"ލާސްޓް ޓައިމް އައި ޗެކްޑް، ތީ ދޮގުވެރިއެއް. މިހާރު އެނގުނީ ވައްކަންވެސް ކުރާކަން. އިތުރަށް ތިކަހަލަ ކިތައް ކުއަލިޓީ ހުންނާނެ؟" އަފްލާކް ރުޅިވެރި ކަމާއި އެކު މުށްބާރު ކޮށްލުމުން ލަޔާލްގެ އިނިގިލިތައް އިތުރަށް ފިތިގެން ދިޔައެވެ. "އެބިނދުނީ އިނގިލިތައް." ލަޔާލްއަށް ވީ ތަދުން އިޚުތިޔާރަކައި ނުލައި ބުނެލެވިއްޖެއެވެ. ދެވަނަ ސިކުންތުގައި އަނގައިގެ އެއްފަރާތުން ދޫ ނެރެލާފައި ދަތްޕިލަ ތެރޭގައި ކުޑަކޮށް ފިއްތައިލެވުނެވެ. އޭނާ އަނގަ ގަދަކަމުން ހިތުގައި އޮންނަ އެތިވެސް ގިނަ ފަހަރު ދުލުން ބޭރުވަނީއެވެ. އަފްލާކް ސިހިފައި އަތުން ދޫކޮށްލަން އުޅެނިކޮށް ލަޔާލް އަނގައަށް ޖައްސައިލި ވައްތަރު ފެނިގެން ހައްތަހާ ބޮޑަށް ރުޅިއައެވެ. ދަތްކުނޑި ވިކައިލާފައި އޭނާ ހިނގައިގަތީ ކޮރިޑޯއަށް ވަންނާށެވެ. ނުދާންވެގެން ތިރީގައި ފައި ވިއްދާފައި ހުއްޓާވެސް އަފްލާކް ފަސޭހަކަމާއެކު ލަޔާލް ދަމާފައި ކުރިއަށް ގެންދިޔައެވެ. އަތުން ދޫކޮށްލުމަށް އެދި އާދޭސް ކުރަމުން ދަނިކޮށް ދެން ފެނުނީ އެންމެ ކައިރިއަށް ހުރި ކޮޓަރިއަށް ވެއްދިތަނެވެ.
އަތް މިނިވަން ވުމުން އަތުގައި ފިރުމައިލަން ހުއްޓާ ދޮރު ތަޅުލިއަޑަށް ލަޔާލް ދިޔައީ ފުންމައިގެންފައި ފަހަތަށެވެ. އަފްލާކް ކުރިއަށް ފިޔަވަޅެއް އެޅިއިރު އޭނާ ދުވެ ގޮސް ހުރީ އެނދު ބިތްދޮށަށް ކޮޅަށް އަރައި ދެއަތްތިލައިން މޫނު ފޮރުވާލައިގެންނެވެ. އަފްލާކްގެ ހަނދާނަށް އައީ ނަތާ ވެސް ކުޑައިރު ފިލަންވެގެން އެގޮތަށް މޫނުގައި އަތް އަޅައިގެން ހުންނަ ކަމެވެ. ނަތާ ދެކޭގޮތުގައި އޭނާއަށް ނުފެންނަންޏާ ކުރިމަތީ ދެން ހުންނަ މީހަކަށްވެސް ނަތާއެއް ނުފެންނާނެއެވެ. އެކަމަކު އެހިޔާލުންވެސް އަފްލާކްގެ ރުޅި މައިތިރި ވާ ގޮތެއް ނުވިއެވެ. ހީވާގޮތުން ލަޔާލްއަށް އަދަބު ނުދެވެނީސް އޭނާއަށް ހަމަޖެހުމެއް ނެތެވެ.
"ދެން ނިކަން ދައްކައިބަލަ ތިހުރި ކެރޭ ކަމެއް." އަފްލާކް ދިޔައީ ހުއްޓުމެއްނެތި ކުރިއަށެވެ. އެނދާއި ހަމައަށް ދެވުނު ފަހުން ލަޔާލް ދެއިނިގިލި ކުޑަކޮށް ދުރުކޮށްލައިފައި ބަލައިލީ ބިރުވެރި ފިލްމެއް ބަލަން ޓީވީ ދޮށުގައި އިން ކުޑަކުއްޖެއް ފަދައިންނެވެ. ދެން ހަމަ ކުއްލިއަކަށް ގުދުވެލައިފައި ތިރީގައި އޮތް ބާލީސްތައް ނަގައި އަފްލާކް އާއި އަމާޒުކޮށްފައި އަތުކޮޅަށް ހޫރަން ފަށައިފިއެވެ. ބާލީސްތައް ހުސްވެގެން އަތުޖެހޭ ހިސާބުން އިތުރު އެއްޗެއްތޯ ފެނޭތޯ ދެފަރާތް ބަލައިލާފައި ކުރިއަށް ބަލައިލި އިރު އަފްލާކް އައިސް ހުރީ ކުރިމަތީގައެވެ. ލަޔާލްގެ މެއަށް ގަނޑުފެން އެއްޗެއް އޮއްސާލި ނަމަވެސް ފިނިވެގެން ނުދާނެ ވަރަށް އެމޭގަނޑު ފިނިވެގެން އައެވެ. އަފްލާކް ފާރުގައި ދެއަތް ވިއްދާލުމުން އޭނާ އެއީ ކޮށްޓެއްގެ ހައްޔަރުވެފައި އިން ދޫންޏެއް ފަދައެވެ. ލަޔާލް ދެއަތްތިލަ އަފްލާކްގެ މޭގައި ވިއްދައި ދުރަށް ޖައްސައިލަން އުޅެ ގުޑައި ނުލުމުން ކުރެވުނު ކަމަކީ ލޯމަރައި ތަގުޅިކޮށްލުމެވެ.
"ޤަބޫލު ކުރަންތަ؟ އަހަރެން ބޭނުންމިއްޔާ ދެން ކޮންމެ ގޮތެއްވެސް ހަދައިލެވިދާނެ. ކިތަންމެ ބާރަށް ހަޅޭއްލިއަސް ތިއަޑު ފޯރާ ހިސާބުގައި މީހަކު ނެތް. އަދި މިގޭގައި ކަލެއަށް އެހީވެދޭން އަންނާނެ ހަމަ އެކަކުވެސް ނެތް. މޯސްޓް އިމްޕޯޓެންޓްލީ، ކަލޭ އަހަރެންގެ ބޮލުގައި އަޅުވާ އެއްވެސް އިލްޒާމެއް މިގޭ މީހުން ޤަބޫލެއް ނުކުރާނެ. ޕްލަސް ޕޮއިންޓަކީ ގަބޫލު ނުކުރާނެ ހުރިހާ ރީޒަންއެއް ދިނީ ކަލޭ. ހަނދާން އެބަހުރި ދޯ އެންމެންގެ ކުރިމަތީ އަހަރެން ވިންކް ކުރިއޭ ބުނެ ދޮގުހެދި ދުވަސް." އަފްލާކްގެ ބިރުވެރި އިންޒާރުތަކާއި އެކުގައިހެން ލަޔާލް ވަށައިލައިފައިވާ އެދެއަތުގެ ދާއިރާ އިތުރަށް ހަނިކޮށްލިއެވެ. ކިރިޔާ ގޮތެއް ހަދައިލިއަސް ދެހަށިގަނޑުގެ މެދުގައިވާ ދުރުމިން އެކުގައި ނެތިގެން ދާނެކަން ކަށަވަރެވެ. ވާހަކަދެއްކިއިރު އަފްލާކްގެ ނޭވާގެ މީރުވަސް ލަޔާލްގެ ނޭފަތުގައި ހަރުލައިގެން ދިޔައީ އެހާވެސް ކައިރިންނެވެ. އިރުކޮޅަކުން ލަޔާލް ލޯ ހުޅުވައިލުމުން ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ބަހެއް ނުބުނެ ހުރެފައި ލަޔާލް ހަމަ ކުއްލިއަކަށް އަފްލާކްގެ ކޮނޑުގައި ދަތް އަޅައި ކަނޑާލައިފި އެވެ. ޚުދު އަފްލާކްވެސް އެކުއްލި ހަމަލާއިން ސިހުނެވެ. ދެން ހަމަ ވިދުވަރެއްހެން ލަޔާލް ފާރުން ތިރިއަށް ސޮހިގެންފައި އަފްލާކްގެ އަތްދަށުން ސަލާމަތްވެގެން އެނދުން ފުންމާލައިގެން ދުވެ ގޮސް ދޮރާއި ހަމައަށް ފޯރައްޖެއެވެ. އަފްލާކް އެނބުރި ބަލައިލި އިރު ލަޔާލް ދޮރު ހުޅުވާފައި ނިކުންނަނީއެވެ.
"ގުޑް ލަކް ނެކްސް ޓައިމް." ދޮރު ނިކުމެވުމުން އެވަރުންވެސް ބޯ ދިއްކޮށްލާފައި ލަޔާލް ވައްތަރު ޖައްސައިލި އެވެ. ގެއްލުނު ފަހުން އަފްލާކްއަށް ފިރުމައިލެވުނީ ކޮނޑުގައެވެ. އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓި ގަމީސް ކުޑަކޮށް ތިރިއަށް ޖައްސާލައިގެން ބަލައިލިއިރު އެތަންކޮޅު ހުރީ ލޭ އަރުވައިލާފައެވެ.
އަފްލާކް އެނބުރި އައުމުން އެކަމާއި ކަންބޮޑުވެފައި ނަތާ އިންދާ ބެލް ޖަހާލި އަޑު އިވިއްޖެއެވެ. ނަތާ އަވަހަށް ފުންމައިގެން ތެދުވެފައި ދުވެ ގޮސް ދޮރު ހުޅުވައިލި އެވެ. ދެވަނަ ސިކުންތުގައި އެތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައެވެ. ރާފިލް އެވަގުތުވެސް ހުރީ ފޯނެއްގައެވެ. ނަތާ ތަން ދެއްކުމުން ވަދެގެން ގޮސް ސޯފާއެއްގައި އިށީންދެލިއެވެ. ކަނާތް ފަރާތުގައި އިން ސޯފާގައި ނަތާ އިށީންދެފައި ފޮތް ހުޅުވައިގެން ގަނޑު އުކަން ފެށިތަނާ ރާފިލް ފޯން ނިންމާލައިފި އެވެ. "ކޯއްޗެއްތަ އޮޅުން ނުފިލައިގެން ތިއުޅެނީ؟" ރާފިލްގެ ސަމާލުކަން ފޮތަށް ހުއްޓައިލި އެވެ. އެކަމަކު ނަތާ މިރޭ އިނީ ކިޔަވާ މޫޑެއްގައެއް ނޫނެވެ. އެމޫނަށް ބަލަން ހަދައިގެން އޭނާއަށް ދެއްކުނީވެސް ކިޔަވައިނުދޭ ފިލާވަޅެކެވެ.
ރާފިލް އެވާހަކަ ބުނުމުން ފޮތަށް ބަލައިލާފައި ފާޑަކަށް ރަކި ވެއްޖެއެވެ. "ޔޫ އޯކޭ؟" ރާފިލް އިރުކޮޅަކުން އަހައިލިއެވެ. ނަތާ ބޯ ޖަހައިލާފައި ވަށައިގެން ހޯދައިލީ އިތުރު މީހަކު ފެންނަން ހުރިތޯއެވެ. ނަސީބަކުން ރާމިޒާވެސް މިރޭވީ ބޭރަށް ގޮހެވެ. ދެން އުޅޭ ނޯކަރު މިދުވަސްކޮޅު ޗުއްޓީގައެވެ.
ރާފިލް ވާހަކަ ދައްކަމުން ދިޔައިރު ކިތަންމެ ފަހަރަކު ނަތާގެ ހިތަށް އެރި ވާހަކަތައް ބުނަން އަނގަ ހުޅުވާފައި ހުއްޓައިލި އެވެ. ކިތަންމެ ފަހަރަކު ތެދުވެގެން ގޮސް ރާފިލް އުނގުގައި އިށީންދެލަން ހިތް ބުނެލިއެވެ. އެކަމަކު ހަމަ ފަސް ޖެހެވެނީއެވެ. މައްސަލައަކީ ރާފިލް ދެކޭ ގޮތެއް ކުޑަކޮށްވެސް ނޭނގޭތީއެވެ. އެހިތުގައި ޝައުޤުވެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް އޮތްކަން ނުވަތަ ނެތްކަން އޮޅުން ފިލާފައި ނުވާތީއެވެ. ނަތާ ނިންމީ ކޮންމެވެސް ގޮތަކުން ރާފިލް އިމްތިހާނު ކޮށްލާށެވެ. އެއިރުން އޭނާ ބޭނުން ޖަވާބު ލިބިދާނެއެވެ.
ކިޔައިދޭ ވާހަކަ އަޑު އަހާ ކަމަށް ހެދިގެން އިނދެފައި ނަތާ ކުރި ކަމަކީ ފައިވާންކިބަ ފަޔާއި ވަކި ކޮށްލައިފައި ނޭނގިގެން ކަމަށް ހެދިގެން ރާފިލްގެ ފައިތިލަ މަތީ ބޭއްވުމެވެ. ރާފިލް ބޮޑުބައެއް ފޮރުވޭކަހަލަ ފައިވާނަކަށް އަރައިގެން ހުރި ނަމަވެސް ނަތާ ފައި ބޭއްވީ އެވަރު ވިސްނައިގެންނެވެ. ނަތާ ހީކުރި ގޮތާއި ޚިލާފަށް ރާފިލްވެސް އެކަން އެނގޭ ކަމަކަށް ނުހެދިއެވެ. "އެބަ އަންނަން ފެން ފޮދެއް ބޯލައިގެން." ނަތާ އިރުކޮޅަކުން ތެދުވެފައި ގޮސް ބަދިގެއަށް ވަނެވެ. ތެޅި ތެޅި އޮތް ހިތުގައި އަތްއަޅާލައިގެން އިރުކޮޅަކު ހުރެފައި އޭނާ ޓޮމާޓޯ ސޯސް ފުޅިން ޝަހާދަތް އިނގިއްޔަށް އެތިކޮޅެއް އަޅާފައި ތޫލި އަޑަކުން ހަޅޭއްލަވައިގެންފިއެވެ. ރާފިލް ދުވެފައި އަންނަ އަޑު އިވިގެން ވަޅިއެއް ނަގާފައި ތައްޔާރުވިއެވެ. "ކިހިނެއްވީ؟" ރާފިލް އައިސް ދޮރުން ވަންނައިރަށް ނަތާ ވަޅި ސިންކަށް ލައިފައި އިސްކުރު ދޫކޮށްލިއެވެ.
"މިހާ އަވަހަށް ކީއްތި ކުރީ؟" ރާފިލް އައިސް ކައިރި ވުމުން ނަތާ އަނގަޔަށް އިނގިލި ލައިފައި ސޯސްކޮޅު ލޮވެލިއެވެ. "ވަރަށް ބޮޑަށްތަ ކަނޑައިގެން ދިޔައީ؟" ރާފިލް ސުވާލު ކުރުމުން ނަތާ ދެފަރާތަށް ބޯ ހޫރުވައިލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. "ކަމް ހިއަރ!" ރާފިލް އިސްކުރު ބާރު ކޮށްފައި ނަތާގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއް ބޭންދިއެވެ. ފަސްޓް އެއިޑްސް ބޮކްސްގެ ވާހަކަ އެހުމުން ނަތާ އިޝާރާތް ކުރީ މަތީގައި ހުރި ކަބަޑަކަށެވެ. އޭނާ ނިތަށް ރޫ އަރުވާލައިގެން އިންގޮތުން ފެންނަ މީހަކަށް އެއީ "އެކްޓް" އެއްކަން ރޭކައިވެސް ނުލާނެއެވެ. ރާފިލް ފަސްޓްއެއިޑް ބޮކްސް ހިފައިގެން އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީންދެފައި މަލަންގަނޑެއް ހޯދަން އުޅެނިކޮށް ނަތާ އޭނާގެ ދަތްދޮޅި ދަށަށް އަތްތިލަ ލައްވާލައިފައި މޫނު މަގަތަށް އަނބުރައިލިއެވެ. ދެން ހަމަ ވިސްނައިލާނެ ފުރުސަތެއް ވެސް ރާފިލްއަށް ނުދީ އެތުންފަތުގައި ބޮސްދީފިއެވެ. މިވަނީ ކީއްކަން ރޭކައިލިއިރު ނޭނގުމުގެ ތެރޭގައި އެހާ ކުޑަ ވަގުތު ކޮޅަކަށްވެސް ރާފިލްއަށް ނަތާ އާއި ބައިވެރި ވެވިއްޖެއެވެ.
"ނަތާ! ކީއްތިކުރީ؟" ރާފިލް ނަތާގެ މޫނުގައި ދެއަތުން ހިފައި ދުރުކޮށްލާފައި ބަރު އަޑަކުން އަހައިލިއެވެ. "އައި ލަވް ޔޫ....." ނަތާ ޖަވާބު ދިނެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރި އިރު އެބަހުގެ ތެދުކަން ނަތާގެ ލޮލުން ފައުޅު ވޭވޭ ހުއްޓެވެ. "ޔޫ ނޯ ވަޓް؟ އަހަރެން ދާން ޖެހިއްޖެ. ގުޑްނައިޓް." ފޯން ރިންގް ވާން ފެށުމުން ނަގައި ސްކްރީނަށް ނަޒަރެއް ދީފައި ރާފިލް ތެދުވިއެވެ. އެވަގުތު ނަތާވެސް އިނީ ފަހަތުން ގޮސް ރާފިލް ހުއްޓުވަން ކެރޭފަދަ ގޮތަކަށް ނޫނެވެ. ކުރެވުނު ކަންތަކާއި މެދު އޭނާ ހިތާމަ ނުކުރި ނަމަވެސް ރާފިލް ދެކޮޅު ހެދުމުން ލަދު ގެންފިއެވެ.
ލަޔާލް ނިކުމެގެން ދިޔަތާ ކިތަންމެ އިރެއް ފަހުން އަފްލާކް ފޮޓޯގަނޑު މަތިން ހަނދާންވެގެން ދިޔައިރު ނެތެވެ. ބިއްލޫރިތައްވެސް ސާފުކޮށްފައި ހުރުމުން އޭނާ ހީކުރީ ނޯކަރުގެ ކަމެއް ކަމަށެވެ. އެވަރުންވެސް ހިތްހަމަ ނުޖެހިގެން ފޯނުކޮށްފައި ސުވާލު ކުރިއެވެ. އަފްލާކް އަނެއްކާ ލޭ ހޫނުވީ އެހިސާބުންނެވެ. ރާމިޒާ ބުނީ ސާފު ކުރިއިރު އެތަނުން ފޮޓޯގަނޑެއް ނުދެކޭ ކަމަށެވެ. އަފްލާކް ރުޅިގަނޑުގައި ހުރެގެން ބާރު ބާރަށް ހިނގާލައިފައި ގޮސް ލަޔާލް ކޮޓަރި ދޮރުފަތުގައި ތަޅަން ފެށިއެވެ. "ކިހިނެއްވީ އަފްލާކް؟" ފަހަތުން އަޒީގެ އަޑު އިވިގެން އަފްލާކް ސިހުނެވެ. އެނބުރި ބަލައިލި އިރު އޭނާ ހުރީ ރަކިވެސް ވެފައެވެ. އެނދުގައި ރަޖާލައިގެން އޮތް ލަޔާލްގެ ކަންފަތުގައި އަޒީ އަޑު ޖެހިގެން ފުންމައިގެން އައިސް ދޮރު ހުޅުވައިލީވެސް އެވަގުތުއެވެ.
"ކީކޭ އަޒީބެ؟" ލަޔާލް ނޫންކަމަށް ހެދިފައި ސުވާލު ކޮށްލުމުން އަފްލާކް ހުރީ އަތް މުށްކަވާލައިގެންނެވެ. "އަފްލާކް ކޮންމެވެސް ކަމަކު ލަޔާލް ހޯދަނީހެން ހީވަނީ." އަޒީ ބުނެލި އެއްޗަކުން އަފްލާކްއަށް އިތުރަށް އުދަނގޫވިއެވެ. "އެހެންތަ؟ ކޮންކަމަކު؟" ލަޔާލް ހުރީ އެތެރެ އެތެރެއިން ހީލަ ހީލައެވެ. "އަމް.... ހެލްޕެއް ބޭނުންވެގެން. ނަތާއަށް ހަދިޔާއެއް ދޭން ސެލެކްޓް ކުރާނެ އެއްޗެއް ނޭނގިގެން. ގާރލްއެއްވީމަ ބޮޑަށް އިނގޭނެއެއްނު ގާރލް ކުދިންގެ އޮޕީނިއަން. ހިނގާބަލަ!" އަޒީވެސް ހުރުމުން އަނބުރާލައިފައި ނުދާންވެގެން އަފްލާކް ހަދައިލީ މޮޅު ވާހަކައެކެވެ. "އޯހ ގޯޑް." ހިތާއި ހިތުން ލަޔާލްއަށް ކިޔައިލެވުނެވެ. "ދޭބަލަ!" އަޒީއަށް އެޒުވާނުންގެ މެދުގައި ވާހަކަ ދެކެވޭތަން ފެނިގެން ފާޑަކަށް ވަގު ހިނި އައިސްފައި ހުރެފައި ލަޔާލްއަށް ބުނެލިއެވެ. ލަޔާލްއަށް ގޮތް ހުސްވީ އެހިސާބުންނެވެ. އަޒީ ހުރުމުން ދެކޮޅު ހަދާކަށްވެސް ނުކެރޭނެއެވެ. އަނެއްކޮޅުން އަފްލާކް ފަހަތުން ހިނގައިގެންފިއްޔާ އެ ފުންމައިލެވެނީ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށެވެ.
"މާދަމާ ތިކަމާ އުޅުނިއްޔާ ލަސްވާނެތަ؟ މިރޭ ވަރަށް ނިދި އަންނާތީ މިއުޅެނީ." ލަޔާލް މޫނުމަތިން ނިދި ވައްތަރު ދައްކައިލި އެވެ. "މާދަން މޯނިންގަ އޭނަ ތެދުވާއިރަށް ރެޑީ ކުރަންވެގެން. ނީޑް ޔޫ ނައު." އަފްލާކްވެސް ގަދަކޮށްލިއެވެ. ލަޔާލް ދެން ހަދާނެ ގޮތެއް ނެތިގެން އަފްލާކް ފަހަތުން ހިގައިގަތެވެ. ތަންކޮޅަކަށް ގޮއްސައި ލަޔާލް ބަލައިލި އިރު ނަސީބަކުން އަޒީއެއް ނެތެވެ. ލަޔާލްއަށް ނޭނގުނީ އަފްލާކް ކުރިއްސުރެ އެ ފުރުސަތަށް ބަލަ ބަލާ ހުރި ކަމެވެ. ލަޔާލް ސިއްރުން ދެފިޔަވަޅެއް ވަރު ފަހަތަށް ޖެހިފައި ކޮޓަރި އާއި ދިމާއަށް އެނބުރިލި އިރު އަފްލާކް އައިސް ކުރިމަތީ ހުރީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ހިނދުކޮޅަކަށް ހިތްވެސް މަޑު ޖެހިލިއެވެ.
"ލީވިން ސޯ ސޫން؟" އަފްލާކްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މިހާރު ހީވަނީ ނޭނގި ނަމަވެސް އެކުޅިގަނޑުން އަފްލާކް އުފާ ލިބިގަންނަމުން ދާ ހެންނެވެ.
"އަފްލާކް އަހަރެން ބޭރުކޮށްލަން ތިއުޅެނީ ކުށްހީއެއްގައި ހުރެގެން. ހުވާކޮށްފަ މިބުނަނީ އަހަރެން މިގެއަށް އައީ ހަމައެކަނި ކިޔަވަން. ކޯސް ނިމޭއިރަށް ނިކުމެގެން ރަށަށް ދާނަން." ލަޔާލް ކަންބޮޑުވެގެން ފުރަތަމަ ފަހަރަށް އެކަން އޮޅުންފިލުވައި ދޭން ނިންމިއެވެ. އަފްލާކް އަދިވެސް އެހުންނަނީ އޭނާ އެއީ އިންނަން ގެނެއްސައި ހުރި ކުއްޖެއް ކަމަށް ނިންމައިގެން ކަމުގައި ލަޔާލް ހީކުރިއެވެ. "ކީއްވެ އެހެން ހީކުރެވޭނީ؟ ތީ ޝައްކެއްވެސް އޮތްކަމެއް ނޫނެއްނު. ބައްޕަވެސް ދެން އެހާ މޮޔައެއް ނުވާނެ." އަފްލާކްގެ އާދައިގެ މަތިން ލަޔާލް ދަށްކޮށްލުމުގެ ގޮތުން ނުބައި ގޮތަކަށް އެއްކޮލުން ހީލައިފިއެވެ. "މީނިން ވަޓް؟" ލަޔާލް ރުޅި އައިސްގެން އަޑަށް ބާރު ލައިފައި އަހައިލިއެވެ. "އަމިއްލަ ނަފްސް ފަޟީހަތްވާ އަޑު އަމިއްލަ ކަންފަތުން އަހަން ތިހާ އިންޓްރެސް ހުންނަ ކުއްޖަކު ނުދެކެން. ދެން އެނގެން ވެއްޖެއެއްނު މިވަރަށް ބުނީމަ މެޗް މޭކް ކުރާނީވެސް އެކަށީގެންވާ ދެމީހަކުކަން." ޖަވާބު ދޭން އަފްލާކް ކުޑަކޮށްވެސް ފަހެއް ނުޖެހެއެވެ. އެއީ އޭނާގެ އާދައެއް ކަމުގައި ވެފައި ނުވިއަސް ލަޔާލް އޭނާ ފެންނަ ހިސާބުން ދުރަށް ފޮނުވާލުމަށްޓަކައި އެގޮތްވެސް އެންމެ ރަނގަޅެވެ.
"އެކަން އެނގިފަ އޮތިއްޔާ ދެން ކީއްވެ؟ އަންހެނުން ދެކެ ތިހާ ބިރުގަންނަންޏާ އަންހެނުން ނޫޅޭ ޕްލެނެޓް އަކަށް ހިޖުރަ ކުރަންވީނު." އަފްލާކް އޭނާ އެވަރަށް ދަށްކޮށްލުމުން ލަޔާލްވެސް ގޮތް ދޫ ކުރާކަށް ގަސްތެއް ނުކުރިއެވެ. ހިތަށް އެރިއެވެ. އަފްލާކް އަދި ކިތަންމެ ވަރެއް ދައްކާލައިފައި އުޅުނަސް ގޭގެ ބާރު އޮންނާނީ އަޒީގެ އަތުގައެވެ. އަދި އަޒީ ރުހޭހާ ހިނދަކު އޭނާ އިންނާނީ އެގޭގައެވެ.
"ޝަޓްއަޕް!" އަފްލާކް ދަތްކުނޑި ވިކާފައި ކުރިއަށް ޖެހިލާއިރަށް ލަޔާލް ދުއްވައިގެންފިއެވެ. ލަޔާލް ނަސީބުވެސް ރަނގަޅީއެވެ. ދާދި ކައިރީގައި ހުރި ކޮޓަރިން ޔާނިޒް ނިކުގެން އަންނަން ފެށުމުން އަފްލާކް އަވަހަށް އަނެއްކޮޅަށް ދާން ހިނގައިގެންފިއެވެ. "ނިޒް ތީ މަގޭ ހީރޯ." ލަޔާލް ގޮސް ޔާނިޒްގެ ކޮނޑުގައި އެލި ގަތްވަގުތު ދެމީހުން އެކުގައި ތިރިއަށް ނުވެއްޓުނީ ކިރިޔާއެވެ. ޔާނިޒް އެއީ ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބުދޭކަށް ލަޔާލް ނޫޅުނެވެ. އެނބުރި ބަލައިލާފައި އަފްލާކް ފެންނަން ނެތުމުން ދުވެގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފި އެވެ.
ލަޔާލްގެ ލޮލަށް އެރޭ ނިދި ނައީ އަފްލާކް އާއި ދެމެދު ދެކެވުނު ވާހަކަތައް ހިތަށް އަރާވަރުންނެވެ. އޭނާ ނިދާ ހެދުން ލައިގެން އެނދުގައި ދެފަރާތަށް ފުރޮޅެން އޮވެފައި ހިތަށް އެރިއެވެ. އަފްލާކް ދޮގު ހެދީއެވެ. އަފްލާކް އޭނާ ފޮނުވާލަން އުޅެނީ ނިޒް ބުނިހެން އިންނަން ގެނަ ކުއްޖެއް ކަމަށް ހީކޮށްގެންނެވެ. ނޫންނަމަ ސަބަބެއް ނެތި ކޮން ނަފްރަތެއް ހެއްޔެވެ؟ އާއެކެވެ. އަފްލާކްއަށް އަދި ކިރިޔާ އެނގުނީއެވެ. ގޭމީހުން ވެގެން އަފްލާކް އަނދިރީގެ ތެރޭގައި ބަހައްޓައިގެން އުޅުނުކަން އޭނާގެ ފަރާތުން އެނގުމުން އޮޅުވައިލީ އެވެ.
ލަޔާލް ތެދުވެފައި ވަތްގަނޑު ތެރެއިން ނެގި ފޮޓޯ ގަނޑު ހިފައިގެން އަނެއްކާ އެނދަށް އެރިއެވެ. އަފްލާކްގެ ހިނިތުންވެފައިވާ މޫނުގައި އޭނާ އިނގިލިތައް ހިންގަމުން ހިނިތުން ވެލައިފިއެވެ. އެތައް އިރެއް ވަންދެން އެސްފިޔަ ޖަހައިލަން ނޭނގިފައި އޭނާ އޮތެވެ. ނިދި އަންނަ ގޮތް ވުމުން އޭނާ ފޮޓޯގަނޑު ކޮށްޕައިލީ ބާލީސް ދަށަށެވެ.
ނަތާ ހެނދުނު ކުލާހަށް ވަދެފައި އިނީ ފާޑަކަށް ނެގި މަޑު ވެފައެވެ. އޭނާ އިތުރަށް މާޔޫސް ވީ އިކޮނޮމިކްސް ގަޑީގައި ރާފިލް އައިސް ވަދެ ކަންތައް ކުރަން ފެށި ގޮތުންނެވެ. އޭނާ އެއީ ކުލާސް ތެރޭގައި އިން ކުއްޖަކަށްވެސް ނުވިއެވެ. ރާފިލް އުޅުނީ ދުރު ދުރުންނެވެ. އޮޅިގެންވެސް އިސް އުފުލައި އޭނާގެ މޫނަކަށް ނުބެލިއެވެ. ނަތާ އެހާ ލަދުގަނެ ދެރަވެފައި އިންދާ ރާފިލްގެ އަމަލުތައް މިހުރިގޮތުން ކަރުނަތައް ކޮންޓްރޯލެއް ނުވިއެވެ. ގަޑި ނިމުމުން ރާފިލްގެ ފަހަތުން ކަހަލަ ގޮތަކަށް ނިކުމެގެން ދުވެ ގޮސް ވަނީ ފާޚާނާއަށެވެ. ކުރެވުނު އެންމެ ކަމަކުން ހުރިހާ ކަމެއް ބަދަލުވީއެވެ. އިންޓަވަލް ވުމާއި ހަމައަށް ދުވަހުގެ ދެން އޮތް ގަޑިތައް ނަތާ ކަޑައްތު ކޮށްލީ އެތާގައި އިނދެއެވެ. އިރުކޮޅެއް ވީއިރު ރޮއި ރޮއި ދެލޯ ދުޅަވިއެވެ. އޭނާ ފާޚާނާއިން ނިކުތީވެސް އިންޓަވަލްއަށް ކުދިންތައް ގޮސް ކުލާސް ރޫމްތައް ހިމޭންވި ފަހުންނެވެ.
ކުލާހަށް ވަދެފައި ދަބަސް ކޮނޑުގައި އަޅުވާލައިގެން އައިސް ދޮރާއި ހަމަވިއިރު ރާފިލް ދަރިވަރަކާއި ވާހަކަ ދައްކަމުން ދުރުގައި ހުރި އެހެން ކުލާހަކުން ނިކުމެގެން އާދެއެވެ. ނަތާ ހުރީ އެކުއްޖާ ގޮސް ގެއްލޭން ދެނެވެ.
"ސަރ!" ނަތާ ބާރުބާރަށް ގޮވައިލި ތަނާ ރާފިލް ބަލާލައިފައި ހުއްޓިއްޖެއެވެ. "އިންޓަވަލްއަށް ނުދަނީތަ؟" ނަތާ ގޮސް ކައިރިއަށް ހުއްޓުމުން ރާފިލް މަސައްކަތް ކުރީ އެމޫނަށް ނުބަލާށެވެ. "ވީ ނީޑް ޓު ޓޯކް." ނަތާ ހިތްވަރުކޮށްލާފައި ފެށިއެވެ.