރެ ފިޔަވަޅެއް އެޅީ ކުރިއަށެވެ. "ދެން ނޫން ލާކް." އަފްލާކް ހުއްޓާ ނުލާނެއޭ ހީވުމުން ލަޔާލް އެންމެ ފަހުން މޫނުގައި ދެއަތް އަޅައިފި އެވެ. "އޯކޭ އޯލްރައިޓް. ނުބަލާނަން." ލަޔާލްއަށް ރޮވިދާނެހެން ހީވެގެން އަފްލާކް ހަތިޔާރު ބެހެއްޓި އެވެ. އޭނާ ގޮސް ފާޚާނައަށް ވަން އަޑު އަހާފައި ލަޔާލް މޫނުން އަތް ނެގިއެވެ. ލަޔާލް ފުރަތަމަވެސް ދޮރުފަތުގައި ތަތްކޮށްފައިވާ ހުރިހާ ފޮޓޯއެއް ނައްޓައި ފައްތަރު ކޮށްލައިގެން ތިރީ ވަތްގަނޑެއްގައި ފަތްޖަހާފައިވާ ބެޑްޝީޓްތަކެއްގެ ދަށަށް ލިއެވެ. ހަމަ ޖެހުމުގެ ނޭވައަކަށް ފަހު އޭނާ ގޮސް ފޮތިގަނޑު ކަހާލައި ކުޑަ ދޮރު ހުޅުވާލި އެވެ. ތާޒާ ވައިރޯޅިތައް ކުޑަ ދޮރުން ވަންނަން ފެށީ ހިތަށް ހަމަޖެހުން ގެނުވާފައެވެ. އޭނާ ނިކުމެގެން ދިޔައީ ޖީން މަތިން ހަނދާންވެފައެވެ. 

ގެއިން ނުނިކުމެވި އުޅެނިކޮށް މީހުންގަނޑު ވާހަކަ ދައްކާ އަޑު އިވުނެވެ. ލަޔާލް ކުރިއަށްވުރެ ފިޔަވަޅުތައް ލަސްކޮށްލާފައި ސިއްރުން ސިއްރުން ދޮރުން ބޯ ދިއްކޮށްލި އިރު ގިނަ އަދަދެއްގެ ޒުވާން ފިރިހެން ކުދިންތައް ހިތާނުގެ ތައްޔާރު ކުރުމުގައި އަނެއްކާވެސް ފަށައިގަނެގެން އުޅެއެވެ. ބަލަން ހުރެލާފައި ޝާމީގެ ކޮޓަރި ބަލައިލާނަމޭ ހިތާ އެނބުރިލި ތަނުން ލަޔާލްއަށް ހުއްޓެވިއްޖެއެވެ. ދޮރާއި ފުރަގަސްދީގެން ހުރިއިރުވެސް ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. އަދި މޭގަނޑު ފިނިވެ އަތްތިލަ ދާ ހިތްލާލައިފިއެވެ. ލަޔާލް ހިންދިރުވާލައިފައި އެއީ ކުރެވުނު ކުށްހީއެއްތޯ ބަލަން ވެގެން އަނެއްކާ އެނބުރި ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ދެފަރާތަށް ބޯ ހޫރާލެވިއްޖެއެވެ. ނޭނގުމުގެ ތެރޭގައި އަތުގެ ނިޔަފަތިތައްވެސް ހަފަން ފެށިއެވެ. މީ ފެންނަ ހުވަފެނެއް ނޫން ހެއްޔެވެ؟ ލަޔާލްއަށް ހިތާއި ސުވާލު ކޮށްލެވުނެވެ. 

އެއީ ހަމަ އެސޫރައެވެ. ދެއަހަރަށް ފަހުވެސް މާހިންގެ ސޫރައަށް މާބޮޑު ބަދަލެއް ނާދެއެވެ. އެފިރިހެންވަންތަ ކަމެވެ. އެބަލައިލުމެވެ. ގޭޓު ކައިރީގައި ހުއްޓިލައިގެން ހުރެ އެތަނުން ޒުވާނަކާއި ވާހަކަ ދައްކާފައި ދާން ހިނގައިގަތުމުން ހިނގުން ފެނިފައިވެސް ލަޔާލްގައިން ހީބިހި ނަގައިލި އެވެ. އިތުރަށް އެތާ ނުހުންނަން ވެގެން ލަޔާލް އަވަހަށް ދުވެފައި ގޮސް ޝާމީގެ ކޮޓަރި ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. 

ސަހާމާ އާއި ޝާމީ ވެގެން ޖީން ފެންވަރުވަން ފާޚާނާގައި އުޅޭ އަޑު އިވުމުން ލަޔާލް ގޮސް އިށީންދެލީ އެނދުގައެވެ. އެކަމަކު އެތާވެސް އިދެވުނީ އިރުކޮޅަކުއެވެ. ހާސްވެގެން އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. ސަހާމާމެން އައިސް ޖީން ރީތި ކުރަން ފެށުމުން ގަދަކަމުން ހެވިލާފައި ބަލަން އިންއިރުވެސް ހިތުގައި އޮތީ މާހިންގެ ހިޔާލެވެ. ހިތަށް އެރިއެވެ. މާހިން ރަށަށް އައީ ކޮންއިރަކު ހެއްޔެވެ؟ "ކޮންއިރަކުންތަ އެގެ ނިމެނީ؟" ލަޔާލް އޮޅުންފިލުވަން ވެގެން އެހިއެވެ. "އެމީހުން މިރޭވެސް ލައިޓް ދިއްލައިގެން މަސައްކަތް ކުރާ ގޮތަށް ކިޔަނީ. އެކުން ވީގޮތަކީ ހިތާނު ކުރަން އޮތް ދުވަސް އަވަސްވީ. އެހެންވެ ހުރިހާ ކަމެއް އަވަސް އަރުވާލަން ޖެހިގެން މިއުޅެނީ." ސަހާމާ ޖަވާބުދިނެވެ. "އެކަމަކު ނަމާދު ވަގުތަށް މެދުކަނޑާނެ ދޯ." ލަޔާލް ސުވާލު ކޮށްލި ގޮތުން ސަހާމާވެސް ބަލާލައިފި އެވެ. "އާދެން ނަމާދު ނުކޮށެއް ކުރިއަކަށް ނުގެންދާނެއެއްނު. ކިހިނެތްވީ؟" ސަހާމާ އައިސް ލަޔާލްގެ ކުރިމައްޗަށް ހުއްޓިފައި އެހިއެވެ. "ކަމެއް ނުވޭ. އެކަމަކު އެތާ މީހުންގަނޑު ގިނަވީމަ. އެއުޅޭ އައްމަޑޭމެން ނިކަން ދިމާކުރާނެ. ނޭނގެ ރޭގަނޑު ނިދިޔަވެސް ދޭނެ ކަމެއް." ލަޔާލް ކިޔައިދިނެވެ. އޭނާއަށް އެނގެއެވެ. ކޮއްކޮ އެތާ މަސައްކަތް ކުރަން އުޅެންޏާ ދޭތެރެއަކުން ނަމަވެސް މާހިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. "އެމީހުންވެސް މިހާރަކު ދެން ލަޔާލް އަކާއި ނުފޮށޭނެއެއްނު މީހެއްގެ އަންބަކަށް ވީމަ." ސަހާމާވެސް ހީގަތެވެ.

ހަތަރެއް ޖެހިފަހުން އަނެއް ޓީމްވެސް ލަޔާލްމެން ގެއަށް އަތުވެއްޖެއެވެ. އެކުގައި އައީ ރިޒޫއެވެ. ތިނެއްގެ ފަހުން ޖޫސް ބޮއިގެން ތިބުމުން ހަވީރު ސައި ބޯކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ޔާނިޒްގެ އެދުމަކީ ރަށުތެރޭގައި ހަވީރު ފިންޏަށް ހިނގާލަން ދިއުމެވެ. އަޒީ އޭރުވެސް ވީ ހަސަނާއި އެކު ކޮންމެވެސް ގެއަކަށް ގޮހެވެ. ލަޔާލް ސަހާމާއަށް އަތް ގާތްކޮށްދޭން އުޅެފައި ސައިތައްޔާރު ވުމުން ވީ ފެންވަރަން ވަދެއެވެ. ކުޑައިރު ކޮޅަކު އިންތިޒާރުގައި ތިބެފައި ޔާނިޒް ރިޒޫ އާއި ނަތާ ގޮވައިގެން ނައްޓާލިއެވެ. އެކުގައި ޝާމީވެސް ގެންދިޔައެވެ. އަފްލާކް އާއި ރާފިލް ތިބީ ލަޔާލްގެ އިންތިޒާރުގައެވެ. 

ލަޔާލް ފެންވަރާލައިގެން ނިކުމެފައި ފުރަތަމަވެސް ގަޑި ބަލައިލި އެވެ. މިހާރު ހަތަރުގަޑި ބައިވަނީއެވެ. އޭނާ އަވަސް އަވަސް ކޮށްލައިގެން ތައްޔާރު ވެފައި ގޯތިތެރެއަށް ނިކުމެއްޖެއެވެ. މަސައްކަތުގައި ތިބި ކުދީންނަށް ލަޔާލް ފެނުމުން ކޮންމެ މީހަކުމެ ސިއްރުން ނަމަވެސް ކަޅިއެއް އެއްލި އެވެ. ކުރިއްސުރެ ގާތްކޮށް އުޅޭ ބައެއް ކުދިން ގޮވާވެސް ލިއެވެ. ލަޔާލް ހިނިތުން ވުމަކާއެކު ކުޑަކޮށް ވާހަކަ ދައްކަން ހުރެލާފައި އަފްލާކްއަށް މެސެޖް ކުރީ ފެންނަން ނެތީމައެވެ. އަފްލާކް ޖަވާބު ފޮނުވި އިރު ލިޔެފައި އޮތީ އެންމެ ކައިރިން ގޮނޑު ދޮށަށް ފޭބެން އޮތް ދިމާލުގައި ތިބި ކަމަށެވެ. ލަޔާލް ފޯން ޖީބަށް ކޮށްޕައިލާފައި ބާރަށް ހިނގައިގަނެގެން ގޮސް ގޯޅި އެޅިތަނާ ތިރީގައި އޮތް ގާކޮޅަކަށް އެރިފައި އަރި އަޅައިލިއެވެ. އިޚުތިޔާރެއް ނެތިވެސް އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނިކުތެވެ. އެކަމަކު ވެއްޓުމުގެ ކުރީން ކޮންމެވެސް މީހަކު އެހީ ވެދީގެން ބިމުގައި ފައި ހަރުލައްވައިފި އެވެ. 

"ތޭންކްސް." ލަޔާލް ޝުކުރު އަދާކޮށްފައި އިސް އުފުލައިލުމުން މުޅިމީހާ ހުއްޓުން އެރިއެވެ. ކުރިމަތީގައި ހުރީ މާހިން އެވެ. "ތަނަކަށް ތަދުވިތަ؟" މާހިންގެ އަޑު ޖެހިފައި ލަޔާލްއަށް ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. އަވަހަށް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. މާހިން ހިނގައިގަތުމުގެ ކުރީން ފަސްދީފައި ދާން ނުކެރިގެން އޭނާއަށް ހުރެވުނެވެ. ނަސީބަކުން ފޯން ރިންގް ވާން ފެށިއެވެ. ލަޔާލް ދަނީއޭ ބުނެލައިފައި އަވަހަށް ފޯން ނަގައިގެން ހިނގައިގަތެވެ. ގޯޅިއަށް ނިކުތުމުން އަފްލާކް ފެނުނީ ދާދި ކައިރީގައި ހުއްޓައެވެ. ކަންބޮޑުވިވަރުން ލަޔާލްއަށް ފަސްއެނބުރި މާހިން ފެންނަން ހުރިތޯ ބަލައިވެސް ލެވިއްޖެއެވެ. ދެން ހަމަޖެހިލާފައި ލަޔާލް ގޮސް އަވަހަށް ޖީން އުރާލި އެވެ. 

"ނިޒްއަށް އެނގޭތަ އަހަރެންދެކެ އެންމެން ޖޭވެފަ ތިބިކަން؟" ކުރިއަށް ދިޔަ މަގުގެ އެއްފަރާތުގައިވާ ޖޯލިފައްޗެއްގައި ތިބި އަންހެން ކުދިންތަކެއް ފަސްދީ ދަމުން ރިޒޫ ބުނެލި އެވެ. ނަތާ އާއި ރާފިލް ތިބީ ފަހަތުގައި އެކަމަކު ދުރު ދުރުގައެވެ. "ނުބުންޏަސް އެނގުނު. އެއަށްވުރެވެސް ބޮޑަށް ޖޭ ކޮށްލަފާނަން." ޔާނިޒް ފުރުސަތުގެ ބޭނުން ހިފައިގެން ރިޒޫގެ އަތުގައި ހިފައިލިއެވެ. ރިޒޫ ލަދުރަކި ގޮތަކަށް ހީގެންފައިވެސް ކޮންމެހެން އަތް ފޮޅުވައިލާކަށް ނޫޅުނެވެ. ދެމީހުން އެގޮތުގައި ވަކި ހިސާބަކަށް ދިޔަފަހުން ގޯޅިއަކުން ނިކުތް ސައިކަލެއް އައިސް މަޑުކޮށްލީ ސީދާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ރިޒޫއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. ނަތާ އާއި ރާފިލްވެސް ކަންބޮޑުވެފައި އައިސް އެމީހުން ކައިރިއަށް ހުއްޓިއްޖެއެވެ. 

ސައިކަލުން ފޭބީ ޒުވާން ފިރިހެނެކެވެ. ދެބުމަ ގޮށް ޖަހާލައިގެން ޔާނިޒް ދިމާއަށް އަންނަން ފެށުމުން ނަތާގެ ހިތަށް އެރީ އެންމެ އެއްޗެކެވެ. ޔަޤީނުންވެސް އެއީ ރިޒޫއަށް ހިތް ކިޔައިގެން އުޅޭ މީހެކެވެ. "ނިޒް ގައިގަ ނުޖަހާތި!" ރިޒޫ ކަންބޮޑުވެފައި ޔާނިޒް އާއި ޒުވާނާގެ ދެމެދަށް ހުރަހަކަށް ވެގެން ހުއްޓިލިއެވެ. "ކީއްވެ ނުޖަހަންވީ؟ ރިޒޫވެސް ނުޖެހެއޭ ރަށަށް އަރާހާ ބީރަތްޓެއްސަކާއި އަތުގުޅުވައިގެން ހިނގާކަށް. ކުޑަމިނުން ބައްޕަ އާއިމެދު ވިސްނާލިނަމަ." ޒުވާނާ އަދިވެސް ހުރީ ރުޅި އައިއްސައެވެ. "އަރާ ހަމަ މިހާރު ސައިކަލު ފަހަތަށް. ރިޒޫ ގޮވައިގެން ނޫނީ އަހަރެން ނުދާނަން." ޒުވާނާ އެންމެ ފަހުން ރިޒޫގެ އަތުގައިވެސް ހިފައިފިއެވެ. "އޭނައަށް ބާރު ހިންގަން ތީ ކާކު؟ ރިޒޫގެ ފިރިމީހާތަ؟" ޔާނިޒް ހުރެފައި ރިޒޫގެ އަނެއް އަތުގައި ހިފެހެއްޓިއެވެ. "މީ ރިޒޫގެ ދޮންބެ. އެނގިއްޖެތަ؟' އޭނާ ވަކިން ބޮޑަށް ނުރުހުންވެފައި ބާރަށް ބުނެލިއެވެ. ވަގުތުން ޔާނިޒްވެސް ރިޒޫ އަތުން ދޫކޮށްލައިފިއެވެ.

ބޭރަށް ދިޔަ އެންމެން އިރު އޮއްސެން ވާއިރަށް އެނބުރި އައިސް ތިބީ ގޯތިތެރޭގައެވެ. ނަތާގެ ފަރާތުން ރިޒޫގެ ބޭބެގެ ވާހަކަ ކިޔައިދިނުމުން ލަޔާލް ވަގުތުން އޭނައަށް ގުޅާފައި އެގެއަށް އައިސް ދިނުމަށް އެދުނެވެ. އިރުކޮޅަކުން ސައިކަލު މަޑުކޮށްލާފައި އޭނާ ވަދެގެން އައެވެ. "ނާޝިފް!" ލަޔާލް އުފާވެގެން ބާރަށް ގޮވާލައިފައި ތެދުވެގެން އައިސް ނާޝިފް މުލައްދަނޑީގައި ހިފެހެއްޓިއެވެ. ނާޝިފް ހިނިތުންވެފައި އިރުކޮޅަކުން މޫނުގެ ކުލަ ބަދަލުވީ ޖޯލިފަތީގައި ތިބި ޔާނިޒްމެން ފެނިފައެވެ. "ނެފް. މީ އަހަރެންގެ ފެމެލީ." ލަޔާލް އެމީހުންނަށް އިޝާރާތް ކޮށްފައި ތައާރަފް ކޮށްދިނެވެ. އެހިސާބުން ނާޝިފް ގޮސް އިށީންދެފައި އިނީ ފާޑަކަށް މޮޅިވެފައެވެ. ހަވީރު ތަނެއް ދޮރެއް ނުބަލައި އޭނާ އެމީހުނަށް އެއްޗެހި ކިޔައިފައިވެއެވެ. ކައިރި ރަށަކަށް ގޮސް އުޅެފައި ހަވީރު ވި ފަހުން ރަށަށް އައުމުން ގެއަށް މެހުމާނުން ތަކެއް އައިކަންވެސް އޮޅުން ފިލާފައި ނެތީއެވެ. ނާޝިފް އިރުކޮޅަކު އިނދެފައި އަފްލާކް އާއި ކުޑަކޮށް ވާހަކަ ދައްކާ ލުމަށްފަހު ފޯނެއް އައިސްގެން އަވަހަށް ނިކުންނަން ދިޔައެވެ. 

އެރޭ ކައިގެން ނަތާ އަވަހަށް ނިދަން ބޭނުން ކަމަށް ބުނެފައި ގެއަށް ދިޔައީ އެކަންޏެވެ. ދެ ގޯތީގެ މެދުގައި ނުހަނު ކުޑަ ދުރުމިނއް ހުރުމުން ދާދި ފަސޭހައިން މަގުތައް ދަސްވެއްޖެއެވެ. ނަތާ ގޮސް ގޯތި ތެރެއަށް ވަންއިރު ނާޝިފް ފޯނެއްގައި އޮތީ ޖޯލިފަތީގައެވެ. އޭނާ ނާޝިފް ހުރަސްކޮށްފައި ގޮސް ކޮޓަރި އާއި ހަމަވިތަނާ ގޮވާލިއެވެ. ނަތާ އެނބުރިފައި ބަލައިލިއިރު ނަޝިފް ފޯނު ޖީބަށް ލަނީއެވެ. "ސޮރީ." ނާޝިފް ދެރަވެލާފައި މަޢާފަށް އެދުނެވެ. "ހަވީރު ވީ ކަންތަކާއިތަ؟ އެއީ އެއްވެސް ކަމެއް ނޫން. ކުޑަބެވެސް ވަރަށް ކޫލް ވާނެ. އެ މިހާރު ނުހުންނާނެ ހަނދާނެއްވެސް." ނަތާ ހިނިތުންވެފައި އައިސް އިށީންދެލީ ނާޝިފް އާއި ޖެހިގެން ދެވަނަ އަށް ހުރި ޖޯލީގައެވެ. "ކުރިންވެސް މިރަށަށް އައިންތަ؟" ނާޝިފް ބަލަން އޮވެފައި ވާހަކަ ކުރިއަށް ގެންދަން ވެގެން އަހާލިއެވެ. ނަތާވެސް އިނީ ނުހަނު ގަޔާވެފައެވެ. އޭނާ ދެފަރާތަށް ބޯ ހޫރުވާލައިފައި އިސް އުފުލައިލި ތަނާ ދުރުން މީހަކު އަންނަހެން ހީވިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ރާފިލް އައިސް އެދެމީހުން ހުރަސް ކޮށްފައި ގޮސް ގެއަށް ވަދެއްޖެއެވެ. އެވަގުތު ރާފިލް ބަލައިލި ގޮތާއި މޫނު އަނބުރާލި ގޮތް ނަތާއަށް ރީތިކޮށް ފާހަގަވިއެވެ. ހީވަނީ ހިތްހަމަ ނުޖެހިފައި ހުރި ހެންނެވެ. ކުރިންވެސް ނަތާއަށް ވަނީ އެފަދަ ޝައްކުތަކެއް ކުރެވިފައެވެ. އެކަމަކު ކޮންމެ ފަހަރަކު ނިމެނީ ކުށްހީއަކަށް ވެގެންނެވެ. "ހިނގާ އަހަރެން ގޮވައިގެން ސައިކު ބުރެއް ޖަހާލަން. ހިނގާ ހިނގާ ވަރުބަލި ވާއިރު އަދި ތަނެއް ފެންނަ ވަރެއް ނުވޭ." ނަތާ ވިސްނަން އިނދެފައި ބުނެލިއެވެ. ނާޝިފް ޤަބޫލު ނުކުރެވިގެން ނިތް އަރުވައިލާފައި ދާދި އަވަހަށް ތެދުވެއްޖެއެވެ. ދެމީހުން ތެދުވެގެން ނިކުންނަން ދިޔައިރު ރާފިލް އިނީ ސިޓިންރޫމްގައެވެ. ދޮރުފޮތިގަނޑު ކަހާލައިފައި ހުރުމުން ރާފިލްއަށް އެމަންޒަރު ރަނގަޅަށް ފެނުނެވެ.

މޭޒުމަތިން ތަށިތައް ނަގާފައި ނިކުތް ލަޔާލް އައިސް ޖޯލިފަތީގައި އަފްލާކްގެ ކައިރީގައި އޮށޯވެ ފައި ދުފާފޮށި އުނގަށް ލައިގެން ފޯއްފޮއްޗެއް ކޮށްލައިލި އެވެ. ފޯން ރިންގް ވާން ފެށުމުން ބަލައިލާފައި ނުދަންނަ ނަބްރަކަށް ވުމުން ހިސާބަކަށް ހައިރާންވިއެވެ. ލަޔާލް ފޯއްފޮތި އަނގައަށް ލައި ހަފައިލަމުން ފޯން ކަންފަތުގައި ޖަހާފައި ހަލޯއޭ ބުނެލައިފި އެވެ. "ހެލޯ. ލަޔާ! އެކޮޅުން މާހިންގެ އަޑު އިވިފައި މޭގަނޑު ފިނިވެގެން ދިޔައެވެ. "ކާކުތަ؟" އެވަގުތު އަފްލާކް ސުވާލު ކޮށްލުމުން ލަޔާލް ބަސް ހުއްޓުނީއެވެ.

ކޮމެންޓް 0