ނަތާއަށް އަތް އަޅައިލެވުނީ ހިތާއި ދިމާލުން މޭގައެވެ. "ސިހުނުތަ؟ އެހެންވިއްޔާ މާފުކުރޭ!" ރާފިލް ބުމަ އަރުވައިލާފައި ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަތާއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ދެވަނަ ސިކުންތުގައި ލުއި ހިނިތުންވުމެއް ވެރި ކުރުވިއެވެ. "ނަތާ. އަހަރެން ވާހަކައެއް ބުނަން ބޭނުންވެފަ ހުންނަތާ އިރުކޮޅެއް ވެއްޖެ." ރާފިލް ފިޔަވަޅެއް އަޅާލައިފައި ގޮސް މޭޒު ކައިރީ ހުރި ގޮނޑިއެއް ނަތާ އާއި ކުރިމަތި ވާގޮތަށް އަނބުރާލައިގެން އިށީނެވެ. އެއްޗެއް ނުބުނި ނަމަވެސް ފެންބުއި ތަށި ޒިންކަށް ލައިފައި ނަތާ އައިސް ފްރިޖް ކައިރީ ހުއްޓުނީ ރާފިލްއަށް ކުރިމަތި ލައިގެންނެވެ. 

"އަހަންނަށް އިނގޭ ކުރީ ދުވަހުގެ ހާދިސާއަށްފަހު ނަތާއަށް ފީލް ކުރެވޭނެ ގޮތް. ފަހަރެއްގަ ނަތާ އަމިއްލަ ނަފްސަށްވެސް ބްލޭމް ކޮށްފާނެ. އެކަމަކު އަހަރެން ބުނެލަން އޮތީ އޭގައި ފަހަރެއްގައިވެސް ނަތާގެ އަތެއް ނުވެއޭ. ޤަބޫލު ކުރަން އެކަން ހިނގީ ނަތާގެ ކުރިމަތީކަން. އެކަމަކު އެއީ ނަތާ ބޭނުންވާ ގޮތް ނޫންކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ ވާހަކަ ބުނެލަން ބޭނުމީ. "ރާފިލްގެ އެ ކޮންމެ ޖުމްލައެއް ނަތާގެ ހިތުގެ ފުނާއި ހަމައަށް އަސަރު ފޯރުވާފައި ދެލޯ ފެންކަޅި ކޮށްލިއެވެ. އިސްއުފުލައިލުމުން އެދެލޯ ވިދަމުން ދިޔަތަން ރާފިލް ރަނގަޅަށް ދުށްޓެވެ. ރާފިލްގެ އެ ކޮންމެ ޖުމްލައަކީ މިވަގުތަށް އޭނާ އަހަން އެންމެ ބޭނުންވެފައިވާ ވާހަކަތަކެވެ. ހަޤީޤަތުގައިވެސް އޭނާ އެހުންނަނީ އަމިއްލަ ނަފްސް ކުށްވެރި ކޮށްލައިގެންނެވެ. ހައްޖަ އާއި ބެހޭ ގޮތުން އޭނާ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައި އޮތްވާ ހިނގައިދިޔަ މިހާދިސާގެ ސަބަބުން އޭނާ އުފާ ނުކުރާ ވާހަކަ ރާފިލްއަށް އަންގަން ނުހަނު ބޭނުމެވެ. އޭނާގެ ބަސް ތެދުވެގެން ރާފިލްއަށް ދެރައެއް ލިބުމަށްވުރެ ނަތާގެ ކުރިމަތީގައި މޮޅީ އަމިއްލަ ބަސް ދޮގުވެގެން ނަމަވެސް ރާފިލްއަށް އުފަލެއް ލިބުމެވެ. އެކަމަކު އޭނާއަށް ނޭނގުނީ އެވާހަކަ ބުނެދޭނެ ގޮތެކެވެ. އެވަރަކުން ފިލަން ބޭނުންވީވެސް މި ސަބަބާއި ހުރެއެވެ. އެކަމަކު މިހާރު ހީވަނީ އޭނާއަށްވުރެވެސް ރަނގަޅަށް އެހިތުގެ ހާލަތު ރާފިލް މިފަހަރު ، ދެނެގެންފި ހެންނެވެ.

"އައެމް ސޯ ސޮރީ. އަހަރެން އެއްގޮތަކަށްވެސް އުފަލެއް ނުވޭ ތިދެމީހުން ބްރޭކްއަޕް ވެގެނެއް. އަހަރެން ހައްޖަ އާއި ބެހޭގޮތުން ދެއްކި ވާހަކަ ތެދަކަށް ވެގެން އައުން އެއީ ވިންއެއް ނޫން. ޓްރަސްޓް މީ އަހަރެން އަމިއްލައަށްވެސް ބޭނުންވި އެބަސްތައް ދޮގުވުމަށް." ރާފިލް ދެއްކި ވާހަކައިން ހިތްވަރު ލިބިގެން ނަތާ ބުނެލިއެވެ. ހަތަރުކަޅި ހަމަކޮށްލުމުން ރާފިލްގެ މޫނުން ނަތާއަށް ފެނުނީ ހިތްހެޔޮ ކަމެވެ. އޭނާ ދަނީއޭ ބުނެލާފައި އިރުކޮޅަކުން ނިކުމެގެން ދިއުމުން ނަތާއަށް އަނެއްކާވެސް މޭގައި އަތް އަޅައިލެވިއްޖެއެވެ. ހިތަށް އެރިއެވެ. ހައްޖަ އާއި ރާފިލްގެ ގުޅުން ކެނޑިގެން އޭނާ އުފާ ކުރާންވެސް އޮތީ ކޮން މާނައެއް ހެއްޔެވެ؟ ލޯބިވެރިއެއް ހުރިކަން އެންގުމުގެ ކުރީންވެސް ރާފިލް އެވަނީ ސާފު ބަހުން އޭނާގެ އެދުމަށް އިންކާރު ކޮށްފައެވެ. ދުވަހެއްގެ ކޮޅުންވެސް އެދެމެދުގައި ދަރިވަރަކާއި ޓީޗަރެއްގެ ގުޅުމުގެ އިތުރުން އެހެން ކަމެއް ނުހިނގާނެ ކަން ޔަޤީން ކޮށްދީފައެވެ. ވީއިރު އެއީ އޭނާއަށް ލިބޭ އުފަލަކަށް ވާނެ އޮތީ ކޮން ގޮތެއް ހެއްޔެވެ؟

"ލަޔާ އަހަރެންނަށް އިތުބާރު ނުކުރަނީތަ؟" އަފްލާކް އިރުކޮޅެއް ވާންދެން ހައިރާން ކަމުގައި ބަލަން އިނދެފައި ބުނެލިއެވެ. އެމޫނުގެ ކުލަ އޮއްސި ބަނަވެގެން ދިޔަތަން ފެނިގެން ލަޔާލްގެ ހިތަށްވެސް ނުބައި ގޮތެއް ވެލައިފިއެވެ. ސުވާލު ކުރެވުނު ކަމަށްޓަކައި މޮޔަ ހިތަށް އަރާފައިވެސް އޭނާ އެގޮތުގައި ސާބިތުވެލިއެވެ. "އިތުބާރު ނުކުރަނީއެއް ނޫން. އެކަމަކު އަހަރެން ބޭނުން ނުވަނީ ދުވަހެއްގެ ކޮޅުންވެސް އަހަރެމެން ދެމީހުން ވަކިވާން." ލަޔާލް ހާމަ ކުރިއެވެ. "އޯލްރައިޓް. އައި ޕްރޮމިސް." އަފްލާކް ކައިރިއަށް ޖެހިލާފައި ލަޔާލްގެ އަތްތިލައިގައި ހިފާލި ގޮތުން އޭނާ އިނީ ހައިރާންވެފައެވެ. ޤަބޫލު ކުރަން ދަތިވެފައެވެ. އެހާމެ އުފާވެސް ވިއެވެ. ހުރިހާ ޝަކުވާއެއް ނެތިގެން ދިޔައެވެ. ހުރިހާ ޝައްކެއް ފިލައިގެން ދިޔައެވެ. "އެކަމަކު ހަނދާން ކުރާތި އެކަނި އަހަރެންނަށް އޮތް ޤަވާއިދެއް ނޫން މީ." ލަޔާލް ހިނިތުންވިތަން ފެނިގެން އަފްލާކް ބުނެލިއެވެ. "އޯކޭ..... ފެށުމަކަށް ލާކް ބުނެދީ އަހަރެންނަށް އެނގިފައި ނެތް އެއް ވާހަކަ. އަހަރެންވެސް ބުނެދޭނަން." ލަޔާލް ހަމަޖެހިލާފައި ރައްދު ދިނެވެ. "އޯކޭ...." އަފްލާކް ހިމޭންކަމާއި އެކު ވިސްނާލަން ހުއްޓެވެ. "ލަޔާލް އިނީ އަދިވެސް ހިނިތުންވެފައެވެ. އެކަކު އަނެކަކު ދެނެގަތުމުގެ ގޮތުން މިހެދުނު ޤަވާއިދު އޭނާއަށް ވަރަށްވެސް ކަމުހިނގައްޖެއެވެ. 

"އަހަރެން ފުރަތަމަ ގާރލްފްރެންޑެއް ގެންގުޅުނީ އުމުރުން އެގާރަ އަހަރުގައި." އަފްލާކްގެ ޖުމްލަ ނިންމާފައި މޫނު އަނބުރައިލުމުން ފެނުނީ ލަޔާލް އަނގަ ހުޅުވިފައި އިންދައެވެ. "މައި ޓާން ދޯ... އަމް.... އައި ލަވް އައިސް ކްރީމް." ލަޔާލް ދެފައި ނަގައި އެނދަށް ލަމުން ހީގެންފިއެވެ. "އޯހ ކަމްއޯން ތިދެން އެންމެން ދަންނަ ބޮޑު ސިއްރެއްނު. ސޭ ސަމްތިން ސޯލިޑް...." އަފްލާކް ކައިރިވެލާފައި ލަޔާލްގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. "މިސާލަކަށް ކޯއްޗެއް؟" ލަޔާލް ބޭނުންވީ އަފްލާކް އޮޅުންފިލުވަން ބޭނުން ވަނީ ކޮންކަމެއްކަން ދެނެގަންނާށެވެ. "ބުނެދޭންވީ އެންމެ ފުރަތަމަ ކިސް ކުރި ދުވަސް! އަދި އެނަސީބުވެރިއަކީ ކާކުކަން." އަފްލާކްގެ ތޫނު ނަޒަރު އެމޫނަށް ހުއްޓިފައި ހުރިއިރު އެހެން ކުލައެއްވެސް ފައުޅުވަމުން ދިޔައެވެ. "ނުކެރޭނެ ބުނާކަށް. ލާކް ޖޭވެގެން އޭނައަށް ގޮތެއް ހަދާފާނެ." ލަޔާލް އިނީ ނުލަފާ ގޮތަކަށް ހެވިފައެވެ. ގަސްތުގައި އަފްލާކް ތަޅުވާލަން އޭނާ ނިންމިއެވެ. "ހަމަ އެހާ ކަންބޮޑުވޭތަ އޭނައާއި ދޭތެރޭ؟" އަފްލާކް އަތަށް ގެނަ ހުރިހާ ބާރަކާއެކު ލަޔާލް އުނަގަނޑަށް ބާރުކޮށްލެވުނެވެ. "އާން.... އޭނައަށް ގޮތެއްވެއްޖެއްޔާ އަހަރެން މޮޔަވެދާނެ...." ލަޔާލްއަށް ތަދުވެގެން ނިތަށް ރޫ އަރުވައިލެވުނެވެ. އަފްލާކްގެ އެސީރިއަސް ފެނިފައި އޭނާ ހިސާބަކަށް ޖެހިލުންވެސް ވެއްޖެއެވެ.

"ލާކް އިޓްސް ޔޫ. އަހަރެން ކުޑަކޮށްވެސް ފިޒިކަލް ވެފައި ހުންނާނީ އެކަނި ލާކްއާ އެކީ. އައި ސުވެއަރ." ފެންކަޅިވެގެން ދިޔަ ދެލޮލުން ބަލަން އިނދެފައި ލަޔާލް އަވަހަށް ބުނެލިއެވެ. އިތުރަށް ސަމާސަ ކުރާކަށް އޭނާއަކަށް ނުކެރުނެވެ. އަފްލާކްއަށް މިކުރެވެނީ ކީއްކަން އިހްސާސްވީ ލަޔާލްގެ ލޮލުން ވިދަން ފެށި ކަރުނަތައް ފެނިގެންނެވެ. "ގުޑް. އަދި ދުވަހެއްގެ ކޮޅުންވެސް އިތުރު މީހަކާއިއެކީ ފިޒިކަލް ވުމުގެ ހުވަފެން ނުދެކޭތި." އޭނާ އަވަހަށް ލަޔާލް އުނަގަނޑުން ދޫކޮށްލައިފައި އެމޫނުގައި ދެއަތުން ހިފަހައްޓާލި ގޮތަށް ނިތުގައި ތުންފަތް ޖައްސައިލިއެވެ. "ވޯނިން ދިނީމަ ބިރުން ޤަބޫލު ކޮށްފިން." އަފްލާކް ހަމަޖެހުނުކަން އިހްސާސް ވެގެން ލަޔާލް އަނެއްކާވެސް ސަމާސަ ކޮށްލި އެވެ. "އައެމް ޑެޑް ސީރިއަސް އިނގޭ." އަފްލާކް އަނެއްކާވެސް ސީރިއަސް ކުލަވަރު ދައްކައިލި އެވެ. ލަޔާލް ޅަކުއްޖެއްހެން އިނދެފައި ބޯޖަހައިލި ގޮތް ފެނިގެން އޭނާ ހީގެންފައި ލަޔާލް ގެންގޮސް މޭގައި ޖައްސައިލިއެވެ. ދޮރު ކައިރިން އިތުރު ބައެއްގެ އަޑު އިވިގެން އެމީހުން ބަލައިލިއިރު އަޒީގެ ފަހަތުގައި މަފާޒުމެން އެތެރެއަށް ވަންނަނީއެވެ. އަވަހަށް ދުރަށް ޖެހިލާފައި ލަޔާލް އެނދުން ތިރިއަށް ދެފައި އެލުވައިލިއެވެ. އަޒީ އައިސް ދިއްކޮށްލީ ކާޑެކެވެ. އެއީ އެންމެންގެ ހޮވުން ކަމުގައި ބުނުމުން ލަޔާލް އެއަށް ނަޒަރެއް ދިނެވެ. ދެވަނަ ސިކުންތުގައި އަފްލާކްއަށް އޭނާ ބަލައިލީ ހައިރާންވެފައެވެ. އެއީ މުޝައްރަފު ފޮނުވި ކާޑު ތަކު ތެރެއިން އެކައްޗެވެ. "ތީ އަހަރެންނަށްވެސް އެންމެ ރީތިވި ކާޑަކީ." ލަޔާލް ބަލަން އިންގޮތުން އަފްލާކް ހެވިލާފައި ކޮނޑުގައި ހިފަހައްޓާލިއެވެ. ލަޔާލްގެ ހިތް އަނެއްކާވެސް އުފަލުން ފޮޅިގެން އައެވެ. އޭނާ ކާޑުގައި ހިފައި ދެންތިބި މީހުންނަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ.

އެހެން ދުވަހެކެވެ. ލަޔާލް ހެނދުނު ސައިބޮއެގެން ގެއިން ނިކުތީ މިއަދު އަނެއްކާވެސް އަޒީގެ ގެއަށް ދިއުމަށެވެ. މުޝައްރަފްގެ އެދުމުގެ މަތީން ނައީޝް ކާރުގައި އޭނާ ގެންގޮސްދޭން އެއްބަސްވިއެވެ. ގޭތެރޭގައި އުޅޭއިރު ދޭތެރެއަކުން އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލު ކޮށްލައި ބައެއްފަހަރު އަނގައިން ބުނެލި ނަމަވެސް އަދިވެސް އެދެމެދުގައި ކޮއްކޮ އަކާއި ދައްތައެއްގެ މެދުގައި އޮންނަންވާ ގުޅުމެއް ނެތެވެ. މުޝައްރަފް އެވަރަކުން ދެމީހުން އެކީ ފޮނުވަން ނިންމީވެސް މިސަބަބާއި ހުރެ ކަމަށް ވެދާނެއެވެ. "އެޑްރެސް އެނގޭތަ؟" ލަޔާލް ކާރަށް އަރައި ހަމަޖެހިލާފައި ވާހަކަ ފެށުމުގެ ގޮތުން ބުނެލިއެވެ. ނައީޝް ހަމައެކަނި ބޯ ޖަހައިލާފައި ކާރު ދުއްވާލިއެވެ. އެދެމެދުގައި ހިމޭންކަމަށް ފުރުސަތު ނުދޭން އުޅޭ މީހަކު ފަދައިން ނައީޝް ސެޓް އޮންކޮށްލާފައި އަޑުގަދަކޮށް ލަވައެއް ޖެހިއެވެ. "ސްޓޮޕް އިޓް." ލަޔާއަށް ކެތްކުރެވުނީ އިރުކޮޅެއް ވާންދެންނެވެ. ބޮލަށް އުނދަގޫވެގެން ލަވަ ނިވާލައިފިއެވެ. "ވަޓް ދަ ހެލް؟" ނައީޝްއަށް އެހެން ބުނެވުނީ ހައިރާންވެގެންނެވެ. ލަޔާލްގެ އެހާ ހިތްވަރެއް ހުރެދާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނެތެވެ. 

"އެކްޒެޓްލީ. ވަޓް ދަ ހެލް.... ބޮލަށް ތުރާ. ލަވައެއްތަ އެއީ." ލަޔާލް ހަށަން ބަނދެލަމުން ނައީޝްއަށް ނަޒަރެއް ދިނެވެ. "މިއުމުރުން ފެށިގެން އަބަދު ހެވީމެޓަލް ލަވަތައް އަހަން ވެއްޖެއްޔާ ހަމަތެދެއް މިބުނީ ހިއަރިން އެއިޑް ބޭނުން ވާނެ ފޯޓީ ނުވަނީސް." ނައީޝްއަށް އެއްވެސް ބުނާޏެ ފުރުސަތެއް ނުދީ ލަޔާލް އަނެއްކާވެސް ފަށައިގެން ވާހަކަދެއްކިއެވެ. ނައީޝް އަނގައިން ނުބުނެ އިނދެފައި ކުއްލިއަކަށް ހޭން ފެށުމުން ލަޔާލްއަށް ހައިރާންވެގެން ބަލައިލެވުނެވެ. ނައީޝް އެގޮތަށް ހެނިކޮށް އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. "ކިއުޓް ހިނިގަނޑެއް." ހުނުން ހުއްޓާލި ތަނުން ލަޔާލް ތައްޔާރަށް އިނދެފައި އިއްވާލިއެވެ. އެއަޑު އިވިގެން ނައީޝްވެސް އެމޫނަށް ބަލައިލީ ހައިރާންވެފައެވެ. "ތޭންކްސް.... ސިސް." ލަޔާލް ބަލައިލުމުން ނައީޝް ވާހަކަދެއްކި އިރު ފަހު ލަފްޒް ބުނެލީ ތަންކޮޅެއް ލަހުންނެވެ. "ސިސް؟" ލަޔާލް އަޅައިގަތީ އެތަންކޮޅުގައެވެ. އިނގޭތަ ލަޔާ ތިއުޅޭގޮތުން ދޮންތަ މަތިން ހަނދާންވަނީ. އޭނަ މިކޮޅުގައި އުޅުނުއިރު އަބަދު ދެމީހުން ފައިޓް ކުރަން ކޫސަނި ކަންތައްތަކާއި." ނައީޝް ކުރީގެ ހަނދާންތަކެއް އާކޮށްލަމުން ކިޔައިދިނެވެ. "އަހަރެން އަބަދުވެސް ހިތަށް އަރާ ބްރޯއެއް ނޫނީ ސިސްއެއް ހުންނަ ނަމައޭ. ހިތަށް އަރާ ދެމީހުން ފައިޓް ކޮށްފަ ހަމަ އެވަރަށް ލޯބިވެސް ވާނެއޭ އެކަކު އަނެކަކު ދެކެ. ޔޫ ނޯ ލައިކް ބެސްޓްފްރެންޑްސް؟" ލަޔާލް ހެވިލާފައި އޭނާގެ ހިޔާލު ހުރިގޮތް އަންގައިދިނެވެ. އެއަޑު އަހަން ނައީޝް އިނީ ހިނިތުންވެފައެވެ. "ގެއަށް ދާންވީމަ ގުޅާތި އިނގޭ." މަންޒިލާއި ހަމައަށް ދެވުމުން ކާރު މަޑުކޮށްފައި ނައީޝް ވާހަކަދެއްކިއެވެ. ލަޔާލް ބޯ ޖަހައިލާފައި ނިކުމެގެން ދިޔައީ ނުހަނު އުފާވެފައި ހުރެގެންނެވެ. އޭނާއަށް އުންމީދު އެބައޮތެވެ. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އޭނާ އާއި ނައީޝް އަކީ ނުހަނު ލޯބިވާ ދެބެންނަށް ވާނެއެވެ.

ބަންދު ދުވަހަކަށް ވުމުން ގޭތެރޭގައި އެންމެން އުޅެއެވެ. ލަޔާލް ގޮސް ސޯފާއެއްގައި އިށީންދެލަން އުޅެނިކޮށް ނަތާ އައިސް އަތުގައި ހިފާލައިފ ިއެވެ. ނަތާ އެދުނީ ވީ އެންމެ އަވަހަކަށް ކޮޓަރީގައި އޮތް ހެދުން ލާން ދިއުމަށެވެ. "ލަޔާ ހެދުން ލައިގެން ނިކުންނަ އިރަށް ދޮންބެ ކޮންމެވެސް ތާކަށް ފޮނުވަންވީ. ނޫނީ ފެއިންޓް ވެދާނެ." ޔާނިޒް އެވަގުތުވެސް ލާނެތްކަން ދައްކައިލި އެވެ. "ފެއިންޓެއް ނުވާނެ އެކަމަކު ސްޓެޗޫއަކަށް ނުވާނެއެކޭ ނުބުނާނަން." ޔަޝާރު އެވާހަކަ އާއި ދެކޮޅު ހެދިއެވެ. އަޒީ ސައިތައްޓެއް ބޯން އިނދެފައި އެކުދިންގެ ވާހަކަ އިވިގެން ހިނިތުންވެލިއެވެ. އަފްލާކް އޭރު ވީ މަތީގައެވެ. ނަތާ އާއި ލަޔާލް ސިޑިން އަރައިގެން ގޮސް ވަކި ހިސާބަކުން ނަތާގެ ފޯން ރިންގްވިއެވެ. ނަތާ ފޯނު ނަގާފައި އެހިސާބުން ހުއްޓިލިއެވެ. 

ލަޔާލް ކޮޓަރިއަށް ވަދެފައި އެނދުމަތީ އޮތް ހެދުން ފެނިގެން ހުރީ ފާޑަކަށް ހުއްޓިފައެވެ. އެއީ އޭނާ އަބަދުވެސް ހުވަފެން ދެކުނު ފަދަ ސާފު ހުދު ކުލައިގެ ރީތި ހެދުމެކެވެ. ބަލަހައްޓައިގެން ހުރެލާފައި އޭނާ ކައިރިވެލައިގެން ހެދުމުގައި އަތްތިލަ ފިރުމާލުމުން އެވަގުތުވެސް ހީވީ ހުވަފެނެއްގައި އުޅެލެވުނު ހެންނެވެ. ނަތާ އަންނާނެކަން އެނގޭތީ ދޮރު ތަޅުނުލާން ވެގެން ލަޔާލް ވަނީ ފާޚާނާއަށެވެ.

"ނަތާ މިހެދުމުގެ ޒިބު އެއްކޮށެއް ނޭޅުވުނު. ހެލްޕް ވެދީބަ." ލަޔާލް ފާޚާނާގެ ދޮރު ހުޅުވާލަމުން ފުރަތަމަވެސް ބުނެލިއެވެ. އަފްލާކް އެކޮޓަރީގައި ދޮރާއި ދިމާއަށް ކުރިމަތިލައިގެން ހުރެފައި އެނބުރި ބަލައިލީ އެވަގުތުއެވެ. "ވާއު!" އަފްލާކް ބަލަން ހުރި ގޮތުން ލަޔާލް ރަކިވެފައި ހުއްޓާ އައިސް ކައިރިވެލިއެވެ. "ބޭބީ! ޔޫ ލުކް އެމޭޒިން." އަފްލާކް ހަށަން ބަނދެލައިގެން ހުރެ ލަޔާލް ވަށައިގެން ބުރެއް އަޅާލިއެވެ. އޭނާ ބުދެއްހެން ހުއްޓާ އަތުގައި ހިފާފައި ގެންގޮސް ލޯގަނޑު ކައިރީވެސް ބެހެއްޓީ އަފްލާކް އެވެ. "ބަލާބަލަ!" އަފްލާކް ލަޔާލްގެ ފުރަގަހަށް ހުއްޓި ދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވާލައިގެން އުފުލާލިއެވެ. އަމިއްލަ ސޫރަ ދެކެފައި ޚުދު ލަޔާލްއަށްވެސް ހުރެވުނީ ޤަބޫލު ނުކުރެވިފައެވެ. ހިތަށް އެރިއެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ އިރުކޮޅަކުން ލަޔާލް ދިޔައީ ސިހިގެންނެވެ. އަފްލާކް ދެއިނގިލި ބެހެއްޓީ ޒިބު ނޭޅި ހުރުމުން ހާމަވެފައިވާ އޭނާގެ ބުރަކަށީގައެވެ. މަޑު މަޑުން އެދެއިނގިލި މައްޗަށް އަޅަމުން އަންނަން ފެށުމުން އިޚުތިޔާރެއް ނެތިވެސް ލަޔާލްއަށް ލޯ މަރައިލެވިއްޖެއެވެ. ލޯގަނޑަށް ކަޅިއެއް އެއްލާފައި ލަޔާލްގެ މި ހަރަކާތް ފެނުމުން އެއީ ދައުވަތެއް ކަމުގައި އަފްލާކް ޤަބޫލު ކުރިއެވެ. އެއްއަތުން އެހިމަ އުނގަނޑުގައި އަޅުވާލައި ގެނެސް ގައިގައި ޖައްސާލިގޮތަށް ނުހަނު ބާރަށް ހިފަހައްޓާލިއެވެ. ކަނދުރާގައި އަފްލާކްގެ ތުންފަތް ބީހިގެންދިޔަ ވަގުތު ލަޔާލްއަށް މިއަދުވެސް ލިބުނީ ފުރަތަމަ ސިހުމެކެވެ. އެކަމަކު އަފްލާކް ހިފަހައްޓާލައިގެން ހުރިގޮތުން އޭނާއަށް ދުރަށް ދެވޭ ގޮތެއް ނުވިއެވެ. ލަޔާލްއަށް ހުރެވުނީ ދެއަތް މުށްކަވާލައިގެންނެވެ. ކަނދުރާއިން ފެށިގޮތަށް ލަޔާލްގެ ހުރިހާ ހިއްސެއްގައި އަލިފާން ރޯކުރުވާފައި އަފްލާކް މަޑުޖެހިލީ ކަންފަތާއި އަނގަ ކައިރި ކޮށްލަމުންނެވެ. 

"އައި ލަވް ޔޫ....." ވައިއަޑުން އެހެން ބުނެލި ވަގުތު އަފްލާކްގެ ނޭވާ ކަންފަތަށް އެޅިފައި އޭނާ ހީލިކަރުވައިގަތެވެ. އެވަގުތު ލުއި ހުނުމެއް ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. ދެން ހަމަ އެސިކުންތުގައި ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނަތާ އެތެރެއަށް ވަދެއްޖެއެވެ. ނަތާއަށް އެދެމީހުންގެ ގައިގޯޅިކަން ފެނިގެން ހީގެންފައި އަވަހަށް މޫނުގައި ދެއަތް އަޅައިފިއެވެ. ލަޔާލްވެސް އަވަހަށް ހަޅޭތްލަވައިގެންފައި އަފްލާކްގެ އަތްދަށުން ފޮޅުވިގަންނަން އަވަސްވެގަތެވެ. ނަތާއަށް ފެނުމުން އަފްލާކްވެސް ފާޑަކަށް ރަކިވެއްޖެއެވެ. އޭނާ އަވަހަށް ލަޔާލް ދޫކޮށްލައިފައި ބާރު ބާރަށް ގޮސް ނިކުތެވެ.

އަފްލާކް ނިކުތްކަން ޔަޤީން ވުމުން ނަތާ މޫނުން ދެއަތް ނަގާފައި އައިސް ހުއްޓިލިއިރު ލަޔާލް ހުރީ އިސްޖެހިފައެވެ. ނަތާ ގާތަށް އަނެއްކާވެސް ހިނިއައީ ލަޔާލް ހެދުން ވަކި ހިސާބަކުން ޒިބު ތިރިކޮށްފައި ހުރިތަން ފެނިފައެވެ. އޭނާ ފަހަތަށް ހުއްޓިފައި ކުއްލިއަކަށް ޒިބު އަޅުވާލަ ދިނުމުން ލަޔާލްވެސް ސިހުނެވެ. 

ހެދުން ބަދަލު ކޮށްގެން ލަޔާލް ނިކުތްއިރު ފޯނަށް މެސެޖެއް އައިއްސައި އޮތެވެ. ނަތާ ކައިރީ އެބަދަމޭ ބުނެ ތިރިއަށް ފޮނުވާލައިފައި އޭނާ އެއްފަރާތަކަށް ހުއްޓިގެން މެސެޖް ކިޔާލިއެވެ. "ވަޓް އެން އިމްޕްރޫވްމެންޓް." އަފްލާކް ލިޔެލާފައި އޮތެވެ. އެކަނި ހުރެފައިވެސް ލަޔާލްއަށް ހީގަނެވިއްޖެއެވެ. އަފްލާކް އެނިސްބަތް ކުރީ ދެންމެ ހިނގާދިޔަ ހާދިސާއަށް ކަން އޭނާއަށް ރަނގަޅަށް އޮޅުން ފިލިއެވެ. "ކޮންތާކަށް ތިދަނީ؟" ލަޔާލް ފޯން ޖީބަށް ލައިފައި ސިޑިއާއި ދިމާއަށް ދާން އުޅެނިކޮށް އަފްލާކް ފަހަތުގައި ހުރެފައި އަތުގައި ހިފާލައިފިއެވެ. "ތިރިއަށްވެސް ނުދަނީތަ؟" ލަޔާލްއަށް ބުނެލެވުނެވެ. "މަގޭ ގާރލް މިތާގައި އުޅެނިކޮށް ކިހިނެތް އެހެން ތާކަށް ދެވޭނީ." އަފްލާކް ކުއްލިއެއް ޖަހާފައި ގެނެސް ދެއަތުން ލަޔާލް ވަށާލިއެވެ. "ދެން ނޫން. އަނެއްކާ އެހެން މީހަކަށް ފެނިދާނެ." ކަންބޮޑުވެގެން ލަޔާލްއަށް ވަށައިގެން ހޯދައިލެވުނެވެ. "ހެޔޮ ފެނުނަސް." އަފްލާކް ގެ ހިޔާލު ތަފާތެވެ. އިސް އުފުލައިލުމުން އަފްލާކްގެ ލޮލާ ލޯ ސީދާ ވެފައި ލަޔާލްއަށްވެސް އިތުރަށް ދެކޮޅު ހަދާނެ ހިތްވަރެއް ނުލިބުނެވެ. "އަހަރެންގެ ފަސްޓް ކްރަޝްއަކީ ކުރިމަތީ ހުންނަ ގޭގައި އުޅޭ އަހަންނަށްވުރެ ސިކްސް އިޔަރސް ދޮށީ ފިރިހެން ކުއްޖެއް." ލަޔާލް ކުއްލި އަކަށް ބުނެލިއެވެ. "ވަޓް؟" އަފްލާކް ހުރީ ވާނުވާ ނޭނގިފައެވެ. "މިހާރު ހަނދާން ނެތުނީތަ؟ ބުނީމެއްނު އެކަކު އަނެކަކަށް ސީކްރެޓް ޝެއަރ ކުރާނެ ވާހަކަ. މީ ލާކްއަށް ނޭނގޭ އަހަރެންގެ ސީކްރެޓްއެއް. ދެން ބުނޭ!" ލަޔާލްގެ މަޤްސަދަކީ މައުޟޫ ބަދަލު ކޮށްލުމެވެ. އަފްލާކްގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލުމެވެ. "އަހަރެންގެ ފަސްޓް ކްރަޝްއަކީ ފައިވްގަ މެތްސް ކިޔަވައިދިން މިސް." އަފްލާކް އަދިވެސް ހުރީ ލަޔާލް ހިފަހައްޓައިގެންނެވެ. "އަދި އެއްވާހަކަ... އަހަރެން ތަންކޮޅެއް ކުރީން ޑްރީމް ކުރިން ރާއްޖެއިން ބޭރު މީހަކާއި މެރީ ކުރަން." ލަޔާލް އެވާހަކަ ބުނެލާފައި ރަކިވެގެން ހީގަތެވެ. "އަހަރެންގެ އެކްސް ވައިފްއަކީ އެމެރިކަންއެއް." އަފްލާކް އިއްވާލިއެވެ. "ކިޑިން. ދޯ؟" ލަޔާލް ކުއްލިއަކަށް އަފްލާކް އަތްދަށުން ފޮޅުވިގަނެގެން ދުރަށް ޖެހިލައިފިއެވެ. އެމޫނަށް އޭނާ ބަލަން ހުރީ ޤަބޫލު ކުރަން ބޭނުން ނުވެފައި ހުރި ފަދަ ގޮތަކަށެވެ. އެއްޗެއް ނުބުނެ ހުރެފައި އަފްލާކް ހިނގައިގަތީ ސިޑިއާއި ދިމާއަށް ދާށެވެ. ޖޯޝުގައި ހުރެގެން އޭނާއަށް ބުނެވުނީ ދޫމައްޗަށް ގެންނަން ނޭދޭފަދަ ވާހަކައެކެވެ. އެކަމަކު މިހާރު ދެން އެކަން ބަދަލެއްވެސް ނުކުރެވޭނެއެވެ. 

"ނުދަނީތަ ތިރިއަށް؟" އަފްލާކް ތަންކޮޅަށް ގޮއްސައި ލަޔާލް އަންނަހެން ހީނުވެގެން ބަލާލިއިރު ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. "މިދަނީ." އެނބުރި ބަލައިލާފައި ލަޔާލް އަވަހަށް ގޮސް ހަމަ ކުރިއެވެ. އެކަމަކު ތިރިއަށް ގޮސް އޭނާ ދެން އިނީ ހިމޭނުންނެވެ. ލަޔާލްގެ ހިތާއި ސިކުނޑީގައި ވީ އެންމެ ހިޔާލެކެވެ. އަފްލާކްގެ ވަރިކުރި އަނބިމީހާއެވެ. ހިތަށްއެރިއެވެ. އެދުވަހު އަފްލާކް ގުޅައިގެން ވާހަކަދެއްކީ އެއަންހެންކުއްޖާއަށް ހެއްޔެވެ؟ އެކަމަކު އެދެމެދުގައި ގުޅުމެއް އޮތްނަމަ..... ނޫނެކެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެދެމެދުގައި ގުޅުމެއް އޮތްނަމަ އަފްލާކް އެހާ ފަސޭހައިން އެއްވެސް ކަމެއް ސިއްރު ނުކުރާން ވަޢުދެއް ނުވާނެއެވެ. ލަޔާލް އަމިއްލަ ހިތަށް ވިސްނައިދިނެވެ.
***************

އިންތިޒާރު ކުރި ދުވަސް އައިސް ޖެހިއްޖެއެވެ. ހެނދުނުއްސުރެ އެންމެން ތައްޔާރީތައް ކުރިއަށް ގެންދިޔައެވެ. ލަޔާލްގެ ކުޑަ މަންމަ ސަހާމާމެންގެ އާއިލާވެސް މާލެ އަތުވެއްޖެއެވެ. ކައިވެނި ޕާޓީ ރިސޯޓެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތުމުން ދަތުރަށް ތައްޔާރު ވުން އޮތެވެ. އަޞުރު ނަމާދަށްފަހު އެންމެ ފުރަތަމަ، ދެއާއިލާގެ މީހުންނާއި ގުޅުން ހުރި ގިނަ މީހުން ދަތުރަށް ފުރަން ފަށައިފިއެވެ. ލަޔާލް އިނީ މުޝައްރަފާއި އޭނާގެ ކުޑަ އާއިލާއެކު އެމީހުން ދަތުރު ކުރަމުން ދިޔަ ލޯންޗްގައެވެ. އަފްލާކް ތަންކޮޅެއް ކުރިން މެސެޖް ކޮށްފައި ދެވުނު ވާހަކަ އޮތީ އަންގާފައެވެ. ފާލަމަށް ކައިރި ކުރުމުން ފުރަތަމަވެސް ލަޔާލްގެ ދެލޯ އަފްލާކް ހޯދަން ފެށީ މިސަބަބާއި ހެދިއެވެ. 

ލަޔާލްމެންގެ އާއިލާ ފާލަމަށް އަރައިގެން ދިޔައިރު ބަލައިލި ކޮންމެ ދިމާއަކުން ފެނުނީ ލޯތައް އާޝޯހު ކޮށްލާ ވަރަށް ޒީނަތްތެރި ކުރިވިފައި ވާތީއެވެ. ދޮން ފަސްގަނޑު ތެރޭގައި މަގެއް ގޮތަށް ދެފަރާތުގައި ވަޅުލާފައިވާ އުއްބައްތިތައް ރޭގަނޑުގެ އަލީގައި ދިއްލައިލުމުން ހާދަ ފުރި ހަމަ ވާނެއެވެ. ހާއްސަ ގޮތެއްގައި ގިނަ އަދަދަކަށް ބޭނުން ކުރެވިފައިވާ ރަތް ފިނިފެންމާތަކާއި ހުދު ލޭސް ފޮތިތައް ފާހަގަ ކުރެވެއެވެ. ރިސޯޓުގެ އިސް ބައެއް މުވައްޒަފުންނާއެކު މުޝައްރަފްމެން ދެމަފިރީން ދާން ފެށުމުން ލަޔާލް އާއި ނައީޝް މިސްރާބު ޖެހީ އެމީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި ތަކާއި ދިމާއަށެވެ. 

ކޮމެންޓް 0