ލީޒާ އާއި ލަޔާލްއަށް ފުރުސަތު ދީފައި އަފްލާކް ފޯނު ކަންފަތުގައި ޖަހައިގެން ނިކުމެ ކާރުގައި ކައިރީ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ފޯން ނިމިގެން ޖީބަށް ލައިފައި އޭނާ އެނބުރި ކާރުގެ ހިޔާގަނޑުމަތީގައި ދެއަތްތިލަ ހުރަހަށް އަޅާލައިގެން ކެފޭއަށް ނަޒަރު ހުއްޓާލި އެވެ. ބިއްލޫރިގަނޑުން ލަޔާލް އާއި ލީޒާ ރީތިކޮށް ފެނެއެވެ. އެދެމައިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު ވާހަކަ ދައްކަމުން ދިޔައީ ލީޒާ އެވެ. ލަޔާލް ހިމޭންކަމާއެކު އިނީ އަޑު އަހާށެވެ. އެމޫނަށް އެތައް ކުލައެއް އަރާ ފައިބަމުން ދިޔަތަން އަފްލާކްއަށް ފެނުނެވެ. އެވަގުތު މަގުމަތީގައި ހިނގާ ބިގާވަމުން ދިޔަ އެތައް ބައެއްގެ އަމާޒު ފަތްގަނޑަކަށް އަފްލާކް ވަމުން ދިޔައެވެ. ހާއްސަ ކޮށް އަންހެން ކުދިންތައް ފަސްއެނބުރި ދާ ފަހުންވެސް އަދި އެއްފަހަރު ފަސްއެނބުރި އެރީތި ޒުވާނާއަށް ނަޒަރެއް ދެއެވެ.

ލަޔާލް ލަސްވާން ފެށުމުން އަފްލާކް އެނބުރި ވަންނަން ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އެހިޔާލު ދޫކޮށްލާފައި އޭނާ އަރާ އިނީ ކާރުގައެވެ. ހިތްގައިމު ލަވައެއް ޖަހައިލާފައި ސީޓުގައި ރަނގަޅަށް ބުރަކަށި ޖައްސާލަމުން އޭނާ ލޯ މަރައިލި އެވެ. އިރުކޮޅަކުން ދޮރު ހުޅުވި އަޑަށް ސިހިފައި ލޯ ހުޅުވައިލި އިރު ލަޔާލް އައިސް އަރަނީއެވެ. "ދާންވީތަ؟" އަފްލާކް ބަލައިލިއިރު ލަޔާލް އިނީ އަތުތެރޭ އޮތް ފޮޓޯގަނޑެއްގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ޖަވާބެއް ނައުމުން އޭނާ ބޯ ޖަހައިލާފައި ކާރު ސްޓާޓް ކޮށްލިއެވެ. އިތުރަށް ސުވާލު ކުރަން އަފްލާކް ފަސްޖެހުނީ ލަޔާލްގެ ލޮލުގައިވާ ކަރުނަތައް ފެނިގެންނެވެ. އެސްފިޔަ ޖަހާލިއަސް އެހުރިހާ ކަރުނައެއް ފައިބައިގެންފާނެ ކަމުގެ ބިރު ބޮޑެވެ. ލަޔާލް އެތައް އިރަކު އިސްޖަހައިގެން އިން ގޮތުން ފުން ވިސްނުމެއްގައި އިންކަން ދޭހަވެއެވެ. އޭނާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައީ ލީޒާގެ ވާހަކަތަކެވެ. އެތައް އަހަރެއް ފަހުން ބައްދަލު ވުމުން ލީޒާ މިއަދު ދެއްކި ވާހަކަތައް ޤަބޫލު ކުރަންވީ ކަމާއި މެދު ލަޔާލްގެ ސިކުނޑި ދިޔައީ އަރާރުން ވަމުންނެވެ. ހިތަށް އެރިއެވެ. ލީޒާ އޭނާ ދެކެ ލޯބިވާނަމަ އެހުރިހާ ދުވަހު ދިރި ހުރިތޯ ބަލައިނުލައި ހުރެދާނެ ހެއްޔެވެ؟ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނަސް ކުޑަމިނުން އޭނާ ދެކިލަން މަސައްކަތް ނުކުރާނެ ހެއްޔެވެ؟ ދެން ހަމަ މިއަދު އޭނާ އެއީ ލީޒާގެ އަލަތު ދަރިފުޅުކަން އެނގުމުން ލޯބިން އެހިތް ފުރިގެން އައި ގޮތް ނިކަން ބަލާބަލާށެވެ. 

ކަންތައް ވީ އަފްލާކް އުންމީދު ކުރި ގޮތަކަށް ނޫނެވެ. ގެއަށް ދެވޭންދެން ލަޔާލް ހިމޭނުން އިނދެފައި ކާރުން ފައިބައިގެން ދިޔައީ އަނގައިންވެސް ނުބުނެއެވެ. އޭނާ ފަހަތުން ގޮސް ގެއަށް ވަންއިރު ލަޔާލްގެ މިސްރާބު ހުރީ ސިޑިއާއި ދިމާއަށެވެ. ލަޔާލް އެކަނިވެލަން ބޭނުން ވަނީ ކަމަށް ނިންމާފައި އޭނާ އިށީންދެލީ ޖީން ކައިރީ ލިވިންރޫމްގައެވެ. ޝާމީ އޭރު ޖީން އާއި ބައިވެރިވެގެން ޓައިލްސް މަތީގައި ޕަޒުލްއެއް ރާވައެވެ. އަފްލާކް އިސްއުފުލާލައިގެން ލަޔާލް ގޮސް ގެއްލޭންދެން ބަލަން އިނދެފައި ޖީންގެ މަސައްކަތަށް ލޯ ހުއްޓައިލި އެވެ. 

ކޮޓަރިއަށް ވަދެފައި ލަޔާލް އަނެއްކާވެސް ބަލައިލީ އަތުގައި އޮތް ފޮޓޯގަނޑަށެވެ. އެއީ އޭނާދެކެ ލޯބިވާ ކަމުގައި ބުނެ ހެއްކަކަށް ލީޒާ ގެނެސްދިން އެއްޗެކެވެ. މަހެއްވެސް ނުވާ ތުއްތު ކުއްޖަކު އުރާލައިގެން އެއިނީ ޔަޤީނުންވެސް ލީޒާއެވެ. އެކަމަކު ސުވާލަކީ އެތުއްތު ކުއްޖާ އެއީ ހަޤީޤަތުގައިވެސް އޭނާ އަށް ވެދާނެ ހެއްޔެވެ؟ ބޭނުން ނުވިއަސް ލަޔާލްއަށް ވިސްނުނީ އެންމެހާ ނުބައި ގޮތަށެވެ. ބަނޑު އަޅައި ވިހޭ މައިމީހާއަށް ވިއަސް އެހާ ދުވަސް ފަހުން ބައްދަލު ވުމުން އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ؟ ވެދިޔަ ހުރިހާ ކަމަކަށްފަހު މަންމަގެ ދިރިއުޅުމަށް އޭނާއަށް މަރުހަބާ ކިޔަން ތައްޔާރު ކަމަށް ބުނި ބުނުން އެއީ ހިތުގެ އަޑިން ބުނި ވާހަކައަކަށް ވެދާނެ ބާވައެވެ؟

ވިސްނަން ހުރެފައި ލަޔާލް ފޯނު ނަގައިގެން ކުޑަ މަންމައަށް ގުޅާލިއެވެ. ސަހާމާގެ ފޯނު ދެތިން ފަހަރު ރިންގް ވި ފަހުން ފޯނު ނެގީ އަހުމަދެވެ. ލަޔާލް ކުޑަ މަންމަ ކޮބައިތޯ އަހާފައި އިރުކޮޅަކުން ސަހާމާގެ އަޑު ކަންފަތުގައި ޖެހުނެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން މިގުޅީ." ލަޔާލް އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫޅެއެވެ. "އަހަންނަށް މިއަދު މަންމަ އާއި ބައްދަލު ވެއްޖެ." ސަހާމާ ސުވާލު ކޮށްލުމުން ލަޔާލް ޖޯޝުގައި ހުރެގެން ބާރަށް ބުނެލިއެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލީ އެކޮޅުން ބުނާ އެއްޗެއްގެ އިންތިޒާރުގައެވެ. އެކަމަކު ސަހާމާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. "އެބަ ހުރިންތަ؟" ލަޔާލް ކަންބޮޑުވެގެން ގޮވާލިއެވެ. "ކީ...ކޭ؟" ސަހާމާގެ އަޑު އައީ ކެނޑިގެންނެވެ. "މިއަދު އަލަކަށް ނޫން ބައްދަލުވީ. ދުވަސްކޮޅެއް ވެއްޖެ މަންމަ މަސައްކަތް ކުރާ ކެފޭއަށް އަހަރެން ދާތާ. އެކަމަކު މިއަދު މަންމައަށް އަހަރެން ނަކީ ކާކުކަން އެނގިގެން އައިސް ވާހަކަ ދެއްކީ. ވަރަށް ދެރަވެފަ އިނީވެސް. މަންމަ އަހަރެންދެކެ ލޯބިވާ ކަމަށް ބުނެގެން އަހަރެން ޤަބޫލު ނުކޮށްފާނެތީ ފޮޓޯއެއްވެސް ދިން. ފޮޓޯގަ އިނީ އަހަރެން ތުއްތު އިރު މަންމަ އުރާލައިގެން ނަގާފައި އިން ގަނޑެއް." ލަޔާލް އިތުރަށް ކިޔައިދިނެވެ. އެވާހަކަ ތަކާއި މެދު ސަހާމާގެ ހިޔާލު ހުރި ގޮތް އޮޅުން ފިލުވުން އޭނާއަށް އެންމެ މުހިންމު ކަމަކަށްވިއެވެ.

"އުފާވެރި ޚަބަރެއް." އިރުކޮޅެއް ކޮށްލާފައި ސަހާމާ ބުނެލީ އެކަނި މިހެންނެވެ. ލަޔާލްގެ ހިތަށް އާދަޔާ ޙިލާފް ހަމަޖެހުމެއް ލިބިގެން ދިއުމުން ހިނިތުންވެ ލެވުނެވެ. "އެކަމަކު ކުޑަމަންމަ ބުނީމެއްނު އަހަރެންގެ މަންމައަށް އަހަރެން އެނގުނަސް ވާހަކައެއް ނުދައްކާނެއޭ." ލަޔާލް ކުރީގެ ހަނދާނެއް އާކޮށްދިނެވެ. "މިހާރު އެނގިއްޖެއެއްނު އެއީ ކުށްހީއެއްކަން." ސަހާމާގެ ޖަވާބަކީ އެއީއެވެ.

"ތޭންކްސް ލާކް." އިރުގަނޑެއް ކޮށްލާފައި އަފްލާކް ކޮޓަރިއަށް ވަންތަނާ ކަންފަތުގައި ޖެހުނެވެ. އޭނާ ހޯދައިލިއިރު ލަޔާލް އެނދުގައި ހިނިތުން ވެފައި އިނީ އަދިވެސް ލީޒާ ދިން ފޮޓޯގަނޑުގައި ހިފަހައްޓާލައިގެންނެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުން ވުމާއެކު އަފްލާކް ގޮސް ކައިރީގައި އިށީންދެފައި ލަޔާލްގެ އިނިގިލިތަކުގައި ހިފައި މަޑުމަޑުން ފިތާލިއެވެ. "އެނީ ޓައިމް." އަފްލާކް އިނީ ހިތްހަމަޖެހިފައެވެ. އޭނާގެ އެއަމަލުން ލަޔާލްގެ ހިތަށް އުފާވެރިކަން ގެނެސްދެވިއްޖެއެވެ. އެކަމަކު ހަތަރުކަޅި ބައްދަލުވެފައި ސިކުންތު ކޮޅެއްވީއިރު ހިމޭންކަމެއް އެދެމެދަށް ވެރިވިއެވެ. ލަޔާލް ދުރު ބަލައިލުމުން އަފްލާކް އެއަތުން ދޫކޮށްލައިފައި އެނދު ހުރަހަށް އޮށޯވެލައިފިއެވެ.

"ކިހިނެތް އަހަރެންގެ މަންމަ ހޯދީ؟" ލަޔާލް އިނދެފައި ކުއްލިއަކަށް އަހައިލިއެވެ. "އެރޭ ލަޔާލްމެން ރަށަށް ގޮސް މީހަކު ކައިރިން އަހައިގެން ކާކުކަން އޮޅުންފިލީ. ފަހުން މިކޮޅަށް އައިސް ފްރެންޑަކު ހެލްޕް ވެދިނީ ލީޒާ އުޅޭތަނެއް ހޯދަން." އަފްލާކް ޖަވާބު ދިނެވެ. "ސޯ؟" ލަޔާލް އަނެއްކާ ބުނެލިއެވެ. "ސޯ ވަޓް؟" އަފްލާކް ހައިރާން ކަމާއިއެކު ތެދުވެ އިށީންދެފައި ލަޔާލްގެ މޫނަށް ބަލަން އިނެވެ. "މީގެ ބަދަލު އަދާކުރަން އަހަރެން ކޮން ކަމެއް ކުރަން ޖެހޭނީ؟" ލަޔާލް ޖެހިލުމެއްނެތި ބުނެލައިފިއެވެ. "ވަޓް؟" އަފްލާކްއަށް ފުންމައިގެން ތެދުވެވުނެވެ. "ކޮބާ ތީގެ މާނައަކީ؟" އަފްލާކްއަށް މުޅިއަކުން ލަޔާލްގެ އެވާހަކައިގެ މާނައެއް އެނގުނު ކަމަކަށް ނުވިއެވެ. "ކަމްއޯން ލާކް. ޑޯން ޕްލޭ ޑަމް. އަހަރެންނަށް އަދި ލާކްއަށްވެސް އެނގޭ ލާކް ކުރާ ކޮންމެ ކަމެއްގެ ބެނެފިޓްއެއް އޮންނަކަން. މިހާތަނަށް ކަންތައް ވެފަ ހުރީ ޔަޤީނުންވެސް އެގޮތަށް." ލަޔާލް ވާހަކަ ދައްކަމުން ތެދުވެފައި ހަށަން ބަނދެލިއިރު ލޮލުގައި ވިދަ ވިދާ ހުރީ މަލާމާތުގެ ކުލަވަރެވެ. ވިސްނުން ހުސްވެފައިވާ މީހަކު ފަދައިން އަފްލާކް ނިތުގައި ހިފަހައްޓާލައިގެން ހުރެފައި އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ކޮންމެ ކަމެއް ކުރިއަސް ލަޔާލް އެހުރީ އިތުބާރު ނުކުރާން ނިންމައިގެންނެވެ. މިހިސާބަކަށް ދިއުމުން ކަންކުރާނެ ގޮތް ޚުދު އޭނާއަށްވެސް އޮޅިއްޖެއެވެ.

ލަޔާލް އާއި އިތުރަށް ޒުވާބު ނުކުރަން ވެގެން އަފްލާކް ގެއިން ނިކުމެގެން ދިޔައެވެ. އޭނާ ބާރު ބާރަށް ކާރު ދުއްވާލައިފައި ގޮސް ކޮފީއެއް ބޯލަންވެގެން ލެމަން ގްރާސް ސީވިއުއަށް ވަދެ މޭޒެއްގެ ދޮށުގައި ހަމަޖެހިލި އެވެ. ދިމާ ކުރިމަތިން މާކަނޑާއި ކުރިމަތީގައިވާ ރަށްތަކުގެ މަލަމަތި ފެންނައިރު އެކަނޑުގައި ދަތުރު ކޮށްފައިދާ ފެރީތައްވެސް ގިނައެވެ. ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށުމުން ހިތުގެ އުދާސްކަމަށް ލުއެއް ލިބުނު ކަހަލައެވެ. އޭނާ ކޮފީއަކަށް އޯޑަރ ދީފައި ފޯނު ނަގައިގެން ކުޅެން އިންދާ ކުއްލިއަކަށް މެސެޖެއް އައިސްގެން ހުޅުވާލިއެވެ. ނުދަންނަ ނަންބަރަކުން ކޮށްފައިވާ މެސެޖްގައި "އައި ސީ ޔޫ" ޖަހާފައި އިނުމުން ހައިރާންކަމެއް ލިބުނެވެ. ޖަވާބު ފޮނުވަން އުޅެނިކޮށް ކުއްލިއަކަށް މަޑު އަތަކުން އޭނާގެ ކޮނޑުގައި ހިފާލައިފިއެވެ. އިސްއުފުލާލުމުން އާނާގެ ރީތި މޫނުން ހިނިތުންވުމެއް ފެނުނެވެ. ހުއްދަ އެހުމަކާއި ނުލައި އާނާ އަފްލާކްގެ ކުރިމަތީގައި އިށީންދެފައި މޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން ބަލަން ފެށިއެވެ. 

"ކޮންއިރަކު އައީ؟" އަފްލާކްގެ ފުރަތަމަ ސުވާލަކީ އެއީއެވެ. "އިއްޔެ. އަދި ލާކްއަށް އިންފޯމް ނުކުރެވިގެން އުޅެނިކޮށް މިތަނުން މިފެނުނީ." އާނާ ޖަވާބު ދީފައި ދުރުގައި ހުރި މޭޒު ދޮށުގައި ތިބި އެކުވެރިންނަށް ނަޒަރެއް ދިނެވެ. ދުވަސްތަކަކަށް ފަހު ބައްދަލުވުމުން އާނާގެ ކިބައިން ތަފާތުތަކެއް ފެންނަން ހުއްޓެވެ. ކުރިއަށްވުރެ ހިކިފައި އިސްތަށިގަނޑުވެސް ކުރިއާއި ހިލާފަށް ފަންކޮށްލައިފައެވެ. އެކަމަކު އަދިވެސް ޒުވާންކަމާއި ރީތި ކަމަށް ބަދަލެއް ނާދެއެވެ. އަފްލާކް އެތޫނު ލޮލުން ބަލައިލުމުން އާނާގެ މޫނަށް ރަތްކުލައެއް ވެރިވެގެން އައެވެ. އޭނާ ރަކި ނުވާންވެގެން އަތުގައި އަޅާފައި އޮތް ކެވެލި ކޮޅާއި ކުޅެލައިފައި އިތުރަށް ވާހަކަ ދެއްކިއެވެ. "އަޑުއެހިން މެރީ ކުރި ވާހަކަ."

"ތެދެއް އެއީ." ޖަވާބު ދިންއިރު އަނާގެ މޫނަށް ވެރިވި ކުލަވަރު އަފްލާކްއަށް ރަނގަޅަށް ފާހަގަވިއެވެ. އެހުރިހާ ދުވަސް ފަހުން އަދިވެސް އާނާގެ ހިތުގައި އޭނާއަށްޓަކައި އިހްސާސް ތަކެއް ވަނީބާއޭ ހިތަށް އަރާފައި އިސް ޖަހާލެވިއްޖެއެވެ. އެވަގުތު ވޭޓަރ ކޮފީ ގެނައުމުން ބޮޑު ކޯވަރެއް ދަމައިލެވުނެވެ. "އާނާ ކޯއްޗެއް ގެންނަނީ؟" އަފްލާކް ވާހަކަ ބަދަލު ކޮށްލަން ބޭނުންވެގެން އަވަހަށް އެހިއެވެ. "ބޭނުމެއް ނޫން." އާނާ އެސްފިޔަ ޖަހާނުލައި އިނދެގެން ބުނެލިއެވެ.

"އާނާ އަދިވެސް މެރީ ނުކުރަންތަ؟" އަފްލާކް އެންމެ ފަހުން އެސުވާލުކޮށް އާނާއަށް ކުރިއެވެ. "ބޭނުންވާ މީހާ ނުލިބޭތީ އަދިވެސް މަޑުކޮށްލީ." އާނާގެ އެޖަވާބު އަފްލާކްގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ގެނުވިއެވެ. "ލާކް ކިހިނެތް އެހާ ކުއްލިއަކަށް މެރީ ކުރީ؟ އަހަރެން މިކޮޅުން ފުރިއިރުވެސް ދެވަނަ ކައިވެންޏެއް ކުރާ ކަހަލަ ހިޔާލެއް ނުގެންގުޅޭ. ދެން ކިހިނެތް އެހާ އަވަހަށް...." އާނާގެ ސުވާލު ތަކުގެ ޖަވާބުގައި އަފްލާކް ކިޔައިދޭން އޮތް ވާހަކަތައް ގިނައެވެ. "އިޓްސް ކޮމްޕްލިކޭޓެޑް....." އަފްލާކް ދިނީ އެވަގުތަށް އެންމެ ރަނގަޅު ޖަވާބެވެ. "އޯހ..." އާނާ އެހެން ބުނެލިއިރު ދެލޯ ފެންކަޅި ވެއްޖެއެވެ. އެވަގުތު ފޯން ރިންގް ވާން ފެށުމުން ނަގާފައި އޭނާ ސްކްރީނަށް ބަލަން އިނެވެ. "ދާން ޖެހިއްޖެ. ގުޅާނަން އިނގޭ." އާނާ ދާންވެގެން ތެދުވަމުން އަފްލާކްގެ އަތުގައި އަތް ޖައްސާލިއެވެ. އެލުއި ބީހިލުން މާކުރީގެ ހަނދާނެއް ލޯ ކުރިމައްޗަށް ގެނެސް ދިނުމުން އަފްލާކްއަށް ބާރު ބާރަށް ހިފަހައްޓާލެވުނީ މޭޒުގައެވެ. އެއީ އޭނާ މާޒީންވެސް ފުހެލަން ބޭނުންވި ހަނދާނެކެވެ.

އާނާ ގޮސް ގެއްލުނު ފަހުން އަފްލާކް ކޮފީ ތަށި ހުސްކޮށްލައިގެން ނިކުތްއިރު ހުރީ އަނެއްކާވެސް މޫޑު ގޯސްވެފައެވެ. އެވަގުތު މަޤްރިބް ނަމާދު ބަންޤީގެ އަޑު ޖެހުމުން އިތުރު ހިޔާލެއް ނެތި އޭނާ ގޮސް އެރީ މިސްކިތަށެވެ.

ދުވާލުގެ އެއްވެސް ގަޑިއެއްގައި ޖީން ނުނިދާތީ ޝާމީ އިރު އޮއްސުނު ތަނުން ޖީންއަށް ކާންދޭން ތައްޔާރު ވިއެވެ. އެކަހަލަ ދުވަހެއް ވިއްޔާ ޖީން ހަތެއް ނުޖަހަނީސް ނިދާނެއެވެ. ތުއްތު ޖީންއަށް ކުޅިވަރު ދައްކައިގެން ޝާމީ މަސައްކަތުގައި ޝާމިލްވެފައި އިންދާ ޔާނިޒް ވެދެގެން އައިސް އެމީހުންގެ ކައިރީގައި ޖައްސާލިއެވެ. ފަހަކަށް އައިސް ޔާނިޒް ގިނަ ގިނައިން ޝާމީ އާއި ވާހަކަ ދައްކައި ހިސާބަކަށް އެކުވެރި ވެފައިވެއެވެ.

"ހާދަ އަވަހަކަށް ޖީން ކަނީ؟" ޔާނިޒް ވާހަކަ ފެށީ ޖީންއާއި ގުޅުވައިގެންނެވެ. ޝާމީ އެއަޑަށް މޫނު އަނބުރާލައިފައި ހިނިތުންވެލައިގެން ސަބަބު އޮޅުންފިލުވައި ދިނެވެ. ޔާނިޒް އިތުރު އެއްޗެއް ނުބުނެ ދެއަންހެން ކުދީންގެ ހަރަކާތްތަކަށް ބަލަން އިންއިރު ސިކުނޑީގައި ކަންތައްގަނޑެއް ކުރިއަށް ދިޔައެވެ. ޝާމީއަށް ޔާނިޒްގެ މިހިމޭންކަން އާދަޔާ ޚިލާފްވެގެން އަނެއްކާވެސް ބަލައިލާފައި ހުރިހާ ކަމެއް ރަނގަޅު ހޭ އަހައިލިއެވެ. "ރަނގަޅު ކުރުން އޮތީ ޝާމީގެ އަތްމަތީގައި." ޔާނިޒް ބުނެލިއެވެ. ޝާމީ ސިހިފައި އެބުރި ބަލައިލި ގޮތަށް ދެލޯ ބޮޑުކޮށްލިއެވެ. ޔާނިޒް ބުމަ އަރުވައިލަމުން އަދިވެސް ޔަޤީންކޮށްދިނެވެ. "ކިހިނެތް؟" ތަށި މޭޒުމަތީ ބަހައްޓާފައި ޝާމީ ސޯފާގައި ހަމަޖެހިލިއެވެ. "ރުޅި އަންނާނަންތަ؟" ޔާނިޒް އެހެން އަހާލުމުން ޝާމީއަށް ހެވުނެވެ. ޔާނިޒްގެ އެސުވާލު އޭނާ އާއި ނުވެސް ގުޅެއެވެ. މީގެ ކުރިން އެހެން މީހުން ދެކިފާނެ ގޮތަކާއިމެދު ޔާނިޒް ކުޑަކޮށްވެސް ނުވިސްނައި ހިތަށް އެރިހާ ގޮތަކަށް ކަންތައް ކުރެއެވެ. ވީއިރު އޭނާ ކަހަލަ ނިކަމެތި ކުއްޖަކާއި ދޭތެރޭ އެގޮތަށް ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ؟

"އަހަރެން ޑިނަރ އަކަށް ދާން އިންވައިޓް ކުރިއްޔާ އެކުގައި ދާނަންތަ؟" ޔާނިޒް އެންމެ ފަހުން ބުނެލިއެވެ. ޝާމީގެ ތުންފަތުގައި ވި ލާނެތްކަން އިސާހިތަކު ފިލައިގެން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލާފައި އޭނާ އަނެއްކާވެސް ޖީންއަށް ކާންދޭން ފެށިއެވެ. އެވަގުތު ޔާނިޒް ގޮވާލުމުން އޭނާ އަޅައެއްވެސް ނުލިއެވެ. "ޝާމީ. ބުނެބަލަ އާއެކޭ... ޕްލީޒް!" ޔާނިޒް ޝާމީއާއި ކައިރިއަށް ޖެހިލައިފައި އާދޭހާއެކު އެދުނެވެ. "ނޫން ނޫން ނޫން. އަޑު އިވިއްޖެތަ؟" ޝާމީ ބާރަކަށް އެހެން ބުނެލާފައި މޫނު އަނބުރާލިއިރު އަޒީ ދާދި ކައިރީ ހުރުމުން ސިއްސައިގެން ގޮއްސައި ކޮޅަށް ތެދުވިއެވެ. އެވަގުތު ޔާނިޒްވެސް ބައްޕަ ފެނިގެން ކަންބޮޑު ވެއްޖެއެވެ. 

"ބެލް ޖަހާއަޑެއް ނޫންތަ އެއިވެނީ؟" އަޒީ އެހެން ވާހަކައެއް ބުނެލުމުން ޔާނިޒްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ އާއެކޭ ބުނެފައި ދޮރު ހުޅުވަން ދިޔައިރު ލަޔާލްވެސް ސިޑިން ފައިބައިގެން އައިސް ޖީން ކައިރިއަށް މަޑުކޮށްލައިގެން ހުއްޓެވެ. "ޝާމީ ރަނގަޅުތަ؟" ލަޔާލްއަށް ޝާމީގެ މޫނު މިލާފައިވާތަން ފެނިގެން ސުވާލު ކުރިއެވެ. ޝާމީ ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްފައި ބޯ ޖަހައިލިއެވެ.

އަފްލާކް އެނބުރި އައީ ނިކަން ލަސްވެފައި ހުއްޓައެވެ. ލަޔާލް އެނދުގައި އަރާމުކޮށް ނިދިފައި އޮތުމުން އޭނާ ވެސް މަގަތުގައި އޮށޯވެލިއެވެ. ފޯން ވައިބްރޭޓް ވާން ފެށުމުން ބަލާލިއިރު އާނާ ގުޅަނީއެވެ. އަފްލާކް ނިއްކުރީގައި މުށްކަވާލި އަތުން މަޑުމަޑުން ޖަހާލައިފައި ފޯން ބޭއްވީ ސައިޑު ޓޭބަލް މަތީގައެވެ. އޭނާ ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލި ފަހުން ފޯން ކެނޑިފައި އަނެއްކާ ރިންގް ވާން ފެށިއެވެ. ލަޔާލް ނިދާފައި ކަމަށް ހެދިގެން އޮވެފައި ލޯ ހުޅުވައިލީ ފޯންގެ ވައިބްރޭޓް އަޑަށެވެ. އޭނާ ރަޖާ ތިރިކޮށްލައިގެން ފާޚާނާ ދޮރަށް ނަޒަރެއް ދީފައި ފޯނު ނަގައި ސްކްރީނަށް ބަލަން އޮތެވެ. ފޯނަށް އަރާފައިވާ އާނާގެ ނަން ފެނުމުން މަސްހުނި ހިޔާލުތަކެއް ސިކުނޑީގައި އެނބުރިލިއެވެ. ވިސްނަން އޮވެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެލިއެވެ.

ކޮމެންޓް 0